Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިން ހިނިތުންވެލާށޭ 5

maroon Level 710 Stories100 Comments500 Comments100 Login1K Comments100 Stories
September 16, 2017 8 Mins Read
39 Comments

ޝައިމްމެން މައުރިބު ނަމާދުން ފައިބައިގެން އައިއިރު ބަދިގޭގެ ސުފުރާމަތި ވަނީ އެކިކަހަލަ ކާތަކެތިން ފުރާލާފައެވެ. ކުޅިތާކެއްޗާއި ފޮނި ކާތަކެއްޗަކެވެ. އަދި އެކި ވައްތަރުގެ ބުއިންތަކެވެ.

“ޝައިމް ދޭބަލަ މަލަކާއަށް ގޮވާލަން. ދެނަމާދު ދޭތެރޭ ބޭރަށް ނުދާށޭ ބުންޏަސް އެމަންޖެއަކަށް ނުހުރެވޭނެ ނުނިކުމެ. ދެއްމެ ދުށިން ފޯނު ހިފައިގެން އެދިމާލަށް ނިކުތްތަން” މަލަކާއަކީ ހުރި ހަމައެކަނި ދަރިފުޅުކަމުން ސަމީހާ އަދިވެސް ދެވެން އޮތް އެއްމެ ފުރިހަމަ ރައްކާތެރިކަމެއް މަލަކާއަށް ދެއެވެ.

ޝައިމް ދެކޮޅު ހޯދަމުން ބޭރަށް ނިކުތް އިރު އުދޯލީގައި އިން މަލަކާ ފެނި އެދިމާލަށް ހިގައިގަތެވެ. މަލަކާ ހުރީ ޝައިމްއާއި ފުރަގަސްދީގެން ކަމުން މަލަކާ ހުރީ ފޯނެއްގައި ކަން ޝައިމްއަށް ނޭނގެއެވެ.

“ނިއަމް! މަލަކާ ބޭނުމީ އެއްމެ ސުވާލެއްގެ ޖަވާބު. ނިއަމް މަލަކާއަށް އިތުބާރެއް ނުކުރަންތަ. މިވީ ހުރިހާ ދުވަހެއްގެ ތެރޭގައި ދެމީހުން ބިނާކުރި ގުޅުން ނިއަމް ތި ނިއްމާލަނީ އެހެން މީހެއްގެ ބަހަށްތަ. އެއްފަހަރު ނަމަވެސް ކީއްވާނީ ހަގީގަތް އަހައިލިއްޔާ. މިއަދު ގުޅާފަ އިތުބާރު ކުރެވެން ނެތޭ ތިބުނަނީ ދައްކާނެ ބަހަނާ ހުސްވީމަތަ. މިއޮތް ހުރިހާ ދުވަހު ނިއަމްގެ މަލަކާއާއި ދުރުތިވާ ސަބަބު މިރޭ އެގިއްޖެ” މަލަކާއަށް ތުރުތުރު އަޅަމުން ހިތުގައި އުފެދިފައިވާ ޝަކުވާތައް ބޭރުކޮށްލެވުނީ ކިރިއާއެވެ. އަޑު ބެދިއްޖެއެވެ.

ޝައިމްގެ ފިޔަވަޅުތަކަށް ހުއްޓުން ގެނުވީ މަލަކާ ހުރީ ފޯނެއްގައި ކަން އެނގުމުންނެވެ. ދާން ހިގައިގަތަސް އަނެއްކާވެސް ހުއްޓުވީ މަލަކާގެ ކުރަކިވެފައިވާ އަޑެވެ. އަދި އެޔަށްފަހު އިވެން ފެށި ގިސްލުމުގެ އަޑެވެ.

މަލަކާ ފޯނު ކަނޑާލީ އިތުރަށް ޝަކުވާ ކުރަން ބޭނުން ވިޔަސް އެހިތްވަރު މިވަގުތު ނެތުމުންނެވެ. ހިތް ކުދިކުދިވެފައި ހާލު މަލަކާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އެގެއްލުނީ ހަމައެކަނި ލޯބިވެރިޔާއެއް ނޫނެވެ. އެއީ މަލަކާގެ އެއްމެ ގާތް އެކުވެރިޔާވެސްމެއެވެ. ފަޑުނުވެ ދެކެމުން އައި ކުރިމަގުގެ ހުވަފެންތައް ބިލާހަކަށްވީއެވެ. ދެތިން މިނެޓް އެގޮތުގައި އިނުމަށްފަހު މަލަކާ އެތަނުން ދާން ހިނގައިގަތީ ގިސްލެވޭ ހާލު ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެމުންނެވެ. ފުރަތަމަ ދެތިން ފިޔަވަޅު އެޅުމަށްފަހު ލޯމަތިން އަތް ނެގިއިރު ޝައިމް ކުރިމަތީގައި ހުރުމުން ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ. އަދި މަލަކާ އަވަސް އަވަހަށް އަނެއް ފަރާތަށް އެބުރުނެވެ. އެއްވެސް މީހަކަށް ރޯތަން ދައްކަން ބޭނުންނުވާތީއެވެ.

“މަލަކާ” ޝައިމްގެ ހިތަށް އެވަގުތު ވެރިވެގެން ދިޔަ އިހްސާސްތަކެއްގެ އޮއިވަރުގައި މަލަކާއަށް ގޮވާލެވުނެވެ.

“ކީކޭ” ޝައިމް ގޮވާލުމުން ފަސްއެބުރި ބަލާލުމުގެ ބަދަލުގައި މަލަކާ އަހައިލީ ކިރިއާ ޝައިމްއަށް އަޑުއިވޭ ވަރަށެވެ.

“މަލަކާ މަންމަ ބުނި ސައިބޯން އަންނަން” ދެމީހުންގެ މެދަށް އެވަގުތު ކުޑަ ހަމަހިމޭންކަމެއް ވެރިވުމަށްފަހު ޝައިމް ބުނެލިއެވެ. އެއީ އެވަގުތު ހިތުން މަލަކާއަށް އިއްވާލަން ބޭނުންވި ބަސްތަކެއް ނޫނެވެ.

މަލަކާ އަވަސް އަވަހަށް ކަރުނަތައް ފުހެލަމުން އެތެރެއަށް ދާން ހިނގައިގަތީ ޝައިމް ކައިރިން ދިޔައިރު ބަލާވެސް ނުލައެވެ. ޝައިމްވެސް މަލަކާގެ ފަހަތުން ގޮސް ބަދިގެއަށް ވަނެވެ. އޭރު އެއްމެން ސައިބުއިމާގެން ކުރިއަށް ދަނީއެވެ. މޭޒު ކައިރީގައި ހުރީ ހުސް ދެގޮނޑިކަމުން ޝައިމްއާއި މަލަކާއަށް އިންނަން ޖެހުނީ ކައިރީގައެވެ. މަލަކާ ދިޔަ ގޮތަށް ގޮސް ގޮނޑީގައި އިށީނުމަށްފަހު މެދުގައި ހުރި ޗޮކުލެޓް ކޭކު ތަށި ކައިރިއަށް ގެނެސް ކާން ފެއްޓިއެވެ. ހީވަނީ ފުރިފައި އޮތް ސުފުރާ މަތިން ފެންނަނީ ކޭކު ތަށި އެކަނި ހެންނެވެ. އެއްމެން މަލަކާގެ ހަރަކާތްތައް ބަލަން އިންކަން ނޭނގި އިސްޖަހައިގެން އިނދެ ފަހަރަކު ކޭކު ފޮއްޗެއް ކަމުން ދިޔައެވެ.

“ދަރިފުޅާ މަލަކާ، ހުރިހާ ކަމެއް ރަނގަޅުތަ… މިތާ އެބަހުއްޓޭ ހެދިކާވެސް” މަލަކާގެ ކުރިމައްޗަށް ވާގޮތަށް އިން ސަމީހާ އަހައިލީ ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އެނގުމުންނެވެ. މަލަކާގެ އުމުރުން ބާވީސް އަހަރު ފުރިފައިވާ އިރު މަންމައެއްގެ ހައިސިއްޔަތުންނާއިއެކު މަލަކާގެ މިޒާޖު ވަރަށް ރަގަޅަށް ދަސްވެއްޖެއެވެ. ދެރަވެ ކަންބޮޑުވާއިރު މަލަކާ ފޮނިކާތަކެތިން ބަނޑުފުރާލާ ތަން އެތައް ފަހަރަކު ފެނިއްޖެއެވެ. މިހާރުވެސް ފެންނަނީ އެމަންޒަރެވެ.

“މިކޭކު މީރުވީމަ ކެވެނީއޭ މަންމާ” އިހްސާސްތައް ފޮރުވަމުން މަލަކާ ބުނެލިއެވެ. ނަމަވެސް މަންމައަކަށް އެމައެއްގެ ދަރިއެއްގެ ހާލަތު ސިއްރު ކުރެވޭނެ ހެއްޔެވެ؟ އެއްމެން ތެރޭގައި އެވާހަކަ ނުދައްކަން ސަމީހާ އެވާހަކަ ފަސްކޮށްލިއެވެ.

ސަޔަށް އިންސާފުކުރެވެމުން ދިޔައިރު އެއްމެން އެކި މައުޟޫތަކުގައި އުޅެމުން ދެއެވެ. ޝައިމް ވެސް އެމީހުންނާއި ދޭތެރެއަކުން ބައިވެރިވި ނަމަވެސް ސަމާލުކަން ހުއްޓިފައިވަނީ މަލަކާއަށެވެ. މިލާފައިވާ މޫނުމަތިން ގަދަކަމުން ހިނިތުންވެލިއަސް މަލަކާ ފޮރުވަމުން ދިޔަ ހުރިހާ ކަމެއް ޝައިމްއަށް ފެންނަމުން ދިޔަ ކަހަލައެވެ. ސަމީހާ އެހުމަށްފަހު ކޭކު ކެއުން އިރުކޮޅަކު މަޑު ޖައްސާލުމަށްފަހު އަނެއްކާވެސް ކުރިއަށް ދަނީއެވެ. ލޮލުން ކަރުނަ ނުފޭބިއަސް ލޯ ތެރެއިން ވިދަމުންދާ ކަރުނައިގެ އަސަރު ފާޅުގައި ފެންނަމުން ދެއެވެ.

ޝައިމް މަލަކާއަށް ބަލަން އިނދެފައި މަލަކާގެ އަތް ވަށައިލެވިފައިވާ ތަށްޓައް އަތް ދިއްކޮށްލީ ކޭކު ފޮއްޗެއް ނަގާށެވެ. ޝައިމްގެ އަތް ތަށްޓާއި އަމާޒުވުމުން މަލަކާ ޝައިމްއަށް ލޯއަޅައިލައި ކޭކު ތަށި ގާތަށް ޖައްސާލިއެވެ.

“މަލަކާ ޝައިމްއަށް ކޭކު ކޮޅެއް ދީބަލަ، މެހުމާނުންނަށް އިހްތިރާމްކުރަންވާނެ އިނގޭ” އެވަގުތު އެތަން ފެނުނު ފާއިޒު ބުނެލިއެވެ. ޝައިމް ކާމިޔާބީގެ ހިނިތުންވުމަކާއި އެކީ މަލަކާއަށް ބަލާލިއެވެ. މަލަކާ ލޯކުޑަކުރަމުން ކޭކުތަށި ޝައިމްއަށް ދިއްކޮށްލިއެވެ. އޭރު ކޭކުތަށީގެ އޮތީ އެއްމެ ދެފޮއްޗެވެ. ޝައިމް ފުރަތަމަ ކޭކު ފޮތި އޭނާގެ ތަށިގައި ބޭއްވުމަށްފަހު ދެވަނަ ފޮތިވެސް ނަގަން އަތް ދިއްކޮށްލިއެވެ.

“އައްދިއްޔޯއި” ކޭކަށް އަތް ފޯރުވުމާއި އެކީ ޝައިމްގެ ފަޔަށް ކުއްލި ތަދެއް އަރައިގެން ދިޔައީ މޭޒު ދަށުން މަލަކާގެ ހަމަލާއަށް އައުމުންނެވެ.

“ކިހިނެތްވީ ދޮންބޭ” ޝައިމްއާއި ޖެހިގެން އިން އަޝްވާ އަހާލިއިރު އެއްމެންގެ ނަޒަރު ހުއްޓިފައިވަނީ ޝައިމްއަށެވެ. ޝައިމް ލޮލުގެ ހިމަކޮޅުން މަލަކާއަށް ބަލާލި އިރު މަލަކާ ނޫންކަމަށް ހަދައިލައިފައި އެއްމެންހެން ދެލޯ ބޮޑުކޮށްގެން ޝައިމްއަށް ބަލަން އިނެވެ.

“ކަމެއް ނުވޭ ފަޔަށް ކުޑަ ތަދެއް އެރީ” ޝައިމް އެހެން ބުނެލުމަށްފަހު މަލަކާއަށް ބަލާލިއެވެ. އޭރު ފަޑު ހިނިތުންވުމެއް މަލަކާގެ ތުންފަތްމަތީގައިވެއެވެ. އެހެންޏާ މަލަކާއަށް ލަޑު ދިނުމުން ކާމިޔާބު ލިބުމުން ރުޅި އަންނަ ޝައިމްއަށް މިފަހަރު ކުރެވުނީ އެހެން އިހްސާސެކެވެ. މަލަކާގެ ހިނިތުންވުން ޝައިމްގެ ހިތްވެސް ހިނިތުން ކުރުވައިފިއެވެ.

އެއްމެ ފަހު ކޭކު ފޮތި ކެއުމަށްފަހު މަލަކާ ސައިބޮއި ނިއްމާލުމަށްފަހު ކޮޓަރިއަށް ވަނެވެ. ޝައިމް ހުރީ މަލަކާއާއި ވާހަކަ ދައްކާލާ ހިތުންކަމުގައި ވިޔަސް އެފުރުސަތު ނުލިބުނެވެ.


 

ނިދާ މާހައުލު ތަފާތުވުމުން ޝައިމް ނުނިދިފައި ދެކޮޅަށް ފުރޮޅި ފުރޮޅި އޮތުމަށްފަހު ނުނިދުމުން ޝައިމް ބޭރަށް ނުކުތެވެ. ބޭރަށް ނުކުމެ އެލުވައިފައި ހުރި އުނދޯލީގައި އޮށޯވެ އުޑު މައްޗަށް ބަލާލިއިރު ފެނިގެން ދިޔައީ އެހެންޏާ ހަމަ ލޮލަށް ވަރަށް ނުފެންނަ މަންޒެރެކެވެ. ވިލާތަކުގެ އަސަރު ފެންނަން ނެތް ކަޅުކަންގަދަ އުޑުމަތީގައި ރޭގަނޑުގެ ރާނީ ރަނިކަން ކުރަމުން ދިޔައީ އެއްމެ ފުރިހަމަ ޝާހީ ކަމާއެކީގައެވެ. ކާއިނާތުގައިވާ ތަރިތައް ހަނދާއި ބައިވެރިވެ އިތުރު ފުރިހަމަ ކަމެއް ގެނެސްދެމުންދިއެވެ. ދޭތެރެއަކުން ޖެހޭ ފިނިވައިރޯޅިން މޭފުރިގެން ދެއެވެ. މުޅި މާހަލުގައި ވަނީ ހަމަހިމޭންކަމެވެ.

މި ގުދުރަތީ ފުރިހަމަ ކަމަށް ގެއްލިގެން އޮތް ޝައިމް ސިއްސައިގެން ދިޔައީ ކުއްލިއަކަށް އިވުނު އަޑުންނެވެ. ވަށައިގެން ހޯދާލުމަށްފަހު މީހެއްގެ ހިލަމެއް ނުވުމުން ޝައިމް އެތެރެއަށް ދިޔައީ އެއީ އެތެރެއިން އިވުނު އަޑެއް ކަމަށް ބަލާފައެވެ. އަލިކަން މަޑު ސިޓިންރޫމުގައި މަޑު ފިޔަވަޅުތަކެއް އަޅަމުން ޝައިމް އަޑު އިވުނު ދިމާލެއް ހޯދަމުން ދިޔައެވެ. އެވަގުތު ލޮލުގައި އަޅައިގަތީ ބަދިގޭގެ ބޮކިން ދެމުންދާ އައްޔެވެ. މިވަގުތު ބަދިގޭގައި އުޅޭނީ ކާކުބާ ހިތަށް އަރައި ޝައިމް ބަދިގެއާއި ދިމާލަށް ދިޔައީ ކަރު ހިއްކައިގެން ހުރުމުންވެސް މެއެވެ.

ޝައިމް ބަދިގޭގެ ދޮރުން ބޯދިއްކޮށްލައި އެތެރެ ބަލައިލިއިރު ސިންކު ކައިރިއަށް ގުދުވެލައިގެން މަލަކާ އޮތެވެ. އޭރު އަތުގައި ތަށްޓެއް އޮތް އިރު އަނެއް އަތުން ސަމުސަލުން އެއްޗެއް ކަމުން ދިޔައެވެ.

“މަންމަ މަލަކާއަށް ވާވަރަށް ކާން ނުދެނީތަ ވަގަށް ތިކަނީ” ޝައިމް ފުރިޖާއި ދިމާލަށް ހިނގައިގަންނަމުން މަލަކާ ހުރި ގޮތް ފެނި ޖެއްސުންކޮށްލިއެވެ. މަލަކާ ޝައިމްއަށް ޖަވާބު ނުދީ ކެއުމައިގެން ކުރިއަށް ދިޔައެވެ.

“ތިވަރަށް ކައިގެން ފަލަ ނުވިއްޔާ ރަނގަޅު” މަލަކާ އެޔަށް ރައްދެއް ނުދިނުމުން ޝައިމް އަށް އުނދަގޫވުމުން ބުނެލިއެވެ.

“ޖެއްސުން ނުކުރިއަސް ރީއްޗަށް ދޭށޭ ބުނުމުން ދޭނަމޭ. އެހެން ނޫނަސް މަލަކާ ކައިގެން ފަލަ ވިޔަސް ޝައިމްއަށް ކީއް” ކާން އިން ހޫނު ފުޑިން ތަށި ޝައިމްއަށް ދިއްކޮށްލަމުން މަލަކާ ބުނެލިއެވެ. ޝައިމް ބޯ ހަލުވާލަމުން ނޫނެކޭ ބުނެލިއެވެ. މިރޭ އިރާކޮޅު ވީ ކަންތަކަށްފަހު މަލަކާ އެހާ ހަމަޖެހިލައިގެން ހުރުމުން ޝައިމްގެ ހިތަށްވެސް ހަމަޖެހުން ލިބިގެން ދިޔައެވެ.

“ސޯޓް ލީމަ ވަރަށް ހުތުރު” މޭޒު ކައިރީގައި ލެގިލައިގެން ހުރި ޝައިމްއަށް ބަލާލަމުން މަލަކާ ބުނެލިއެވެ.

“އެހެންތަ.. އަދި އެއްވެސް ކުއްޖެއް ނުބުނޭ ތިހެން. އަނެއްކާ މަލަކާ ތިހެން ތިބުނީ އަހަރެން މަލަކާ ތިހެން ބުނީމަ ސޯޓް ގިނައިން ލާނެ ކަމަށްތަ” ޝައިމް ހުރީ މަލަކާއާއި ވާހަކަ ދައްކާލަން ބޭނުންވެފައެވެ.

“މާ ރީތި މީހެކޯ”  ލޯ އަޅާލަމުން މަލަކާ މަޑުމަޑުން ބުނެލިއަސް އެއަޑު ޝައިމްއަށް އިއްވާލަން ބޭނުންވިއެވެ.

“ތިވެސް މާރީތި ކުއްޖެއް ނޫނޭ. އިސްތަށިގަނޑު ހީވަނީ ސަފަރުކައްދަގެ އިސްތަށިގަނޑުހެން” ޝައިމް ހެމުން ބުނެލިއެވެ. ޝައިމް އެހެން ބުނުމާއި އެކީ މަލަކާ ބޮލުގައި އަތް އަޅާލީ އެއީ ތެދެއްތޯ ބެލުމަށެވެ. ނިދާ ތެދެވެގެން ލޯގަނޑުން ބަލާވެސް ނުލައި ބަދިގެއަށް އައިއިރު އިސްތަށިގަނޑު މިއޮތީ އެއްކޮށް ހޭވިފައެވެ. ކުޑަ ރާޅު ބާނިތަކެއްގައި ބުޅިކޮށް ހެދިފައި އޮތް އިސްތަށިގަނޑު އޮތީ ތަރުތީބު ގެއްލި އެގޮތް މިގޮތަށެވެ. މަލަކާ އަވަސް އަވަހަށް އިސްތަށިގަނޑު ރީތި ކޮށްލުމަށްފަހު އަތުގައި އޮތް ވޫލްކޮޅުން މައްޗަށް ބޮޑު ހުޅިއެއް ޖަހާލިއެވެ.

“މިހާރު އޯކޭއެއްނު” ފުރިޖަށް ފުޑިންތަށި ލުމަށްފަހު މަލަކާ ޝައިމްގެ ކުރިމައްޗަށް އަރައި ދެބުމަ މައްޗަށް އަރުވާލަމުން ބުނެލިއެވެ.

“މިހާރު ވަރަށް ރީތި” މިފަހަރު ޝައިމް ކުރީ ޖެއްސުމެއް އަދި ސަމާސާއެއް ނޫނެވެ. އެހެންޏާ އިސްތަށިގަނޑުން ބައެއް ފޮރުވިފައި އޮންނަ މަލަކާގެ މޫނު މިހާރު ސާފުކޮށް އެބަ ފެނެއެވެ. ޝައިމް ރީއްޗޭ ބުނުމުން މަލަކާގެ މޫނުމައްޗަށް ވެރިވި ފުޅާ ހިނިތުންވުމަށް ގެއްލިފައި ޝައިމް ހުރީ ހިތުން ތައުރީފުގެ ބަސްތައް އޮއްސަމުންދާ ހާލުގައެވެ. އެލޯބި ހިނިތުންވުން ފުރަތަމަ ފަހަރަށް ޝައިމްގެ ހިތް ފަތަހަ ކުރިއެވެ. ބަލާ ފޫހި ނުވާނެ ފުރިހަމަ ކަމެއް ޝައިމްއަށް މަލަކާގެ މޫނުމަތިން ފެންނަމުންދާތީ އެސްފިޔަވެސް ޖަހައިނުލައި ބަލަން ހުރެވުނެވެ.

“ހަމަ ތިހާ ރީތީތަ” މަލަކާ ޝައިމްގެ މޫނުމަތީ އަތް ހިންގާލަމުން ބުނެލީ އިތުރަށް ހިނިތުންވަމުންނެވެ. ޝައިމްއަށް އޭނާގެ ހިޔާލީ ދުނިޔެއިން ބޭރު ވެވުނީ ދެވަނަ ފަހަރަށް މަލަކާ ޝައިމްއާއި ވާހަކަ ދައްކާލުމުންނެވެ.

“ދަނީ.. ގުޑް ނައިޓް ޝައިމް.ސޮރީ ސައިބޯން އިނދެ ޖެހުނީމަ” ޝައިމްގެ ސަމާލުކަން ލިބުމުން މަލަކާ ބުނެލައި ނިދަން ދާން ހިނގައިގަތެވެ.

“މަލަކާ” ޝައިމްއަށް ބޭއިހްތިޔާރުގައި މަލަކާއަށް ގޮވާލެވުނެވެ. އޭރު ދޮރުން ނިކުންނަމުން ދިޔަ މަލަކާ ފަސްއެބުރި ޝައިމްއަށް ބަލާލައި ބުމަ އަރުވާލިއެވެ.

“މަލަކާ ދެރައެއްވެސް ނުވޭތަ ނިއަމް މަލަކާއާއި ރުޅިވީމަ” ހިތުގައި އުފެދިފައިވާ ބޮޑު ސުވާލު ޝައިމް ޖެހިލުންވެ ހުރެ އަހައިލީ ދެން ދައްކާނެ އިތުރު ވާހަކައެއް ކުއްލިއަކަށް ސިކުޑިން ނުވިސްނުމުންނެވެ.

“ޝައިމްއަށް އަޑު އިވުނުތަ”ޝައިމް ކައިރިއަށް ހިގައިގަންނަމުން މަލަކާ ބުނެލިއެވެ. ޝައިމް މަޑުމަޑުން އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ.

“އެހެންތަ” ފުން ނޭވާއެއް ބޭރުކޮށްލަމުން މަލަކާ ބުނެލިއެވެ. ޝައިމްއަށް މަލަކާ ރުއިތަން ފެނުނަސް އެއީ ކީއްވެގެން ކަން އެނގޭނެ ކަމަށް މަލަކާ ހީނުކުރެއެވެ. މަލަކާ ކަންބޮޑުވެފައިވާ ހާލު މޭޒު ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ. ނިއަމްގެ ފޯނު ކޯލަށްފަހު މަލަކާ ވަރަށް ހިތްވަރުކޮށްލައިފައި އެއުޅެނީ ހިތުގައި އުފެދެމުންދާ އިހްސާސްތައް ފޮރުވުމައިގެންނެވެ. ނިއަމްގެ ހަނދާންތަކާއި ދުރުވެވޭތޯއެވެ. ސަޔަށްފަހު ކޮޓަރިއަށް ގޮސް ނިދުނަސް ހޭލުނީ ހިތަށް ލިބިފައިވާ ޒަހަމްތަކުގެ ފުންމިން ބޮޑުކަމުންނެވެ. ދެވަނަ ފަހަރަށް ނިދޭ ގޮތް ނުވުމުން ބަދިގެޔަށް އައިސް އަމިއްލައަށް ފުޑިން އަޅައިގެން ކާން ފެށީ އެއީ ދެރަވުމުން އެހިތަށް ތަސައްލީއެއް ލިބޭ ހަމައެކަނި ގޮތް ކަމުންނެވެ.

“މަލަކާ، ސޮރީ އެވާހަކަ ދެއްކުނީމަ” މަލަކާ މަޑުން އިދެ އެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ފެނި ޝައިމް އެވާހަކަ ދެއްކުނު މޮޔަ ހިތަށް އެރިއެވެ.

“އިޓްސް އޯކޭ.. ޝައިމް މިކަން ސިއްރުކޮށްދެއްޗޭ، ހާއްސަކޮށް މަލަކާގެ މަންމައަށް” ދެއަތް މޮޑެލަ މޮޑެލަ އިން މަލަކާ ބުނެލިއެވެ.

“ކީއްވެ މަންމައަށް ސިއްރުކުރަންވީ… “މަލަކާގެ ރާގު ހުރިގޮތުން ޝައިމްގެ ޝައުގުވެރިކަން އިތުރަށް ދަމައިގަތެވެ.

“އެއީ މިހާރުވެސް މަންމަ އުޅެނީ ވަރަށް ބަލިކޮށް. މަންމަ ދެރަވާ ހަބަރެއް ލިބިއްޖެއްޔާ އިތުރަށް ބަލި ބޮޑުވާކަށް މަލަކާ ބޭނުމެއް ނޫން. މަންމަ ވަރަށް އުފަލުން ހުންނަނީ މަލަކާއާއި ނިއަމް އެއްކޮށް އުޅޭތަން ފެނި. މިހާރުވެސް ދޭތެރެ ދޭތެރެއިން އަހާނެ ކޮން އިރަކުހޭ ކައިވެނި ކުރަނީ، މަލަކާ ބޭނުމެއް ނޫން މަންމަގެ އުއްމީދުތައް ގެއްލިއްޖެ ހަބަރު ދޭން” މަލަކާ ލޮލުން ކަރުނަ ތިކިތައް މޭޒު މައްޗަށް ފައިބަމުންދާ ހާލު ވާހަކަ ދައްކަމުން ދިޔައެވެ. ކެތްތެރިކަން ކޮޅުން ލީއެވެ.

“ޝައިމް މަލަކާގެ މަންމަ ކައިރީ ނުބުނެ ހުރެފާނަން. އެކަމަކު އޭރުން މަލަކާއަށް ކިހިނެތްވާނީ. މަންމައަށްޓަކައޭ ކިޔާފަ ހިތާމަތައް ފޮރުވާލަންވީތަ. މަލަކާ މިއީ ނުވާ ކަމަކަށް ހެދިއަސް މިކަން މާގިނަ ދުވަހަކު ސިއްރެއް ނުކުރެވޭނެ. އެހެންނޫނަސް މަލަކާގެ މަންމައެއް ބޭނުމެއް ނުވާނެތަ މަލަކާ އުފަލުގަ އުޅޭތަން ދެކެން” ޝައިމް މަލަކާއަށް ވިސްނައިދެވޭތޯ އުޅުނެވެ. މަލަކާ އުދޯލީގައި އިދެ ރުއި ތަން ފެނި އެހިތުގައި މަލަކާއަށް ހަމްދަރުދީ އުފެދެން ފަށައިފިއެވެ.

“ޝައިމްއަކަށް ނޭނގޭނެ މަލަކާ މަންމަގެ ގޮތެއް” ކަރުނަތައް ފުހެލަމުން މަލަކާ ދާން ތެދުވިއެވެ.

“ނޭނގެންޏާ ކިޔައިދޭންވީނު. އަހަރެންގެ މަންމައެއް ނެތަސް އަހަރެންނަށް އެގޭ އެއްވެސް މައެއް އެމީހެއްގެ ދަރިއަކަށް ދެރައަކަށް ނޭދޭނެކަން” މަލަކާ އާއި އެކީ ގޮނޑިން ތެދުވަމުން ޝައިމް ބުނެލިއެވެ.

“ނިއަމްއަކީ މަންމަގެ ވަރަށް ގާތް ރައްޓެއްސެއްގެ ދަރިއެއް. ނިއަމްގެ މަންމަ ނިޔާވި އިރު މަލަކާ އުޅުނީ ނިއަމްއާއި ރައްޓެހިވެގެން. ނިއަމްއަށް ނޭނގުނަސް ނިއަމްގެ މަންމަ ވަނީ ދެމީހުންގެ ކައިވެނި ކުރުވަން މަލަކާ މަންމަ ކައިރިން އެދިފަ. މަންމަ މަލަކާއަށް ކިޔާދިން ނަމަވެސް މަލަކާ އެވާހަކަ ނިއަމްއަށް ކިޔައި ނުދިނީ ނިއަމްއާއި ނިއަމްގެ މަންމަގެ ގުޅުން އެހާ ރަގަޅު ނޫންވީމަ. އެހެންނޫނަސް ދެމީހުން އުޅެމުން ދިޔައީ ވަރަށް އުފަލުގައި ކަމުން ކޮންމެހެން ވަސިއްޔަތެއް ނޫން ނަމަވެސް ދެމީހުން ތިބީ ވަގުތު ޖެހުމުން ކައިވެނި ކުރަން ތައްޔާރަށް ކަމަށް ވުމުން” މަލަކާ ކުރު ގޮތަކަށް ސަބަބު ކިޔައިދިނެވެ.

“މަލަކާއަށް އެނގޭ ސިއްރުކޮށްގެން މާގިނަ ދުވަހަކު ނުހުރެވޭނެކަން. އެކަމަކު އަދި ބުނާކަށް ބޭނުމެއް ނޫން” މަލަކާގެ ކަންބޮޑުވުން އިތުރުވެފައިވަނީ މަންމައަށް އެކަން އަންގާނީ ކިހިނެތްކަން ނޭނގޭތީއެވެ.

“ޝައިމް މަންމަ ކައރީ ނުބުނާނަން. އެކަމަކު މަލަކާ ތިހެން ހިތު ތެރޭ ހުރިހާ ކަމެއް ފޮރުވައިގެން ހުރުމުން ކަމަކު ނުދާނެއެއްނު، އޭރުން ލިބޭ ތަދު ވާ ބޮޑުވާނެ. ރައްޓެއްސަކާ ނަމަވެސް ހިއްސާކޮށްލާ އިނގޭ” ޝައިމް ހަމްދަރުދީގެ ރާގަކަށް ބުނެލިއެވެ.

“މަލަކާގެ ނުހުންނާނެ ތިހާ ގާތް ރައްޓެހިންނެއް. ހުރި ހަމައެކަނި މީހަކީ ނިއަމް. އެކަމަކު ނިއަމްވެސް މިއަދަކު ނެތް. ދެން ގެންގުޅެން ކުޑަ ޑައިރީއެއް. އެވެސް ގެއްލިއްޖެ” ކަރުނައިން ފުރިފައިވާ ދެލޮލާއި އެކު ކުޑަކޮށް ހިނިތުންވަމުން މަލަކާ ބުނެލިއެވެ.

“ޝައިމްއަށް ކިޔައި ދޭންވީނު” މަލަކާގެ ޑައިރީ އޮތީ އޭނާ އަތުގައި ކަން ޝައިމް ސިއްރުކުރަން ބޭނުންވީ މަލަކާގެ ހިތުގެ ހާލަތު އެގެން ބޭނުންވެފައި ހުރިހެއް ބޮޑުކަމުންނެވެ.

“އަހަ… މިހާރު ބެސްޓް ފުރެންޑަށް ވާ ހިތްވީ އޯ ކުއްލިއަކަށް. މިއޮތް ހާ ދުވަހު ތިއުޅެނީ ޖެއްސުންކުރުމުގަ” ޝައިމްއަށް ލޯ އަޅާލަމުން މަލަކާ ބުނެލިއެވެ.

“ކަން އޯން މަލަކާ. މިރެއަށް އެކަނި… އެހެންނޫނަސް މަލަކާގެ ބެސްޓު ފުރެންޑަށް ވެގެން ދޯ މިގޭގަ ހަމަޖެހިލައިގެން އުޅެވޭނީ” ޝައިމް ބެލީ މަލަކާގެ އިތުބާރު ކޮންމެވެސް ގޮތަކުން ހޯދޭތޯއެވެ.

“އޯކޭ. އެކަމަކު މިރެއަށް އެކަނި އިނގޭ. މާދަމާ އަރާ އިރާ އެކީ ދެމީހުން މީ އެނެމީސް” މަލަކާވެސް ހުރީ ޝަކުވާތައް އެހެންމީހަކާއި ހިއްސާކޮށްލާނެ ފުރުސަތެއް ނުލިބިފައެވެ. އެއީ މިވަގުތު ޝައިމް ކަމުގައި ވިޔަސް މައްސަލައެއް ނެތް ކަމަށް ބަލައިގެންނެވެ.

“ސޯ،… ކީއްވެ ޔޯ ރުޅިވީ” ޝައިމް މައޟޫގެ ދޮރު ހުޅުވާލިއެވެ.

“ރުޅިވީ ދޯ… ނޭނގެ… ނިއަމްއަށް މިހާރު އުޅޭ އޮފީހުން ޖާގަ ލިބުނީ ކުރިން ނިއަމް ރައްޓެހިވި މައިޝާ ކިޔާ ކުއްޖެއް މެދުވެރިކޮށް. މަލަކާ އަށް ނޭނގެ އެދެމީހުން ފަހުން ދިމާވީ ކިހިނެތްކަމެއް އެކަމަކު ނިއަމްއަށް ރަގަޅު ވަޒީފާއެއް ލިބުނީމަ އިތުރަށް ސުވާލުނުކޮށް މަލަކާވެސް އެކަމަކާ ރުހުނީ. އެއޮފީހަށް ވަން ފަހުން ނިއަމްގެ މިޒާޖު އެއްކޮށް ބަދަލުވާން ފެށީ. އެއީ މާބޮޑު ކަމަކަށް ހަދާނުލައި ހުއްޓާ މިރޭ ގުޅާފަ އެބުނީ މަލަކާ އެހެން ފިރިހެން ކުއްޖަކާއި އެކީ ހުރި ތަން ފެނުމުން މިހާރު މަލަކާއަށް އިތުބާރު ކުރެވޭކަށް ނެތޭ” މަލަކާ ޝައިމް ކައިރަށް ޖެހިލަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ.

“އެފޮޓޯ ގަނޑަކީ ޝައިމްއާއި ދެމީހުން ފުރަތަމަ ބައްދަލުވި ރޭ ވާރޭ ތެރޭ ހިގާފައި ދަނިކޮށް ނަގާފައި އޮތް ފޮޓޯއެއް. މަލަކާ އެތައް ފަހަރު ނިއަމްއަށް ވީ ގޮތް ކިޔާ ދިނިން ، އެކަމަކު ނިއަމް ބޭނުމެއް ނުވި އެކަން ގަބޫލުކުރާކަށް. މަލަކާ ހީކުރީ ނިއަމް މަލަކާއަށް ކުރާ އިތުބާރު ފޮޓޯގަނޑަކަށް ވުރެ ބޮޑުވާނެ ކަމަށް. އެކަމަކު އެހެން ނުވި. ދުނިޔޭގަ އުޅެނީ ހުސް އެއްވައްތަރެއްގެ ބައެއް. އެމީހަކު ގަބޫލުކުރަން ބޭނުންވާ އެއްޗެއް ގަބޫލުކުރާނީ” މަލަކާގެ ބަސްތަކުގައި ހިތްވަރު ހުއްޓަސް ހިނދަކަށް ފަހު އެހިތުގައިވާ ހިތާމަތައް އަޑުން ފާޅުވަމުން ދެއެވެ.

“މަލަކާ އަދިވެސް ވަރަށް ލޯބިވޭ ނިއަމް ދެކެ. އެކަމަކު ދެން އެލޯތްބެއް އަބުރާ މަލަކާއަށް ލިބޭނެހެން ހީނިވޭ” ކަރުނައިން ލޯ ފުރިގެން ގޮސް އިހްސާސްތަކާއި އެއްކޮށް ކަރުނަތައްވެސް ބަންޑުންވާން ފެށިއެވެ. ޝައިމް ކައިރީގައި ހުރި މަލަކާގެ އަތުގައި ހިފައިލީ  ހިތްވަރު ދިނުމުގެ ގޮތުންނެވެ. އެވަގުތު އިސްޖަހައިގެން ހުރި މަލަކާ ޝައިމްއަށް ބަލާލިއެވެ. ކަރުނައިގެ ތެރެއިން މަލަކާއަށް ޝައިމްގެ ލޮލުގައި އޭނާއަށްވާ ހަމްދަރުދީގެ އަސަރު ފެނިގެން ދިޔައެވެ. އެހިނދު މަލަކާގެ ކެތްތެރިކަން ކޮޅުން ލައި ޝައިމްގެ ގައިގައި ނުހަނު ބާރަށް ބައްދާލިއެވެ.

“ޝައިމް ، މަލަކާ ދެން ކިހިނެތް ހަދަންވީ. އަދިވެސް ވަރަށް ލޯބިވޭ ނިއަމް ދެކެ. ނިއަމް އަދި އަންނާނެ ދޯ” މަލަކާ އިތުރަށް ޝައިމްގެ މޭތެރޭ ބޮނޑިވެލަމުން ބުނެލިއެވެ. ޝައިމް މަލަކާގެ ބޮލުގައި ލޯބިން އަދި ނުހަނު އޯގާތެރިކަމާއި އެކީ ފިރުމާލިއެވެ. ނޭނގި ނަމަވެސް މަލަކާ ދިޔައީ ޝައިމްގެ ހިތަށް އެގާތްވުމުން އެހެން އިހްސާސެއް ވެރިކުރުވަމުންނެވެ.

“މަލަކާ، ދެން ހުއްޓާލަންވީނު” އެތައް އިރަކު ރުއިމަށްފަހުވެސް މަލަކާގެ ރުއިން ހުއްޓާނުލުމުން ޝައިމް ބުނެލިއެވެ. ނަމަވެސް މަލަކާ ހުރީ އެހާ އަވަހަށް ހުއްޓާލަން ގަސްދުކޮށްގެން ނޫންކަން އަދިވެސް ޝައިމްގެ ގައިގައި ބައްދާލައިގެން ހުރި ގޮތުން ދޭހަވެއެވެ.

“މަލަކާ” ޝައިމް މަލަކާގެ އިސްއުފުލާލަމުން އޯގާތެރިކަމާއި އެކީ ގޮވާލިއެވެ. އޭރު ހިކިފައި ހުރި ކަރުނަތަކުގެ މައްޗަށް ތާޒާ ކަރުނަތައް ފައިބަމުން ދެއެވެ. މަލަކާ އަށް ކުރިން ނިއަމްގެ ފަރާތުން ލިބޭ އޯގާތެރިކަން މިރޭ އެތައް ދުވަހަކަށް ފަހު ޝައިމްގެ ފަރާތުން ލިބެމުންދާތީ ޖަޒުބާތުތައް އުތުރި އަރައިގެން ދިޔައީއެވެ.

ދެމީހުންގެ ހަތަރު ކަޅި ބައްދަލުވުމާއި އެކީ ފުން މިން ނޭނގޭ ކަނޑަކަށް ދެމީހުން އަރަގުވަމުން ދިޔައީ އެއްވެސް އިހްތިޔާރެއް ނެތް ހާލުގައެވެ. ޝައިމް މަލަކާގެ މޫނުގައި ހިފަހައްޓައިގެން ހުރެ ކޯމަތީގައިވާ ކަރުނަތައް ފުހެލަމުން ދިޔައެވެ. މަލަކާއަށްވެސް ޝައިމްގެ އެއޯގާތެރިކަމަށް ފަސްޖެހުމެއް ނެތި އެދެވެމުން ދެވުނެވެ.

“މަލަކާ” ދެމީހުން ވެސް ސިއްސައިގެން ދިޔައީ އެވަގުތު އިވުނު އަޑުންނެވެ.  މަލަކާ ޝައިމް ގެ އަތު ތެރެއިން އަވަސް އަވަހަށް ދޫވެގަތެވެ. ދެމީހުންނަށް ތިބެވުނު ހާލު އިހްސާސް ކުރެވި އެހެން މީހަކަށް އެތަން ފެނުމުން ލަދުގަންނަ ގޮތްވިއެވެ.

Share Article

Follow Me Written By

maroon

Level 710 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (އޮނަތިރީސްވަނަ ބައި)

Next

އަބަދުގެ އަބަދަށް ( ދިހަވަނަ ބައި )

Next
September 16, 2017

އަބަދުގެ އަބަދަށް ( ދިހަވަނަ ބައި )

Previews
September 16, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (އޮނަތިރީސްވަނަ ބައި)

39 Comments!

  1. maroon says:
    September 16, 2017 at 5:09 pm

    Mi vahaka aky mihaaru maroon mihaaru liyan fashaifaiva “thiya asaru” kiya storyge part eh. E vahaka innany ashwin and ashwa adhi ehen kujjege bai. E vaahaka liye ekko nimumun upkodheynan. Around 50 episodes evahakaiga innaanethy maroonge ehen story thakah vure mi storyge part thah kuruvany. Hope you will like the story ? have a good day loves

  2. Nuha says:
    September 16, 2017 at 5:18 pm

    Maroon you’r one of the best among all writer. Always love your stories. The plot twists and the presentation is amazing. Wish you all the best in the future. And eagerly waiting for the next episode and your up coming new story “thiya asaru”

    1. maroon says:
      September 16, 2017 at 9:41 pm

      Thanku nuha ? happyto read ur comment

  3. mal says:
    September 16, 2017 at 5:20 pm

    me first tha anehka vx

    1. maroon says:
      September 16, 2017 at 9:41 pm

      No. Ekam v ufaa vejje comment khlya ?

  4. Rachel says:
    September 16, 2017 at 5:23 pm

    Amilla myhaa ah muhaathabu kuraa iru amilla nan kiyaafa hunna thy v odd.. Heevany kuda dhekudhin ulhey vaahaka eh hen.. Aneh hen v rrethi story

    1. maroon says:
      September 16, 2017 at 9:41 pm

      Thanku rachel . Will try to correct that?

  5. mal says:
    September 16, 2017 at 5:37 pm

    noon dhw.. hihi

  6. shudha says:
    September 16, 2017 at 6:20 pm

    hey maroon… v salhi part eh.. next part avas kohdhechey.. maroon ge aneh story ves heevey hit vaane hen..

    1. maroon says:
      September 16, 2017 at 9:42 pm

      Thanku shudha ?

  7. Twinkle says:
    September 16, 2017 at 6:22 pm

    Varah nice. Wow wow kaakahbaa dhw e fenuny….!!

    1. maroon says:
      September 16, 2017 at 9:42 pm

      Thanku twinkle ? kaakah baa dhw..

  8. Zuam says:
    September 16, 2017 at 7:51 pm

    Maroon…masha Allah .. it’s was soo nice…. N can’t wait for the next part…. N your next story ves varah reethi vaaneh hen heevey…..❤❤❤❤❤❤

    1. maroon says:
      September 16, 2017 at 9:42 pm

      Thanku zuam ?

  9. Naufa says:
    September 16, 2017 at 7:54 pm

    Maasha allah its v v nice n interesting.. Knme bayakah comment nukuriyas aslu kiyan hama.. V reethi mi story.. ?

    1. maroon says:
      September 16, 2017 at 9:43 pm

      Thanku naufa ?

  10. Song joong ki... KOREAN says:
    September 16, 2017 at 8:16 pm

    Varahhhh reethi mi part vx.. Kaakahbaa e fenny!! Waiting for the next part.. Avasss ingey.. ??

    1. maroon says:
      September 16, 2017 at 9:44 pm

      Thanku SJKi. ?Havent decide yet kaakahkan fennaany ,dhn part liyan fashaigathyma egeyny

  11. click a shot ? says:
    September 16, 2017 at 8:20 pm

    Varah reethi mi part ves?..kaakahbaa efenuny…malakaage mom ah tha..waiting for your new story “thiya asaru”.??

    1. maroon says:
      September 16, 2017 at 9:45 pm

      Neyge adhi kaaku kameh ? thanku click ?

  12. Xxxx says:
    September 16, 2017 at 8:31 pm

    ?????????????????????

    1. maroon says:
      September 16, 2017 at 9:45 pm

      Thanku xxxx ?

  13. Addu manje says:
    September 16, 2017 at 8:38 pm

    Varah reethi..❤

    1. maroon says:
      September 16, 2017 at 9:46 pm

      Thanku addu manje. ?

  14. Adha? says:
    September 16, 2017 at 10:23 pm

    Hahaha.. varugadha couple eh.. sooo cute?… one night besties o… varah majaa?? nd varah reethi mi part ves..
    Kaakahbaa dw fennaany!?
    Waitingsssss❤❤❤❤

    1. maroon says:
      September 17, 2017 at 3:48 pm

      Lets who it is tonight in sha allah ? thanku dear

  15. hai says:
    September 17, 2017 at 5:15 am

    VVVVVVVVVVVV obi pls avas kolacha kiya hithunhuravaniki vas nun…

    1. maroon says:
      September 17, 2017 at 3:48 pm

      Thanku hai ?

  16. Rachel Green says:
    September 17, 2017 at 10:18 am

    amilla myhaa ah nisbai koh amilla nan liyefa huryma v odd.. baehfaharu kiyanves v undhagu.. anehehn vaahaka v best..

    1. Ross Geller says:
      September 17, 2017 at 1:18 pm

      im in love with you :-*

    2. Joseph tribiani says:
      September 17, 2017 at 3:19 pm

      How you doin? ?

    3. maroon says:
      September 17, 2017 at 3:47 pm

      Hello rachel. Thanku for ur opinion. I ll correct it and upload a new episode in sha allah tonight ?

  17. mal-mal says:
    September 17, 2017 at 4:25 pm

    wow, an amazing chapter, MashaAllah! ❤❤❤
    waiting for an update of this story as well as your upcoming story!!??????
    well, who has interrupted them?? Malaka’s mom or Ashwa??????

  18. Zaain says:
    September 17, 2017 at 8:21 pm

    Story ehkoh nuvs kiyaa mi comment kohleee hama undaguvegen…. Maroon liumuga ebahuri rangalhukohlan jehey bastah ingey…. misaalakah… Saim mikan shirru kohdeychey.. haahsakoh Malakaage Mamma ah… Malakaage Mamma ah ehen bunyma v hadi asluvs… aharenge Mamma ashey aslu bunan jeheyney…. egotah hama gina jumla takuga ebahuri aharen jahanvaa taakah 2 meehunge nan jahaagen muhaatabu kohfa… Reader asluvs etankolhu rangalhukohlaa… v undaguvey kiyaairuvs…. hamavs nujehey….

  19. Zaain says:
    September 17, 2017 at 8:28 pm

    Zaa hama ekani story simple koh kiyaalanyki nun…. v funkoh visnan story Aa deytere…. readers rangalhukohlanvi kantahtakaa deyterevs visnan… kudi kudi speling mistake tahvs ebahuri… but its k… We r human knw…. leave it…. bt sifakurun hama v reeti… ibaaraaiy kurunvs hama v nice… mibuni kantah rangalhukohleema k vaane… dn story liyefa rangalhah recheck kohleema ehen hunna speling mistake tahvs fennane…

  20. Zaain says:
    September 17, 2017 at 8:37 pm

    Misaalakah… Mamma v ufalun hunnany Malakaaya Niyam ehkoh ulheytan feni… Kihaa huturu Malakaa nan beynun kohfa inyma… aslu innany Mamma v ufalun hunany aharenna Niyam ehkoh ulheytan feni…. Malakaa nan amihlayah bunyma heevany Saim kairi hunany Malakaa eh nuney…. Maroom i jst teling k… its gud for u…. kyp it up dear… ur a gud writter…

    1. maroon says:
      September 17, 2017 at 9:08 pm

      Thanku zaain so much. I really appreciate ur criticism. V ufaa vejje. Thikahala readersge sababun kuri araigen dheveyny. I will try to correct my mistakes. Hope u.will read other parts and help me improve ??

  21. iru says:
    September 17, 2017 at 9:41 pm

    Aley ehkkok mikiyaa hurihaa partu tah ves v v salhi

  22. Xna says:
    September 18, 2017 at 12:35 pm

    Malakaa ulhenee buruga naalhaatha???.diary ga in pic ga buruga alhaafa huri vaahaka otheema….but stry hama v rythu

Comments are closed.


All Right Reserved!