އީރަމް ވަދެގެންއައިސް ޖަނާގެ ކުރިމައްޗަށް ވާހެން އިށީނުމާއެކު މޫނުގެ ކުލަވަރު ބަދަލުކޮއްލަމުން ޖަނާ ހިނިތުންވެލިއެވެ. ” ހާދަ އަވަހަކަށް ގެއަށް ތިއައީ..ޝޯ ނިމުނީތަ؟..” އީރަމް އަށް ބަލާލަމުން ޖަނާ އަހާލިއެވެ. ” ނޫން..ޖަނާ މެންވެސް ގެއަށް އައިމަ މިއައީ ދެން.. ލާމީ ކޮބާާ.. ” އީރަމް ލާމިހް ފެންނަން ނެތުމުން އަހާލިއެވެ. ހަގީގަތުގައި ބޭނުމަކަށްވީ ލާމިހްގެ ހާލު އޮޅުންފިލުވުމެވެ. ” ބޭސް ކައިގެން ނިދަން ވަދެއްޖެ..” އީރަމް ގެ މޫނުން ކަމެއް ދެނެގަންނަން އުޅޭ މީހެއް ފަދައިން ފަރުވާތެރިކަމާއެކު ބަލަން އިނދެ ޖަނާ ޖަވާބުދިނެވެ. އިރުކޮޅެއް ނުވަނީސް ހުސެން އާއި ހައިފާ ގެ އިތުރުން ހަނާ އައިސް ކާގެއަށް ވަދެއްޖެއެވެ. ރޭގަނޑުގެ ކެއުމަށް މޭޒުމަތި ތައްޔާރުކުރަން ފެށުމުން ބަނޑުހައިނުވާ ކަމުގައި ބުނެ ޖަނާ ހިނގައިގަތީ ކޮޓަރިއަށެވެ.
ނިދިފައި އޮތް ލާމިހް ލޯ ހުޅުވާލަމުން ފާރުގައި އިން ގަޑިއަށް ބަލާލިއެވެ. ހެނދުނު އަށްގަޑި ބައިވަނީއެވެ. ފާހަނާގައި ހުސެން އުޅޭކަން އެނގުމާއެކު މޯޅިއަކަށް ދެމިލަމުން އަނެއްކާވެސް ލޯމަރާލިއެވެ. އެހެން އޮވެފައި ދެން ފެނުނީ ކުއްލިއަކަށް ތެދުވެ އެނދުގައި އިށީންތަނެވެ. ރޭގައި ޖަނާ ކައިރީ އީރަމް ދެކެ ލޯބިވާ ވާހަކަ ބުނެވުނުކަން ހަނދާންވީއެވެ. އެ ވާހަކަ އީރަމް ކައިރީ ބުނަންވެސް ޖަނާ ފަސްނުޖެހޭނެއެވެ. ނަމަވެސް އިތުރަށް އެކަމާއި ބެހޭގޮތުން ޖަނާ ކައިރީ ވާހަކަދައްކާކަށް ލާމިހް ބޭނުމެއްނޫނެވެ. އެ ވިސްނުމުގައި އިންދައި އިވުނީ ހުސެން ފާހަނައިން ނުކުތް އަޑެވެ. ” ކޮން ވިސްނުމެއްގަ ތިއިނީ.. އަަދިވެސް ބޮލުގައި ރިއްސަނީތަ.. ” ލާމިހް އިން ގޮތުން ހުސެން އަހާލިއެވެ. އުނުގައި ތުވާޔެއް އޮޅާލައިން ހުރި ހުސެން އަށް ބަލާލަމުން ލާމިހް ދެ ފަރާތަށް ބޯ ތަޅުވާލިއެވެ. ” ރޭ ގައި ވަރަށް ކަޑަ ކަމެއް ކުރެވިއްޖެ..” މާޔޫސް ކަމާއެކު ލާމިހް އެހެން ބުނުމުން ހުސެން ވެގެން އުޅޭ ގޮތް އޮޅުންފިލުވާހިތްވިއެވެ. ” ކިހިނެއްވީ..” ހުސެން ލާމިހްގެ މޫނަށް ބަލަމުން އަހާލިއެވެ. ” ޖަނާ ފާޑެއްގެ ސުވާލެއް އެހިތަނާ ބުނެވިއްޖެ އީރަމް ދެކެ ލޯބިވާ ވާހަކަ..” މޫނަށް ވައްތަރެއް ޖައްސާލަމުން ލާމިހް އެހެން ބުނުމާއެކު ހުސެން ފެށީ ހޭށެވެ. ” ހުވާތަ.. ހަހަ.. ދެން.. ޖަނާ އަށް އަނެއްކާ ކަމެއް ވިތަ.. އަހަރެން ހީކުރީ ޖަނާ ކަމަށް ބުނާނީ ލާމީ ކައިރީ ލޯބިވާ ވާހަކަ..” ހުސެން އެހެން ބުނުމުން އެ ކީއްވެތޯ ލާމިހް އަހާލިއެވެ. ” މަށަށް ހާދަ ހީވެޔޭ ޖަނާ ލާމީ އާއި ކަމެއްހެން.. އެހެންވެ..ހައި ވެސް ބުނި ޖަނާ އުޅޭ ގޮތުން އެކަހަލަ އެއްޗެއް ބައެއްފަަހަރު ހީވެޔޭ..” ޖިންސްލުމަށް ފަހު ގަޔަށް ޓީޝާޓެއް މަހާލަމުން ހުސެން ބުނެލިއެވެ. ” ހަމަ ރަނގަޅު އެއްޗެއް ތި ބުނެވުނީ.. މިހާރު ދެން ޖަނާ އަށް ވެސް އިނގޭނެ އެއްނު ލާމީ ހިތުގަ އޮތް އެއްޗެއް..” ހުސެން ބުނި އެއްޗަކާ މެދު ލާމިހް ވިސްނާލިއެވެ. ” ދެންވެސް ތިހެން ނީނދެ އަވަސްކޮއްބަލަ.. ވަރަށް ބަނޑުހައިވެއްޖެ.. ” ހުސެން އެހެން ބުނުމާއެކު ކަންނެތް ފާޑަކަށް އިންތަނުން ލާމިހް ތެދުވެއްޖެއެވެ.
މެންދުރު ކެއްކުމުގައި ހަނާ އާއި ހައިފާ އަށް އެހީވުމުގައި އީރަމް އުޅެއެވެ. ޖަނާ އަށް ގޮވާ ގޮވާ ވަރުބަލިވީއިރުވެސް އޮތް ތަނުން ގުޑާވެސް ނުލިއެވެ. ކުކުޅު ރިހަ ކައްކަން ހުރި ހައިފާ ހަވާދު ދަޅުގެ މަތި ނަގާ ބަލާލިއިރު އޮތީ ކުޑަ އެތިކޮޅެކެވެ. ” ހަނާ.. ދޭބަލަ ގެ ކައިރި ފިހާރައަށް ގޮސް ހަވާދު ޕެކެޓެއް ގަނެގެން އަންނަން..” ޖޫސް ޖަގު އައިސް އަލަމާރިއަށް ލާން ހުރި ހަނާ އަށް ބަލާލަމުން ހައިފާ ބުނެލިއެވެ. ” އެކަނިތަ..؟” ތުން ކޮޅު އޫ ކޮއްލަމުން ހަނާ އަހާލިއެވެ. އެކަނި ތަންތަނަށް ގޮސް އުޅުމަކީ ހަނާ މާ ކުރާހިތްވާ ކަމެއް ނޫނެވެ. ” އާން.. ގެ ކައިރި އެއްނު.. ދެން ދޭބަލަ..” ހައިފާ ކިޔަން ފެށުމާއެކު ރޮށި ފިހެން ފުށް މޮޑެން ހުރި އީރަމް އަށް ދޫ ނެރެލަމުން ހަނާ ހިނގައިގަތެވެ. ގޭގެ ބޮޑު ދޮރު ހުޅުވާލުމަށް ފަހު ނުކުތް ހަނާ އަޅައިން ހުރި ބުރުގާގެ ދެފަރާތް އަތުން ރީތިކޮއްލިއެވެ. ލައިގެން ހުރި ޖީންސްއަށް ބަލާލަމުން ޓީޝާޓް އަށް ދަމާލިއެވެ. ދީފައި ވާ އަވީގައި ނުޖެހި މަގުގެ އެއްފަރާތުން ހިނގާލާފައި ދަނިކޮށް ސިއްސައިގެން ދިޔައީ މީހަކު ކޮނޑުގައި ކޮއްޓާލުމުންނެވެ. ފަސް އެނބުރި ބަލާލިއިރު ފަޒަލް ހެވިފައި ހުއްޓެވެ. ” ކީއްތިކުރީ.. ސިއްސައިންނޭ ދިޔައީ.. ” ހަނާ މޭގައި އަތް ޖައްސާލަމުން ބުނެލިއެވެ. ހަނާ އާއި އެއްވަރު ކޮއްލަމުން ފަޒަލް ހިނިތުންވެލިއެވެ. ” ކޮންތާކަށް އެކަނި ތިދަނީ..” ހަނާގެ މޫނަށް ބަލާލަމުން ފަޒަލް އަހާލިއެވެ. “ފިހާރައަށް..” ފަޒަލްގެ މޫނަށް ނުބަލަން މަސައްކަތް ކުރަމުން ހަނާ ޖަވާބުދިނެވެ. މަގުމަތިން ހިނގާފައި ދާ މީހުންގެ ނަޒަރު އެ ދެމީހުންނަށް ހުއްޓޭކަން ހަނާ އަށް ފާހަގަވިއެވެ. ” ހާދަަަަަ ރުޅިއޭ ދޯ މިހާރު..” ހަނާ ވާހަކަ ދައްކާގޮތުން ދުރުގޮތެއް ހުންނަކަން ފަޒަލް އަށް ފާހަގަވިއެވެ. “ފަޒަލްއޭ ކިޔައިން ރަށުގަ ވަރަށް ވާހަކަ ދެކެވޭ..” ޒުބޭދާ ދެއްކި ވާހަކަ ހަނދާންވުމާއެކު ހަނާ ބުނެލިއެެވެ. ބޭނުމަަކަށްވީ އެއީ ތެދެއްތޯ ނުވަތަ ދޮގެއްތޯ ފަޒަލް ގެ ފަރާތުން ހޯދުމެވެ. “ކޮންކަހަލަ ވާހަކަ ތަކެއް.. އިނގޭ އިވުނަސް އިވޭނީ އަޑުއަހަން ބޭނުން ނުވާ ކަހަލަ ވާހަކައެއްކަން.. އެކަމަކު އެންމެން ބުނާ އެއްވާހަކަ އެއީ ދޮގެއް… އެ މީހުންނާ އެކީ އުޅުނަސް ޑްރަގް ބޭނުމެއް ނުކުރަން.. ނުވެސް ކުރާނަން..” ފަޒަލް އެހެން ބުނުމާއެކު ހަނާ އެ މޫނަށް ބަލާލިއެވެ. ” ހަމަ ތެދައްތަ ތި ބުނީ..” ހަނާ އެެހެން އަހާލުމާއެކު ފަޒަލް ބޯ ޖަހާލިއެވެ. ” އާން.. އަހަރެން ކީއްކުރަން ހަނާ އަށް ދޮގު ހަދަންވީ..” ހަނާ އާއި ހަތަރު ކަޅި ހަމަކޮއްލަމުން ފަޒަލް ބުނެލިއެވެ. އެ ލޮލަށް ބަލަން އުނދަގޫވުމުން ހަނާ މަގުމައްޗަށް ނަޒަރު ހުއްޓާލިއެވެ. ” އިނގޭ ފަޒަލް ބައްޕަ އެހެން މީހަކާ މެރީ ކޮއްގެން ދިޔަ ފަހުން ކަން ތިހާ ބޮޑު ބަދަލެއް އައީ.. އެކަމަކު މިހާރު ފަޒަލްގެ މަންމައާއި ހުރި ހަމަ އެކަނި އަންހެންކޮއްކޮ ބެލުން އެއީ ފަޒަލްގެ ޒިންމާއެއް.. ތިހެން އުޅުނީމާ މަންމަވެސް ދެރަވާނެ.. ފުރަތަމަ ފެނިފަ ހުރި ގޮތުން ވެސް އަހަރެން ދެރަވީ.. ޔޫ ކެން ބީ އަ މަޗް ބެޑަރ ޕާރސަން…” ކުޑަކުއްޖަކަށް ނަސޭހަތްދޭފަދައިން ހަނާ ފަޒަލް އަށް ވިސްނައިދިނެވެ. ފިހާރަ ކުރިމަތީ މަޑުކޮއްލަމުން ހަނާ އިސްޖެހިފައި ހުރި ފަޒަލް އަށް ބަލާލިއެވެ. ” ތިހެން ރަށު ތެރޭގައި ގިނަ ވެގެން އުޅުމަށް ވުރެ ވަޒީފާ އަކަށް ދާންވީނުން.. އަހަރެން މިހިރީ ފަޒަލް އަށް އެހީވެދޭން.. ކުރީގެ އެކުވެރި ފަޒަލް އަނބުރާ ބޭނުން..” ހަނާ ހިނިތުންވެލަމުން ބުނެލިއެވެ. ހަނާ ގެ މޫނަށް ބަލާލި ފަޒަލް ގެ ލޮލުން ކަރުނައިގެ އަސަރު ފެނުނުހެން ހަނާ އަށް ހީވިއެވެ. މިއަދު އޭނާ އާ މެދު ވިސްނާ ހިތްވަރު ދޭނެ ފަރާތެއް ހުރިކަމުގެ އިހްސާސް ފަޒަލް އަށް ކުރެވިގެންދިޔައެވެ. ހިނިތުންވެލަމުން ހަނާ އަށް ޝުކުރުއަދާކޮއްލިއެވެ. ހަނާ ފިހާރައަށް ވަދެފައި ނުކުތް އިރު ފަޒަލް ފެންނާކަށް ނެތެވެ.
ފަސްދުވަސް ފާއިތުވެ ފުރަން ދެ ދުވަހަށް ވީ އިރުވެސް ޖަނާ އަށް އެވާހަކަ އީރަމް ކައިރީ ބުނާނެ ގޮތެއް ނުވިސްނުނެވެ. ނަމަވެސް ލާމިހް އީރަމް އަށް ބަަހައްޓާ ގާތްކަމާއި އީރަމް އަށް ބަލާލާގޮތުން އެކަނި ވެސް ލާމިހް އެ ބުނި ބަހުގެ ތެދުކަން ޖަނާ އަށް ނަގައިގަނެވުނެވެ. ޖަނާ ބަލަނީ ވީހާވެސް ގިނައިން ލާމިހް އާއި ދުރުގައި އުޅެވޭތޯއެވެ. ވާހަކަ ދައްކާ ހަދަނީ ވެސް އެންމެން ތިބޭ ތަންތަނުގައެވެ. މާލެ ދާ ދުވަސް ކައިރި ވެފައި ވާއިރު އެ ދުވަހު މަގުމަތިން ހަނާއާއި ފަޒަލް ބައްދަލުވިފަހުން އަދި ދިމައެއް ނުވެއެެވެ. ދެއްކުނު ވާހަކައިގެ ގޮތުން ފަޒަލް ރުޅިއައި ކަމަށް ވެސް ވެދާނެއެވެ. އެ ހިޔާލުތަށް އަބަދުވެސް ހަނާއަށް އުނދަގޫކުރަމުން ދެއެވެ. ހުރިހާ ވާހަކައެއް ވެސް އީރަމް އާއި ހިއްސާ ކުރީ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ.
ހަވީރު ވީ އިރު ވިއްސާރަ ކުލަވަރު އުޑުމަތިން ދައްކާލައިފިއެވެ. ޖެހެމުންދާ ބާރު ވައިގެ ސަބަބުން ގަސްތަށް ހެލިގަންނަގޮތް ގޭ ދޮރު މަތީ ހުރި އީރަމްއަށް ވީ ހަމަޖެހުންގެނުވާ ކަމަކަށެވެ. އުޑުމަތި ބަނަކޮއްލާފައި ވާއިރު ހީވަނީ ދެންމެ ދެންމެ ވާރޭ އޮއްސާލަފާނެހެންނެވެ. ދޮރު ލައްޕާލަމުން ސިޓިންގްރޫމަށް ވަތް އިރު އެންމެން ސޯފާގައި ތިއްބެވެ. ” ވާރޭ އޮއްސާލީތަ..” އީރަމް ފެނުމާއެކު ހުސެން އަހާލިއެެވެ. ” އަދި ނުއެއް ވެހޭ.. އެކަމަކު ވެހެން ފަށައިފިއްޔާ ހިޔެއްނުވޭ އަވަހަށް ހުއްޓާނެހެނެއް..” ޖަނާ ކައިރީ އިށީންނަމުން އީރަމް ބުނެލިއެވެ. ” ކަޑަ ގޮތެއް މިވީ.. އެންމެ ފަހު ދުވަހު ވެސް ދެން މި ޖެހުނީ ގޭގަ ތިބެން..” ލާމިހް ޓީވީ އަށް ނަޒަރު ހުއްޓާލަމުން ބުނެލިއެވެ. ދެން ދިޔަ ވަގުތުގައި އެކަކު ވެސް ވާހަކައެއް ނުދައްކައެވެ. ” އެބައޮތް ގޮތެއް.. މޫދަށް ދަމާ.. ” ހަނާ ގެ ހިޔާލަށް އެންމެން ވެސް ތާއީދު ކުރިއެވެ.
އެންމެން ތައްޔާރުވެގެން ނުކުތް އިރުވެސް އީރަމްގެ ހަބަރެއްނުވިއެވެ. ” ޖަނާ ދޭބަލަ އީމް އަށް ގޮވާލަން.. ބުނޭ އަވަސްކުރާށޭ..” ފެންނުޅިއެއް އަތަށް ލައިން ހުރި ހައިފާ ބުނެލިއެވެ. ޖަނާ ގޮސް ކޮޓަރީ ތަޅުގައި ހިފާލިއިރު ހުރީ ތަޅުލާފައެވެ. ދެތިން ފަހަރު ދޮރުގައި ޓަކި ޖަހާލުމުންވެސް އީރަމް ދޮރެއްނުހުޅުވިއެވެ. “އީމް.. އަވަސްކޮއްލައިން އަަވަހަށް އާދޭ.. ބޭރުގަ މިތިބީ..” ޖަނާ އެހެން ބުނެ ހިނގައިގަތް އަޑު އެނދުމަތީ ފޯނު އަތަށް ލައިން އިން އީރަމް އަށް ނީވޭ ކަހަަލައެވެ. ފޭސްބުކްއިން ފެންނަ ފޮޓޯއަށް ބަލަހައްޓައިން އިން އީރަމްގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. ނައިރާ ލާފައި ވާ އެ ފޮޓޯއިން ކައިވެނީގެ ހެދުމުގައި ފެންނަ މަނާލް ގައިގައި ބައްދާލައިން ހުރި ނާއިލް އަށް އީރަމް ބަލަހައްޓައިން އިން އިރު އެ ހިތުގައި އެތައް ސުވާލުތަކެއް ވެއެވެ. ނާއިލް އާ ދިރިއުޅުމެއް ފެށިއިރު އީރަމް އަށް އެކަން އެހާ އުނދަގޫވެގެން އެ އުޅެނީ ކީއްވެ ހެއްޔެވެ. ނާއިލް ގެ ހިތުގައި އީރަމް އަށް ލޯބިނުވާކަން މިހާރު ޔަގީންވެއްޖެއެވެ. މަނާލް އާއި ނާއިލް ކިހާ ގުޅޭހެއްޔެވެ. ފޯނު އެނދުމަތީ ބާއްވަމުން އީރަމް ލޯ ފުހުލިއެވެ. މީހާ ހަމައަކަށް އެޅިލަމުން ބޭރަށް ނުކުތް އިރު އެންމެންވެސް ތިބީ ލަސްވެފައެވެ. ލާމިހް އަށް އީރަމްގެ މޫނުމަތިން ރޮއެފައި ހުރިކަން ވަގުތުން ނަގައިގަނެވުނެވެ.
މޫދުގައި އެންމެން މަޖާ ކުރަމުން ދިޔައިރު ވެސް އީރަމް މޫދަށް އެރޭ ހިތެއް ނުވިއެވެ. ” އީމް އަށް ކިހިނެއްވެފަ އެއިނީ..” ހައިފާ މޫދުގައި އޮތް ހަނާ ކައިރިއަށް ޖެހިލަމުން އަހާލިއެވެ. ” ނޭނގެ.. ކަމެއް ވިއްޔާ ބުނާނެ މިހާރު ނުބުންޏަސް..” އީރަމް ގެ ގޮތް ރަނގަޅަށް އިނގޭތީ ހަނާ ބުނެލިއެވެ. މޫދުގައި އޮތް ލާމިހް ގެ ނަޒަރު ވެސް ހުއްޓިފައިވަނީ އީރަމްއަށެވެ. ފުން ނޭވާއެއް ލަމުން އީރަމް އިން ތަނުން ތެދުވިއެވެ. ލައިގެން ހުރި ދޫ ހަރުވާޅުގައި ހޭކިފައިވާ ވެލިތަށް ފޮޅާލަމުން ހިނގައިގަތީ ފާލަމާ ދިމާއަށެެވެ. ހިމަފޮދު ވާރޭ ވެހެން ފެށީ އީރަމް ފާލަން މަތީ ހުއްޓައެވެ. ޖެހެމުން ދިޔަ ވައިރޯޅިތަކުން އެކަނި ވެސް ހީކަރުވާގޮތްވާން ފެށިއެވެ. އަތްދިގު ޓީޝާޓެއް ލެވުންވީ އީރަމްގެ ނަސީބަށެވެ. ފަން އިސްތަށިގަނޑު ވަޔާ އެކު ވިހުރެމުން ދިޔަ އިރު އެ މަންޒަރު މޫދުގައި އޮތް ލާމިހް އަށް ރީއްޗަށް ފެނެވެ. އިނގިލީގައި އޮތް އަނގޮއްޓި ނަގަމުން އީރަމް އެޔަށް ބަލާލި ގޮތުން ހީވީ އެންމެ ފަހު ފަހަރަށް އެޔަށް ބަލާލިހެންނެވެ. ނާއިލް ދިން އެ އަނގޮޓީގެ އަގަކީ ކޮބާހެއްޔެވެ. ނާއިލްގެ ހަނދާން އާކޮއްދޭ އެއްވެސް އެއްޗެއް އީރަމް ބޭނުމެއް ނޫނެވެ. ގައިގައި ހުރި ބާރެއް ލަމުން މޫދަށް އަނގޮއްޓި އެއްލާލިއިރު ލޮލުން ފޭދުނު ކަރުނަތަށް ކޮލުގައި ބޮސްދީފައި ތިރިއަށް ފައިބަނީއެވެ. މޫދަށް އެއްޗެއް އެއްލާލުމާއެކު އީރަމް ދުވެފައި ދިޔަަތަން ލާމިހް އަށް ފެނުމުން އެއްގަމަށް އަރަން އަވަސްވެގަތީ އީރަމް އަށް ވީ ގޮތް އޮޅުންފިލުވާށެވެ.
ގަސްތަކުތެރޭ ހުރި އީރަމް ރޯކަން އެނގުމުން ލާމިހް ގެ ފިޔަވަޅުތަށް މަޑުޖެހިލިއެެވެ. އޭރު ވާރޭ ވެސް ބޯ ކޮއްލައިފިއެވެ. މަޑުމަޑުން އީރަމް ގެ ގާތަށް ޖެހިލަމުން ލާމިހް ހުއްޓިއްޖެއެވެ. ” އީމް..” ލާމިހްގެ އަޑު އިވުމުން އީރަމް ގެ ރުއިން ވަގުތުން ހުއްޓުނެވެ. އެކަހަލަ ކޮންެމެ ވަގުތަކު ލާމިހް އެ ތާކު ހުންނަނީ ކީއްވެހެއްޔެވެ. ” ކިހިނެއްވީ..” އީރަމް ގެ ކުރިމައްޗަށް ހުއްޓެމުން ލާމިހް އަހާލިއެވެ. ތެމިފައިވުމުގެ ސަބަބުން ލާމިހް ލައިގެން ހުރި ޓީޝާޓް ވަނީ އެ ފިރިހެންވަންތަ ހަށިގަނޑުގައި ތަތްލަވާފައެވެ. ލާމިހް ގެ ލޮލުން އެކަނިވެސް އީރަމް އާމެދު ކަންބޮޑުވެފައިވާވަރު އީރަމް އަށް ފެނުނެވެ. ” ކަމެއް ނުވޭ.. ” ލާމިހް އަށް ޖަވާބުދެމުން ހިނގައިގަންނަން އުޅުނު އީރަމް ހުއްޓުނީ ލާމިހް އޭނާގެ އަތުގައި ހިފުމުންނެވެ. އީރަމް އަށް ހީވީ ނޭވާ ވެސް ކަރުގައި ތާށިވިހެންނެވެ. ” އުނހޫ.. ކަމެއް ނުވަންޔާ އީމް އެއް ނުރޯނެ..” ލާމިހް އީރަމް އޭނާ އާ ދިމާއަށް އަނބުރާލަމުން ބުނެލިއެވެ. ލާމިހް ގެ މޫނަށް ބަލާލި އީރަމް ގެ ލޯ އަނެއްކާވެސް ފެންކަޅިވިއެވެ. ” ނާއިލް މެރީ ކޮއްފި..” އުނދަގުލާއެކު އީރަމް އެހެން ބުނިއިރު އެހިތަށް ކޮއްފައިވާ އަަސަރު ލާމިހް އަށް ނަގައިގަނެވުނެވެ. ” އޯ.. އީމް..” އީރަމް ގެ އަަތަށް ދަމާލުމާއެކު އީރަމް އައިސް ލަތްވީ ލާމިހް ގެ މޭގައެވެ. އީރަމް އަށް ލާމިހް ގެ މޭގައި މޫނު ފޮރުވާލެވުނީ ކީއްވެ ކަމެއް ނޭނގުނެވެ. ” އައިމް ހިއާރ ފޮ ޔޫ އޯލްވޭސް..” އީރަމް ގެ ކޮނޑުގައި އަތް ވަށާ ލަމުން ލާމިހް ބުނެލިއެވެ. ” އައި ލަވް ޔޫ އީމް.. އައި ލަވް ޔޫ..” ވާރެ އާއެކު ލާމިހް ގެ އަނގައިން ނުކުތް ފޮނިފޮނި ބަސްތަށް އެކުވެގެން އައިގޮތުން އީރަމް ސިހިފައި ލާމިހްގެ މޫނަށް ބަލާލިއެވެ. އެހާ ކައިރިން އެ މޫނު ފެނުމުން އީރަމް ގެ ހިތުގެ ތެޅުންވެސް އަވަސްވިއެވެ. އީރަމްގެ ލޮލަށް ބަލަހައްޓައިން ހުރި ލާމިހް އަށް ދެން ކުރެވުނު ކަމެއް ކުރެވުނީ އިހްތިޔާރުން ބޭރުގައެވެ. ކުޑަކޮށް ގުދުވެލާފައި އީރަމްގެ ކޮލުގައި ބޮސްދިނީ ލޯތްބާއެކުގައެވެ. ތަންކޮޅެއް ދުރުގައި އެ މަންޒަރު ބަލަން ހުރި ޖަނާގެ މޫނަށް ލޭތަށް ޖަމާވެެގެން ދިޔައީ އުއްމީދު ވެސް ނުކޮށް ހުރިކަހަަލަ މަންޒަރެއް ފެނުމުންނެވެ.
7 Comments
Comments are closed.
Salaam hurihaa kudhin ?
Hope you all will enjoy reading this part too..♥️
Love yah all who encourages me to write ???
woowww, amazingly nice, i really enjoy reading it, keep up the gud workkk.
this story is amazing
mi 1st dhw..v salhi mi story..adhi alah mi story ah comment mikury..seym story thankolheh dhigukoh genesdheyba..kndhuvahakun nxt part upkohdheyney..
V furihama
Waiting for next part
Ehaa kiyaahithun huhtta vaahaka nimuny
V reethi thankolheh Kuru dhw …… waiting for next part ❤❤❤❤
Awlhey. Nice. Wen next part?? Waitingss
Hadha las vany.. Seym ah Kihineh vy?