އުމުރަށްވެސް އެކީގައި ވާނަމޭ…..12
ފަރީނާ ޒާހިދާ އާއި ދިމާލަށް ބަލާލަމުން ކަނާއަތް މުއްކަވާލަމުން ބޮޑުވައި އިނގިލި ޒާހިދާއަށް ދައްކާލިއެވެ. ދެވަނަ ސިކުންތުގައި އެދެމީހުންގެ ތުންފަތުގައި ދުވެލީ ނުބައިވެގެންވާ ހިނިތުންވުމެކެވެ.
“ނުހާ…ދެންދޭ ފެންވަރައި ހަދާލައިގެން އަންނަން…މަންމަ ހުންނާނެ ނުހާއަށް އެންމެ މީރު ގޮތަށް ޕާސްތާ ހަދާލާފަ…ހަމަ ދަރިފުޅަށް ޙާއްސަކޮށްފަ…” ޒާހިދާ ނުހާގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ. ނުހާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލަމުން ހީލިއެވެ. ނުހާ ގޮސް ކޮޓަރިއަށް ހަމަ ވަނުމާއިއެކު ޒާހިދާ ފުން ނޭވާއެއްލަމުން ސޯފާއިގައި އިށީނެވެ. “ފަރީ އާ ބުނާކަށް ލުފްޝާން އާއި ފައްތާހް ހާދަ ލޯބިވޭ ނުހާދެކެ…މަންމަ ހުރީ ހަމަ ކޮސްވެފަ…” ޒާހިދާ އެހެން ބުނުމުން ފަރީނާގެ ހިތުގައި ނުހާ އާއި ދޭތެރޭ އުފެދިފައި އޮތް ހަސަދަގަނޑު އިތުރުވިއެވެ. ފަރީނާ ޒާހިދާގެ ކައިރީގައި އިށީންނަމުން އަހާލިއެވެ. “ޒާހިދައްތާ…ލުފްޝާން މެންގެ ވަރަށް ސަޅިތަ؟…އެގޭގަ ކިތައް މީހުންތަ އުޅެނީ…” ޒާހިދާ ނުހާ އާއި ލުފްޝާންގެ ވާހަކަ ދައްކަން ފެށުމުން ފަރީނާ އުޅުނީ އެވާހަކަ އޮޅުވާލެވޭތޯއެވެ. އެހެންނަމަވެސް އެގޭގައި ހިނގާދިޔަ ގޮތާމެދު ހައިރާންވެފައި ހުރިވަރުން ޒާހިދާއަށް އެނޫން ވާހަކައެއް ނުދެއްކުނެވެ. ފަރީނާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަނެއްކާވެސް ހަމަ އެވާހަކަ ފެށިއެވެ. “ފަރީއަށް އިނގޭތަ… ފައްތާހް ނުހާ އާއި ލުފްޝާންގެ ކައިވެނީގެ ކަންތައްވެސް ނިންމައިފި…އަންނަ މަހުގެ ހަތަކަށް…” ޒާހިދާ އެހެން ބުނުމުން ފަރީނާގެ ދެލޯބޮޑުވިއެވެ. އޭނާގެ ހިތް ހުއްޓުނު ކަހަލައެވެ. “ދެން ކިހިނެއް ހަދާނީ…” “ހާސް ނުވެބަލަ.. އަދި އެބައޮތެއްނު ގާތްގަނޑަކަށް އެއްމަސް ދުވަސް…މިހާރު އަހަރެމެން ބޭނުންވި ގޮތަށް ލުފްޝާން އާއި ނުހާ ދުރުކުރެވިއްޖެ…ދެން މޮޅު ކަމެއް ރާވަންވީ….” ޒާހިދާގެ މިހެން ބުނި އަޑު ކޮޓަރިން ނުކުމެގެން އައި ނުހާއަށް އަޑު އިވުނެވެ. “ކޮންކަމެއް ރާވަންވީތަ؟…” ނުހާގެ އަޑަށް ޒާހިދާ އާއި ފަރީނާ ސިހިފައި ފަހަތަށް ބަލައިލެވުނެވެ. ދެލޯ ބޮޑުކޮށްލަމުން ފަރީނާ ޒާހިދާ އާއިދިމާލަށް ބަލައިލެވުނެވެ. ޒާހިދާ ބުނާނެ އެއްޗަކާއި މެދު ވިސްނާލުމަށް ބުންޏެވެ. “މި…މަންމަ މި ކިޔަނީ ފަރީ ގާތު ނުހާ އާއި ދެކުދިން ކޮންމެވެސް ވަރަކަށް ބޭރަށް ނުކުމެ ހަދާލާ އުޅެއްޗޭ…އަދި ތިހެން އުޅެމުން ދަތުރެއް ކަހަލަ ކަމެއް ރާވަން ވީނުން ހެއްޔެވެ. މަންމަގެ މިޙިޔާލު ގޯހެއް ނޫނެއް ނޫންތަ ދަރިފުޅާ…ފަރީ ކިޔަނީ ކޮން ބައެއް ހެއްޔޯ ދާން ހުންނާނީ…” ދަތުރުގެ ވާހަކަ ބުނުމުން ނުހާ ޝައުގުވެރިވިއެވެ. ނުހާވެސް އެކަހަލަ ކަމެއް ތަޖުރިބާ ކޮށްލަން ބޭނުންވެއެވެ. ސްކޫލް ދައުރުގައި ވެސް ނުހާގެ ކްލާސް ކުދިން ލިބޭ ޗުއްޓީ ތަކުގައި އެކުދިންގެ އާއިލާގެ މީހުންނާއިއެކު ދަތުރުގޮސް ކުރާ މަޖާ ވާހަކަތައް ކިޔައިދީ އުޅެއެވެ. ނުހާވެސް އާއިލާގެ މީހުންނާއިއެކު ދަތުރުގޮސް މަޖާ ކުރާ ހިތްވެއެވެ. ނުހާ ސޯފާގައި އިށީންނަމުން ބުނެލިއެވެ. ” މަންމާ…ފަރީވެސް އެބުނީ ދޮގެއް ނޫނޭ… ކޮންބައެއްތަ ދާން ހުންނާނީ…” ކުޑަކުއްޖަކު ފަދައިން ނުހާ ޝަކުވާކޮށްލިއެވެ. ޒާހިދާ ހިނިތުން ވަމުން ބުންޏެވެ. ” ލުފްޝާންމެންވެސް ހުންނާނެ އެއްނު…އޭނާގެ އެކުވެރި ހާފިޒް އާއި ޝާމިލްވެސް އެހުރީނު… ތިކުދިން ގޮސް މަޖާ ކޮށްލާ ހަދާލީމަ ރަނގަޅުވާނޭ…” ޒާހިދާ މިހެން ބުނުމުން ނުހާ ހައިރާންވެފައި އިނދެ އަހާލެވުނެވެ. ” މަންމައަށް ކިހިނެތް ޝާމިލްމެން އެނގުނީ…” “ލުފްޝާންގެ ބައްޕަ ބުނީ…ދެން މާގިނަ ވާހަކަ ގިނަ ނުކޮށް ހިނގާ ކާން…” ޒާހިދާ ކޮޅަށް ތެދުވެ ނުހާގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ.
“ކޮބާ ނުހާ…” ބޭރު ޖޯލީގައި އިން ޒާހިދާ ފެނިފައި ގެއިން ނުކުންނަމުން ފަރީނާ އަހާލިއެވެ. ނުހާ ވީ ތަނެއް އަޤީންކޮށްލުމުގެ ގޮތުންނެވެ. ގެއިން ނުކުމެގެން އައި ފަރީނާ އާއި ދިމާލަށް ޒާހިދާ ބަލައިލިއެވެ. “ކޮޓަރީގަ…ކިހިނެއްވީ…” ފަރީނާ އައިސް ޖޯލީގައި އިށީންނެވެ. “އަހަންނަކަށް މިހާރު ހިއެއް ނުވެ ޒާހިދައްތަ ތިއުޅެނީ އަހަންނާ ލުފްޝާން ގާތް ކުރަން ހެންނެއް…މިހާރުވެސް ތި ރާވާލީ ދަތުރެއް… ދެންވެސް އެދެމީހުންނެއްނު ގާތްވާނީ…” ހިތްހަމަ ނުޖެހި އިނދެ ފަރީނާ ވާހަކަ ދެއްކިއެވެ. ޒާހިދާ ގެފަރާތަށް ބޯ ހޫރާލަމުން ބުންޏެވެ. ” ބަލަ ފަރީ ހީކުރީ ޒާހިދައްތަ އެދެމީހުން ބައްދަލު ކުރަން މަގު ފަހި ކޮށްދެނީއޭތަ… ނޫނޭ ފަރީ..ޒާހިދައްތަގެ ބޯ ހުންނަނީ ހަމަ އެކަނި ފުނާ އަޅަން އެކަންޏެއް ނޫނޭ….ޒާހިދައްތަގެ ބޯ ވަރަށް ރަނގަޅުވާނެ…” ބޮލުގައި އިނގިލިކުރި ޖައްސާލަމުން އަނގައަށް ގޮތެއް ހަދާލިއެވެ. ފަރިނާ އިނީ ވާނުވާ ނޭނގިފައެވެ. “އަނެއްކާ ކީއްކުރަން ތިއުޅެނީ….” “މިކަމުގަ ބޮޑު ރޯލު ކުޅެން ޖެހޭނީ ފަރީ އަށް އިނގެ…” ފަރީނާ ޒާހިދާގެ މަކަރުވެރި ލޮލަށް ބަލައިލިއެވެ.
“ލުފްޝާން…ކިހިނެއް…ކައިފިންތަ…” ލުފްޝާން ފޯން ކަންފަތުގައި ޖަހާލައިގެން ހުރެ ހިތްހަމަ ޖެހުމުގެ ނޭވާއެއްލިއެވެ. އެއްއަތުން ކަންފަތުގައި ފޯން ޖަހައިގެން އަނެއް އަތް ޖީބަށް ޖަހާލަމުން މަޑު ހިނގުމެއްގައި ގޮސް ކޮޓަރީގެ ކުޑަދޮރު ކައިރީގައި މަޑުކޮށްލިއެވެ. ” މިހާރު އެބަ ހީވޭ ރަނގަޅުވާހެން… ތި ނިޔަނެތި އަޑު ކަންފަތުގައި ޖެހުމުން…ނުހާ ކައިފިންތަ އަނެއްކާ…ނުކައި ނުހުންނައްޗެ އިނގެ…..” ލުފްޝާން ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ. ނުހާ ތިރީ ތުންފަތުގައި ދަތް އަޅާލަމުން ލޯ މަރާލެވުނެވެ. ކައިރީގައި އޮތް ބާލީސް ނަގައި ބާލީހުގައި ބާރަށް ބައްދާލިއެވެ. “ހޫމމ ކައިފިން…އިނގޭތަ…މިއަދު މަންމަ ބުނީ ދަތުރުދާން ރާވަން ވީނުން ހެއްޔޯ ލުފްޝާންމެންވެސް ގޮވައިގެން….ދެވޭނެތަ އަނެއްކާ…” ލުފްޝާން އެއްމިޔަކަނަށް ހީލިއެވެ. ” އާން ކީއްވެ ނުދެވެންވީ….ތީ ވަރަށް ފައްކާ އައިޑިއާ އެއް…ޝާމިލްމެންވެސް ދާނެ…އެކަމަކު ނުހާގެ މަންމަ ދޭތަ؟..” ކުޑަކޮށް ވިސްނާލުމަށްފަހު ލުފްޝާން އަހާލިއެވެ. “ނޫނޭ..މަންމަ ބުނީ ފަރީ އާއި ދެމީހުން ދާށޭ….” ނުހާ އެހެން ބުނުމުން ލުފްޝާން ނޭނގުމެއް ތެރޭގައި ހުރެ އަހާލިއެވެ. “އެއީ ކާކު…” ލުފްޝާން އެހި ގޮތުން ނުހާ ގާތަށް ހިނިއައެވެ. ” އެއީ ކަޒިންއެއް….” “އެހެންދޯ…ނޭނގެ…ހީކުރީ ފިލްމީ ތަރި ފަރީވެސް މިދަތުރުގައި ދަނީ ކަމަށް…” ލުފްޝާން އެހެން ބުނުމުން ނުހާ ހެމުން ބުނެލިއެވެ. ” ހޫމމމ ލޫއްޕެ ދަތުރު ދަންޏާ ފަރީއަށް ވެސް ދެވިދާނު..ދެން..ލުފްޝާން ޝާމިލް ގާތު އަހާލާފައި ގުޅައްޗޭ….އިނގެ…” “އޯކޭ…ނުހާ…”ކުޑައިރުކޮޅަކު ހަނުހުރުމަށްފަހު ލުފްޝާން ނުހާއަށް ގޮވާލިއެވެ. އިސްތަށިކޮޅާ ކުޅެލަކުޅެލާ ނުހާ އޮތެވެ. “ކީކޭ..” “ލަވް ޔޫ…..” ލުފްޝާން ހީލިއެވެ. “ލަވް ޔޫ ޓޫ…” ރަކިގޮތަކަށް ހީލަމުން ނުހާ ބުނެލިއެވެ.
ފަތިހުގެ ބަންގި އާއި އެކު ނުހާ ތެދުވެ ވުޟޫކޮށްލައިގެން ނަމާދު ކުރިއެވެ. ނަމާދު ކުރުމަށްފަހު ލުފްޝާން އަށްވެސް ގުޅިއެވެ. ނުހާ ފަތިސް ނަމާދަށް ހޭލައިގެން ލުފްޝާން ވެސް ނަމާދު ކުރަން ނަގާނެއެވެ. ލުފްޝާން އަށް ގުޅުމަށް ފަހު ނުހާ ފަރީނާއަށް ވެސް ގޮވިއެވެ.
ދަތުރު ދާން ރެޑީވެގެން ޝާމިލްމެން ހުރީ ޖެޓީ ކައިރިއަށް އައެވެ. “ކޮބާތަ ތިބުނާ ބިޓު ލޫއްޕޭ….” ޝާމިލް ރުންކުރު ގޮތަކަށް އަހާލިއެވެ. “ސާބަސް….ޝާމިލް…އަން ކިޔައިފިއްޔާ މީނަ ހުންނާނެ އެންމެ ކުރީގަ…ދޯ ލޫއްޕޭ…” ހާފިޒް ޝާމިލްގެ ކޮނޑުގައި ޖަހާލަމުން ލުފްޝާންއަށް ދޯ ދިނެއެވެ. އެހެންނަމަވެސް ލުފްޝާންގެ ފަރާތަކުން އެއްވެސް ޖަވާބެއް ނައެވެ. “ހޫމމ މީ އަދި އިޝްޤީ ބަލި ޖެހިފަ ހުރި މީހެއް…” ހާފިޒް ދެބުމަ ގޮށް ޖަހާލަމުން ބުނެލިއެވެ. ލުފްޝާން ހުރީ ނުހާ އަންނާނެ އިންތިޒާރެއްގައެވެ. ނުހާ ދެކިލާހިތުން ރޭގަ ލުފްޝާންއަށް ރަނގަޅަށް ނުވެސް ނިދެއެވެ. ނުހާ ފެނޭތޯ އެކި ދިމާލަށް ނަޒަރު ހިންގަނިކޮށް ކުއްލިއަކަށް ލުފްޝާން ލޮލުގައި އަޅައިގަތީ ފެހި ކުލައިގެ ދަބަހެއް ކޮނޑުގައި އަޅުވައިގެން އައި ނުހާއެވެ. ފަރިހިނގުމެއްގައި ނުހާ އަންނައިރު ލުފްޝާންގެ ހިތުގެ ވިންދު ދިޔައީ އަވަސް ވަމުންނެވެ. ތުންފަތަށް ވެރި ކުރުވީ ރީތި ހިނިތުންވުމެކެވެ. ” މިތާ ދެން އަހަރެން ކީއްކުރަންވީ…ނަށަންވީތަ…” ހާފިޒް ލުފްޝާން އާއި ޝާމިލް އާއި ދިމާކޮށްލިއެވެ. ލުފްޝާން ހުރީ ނުހާ އާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ހަމަ އެގޮތަށް ޝާމިލްވެސް ހުރީ ފަރީނާ އާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ދެފަރާތުން ދެމީހުންގެ ކޮނޑުގައި ޖަހާލަމުން ހާފިޒް ހީންގަތެވެ. ޝާމިލް ބޯކަހާލަމުން ނުވާކަމަށް ހެދިގެން ހުއްޓެވެ. ނުހާ ހާފިޒްމެންނަށް ބަލައިލިއިރު ލުފްޝާން ނުހާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރިތަން ފެނުނެވެ. ނުހާ ލަދުރަކި ގޮތަކަށް ހީލިއެވެ. ނުހާގެ ކައިރީގައި ހުރި ފަރީނާއަށް މިމަންޒަރު ކިތަންމެހާވެސް ރީތިކޮށް ފެނުނެވެ. އެހެންނަމަވެސް ނުފެންނަ ކަމަށް ހަދާލާފައި ޒާހިދާ ދެއްކި ވާހަކަތައް މަތިން ހަނދާން ކޮށްލިއެވެ.
-ނުނިމޭ-