އުފާވެރި ހަޔާތަށް އެޅުނު ހިޔަނި (2)
“އަހަރެންނަށް އެދުވަހު ކަންތައްކުރެވުނީ އެންމެ ރަނގަޅަކަށް ނޫން.. އަހަރެންނަށް އެދުވަހު ލީންއަށް ހެދުނުގޮތުން އެކަމާ އަހަރެން ދެރަވެ ހިތާމަކުރަން.. އެކަމަކު ކުށްވެރިއަކީ އަހަރެން އެކަންޏެއް ނޫން.. ލީން އަހަރެންގެ އިހްސާސްތަކަށް ބެލުމެއްނެތި އެދުވަހު އަހަރެން ބާކީ ކޮށްލީ ..އަހަރެން ކުރަމުންދިޔަ އާދޭސްތަކަށް ބީރުކަންފަތެއްދެމުން.. އަހަރެން މިއަދުވެސް ލޯބިވަނީ އެލީންދެކެ.. އަދި މިހަޔާތަށް ދެންވެސް ގެންނަން ބޭނުންވަނީ ހަމަ އެ ލީން” ޒިދާން އޭނާގެ ހިތުގެ އުދާސްތައް ބޭރުކޮށްލެވުމުން ފަޒާގެ ތެރެއަށް ފުންނޭވާއެއް ދޫކޮށްލިއެވެ. ޒިދާންގެ ވާހަކަތައް ކަނުލާ އަޑުއަހަން އިން ޝިމާލް އެކުވެރިޔާގެ ކޮނޑުމަތީ އަތްބާއްވާލީ އެކުވެރިޔާއަށް ހިތްވަރުދިނުމުގެ ގޮތުންނެވެ. ޒިދާން ޝިމާލްއަށް ފަޑު ހިނިތުންވުމެއް ދިނުމަށްފަހު އަނެއްކާވެސް ކުރިމަތީ އޮތް ކަނޑާދިމާލަށް ނަޒަރު ހުއްޓަލިއެެވެ.
ގެއަށްވަދެގެން ދިޔަ ލީން އެއްވެސް އަސަރެއް މޫނުމަތިން ދައްކާނުލާ ކޮޓަރިއަށްވަދެގެން ދިޔަތަން ބަލަން ސޯފާގައި އިން ނިހާދާ އިނީ ދެރަވެފައެވެ. ހުރި އެންމެ އަންހެން ދަރިފުޅުގެ މޫނުމަތިން މިވީ އެއްއަހަރު ދުވަހު ތެރޭގައި ހިނިތުންވުމެއް ފެންނިފައި ނުވާއިރު ވާހަކަދައްކަނީވެސް ކޮންމެހެން ބުނަންޖެހޭ އެއްޗެއް ބުނުމަށް އެކަންޏެވެ. ކުޑައިރުއްސުރެން ފެށިގެން ކުޅެމުންއައި ވޮލީ ކުޅުންވެސް ހުއްޓާލުންވީ އެދަރިފުޅުގެ ހުރިހާ އުފަލެއް ނިގުޅައިގަނެވިއްޖެކަމުގެ އިހްސާސް ނިހާދާއަށް ކުރެވުނު ދުވަހަށެވެ. އޮފީހުންއަންނަ ގޮތައް ލީން ކޮޓަރިން ނިކުންނަނީ ކާން އެކަންޏެވެ. އެއީވެސް ނިޙާދާ ބުނުމުންނެވެ. ގިނަވަގުތު ހުންނަނީ ކޮންމެސް ތަނަކަށް ގެއްލިފައި ނަމަވެސް އެހާދުވަސްވީއިރުވެސް އެދަރިފުޅުގެ ލޮލުން އެންމެ ކަރުނަ ތިއްކެއް ވައްޓާލިތަން އަދިއަދަށް ދާންދެން ނިހާދާއަށް ފެނިފައިނުވާ ކަންމީ އެދަރިފުޅުގެ ކެއްތެރިކަން އޭނާއަށް ހާމަވެގެން ދިޔަ ކަމަކަށެވެ. ކިތަންމެ ފަހަރަކު ލުތުފީ ގާތުގައި ލީންއަށް އެހެން ނުހެދުމަށް ގޮސް ބުނެފާނަމޭ ނިހާދާގެ ހިތައް އަރައެވެ. ނަމަވެސް ފަސްޖެހެވެނީ ލުތުފީ ނަގާނެ ފިޔަވަޅެއް ނޭނގޭތީއެވެ.
އާދައިގެމަތިން ލީން ތައްޔާރުވަމުން ދިޔައީ އޮފީހަށް ދިއުމަށެވެ. އެމޫނުމަތިން އެއްވެސް ދިރުމެއް ނުވާއިރު އޭނާއެކޭ އެތައްދުވަހަކު ބަލިއެނދުގައި އޮވެފައި ތެދުވެހުރި މީހެކޭ ތަފާތެއްނެތެވެ. ހަލުވި ފިޔަވަޅުތަކެއްގައި ކޮޓަރިން ނިކުމެގެން މަޑުވެސްކޮށްނުލާ ލީން ނިކުމެގެން ދިޔައީ ނިހާދެމެން ދެމަފިރިން ހެނދުނުގެ ސަޔަށް އިންސާފުކުރަން މޭޒުދޮށުގައި ތިއްބައެވެ. މިތަންފެނި ނިހާދާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. އެމީހުންގެ ދަރިފުޅު އެމީހުންނާ ހާދަ ދުރުވެއްޖެޔޭ އޭނާގެ ހިތައްއެރިއެވެ. އަދި ސިއްރުސިއްރުން ދެލޯ ފޮހެލީ ލުތިފީއަށް ފެނިދާނެތީއެވެ. ނަމަވެސް އޭނާއަށް ނޭނގުނުކަމަކީ ލުތުފީއަށް އޭނާ ދެލޯ ފޮހެލިތަން ފެނުނުކަމެވެ.
އޮފީހަށް ވަދެެގެން ދިޔަ ޒިދާންއަށް ގިނަ އަންހެންކުދިންގެ ނަޒަރު ސީދަވަމުން ދިޔައިރު މިއިންކަމަކަށް އޭނާގެ ސަމާލުކަމެއް ހުރިހެންނެއް ހިޔެއްނުވެ. އެދިޔަގޮތަށް ގޮސް އޭނާގެ ކެބިންއަށް ވަދެ ދުވަހުގެ މަސައްކަތްފެށީ މިއަދު ކޮންމެހެން ހަދާފައިވެސް ނިންމަންޖެހޭ މަސައްކަތްތަކެއް ހުރީމައެވެ.
އަވެދިނެތި ކޮންޕިއުޓަރުގައި އެއްޗެއް ޓައިޕުކުރަމުން ދިޔަ ޒިދާން އޭނާގެ މަސައްކަތް މަޑުޖައްސާލީ އޭނާގެ ފޯނަށް ފޯންކޯލެއް އައުމުންނެވެ. “ކީކޭ މޭން” “ޒިދާން ނިހާދާއްތަ ގުޅި ދެންމެ..” “ކީކޭ؟؟” ޒިދާން އޭނާއަށް އަޑުއިވުނީ ރަނގަޅަށްތޯ ޔަޤީންކުރުމަށް އަހާލިއެވެ. ވާނީވެސް އެހެންތާއޭ އެއިވުނު ވާހަކާއަކީ މިންދުވަހަކުވެސް އޭނާއަށް އަޑުއިވިދާނެ ވާހަކައެއްކަމަށް އޭނާއަށް ހުވަފެނުންވެސް ހީކުރެވިފައެއްނެތެވެ. “އާނ ޒިދާން ނިހާދާއްތައޭ ގުޅީ ބުނީ ޒިދާން ކައިރީގައި ބުނެދެށޭ އޭނާގެ ދަރިފުޅު އޭނައަށް އަނބުރާ ގެނެސްދޭށެވެ. މިމަންމައަށް ދުވަހަކު ކަމެއްކޮށްދެންޏާ އެދަރިފުޅު އަނބުރާ ގެނެސްދޭށޯ” “ވަޓް ލީން ކޮންތާކަށް ދިޔައީ އަހަރެންނަށް ނޭނގޭ ލީންއުޅޭ ތަނެއްވެސް އެންމެ ކުޑަމިނުން އޭނާ މަސައްކަތް ކުރާ އޮފީސްވެސް އަހަރެންނަށް ނޭގެ” “ޒިދާން ނިހާދާއްތަ ބުނި ކޮންމެ ދުވަހަކު އޮފީސް ނިންމާފަ ލީން ދެޔޯ އާޓިފިޝަލް ބީޗްއަށް.. އޭނާއަށް ރަނގަޅަށް ބަލާލަބަލާށޯ އެއީ މިހާރު ކުރީގެ ލީންއެއް ނޫނޯ ބުނީ” ” އޯކޭ އަހަރެން ބިޒީ މިގަޑީގަ.. އަންނަށްޗޭ ހަވީރު.. އަހަރެން ބޭނުން ލީންއަށް ވެގެން އުޅޭގޮތެއް ބަލަން” ޝިމާލް އެންމެ ރަނގަޅޭ ބުނެ ފޯން ކަނޑާލިއެވެ.
ބުރޭކްގަޑީގައި އެންމެން މަޖާ ވާހަކަ ދައްކަމުން ހެމުން ދިޔައިރު މަޑު ހިނގުމެއްގައި ކޭންޓީނަށް ވަދެގެން ދިޔަ ލީން އެއިން އެއްވެސްކަމަކަށް ސަމާލުކަން ނުދީ ގޮސް އޯމްލެޓް ބަންއަކާއި އައިސް ކޮފީއަކާއި ކުޑަ ފެންފުޅިއަކަށް ލާރި ދެއްކުމަށްފަހު ޓުރޭއަކަށް އެ އެއްޗެހިތައް ލައިގެން ގޮސް އެތާންގެ ކަނަށް ވާގޮތަށް އިން މޭޒުގައި ގޮސް އިށީނނެވެ. މަޑުމަޑުން ކަމުން ދިޔަ ލީންއަށް ވަށައިގެންވާ އެއްވެސް ކަމެއްގެ އިހްސާސް ނުވާފަދައެވެ. އޮފީސް ނިންމާފައި އެހެންޏާވެސް ކަންތައް ކުރާ އުސޫލުން ލީން މިސްރާބު ޖެހީ އާޓިފިޝަލް ބީޗާ ދިމާލަށެވެ. ކަޅުކުލައިގެ ހެދުމަކާ ކަޅުކުލައިގެ ލެގިންސެއް ލައިގެން ހުރިއިރު ކަރުގައި ރަތްކުލައިގެ ސްކާފެއް އޮޅާލާފައި އޮތެވެ. އެދިޔަ ގޮތަށް ގޮސް ލީން އެތާންގައި ހުރި ބެންޗެއްގައި އިށީންނެވެ. އެހެން އިންއިރު އޭނާގެ ހިތައް ފުންއަސަރެއް ކުރީ އޭނާގެ ބަދުނަސީބުކަން ހިތައް އަރާފައެވެ. އެތައް ޤުރުބާނީތަކެއްވެގެންވެސް އެހެންމީހުންނަށް އޭނާގެ އިހްސާސްތައް ނުވިސްނުމުން އޭނާގެ ހިތްވަރު ވަނީ މުޅިން އެލިފައެވެ. ދިރިއުޅުމުގައި ދާނެ މިސްރާބުވަނީ ގެއްލިފައެވެ.
” އޭ ތަންކޮޅެއް ބާރަށް ދުއްވަބަލަ” “ހާދަ ކެއްތެރިކަން ކުޑަވެފައިދޯ ތިހިރީ ހަމަޖެހިބަލަ ވީ އެންމެ ބާރަކަށޭ މަވެސް މި ދުއްވަނީ” ޒިދާން ފުންނޭވާއެއް ބޭރުކޮށްލާފައި ހަމަޖެހިލިއެވެ. އެހިތް ބާރު ބާރަށް ތެޅެމުން ދިޔައީ އެއް އަހަރު ފަހުން އޭނާގެ ހިތުގެ މަލިކާ ފެންނަން އުޅެތީއެވެ. “މިހާރު ލީން ހުންނަނީ ކިހިނެއް ހެއްޔެވެ؟ އޭނާ މިހާރުވެސް ލޯބިވާނީ އަހަރެން ދެކެ ހެއްޔެވެ؟” މިފަދަ އެތަށް ޙިޔާލްތަކެއް ސިކުނޑިތެރޭގައި އެބުރި އެބުރި ހުއްޓާ ޝިމާލް ގޮސް އާޓިފިޝަލް ބީޗު ކައިރީގައި ސައިކަލު ޕާކުކޮށްލިއެވެ. ދެޒުވާނުން ގޮސް އާޓިފިޝަލް ބީޗުގެ ކޮޅުކޮޅަށް ނަޒަރު ހިންގާލީ ލީން ފެނޭތޯއެވެ. ޒިދާންއަށް އެއްލިކަޅިއަކުން ބެއްޗެއްގައި އެކަނިމާއެކަނި އިން ލީން ފެނުމުން އެދިމާލަށް ހިނގައިގަނެވުނީ ދަގަސްފާނަށް ދަގަނޑު ދަމާ އުސޫލުންނެވެ. އެއްދިމާލަކަށް ނަޒަރު ހުއްޓާލާއިގެން އިންއިރު ކޮށްފައިވާ ލުއި މޭކަޕުން އެރީތިކަން އިތުރުވެފައިވެއެވެ. ނަމަވެސް އެމޫނުމަތީ އެއްވެސް ދިރުމެއްނެތެވެ. އެތުންފަތްމަތީ އެހެންޏާ ހުންނަ ހިނިތުންވުން ފެންނަން ނެތުމުން ޒިދާންގެ ހިތުގައި ރިއްސާލިއެވެ. ނިޙާދާ ބުނީ ތެދެކެވެ. ލީން އެވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މޫނުމަތިން ބަލިވައްތަރު ޖަހާއިރު އެހާ މަޑުން ލީން އިނުމުން ޒިދާންއަކަށް ކަމަކު ނުދިޔައެވެ. ކުދި ފިޔަވަޅުތަކެއްގައި ޒިދާން ގޮސް ލީން އިން ބެންޗުގައި އިށީނނެވެ. އަމިއްލަ ދުނިޔެއަށް ގެއްލިފައި އިން ލީންއަށް މީހަކުއައިސް ކައިރީގައި އިށީނނިކަން ރޭކާވެސް ނުލައެވެ. އެހާވަރަށް އޭނާ އިނީ އަމިއްލަ ދުނިޔެއަކަށް ގޮސް ގެއްލިފައެވެ. ޒިދާން މަޑުމަޑުން ލީންގެ އަތްމަތީ އަތް ބާއްވައިލުމާއެކު ލީންއަށް ހަމަ ބިމަށް އާދެވުނެވެ. އަދި ހިތް އަވަސްވެފައިވާ ހާލު ކައިރީގައި އިިނީ ކާކުތޯ ބަލާލަން އެނބުރުނު ވަގުތު ޒިދާން ފެނުމުން ބޭއިޙްތިޔާރުގައި ޒިދާންއަށް ގޮވާލެވުނެވެ. ދެޒުވާނުން އެކަކު އަނެކަކު ދެލޮލަށް ބަލަހައްޓައިގެން ތިބިއިރު އެވީ މަދު ސިކުންތުކޮޅުގެ ތެރޭގައި ލޮލުން އެކަކު އަނެކަކަށް އެތައް ވަހާކައެއް ބަދަލުކޮށްލިއެވެ. އެދެލޮލުންވެސް ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ވޭނާއި ކެކުޅުމެވެ. ލޯތްބައް ފެންބޮވާގެންފައިވާ ދެ ފުރާނައެވެ. ދެހިތްވެސް އާދޭސް ކުރަމުން ދިޔައީ ލޯބީދޭތޯއެެވެ. ނަމަވެސް ތަޤުދީރު އެދެހިތް ވަކިކޮށްފައިވަނީ އެހާފަސޭހައިން ދިމާވެފައިވާ ހުރަސްތައް ކަޑައްތުކޮށް އޭގެ މަންޒިލަށް ދެވޭނެ ގޮތަކަށް ނޫނެވެ. ދުރުގައި މިމަންޒަރު ބަލަން ހުރި ޝިމާލްގެ ހިތުގައި މި ދެލޯބިވެރިންނަށްޓަކާ ހަމްދަރުދީ އުފެދުނެވެ. އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވާއިރުވެސް އެކުގައި އުޅެވެން ނެތުމަކީ ކިހާ ބޮޑު ބަދުނަސީބުކަމެއް ހެއްޔެވެ؟؟ ކުރިމަތީ ލޯބިވެރިޔާ ފެންނަން ހުއްޓާ އޭނާއަށް ފުރަގަސް ދޭން ޖެހިފައިވާއިރު އެހިތް އެތައް މަރަކުން މަރުވަމުން ދާނެކަން ޔަޤީނެވެ. އެވަގުތު ލީން ހިތައް އެރި އެއްޗެއްގެ ސަބަބުން މެޔަށް ދިލަ ހޫނެއް އިހްސާސްކުރެވިގެން ދިޔައެވެ. އަދި ވަގުތުން މޭގައި އަތްއަޅާލާފައި ޒިދާން އާއި ދުރަށް ހިނގައިގަތީ އެހިތުގެ އެހިއްސާސްތައް ބޭރުވެދާނެތީއެވެ. ކިތަންމެ ލޯބިވިޔަސް ލީންގެ މަޖުބޫރީ ޙާލަތު ޒިދާންއާއި އެކުގައިވުމަށް ތަނެއް ނުދެއެވެ. ދުރަށް ހިނގައިގަތް ލީންއަށް ބަލަހައްޓައިގެން ޒިދާންއަށް ހުރެވުނީ އޭނާގެ ފަހަތުން ދާންވެސް ނޭނގިފައެވެ. މިއަދުވެސް އެދެލޮލުން ޒިދާންއަށް ފެނުނުނީ ލޯތްބެއެވެ. އެލޯތްބައްޓަކާ ޒިދާންވެސް ފެންބޮވާގަނެފައިވާ ލޯތްބެވެ. “ނަމަވެސް މިއަދުވެސް އެ ޖަޒުބާތުތައް ފަސްލާ ފޮރުވަމުން ދުރަށް އެ ހިނގައިގަތީ ލީންއެވެ. ނޫނެކޭ މިހާރު ލައްކަ ދުވަހު ކެއްކުރެވިއްޖޭ މިއަދު އެހާ ފަސޭހައިން ދޫކޮށްލައިފިނަމަ ދެން ފެންނާނީ މުޅި އުމުރަށް އޭނާގެ އަލަތު ލޯބި ގެއްލޭ ތަނެވެ.” އާޓިފިޝަލް ބީޗުން ނިކުންނަން ދިޔަ ލީންގެ އަތުގައި ޒިދާން ހިފައި ލުތްކެއް ޖެހުމާއެކު އޭނާ އައިސް ތަތްވީ ޒިދާންގެ ތަނަވަސް މޭމަތީގައެވެ. އޭރު ޒިދާންގެ ހިތް ބާރުބާރަށް ތެޅެމުން ދިޔަ ކަމުގެ އިހްސާސް އޭނާއަށް ކުރެވެމުން ދިޔައެވެ. ލީން ޒިދާން އާއި ދުރަށް ޖެހިލަމުން އޭނާގެ އަތް ޒިދާންގެ އަތް ދަށުން މިންޖުވޭތޯ މަސައްކަތްކުރަން ފެށިއެވެ. “ޒިދާން ދޫކޮށްބަލަ މީހުން އެބަ ބަލައޭ” “ނުކުރާނަން ދުލެއް އަހަންނާއެކު އަހަރެން ބުނާ ތާކަށް ދާން ހިނގާ ނޫނީ މިތާ ހުރެ އަހަރެން ކިޔާ އެއްޗެއް ކިޔާނީ” “ޒިދާން ހެޔޮނުވާނެ” “އަދިވެސް ލީންތަ ތިހެން ބުނަންވީ ހެޔޮ މިއަދު ދެވޭނީ އަހަރެން ކުރާ ސުވާލުތަކުގެ ޖަވާބު ދިނީމަ” “ހިނގާ” ޒިދާންއާއި ލީން ގޮސް ލީންގެ ކާރަށް އެރިއިރު ޒިދާން އެރީ ދުންވަންށެވެ. އެދިޔަގޮތަށް ގޮސް ޒިދާން ކާރު ޕާކުކޮށްލީ ހުޅުމާލެ ފެރީޓާމިނަލް ކައިރީގައި އަދި ފޯނުން ކޮންމެސް ވާހަކަތަކެއް ދައްކާފައި ގޮސް ދެޓިކެޓް ގަނެގެން އައިސް ލީންގެ އަތުގައި ހިފައިގެން ގޮސް ފެރީއަށް އެރިއެވެ. ހުޅުމާލެއަށް ފެރީ ޖެއްސުމާއެކު ފެރީއިން ފައިބައިގެންގޮސް އެތާ ހުރި ފިރިހެނެއް ކައިރީގައި މަޑުކޮށްލުމަށްފަހު ސައިކަލް ތަޅުތަނޑިއެއް ޒިދާން އޭނާގެ އަތުން ނެގިއެވެ. އަދި އޭނާއަށް ޝުކުރުއަދާކޮށްފައި ގޮސް އެތާހުރި ސައިކަލަށް އެރުމަށްފަހު ލީންއަށް ގޮވާލާފައި ސައިކަލަށް އެރުމަށް އެދުނެވެ. އެއްވެސް ދެކޮޅު ހެދުމެއްނެތި ލީން ގޮސް ޒިދާންގެ ގައިގައި ނުޖެހޭ ހިސާބުގައި އަރާ ސައިކަލުގައި އިށީނނެވެ. އެދިޔަގޮތަށްގޮސް ޒިދާން ސައިކާ މަޑުކޮށްލީ އަތިރިމައްޗަށެވެ. އެއީ ކުރިންވެސް އެދެމީހުން އައިސްފައިވާ ތަނެކެވެ. އެހެންޏާ އެކަހަލަ ތާކަށް އާދެވިއްޖެނަމަ ލީން އުފަލުން މުޅި އަތިރިމަތީ ދުވެ ސަކަރާތް ޖަހާނެވެ. އެންމެ ފަހުންވެސް އެތަނަށް އައިދުވަހު ޒިދާން ފުރަގަސްދިން ވަގުތު ލީން އެއްލި ވެލިގުޅަ އޭނާގެ ބުރަކަށްޓަށް ޖަހައިގެން މުޅި އެތާންގައި ލީން ފަހަތުން ދުވި ދުވަސް ދެމީހުންގެވެސް ހަނދާނަށް އަންނަމުން ދިޔައެވެ. ފަސްމިނެޓަށް ދެމިގެން ދިޔަ ހަމަހިމޭންކަން ފޫއަޅުވާލާފައި ވާހަކަދައްކަން ފެއްޓީ ޒިދާންއެވެ. “ލީންގެ އުޅުމަށް ތިހާ ބޮޑު ބަދަލެއް އައިސްގެން ތިއުޅެނީ ކީއްވެ؟؟” ޒިދާން ސީދާ ލީންގެ ލޮލާ ހަތަރުކަޅި ހަމަކޮށްލަމުން ބުންޏެވެ. “އެންމެން އަބަދު އެއްގޮތަކަށް ތިބޭތަ” ހިތުތެރޭގައި އުފެދެމުން އައި އިހްސާސްތައް ފޮރުވަމުން ލީން ޒިދާން އާއި ވާހަކަ ދެއްކީ ރުންކުރުކޮށެވެ. “ދެން އެހެންވީއިރު ލީންގެ މަންމަ އަހަރެން ގާތު ކުރީގެ ލީން އަނބުރާ ގެނެސްދޭށޭ ބުނަން ޖެހުނީ ކީއްވެ؟؟” ލީން ސިހިފައި ޒިދާންއަށް ބަލާލިއިރު އެދެލޮލުން ދެންމެ އެބުނި ވާހަކަ ޔަޤީން ނުވެފައި ހުރިކަން ދޭންހަވާން ހުއްޓެވެ. “އާނ ހަމަ ލީންގެ މަންމަ އެހެން ބުނީ” ޒިދާންގެ ބަހުގައި ހުރި ޔަޤީންކަމުން ލީންއަށް އެދައްކަނީ ތެދުވާހަކަކަން ދެނެގަންނާކަށް މާގިނައިރެއް ނުނެގިއެވެ. “އަހަރެންނާއި ހެދި ބަޔަކަށް އުނދަގޫ ވާން ފަށައިފި ދޯ.. ވަރަށް ބޮޑަށް ސޮރީ ޒިދާން އަހަރެންނަށްޓަކާ ޒިދާން ތިހާ ބުރަ އުފުއްލާނެ ކަމެއް ނެތް” އެއްވެސް އަސަރެއް ނެތި ލީން އެހެންބުނުމާއެކު ޒިދާންގެ ހިތައް ހީވީ ތޫނު ހަންޖަރެއް ހާރާލިހެންނެވެ. “ބުރަ އުފުލާނެކަމެއް ނެތޭ އަހަރެން ލީންއާއި ދޭތެދެރޭ ވިސްނާ ވިސްނާ މިއޮތް ހަލާކުވަނީ މިވީ އެއްއަހަރު ދުވަހު ތެރޭގައި އަހަރެން ދުވަސްތައް ހޭދަ ކުރިގޮތް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތް” ލީން އޭނާއާއި ދިމާލަށް އަބުރާލަމުން ޒިދާން ވާހަކަދެއްކިއެވެ. “އަހަ… އަހަރެން ގެއަށްދާންވެއްޖެ” އަޅައަޅައި ގަންނަމުން ލީން ބުނި ވާހަކައިން ޒިދާންގެ ނިއްކުރިމައްޗަށް ރޫގިނަވެގެން ދިޔައެވެ. “ތިއީ ހިތުގަ ރަހުމެއް ކުލުނެއްވެސް ހުރި އަންހެނެއް ނޫންތަ؟؟” ޒިދާންގެ ބަސްތަކަށް ކެއްކުރަމުން ލީން އޭނާއާއި ފުރަގަސްދިފައި ދެލޯ މަރާ ތަގުޅިކޮށްލިއެވެ. “އަހަރެން ލީން ދެކެ ވަރަށް ލޯބިވޭ.. އިތުރަށް މި ލޯބި އިމްތިޙާން ނުކުރޭ ހެޔޮނުވާނެ” ޒިދާން ފުރަގަހުން އައިސް ލީންގެ ގައިގައި ބައްދާލަމުން ބުންޏެވެ. ލީންގެ ހާލަކީތޯއެވެ. ހިތާއި ފުރާނައިން ލޯބިވާ ބައިވެރިޔާއަށް ނޫނެކޭ ބުނަން ޖެހުމުން އެހިތް ހީވަނީ ކުދި ކުދި ވެދާނެހެންނެވެ. ނަމަވެސް މިއަދު އެލޯތްބަށް ފުރަގަސް ދިނުމަށް އޭނާއަށް ވަނީ މަޖުބޫރުވެފައެވެ. “ޒި ޒިދާން އެހެން މީހެއް ތިހަޔާތައް ގެނޭ އަހަރެންނަކަށް ތިދިރިއުޅުމަށް އަނބުރާ ދެވޭކަށް ނެތް” އެހެން ބުނިވަގުތު ލީންއަށް ހީވީ އޭނާގެ ނާރުތައް ބުރި ބުރި ވީހެންނެވެ. އަދި ޒިދާންއަށް ކިހާ ވަރެއް ވޭނެ ހެއްޔެވެ؟؟ ހިތައް އަރާފައި ހީވީ އޭނާގެ ގައިގައި ހުރި ގުނަވަންތައް ފިސްފިސް ވީހެންނެވެ.” ލީންގެ ޖުމްލަ އަޑު އިވުމާއެކު ޒިދާން އޭނާގެ ގައިން އަތް ދޫކޮށްލިއެވެ. އަދި ފެންކަޅިވެފައިވާ ހާލު ލީންއަށް ބަލަހައްޓައިގެން ހުރީ ދެންމެ ކަންފަތައް އިވުނު އަޑު ޤާބޫލްކުރަން ދަތިވެފައެވެ. “ހަމަ ލީންތަ ތިހެންތި ބުނީ.. ނިހާދާއްތަ ބުނީ ތެދެއް ލީން ތިހިރީ ވަރަށް ބޮޑަށް ބަދަލުވެފަ ވަރަށް ބޮޑަށް ބަދަލުވެފަ”
ސައިކަލުގައި ޓާމިނަލް އެބުރި ދިޔައިރު ދެމީހުންކުރެ އެކަކު އެއްބަހެއްވެސް ނުކިޔައެވެ. މިކަމާ ދެހިތައް އުނދަގޫ ވަމުން ދިޔަ ނަަމަވެސް އިތުރަށް ވާހަކަދައްކަން ދެޒުވާނުންވެސް ބޭނުންނުވީއެވެ. ފެރީއަށް ދެމީހުން ގޮސް އެރިއިރު ގަޑިން ހުރީ 30 5 ވެފައެވެ. ލީންއާއި ޒިދާން ކައިރިކަރީގައި ތިބެއްކަމަކު ދެމީހުންގެ މެދުގައިވެސް ވަނީ ބޯފާރެއް ލެވިފައެވެ. ތަޤުދީރުގައި ދެލޯބިވެރިންނަށް އެއްކޮށް އުޅެވެން ނެތީ ހެއްޔެވެ؟ އެވަގުތު ލީންގެ ހިތައް އެރިއެވެ. ފެރީއަށް އަރައިގެން އައި ފިރިހެންބަޔަކު ޖެހި ފިތިގެން އައިސް ލީންގެ ކައިރީގައި އިށީނނުމުން ލީން ރުޅިވެރިކަމާއިއެކު އެމީހުންނަށް ބަލާލީއެވެ. އަދި ލައިގެން އިން ބޫޓުން އެންމެ ކައިރީގައި އިން މީހާގެ ފައިމައްޖަށް އަރާ އޮއްބާލުމާއެކު އެމީހާ ވީތަދީނުން އަވަހަށް ލީންއާއި ދުރަށް ޖެހުނެވެ. މާލެ ދެވުމާއި އެކު ލީން ގޮސް އޭނާގެ ކާރަށް އަރާ ބާރު ސްޕީޑެއްގައި ކާރު ދުއްވާލީ ގެއަށް ދިއުމަށެވެ. އޭރު އެދެލޮލުން ތާޒާ ކަރުނަ ފައިބަމުން ދިޔައެވެ. އުސްކޮށް ހަދާފައި ހުރި އިމާރާތެއްގެ ޕާކު ޒޯން ތެރޭގައި ކާރު ޕާކުކޮށްލުމަށްފަހު ހަލުވި ފިޔަވަޅުތަކެއްގައި ލީން އެތެރެއަށްް ވަދެ ލިފްޓަށް އެރިއިރު އެދެތުންފަތް ތުރުތުރުލަމުން ދިޔައެވެ. ލިފްޓް އިމާރާތުގެ 3 ވަނަ ފުލޯއަށް ހުއްޓުމާއެކު ލީން ގޮސް އެ ފުލޯ ތެރެއަށް ވެދެގެން ދިޔައީ ދުންޖަހާފައިދާ ރޮކެޓެއް ފަދައިންނެވެ. އެދިޔަގޮތަށް ގޮސް އެތެރެއަށް ވަދެފައި “މަންމާ އޭ” ކިޔާ ވަރަށް ބާރަށް އޭނާ ގޮވާލިއެވެ. ލީންގެ އަޑަށް ސޯފާގައި ތިބި ލުތުފީއާއި ނިހާދާ ކޮޅައްތެދުވެ އެތެރެއަށް ވަދެގެން އައި ލީން އާއި ދިމާލަށް ބަލަހައްޓައިގެން ތިބީ މިއީ އަދި ދުވަހަކުވެސް ލީންގެ ފަރާތުން ފެނިފައިނުވާ ސިފައަކަށް ވުމުންނެވެ. “އަދިވެސް ވީވަރު ކުޑާއީތަ އަހަރެން މަރާލާނަމޭ ހިތާ ދޯ ތިއުޅެނީ އަހަރެންނަށް ޒިދާން ގެއްލުނީ ކާކުސަބަބުންކަން މަންމެންނަށް އިނގޭނެ.. ދެން މިހާރު ކީކޭ ކިޔާނަމޭ ހިތާތަ ތިއުޅެނީ.. މިވެސް އިންސާނެކޭ މިހިތައްވެސް ކެއްވާނީ ވަކިވަރަކަށް… އަހަރެން މަރުވެފައި ހުރި މައްޔިތެއްހެން އެއްއަހަރު މި ފާއިތުކޮށްލިއިރު ތިދެމީހުންނަށް އޭގެއިން އެއްވެސް އަސަރެއް ނުކުރި..” އެވަގުތު ހޯސްލާފައި ލީންގެ ދެލޮލުން ކަރުނަ ފައިބައިގަތެވެ. މަންމެން އަހަރެން ދެކެ ލޯތްބެއްނުވެ އަހަރެންދެކެ ލޯބިވާނަމަ އަހަރެންގެ އުފަލަށް ވިސްނާނެ.. އަހަރެން ބަދަލުވީ ސަބަބެއް ނެތިއެއް ނޫން.. މަންމަމެންނާ ދުރުވީ އަހަރެންނެއް ނޫން.. މަންމެން އަމިއްލައަކަށް އަހަރެން ދުރުކޮށްލީ” ލީންގެ އަޑު ބެދުނީ ހިތައްކުރި ފުންއަސަރެއްގެ ސަބަބުންނެވެ. އެންމެ ވަގުތުކޮޅެއްވެސް ބޭކާރުނުކޮށް ކޮޓަރިއަށް ވަދެ އޭނާ ދޮރުލައްޕާލީ ނިހާދާ އާއި ލުތުފީ ގޮވަ ގޮވާ އޮއްވައެވެ. ” ހެޔޮ ނުވާނެ ލުތުފީ އެއީ އަހަރެމެންގެ ހުރި ހަމަ އެކަނި ދަރިއަކީ.. ލުތުފީ ބެނުމީ އެދަރި އެގޮތައް ރޮއެ ހިތާމަކުރާތަން ބަލަންކަމަށްވަންޏާ ލުތުފީ ތިގޮތް ދޫކުރާނެ ކަމެއް ނެތް.. އިނގޭތެ ލީންއަށް އެދުވަހު ފިިލައިގެން ގޮސް ކައިވެނި ކުރަން ޔޫނާ ޙިޔާލް ދިނީމަ އެދަރި ބުނީ ކީކޭކަން؟؟.. މަރުވިޔަސް އަދި ކިތަންމެ ލޯބިވިޔަސް މަންމައާއި ބައްޕައާއި ނުޤަބޫލްގައި އެއްވެސް ކަމެއް ނުކުރާނަމޭ.. މީހަކަށް އެހާ ރަނގަޅު ދަރިއެއް ލިބޭނީ…ލުތުފީ ތިހެން އަޅާނުލާ ހުއްޓާ އަަހަރެމެންގެ ދަރިފުޅު އަހަރެމެންނަށް އެއްކޮށް ގެއްލިދާނެ.. އެހެންވެއްޖެނަމަ އަހަރެން ދުވަހަކުވެސް ލުތުފީއަކަށް މާފެއް ނުކުރާނަން” ފެންކަޅިވެފައިވާހާލު އެހުރިހާ ވާހަކައެއް ދެއްކުމަށްފަހު ނިހާދާވެސް ކޮޓަރިއަށްވަދެ ދޮރު ލައްޕާލިއެވެ.
****ނުނިމޭ***
15 Comments
Comments are closed.
Hi hurihaa kudhin.. igey ihyhe up kuran kan buniee but aisha phn ah kuda mahsala eh jehigen up sorry dhen iraadha kurehvihyhaa bunaa dhuvahah vaahka up kohla dheynan.. unnmeed kuran mi part ves kamudhaane kamah ? next part thursday ga avahah liyhe vehjijyhaa avahah genesdheynan.. good day to all ? … enjoy… ❤
Masha Allah v reethi
Thank u xaaan ❤
Varah reethi part ves..keep it up ?
Waiting ❤️?
Thank u dear ❤ i really apriciate it ?
V reethi
Aisha kon rasheh
???❤❤❤❤❤❤❤❤❤❤❤❤❤
Thank u axoo ❤ aisha rah dho.. aisha nubuniyhas enme ragalhutha ☺
Alhe knkamakaatha leen majubooru vany.. curious to know that..
Varah reethi mi part ves ?
Waitingss ❤❤❤❤
Lets see dhw ? thank yuh so much Adha ❤
vvvvvvvvvvvvvvvv.asaru kohfi. ranige hayaathaa gulhey vvv.bodah… 🙁
Alhey ? aisha bunelaaniee dhiriulhumakiee imthihaanekey.. hihvaru kuraashey ehves mieehakah abadhaku hithaamaeh nulibeyney.. raniii be brave
vrh reethi … luthufy be yah visneyne nama dhw
poor leen
Thank yuh ainal ❤ lets see dhw vaagotheh ?
I am first wow v reethe ❤❤
Okay u r first ❤ thank u zidan ?