އަރަމުން ދިޔަ އިރުގެ ރަންދޯދިތައް ގަސްތަކުގެ ތެރެއިން ފުރޭނިގެން ބިންމަތީގައި ހަނާ އަޅަމުން ދިޔައިރު ޖެހެމުން ދިޔަ ނަލަ ވައިރޯޅި ތަކާއި އެއްވަރަށް ގަސްތަކުގެ ފަތްތައް ވެސް ފައި ހަމަ ކުރަމުން ދިޔައެވެ. އެ ފިނި ފިނި ވައިރޯޅިތަކުން ނިވްޔާއަށް ތާޒާ ކަން އިޙްސާސް ކުރެވުނަސް އެހިތް ވަނީ ނުތަނަވަސް ވެފައެވެ. މިއަދު ފަތިސް ނަމާދު ކޮށްގެން ޒިކުރު ތައް ކިޔަން އިންދާ ނިދި ޖެހުނު ގޮތަށް ހޭލެވުނީ ދާދި ދެންމެއަކު ކަމުން ބޮޑުބޭބެގެ އަންހެނުން ވަސީމާއްތަ ހޭލަންވާ އިރަށް ކުރަން ހުރި ކަންތައް ނުނިމިދާނެތީ ކަންބޮޑު ވަނީއެވެ. އޭރުން ތަޙަންމަލު ކުރަން ޖެހޭނެ ކަންތައްތައް ހިތަށް އަރާފައި ނިވްޔާ ހިންދިރުވާލިއެވެ. އަތުގެ ހަރަކާތްތައް އަވަސް ކޮށްލާފައި ގޯތި ތެރެ ކުނި ކަހަން ފެށިއެވެ. ފަން ދިގު އިސްތަށިގަނޑުގައި ހުޅިއެއް ޖަހާފައި އިންނަމަވެސް ބަސްނާހާ އިސްތަށިތައް އެ ދޮން ކަނދުރާގައި ބޮސް ދެމުން ދިޔައެވެ.
އުމުރުން މިހާރު ވިހި އަހަރުވެފައިވާ ނިވްޔާގެ މަންމަ ނިޔާވުމުން ނިވްޔާ ބެލުމާއި ހަވާލުވީ ބޮޑޫބޭބެއެވެ. ބަލަން ހަވާލުވި ނަމަވެސް ބޮޑުބޭބެގެ ކުރިމައްޗަށް ނިވްޔާ އަަރަން ވެސް ބޮޑުބޭބެ ނުރުހެއެވެ. ހީީީވާ ގޮތުން އެހެން ގޮތެއް ނެތިގެން މީހުން ކިޔާފާނެ އެއްޗަކަށް ލަދުން ހަވާލުވީއެވެ. މަންމަ ނިޔާވި ދުވަސް ނިވްޔާގެ ހިތުގައި ބިންވަޅު ނެގިފައިވެއެވެ. އެ ދުވަސް މަތިން ހަނދާންވާ ކޮންމެ ފަހަރަކު ނިވްޔާގެ ލޮލުން ކަރުނަ ހިލެއެވެ.
އެެއީ މީގެ ބާރަ އަހަރު ކުރިއެވެ. އޭރު ނިވްޔާގެ އުމުރުން ވާނީ އެންމެ އަށް އަހަރެވެ. ނިވްޔާއަށް ހެނދުނު ހޭލެވުނީ މަންމަ ކެއްސާ އަޑަށެވެ. މަންމަ ބަލިވެ އުޅޭތާ އޭރު އެތައް ދުވަހެއް ވެއްޖެއެވެ. އެކަނިމައި އެކަނި އުޅެމުން ދިޔަ އެ ދެމައިންނަށް ކިރިޔާވެސް އެހީއެެއް ވަނީ ޖެހިގެން ހުންނަ ގޭ ހަރީރާއެވެ.
“ފެން. ފެން ފޮދެއް.” މަންމަގެ އަޑު އިވުމާއި އެކު ނިވްޔާ އަވަސް އަވަހަށް ތެދުވިއެވެ.
ތައްޓަކަށް ފެން ފޮދެއް އެޅުމަށް ފަހު ގެނެސް މަންމައަށް ދިނެވެ. ކުޑަކޮށް ބޯ އުފުލައި ލުމަށް ފަހު މަންމަ ތަށީގައި އަނގަ ޖަހައި އެތި ފޮދެއް ބޮއިލިއެވެ. ތަށި ބެހެއްޓުމަށް ފަހު ކަންބޮޑުވެފައިވާ މޫނަކާއި އެކު ނިވްޔާ އައިސް މަންމަގެ ގާތުގައި އިށީނުމުން ތުރުތުރުލާ އަތަކުން މަންމަ ނިވްޔާގެ ބޮލުގައި ފިރުމާލިއެވެ. ހީލުމަށް މަސައްކަތއް ކުރި ނަމަވެސް ކާމިޔާބެއް ނުވިއެވެ. އެއާއި އެކު ހޯސްލާފައި މަންމަގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ.
“ދަރިފުޅާ،” މަންމަ އެއްޗެކޭ ބުނެވޭތޯ މަސައްކަތް ކުރިއެވެ.
“ދަރިފުޅާ….ބަސް….. ބަސް އަހައިގެން އުޅެއްޗޭ. މަންމަ ވަރަށް…”
ނަމަވެސް ކެއްސަން ފެށުމުން ކުރިއަށް މަންމައަކަށް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. ހަދާނެ ގޮތެއް ނޭގި އިނދެ މަންމަގެ މޭގައި ފިރުމަމުން ނިވްޔާ ދިޔައެވެ.
“ދަރިފުޅާ، ބޮޑުބެ ގެނެސްދީ.” އިރުކޮޅެއް ފަހުން ނޭވާ އުފުރި އަރަމުން ދިޔަ މަންމަ ވޭނާއެކު ބުނެލިއެވެ.
ފަޔަށް ލެވުނު ހާ ބާރެއް ލާފައި ނިވްޔާ ދުވެފައި ދިޔައެވެ. އެގެ އަށް ދުވަހަކު ނުވަތް ނަމަވެސް ނިވްޔާއަށް ބޮޑުބެ މެންގެ ގެ އެނގެއެވެ. ދުވަހަކު ވާހަކަ ނުދެއްކި ނަމަވެސް ބޮޑުބެވެސް އެނގެއެވެ. މަންމަ ކިޔައިދީފައި ވާތީއެވެ. ބޮޑުބެ ގެއަށް ދެވުނު އިރު ނިވްޔާއަށް މާނޭވާ ލެވެއެވެ. ރޮމުން އެގޭ ދޮރުގައި ތަޅަން ފެށުމުން އިރުކޮޅެއް ނުވެ ވަސީމާއްތަ ނުކުތެވެ. ބޯ ހޭވި، ހުސްފައިގައި ހުރި މަޢުސޫމް ނިވްޔާ ފެނުމުން ވަސީމާއްތައްގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ.
“ކީއްކުރަން؟” ވަސީމާއްތަ އެހިއެވެ.
“ބޮޑުބެ ހޯދަން.މަންމަ.. މަންމަ ވަރަށް ބަލި..” ނިވްޔާ ރޮމުން ބުންޏެވެ.
“ކަލޭގެ ބޮޑުބެއެއް މިގެއަކު ނުހުންނާނެ.” މިހެން ބުނުމަށް ފަހު އެއްވެސް ރަޙްމެއް ނެތި އެގޭ ދޮރު ވަސީމާއްތަ ލެއްޕިއެވެ.
ދޮރުގައި ތަޅަމުން ނިވްޔާ ރޮއި ރޮއިފައި ބޮޑުބެއަށް ގޮވިއެވެ. ހިސާބު ގަނޑު މީހުން އެއްވާން ފެށުމުން ވަސީމާއްތަ އަނެއްކާވެސް ދޮރު ހުޅުވިއެވެ. ނިވްޔާމެންގެ ގެއާއި ދިމާއަށް ހިނގައިގަތީ ކުދި ކިޔަމުންނެވެ. ނިވްޔާ ދުވެފައި ވަސީމާއްތަ އަށް ވުރެ ކުރިން ދިޔައެވެ. އޭރު ހަރީރާ ދެލޯ ފޮހެމުން އެގެެއިން ނުކުންނަނީއެވެ. ނިވްޔާ ވަންނަން އުޅެން ފެށުމުން ހަރީރާ ނިވްޔާ ހިފެހެއްޓިއެވެ.
“ނިވްޔާ، ހިނގާބަލަ ހަރީރާއްތަމެންގެ ގެއަށް. ވަސީމާއްތަ މަންމަ ބަލާނެ.” ހަރީރާއްތަގެ އަޑު ބެދިފައިވީހެން ނިވްޔާއަށް ހީވިއެވެ.
ނިވްޔާ ދާން ބޭނުން ނުވިނަމަވެސް ދެކޮޅު ހަދާކަށް ނުކެރުނެވެ. އެގެއަށް ގެންގޮސްފައި ހަރީރާއްތަ ނިިވްޔާއަށް ސައިދެވޭތޯ އުޅުނެވެ. ނަމަވެސް ނިވްޔާއަކަށް މާ ރަނގަޅަކަށް ނުކެވުނެވެ. މަންމައަށް ކައިރިއަށް ދާން ކެތްމަދުވެފައި ވިތީއެވެ.
“މަންމަ ކައިރިއަށް ދާން ބޭނުން.” ނިވްޔާ ސައިތަށި ދުރަށް ޖައްސާލަމުން ބުންޏެވެ.
އެ ތުއްތު އާދޭހުގެ އަޑު އިވުމުން ހަރީރާއްތަގެ ލޯ އަނެއްކާވެސް ކަރުނުން ފުރުނެވެ. ނަމަވެސް ހިތްވަރު ކޮށްފައި ނިވްޔާ އަށް ދޭހަވާ ގޮތަށް މަންމަ ނިޔާވި ވާހަކަ ބުންޏެވެ. ހަރީރާ ނިވްޔާމެންގެ ގެއަށް ވަނީ ނިވްޔާ ދުވެފައި ދާތަން ފެނިގެންނެވެ.
“ނޫން. މަންމަ ނުދާނެ. ނިވީ އެކަނި ކޮށްފަ މަންމައެއް ނުދާނެ” ރޮމުން ރޮމުން ނިވްޔާ ބުންޏެވެ.
ހަރީރާއްތަ މަސައްކަތުން އެތައް އިރެއްވީ ފަހުން ނިވްޔާ ހަމައަކަށް އެޅުނެވެ. ނަމަވެސް މަންމަގެ ކަށު ކަމާކެމި ނިމި މޫނު ދައްކަން ވެއްދުމާއި އެކު ނިވްޔާ އަށް އަނެއްކާވެސް ރޮވެން ފެށުނެވެ. ދެން ދުވަހަކުވެސް މަންމަ ނުފެންނާނެއޭ ހިތަށް އަރާފައި އެ ހިތް ކުދި ކުދި ވަމުން ދިޔައެވެ.
މިގޭގައި ބެހެއްޓިޔަސް އަހަރެންގެ ކުރިމައްޗަށް އަޔަ ދީގެން ނުވާނެ.” އެރޭ ހަރީރާއްތަ ނިވްޔާ ގޮވައިގެން ބޮޑުބެގެއަށް ދިޔުމުން ފަހު ބަސް އިއްވުމަށް ފަހު ބޮޑުބެ ނުކުމެގެން ދިޔައެވެ.
“އާން! އެންމެ ފަހުން އޭނާގެ ހަރާންދަރިވެސް މި ބަލަން ޖެހުނީ އަހަންނަކަށް ނުން.” ވަސީމާއްތަ ނުރުހިފައި ބުންުޏެވެ.
އެއީ އެންމެ ފުރަތަމަ އެ ލަފްޒް ނިވްޔާ އަޑު އެހި ފަހަރެވެ. ރޮއި ރޮއި ގިސްލެވެމުން ދިޔަ ނިވްޔާ އޭރު ހުރީ ހަރީރާގެ ފުރަގަހަށް ވަދެ އޭނާގެ ލިބާހުގައި އެއްއަތުން ހިފަހައްޓައިގެންނެވެ.
ބޮޑުބެއަކީ ރަށުގެ އެންމެ މުއްސަނދި އެކަކެވެ. އެ ބޮޑުގެ ޒަމާނީ ފެންވަރަކަށް ހަދާފައި ހުރި ނަމަވެސް ނިވްޔާ އުޅެން ދިނީ ބަދިގެ ފަރާތުގައި ހަދާފައި ހުރި ކުޑަ ވަރެއްގެ ކޮޓަރިއެކެވެ. އެނދަކާއި އަލަމާރިއެއްގެ އިތުރުން މޭޒެއް ބަހައްޓާފައި ނަމާދު ކޮށްލާނެ ވަރުގެ ހުސް ޖާގަ ކޮޅެއް ވެއެވެ. ކުޑައިރު އެކަނި އޮވެގެން ނިދަން ޖެހުމުން ނިވްޔާ ކިތަންމެ ބިރުގަނެ ހިތްދަތިވިޔަސް ކުރެވޭނެ އެހެން ކަމެއް ނެތެވެ. ފުރަތަމަކޮޅު ނިދެނީވެސް ރޮއި ރޮއި ވަރުބަލިވެ ގިސްލެވިގެންނެވެ. ނަމަވެސް މަޑު މަޑުން އެކަނި ނިދަން ނިވްޔާއަށް އާދަވިއެވެ. ގޭގެ ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރަންވެސް ހޭނުނެވެ. އާދަ ނުވިކަމަކީ ވަސީމާއްތަގެ އަޑުލުމާއި އަނިޔާތަކެވެ. ވަސީމާއްތަގެ ވިހަ ގަދަ ބަސްތަކުންނާއި ކުރާ އަނިޔާތަކުން އެހިތުގައި އެޅިފައި ހުރި ކޫރުންތައް ގުނާ ޢަދަދު ނުކުރެވޭނެއެވެ.
ބޮޑުބެގެ ތިބެނީ ތިން ކުދިންނެވެ. ނިވްޔާ އާއި ދާދި އެއް އުމުރެއްގެ އީފާއާއި ދޮއްޓަށް ތިބޭ ދެ ފިރިހެން ކުދިންނެވެ. އިމާޒް އީފާއަށް ވުރެ ދެ އަހަރު ބޮޑު އިރު އިޔާދް ހަތަރު އަހަރު ދޮއްޓެވެ. އިިިޔާދް ގައިގައި މަޑުމައިތިރި ސީރިއަސް ގޮތްގަޑެއް ހުންނައިރު އިމާޒް އެއާއި މުޅިން އިދިކޮޅެވެ. އަބަދުވެސް ގްރޫޕްހަދާފައި ކޮންމެވެސް ސަކަރާތެއް ޖެހުމުގައި އުޅޭއިރު ދޭތެރެއަކުން އައިސް ނިވްޔާއަށް ވެސް ޖެއްސުން ކުރެއެވެ. އީފާ އަކީ ހިތްހެޔޮ މަޖާ މިޒާޖެއްގެ ކުއްޖެކެވެ. އެގެއިން ކިރިޔާވެސް ހިތްހަމަ ޖެހުމެއް ނިވްޔާއަށް ލިބެނީ އީފާގެ ފަރާތުންނެވެ. ވަސީމާއްތަ ކިތަންމެ ރުޅި އައި ނަމަވެސް އެންމެ ކުޑައިރުއްސުރެވެސް ދަނޑިވަޅު ބަލާފައި ނިވްޔާ ގާތަށް އީފާ އަންނާނެއެވެ. ދެކުދިން އެއްކޮަށް ކުޅެ ސަކަރާތް ޖަހަން ތިއްބާ ވަސީމއްތަ އަށް ފެނިއްޖެ ނަމަ އީފާ ދަމާފައި ގެންދާނެއެވެ. ނަމަވެސް އަނެއްކާވެސް އަނެއް ދުވަހު އީފާ އަންނާނެއެވެ. ބޮޑު ވި ވަރަކަށް އެދެކުދިންގެ ގުޅުންވެސް ދިޔައީ ވަރުގަދަ ވަމުންނެވެ. ނިވްޔާ އާއި ދޭތެރޭ ކަންތައް ކުރާ ގޮތުން ކިތަންމެ ދެރަވިޔަސް އީފާއަކަށް ކޮށް ދެވޭ މާ ބޮޑު ކަމެއް ނޯވެއެވެ. ނިވްޔާގެ ދިފާޢުގައި އެއްޗެއް ބުނި ނަމަވެސް ވަސީމާއްތަ އީފާއާއި ދިމާއަށް ވެސް ހަޅޭއްލަވައެވެ.
ޚިޔާލުތަކުން ދުރަށް ޖެހިލުމަށް ފަހު ނިވްޔާ ކަރުނައިން ފުސްވެފައިވާ ދެލޯ ފޮހެލިއެވެ. އަދި އަވަސް އަވަހަށް އެއް ކުރި ކުނި ކޮޅު ނަގާފައި ކުނިވަށިގަނޑަށް އަޅާލިއެވެ. އަދި އެއާއި އެކު ހިންދެމިލުމަށް ފަހު ނިތްކުރިމަތީގައި ހުރި ދާތިކި ތައް ފޮހެލިއެވެ. އެވަގުތު ކުރިމަތިން ފެނުނު މަންޒަރަކުން ނިވްޔާގެ ދެލޯ ބޮޑުވިއެވެ. ބޭއިޚްތިޔާރުގައި މޫނުމައްޗަށް އަތް ހުރަސް ކޮށްލެވުނީ ލިބިދާނެ ހަމަލާއަކުން ރެކެން ވެގެންނެވެ.
3 Comments!
Comments are closed.

Varah reethi waiting when next part?
Keep it up
Thanks Sana.
Inshaallah next part on tuesday
Eyna thee girl eh tha noony boy ehtha