ހިތުގާ ފޮރުވާލަދޭށޭ 7 ވަނަ ބައި
” އޯހ… އެހެންތަ؟ މަރުހަބާ! ” ނާސިހާ ޝާނާއަށް ހިނިތުންވުމެއް ރައްދުކުރުމަށްފަހު އިތުރަށް ވާހަކަ ދައްކާކަށް ނަހަދައެވެ. ފިހާރައަށް ވަނެވެ. އެވަގުތު ޔާނާމަތިން ހަނދާންވުމުން އަވަސް އަވަހަށް ޔާނާއަށް ގުޅިއެވެ.
” ނާސިހާ.. ތިހުރީމާލޭގައޭ… ” ޔާނާ ހުރީ އުފަލުން ފޮޅިފައެވެ.
” އާނ…. އަޅެ ޔާނާ މަގޭ ކައިރިއަށް އަންނަންވީނު… ” ނާސިހާ އެދުނެވެ. އޭނާވެސް އެކަނި ހުންނާތީއެވެ.
” ކިހިނެތް ދާނީ… ނާސިހާ ދުވަސްކޮޅަކު މާލޭގަ ހުރެފަ ދާނެ ރަށަށް… ” ޔާނާ އެނދުމަތީ އޮށޯވެލަމުން ބުނެލިއެވެ.
” ތީވެސް ތެދެއް…. އެއީ ދެން އެހެން ބުނެލި އެއްޗެއް ނޫނޭ.. އޭ! ދެން ފަހުން ގުޅާނަން.. މިއުޅެނީ ފޮތިކޮޅެއް ގަނެލަން އައިސް.. ” ކަމުދާ ފޮތިކޮޅެއް ފެނުމުން ނާސިހާ އަވަހަށް ފޯނު ބޭއްވިއެވެ.
ޔާނާ ފޯނު ބޭއްވުމަށްފަހު ހަމަޖެހިލިއެވެ. މިހާރު ގަޑިން ނުވައެއްވެސް ޖަހައިފިއެވެ. މިރޭ މުނާ ނިދަން ނުގެންނާތީ ޔާނާ ސީމާ ކައިރިއަށް ދިޔައެވެ. ކޮޓަރި ދޮރުގައި ޓަކިޖެހުމުން ސީމާ ދޮރުހުޅުވިއެވެ.
” ބޭބެ ޔޯ މިރޭ މުނާކައިރީ އޮންނާނީ… ވާހަކަ ކިޔައިދީގެން ނިންދަވަނީނު އެ. ދެން މިކޮޓަރީގަ ބާއްވާނީ މިރޭ! ދައްތަވެސް ރޭގަ އުނަގަނޑުގަ ރިހޭތީ ނުނިދާ އުޅުނީ . އެހެންވެ މިރޭ ވަރަށް ވަރަށް ނިދި އެބަ އާދެ! ވަރަށް ވަރުގަދަޔަކަށް ނިދާލެވޭނެހެން ހީވަނީ…. ” ސީމާ އާފުރެމުން ބުނެލިއެވެ.
” އެހެންވިއްޔާ އަހަރެންވެސް އޮށޯންނަނީ އިނގޭ! ޝާހުވެސް މިރޭ އޮފީހަށް ދާންޖެހިގެން ނުވެސްކައި ހިނގައްޖެ! ” ޔާނާ ހިނގައިގަތުމުން ސީމާ ކޮޓަރިދޮރުލެއްފިއެވެ
*****************
ގަޑިން މެންދަމު އެކެއްޖަހަނީއެވެ. އަސްލަމް މަޑުމަޑުން އެނދުން ތެދުވެ ސީމާ އާއި ދާދި ގާތުގައި މުނާ ބޭއްވިއެވެ. އެވަގުތު ސީމާ މުނާގައިގައި ބައްދާލުމާއި އެކު ގުގުރި ދަމަންފެށިއެވެ. އަސްލަމު ވަރަށް މަޑުން އަލަމާރި ހުލުވާލުމަށްފަހު ތަޅުދަނޑިފައްޗެއް ނަގާ ހިނގައިގަތެވެ. ސިޓިންގ ރޫމަށް ނުކުމެވުމާއި އެކު އޭނާއަށް ކުއްލި ސިހުމެއް ލިބުނެވެ.
” މިރޭ ވެސް މި ޝާހު މިއިނީ އެ ލެޕުގަނޑު ހިފައިގެން… މި ޝާހަކާ ހެދި މަށަށް މީރު ކެޔޮވަކެއް ކާލެވޭކަށްވެސް ނޯވެ! އޮފީހުގައި އިންނަ މަންޖެގެ ވަސްޖެހުނަސް މަގޭ ބަނޑުފުރޭ.. އެތަނުގަވެސް މި ޝާހު އުޅޭތީ ހަރާން ކަމެއްވާނަމަ.. ގެޔަށް އައިސް ޔާނާ ފެނުނީމަ ވަނީ ބަނޑުހައި…. މިތާވެސް ޝާހު… ” ދަތްކުނޑި ވިކާލަމުން އަސްލަމު ބުނެލިއެވެ. ޝާހު އިނީ ފޭސްބުކަށް ވަދެގެންނެވެ. އެހާ އަވަހަށް ނުތެދުވާނޭކަން ޔަޤީންވިއެވެ.
” ސީމާ ހޭލަންވާއިރަށްވެސް މިކަލޭގެ މިތަނުން ދާކަށް ނޫޅުނު… މިރޭވެސް ކުޅުދިޔާކޮއްލާފަ ރަހަ ނުލިބި ދާންޖެހޭނީ… ” އަސްލަމު ސިއްރުން ފިޔަވަޅެއް އެޅިވަގުތު ފެނުނީ ޝާހު ތެދުވެގެން ދާތަނެވެ. ވީ އުފަލުން ޔާނާގެ ކޮޓަރިއާއި ދިމާއަށް ދުއްވައިގަންނަ ހިތްވިއެވެ.
” އޭ އަސްލަމު އަސްލަމު.. އިހަށް މަޑުކުރޭ.. އަދި އަމާންކަމެއް ނުލިބޭ.. ” އަސްލަމުގެ ޟަމީރު ގޮވަންފެށުމުން އަސްލަމް މަޑުކޮއްލިއެވެ. ފަނަރަ ވަރަކަށް މިނެޓްވުމުން އޭނާގޮސް ޔާނާގެ ކޮޓަރިދޮރުމަތީ ހުއްޓި މަޑުމަޑުން ތަޅުދަނޑި ނެގުމަށްފަހު ތަޅަށްޖަހާ އަނބުރާލިއެވެ. އަރާމު ނިންޖަކުން ނިދާފައިވާ ޔާނާފެނި އަސްލަމުގެ އިސްތަށިތައް ކޮޅަށްޖެހުނެވެ. ދޮރު ލެއްޕުމަށްފަހު ތަޅުލީ ޝަހުވާނީ އެދުންތައް އުތުރިގަތުމުންނެވެ.
” ހާދަހާ އޭ ރީތީ… ” އަސްލަމު ޔާނާގެ ބުރަކަށީ ފިރުމާލުމާއިއެކު ޔާނާ ކޮޅަށް ޖެހުނެވެ.
” ކީއްކުރަނީ މިތާ… ” ބިރުންނާއި އައިސްފައި ހުރި ރުޅިން އޭނާއަށް އެހުނެވެ.
” ހަޅޭއްލަވައިފިއްޔާ އަހަރެންނަށް އެނގޭނެ ހަދާނެ ގޮތް…….. ” އަސްލަމު މިހެން ބުނެ ޔާނާގާތަށް އަންނަން ފެށިއެވެ. ޔާނާގެ މޫނުގައި އަތްޖައްސާލިއެވެ. ވެދާނެ ބޭޒާރަކަށް ރޫޅިދާނެ ދިރިއުޅުމަކަށް ވާނެ ބިކަޙާލަކަށް ނުބަލައި އަޑުގެ ކޮޅަށް ޔާނާ ހަޅޭއްލަވައިގަތީ ގެއްލިގެންދާނެ އަބުރަށްޓަކައެވެ. ޔާނާގެ އަޑާއި އެކު އަސްލަމު އަވަސް އަވަހަށް ދުވެފައި ކަހަލަ ގޮތަކަށް އެ ކޮޓަރިން ބޭރަށް ނުކުމެ ދޮރު ލައްޕާ ތަޅުލިއެވެ. އަދި އަވަސް އަވަހަށް ދޮރުގައި ތަޅަމުން ގޮވައެވެ.
” ޔާނާ ދޮރު ހުޅުވަބަލަ! ކިހިނެތްތަވީ؟ ” ޔާނާގެ ހަޅޭކުގެ އަޑަށް ޝާހު ނުކުތްއިރު މި މަންޒަރު ޝާހަށް ފެނުނެވެ.
” ކިހިނެތްވީ ބޭބޭ؟ ޔާނާ ހަޅޭއްލަވަނީ.. ” ހާސްވެފައި ޝާހުއެއްސެވެ.
” ނޭންގެ ބޭބެ ފެންބޯން ނުކުތް ވަގުތާ ދިމާވީ…” އަސްލަމު ކަހާތާ ހިރުވާވެސް ނުލިއެވެ.
” ޔާނާ…. ހުޅުވަބަލަ! ” ޝާހުގެ އަޑު އިވުމާއި އެކު އޭނާ ބޭނުންވީ ދޮރުހުޅުވާށެވެ. އެހެނަސް އެތާ އަސްލަމު ހުންނާނެތީވެ އޭނާ ގަސްތުގައި ނުހުޅުވީއެވެ.
” ބިރުވެރި ހުވަފެނެއް ފެނުނީ… ދެން މި އޮށޯންނަނީ.. ” ދޮރުކައިރިއަށް ގޮސް ޔާނާ މަޑުމަޑުން ގޮވާލިއެވެ. އޭނާ ދޮރު ނުހުޅުވީ ޝާހުގެ ސުވާލުތަކާ ކުރިމަތި ނުލާންވެގެންނެވެ،
” ކުރުސި ކިޔައިން ނިދާލާ އިނގޭ ދެން.. ” ލޯތްބާއި އެކު ޝާހުވެސް ގޮވާލިއެވެ. އަސްލަމު މަޑުމަޑުން ހިނގައިގަތެވެ.
****************
ޔާނާ ދޮރުބުޑުގައި އިށީނުމަށްފަހު ރޯންފެށިއެވެ.
” އަހަންނަށް މިނޫން ގޮތެއް ނެތީތަ؟ އެއްގެއިން ނެރެލުމުން ދެން ހިޔާވަހިކަން ލިބުނު ގެއިން މި ލިބެނީ ބިރުވެރިކަން…މިގެއިން ނުކުމެގެން ދާންމިޖެހެނީ ދިރިއުޅުމެއް ރޫޅާލާފަ… ނޫން… ސީމާދައްތައަކަށް އެހެނެއް ނަހަދާނަން.. ސީމާދައްތައަށް ހިތާމައެއް ލިބުނަކަ ނުދޭނަން… އެކަމަކު އަހަރެން ދެން މިތާ ހުރުން އެއީ އަހަންނަށް ރައްކާތެރި ގޮތެއްނޫން..”
ޔާނާ ރޮމުން ރޮމުން ކިޔަމުންދެއެވެ. އޭނާ ތެދުވެ ދަބަސްނަގާ އޭނާގެ މަދު ހެދުންކޮޅު ދަބަހަށް އެޅިއެވެ. ޔާނާގެ ހިތްވަނީ ހިތާމައިން ފުރިފައެވެ. ލޯވަނީ ކަރުނުން ދުޅަވެފައެވެ. މޭވަނީ ލަކުނުން ފާރުވެފައެވެ. ސިކުނޑިވަނީ ވިސްނާ ވިސްނާ ބަލިވެފައެވެ. ޔާނާ ނޯޓެއް ލިޔެލުމަށްފަހު މޭޒުމަތީ ބޭއްވިއެވެ. އަދި ފޯންނަގާ ނާސިހާއަށް ގުޅިއެވެ. ފޯނެއް ނުނަގައެވެ. ތިން ހަތަރު ފަހަރު ގުޅުމުންވެސް ފޯނެއް ނުނަގައެވެ. ޔާނާ ހާސްވިއެވެ. މިގޭ މީހުން ހޭލަން ވާއިރަށް ނުކުމެގެން ދާން ކޮންމެހެންވެސް ޖެހޭނެއެވެ. ޔާނާ ކޮޓަރިން ނުކުމެ ސިޓިންގ ރޫމަށް ނަޒަރު ހިންގާލިއެވެ. މީހެއްގެ ހިލަމެއް ނުވުމުން އަވަސްއަވަހަށް ބަދިގެއަށް ވަދެ އައިސްއަލަމާރިމަތީ އޮތް ތަޅުދަނޑިނެގިއެވެ. މައިދޮރު ހުޅުވުމަށްފަހު ގެއިން ބޭރުވިއެވެ.
ޔާނާ ޖެހިލުންވިއެވެ. ގުރޫޕެއް ދިމާކޮއްލަފާނެތީއެވެ. މަންޒިލެއްނެތި ހިނގަމުންދެއެވެ. ކުއްލިއަކަށް އޭނާ ސިހުނީ ފޯން ރިންގުވާންފެށުމުންނެވެ. އަވަސް އަވަހަށް ފޯންނެގިއެވެ.
” ނާސިހާ… ” ޔާނާ ރޯންފެށިއެވެ.
” ކިހިނެތްވީ؟ މިއޮއް ދަންވަރު ގުޅީ…” ނާސިހާގެ އަޑުގައި ނިދީގެ އަސަރު ހުއްޓެވެ.
” އަހަރެންނަށް ހިތާމަތައް ލިބޭ އިރު އަޅާލާ އެކުވެރިޔާ! އަހަރެންނަށް އެހީވެދީ.. ” ޔާނާ ހުއްޓުމެއް ނެތެވެ.
” ކިހިނެތްތަވީ؟ ” ނާސިހާ ހާސްވިއެވެ. ކޮޓަރީގެ ބޮކި ދިއްލާ އޭނާ އެނދުންވެސް ތެދުވިއެވެ.
” އަހަރެން ބަލާ އާދޭ!… ” އަނެއްކާވެސް ޔާނާ ބުނެލިއެވެ.
” ކޮންތާކު ތިހުރީ؟ ” ނާސިހާ އެހިއެވެ.
” ސުނާމީ ބިނާގަ… ޕްލީޒް… މިހާދަންވަރު އަހަރެން ވަރަށް ބިރުގަނޭ.. އެކަމަކު ދާނިވެސް ކޮންތާކަށް… މިއަށްވުރެ މާރަނގަޅުވާނެ މި ކަނޑަށ އެރި މަރުވިޔަސް… ” ޔާނާގެ އަޑުން ނާސިހާވެސް ރޮއްވާލިއެވެ.
” އަހަރެން މިދަނީ ކާރު އައިހާ އަވަހަކަށް… ތިތާ މަޑުކުރާތި އިނގޭ.. ދެރަނުވޭ އަހަރެން އަބަދުވެސް ޔާނާގާތު ވާނަން.. ” ނާސިހާ ފޯނު ބޭއްވިއެވެ.
**************
ހެނދުނުގެ ވަގުތެވެ. ސީމާ ރޮށިފިހެ ނިމުނު އިރުވެސް ޔާނާ އެއް ނުތެދުވެއެވެ. ޔާނާ ބަލީބާއޭ ހިތާ އޭނާ ޔާނާގެ ކޮޓަރިއަށްދިޔައެވެ. ޓަކި ދިނުމުންވެސް ޚަބަރެއް ނުވުމުން ތަޅުގައި ހިފިއިރު ތަޅުނުލާ ހުރުމުން ސީމާ އަވަހަށް އެތެރެއަށްވަނެވެ. ޔާނާ ނެތުމުން ދެފަހަރަކު ގޮވާލުމުންވެސް ފާހާނާއިންވެސް ޖަވާބެއް ނުލިބުމުން ހާސްވެގެން ހިނގައި ގަތް ވަގުތު ލޮލުގައި އަޅައިގަތީ މޭޒުމަތީއޮތް ކަރުދާސްކޯޅެވެ. އެ ނޯޓު ނަގާ ކިޔާލުމާއި އެކު ސީމާގެ ލޮލުން ކަރުނަ ހިލުނެވެ. އެނދުމަތީ އިށީނދެވުނެވެ.
މާގިނައިރު ވިސްނަން ނީނދެ އޭނާ ދިޔައީ ކޮޓަރިއަށެވެ. އޭރު އަސްލަމު ފާހާނާއިން ނުކުންނައެވެ.
” އަސްލަމް! ” ސީމާގެ އަޑާއި އެކު ތުވާލި ނަގަމުން އަސްލަމް ބަލާލިއެވެ.
” ޔާނާ….. ޔާނާ…. ” ސީމާއަށް ނުބުނެވިގެން އުޅޭތީ އަސްލަމް ހާސްވިއެވެ. އެނދުމައްޗަށް ތުވާލި އެއްލާލަމުން ރުޅިވެރިކަމާއި އެކު ބުނެލިއެވެ.
” ޔާނާ ކިހިނެތްވީތަ؟ “
” ޔާނާ ގޮސްފި.. މިގެއިން ދިޔައީ…. އެނގޭތަ ކީއްވެކަން…. ” ކަރުދާސްކޮޅު ދައްކާލަމުން ސީމާ ބުނެލިއެވެ. ސީމާ ހުރީ އެނދުކައިރީގައި ކޮޅަށެވެ. އެކަމާއި މެދު މާބޮޑު ފަރުވާލެއް ނުބަހައްޓާ އަސްލަމު އޮފީހަށްދާން ތައްޔާރު ވަމުންދިޔަ ނަމަވެސް އޭނާގެ ހިތްވަނީ ބިރުގަނެފައެވެ. ސީމާއަށް ހަޤީޤަތް އެނގުނުކަމެއް ނުވަތަ ނޭނގޭކަމެއް އަސްލަމުއަށް ޔަޤީން ނުވާތީއެވެ.
” ދެން އޭނާ އެދިޔައީނު… އޭނަ އައީވެސް މީހަކު ބުނެގެނެއް ނޫނެއްނު.. ދެން އެ ދިޔައީވެސް މީހަކު ބުނެގެނެއް ނޫނެއްނު…. ” ޓައި އަޅަމުން އަސްލަމު ބުނެލިއެވެ. އަސްލަމުގެ ވާހަކަ ހުރިގޮތުން ހައިރާންވެފައި ސީމާ ބުންޏެވެ.
” އެއީ ބޮޑުވެފައި ހުރި އަންހެން ކުއްޖެކޭ…. ” ރޮވިފައިވާ ސީމާ އެހެން ބުނުމުން އަސްލަމްގެ ތުންފަތް މައްޗަށް ވިހަ ހިނިތުންވުމެއް ވެރިވިއެވެ.
” ބޭބޭ! ބޭބޭ… އަވަހަށް ނުކުމެބަލަ އޮފީހަށް ދާން… ” ޝާހު ތައްޔާރުވެގެން އައިސް ސީމާގެ ކޮޓަރިދޮރުގައި ޓަކިޖެހިއެވެ. ޝާހުގެ އަޑަށް ސީމާ އަވަސް އަވަހަށް ނުކުތެވެ. އޭރުވެސް ހަމަޖެހިލައިގެން ހުރެ އަސްލަމު ބޯ އޮމާންކުރަމުންދެއެވެ.
” ކޮއްކޯ،… ޔާނާ ނުކުމެއްޖެ މިގެއިން.. ” ސީމާގެ އަޑަށް ޝާހުގެ މޫނު ޑަބަލްވެގެން ދިޔައެވެ. ސީމާ ރޮވިފައި އެ ނޯޓްކޮޅުދިއްކޮއްލުމުން ޝާހު ކިޔަންފެށިއެވެ.
ލޯބިވާ ދައްތައަށް..
އަހަރެން މިގެއިން ނުކުމެގެން މިދަނީ ދައްތަގެ ގޯސްކަމަކުންނެއް ނޫން… އަހަރެން އަބަދުވެސް ދައްތައަށް ހެޔޮދުޢާކުރަން. ދައްތަގެ ރަނގަޅުކަމާއި މެދު ވަރަށް ބޮޑަށް ޝުކުރުވެރިވަން… އަހަރެންދެކެ ލޯބިވަންޏާ އަހަރެން ހޯދަން މަސައްކަތް ނުކުރުން އެދެން.
ޝާހު ނޯޓްކޮޅު ކިޔުމަށްފަހު ބުނެލިއެވެ.
” ޔާނާ ދާނީ ކޮންތާކަށްދެން؟ ” ޝާހު އަސްލަމު އަންނަންދެންވެސް މަޑެއް ނުކުރެއެވެ. އަވަސް އަވަހަށް ނުކުތެވެ. ސީމާ ހާސްވެފައި ސޯފާގައި އިށީނެވެ.
***********
” އަހަރެންނަމަ ކުދިކުދި ކޮށް ކޮށާލީމުސް… ” ދަތްކުނޑިވިކާލަމުން ނާސިހާ ބުނެލިއެވެ. އޭރު ޔާނާ އޮތީ އެނދުގައި އޮށޯވެލައިގެން ރޯށެވެ. ނާސިހާ ހުރީ އެނދުކައިރީގައި ހިނގާލަ ހިނގާލައެވެ.
” ދެން ރޯނެކަމެއް ނެތޭ…. އޭނައަކަށް އެއްވެސް ކަމެއް ނުކުރެވެއެއްނު…. ދެން އެކަންތައް މަތިން ހަނދާންނައްތާލަބަލަ…. ” ނާސިހާ ޔާނާގެ މަގަތުގައި އިށީނދެލާ އޭނާގެ ބުރަކަށީގައި ފިރުމާލިއެވެ.
” ރޯކަށް ބޭނުމެއް ނޫން. އެކަމަކު ރުޔުމުން ނޫނީ ހިތައް ހަމަޖެހުމެއް ނުލިބޭ… ” މަޑުމަޑުން ތެދުވުމަށްފަހު ފާރުގައި ލެނގިލަމުން ޔާނާ ބުނެލިއެވެ.
” އަހަރެން މިރޭ ފުރަންޖެހޭ… ޔާނާ ކިހިނެތް މާލޭގަ ހުންނާނީ.. ކިހިނެތް ރުފިޔާ ހޯދާނީ… ކިހިނެތް މިތަންތާގެ ކުލި ދައްކާނީ… ” ނާސިހާގެ ސުވާލުތަކުން ޔާނާގެ ސިކުނޑި ތެޅިގަތެވެ.
” ނާސިހާ!… އަހަރެން ބިކަވީތަ؟ އަހަރެންނަށް އަޅާލާނެ މީހަކު ނެތީތަ؟ އަހަރެން ޙާލުގަ ޖެހުނީތަ؟ ” ޔާނާގެ ސުވާލުތަކުން ނާސިހާގެ ދެލޯ ތެންމާލިއެވެ. ނާސިހާ ޔާނާގެ ބޯ ގެނެސް އޭނާގެ ބޮލުގައި ޖައްސާލިއެވެ.
” ދެރަނުވޭ…. ހުރިހާކަމެއްވެސް ރަނގަޅުވާނެ!… އަހަރެންނަށް އެހީއެއް ވެވޭނީ ޔާނާ އަހަންނާއި އެކު ރަށަށް ދިޔައްޔާ… އެކަމަކު އަހަންނަށް އެނގޭ ޔާނާއަށް އެހާ ހިތްވަރެއް ނުލިބޭނެކަން… ” ނާސިހާ ޔާނާގެ ބޮލުގައި އެއް އަތުން ފިރުމާލަ ފިރުމާލަ އިނެވެ.
” އަހަރެން ހުންނާނީ މާލޭގަ…. އަހަރެން ބޭނުންވަނީ މީހެއްގެ އަޅުވެތިކަމުގެ ދަށުގައި އުޅެގެންވިޔަސް ކޮންމެވެސް ދިރިއުޅުމެއް ފަށަން…. ” ޔާނާ އެބުނި އެއްޗެއްގެ މާނަ ފުންކަމުން ނާސިހާއަށް ދެނެއެއްނުގަނެވުނެވެ. ނާސިހާ ޔާނާގެ މޫނަށް ބަލާލިއެވެ. ހައިރާންކަމާއިއެކު ސުވާލުކުރިއެވެ.
” ކީކޭ ތިބުނީ… އަޅުވެތިކަމުގައޭ…. “
ޔާނާ އެނދުންތެދުވެގެން ކޮޅަށް ހުއްޓެވެ.އަދި ދެއަތުން އިނގިލިތައް ފިއްތަމުން ވާހަކަދައްކަން ފެށިއެވެ.
” އަހަރެން މިހާރު ބޭނުމީ ޖަވާޒީ ޙަޔާތެއް ފަށަން.. އަހަރެން މިގޮތަށް ހުރެގެން ބިކަވުން ނޫންކަމެއް ނުވާނެ..! އަހަރެންގެ އާއިލާއެއް ނެތް… އަހަރެންނަށް ނާސިހާ ކައިރިއަށް ތި ރަށަށް ދެވޭކަށް ނެތް… އަހަރެންނަށް ސީމާދައްތަގެ ގޭގައި ހުރެވޭކަށް ނެތް.. އަދި މިހެން އެކަނި ދިރިއުޅެވޭކަށްވެސް ނެތް… މިހިތުގައި އެހެންމީހަކާއި މެދު ލޯތްބެއް އުފެދޭނެ ސާފު ޖާގައެއްވެސް ނެތް… މިހިތްވަނީ ލަކުނުން ކަޅުވެފަ… ހޫނުން މިލާފަ…. ދެން އަހަރެން މީހަކާ އިންނަން ވެއްޖެނަމަ އިންނަންޖެހޭނީ މިހިތާ ދެކޮޅަށް. އެމީހަކު ބުނިހާ ގޮތެއް ހެދިގެން ބުދެއް ފަދައިން… އެއީ އަޅުވެތި ވުމެއް ނޫންތަ؟ “
ޔާނާގެ ވާހަކަތައް އަޑުއަހަން ނާސިހާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޔާނާގެ ހިތް ބަދަލުވެގެން އެދިޔައީ އޭނާއަށް ލިބުނު ހިތްދަތިކަމަށް އެކަނިމާއެކަނި ކެތްނުކުރެވޭނެކަން ޔަޤީންވުމުންނެވެ. ނާސިހާ ޔާނާގެ އަތުގައި ހިފާލިއެވެ.
” ވަރަށް ވަރަށް އުފާވެއްޖެ! އަހަރެން ޔާނާގެ ތިޔަ ނިންމުމާއި މެދު ވަރަށް ހިތްހަމަޖެހޭ… ތިޔަހާ ހިތްވަރެއް ލިބުނުކަމާއިމެދު ފަޚުރުވެރިވެވިއްޖެ! ” ޔާނާ ހިނިތުންވެލިއެވެ. ނާސިހާ ވިސްނުމެއްގައި ހުރެފައި ބުނެލިއެވެ.
” ފަހުދަށް ހަޤީޤަތް ކިޔައިދިނުމުން ޔާނާގާތަށް އަންނާނެ… ” އެވަގުތު ޔާނާގެ މޫނުމަތި މިލާމޯޅިވެގެން ދިޔައެވެ.
” އަދިވެސް މިހިތުގައި ރަސްކަންކުރަމުންދަނީ ފަހުދު… އެކަމަކު އަހަންނަށް ޔަޤީން އޭނާ މިހާރު އުފާވެރި ދިރިއުޅުމެއްގައި ވަގުތުތައް ހޭދަކުރާނެ…އަހަރެން ދެން ބޭނުމެއްނޫން… ބޭނުމެއް ނޫން ” ޔާނާ ނާސިހާގެ އަތުގައި ހިފާލިބޯހޫރުވާލަމުންނެވެ. ނާސިހާ އަދިވެސް ފަހުދު ޝާނާއާއި މެރީކުރަން އުޅޭވާހަކަ ނުބުނެއެވެ. ސަބަބަކީ ޔާނާގެ ހިތައް ކުރާނެ އަސަރު އޭނާއަށް އިނގޭތީއެވެ.
” އަހަރެންކިހާ މޮޔަ… އަހަރެންގެ ނުކުޅެދުންތެރިކަމުގެ މަތިން ހަނދާންކުރުމެއްނެތި މީހަކާ އިންނަ ވާހަކަ މިދައްކަނީ… ” ޔާނާ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. ޔާނާއަށް ވާގޮތްބަލަން ނާސިހާ ހުއްޓެވެ.
” ކާކު ދޯ މަށާ އިންނާނީ…. މަ ކީއްކުރަންތަ މިގޮތަށް ގަނޑަތެޅެން މިއުޅެނީ……… އަމިއްލައަށް މަރުވިއްޔާ ހާދަރަނގަޅުވާނެޔޭ..” ޔާނާ ހުރީ ދޮރުގައި ބޯޖައްސާލައިގެންނެވެ.
” ޔާނާ! ކޮންކަހަލަ ވާހަކައެއްތަ ތިޔަ ދައްކަނީ…… ޔާނާ އެކަނި މިތަނަށް ދޫކޮއްލާފައެއް މަށެއް ނުދާނަން… ހިނގާ އަހަންނާއި އެކު ރަށަށް.. ” ނާސިހާ ޔާނާއަށް ނަސޭހަތްތެރިވެދިނެވެ.
” އަހަރެން ނާސިހާއަށް ވާގޮތެއް ބަލާލީ.. ނާސިހާ މިރޭ ރަށަށް ދިޔައީމަ އަހަރެން ދާނީ ސީމާދައްތަގެއަށް،،، ” ޔާނާ ވިސްނަން ހުރެފައި ބުންޏެވެ.
” އޭނ.. އަނެއްކާވެސް އެގެއަށް.. އުޅޭނެ ނޫޅޭނެގޮތެއް ނޭނގިގެންތަ ތިއުޅެނީ؟ … ނާސިހާ ރުޅިއައެވެ.
” ދައްތައަށް ހަޤީޤަތް ކިޔާދިނީމަ ދައްތަ އުޅޭތަނަކު އަހަރެން ބަހައްޓާނެ… ހެޔޮ އެދިރިއުޅުން ހަލާކުވިޔަސް… ” ޔާނާ ނާސިހާއަށް ފުރަގަސް ދިނުމަށްފަހު ދެލޯމަރާލިއެވެ. އޭނާ ރާވަމުން އެދަނީ ކޮންކަމެއް ބާވައެވެ؟ ނާސިހާއަށް ސިއްރުކުރަނީ ކޮންކަމެއް ބާވައެވެ؟
” ޔާނާއަށް ކިހިނެތްވެފަތަ ތިހުރީ؟ އެ ދިރިއުޅުން ހަލާކު ނުކުރަން އެގެއިންވެސް ނުކުތީ… އެކަމަކު މިހާރު ކީކޭ ތިކިޔަނީ؟… ” ނާސިހާ ޔާނާގެ ކުރިމައްޗަށް އެރިއެވެ.
” އަހަރެންނަށް ބޯހިޔާވަހިކަމެއް ލިބޭނެގޮތަކަށް އަމިއްލަ ފައިދާއަށްވެސް ވިސްނަންޖެހޭނެއެއްނުދޯ… ” ޔާނާ ނާސިހާގެ ބޮލުގައި ޖަހާލުމަށްފަހު ހަމަޖެހޭގޮތްދައްކާލިއެވެ. ނާސިހާ އަދިވެސް ހުރީ ދެބުމަ ގޮށްޖަހައިގެންނެވެ.
*************
ޝާހުގެ މަސައްކަތް ނާކާމިޔާބުވެގެން ގެއަށް އައެވެ.
” ނޭންގެ ދިޔަތަނެއް… ވެދާނެދޯ މާރަނގަޅު ރައްޓެއްސެއް ލިބުނީ ކަމަށްވެސް.. ” ޝަހު ޓައި ނަގަމުން ސޯފާއަށް ޖެހިގަތެވެ،
” ދެން ކީއްކުރާނީ…. ނުހޯދަން ބުނެފައި އޮތީވެސް.. ބޭބެވެސް ނޫޅެ އެއްވެސް ވަރަކަށް އެކަމަކާ… ބޭބެ ބުނީ އަޅާނުލާށޯ.. ” ސީމާ މުނާ ރީތިކުރަން އިނދެ ބުންޏެވެ.
” އާނ ދެން ކީއްކުރާނީދޯ…. ” ޝާހު ހަމަޖެހިލިއެވެ.
” ކޮއްކޮ ދެން އޮފީހަށް ނުދަނީތަ؟ “
” އާނ.. މިޔަދު ދެން ނުދާނަން…. ބޭބެއަށް ގުޅާފަ ބުނެފިން ނުދާނަމޭ…. ” ޝާހުގެ ޖުމުލައިން އޭނާއަށް އަސަރުކޮއްފައިވާކަން ސީމާއަށް އެނގުނެވެ. ސީމާވެސް އިނީ އެހާ ދެރަވެފައެވެ.
ޝާހު އޮފީހުގައި ނެތުމުން އަސްލަމްހުރީ އިންތިހާއަށް އުފާވެފައެވެ. އޭނާ ބޭނުންވީ އެ ރީތި އަންހެންކުއްޖާއަށް އުނދަގޫ ކޮއްލާށެވެ. އެ އަންހެންކުއްޖާ އައިސް އޭނާގެ ކެބިންއަށް ވަނެވެ.
” ކީކޭތޯ ބޮސް… ” ނޫރީން ހިނިތުން ވުމާއި އެކު ބުނެލިއެވެ.
” އަހަރެން ބޭނުންވަނީ ތިކަހަލަ ރީތިކުދިން މި އޮފީހުގައި މަސައްކަތް ކުރަން… އަދި ސުޕަރ މާކެޓްގެ ސޭލްސް އިތުރު ވާނީ އެތާވެސް ތިކަހަލަ ކުދިން ތިއްބިއްޔާ ދޯ! ” އަސްލަމު ނޫރީންއަށް ތަޢުރީފް ކުރުމުން ނޫރީން އިނީވަރަށް އުފަލުންނެވެ. އަސްލަމު މޭޒުކައިރިން ތެދުވެ ނޫރީން އިށީންދެ އިން ގޮނޑިކައިރިއަށް ގުދުވެލިއެވެ.
” އަހަރެންގެ ޕަރސަނަލް ސެކްރެޓަރީއަށް ވުމަށް އެދެނީ ނޫރީން.. އެއީ އަހަރެންނަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް. މުސާރަވެސް ބޮޑުކޮއްދޭނަން.. ” އަސްލަމުގެ މަސްތުވީ ލޮލުން ނޫރީންގެ ލޮލަށް އައްޔެއް ދޫކޮއްލީ ނޫން ކަމެއްވެސް ނޭންގެއެވެ. އަވަސް އަވަހަށް ނޫރީން ބޯޖަހާލިއެވެ. އަސްލަމް ތެދުވެ ނޫރީންގެ ބޮލުގައި ފިރުމާލިއެވެ. ނޫރީން އިނީ ވަރަށް ހެވިފައެވެ.
” އަހަރެންގެ ގެ ވަރަށް ބޮޑުވާނެ.. އެހާ މުއްސަނދި ދިރިއުޅުމަކަށް އަހަރެންގެ އަނބިމީހާ ގެނައީމަވެސް އޭނާ އެ ހުންނަ ރާއްޖެތެރޭގެ ކަޓު ގޮތްގަނޑެއް ނުކެނޑޭ.. ގޭގަ ނުކައްކާ ރެސްޓޯރަންޓް ތަކުން ކާށޭ ކިތަންމެ ފަހަރަކު ބުނިން.. އެއްޗެހި ދޮވެ ހަދަން ނޯކަރުން ގެއަށް ގެންނަންވެސް ކިތަންމެ ފަހަރަކު ބުނިން.. އަދިވެސް އޭނާ އެއްބަހެއް ނުވެ. އެހެންވެ ގެއަށް ދާކަށްވެސް އަހަރެން ބޭނުމެއްނުވެ! އަހަރެން އަސްލު ބޭނުންވަނީ ތިކަހަލަ ފެޝަނަށް ލޯބިކުރާ ކުދިން. ”
އަސްލަމުގެ ވާހަކަ އަޑު އަހަން ނޫރީން އިނީ ވަރަށް ހަމަޖެހިގެންނެވެ. ވާނީވެސް އެހެންތާއެވެ. ބޮސްގެ ޕަރސަނަލް ވާހަކަ ދައްކަނީއެވެ. އަސްލަމްއަކީ ބަލާލަން ހުތުރުވެސް މީހެއް ނޫނެވެ. ހޭންޑްސަމް ގޮތެއް ހުރެއެވެ. މިހާރުގެ އަންހެން ކުދިންނަށް މުއްސަނދިވިއްޔާ އެ ނިމުނީ ނޫންތޯއެވެ. ނޫރީން އަކީވެސް މުއްސަނދިކަމަށް ލޯބިކުރާ ކުއްޖެއްކަން ގައިމެވެ.
” މިއިން އެއްވެސް ވާހަކައެއް ނުދައްކައްޗެ އިނގޭ! ބޮސްގެ ޕަރސަނަލް ކަންތައްތައްވީމަ ދޯ..ތީ މިހާރު ގާތް ކުއްޖެއް ކަމުން ބުނެލީ!… ” އަސްލަމް އަނެއްކާވެސް ގޮނޑީގައި އިށީނެވެ.
އޭނާ ބޭނުންވަނީ މިހާރުވެސް ކުރިމަތީ އިން ކެޔޮވަށް ރޮލާ ނަމަވެސް ނަޅާލާށެވެ. އެކަމަކު އެހާ އަވަސް އަރުވާލައިފިނަމަ އަތްލެވުނަސް އަތަށް ޗަސް ވެދާނެތީ ކެޔޮވަށް ދޮންކުރުމަށް ވަގުތު ދޭން ބޭނުންވިއެވެ. ހެވިލާފައި އިން ނޫރީން ފެންނަ އިރަށް އަސްލަމުއަށް ވާގޮތެކެވެ. އޭނާއަށް ގޯހެއް ހެދިދާނެތީ އަވަހަށް ފޮނުވާލަން ބޭނުންވެގެން މިވަގުތު ދިޔުމަށް އެދުނެވެ.
**********************
ފަހުދާއި ޝާނާގެ ކައިވެނި ކުރެވިއްޖެއެވެ. ޝާނާހުރީ އުފަލުން ފޮޅިފައެވެ. ފަހުދު އުފާވެފައި ހުރިގޮތް ދެއްކި ނަމަވެސް އޭނާގެ ހިތް ވިރެމުންދެއެވެ. މަންމައަށްޓަކައި ކުރި ކައިވެންޏާއި މެދު އޭނާ މުޅިން ހިތްހަމައެއް ނުޖެހެއެވެ. އޭނާގެ ހިތްވަނީ ޔާނާއަށް ދެވިފައެވެ. އެހިތް ޔާނާ އޭނާއަކަށް އަނބުރާ ދީފައި ނެތުމުން ޝާނާއަށް އެހިތް ދެވޭނެތޯ ސިކުނޑި އިރުއިރުކޮޅުން ފަހުދާއި ސުވާލުކުރެއެވެ. އެހެންކަމުން ފަހުދުވަނީ ވަރުބަލިވެފައެވެ.
އާމިރު އާއި ފަހުދު އަދި ޝާނާ ހުރީ ފުޑްބޭންކް ދޮރުމަތީގައެވެ. ކައި ނިމިގެން އޮފީސްގުރޫޕްވެސް ގޮސްފިއެވެ، މޯޅިއަކަށް ދެމިލުމަށްފަހު އާމިރު ބުންޏެވެ.
” އޯހ … މިރޭ އޮތީ ކޮންކަމެއްތަ؟ “
” އޭނ ކޯއްޗެއްކިޔަން އަނެއްކާ ތިއުޅެނީ… ” ފަހުދު ރުޅިމޫނުހަދާލިއެވެ. އޭރު ޝާނާ ހުރީ އައްޓަމަހެއް ހެން ފަހުދުގެ ގައިގައި ތަތްވެގެންނެވެ.
” މަވާ އެއްޗެއް ނުކިޔަންތާ….. މާ ލަދެއް ގަންނާނެ ކަމެއްނެތް…. ” އާމިރު ސައިކަލަށް އަރަމުން ދިމާކޮއްލިއެވެ.
” ދެން ބެސްޓް އޮފްލަކް ޝާނާ! ” އާމިރު ނައްޓާލަމުންވެސް ބެލީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ދިމާކޮއްލެވޭތޯއެވެ. ފަހުދު ހިނގައިގަތީ ސައިކަލަށް އެރުމަށެވެ.
” ރޫމަށް ދާންވީނު ދެން…… ” ޝާނާ އެދުނެވެ. އޭނާ ސައިކަލްގައި އިންނައިރު ހީވަނީ ފަހުދުގެ ބުރަކަށިމަތީ ބޮޑު ދަބަހެއް އަޅުވާފައި އިންނަހެނެވެ. އެދެމެދުގައި ކުޑަ ޖާގައެއްވެސް ދޫކޮއްފައެއް ނެތެވެ.
” ދުއްވާލާފަ ދާނީ…… ” ފަހުދު ހުރީ ރޫމަށް ދާން ބޭނުންނުވެފައެވެ.
********************
ގަޑިން 12 ޖަހައިފިއެވެ. ނާސިހާ ބޯޓަށްދާންޖެހޭގަޑި ކައިރިވަނީއެވެ.
” އަހަރެން ދަނީ ފުރަން… މާދަމާ 12 ޖަހާއިރުޖެހޭނެ ރޫމުން ނުކުންނަން…ސީމާދައްތަމެންގެ ގެއަށް ދާވާހަކަ ބުނީމެއްނު.. މިތާ އެކަނި މަޑުނުކޮށް ދާތި އިނގޭ ” ނާސިހާ ފޮށިހިފައިގެން ރޫމުން ނުކުންނަމުން ބުނެލިއެވެ. އޭރު ޔާނާ ނާސިހާގެ އެއް އަތުގައި ހިފައިގެން ހުއްޓެވެ. ދެރަވެފައެވެ.
” އަން! މިއޮތީ 1000ރުފިޔާ! މީތި ބާއްވާ! ” ނާސިހާ ވޮލެޓުން ފައްސަތޭކައިގެ ދެގަނޑުނަގާ ދިއްކޮއްލިއެވެ. ޔާނާ ނާސިހާ ދިއްކޮއްލި އަތުގައި ހިފާ ނާސިހާގެ އަނެއް އަތުގައި ޖައްސާލިއެވެ. އަދި ނާސިހާގެ ގައިގައި ބައްދާލަމުން ބުންޏެވެ.
” ނޫން،،، ތި ބާއްވާ! ހިތްހެޔޮކުރާތި.. ދެން ނޭނގެ ފެންނާނެކަމެއް.. ” ޔާނާގެ ލޮލުން އަންނަ ކަރުނަތައް ސިއްރުން ފޮހެލުމަށްފަހު ނާސިހާގެ ކޮނޑުން ބޯނަގާ ބަލާލިއެވެ.
” އަދި އިރާދަކުރެއްވިއްޔާ ބައްދަލުވާނެ…. ދެން މީގަ ހިފާބަލަ! ” ނާސިހާ ޔާނާގެ އަތަށް ކޮއްޕާލަމުން ބުނެލިއެވެ.
” ސީމާ ދައްތަގެ ގެއަށް ދާތީ ރުފިޔާ ބޭނުމެއްނުވާނެ! ” ޔާނާ ދުރަށް ބަލާލަމުން ބުނެލިއެވެ. ނާސިހާ ހިނިތުންވެލިއެވެ.އަދި ބޭރަށް ނުކުންނަމުން ބުނެލިއެވެ.
” ދެން ނިދާލާ! ކާރު އައީމަ ދާންވީދެން.. ގުޅާނަން ގޮސް.. ” ނާސިހާގެ ޖުމުލަ ހުއްޓުނީ ދޮރުމައްޗަށް ހުއްޓާލި ކާރުފެނުމުންނެވެ. ނާސިހާ އަތުން ހަނާއަޅާލަމުން ކާރަށް އެރިއެވެ. ކާރު ލޯމަތިން ގެއްލެން ދެން ޔާނާ ބަލަން ހުއްޓެވެ. އޭނާގެ ލޮލުން ކަރުނަ އޮހޮރިގަތީ އޭނާ އާއި މެދު އެންމެ ހިތްހެޔޮ މީހާވެސް ލޯމަތިން ގެއްލުމުންނެވެ. ނާސިހާ ދިޔުމާއި އެކު ޔާނާ ފުންނޭވާއެއް ދޫކޮއްލިއެވެ.
ޔާނާ ކޮޓަރިއަކަށް ނުވަދެއެވެ. އޭނާ ހިނގައިގަތީ ބޭރަށެވެ. ލަސްފިޔަވަޅުތަކެއްގައި އޭނާދާއިރު މޫނުމަތިން ފާޅުވަނީ ދުނިޔެއަށް ކުރާ ނަފްރަތެވެ. އޭނާ މިރޭ ލައިގެން އެހުރީ ފަހުދަށް އެންމެ ރީތި ހެދުމެވެ. ދަނބުކުލައިގެ ޕާކިސްތާނުހެދުމެކެވެ. އިސްތަށިގަނޑުވަނީ ދޫކޮއްލާފައެވެ. މިހާ ރީތި ކުއްޖަކު މިގަޑީގައި ބޭރުގައި އުޅެނިކޮށް ގުރޫޕަކަށް ފެނިއްޖެނަމަ ދުލެއްނުކުރާނެއެވެ. ހެވެ. ޔާނާއަށް ފަރުވާލެއްނެތެވެ. ބިރެއްވެސް ނުގަނެއެވެ. އޭނާ ތައްޔާރުވަމުން އެދަނީ މާ ބޮޑުކަމަކަށެވެ. ލަސްފިޔަވަޅުތަކާއި އެކު އޭނާގެ ކުރިމަތިން އޭނާއަށް ފެންނަމުންދާ މަންޒަރުތަކަކީ ފަހުދާއި އޭނާގެ ލޯބީގެ ދުނިޔޭގެ މަންޒަރުތަކެވެ. ހިތައް ކެތްނުކުރެވިގެން އެހެން ދިމާލަކަށް ބެއްޔަސް ފެންނަނީ ހަމަ އެމަންޒަރުތަކެވެ. ޔާނާގެ ފިޔަވަޅުތައް އަވަސްކުރިއެވެ. ގޮއްމުށްކަވައިގެން ހުރެ ހިނގަމުން ދެއެވެ. ބާރު ހިނގުމެއްގައި ގޮސް އޭނާ ހުއްޓުނީ ޓްރެކް ސަރަހައްދުގައެވެ. އޭނާ ބަލާލީ މާސިންގާ ބޮޑުކަނޑަށެވެ. އެއީ އެވެ. ޔާނާގެ މަންޒިލަކީ އެއީއެވެ. ބޭނުންވަނީ އެގޮތެވެ. ދުނިޔެ ދޫކޮއްލާށެވެ. ލޮލުން ކަރުންތައް ފޫދެމުންގޮސް ކޯތާފަތް ފިއްސާލިއެވެ. މީހާ ދާހިއްލާ ފޯވާންފެށިއެވެ. ނާސިހާއަށްވެސް އޮޅުވާލުމަށްފަހު އޭނާ އެއައީ މަރާ ހަނގުރާމަކުރުމަށެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ޔާނާއަށް ފަތާކަށްވެސް ނޭނގެއެވެ. ފުންމާލައިފިނަމަ އަޑިއަށްގޮސް ގެނބިގެން މަރުވާނެކަން އޭނާއަށް އެނގެއެވެ. ސިކުނޑި ވިސްނައިދެނީ ކުރަން އުޅެނީ ގޯސްކަމެއްގެ ގޮތުގައެވެ. ނަމަވެސް ޔާނާ އެގޮތް ޤަބޫލުކުރަން ބޭނުން ނުވެގެން އެތަނުން ދުރަކަށް ނުދިޔައެވެ. އޭނާ ބޭނުންވަނީ އޭނާއަށްޓަކައި އަނިޔާވެރިވި މިދުނިޔެއިން އޭނާގެ ވަސްވެސް ފިލުވާލުމަށެވެ.
2 Comments!
Comments are closed.
oh my god!!!! wat is gng 2 happen nxt??? 😀
alhey…. maru nuvahchey plxxx… vaahaka v v salhi, waiting 4 d next, hop to ryd soon