ރެޑް ހޭންޑް – 03
ހިނގާދިޔަ ކަންތައްގަނޑަށް ފަހު ދެންއައި ދުވަސްތަކުގައި އަނެއްކާވެސް އަހަރެން އަހަރެންގެ ދިރިއުޅުމާމެދު ކުޑަކޮށް ވިސްނާލީމެވެ. އަދި އެ ގޮތްނޭނގޭ ޒުވާނާ އާ މެދުވެސް މެއެވެ. ނަސީބަކުން އެ ފިހާރަ ހުރީވެސް އާއްމުކޮށް ގޮސް އުޅޭ ސަރަހައްދެއްގައެެއް ވެސް ނޫންކަމުން، އަހަރުން ދެމީހުން އެކަކު އަނެކަކަށް ފެނުމުގެ ފުރުސަތެއްވެސް މާ ބޮޑަކަށް ނެތެވެ. ދިރިއުޅުން އެފުށްމިފުށަށް ޖެހޭފަދަ އެފަދަކަމަކުން ސަލާމަތްވިކަމުގައި ވިޔަސް، ހިތުގެ އެއްކަނަކުން މި ވާހަކައަށް އެކަށީގެންވާ ނިމުމެއް އަދި ނާންނަކަމަށް ބުނަމުންގެންދިޔައެވެ. ޖުވޭއަށް ވެސް ކޮންމެވެސް ގޮަތަކުން ގެޔަށް އަހަރެން ހޯދަން ކުއްޖަކު އައިކަން އިނގިގެން އެކަމާ ސުވާލުވެސް ކުރަންފަށައިފިއެވެ. އަނެއްކޮޅުން ވަޒީފާއަކަށް ދިއުމަށް ނޫނީ މަތީތަޢުލީމު ހާސިލް ކުރަން ކޮންމެވެސް ގޮތެއް ނިންމުމަށް މަންމަމެންވެސް ތަންކޮޅެއް ހަރުކޮށް ވާހަކަފަށައިފިއެވެ. ކުއްލިއަކަށް ހުރެފައި އަންގާނުލައި މީހަކާ އިނދެގެން ހިނގައިދާނެކަމަށް ބިރުންކަންވެސް ނޭގެއެވެ. ހައްތާވެސް މި އުޅޭ ޒުވާނާގެ ކަންތަކެވެ.
އަހަންނަށް ހޭލެވުނީ ކީއްވެކަމެއް ނޭގެއެވެ. ތިމާގެ ކޮއްކޮއެއްގެ ޕާޓީއަކަށްގޮސް އެގޭގައި އުޅެފައި ގެއައްއައިސް ވަރުބަލިވެގެން ޖައްސާލީ ހެދުންވެސް ބަދަލު ނުކޮށެވެ. ނިދާބޮކިވެސް ނުދިއްލާ ހޮޅިބުރީގެ އަލި ހުރީމާވެސް ކަންނޭގެއެވެ. ޑްރެސިންގް ޓޭބަލް ކައިރީގައި އަހަރެންނަށް ފުރަގަސް ދީގެން ކޮޅަށް ހުރި މީހާ ފެނުމުންވެސް އަހަރެންނަށް ހަޅޭލަވައިގަންނަން ހިތައް ނޭރިއެވެ. އަހަރެންގެ ހަރަކާތުގެ ހިލަމެއްވެގެން އޭނާ އެނބުރިލިއެވެ. އެއްކަލަ ޒުވާނާއެވެ.
“ބުރުގާ އަޅަންވީނު” މޫނު އެއްކޮށް އަނބުރާނުލާ އޭނާ ބުންޏެވެ.
އެދުމަތީގައި އޮތް ބުރުގާ ނަގައިގެން އަވަހަށް ބޮލަށް މަހާލުމަށްފަހު، ފައިކުރުކޮށް ދެކަކޫ ގަޔާލައި ބައްދާލައިގެން އަހަރެން އެނދުގެ ހެޑްބޯޑުގައި ލެގިލީމެވެ. ހިލޭ ފިރިހެނަކު ރޭގަނޑު ދަންވަރު އަހަރެންގެ ކޮޓަރިއަށް ވަދެ އުޅޭއިރުވެސް ކުއްވެރިއެއްހެން މި އިންނަނީ އަހަރެންހެއްޔެވެ. އުޅެވޭ ގޮތުންނެއްނު، އަހަރެން ހިތާހިތާ ކިޔާލީމެވެ. އަހަރެން ހަމަޖެހިލިކަން އިނގުމުން އޭނާ އައިސް އެނދުގެ މެދެއްހާ ހިސާބުގައި އިށީނެވެ.
“މީ ހުޒާމް އިނގޭ” ސަލާމަށް އަތް ދިއްކޮލަމުން އޭނާ ބުންޏެވެ.
“ނައިސް ޓު މީޓް ޔޫ” އަހަރެން ބެލީ އިތުރު ތައާރަފެއް ދޭންނުޖެހޭނެކަމަށެވެ.
“ސޮރީ އިނގޭ ނުވަގުތެއްގަ އާދެވުނީމަ. އެކަމު މަގޭ އެއްޗިހި ފަދޫ ބޮރޯ ކުރާތީ ހިތަށް އެރީ އަހަރުން ދެމީހުން ވަރަށް ކްލޯޒްއޭ މިހާރު” ހިނިތުން ވުމަކާއެކު އޭނާ ބުންޏެވެ.
މި މީހަކާ ދިމާވާއިރު އަހަރެން އަބަދުވެސް މިހުންނަނީ އަހަރެންގެ ކޮންޓްރޯލުގެ ދަށުން ވިއްސިފައިވާ ހާލަތެއްގައެވެ. އެކަކު އަދި ގޯސްކަމެއް ކުރުމަކީ އަނެއް މީހާއަށް އެމީހެއްގެ ޒާތީ އިމުގެތެރެއަށް ވަނުމަށް ދެވޭ ހުއްދައެއްބާއެވެ؟
އޭނާ ކުރި ސަމާސާއަށް އަހަރެން ޖަވާބެއް ނުދިނުމުންވެސް ބުރަކިނުޖެހި އޭނާ ވާހަކަ ކުރިއަށްގެންދިޔައެވެ.
“މޭކަޕްވެސް ނުކުރާ ކުއްޖަކު މި ހުރިހާ ނެއިލް ޕޮލިޝްއާ ލިޕްސްޓިކާ މިގެންގުޅެނީ ކީއްކުރަންތަ؟”
ކުދިވީމަ ނަގަން ފަސޭހަކަމުން. އަހަރެން އެހެން ނުއެއް ބުނަމެވެ. އެކަމު މި ހިސާބުން އަހަރެންގެ ސުވާލުތަކަށްވެސް ޖަވާބުހޯދުމުގެ މަސައްކަތްފެށީމެވެ.
“އެ ޝޮޕްގަ ތަ ހުޒާމް އުޅެނީ؟”
އަހަރެން އިސްވެ އެއްޗެއް ބުނުމުން ހިތްހަމަޖެހުނުކަން އޭނާގެ މޫނުމަތިން އިނގުނެވެ.
“އާނ، ފެމިލީ ތަނެއް އެއ.ީ”
އެ ތަން އެކަންޏެއްނޫނެވެ. ހުޒާމްގެ ބައްޕަ ހިންގާ އެހެން ދެ ފިހާރައަކުން ވެސް އަހަންނަށް އޮތީ ލާރިދައްކަން ހަނދާންނެތި މުދާ ނެގިފައެވެ. ކުޑަ އަދަދެއްގެ ގެއްލުމަކަށްވުމުން އެކަން މައްސަލައަކަށް އެމީހުން ނެހެދިޔަސް ހުޒާމް ބުނިގޮތުގައި އޭނާ ދިޔައީ އެންމެ ފުރަަތަމަ ސީސީޓީވީ ގެ ސްކްރީނުން އަހަރެން ފެނުނު ދުވަހުންފެށިގެން ވެސް އަހަރެން ހަމަލޮލަށް ފެނޭތޯ ހޯދަމުންނެވެ.
“އެ ކީއްކުރަން؟” އަހަރެން އެހީމެވެ.
ކްލެޕްޓޯމޭނިއާގެ ވާހަކަ ހުޒާމް ފެށި އެހިސާބުންނެވެ. ހުޒާމްގެ ދައްތައެއް ވައްކަމުގެ މައްސަލައެއްގައި ހެއްކާއެކު ބެދުނު ހިސާބުންނެވެ. ހުޒާމްގެ މައިންބަފައިންނަށް އެމީހުންގެ އަމިއްލަދަރިއެއްގެ ފަރާތުން އެފަދަ ކަމެއް ފެނުންވީ ހައިރާންކަމާ ލަދުވަތިކަން ގެނުވި ކަމަކަށެވެ. ޤަދަރުވެރި، ގިނަބަަޔަކު ދަންނަ އާއިލާއަކަށް ވުމުން މީސްމީހުންގެ ހިތުން އެވާހަކަ ފޮހެލުމަށް އާއިލާގެ ނުފޫޒު ބޭނުންކޮށް މައްސަލަ ހިންދާލާ ދަރިފުޅު މާލެއިން ބޭރަށް ފޮނުވުމަށް ހަމަޖެއްސިއެވެ.
“ދައްތަ ފޮނުވާލީ ރާއްޖެއިން ބޭރަށް. ތިމާގެ ބައެއް ކައިރިއަށް.” ހުޒާމް މަޑުމޮޅިކަމާއެކު ބުންޏެވެ.
އެ ހާދިސާގެ ވާހަކަ އޮބިގެންދިޔަނަމަވެސް، ހުޒާމް އޭނާގެ ދައްތަ ގާތަށް ގޮސް ހުރި ދަތުރެއްގައި، ދައްތަގެ ކޮޓަރިން ފެނުނު އެއްޗަކުން ހުޒާމަށް އެ މައްސަލައާމެދު އިތުރަށް ވިސްނަން ޖެހުނީއެވެ. އެއީ އޭގެ އަހަރުތަކެއް ކުރިން އަވައްޓެރި ގެއެއްގެ ކުއްޖަކަށް ހުޒާމް ގަނެދިން ހަދިޔާއެކެވެ.
“މަ ދެން އޭރު ލައިކް ވި ކުއްޖެއް. ކްރަޝްއެއް. އެ ގޭ މީހުން އަހަރުން ގޭ އެންމެނާވެސް ވަރަށް ރައްޓެހިވާނެ. ވަރަށް ގިނައިން އައިސް ގޮސް އުޅޭނެ. މަ އެއް އަހަރު އޭނަގެ އުފަންދުވަހަށް ގަނެދިން އެއްޗެއް. އެހެން އެއްވެސް މީހަކަށް އެއީ އަހަރެން އޭނައަށް ދިން އެއްޗެއްކަމެއް ނޭނގޭނެ. މީހުން ދިމާކުރާނެވަރު އިނގޭތީ އަހަރުން އެކަކުވެސް އެއީ އަހަރެން ދިން އެއްޗެއްކަމެއް މީހެއް ކައިރިއަކު ނުބުނަން. އެ ގެއްލިގެން ވެސް އޭނަ ބުނި މަގޭ ކައިރީގަ. ދައްތަ އަތުގަ އޭތި އެތަކެއް އަހަރުފަހުން އޮންނަންވީ އެއްވެސް ސަބަބެއް ނެތް.”
އެ ހިސާބުން ހުޒާމަށް ޤަބޫލުކުރަން ޖެހުނީ ދައްތަ އަމިއްލަ ވަޒަނުން ދުރުގައި ހުންނަން މެދުވެރިކުރުވި ހާދިސާއަކީ އޭގެ ކުރިން ހީކުރެވުނުވަރަށްވުރެ ސީރިއަސް މާ ގިނަދުވަސްވީ ސިލްސިލާއެއްގެ އެންމެ ބައެއްކަމެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.

Hello. Hope you didn’t have to wait too long. Here is part 3.
Shabab
fb.com/ShababStories
Nice..
Thankolheh Dhigukohlaafa Dhn Up Kohladhehcheyy..
Haadha kurukoh ekam ves story v reethi
Ehaamadhu episode genna iru ves adhi ehaa kuru.. v foohi..
SHIURAAAAAAAA!!!!!!!!!!!! mihaa reethi vaahaka ehaa lahun ehaa kurukoh, konfaadehge writer eh thee. hitheh ves netheetha? bala mi kiyaa meehun dheravaane varu heekollaafaaves thankollan dhigukollan vejjehnu?
Very very short SHIU when next part? Shiu plx replay ??
Hi, I agree it’s short, but I actually wanted to finish up, so either it was to make this part very long (and late) or just move the ending to the fourth part (which would be the last part. hopefully).
Won’t take long, Insha Allah.
and as always thanks for your support and comments.