Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގާ ފޮރުވާލަދޭށޭ 05

Salaa
February 19, 2014
7 Mins Read
3 Comments

” އަހަރެންނަށް އަސްލު ހަޤީޤަތެއް ނުވެސް އެނގޭ! މަށަށް ޝައްކުވެގެން މި ބުނެލީ… އެކަމަކު ިހާރު އެނގިއްޖެ ހުރިހާ ކަމެއްވެސް… ދެން އަހަރެން ކަންތައް ކުރާނެގޮތް ބަލަންހުންނާތި! ” ނާސިހާ ހިނިތުންވެލަމުން ހިނގައިގަތެވެ. ޖަމީލާހުރީ ބިރުގަނެފައެވެ. އޭނާގެ އަމިއްލަ އަނގައިން ހުރިހާ ކަމެއް ބޭޒާރުވީތީއެވެ.

” ނާސިހާ!….. ” ޖަމީލާ ގޮވާލިއެވެ.

” ނަ ނަ…. އަހަރެން ފަހުދު ގާތަކު ނުބުނާނަމޭ! އަހަރެން ބުނާނީ އަހަރެންގެ އެކުވެރިޔާ ގާތު… އެއީ ޔާނާ…ދެން ޔާނާ އަށް އެނގޭނީ ކަންތައް ކުރާނެ ގޮތެއް!…. ” ނާސިހާ ހީލަމުން އެނބުރުނެވެ. ޖަމީލާ ދަތްކުނޑިވިކާލަ ވިކާލާ ހުއްޓެވެ.

ޖަމީލާގެ ހިތުތެރޭގައި އަލިފާން އަނދަމުން ދެއެވެ. ދެކޮޅަށް ހިނގާލާ ހިނގާލާ ހުރެވުނެވެ. އޭނާގެ ހިތައް ފިނިކަމެއް ލިބޭނޭ އެއްވެސް ގޮތެއް ނެތެވެ. އަނެއްކޮޅުން މާޒިން އަންނާނެ ރުޅި ހިތައް އަރާފައި އޭނާ ބިރުވެސް ގަނެއްޖެއެވެ.

” ޔާނާ ! ވަރަށް މުޙިއްމު ވާހަކައެއް ބުނަން….. ” ފުރަތަމަވެސް ޙާލުވެސް އަހާނުލައި ނާސިހާ ބުނެލިއެވެ.

” ނާސިހާ ކިހިނެތްތަ؟ ” ޔާނާ ހުރީ ނާސިހާގެ އަޑުޖެހުމާއި އެކު ވަރަށް އުފާވެފައެވެ.

” ތިއެއް ނޫނޭ! އަޑުއަހާބަލަ! ” ނާސިހާ އަވަސްއަރުވާލިއެވެ. އަދި ޔާނާއަށް ހުރިހާ ކަމެއް ކިޔައިދިނެވެ. ޔާނާހުރީ ދައްކާނެ ވާހަކަވެސް ހަނދާންނެތިފައެވެ.

” ޔާނާ! ” ނާސިހާ ތަންކޮޅެއްބާރަށް ގޮވާލިއެވެ.

” އޭނ…. ތީ ހަމަ ތެދުތަ؟ ” ޔާނާގެ ލޮލުން ކަރުނަ އައުމާއި އެކު ދެއަތުން ފޯނުގައި ހިފާލެވުނެވެ.

” އާނ އެކޭ! ޔާނާއަށް ފަހުދު ލިބޭނެ އިރާދަކުރެއްވިއްޔާ! ގުޅާބަލަ ފަހުދަށް! ” ނާސިހާ އިރުޝާދު ދިނެވެ. ޔާނާ ފޯންބޭއްވުމަށްފަހު ވިސްނާލިއެވެ. އަދި ފޯނުނަގާ ނަންބަރެއް ޖަހާލިއެވެ. އަދިވެސް ކުޑައިރުކޮޅަކު ވިސްނާލަން އިނެވެ.

ޖަމީލާ ސިހިގެން ދިޔައީ ހައުސްކޯޓު ޖީބުގައި އޮތް ފޯނު ރިންގުވާންފެށުމުންނެވެ. ޖީބުން ފޯނުނަގަން އުޅުނު އިރުގައިވެސް އޭނާ ހުރީ ހާސްވެފައެވެ. ފަހުދުބާއެވެ؟ އާނ އެކެވެ. ޔަޤީނެވެ. އެވާނީ ފަހުދަށެވެ. އޭނާއަށް އެއްޗެހިކިޔަން ގުޅަނީއެވެ. ޖަމީލާ ހާސްހިތަކާއިގެން ފޯނު ނަގާ ބަލާލިއިރު ނުދަންނަ ނަންބަރެކެވެ.

” ހަލޯ؟ ” ކަންފަތުގައި ޖެހުނު އަޑުން ޖަމީލާ އިތުރަށް ހާސްވިއެވެ.

” އަހަންނަށް އެނގޭ މަންމަ އަހަންނާމެދު ކަންތައް ތިކުރީ ރަނގަޅަށް ނޫންކަން! އެކަމަކު މަންމަ އަމިއްލައަށް ވިސްނާލިޔަސް މަންމަގެ ދަރިފުޅަށް ތިދެވުނީ ކިހާބޮޑު ހިތާމައެއް…. ” ކުރަކިވެފައިވާ އަޑަކުން ޖަމީލާގެ ހިތް ހާސްކުރުވަމުންދެއެވެ.

” މީހެއްގެ ދިރިއުޅުން ހަލާކު ކޮއްލުމުން މަންމައަށް ލިބޭނެ ވަކި އުފަލެއް އޮންނާނެތަ؟ ހަޤީޤަތަކީ މަންމަ ނުރުހޭ ނުކުޅެދުންތެރި އަންހެނެއް ތިޔަގެއަށް ދިޔައީމަތަ؟ އެކަމަކު އެވަރުގެ ބޮޑުކަމެއް، އެވަރުގެ ބޮޑު ބަދުނާމެއް ބޮލުގަ އެޅުވުމުގެ ބޭނުމަކީ ކޮބާ؟ ” ހަމަ އެ އަޑެވެ. ޖަމީލާ ދޭނީ ކޮންޖަވާބެއް ހެއްޔެވެ؟

” އަހަރެން ބޭނުމެއް ނޫން އިތުރަށް ތިވާހަކަ ދައްކާކަށް؟ އަހަންނަށް އެނގޭ ދެން މަގޭދަރިފުޅު މަގޭ ދޫކޮއްލާނެކަން…. ” ޖަމީލާ އަވަސްއަވަހަށް ބުނެލިއެވެ.

” ނޫނޭ މަންމާ! މަންމަގެ ދަރިފުޅު އަބަދުވެސް އުޅޭނީ މަންމަގެ ކައިރީގަ.. މަންމަގެ ނަސޭހަތުގައި ހިފައިގެން.. ދުވަހަކުވެސް މަންމަ ދެރައެއް ނުކުރާނެ.. މަންމަ ހިތަކު ނުޖައްސާނެ! އަހަރެން ވެސް ބޭނުމެއްނޫނޭ އެވާހަކަތައް ދައްކާކަށް! އަދި އެކަންތައްމަތިން ހަނދާންކުރާކަށްވެސް ބޭނުމެއްނޫން… އެއީ އަހަރެން ދެކެ ހަޤީޤަތުގައިވެސް ލޯބިވި މީހެއްނަމަ އަހަންނަކަށް އެހެނެއް ނުހަދާނެ… މަންމަ ހީނުކުރައްޗޭ އަހަރެން އެހުރިހާ ވާހަކައެއް ފަހުދު ގާތު ދައްކާނޭ… ނުދައްކާނަން! އަހަރެން ބޭނުންވަނީ ހަމައެކަނި އަހަންނަށް އެހުރިހާ އެއްޗެއް އެނގުނުކަން ހާމަކޮއްދޭން! އަދި އަހަރެން ތި ދެމައިންނާއި މެދު ހިތްހެޔޮކަންވެސް ބުނެދޭން! އަހަރެން ނެތްދުވަހަކުން މަންމައަށް އަހަރެން ނެތްކަން އިޙުސާސްވާނެ…. އަބަދުވެސް ހިތްހެޔޮ ކުރާތި”

ޖަމީލާގެ އިތުރު ބަހަކަށް އިންތިޒާރު ކުރުމެއްނެތި ޔާނާ ފޯނު ކަނޑާލިއެވެ. އަދި ލޮލުން ފައިބަމުންދާ ކަރުނަތައް ބާލީސްމައްޗަށް ދޫކޮއްލިއެވެ. ހިތުގައިޖެހިފައިވާ ލައްގަނޑު ފޮހެލުމަށް އޭނާއަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އޭނާހުރީ ޢަޒުމެއްގައެވެ. ދިރިއުޅުމުގައި ދިމާވެފައިވާ ހިތިކަން ފޮނި ކުރުމަށް އޭނާ މަސައްކަތް ކުރާނެއެވެ.

ޖަމީލާ އަދިވެސް ހުރީ ފޯނު ކަންފަތުގައި ޖަހައިގެންނެވެ. ގުޑިލަންވެސް ނޭނގިފައެވެ. ނަމަވެސް ޖަމީލާކުރި ވިޔާނުދާ ޢަމަލު ސިއްރު ވެވުމުން އޭނާގެ ހަރުކަށިހިތް އުފަލުން ފޮޅިގަތެވެ. ޖަމީލާ ދެބުމަ ގޮއްޖަހައިގެން ހުރެ ބަދިގެއަށްވަނެވެ.

” ދައްތީ ދައްތީ! މުނާ ފުނާ އަޅުވާލަދީބަލަ! ” މުނާގެ އަޑާއި އެކު ޔާނާ އަވަސްއަވަހަށް ތެދުވެ ސިއްރުން ކަރުނަ ފޮހެލިއެވެ. އަދި ލޯތްބާއި އެކު މުނާ ގާތްކޮއްލަމުން މުނާ ރީތިކުރަންފެށިއެވެ.

” އޭނާ އެހުންނަނީ ދައްތި އެއް ނުލިބިގެން…. ” ހިނިތުންވަމުން އައިސް ސީމާ ކޮޓަރިއަށްވަނެވެ.

” މުނާގެ ބައްޕަ އަދިވެސް ނާދޭ! ޝާހުވެސް އަންނާނަމޭ ކިޔާފަ މަލައްވާ ކާންހެއްދުވިތާ މިހާރު ކޮންއިރެއް. ހެނދުނު ގެއިން ނުކުންނަ ދެމީހުން ގެއަށް ވަންނާނީ އިރުއޮއްސުނީމަ….. ދެން ނަސީބެއް މުނާ އުޅޭކަން… އެހެން ނޫންނަމަ މަ ހާދަ ފޫއްސެއް ވާނެޔޭ! ” ސީމާ ގޮނޑިއެއްގައި އިށީނެވެ. ސީމާއަކީ ވަރަށް ހިތްހެޔޮ މިޒާޖެއްގެ މީހެކެވެ. އޭނާ ބަލާބެލުމަށް ދުވަސްވެފައި ހުރި ހެނެއް ނުވެއެވެ. އެހާމެ ރީތިވެފައި ފެޝަނަށް ލޯބިކުރާ ސީމާގެ ހިތަކީ މުއްސަނދި ހިތެކެވެ. އޭނާ ބޭނުންވާހާ ސާމާނެއް އޭނާގެ ފިރިމީހާ އަސްލަމް ގަނެދެއެވެ. އަދި މުނާއަށް ބޭނުންވާ ހުރިހާ ސާމާނެއްވެސް ހޯދާފައިވެއެވެ. އެ ގެއަށް ނަޒަރު ހިންގާލިޔަސް އެކަން ހާމަވެއެވެ.

” ދެން ދައްތި އައީމަ މުނާވެސް ފޫއްސެއްނުވާނެ! ދައްތިއަށް އިނގޭތަ މިތާކައިރީގަ މިހުރީ ބީޗްވެސް…. ކިހާ މަޖާވާނެ… ހިނގާ ބީޗަށްދާން… ” މުނާ ޔާނާގެ އަތުގައި ހިފާ ދަމަންފެށިއެވެ.

” އާނ! ދައްތި މުނާއަށްވުރެން މާކުރިން މާގިނަ ދުވަހު މިގޭގަ އުޅުނިން…  ” ޔާނާ މުނާގެ ކޮލުގައި ހިފާލިއެވެ. ހިނިތުންވަމުން ސީމާ ނުކުތެވެ.

މުނާގެ އަތުގައި ހިފައިގެން ޔާނާ ނުކުތެވެ. ޔާނާ އިށީނދެލީ އާޓިފިޝަލް ބީޗްގައި ހުރި ސްޓޭޖްމަތިގައެވެ. އޭރު މުނާ ދުވެ ދުވެފައި އުޅެއެވެ. ޔާނާ ބީޗަށް ނަޒަރު ހިންގާލުމާއި އެކު ފަހުދު މަތިން ހަނދާންވާގޮތްވުމުން ލޮލުން ކަރުނަ އައެވެ. ޔަޤީނެވެ. ފަހުދުވެސް މި ފަސްގަނޑުގެ ކޮންމެވެސް ހިސާބެއްގައި ހުންނާނެއެވެ. ޔާނާ ދެއަތުން ކަރުނަތައް ފުހެލިއެވެ. އޭނާ މިހާރު ކަރުނައަށް ޖާގަދޭކަށް ބޭނުމެއް ނޫނެވެ. އެހެންކަމުން މުނާގާތަށް ދިޔުމަށް ހިނގައިގަތްވަގުތު ފެނުނު މަންޒަރުން ޔާނާ ރުޅިއައިސް ރަތްވިއެވެ. ފިރެހެނަކު މުނާގެ ކޮލުގައި ކޮއްޓަނީއެވެ. އަދި ސަމާސާ ކުރަނީއެވެ. ޔާނާ ދިޔަގޮތަށް ގޮސް މުނާގެ އަތުގައި ހިފާ އޭނާއާއި ދިމާއަށް ދަމައިގަންނަމުން ބުނެލިއެވެ.

” މީ ކުޑަކުއްޖެކޭ! ކީއްކުރަން މިކުއްޖާގައިގައި އަތްލަނީތި؟ “

ޒުވާނާ ހުރީ ޔާނާގެ މޫނަށް ބަލާށެވެ. ކަޅި ޖަހާނުލައެވެ. އޭނާ ހުރީ ޔާނާގެ ރީތިކަމަށް ގޮސް ހުސްވެފައެވެ.

” އޭ! އަހަރެން މިއަހަނީ ކީއްކުރަންހޭ މަގޭ ދަރިފުޅު ގައިގައި އަތްލީ! ” ޔާނާ އަދިވެސްހުރީ ގޮތުގައެވެ. އޭރު ޔާނާގެ ގައިގައި ބައްދާލައިގެން ހުރި މުނާ ހެމުންދެއެވެ. ޔާނާ މުނާކައިރިއަށް ތިރިވެލި އިރު މުނާ ހުރީ އެ ޒުވާނާއާއި ދިމާލަށް ބަލާށެވެ.

” ދަރިފުޅު ބުނޭ މަންމި ކައިރީ… ކަމެއް ކުރިތަ؟ ” ޔާނާ އެހާ ހާސްވެފައި ހުރި އިރުގައިވެސް މުނާ ހެނީއެވެ. ކުއްލިއަކަށް ޒުވާނާވެސް ތިރިވެލިއެވެ. އަދި މުނާގާތު އަހާލިއެވެ.

” ކަމެއް ކުރިތަ؟ “

 ޔާނާ އޭނާއާއި ދިމާއަށް ވައްކަޅިން ބަލާލުމަށްފަހު މުނާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. އެ ޒުވާނާ ސައިކަލްގައި ދާތަން ޔާނާއަށް ފެނުނެވެ.

” ނަސީބެއްނު ކުރިން ފެނުނުކަން…. މުނާ ކީއްވެތަ ތިހެނީ؟ ” ޔާނާ އަދިވެސް ހުރީ ރުޅިއައިސްފައެވެ.

މުނާ ޖަވާބެއް ނުދިނެވެ. ” އާނ ދައްތިއަށް އޯކޭ.. ދައްތި ދެން ދުވަހަކުވެސް މުނާ ގޮވައިން ބީޗަކަށް ނާންނާނަން! ” ޔާނާ ގެއަށް ވަންނަމުން ބުނެލިއެވެ.

ދޮރު ހުޅުވާލުމާއި އެކު އިވުނީ ސީމާ އާއި ފިރެހެންކުއްޖަކު ހޭ އަޑެވެ،

” އަދި އެނގޭތަ ދޮންތާ؟ އެ އަންހެން ކުއްޖާ ބުންޏޭ މުނާއްކޮ އާއި ދިމާލަށް ދަރިފުޅޯ… މަންމައޯ… މަކިރިޔާ ހިންޏާވެގެން ނުބިނދުނީ ” އެ އިވުނީ ފިރެހެނެއްގެ އަޑެވެ.

އެއަޑާއި އެކު ޔާނާއަށް ވީގޮތް އިނގުނެވެ. އެއީ ސީމާދައްތަގެ ކޮއްކޮއެވެ. މުނާ ހެމުންހެމުން ގެއަށް ވަނެވެ.

” ތިއްތިބޭ ނުބުނާށޯ ކިޔާފަ ބޯ ހޫރާލީ ދައްތައަށް ނެގޭ ގޮތަށް.. އެހެންވެ މުނާވެސް ނުބުނީ ” ހެމުން ހެމުން މުނާ ބުނެލިއެވެ. ޔާނާ ހުރީ ލަދުން ވަންނަންވެސް ނުކެރިފައެވެ.

” އާނ މިއޮއް އައީ؟ ކޮބާ ދައްތި! ” ސީމާ އެއްސެވެ.

” ދައްތި ބޭރުގަ އެބަހުރި ލަދުން…..” ލާނެތް ގޮތަކަށް ކުޑަކުޑަ މުނާ ބުނެލިއެވެ.

” ޝާހު ދޭބަލަ ޔާނާ އެތެރެއަށް ވައްދަން!…. ” ސީމާ ހެމުން ހެމުން ބުނެލިއެވެ.

ޝާހު ގޮސް ދޮރުކަނީގައި ލެނގިލިއެވެ. ޔާނާ ދުރަށް ޖެހިލިއެވެ.

” މަޢާފްކުރައްވާ ކަމަނާ! ” ޝާހުގެ މަޖާ މިޒާޖެއް ޔާނާއަކަށް ކަމަކު ނުދިޔައެވެ. ހިތްހަމަ ނުޖެހިފައިވާ ފަދަ ރާގެއްގައި ޔާނާ ބުނެލިއެވެ.

” ރީތިކޮށް ބުނިނަމައެއްނު ދައްތަގެ ކޮއްކޮއޭ…. “

” މިއީ ދައްތަގެ ކޮއްކޮ ޝާހު! މުޙައްމަދު ޝާހު…. އަނހަ! މިހާރީތިކޮށް ބުނީމަވެސް ރުޅިއައިސް…. ” ޝާހު ހީލިއެވެ.

” އޯކޭ ދެން… ޔާނާ އެތެރެއަށް ވަނެވެ.

” ދައްތާ ބަލާބަލަ ޝާހުކުރިކަމެއް! ” ކުޑަކުއްޖަކު ފަދައިން ޔާނާ ބުނެލިއެވެ.

” ހޫމް… ގެއަށް އައިސް މުނާއްކޮ ކޮބާހޭ ބުނީމަ ދައްތަ ބުނީ ޔާނާއާއި އެކު ވެއްޖެޔޭ ބީޗަށްގޮސް… ޔާނާ ބަލާލާށޭ ކިޔާފަ އޭނަ އެ ދިޔައީ…. ވަރަށް ލާނެތްވާނެ… ” ސީމާ މޭޒުމަތިން ތަށިތައް ނަގަމުން ބުނެލިއެވެ.

*******************

” އަސްލު މަނަމަވެސް ޑިވޯރސް ކުރީމުސް… އެކަމަކު ބަލާލާފަވެސް ހީވެސް ނުވޭ އެކަހަލަ ކުއްޖެއްހެން…މިހާރު ކޮބާ އޭނަ؟ ” އާމިރު ވާހަކަދެއްކީ ފަހުދާއެވެ.

” ރަށަށް ކަންނޭނގެ ދާނީ….. އެކަމަކު އޭނަގެ މަންމަމެން ނޭނގެ ގެއަށްވެސް ވައްދާނެކަމެއް!  އަސްލު އެކަންތައް ނޫނީ ދުވަހަކުވެސް ޔާނާގެ ކިބައިން ކުށެއް ނުފެނޭ…. ޤަބޫލުކުރަން ދަތިވި ނަމަވެސް ހެކި ފެނުނީމަ ދެން އަހަންނަކަށް ނުވެއް ހުރެވުނު”

” އެކަމަކު ފަހުދު ވާނެ އޭނަ މަންމަމެން ކައިރިއަށް އޭނަ ގެންގޮސްދޭން…އެކަންތައް ކުރި ގޮތަކާމެދު ހިތްހަމައެއް ނުޖެހޭ !” އާމިރު ކޮފީ ކޯވަރެއް ބޯލަމުން ބުނެލިއެވެ.

” ދެން އެ ނިމުނީނު….. މިހާރު ދެން ދިރިއުޅުން މަތިން ފޫހިވެއްޖެ! ” ފަހުދު ސިނގިރޭޓެއް ރޯކޮއްލުމުން އާމިރު ހޭންފެށިއެވެ،

” ދިރިއުޅުން މަތިން ފޫހިވިއްޔާ ހަށިގަނޑަށް ގެއްލުންވާ އެއްޗެހި ބޭނުން ކުރަންޖެހޭތަ؟ “

” ދެން ކަންކަމާ ވިސްނަން ވަގުތު ނުދޭންވެގެން ކުރާކަމެއްމިއީ…………… އެނގޭތަ މަންމަ މިހާރު ކިޔަންފަށައިފި މީހަކާ އިންނަން… މަންމަމެންނަށް ހީވަނިއްޔޭ އެއީ ހަމަހިތައް އެރީމަ ކުރެވޭނޭ ކަމެކޭ…. ” ފަހުދު ބުންޏެވެ.

” އަސްލު މަންމަވެސް އެ އުޅެނީ އެކަންޏެއްނު.  މަށަށް ފެންނަނީ އަވަހަށް މެރީ ކުރަން.. ބޭވަފާތެރިއެއްގެ ހަނދާންތަކުގައި ހުރުމަށްވުރެން މާރަނގަޅުވާނެ! ”

 އާމިރު ދިން ޚިޔާލާމެދު ފަހުދު ވިސްނާނޭކަން ކަށަވަރެވެ.

*************

އަސްލަމް ގެއަށް އައިސް ވަތްވަގުތު ސީމާ ބުނެލިއެވެ.

” އާދެބަލަ ޔާނާ ދެކިލަން!….. ” ޔާނާގެ ކޮޓަރިއާއި ދިމާއަށް ސީމާ ހިނގައިގަތުމުން ފަހަތުން އަސްލަމުވެސް ދިޔައެވެ.

ޔާނާ ފެނުމާއި އެކު އަސްލަމް ހީލަމުން ބުނެލިއެވެ.

” ހާދަ ޗާލޭދޯ… “

ޔާނާ ލަދުގަތެވެ. ބޭބެ އެހެން ބުނުމުންނެވެ. ބޭބެ އޭރުވެސް ޔާނާއަށް ވަރަށް ރަނގަޅުވާނެއެވެ. ކިޔަވާ ނުނިމެނީސް ޔާނާ ރަށު ސްކޫލަށް ވެއްދުމަށް މަންމަމެން ގެންދިޔުމުން އެކަމާ އެންމެ ހިތާމަކުރި އެކަކީވެސް ބޭބެއެވެ.

” މީހަކާ އިނދެގެންތަ އުޅެނީ؟ ” ބޭބެ އަހާލިއެވެ

ސީމާ ލޮލުގެ އިޝާރާތުން އިތުރަށް ސުވާލުނުކުރުމަށް އެދުމުން އަވަހަށް އަސްލަމް މައުޟޫ ބަދަލުކޮއްލިއެވެ. އޭރު ޔާނާ ހުރީ އިސްޖަހާލައިގެންނެވެ.

” ޔާނާ! އަނެއްކާވެސް އާދެވުނީދޯ….. ވަރަށް އުފާވެއްޖެ އަނެއްކާވެސް ދަރިއަކު އިތުރުވީނު ދޯ ސީމާ… ” ހީލަމުން އަސްލަމް ނުކުތެވެ.

 *************

ކުރިއަށްވުރެން ގިނައިން ޝާހު ގެއަށް އައުން އިތުރު ވެއްޖެކަން ސީމާއަށް ފާހަގަ ކުރެވެން ފެށިއެވެ.

” ޝާހު މިހާރު އޮފީހަށް ދާހިތް ނުވާހެން ދޮންތައަށް ހީވަނީ؟ ”

 ސީމާ ދިމާކޮއްލުމުގެ ރާގަކަށް ބުނެލިއެވެ. ކެރެޓްކޮށަން އިން ޔާނާ ހީލިއެވެ. އޭރު މުނާ އިނީ ޔާނާގެ ކައިރީގައެވެ. އިރުއިރު ކޮޅުން ކެރެޓްކޮޅެއް ކާލައެވެ.

” އާނ މިހާރު ގޭތެރެ އެހާ ފޫއްސެއް ނޫނޭ! ” ޝާހު ވައްލޮލުން ޔާނާއަށް ބަލާލިއެވެ.

ޔާނާވެސް ލޯބޮޑުކޮއްލިއެވެ.

” ޔާނާ އައި ފަހުން ވެގެން އުޅޭގޮތެއް މީ… ” ބަލަން ބަލާކަށެއް ސީމާއެއް ނުހުރެއެވެ. ހިތުގައިވާ ޖުމުލަ ސީދާ ސީދަލަށް ބުނެލިއެވެ.

” އޭނ…. ދޮންތަދެން އަޅުވާ ނުކިޔާ! ޔާނާ ލަދުގަންނާނެ! ” ޝާހު ކޮޓަރިއަށް ވަނީވެސް ޔާނާއަށް ބަލާލަމުންނެވެ. ޔާނާ އަޅާނުލީ އިތުރަށް އެއްޗެއް ނުބުނަން ވެގެންނެވެ،

ވަގުތަކީ އަސްލަމުވެސް ގެއަށް އައިސް ވަތްވަގުތެވެ.

” އަހަނ… ޝާހުއަށް ދޫކުރާ ވަރެއް ނޫން…. އަސްލަމްވެސް އަބަދު ގޭގަ! ޔާނާ މީ ކޮންހާކަމެއްތަ؟ ” ސީމާ ދިމާކުރާކަށް ވަކި ކަމެއް ނޯވެއެވެ.

” ދައްތާ! ” ޔާނާ ފާޑަކަށް ރަކިވިއެވެ.

” މަ އެބައަންނަން ފާހާނައަކަށް ގޮސްލާފަ! ” ސީމާ ދިޔުމުން ފަހަތުން މުނާވެސް ގޮސް ކޮޓަރިއަށް ވަނެވެ. އަސްލަމް ފެންތައްޓެއް ބޯލައިގެން އައިސް ޔާނާގެ ކައިރީ އިށީނދެލުމުން ޔާނާ ކުޑަކޮށް ދުރައްޖެހެލިއެވެ.

” ކެރެޓް ވަރަށް މީރު ދޯ! ” ކެރެޓް ކޮޅެއް ނަގާ ކާލަމުން އަސްލަމް ބުންޏެވެ.

” އާނ ރެބިޓަށް ކެރެޓް ވަރަށް މީރުވާނެ! ” ހެމުން ހެމުން ޝާހު ކޮޓަރިން ނުކުމެފައި ބުނެލިއެވެ.

އަސްލަމު އަވަސް އަވަހަށް ތެދުވިއެވެ. ޝާހު ޔާނާއަށް އެއްލޯ މަރާލަމުން ނުކުތީ ބޭރަށެވެ. އަނެއްކާވެސް އަސްލަމް ޔާނާކައިރީގައި ހުރި ގޮނޑީގައި އިށީނެވެ.

” ޔާނާ މިހާރު ހާދަ ތަފާތޭ…. ވަރަށް ރީތި! …. ” އަސްލަމުގެ ޖުމުލައިން ޔާނާ ހުރީ ޤަބޫލުކުރަން ދަތިވެފައެވެ. އެއީ ބޭބެ ބާވައެވެ. ދުވަހަކުވެސް އެފަދަ ގޮތަކަށް މީގެ ކުރިން މުހާތަބު ކޮއްފައެއް ނުވެއެވެ.

” ވަރަށް ހިތާމަކުރަން ޔާނާގެ ހަޔާތަށް މެދުވެރިވި ގޮތުން…. ދައްތަ ކިޔައިދިން ރޭގަ! ” ޔާނާ ޖަވާބެއް ނުދީ ތެދުވިއެވެ. ހަމައެވަގުތެވެ. ސީމާ ކޮޓަރިން ނުކުމެ އަސްލަމްގާތު ބުނެލިއެވެ.

” ދޭބަލަ މޭޒުމަތީ އަޅާ ރަބަރެއް ގަނެލަދޭން…. އޭތި ވަރަށް ބާވެއްޖެ! “

” ހިނގާ ސީމާވެސް ދާން.. މަށަކަށް ނޭނގޭނެ ރީތި އެއްޗެއްސެއް! ” އަސްލަމް އަވަސް އަވަހަށް ބުނެލިއެވެ.

” ޔާނާގެންދަން ވީނު… އެއީވެސް މިގޭ މީހެކޭ މިހާރު… އަހަރެން ތަންކޮޅެއް ހަޑިކޮއް ހުރީމަ……  ބޭބެއާއި އެކު ދޭ އިނގޭ…. ” ސީމާ ޔާނާ އާއި ދިމާއަށް ބުންޏެވެ،

ޖެހިލުންވެފައި ހުރިނަމަވެސް ޔާނާ ގޮސް އަސްލަމުގެ ސައިކަލު ފަހަތަށް އެރިއެވެ. އަސްލަމުގެ މިސްރާބު ހުރީ ބޭރުމަގާއި ދިމާއަށެވެ. އެއީ އެއްވެސް ފިހާރައެއް ހުންނާނޭ މަގެއް ނޫންކަން ޔާނާއަށް އެނގެއެވެ.

” ދައްތަ މިހާރު ވަރަށް ސަކަރާތް! ގެއަށް ވަންނަ ހިތެއްވެސް ނުވޭ! އަހަރެންމީ އެއްވެސް މީހެއްނޫން… ގެއަށް ވަނިއްޔާ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ޝަކުވާ ކުރާނެ… ” އަސްލަމު ސީމާގެ ނެތިނުބައި ވާހަކަ ދެއްކުމުން ޔާނާ ހައިރާންވިއެވެ.

ސީމާ އަކީ ހާދަހާ ރަނގަޅު އަތްބެކެވެ. ކިތަންމެ ލަހަކުން ގެއަށް އަޔަސް ޝަކުވާކޮއްނުލާނެއެވެ. ގޭގައި ބަރާބަރަށް ކައްކާ ކާންހަދައެވެ. ނަމަވެސް އަސްލަމް ޔާނާ ގާތު އެދައްކަނީ ކޮންކަހަލަ ވާހަކަތަކެއް ހެއްޔެވެ؟

” ތެދަށް މިބުނީ…. ގިނަރޭރޭ އަހަރެންގެ ބޭނުންތަކަށް އިންކާރުވެސް ކުރާނެ! ” އަސްލަމުގެ މިސްރާބު ހުރި ގޮތުން ޔާނާ ލަދުގަތެވެ.

” ބޭބޭ ހިނގާބަލަ ދެން ފިހާރައަކަށް… ” ޔާނާ އަވަސް އަވަހަށް ބުނެލިއެވެ. އަސްލަމު މައިތިރިވިއެވެ.

” އަނެއްކާ ދައްތަ ގާތު ނުބުނައްޗޭ! ވަރަށް ބަލަން އެބަ ރަނގަޅުކުރެވޭތޯ؟ “

އަސްލަމު ބާރުދުވެލީގައި ގޮސް އަގޯރާ ދޮރުމައްޗަށް މަޑުކުރިއެވެ. ޔާނާ އާއި އަސްލަމު ފިހާރައަށް ވަތް ވަގުތު އާމިރު އާއި އޭނާގެ އަންހެނުން ނުކުންނަނީއެވެ.

” އާމިރު!؟ ” ޔާނާއަށް ބޭއިހްތިޔާރުގައި ގޮވާލެވުނެވެ.

އާމިރުބަލާލިއެވެ. އަދި އަސްލަމާއި ދިމާއަށްވެސް ބަލާލިއެވެ. އާމިރު އެއްޗެއް ނުބުނުމުން ޔާނާ ދެރަވިއެވެ.

” ކާކު އެއީ؟ ” ހަރުކަށި ގޮތަކަށް އަސްލަމު އަހާލިއެވެ.

” ރައްޓެއްސެއް! ” ހިނގައިގަންނަމުން ޔާނާ ބުނެލިއެވެ. ޔާނާ ހުރީ އަސްލަމުގެ ޢަމަލުތަކާއި މެދު ހިތްހަމަ ނުޖެހިފައެވެ.

*********************

” އަސްލުގަވެސް…. ބޮޑު މީހެކޭ އަނެއްކާ! ” އާމިރު ފަހުދާއި ވާހަކަ ދެއްކިއެވެ.

“ބޮޑޭ؟ ” ފަހުދު އެހިއެވެ.

” މިބުނީ ހައިބަތު ހުރި ވަރުގަދަ އާދަމުގެ ދަރިއެއް! އަލަށް ހުޅުވިއެއްނު ސުޕަރ މާކެޓެއް! އެތަނުގެ ބޮޑުމީހާ އޭ އެއީ” އާމިރު ހުރީ ވަރަށް ހެވިފައެވެ.

” އަހަރެން ފަގީރުވީމަ ކަންނޭނގެދޯ މަށާއެކު ނޫޅެވުނީ… ދެން ރަނގަޅު މީހަކާ އިނދެގެންވެސް އުޅެވެނިކޮށް އަހަރެން އުފާވާނެ! ” ފަހުދު ބުނެލިއެވެ.

” ސާބަސް ކަލެޔަށް! އަދިވެސް ހިތްގަނޑު އޮވޭދޯ! ” އާމިރު ފަހުދުގެ ކޮނޑުގައި ޖަހާލިއެވެ.

” އެކަމާހުރެ މިއުޅެނީ މީހަކާ އިންނަހިތްވެސް ނުވެގެން.. ވަރަށް ހަނދާންވޭ ޔާނާ މަތިން… އަދި މާލޭގަ އުޅެންޏާ ދެން މަށަށް ވަރަށް އުނދަގޫވާނެ… ” ފަހުދު ހަމަޖެހިލިއެވެ.

” އަދިވެސް ގޮސް ތަނަކު މީހަކު ހުރިއްޔާ އިންނާތި! ” އާމިރު ހިނިގަނޑެއްޖަހާލަމުން ނުކުތެވެ.

******

38
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Salaa

my facebook page: https://www.facebook.com/pages/Stories-by-Salaa-Xifah-Angel/157114861119810

Other Articles

Previous

ތީ ހާދަ ލޯބި ލޯތްބެކޭ ، ބީވެއްޖެޔޭ އަތުން މަގޭ… ( 1ވަނަބައި )

Next

ލަފްޒު (ދެވަނަ ބައި) -ސްނީކް ޕީކް-

Next
February 19, 2014

ލަފްޒު (ދެވަނަ ބައި) -ސްނީކް ޕީކް-

Previews
February 19, 2014

ތީ ހާދަ ލޯބި ލޯތްބެކޭ ، ބީވެއްޖެޔޭ އަތުން މަގޭ… ( 1ވަނަބައި )

3 Comments

  1. lady gaagaa says:
    February 19, 2014 at 2:40 pm

    mi bai adhi maa reathi

  2. na says:
    February 20, 2014 at 11:56 am

    v salhi….koba anehbai..waiting for next part..

  3. kiyuntheriyaa says:
    February 21, 2014 at 3:54 pm

    vvvvvvvvvvvvvvvvvvvvvvvvvvvvvv salhi
    waiting 4 nxt part!!! plx avaskurah chey

Comments are closed.

All Right Reserved!