އުމުރަށްވެސް އެކީގައި ވާނަމޭ…..12
ފަރީނާ ޒާހިދާ ދެއްކި ވާހަކަތައް މަތިން ހަނދާންކޮށްލިއެވެ. “ފަރީ..ދައްތަ ބުނާ ގޮތަކަށް ހަދާ….ދަތުރު ކޮންމެހެން ހަދާފަވެސް ދާންވާނެ…ތިއީ ދައްތަ ފަރީއަށް ހުޅުވައިދިން ފުރުސަތެއް ކަމަށް އަބަދުވެސް ހަނދާން ކުރާތި އިނގެ…ލުފްޝާން އާއި ނުހާ އުޅޭ ގޮތަށް ބަލަން ހަދާނެ ކަމެއް ނެތް…. ފަރީ އުޅޭނީ ދައްތަ ބުނި ކަންތައް ކުރަން އިނގެ…” ޙިޔާލަކަށް ގެއްލިފައިހުރި ފަރީ ސިހިގެން ދިޔައީ ނުހާ ހަޅޭއްލަވައިގައިން އަޑަށްށެވެ. އޭރު ނުހާ އޮތީ ލުފްޝާންގެ އަތު ތެރޭގައެވެ. ލޯންޗަށް އަރަން އުޅުމުގެ ތެރޭގައި ފައި އަރިއަޅާލީއެވެ. އެހެންނަމަވެސް ލުފްޝާން އެކަމަށް ހުށިޔާރު ވެގެން ހުރި ފަދައެވެ. ނުހާ ވެއްޓުނީ ލުފްޝާންގެ އަތަށްށެވެ. ފެންނަ ފެނުމަށް ވަރަށް ފިލްމީއެވެ. ލުފްޝާން ނުހާ އޭނާގެ އަތްމަތިން ނަގާކަށްވެސް ނޫޅެއެވެ. ނުހާގެ ދެލޮލަށް ބަލަން ހުރެވުނީއެވެ. އެތަނުގައި އެހެން މީހަކު ހުރިކަމެއްވެސް އެދެމީހުންނަށް ނޭނގޭ ކަހަލައެވެ. ކައިރީގައި ހުރި ހާފިޒް ނޭނގޭ ކަމަށް ހަދާފައި ކަރު ކެހިލިއެވެ. އެވަރަކުން ލުފްޝާން މެންނަކަށް ރޭކާވެސް ނުލިއެެވެ. އެދެމީހުން ހީވަނީ ފަރުމާ ކޮށްފައި ހުރެ ބުދެއް ހެންނެވެ. “ހޫމމމ…ދެން ތިފިލްމްގެ އަނެއްބައި ބަނޑޮހަށް ގޮސް ކުޅޭނީ….ކަޓް ކަޓް….” އެންމެ ފަހުން ހާފިޒްއަށް ނުހުރެވިގެން ލުފްޝާންގެ ބުރަކަށީގައި ޖެހިއެވެ. ލުފްޝާން ދިޔައީ ސިހިގެންނެވެ. އަވަހަށް ނުހާ ކޮޅަށް ބެހެއްޓިއެވެ. “ކޮބާ އަދިވެސް ނާރަންތަ….އަވަސް ކުރޭ…އާދޭ ނުހާ އަވަހަށް ލޯންޗަށް އަރަން…” ބޯ ކަހާލަމުން ލުފްޝާން ނުހާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ” އަވަސް ކުރާށޯ…އަހަރެން ކިތަންމެ އިރެއް މިތާ ލޯންޗަށް އެއްފައި ލައިގެން ހުންނަނީ…އަހަންނަށް ކިހިނެއް އެނގޭނީ ތިމީހުން މިތަނަށް އައީ ފިލްމް ކުޅެން ކަމެއް…ދެން މިހުރީ ޝާމިލް…އަދި މިޝާމިލްވެސް ލޫއްޕެއަކަށް އެންމެ ތަންކޮޅެއްވެސް ދުލެއް ނުކުރޭ….” ހާފިޒް ލުފްޝާންނާއި ދިމާކުރަން ފެށުމުން ނުހާ ލަދުގަތެވެ. ފަރީނާވެސް ރަކިގޮތަކަށް ހީލަމުން ޝާމިލް އާއި ދިމާލަށް ބަލައިލިއެވެ.
ކުޑަބަނޑޮހަށް ދެވެންދެން ލޯންޗްތެރޭގައި އެމީހަކަށް ޖެހުނު ސަކަރާތެއް ޖެހިއެވެ. ފަރީނާ އިނީ ވަރަށް ހިތްހަމަ ޖެހިފައެވެ. އެދުވަސް އެއްކޮށް ކަހަލަ ގޮތަކަށް ލުފްޝާން އާއި އެކު ހޭދަކޮށްލަން ލިބޭނެތީއެވެ. އެހެން އިނދެފައި ޝާމިލްއަށް ވެސް ފަރީނާ ދިޔައީ ކަޅި އަޅަމުންނެވެ. ޝާމިލްވެސް ސަކަރާތުގެ ތެރެއިން އިރުއިރުކޮޅާ ފަރީނާ އާއި ދިމާލަށް ވައްކަޅިން ބަލައިލައެވެ. މިކަން ވަރަށް ރަނގަޅަށް ހާފިޒް ފާހަގަ ކުރަމުން ދިޔައެވެ.
ކުޑަބަނޑޮހަށް އެކުދިން ބާލުވާފައި ލޯންޗް ނައްޓާލީ ހަވީރު ފަސް ގަޑި ފަނަރައަށް ބަލައި އަންނާނެ ކަމުގެ ޔަޤީންކަން ދީފައެވެ. ކައްކަން ގެނައި ސާމާނުތައް އެއްގަމަށް އެރުވުމަށް ފަހު ލުފްޝާން ވަށައިގެން ހޯދާލީ ގެނައި ޓެންޓް ޖަހާނެ ރަނގަޅު ސަރަހައްދެއް ފެނޭތޯއެވެ.
“ގެނެ ތިފޮށި ގެންގޮސްދޭނަން….” ފަރީނާ ވެލިގަނޑުމަތީގައި ހުރި ތެލިތައް އަޅާފައި ހުރި ފޮށިގަނޑު ގެންދަން އުޅެނިކޮށް ޝާމިލް އައިސް ގުދުވެލާފައި ބުންޏެވެ. އެވަގުތު ޝާމިލްގެ އަތުގައި ފަރީނާގެ އަތް ބީހިލިއެވެ. ޝާމިލްއަށް ފަރީނާ އާއި ދިމާލަށް ބަލައިލެވުނެވެ. އެހާ ކައިރިން ފަރީނާ ފެނުމުން ޝާމިލްގެ ހިތް ބާރަށް ތެޅިގަތެވެ. ފަރީނާ ޝާމިލްއަށް ބަލާލަމުން ހީލިއެވެ.
“ޝާމިލް…މި ވަރަށް ބަރު…އާދެބަލަ…ހެލްޕް މީ ޝާމިލް…” ޝާމިލްމެންގެ ފަހަތުން ހާފިޒް އައީ އެންމެ ތައްޓެއް ހިފައިގެންނެވެ. އެހެންނަމަވެސް އޭނާ އެތަށި ހިފާފައި ހުރީ ވަރަށް ބަރު އެއްޗެއް ހިފާފައި ހުރި ފާޑަކަށްށެވެ. ވަކި ހިސާބަކަށް އައިސް އެތަށްޓާއި އެކު ބަނޑުވަތަށް ވެލިގަނޑު މައްޗަށް ވެއްޓުނެވެ. ހާފިޒް އެކަންކުރީ ޝާމިލްއަށް ޖެއްސުމަށްށެވެ. ހާފިޒްގެ ވެއްޓުނު ގިޮތުން ނުހާ ވަރަށް ބާރަށް ހީންގަތެވެ. ނުހާ ހޭންފެށުމުން ލުފްޝާންއަށް ހުރެވުނީ ނުހާ އާއި ދިމާލަށް ބަލާށެވެ. އެވަގުތު އެސްފިޔަ އަކީވެސް ލުފްޝާންއަށް ބޭކާރު އެއްޗެއް ކަހަލައެވެ. އޭރުވެސް ނުހާ އަނގަމަތީގައި އަތް އަޅައިގެން ހުރެ ހަމަ ހެނީއެވެ. އިރުކޮޅަކުން މީހަކު ބަލާހެން ހީވެގެން ނުހާ އެއްފަރާތަކަށް ބަލައިލިއެވެ. އޭރު ލުފްޝާން ހުރީ ނުހާ އާއި ދިމާލަށް ބަލާށެވެ. ލުފްޝާން ހުރީ ވެސް ވަކި ވަރަކަށް ހިނި އައިހެވެ. ނުހާ ހެނުން ހުއްޓާލަމުން އިސް ދަށަށް ޖަހާލިއެވެ. ” ކީއްވެ ތިހުއްޓާލީ…ނުހާ ހޭތަން ފެނުނީމަ މިހިތަށް ހާދަ ހިތްހަމަ ޖެހުން ލިބޭ… ނުހުއްޓަބަލަ….” ލުފްޝާން މަޑުމަޑުން ނުހާގެ ގާތަށް އަންނަން ފެށިއެވެ. ލުފްޝާން ކައިރިވަމުން އަންނަ ވަރަކަށް ނުހާއަށް ފަހަތަށް ފިޔަވަޅު އެޅެން ފެށުނެވެ. ލުފްޝާންގެ ފިޔަވަޅަސް ހުއްޓުމެއް އެރީ ހާފިޒްގެ އަޑުންނެވެ. “އަނެއްކާ…ލޫއްޕޭ…ދެން އަހަރެމެން ކީއްކުރަންތަ ގެނައީ…ސޮރީ އަހަރެން… މިޝާމިލްވެސް އަދި ލޫއްޕެ އުޅޭ ގޮތަށް އުޅެން ވެގެން….” ހާފިޒް ޝާމިލްއާއި ދިމާލަށް ބަލައިލަމުން ރުޅި މޫނު ހަދާލިއެވެ. “ހާފިޒް..ތި ހީކުރާ ކަހަލަ ގުޅުމެއް ނޫނޭ އަހަރެމެން ދެމެދުގަ އޮތީ ދޯ ޝާމިލް…..” ފަރީނާ ޝާމިލްއަށް ދޯ ދިނެއެވެ. ފަރީނާ ފުރަތަމަ ފަހަރަށް ޝާމިލް އާއި ވާހަކަ ދެއްކުމުން ޝާމިލް އިރުކޮޅަކު ފަރީނާއަށް ބަލަން ހުރެފައި ހީލަމުން ބުނެލިއެވެ. ” ހާފިޒް…ފަރީ އެބުނީ ތެދެކޭ…އެކަހަލަ އެއްވެސް ގުޅުމެއް އަދި އަހަރެމެން ދެމީހުންގެ މެދުގައެއް ނެތޭ…” ޝާމިލް ހާފިޒްގެ ކޮނޑުގައި އަތް ބާއްވާލިއެވެ.”ކީކޭ…އަދި…އަދި…މާނައަކީ އަދި ނުވިޔަސް ފަހުން…..” ލުފްޝާން އެހެން ބުނުމުން ޝާމިލް ބިންމަތިން ވެލި މުށެއް ނަގަމުން ލުފްޗާން ފަހަތުން ދުއްވައިގަތެވެ.
ޓެންޓް ހެދުމުގައި ލުފްޝާން އާއި ހާފިޒް އުޅެއެވެ. ޝާމިލް އެބައަންނަމޭ ކިޔާފައި ނުހާ ގާތަށް ދިޔައެވެ. ނުހާ އަވަސް އަރުވާލާފައި އުޅުނީ ކެއްކޭނެ ގޮތަކަށް އުނދުނެއް ހެދޭތޯ އެވެ. ފަރީނާ އިނީ ލަކުޑި ގަނޑެއް މަތީގައި ތަށްޓަކަށް ފިޔާ ކޮށާށެވެ. “ނުހާ…”ޝާމިލް ނުހާ ކައިރީގައި އެއްފައި މައްޗަށް އީށީންނަމުން ގޮވާލިއެވެ. “ހޫމމމ…ހާދަ ހީވޭ ކަމަކުހެން…” ޝާމިލް ނުހާއަށް ގޮވާލިގޮތުން އަހާލިއެވެ. ޝާމިލް ބޯކަހާލަމުން ވަރަށް ނުބުނަން އުޅެފައި ވެސް އޭނަގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. ” ނުހާ… އަހަންނަށް ފަރީ ވަރަށް ކަމުދޭ….އެކަންތައް ކޮށްދޭންވީނު….” ޝާމިލް އެހެން ބުނި އިރު އިނީ ލަދުން މަރުވާ ވަރުވެފައެވެ. ޝާމިލް އެހެން ބުނި އަޑު ފަރީނާއަށް ކިތަންމެހާވެސް ރަނގަޅަކަށް އަޑު އިވުނެވެ. އެހެންނަމަވެސް އޭނާ އިނީ ނޭގޭ ކަމަށް ހަދާލައިގެންނެވެ. ފިޔާކޮށަން އިންއިރުވެސް އިނީ ފާޑަކަށް ހެވިފައެވެ.
ނުހާ ޝާމިލް އާއި ދިމާލަށް ބަލައިލީ ދެލޯ ބޮޑުކޮށްލަމުންނެވެ. “އަސްލުވެސް…އޭރުވެސް ޝައްކުވިއޭ….އެކަމަކު ސޮރީއޭ ބުނެވޭނީ…އަހަރެން މީހުންނަކަށް ތިކަހަލަ ކަންތަކެއް ކޮށްދީއެއް ނޫޅެން….ޝާމިލް އަމިއްލައަށް އޭނަ ގާތު ތިވާހަކަ ދައްކާ… އެހެންނޫނަސް ހާދަ އަވަހަކަށް ތިކަން ކުރަން ތިއުޅެނީ….ޝާމިލް އަކަށް އަދި ރަނގަޅަކަށް ފަރީ ނުވެސް އިނގޭނު…ދެން..” ޝާމިލް ކަރު އެލުވާލަމުން ބުންޏެވެ. ” އަވަސްކަންވެސް އިނގޭ… އެކަމަކު އަންހެން ކުއްޖަކު ފެނިގެން ދުވަހަކުވެސް މިހާވަރަކަށް އުނދަގުލެއް ނުވޭ…ނުހާ އަޅެ ޕްލީޒް… ހަމަ އެކަނި ފަރީ ގާތު އަހައިދޭންވީ….” ޝާމިލް ދެރަވެފައި އިންގޮތުން ނުހާ ކުޑަކޮށް ވިސްނާލަން އިނުމަށްފަހު ބުންޏެވެ. “ޝާމިލް…އަހަންނަށް ފެންނަ އެއްޗެއް ބުނަންތަ…އަދި އެކަހަލަ ގުޅުމަކަށް ދާން އަދި އަވަސް…ޝާމިލް ފުރަތަމަ ފަރީ އާއި ގާތް ރަޙްމަތްތެރި ކަމެއް ބާއްވަންވީނު….އޭރަށް މަޑުމަޑުން ފަރީގެ ކަންތައްތައް އެނގި ތިގުޅުންވެސް ގާތް ވަމުން ދާނެއެއްނު….” ނުހާ ހީލިއެވެ. ފަރީނާއަށް އެދެމީހުން ދައްކަމުން ދިޔަ ވާހަކަތައް ވަރަށް ސާފުކޮށް އިވެއެވެ. ނުލަފާ ފާޑަކަށް ހީލަމުން ލުފްޝާން އާއި ދިމާލަށް ބަލައިލިއެވެ.
ޓެންޓް ހަދާ ނިމުމުން ލުފްޝާން ޝާމިލް ކޮބައިތޯ ވަށަައިގެން ހޯދާ ބަލައިލިއެވެ. ޝާމިލް އިނީ ނުހާ ކައިރީގައެވެ. ނޭނގި ނަމަވެސް ޝާމިލްއަށް އިނދެވުނީ ނުހާ އާއި ދާދި ގާތުގައެވެ. ޝާމިލް އާއި ނުހާ ވާހަކަ ދައްކަމުން ދިޔައިރު އިރުއިރު ކޮޅާ ނުހާ ޝާމިލް އާއި ދިމާލަށް ބަލައިލައެވެ. ޝާމިލް ނުހާ އާއި އެހާ ގާތުގައި އިނުމުން ލުފްޝާން އެމީހުންނަށް ބަލާކަށް ކުޅަދާނައެއް ނުވިއެވެ. އެކަމާ އަޅާ ނުލަން ވެގެން ޓެންޓް ތެރެއަށް ވަދެ އެތެރޭގައި ހުރި ވެލިތައް ފޮޅަން އުޅުނެވެ. ފަރީނާ އަށް މިހުރިހާ މަންޒަރެއްވެސް ފެނުނެވެ. އޭނާއަށް މިދަތުރު ވެގެން ދާނީ އޭނާގެ ޙަޔާތުގައި ވާނެ އެންމެ އުފާވެރި ދަތުރު ކަމުގައި އޭނާގެ ހިތުގެ އަޑިން އެދެމުން ދިޔައެވެ.
-ނުނިމޭ-
2 Comments
Comments are closed.
އޭ ޒެން މިހާރު އީމެއިލް އެއްވެސް ކޮއްނުލާ ! ރުޅި ވީތަ ؟ ޖަވާބު މެއިލް ކޮއްލާ ! ނުކުރިއްޔާ ދެން ބަލާނީ ރުޅި ވީ ކަމަށް.
SALHI