އެކުގައިވާން އެދެމޭ… 18
ޑޮކްޓަރުގެ އެޖުމްލައަށް އާލިކްގެ އަތްތިލަ ލައްޕާލަމުން އޭނާގެ ބައްޕައާއި ދިމާއަށް ބަލާލިއިރު ޝާހީންގެ އަލި މޫނުވެސް ހުރީ ރަތްކުލަ އަރާލާފައެވެ. އޭނާ ދަތްކުނޑި ވިކާލަމުން ފަޔާޒްއާއި ދިމާއަށް އެނބުރުނުއިރު ފަޔާޒް ޝާޔަންގެ ކޮނޑުގައި ހިފަހައްޓާލައިގެން އެނދުކައިރީގައި ކަންތައްބޮޑުވެފައި ހުއްޓެވެ. މާހައުލުގައި ނުތަނަވަސްކަމެއް އުފެދިއްޖެހެން ހީވުމުން ޑރ.ނިޔާފް އެތަނުގެ ތެރެއިން ނުކުމެގެން ދިޔައީ “އެކްސްކިއުޒް” އޭ ބުނެލާފައެވެ. އޭނާ ނުކުތުމާއިއެކު ޝާހީން ފަޔާޒްއާއި ކުރިމަތިލީ ރުޅި އައިސްގެން ތުރުތުރުލާ ހާލުގައެވެ. “ފަޔާޒް.. މީ ކޮންފަދަ ކަމެއް؟..” ޝާހީންގެ އަޑު ކިތަންމެ މަޑު ނަމަވެސް އެއަޑުގައިވާ ރުޅިވެރިކަން ވަރަށް ސާފުކޮށް ދޭހަވެއެވެ. އޭނާގެ އެއަޑަށް ފަޔާޒްއަށާއި ޝާޔަންއަށް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނު އިރު ތިބީ ހާސްވެގެން މޫނުމަތިން ދާހިއްލަން ފަށާފައެވެ. ބުނާނެ އެއްޗެއް، ދައްކާނެ ވާހަކައެއްވެސް ނޭނގުނީ ކަންނޭނގެއެވެ. އޭރު ރުޅި އައިސް ރަތްވެފައިވާ ހުރި އާލިކްވެސް ދެދަތްޕިލަ ޖައްސާލައިގެން ޝާޔަންގެ މޫނަށް ބަލަހައްޓައިގެން ހުރިއިރު އިހުސާނާވެސް ނުތަނަވަސްވެފައި ހުއްޓެވެ. “ޝާޔަން.. އެޓްލީސްޓް.. ވިލް ޔޫ އެކްސްޕްލެއިން ދިސް..” ޝާހީންގެ ސުވާލަށް ފަޔާޒްގެ ޖަވާބެއް ނުލިބުމުން މިފަހަރު ވާހަކަދެއްކީ އާލިކްއެވެ. އެދެލޮލުގައި ހުރި ރުޅިވެރިކަން ފެނި ޝާޔަންގެ މޫނުމަތީގެ ހާސްކަން ހީވީ ދެގުނައަށް އިތުރު ވީހެންނެވެ. “ފަޔާޒް.. ބަލަ ކީއްވެހޭ މަށަށް ދޮގުތަކެއް ހެދީ.. ގޮތްކުޑަކަން..” ފަޔާޒްއާއި ޝާޔަންއާއި ދެބަފައިންގެ ހަމަހިމޭންކަން ފެނުމުން ޝާހީންގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓި ކުއްލިއަކަަށް ފަޔާޒްގެ ގަމީހު ގިރުވާނުގައި ހިފަހައްޓާލިއެވެ. އެވަގުތު ސިހިފައި ޝާހީންގެ ރުޅިވެރި މޫނަށް ބަލާޅި ފަޔާޒްގެ މޫނުމަތިން ފެނުނީ ނުތަނަވަސްކަމާއި ބިރުވެރިކަމެވެ. “އާލް ބައްޕާ.. މިކަމުގައި ބައްޕައަށް ބްލޭމް ނުކުރޭ.. ބައްޕަ އެ ހުރިހާ ކަމެއް ކުރީ އަހަރެން ބޭނުންވެގެން..” ޝާހީންގެ ރުޅި އިންތިހާއަށް ގަދަވާން ފެށުމުން ނުތަނަވަސްވެފައިވާ ޝާޔަން ތުރުތުރު އަޅާ އަޑަކުން ވާހަކަ ދެއްކީ އޭނާގެ ބައްޕަގެ ދިފާއުގައެވެ. އޭރު ހާސްވެފައިވާވަރުން އޭނާގެ ބޮޑު ދެލޮލުން ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. “ލަދެއް ނުގަތެއްނު.. ބަލަ އަހަރެން ކިހާ ރަނގަޅަށް ކަަލޭމެންނާ މެދުކަންތައް ކުރީ.. ހަނަދާން ވޭތަ.. އެނގޭތަ އަދިވެސް އުޅެމުން ތިދަނީ މި ޝާހީންގެ ތައްޕާހުގައިކަން.. ޝޭމް އޮން ޔޫ ފަޔާޒް.. އެކަހަލަ ދޮގުތަކެއް ދަރިފުޅާމެދު ހަދަން ކެރުންކަންވެސް.. އަހަރެން ހަމަ ހައިރާންވެއްޖެ..” ފަޔާޒްގެ ގަމީހުން ދޫކޮށްލުމަށްފަހު ޝާހީން ރުޅިވެރިކަމާއިއެކު ބުނެލިއެވެ. އޭނާ ރުޅި ގަދަވެފައިވާވަރުން ދެކޮޅަށް ހިނގާލަ ހިނގާލާ ހުރިއިރު އިހުސާނާ އޭނާ މައިތިރިކުރެވޭތޯވެސް އުޅުނެވެ. “ނޫން ޝާހީން.. މަށަށް އެނގޭ ޝާހީން ކޮށްދިން ކަންތައްތައް.. ދުވަހަކު ހަނދާނެއް ނުނެތޭނެ.. ޝާހީން މަ އެދޮގު ހެދީ އާލިކް ޝާޔާއާ ނުގުޅޭނެ ކަމުގެ ބިރު ހީވުމުން.. ހަމައެކަނި ދަރިފުޅަށްޓަކައި..” ކުއްލިއަކަށް ހާސްވެފައި ހުރި ފަޔާޒް ޝާހީންގެ ކުރިމައްޗަށް އަރާ ބުނެލިއެވެ. އޭރު އެމޫނުމަީގައިވަނީ ކަންބޮޑުވުމާއި ހާސްކަމެވެ. ބައްޕަގެ އެޖުމްލަ އަޑު އިވުމުން ޝާޔަން އިސްޖަހާލީ ލޮލުން ވެއްޓުނު ކަރުނަތިކި ފޮރުވުގެ ގޮތުންނެވެ. ހަގީގަތުގައި ދެން އޭނާ ބޭނުންވި އެއްވެސް ކަމެއް ނުވާނޭކަން އެނގުމުން ހިތްދަތިވެ ލަދުގަތީއެވެ. “ދަރިފުޅަށްޓަކައޭ.؟ ކަލޭ ދެން ހަނދާން ބަހައްޓާތި.. މިއަދަށްފަހު ތި ފަޔާޒަކީ އަހަރެން ދަންނަ މީހެއް ނޫން.. މަގޭ ދަރިފުޅު ކަލޭގެ ދަރިއަކާއި ކައިވެނި ކުރުމަކީ މި ޝާހީން ދުނިޔޭގައި ހުއްޓާ ވާނެ ކަމެއް ނޫން..” ޝާހީން ނަފްރަތުގެ ލޮލަކުން ފަޔާޒްގެ މޫނަށް ބަލާލުމަށްފަހު ބުނެލި ޖުމްލައިން ފަޔާޒްއާއި ޝާޔަންގެ މޫނުވެސް އޮއްސިގެން ދިޔައީ ނާއުއްމީދާއިއެކުގައެވެ. އެހެންނަަމަވެސް ޝާހީންގެ އެބަސްކޮޅު އަޑު އިވުމުން ރުޅިގަދަވެފައި ހުރި އާލިކްގެ ހިތުގައި އުފާވެރި ރާގެއް ޖަހާލި ފަދައެވެ. “ޝާހީން..” ޝާހީން ބާރު ބާރަށް އެތަނުން ނުކުމެގެން ދާންފެށުމުން ފަޔާޒް ގޮވާލިއެވެ. އެހެންނަމަވެސް އޭނާގެ ޖަވާބެއް ނުލިބުމުން ފަޔާޒްއަށް އެތާ ހުރި ގޮނޑީގައި އިށީނދެވި މޫނުގައި އަތްއެޅުނީ ގޮތްހުސްވެފައިވާ މީހަކު ފަދައިންނެވެ. އެމަންޒަރު ބަލަން ހުރި އާލިކްވެސް ޝާޔަންއަށް ނަފްރަތުގެ ލޮލަކުން ބަލާލުމަށްފަހު އެތަނުން ނުކުންނަން ހިނގައިގަތް ވަގުތު ހުއްޓިލަން ޖެހުނީ ޝާޔަންގެ އަޑަށެވެ. ” އާލް އޭމް ސޮރީ.. ޕްލީޒް ޑޯންޓް ގޯ..” ޝާޔަން ކަރުނުން ފުރިފައިވާ ދެލޮލާއިއެކު ތުރު ތުރު އަޅާ އަޑަކުން ބުނެލިއެވެ. އެހުރިހާ ދުވަހުގެ މަސައްކަތް ނާކާ،ިޔާބު ވާތަން ފެނުމުން ޝާޔަން އިނީ ހަގީގަތުގައިވެސް ދެރަވެފައެވެ. އެހެންނަމަވެސް އެވަގުތު އޭނާއާއި ދިމާއަށް އެނބުރު އާލިކްގެ ތުންފަތްމަތީގައިވަނީ މަލާމާތުގެ ހިނިތުންވުމެކެވެ. “މިއޮއް ހުރިހާ ދުވަހުވެސް ކެތްކުރީ ބައްޕަ ބުނެގެނެް.. އެންޑް ނައު އިޓްސް އޮފިޝިއަލީ އޯވަރ.. ގުޑްބައި ޝާޔަން..” އާލިކް ހަރުކަށި ގޮތަކަށް އެހެން ބުނެލާފައި ކުރިއަށް ހިނގައިގަތީ އޭނާގެ މަންމަވެސް ގޮވައިގެންނެވެ. ” އާލް.. އެގޮތަށް ކަންތައް ކުރެވުނީ ލޯބިވާތީއޭ.. ޕްލީޒް އާލް..” ޝާޔަން ރޮވިފައި ވާހަކަ ދެއްކުމުންވެސް އާލިކް އެއަޑަށް އެއްވެސް ސަމާލުކަމެއް ނުދީ އެތަނުން ނުކުތީއެވެ. ފަތިސް ނަމާދުކޮށްލައިގެން މިސްކިތުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ވިކާޝް ހޮސްޕިޓަލާއި ދިމާއަށް މިސްރާބުޖެހީ އާލިކްގެ ފަރާތުން ޝާޔަން އެޑްމިޓްކުރި ޚަބަރުލިބިފައިވުމުންނެވެ. ޝާޔަން ދެކެ ކިތަންމެ ފޫއްސެއް ވީކަމުގައިވިޔަސް އޭނާ ބޭނުންވީ ކުޑަވަގުތުކޮޅަކު އާލިކް ގާތުގައި ހޭދަކޮށްލުމަށެވެ. ވިކާޝް ސައިކަލު ޕާކުކޮށްލުމަށްފަހު ހޮސްޕިޓަލަށް ވަންނަން ހިނގައިގަތް ވަގުތު ސިއްސައިގެން ގޮސްފައި ފަހަތަށް ޖެހިލީ އޭނާގެ ކުރިމަތިން ބާރު ސްޕީޑުގައި ސައިކަލެއް އައުމުންނެވެ. އެސްފިޔަ ޖަހާލާހާ ކުޑަ ސުކުންތުކޮޅެއްގެ ތެރޭގައި ދެން އޭނާއަށް ފެނުނީ ކޮންޓްރޯލުން ނެއްޓިފައިވާ ސައިކަލު ހޮސްޕިޓަލުން ދެކޮޅު ނުބަލާ ނުކުތް މެދުއުމުރުގެ ފިރިހެނެއްގެ ގައިގައި ޖެހުނު މަންޒަރެެވެ. އެކްސިޑެންޓް ވީ މަންޒަރު ފެނުމާއިއެކު ބޭއިޚްތިޔާރުގައި ވިކާޝްއަށް މަރާލެވުނު ދެލޯ ދެން ހުޅުވާލިއިރު ފެނުނީ ސައިކަލު ވެއްޓިފައި، ސައިކަލުގައި އިން ޒުވާނާ އޭގެ ކައިރީގައި ނުތެދުވެވިފައި އަދި ސައިކަލުން ޖެހުނު މީހާ އެއަށްވުރެ ތަންކޮޅެއް ދުރުގައި ވެއްޓިފައި އޮއްވައެވެ. ދެލޯ ބޮޑުކޮށްލަމުން ވިކާޝް އެދިމާއަށް ދުއްވައިގަތް އިރު ހޮސްޕިޓަލުން އެމަންޒަރު ފެނުނު ބައެއް މީހުންވެސް އެތަނަށް ނުކުމެއްޖެއެވެ. އާލިކް ބާރު ހިނގުމުގައި ހޮސްޕިޓަލުގެ ތެރެއިން ނުކުތްއިރު ފެނުނީ އޭނާ އުންމީދުކޮގެން ހުރިފަދަ މަންޒަރެއް ނޫނެވެ. އެތާނގައި އެކްސިޑެންޓެއް ވެގެން އުޅޭކަން އެނގުމުން ނުބައި ގޮތަކަށް ހިތް ތެޅިގަތް ނަމަވެސް އޭނާ އެދިމާއަށް ހިނގައިގަތީ ހިތްވަރުކޮށްފައެވެ. އޭރު އޭނާގެ އެއްފަރާތުން ހިނގަމުން ދިޔަ އިހުސާނާވެސް މޭގައި އަތް އަޅާލައިގެން ހުރީ އެހިސާބުން ޝާހީން ފެންނަން ނެތުމުން ކަންބޮޑުވެގެންނެވެ. އެއްވެފައި އޮތް މަދު މީހުންކޮޅުގެ ތެރެއިން ވެއްޓިފައި އޮތް ސައިކަލާއި އަރާ ހަމަވުމަށްފަހު އާލިކްގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ތަންކޮޅެއް ދުރުގައި ދެތިން މީހަކު ވެގެން ވެއްޓިފައި އޮތް ފިރިހެންމީހާ ނެގިތަން ފެނުމުންނެވެ. މޫނު ރަނގަޅަށް ނުފެނުނު ކަމުގައިވިޔަސް ލައިގެން ހުރި އެއްޗެހި ފެނުމުން އެއީ އޭނާގެ ބައްޕަކަން އާލިކްއަށް ރަނގަޅަށް އެނގުނެވެ. ބާރަށް ތެޅިގަތް ހިތާއިއެކު އާލިކްއަށް ދެން ބަލާލެވުނީ އެދިމާ ބިންމައްޗަށެވެ. އެތަނުގައި ކޮންމެވެސް ވަރަކަށް ލޭގެ އަސަރު ހުރިއިރު އެމަގުގެ ކޮޅުން ފުލުހުންގެ ވެހިކަލް އަންނަތަންވެސް ފެނެއެވެ. “ބައްޕާ.. ” އާލިކް ބާރުބާރަށް ހަޅޭއްލަވައިގަންނަމުން އެދިމާއަށް ދުއްވައިގަތް އިރު އޭނާގެ ލޮލުގައި ކަރުނަތައް ގިނަވެއްޖެއެވެ. އެވަގުތު ކައިރީގައި ހުރި އިހުސާނާއަށް އަނގަމަތީގައި އަތްއަޅާލެވުނީ ގަބޫލުކުރަން ދަތިވެފައި ހުުރެއެވެ. “އާލް..” ދެތިން މީހަކާއިއެކު ޝާހީން އުފުލާލައިގެން ހޮސްޕިޓަލަށް ވަންނަން ދިޔަ ވިކާޝް ސިހިފައި އާލިކްގެ މޫނަށް ބަލާލީ އޭނާ އައިސް ޝާހީންގެ އެއްފަރާތަށް ހުއްޓުމުންނެވެ. ޝާހީންގެ މޫނު ފެނުމުން ވިކާޝްއަށް އެއީ އާލިކްގެ ބައްޕަކަން އެނގުނު ނަމަވެސް އެތަނުގައި އާލިކް ހުރެދާނެ ކަމަށް އޭނާ އުންމީދުކޮށްފައި ނުވުމުން ކުޑަކޮށް ހައިރާންވީއެވެ.އޭރު އާލިކް ހުރީ ޚަބަރު ހުސްވެފައިވާ އޭނާގެ ބައްޕަގެ ނޭފަތުން އައިސްފައިވާ ލެޔާއިއެކު ކަންފަތާއި ދިމާލުން ބޮލުގައި ފަޅައިގެން ގޮސްފައިވާތަން ފެނި ހާސްވެގެން ނޭވާ އަވަސްވެފައެވެ. ވިކާޝްގެ އަޑަށް ފެންކަޅިވެފައި ހުރި އާލިކްވެސް ކުއްލިއަކަށް ވިކާޝްއަށް ބަލާލީ ސުވާލުން ފުރިފައިވާ މޫނަކާއިއެކުއެވެ. އޭނާ ހާސްވެފައި ހުރިވަރުން ކުރިން ވިކާޝްވެސް ނުފެނުނީ ކަންނޭނގެއެވެ. “ވިކީ؟.. މިތާ؟.. ކިހިނެތް؟..” އާލިކް ހައިރާންވީ ވަރުން އެވަގުތުވެސް ސުވާލު ނުކޮށެއް ނުހުރެވުުނެވެ. އޭރު އޭނާގެ މޫނުމަތީގައިވާ ހާސްކަމާއި ބިރުވެރިކަމާއިއެކު ލޮލުގައި ގިނވެފައިވާ ކަރުނަތައް ވިކާޝްއަށް ރަނގަޅަށް ފެނުނެވެ. “އާލް.. ދެން ފަހުން.. އާލްގެ ބައްޕަ މިއޮތީ ހޭނެތިފަ..ހެލްޕް…..” ވިކާޝް ހޮސްޕިޓަލަށް ވަން ގޮތަށް އަވަސް އަރުވާލާފައި ކައުންޓަރުގައި ތިބި ކުދިންކޮޅުގެެ ސަމާލުކަން ހޯދިއެވެ. ޝާހީންއަށް ހޮސްޕިޓަލުން އެންމެ އަވަސް ފަރުވާ ފޯރުކޮށްދިނެވެ. ޑޮކްޓަރުން ރަނގަޅަށް ބެއްލެވުމަށްފަހު ބުނިގޮތުން ޝާހީންގެ ބޯފެޅި، އެވަގުތު ޚަބަރު ހުސްވެފައި އޮތް ނަމަވެސް އެތެރެއިން އެއްވެސް ގެއްލުމެއް ބޮލަށް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް ބޯ ފަޅައިގެން ދިއުމުން ވަރަށް ގަދަޔަށް ބޮލުގައި ރިއްސާނެ ކަމާއި ގިނަވަގުތު އަރާމުކުރުން ބޭނުންވާނެ ކަމުގައި ޑޮކްޓަރުން ލަފާދެއްވިއެވެ. ބޮލަށް މާ ބޮޑު ގެއްލުމެއް ލިބިފައި ނުވި ކަމުގައިވިޔަަސް ޝާހީންގެ ކަނާތު ފައިގެ ކަށީގަނޑުގެ ދެތަނަކުން ވަނީ ބިންދައިގެން ގޮސްފައެވެ. އޭގެ އިތުރުން އަތުގެ ކުޑަ ހުޅުވެސް ގުޑާފައިވާ ކަމުގައި ޑޮކްޓަރު ސާފުކޮށްދިނެވެ. ފުރާނައަށް ގެއްލުންވާ ޒާތުގެ ޒަޚަމެއް ނުލިބުނު ކަމުގައިވިޔަސް ބައްޕައަށް ލިބުނު ބޮޑެތި އަނިޔާތަށް އެނގުމުން އާލިކްއާއި އިހުސާނާވެސް ތިބީ ނުހަނު ދެރަވެ ކަންބޮޑުވެފައެވެ. ޑޮކްޓަރު ވާޙަކަތައް ދެއްކެވުމަށްފަހު ދިޔައިރު އާލިކްއަށް ކިރިޔާ ނުރޮވި ހުރިކަމެވެ. އޭނާއަށް ހިތްވަރުކޮށްލައިގެން ހުރެވުނީ ވިކާޝްގެ ސަބަބުންނެވެ. ވިކާޝް އޭނާއަށް ނުހަނު ހިތްވަރުދީ ކެތްތެރިވުމަށް ނަސޭހަތް ދިންއިރު އަޑުގައި ހުރި ގާތްކަމާއި ހިތްހެޔޮކަމުން ގާތުގައި ހުރި އިހުސާނާވެސް ހުރީ ހައިރާންވެފައެވެ. މަންމަގެ އެ ހައިރާންކަން ފިލުވާދިނުމުގެ ގޮތުން އާލިކް އޭނާގެ މަންމައަށް ވިކާޝް ތައާރަފް ކޮށްދިނުމުން އިހުސާނާވެސް ލޯތްބާއިއެކު ޝުކުރުވެރިވީ އެމީހުންނަށް ވިކާޝް ވެދިން އެހީތެރިކަން ރަނގަޅަށް ފެނިފައިވުމުންެނެވެ. ޝާހީން އެޑްމިޓްކޮށް ކަންތައްތައް ހަމައަކަށް އެޅުނުއިރު ފުލުހުންވެސް އެމީހުންގެ ތަހުގީގުތައް ފަށައިފިއެވެ. ސައިކަލުގައި އިން ޒުވާނާވެސް ދެރަވެ ލަދުގަނެފައި ހުރެގެން ނަމަވެސް އޭނާގެ ކުށަށް އިޢުތިރާފްވެ އެކަމަށް މަޢާފަށްވެސް އެދުނެވެ. މަންޒަރު ފެނުނު މީހެއްގެ ހައިސިއްޔަތުން ވިކާޝް ދިން ބަޔާނުގައި ދެފަރާތުގެ ކުށްވެސް އެކްސިޑެންޓް ހިނގުމުގެ ސަބަބެއްކަމުގައި ބުނެވުނެވެ. ފުލުހުން އެމީހުންގެ މަސައްކަތައިގެން ކުރިއަށް ދިއުމަށް ވަގުތު ދިނުމަށްފަހު ވިކާޝް އޭނާގެ ހުރިހާ ސަމާލުކަމެއް ދިނީ އެންމެ ލޯބިވާ ގާތް ރަހްމަތްތެރިޔާއަށެވެ. ޝާހީން އެޑްމިޓް ކުރެވުނިއްސުރެ ގަޑިން ހެނދުނު 9 ޖެހިއިރުވެސް އޭނާ ޝާހީންގެ އަތުގައި ހިފަހައްޓާލައިގެން ގުޑާވެސް ނުލާ އިނެވެ. މައިންބަފައިންގެ ގާތްކަން އެހާބޮޑަށް ލިބިފައި ނުވާއިރުވެސް އާލިކް އޭނާގެ ބައްޕައަށް ބަހައްޓާ އޯގާތެރިކަމާއި ވާލޯބި ފެނުމުން ވިކާޝްއަށްވެސް ހުރެވުނީ ހައިރާންވެފައެވެ. ކޮންމެއަކަސް އާލިކް މާގިނައިރު އެހެން އިންނަން ފެށުމުން އެންމެފަހުން ވިކާޝް ނިންމީ އިހުސާނާ ބޭންދުމަށްފަހު އާލިކް ގޮވައިގެން އެއްޗެއް ކާލަން ބޭރަށް ނުކުތުމަށެވެ. “ދެން ހިނގާ އެއްޗެއް ކާން.. ތިހާ ބޮޑަށް ސްޓްރެސް ނުވެބަލަ އާލް.. ބައްޕަ ދެން އޯކޭ ވެދާނެއޭ..” ވިކާޝް ލޯތްބާއިއެކު ވާހަކަ ދައްކަމުން އާލިކްގެ ކޮނޑަށް އަތްލައިގެން ހުރެ ދޮރު ހުޅުވި ވަގުތު ދެމީހުންގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ އެތަނުގެ ތެރެއަށް ވަންނަން އައި ދެމީހުން ފެނުމުންނެވެ. އެއާއިއެކު އާލިކްގެ ދެއަތްތިލަ މުއްކެވި ދެދަތްޕިަލ ޖައްސާ ބާރުކޮށްލީ އައި ގަދަ ރުޅީގެ ސަބަބަުންނެވެ. އޭނާގެ ސިކުނޑި ބުނާގޮތުން ބައްޕަގެ އެކްސިޑެންޓުގެ ޒިންމާ ނަގަން ޖެހޭނީ މިހާރު ކުރިމަތީގައި އެތިބަ ދެމީހުންނެވެ. ބައްޕަ އެހާ ރުޅި ގަދަވެފައި ނުކުތީ އެދެމީހުންގެ ސަބަބުން ވިއްޔާއެވެ. “ޚަބަރުދާރު.. އަހަރެންގެ ބައްޕަގެ ވަސްޖެހޭ ހިސާބަށް އަޔަސް ނިމުނީ.. އަދި ގޮތެއް ނެތިގެން މިތަނަށް އައިސްފިއޭ..” އާލިކް ރުޅި އައިސް ރަތްވެފައި ފަޔާޒްގެ ގާތަށް ޖެހިލުމުން ހައިރާންވެފައި ހުރި ވިކާޝް އޭނާ ހުއްޓުވީ ގަދަކަމުންނެވެ. އޭރު ފުރޮޅުލީ ގޮނޑިއަކަށް ޝާޔަން ލައިގެން ހުރި ފަޔާޒް އާލިކްގެ ރުޅިވެރިކަން ފެނި ޖެހިލުންވެފައި ހުއްޓެވެ. “އާލް ޕްލީޒް.. އާލްގެ ބައްޕަގެ އެކްސިޑެންޓް ޚަބަރު ލިބިގެން…،،،،،،” “އިނަފްފް.. މަ މިބުނީނުން މަގޭ ބައްޕައާއި ހިސާބަށްވެސް ނުދައްޗޭ.. ބީރުތަ؟..” ޝާޔަން އާދޭޙާއިއެކު ބުނެ ބުނެ އިން ޖުމްލަ އަޑުއެހުމެއްނެތި އާލިކް އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތީ ތަނެއް ދޮރެއް ނުބަލައެވެ. އޭނާގެ އެ ރުޅިވެރި ހަޅޭކުގެ އަޑަށް އެތަނުގައި ތިބި އެންމެން އެދިމާއަށް ބަލަން ފެށުުމުންވެސް އާލިކްގެ ރުޅި ކުޑަކޮށްވެސް މައިތިރި ނުވިއެވެ. އޭނާ ހަޅޭއްލަވައިގަތުމުން ޝާޔަން އަނގަމަތީގައި އަތްއަޅާލީ އޭނާގެ ލޮލުން ކަރުނަ އަންނަން ފެށުމުންނެވެ. ހަމަ އެވަގުތު އެހެން މީހުންގެ ލޯތަކުން ސަލާމަތްވުމުގެ ގޮތުން އެދެމީހުން ބާރުބާރަށް އެތަން ދޫކޮށް ހިނގައްޖެއެވެ. “އާލް.. ވަޓް ވޯޒް ދެޓް.. ރުޅި މަޑުކޮށްބަލަ.. މުޅި މީހާ ތުރުތުރު އަޅަނީނުން..” ޝާޔަންމެން ދިއުމާއިއެކު ވިކާޝް އާލިކް ގޮވައިގެން ހިނގައިގަންނަމުން ވާހަކަދެއްކިއެވެ. އޭރުވެސް އާލިކްގެ ރުޅިގަނޑު ފިނިވާގޮތެއް ނުވެއެވެ. “ވިކީއަކަށް ނޭނގޭނެ އެއީ ކިހާވަރެއްގެ ދެމީހުން ކަމެއް..” އާލިކް ދަތްކުނޑި ވިކާލަމުން އެހެން ބުނެލިއިރުވެސް ރުޅިއައިސްގެން މީހާ ތުރުތުރު އަޅައެވެ. އޭރު ވިކާޝް ހުރީ އާލިކް ދައްކަމުން ދިޔައީ ކޮންވާހަކައެއް ކަމެއް ނޭނގިފައެވެ. “ބަޓް.. އާލްގެ ވާން އުޅޭ ވައިފް އެއްނު….” “އިޓްސް އޯވަރ ވިކީ.. އެންޑް އޮފް ޝާޔަން ޗެޕްޓަރ..” ހޮސްޕިޓަލުގެ ކެންޓީނަށް ވަންނަމުން އާލިކް ވިކާޝް ވާހަކަ ދައްކާ ދައްކާ ހުއްޓާ ބުނެލިއެވެ. އެވަގުތު ވިކާޝްގެ ހިތައް ވެރިވީ އިތުރު ސުވާލުތަކަކާއި ހައިރާންކަމެކެވެ. “އާލް.. ތިކިޔަނީ ކީކޭތަ؟..” ގޮނޑިއެއްގައި އިށީންނަމުން ވިކާޝް ސުވާލުކޮށްލީ ޝައުގުން ފުރިފައިވާ ގޮތަކަށެވެ. އެވަގުތު އާލިކް މޫނުގައި އަތް ހާކާލުމަށްފަހު ފުންނޭވާއެއް ބޭރުކޮށްލިއެވެ. ކޮންމެވެސް ވަރަކަށް ރުޅިގަނޑު ފިނިވީ ކަންނޭނގެއެވެ. “ވިކީ ޝީ އިޒް އަ… ނޭނގެ ބުނާނެ އެއްޗެއްވެސް…” އާލިކް ކާ އެއްޗެއްސަށް އޯޑަރުކޮށްލުމަށްފަހު މިއަދު ހެނދުނު ހެނދުނާ ކަންތައްތައް ވެގެން ދިޔަގޮތް ވިކާޝްއަށް ކިޔައިދިނެވެ. ޝާޔަންއާއި އޭނާގެ ބައްޕަގެ މޮޅު ރޭވުމާއި އެމީހުން ހެދި ދޮގު ފަޅާއެރުމުން އޭނާގެ ބައްޕަ ރުޅި އައިސް ހިތުގައި ޖެހުނު މިންވަރު ކިޔައިދިނެވެ. އޭރު ޝާޔަންމެންގެ ކުޅަދާނަކަމާއި ވިޔާނުދާކަން އެނގުމުން ވިކާޝް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ބޭނުންވާ ކަމެއް ޙާސިލްކުރުމަށް އެފަދަ މީހުން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. “ނަސީބެއްނު ހަގީގަތް އެނގުނުކަން.. ކީކޭ ދެން ބުނާނީ.. ދެން އާލްވެސް ލޯބިވެގެން ނޫންވިއްޔަ މެރީ ކުރަން އުޅުނީ.. ސޯ.. އެވްރީތިން ހެޕެންސް ފޯރ ގުޑް ދޯ..” ވިކާޝް ހިނިތުންވެލަމުން ވާހަކަ ދެއްކިއެވެ. އެވަގުތު އޭނާ ބުނެލި އެއްޗަކުން އާލިކް ވިކާޝްގެ މޫނަށް ބަލާލީ މާނައިން ފުރިގެންވާފަދަ ގޮތަކަށެވެ. ތެދެކެވެ. ވިކާޝް އެހެން ބުނެލުމުން އޭނާގެ ހިތައް ވިޝާގެ ޚިޔާލުތައް ވެރިވީއެވެ. ނަމަވެސް އޭނާ އެކަން ވިކާޝްއާއި ހިއްސާ ކުރާކަށް ބޭނުމެއް ނޫނެވެ. އެކަމުގައި އިތުރަށް ވިކާޝް ބައިވެރި ކުރުމަކީ ބުއްދިވެރި ގޮތެއް ނޫންކަމުގައި އޭނާގެ ހިތް ބުނަނީއެވެ. އާލިކްގެ އެ އާދަޔާ ޚިލާފު ބަލާލުމުގެ މާނަ ވިކާޝްއަށްވެސް ވިސްނުނެވެ. އޭނާގެ ހިތުގައި ހިނގައިގަތީ ވިޝާގެ ޚިޔާލުތައް ކަންވެސް ވިކާޝްއަށް ނުހަނު ރަނގަޅަށް ދޭހަވިއެވެ. ނަމަވެސް އޭނާ އިތުރަށް އާލިކްއާއި އެސުވާލެއް ނުކުރާނެއެވެ. ސަބަބަކީ މިހާރު ކަންތައްތައް ގޮސްފައިވާ ހިސާބުން އެހެން މީހަކު އޭގެތެރެއަށް ވަނުމަކީ ރަނގަޅުގޮތް ކަމުގައި އޭނާއަށް ހީނުވާތީއެވެ. ޝާހީންގެ އެކްސިޑެންޓަށްފަހު ދެދުވަސް ހޭދަވެގެން ދިޔައިރު އާލިކް ގިނވަގުތު ހޭދަކުރަނީ ބައްޕައަށް ޚިދުމަތްކުރުމުގައި ހޮސްޕިޓަލުގައެވެ. ފައި ބިނދުމުގެ ސަބަބުން އަމިއްލައަށް ތެދުވެ ނޫޅެވުނު ވަގުތު ޝާހީންއަށް އޭނާގެ ދަރިފުޅުގެ އަޅާލުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބެމުން ދިޔައެވެ. ޑޮކްޓަރުން ލަފާދެއްވި ގޮތުން އަވަހަށް ރަނގަޅުވާން ބޭނުންނަމަ ރާއްޖެއިން ބޭރުން އިތުރު ފަރުވާ ހޯދުމަށް ދާންވީއެވެ. އެހެން ނޫންނަމަ ޝާހީންއަށް އަމިއްލައަށް ހެލިފެލިވެ އުޅެވޭނެ ޒަމާނެއްވެސް ނޭނގެއެވެ. އެހެންކަމުން އާލިކްއާއި ޝާހީންވެސް ބޭނުންވީ ވީހާވެސް އަވަހަކަށް ސިންގަޕޫރަށް ދާށެވެ. އާލިކް ނިންމީ ބައްޕަ އަމިއްލައަށް އުޅެވޭވަރު ވަންދެން އޭނާވެސް ސިންގަޕޫރުގައި މަޑުކުރުމަށެވެ. ލާރި ދީފައި މީހަކު ބަލަހައްޓަންވެސް ލެވިދާނެއެވެ. އެހެންވިޔަސް އެފަދަ ވަގުތެއްގައި ބައްޕަ އެހެން މީހެއްގެ އަތްމައްަޗަށް ދޫކޮށްލުމަށް އޭނާގެ ހިތެއް ނޭދެއެވެ. ހޮސްޕިޓަލުގައި ހޭދަވި ދެދުވަހުގެ ތެރޭގައި ވިކާޝްވެސް ހޮސްޕިޓަލަށް ގޮސް އާލިކްމެންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދިޔައެވެ. އާލިކްއާއި ވިކާޝްގެ ގާތްކަމާއި އެކު ވިކާޝްގެ އޯގާތެރިކަން ފެނުމުުމުން އިހުސާނާއެކޭ އެއްގޮތަށް ޝާހީންވެސް އޭނާއަށް ނުހަނު ޝުކުރުވެރިވިއެވެ. އާލިކްއާއި ވިކާޝްގެ ވަގުތުތައް މިފަދަ ގޮތަކަށް ދިޔައިރު އާލިކްގެ އޮފީހުގެ މުވައްޒަފުންނާއި ވިޝާވެސް ދެފަހަރަކު ޝާހީންއަށް ގޮވާލަން ހޮސްޕިޓަލަށް ދިޔައެވެ. ވިކާޝްގެ ފަރާތުން ޝާޔަންގެ ވާހަކައާއި ކައިވެނި ހުއްޓުނު ޚަބަރު ލިބުމުން ވިޝާގެ ހިތުގައި އާދަޔާ ޚިލާފު އުފާވެރިކަމެއް އުފެދިފައިވީނަމަވެސް ޒައިދުއާއި ޒާހިރާ ފެންނަ ކޮންމެ ފަހަރަކު އެއުފާވެރިކަނަް ނެތިގެންދެއެވެ. ތެދެކެވެ. ދެން އާލިކް ކައިވެނި ނުކުރި ކަމުގައިވިޔަސް އޭނާއާއި އާލިކް ގުޅުމަކީ ވާނޭކަމެއް ނޫނެވެ. އޭނާ ޒައިދުއަށް ބޭވަފާތެރިވެ ޒާހިރާގެ އުންމީދުތައް ފުނޑުފުނޑުކޮށްލާކަށް ބޭނުމެއް ނޫނެވެ. އަނެއްކޮޅުން އާލިކްވެސް ދެން އެހެން ކުއްޖަކާއި ލޯބީގެ ގޮތުން ގުޅިދާނެއެވެ. ވީއިރު އެފަދަ ކަމަކަށް އޭނާ ހުވަފެނެއްގައިވެސް އުންމީދު ކުރުމަކީ ކިހާ މޮޔަކަމެއް ހެއްޔެވެ؟ އަނެއް ދުަވަހެވެ. ބަންދު ދުވަހެއްކަމުން ވިޝާ ގޭތެރޭގައި އަތްމަތި އަވަސްކޮށްލާފައި އުޅުނީ މެންދުރުގެ ކެއުން ތައްޔާރުކުރުމުގައެވެ. އެރޭ ޒައިދުއާއި ޒާހިރާ ރަށަށް ދާވާހަކަ ބުނެފައިވުމުން ވިޝާ ބޭނުންވީ ޒާހިރާ ގޮަވައިގެން ބާޒާރުކޮށްލަން ދިއުމަށް ތަންކޮޅެއް ކުރިން އެހެން ކަންތައްތައް ނިންމާލުމަށެވެ. އެހެންނަމަވެސް އަޞްރު ވަގުތު ހާއިރު އައި އާލިކްގެ ކޯލެއްގެ ސަބަބުން ބާޒާރަށް ދިއުމުގެ ބަދަލުގައި އޭނާއަށް ދާންޖެހުނީ އޮފީހަށެވެ. އާލިކް ހަވީރު ސިންގަޕޫރަށް ފުރަން އުޅޭތީ އޮފީހުގެ ހުރިހާކަމެއް ވިޝާއާއި ހަވާލުކުރުމަށެވެ. ވިޝާގޮސް ކެބިންއަށް ވަންއިރު އާލިކް ފައިލްއެއް ހިފާލައިގެން އޭނާގެ ގޮނޑިކައިރީގައި ހުއްޓެވެ. އޮރެންޖްކުލައިގެ ރޮނގުދެމި، ކަރުބައްދާފައިވާ އަތްދިގު ޓީޝާޓަކާއި، ގަދަނޫކުލައިގެ ސްކިނީ ޖީންސެއްގައި އޭނާ ހުރިއިރު ފިރިހެންވަންތަކަމުގެ އިންތިހާއެވެ. ނުނިދާ ހުރުމުގެ ސަބަބުން މޫނުމަތީގައި ވަރުބަލިކަން އުފެދިފައިވީނަމަވެސް އޭނާގެ ރީތިކަމަށް ކުޑަވެސް ފަނޑުކަމެއް ނާދެއެވެ. އެ ރީތި ޒުވާނާ ފެނުމުން ހިނދުކޮޅަކަށް ވިޝާގެ ހިއްސުތައް ފިނިވެގެން ދިޔައެވެ. ހިތުގެ ތެޅުން ބާރުވެ، ނޭވާ އަވަސްވެލިއެވެ. “ތޭންކްސް އައިސްދިނީމަ..” ވިޝާ މަޑުމަޑުން ހިނގާލާފައި އެތެރެއަށް ވަނުމުން އާލިކް އަޅިކުލައިގެ ލެންސް ލީ ލޯ އޭނާގެ މޫނަށް ހުއްޓާލީ ހިތްތައް ކަތިލާލާފަދަ ގޮތަކަށެވެ. އަވަސް އަވަހަށް ވިޝާ އިސްޖަހާލިއިރު އާލިކް އެ ތޫނު ބެލުމުގެ ސަބަބުން އެމޫނަށް ރަތްކުލަ ފާއްދާލައިފިއެވެ. އެމަންޒަރު ފެނުމުން އާލިކް އެއްމިޔަކަނުން ހީނލުމަށްފަހު އޮފީހުގެ އެކި އެކި ވާޙަކަތައް ހިއްސާކުރަންފެށިިއެވެ. އޮފީހުގެ ހުރިހާ މަސައްކަތާއިއެކު، ބަލަންޖެހޭނެ ކަންތައްތައް ކިޔާދީ، މުޅި ކުންފުނި ހިންގުން ވިޝާއާއި ހަވާލުކުރުމަށް މާގިނަ ވަގިުތުތަކެއް ނުނަގައެވެ. ހަގީގަތުގައި އާލިކްގެ ކޮންމެ މަސައްކަތެއްގައި ވިޝާގެ ބައިވެރިވުން ލިބިފައިވުމުން އޭނާއަށް މާ އާކަމެއް ނުވަނީއެވެ. ދެމީހުން ނުހަނު ކައިރީގައި ތިބެ ވާހަކަ ދެއްކިއިރު އާލިކްގެ ތޫނު ބަލާލުން ވިޝާއަށް ކުރަމުން ދިޔަ ގޯނާ އޭނާގެ ހިތުގައި ސިއްރުކުރެވިފައިވެއެވެ. “ސޯ މީ ހުރިހާ ކަމެއް.. އަސްލު މުޅި ކޮމްޕެނީ ވިޝާއާއި ހަވާލުކުރަންވެސް ޖެހިލުމެއް ނުވޭ.. ކޮޒް އައި ޓްރަސްޓް ޔޫ..” އާލިކް ހިނިތުންވެލަމުން ވިޝާގެ ޖާދުވީ މޫނަށް ބަލާލިއެވެ. އެވަގުތު ވިޝާވެސް ހީނލަމުން އާލިކްގެ މޫނަށް ބަލާލީ ލޯބި ގޮތަކަށެވެ. އެއާއިއެކު އާލިކްގެ ހިތުގައިވާހާ އުދާސްތަކެއް ބޭރުވެގެން ދިޔަ ފަދައެވެ. އެ ލޯބި މޫނުގެ ޖާދޫއިން އާލިކްގެ މޫނަށް ތާޒާކަން ގެނުވިއެވެ. “އެންޑް.. ނޭނގޭ އެކޮޅުގައި ހުންނަން ޖެހެނީ ކިހާ ދުވަހަކު ކަމެއް.. ބައްޕައަށް އަމިއްލައަށް ނޫޅެވެނީސް މިކޮޅަކަށް ނާންނާނަން.. ސޯ އިޓް މޭ ޓޭކް ފިއު މަންތްސް..” އާލިކް ވިޝާގެ މޫނުން ނަޒަރު ވަކިކޮށްނުލާ ހުރެގެން އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. އޭރު ވިޝާ އިސްޖަހާލައިގެން އެވާހަކަތައް އަޑު އަހަން ހުރިއރު އާލިކް ދާންއުޅޭތީ ހިތުގައި ފާޑެއްގެ ރިހުމެއް އުފެދިފައި ހުއްޓެވެ. އެހެން ނަމަވެސް މިދުވަސްކޮޅު އާލިކްގެ ހިޔާލުތައް އެހިތުން ބޭރުކުރަން ބޭނުންވެފައި ހުރިވަރުން އެގޮތަކީ އެންމެ ރަނގަޅުގޮތް ކަމުގައި ވިޝާ އޭނާގެ ހިތައް ވިސްނައިދިނެވެ. ފަހަރެއްގައި ދެތިން މަސްދުވަހު ނުފެނި އުޅެލުމުން އެހިތް ބަދަލުވެދާނެ ކަންނޭނެގެއެވެ. އެއީ ވީޝާގެ އުންމީދެވެ. “ދެން.. ޓޭކް ކެއަރ.. ސަލާމް ބުނާތި ސަރގެ މަންމައަށާއި ބައްޕައަށް..” އާލިކް ބަލަހައްޓައިގެން ހުންނަން ފެށުމުން ވިޝާ އޭނާގެ މޭޒާއި ދިމާއަށްގޮސް ހަމަޖެހިލުމަށް މަސައްކަތްކުރިއެވެ. އެހެން ނަމަވެސް އާލިކްގެ ތޫނު ނަޒަރަުގެ ސަބަބުން އޭނާގެ ހިތް ތެޅިފޮޅެނީއެވެ. އާލިކްއަށް ވިޝާ ދެއްކި ވާހަކަ އަޑު އިވުނުހެންވެސް ހީނުވެއެވެ. ވިޝާގެ ޖަންބެއްފަދަ މޫނަށް ބަލަން ހުރުމަށްފަހު ކުއްލިއަކަށް އޭނާއާއި ގާތަށް އަންނަން ފެށުމުން ވިޝާއަށް ފަހަތަށް ޖެހެވެނެް ފެށުނެވެ. އެހެންނަމަވެސް މާދުރަށް ނުދެވެނީސް ވިޝާ ލައްވީ ފާރުގައެވެ. އޭރު އާލިކް އައިސް އޭނާގެ ކުރިމަތީގައި ހުއްޓިލާާ އޭނާގެ ދެފަރާތުން ފާރުގައި އަތްވިއްދާލައިފިއެވެ. މިހާރު އެދެމެދުގައި ކައިވަތެއްހާ ދުރުމިންވެސް ނުވެއެވެ. އާލިކްގެ ހޫނު ނޭވާތައް ވިޝާގެ މޫނުގައި ބީހެމުން ދިޔައިރު ބާރުބާރަށް ތެޅެމުންދިޔަ ހިތާއިއެކު އޭނާގެ ތުންފަތުގައިވެސް ތުރުތުރެއް އުފެދިއްޖެއެވެ. އެސްފިޔަތައް ތިރިކޮށްލައިގެން ވިޝާއަށް ހުރެވުނީ ހަދާނެ ހަމަ އެއްގޮތެއްވެސް ނުވިސްނިގެންނެވެ. އޭނާއަށް ނޭނގޭ ކަަމަކީ އޭނާގެ އެފަދަ ކޮންމެ އަދާއެއް ކުރިމަތީގައި ހުރި ވިކާޝްގެ ހިތުގައި ބިންވަޅު ނެގެމުންދާކަމެވެ. “ދިއުމުގެ ކުރިން ވާޙަކައެއް ބުނެލަން ވަރަށް ބޭނުން.. ވަރަށް މުހިންމު..” އާލިކްގެ އަޑުއައީ ވަރަށްމަޑުންނެވެ. އެ އަޑުގައި ހުރި އަސަރަކުން ވިޝާގެ ހުރިހާ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ. ފުންފުންކޮށް ނޭވާލަމުން ލޯމަރާލިއިރު އޭނާގެ މޫނުގެ ރަތްކަން އިތުރުވަމުންދެއެވެ. ތުރުތުރު ލަމުން ދިޔަ ތުންފަތްވެސް ހަފާ ހަފާ ރަތްލޭކޮޅެކޭ އެއްފަދައެވެ. ވިޝާއަށް ވަމުންދިޔަގޮތާއި އެރީތި މޫނަށް އަންނަމުން ދިޔަ ބަދަލުތައް ފެނި އާލިކްއަށް އޭނާގެ ހިއްސުތައް ކޮންޓްރޯލް ކުރަން އުނދަގޫވިއެވެ. ލަސްލަހުން އަތް ތިރިކޮށްލުމަށްފަހު ވިޝާގެ ކޯތާފަތުގައި ހިފަހައްޓާލިއިރު އާލިކްގެ ހިތްވެސް ތެޅެމުން ދިޔައީ ނުހަނު ބާރަށެވެ. ލޯ މަރާލައިގެން ހުރި ވިޝާގެ މޫނަށް ބަލާލަމުން އާލިކް އަނެއް އަތުން ވިޝާގެ އުނގަނަޑުގައި ހިފާ އިތުަރަށް އޭނާއާއި ގާތްކޮށްލިއެވެ. އެވަރުންވެސް ވިޝާއަށް ލޯހުޅުވާލަން ނުކެރިފައި ހުރެވުނީއެވެ. އަތްފައި ފިނިވެ ގަނޑުވެފައި ހުރުމުން އޭނާއަށް ހަރާކާތެއް ނުކުރެވޭ ތަނުގައި ނޭވާވެސް ލެވެމުން ދިޔައީ އެހާ އުނދަގުލުންނެވެ. އާލިކްގެ ހޫނު ނޭވާތައް މާގާތްވުމުން އޭނާ ހިތްވަރުކޮށްފައި ލޯހުޅުވާލަން ހިތައްއެރި ވަގުތު އާލިކް ކޮށްލިކަމަކުން ވިޝާގެ ހިތް އުދުއްސައިގެން ދިޔަފަދައެވެ. ގަދަކަމުން ލަމުންދިޔަ ނޭވާވެސް ކަރުތެރޭގައި ތާށިވިއެވެ. ސިކުނޑި ކިތަންމެ ދެކޮޅު ހެދިޔަސް އާލިކްގެ ޓީޝާޓުގައި ހިފަހައްޓާލަމުން އެއަމަލުގައި އޭނާއަށް ބައިވެރިވެވުނީ ހިތް އޭނާގެ މައްޗަށް ގަދަވެ ގަތުމުންނެވެ. ކޮންމެ ގޮތެއްވިޔަސް އޭނާގެ ހިތައް ބުނެދޭން ނޭނގޭފަދަ ހަމަޖެހުމެއް ލިބިގެންދިޔައެވެ. ނުނިމޭ
11 Comments!
Comments are closed.
17 vana bai kobaa.
omg………reeeeecheyyyyyyyyyyyyyyyyyyyyyy……v v v v salhi waiting for next part…plx avahan up kh dheythi igey….love this story
V v v v v v v v nice mi part
Vvvvvv salhi waitin for next part
wow. varah varah rom. alhe plx vishoo ge kaiveni aal noon myhakk nukurahchey..waitin for next part. n v happy avahah up kohdheythy.
nd paragraph thakah bahaalaigen liyeba. u forgot v kanneyge. gud luck.
Vvvvvvvv nice waiting for the next part
Next part avahah fonuvadheee….
17vana part genes dheefi 3march haadha up date nuveyey dhw kudhin kudhin….
salhi. laya is best writer. waiting for next part. plx upload next part as soon as possible. mi hisaabah kiyaafa othee kurin araamagu.com ah upload kuri iru.
v v v nice.. mivaahak alun genesdhekamah laya v thanks anjal mihunnanee mivaahaige habareh nuvegen v dheravefa.. abadhuves laya ge vaahaka thakah v shauguverikan hurey..layaa ge vaahaka thah v v salhi..
thi rogun laya ah kaamiyaabee ah edhen…luv u