ޢެދެމޭ އުފާ….(33)
“ދަރިފުޅާ ކޮބާތަ އެމީހާ؟ ފިޒޯ ތެރަޕީ ނަގައިދިނީމަ އެއްވެސް ވަރަކަށް ލުއިހެން ހީވޭތަ؟ ބައްޕަ މިހެން މިބުނީ ދަރިފުޅު އަތް ތަންކޮޅެއް ބާރަށް ހަލުވައިހެން ހީވާތީ…” ވިނާން ސޯފާގައި ޓީވީ ބަލަން އޮއްވާ ސައުދު އައިސް އަހައިލިއެވެ. “ލައްބަ ބައްޕާ ވަރަށް ރަނގަޅު މިހާރު ކުރިން ވާ ގޮތަށް އައްސިއެއް ނުވޭ..!” ސޯފައިން ތެދުވެ ރީތިކޮށް އިށީންނަމުން ވިނާން ބުނެލިއެވެ. ސައުދު ހުރިއްޔާ އެއްވެސް ކުއްޖަކަށް އެހެން އޮށޯވެ އޮންނާކަށް ނުކެރޭނެއެވެ. ސަބަބަކީ ސައުދު އަކީ ވެސް އެހެން ސޯފާގައި އޮށޯވެ އޮންނަ މީހެއް ނޫނެވެ. އެހެންވެ އޭނަވެސް ނުކުރާ ކަމެއް ވީމަ އޭނަޔަށް އިހުތިރާމު ކުރުމުގެ ގޮތުން ދެކުދިން ކުރެ ކުއްޖެއް ވެސް އޭނަ ހުންނަ އިރަކު ސޯފާގައި ނުއުށޯންނާނެއެވެ. “އެހެންތަ؟! ނަސީބެއްނުންދޯ… ކޮބާތަ އެއްކަލަ މާކް؟ އޭނަ މިއަދު ލޮލަށް ވެސް ނުފެނޭ!” ގަޑި ބަލަމުން ސައުދު އަހައިލިއެވެ. ސައުދު ގަޑި ބެލީ މިރެއަށް ކުރަން އުޅޭ ކަންތައް ގަޑިއަށް ނިއްމާލެވޭތޯއެވެ. “ނޭނގެ ބައްޕާ އޭނަ ގުޅައިފަ ބުނި އެބަ އަންނަމޯ ކޮފީއަކަށް ދާން އަދިވެސް ހަބަރެއް ނުވޭ، މިހާރު އެއޮއްގެން ފަހެއް ޖެހީވިއްޔާ..!” ވިނާން ވެސް ބޭރަށް ގޮސްލާހިތުން ހުރި ވަރުން މާކިން ލަސްވާތީ ފޫހިވެފަ ބުނެލިއެވެ. އެތަން ފެނުމުން ސައުދުއަށް ހެވުނެވެ. ހެވޭނެތާއެވެ. މާކިން ހައްތަހާވެސް ނައިސް ލަސް އެކުރަނީ ވީހާވެސް އިރު ތިރިވީމަ ނިކުންނަން ކަން ސައުދުއަށް އިނގޭ ވިއްޔާއެވެ. ކޮންމެ ގޮތެއް ވިޔަސް ވިނާން ގޭގަ ހުރެގެނެއް އެމީހުން ކުރަން އެއުޅޭ ކަންތައް ނުވާނެ ވިއްޔާއެވެ. “ހެހެ… އެހެންތަ؟ ދަރިފުޅު ހާދަ ރުޅި އައިސް ދެން އޭނަޔަށް ގުޅަން ވީނުން އޭރުން ތަން ކޮޅެއް އަވަހަށް އައިސް ދާނެއް ނޫން…” ވިނާންއާ ދިމާ ކޮއްލަން ސައުދު ބުނެލިއެވެ. ސައުދުއަށް އެހެން ބުނެ ރަނގަޅަށް ނުނިމެނީސް މާކިން ވިނާންއަށް ގުޅައިފަ އެގޭ ބޭރުގަ ހުރި ކަމަށް ބުނެލިއެވެ. “ހެހެ… އޭނަ އަޑުއަހަން ކަންނޭގެ ހުރީ ބައްޕަ އެހެން ބުނެ ނުނިމެނީސް އެގުޅީ..! ބައްޕާ އަޅުގަނޑު ގޮސްލީއޭ” ފޯނު ކަނޑާލައިފަ މާކިން ގުޅިކަމަށް ބުނެ ވިނާން ތެދުވެގެން ހިނގައްޖެއެވެ. ވިނާން ދިއުމާއެކު ޕާރޓީ ތައްޔާރު ކުރަން ސައުދުމެން ހަމަޖައްސައިފަ ތިބި މީހުންނަށް ގުޅާ އަވަހަށް އައުމަށް އެންގިއެވެ. އަދި ވަޒުނާއަށް ގޮވައިފަ ގެނެސް ލީޒާމެންނަށް ގުޅައިގެން ގެނެސް އެއްމެން ވެގެން އަވަހަށް ޕާރޓީ ތައްޔާރު ކުރުމަށް އެންގިއެވެ. ވަޒުނާ ވެސް އަވަހަށް ލީޒާއަށް ގުޅާ ވިނާން ގޮވައިގެން މާކިން ބޭރަށް ދިޔަ ހަބަރު ދިނުމަށް ފަހު އަންނަން ބުންޏެވެ. އަދި އަލްޔާ އިހަށް ނުގެނުމަށް ވެސް ބުނެލިއެވެ. ސަބަބަކީ އެމީހުން ރާވައިފަ އޮތީ ވިނާން އަށްބޮޑު ސަޕުރައިޒެއް ދޭންށެވެ. އަނެއްކޮޅުން ވިނާން ގޮވައިގެން ގިނަ އިރު ބޭރުގަ އުޅެން މާކިން ޖެހޭތީ އާއެކުއެވެ. އެއީ ފަހަރެއްގަ ވިނާން ގޮވައިގެން އެގެއަށް ގޮސްފި ނަމަވެސް އަލްޔާ ނެތީމަ ވެސް ވިނާންއަށް ޝައްކުތައް ކުރެވި މާކިންމެންނަށް ދިން އިތުބާރު ވެސް ގެއްލި ދާނެތީއާ އެކުއެވެ.
“މާކް އަދިވެސް ގެއަށް ދާކަށް ނުވޭތަ؟ ހަވީރު ނިކުތް ގޮތަށް ވިއްޔާ މިއުޅެނީ މިހާރު އެއޮއްގެން އެގާރަ ޖަހަނީ ވިއްޔާ އަދި ނުވިތާކަށް އޭއްޗެކޭ މީއްޗެކޭ ކިޔާފަ މަ ގޮވައިގެން ހުޅުމާލެއަށް ވެސް އަރައިފި… މަ އެންމެ ފޫހިވާތަން!” ގެއަށް ދާން ބޭނުން ވެގެން ޝަކުވާ ފުންޏެއް ވިނާން އަމުނާލިއެވެ. “ހާސް ނުވެބަލަ ވިނާން..! މިއީދެން އެހާވަރު ކަމެއްވެސް ނޫނެއް ނޫން… މަށާ އެކު ވަގުތު ކޮޅެއް ހޭދަ ކޮއްލަންވީމަ ތިހާ ހާސަރު ތިވަނީ… މަ ނުލާހިކު ފޫހިވާތީ މިއުޅެނީ އެހެންވެ އަސްލު ގެއަށް ނުގޮސް މިހިރީ، ވިނާން ތިހާ ހިތްހަމަ ނުޖެހެންޏާ ހިނގާ އަވަހަށު ދާން އެހެންވިއްޔާ..!” މާކިންގެ ރައްޓެހި ކުއްޖެއްގެ ގެއަށް ވަނދެފަ ނިކުތްތަނުން ވިނާން ޝަކުވާކޮށް ގަތީމަ މާކިން ދެރަވި ކަމަށް ހެދިގެން ބުނެލިއެވެ. މާކިން ބޭނުން ވީ އެއްމެން ވެގެން ރޭވި ގޮތަށް ބާރަޖަހަން ކައިރި ވީމަ ނޫނީ ގެއަށް ނުވަންނާށެވެ. އެެހެން ނޫނީ ކުރަން އުޅޭ ކަންތައް ފާޅާ އަރާފާނެއެވެ. “އޭ ބުރަދާރ… ދެރަވީތަ؟ މައެހެން ބުނި އެއްޗެއް ނޫނެކޭ އެއީ! ބުރަދާރ ދެރަ ވިއްޔާ ނުބުނާ އެއްޗެއް! އޯކޭ…” މާކިން ދެރަވިކަމަށް ހިތާ ވިނާން ދެރަވެފަ ބުނެލިއެވެ. އޭރު މާކިންއަށް ހެވޭތީ ހުރެވެނީކީ ނޫނެވެ. “ދެރައެއް ނުވޭ ދެން އެހާ ޝަކުވާ ކޮއްލީމަ އެހެން ބުނެވުނީ..، ވަރަށް ހައިވެސް ވެއްޖެ ހިނގާބަލަ މިތަނަށް ކާލަން… ވަރަށް މީރެއް ނޫންތ މިތާ އެއްޗެހި!” ސައިކަލުގައި ދުއްވަމުން ދަނިކޮށް ގޯމޭއާ އަރާ ހަމަވުމުން މާކިން ބުނެލިއެވެ. އަދިވެސް ވަގުތު އޮތީތީ މާކިން ބޭނުންވީ އެވަގުތު ކޮޅުވެސް ހިފަހައްޓާލާށެވެ. އަނެއްކޮޅުން ޕާރޓީއަށް އަންނަން ހަމަޖެހިފަ ތިބި އެއްމެން އައިސް ނިމުމުން ގުޅާނެކަން މާކިންއަށް އިނގޭ ވިއްޔާއެވެ. އެހެން ކަމުން އޭނަ ހުރީ ނިކަން ހަމަ ޖެހިގެންނެވެ.
އޯޑަރު ކުރި ޕއްޒާ އައުމުން ކައި ނިއްމާލައިފަ ގަޑި ބެލިއިރު އެގާރަ ގަޑި ފަންސާސް ވީއެވެ. މާކިން ރަނގަޅަށް ފޯނު ބަލައިލިއިރު ސައުދު ވެސް ލީޒާ ވެސް އޮތީ ހުރިހާ ކަމެއް ނިމިއްޖެ ކަމަށް ބުނެ މެސެޖު ކޮއްފައެވެ. “ސުބުހާނަﷲ! އެއޮއްގެން ބާރަ ޖަހަނީ ލައްކަ ވަރަކަށް ދުވިއްޖެތާ ދޯ؟ ހިނގާ އަވަހަށް ގެއާ ދިމާލަށް ދާން ސައުދުބެ ހުންނާނީ ރުޅި ދުރުވެފަކަން ނޭނގެ…!” ކުޑަކޮށް ހާސްވާކަން ދައްކާލަމުން މާކިން ބުނެލިއެވެ. މާކިން އެހެން ބުނުމާއެކު ވިނާން ވެސް އާ އަވަހަށް ހިނގާށޭ ކިޔާ ތެދުވެއްޖެއެވެ. ބިލަށް ފައިސާ ދެއްކުމަށް ފަހު ދެމީހުން މިސްރާބު ޖެހީ އަވަހަށް ގެއަށް ދިއުމަށެވެ. “އޭ ވިނާން… މަ ވަރަށް ބޮޑަށް ފާހާނަޔަކަށް ދާން ޖެހިއްޖެ ހިނގާބަލަ މަ ފާހަނަޔަށް ވައްދަން ގެއަށް ދެވެންދެން ނުހުރެވޭނެ…” ވަރަށް ބޮޑަށް ފާހާނަޔަކަށް ދާން ވެފަ މީހަކު ހުންނަ އިރު ހުންނަ ގޮތަށް ހަރަކާތް ދައްކަމުން މާކިން ބުނެލިއެވެ. “ހައްހައް… އެހެން ނޫންތަ ވާނީ އެވަރު ކުރެވިއްޖެ ވިއްޔާ… އާދޭ އަވަހަށް އަނެއްކާ ގަޔަށް ލެވިއްޖެއްޔާ މަންޒަރު މާ ރީއްޗެއް ނުވާނެ..!” މާކިންގެ ކޮނޑުގައި މަޑުން ޖަހައިފަ ހިނގައި ގަންނަމުން ވިނާން ބުނެލިއެވެ. އޭރު ވެސް މާކިންއަށް ހަމަ ހެވެނީއެވެ. އެ ވަގުތު ގަޑިން އެގާރަ ގަޑި ފަންސާސް ތިނެއްވީއެވެ. އަވަހަށް ވިނާންއާ އެކު ވަނދެ ފާހަނަޔަށް ވަނދެލައިފަ ވިނާން ފާހާނައިން ނިކުތީމަ ސިގެރެޓެއް ބޯން ޓެރަސްއަށް ގޮސްލަން ހިނގާށޭ ކިޔާފަ ވިނާންގެ އަތުގަ ހިފާ ދަމައި ގަންނަމުން މާކިން ހިނގައިގަތީ ޓެރަސްއަށް އަރަން ހުންނަ ސިޑިއާ ދިމާލަށެވެ. ވިނާން ވެސް ވަކި ގަދައެއް ނަހަދާ މައްޗަށް އަރިއިގެން ހިނގައްޖެއެވެ. “ދެމީހުން އެއްކޮށް ގޮސް ޓެރަސްގެ ދޮރު ހުޅުވާލިއިރު މުޅި ތަން ދިޔައީ އަލިވެގެންނެވެ. އެއްމެން އެއް އަޑަކުން ހެޕީބާރތުޑޭ އޭ ކިހާ ހަޅޭއް ލަވައިގަތް އަޑަށް ވިނާން ދިޔައީ ދެލޮލުން ތަރި ބުރައިގެންނެވެ. “ކޮބާ ސަޕުރައިޒު ކިހިނެއް ވަނީ؟” ވިނާންގެ ބުރަކަށީގަ މަޑުމަޑުން ޖަހައިލައިފަ މާކިން އަހައިލިއެވެ. “އޭ ހާދަ ގޯހޭ..! މިއީ ދޯ މަ ގޮވައިގެން މުޅި ތާގަ ގަންވިހުނު ކަމަކީ ހުރޭ މިހެން އުޅެފަ ދޭނަމޭ ލަނޑެއް..!” ހެމުން ހެމުން ވިނާން ބުނެލިއެވެ. އެވަގުތު އެއްމެންތައް އައިސް ވިނާންއަށް ވިޝްކޮށް ހަދިޔާތައް ދޭން ފަށައިފިއެވެ. ވިނާން ހުރީ ހައިރާންވެފައެވެ. އަދި އެހާ ދެރަވެސް ވެފައެވެ. ހަމަ ޔަގީނުން ވެސް މީގެ އެތައް ދުވަހެއް ކުރިން ވިނާން ހީކުރީ އޭނަޔާ އެކު މިދުވަހުގަ އަލްޔާ ބައިވެރި ވާނެ ކަމަށެވެ. އެހެން ހިތަށް އަރާ ވިނާން އެކި ދިމަދިމާލަށް ބަލަން ފެށިއެވެ. އެއީ އަލްޔާ ހުންނާނެޔޭ ހިތާއެވެ.
ވިނާންގެ ބޯ އެކި ދިމާލަށް އެބުރެން ފެށުމުން ސައުދުމެން ފެށީ ނުލަފާ ފާޑަކަށް ހޭންށެވެ. އެހެން ނަމަވެސް އެއީ ވިނާންއަށް ސިއްރުންނެވެ. “ދަރިފުޅާ ކޯއްޗެއްތަ ތި ހޯދަނީ؟ އެއްޗެއް ގެއްލިގެން ހޯދާހެން ހާދަ ހީވެޔޭ…” ވިނާން ކުރެން ސައުދު އަހައިލިއެވެ. “އުހު.. ނުހޯދަން، ކީއްތޯވީ ބައްޕާ؟” ވިނާން ބުނެލިއެވެ. “އަހަރެންދޯ ތިހޯދަނީ؟ ވިލްޔޫ މެރީމީ!” ވިނާންގެ ކުރިމައްޗަށް ހުއްޓިހުރެ ފިނިފެން މަލެއް ދިއްކުރަމުން އަލްޔާ އަހައިލިއެވެ. ވިނާން ހުރީ ބުނާނެ އެއްޗެއް ނޭނގި އަލްޔާގެ މޫނަށް ބަލަހައްޓައިގެން ހުއްޓުން އަރާފައެވެ. އެވަގުތު އެތާ ތިބި އެއްމެން ބާރަށް އަތް ޖަހަން ފެށިއެވެ. “ސޮރީ އަދި ވިޝް ވެސް ކޮއްނުލެވޭދޯ؟ ހެޕީ ބާރތުޑޭ ވިނާ!” ވިނާން އެއްޗެއް ނުބުނު ހުރުމުން އަލްޔާ ބުނެލިއެވެ. “ޔެސް…. ތޭންކްސް އަލް!” ފިނިފެން މަލުގަ ހިފަމުން ވިނާން ބުނެލިއެވެ. އަދި އެކަމަށްޓަކައި ބޭގަރާރު ވެފަ ހުރި މީހެއް ފަދައިން އަލްޔާގެ ގައިގަ ބައްދާލިއެވެ. “އޯ.. މާ ރޮމާންސް ވާނެ ކަމެއް ނެތް ދެން ވެސް ސައިކޮޅެއް ދެވޭތޯ އުޅެބަލަ!” ހެމުން ހެމުން މާކިން ބުނެލިއެވެ. ހަގީގަތުގަ މާކިންއަށް އެހެން ބުނަން ވެސް ކެރުނީ ކުޑަކަމެއް ޖެހިގެން ސައުދު ތިރިއަށް ދިޔައީތީއެވެ. “އެއްކަލަ ދިމާ ކުރަން ފެށީއޭދޯ… ތިމީހުން ނުވާނެ ރަނގަޅެއް!” ވިނާން ލަދު ގަނެފަ ބުނެލިއެވެ. އެއްމެން ދިމާ ކޮއްފަ ހޭތީ ވިނާން ހުރީ ވަރަށް ލަދުގަނެފައެވެ. “ދެން ތިއޮތީ ތިކަންވެސް ވެފައެއް ނޫންތަ؟ ދެންވެސް މިކޭކް ފެޅޭތޯ އުޅެބަލަ..” މިފަހަރުވެސް މާކިން ބުނެލިއެވެ. “ހޫމް… ހިނގާދޯ ކޭކް ފަޅަމާ މަށަށް އިނގެޔޭ މާކް ވަރަށް ދަހި ވާނެ އެއްޗެއްކަން ކޭކަކީ… ދެން ވެސް އަވަހަށް ހިނގާ މި ފަޅައިފަ މާކްއަށް ކާން ދެވޭތޯ ބަލަމާ!” މާކިންއާ ދިމާ ކުރަމުން ވިނާން ބުނެލިއެވެ. ” ކޮބާ ދަރިފުޅާ ޕާރޓީ ކިހިނެއްތަ ވަނީ؟ އަދި ދަރިފުޅަށް ލިބުނު ސަޕުރައިޒް ކިހިނެއްވަނީ؟ ދަރިފުޅަށް އިނގޭތަ؟! މިހުރިހާ ކަމަކީ ހަމަ ދަރިފުޅުގެ ރަހުމަތްތެރިޔާ މާކިންގެ ބުރަ މަސައްކަތް..! ބައްޕަ މިހެން ބުންޏަސް ލީޒާގެ ވެސް ވަޒޫގެ ވެސް އަދި ޒިއާދާގެ ވެސް މަސައްކަތް، ހެހެ… ބައްޕަ އަމިއްލަޔަކަށް ނުބުނާނަން ބައްޕަގެ ވެސް މަސައްކަތެކޭ” ސައުދު ހެމުން ބުނެލިއެވެ. ސައދު ދެއްކި ވާހަކަ އަޑުއިވި ވިނާން ހުރީ އުފަލުން ފެންކަޅިވެފައެވެ. އަދި އެއްމެންނަށް ޝުކުރު ކުރާ ގޮތަށް ބަލަން ހުއްޓެވެ. އެތައް ސަކަރާތެއް ޖެހުމަށް ފަހު ޕާރޓީގަ ބައިވެރިވި ގިނަ ގާތް ރައްޓެހިން ކޮޅު ހިނގައްޖެއެވެ. ނަމަވެސް ބައެއް ކުދިން ފިޔަވައެވެ.
“ބޭބެއަށް އިނގޭ މާކިން ވެސް ހުންނާނީ ވަރަށް ލަސްވެފަކަން އަދި ތިހުރިހާ ކުދިންވެސް، ބޭބެ ތި ކުދިންނާ އެއްކޮށް މިވާހަކަ ދައްކަން ބޭނުން ވާތީ އަދި މިވަގުތަކީ އެކަމަށް އެންމެ އެކަށޭން ވަގުތު ކަމުގައި ވެސް ވީތީ މިގަޑީގަ ވާހަކަ ދައްކަން ބޭނުންވ… ބޭބެ އުންމީދު ކުރަން ތީގެ ތެރެއިން އެއްވެސް ކުއްޖަކު މިކަމާ ހިތްހަމަ ނުޖެހުމެއް ނުބާއްވާނެ ކަމަށް ބޭބެ ދައްކަން މިއުޅޭ ވާހަކައަކީ ކޮންވާހަކައެއް ކަން ތިއާގެ ތެރެއިން ކޮންމެ ކުއްޖަކަށް ވެސް އިނގޭނެ… ބޭބެ ކިޔަން މިއުޅޭ އެއްޗަކީ ތަން ކޮޅެއް އަވަހަށް އަލްޔާ އާ ވިނާން އާ ދެކުދިންގެ ކައާވެނީގެ ކަންތައް ނިންމާލަން ހިނގާށޭ! ބޭބެއަށް އިނގޭ ތިކުދިން ވެސް އެދޭނެ ގޮތަކީ މިއީ ކަމަށް… ކީކޭތަ ތިކުދިން ބުނަނީ؟” ސައުދު އެއްނޭވާއިން ހުރިހާ ވާހަކައެއް ދައްކާ ނިއްމާލީ އެކުދިން ފެންނަ ގޮތް ކޮބާތޯ އެހުމަށް ފަހުއެވެ. “ބައްޕާ އަޅުގަނޑަށް ވެސް ފެންނަނީ ވީހާ އަވަހަކަށް ތި ކައިވެނި ކުރަން އެއީ އަހަރެން ބޭނުމެއް ނޫން ދެވަނަ ފަހަރަކަށް ކުޑަބެއަށް އަލް ގެއްލޭކަށް!” ވަޒުނާއަށް ފެންނަ ގޮތް އޭނަ ބުނެލިއެވެ. “އެއީ ތެދެއް ބޭބެ… އަޅުގަނޑުގެ ވިސްނުމަކީވެސް އެއީ އެކަމަކު އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއ އެބައޮތް ތިކަމުގަ އެއީ ކައިވެނި ކުރުމުގެ ކުރިން އަޅުގަނޑު ކައިރިން އަލް ނުގެނައުން ސަބަބަކީ އަޅުގަނޑު އަލް ކައިރީގަ ވެފަ އޮތް ވައުދެއް އަލް މެރީ ކުރި ދުވަހަކުން ނޫނީ އަޅުގަނޑު ކައިރިން ނުފޮނުވާނަމޭ! އަޅުގަނޑު އުއްމީދު ކުރަން ބޭބެމެން މިކަމަށް ދެކޮޅު ނަހަދާނެ ކަމަށް…” ލީޒާ ބޭނުންވާ ގޮތް ތަފުސީލްކޮށް ކިޔާދިނެވެ. ސައުދު ވަގުތުން އެކަމާ އެއްބަސް ވިއެވެ. އަދި އެއީ އޭނަވެސް ބޭނުން ވާގޮތަށް ނޫން ކަމަށް ބުނެލިއެވެ. ސައުދު ބުނީ އޭނަވެސް ކައިވެނި ނުކޮށް ގެންނަން ބޭނުން ނުވާކަމެށެވެ. އަދި އެއީ އެހާ ބުއްދިވެރި ވެސް ގޮތެއް ނޫން ކަމަށެވެ. އެނެއް ކޮޅުން ކުރިން އަލްޔާ އެގެއަށް އައި ގޮތާ މިހާރު ގެންނަން ބޭނުން ވާ ގޮތާ ހާސް ބައި ތަފާތު ކަމަށެވެ. އަނެއް ކޮޅުން ކައިވެނި ނުކޮށް އެއް ގެއެއްގެ ތެރޭގަ އުޅުމަކީ ވެސް ވަރަށް ގޯސް ކަމެއް ކަމަށެވެ. “ބޭބެ އަޅުގަނޑުވެސް ވަރަށް އުފާ ވެއްޖެ ބޭބެމެން މި ކައިވެންޏަށް ރުހި ގަބޫލުވެ އަދި އިސްވެ މިކަމާ އުޅުއްވާތީ… އަލްޔާ އަކީ ވަރަށް ރަނގަޅު ކުއްޖެއް އަލްޔާ އަބަދުވެސް ދައްކާނެ ބޭބެގެ ރަނގަޅު ކަމުގެ ވާހަކަ އެކަމަކު މިރެއާ ހަމަޔަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެއީ ތެދެއްކަމަށް… ސޮރީ އަލް މީގެ މާނައަކީ އަލްއަށް އިތުބާރު ނުކުރަނީކީއެއް ނޫން އަދި އަލް ދައްކާ ވާހަކަ ދޮގު ކުރަނީކީއެއްވެސް ނޫން އަޅުގަނޑު މިހެން ބުނަން މިޖެހުނީ ބުނަން މަޖުބޫރު ވީމަ އެކަމަކު މިރޭ އަޅުގަނޑަށް ސާބިތު ވެއްޖެ ވިނާންގެ ބައްޕައަކީ އަލް ބުނި ފަދައިން ދެވަނައެއް ނުވާފަދަ ބައްޕައެއްކަން އަޅުގަނޑު ދުވަހަކުވެސް ނުދެކެން ބޭބެ ކަހަލަ ރަނގަޅު އިންސާނެއް އަދި ތިޔަފަދަ ހެޔޮ ބައްޕައެއް އެެންމެންނަށް ވެސް ދެއްވާތޯ އަޅުގަނޑު ދުޢާ ކުރަން!” ޒިއާދާގެ ފަށުވި ބަސްތަކުން ސައުދު ހުރީ ފެންކަޅިވެފައެވެ. އަދި އަމިއްލަ ނަފުސަށް ފަހުރު ވެރި ވެވުނެވެ. އޭރު ތިބި އެހެން މީހުން ވެސް ތިބީ ޒިއާދާ އެފަދަ ތައުރީފެއް ސައުދުއަށް ކުރީތީ ހައިރާންވެ އަދި އެހާ އުފާވެސް ވެފައެވެ. “އެއްމެން ހައިރާން ވެއްޖެދޯ؟ ބޭބެއަށް މިހާ ތައުރީފު ކުރީމަ! ހެހެ… އިނގޭތަ؟! މިއީ ހަމަ ބޭބެއަށް ހައްގު ބަސްތަކެކޭ މިބުނީ..! އަހަރެންނަށް އެއްމެ ފުރަތަމަ އަލްއާ ދިމާވެގެން ވެސް އަލް އަބަދު ދައްކާނީ ވިނާންގެ ރަނގަޅު ވާހަކަ، ވަޒޫގެ ރަގަޅު ވާހަކަ، ބޭބެގެ ރަގަޅު ވާހަކަ އެކަމަކު އަބަދުވެސް ޝަކުވާއަކީ އެގޭ ދައްތަ އެހާ ގޯސްކޮށް ކަންތައް ކުރީތީ..! ފަހަރެއްގަ މި މާހައުލުގަ މިވާހަކަ ދެއްކުމަކީ ރަނގަޅު ކަމަކަށް ވެސް ނުވެދާނެ އެކަމަކު ވެސް ހަމަ ނުބުނެ ނުހުރެވިގެން މިބުނެވުނީ..!” އަލްޔާ ލޯ އަޅާލުމުން އެހިސާބުން ޒިއާދާ ވާހަކަ ދެއްކުން ހުއްޓާލިއެވެ. އަދި މާފަށް ވެސް އެދުނެވެ.
“ހެހެ… އެއީ މައްސަލައެއް ނޫން ޒިއާދާ ތިބުނި ގޮތަށް ތިއީ ބޭބެ ވެސް ހިތުގަ އުފެދޭ ސުވާލެއް އެކަމަކު ކުރާނެ ކަމެއް ނެތް… އިރާދަ ކުރެއްވިއްޔާ ދެނެއް މިގޭ ތެރެއިން އަލްޔާއަށް އެއްވެސް ބިރެއް ނެތް އަބަދުވެސް އަލްޔާއަށްޓަކައި އަބަދުވެސް މިގޭތެރެ އަމާން ވާނެ..، ދެން ހިނގާ ތިވާހަކަ ބާއްވަމާދޯ ދެން މިކައިވެނި ކުރާނެ ދުވަހެއް ހިނގާބަލަ ބަލަމާ މިރޭ ކޮންމެެހެން ވެސް ބޭނުން ތާރީހެއް ހަމަ ޖައްސަން..!” ޒިއާދާޔާ ވާހަކަ ދެއްކުމަށް ފަހު ސައުދު އެއްމެން ކުރެން އަހައިލިއެވެ. އޭރު އަލްޔާ ހުރީ ލަދުން ކުރާނެ ކަމެއް ނޭނގިފައެވެ. އަލްޔާ ލަދުން ހުރި ކަން އެތާ ތިބި އެއްމެންނަށް ވެސް ފާހަގަ ވިއެވެ. “ބައްޕާ ކިހިނެއްތޯ ވަނީ އަޅުގަނޑާ އަލްޔާ އާ ދެމީހުން ތިކަމާ ފަހުން ޑިސްކަސް ކޮއްލަން..؟!” އަލްޔާ ލަދުން ހުރި ތަން ފެނުމުން ވިނާން ބުނެލިއެވެ. ހަގީގަތުގަ ހުދު އޭނަވެސް ހުރީ ލަދުންނެވެ. “އުހު އުހު… ބައްޕަޔަކަށް އެއްގޮތަކަށް ވެސް ތިގޮތެއް ކަމަކު ނުދޭ! ބައްޕަ ބޭނުމީ މިރެއިން މިރެއަށް މިކަން ނިންމާލަން އަނެއް ކޮޅުން ބައްޕަ ބޭނުން ވީހާ އަވަހަކަށް މަންމަ ގޮވައިގެން ބޭރަށް ދާންވެސް…” ވަގުތުން ދެކޮޅު ހަދާ ސައުދު ބުނެލިއެވެ. “އޯކޭ.. އޯކޭ.. އެހެންވީމަ އަޅުގަނޑު ކުޑަކޮށް އަލްޔާއާ ވާހަކަ ދައްކާލަން ފުރުސަތެއްދީ އަޅުގަނޑަކަށް އެކަންޏެއް ނުނިއްމޭނެ އެންމެ ރަނގަޅުތޯ؟” ވިނާން ބުނެލިނެވެ. “އޯކޭ އަވަހަށް ދެކުދިން ވާހަކަ ދައްކާފަ ދުވަހެއް ހަމަ ޖައްސާ އެކަމަކު ހަނދާން ބަހައްޓާތި ލަސް ކުރެވެން ނެތްކަން” އަލްޔާއާ ވާހަކަ ދައްކައިގެން ދުވަހެއް ހަމަ ޖެއްސުމަށް ސައުދު ފުރުސަތު ދިނެވެ.
“ތޭންކްސް އަލް! ވިނާން ވަރަށް އުފާވެއްޖެ އަލުން ވިނާޔާ ގުޅެން ނިއްމީތީ އަލްއަށް އިނގޭތަ؟! މިއީ އަހަރެން ހާދަ އުއްމީދެއް ކުރި ރެއެކޭ މިރެއަށްޓަކައި ހާދަ ހުވަފެނެއް ދެކުނީމޭ އެކަމަކު އިނގޭތަ؟! ހިތަށް ވެސް ނާރާ އެންމެ ފަހުވަގުތު އަމުދުން އަލް އަމިއްލަޔަށް ކައިވެންޏަށް އެދިފާނެ ކަމަކަށް… ހަމަ ތެދެއް މިބުނީ އަހަރެން ހާދަ އުފާ ވެއްޖެޔޭ!” ވިނާން އުފަލުން ކިޔޭ ނުކިޔޭ ނޭނގި ބުނެލިއެވެ. ހަގީގަތުގައި އަލްޔާއާ އެކަނި ވެލަން ވިނާން ހުރީ ވަރަށް ބޭނުން ވެފައެވެ. އެއީ މި ވީހާ ދުވަސް ތަކުގަ އޭނަގެ ހިތުގަ އޮތްހާ ވާހަކަތައް ބަންޑުން ކޮއްލަން ކަންނޭގެއެވެ. ނުނީ ޝަކުވާ ކޮއްލަން ކަންނޭގެއެވެ. އަލްޔާ ހުރީ ލަދުން ފާާވާވަރު ވެފައެވެ. “ހޫމް… ތިވާހަކަ ބާއްވަބަލަ އެހެން ނޫނަސް ދުނިޔޭގެ ކަންތައް ވަނީކީ ހީކުރާހާ ގޮތަކަށް ނޫނޭ ވިނާއަށް ވެސް އެކަން އިނގެއެއް ނޫންތަ؟” ލަދު ގަތް ކަމަކު ހިތްވަރު ކޮއްލައިފަ އަލްޔާ ބުނެލިއެވެ. “އާނދޯ..! ދެން ކޮން އިރަކުންތަ މެރީ ކުރަން ނިއްމާނީ؟ އަލްވެސް ބޭނުން ވާ ގޮތަކަށް މިކަން ކުރަން ބޭނުމީ ފެންނަ އެއްޗެއް ބުނަން ވާނެ އިނގޭ!” އަލްޔާގެ މަޑު އަތުގަ ހިފަމުން ވިނާން ބުނެލިއެވެ. އޭރު ބޭރުގަ ތިބެވުނީ ނަސީބެކޭ އަލްޔާގެ ހިތައް އެރިއެވެ. އެހެން ނޫންނަމަ އޭނަ ހާދަ ލަދެއް ގަތީހެވެ. އަލްއަށް އޯކޭ ކޮންމެ ދުވަހެއްވެސް ވިނާއަށް ފެންނަ ދުވަހެއް ރަނގަޅުވާނެ އެކަމަކު އަލް ބޭނުން މެރީ ކުރާ ދުވަހަކަށް ޝަރާ ގެންނަން އެހެން ނޫނީ އޭނަ ވަރަށް ދެރަވާނެ!” ވިނާންއަށް ފެންނަ ދުވަހެއް ރަނގަޅު ކަމަށް ބުނެ އަދި އޭނަ ބޭނުންވާ ގޮތް ބުނެލިއެވެ. “އިންޝާﷲ މެރީ ކުރާ ދުވަހަކަށް ޝަރާ ގެންނާނަން އެކަމަކު ކައިވެނި ކުރާނެ ދުވަހެއްދޯ ހަމަ ނުޖެހިގެން މިއުޅެނީ ބައްޕަ ބޭނުން ވަނީ ވީހާ އަވަހަށް އެހެން ވީމަ ކޮންމެ ގޮތެއް ވިޔަސް ވީހާ އަވަަހަކަށް ދުވަހެއް ނިއްމަން އެބަ ޖެހޭ… ވިނާއަށް ފެންނަ ގޮތެއް ބުނެފާނަން މިއަދުމީ ހަތާވީސްދޯ؟ އެހެންވީމަ އަންނަމަހު ފަނަރަ ކިހިނެއްވާނީ؟! އަލްއަށް ވެސް ފެންނަ އެއްޗެއް ބުނައްޗޭ އިނގޭ ހަމަ އެކަނި ވިނާއަށް ފެންނަ ގޮތަކަށް ނިއްމައިގެން ކަމަކު ނުދާނެ” އަލްޔާގެ އޮމާން ކޮލުގައި ހިފާލަމުން ވިނާން ބުނެލިއެވެ. “ހެހެ… އަލްއަށް އޯކޭ ތިދުވަސްވެސް އަލްވެސް ބޭނުން ވަނީ އަވަހަށް މެރީ ކުރަން..!” ވިނާންއާ ދިމާލަށް ބަލަމުން އަލްޔާ ބުނެލިއެވެ. އޭރު ވިނާން އެދި އޭނަގެ ހިތް ގޮވާވަރު ވިނާން އަކަށް ސިއްރެއް ނުވާނެެއެވެ. “އޯކޭ ތިއީ އަލް ހަގީގަތަށް ވެސް ބޭނުންވެގެން ބުނި ގޮތް ވެއްޖެއްޔާ ހިނގާ އަވަހަށް އެތެރެއަށް ދާން… ބައްޕަ ހުންނަވާނީ މިހާރު ވެސް ލަސް ވެފަ އަނެއްކޮޅުން އެތާ އެތިބީ އެއްވަރެއްގެ މީހުން ދިމާ ކުރަން ވެސް ހައްދެއް އޮންނަ ބައެއް ނޫން..!” އެހެން ކިޔާފަ ހުރިތަނުން ވިނާން ތެދުވިއެވެ. އަދި ވަރަށް ލޯބިވެޔޭ ކިޔާ އަލްޔާގެ ގައިގަ ބައްދާލިއެވެ. “އުމުރަށް ވެސް ވިނާއާ އެއްކޮށް އުޅެއްޗޭ ދެން ދުވަހަކު ވެސް ވިނާ ދޫކޮށްފަ ނުދައްޗޭ!” އަލްޔާގެ ގައިގަ ބައްދައިގެން ހުރެ އޭނަގެ ކަންފަތް ބުޑުގަ ވައި އަޑުން ބުނެލިއެވެ. ޖަވާބުގައި ނުދާނެ ކަމަށް އަލްޔާ ބުނެލިއެވެ.
“ބައްޕާ އަޅުގަނޑުމަން ދުވަހެއް ހަމަ ޖައްސައިފިން!” ސައުދުމެން އޮލަ ވާހަކާގައި ތިއްބާ އައިސް ހުއްޓުމެއް ނެތު ވިނާން ބުނެލިއެވެ. އޭރު އަލްޔާ ހުރީ ލަދުން އިސް ޖަހައިގެންނެވެ. “އެހެންތަ؟! ކޮބާތަ އެދުވަހަކީ؟” ދައްކަން ތިބި ވާހަކަ ހުއްޓާލައިފަ ވިނާން ދެއްކި ވާހަކަޔަށް ސަމާލު ކަން ދެމުން ސައުދު އަހައިލިއެވެ. “އަންނަ މަހު ފަނަރަ… ދޯ އަލް؟!” އަލްޔާއަށް ދޯދެމުން ވިނާން ބުނެލިއެވެ. “އެހެންތަ؟ ވަރަށް ރަނގަޅު ބައްޕަ ހީކުރި ވަރަށް ވުރެވެސް އަވަސް ބައްޕަ ވަރަށް އުފާ ވެއްޖެ ދަރިފުޅުމެންގެ ނިއްމުމަށް..” ވިނާންއާ އަލްޔާއާ ދެމީހުންގެ ނިއްމުމާ ހިތްހަމަ ޖެހުނު ވަރުން ބުނެލިއެވެ. “އެހެން ވީމަ މިއޮތީ މިކަން ވެސް ނިމިފަތާ އެކަމަކު ބައްޕަގެ ވަރަށް ބޮޑު އެދުމެއް އެބައޮތް އެއީ އަލްޔާ ކުރެން އެދޭ ކަމެއް ބައްޕަޔަށް ވަރަށް ރަނގަޅު ދަރިފުޅު މީގެ ފަހުން ވަޒީފާޔަށް ނުގޮސް ފިއްޔާ! ބައްޕަ ބޭނުމެއް ނޫން އަލްޔާ އެތަނަށް ވަޒީފާއަށް ދާކަށް އަދި މީގެ ފަހުން ބޭބެ ވެސް ނުކިޔުން މިއީ ހަމަ ދަރާފުޅުގެ ބައްޕަ ކަމަށް ދެކިގެން ބައްޕަ ކިޔުން..!” ސައުދު ބޭނުންވާ ގޮތް ބުނެލިއެވެ. އަލްޔާ ހުރީ އެއްޗެއް ނުބުނެ އިސް ޖަހައިގެންނެވެ. އަލްޔާ ބަހެއް ނުކިއުމުން އޭނަގެ ދަތްދޮޅީގަ ވަޒުނީ ހިފާ މައްޗަށް އުފުލައިލީ އިރު އެދެލޯ ހުރީ ކަރުނައިން ފުރިފައެވެ. “އަލް ކީއްވެ ތިރޮނީ؟ ބައްޕަ ބުނުއްވި ގޮތާ މެދު ހިތްހަމަ ނުޖެހުނީތަ؟!” އަލްޔާ ރޯންވީ ސަބަބެއް ނޭނގުމުން ހައިރާން ވެގެން ވަޒުނާ އަހައިލިއެވެ. ހަމަ އެވަގުތު އަލްޔާގެ އަޑު ފަޅައިގެން ބޭރަށް ނިކުތެވެ. އަލްޔާ ރޯންވީ ސަބަބެއް ނޭނގި އެއްމެން ތިބީ ހައިރާންވެ އަދި އެހީ ދެރަވެފައެވެ. “އަލް ކީއްވެ ތިރޮނީ ޕުލީޒް ބުނެބަލަ؟” އަލްޔާ ރޯ ސަބަބެއް ނޭގިގެން ލީޒާވެސް ދެރަވެފަ އަހައިލިއެވެ. “އުފަލުން ރޮވުނީ… ދަރިފުޅާއޭ ކިޔާފަ ގޮވީމަ މާބޮޑަށް އުފާވެގެން ރޮވުނީ! އަހަރަންގެ ބައްޕަ ދުވަހަކުވެސް ދަރިފުޅާއޭ ކިޔާފަ ގޮވައި ނުލާ…” އަލްޔާ އޭނަގެ ލޮލުން ފޭބި ކަރުނަތައް ފުހެލަމުން ބުނެލިއެވެ. “ހެެހެ… މި ބައްޕަ އަބަދުވެސް ހުންނާނަން ބައްޕައެއްގެ ގޮތުގަ އަދި ދަރިފުޅަށް ނުލިބުނު ބައްޕައެއްގެ ލޯބިވެސް ދޭނަން!” އެހެން ކިޔާ އޭނަގެ ގަޔާ ކައިރިކޮށް އަލްޔާގެ ބޮލުގައި ފިރުމާލިއެވެ. އަލްޔާވެސް ބައްޕައެއްގެ ލޯބި ލިބުނީމަ އުފާވެފަ ރަނގަޅަށް ސައުދުގެ ގައިގަ އޮޅުލައި އިތުރަށް ރޮއެ ގަތެވެ. ބައްޕައެއްގެ ލޯބި ނުލިބޭ ކުއްޖަކަށް އެހެން މީހެއްގެ ފަރާތުން ވެސް އެލޯބި ލިބުނީމަ އެ ލިބެނީ ކިހާ ބޮޑު ހިތްހަމަ ޖެހުމެއް ހެއްޔެވެ؟.
……ނުނިމޭ……
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.



Ummeedhu kuran mi part ves kamudhaane kamah
V salhi…??avahah dhekudhin kaiveni kuruvaa…hahha??…waiting for next part….??
Hehe thanks
awesome varah reethi mi part ves, so excited,finally a happy ending is on the way dhw. waiting for the next part
Thanks……
reethi
Ohhh wow masha allah speechless??? alhamdhulillah al ah vinaan libeny dhw☺ whn nxt prt avaskolladhechchey plx ??❤??❤????????
V reethi
Yayy finally emyhun marry kuran ulhenyy… ??
Kobaaatha story adam
adam koba tha next part avahah up kohla dheebaa pls