މިޝާލް ފަސޭހަ ކަމާއެކު ޔުމްނާ ލައިގެން އޮތް ހެދުން ވީދާލިއެވެ. ޔުމްނާގެ ދޮން ހަށިގަނޑު އެއްކޮށް ހާމަވުމުން އެ މޫނުމައްޗަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އޭރުވެސް ޔުމްނާ ގެންދިޔައީ ސަލާމަތަށް އެދި އާދޭސްކުރަމުންނެވެ. އަތްފައި ތަޅުވައި، ތެޅިފޮޅެމުންނެވެ. ނަމަވެސް މިޝާލް އެއަށްވުރެ މާ ހުށިޔާރެވެ. އެނދުމަތީގައި އޮތް ބެޑުޝީޓުން އޭނާ ޔުމްނާގެ އަތްފައި ބަނދެލީ އެފަކީރަށް ގުޑިވެސް ނުލެވޭހާ ބާރަށެވެ.
“މީހެކޭ!” މިޝާލް އޭނާ ލައިގެން ހުރި ޖެކެޓު ތަޅުންގަނޑު މައްޗަށް ހޫރާލުމާއެކު ޔުމްނާ ހަޅޭއްލަވަން ފެށިއެވެ. މިޝާލްގެ އަނިޔާވެރި އަތްދަށުން އޭނާ ސަލާމަތްކޮށްދެއްވާތޯ އޭނާ ހިތާހިތުން ދުޢާ ކުރަމުން ދިޔައެވެ. މިޝާލް އޭނާ އަޑިން ލައިގެން ހުރި ޓީޝާޓުގައި ހިފައި ދެފަރާތަށް އިރާލިއެވެ. ޔުމްނާގެ އެ އަންހެންވަންތަ ހަށިގަނޑު ފެނުމާއެކު އޭނާގެ ހިއްސުތަކުގައި ވަނީ ހުޅު ރޮއިވެފައެވެ. ޖީންސުގެ ގޮށްތައް ނައްޓަން އުޅެނިކޮށް އޭނާއަށް އެކޮޓަރީގެ ދޮރުގައި ޓަކި ޖަހާލި އަޑު އިވިގެން ދިޔައެވެ. ވަގުތުން އޭނާގެ ހަރަކާތްތައް ގަނޑުވިއެވެ. ޖެހިލުންވެ ހުރެ އޭނާ ދޮރާ ދިމާއަށް ބަލާލިއެވެ. އޭރުވެސް ކޮންމެވެސް މީހަކު އެ ދޮރުގެ ތަޅުގައި ހިފައި ހުޅުވަން މަސައްކަތް ކުރަމުން ދިޔައެވެ.
މިޝާލްގެ ސިކުނޑި އަވަސްއަވަހަށް މަސައްކަތްކުރަން ފެށިއެވެ. ހަދާނެ ގޮތެއް ސިކުނޑީގައި ރާވާލަމުން އޭނާ އަވަސް އަވަހަށް ޔުމްނާގެ އަތްފައި މޮހާލިއެވެ. ޔުމްނާ ކަރުނަވީ ދެލޮލުން ކޮޓަރީގެ ދޮރާ ދިމާއަށް ބަލާލިއެވެ. އެއީ ކޮންމެ މީހަކަށް ވީނަމަވެސް އޭނާ އެމީހަކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުކުރިއެވެ. މިޝާލްގެ އަތްދަށުން އޭނާ ސަލާމަތްވީ އެމީހަކާ ހެދިއެވެ. އޭނާ އަވަސްއަވަހަށް ރަޖާގަނޑަކުން ބަރަހަނާ ހާލުގައިވާ އޭނާގެ ހަށިގަނޑު ނިވާކޮށްލިއެވެ.
“އޭތް! ކަރުނަތައް ފުހޭ…” މިޝާލް ދަތްކުނޑި ވިކައިގެން ހުރެ އެހެނަސް މަޑުން ބުނެލިއެވެ. ޔުމްނާ އަވަސް އަވަހަށް މޫނުގައި އަތް ކާއްތާލުމަށްފަހު ލޯ ފުހެލިއެވެ. ޓީޝާޓު ބައިލައިގެން އެ ހުރި ގޮތަށް ގޮސް މިޝާލް ކޮޓަރީގެ ދޮރު ހުޅުވާލުމުން ޔުމްނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. މިޝާލް އެގޮތަށް އޭނާގެ ކޮޓަރިން ނިކުންނަތަން ފެނިއްޖެނަމަ މީހުން ހީކުރާނީ ކީކޭ ހެއްޔެވެ؟ ފަރީދުގެ އާއިލާގެ މެދުގައި އިތުރު މައްސަލަތަކެއް އުފެދޭކަށް އޭނާ ބޭނުމެއް ނުވެއެވެ.
މިޝާލް ދޮރުހުޅުވާލި ވަގުތު ކުރިމަތީގައި ހުއްޓިގެން ހުރީ ފަރީދެވެ. ފަރީދު ފެނުމާއެކު އޭނާގެ އަތްފައި ފިނިވާން ފެށިއެވެ. ފަރީދު މިގަޑީގައި ގޭގައި އުޅެގެން ނުވާނެއެއް ނޫން ހެއްޔެވެ؟ ޕާޓީއަށް ނުގޮސް ފަރީދު އަނބުރާ އައީ ހެއްޔެވެ؟
“ބަ.. ބައްޕާ؟” ލިބުނު ޝޮކާއެކު މިޝާލްއަށް ބުނެވުނީ އެހެންނެވެ. އެއްފަހަރު ހުސްގަޔާ ހުރި މިޝާލްއަށް އަނެއްފަހަރު އެނދުމަތީގައި މުޅި ގައިގައި ރަޖާ ލައިގެން އިން ޔުމްނާ ބަލަމުން ދިޔަ ފަރީދުގެ ބަސްވަނީ ހުއްޓިފައެވެ. ދިމާއަށް ފެންނަން ހުރި މަންޒަރުން އޭނާއަށް ވިސްނަންވީ ކޯއްޗެއް ކަމެއް ނޭނގުނެވެ.
“މިޝާލް! ލަދެއް ހަޔާތެއް ނެތްތަ ކަލޭގެ!!” ފަރީދު ވާހަކަދައްކަމުން ދިޔަވަރަކަށް އޭނާގެ އަޑުވެސް ދިޔައީ ބާރުވަމުންނެވެ. އެއަޑަށް ނަސްރީން އާއި މިޝްކާވެސް އެތަނަށް އަތުވެއްޖެއެވެ.
“ކިހިނެއް ވެގެންތަ މިއުޅެނީ؟” ނަސްރީން އައިސް އެއްފަހަރު ފަރީދަށް އަނެއްފަހަރު މިޝާލްއަށް ބަލަމުން ސުވާލުކޮށްލިއެވެ.
“ބައްޕާ! އަޑުއަހާ! ތި ހީކުރާ ކަހަލަ ގޮތަކަށް ނޫނޭ ކަންތައް ވީކީ! އަދި ބުނަން! ބައްޕަ ތި ހީކުރާހާ ރަނގަޅު މީހެއްނޫން އޭންދަ އަންހެނާ އަކީ!” މިޝާލް އެނދުމަތީގައި އިން ޔުމްނާއާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ބާރަކަށް ބުނެލިއެވެ. އެއާއެކު މިޝާލްގެ މޫނުމައްޗަށް އަރައިގެން ދިޔައީ މިޝްކާގެ އަތުގެ ހޫނު ހަމަލާއެކެވެ. ޔުމްނާވެސް އިނީ މިޝާލް އެބުނި އެއްޗެއްގެ ސަބަބުން ހަދާނެ ގޮތެއް ނޭނގިފައެވެ.
“މިޝާލް! ދޮންމަމް ނޫޅޭނެ އެހެންނެއް. އަހަންނަށް އޭނަ އެނގެއޭ!” މިޝްކާ މިޝާލްއާ ދިމާއަށް ރުޅިވެރިކަމާއެކު ބުނެލިއެވެ.
“އާޗާ! އެންމެން ކީއްވެތަ އޭނަ ރަންކުރަނީ؟ އަހަރެންމީ ކަލޭމެންގެ ލޭ ހިނގާ ކަލޭމެންގެ އާއިލާ މީހާ.. އެކަމަކު ކަލޭމެން ތި ރަންކުރަނީ އެހެރަ ފެންނަ ނާސި އަންހެނާތަ؟” މިޝްކާ ޖެހި ތަނުގައި އަތްއަޅާލަމުން މިޝާލް ވާހަކަދެއްކީ މަލާމާތުގެ ރާގެއްގައެވެ.
“ހުއްޓާލާ މިޝާލް!” ފަރީދު ބާރަކަށް ބުނެލިއެވެ. އެމޫނުމަތިން މިޝާލްއަށް ފެނުނީ އެހެންނޫނީ ދުވަހަކުވެސް ނުފެންނަ ފަދަ ރުޅިވެރިކަމެކެވެ.
“އުހުން.. ކީއްވެ ހުއްޓާލަންވީ؟ ފަރީދުވެސް އަމިއްލަ ދަރީގެ ބަހަށް އިތުބާރު ނުކުރަނީތަ؟ މިޝާލްގެ ބަހަށް އިތުބާރު ނުކޮށް ފަރީދުވެސް ތި ރަނގަޅު ކުރަނީ ޔުމްނާ ދޯ؟” ނަސްރީން އުނަގަނޑުގައި ދެއަތް ވިއްދާލަމުން ވާހަކަދެއްކިއެވެ. އޭނާ ގޮސް މިޝާލްގެ ކޮނޑުގައި އަތް ބާއްވާލިއެވެ.
“އަޅެ ދަރިފުޅު ކިޔާދީބަލަ ވީގޮތް..” ނަސްރީން ލޯތްބާއެކު މިޝާލް ގާތު ވެގެން އުޅޭގޮތް ސާފުކޮށް ކިޔައިދިނުމަށް ބުނެލިއެވެ.
“ހުރިހާ އެންމެންވީ ޕާޓީއަށް ގޮސް ކަން އެނގުނީމަ ޔުމްނާ އައީ އަހަރެން ކައިރިއަށް.. އޭރު އަހަރެން އިނީ ސޯފާގަ.. އައިސްފަ އަހަރެންގެ ގައިގަ ކޭއްތި ކޭއްތިފަ އުޅުނީ.. ކޮޓަރިއަށް އަންނާށޭވެސް ބުނި.. ދެން އަންހެނަކު އެގޮތަށް އުޅެންޏާ އަހަންނަށް ވަކި ކެތްވާނެތަ؟ އޭނަ އަހަރެން ގޮވައިގެން މި ކޮޓަރިއަށް އައީ.. އޭނަ އަހަރެން މި ކޮޓަރިއަށް ވެއްދީ އަމިއްލަ ރުހުމުގަ.. އިނގެއްޖެ؟ ހީކުރާހާ ރަނގަޅު އަންހެނެއް ނޫނޭ އެއީކީ..” މިޝާލް ދެއްކި މޮޅު ވާހަކައިގެ ސަބަބުން ޔުމްނާއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. ރަތްވެފައިވާ އެދެލޮލުން ހޫނު ކަރުނަތައް ހުއްޓުމެއްނެތި ފައިބަމުން ދިޔައެވެ. އެވަގުތު ފަރީދު އެކޮޓަރިއަށް ވަދެގެން ގޮސް ޔުމްނާއާ ދާދި ގާތުގައި ހުއްޓެލިއެވެ.
“އެއީ ތެދެއްތަ؟” ފަރީދު މަޑުމަޑުން ޔުމްނާ ގާތު އަހާލިއެވެ. ޔުމްނާއަށް އެވަގުތު ބަލާލެވުނީ މިޝާލްއާ ދިމާއަށެވެ. މިޝާލްގެ މޫނުމަތީގައިވި ކާމިޔާބީގެ ހިނިތުންވުން ފެނި ޔުމްނާއަށް ތުންފަތުގައި ދަތްއަޅާލެވުނެވެ. މިޝާލް އެ ހެދީ ދޮގެކޭ ބުނާހާ ހިތްވަރެއްވެސް އޭނާގެ ހަށިގަނޑުގައި އެވަގުތު ނެތް ކަހަލައެވެ.
“އަހަރެން މި އަހަނީ އެއީ ތެދެއްހޭ؟؟” ފަރީދުގެ އަޑު ކުރިއަށްވުރެ ބާރުވެގެން ދިޔައެވެ. ޔުމްނާގެ ގިސްލުން އިތުރުވެގެން ދިޔައެވެ. ކޮންމެ ގޮތެއް ވިޔަސް ދަރިޔަކާ ބައްޕައަކާ ޖެއްސުން އެއީ އޭނާ އެއްއިރެއްގައިވެސް ކުރަން ބޭނުންވާ ކަމެއް ނޫނެވެ. ބައްޕައެއްގެ ލޯބި ނުލިބުމުން ތަހައްމަލުކުރަން ޖެހެނީ ކިހާ ވޭނެއްކަން އޭނާއަށް އިހުސާސްކުރެވެއެވެ. ފަރީދުގެ ސުވާލަށް އާއެކޭ ބުނުމުގެ ގޮތުން ޔުމްނާ މަޑުމަޑުން ބޯ ޖަހާލިއެވެ. މަންޒަރު ބަލަން ހުރި ނަސްރީންގެ ތުންފަތުގައި ކާމިޔާބީގެ ހިނިތުންވުމެއް ދުވެލިއެވެ. މިޝްކާގެ ދެލޯ ބޮޑުވެފައި ވީއިރު އަނގަ ވަނީ ކުޑަކޮށް ހުޅުވިފައެވެ. ޔުމްނާ އަކީ ހަމަ އަސްލުވެސް މިޝާލް ސިފަކޮށްދިން ކަހަލަ މީހެއް ހެއްޔެވެ؟ ޔުމްނާގެ އަސްލު ސިފައަކީ އެއީ ހެއްޔެވެ؟
“ނިކުމޭ.. ހަމަ މިހާރު މިގެއިން ނިކުމޭ!” ފަރީދު އޭނާގެ ބާރު އަޑުން ހަޅޭއްލަވައިގަތެވެ. ގިސްލަމުން ޔުމްނާ އޭނާގެ ހަށިގަނޑުގައި އޮޅާފައިވާ ބެޑުޝީޓަށް ބާރުކޮށްލިއެވެ. އޭނާ އެއިނީ ފަރީދުގެ ދަރިއަކަށް ބަލިވެކަންވެސް ހަނދާންވީ އެވަގުތެވެ.
“ނޫން.. ނޫން ފަރީދު.. އަހަރެން މިއިނީ ފަރީދުގެ ދަރިއަކަށް ބަލިވެއޭ.. އަ..އަހަރެން ކިހިނެއް މިދަރިފުޅު އެކަނި ބަލާނީ؟ ފަރީދު..” ޔުމްނާ ފަރީދުގެ ފައިބުޑަށް ވެއްޓި އާދޭސްކުރަން ފެށިއެވެ. ނަމަވެސް ފަރީދު އޭނާގެ ފައިން ޔުމްނާ ދުރަށް ފޮޅުވާލިއެވެ.
“ކިހިނެއް މަށަށް އެނގޭނީ ތީ މަގޭ ދަރިއެއް ކަމެއް؟ ތިގޮތަށް އުޅޭ އަންހެނުން ނޭނގެ ކިތަށް ފިރިހެނުންނާ އެކުގައި ކަމެއް… ކިހިނެއް އެނގެނީ ތީ ކަލޭ ކުޅިކުޅޭ ފިރިހެނުންތަކުގެ ތެރެއިން މީހެއްގެ ދަރިއެއް ނޫންކަމެއް؟ ކިހިނެއް އެނގޭނީ؟” ފަރީދުގެ ވާހަކައިން ޔުމްނާގެ ހިތް އިތުރަށް ޒަޚަމްވެގެން ދިޔައެވެ. ފަރީދު އޭނާއާ ދިމާއަށް އެކިޔަނީ ދުވަހަކުވެސް މީހަކު އޭނާއާ ދިމާއަށް ކިޔައިފާނެކަމަށް އުންމީދުކުރި އެއްޗެއް ނޫން ވިއްޔާއެވެ. ނަމަވެސް އަމިއްލަ ދިފާޢުގައި އޭނާއަށް މިހާރު ބުނެވޭނެ އެއްޗެއް ނެތެވެ. އޭނާ އެވަނީ އޭނާ ނުކުރާ ކަމަކަށް އެންމެންގެ ކުރިމަތީގައި އެއްބަސްވެފައެވެ.
“ވަރިކޮށްފަ ތި ހުރީ! ނިކުމޭ! ހިނގާ ދާން! ނިކުންނާށޭ!” ފަރީދު ބާރަކަށް އެހެން ބުނަމުން ޔުމްނާގެ އަތުގެ މުލައްދަނޑީގައި ހިފައި ކޮޅަށް ނެގިއެވެ. ދަމަމުން ކަހަލަ ގޮތަކަށް އޭނާ ޔުމްނާ ގޮވައިގެން ގޭޓާ ދިމާއަށް މިސްރާބުޖެހިއެވެ. ހަމައެކަނި ބެޑުޝީޓު އޮޅާލައިގެން ހުރި ޔުމްނާއަށް ހެދުމެއްލާނެ ފުރުސަތެއްވެސް ފަރީދު ނުދިނެވެ.
ދޮރުވާނު ގޭޓު ހުޅުވާލުމާއެކު ފަރީދު ޔުމްނާގެ ގައިގައި އަޅައި ބޭރަށް ކޮއްޕާލިއެވެ. ޔުމްނާ އޭނާއަށް އެހާ ބޮޑު ދެރައެއް ދީފާނެއެކޭ ފަރީދު އެއް އިރެއްގައިވެސް ހިތަކަށް ނާރައެވެ. އޭނާ ހީކޮށްގެން ހުރީ ޔުމްނާ އަކީ އަޚްލާޤު ރަނގަޅު ކުއްޖެއް ކަމަށެވެ. ނަމަވެސް މިޔަދު އޭނާއަށް ޔުމްނާގެ ނުލަފާކަން ހާމަވެގެން ހިނގައްޖެއެވެ.
ބޭރުގައި ވާހަކަދައްކަން ތިބި މުނީރު އާއި އާރިކްއަށް މި މަންޒަރު ފެނުމުން އެދިމާއަށް ދުވެފައި އައެވެ. އާރިކް އަވަސްއަވަހަށް ޔުމްނާގެ ގައިގައި ހިފަހައްޓައި، ތެދުވުމަށް އެހީވެދިނެވެ. އޭނާއާ މުނީރުގެ މޫނުމަތިން ފެންނަމުން ދިޔައީ ހައިރާންކަމެވެ. ވެގެން އުޅެނީ ކީއްކަމެއް އެތަނުން އެކަކަށްވެސް ނޭނގެއެވެ.
ފަރީދު ގޭޓު ލެއްޕުމުން ޔުމްނާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ގޭޓުގެ ތޭރިތަކުގައި ހިފާލިއެވެ. އަދި ގޭޓުގެ އަނެއްފަރާތުގައި ހުއްޓިގެން ހުރި ފަރީދުއާ ދިމާއަށް ބަލާލިއެވެ.
“ފަރީދު ޕްލީޒް.. އަހަންނަށް ލާނެ ހެދުމެއްދީ.. އަހަރެން މިހާލުގަ މަގުމައްޗަށް ދޫނުކޮށްލާ..” ގިސްލަމުން ޔުމްނާ އާދޭސްކުރިއެވެ. ނަމަވެސް އޭނާގެ އެ އާދޭހުގެ ސަބަބުން ފަރީދުގެ ހިތަށް އެއްވެސް އަސަރެއް ނުކުރާ ކަހަލައެވެ.
“ޔުމްނާ ލާން ގެންގުޅުނީ އަހަރެންގެ ލާރިން ގަތް ހެދުމެއް ނޫންތަ؟ މިހާރު މިގޭގައި ޔުމްނާގެ އެއްވެސް އެއްޗެއް ނުހުންނާނެ..” ފަރީދު އެހެން ބުނުމަށްފަހު މަޑުކުރުމެއްނެތި ގޭތެރެއަށް ވަދެގެން ދިޔައެވެ. ރޮމުން ގިސްލަމުން ޔުމްނާ ގޭޓުގައި އޭނާގެ ބޯ ތަޅަންފެށީ މޮޔައެއް ފަދައިންނެވެ. އޭނާއަށް އަބަދު ދެރަގޮތް ދިމާވަނީ ކީއްވެގެން ހެއްޔެވެ؟ ތަޤުދީރުގައި އޭނާއަށް ހަމަ އެއްވެސް އުފަލެއް ލިބެން ނެތީ ހެއްޔެވެ؟
އާރިކް ގޮސް ޔުމްނާގެ ހަށިގަނޑުގައި ހިފައި ގޭޓާ ދުރުކޮށްލިއެވެ. މުނީރުއާ ދެމީހުންވެގެން ޔުމްނާ ކާރަށް އަރުވަން އުޅުނެވެ. އެވަގުތު ޔުމްނާ އަދިވެސް އެއްފަހަރު “ޑައިމަންޑް ވެލީ” ގެ ގޭޓާ ދިމާއަށް ބަލާލިއެވެ. ގޭޓުގެ އަނެއްފަރާތުގައި ޖީބަށް އަތް ޖަހާލައިގެން ހުރި މިޝާލް ފެނުމުން ކަރުނަވީ ދެލޮލާއެކުވެސް އޭނާއަށް ދެއަތް މުއްކަވާލެވުނެވެ.
“ހޭ..ހޭ.. ރެޕަންޒެލް.. ހުއްޓާލަބަލަ.. ވީގޮތެއް ބުނެބަލަ އަހަރެމެން ގާތު..” ކާރަށް އަރައި ހަމަޖެހިލަމުން އާރިކް ޔުމްނާއާ ވާހަކަދެއްކިއެވެ. ފަހަތު ސީޓުގައި ކުރުގެޅިގެން އިން ޔުމްނާއަށް އަދިވެސް ރޮވެނީއެވެ. ކަރުނައިގެ ސިފައިގައި އޭނާގެ ހިތުގައިވާ ހުރިހާ އުދާހެއް ބޭރުކުރަން ބޭނުންވާ ކަހަލައެވެ. އާރިކް ޔުމްނާގެ ގާތަށް ޖެހިލަމުން ލޯތްބާއެކު ޔުމްނާގެ ދެލޯ ފުހެލައި ދިނެވެ.
“ފަ..ފަރީދު އަހަރެން ވަ..ވަރިކުރީ..” ޔުމްނާ އުނދަގުލާއެކު ވާހަކަދެއްކިއެވެ. ގަދައަށް ރުއިމުގެ ސަބަބުން އޭނާގެ އަޑު ވަނީ ހިސާބަކަށް ކުރަކިވެފައެވެ.
“އަނހަ ނުރޮއި ޕްލީޒް.. އަން.. ފެންފޮދެއް ބޯލަބަލަ…” އާރިކް ޔުމްނާގެ އަތަށް ކުޑަ ފެންފުޅިއެއް ލައިދެމުން ބުނެލިއެވެ. އެއާއެކު ޔުމްނާ ރުއިން ހުއްޓާލުމަށްފަހު ފަހަރަކު ފެންފޮދެއް ބޮމުން ގެންދިޔައެވެ. އޭނާގެ ނަޒަރު ހުރީ އެއްދިމާއަކަށް ހުއްޓިފައެވެ.
“އޭ.. މަ އަންނާނަން އިނގޭ ގޭތެރެއަށް ގޮސް ވީގޮތެއް އޮޅުން ފިލުވައިގެން.. މަށަށް ހީވަނީ ޔުމްއާ މިވަގުތު ސުވާލުކުރުން އެހާ ރަނގަޅެއް ނޫންހެން..” ކުރީ ސީޓުގައި އިން މުނީރު ފަހަތައް ގުދުވެލަމުން އާރިކްގެ ކަންފަތް ދޮށުގައި މަޑުމަޑުން ބުނެލިއެވެ. އާރިކް ބޯޖަހާލުމާއެކު މުނީރު ކާރުން ފައިބައިގެން “ޑައިމަންޑް ވެލީ” އެތެރެއަށް ވަދެގެން ދިޔައެވެ.
** **
ކޮޓަރިތެރޭގައި ދެކޮޅު ދެކޮޅަށް ހިނގަމުން ދިޔަ މިޝްކާގެ މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމުގެ އަސަރުތަކެވެ. ޝަހާދަތް އިނގިލީގައި ދައިގަނެގެން ހުރިއިރު އޭނާ ވިސްނަމުން ދިޔައީ ޔުމްނާއާ މެދުގައެވެ. ޔުމްނާ ހަމަ އެފަދަ ގޮތަކަށް ކަންތައް ކޮށްފާނެ ހެއްޔެވެ؟ ނުކުރާ ކަމަކަށް ޔުމްނާ އެއްބަސްވާންވީ ކީއްވެގެން ހެއްޔެވެ؟
މިޝްކާ ސިހުނީ ކޮޓަރި ހުޅުވާލާފައި އެތެރެއަށް ވަތް މުނީރު ފެނުމުންނެވެ. ވަގުތުން އޭނާ ހަލުވި ހިނގުމެއްގައި ގޮސް މުނީރުގެ ދެއަތުގައި ހިފާލިއެވެ.
“މުނީރު.. ބައްޕަ.. ބައްޕަ ދޮންމަމް ވަރިކޮށްލައިފި..” މިޝްކާ ބުނެލިއެވެ. އޭނާގެ އަޑުން އޭނާ ހާސްވެފައި ހުރި މިންވަރު ދޭހަވެއެވެ.
“ގެއިންވެސް ނެރެލައިފި.. އަޅޭ ދޮންމަމް ދާނީ ކޮންތާކަށްތަ މިއޮއް ބޮޑު މާލޭގަ؟ އަހަރެން ބޭރަށް ދިޔަކަވެސް ނުދިން ބައްޕައެއް..” މިޝްކާ އަވަސްއަވަހަށް ވާހަކަދެއްކިއެވެ.
“ހޭ މިޝޫ ހިނގާބަލަ ނިކަން ހަމަޖެހިގެން ތި ވާހަކަދައްކަން.. ހިނގާބަލަ އިށީންނަން..” މުނީރު މިޝްކާ ގޮވައިގެން ގޮސް އެނދުމަތީގައި އިށީނެވެ. އޭނާ އިނީ ޔުމްނާއާމެދު ކަންތައްވެގެން ދިޔަ ގޮތް އޮޅުންފިލުވަން ވަރަށް ބޭނުންވެފައެވެ.
“ދެން ކިޔައިދީބަލަ.. ފަށައިގެން ރީތިކޮށް..” މުނީރު ބުނެލިއެވެ.
“އަހަރެމެން ދިޔައީމެއްނު ޕާޓީއަށް؟ ގޮސްފަ ޕާޓީ ކެންސަލްވެގެން އައީއެއްނު؟ ދެން މުނީރު އެތާ ބޭރުގަ އާރިކްއާ ވާހަކަދައްކަން މަޑުކުރީމަ އަހަރެން ގެއަށް ވަނީ.. ވަތްއިރު ސިޓިންގރޫމުގަ މަންމަވެސް އިން.. ދެން އިރުކޮޅެއްފަހުން ދޮންމަމްގެ ކޮޓަރިއާ ދިމާއިން އިވެންފެށީ ބައްޕަ ހަޅޭއްލަވާ އަޑު.. ދެން އެދިމާއަށް ދިޔައިރު.. މިޝާލް ހުރީ އެކޮޓަރި ދޮރުމަތީގަ ހުސްގަޔާ.. ދޮންމަމް އިނީ އެނދުމަތީގަ.. އޭނަ އިނީ ރަޖާގަނޑު ގައިގައި އޮޅައިގެން.. މިޝާލް ބުނީ ދޮންމަމްއޯ މިޝާލް އެކޮޓަރިއަށް ވެއްދީ.. މިޝާލް އެކޮޓަރިއަށް ވެއްދީ ދޮންމަމްގެ ރުހުމުގައޯ.. ދެން ބައްޕަ ދޮންމަމްއާ ސުވާލުކުރީމަ ދޮންމަމް އެކަމަށް އެއްބަސްވީ..” މިޝްކާ ހަމަޖެހިގެން އިނދެ ވާހަކަދެއްކިއެވެ. މުނީރު ވިސްނުންތެރިކަމާއެކު ބޯޖަހާލިއެވެ.
“ދެން ބައްޕަ ދޮންމަމް ވަރިކޮށްލާފަ ގެއިން ނެރުނީއޭ މުނީރު.. އޭނަ އަޅެ ދާނީ ވަކި ކޮންތާކަށްތަ؟” މިޝްކާ އަނެއްކާވެސް ކަންބޮޑުވެފައި އަހާލިއެވެ.
“ރިލޭކްސް މިޝޫ.. ޔުމްނާ އެބައިން އާރިކްއާއެކު އަހަރެންގެ ކާރުގަ.. އަހަރެމެން ޔުމްނާ ހުންނާނެ ތަނެއް ހަމަޖައްސާނީ..” މިޝްކާގެ ދެކޮނޑުގައި ހިފަހައްޓާލަމުން މުނީރު ވާހަކަދެއްކިއެވެ.
“މުނީރު.. ދޮންމަމް އަސްލު އެހެނެއް ނުހަދާނެދޯ؟” މިޝްކާ އަހާލިއެވެ. އެއާއެކު މުނީރު ބޯޖަހާލިއެވެ. ޔުމްނާއަކީ އެކަހަލަ މީހެއް ނޫންކަން އެދެމީހުންނަށްވެސް އެނގެއެވެ.
“ދެން ކީއްވެބާ އެކަމަށް އެއްބަސްވީ؟” މިޝްކާ އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލުކޮށްލިއެވެ. ނަމަވެސް އެ ސުވާލުގެ ޖަވާބު ޔުމްނާ ނޫން އިތުރު މީހަކަށް އެނގޭނީ ކިހިނަކުން ހެއްޔެވެ؟
މުނީރު އެނބުރި އައިސް ކާރަށް އެރިއެވެ. އޭރު ޔުމްނާ އޮތީ އާރިކްގެ ކޮނޑުގައި ބޯއަޅާލައިގެންނެވެ. ދެލޯ މެރިފައި ވީއިރު ހީވާގޮތުން އޭނާއަށް އޮތީ ނިދިފައެވެ.
“ހިނގާ އަހަރުން ގެއަށް.. ރެޕަންޒެލް ހުންނާނީ އަހަރުން ގޭގަ..” އާރިކް ނިދިފައިވާ ޔުމްނާގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިނދެ ބުނެލިއެވެ. މި ލޯބި ކުއްޖާއަށް އެންމެ ފުރިހަމަ ރައްކާތެރިކަން ދޭން އޭނާ ބޭނުންވާ ކަހަލައެވެ. އެވަގުތު މުނީރު ބޯޖަހާލަމުން ކާރު ދުއްވާލިއެވެ.
** **
ހެނދުނު ތެދުވިއިރު ހާރޫންގެ ހިތަށް އެހެން ކަހަލަ އަސަރުތަކެއް ކުރަމުން ދިޔައެވެ. ސައިބޮއި ގޮތަށް އޭނާ މިސްރާބުޖެހީ ހޮސްޕިޓަލާ ދިމާއަށެވެ. ދުރުދުރުގައި ފިޔަވަޅުތައް އަޅަމުން އޭނާ ގޮސް ހޮސްޕިޓަލަށް ވަތްއިރު މުޅި މާހައުލު ހަލަބޮލި ކޮށްލާފައި ވިއެވެ.
“ކިހިނެއް ވެގެން މިއުޅެނީ؟” ހާރޫން އެތަނުން މީހަކާ ސުވާލުކޮށްލިއެވެ.
“މީހަކު ނިޔާވެގެން.. ވަރަށް ހާލުދެރަކޮށް އޮތް މީހެއް އެއީ..” އެމީހާ އެހެން ބުނުމުން ހާރޫންގެ ހިތަށް ލޮޅުމެއް އަރައިގެން ދިޔައެވެ. ބާރުބާރަށް ހިނގާފައި އޭނާ އެމެޖެންސީ ރޫމަށް ވަތްއިރު ފެނުނު މަންޒަރުން އޭނާއަށް ހީވީ މުޅި ދުނިޔެ އެނބުރިގަތް ހެންނެވެ. ދެލޯ މެރިފައި އޮތް އާބިދާގެ މޫނާއެއްކޮށް ނަރުސްކުދިންތައް ހުދު ފޮތިގަނޑެއް އަޅަނީއެވެ.
ކައިރީގައި ދެއަތް ފުރަގަހަށް ލައިގެން ރާމިޒު ހުއްޓެވެ. ހާރޫން ވަނުމާއެކު ރާމިޒު އެދިމާ ބަލާލިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔަ ވަގުތު ހާރޫންއަށް ދެއަތް މުއްކަވާލެވުނެވެ. ރާމިޒުގެ އަނިޔާވެރިކަން އާބިދާ ވަނީ އޭނާއަށް ކިޔައިދީފައެވެ. ޔުމްނާއާމެދު ރާމިޒު ކަންތައް ކުރަމުން އައި ގޮތް ވެސް އާބިދާ ވަރަށް ރަނގަޅަށް ކިޔައިދީފައި ވިއެވެ. އެއީ ހަމަ އިންސާނެއްގެ ސިފައިގައި ހުރި ޖަނަވާރެކޭ ހާރޫންގެ ހިތަށް އެރިއެވެ.
“ކާކު ތީ؟” ރާމިޒު ހާރޫންއާ ދިމާއަށް އަންނަމުން އަހާލިއެވެ.
“މީ އާބިދާގެ ރައްޓެއްސެއް..” ހާރޫން އަވަސް އަވަހަށް ބުނެލިއެވެ. އޭނާ އަކީ ކާކުކަން ރާމިޒުއަށް އަންގަން އޭނާ ބޭނުންނުވީއެވެ.
“އެހެންތަ؟ ރަށުން ބޭރު މީހެއް ދޯ؟ އާބިދާ ދުވަހަކުވެސް ނުދައްކަ ތި ރައްޓެއްސެއްގެ ވާހަކައެއް..” ރާމިޒު އޭނާގެ ތުނބުޅީގައި އަތް ހާކާލަމުން ވާހަކަދެއްކިއެވެ.
“ދެން އަހަރެން ގޮސްލީ..” ހާރޫން އެހެން ބުނީ މިވަގުތު އެތަނުގައި ހުރުމަކީ އެހާ ބުއްދިވެރި ކަމެއްނޫން ކަމަށް ވިސްނުނީތީއެވެ. ހޮސްޕިޓަލުން ނިކުމެގެން އޭނާ އައިއިރު އެ ދެލޯ ހަމަ ރީއްޗަށްވެސް ފެންކަޅި ވެއްޖެއެވެ. އާބިދާ މިދުނިޔެ ދޫކޮށް އެދިޔައީ ކޮންފަދަ ނުބައި ފިރިއެއްގެ އަނިޔާތަކާ އެކުގައި ހެއްޔެވެ؟ އާބިދާގެ އުމުރުގެ ބޮޑުބައި ހޭދަކުރަންޖެހުނީ ރާމިޒުގެ ވަކިތތަކުގެ ދަށުގައެވެ. އެ ފަކީރު އެންމެފަހުން ހީލީ ކޮން ދުވަހަކު ބާވައޭ ހާރޫންގެ ހިތަށް އެރިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
30 Comments!
Comments are closed.







Jummah Mubaarak !
Here’s the 25th part. Edit ves nukollaa mi up kuree. So there may be a little more mistakes.
Hope you will like this part too <3
Loves! <3
Yey me first dhw
Alhey yumna ah miyohvaa gotheh dhw… Haadha dheravey ehenve.. Mifaharuves aarik help dhw yumna ah milibuny.. Aarik haadha rangalhey
Wrh salhi.. ❤
Next part kon irakuntha?
Hay first dhw. Up kuraythoa bala balaa mihury ekam dhn faharakuh dhig knladhaythi
Wowwww Liaa.. Vvv nice… So yumna n ashfaan marry eh nukureveynethaa dhw.. So aarik n yumna.. That’s good…. Heheheh… I loved it.. Keep it up… Waiting waiting…
Liaa … story hama vrh salhi ingey….. when nxt prt????? Dhigukoh up kohdhehchey. ….. waitingsssss????????
Ãll Yôûrs❤❤??
Love ah ingeytha I? ???? I ah ingey u…… I miss u love?????❤❤
Yah ebah huri kuda kn mistakes…. Bt story hama salhiey buneveynee… Yumnaa ah dhn happy life eh libei nethee tha Hama…??? Alhey ehn nahdhanchey eyrun v hadi vaaane story ….
Dhera dw mi vee goiy.. but yess? fareedh yumna varikury o..?… yum aarik ah kanthah veegoiy thedhah kiyaa dheythi pls..
Varah reethi mi part ves
Waitingss ❤❤❤❤
Alhey yumna ah mamma nufeni dhw e niyaa v. Mishaal haadha goahey. avahah upload kolla dhehchey next part?
Varah varah reethi sifakohdhdhinun.
Alhey yumna ah miohvaa gotheh dhw…aarik haadha lwbieyy…?
V lwbi mi part vx …when next part???
Wooooowww ??????….v.nice . waiting 4 next part..aarik?yum
fareed ah ves veegoiy rangalhah ingen jehey… mishaal ge nulafaa kan engen jehey.. fareed varikuryma v best.. dhn yum ulheyny aarik kairi dhw… i hate u so much mishal i ll throw u out of the earth if i cud… i ll isolated u in a very frightening place that u will be calling for ur mommy :-p Liaa keep up the gud work and waiting for the next part
NICE
Aneh part avahah up kohdhechchey. Keiy kurevenykee noon.
oh v nice
so ashfan and yumna shares the same dad dhw. that means yumna and arik ey gulheyni. varah reethi mi part ves. fareedh ves kan kuri rangalhakah noon, hageegah inge vaguthu yumna nudhachey fareedh kairiyah. let the old man stay alone
How can he be alone when he is with nasreen
Varah reethi sifa kuru.
alheyy avhah next part up kohladhyba .
monday ga genesdheyne
awlheyy.. mi story varah salhi.. next part genesdheny kon irakun..mi storyga yum aa aarik aa mivaagothun merry kurevaynee. cant wait to the next part….
Alhe hama ekani Friday ga ekani tha mi story up kuranee…. waiting. …..
miadhu story up kureveynetha liaa
Koniraku next part up kohdheynee
Anehkaa liaa baliveekee noonbaa. Kameh dhen mives.
Liaa haadha inthizaareh kurevey eba