ބޭނުންވަނީ އުމުރަށް 01
ފަތިސްނަމާދު ކޮށްލައިގެން އައިސް އަކިޔަލް ގެއާދިމާލު އަތިރިމައްޗަށް ދިޔައެވެ. އިރުގެ ރަން ދޯދިތައް ވިލާތަކުގެ މަތިން މައްޗަށް އުފުލިފާ ހުއްޓެވެ. ބަލާބެލުމަށް މޫސުން ވަރަށް ރަނގަޅެވެ. އުޑުމަތިން މާގިނަ ވިލާތަކެއްވެސް ފެންނާކަށް ނެތެވެ. މުޅިންހެން އުޑުމަތިން ފެންނަމުން ދިޔައީ ނޫކުލައެވެ. ގޮޑުދޮށަށް ބީއްސާލާ ކުދިކުދި ރާޅުއަޑުންނާއި ޖެހެމުން ދިޔަ މަޑު ވައިރޯޅި ރުއް ގަސްގަހުގައި އެޅުމުން އެއިވޭ މިއުޒިކީ އަޑު މުޅިހިސާބުގައި ގުގުމަމުން ދިޔައެވެ. އުދަރެހަށް ބަލަންހުއްޓާ ކުއްލިއަކަށް އަކިޔަލްގެ ފޯން ރިންގްވާން ފެށިއެވެ. ” ހަލޯ ” އަކިޔަލް ފޯންނަގާ ކަންފަތުގާ ޖައްސާލަމުން ބުނެލިއެވެ. ” ބޭފުޅާ ކޮންތާކުތަ؟ އަކިޔަލް ފޯން ނެގުމުން ސާހިދު ސުވާލުކޮށްލިއެވެ. ” އަހަރެން މިހުރީ ގެއާދިމާ އަތިރިމަތީގަ. ސާހިދު ކޮންތާކު ” އަކިޔަލް ސުވާލުކޮށްލިއެވެ. އާދެބަލަ ގެއަށް. އަހަރެން މިހުރީ އަކޫ މެންގޭގަ. މިހާރުވެސް ލަސްވެގެން މިއުޅެނީ ” ސާހިދު އެހެން ބުނުމުން އަކިޔަލް ފޯން ޖީބަށްލަމުން ގެއަށް ދިޔުމަށް ހިނގައިގަތެވެ.
” ރަނގަޅު މީހެއްތީ. ދަތުރު ދާވާހަކަ ދައްކާފަ ހުރިހާ ކަމެއް ފައިނަލްކޮށްފަ ފުރާ ގަޑި ކައިރިވާއިރު ތިހުންނަނީ ފަޖުރުތަރި އޮށްސޭތަން ބަލަން ގޮސް އަތިރިމަތީ. ތީދެން ބޮޑުވަރެއް އިނގޭ އަކޫ. އަހަރެން ހީކުރީ ފަތިސްނަމާދު ކޮށްލައިގެން އަހަރުންގެއަށް އަންނާނެކަމަށް ” އަކިޔަލް ފެނުމުން ސާހިދު ދިމާކުރާ ފާޑަކަށް ބުނެލިއެވެ. ” ސާބަހޭ… އަހަރެން އަތިރިމައްޗަށް ދިޔައީ ތިކަން ކުރާކަށްނޫން. އެހެން ނޫނަސް އަހަރެން ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވެނިމިފަހުންނާނީ ” އަކިޔަލް ބުނެލިއެވެ. ” އެހެންވިޔާ ފޮނިވާހަކަ ދައްކަން ނުހުރެ އަވަސް ކޮށްބަލަ. އެންމެން މިހާރު އެބަތިބި ބަނދަރަށް ގޮސް ” ސާހިދު ބުނެލިއެވެ. ” އެނބައަންނަން އެއްޗެހި ބަދަލުކޮށްލައިގެން ” މިހެންބުނެ އަކިޔަލް ގެއަށްވަދެ އެއްޗެހި ބަދަލުކޮށްލައިގެން ދަބަހެއް ކޮޑު އަޅުވާލައިގެން ބޭރަށް ނިކުތެވެ. ” މަންމާ އަހަރެން ދަތުރު ދާންވެގެން މިދަނީ ” އަކިޔަލް ސަކިނާއަށް މުހާތަބްކޮށް ބުނެލުމަށްފަހު ދެމީހުން އެކުގައި ބަނދަރަށް ދިޔުމަށް ގެއިން ނިކުމެ ހިނގައިގަތެވެ.
” މީހަމަ ދަތުރުދާން އައިސްތިބި ކުދިންތަ؟ ” ދުރުން ބަނދަރުގައި ތިބި ކުދިން ފެނުމުން އަކިޔަލް ސުވާލުކޮށްލިއެވެ. ޖަވާބުގާ ސާހިދު ބޯޖަހާލިއެވެ. އޭރު ބަނދަރުގައި އަންހެން ފިރިހެން އެއްކޮށް ދިހަވަރަކަށް ކުދިން ތިއްބެވެ. ” ހާދަ ބިޓުން އެބައުޅެއޭދޯ ” އަކިޔަލް ބުނެލިއެވެ. ” އަބަދުވެސް އަކޫއަށް ވަނީ ތިވަރެއްނު. ކުދިން ފެންނަ ވާހަކަ އަބަދުވެސް ކިޔާނެ. އެކަމަކު ދުވަހަކުވެސް ތިބުނާ ސަޅި ބިޓުންގެ ތެރެން ކުއްޖަކު ސެޓް ވާގޮތެއް ނުވޭ ” ސާހިދު ބުނެލިއެވެ. ” އަހަރެންނަށް ކުދިން ނުވާނީއެއް ނޫން. ފެންނަ ކޮންމެ ކުއްޖެއް އަހަރެން ސެޓް ކުރަން ބޭނުން ނުވަނީ. އެކަމަކު ވަރަށް އަވަހަށް ސާހިދުއަށް ދައްކާނަން އަހަރެންނަށް ވެސް ކުދިން ސެޓްވާކަން. ބަލަން ހުންނާތި ” އަކިޔަލް ބުނެލިއެވެ. އޭރު ދަތުރަށް ބޭނުންވާ ބައެއް ސާމާނާއި އެކުގައި ބައެއް ކުދިން ދޯއްޏަށް އަރަމުން ދިޔައެވެ. ދޯނިތެރެއިން ކުއްޖަކު ގޮވާލުމުން ބާކީތިބި ކުދިން ދޯއްޏަށް އެރުމުން ދޯނި ބަނދަރުން ނިކުތުމަށް ދުއްވާލިއެވެ.
ދަތުރުގެ މަންޒިލަކީ ބަރިސްދޫކަމުން ރަށަށް ދެވެންދެން އެންމެންވެގެން ލަވަކިޔާ މަޖާކުރަމުން ދިޔައެވެ. ދޯއްޏަށް އެރިގޮތަށް އަކިޔަލް ދިރުބާކޮޅުގައި އެހެން ކުދިންނާއި ވަކިން އިށީދެލައިގެން އިނެވެ. ހެވިފައެވެ. އޭރު އަކިޔަލްގެ ދެލޯ އަމާޒުވެފަ ވަނީ ދަތުރުގެ ބައިވެރި އަކަށެވެ. ކަޅި ޖަހާނުލާ އަކިޔާލް ބަލަމުން ދިޔައީ އެބައިވެރިޔާއަށެވެ. އެންމެން ވެގެން ލަވަ ބާޒީ ކުރަމުން ދިޔައިރު އެބައިވެރިޔާ ބައެއްފަހަރު އަކިޔަލަށް ބަލާލައެވެ. އަދި ރަކިގޮތަކަށް ހީލައެވެ. ” އަކޫ ކިހިނެއްވެފަ މާދުރުގަ ތިއިންނަނީ ” އަކިޔަލް ދުރުގައި އިނުމުން ސާހިދު އައިސް ސުވާލުކޮށްލިއެވެ. ” ކަމެއްނުވޭ ” އަކިޔަލް ބުނެލިއެވެ. ” ކަމެއްނުވާކަމެއް ނޭންގެ. ތިއިންނަނީ ދެމިޔަކަނުން ހަނދުއޮށްސިފައިންނަހެން ” ސާހިދު ދިމާކޮށްލިއެވެ. ” އަހަރެންނަށް މިއިދެވެނީ އެހެންތަ؟ ” އަކިޔަލް އިންހިސާބަށް ބަލާލަމުން ބުނެލިއެވެ. ” އާނ އެހެންނޫނިއްޔާ ކިހިނެއްވެފާ ތިއިންނަނީ އެންމެން މަޖާކުރާއިރު ” ސާހިދު ބުނެލިއެވެ.
” ތިވާހަކަ ދެންބާއްވާ. ސާހިދުއަށް އެނގޭތަ އޭނީ ކޮށްކުއްޖެއްކަން ” ދަތުރުގެ އެހެން ބައިވެރިންނާއިއެކު ލަވަބާޒިީ ކުރަންއިން އަންހެން ކުއްޖެއް ސާހިދުއަށް ދައްކާލަމުން އަކިޔަލް ސުވާލުކޮށްލިއެވެ. ” އެއީ ފޮނަދޫ ކުއްޖެއް. ކިހިނެއްވީ އެކުއްޖާ. އަނެއްކާ މާކަމުދާ ކުއްޖަކީތަ؟ ” ސާހިދު ސުވާލުކޮށްލިއެވެ. ” އާނ. ކަމުދާ ގޮތެއް އެބަހުރި. ބަނދަރަށް އައިފަހުން އަހަރެންގެ ލޮލުގައި އަޅައިގަތް ކުއްޖެއް އެއީ. އެހެންވެ މިއަހާލީވެސް. ކޮންނަމެއްތަ ކިޔަނީ ” އަކިޔަލް ސުވާލަކަށްފަހު ސުވާލެއް ސާހިދު އާއި ކުރަމުން ދިޔައެވެ. ” ސާރާ ކިޔަނީ ” ސާހިދު ބުންޏެވެ. ” އަދި އިތުރު ސުވާލެއް އެބައޮތްތަ؟ ” ސާހިދު އަކިޔަލް ގެ މޫނަށް ބަލަން އިދެ ސުވާލުކޮށްލިއެވެ. ” ނޫނޭ ދެން ނެތް. ބަކީ އޮތީ އަހަރެންގެ މަސައްކަތް. ތޭކްސް ” އަކިޔަލް ސާރާއަށް ބަލަންއިދެ ބުނެލިއެވެ.
ދެމީހުން އިރުކޮޅަކު ވާހަކަ ދައްކަން ތިބުމަށްފަހު ދަތުރުގެ އެހެންބައިވެރިން ކުރަމުން ދިޔަ މަޖަލުގައި ބައިވެރިވެލިއެވެ. އެހެން މަޖާކުރަން ތިއްބާ ދޯނިގެ އިންޖިނުގެ ދުވެލި މަޑުކޮށްލުމުން އެންމެންނަށް ބަރިސްދުއާ ކައިރިވީކަން އެގުނެވެ. ” ހާދަ އަވަހަކަށޭދޯ މިއާދެވުނީ ” ސާރާ ބުނެލިއެވެ. ” އަވަހަށް އާދެވުމުން ދަތުރުގެ މަޖާ ބޮޑުވެގެން ދާނެ. ހިނގާ އެންމެން ވެގެން ސާމާނުތައް ބާލަން ” ސާހިދު މިހެންބުނެ ދޯނީގެ ފަހަތުން މޫދުގައިވާ ޑިންގީގެ ވާގަނޑަށްދަމާ ޑިންގީ ދޯންޏާކައިރިކޮށްލިއެވެ. އެއަށްފަހު ބައެއް ސާމާނާއިއެކުގައި ބައެއްކުދިން ރަށަށް ފައިބަމުން ދިޔައެވެ.
ސާރާ ޑިންގީއަށް އެރީ އެންމެފަހު ސާމާނާއި އެކުގައެވެ. އަކިޔަލް ކުރީބައިގައި ރަށަށް ފައިބައި ޑިންގީއިން ސާމާނުތައް ބޭލުމަށް އަތިރިމަތީ ހުއްޓެވެ. ޑިންގީ ރާޅުފަށަށް ބީއްސާލުމުން އަކިޔަލް ފުރަތަމަ ސާރާ ޑިންގީއިން ބޭލުމަށް ކައިރިވެލިއެވެ. ސާރާ ފޭބުމަށް ކޮޅަށް ތެދުވި ވަގުތު ގޮޑުސޮށަށް ބީއްސާލުމަށް އައި ރާޅު ޑިންގީގަ ޖެހުމުން ސާރާ ޑިންގީތެރެއަށް ވެއްޓުނެވެ. ސާރާ ވެއްޓުނުގޮތް ފެނުމުން އަކިޔަލް ގާތަށް ހިނިއައެވެ. ނަމަވެސް ބާރަށް ހީގަންނާކަށް ނުކެރުނެވެ. ” ތަދުވިތަ؟ ” އަކިޔަލް ސުވާލުކޮށްލުމުން ސާރާ ނުނެކޭ ބުނުމުގެ ގޮތުން ބޯހޫރާލީ ތަދުވިކަން ސިއްރުކުރުމުގެ ގޮތުންނެވެ. އެއަށްފަހު އަކިޔަލް އަތްދަޑިމައްޗަށް ސާރާ ނަގައިގަނެގެން ގޮސް ރާޅުފަށުގައި ބެހެއްޓިއެވެ. ” ތޭކްސް ” އަކިޔަލަށް ސުކުރު އަދާކުރުމަށްފަހު ކޮރާހިނގަމުން އެއްގަމަށް ސާރާ ހިގައިގަތެވެ. ” ތަދުނުވޭ ބުންޏަސް އަހަރެންނަށް އެނގޭ ވަރަށް ތަދުވާނެކަން ” އަކިޔަލް ހިތާހިތުން ބުނެލިއެވެ. ސާރާ ހިނގާފަ ދިޔަތަން ބަލަން ހުރެފަ އަކިޔަލް ޑިންގީ ކައިރިއަށް ދިޔައެވެ.
ބަރިސްދުއަކީ ވަރަށް ގިނަމިހުން ދަތުރުއައިސް އުޅޭ ރަށެއްކަމުން އެރަށު އަތިރިމައްޗާ ފުދޭވަރަށްކަށް ކައިރީގައި އުދޯލި ގެއެއް އަޅާފަ ހުރެއެވެ. އަދި އެއުދޯލިގެ ކައިރީ ވަޅެއްވެސް ހުރެއެވެ. ދަތުރުގެ އެންމެހާ ބައިވެރިން އުދޯލިގޭތެރޭގައި ހެނދުނުގެ ސައި ބުއިމަށްފަހު މެންދުރަށް ކެއްކުމުގެ ކުރިން ރަށުތެރެ ބަލާލަން ދިޔައެވެ. އަކިޔަލް ދިޔައީ ސާރާ އާއި އެއްވަރަށް ހިނގަމުންނެވެ. ސާރާ ކޮރާ ހިނގާތި އަކިޔަލް އިރުއިރުކޮޅާ ސާރާގެ ފަޔަށް ބަލާލައެވެ. ” ވަރަށް ތަދުވޭތަ؟ ” އަކިޔަލް އަހާލިއެވެ. ” އާނ ” ސާރާ އަކިޔަލްއަށް ބަލާލުމަށްފަހު ބުނެލިއެވެ. ” އަދިވެސް ފޮނިދައްކަން އުޅޭތި” ޒޭނާ ކައިރީގައި ހުރެފަ ބުނެލިއެވެ. ” އަހަރެން ފޮނިދައްކަން ވެގެން އުޅެނިކޮށް ވީގޮތެއްނޫންމީ ” ސާރާ ބުނެލިއެވެ.
އެންމެން އެކުގައި ހިނގާލުމަށްފަހު މެންދުރު ކެއްކުމަށް އެންމެން ވެސް ދާންބޭނުންވީ ތުޑިއަށެވެ. އެހެންކަމުން ސާމާނުތަކާއެކު އެންމެން ތުޑިއަށް ދިޔައެވެ. އޭރު ތުޑިއަށް ހިސާބަކަށް ހިތްގައިމު ވައިރޯޅި ޖެހެމުން ދިޔައެވެ. ދަތުރުގެ އަންހެން ބައިވެރިން ކެއްކުމުގަ އަވަދިނެތި އުޅުންއިރު ބައެއް ފިރިހެނުން މަސްބާނަން ނަމުގަ އަތިރިމަތީ ތިއްބެވެ. ސާރާ ފައިގަ ރިއްސާތި ގަހެއްގެ ހިޔަލުގާ އިށީގެލައިގެން އިނެވެ. ސާރާ އެހެން އިނެއްކަމަކު މެންދުރުގެ ކެއުމަށް ކުރެވެންހުރި މަސައްކަތެއް ވެސް ދިޔައީ ކޮށްދެމުންނެވެ. ” ސާރާ ތިކަން ކޮށްލާފަ މިފިޔާތައް ކޮށާލަދިބަލަ ” ޒޭނާ ތައްޓަކަސް ހަތަރު ފިޔާލައިގެން އައިސް ސާރާގެ ގާތުގައި ބަހައްޓަމުން ބުނެލިއެވެ. އޭރު އަކިޔަލް ތަންކޮޅެއް ދުރުގައި ސާރާއަށް ބަލަން އިނެވެ. ކައިރީގައި ސާހިދު ތުޑީގެ މަޑުވެލިގަޑުމަތީ ބަޑުޖަހާލައިގެން އޮވެ ފޯނާ ކުޅެމުންދިޔައިރު އަކްޔަލް އާއި ވާހަކަދައްކަމުން ވެސް ދިޔައެވެ. ނަމަވެސް އަކިޔަލްއަށް ސާހިދުގެ އަޑުނީވޭ ކަހަލައެވެ. ސާހިދުގެ ކައިރީގައި އަކިޔަލް ވިޔަސް އަކިޔަލްގެ ވިސްނުމާ ފިކުރުވަނީ ވަރަށް ދުރުގައެވެ. ސާރާ ފިޔާ ކޮށަށް އިންއިރު ޖެހެމުންދިޔަ ވައިރޯޅިތައް ސާރާގެ ފަންދިގު އިސްތަށިގަނޑާ ކުޅެމުން ދިޔައެވެ. އެމަންޒަރު ސައުގުވެރިކަމާއެކު އަކިޔަލް ބަލަން އިނެވެ.
” ސާބަހޭ މިހާރު ކޮންއިރެއްތަ އަހަރެން ވާހަކަދައްކާތާ ” ސާހިދު ވާހަކަ ދައްކާ ދައްކާވެސް އަކިޔަލް އެއްޗެއް ނުބުނުމުން އެއްފަހަރު އަކިޔަލްގެ މޫނަށް އަނެއްފަހަރު ދުރުގައި އިން ސާރާއަށް ބަލާލުމަށްފަހު އަކިޔަލްގެ ފައިގަ އަތުން ޖަހާލާފަ ސާހިދު ބުނެލިއެވެ. ” ކިހިނެއްވީ ” ސިހިފައި އަކިޔަލް ސުވާލުކޮށްލިއެވެ. ” މިވަރަށް ވާހަކަދައްކާއިރު ވެސް އެއްޗެއް ނުބުނެ ތީނީ ކޮންހިޔާލަކަށް ގެއްލިފަތަ؟ ” ސާހިދު އަނެއްކާވެސް ސުވާލުކޮށްލިއެވެ. ” އެއްވެސް ހިޔާލެއްގަ އެއްނޫން. ކޮންވާހަކައެއްތަ ސާހިދު ދައްކަމުން ތިޔައީ ” އަކިޔަލް އޮޅުވަލަން މަސައްކަތް ކުރިއެވެ. ” ހީކުރީތަ އަހަރެންގެ ބޯހުރީ ހަމައެކަނި ފުނާއަޅަން ކަމަށް ” ސާހިދު ބޮލުގަ އަތްއުގުޅާލަމުން ބުނެލިއެވެ. ” އަހަރެން ތިހެން ނުބުނަމެއްނު. އެނގޭ ސާހިދުގެ ބޯހުރީ ހަމައެކަނި ފުނާއަޅަށް ނޫންކަން ” އަކިޔަލް ހީލަމުން ބުނެލިއެވެ. ” އެހެންވިއްޔާ ދެލޯ ބޮޑުކޮށްގެން ގަސްދޮށުގައިން މަންޖެއަށް ތިބަލަނީ ކިހިނެއްވެގެންނޯ. އެވެސް ކަމެއް ނުވާތީތަ؟ ” ސާހިދު ތެދުވެ އަކިޔަލް ކައިރީގައި އިށީދެ ހަމަޖެހިލަމުން ބުނެލިއެވެ. ” އޯހްހް… އެވާހަކަދޯ ތިދައްކަނީ. ދެންހަމަ ބަލަން އިނީ ” އަކިޔަލް ނޫންގޮތަކަށް ބުނެލިއެވެ. ” ބުނަން އަކޫ ވާހަކައެއް. އަހަރެންނަށް ކަމެއް ސިއްރުކުރަން އުޅުނަސް އެކަމެއްނުވާނެ. މިހާރުވެސް ތިއޮތީ ފަޅާއަރާފަ ” ސާހިދު އެހެން ބުނުމުން އަކިޔަލް އިސްދަށަށް ޖަހާލިއެވެ. ” ކޮންކަމެއްތަ ފަޅާއެރީ ” އަކިޔަލް އަހާލިއެވެ. ” ދެން މާނޫންކަމަށް ހެދޭނެކަމެއްނެތް ” ސާހިދު ބުނެލިއެވެ.
މެންދުރުގެ ކެއުމަށް އިންސާފު ކުރުމަށް އެކިމީހުން އެކިތަންތަނުގަ ތިއްބެވެ. ސާރާ ގަހެއްގެ ހިޔަލުގާ އިށީދެގެން އިނެވެ. އަކިޔަލްއަށް ސާރާ ފެނުމުން އިންތަނުން ތެދުވެގެން އައިސް ސާރާގެ ގާތުގައި އިށީނެވެ. ” ކިހިނެއްތަ؟ ” އަކިޔަލް ސުވާލުކޮށްލިއެވެ. ” ރަގަނޅު ” ސާރާ ބުނެލިއެވެ. ” މިބުނީ މިހާރު ފައިގެ ތަދު ކިހިނެއްހޭ ” އަކިޔަލް ހީލަމުން ބުނެލިއެވެ. ” އަދިވެސް ތަދުވޭ ” ސާރާ ފަޔަށް ބަލާލުމަށްފަހު ބުނެލިއެވެ. ” މުޅި ދަތުރު ފަނިވީދޯ ” އަކިޔަލް ބުންޏެވެ. ” ކީއްވެގެން ދަތުރު ފަނިވާންވީ ” ސާރާ ސުވާލުކޮށްލިއެވެ. ” ވެއްޓި ފަޔަށް ތަދުވީމާ. ހަވީރު މަޖާވެސްކޮށް ނުލެވޭނެހެން ހީވާތީ މިހެންމިބުނީ ” އަކިޔަލް ބަތް ސުވާއެއް އަނގަޔަށްލަމުން ބުނެލިއެވެ. ” ނޫނޭ އިރާދުކުރެއްވިއްޔާ ހަވީރަށް ވާއިރަށް ރަގަނޅުވާނެ. މިއުޅެނީ ކައިގެން އަތިރިއަށް ގޮސް ވެލިމޮޑެލަންވެގެން ” ސާރާ ބުންޏެވެ. ” އެހެންތަ؟ ތިވެސް ގޮތެއް. ވެލިމޮލާފަ އުނގުޅާނެ ބޭހެއް އަހަރެން ދެންތަ؟ ” އަކިޔަލް ވިސްނާލުމަށްފަހު ބުނެލިއެވެ. ” ކޮންކަހަލަ ބޭހެއްތަ؟ ” ސާރާ އަހާލިއެވެ. ” އެއި ތަދުވާ ތަންތަނުގައި އުނގުޅާ ބޭހެއް ” އަކިޔަލް ދުގައި ތިބި އެހެން މީހުންނަށް ބަލާލަމުން ބުނެލިއެވެ. ” އެހެންތަ؟. އެކަމަކު މިހާރު ކިހިނެއް ބޭސް އުނގުޅާނީ ” ސާރާ ކަންބޮޑުވެފައިވާ ރާގެއްގަ ބުނެލިއެވެ. ” ކީއްވެ މިހާރު ބޭސް ނޫގުޅެންވީ. ބޭސްފުޅި އޮށްނާނެ އަހަރެންގެ ދަބަސް ތެރޭގަ. އަހަރެން މިހެން އުޅޭއިރު އެކަހަލަ ހުރިހާ އެއްޗެއް އަހަރެންގެ ދަބަހުގަ ހުންނާނެ. އަހަރެން ކައިގެން ބޭސްފުޅި ގެނެސްދޭނަން ” އަކިޔަލް މިހެން ބުނުމުން ސާރާ ހީލަމުން ބޮލުގެ އިސާރާތުން އާއެކޭ ބުނެލިއެވެ.
” ސާބަހޭ އަކޫ… ” މިހެންބުނެ ސާހިދު އަކިޔަލް އާއި ދިމާލަށް ބަތްމުށެއް އުކާލުމަށްފަހު ދުއްވައިގަތެވެ. އަކިޔަލް ވެސް ބަލާކަށް ނުހުރެ ސާހިދުގެ ފަހަތުން ދުއްވައިގަތެވެ. ސާހިދު އަތުނުވުމުން އަކިޔަލް ދެންތިބި އެހެން މީހުންނާއި ދިމާއަށް ބަތް އުކާލުމަށްފަހު ދުއްވައިގަތެވެ. ” އޭ ތިޖެހުނީ ދަލުބޭރުން އިނގޭ ” ސަހުދާ މިހެން ބުނާއިރަށް އެންމެން އެންކޮށް އަކިޔަލްގެ ފަހަތުން ދުއްވައިގަތެވެ. އެމަންޒަރު ސާރާ ބަލަން އިނީ ހިނިއައިސްފައެވެ. އެއަށްފަހު ސާރާ ފައިތިލައިގައި އަތް އުނގުޅާލިއެވެ.
އެންމެން ވެގެން އަކިޔަލް ފަހާ ދުވުމަށްފަހު އައިސް ތުޑީގެ މަޑު ދޮންވެލިގަނޑު މަތީ ތިއްބެވެ. އޭރުވެސް ސާރާ ކުރިން އިންތާގަ އިށީދެގެން އިނެވެ. ކައިގެން އަތްވެސް ނުދޮވެއެވެ. ސާހިދާއި އަކިޔަލް އޮށޯވެލައިގެން އޮތީ އެހެން މީހުންނާއި ތަންކޮޅެއްދުގައި ރުކެއްގެ ހިޔަލުގައެވެ. އެހެން އޮވެފަ އަކިޔަލްއަށް އެނބުރިލެވުނީ ސާރާ އާއި ވީފަރާތަށެވެ. އެވަގުތު އަކިޔަލްއަށް ފެނުނީ ސާރާ ތެދުވަން މަސައްކަތް ކުރަނިކޮށެވެ. ސާރާއަށް ނުތެދުވެވުމުން އަކިޔަލް ގޮސް ސާރާގެ ދެއަތުގައި ހިފާ ކޮޅަށް ނެގިއެވެ. ” ކީއްކުރަން ތިއުޅެނީ ” އަކިޔަލް ސުވާލިކޮށްލިއެވެ. ” ވެލި މޮޑެލަން ދާންވެގެން ” ސާރާ ބުންޏެވެ. ” ހިނގާ އަހަރެން ގެންގޮސް ދޭނަން ” އަކިޔަލް ބުނެލިއެވެ. ސާރާ އަކިޔަލްގެ އަތުގައި ހިފާލައިގެން ކޮރާ ހިނގަމުން ގޮސް ރާޅުފަށުގަ އިށީދެ ވެލި މޮޑެންފެށިއެވެ. ސާރާ ވެލި މޮޑެ ނިމުމުން ސާރާ ގެނެސް ފަޔަށް ރީތި ފެންފޮދެއް އަޅާފަ ބޭސްފުޅި ގެނެސް ސާރާ އަތަށް ދިނެވެ. ” އަކޫ ސާރާއަށް ހާދަ ފޯރި އެބަހުއްޓޭ ” ސާރާއަށް އެހީވަމުން ދިޔަމަންޒަރު އެންމެން ބަލަން ތިއްބާ ހަމްދާން ބުނެލިއެވެ. ” އެއީ ފޯރި ހުރުންތަ؟. ސާރާއަށް އެހީވާތީ ހަމްދާން ހާދަ އަސަރުކޮށްފިއޭދޯ ” ސާއިރާ ބުނެލިއެވެ. ” އަސްލު އަކޫ އަކީ ވަރަށް ސަކަ މިޒާޖެއްގެ ކުއްޖެއް. ވަރަށް ފާހަގަ ކުރެވޭ ކަންކަމުގަ އެހެން މީހުންނަށް ހެލްޕް ވެސް ވާކަން. އަހަރެންނަށް އެންމެ ފާހަގަ ކުރެވެނީ އަކޫގެ ހިތްހެޔޮކަން ” ސަހުދާ ބުނެލިއެވެ.
ހަވީރުގެ ސައި ކުޑަގޮތަކަށް ނިއްމާލުމަށްފަހު އެންމެން ވެގެން ފައިގަތަޅާ ކުޅެންވެގެން ތުޑީގައި ތިއްބެވެ. އަކިޔަލް ދިން ބޭސް ފުޅިން ބޭސް އުގުޅިފަހުން ސާރާއަށް ހިނގާލާ ހެދެއެވެ. އަދި ކޮންމެވެސް ވަރަކަށް ކުޅިވަރުގައި ވެސް ބައިވެރިވިއެވެ. ” އައްޗީޑި…. ކޮންއެއްޗެއްތަ؟ ” ކުޅެނިމިގެން އެންމެން އަތިރިމަތީ އިށީދެގެން ތިއްބާ އަކިޔަލް ދެއަތުގައި ކުލަ އުނގުޅައިގެން އައިސް ފުރަގަހުން ސުދާގެ މޫނުގެ ދެފަރާތުގައި އަތް ހާކާލުމުން ބުނެލިއެވެ. އަދި ހަމަ އެވަގުތު ސުދާ މޫނުގެ ދެފަރާތުގައި އަތް ހާކާލުމަށްފަހު ފަސްއެނބުރި ބަލާލިއެވެ. ” މި އަކޫގެ ކަންތައްވެސް ވަކި ކުޑައެއް ނުވާނެ. އަހަރުން މިތިބެނީ ކަމެއްކުރަން ނުކެރިގެނެއް ނޫންއިގޭ އަކޫ ” ސުދާ ބުނެލިއެވެ. އަކިޔަލް ސުދާ ކިޔަމުން ދިޔަ އެއްޗަކަށް ސަމާލުކަމެއްނުދީ ސާރާ ނޫން އެންމެންގެ ގައިގައި ކުލަ އުގުޅާލިއެވެ. ” ސަހުދާ ދޭ އަހަރެންގެ ދަބަސް ތެރޭއޮތް ކުލަ ފުޅި ހިފައިގެން އަންނަން. އަކޫއަށް ވާނެ ދައްކާލަން އަހަރުންނަށް ވެސް ކުލަ އުނގުޅަން އެނގޭކަން. ނިޔާ އަކޫ ހިފަހައްޓާ…. ” ސުދާ މިހެން ބުނުމުން ސަހުދާ ދުވެފަ ގޮސް ކުލަފުޅި ގެނެސް ސުދާ އަތަށް ދިނެވެ. ” އަދި އެނބަ އުޅެއެއްނު އެހެން މީހުންގެގައިގަ ކުލަ އުނގުޅަން ” ކުލަކޮޅެއް އަތަށް އަޅާލުމަށްފަހު ސަހުދާއަތަށް ފުޅިދީފަ މޫދުން ލޮނުފެން ފޮދަކުން ކުލަތައް ތެއްމާލަމުން ދެއަތް ދެއަތަށް އުނގުޅަމުން ސަހުދާ ބުންޏެވެ. އެއަށްފަހު ދެއަތުގައި ހުރި ކުލަތައް އަކިޔަލްގެ މޫނުގައި އުނގުޅާލިއެވެ. އަދި ފަހަރަކު މީހަކު އައިސް އަކިޔަލްގެ ގައިގައި ކުލަ އުނގުޅަމުން ދިޔައެވެ. ކުލަ އުނގުޅުމަށްފަހު އެންމެން ދިޔައީ އަކިޔަލްގެ ގަޔަށް ވެލިވެސް އުކާފައެވެ.
އަކިޔަލްގެ ގައިގައި ކުލަ އުނގުޅުމަށްފަހު އެންމެން ތުޑީގެ ކޮޅަށް ގޮސް މޫދަށް އެރުނެވެ. އަކިޔަލް ވެލިގަނޑުމަތިން ތެދުވެގެން ތުޑިއާއި ދިމާއަށް ދުއްވައިގަންނަމުން ތުޑިއަށް އައުމަށް ސާރާގެ ގާތުގައި ބުންޏެވެ. ” މޫދަށްވެސް ނޭރެންތަ؟ ” ސާރާ އެއްގަމުގައި އިށީދެގެން އިނުމުން މޫދުން އަރައިގެން އައިސް އަކިޔަލް ސުވާލުކޮށްލިއެވެ. ” ނޫނޭ ” ސާރާ ބުނެލިއެވެ. ” ހާދަ ފާޑަކަށް ތިބުނީ. އަދިވެސް ފަޔަށް ތަދުވަނީތަ؟ ” އަކިޔަލް ސުވާލުކޮށްލިއެވެ. ” ކުޑަކޮށް ތަދުވޭ ” ސާރާ ބުނެލިއެވެ. ” ހިނގާ މުދަށް އެރެން ” އަކިޔަލް މިހެން ބުނެ ސާރާގެ އަތުގައި ހިފާލިއެވެ. އެވަގުތު ދެމީހުންގެ ވެސް ހަތަރު ކަޅި ހަމަވިއެވެ. ” އަކޫ… ” ސުދާ ބާރަށް އަކިޔަލްއަށް ގޮވާލުމުން ތެޅިގަނެފަ ސާރާ އަނެއްފަރާތަށް މޫނު އަނބުރާލިއެވެ. ” އަކޫ ދޭ. އަހަރެން މިދަނީ ” ސާރާ މަޑުމަޑުން ބުނެލިއެވެ. އަކިޔްލަ ދިޔުމުން ސާރާ އަތަށް ބަލާލިއެވެ. އަދި އަތުގައި ހިފި ގޮތުން ސާރާ ހައިރާންވިއެވެ. އެއަށްފަހު މޫގައި އޮތް އަކިޔަލްއަށް ބަލާލުމަށްފަހު މޫދަށް އެރެން ހިނގައިގަތެވެ. ” އަނެއްކާ އަނެއްކަމެއްދޯ ” އަކިޔަލް މޫދުގައި ތިބި މީހުންނާއި ދިމާއަށް ވެލި އުކާލުމުން ހަމްދާން ބުނެލިއެވެ. “ތިހެން އުޅެންޏާ ދެން ވަޅުލާނީ ” ދެވަނަ ފަހަރަށް ވެސް ވެލި އުކާލުމުން ހަމްދާން ބުނެލިއެވެ. މޫދަށްއެރި ނިމިގެން ފަސްގަޑިބައި ވީފަހުން އެންމެން ފުރަންދާންވެގެން އުދޯލިގެ ހުރިދިމާއަށް ދިޔައެވެ. އެންމެން އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވުމުން ދަތުރުގެ އެންމެހާ ބައިވެރިންގެ މޫނުމަތިން އުފާވެރިކަން ފާޅުވަމުން ދިޔައެވެ.
ގަމަށް ދިޔުމަށް ދޯނި ބަރިސްދޫ ފަޅުންނެރެ ދުއްވާލުމުން އެކިމީހުން ދޯނީގެ އެކިތަންތާގައި އިށީނެވެ. އަކިޔަލް އިށީނީ ސާރާގެ ގާތުގައެވެ. އޭރު ސާރާ ފޯނާ ކުޅެން އިނެވެ. ” އެއްޗެއް ލިބިދާނެތަ؟ ” އަކިޔަލް ސުވާލުކޮށްލިއެވެ. ” ކޮންއެއްޗެއްތަ؟ ” ސާރާ ވެސް ކޮށްލީ ސުވާލެކެވެ. ” ސާރާގެ ފޯން ނަންބަރ ” ދަތުރުގެ ބައިވެރިންނަށް ބަލާލުމަށްފަހު އަކިޔަލް ޖެހިލުމެއްނެތި ބުނެލިއެވެ. ” އެކީއްކުރަންތަ؟ ” ސާރާ އަހާލިއެވެ. ” މީހުން ފޯން ނަންބަރ ހޯދައިގެން ކީއްތަކުރަނީ ” އަކިޔަލް ހީލަމުން ބުނެލިއެވެ. ” ވަރަށް ގިނަ ކަންތައްކުރޭ ” ސާރާ ބުނެލިއެވެ. ” އެހެން މީހުން ކިތައްމެ ގިނަ ކަންތަކެއް ކުރިޔަސް ހަމަ އެމީހުން ވެސް ކުރާކަމެއް އަހަރެން ވެސް ކުރާނީ. އެހެންވީމާ ލިބިދާނެތަ؟ ” އަކިޔަލް ބުނެލިއެވެ. ” އަދި އަހަރެންނަށް އެހާ ރަނގަޅަކަށް އަކޫ އެއް ނޭންގޭ ” ސާރާ ބުނެލިއެވެ. ” އެނގޭނީ އެނގެން ބޭނުންނަމަ. އަހަރެންނަށް ވެސް ސާރާއެއް އަދި ރަނގަޅަކަށް ނޭންގޭ. އެކަމަކު އަހަރެން ބޭނުން އެނގެން ” އަކިޔަލްގެ ރާގުގާ ސީރިއަސް ގޮތެއް ހުއްޓެވެ. އެކަން ސާރާއަށް ފާހަގަ ވިއެވެ. އަކިޔަލް ތަކުރާރުކޮށް ނަންބަރ ދިނުމަށް އެދި އާދޭސް ކުރަން ފެށުމުން ސާރާ ނަންބަރ ދިނެވެ. ” ތޭކްސް ” އަކިޔަލް ހިނިތުން ވެލަމުން ޝުކުރު އަދާކުރުމަށްފަހު ސާރާގެ ގާތުގާ އިށީދެގެން އިނުމަށްފަހު ތެދުވިއެވެ. ” އަކޫ މަޑުކޮށްބަލަ ” ސާރާ ގޮވާލުމުން އަކިޔަލް ފަސްއެނބުރި ބަލާލުމުން ސާރާ ދިއްކޮށްލީ އަކިޔަލް ދިން ބޭސް ފުޅިއެވެ. ” ތޭކްސް ” އަކްޔަލް ބޭސް ފުޅީގައި ހިފުމުން ސާރާ ބުނެލިއެވެ.
ހައެއް ޖަހަން ކުޑަތަންވެފަ ވަނިކޮށް އަކްޔަލް މެންނަށް ރަށަށް އާދެވުނެވެ. ” އަކޫ މިކޫލް ބޮކްސް އަހަރުން ގެއަށް ގެންގޮސްދީފަދޯ ދާނީ ” ދޯނިން ފޭބުމުން ސާހިދު އަކްޔަލްއަށް ގޮވާލުމަށްފަހު ބުނުމުން އަކްޔަލް ބޮލުގެ އިސާރާތުން އާއެކޭ ބުނެލިއެވެ. ” އެކަނިތަ ގެއަށް ދަނީ ” އަކްޔަލް ސާރާ ކުރެން އަހާލިއެވެ. ” ނޫން. ހަމްދާން އާއި އެކުގައި ސައިކްގަ ދާނީ ” ސާރާ ބުންޏެވެ. ” އަކޫ ހިނގާ ދާން ” ސާހިދު ގޮވާލުމުން އަކްޔަލް ސާރާއަށް ހިނިތުން ވެލުމަށްފަހު ސާހިދު އާއި އެކުގައި ހިނގައިގަތެވެ.
” ދަބަސް ހިފައިގެން ދިޔައީމަ މަންމަ ހީކުރީ ދަރިފުޅު ރޭކުރަން ދިޔައިކަމަށް ” އަކްޔަލް އައިސް ގެއަށް ވަނުމުން ސަކީނާ ބުނެލިއެވެ. ” މަންމައަށް އަދިވެސް އަހަރެން ދަސްނުވޭދޯ. އަހަރެން އޯވަރ ނައިޓަކަށް ދަންޔާ މަންމަ ގާތުގައި ނުބުނެ ދާނެތަ؟. ” އަކްޔަލް ސަކީނާ އާއި ވާހަކަ ދައްކަމުން ބަދިގެ ފަރާތަށް ނިކުތެވެ. ” މަންމަ އެކަނި ގޭގަ ބަހައްޓާފަ އަހަރެން އޯވަރ ނައިޓަކަށް ދާކަށް ބޭނުމެއްނޫން. ދަތުރުދާން އަހަރެން ސާހިދުގެ ގާތުގައި އެއްބަސްވި ހަވީރުން ރަށަށް އަންނަގޮތަށް ” ދަބަހުން އެއްޗެހިތަށް ނަގަމުން އަކްޔަލް ވާހަކަ ދައްކަމުން ދިޔައެވެ. ” މަންމާ އަހަރެން މިދަނީ ބަންގި ގޮވަންވާއިރަން ފެންވަރާލަން ” އަކްޔަލް މިހެންބުނެ ގޭތެރެއަށް ވަދެގެން ދިޔައެވެ. ” އަކްޔަލްގެ އެވަނީ އޭނަގެ ބައްޕަގެ އުޅުން. އެސަކަ މިޒާޖް، އެހިތްހެޔޮކަން، އެހިނިތުންވުން… ދެރައީ މިއަދު އާދަންފުޅު މިދުނިޔޭގަ ނެތީމާ ” އަކްޔަލް ދިޔުމުން ސަކީނާ ހިތާހިތުން ކިޔާލިއެވެ. އެއަށްފަހު ލޮލަށް ޖަމާވި ވޭނިކަރުނަތައް ފޮހެލުމަށްފަހު އަކްޔަލް ދަބަހުން ނަގާ ބެހެއްޓި އެއްޗެހި ހިފައިގެން ގޭތެރެއަށް ވަނެވެ.
އަކްޔަލް ނަމާދުކޮށްލައިގެން އައިސް ގޭދޮރުމަތީ ހުރި ޖޯލިފަތީގާ އިށީދެލިއެވެ. އަދި ފޯންނަގާ ސާރާގެ ނަންބަރަށް ގުޅާލިއެވެ. ގިނައިތަކެއްވެސް ނުވަނީސް ސާރާ ފޯންނެގިއެވެ. ހީވަނީ އިންތިޒާރުގައި ހެންނެވެ. ” ހަލޯ ” އަކްޔަލް ބުނެލިއެވެ. ” ކިހިނެއްތަ ހާލު؟ ” އަކްޔަލް ފުރަތަމަވެސް ހާލު އަހާލިއެވެ. ” ކާކު ” ސާރާގެ ސުވާލުން އަކްޔަލްއަށް ލިބުނީ ހައިރާން ކަމެކެވެ. ” ނޭގުންތަ؟ ” އަކްޔަލް އަހާލިއެވެ. ” އާނ. ނޭންގުނީމާ ކާކުހޭ މިއަހާލީ ” ސާރާ ބުންޏެވެ. ” އެނގޭނެ. ގެސްކޮށްބަލަ ” އަކްޔަލް ހީލަމުން ބުނެލިއެވެ. ” އަހަރެން ނުދަންނަ މީހުންނާ ވާހަކައެއް ނުދައްކަން ” ސާރާ ބުނެލިއެވެ. ” އެހެންދޯ.. އެހެންވީމާ އަދިވެސް ފަޔަށް ތަދުވޭތަ؟ ” އަކްޔަލް ބުނެލިއެވެ. ” އަކޫ…” ސާރާއަށް ބުނެވުނެވެ. ” ކިހިނެއް އެނގެނީ އަހަރެން މީ ތިބުނި މީހާކަމެއް ” އަކްޔަލް އަހާލިއެވެ. ” މިހާރު އެނގޭނެދޯ. އަހަރެން ވެއްޓުނު ފަހުން އެންމެގިނައިން އަހަރެންގެ ފައި ރަނގަޅުތޯ އަހާ މީހަކީތީ. އެހެންވީމާ ތީ އަކޫ ކަން އެގިއްޖެ ” ސާރާ ޔަގީންކަމާއެކު ބުނެލިއެވެ. ސާރާ އެހެން ބުނުމުން އަކްޔަލް ހީގަތެވެ. ” މިވަރަށް ސުވާލު ކުރާއިރުވެސް ނަން ބުނެނުލާ އެބަހުރޭ. އަސްލު އަހަރެންނަށް ނަންބަރ ދީފަ ނެތިމާ ނޭންގުނީ. އެވަގުތު ވެސް ނަންބަރ ދީފަ ދިޔަނަމަތާދޯ ސޭވްކޮށްލާނީ ވެސް. އެކަމަކު އަހަރެންގެ ނަންބަރ ލިބޭއިރަށް ހުރިހާ ކަމެއްގެ މަތިން ހަނދާން ނެތިއްޖެ ” ސާރާ ދިމާކޮށްލިއެވެ. ” އަހަރެންނަށް ނަންބަރ ނުދެވޭތަ؟ ” އަކްޔަލް ސުވާލުކޮށްލިއެވެ. ” ދިންނަމަ އަހަރެން ކާކުތޯ ސުވާލެއް ނުކުރާނަން ” ސާރާ ބުނެލިއެވެ. ” އަދިވެސް ފައިގެ ހާލަތު ނުބުނަމެއްނު ” ސާރާއަށް ހަނދާން ކޮށްދިނުމުގެ ގޮތުން އަކްޔަކް ބުނެލިއެވެ. ” އަކޫ ދިން ބޭސް އުނގުޅިފަހުން ވަރަށް ބޮޑަށް ރަނގަޅު ” ސާރާ ހިނިތުން ވެލަމުން ބުނެލިއެވެ.
” އަކޫ ކީއްކުރަނީތަ؟ ” ސާރާ އަހާލިއެވެ. ” ނަމާދުކޮށްލައިގެން އައިސް ޖައްސާލައިގެން އޮތީ ” އަކްޔަލް ބުންޏެވެ. “ސާރާ ކީއްކުރަނީ ” އަކްޔަލް ސުވާލުކޮށްލިއެވެ. ” ވަރުބަލިވެފަ ހުރީމަ އޮށޯވެލައިގެން މިއޮތީ ” ސާރާ އާފުރިލަމުން ބުނެލިއެވެ. ” ދެން މިރޭ ކޮންކަމެއްއޮތީ ” އަކްޔަލް އަހާލިއެވެ. ” ނެތް އެއްވެސް ކަމެއް ” ސާރާ ބުނެލިއެވެ. ” އެއްމެ ރަނގަޅުތަ ސާރާ އާއި ބައްދަލުކޮށްލަން ދިޔަސް ” އަކްޔަލް ބުނެލިއެވެ. ” އެކީއްކުރަންތަ؟ ” ސާރާ ކޮށްލީ ސުވާލެކެވެ. ” ވަކިކަމެއް ކުރާކަށް ނޫން. ހަމަ ބައްދަލުކޮށްލާ ހިތުން. ބައްދަލުކުރަން ބޭނުންނެތިއްޔާ އެންމެ ރަނގަޅު ނުކުރިޔަސް ” އަކްޔަލް ރާގާ ބަހުރުވަ ބަދަލުކޮށްލީ ސާރާ ބުނާއެއްޗެއް ބަލާލުމަށެވެ. ” އަހަރެން ނުބުނަންދޯ ބައްދަލު ނުކުރާނަމޭ ” އަކްޔަލްގެ ރާގު ބަދަލުވެއްޖެކަން އެނގުމުން ސާރާ ބުނެލިއެވެ. ” އެހެންވީމާ ބައްދަލުވާނެ ކަމަށް ބަލަންވީދޯ. ދާނަން އިނގޭ އިޝާ ނަމާދުކޮށްގެން ” އަކްޔަލް މިހެން ބުނުމުން ސާރާ ހައިރާންވިއެވެ. ” އަންނާނަމޭ ބުނާއިރު އެނގޭތަ އަހަރެން އުޅޭ ރަށެއް ” ސާރާ ސުވާލުކޮށްލިއެވެ. ” އެނގޭތީދޯ ދާނަމޭ ބުނާނީ. ހަމަ އެކަނި އަހަރެންނަށް ނޭންގެނީ ސާރާގެ ގެ. ދިޔުމުގެ ކުރިން ސާރާއަށް ގުޅާނަން. ދެން ސާރާ ބުނި ހިސާބަކަށް އަހަރެން ދާނަން ” އަކްޔަލް ބުނެލިއެވެ. ” އެހެންވިމާ އަހަރެންނާ ބެހޭ މައުލޫމާތު ހޯދައިގެންދޯ ތިއުޅެނީ. ގޯހެއްނޫން ތިގޮތެއްވެސް ” ސާރާ ހީލަމުން ބުނެލިއެވެ. ” ނަމާދު ވަގުތު ވަރަށް ކައިރި ވެއްޖެ. އަހަރެން ގުޅާނަން ” އަކްޔަލް މިހެންބުނެ ފޯން ކަޑާލުމަށްފަހު ފުންނޭވާއެއްލިއެވެ. ސާރާގެ ގާތުގައި ހަމަ ބައްދަލުކޮށްލާށޭ ބުނިކަމުގައި ވިޔަސް އަކްޔަލް ސާރާގެ ގާތަށް ދާންބޭންވަނީ ސާރާގެ ގެ ހޯދުމުގެ ބޭނުމުގައެވެ. ސަބަބަކީ އަކްޔަލްއަށް ސާރާ ކަމުދާތީއެވެ. އަކްޔަލްގެ ހިތުން ސާރާއަށް މަގާމެއް ދެވިފަވާތީއެވެ.
ބަންގި ގޮވުމުން ނަމާދުކޮށްގެން ގެއަށް އައިސް ކައިގެން ސާރާ އާއި ބައްދަލުކުރަންދާން އަކްޔަލް ތައްޔާރުވިއެވެ. ” ދަރިފުޅު ބޭރަށް ދާންތަ ތިދަނީ ” އަކްޔަލް ބޭރަށް ނިކުންނަން ދަނިކޮށް ސަކީނާއަށް ފެނުމުން ސުވާލުކޮށްލިއެވެ. ” އާނ. ކުއްޖަކާ ބައްދަލުކޮށްލަން ދާންވެގެން ” އަކްޔަލް ސަކީނާއަށް ޖަވާބު ދިނެވެ. ” ދަރިފުލު މިރޭ ފިހާރައަށް ވަދެލިންތަ؟ ” ސަކީނާ އަހާލިއެވެ. ” އަދި ނުވަންނަން. އެކަމަކު އަހަރެން ދާނީ ފިހާރައަށް ވަދެލާފަ ” އަކްޔަލް ބުންޏެވެ. ” އިނާޔާ ބުނި ކޮންމެވެސް އެއްޗެއް ފިހާރައިން ހުސްވެފަ ހުރިވާހަކަ. އެހެންވެ މިއަހާލީ ވެސް ފިހާރައަށް ވަދެލިންހޭ ” ސަކީނާ ބުންޏެވެ. ” ފިރާހަ ހުޅުވަންވެގެން އައި އިރު އިނާޔާއާ ދިމާވި. އެކަމަކު އިނާޔާ ނުބުނޭ އެއްޗެއް ހުސްވެފަ ހުރި ވާހަކައެއް ” އަކްޔަލް މިހެންބުނެ ގެއިން ނިކުތެވެ.
” ކޮންއެއްޗެއް ހުސްވެފަ ހުރީ ” އަކްޔަލް ފިހާރައަށް ވަދެ ސުވާލުކޮށްލިއެވެ. ” ރީލޯޑާއި ރާސްޓަސް ހުރީ ހުސްވެފަ. އަދި ބައެއް އެހެން މުދާވެސް ވަނީ ވަރަށް މަދުވެފަ ” އިނާޔާ ބުންޏެވެ. ” ގެނޭ ރީލޯޑާއި ރާސްޓަސްގެ ލާރި. އަހަރެން ކުޑައިރުކޮޅަކުން އަޅާލާނަން. ދެން މަދުވެފަ ހުރި އެހެން މުދާ ލިބޭނީ ބޯއްޓް މާލެއިން އައިމާ ” އިނާޔާ އާއި ވާހަކަ ދައްކަމުން ދިޔައިރު އަކްޔަލް ދިޔައީ ސާރާއަށް ގުޅަމުންނެވެ. ނަމަވެސް ސާރާ ފޯން ނުނަގައެވެ. ” އަހަރެން އަންނާނަން ހިސާބު ނިއްމަން ” އިނާޔާ ލާރި ދިނުމުން ފިހާރައިން ނިކުންނަން ދަމުން އަކްޔަލް ބުނެލިއެވެ.
” ހާދަވަރަކަށް ގުޅައިފިމޭ. ފޯން ނުނަގާ ކީއްތިކުރަނީ ” ސާރާ ފޯން ނެގުމުން އަކްޔަލް ސުވާލުކޮށްލިއެވެ. ” ފޯން ޗާޖައް ޖަހާފަ އޮތީމާ ނޭންގުނީ ގުޅިކަން ” ސާރާ ބުނެލިއެވެ. ” މިއުޅެނީ ދާންވެގެން. ކިހާ ހިސާބެއްގަ މަޑުކުރަންވީ ” އަކްޔަލް އަހާލިއެވެ. ” މީކޮން ހިސާބެއްކަން އެނގޭތަ؟ ” ސާރާ ސުވާލުކޮށްލިއެވެ. ” އެނގޭ. ތީ ފޮނަދޫ އެއްނު. ދެން ލަސްނުކޮށް ބުނެބަލަ ” އަކްޔަލް ސައިކަލަށް އަރާ އިށީންނަމުން ބުނެލިއެވެ. ” ބެންކް ކައިރިއަށް އައިސްފަ ގުޅާ ” ސާރާ އެހެން ބުނުމުން އަކްޔަލް އާއެކޭ ބުނުމަށްފަހު ސައިކަލް ސްޓާޓްކޮށް ދުއްވާލިއެވެ.
” އަހަރެންނަށް އެގެންވާ ވަރަށް އަކޫ ނޭންގޭ އިރު ބައްދަލުކުރަން ބުނުމުން އާއެކޭ ބުނެވުނީ ކީއްވެތަ؟. މީގެ ކުރިން ވީގޮތެއްނޫންމީ. އަދި އަމުދުން އެންމެ ދުވަހަކު ފެނުން މީހަކު…. ” އަކްޔަލް ފޯން ކަޑާލުމުން ސާރާ އެނދުގައި އިށީދެގެންއިދެ ވިސްނަމުން ދިޔައެވެ. ” ކޮންމެ ގޮތެއްވިޔަސް އާއެކޭ ބުނެވުނީތީ ދެންޖެހޭނީ ބައްދަލުކުރަން ” ސާރާ މިހެންބުނެ ފޯން އެދުމަށްޗަށް އެއްލާފަ ގޮސް ފާހާނާއަށް ވަނެވެ.
” މިހުރީ ބެންކް ކައިރީގަ ” އަކްޔަލް ސާރާއަށް ގުޅާފަ ބުންޏެވެ. އޭގެ އިރުކޮޅެއްފަހުން އަކްޔަލްއަށް ފެނުނީ ސާރާ އަންނަނިކޮށެވެ. ސާރާ ފެނުމުން އަކްޔަލް މަގުގެ އެއްފަރާތުގައި ސައިކަލް ޕާކް ކޮށްލާ ސާރާ އާއި ދިމާއަށް ހިނގައިގަތެވެ. އަކްޔަލް އައިސް ސާރާ އާއި އަރާހަމަ ވުމުން ދެމިހުން އެކުގައި ސާރާގެ ގެ އާދިމާއަށް ހިނގަންފެށިއެވެ. ” އަހަރެން ހީކުރީ އާއެކޭ ބުނެފަ ވެސް ސާރާ އަހަރެންނާ ބައްދަލު ނުކުރާނެކަމަށް ” އަކްޔަލް ބުނެލިއެވެ. ” ކީއްވެގެން ތިހެން ހީކުރީ ” ސާރާ އަހާލިއެވެ. ” މިހެން މިބުނީ ބައަދަލުކޮށްލަން ވެސް ސާރާ އެއްބަސްވީ އެތައް ސުވާލެއް ކުރުމަށްފަހު ކަމަށްވާތީ ” އަކްޔަލް ބުންޏެވެ. ” އަސްލު އަހަރެންނަން އާއެކޭ ބުނެވުނީމަ ބައްދަލު މިކުރީ ” ސާރާ ބުނެލިއެވެ. ” ތިބުނީ އާއެކޭ ނުބުނިނަމަ ބައްދަލެއް ނުވާނެއޭތަ؟ ” އަކްޔަލް ޖީބައްއަތް ޖަހާލަމުން ބުނެލިއެވެ. ” ވެދާނެ ” މިހެންބުނެ ސާރާ ހީލިއެވެ.
” މީ ސާރާގެ ގެތަ؟ ” އަކްޔަލް ގެއަށް ބަލާލުމަށްފަހު ސުވާލުކޮށްލިއެވެ. ” އާނ ” ސާރާވެސް ގެއަށް ބަލާލަމުން ބުންޏެވެ. އެވަގުތު ސާރާއަށް ފެނުނީ ނާސިދު އަންނަތަނެވެ. ނާސިދު ފެނުމުން ސާރާ އިސްޖަހާލިއެވެ. ނާސިދު ގެއަށް ވަންނަމުން ދޮރާށީގެ އެއްފަރާތުގައި ހުރި ސާރާއަށް ބަލާލުމަށްފަހު ނާސިދު ދޮރާށި ހުޅުވާލާފަ ވަދެގެން ދިޔައެވެ. ” އެއީ ބައްޕަތަ؟ ” ނާސިދު ދިޔުމުން އަކްޔަލް ސުވާލުކޮށްލިއެވެ. ޖަވާބުގާ ސާރާ އާއެކޭ ބުނީ ބޮލުގެ އިސާރާތުންނެވެ.
” ހަލޯ ” ފޯން ރިންގްވާން ފެށުމުން ޖިބުން ފޯންނަގާ ކަންފަތުގާ ޖައްސާލުމަށްފަހު އަކްޔަލް ބުނެލިއެވެ. ” ކޮންތާކުތަ؟ ” ސާހިދު ސުވާލުކޮށްލިއެވެ. ” ކިހިނެއްވީ ސާހިދު ” އަކްޔަލް ވެސް ކޮށްލީ ސުވާލެކެވެ. ” ކަމެއްނުވޭ. ކުރަންދިޔަ ކަންތައް ވެއްޖެތަ؟ ” ސާހިދު ދިމާކުރާ ފާޑަށް ސުވާލުކޮށްލިއެވެ. އަކްޔަލް ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ. ސާހިދު އެފާޑަށް ދިމާކޮށްލާނީ ކޮންމެވެސް އެއްޗެއް އެނގިގެންނޭ އަކްޔަލްގެ ހިތްބުނެލިއެވެ. ” އަހަރެން ކަމެއްކުރާކަށް ނޫޅެން ” އަކްޔަލް ބުނެލިއެވެ. ” އެހެންވިއްޔާ ބައްދަލުކުރަން ދިޔަ ކުއްޖާއާ ބައްދަލުވެއްޖެތަ؟ ” އަނެއްކާވެސް ސާހިދު ބުނެލިއެވެ. ” ކާކު ބުނި ވާހަކައެއްތީ ” އަކްޔަލް ސާރާއަށް ބަލާލަމުން ބުނެލިއެވެ. ” އަހަރެން އަކޫ ހޯދަން ގެއަށް ދިޔައީމާ މަންމަ ބުނި މީހަކާ ބައްދަލު ކުރަން ދިޔަ ވާހަކަ ” ސާހިދު ބުންޏެވެ. ” އަހަރެން ތިކަމުގައެއް ނޫން މިއުޅެނީ. ރީލޯޑާއި ރާސްޓަސް ހުސްވެފަ ހުރީމާ އެކަން ކުރަން އައިސް މިއުޅެނީ. އިރުކޮޅަކުން އަހަރެން ދާނަން ” ސާހިދު އިތުރަށް އެއްޗެއް ބުނެފާނެތީ އަކްޔަލް ބުނެލިއެވެ. ” ތިކުރާ ރީލޯޑް ވެސް އެގިދާނެތާ… ” ސާހިދު މިހެންބުނެ ފޯން ބޭންވިއެވެ. ” ސާހިދު އެގުޅީ އަހަރެން ގޭގަނެތިމާ. ސާރާ ދެން އަހަރެން ދަނީ. އަދި އެބަޖެހޭ ފިހާރައަކަށްވެސް ވަދެލަން. ތޭކްސް އިނގޭ ބައްދަލުކޮށްލީމަ. އުންމީދު ކުރަން އަދި މިރޭ ފޯނުން ދިމާވާނެކަމަށް ” އަކްޔަލް މިހެންބުނެ ހިނގައިގަތެވެ. އަކްޔަލް ސައިކަލަށް އަރާ ދުއްވާލަންދެން ސާރާ ބަލަން ހުއްޓެވެ.
” ދަރިފުޅާ އެއި ކޮންކުއްޖެއްތަ؟ ” ސާރާ ގޭތެރެއަށް ވަދެގެން ދާންފެށުމުން ސިޓިން ރޫމްގައި އިން ނާސިދު ސުވާލުކޮށްލިއެވެ. ” ރައްޓިއްސެއް ” ސާރާ ކުރު ޖަވާބެއް ދިނެވެ. ” ރައްޓެހި ކުއްޖަކާވެސް ވާހަކަ ދައްކަން މީގެފަހުން ބޭރު ދޮރުމަތީ ނުތިބޭތި ” ނަސޭހަތުގެ ރާގެއްގަ ނާސިދު އެހެން ބުނުމުން ސާރާ ބޯޖަހާލުމަށްފަހު ސިޑިން މައްޗަށް އެރިއެވެ.
އެގާރަ ޖަހަން ފަސްމިނެއްޓަށް ވުމުން އަކްޔަލް ފިހާރައަށް އައިސް އިނާޔާ ގެއަށް ފޮނުވާލިއެވެ. ” ކޮންތާކުތަ؟ ” އަކްޔަލް ފޯން ނެގުމުން ސާހިދު ސުވާލުކޮށްލިއެވެ. ” ފިހާރައިގަ. ކިހިނެއްވީ ” އަކްޔަލް އަހާލިއެވެ. ” ހިނގާ ރައިޑަކަށް ދާން. އެބަތިބި ހަމްދާންމެން ވެސް ” ސާހިދު ބުނެލިއެވެ. ” އަހަރެންނަށް ދެވޭނީ ފިހާރައިގެ ހިސާބް ނިއްމާލާފަ. ލަސްވާނެތަ؟ ” އަކްޔަލް ބުނެލއިެވެ. ” ނުވާނެ ލަހެއް. އެކަމަކު އަވަސްކުރާތި ” ސާހިދު މިހެންބުނެ ފޯންކަޑާލިއެވެ. އެގާރަ ޖަހާ ފަސްމިނިޓް ވުމުން ބައްދު ބޯޑު އަޅުވާ ފިހާރައިގެ ބައެއް ލައިޓް ނިއްވާލުމަށްފަހު ހިސާބް ހަދަން އަވަސް ވެލިއެވެ.
” މަންމާ މިހުރީ ލާރި ” ހިސާބް ނިއްމާ ވަތްގަޑަށް ފައިސާ ހަމަކުރުމަށްފަހު ބާކީ ސަކީނާ އަތަށް ދިނެވެ. ” ދަރިފުޅު އަތުގަ ބަހައްޓާ. މާދަން ތި ޖަމާ ކުރަންވެސް ޖެހޭނެއްނު ” ސަކީނާ ބުނެލިއެވެ. ” އަހަރެން ބޭރަށް ގޮސްލަންވެގެން މިދަނީ. މާދަން އަހަރެން އޮފީހަށް ދަމުން މަންމަ އަތުން ނަގާނަން. ދެން މަންމަ ނިދަންޔާ ދޮރު ތަޅުލިޔަސް އެންމެ ރަނގަޅު. އަހަރެން މިދަނީ ތަޅުދަޑި ހިފައިގެން ” ސަކީނާއަށް ލާރި ދިނުމަށްފަހު ކޮޓަރިއަށް ވަދެ ތަޅުދަޑިފަތި ހިފައިގެން ނިކުމެފަ އަކްޔަލް ބުނެލިއެވެ.
9 Comments
Comments are closed.
Heevey reethi vaane hen
when is next part……..
Ey next part avas kohdhehchey. Salhi
Mee kurin kiyaa fa oiy vaahaka eh
yh i read this one toooo……..
Yaaa mee kurin ehen siteakun kiyaafa otheee
Bunela dee faa nan tha kon site eh ga kan nd story vvvvv reeti whn nxt part
V reethi mi story….
kurin mi vaahaka genesdheefa nuvaane ehkoh… kurin mi vaahaka up kuri site mihaaru beynun nukuraathy esfiya ah up kuran mifeshy