Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވިންދު ލޯބިން ޖެހި ހިތެއްގައި (16)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
September 29, 2017 7 Mins Read
13 Comments

އާރިކް އޭނާގެ ފޯނުން އެމީހާގެ ފޮޓޮއެއް ނަގައި ރައްކާކޮށްލިއެވެ. އެވަގުތު އޭނާގެ ފޯނުން އެޅުނު ފްލެޝްއާއެކު ޖުވައިރިޔާ އާއި އެމީހާ އެދިމާ ބަލާލިއެވެ. އާރިކްއަށް ދެލޯ ބޮޑުކޮށްގެން އެދިމާއަށް ބަލަން ހުރެވުނެވެ. އިރުކޮޅަކުން އައި ނައި ތަނެއް ނޭނގޭ މީހުން ތަކެއް އައިސް އާރިކްގެ ދެއަތުގައި ހިފަހައްޓައިފިއެވެ.

“މަންމާ! ޕްލީޒް.. އަޒްކޮއަށް އެހެން ނުހަދާ..! މަންމާ!” އާރިކް އާދޭހުގެ ރާގެއްގައި ގޮވާލިއެވެ. ނަމަވެސް ފަހަތުން މީހަކު އޭނާގެ ބޮލުގެ ފުއްކިބައިގައި ބާރަކަށް ޖެހި ވަގުތު ވަގުތުން އޭނާގެ ޚަބަރު ހުސްވިއެވެ.

އާރިކްއަށް ދެން ދެލޯ ހުޅުވާލެވުނުއިރު އޮވެވުނީ އޭނާގެ އަމިއްލަ ކޮޓަރީގައެވެ. އޭރު ކައިރީގައި ރަޝީދުއާއި ޖުވައިރިޔާގެ އިތުރުން އަރޫޝާ ހުއްޓެވެ. ޖުވައިރިޔާ ފިޔަވާ އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމުގެ އަސަރުތަކެވެ. އަރޫޝާ ރޮއިގަންނަމުން އާރިކްގެ ގައިގައި ބައްދައިގަތެވެ.

“ދޮންބެއަށް ކިހިނެއްވީ؟ އިނގޭތަ ދޮންބެއަށް.. މީހުންތަކެއް އަޒްކޮ ވަގަށް ނަގައިފި.. ދެން ކިހިނެއް ހަދާނީ؟” އަރޫޝާ ގިސްލަމުން އެހެން ބުނެލި ވަގުތު އާރިކް ބަލާލީ ޖުވައިރިޔާގެ މޫނަށެވެ. އެ މޫނުމަތިން އެއްވެސް އަސަރެއް ފާޅުވާކަށް ނެތެވެ.

“ދަރިފުޅުމެން ހާސްނުވޭ.. ބައްޕަ މިހާރު ފުލުހުންނަށް އަންގައިފިން.. އަޒްކޮ ހޯދުމުގެ މަސައްކަތް އެބަ ކުރިއަށްދޭ..” ރަޝީދު އެހެން ބުނީ އާރިކް ހާސްވެދާނެތީއެވެ. ނަމަވެސް އެ މޫނުމަތިން ފެންނަމުން ދިޔަ މާޔޫސްކަން އާރިކްއަށް ނަގައިގަނެވުނެވެ.

“ކިތަންމެ ވަރަކަށް ރާއްޖޭގެ އެކި ކަންކޮޅުތައް އަތްފުނާ އެޅިޔަސް އަޒްކާއެއް ނުފެންނާނެ ބައްޕާ!” ފުންމައިގެން ތެދުވަމުން އާރިކް ހަޅޭއްލަވައިގަތެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. އެއްވެސް އިޚްތިޔާރެއް ނެތި އެ ދެލޯ ފެންކަޅިވާން ފެށިއެވެ. އޭނާއަށް އަޒްކާ ސަލާމަތްކުރާނެ ފުރުސަތު ލިބުނު ނަމަވެސް އޭނާއަށް އެކަން ނުވީއެވެ. އެވަގުތު އޭނާއަށް ކުށްވެރިކުރެވުނީ އަމިއްލަ ނަފްސެވެ.

“ކީކޭ ދަރިފުޅާ؟ އުންމީދު ކަނޑާލާކަށް ނުވާނެއެއްނު؟ އަޒްކާ ފެންނާނެއޭ..” ރަޝީދު އާރިކްގެ ބޮލުގައި ފިރުމާލަމުން ލޯތްބާއެކު ބުނެލިއެވެ.

“ބައްޕައަށް ހަމަ ނޭނގެނީތަ މިހިރަ މީހާގެ ހިތުގައި އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނުހުންނަކަން؟ މިހިރަ ފެންނަ މީހާ އަޒްކޮ ވިއްކާލައިފި!” ޖުވައިރިޔާއާ ދިމާއަށް އިނގިލި ދިއްކުރަމުން އާރިކް ހަޅޭއްލަވައިގަތެވެ.

“ކީކޭ؟ ޖުވައިރިޔާ.. އެއީ ތެދެއްތަ؟” ރަޝީދު ޖުވައިރިޔާއަށް ބަލާލަމުން އަހާލިއެވެ. އަރޫޝާވެސް ތުންފަތުގައި ދަތްއަޅައިގެން ހުރެ ޖުވައިރިޔާއަށް ބަލާލިއެވެ.

“އާނ.. ކަލޭމެންނަށް ލާހިކެއްނޫން އަޒްކާ ހޯދާކަށް… އެކަމަކު ހާސްނުވޭ… އަޒްކާ ހުންނާނީ ސަލާމަތުން.. އަހަރެން އެ ކުއްޖާއަށް އެއްވެސް ގެއްލުމެއް ނުދެން..” ޖުވައިރިޔާ ހަމަޖެހިލާފައި ބުނެލިއެވެ. އެވަގުތު އޭނާގެ ކޯތާފަތް މައްޗަށް އަރައިގެން ދިޔައީ ރަޝީދުގެ އަތުގެ ހޫނު ހަމަލާއެކެވެ.

“ތީތަ މަ ކޮށްދިން ހެޔޮކަންތަކުގެ ބަދަލަކީ؟ ކުޑަކުޑަ އާރިކް ގޮވައިގެން މަގުތަކުގައި ސަލާންޖަހަން އުޅެނިކޮށް، ކަލެއަށް ހަމްދަރުދީވެގެން އަހަރެން ކަލެއާ އިނީ… ހާލުގައި ޖެހުނު ދުވަހު އެހީތެރިވެދިނީމަ…” އެހާ ހިސާބަށް ބުނެފައި ރަޝީދު ހުއްޓުން އެރިއެވެ. ޖުވައިރިޔާ ކަންތައްކުރި ގޮތުގެ ސަބަބުން އޭނަ މާބޮޑަށް ހިތުގައި ޖެހުނީއެވެ. އިތުރަށް އެތަނުގައި މަޑުކުރަން ނުހަދާ ރަޝީދު ގޮސް ސިޑިން ފައިބަން ފެށިއެވެ. ނަމަވެސް ފުރަގަހުން މީހަކު އައިސް އޭނާގެ ބުރަކަށީގައި އަޅާ ކޮށްޕާލުމާއެކު އޭނާ ސިޑި މަތިން ވެއްޓެން ދިޔައެވެ.

“ބައްޕާ!” ޖުވައިރިޔާގެ ފުރަގަހުގައި ހުރި އަރޫޝާ ރޮވިފައި ގޮވާލިއެވެ. ވެއްޓިފައި އޮތް ރަޝީދުގެ ބޮލުން ލޭ އަންނަމުން ދިޔައިރު ރަޝީދުގެ ދެލޯ އޮތީ މެރިފައެވެ. އަރޫޝާ ދުވަމުން ތިރިއަށް ފޭބިއެވެ.

“މަންމަ ހާދަ ނުލަފައޭ.. ތީ ހަމަ އަހަރެންގެ މަންމަތަ؟” ރަޝީދުގެ ބޯ އޭނާގެ އުނގުގައި ބާއްވަމުން އަރޫޝާ ބުނެލިއެވެ. ޖުވައިރިޔާ ރަޝީދު ކޮއްޕާލި މަންޒަރު އޭނާއަށް ހަމަ ރީތިކޮށްވެސް ފެނުނެވެ.

ރަޝީދު ހޮސްޕިޓަލަށް ގެންދިޔައީ އާރިކް އާއި އަރޫޝާއެވެ. ޑޮކްޓަރު ރަޝީދު ޗެކުކުރުމަށްފަހު ބޮލަށް ވަރަށް ބޮޑު ގެއްލުމެއް ވެފައި ވާކަމަށް ބުނެދިނެވެ. ރަޝީދު ހޭއެރިއިރު ކުރީގައި ވެފައިވާ އެއްވެސް ކަމެއް އޭނާގެ ހަނދާނަކު ނެތެވެ. މިކަމުގެ ސަބަބުން އާރިކްއާއި އަރޫޝާގެ ހިތް ގެނބިގެން ދިޔަ ނަމަވެސް ޖުވައިރިޔާއަށް ހީވީ އެއްފަހަރާ ދެޢީދު ލައިގަތް ހެންނެވެ. ކުރީގެ ހަނދާންތައް ގަދަކަމުން އާކޮށްދޭން މަސައްކަތް ކުރުމަކީ ރަޝީދުގެ ސިކުނޑިއަށް އިތުރު ގެއްލުމެއް ވެދާނެ ކަމެއް ކަމުގައި ޑޮކްޓަރު ބުނުމުން އާރިކް މުޅިން މާޔޫސްވިއެވެ. އަޒްކާގެ ވާހަކަ ރަޝީދު ގާތު ދެން ދައްކާނީވެސް ކިހިނެއް ހެއްޔެވެ؟

އާރިކްގެ ރައްޓެހި މުނީރުގެ ބޮޑުބޭބެ، އާދަމް އަކީ ފުލުހެކެވެ. އާދަމްގެ އެހީގައި އާރިކް އެދުވަހު އެއާރޕޯޓުން ފެނުނު މީހަކީ ކާކުކަން ހޯދުމުގެ މަސައްކަތް ފެށިއެވެ. އޭނާއަށް އެ ދުވަހު ފޮޓޯގަނޑެއް ނެގުނުކަމީ ހަމަ ނަސީބެކެވެ. އާދަމް އާރިކްއަށް ބުނެދިން ގޮތުގައި އެ މީހަކީ އިންޑިޔާގައި ގޭންގު ހަދައިގެން އުޅޭ ރާއްޖެ މީހެކެވެ. ނަމަކަށް ކިޔަނީ ސާލިމްއެވެ. ސާލިމްގެ ގޭންގް އަކީ ޑްރަގް ޑީލިންގް ގެ މަސައްކަތްތަކުގައާއި އަދި މާރާމާރީ ފަދަ ކަންތައްތަކުގައި އެއްވަނައެވެ. އާރިކް ބޭނުންވީ ސާލިމްއާ ބައްދަލުކޮށް އަޒްކާ އަނބުރާ ގެންނާށެވެ. އާދަމްގެ ހިޔާލާއެކު އާރިކް ޓްރެއިނިންގް ފެށިއެވެ. އޭނާގެ މަޤުސަދަކަށްވީ އޭނާ އަކީ ވެސް ސާލިމްގެ ގޭންގަށް އެކަށީގެންވާ މީހެއްގެ ގޮތުގައި ސާލިމްއަށް ދެއްކުމެވެ.

އާރިކްއަށް ފުރިހަމަ ޓްރެއިނިންގ ލިބި، ސާލިމްގެ ޓްރެއިނިންގް ގުރޫޕަށް ވަދެވޭ ވަރުވީ ޖެހިގެން އައި އަހަރެވެ. އޭނާ ހީކޮށްގެން ހުރީ ސާލިމްއަށް އޭނާ އަކީ ކާކުކަން ނޭނގޭ ކަމަށެވެ. ނަމަވެސް ސާލިމް އޭނާ ގެންގޮސް ދައްކަން ފެށި ވާހަކައިގެ ސަބަބުން ސާލިމްއަށް ހުރިހާ ކަމެއްވެސް އެނގޭކަން އޭނާއަށް ޔަޤީންވިއެވެ.

“އާރިކް ހީކުރީ އަހަންނަށް ނޭނގޭނެ ކަމައްތަ ތިއީ ކާކުކަން؟ އަހަންނަށް އެނގޭ ތިއީ ޖުވައިރިޔާގެ ދަރިކަން.. އަދި އާރިކް މިތަނަށް އައުމުގެ މަޤުސަދަކީ ސިންދްރެއްލާ ސަލާމަތްކުރުންކަން..” މަލާމާތުގެ ރާގެއްގައި ސާލިމް ބުނެލިއެވެ.

“ސިންދްރެއްލާ؟” އާރިކްއަށް މަޑުމަޑުން އަހާލެވުނެވެ.

“އާނ.. އެއީ މިހާރު އަހަރެންގެ ލޯބިލޯބި ސިންދްރެއްލާ.. އަޒްކާއެއްނޫން.. އަހަރެން އޭނަ ބޮޑު މިކުރަނީ ވަރަށް ލޯބިން.. އޭނަ ބޮޑުވާނީ އަހަރެންގެ ގޭގައި ނޯކަރީކަން ކޮށްދީގެން.. ހަހަހަ…” ސާލިމްގެ ވާހަކައިން އާރިކްގެ ދެއަތް މުއްކެވުނެވެ.

“ކޮބާ އަޒްކާ؟ ހަމަ މިހާރު އަހަންނާ އޭނަ ހަވާލުކުރޭ!” އާރިކް ދަތްކުނޑި ވިކާލަމުން ބުނެލިއެވެ. އެއާއެކު ސާލިމް ރިމޯޓަށް ފިތާލުމަށްފަހު ކުރިމތަގައި ހުރި ޓީވީގެ ސްކްރީން އޮން ކޮށްލިއެވެ. ސްކްރީން އިން ފެންނަމުން ދިޔައީ ކިރިޔާ ހިނގޭ ވަރުގެ ކުޑަ އަންހެންކުއްޖެއް ފޮތިގަނޑަކުން މޭޒެއްގެ މަތި ސާފުކުރަމުންދާ މަންޒަރެވެ. ނުލާއި ހުދުގެ ހެދުމެއްގައިވާ އެ ކުއްޖާއަށް ލިބިގެންވަނީ ބުޅި އިސްތަށިކޮޅެކެވެ. އާރިކްއަށް އެ ކުއްޖާ ފެންނައިރަށް އެއީ އަޒްކާކަން ޔަޤީންވިއެވެ. އަޒްކާ އުޅެމުންދާ ހާލު ފެނުމުން އޭނާގެ ދެލޯ އެއްވެސް އިޚްތިޔާރަކާ ނުލާ ފެންކަޅިވެގެން ދިޔައެވެ.

“ފެނެއްޖެ ދޯ މަގޭ ލޯބި ލޯބި ސިންދުރެއްލާ..؟” ސާލިމް ޓީވީ އޮފްކޮށްލަމުން ބުނެލިއެވެ.

“ކަލޭ ތީ ހިތެއް އޮތް މީހެއްނަމަ އެ ކުއްޖާ އަހަންނަށް ދީ..” އާރިކް މަޑުމަޑުން ބުނެލިއެވެ.

“ލެޓްސް މޭކް އަ ޑީލް.. އަހަރެން ދޭނަން 4 އަހަރު.. އެ 4 އަހަރު ތެރޭގައި ކަލޭ އަހަރެން ކުރާހާ އަމުރަކަށް ކިޔަމަންވާންވީ.. އެގޮތަށް ކަލޭ ކަންތައްކޮށްފިއްޔާ ސިންދްރެއްލާ އިޒް ޔުއާޒް..” ސާލިމް މަލާމާތުގެ ހިނިތުންވުމަކާއެކު ބުނެލިއެވެ. އެ ދެލޮލުގައިވާ ނުރައްކާތެރިކަން ފެނި އާރިކްގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ.

###

“އަހަންނަށް މަޖުބޫރުވީ ސާލިމްގެ މީހެއްގެ ގޮތުގައި އުޅެން.. ކޮންމެ ގޮތެއް ހަދާފައިވެސް އަޒްކާ އަނބުރާ ގެންނަން އަހަރެން ބޭނުންވީ..” އާރިކް މަޑުމަޑުން ބުނެލިއެވެ. އާރިކް ވާހަކަ ކިޔާދީ ނިމުނު އިރު ޔުމްނާ އިނީ ބަސްހުއްޓިފައެވެ. އާރިކްގެ ހަޔާތުގައިވެސް ހާދަ ގިނަ ކަންތައްތަކެއް ހިނގައިފިއެވެ.

“ފައިސާ އަކީ ހަމަ އަސްލުވެސް އިންސާނާ ހަލާކުކޮށްލާ އެއްޗެއް… ވިސްނާލަބަލަ.. އަހަރެންގެ ބައްޕަ އަހަރެން ފަރީދުއާ ދެވީ ފައިސާއަށްޓަކާ.. އާރިކްގެ މަންމަ އަޒްކާ އެ ނުލަފާ މީހާއާ ހަވާލުކުރީ އާރިކްގެ ދޮންބައްޕަގެ ފައިސާގެ ދަހިވެތިކަމުގަ..” ޔުމްނާ ވިސްނަން އިނދެފައި ބުނެލިއެވެ. އާރިކް އެއިން ގޮތަށް އިނދެ ބޯ ޖަހާލިއެވެ.

“ރެޕަންޒެލް.. އަހަރެން އަޒްކާ އަނބުރާ ބޭނުން.. މި އަހަރަކީ ހަގީގަތުގައި އަހަންނަށް އަޒްކާ އަނބުރާ ލިބެން ޖެހޭ އަހަރު.. ކެތްމަދުވޭ އަޒްކާގެ ސޫރަ ދެކިލުމަށް..” އާރިކް މަޑުމަޑުން ބުނެލިއެވެ. އެ މޫނުމަތީގައި ފަނޑު ހިނިތުންވުމެއް ކުރެހިފައި ވިއެވެ.

“މިހާރު އަޒްކާ ވަރަށް ބޮޑުވެދާނެ ދޯ؟ 5 އަހަރު ވާނެއްނު؟” ޔުމްނާ އާރިކްގެ ކޮނޑުގައި އަތް ބާއްވާލަމުން ބުނެލިއެވެ.

“އެކަމަކު އާރިކް އަހަރެން ގޮވައިގެން ތިއައީ ސާލިމް ރުޅިއަރުވާލާފައެއްނު؟ ސާލިމް އަނެއްކާ އަޒްކާއަށް ގެއްލުމެއް ނުދޭނެތަ؟” ޔުމްނާ ހާސްވެފައި އަހާލިއެވެ.

“ހިއެއްނުވޭ ތިހެން ހަދާފާނެހެނެއް..” އާރިކް ޔަޤީންނުވާފަދަ ގޮތަކަށް ބުނެލިއެވެ.

“އަހަރެން އެބަ އަންނަން އިނގޭ ސާލިމްއާ ބައްދަލުކުރަން ގޮސްފަ..” އާރިކް އެނދުން ތެދުވަމުން ބުނެލިއެވެ. ޔުމްނާ މަޑުމަޑުން ބޯ ޖަހާލިއެވެ. އާރިކް ކޮޓަރިން ނިކުމެގެން ދަންދެން އޭނާ އެދިމާއަށް ބަލަން ހުއްޓެވެ.

“ސްޓޭ ސޭފް…” ކޮޓަރީގެ ދޮރު ލެއްޕުމާއެކު ޔުމްނާ މަޑުމަޑުން ބުނެލިއެވެ. އާރިކްއަށް ކަމެއް ވެދާނެތީ އެހިތް އޭރު ވަނީ ބިރުވެރިކަމުން ފުރިފައެވެ. އޭނާ މަޑުމަޑުން އެނދުގައި އޮށޯވެ ބާލީހުގައި ބައްދާލިއެވެ.

** ** **

ކޮޓަރިތެރޭގައި ދެކޮޅުދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޖުވައިރިޔާގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. ދެންމެ އެއައި ފޯންކޯލެއްގެ ސަބަބުން އެހިތް ވަނީ ނުތަނަވަސްވެފައެވެ. ފަސް އަހަރަށް ފަހު ސާލިމް އޭނާއަށް ގުޅާފައި އެދިނީ ކޮންކަހަލަ ޚަބަރެއް ހެއްޔެވެ؟ އާރިކް އުޅެނީ ސާލިމްގެ ގޭންގާ ގުޅިގެން ހެއްޔެވެ؟ އާރިކް އަވަސް އަވަހަށް ރާއްޖެއިން ބޭރަށް ދިއުމުގެ ފަހަތުގައިވާ ސިއްރަކީ މިއީ ހެއްޔެވެ؟ އާރިކް ސާލިމް ކަހަލަ ނުފޫޒު ގަދަ މީހަކު ހޯދީ ކިހިނަކުން ހެއްޔެވެ؟

ޖުވައިރިޔާ ސިހިގެން ދިޔައީ އަނެއްކާ ވެސް ފޯނު ރިންގުވާން ފެށުމުންނެވެ. އެ ގުޅަނީ ކުރިން ވެސް ގުޅި ނަންބަރުންކަން އެނގުމާއެކު އޭނާގެ އަތްފައި ފިނިވާން ފެށިއެވެ.

“ބުނަން.. މަށަށް ފައިސާ ނުފޮނުވައިފިއްޔާ އަޒްކާ އާރިކްއަށް ވިއްކާލާނީ.. ކީކޭ މިކަމާ މެދު ބުނަނީ؟” ފޯނު ނެގުމާއެކު އެކޮޅުން ވާހަކަ ދެއްކި ސާލިމް ބުނެލިއެވެ.

“އަހަރެން އަތުގައެއް މިހާރަކު ނެތް ތިހާ ބައިވަރު ފައިސާއެއް..” ޖުވައިރިޔާ އެހެން ބުނުމާއެކު ސާލިމް ފޯނު ކަނޑާލިއެވެ. އަދި އެ ފޯނު އަތުގެ ކޮޅަށް ހޫރާލީ ކަރުގެ ބުޑުން ހަޅޭއްލަވައިގަންނަމުންނެވެ. އޭނާގެ ދެފަރާތުގައި ތިބި ދެމީހުންވެސް ހުރީ ސާލިމްގެ އެ ހަރަކާތުން ޖެހިލުންވެފައެވެ.

“ކަލޭމެންގެ ކުޑަކުޑަ މިސްޓޭކްއަކުން މަށަށް މިހާ ބޮޑު ގެއްލުމެއް މި ލިބުނީ! ދެން މަށަށް އޮތް ހަމައެކަނި ގޮތަކީ މަގޭ ސިންދްރެއްލާ އާރިކްއަށް ވިއްކާލުން.! އެނޫންގޮތަކަށް މަ އެ ފައިސާ ހޯދަނީ ކިހިނެއް؟” ސާލިމް ރުޅިގަދަވެފައި ބާރުބާރަށް ވާހަކަދައްކަމުން ދިޔައިރު އެތަނުގައި ތިބި ދެމީހުން އިސްޖަހާލިއެވެ.

“ބޮސް! އާރިކް އަތުވެއްޖެ.. އެތެރެއަށް ގެންނަންވީތޯ؟” އެވަގުތު ބޭރުން މީހަކު އައިސް ސާލިމް ގާތު ބުނެލިއެވެ.

“އާނ.. އޭނަ ވައްދާ…” އައިސްފައިވާ ރުޅި މަޑުކުރަން މަސައްކަތްކުރަމުން ސާލިމް ބުނެލިއެވެ. އެއާއެކު އެ ކޮޓަރީގެ ދޮރުން އާރިކް ވަދެގެން އައެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ސާބިތުކަމެވެ.

“ރެޕަންޒެލް ގޮވައިގެން ފިލާފަވެސް އަނބުރާ އައީދޯ؟ މަ ބޭނުމިއްޔާ މަށަށް މިހާރުވެސް ކަލޭ މަރާލެވިދާނެކަން އެނގޭދޯ؟” ސާލިމް މަލާމާތުގެ ރާގަކަށް ބުނެލިއެވެ. އާރިކް ދެއަތް މުއްކަވާލިއެވެ.

“އަހަރެން ކަލެއަށް ސިންދްރެއްލާ މިހާރުން މިހާރަށް ހަވާލުކޮށްފާނަން މަ ބުނާ ވަރަކަށް ފައިސާ ދެނިކޮށް..” ސާލިމް އެހެން ބުނުމާއެކު އާރިކް އޭނާގެ މޫނަށް ބަލާލީ ހައިރާންކަމުން ފުރިގެންވާ ނަޒަރަކުންނެވެ. ސާލިމް އެހާ ފަސޭހައިން އޭނާއަށް އަޒްކާ ހަވާލުކުރަން އެ ނިންމީ ކީއްވެގެންބާވައޭ އެހިތަށް އެރިއެވެ.

“ބުނި ވަރަކަށް ފައިސާ ޓްރާންސްފާރ ކޮށްދީފާނަން.. އެކަމަކު ފުރަތަމަ އަޒްކާ ހަވާލުކުރޭ..” އާރިކް ހަރަން ބަނދެލަމުން ބުނެލިއެވެ. އެއާއެކު ސާލިމް އެތާ ހުރި މީހަކަށް އިޝާރާތެއް ކޮށްލިއެވެ.

** ** **

ވަރުބަލިވެފައިވާ ވަރުން ޔުމްނާއަށް އެނދުގައި އޮއްވާ ނިދުނީއެވެ. ދެން ހޭލެވުނުއިރު އަނެއް  ދުވަހުގެ އިރު އަރައިފިއެވެ. އިރުގެ ރަން ދޯދިތައް ކޮޓަރީގެ ކުޑަދޮރުން އެތެރެއަށް އެޅިފައިވިއެވެ. ޔުމްނާ އެންމެ ފުރަތަމަ ވެސް ހޯދާލީ އާރިކް ކޮބައިތޯއެވެ. ކޮޓަރި ތެރެއިން އާރިކްގެ ހިލަމެއް ވާތަން ނުފެނުމުން އޭނާގެ ހިތް މާޔޫސްވިއެވެ. ރޭގައި ސާލިމްގެ ގާތަށް ދިޔަގޮތަށް އާރިކް އަނބުރާ ނާންނަނީކަން އޭނާއަށް އެނގުނެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ ހިތް ބިރުވެރިކަމުން ފުރިގެން އައެވެ. އަނެއްކާ ސާލިމްގެ މީހުން އާރިކްއަށް ކަމެއް ކުރީ ބާވައެވެ؟ އާރިކް އެނބުރި ނައިސްފިނަމަ އޭނާ ހަދާނީ ދެން ކިހިނެއް ހެއްޔެވެ؟ ހުރެވުނީ ކޮން ތަނެއްގައިކަން ވެސް ޚުދު އޭނާއަކަށް ނޭނގެއެވެ. ސާލިމްގެ މީހުންނަށް ފެނިދާނެ ކަމުގެ ބިރު އޮތުމާއެކު އޭނާއަށް ކޮޓަރިން ނިކުންނާކަށް ވެސް ނުކެރުނެވެ. ދެއަތް ދެއަތާ މޮޑެލަ މޮޑެލަ އޭނާ އެނދުމަތީގައި އިނެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެވެ.

ކުއްލިއަކަށް އެ ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔައެވެ. ސިހިފައި ޔުމްނާއަށް ކޮޅަށް ތެދުވެވުނެވެ. އޭނާ ހީކުރީ ސާލިމްގެ މީހުން އޭނާ ބަލާ އައީ ކަމުގައެވެ. ނަމަވެސް ކުރިމަތިން އާރިކް ފެނުމާއެކު އެހިތަށް ލިބިގެން ދިޔައީ ބަޔާންކުރަން ދަތި ހަމަޖެހުމެކެވެ. އޭނާއަށް ދުވަމުން ކަހަލަ ގޮތަކަށް ގޮސް އާރިކްގެ ހަށިގަނޑުގައި ބައްދާލެވުނީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ.

“އާރިކް.. އަހަރެން ހީކުރީ އެމީހުން އާރިކްއަށް ކަމެއް ކުރީކަމަށް..” އާރިކްގެ މޫނަށް ބަލާލަމުން ޔުމްނާ ބުނެލިއެވެ. އެވަގުތު އޭނާގެ ބޮޑު ދެލޯ ތެރޭގައި ވިދާ ބަބުޅަމުން ދިޔަ ކަރުނަތިކިތައް ފެނުމުންވެސް އޭނާ ކަންބޮޑުވެފައިވާ މިންވަރު ހާމަވެއެވެ. ނަމަވެސް އާރިކްގެ މޫނުމަތިން އޭނާއަށް ފެނުނީ ހިތް ކަތިލާފަދަ ހިނިތުންވުމެކެވެ. އެ ހިނިތުންވުމަކީ އެތަށް އަންހެންކުދިން އެ ހިނިތުންވުމަށްޓަކާ ފިދާވާން ތައްޔާރަށް ތިބި ފިރިހެންވަންތަ ހިނިތުންވުމެކެވެ.

“ރެޕަންޒެލް.. މީޓް އަޒްކާ..” އާރިކް އެއްފަރާތްވެލަމުން ބުނެލިއެވެ. އެއާއެކު އާރިކްގެ ފުރަގަހުގައި ހުރި ފަސް އަހަރުގެ އަންހެން ކުއްޖާ ފެނުމާއެކު ޔުމްނާއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. އަޒްކާ އެއްފަހަރު ޔުމްނާއަށް، އަނެއްފަހަރު އާރިކްއަށް ބަލަމުން ދިޔައިރު އެ ބެލުމުގައި ވަނީ ބީރައްޓެހިކަމެވެ.

“އޯ މައި ގޯޑް..” ޔުމްނާ އަޒްކާގެ އަތުގައި ހިފައިގެން ގޮސް އަޒްކާ އެނދުގައި ބައިންދަމުން ބުނެލިއެވެ. އާރިކްވެސް ދެޖީބަށް އަތް ޖަހައިގެން ހުރެ ހިނގާފައި އައިސް އެނދުކައިރީގައި ހުރި ސޯފާގައި ޖައްސާލިއެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ހަމަޖެހުމުގެ އަސަރުތަކެވެ.

“އަޅުގަނޑަށް ކިޔަނީ ސިންދްރެއްލާ.. ކުއްލިއަކަށް އަޒްކާ ކިޔާތީ ވަރަށް އުނދަގޫ..” އަޒްކާ އާރިކްއަށް ބަލާލަމުން މައުސޫމް ގޮތަކަށް ބުނެލިއެވެ. އެހާ ކުޑައިރުވެސް އެއަޑާއި ރާގުގައި ހަރުދަނާކަމެއް އެކުލެވިގެން ވިއެވެ.

“އަޒްކޯ.. މީ އަޒްކޮގެ ދޮންބެއޭ..” އާރިކް އަޒްކާގެ މޫނުގެ ދެރަފާތުގައި ހިފަހައްޓާލަމުން ބުނެލީ ލޯތްބާއެކުގައެވެ. އަދި އޭނާ އަޒްކާއަށް އެނގޭނެ ފަދަ ގޮތަކަށް ކުރިން ކަންތައް ވެގެން ދިޔަ ގޮތް ކިޔާދިނެވެ. އަދި އަޒްކާ އެތަނުން ސަލާމަތްވީ ކިހިނެއްކަން ޔުމްނާއަށް ކިޔާދިނެވެ.

“އަޅުގަނޑުގެ މަންމަ ހަމަ އެހާ ގޯސްތަ؟” ދެލޯ ފެންކަޅިވެފައިވާ ހާލު އަޒްކާ އަހާލިއެވެ. “އެހެންވިއްޔާ ބޭނުމެއްނޫން މަންމައާ ބައްދަލުކުރާކަށް.. އެކަމަކު ދޮންތަ އާއި ބައްޕަ ވަރަށް ދެކޭ ހިތްވޭ..”

** ** **

ހެނދުނު ސައިބޮއި ގޮތަށް އަޝްފާން މިސްރާބުޖެހީ ފަރީދުގެ ގެއާ ދިމާއަށެވެ. ޔުމްނާގެ ރީތި ސޫރަ ފެނުމުގެ ފޮނި އުންމީދާއެކު އޭނާ ގޮސް ފަރީދުގެ ގޭގެ ގޭޓު ކައިރީގައި ހުއްޓެލިއެވެ.

“ޔުމްނާއާ ބައްދަލުކޮށްލެވިދާނެތަ؟” އަޝްފާން ގޭޓު ކައިރީގައި ހުރި ސެކުއިރިޓީ ގާޑު ކައިރީގައި އަހާލިއެވެ.

“ޔުމްނާ މެޑަމް ނޫޅުއްވަ..” ގާޑު މީހާ ކުރު ގޮތަކަށް ޖަވާބު ދިނެވެ.

“އެކަމަކު…” އަޝްފާންއަށް ބުނެވުނީ އެހިސާބަށެވެ. ގޭގެ އެތެރެއިން ގޭޓާ ދިމާއަށް އަންނަމުން ދިޔަ އަންހެން މީހާ ވާހަކަދައްކަން ފެށުމުން އޭނާ ބުނަން އުޅުނު ޖުމްލަ ފުރިހަމައެއް ނުވިއެވެ.

“ކާކުތަ؟” އެ ދިމާއަށް އައި ނަސްރީން ބާރަކަށް ބުނެލިއެވެ.

“މީ.. ޔުމްނާއާ ބައްދަލުކޮށްލަން ވެގެން..” ނަސްރީން އެހިސާބަށް އައުމުން އަޝްފާން ބުނެލިއެވެ.

“ޔުމްނާއޭ؟ އެހެން ކިޔާ މީހަކު މިހާރު މިގޭގަ ނޫޅޭ! އޭނަ މިހާރު މިގެއިން ފިލައިގެން ހިނގައްޖެ..” ނަސްރީން ހަރަން ބަނދެލަމުން ބުނެލިއެވެ. ޔުމްނާގެ ނަން އަޑުއިވުމާއެކު އެ މޫނުމައްޗަށް ވެރިވީ ފޫހިކަމެވެ.

“އޭނ.. ކީކޭ؟ ކޮންތާކަށް އޭނާ ދިޔައީ؟” ލިބުނު ސިހުމާއެކު އަޝްފާން ގޭޓުގެ ތޭރިތަކުގައި ހިފަހައްޓާލަމުން އަހާލިއެވެ. ޔުމްނާ އެގެއިން ނިކުމެގެން ވަކި ދާނީވެސް ކޮންތާކަށް ހެއްޔެވެ؟

“ނޭނގެ މަށަކަށް..” އެހެން ބުނެ ތުން އަނބުރާލުމަށްފަހު ނަސްރީން އެނބުރި އައިކޮޅަށް ހިނގައިގަތެވެ. މާޔޫސްވެފައިވާ އަޝްފާން ގޭޓު ކުރިމަތީގައި އެ ހުރިގޮތަށް ހުއްޓެވެ.

ނަސްރީން ގެއަށް ވަތްއިރު ފަރީދު ސޯފާގައި އިނެވެ. ނިތްކުރީގައި އަތް ވިއްދާލައިގެން އިންއިރު އޭނާ ކޮންމެވެސް ކަމަކާ ފިކުރުކުރަނީ ކަން ހާމަވެއެވެ.

“އަދިވެސް އެ ޔުމްނާ ފެނޭތޯ ދޯ ތިއުޅެނީ؟ އޭނާއެއް ދެން ނާންނާނެ.. މަށަށް އެނގޭ އޭނަ ފިލައިގެން ދިޔައީކަން..” ނަސްރީން ނުރުހިފައި ބުނެލިއެވެ. އެއާއެކު ފަރީދު ނަސްރީންއަށް ބަލާލީ ހިތްހަމަނުޖެހިފައި އިނދެއެވެ.

“ފިލައިގެން ދިޔަނަމަ އޭނަ ގެންދާނެ ދޯ ހުރިހާ އަންނައުނުތަކާ އެއްޗެހި.. އެ ހުރިހާ އެއްޗެހި ބަހައްޓާފަ އޭނަ ދާނެތަ؟” ފަރީދު ބުނެލިއެވެ. އެއަޑުންވެސް އޭނާ ހިތްހަމަނުޖެހިފައިވާ މިންވަރު ހާމަވެއެވެ. ޔުމްނާ ގެއްލުނު ފަހުން ފަރީދުގެ ސިކުނޑި ވަނީ ހާސްކަމެއްގެ ތެރޭގައެވެ. ރޭ ހަތަރުދަމު ނުނިދާ އޭނާ އުޅުނީ ޔުމްނާ ހޯދުމުގެ މަސައްކަތުގައެވެ. މާލޭގެ އެކި ދިމަދިމާ އަތްފުނާއެޅިއިރުވެސް ޔުމްނާގެ ޚަބަރެއް ނުވީތީ އެހިތް މާޔޫސްވެފައި ވިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

02:30 33 ވަނަ ބައި

Next

ބޭނުންވަނީ އުމުރަށް 03

Next
September 29, 2017

ބޭނުންވަނީ އުމުރަށް 03

Previews
September 29, 2017

02:30 33 ވަނަ ބައި

13 Comments!

  1. Liaa says:
    September 29, 2017 at 10:11 pm

    Hey guys.. Sorry yesterday ga up koh nudhevuniima.. Internet massala eh dhimaa veema 🙁
    Anyway, hope u like this part <3 Kuree part ah vure word count thankolheh gina vaane mi part ga 🙂
    Loves <3
    Next part on MONDAY

    1. Liaa says:
      September 29, 2017 at 10:17 pm

      And Dhen Liaa ge mi vaahaka fenigen dhaanii on every MONDAY and FRIDAY ga ..
      sorry guys.. Ingey kudhin dissapointed vaanekan.. But hope kuran e dhuvas thakuga inthizaar kuraane kamah 🙂

  2. Meesh says:
    September 29, 2017 at 10:17 pm

    Wowww.. Mioh ai dhw.. Adhi nuvas kiyan.. Kiyaalaafa comment eh kollaanan ingey..

    1. Meesh says:
      September 29, 2017 at 11:07 pm

      Yeyyyyyy me first.. Story varah habbu.. Ekam Haadha dhigu inthizaarekey kuruvan thi ulhenee!! ???

  3. Saa says:
    September 29, 2017 at 10:24 pm

    Varah reethi mi baives. Aneh bayah inthizaarukuran ??

  4. Xxxx says:
    September 29, 2017 at 10:35 pm

    V.nice n interesting ????

  5. Xee says:
    September 29, 2017 at 10:57 pm

    Nice bt den genes dey parts digukolaathi only Friday and Saturday veema

  6. Adha? says:
    September 29, 2017 at 10:58 pm

    Varah reethi mi part ves.. will waits?❤❤❤❤

  7. khajja says:
    September 30, 2017 at 12:46 am

    Ohh wow masha allah v v cute stry???? but so sad dhw thihaa inthizaaru kuran jehunyma anyway will try wait kureveytho ??? stry v v habeys v v furihama dhen vaany kihineiybaa dhw gud nyt ly??❤❤?????

  8. Nahu says:
    September 30, 2017 at 4:27 am

    V Salhi vaahaka ????????

  9. sana says:
    September 30, 2017 at 8:38 am

    Wow!very nice ????

  10. Viraa says:
    October 2, 2017 at 2:27 pm

    Nice

  11. Viraa says:
    October 2, 2017 at 3:33 pm

    Hope next also be nice

Comments are closed.

Next Episodeވިންދު ލޯބިން ޖެހި ހިތެއްގައި (17)←


All Right Reserved!