އަގެއްނެތްލޯބި 22 ވަނަ ބައި
ވަގުތުތައް ފާއިތުވަމުން ގޮސް ހަވީރު ވެއްޖެއެވެ. ރަމްލާމެން ގެއަށް ދިޔުމަށް ތައްޔާރުވަމުން ދިޔައެވެ. އެންމެން ވެސް ހަނާއަށް ވަރަށް ނަސޭހަތްދިނެވެ. ކެއްތެރިކަމާއެކު ދިރިއުޅުމުގެ ހަނގުރާމަޔާ ކުރިމަތިލުމަށް ހިތްވަރުދިނެވެ. ” ކިހިނެއްވެފާ ތި ތިބެނީ… ” ރަމްލާމެން ތައްޔާރުވެގެން ވެސް ގެއަށް ނުގޮސް ތިބީމަ ހަދީޖާ އަހާލިއެވެ. ” ޒިޔާދު އަންނަންދެން މިތިބެނީ ” ރަމްލާ ބުނެލިއެވެ. ” އަހަ… މިއޮށް އައީނު ޒިޔާދު. ހިނގާ އަވަހަށް ދަމާ ” ޒިޔާދު ދޮރުހުޅުވާލި ތަންފެނިގެން ހަދީޖާ ބުނެލިއެވެ. ފޮށިތައް ހިފައިގެން ޒިޔާދު ތިރިއަށް ފޭބިއެވެ. ރަމްލާމެންނާއެކު ހަދީޖާ އާއި ސިމްލާ ވެސް ތިރިއަށް ފޭބިއެވެ. ރަމްލާ ކާރަށް އަރަމުން ހަދީޖާއަށް ޝުކުރު އަދާކުރިއެވެ. ” ދައްތަމެންދޭ ގޭދޮށަށް. އަހަރެން މިދަނީ ސައިކަލްގަ ” ރަމްލާ ޓެކްސީއެއްގަ ފޮނުވާލުމަށްފަހު ޒިޔާދު ސައިކަލްގަ އެގޭދޮށަށް ދިޔައެވެ. ” ހަނާ ދެން އަހަރެން ގެއަށް ގޮސްލާނަން ” ކާރުން ފައިބައިފައި ސާނިޔާ ހަނާގެ ގާތުގައި ބުނެލިއެވެ. ހަނާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. ސާނިޔާ ދިޔުމުން ރަމްލާ އާއި ހަނާ އައިސް ގޭ ދޮރުގައި ޓަކި ޖަހާލުމުން ނިސާދު ދޮރުހުޅުވާލިއެވެ. ނިސާދުގެ މޫނުމަތިން އުފާވެރިކަން ފާޅުވަމުން ދިޔައެވެ. ހަނާ ނިސާދު އާއި ދިމާލަށް ބަލާވެސް ނުލައެވެ. ” ވަރަށް މަޖާތަ؟ އާދެބަލަ ބައްޕަގެ ކުޑަކުޑަ ޔާޝް…. ” ހަނާއާއި ސުވާލު ކޮށްލަމުން ނިސާދު ޔާޝް އުރާލިއެވެ. ނަމަވެސް ހަނާ ޖަވާބެއް ނުދެއެވެ. އެތެރެއަށް ވަދެގެން ދިޔައީއެވެ. ” ފޮށިތައް ކޮބާ؟ ” ނިސާދު އަހާލިއެވެ. ” ފޮށިތައް އެބަގެނޭ ޒިޔާދު ” ރަމްލާ ބުނެލިއެވެ. ނިސާދުގެ މޫނުގެ ކުލަވަރު ބަދަލު ވެގެން ދިޔައެވެ. ” ކީކޭ….. ޒިޔާއޭ…. އޭނާ މާލެ އައީ ކޮންއިރަކުތަ؟ ” ހައިރާންކަމާއެކު ނިސާދު އަހާލިއެވެ. ” އޭނަ ކޮންމެއިރަކު މާލެ އަޔަސް ނިސާދު އަށް ކޮންކަމެއްތަ؟ ” ރަމްލާ މިހެން ބުނުމުން ނިސާދު އެއްވެސް އެއްޗެކޭ ނުބުނެ ހައިރާންކަމާއެކު ރަމްލާ އާއި ދިމާއަށް ބަލާލިއެވެ. ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ.
” ދަރިފުޅު ކޮންތާކަށް ގޮސްލާފަ ތިޔަ އައީ ބައްޕައަށް ފިލައިގެން ” ނިސާދު ޔާޝް އާއި ސުވާލު ކުރަމުން ބެލްކަންޏާ ދިމާލަށް ހިނގައިގަތެވެ. ” ކޮއްކޮ މިއައީ މާލެ ގޮސްފަ ” ޔާޝް ޅަގޮތަކަށް ބުނެލިއެވެ. “އެހެންތަ؟ ބައްޕަ ނުލާ މާލެ ދިޔައީ ” ނިސާދު ހިނިގަނޑެއް ޖަހާލާފަ ބުނެލިއެވެ. ” ޒިޔާ ކޮންއިރަކުތަ މާލެ އައީ. ގުޅާވެސް ނުލަމެއްނު. މިހާރު ޒިޔާ އަހަރެންނާ ވަރަށް ދުރު ވެއްޖެ. ވަރަށް ބަދަލު ވެއްޖެ ” ޒިޔާދު ފޮށިތައް ހިިފައިގެން އައިސް ގެއަށް ވަނުމުން ނިސާދު ބުނެލިއެވެ. ނިސާދު ދައްކަމުން ދިޔައީ ޒިޔާދުއަށް އައި ބަދަލުގެ ވާހަކައެވެ. އެއްމެ ފަހަރަކުވެސް އަމިއްލަ މީހާއަށް އައި ބަދަލު އިހުސާސްކޮށް ނުލައެވެ. އުޅެމުންދާ ވިޔާނުދާ ދިރިއުޅުން މަތިން ހަނދާނެއް ނެތެވެ. ” ކީއްކުރަން އަހަރެން މާލެ އަންނަމުން ނިސާދުއަށް އަންގަންވީ. ނޭންގިޔަސް އަހަރެން މިހުރީ ފެންނާކަށްނު ” ފޮށިތައް އެތެރެއަށް ވެއްދުމަށްފަހު ހިންދެމިލަމުން ޒިޔާދު ނިސާދުގެ ސުވާލަށް ޖަވާބު ދިނެވެ. ” ޒިޔާ ތީދަ ކުޑަ ފޮށި ގެނެސް ދީބަލަ. ދެން އަނެއްފޮށި ދައްތަ ކޮޓަރިއަށް ވައްދަދީ ” ހަނާ ކޮޓަރީ ދޮރުމައްޗަށް ނިކުމެ ޒިޔާދުއާ މުހާތަބްކޮށް ބުނެލިއެވެ. ” ހަނާ ދެން އަހަރެން ގޮސްލާނަން ” ހަނާއަށް ފޮށި ދިނުމަށްފަހު ޒިޔާދު ބުނެލިއެވެ. ހަނާ އާއެކޭ ބުނީ ބޮލުގެ އިސާރާތުންނެވެ. ދަމުން ނިސާދުގެ ކައިރީ ދަނީއޭ ވެސް ބުނެ ނުލާ ޒިޔާދު ހަލުވި ހިގުމެއްގައި އެގެއިން ނިކުތެވެ. ޒިޔާދު ދިޔަ އިރު ނިސާދު ހުރީ އެމަންޒަރު ބަލާށެވެ.
” އަހަރެން ހީނުކުރަން އަހަރެންދެކެ މީހަކު ލޯބިވާނެކަމަކަށް. އެދުވަހު އަހަރެންގެ ހުރިހާ އުންމީދުތަކެއް ވީރާނާ ވުމުން ދެން އެފަދަ އުންމީދު ތަކެއް ނުކުރުމަށް އަހަރެން އަޒުމް ކަޑައެޅިން. ނަމަވެސް ދުނިޔެ އުޅުމުގެ މިބޮޑު ހަނގުރާމައިން ފަތަހަ ލިބުމުގައި އެހެންމީހެއްގެ އެހީ ބޭނުންވާނެކަން އެނގޭ ” ޒިޔާދު ވާހަކަ ދައްކަމުން ދިޔައީ ސާނިޔާއާއެވެ. ” ތިކަން އަހަރެންނަށް އެނގޭ. ޒިޔާގެ އެއްވެސް ކަމެއް އަހަރެންނަށް އޮޅިފައެއް ނެތް. ރަށުގަ އުޅުން ދުވަސްވަރު ކަންތައް ދިމާވި ގޮތުން ޒިޔާ އުޅެމުން ދިޔަ އެކަނިވެރި ހާލާ، ކުރި ހިތާމަޔާ، އުފުލިބުރަ އަހަރެންނަށް އެނގޭ. ހުރިހާ ވާހަކައެއް އަހަރެން އޮޅުން ފިލުވީ ހަނާ ކުރެން އަހައިގެން. ޒިޔާއަށް ކަންތައް ދިމާވި ގޮތަށް އަހަރެންނަށް ކަންތައް ދިމާވި ނަމަ އަހަރެން މިދުނިޔެއަކު ނުހުންނާނެ ކަންނޭންގެ. ޒިޔާއަކީ ފިރިހެނެއް. ފިރިހެނުންނަކީ ވަރަށް ކެއްތެރި ބައެކޭ ބުނާއަޑު އަހަރެންވެސް އަހަން. އެކަމަކު ގަބޫލެއް ނުކުރަން. ހަނާ ޒިޔާގެ ވާހަކަތައް ކިޔާ ދިނުމުން އަހަރެންނަށް އެނގުނު ފިރިހެނުންނަކީ ކެއްތެރި ބައެއްކަމާ، ދިރިއުޅުމުގާ ދިމާވާ ކޮންމެ ހުރަހެއް ގިރާކުރާނެ ބައެއްކަން. އިތުރަށް އެފަދަ ފިރިހެނަކަށް ބޭނުންވަނީ ކެއްތެރި އަންހެނެއްކަން. އަހަރެންނަށް އެންމެ ފުރަތަމަ ޒިޔާ ފެނުން ދުވަހުވެސް ބުންނަން ނޭންގޭ ގޮތްތަކެއްވި. ހިތް ޒިޔާއަށް އެދެންފެށި. އެކަމަކު އެކަން ހާމަކުރަން ނުކެރުނީ. ސަބަބަކީ އަހަރެންނަކީ އަންހެންކުއްޖަކަށް ވާތީ. އަންހެން ކުދިން އިސްވެ ލޯބި ހުށައެޅުމަކީ އަހަރެން ދެކޭގޮތުގާ ހުތުރުކަމެއް. އެކަމަކު ލޯބި ވެވިއްޖެ ނަމަ އެކަން ހާމަ ކުރުމަށް މިޒަމާނުގާ އަންހެނެއް، ފިރިހެނެއް ނެތްކަން ބުނެދިނީ ހަނާ ” ސާނިޔާ ވާހަކަދައްކަމުން ދިޔައީ ޒިޔާދުގެ އަތުގާ ބައްދާލައިގެން އިދެއެވެ. ދެމީހުން ތިބީ އާޓިފިސަލް ބީޗްގައި ހުރި ބެންޗުން ބެންޗެއްގައި އިށީދެގެންނެވެ. ޒިޔާދު ސާނިޔާ ގޮވައިގެން ބީޗަށް އައީ ހަމަ ވާހަކަ ދައްކާލަންވެގެންނެވެ. ސާނިޔާގެ ވާހަކަތަކުން ސާނިޔާ ޒިޔާދު ވަރަށް ބޭނުންވާކަން އެނގުނެވެ. ޒިޔާދު ލޯފެންކަޅި ވިއެވެ. ނަމަވެސް އެކަން ޒިޔާދު ސާނިޔާއަށް ސިއްރުކުރިއެވެ. ކައިވެނި ނުކޮށް ގިނަދުވަހު އުޅޭކަށް ޒިޔާދު ބޭނުމެއް ނުވެއެވެ. ސާނިޔާވެސް ބޭނުންވަނީ އެގޮތެވެ. ” ދެން ކޮންއިރަކުން މެރީ ކުރާން ބޭނުންވާ ވާހަކަ ދައްކަން ބައްޕަ އާއި ބައްދަލުކުރަން ގެއަށްދަނީ ” ސާނިޔާ ސުވާލުކޮށްލިއެވެ. ” މިހާރުވެސް ހަމަ ދާން ވީ ” ޒިޔާދު ބުނެލިއެވެ. ” ނޫނޭ… މިހާރަކު ނޫން ދާނީ ” ސާނިޔާ ވިސްނާލާފަ ބުނެލިއެވެ. ” އޯކޭ… ސާނިޔާ ބުނޭ ދާންވީމާ. އޭރުން އަހަރެން ދާނަން ” ޒިޔާދު ބުންޏެވެ. ސާނިޔާ ޒިޔާދުއަށް ބަލާލާފަ ހީލިއެވެ.
ހަދީޖާމެންގެ ގެއިން އައިފަހުން ހަނާ ނިސާދު އާއި އެހާ ގިނައިން ވާހަކައެއް ނުދައްކައެވެ. އެއްޗެއް ބުންޏަސް ގިނަފަހަރު އަޅާވެސް ނުލައެވެ. ހަނާގެ ހަރަކާތްތައް މިހެން ހުރުމުން ނިސާދު ހުންނަނީ ވަރަށް ހައިރާން ވެފައެވެ. ބައެއްފަހަރު ނިސާދުގެ ހިތަށް އަރަމުން ދިޔައީ ނިސާދުގެ ހުރިހާ ކަމެއް ހަނާ އަށް އެގުނީ ކަމަށެވެ. ނަމަވެސް ނިސާދު ހިތްހަމަ ޖައްސާލައިގެން ހުންނަނީ ނިސާދުކުރިކަމެއް ކޮށްފަ އެކަން އެގެނީ ނިސާދުއަށް އެކަނި ކަމަށް ހީކޮށްގެންނެވެ.
އެއްދުވަހެއްގެ ހަވީރު ވަގުތެވެ. ހަނާ އޮތީ ކޮޓަރީގައި ގޮދަޑީގެ ބެޑްސީޓް އަޅާށެވެ. ކުއްލިއަކަށް ނިސާދު އައިސް ހަނާގެ ބަނޑުގައި ފުރަގަހުން ވަރަށް ބާރަށް ބައްދާލިއެވެ. ހަނާ ސިހިފައި ފަސްއެނބުރި ބަލާލުމަށްފަހު ނިސާދުގެ އަތް ނައްޓާލިއެވެ. ” އައްދޭ…! މިހާރު އަހަރެން ހަނާގެ ގައިގާ ބައްދާލިޔަސް ހާދަ ރުޅިއެކޭ ތިއަންނަނީ. ކިހިނެއްވީތަ؟ ” ނިސާދު ސުވާލާއެކު ހަނާ ނިސާދުއަށް ފުރަގަސް ދީގެން ހުރެފަ ކުރިމަތިލިއެވެ. ދެލޮލުން އިންތިހާއަށް ރުޅިވެރިކަން ފެންނަމުން ދިޔައެވެ. ” ނިސާދުގެ ތިއުޅުން ހުރެގެން އަހަރެން ނިސާދުގެ އަތްބެއްގެ ގޮތުގާ ހުއްޓަސް އަހަރެންގެ ގައިގާ އަތްނުލިއްޔާ ރަނގަޅީ….” ހަނާ މިހެން ބުނުމަށްފަހު ކޮޓަރިން ނިކުމެގެން ދިޔައެވެ. ނިސާދު ހާސްވިއެވެ. ހަނާ އެހެން އެބުނީ ހަނާއަށް ނިސާދުގެ ހަގީގަތް އެގުނީބާއޭ ހިތަށްއަރާ އެކަމާ ހާސްވިއެވެ. ހަނާގެ އެ ޖުމްލައާއެކު ނިސާދު އިރުކޮޅެއް ކޮށްލާފަ ގެއިން ނިކުމެގެން ދިޔައެވެ.
” އަޅެ ކޮންއިރަކުންތަ އަހަރުމެން މެރީ ކުރާނީ. އަހަރެންނަށް ހާދަ ލަސްވެޔޭ. މިހެން މެރީ ނުކޮށް ތިއްބާ ގޯހެއް ވެދާނެތީ އަހަރެން ބިރުގަންނަނީ ” ކެއްމަދު ވެފާއިން ހަސްމާ ނިސާދުއާ ވާހަކަ ދައްކަމުން ދިޔައެވެ. ” ކޮން ގޯހެއްވާނީ. އެއްވެސް ކަމެއް ގޯހެއްނުވާނެ. އަހަރެންނަށް މިއުޅެވެނީ ހަނާ ގާތުގައި އެވާހަކަ ނުދެއްކިގެން. މީގެ އިރު ކޮޅެއްކުރިން ވެސް އަހަރެން ވަރަށް މަސައްކަތް ކުރިން ބުނަން. އެކަމަކު ހަނާ ހުންނަނީ ފާޑަކަށް ރުޅި އައިސްފަ. އަހަރެން އޭނަގައިގާ އަތްލިޔަސް އަތް ފޮޅުވާލަނީ. ހަމަ އޭރުގަ އަހަރެން ހަނާގެ ބަނޑުމަތީގައި ބައްދާލީމަ އަހަރެންނާ ދިމާލަށް ބުނީ އަހަރެންގެ އުޅުން ރަނގަޅު ނުކޮށް ގައިގާ އަތްނުލަން. އަހަރެންގެ ހިތަށް މިއަރަނީ ހުރިހާ ކަމެއް ހަނާއަށް އެގުނީބާއޭ. އެކަމަކު ހަސް ކެއްކޮށްލާ… އަހަރެން ހަނާ ރުޅި އަޔަސް އެވާހަކަ ދައްކާނަން. ހަނާ ދެކޮޅުހަދައިފިއްޔާ ވަރިކުރާނަން ” ނިސާދު ބުންނެވެ. ނިސާދުގެ އެޖުމްލައިން ހަސްމާއަށް އާހިތްވަރެއް ލިބިގެން ދިޔައެވެ.
ނިސާދު ގެއިން ބޭރުގައި އުޅުން އާދައަކަށް ވެއްޖެއެވެ. ހިތަށް އެރިއްޔާ ބައެއް ރޭރޭ ގެއަށް ނިދަންވެސް ނާދެއެވެ. ހަގީގަތް ފަޅާއަރުވާލާފައި ވަކިވެގެން ގޮސްދާނަމޭ ވެސް ބައެއްފަހަރު ހަނާގެ ހިތަށް އަރަންފެށިއެވެ. ނަމަވެސް ޔާޝް އޭނާގެ ބައްޕަގެ ލޯބިން މަހުރޫމްކޮށްލާން ބޭނުން ނުވާތީ ކެއްކުރަނީއެވެ. އެހެން ނަމަވެސް ހަނާގެ ކެއްތެރިކަން ކޮޅުންލައިފިއެވެ. ވިސްނާ ވިސްނާ ހަލާކުވާ ވަރުވެއްޖެއެވެ. ގޮތް ހުސްވެއްޖެ އެވެ.
ނިސާދު ބޭރުގައި އުޅެފަ ގެއަށް އައިސް ކޮޓަރިއަށް ވަތްއިރު ހަނާ ޔާޝް ނިއްދަވަން އެނދުމަތީއިނެވެ. އެވަގުތު ހަނާ ރުޅިވެރި ފާޑަކަށް ނިސާދު އާއި ދިމާއަށް ބަލާލިއެވެ. ” ހަނާ ކޮންކަމަކާތަ ރުޅިއައިސްފަ ތިހުންނަނީ އަބަދު. ބުނެބަލަ….!!! އަހަރެންމީ ހަނާގެ ފިރިމީހާއެއްނު. އަހަރެން ކައިރީ ނުބުނެވޭ ވަރުގެ ވާހަކަތައް ވެސް ހަނާގެ ހުރޭތަ؟ ” ހަނާގެ ގާތުގައި އިށީދެގެން އިދެ ނިސާދު ވާހަކަ ދައްކަންފެށިއެވެ. ހަނާ އެއްވެސް އެއްޗެއް ނުބުނުމުން ނިސާދު ގޮސް ފާހާނާއަށް ވަނެވެ. ޔާޝް ނިދީމަ ހަނާ ޔާޝް އެނދުގައި ބާއްވާފަ ޔާޝް ކައިރީ އޮށޯވެލައިގެން ނިސާދު ފާހާނާއިން ނިކުތް އިރު އޮތެވެ. ” ހަނާ… އަހަރެން ވަރަށް ބަނޑުހައި ވެއްޖެ. ހިނގާބަލަ ކާންހަދައިދޭން ” ފާހާނާއިން ނުކުމެ ނިސާދު ބުންޏެވެ. ހަނާ ތެދުވެގެން ދިޔައެވެ. ފަހަތުން ނިސާދު ވެސް ދިޔައެވެ.
” ކޮންއިރަކުތަ ޒިޔާ މާލެއައީ. އަހަރެންނަށް ގުޅާވެސް ނުލާ. ޒިޔާ މިހާރު ވަރަށް ބަދަލު ވެއްޖެ ދޯ ” ނިސާދު ވާހަކަ ދައްކަމުން ދިޔައީ ހަނާ އާއެވެ. ނަމަވެސް ހަނާ އެއްވެސް އެއްޗެއް ނުބެނެއެވެ. ޒިޔާދު ބަދަލުވި ވާހަކަ ބުނުމުން ހަނާ އިންތިހާއަށް ރުޅިގަދަ ވެގެން ދިޔައެވެ. ހަނާ ނިސާދުއަށް ކާން ހެދުމަށްފަހު މަޑުވެސް ކޮށްލުމެއްނެތި ދިޔައީ ކޮޓަރިއަށެވެ. ” ކިހިނެއްވެފާތަ ހަނާއަށް މިހުރީ. އަހަރެން ވާހަކަ ދެއްކިޔަސް އަނގައިންވެސް ނުބުނޭ. ސަމާސާ ކޮށްލިޔަސް ރުޅިއާދޭ. ހަނާ އެކަންޏެއް ނޫން. ދައްތަ ވެސް ހުންނަނީ ފާޑަކަށް. ޒިޔާ ވެސް ވާހަކަވެސް ނުދައްކާ. ކުރިން ވާހަކަ ދައްކާ ގޮތަށް އެއްވެސް މީހަކު ވާހަކައެއް ނުދައްކާ. އަހަރެންނަކަށް ނޭންގެ މި މީހުންނަށް ވެފާ މިތިބީ ކީއްކަމެއް ވެސް ” ނިސާދު އެކަނި އިދެ ކިޔަމުން ދިޔައެވެ. ނިސާދުގެ ސިއްރުތައް ފޮރުވައިގެން އިދެ އެހެންމީހުންގެ ވާހަކަތައް ދައްކާތީ އެއްމެންވެސް ތިބެނީ ނިސާދުގެ މަކަރުވެރިކަމާ، އޮޅުވާލުން ފެނި އަޖައިބު ވެފައެވެ.
ހަފްތާއެއް ފަހެވެ. ސާނިޔާގެ ބައްޕަގެ ގާތުގައި ސާނިޔާ ކައިވެނި ކުރަން ބޭނުންވާ ވާހަކަ ބުނުމުން ސާނިޔާގެ ބައްޕަ ޒިޔާދު އާއި ބައްދަލުކުރަން ބޭނުންކަމަށް ބުންޏެވެ. އެވާހަކަ ސާނިޔާ ޒިޔާދުގެ ގާތުގައި ވެސް ބުންޏެވެ. އަދި ޒިޔާދު ވަރަށް ރަނގަޅަށް އެކަމަށް ތައްޔާރު ވެސް ވިއެވެ.
ޒިޔާދު އާއި ސާނިޔާއާ ދެމީހުން އެކުގައި ގޮސް ސާނިޔާ މެންގެ ގެއަށް ވަނެވެ. ޒިޔާދުއަށް ވަންނަން ނުކެރި ބޭރުގައި މަޑު ކޮށްލިއެވެ. އެވަގުތު ސާނިޔާ އައިސް ޒިޔާދުގެ އަތުގާ ހިފާ އެތެރެއަށް ވެއްދިއެވެ. ” ތިހެން ނުކެރިގެން އުޅުނީމަ އަވަސް ވޭތަ؟ ” ސާނިޔާ ވައި އަޑުން ބުނެލިއެވެ. އޭރު ސާނިޔާގެ ބައްޕަ ރަމީޒް އިނީ ސިޓިން ރޫމް ސޯފާގައި އިށީދެގެން، ދޮރަށް ފުރަގަސް ދީގެންނެވެ. ” ސާނިޔާގެ ބައްޕަ ނުގަބޫލް ވެދާނެތީ އަހަރެން ޖެހިލުންވަނީ ” ޒިޔާދު ވެސް ވައި އަޑުން ބުނެލިއެވެ. ” ނުގަބޫލްކަން ވެސް އެނގޭނީ ވާހަކަ ދެއްކީމައެއްނު. އަހަރެން ޒިޔާ މިގެނައީ ބައްޕަ ބުނެގެންނޭ ” ސާނިޔާ ބުނެލިއެވެ. “ބައްޕާ… މިހުރީ ޒިޔާ… ” ސާނިޔާ ބުންޏެވެ. ސާނިޔާ މިހެން ބުނުމުން ރަމީޒްއަށް ސަލާމް ކުރުމުގެ ގޮތުން ޒިޔާދު އަތް ދިއްކޮށްލިއެވެ. އެވަގުތު ރަމީޒް ސަލާމް ކުރުމަށް އަތްދިއްކޮށްލުމުގެ ބަދަލުގާ ޒިޔާދުގެ މޫނަށް ބަލާލިއެވެ. އެބެލުމުގާ ރުޅިވެރި ގޮތެއް ހުއްޓެވެ. ޒިޔާދު ވަރަށް ހާސްވިއެވެ. ސާނިޔާ ވެސް ހާސްވެ ރަމީޒް އާއި ދިމާލަށް ބަލަން ހުއްޓެވެ. ” ބައްޕާ ކިހިނެއްވީ ” ސާނިޔާ އަހާލިއެވެ. ސާނިޔާގެ ސުވާލާއެކު ރަމީޒް އެމީހުންނަށް ފުރަގަސް ދިނެވެ. ޒިޔާދު އިސްޖަހާލިއެވެ. ރަމީޒް އެމީހުންނަށް ފުރަގަސްދީގެން ހުރެ ސަމާސާ ގޮތަކަށް ހީލިއެވެ. ސިއްރުންނެވެ. ޒިޔާދު އިސްއުފުލާ ސާނިޔާއަށް ބަލާލީ އަސަރުން ފުރިގެންވާ ގޮތަކަށެވެ. އެބެލުމުގަވާ ހިތާމަ ސާނިޔާއަށް އިހްސާސް ކުރެވުނެވެ. ގިނައިރު ވަމުން ދިޔަވަރަކަށް ޒިޔާދުގެ މޫނު މަތިން ހާސްކަމާ، ކަންބޮޑުވުން ފެންނަމުން ދިޔައެވެ.
” ކޮންދުވަހަކުން ކައިވެނި ކުރަން ގަސްތުކުރަނީ ” ރަމީޒްގެ އަޑަށް ދެމީހުން ސިހުނެވެ. ރަމީޒްގެ ސުވާލު އަމާޒު ކުރީ ޒިޔާދަށެވެ. ” ވީހާވެސް އަވަހަކަށް ކައިވެނި ކުރަން ބޭނުންވަނީ. ގިނަދުވަސް ކުރާކަށް ބޭނުމެއްނޫން ” ޒިޔާދު ބުންޏެވެ. ” ބައްޕަ ތިކައިވެއްޏަށް ނުގަބޫލު ވެއްޖެ ނަމަ….. ” ރަމީޒް މިހެން ބުނުމުން ސާނިޔާގެ އަނގަހުޅުވި، ދެލޯބޮޑުވެގެން ދިޔައެވެ. ޒިޔާދުއަށް ހައިރާންކަމާއެކު ބަލާލެވުނީ ސާނިޔާއަށެވެ. ” ބައްޕަ ކީއްވެގެންތަ ތިހެންތިބުނީ. ކީއްވެތަ ގަބޫލް ނުވާންވީ ” ސާނިޔާގެ ލޮލުން ކަރުނަ ފައިބާތަން ބަލާކަށް ޒިޔާދުއަކަށް ކެތެއް ނުކުރެވުނެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން ގޮސް ޒިޔާދު ހުއްޓުނީސާނިޔާގެ ގާތުގައެވެ. ހިތްދަތިކަމާ ހިތާމަޔާއެކުއެވެ. ” ހުއްޓާލާ ސާނިޔާ. މިއަދު ބައްޕަގެ ނިއްމުމަކީ އަހަރެންނަށް ބަދަލު ކުރެވޭނެ އެއްޗެއް ނޫން. ބައްޕަ ނުގަބޫލު ވިއްޔާ އަހަރެން މިކައިވެނި ކުރާކަށް ބޭނުމެއްނޫން ” ޒިޔާދުގެ ދެލޯ ފެންކަޅި ވެގެން ދިޔައެވެ. ސާނިޔާ ވޭނުން ފުރިގެންވާ ނަޒަރަކުން ޒިޔާދުއަށް ބަލާލިއެވެ. ” ނޫން ޒިޔާ. އަހަރެން ބައްޕައަށް ވިސްނަދޭން މަސައްކަތް ކުރާނަން ” މިހެން ބުނެ ސާނިޔާ ޒިޔާދުގެ މޭގަ ބޯޖައްސާލިއެވެ.
ޒިޔާދާއި ސާނިޔާގެ ލޯބީގެ ވަރުގަދަކަން ރަމީޒުއަށް އެހިސާބުން އެނގިގެން ދިޔައެވެ. އެކަކު އަނެކަކަށް ބޭނުންވާ މިންވަރު އެނގުނެވެ. ރަމީޒު އެހެން ވާހަކަ ދައްކާ، އަމަލުތައް އެހެން ބެހެއްޓީ އެކައިވެއްޏަށް ނުގަބޫލު ވެގެނެއް ނޫނެވެ. އެހެންހެދީ އެކަކު އަނެކަކަށް އެދެނީ ކިހާވަރަކަށްތޯ ބަލާލުމަށެވެ. ” ސާނިޔާ ދެން އަހަރެން ދަނީ ” މިހެން ބުނެ ޒިޔާދުގެ މޭގަ ޖެހިފަހުރި ސާނިޔާގެ ބޯ ދުރުކޮށްލިއެވެ. ޒިޔާދުއަށް ސާނިޔާ ދުރުކޮށްލުމަކީ ފަސޭހަކަމެއްނޫނެވެ. ނަމަވެސް އެގޮތަށް އެކަން ކުރަންޖެހުމުން ހިތާ ދެކޮޅަށް އެކަން ކުރީއެވެ. ސާނިޔާ ދުރުކޮށްލުމަށްފަހު ޒިޔާދު ހިނގައިގަތި ގެއިން ނިކުންނާށެވެ. އެވަގުތު ސާނިޔާ ޒިޔާދުގެ އަތުގާ ހިފެހެއްޓިއެވެ. އޭރުވެސް ސާނިޔާ ރޮމުން ދިޔައެވެ. ރަމީޒު ބަލާވެސް ނުލާ ހުއްޓެވެ. އަތުގެ ނުފުށުން ފައިބަމުންދިޔަ ކަރުނަތައް ޒިޔާދު ފޮހެލުމަށްފަހު ޒިޔާދުގެ އަތުގާ ސާނިޔާ ހިފަހައްޓާފަހުރި ސާނިޔާގެ އަތް ނައްޓާ ލުމަށްފަހު ކުރިއަށް ހިނގައިގަތެވެ. ސާނިޔާ ހަދާނެ ގޮތްހުސްވެ ބައްޕާއޭ ގޮވަމުން ހުރިތަނަށް ތިރިވިއެވެ. ދޮރުން ބޭރަށް ނިކުތުމަށް ޒިޔާދު އެޅިފިޔަވަޅަށް ހުއްޓުން އައީ ރަމީޒުގެ ގޮވާލުމުންނެވެ. ރަމީޒުގެ އަޑަށް އިސްދަށަށް ޖަހައިގެން އިން ސާނިޔާ ސިހިގެން ދިޔައެވެ.
11 Comments
Comments are closed.
Varah Reethi. Avahah Aneh Bai up Kohdhy. Waiting.
Haadha kurey
Alhe nisadhu hadha gohey hanaa akaa nisadhuaka dhen nugulhey ziya &hanaa gulheynee v reethi egey mi prtves?
Thanx SHAA
Ekamaku Vaa vvvv Salhi kiyaa hithun hutta mi part vess nimuny please please avahah up kohdhee bala please please
adhi miadhu one part up kohla dheebaa pls pls
I couldn’t c part 21..where is it writer
Me too
Mivaahakaige 21 vana bai koba
Whare is 21 part?
Masha allah stry v v rythi v v furihama ?? nishaadhu haadhagoahey dhw alhe emme faharakuves thimaamyhaage kuh ihusaas nuveytha? Hama evves eh chenhithakannaaraatha?? whn nxt prt avahah up kolladhybala n kobaa 21 vanabai ebainufenun khajja akah anekkaa ebai sensor ah dhiyaeetha??? but mibai v rythi gud nyt ly???❤?