“އަހަނ! ހަނީފާ އިނގިއްޔަށް ކިހިނެތް ހަދާފަތިއޮތީ..؟” ރޮށިފިހަން އިން އީނާޝްއަށް އެއްލިކަޅިއަކުން ހަނީފާގެ އިނގިލީގަ ބޭސް އަޅާފަ އޮތް ތަން ފެނުމުން އަހާލިއެވެ. އީނާޝް މިހެން އަހާލުމާއެކު އެތާތިބި އެހެން ކުދިންގެ ސަމާލުކަން ހަނީފާއަށް ހުއްޓުނެވެ. އަދި މިސުވާލު ކުރުމާއެކު ހަނީފާއަށް ކުއްލި ސިހުމެއް ލިބުނެވެ. ހަނީފާ އެކި ކުދިންގެ މޫނަށް ވަކި ވަކިން ބަލާލިއެވެ. މޫނަށް ބަލާލިއެވެ. ރޭގަ ހިނގާދިއަ ހުރިހާކަމެއް ކިޔައިދޭންވީއޭ ހަނީފާގެ ހިތަށް އެރިއެވެ. ނަމަވެސް އަޔާ ދީފައިވާ ބިރުވެރި އިންޒާރުގެ މަތިން ހަނދާންވުމާއެކު ދޫބަންދުވިއެވެ. ހަނީފާއަށް ޖެހުނީ އެކަން ސިއްރު ކުރާށެވެ. ” އާފަލެއް މަށަނިކޮށް ކަފައިގެން ދިއައީ!” ހަނީފާ އޮޅުވާލިއެވެ. “އެހެންތަ އަހަރެން ހީކުރީ އަނެއްކާ އެހެންކަހަލަ ކަމަކާ ދިމާވީކަމަށް ދެންވެސް އާފަލު މަށާއިރު ތަންކޮޅެއް ބަލާލައިގެން މަށައްޗޭ އިނގޭ” އީނާޝް ބުނެލިއެވެ.
ހެނދުނުގެ ސައިގެ ކަންތައް ނިމުމުން ދެން އާސިމްމެން ގަސްތުކުރީ ރަށުތެރެ ބަލާލަން ރަށުގެ ބިޔަ ބޯ ޖަންގަލި ތެރެއަށް ވަދެ ހިނގާލާށެވެ. އަސްލު އެމީހުންގެ އެއްމެ ބޮޑު ބޭނުމަކީ ދަރުކޮޅެއް ހޯދުމެވެ. މިހެންވެ ދަރުކޮށުމަށް ބޭނުންވާނެ ވަޅިކަތިވަޅި ފުރޯ ހިފައިގެން ޖަންގަލި ތެރެއަށް ވަދެއްޖެއެވެ. އާސިމް ހުރީ އެއްމެ ކުރިއަށެވެ. އާސިމްގެ ފަހަތުން އީނާޝް ދާއިރު އަޔާގެ ފަހަތުގަ ހަނީފާ ހުއްޓެވެ. ހަނީފާ އޭނާގެ ފިރިމީހާ ގާތު ހުންނަން ޖެހޭތީ ވަރަށް ފޫހިވެއެވެ. އޭނާ މިހާރު ބޭނުންވަނީ އެކަނި ހުންނާށެވެ. ނަމަވެސް އެނުލަފާ އަޔާ އޭނާއަކަށް އެފުރުސަތެއް ނުދެއެވެ. “އެއްވެސް މީހަކު އެކަކު އަނެކަކަށް ގޮވާލީމަ އަޑު ނީވޭ ހިސާބު ދުރަށް ނުދާތި..! ހުރިހާ އެއްމެންވެސް އުޅެންވާނީ ކައިރި ކައިރީގަ” އާސިމް އެއްމެންނަށް ބުންޏެވެ. އެމީހުން ހިނގަމުންދިއައީ އެ ޖަންގަލި ތެރެއަށް ވަދެވެން އޮތް ވަރަށް ހަނި މަގަކުންނެވެ. އެމަގުން ހިނގާއިރު ދެފަރާތުގައި ހެދިފަ ހުންނަ ގަސްގަހުގެ އޮފިތަކުގައި އަޅައިވެސް ގަނެއެވެ. “އާސިމް! މިހުރީ ދަރަށް ކަމުދާ ހިކި މަގޫ ގަސްތަކެއް” ތަންކޮޅަކަށް ދިއަތަނާ ނާޒިމް ދައްކާލިއެވެ.” އާނ! މާދުރަށް ނުވަނެއްކަމަކު މިއޮތީ ދަރާ ދިމާވެފައެއްނު އަވަހަށް ބިއްނަމާ ހިނގާ” އާސިމް ބުނެލިއެވެ. އަދި އެގަސްތަކާ ދިމާއަށް ހިނގައިގަތެވެ.
ފިރިހެން ވެރިން ދަރު ބިންނަމުން ދިއައިރު އެމީހުންގެ އަނބިން އެދަރުތައް އެއްކޮށް ބޮނޑި ބައްނަމުން ގެންދިއައެވެ. ހަނީފާ އިނގިލީގަ ރިއްސާތީ އެކަމާ ބައިވެރި ނުވެ ތަންކޮޅެއް ދުރުގަ ހުރި މިދިލި ގަހެއްގެ ހިޔަލުގަ އިނެވެ. އޭނާއަށް ދަތުރުގެ ބައިވެރިން އެއުޅޭ އުފާވެރިކަން ފެނުމުން ހިތަށް ވަރަށް އަސަރު ކުރެއެވެ. އެމީހުންނެކޭ އެއްފަދައިން އޭނާވެސް އުފާ ވެރި ކަމާ ލޯތްބާއި އަޅާލުން ބޭނުމެވެ. އާސިމް އާއި އިނޫ ފަދައިންނެވެ. ދިރިއުޅުމުގެ ރާސްތާގަ އޭނާގެ ނައުގެ ހުންގާނު އޭނާ އެއްމެ ލޯބިވާ ޒުވާނާގެ އަތްމަށްޗަށް ދޫކޮށްލީ ކިހާ ފޮނި އުއްމީދަކާއެކު ހެއްޔެވެ. ލޯތްބާއި އުފާވެރިކަމާއެކު އޭނާގެ މަންޒިލަށް ވާސިލްވެވޭނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް މިއަދު މިވަނީ އޭނާގެ ނައު ހިތާމައިގެ ތޫފާނެއްގައި ޖެހި ކަރުނައިގެކަނޑަކަށް ޣަރަގުވެފައެވެ. ބިނާކުރި ލޯބީގެ ގަނޑުވަރުތަށް ފުނޑުފުނޑު ވެ ވިއްސި ވިހާލިވީއެވެ. އޭނާ އަޔާއާއި ކައިވެނި ކުރީ ކޮންފަދަ ފޮނި ހުވަފެން ތަކަކާއި އެކު ހެއްޔެވެ. އަޔާދެކެ ލޯބިވީ ހިތުގެ އެއްމެ ފުންމިނުންނެވެ. އަޔާއާއި އެކު އެފާވެރި ބާއްޖަވެރި ދިރިއުޅުމެއް ލިބޭނެ ކަމަށެވެ. ނަމަވެސް މިއަދު އޭނާގެ ހުރިހާ އުއްމީދެއް ވަޔާ ވިއްސިވިހާލި ވެއްޖެއެވެ. ހަނީފާގެ ހިތް ވިރެމުންދާ ވަރަކަށް ލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވެ ފެންކަޅިވާ ގޮތް ވިއެވެ. ކައިވެނީގެ ކުރިން އަޔާ އޭނާއާއި ހެދި އުޅުނުވަރު ހަނދާން ވާން ފެށުމާއެކު އޭނާގެ ހިތަކަށް ކެތެއް ނުވިއެވެ. ހިތުގާ ޖެހި ރޮވުނެވެ. ހަނީފާ ބޭނުން ވަނީ ހިތް ފުރެންދެން ރޯލާށެވެ. ނަމަވެސް އެފުރުސަތުވެސް މިއަދު އޭނާއަކަށް ނެތެވެ. އަޔާ އެހުންނަނީ ފަހަތުގަ ވިއްދާފައެވެ. މިހާރުވެސް އެހެރަ އައްނަނީ މިދިމާލަށެވެ. ހަނީފާ އަވަސް އަވަހަށް ކަރުނަތައް ފޮހެލާ މޫނުމައްޗަށް ހިނިތުން ވުމުގެ އަސަރު ގެނެވޭތޯ ބެލިއެވެ. “ކޯއްޗެއް ވެގެންތަ މިތާ ތިއިނީ…”” އަޔާ އައި ގޮތަށް އައިސް އޭނާގެ އަނބި މީހާ އާއި ދިމާއަށް ބުނެލިއެވެ. އަޔާ އައުމާއެކު ހަނީފާ ވީ އަމަށަކު ފޫއްސެއް ނޫނެވެ. “އިނގިލީގަ ރިއްސާވަރުން އެއްވެސް ކަމެއް ނުވެފަ މިއިނީ…” ހަނީފާ އަޔާގެ މޫނަށް ނުބަލާ އަނެއްފަރާތަށް ބަލަން އިނދެ ބުނެލިއެވެ. “ކޮންދޮގެއް ހަދާކަށް މިތާ އިނދެ ރޮނީނު!” އަޔާ އަނެއްކާވެސް ބުނެލިއެވެ. ” ނޫން މަށެއް ނުރޯން….” ހަނީފާ ރުންކުރު ގޮތަކަށް ބުނެލިއެވެ. އަދި އެތަނުން ތެދުވެގެން އީނާޝްމެން ކައިރިއަށް ދިއައެވެ.
އާސިމްމެން ބޭނުންވާ ވަރަށް ދަރު ބިނދެވުމުން އެދަރތައް ބޮނޑި ބޮނޑިއަށް ބަދެލިއެވެ. އެއަށްފަހު އެމީހަކަށް ވީ ބޮނޑި އެމީހެއްގެ ކޮނޑަށް ލައިގެން ވަލުތެރެއިން ނިކުންނަށް ހިނގައިގަތެވެ. އޭރު މެންދުރުވާން ކައިރި ވަނީއެވެ. އާސިމް އޭނާގެ ދަރުބޮނޑި ކޮނޑަށް ލައިގެން ހިނގައި ގަތީ އެއްމެ ފަހަތުގަ ހުރެގެނެވެ. “އަސްތާ މަގޭ ކަތިވަޅި!” އާސިމްއަށް ކަތިވަޅި މަތިން ހަނދާންވީ ވަކި ހިސާބަކަށް ދެވުނު ފަހުންނެވެ. ވަޅި މަތިން ހަނދާން ވުމާއެކު އާސިމް އައިކޮޅަށް އެނދުރުނެވެ. “ސާބަސް އިނގޭ ތި ވަޅިމަތިން ހަނދާންވިލެއް ތަންކޮޅެއް އަވަސް” އީނާޝް ހީގަނެފައި ދިމާކޮށްލިއެވެ. އާސިމް މިތާ މަޑުކުރޭ އަހަރެން އައްނާނަށް ވަޅި ހިފައިގެން…!” އާސިމް އައިކޮޅަށް ހިނގައިގަތުމާއެކު އީނާޝް އޭނާގެ ފިރިމީހާ ހުއްޓުވިއެވެ. “އިނޫއެކަނި އެހިސާބަށް ދާން ކެރޭނެތަ<<؟” އާސިމް އަހާލިއެވެ. އާސިމް މިހެން އަހާލުމާއެކު އީނާޝް އޭނާގެ ފިރިމީހާގެ މޫނަށް ބަލާލިއެވެ. “އާނ! ކެރޭނެ ކޮންތާކުބޭއްވީ..؟” އީނާޝް ޖަވާބު ދިނުމަށްފަހު އަހާލިއެވެ. “އެތާ ރުއްކައިރި އޮއްނާނެ ދޭ އަވަހަށް ގޮސް ހިފައިގެން އާދޭ” އާސިމް އޭނާގެ ކޮނޑުމަތީއޮތް ދަރުބޮނޑި ވައްޓާލިއެވެ.
ފިރިމީހާ މިހެން ބުނުމާއެކު އީނާޝް ހިނގައިގަތެވެ. އޭނާގެ ހިތުގައި އެއްވެސް ބިރުވެރިކަމެއް ނެތެވެ. އޭނާ މަޑޫމަޑުން ހިނގާލާފަގޮސް އާސިމް ވަޅިބާއްވާފައޮތް ތަނުންއެވަޅި ނެގިއެވެ. އީނާޝް ވަޅި ހިފައިގެން އެތަނުން ނިކުތުމަށްޓަކައި ހިނގައިގަތެވެ. އެތަންވަޅު ކައިރީގަ ހުރި ރުކަކުން ކާއްޓެއްވެއްޓުނެވެ. އެކާށި ވެއްޓުނު އަޑަށް އީނާޝް ދިއައީ ސިއްސައި ގެންނެވެ. އެހެނަސް އެހާ ބޮޑަކަށް ބިރެއް ނުގަނެއެވެ. އީނާޝް ގަސްތުކުރީ އެވެއްޓުނު ކާށިފެނޭތޯ ބަލާށެވެ. މިހެންވެ އެސަރަހައްދު ހޯދާލިއެވެ. އެއާއެކު އޭނާއާއި މާދުރުނޫން ހިސާބެއްގައި ހުރި ކުދިލުނބޯގަސް ތަކެއްގެ ތެރޭގައި ބޮޑު ކާއްޓެއް އޮށްވާ ފެނުނެވެ. އެކާށި ފެނުމާއެކު އެއްވެސް ޖެހިލުމެއްނެތި އޭނާގެ އަތުގައި އޮތް ވަޅިން އެކާށީގައި ޖަހައިފިއެވެ. އެކާށީގައި ޖެހުމާއެކު ވަޅީގެ މިއައިގެ ބޮޑުބައެއް ކާށީގެ ބޮނބިގަނޑުތެރެއަށް ވަނެވެ. އީނާޝް ކާށީގައި ވަޅިންޖެހީ އެފަޅާލުމުގެ ބޭނުމެއް ގައެއް ނޫނެވެ. އެކާށި ގެންދަން ފަސޭހައަކަށެވެ. އީނާޝް ކާށި ހިފައިގެން ހިނގައި ގަތްތަނާ ކުޑަކުއްޖަކު ރޯލިއަޑު އިވުނެވެ. އޭނާއަށް ހީވީ އެކާށީގެ ތެރެއިން ރޯހެނެވެ. އެވަގުތު އީނާޝް ކުޑަކޮށް ޖެހިލުންވާ ގޮތް ވިއެވެ. އަދި އެއިވުނު އަޑު ދެވަނަ ފަހަރަށް އިވޭތޯ ވިސްނާލިއެވެ. ނަމަވެސް ދެން އެއްވެސް ހިލަމެއް ނުވިއެވެ. މިހެންވެ އެއީ ހީވި ގޮތެއް ކަމަށް ބަލާފަ ފިރިމީހާ ކައިރިއަށް ދިއައެވެ. “އަހަނ! ކާއްޓެއްވެސް ހޮވީތަ؟” އާސިމް ކައިރިއަށް އީނާޝް އައިއިރު އީނާޝްގެ އަތުގައި ކާއްޓެއް އޮތުމުން އަހާލިއެވެ. އީނާޝް ހިނިތުން ވެލިއެވެ. “ވަޅިހިފައިގެން ހިނގައި ގަތްތަނާ ވެއްޓުނު އެއްޗެއްމީ ދެން ހިފައިގެން އައީ ކާލަން އޮއްނާނެ އެއްނުދޯ” އީނާޝް ބުނެލިއެވެ.
އާސިމް މެންނަށް ވަލުން ނުކުމެ އެމީހުންގެ ޓެންޓް ކައިރިއަށް އާދެވުނު އިރު މެންދުރުން އަނބުރަނީއެވެ. އޭރު ހުރިހާއެއްމެން ހެން ތިބީ ވަރަށް ވަރުބަލިވެފައެވެ. އެހެންވެ އެމީހުން ގަސްތުކުރީ މޫދަށް އެރޭށެވެ. މެންދުރަށް ކެއްކުން ހަސީނާއާއި ހަވާލުކުރުމަށްފަހު އާސިމް މެން މޫދަށް ދިއައެވެ. “ހަނީފާ ތިއިނގިލި ރަނގަޅު ނުވަނީސް މުދަށް އެރުން އެހާ ބުއްދިވެރިއެއްނޫން އަދިވެސް ތިއުޅެނީ ލޭމަނާނުވެ!” ހަނީފާ މޫދަށް އެރެއް އުޅޭކަން އެނގުމުން އީނާޝް ބުނެލިއެވެ. “އައްދެ މީދެން އެހާވަރުގެ ކަމެއްތަ..؟” ހަނީފާ ގަދަކަމުން ހިނިތުން ވެލާފައި ބުނެލިއެވެ. “އިނގިލި ނުތެއްމާވެސް މޫދުގަ އުޅެވޭނެދޯ ހަނީފާ!” އެވަގުތު އަޔާ އައެވެ. އޭނާ އައިސް ހަނީފާގެ އަތުގައިިހިފިއެވެ. އަދި އޭނާއާއި އެކު މޫދަށް ދާން ބުނެލިއެވެ. އެތަނަށް ހަނީފާގެ ފިރި މީހާ އައުމުން ދެން އީނާޝް އަޅައެއްނުލައެވެ. އޭނާ އޭނާގެ ލޯބިވާ ފިރިމީހާއާއި އެކު މޫދަށް ދިއައެވެ. ހަނީފާ ފަކީރު ކުރާނީ ކީއްހެއްޔެވެ. އޭނާގެ ހިތާ ދެކޮޅަށް އަޔާއާއި އެކު މޫދަށް ދިއައެވެ.
އާސިމް މެން މުދުން އެރިގެން އައި އިރު ހަސީނާ ކާން ހަދާފަ ހުއްޓެވެ. ދަތުރުގެ ބައިވެރިން އުފާވެރިކަމާ މަޖަލުގެތެރޭގައި މެންދުރުގެ ކެއުމަށް އިންސާފު ކުރަމުން ގެންދިއައެވެ. ހަނީފާ ފިޔަވާ ކޮށްމެ މީހެއްގެ މޫނުމަތިންވެސް ފާޅުވަނީ އުފާވެރި ކަމެވެ. ހިތްހަމަޖެހުމުގެ އަސަރެވެ. ނަމަވެސް ހަނީފާއަށް ޖެހިފައިވަނީ ކަރުނަ އަޅާ ރޯށެވެ. އޭނާގެ ވަށައިގެން ވަނީ ހިތާމައާއި ހިތްދަތިކަމެވެ. ބިރުވެރިކަމާ ނާމާންކަމެވެ. އެހެން މީހުނަށް އެމީހުންގެ ފިރިންނާއި ލޯބިވެރިޔާގެ ފަރާތުން އަރާމާއި އުފާވެރިކަން ލިބެމުންދާއިރު އޭނާގެ ލޯބިވާ ފިރިމީހާގެ ފަރާތުން އެއުފާވެރިކަމެއް ނުލިބެއެވެ. އޭނާއަށް ލިބެނީ ހިތާމައާއި ހިތްދަތިކަމެވެ. އޭނާގެ ފުރާނަ ދުއްވާލާނީ މިރޭ ނޫންކަމެއް ނޭނގެއެވެ. ހަނީފާ އަކަށް ރަނގަޅަކަށް ނުވެސް ކެވުނެވެ. އޭނާ ބޭނުންވަނީ އެމީހުނަށް ވަކިވެ އެކަހެރި ވެލާށެވެ. ނަމަވެސް މިއަދު އޭނާއަށް އެފުރުސަތެއްވެސް ނެތެވެ. އޭނާބޭނުންވަނީ ހިތް ހަމަ ޖެހެންދެން ރޯލާށެވެ. ނަމަވެސް އެފުރުސަތުވެސް ވަނީ އޭނާގެ ލޯބިވާ ފިރިމީހާގެ ހެޔޮކަމުން ފޭރިގަނެފައެވެ.
” އަހަރެން މިގަސްތުކުރަނީ ކައިނިމިގެން ކުޑަކޮށް ނިދާލުމަށްފަހު ހަވީރުގެ ފިނިޖެހެން ފެށީމަ ގޮނޑުދޮށަށް ނަނުއެއްލަން ދާން ކަމަށް…!” އާސިމް ކާން އިދެފަ ވާހަކަ ދެއްކިއެވެ. “އާނ ތީ ވަރަށް ރަނގަޅުކަމެހ މިރެއަށް ފިހެލާނެ މަހެއް ލިބޭތޯ ވާނީ ބަލަން… އަހަރެންދާނަން ” އަޔާ އާސިމްގެ މޫނަށް ބަލާލަމުން ބުނެލިއެވެ. އަޔާ މިހެން ބުނުމާއެކު ނާޒިމްވެސް ދާން އެއްބަސް ވިއެވެ. “އޯކޭ ހަތަރެއްޖަހާ އިރަށް ނަނުތައް ރެޑީކުރޭ އިނގޭ!” އާސިމް ބުނެލިއެވެ.
“އިނޫ ދާނަންތަ..؟” އާސިމް ކައި އަވަދިވެގެން އެމީހުންގެ ޓެންޓަށް ވަދެ އޮށޯވެ ހަމަޖެހިލުމަށް ފަހު އޭނާގެ އަންހެނުން ނަށް ބުނެލިއެވެ. “އާނ! ދާނަން މަވެސް ވަރަށް މަސްބާނާ ހިތްވެޔޭ” އީނާޝް އޭނާގެ ފިރި މީހާއާއި ހަތަރު ކަޅި ހަމަކޮށްލަމުން ބުނެލިއެވެ. އަދި އޭނާގެ ފިރި މީހާ ކައިރި އޮށޯވެލިއެވެ. ” އޯކޭ ތިހެން ވިއްޔާ ތިންގަޑި ތިރީސް ވެލީމަ މަށަށް ގޮވާ އިނގޭ އަދި ނަނު ވެސް ތައްޔާރު ކުރަން ޖެހޭނެ…” އާސިމް އާފުރެމުން ބުނެލިއެވެ. އީނާޝް އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.
ހަވީރުވެގެން އައި އިރު އާސިމްމެންތިބީ ރަށުގެ ގޮނޑުދޮށުގަ ނަނުއެއްލައި ގެންނެވެ އޭޏާއާއެކު އޭނާގެ އަންހެނުން އީނާޝްވެސް ހުއްޓެވެ. ކުޑައިރުކޮޅަކުން އަޔާވެސް އައިސް އެމީހުނާ ބައިވެރި ވިއެވެ. “ކޮބާ ހަމަ ކޮށާވެސް ނުލަނީތަ؟” އިރުކޮޅަކު ހުރެފަ އިނޫ އަހާލިއެވެ. “ދެން ސާބަހޭ ކެތްތެރިވާން ދަސްކޮށްބަލަ…ހަމަ އެއްލާތަނުން ކޮށާނުލާހުރެދާނެއެއްނު ” އާސިމް އޭނާގެ އަންހެނުންގެ މޫނަށް ބަލާލަމުން ހިސާބަކަށް ނުރުހިފަ ހުރެ ބުނެލިއެވެ. އެއާއެކު އިނޫ ހަމަ ހިމޭން ވިއެވެ. “އަޔާ މިތަން އެހާ ތިއާގި ހެނެއް ހިއެއްނުވޭ އަހަރެމެން މިދަނީ ރަށުގެ ދެކުނު ކޮޅަށް އަޔާ ދާނަންތަ…؟” އާސިމް ހުރި ދިމާއިން މަސްބޭނޭގޮތް ނުވުމުން އަޔާއަށް ބުނެލިއެވެ. “އަޔާމެން ގޮސްލާ އިނގޭ! އަހަރެން މަޑުކުރާނީ…” އަޔާ ބުނެލިއެވެ. އާސިމްގެ ދެމަފިރިން މަސްއުޅޭ ދިމާލަކާ ދިމާވޭތޯ ރަށުގެ ދެކުނު ކޮޅާ ދިމާލަށް ހިނގައި ގަތެވެ. އެދެމީހުން ހިނގާފަ ދިއައީ ރާޅުފެން ފަށުގައެވެ. އެދެމީހުނަށް ވަކިހިސާބަކަށް ދެވުނުތަނާ ވަރަށް ބައިވަރު މަސްއުޅޭ ހިސާބަކަށް ދެވުނެވެ. މިހިސާބަށް އާދެވުމާއެކު ވީ އުފަލުން އަވަސް އަވަހަށް ނަނު އެއްލައިފިއެވެ. ނަނުލޮނުގަނޑުގަ ޖެހުނު ހެނެއް ހިއެއްނުވެއެވެ. ގަތްފިއެވެ.
އިރުއޮށްސި އަނދިރިވީއިރުވެސް އާސިމްގެ ދެމަފިރިން ތިބީ މަސްބާނާށެވެ. ގަންނަލެއް ދަހިވީމަ އިރުއޮށްސިގެން ދިއައިރުވެސް ނޭގުނެވެ. އިރުއޮށްސުމާއެކު ހަނދުވަރުގެ ރިހިއަލިން މުޅި އަތިރިމައްޗާއި މޫދު ދިއްލާލިއެވެ. މޫދަށް ބަލާލުމުން ހީވަނީ ރހިފަތް ގަނޑެއްހެންނެވެ. “ލޯބީ! މިހާރު ފުދޭވަރަށް މަސްބޭނިއްޖެ ދެން ހިނގާ ދަމާ!” އިނޫ ބުނެލިއެވެ. އާސިމްއަށް ހޭވެރިކަންވީ އިނޫ މިވާހަކަ ދެތިން ފަހަރަކު ތަކުރާރު ކޮށްލި ފަހުންނެވެ. “ގަނޑިން ކިހާއިރެއްތަ…؟” އާސިމް އަހާލިއެވެ. ” މިހާރު އެހެރަ ހަތެއްޖަހަނީ” އިނޫ އޭނާގެ އަތުކުރީގަ އޮތް ގަޑިއަށް ބަލާލަމުން ބުނެލިއެވެ. “އެހެންތަ ވަނީ މަސްގަތްލެއް ދަހިކަމުން ވަގުތު ދިއަގޮް ވެސް ނޭނގުނުދޯ!” އާސިމް ބާނާފަ ހުރި މަސްތައް އެއްތަނަކަށް އެއްކުރަމުން ބުނެލިއެވެ. އެކަމުގަ އިނޫވެސް ބައިވެރި ވިއެވެ.
އާސިމްމެން ބޭނިމަސްތައް ގޯންޏަކަށް އަޅައިގެން ޓެންޓް ތަކާއި ދިމާއަށް ދާން ހިނގައިގަތެވެ. “ލޯބީ ކިހާރީތި ހަނދުވަރެއްދޯ ހަނދުވަރުގެ ރިހިއަލިން މިވަނީ މުޅިދުނިޔެ އަލިކޮށްފަ ކިހާ ހިތްގައިމުދޯ!” އިނޫ ދީފައިވާ ރީތި ހަނދުވަރު ފެނިފަ އޭނާގެ ފިރިމީހާއަށް ބުނެލިއެވެ. “އާނ ވަރަށް ރީތި މިރޭ ކައިގެން ހިނގާލަން އައްނަންވީނުދޯ!” އާސިމް އެދުނެވެ. އިނޫ ހިނިތުންވެލާފަ އާއެކޭ ބުނެލިއެވެ.
“ލޯބީ އެތިބީ ކޮން ދެމީހުނެއްތަ..؟” ކުއްލިއަކަށް އެތާ ހޭޅިފަށުގައި ތިބި ބަޔަކު އިނޫގެ ލޮލުގައި އަޅައިގަތެވެ. އެހެންވެ ފިރިމީހާއަށް ދައްކާލިއެވެ. ” ނޭނގެ ވެދާނެ އަނީސާ މެންކަމަށް ވެސް ހިގާބަލަ!” އާސިމް އެމީހުނަށް ބަލާލާފަ ބުނެލިއެވެ. އާސިމް މެންނަށް ހީކުރެވުނީ ހަމަ ރަނގަޅަށެވެ. އެއީ ހަމަ އަނީސާ މެންނެވެ. “ސާބަހޭ އިނގޭ މިއަދު މަސްބާނަން ނައިސަބަބަކީތީދޯ” އާސިމް އަނީސާ މެން ދެކުދިން ކައިރިއަށް ހުއްޓިފައި ބުނެލިއެވެ. އާސިމް މިހެން ބުނުމުން އަނީސާއާއި ނާޒިމް އެއްވެސް ޖަވާބެއް ނުދީ އެދެކުދިން ތިބި ތަނުން ތެދުވެގެން ހިނގައި ގެންފިއެވެ. “ރުޅިއައީތަ؟ ކީއްވެ އެއްޗެކޭ ނުބުނެ ތިދަނީ…؟” އެދެކުދިން ތެދުވެ ހިނގައި ގަތުމާއެކު އީނާޝް އަހާލިއެވެ. ނަމަވެސް އެދެކުދިން ހަމަ އެއްވެސް ޖަވާބެއް ނައެވެ. އެދެކުދިން ހިނގައި ގަތީ ރަށުގެ ދެކުނު ކޮޅާއި ދިމާއަށެވެ. “އައްދޭ ތިއުޅެނީ އަހަރެމެން ބިރުގައްނަވަންދޯ…! އަނގައިން ނުބުނެ ދިޔާމަ ދެން އަހަރެމެން ހީކުރަންވީ ތީ ފުރޭތަ ކަމަށްދޯ ހެހެހެ ތިހެން ޖަހާހާ މަޅިއަކު މި އާސިމްމެން ނުޖެހޭނެ” އާސިމް ބުނެލިއެވެ. އޭނާ ހީކުރީ އެދެކުދިން އެއުޅެނީ އެމީހުން ބިރު ގައްނަވަން ކަމަށެވެ. އެހެންވެ އެމީހުންގެ ކުރި މަތީ ދެރަ ނުވާން ވެގެން ބުނެލިއެވެ. އިނޫ އާސިމްގެ އަތުގައި ހިފެހެއްޓިއެވެ. އާސިމް އާއި އިޏާޝް ތިބީ އަނީސާމެން ހަދާ ގޮތެއް ބަލާށެވެ. އެދެކުދިން އަދިވެސް ހަމަ ދަނީއެވެ. އެނބުރި އެމީހުން ކައިރިއަށް އައްނާކަށް ގަސްތެއް ނުކުރެއެވެ. “ބިރުކުޑަ ދެކުދިންދޯ” އެދެކުދިން ހިގާފަ ދާތަން ބަލަން ހުރި އީނާޝް ބުނެލިއެވެ. އަންހެނުން މިހެން ބުނުމާއެކު އާސިމްވެސް އެކަމަށް އެއްބަސް ވިއެވެ. އަނީސާމެން ދެމީހުން ހިގަމުން ގޮސް އެތާ ހޭޅިފަށުގަ ހުރި ބޮޑު މިދިލި ގަހާ އަރާ ހަމަ ވުމާއެކު ކުއްލިއަކަށް ދެއަލިފާން ގުޅައަށް ބަދަލު ވެގެން މައްޗަށް އަރައިގެން ހިނގައްޖެއެވެ. އިނޫއަށް މިމަންޒަރު ފެނުމާއެކު ކައިރީގަ ހުރި އާސިމްގެ ގައިގަ ބައްދާގަތެވެ. އާސިމްއަށް ވެސް ވީވަރަކީ ގަތް ބިރުން އަތުގަ ހުރި މަސްގޯނި ދޫކޮށްލެވުނީއެވެ. އަދި އަވަސް އަވަހަށް ޓެންޓާއި ދިމާލަށް ހިނގައި ގަތެވެ. “ލޯބީ އެހެން މީހުންކައިރި މިވާހަކަ ނުދައްކާތި އިނގޭ އޭރުން ހުރިހާއެއްމެން ބިރުން އުޅޭނީ އަހަރެމެންނަކަށް ދެން މިރޭ ފުރޭނެ ގޮތެއްވެސް ހަމައެއްނުޖެއްސޭނެ ކަންނޭގެ” އާސިމް އަންހެނުންނަށް ބުނެލިއެވެ. އޭރު އިނޫ ބިރުން ތުރުތުރު ލައެވެ. އާސިމްވެސް ހުރީ ބިރުގެންފައިކަން އޭނާގެ މޫނުމަތިން ދޭހަވެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


❤❤❤❤❤❤❤❤❤❤❤
Foohi vegen authors ballaalanikoh ziyan ge name fenunyma vadhelaafa mi kiyan feshy….story hama habeys ekm kudhi kidhi mistakes kolheh eba huri….btw loves it?
?????
Story liyunuthaa 3 years fahin mi kiyeny..?