އުފާވެރި ހަޔާތަށް އެޅުނު ހިޔަނި (4 ވަނަ ބައި)
ޔޫނާ އެނަންބަރަށް ގުޅުމުން ބުނީ ފޯން ވަނީ ނިއްވާލާފައިކަމަށެވެ. “ލީން ކާކު ގުޅީ ދެންމެ؟” ޔޫނާގެ އަޑު އިވުމާއިއެކު ބިރެއް ފެނުނުހެން ލީން ފޯނާއާއި ދިމާލަށް ބަލާލިއެވެ. މިތަން ފެނުމުން ޒިދާން ލީން ދުރުކޮށްލުމަށްފަހު އޭނާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. “ކާކު ގުޅީ؟” “މީހެއް ނޫން” ލީން ޒިދާންއާއި ދުރަށް ޖެހިލަމުން އިސްޖަހާލިއެވެ. “ޔޫން ދީބަލަ ފޯން” އެވަގުތު ޒިދާން ލީންގެ އަތުގައި ހިފާ އޭނާއާއި ދިމާލަށް އަނބުރާލިއެވެ. “ކާކުހޭ ގުޅީ” ލީންއަށް ކުރެވުނުހާވެސް ކަމަކީ ޒިދާންގެ މޫނަށް ބަލަހައްޓައިގެން ހުރުމެވެ. “ތި ދެމީހުން ވާހަކަދައްކާލާ އަހަރުމެން ދާނަން ގެއަށް” ފަރަޝް ޔޫނާގެ އަތުގައި ހިފާލަމުން ބުންޏެވެ. “ނޫން” ލީން ވަގުތުން އެކަމާ ދެކޮޅު ހެދިއެވެ. “އެއީ ދޮގު.. ތިމީހުންދޭ” ފަރަޝްއާއި ޔޫނާ ނިކުމެފައި ދޮރު ލައްޕާލުމާއިއެކު ލީންގެ ހިތް ތެޅިގަތީ އެއެއްމިއެއް ބަލާފައެއް ނޫނެވެ. “ބުނާނީތަ ނޫނީ އަހަރެން ބުނުއްވަންވީިތަ؟” ޒިދާންގެ ބެލުމުގައި ވި ނުރައްކާތެރިކަމުން ވަގުތުން ލީންގެ ލޮލީތައް ކޮޅައް ޖެހިގެން ދިޔައެވެ. “ދާން ދޫކުރޭ އަހަރެންގެ އަތުން” “ނުދޫކުރާނަން” ޒިދާން ލީން ގެންގޮސް ސޯފާގައި ބެއިންދިއެވެ. “ނުބުނާނަން ދޯ؟” ލީން އެއްޗެކޭ ނުބުނުމުން ޒިދާން ލީންގެ މޫނާއި މަޑުމަޑުން ކައިރިވާން ފެށިއެވެ. “ހަމަ ނުބުނާނަންތަ” ޒިދާން ލީންގެ ކަންފަތް ދޮށުގައި ވައި އަޑުން އެހެން ބުނުމާއިއެކު ލީންގެ ހިތް ހީވީ މޭފަޅާލާފައި ނިކުމެދާނެހެންނެވެ. ޒިދާން މަޑުމަޑުން ލީންގެ ކޯތާފަތުގައި ބޮސްދިނެވެ. އަދި ވާތްފަރާތު ކޮނޑުމަތިން ވައްޓާލާފައި އޮތް އިސްތަށިގަނޑު އެއްފަރާތްކޮށްލަމުން ލީންގެ ކޮނޑުގައި ތުންފަތް ޖައްސާލިއެވެ. ލީން މަޑުމަޑުން ދެލޯ މަރާލީ ކުރެވުނު އިހްސާސްއެއްގެ ފޮނިކަމުންނެވެ. ޒިދާން ލީންގެ މޫނާއި މޫނު ކައިރިކޮށްލަމުން ލީންގެ ތުންފަތުގައި ބޮސްދިނީ އޭނާގެ ބަސްނާހާ ހިތް އެކަމަށް އެދި ގޮވާވަރުންނެވެ. ދެޒުވާނުން ދުރަށް ޖެހިލިއިރު ނޭވާ ވަނީ އަވަސްވެފައެވެ. އެވަގުތު ލީންއަށް އޭނާގެ ބަދުނަސީބުކަން ހަނދާންވުމާއިއެކު ޒިދާންގެ ގައިގައި ބައްދާލަމުން އޭނާގެ ކޮނޑުގައި އަތްވަށާލިއެވެ. “ދާން މިރޭ މިގޭގަ ނިދާފާނަންތަ ޕުލީޒް..” “ލީން އެކަމު..” “ޕުލީޒް މިހިރީނު ޖެހިގެން ހުރި ކޮޓަރިއެއް އެތާންގައޭ ނިދާނީ.. އޮފީހަށް ދާން ވަގުުތު އޮއްވާ ގޮވާލަދޭނަމޭ” ކަމެއް ގޯސްވެއްޖެކަން އެވަގުތު ޒިދާންއަށް ޔަޤީންވެގެން ދިޔައެވެ. “ހަމަ ނުބުނާނަންތަ ކާކުކަން ގުޅީ” ލީން އެއްޗެކޭ ނުބުނެ ސޯފާއިން ތެދުވިއެވެ. އަދި ޒިދާން ނިދަން ދެއްކި ކޮޓަރިއަށް ވަދެ އެތާންގައި ޒިދާންއަށް ނިދޭނެ ގޮތް ހަދާލަފައި ނިކުމެ ޒިދާންއަށް ގޮވާލިއެވެ. “އެއްޗެއް ބޭނުން ވެއްޖިއްޔާ ގޮވާލައްޗޭ…ގުޑް ނައިޓް” ޒީދާން އެއްޗެކޭ ބުނުމުގެ ކުރިން ލީން އެހެންބުނެފައި ކޮޓަރިއަށް ވަދެ ދޮރުޖަހާލިއެވެ. “ގުޑް ނައިޓް” މަޑުމަޑުން އެހެން ބުނެފައި ޒިދާންވެސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލާފައި ގޮސް ލައިގެން އިން ޓީޝާޓް ބާލާފައި އެތާހުރި ހަރުގައި އަޅުވާލިއެވެ. އަދި އެނދުގައި އޮށޯއްވެ ދެލޯ މަރާލީ ނިދޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތިއެވެ. ލީންގެ ހާލަކީތޯއެވެ. ކޮޓަރިއަށް ވަތްގޮތައް އެނދުމައްޗަށް ވެއްޓި ރޯންފެށި މީހާއަށް ނިދުނީ މެންދަމުން އަނބުރާ 2 ޖަހަން އުޅެނިކޮށެވެ.
އާދުވަހަކަށް އިރުއަރައިގެން އައިރު ލީން ފަތިސް ނަމާދުކޮށްލައިގެން ނިކުމެ ޒިދާންގެ ނިދަންވަތް ކޮޓަރީގެ ދޮރުގައި ދެފަހަރަކު ޖަހާލަމުން އޭނާއަށް ގޮވާލީ މިއަދަކީ ރަސްމީ ދުވަހަކަށްވެފައި ޒިދާންވެސް މިއަދު އޮފީހަށް ދާން ޖެހޭނެތީއެވެ. ދެފަހަރަކު ގޮވާލުމުންވެސް ޒިދާންގެ ހަބަރެއް ނުވުމުން ލީން ތަޅުގައި ހިފާ އަނބުރާލީ ތަޅުނުލާ ހުންނާނެކަން އެގިހުރެއެވެ. ވީވެސް އެހެންނެވެ. ތަޅުގައި ހިފާ އަނބުރާލުމާއިއެކު ދޮރު ހުޅުވިގެން ދިޔައެވެ. ކޮޓަރިއަށް ވަތް އިރު އެނދުމަތީ އަރާމުކޮށް ނިދާލާފައި އޮތް ޒިދާން ފެނުމުން ލީންގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ހަމަ އެކަނި ޖިންސެއްލައިގެން ނިދާފައި އޮތް އިރު އެފިރިހެންވަންތަކަން އިތުރުވެފައިވާހެން ލީންއަށް ހީވީއެވެ. “ދާން ތެދުވެބަލަ.. ދާން އޮފީހަށް ދާން ގަޑި..” ލީންއަށް އޭނާގެ ވާހަކަ ފުރިހަމަ ނުކުރެވެނީސް ޒިދާން އޭނާގެ އަތުގައި ހިފާ އެނދުމަތީ ބޭންދިއެވެ. “ކުޑަ ވަގުތުކޮޅަކަށް ހީވީ އަހަރެންގެ އަނބިމީހާ އަހަރެންނަށް އޮފީހަށް ދާން ގޮވިހެން” ލީންގެ އަތާއި ޒިދާންގެ އަތާ ގުޅުވާލަމުން އޭނާ ބުންޏެވެ. ލީން ހިންދިރުވާލަމުން އަތްދަމާގަތުމަށްފަހު ތެދުވެ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ޒިދާން ކޮޓަރިން ނިކުތުމުން ލީން އޭނާގެ އަތަށް ކޮފީ ތައްޓެއް ލައިދިނެވެ. އަދި އެނބުރި ކޮޓަރިއަށް ވަނީ އޭނާވެސް އޮފީހަށް ދާން ޖެހޭތީޔާއެކު ގަޑި ޖެހުމުގެ ކުރިން ތައްޔާރުވުމަށެވެ. ރީތިވެލައިގެން ނިކުތް ލީން ޒިދާން ކޮފީ ބޮއެފައި ދިޔަ ތަށި ދޮވެލުމަށްފަހު ގޮސް ލިފްޓަށް އެރީ އޮފީހަށް ދާން ގަޑިކައިރިވެފައި ހުރުމުންނެވެ.
ސައިކަލެއްގައި އައި ޒުވާން އުމުރުގެ ފިރިހެން ކުއްޖާ މ. ލޭކް ހައުސްގެ ގޭޓް ކައިރީގައި އިން ވޮޗަރަށް ހިނިތުންވެލުމުން އެތާއިން ވޮޗަރުވެސް ހިނިތުންވެލަމުން ގޭޓް ހުޅުވާލިއެވެ. އެޒުވާނާ ގޮސް އެބޮޑު ގޭގެ ކުރިމަތީ ސައިކަލް ޕާކްކޮށްލުމަށްފަހު އެތެރެއަށް ވަދެގެން ދިޔައިރު އެމޫނުމަތިން ޖެހިލުންވެފައި ހުރި މިންވަރު ހާމަވާން ހުއްޓެވެ. އެދިޔަގޮތަށް ގޮސް ގޭގެ ސިޓިން ރޫމް ހުރަސްކޮށް މައްޗަށް އަރަން އިން ބޮޑު ސިޑީގެ ހަރުފަތަށް ގިރާކޮށްލުމަށްފަހު ވާތްފަރާތުގައި އިން ކޯރިޑޯ ހުރަސްކޮށްފައި ގޮސް ހުއްޓުނީ ކޮޓަރިއެއްގެ ދޮރުމަތީގައިވެ. އަދި ތުރުތުރުއަޅަމުން ދިޔަ ދެއަތުން ދޮރުގައި މަޑުމަޑުން ޓަކިޖަހާލިއެވެ. “ވަދޭ” އެތެރެއިން އެހެން ގޮވާލުމާއި އެކު އެޒުވާނާ އެތެރެއަށް ވަނެވެ. ޑުރެސިންޓޭބަލް މޭޒު ކައިރީގައި ހުރި ޒުވާނާ ފުރަގަސްދީގެން ހުރި އިރު ލައިގެން ހުރި މެރޫން ކުލައިގެ ޓީޝާޓް ގަޔައަށް ހިފިފައި ހުރިގޮތުން ގަވައިދުން ކަސްރަތު ކުރާ މީހެއްކަން އިގެއެވެ. ” ރޭނގަ ޒިދާން ނިދީ ލީންގެ އެޕާޓްމެންޓްގަ” “ކަލޭއަށް ޔަޤީންތަ ތިދައްކާ ވާހަކައަކީ ތެދު ވާހަކައެއްކަން؟” “އާނ” ދޮރުކައިރީގައި މަޑުކޮށްލައިގެން ހުރި ޒުވާނާ މިހެން ބުނުމާއިއެކު އެތާހުރި ޒުވާނާ ޑުރެސިންޓޭބަލް މަތީ ހުރި ހުރިހާ އެއްޗެހިތައް އަތުން ޖެހިޖެހީނުން ބުރުވާލިއެވެ. “އަހަރެން ކުރި މަސައްކަތް އެހާ ފަސޭހައިން ފެނަށްދިޔަކަ ނުދޭނަން” ޑުރެސިންޓޭބަލް ގައި ބާރަށް ހިފަހައްޓާލަމުން އެމީހާ އެހެން ބުނިއިރު ރުޅިއައިސްގެން ގޮސް މީހާ ތުރުތުރުލަމުން ދިޔައެވެ. ” މަށަށް އިނގޭ ދެން ކަންތައް ކުރަންވީ ގޮތް” އެހެންބުނެ އެމީހާ ދެން ކަންކުރަންވީ ދޮރުމަތީ ހުރި ޒުވާނާއަށް ކިޔާދިންއިރު ހަަމަ ގައިމުވެސް މިފަަހަރު ކޮންމެސް އެކެއްގެ ފުރާނައަށް ނުރައްކާވާނެކަން ޔަޤީނެވެ. “މިފަހަރު އެއްވެސް ގޯހެއް ހެދިގެން ނުވާނެ” މެރޫން ކުލައިގެ ޓީޝާޓެއް ލައިގެން ހުރި ޒުވާނާ އައިސް ދޮރުމަތީ ހުއްޓިގެން ހުރި ޒުވާނާ ކައިރީގައި އެހެން ބުނި އިރު އެދެލޮލުން ނުރައްކާތެރިކަން ފާޅުވާން ހުއްޓެވެ. “ލައްބަ ބޮސް” އިސްޖަހާލަމުން އެޒުވާނާ އެހެން ބުނުމާއި އެކު އެތުންފަތްމަތީގައި ނުލަފާ ހިނިތުންވުމެއް ދުވެލިއެވެ. “ގުޑް އައި ވިލް ވޮން ދިސް ޓައިމް..” އެޒުވާނާ ހީގަތް އަޑު އެބޮޑު ކޮޓަރިތެރޭގައި ގުގުމައިގެން ދިޔައެވެ.
އޮފީސް ނިންމާފައި ނިކުތް ލީން ގޮސް ޕާކިން އޭރިއާ ތެރޭގައި އޮތް ކާރަށް އަރާ ދުއްވާލީ މޭރީ ބުރައުން ރެސްޓޯރެންޓާ ދިމާލަށެވެ. ބާރު ސިޕީޑެއްްގައި ކާރު ދުއްވަމުން ދިޔައިރު އެދެލޮލުން ފެންނަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. ފާއިތުވި ދެއަހަރު ދުވަހު އޭނާ އުފުލި ވޭނުގެ ކުޑަނަމަވެސް މިންވަރެއް ކުޑަވޭތޯ މަސައްކަތްކުރަމުން ދިޔައިރު އޭނާއަށް ވަނީ އެކަމުން އެއްވެސް ކުރިއެރުމެއް ނުލިބިފައެވެ. ކާރު ޕާކުކޮށްލުމަށްފަހު ބާރު ހިގުމެއްގައި މެރީ ބުރައުންއަށްވަދެ އެންމެ ފުރަތަމަ ފުލޯ އަށް އަރާ މޫދުފެންނާނެހެން ޖަހާފައިވާ ބިއްލޫރިގަނޑު ކައިރީގައި އިން މޭޒަކާ ދިމާލަށް މިސްރާބު ޖެހިއިރު އެތާންގައި ރީތިކަން ހުސްކޮށްލައިގެން އިން ޒުވާނަކު އިނެވެ. ލީން ދިޔަ ގޮތަށް ގޮސް އެޒުވާނާ އިން މޭޒުގެ އަނެއް ކޮޅުގައި އިށީނނެވެ. “ހާދަހާ ރީއްޗޭ ދޯ އަދިވެސް.. އަހަރެންނާ އިންނާނީ ކޮންދުވަހަކުންތަ ދެން؟” “ކަލޭ އާއި އިންނަން އުޅުނީ ކާކުތަ؟ ތި ބަލާބެލުމަށް ކިތަންމެ ރީއްޗަސް ހަމަ ކުނިގަނޑެއް” “އޭއި ބުނަން ވާހަކައެއް މަގޭ ކުރިމަތީ ނުފުއްޕަށްޗޭ ކިތަންމެ ލޯބިވިޔަސް މަގޭގާތަށް ރުޅިއައިސްފިއްޔާ ކަލޭއަށް ގެއްލުމެއް ދެވިދާނެ” ދެން އިވިގެން ދިޔައީ ލީންގެ ހުނުމުގެ އަޑެވެ. “ކަލޭ އެވެސް ލޯބި.. ހެއްދެވި ފަރާތް މަތިން ހަނދާން ނުކުރާ މީހަކަށް ކޮން ލޮތްބެއްތަ ވެވޭނީ؟” މަލާމާތުގެ ރާގަކަށް އެހެން ބުނުމާއެކު އެޒުވާނާގެ ލޭ ކެކިގެން ދިޔައެވެ. “އަމިއްލަ ފެންވަރު އޮޅުނީ ދޯ ކަލޭގެ ލޯބިވާ ޒިދާން މިދުނިޔެއް ފަހު ނެވާ ދޫކުރާއިރު ކަލޭ ތިއިންނަނީ މަށާ ޖަދަލު ކުރަން” “ކަލޭއަށް ހާދަ ބޮޑަކަށް އޮޅިފައޭ ތީނީ.. ކަލޭއަށް އަންނާނެ މަަގޭ ފަރާތުން ފޯން ކޯލެއް..” އެވަގުތު އެޒުވާނާގެ ފޯނު ރިންގުވަން ފެށިއެވެ. “ނަގާ އަވަހަށް” ހިނިތުންވެލަމު ލީން ބުންޏެވެ. “ބޮސް ޒިދާންގެ ގައިގައި ތަޅައެއް ނުލެވުނު މޫނު ނިވާކޮށްފައި ތިބި ބަޔަކު އައިސް އަހަރެމެންގެ ގައިގައި ތަޅާލާފައި ހިގައްޖެ..އަދި އެވަރުން ނުވެގެން ޕޮލިހުން އައިސް އަހަރެމެންގެ މީހުން ހިފަހައްޓައިފި މިތަނުން މީހެއްގެ ޖީބުން ޑުރަގުސް ނަގާ ދައްކާފަ އެންމެން ހައްޔަރުކޮށްގެން ޕޮލިސްޓޭޝަންއަށް ގެންގޮސްފި” “ވަޓް ދަ ހެލް..”އެޒުވާނާ ދަތްކުނޑި ވިކާލާފަ ލީންއާއި ދިމާލަށް ބަލާލުމުން ލީން އެޒުވާނާއަށް އެއްލޯ މަރާލާފައި ހިނިތުންވެލަމުން އެތަނުން ނިކުމެގެން ދިޔައެވެ. އެޒުވާނާ މޭޒުގައި ޖަހާލަފައި ބާރު ހިނގުމެއްގައި ނިކުމެގެން ދިޔައިރު ލީންގެ ވަސްވެސް ނެތެވެ.
ސާދަވިލޭރޭގެ ބުރު ހަމަ ހަނދު އުޑުމަތީ ރަސްކަންކުރަމުން ދިޔައިރު އެރީތި ރޭގެ އުފާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަށް ލޯބިވެރިން މަސައްކަތް ކުރަމުން ދިޔައިރު އެހުރިހާ ކަމަކުން މަޙުރޫމްވެފައި ރަސްފަންނުގައި ހުރި ކުޑައެއް ދަށުގައި ލީންހުއްޓެވެ. “ލީން” ޒުވާން ފިރިހެނެއް އައިސް ލީންއަށް ގޮވާލުމުން އެމީހާއާއި ދިމާލަށް އެނބުރިފައި ލީން ފަޑު ހިނިތުންވުމެއް ދިނެވެ. “ކަޔާން ފައިނަލީ” ކަޔާން އައިސް ލީން ކައިރީގައި އިށީނނުމުނއ އޭނާގެ އަތްމަތީ އަތް ބާއްވައިލަމުން ލީން ބުންޏެވެ. “އައި އޯލްވެއިސް ޑޫ ކަމް ޓު ޔު ލީން” ހިނިތުންވެލަމުން ކަޔާން ބުންޏެވެ. “އާނ ކަޔާން ނައިނަމަ އަހަރެން އޮންނާނީ ބިމުގެ އަޑީގައި ވަޅުލެވެފައިކަން ނޭނގެ” “ލީން ތިކަހަލަ އެއްޗެއް ދެން ނުބުނައްޗޭ” “ކީކޭ ދެން އަހަރެން ވަކި ބުނާނީވެސް އެންމެ ލޯބިވާ މިހާ އެހުންނަނީ ކުރިމަތީ އަހަންނާއި އެކު ދިރިއުޅުމެއް ފަށަން ތައްޔާރަށް އެކަމު އަހަރެން މި ޖެހެނީ ކޮންމެ ފަހަރަކު އެލޯތްބަށް ފުރަގަސްދީފައި އެހިތް ރޮއްވާލަން މިއަށްވުރެ ބޮޑު ނިކަމެތިކަމެއް އިންސާނަކަށް ލިބޭނެތަ..” “ލީން ޖަސްޓް މެރީ ހިމް އެން ގޯ ފޮރޮމް ހިއާރ” “ކިހިނެއްތަ ކަޔާން މި ދައްކަނީ ކިހާވަރެއްގެ މީހެއްގެ ވާހަކަކަން ކަޔާން އިނގޭނު.. އަހަރެމެންގެ އާއިލާ ތިބީ މިތާންގެ އެމީހުންނަށް ގޮތެއް ނަހަދާނެ ކަމުގެ ކޮން ޔަޤީންކަމެއް އޮތީ އޭނާ ބޭނުންވާކަމެއް ކުރުމަށްޓަކާ އެއިން މީހަކު މަރާލަކަށްވެސް އޭނާ ފަހަކަށް ނުޖެހޭނެ.. ކަޔާންއަށް ހިވެތާ އެހެން ގޮތެއް ވާން އޮތްނަމަ އެގޮތެއް އަހަރެން އިޙްތިޔާރު ނުކޮށް ހުންނާނެހެން” ކަޔާންއަށްވެސް އެވަރު ވިސްނެއެވެ. ނަމަވެސް އެންމެ ގާތް އެކުވެރިޔާ އެހާލުގައި އުޅޭތަން ބަލަން ކެއްނުވުމުން އެހެން ބުނެވުނީއެވެ.
“ކަލޭމެންގެ ފަރުވާކުޑަކަމުން އަނެއްކާވެސް އަހަރެންގެ މަސައްކަތް ފެނަށް މިދަޔައީ” ލޭކް ހައުސްގެ ކޮޓަރިތޭރޭގައި އެނުދަންނަ ޒުވާނާގެ އަޑު ގުގުމައިގެން ދިޔައެވެ. “ދެން ވެސް އެއީ ކޮންބައެއްތޯ ބަލާބަލަ” އެޒުވާނާ އެހެން ބުނުމާއިއެކު އޭނާގެ ކުރިމަތީ ތިބި ތިން ޒުވާނުން އަވަސް އަވަހަސް އެކޮޓަރިން ނިކުމެގެން ދިޔައީ އެމީހުންނާ ހަވާލުކުރެވުނު ކަންތައް ވޭތޯއެވެ. “އެޒިދާން އަށް ލީންއެއް ނުލިބޭނެ..”އަތުގައި ޖެހުނި ބިއްލޫރި ވާސް ޓައިލްސް މަށްޗަހަށް ތަލާލަމުން އެޒުވާނާ އެހެން ބުނިއިރު އެއަޑުގައި ވަނީ ރުޅިވެރިކަމެވެ.
“އާދޭ ކާން” ލައިބުރަރީގައި ފައިލްއެއް ހިފައިގެން އިން ލުތުފީއަށް ނިހާދާ އެހެން ބުނުމަށްފަހު އެނބުރި ހިނގައިގަތީ އެތަނުން ދާށެވެ. “ނިހާދަ އަދިވެސް އަހަރެން ދެކެ ރުޅިއައިސްފަަތަ؟” “ރުޅިއަައިސްފައެއް ނޫން އެކަމު ލުތުފީ އަހަރެންގެ ހުރި ހަމަ އެކަނި ދަރިފުޅުގެ އުފާތަށް ވެއްޔާ މޮޑެލާއިރު އަހަރެން ލުތުފީއަށް ހިތްވަރުލައިދޭކަން ނުހުންނާނަން” “އަހަރެން މިކަންތައް ކުރަނީ ހަމަ އެދަރިއަށް ވެސް ރަނގަޅަކަށޭ… އެއީ މަގޭވެސް ދަރިއެކޭ ނިހާދާ” “ލުތުފީގެ ތި ވިސްނުން ބަދަލުވޭތޯ ލައްކަ ދުވަހު އަހަރެން ކެއްކޮށްފިން ދެން އަހަރެންނެއް ލުތުފި ކައިރީގައެއް ނުދައްކާނަން މިވާހަކައެއް” އެހެން ބުނެ މަޑުކޮށްލުމެއްވެސް ނެތި ނިހާދާ ގޮސް ވަނީ ކޮޓަރިއަށެވެ. އޭރު އޭނާގެ ދެލޯ ހުރީ ފެންކަޅިވެފައެވެ.
..ނުނިމޭ..
3 Comments!
Comments are closed.




Nice… But haadha lahakun ney up thi kurany…
Koachettha myga nice vy nuki igen huttaaly mi kiyann feshuny ghi vs bolah undhagu vejje
ވަރަށް ރީތީ.. ދެން އޮތް ބާއި ކޮންއިރަކުން؟