“މަންމާ! ތިރޮށި ކޮޅު ފިހެ ނިމެންވާއިރަށް އައްނާނަން އަޔާއަށް ގޮވާ ހޭލައްވާލާފަ އިނގޭ!” ހަނީފާ ބުނެލިއެވެ. ދަރިފުޅުމިހެން ބުނުމާއެކު އާއެކޭ ބުނުމުގެ ގޮތުން އާބިދާ ބޯޖަހާލިއެވެ. ހަނީފާ ބަދިގެތެރެއިން ނިކުމެގެން ގޮސް ވަނީ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަތްއިރު އަޔާ ގަދަނިދީގައި އޮތެވެ. އަޔާއޮތީ އުޑުތިލަމަތިންނެވެ. ހަނީފާއަށް އަޔާގެ މޫނު ފެނުމައެކު އަޔާގެ ރީތިކަން ހަނީފާގެ ހިތަށް އުދަގޫކުރަން ފެށިއެވެ. ހިތުގެ ވިންދު އަވަސްވިއެވެ. އޭނާގެ ހަށިގަނޑުގެ ތެރޭގައި ކަނިވެފައިވާ އީޝްގީ ހުޅުކޮޅު ރޯވެ އަނދަން ފެށިއެވެ. އެއާއެކު އަޔާގެ އެރީތި މޫނުގައި ބޮސްދޭ ހިތްވިއެވެ. އަޔާގެ އެހިތްގައިމު ތަނަވަސް މޭގައި ބޯއަޅާލަހިތްވިއެވެ. މިހެންވެ ބޭއިހުތިޔާރުގައި އަޔާއާއި ކައިރިއަށް ދެވުނެވެ. ހަމަ ކުއްލިއަކަށް އަޔާ އަނެއްފަރާތަށް އެނބުރުނެވެ. މިތަން ފެނުމާއެކު ހަނީފާ ސިހިގެންދިއައެވެ. އެއާއެކު ފަހަތަށް ޖެހެވުނެވެ. ކުރެވެން މިއުލެވެނީ ކިހާވަރެއްގެ ކަމެއްކަން އެނގުމުން ދުރަށްޖެހުނެވެ. އަދި ބަލަހައްޓައިގެން ހުއްޓެވެ. ހަނީފާއަށް މިއަދު ޖެހިފައި މިވަނީ ފިރިއަކު ހުރެމެ ފިރިމީހާގެ ފަރާތުން ލިބެންޖެހޭ ލޯތްބާއި އަޅާލުން ނުލިބި ތާއަބަދު އެކަމަށް އެދި އެދި ހުންނާށެވެ. އެވަގުތު ހަނީފާ ހަނދާނަށް އައީ އަޔާއާއި އެކު އޭނާ ހޭދަކުރި މާޒީގެ އުފާވެރި ދުވަސްތަކެވެ. އެދުވަސްތައް ހަނދާން ވާން ފެށުމާއެކު އޭނާގެ ހިތް ކުދިކުދިވެގެންދިއައެވެ. ހިތަށްކުރިއަސަރުން ގިސްލެވިރޮވޭ ގޮތްވިއެވެ. ދެލޮލުން ހޯސްލާފައި ކަރުނަ އޮހެން ފެށިއެވެ. މިއާއެކު ހަނީފާ ދުވެފައި ކަހަލަ ގޮތަކަށް ފާހާނާއަށް ވަދެއްޖެއެވެ.. ފާހާނާއަށް ވަދެ ދޮރުލައްޕާ ތަންޑުއެޅުވުމަށްފަހު ދޮރުގައި ލެނގިލައިގެން ހުރެ ރޯންފެށިއެވެ. އޭނާގެ ހާލާއި މެދު ހިތާމަކުރާ ހާލުގައެވެ. “އަހަރެން މީ ކިހާބޮޑު ބަދުނަސީބުވެރިއެއް އަހަރެންގެ މަންޒިލް ކުރިމަތީ ފެންނަން އޮވެމެ އެމަންޒިލަށް ވާސިލްވެވޭނެ މަގު މިވަނީ ބަންދުވެފަ…އަހަރެންގެ މިނިކަމެތި ހިތަށް އުފަލެއްލިބެން ނެތީތަ…ހިތާމަޔާ ހިތްދަތިކަން ފިޔަވާ އިތުރުއެއްޗެއް މަގޭ ނަސީބުގަ ނުވަނީބާ…” ހަނީފާ ރޮމުން ސަކުވާލުކުރަމުން ދިއައެވެ. ނަމަވެސް އެޝަކުވާތައް އަހާނީ ފަހެ ކާކުހެއްޔެވެ. އޭނާގެ ހަޔާތުގައި ލޯބިވީ އެއްމެ މީހަކުދެކެއެވެ. މިއަދު މިދެކެނީ އެޒުވާނާގެ ހެޔޮކަމެވެ. އޭނާ އެޒުވާނާ ދެކެ ވީލޯބީގެ އަގެވެ. ހަނީފާ އަށް އެގޮތުގައި ރޯން ހުރެވުނީ ކިހާ އިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. ހަނީފާ ރޯން ހުއްޓާ މަންމަ ގޮވާ އަޑު އިވެން ފެށުމުން އަވަސް އަވަހަށް މޫނު ދޮވެލައިގެން ނިކުތެވެ. އަދި ވަރަށް ބިރުން ހުރެ އަޔާއަށް ގޮވިއެވެ.
ވައިމަޑު އުޑުމަތިސާފު ރީތި ދުވަހެކެވެ. އީނާޝް ހުރީ ބޮޑު ނިކަގަހެއްގެ ހިޔަލުގައެވެ. އަތުގައި އޮތްވަޅިން އެތާ ހުރި ހިކި ހޯލި ދަރުތަކެއް ބުރިކުރަމުން ދިއައެވެ. ވަށައިގެންވާ ގަސްތަކުން އެނގެނީ އީނާޝް އަށް މިހުރެވެނީ ވަލުތެރޭގަ ކަމެވެ. ނަމަވެސް އީނާޝްގެ މޫނު މަތީން ކުޑަވެސް ބިރުވެރިކަމެއް ފެންނާކަށްނެތެވެ. އޭނާ އެކުރާ މަސައްކަތާއިގެން ކުރިއަށް ދިއައެވެ. “އީނާޝް…!” ކުއްލިއަކަށް މީހަކު ގޮވާލިއަޑު އިވުނެވެ. އީނާޝް ސިހިފައި ފަހަތް ބަލާލިއެވެ. ނަމަވެސް އެއްވެސް މީހެއްގެ ހިލަމެއްނެތެވެ. ހީވި ހީވުމެއް ކަމަށް ބަލާފަ އަނެއްކާވެސް އޭނާ ކުރަމުންދިއަ މަސައްކަތާއިގެން ކުރިއަށްދިއައެވެ. ކުޑައިރުކޮޅެއްފަހުން ދެން އިވެން ފެށީ ކުޑަކުއްޖަކު ރޯއަޑެވެ. އޭނާއާއި ވަރަށް ކައިރިންނެވެ. ލިބުނު ސިހުމާއެކު ވަށައިގެން ހޯދާލިއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ އަދި ވިހޭތާ ހަފުތާއެއްހާ ދުވަސް ވީ ކުޑަކުއްޖެކެވެ. އެކުއްޖާގެ މޭމަތީގަ ފުން ޒަހަމެއް ހުއްޓެވެ. މިމަންޒަރު ފެނުމާއެކު އީނާޝް އަށް ބިރުން ހަޅޭއްލަވައި ގަނެވުނެވެ. އަދި ވަޅިއަކާ ވަޅިއެއް ދޫކޮށްލާފަ ދުއްވައި ގަތެވެ. ވަކި ހިސާބަކަށް ދުވެވުނުތަނާ އެއްކަލަ ރަތް ލިބާސް ލައިގެން ހުރި އަންހެން މީހާ ފާޅުވިއެވެ. މިފަހަރު އެއަންހެން މީހާ ހުރީ ކުރިއަށް ވުރެ މާ ބިރުވެރިކޮށެވެ. އީނާޝް އަށް އެމީހާ ފެނުމާއެކު ގައިން ބާރު ދޫވިކަހަލަ އިހުސާސްއެއް ކުރެވުނެވެ. ގަތް ބިރެއްގެ ބޮޑުކަމުން އަނެއްކާވެސް ހަޅޭއްލަވައި ގަނެވުނެވެ.
އާސިމްއަށް ހޭލެވުނީ އިނޫގެ ހަޅޭކުގެ އަޑަށެވެ. އެއަޑަށް ސިއްސައިގެން ގޮއްސަ ބަލާލިއިރު އިނޫ އިނީ އެދުމަތީގަ އިށީދެގެންނެވެ. އީނާޝް އިނީ ދާހިއްލާ ފޯވެފައެވެ. ހާސްވެ ކަންބޮޑުވެފައިވާ ހާލު އެކިދިމަ ދިމާއަށް ބަލަނީއެވެ. “ކިހިނެއްވީ…؟” އާސިމް އޭނާގެ އަންހެނުންގެ ގައިގަ ކޮށްޓާލުމަށްފަހު އަހާލިއެވެ. އީނާޝް އަކަށް ވާހަކައެއްވެސް ނުދެއްކުނެވެ. މުޅި މީހާ ފާޑަކަށް ތުރުތުރުއަޅަނީއެވެ. އާސިމް އަވަސް އަވަހަށް އީނާޝްގެ ދެކޮނޑުގަ ހިފާ ތަޅުވާލިއެވެ. އެވަރުންވެސް ވާހަކަ ދެއްކޭ ގޮތެއްނުވިއެވެ. އީނާޝް ކޮންމެވެސް އެއްޗެކޭ އެބަކިޔައެވެ. އެހެނަސް އޭނާގެ އަޑެއް ނުނިކުމެއެވެ. އެއްމެ ފަހުން އީނާޝްއަށް ރޮވެން ފެށިއެވެ. އޭނާގެ ދެލޮލުން ހޯސްލާފަ ކަރުނަތައް އޮހެން ފެށިއެވެ. އާސިމް ހާސްވެއްޖެއެވެ. އަނެއްކާ އަންހެނުންނަށް މިދިމާވީ ކޮންފަދަ މުސީބާތެއް ބާއޭ އާސިމްގެ ހިތަށް އެރިއެވެ. އެއްމެ ފަހުން ހަދާނެ ގޮތް ހުސްވެގެން މަންމައަށް ގޮވިއެވެ. މަންމަ އައިއިރު ކަމަކުދާކަށްނެތެވެ. އީނާޝް ގަޔަށް ފާޑެއްގެ ބާރުގަނޑެއްއަރާ މުޅިމީހާ ތެޅި ފޮޅެނީއެވެ. އާސިމްއާއި މަންމައާއި ދެމީހުން އީނާޝް ހިފެހެއްޓޭތޯ މަސައްކަތް ކުރިއެވެ. އީނާޝް ފަކީރު އެފަދަ ހާލެއްގައި ތެޅިފޮޅޭތާ ބައިގަޑިއެއްހާއިރު ފަހުން ހަމަޔަކަށް އެޅުނެވެ. އޭރު ފަތިސްވެސް ވާން ކައިރިވެއްޖެއެވެ.
“މަންމާ…..އާސިމް އަހަރެންދެން މިކަމުން ސަލާމަތެއް ނުވާނެ އެނުލަފާ އެތި އަހަރެން މަރާލާނެ!” އިރުކޮޅަކު ހަމަ ހިމޭނުން އޮތުމަށް ފަހު އީނަޝް ވާހަކަ ދެއްކިއެވެ. އީނާޝް މިހެން ބުނުމާއެކު އޭނާގެ ކައިރީގަ ތިބި އާސިމްއައި މަންމަ އަށް ދެމީހުނަށް އެއްފަހަރާ ކަހަލަ ގޮތަކަށް އީނާޝްގެ މޫނަށް ބަލާލެވުނެވެ. އެމޫނުމަތިން ފާޅުވަނީ ހިތާމަޔާއި ހިތްދަތި ކަމުގެ އަސަރެވެ. އުއްމީދުގެއްލި މާޔޫސް ވެފައިވާ ކަމުގެ އަސަރެވެ. “ދަރިފުޅާ! ތިކަހަލަ ވާހަކަ ނުދައްކަބަލަ އަދި އުއްމީދުކަނޑާލާކަށް ނުވޭ އިރާދަފުޅުކުރެއް ވިއްޔާ ވަރަށް އަވަހަށް ދަރިފުޅު ތިކަމުން މިންޖުކޮށްދޭނަން…!” މަންމަ ބުނެލިއެވެ. އަދި ނުހަނު ލޯތްބާއެކު ދަރިފުޅުގެ ބޮލުގައި ފިރުމާލަ ދިނެވެ. “މަންމަދެން މިދަނީ ނަމާދަށް އަރަން އިނގޭ ދަރިފުޅުމެންވެސް ދެން ނަމާދުކުރަންއުޅޭ މަންމަ ބުނެލިއެވެ.
އަނެއް ދުވަހުގެ ހެނދހުނުގެ ވަގުތެއްގައި މުދިންބެ އެގެއަށް އައެވެ. މުދިންބެ އައިސް އީނާޝް އާއި ބައްދަލުކޮށް ވެގެން އުޅޭގޮތް އޮޅުފިލުވައި ދިނުމަށް އެދުނެވެ. “މުދިންބޭ މިކަމެއް މިޖެހުނީ އަހަރެމެން މަޑިދުއަށް ދަތުރުގޮސްގެން އުޅެނިކޮށް” އާސިމް ބުނެލިއެވެ. “އެހެންތަ ކޮއެފުޅާ ނިކަން ފުންކޮށް ވިސްނާލުމަށްފަހު ބުނެބަލަ ތިހެންވިއްޔާ އެރަށަށް ގޮސްގެން އުޅެނިކޮށް އެއްވެސް ކަހަލަ އާދަޔާއި ހިލާފު ކަމަކާ ދިމާވިތަ؟” މުދިންބެ އަހާލިއެވެ. އީނާޝް ވިސްނާލިއެވެ. އެމީހުން ތިބީ ގޭގެ ސިޓިންގ ރޫމްގައެވެ. އީނާޝް ވިސްނާލުމަށްފަހު އޭނާގެ ހަނދާނަށް އައިވަރަކުން ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ދަރުކޮށަން ވަލަށް ވަތްދުވަހު ދިމާވިކަންތަކެވެ ކާށިވެއްޓުމާއެކު ކާށީގަ ވަޅިންޖެހި ވާހަކަ ވެސް ބުންޏެވެ. އެވަގުތު ކުޑަކުއްޖަކުރޯލި އަޑު އިވުނު ވާހަކަ ބުނުމް މުދިންބެގެ މޫނުމަތީގެ ކުލަވަރު ތަޣައްޔަރުވެގެންދިއައެވެ. އަދި ނިތްކުރި ދާހިތްލާ ނިތްކުރިއަށް ރޫގިނަވެގެން ދިޔައެވެ. “ހޫމް ތީތިވެގެން އުޅޭގޮތަކީ…ކޮއެފުޅަށްނޭނގި ޖިންނިއަކާ ނޫނީ ޖިންނިއެއްގެ ދަރިއަކާ ގޯނާ ކުރެވިގެން އޭގެ އުދަގޫތިފޯރަނީ…!” މުދިންބެ ނިތްކުރިން ދާފޮހެލުމަށްފަހު ބުނެލިއެވެ. މުދިންބެގެ މިވާހަކަތައް އަޑު އިވުމާއެކު އާސިމް ހާސްވާގޮތްވިއެވެ. މުދިންބޭ އޭތީގެ ކިބައިން މަގޭ އަންހެނުން ސަލާމަތް ކުރެވޭނެތަ؟” އާސިމް އަވަސް އަވަހަށް އަހާލިއެވެ. “ހާސްނުވޭ އިރާދަފުޅު ކުރެއް ވިއްޔާ ތިއަކަން ކޮށްދެވޭތޯ ބަލާނަން…! މުދިންބެ ބުނެލިއެވެ. މުދިންބެގެ މިޖަވާބުން އާސިމްގެ ހިތަށް ފިނިކަމެއް ލިބުނެވެ. “އެހެންވެދޯ އަޅުގަނޑަށް ހުވަފެނުގަ ކުޑަކުއްޖާއާއި އަންހެނެއް އެފެންނަނީ އޭތި ބުނީ އެއަންހެން މީހާގެ ދަރިފުޅު މަރާލީ އަހަރެންނޭ އަދި އޭގެ ބަދަލުގަ އަހަރެން މަރާލާނަމޯ!” އީނާޝް ބިރުގެންފައިވާ ހާލުއެހުވަފެނުގެ ވާހަކަ ކިޔާދިނެވެ. “ކޮއެފުޅާ ބިރުނުގަނޭ…..ބޭބެގެ ފުރާނަ ހުރިހާ ހިދަކު އެޖިންނިއަކަށް ދެން ކޮއެފުޅާ ކައިރިވާކަށް ނުކެރޭނެ! ބޭބެ އަސުރުން ފައިބައިގެން އައިސް ތަވީދެއް އަޅައިދޭނަން..އެކަމަކު ބުނަން މިއަދު ދެން އެއްގޮތަކަށްވެސް ކޮޓަރިން ބޭރަށް ނިކުމެގެން ނުވާނެ ބޭބެ މިދޭފެންތަށި ބޯލައިގެން ކޮޓަރިއަށްވަދޭ އިނގޭ! ” މުދިންބެ ބުނެލިއެވެ. އެއަށްފަހު އީނާޝްގެ މަންމަ ލައްވާ ފެންތައްޓެއް ގެނެސް ކިޔަވާލުމަށްފަހު އީނާޝް އަށް ބޯންދިނެވެ. “ކަލޭމެން ދެމީހުން ހޭވެރިވެ އެމަންޖެއަށް ފާރަލާތި…! ނަމަ ނަމަ އެމަންޖެ ކޮޓަރިން ނިކުތަ ނުދޭތި އަހަރެން އެޖިންނިއާއި އިދިކޮޅަށް ކަމެއް ކުރާކަން މިހާރު އެޖިންނިއަށް އެނގިދާނެ ފަހަރުގަ ކޮންމެފަދަ ކަމެއްވެސް ވެދާނެ އެކަމަކު ނަމަ ނަމަ އަހަރެން މިބުނި ބަހާ ހިލާފު ވިޔަ ނުދޭތި!” މުދިންބެ އިންޒާރު ދިނެވެ.
އީނާޝް އެފެންތަށި ބޯލުމުން އާސިމް އޭނާގޮވައިގެން ކޮޓަރިއަށް ވަނެވެ. އަދި އެދުގައި ބޭންދިއެވެ. ‘ލޯބީ ކަމަކަށް ބޭނުންވެއްޖިއްޔާ މަށަށް ނޫނީ މަންމައަށް ގޮވާ އިނގޭ ތިއެދުން ތެދުވަން ނަހަދާތީ އިނގޭ!” އާސިމް ނުހަނު ލޯތްބާއެކު އޭނާގެ އަންހެނުންގެ ބުރަކަށީގަ ފިރުމާލަމުން ބުނެލިއެވެ. “އާސިމް މީހަމަ އަހަރެންގެ ފަރުވާ ކުޑަކަމުންދިމާވާކަންތައް އަހަރެންނަށް އެދުވަހު އެކާށީގަ ވަޅިން ނުޖެހުނުނަމަ މިއަދު މިހެންވާކަށް ނުޖެހުނީސްދޯ!” އީނާޝް ދެރަ ވެލާފައި ވާހަކަ ދެއްކިއެވެ. “ލޯބީ ދެން ދެރަނުވެބަލަ ތަގުދީރުގާ ދިމާވަން ހުރިކަމެއް ވިއްޔާ ދިމާވާނޭ އިރާދަފުޅުކުރެއްވިއްޔާ އަދި ތިގިލަން ވެރިކަމުން ސަލާމަތްވާނެ ކެތްތެރިވޭ” އާސިމް އޭނާގެ އަންހެނުންނަށް ވިސްނައިދެވޭތޯ ބެލިއެވެ. އެހެނަސް އީނާޝްގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. އޭނާއަށް ހަމަ ވިސްނެނީއެވެ. އޭނާ އެދިރި އުޅުން ފެށީ ކިހާފޮނި އުއްމީދު ތަކަކާއެކު ހެއްޔެވެ. ދެކެމުންއައި ހުވަފެން ތަކުގާ ހަގީގީކުލަ ނުޖެހިގެން އުލެނިކޮށް ހިތާމައިގޭ ކަޅުވިލާތަކުން އޭނާ ވަށާލިއެވެ. ކުރަމުންއައި ފޮނިއުންމީދުތައް ވެއްޔާއި މޮޑެވި ވިއްސި ވިހާލި ވެގެން ދިއައީއެވެ. އޭނާގެ އެއުފާވެރި ދިރިއުޅުން ބަރުބާދުވަމުންދާ އިރު އެކަމާ ނުވިސްނާ ހުރެވޭނީ ކިހިނެތް ހެއްޔެވެ. “ލޯބީ ދެން އޮށޯވެލާ އިނގޭ އަހަރެން އައްނާނަން ސައިބޮއެގެން” އާސިމް ބުނެލިއެވެ. އީނާޝް އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އަދި އެނދުގަ އޮށޯވެ ހަމަޖެހިލެވޭތޯބެލިއެވެ. ލޯމަރާލުމާއެކު ފެންނަނީ އެއްކަލަ ބިރުވެރި ސޫރައެވެ. އޭތީގެ ރުޅިވެރި މޫނެވެ. އެހުތުރު ސިފައެވެ. ކަލޭ މަށަށް ފަންޑިތަ ނަހަދާ!” ކުއްލިއަކަށް ހީވީ ހޮނުގުގުރިއެއް ޖެހިހެންނެވެ. އެއަޑު އިވުނީ އެހާވެސް ބާރަށެވެ. އީނާޝްއަށް ފުންމައިގެން ތެދުވެވުނެވެ. އެއާއެކު މުޅި ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. ނަމަވެސް ކޮޓަރި ތެރެއަކު އާދަޔާހިލާފު އެއްވެސް ކަމެއް ފާހަގައެއް ނުކުރެވުނެވެ.
މެންދުރު ފަހުގެ ވަގުތެވެ. އީނާޝް އޮތީ ކޮޓަރީގަ ފޮތެއް ކިޔާށެވެ. އާސިމް ވީ ކޮންމެވެސް ކަމަކު ބޭރަށް ގޮހެވެ. “ދަރިފުޅާ…! ކާންވީނު” ކުއްލިއަކަށް ދޮރު ހުޅުވާލާފަ މަންމަ އެތެރެއަށް ވަނެވެ. މަންމަ އައީ ތަބަކަކަށް ކާއެއްޗެހި އަޅައިގެންނެވެ. “އާނ މިތެދުވަނީ މޭޒުމަތީގަ ބަހައްޓާ އިނގޭ!” އީނާޝް މަންމަގެ މޫނަށް ބަލާލަމުން ބުނެލިއެވެ. އެވަގުތު މަންމަ ހިނިތުން ވެލިއެވެ. އަދި އީނާޝް އެދުނު ގޮތަށް މަންމަ ގެނައި ތަށި މޭޒުމަތީގަ ބެހެއްޓިއެވެ. “ދެން ނޯވެ ތެދުވެ ކާންފަށާ މަންމަ މިއައްނަނީ ޖޫސްތައްޓާއި ފެން ހިފައިގެން މަންމަ ބުނެލިއެވެ. އަދި ކޮޓަރިން ނިކުތެވެ.
އީނާޝް ކިޔަން ގެންގުޅުނު ފޮތް އެނދުމަތީ ބޭއްވުމަށްފަހު ތެދުވެ ބުރުގާ ރީތިކޮށްލުމަށްފަހު މޭޒުމަތީގަ ބަހައްޓާފަ ހުރި ނޫޑުލުސް ތަށި ނެގިއެވެ. އެއަށް ފަހު އެތަށިހިފައިގެން އައިސް އެނދުގަ އިށީނދެ ތަށީގަ އޮތް އުލާ ސަމްސަލުން ތަށިކުޑަކޮށް ހާކާލުމަށްފަހު އޭގެން އެތިކޮޅެއް އަނގަޔަށް ލާންވެގެން ނެގިއެވެ. ސަމްސަލުގަ ހުރި ނޫޑުލުސް ކޮޅު އޭނާގެ އަނގަޔާ ކައިރި ވި ވަގުތު ދޮވި ނުބައި ވަހަކުން އަނބުރައި ނުގަތީ ކިރިޔާއެވެ. އީނާޝް އަވަސް އަވަހަށް އަތުގައި ހުރި ނޫޑުލުސް ތައްޓަށް ބަލާލިއެވެ. ކަމަކުދާކަށްނެތެވެ. އޭނާގެ އަތުގަ މިހުރީ ނޫޑުލުސް ތައްޓެއް ނޫނެވެ. އެތަށީގަ ހުރީ މަހު ކަރު ގޮހޮރާއި އަދިވެސް ކުނިވެ ފުޅައަޅާފަ ހުރި ފާޑެއްގެ މަސްތަކެކެވެ. އަދި ފާޑެއްގެ ފަނިތަކެއްވެސް ހުއްޓެވެ.އަދި ލޭވެސް ހުއްޓެވެ އީނާޝް އަށް ލިބުނު ސިހުމާއެކު އަތުގައި ހުރި ތަށި އެއްލާލިއެވެ. އަދި މަންމާއޭ ކިޔާ ހަޅޭއްލަވައި ގަތުމަށްފަހު ކޮޓަރިން ނިކުންނަން ދުއްވައިގަތެވެ. އެވަގުތު އީނާޝް ހުއްޓުވީ ކޮޓަރިއަށް ވަތް އާސިމްއެވެ. އާސިމް ކިހިނެއްވީހޭ އެހުމުން ކުޑައިރުކޮޅެއް ފަހުން އީނާޝް ވާހަކަ ދެއްކިއެވެ. އަދި ދެންމެ އެދިމާވި ކަންތައް ކިޔައިދިނެވެ. އެވަގުތު އާސިމް ކޮޓަރި ތެރެއަށް ބަލާލިއެވެ. ނަމަވެސް އެއްވެސް އެއްޗެއް ފެންނާކަށްނެތެވެ. “ނަސީބެއްނު މަށަށް އާދެވުނުކަން އެއީ އެޖިންނި ކުރި ގޯނާއެއް އޭތިއެއުޅުނީ އީނާޝް އަށް ވަސްވާސް ދީގެން ކޮޓަރިން ނެރެން!” އާސިމް ބުނެލިއެވެ.
“ކޮއެފުޅާ ކޮންމެސް ކޮންމެސް މިތަވީދު ކޮއެފުޅުގެ ހަށިގަނޑާ ވަކި ނުކުރާތި ކުޑަ ހިނދުކޮޅަކަށްވެސް…! އަސުރު ނަމާދުން ފައިބައިގެން އައިސް މުދިންބެ ތަވީދެއް އަޅައިދިނެވެ. އެއަށްފަހު އިންޒާރު ދިނެވެ. “މުދިންބޭ އެޖިންނީގެ ފަރާތުން އަހަރެމެންނަށް ނުރައްކަލެއް ނާއްނާނެބާ..؟ މިބުނީ އަހަރެންނާއި މަންމަގެ ވާހަކަ އިނގޭ” އާސިމް މުދިންބެ ކުރެން އަހާލިއެވެ. މުދިންބެ އާސިމްގެ މޫނަށް ބަލާލިއެވެ. “ހިއެއް ނުވޭ އެކަމަކު ބިރުގައްނަ ކަމަށް ވަންޏާ ތިދެމީހުންގެ ހަށިރައްކަލަކަށްވެސް ކަމެއް ކޮށްދީފާނަން!” މުދިންބެ ބުނެލިއެވެ. ‘އަހަރެންނަށް ރަނގަޅީ އަހަރެމެންގެ ހަށި ރައްކަލަކަށް އެއްޗެއް ހަދައި ދިނިއްޔާ….!” އާސިމް ބުނެލިއެވެ. އޭނާގެ މޫނުމަތިން ފާޅުވަނީ ބިރުވެރިކަމެވެ. އާސިމްގެ އެދުމަށް މުދިންބެ އެދެމީހުންގެ ހަށިރައްކަލަށް ދެތަވީދު ހަދައި ދިނެވެ.
އަޑިގަޑަކަށްފަހު އުސްގަނޑެއް އައްނާނޭ ބުނެއުޅެއެވެ. އެއީ ހަމަތެދުވާހަކައެކެވެ. މީގެ ކުޑަ ދުވަސް ކޮޅެއް ކުރިން އެދެމަފިރިންގެ ދިރިއުޅުން ވޭތުވަމުންދިއައީ އަޑިގަނޑެއްގައެވެ. ހިތާމަޔާއި ބިރުވެރިކަމުގައެވެ. ނަމަވެސް މިއަދު އެވަނީ އަޑިގަނޑުން އަރާގަނެވިފައެވެ. މުދިންބެ ތަވީދު އަޅައިދިން ފަހުން އެޖިންނީގެ އެއްވެސް އުދަގުލެއް ނުފޯރައެވެ. ހިތާމަތައް ފިލާ އުފާވެރިކަން ވަށާލާފައެވެ. އެދެމަފިރިންގެ ދިރިއުޅުމަށް އެޅުނު ހަރީފުގެ ހިޔަނި ފިލާ ބަހާރު މޫސުން އައިސްފައެވެ. މިހާރު އެދެމަފިރިން ވޭތުކުރަމުންދަނީ ވަރަށް އުފާވެރި ދިރިއުޅުމެކެވެ. ހުރިހާ ކަމެއް ހަމަޔަކަށް އެޅުމުން އާސިމް އޭނާގެ ވަޒީފާއަށް ނިކުތެވެ. އާދެ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތަށެވެ.
އާސިމް މަސައްކަތުގައި އުލެނިކޮށް އޭނާގެ މޯބައިލް ރިންގ ވާން ފެށިއެވެ. އަވަސް އަވަހަށް ފޯނު ނަގާ ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. މިގުޅަނީ ހަމީދުއެވެ. ލައްކަ ވާހަކަ ހުންނާނޭ މިދެން ކަނތަކާ ޖެހުނީއޭ އާސިމްގެ ހިތަށް އެރިއެވެ. އަދި އޭނާ ހުރި ސަރަހައްދާ ތަންކޮޅެއް ދުރަށް ޖެހިލުމަށްފަހު ފޯނު ރިސީވް ކުރިއެވެ. “ހަލޯ ފޯނު ކަންފަތުގަ ޖައްސާލަމުން އާސިމް ބުނެލިއެވެ. “ބަލާބަ ހުންނަ ވަގުކަން!” ފުރަތަމަވެސް ހަމީދު ވާހަކަ ދައްކަން ފެށީ ދިމާކުރާ ޒާތަށެވެ. “ކިހިނެއްވީ؟” އާސިމް ނޭނގޭ ކަމަށް ހެދިއެވެ. އޭރުވެސް އާސިމްއަށް އަޑި އަޑިން ހެވެއެވެ. “އަދި އެބަ ނޭނގޭކަމަށް ހަދައެއްނު އަހަރެން ލަންކާއަށް ފުރި ވަގުތު އަންގާވެސް ނުލާ މެރީކުށްފަ! އަންހެނުން ގޮވައިގެން މާލެ ނާއްނަން ތިހުންނަނީ….އަހަރެމެނަށް ސައިފޮދެއް ވެސް ދޭން ޖެހިދާނެތީދޯ!” ހަމީދު ބުނެލިއެވެ. ” ނޫނޭ އެހެނެއްނޫން ! އަހަރެން ހަމީދްއާ ގުޅޭތޯ ހާދަ މަސައްކަތެއް ކުރީމޭ ދެން ނުގުޅުނީމަ ކީއްކުރާނީ” އާސިމް ބުނެލިއެވެ. “އެހެންތަވަނީ މަދޯ މިގޯސްވީ!” ހަމީދު ހިނިގަނޑެއް ޖަހާލިއެވެ. “އާނ އެހެންޏަ ފިލައިގެން އުޅޭ މީހުނަކާ ނުއެއްގުލޭނެވިއްޔަ އަހަރެން ދެކެނީ ހަމީދު އެދުވަސް ވަރު ބަލާފަ ހަމަ ފިލީކަމަށް” އާސިމް ބުނެލިއެވެ. ” ނޫނޭ ދެން މަށެއް ނުފިލާނެއެއްނު!…އޭއް ކޮބާ ވައިފް ރަނގަޅުތަ ހުރިހާ ކަމެއް އަޑުއެހިން ބަލިވެ އުޅޭ ވާހަކަ ވެސް” ހަމީދު އަހާލިއެވެ. “އާނ! މިދޭތެރެއިން ވަރަށް ބަލިވެ އުޅުނީ އެކަމަކު މިހާރު އިރާދަފުޅުން ރަނގަޅު” އާސިމް އޭނާގެ އެކުވެރިޔާއަށް އޮޅުން ފިލުވައިދިނެވެ. “އަސްލު ކިހިނެއްވީ؟” ހަމީދު އަނެއްކާވެސް އެހިއެވެ. ހަމީދު މިސުވާލުކުރުމުން އާސިމް ހުރިހާ ވާހަކަ އެއް ކިޔައިދިނެވެ.
ނުނިމޭ
One Comment
Comments are closed.
Nice but too short next part arvaha updatkodaana kama humidhu kuran