ހެނދުނު ހޭލި އިރު އީރަމްގެ ބޮލުގައި މަޑު ރިހުމެއްހުއްޓެވެ. ހޭލެވެމާއެކު ފުރަތަމަވެސް ފޯނު ބަލާލީ ނާއިލްފަހުން ރޭގައި ގުޅާފައި ނުވަތަ މެސެޖެއް ކޮއްފައި އިންތޯއެވެ. ބަދަލުގައި ހަނާ އާއި ލާމިހްގެ މިސްވެފައިވާ ކޯލުތަކެއް ހުއްޓެވެ. ފޯނު ރިންގްވިއިރުވެސް އީރަމްއަށް ނުހޭލެވޭނެހާ ނިދިގަދައީހެއްޔެވެ. ފޯނު ޗާރޖްއަށް ޖަހަމުން އީރަމް ތެދުވެ އެޅި ފުރަތަމަ ފިޔަވަޅާއެކު ފަޔަށް ބަލާލެވުނެވެ. ފައިތިލައިގައި އައްސާފައިވާ ފޮތިކޮޅު ނައްްޓާލިއިރު ލާމިހްގެ އޯގާތެރިކަން ފުރަތަމަ ފަހަރަށް އީރަމްއަށް އިހްސާސް ވިއެވެ. ރޭގައި ޝުކުރުއަދާކުރެވޭނެ ވަރަށް ވުރެ އީރަމްގެ ހާލު ނާޒުކެވެ. ލާމިހްގެ ކުރިމަތީ އެވަރަށް ރޮވުނީތީ ދެވަނަ ފަހަރަށް އެމޫނު ދެކެން ވެސް އީރަމް ލަދުގަނެއްޖެއެވެ. ލާމިހް ހީކުރާނީ ކީކޭ ހެއްޔެވެ. ހަނާ ވެސް ކަންބޮޑުވެފައިހުންނާނެވަރު އީރަމްއަށް އިހްސާސްވިއެވެ. އޮފީހަށް ދާ ގަޑި ކައިރިވެފައިވި ނަމަވެސް އޮފީހަށް ދާނެހާ ހިތްވަރެއް އީރަމްގެ ނެތެވެ. ހަނާ ގުޅާނެކަން އެނގުމުން މެސެޖަކުން އޮފީހަށް ނުދާނެވާހަކަ އީރަމް އަންގާލިއެވެ. ފަހުން ކޮންމެވެސް ވަގުތެއްގައި ގުޅާނެ ކަމަށް ބުނެ ލާމިހް ގެ ކޯލުތަކަށް އީރަމް އެއްވެސް ޖަވާބެއް ނުދިނެވެ. ފާހަނައަށް ވަދެ ފެންވަރާ ތާޒާވެލައިން އީރަމް ފަތިސް ނަމާދުކޮއްލިއެވެ. ކޮޓަރި ތެރެއަށް ނަޒަރު ހިންގާލަމުން ދެން އުޅުނީ އެތަން ތަރުތީބުކުރުމުގައެވެ.
މެންދުރު ވަގުތު ވުމުން ކޮޓަރިން ބޭރަށް އީރަމް ނުކުތީ ބަނޑުހައިވެގެންނެވެ. ދޮންމަންމަ ފެންނަ ހިސާބުގައި ނެތުން ނަސީބެކޭ އީރަމްގެ ހިތަށް އެރިއެވެ. ގޭގައި ލާން ގެންގުޅޭ ދޫ ހަރުވާޅަކާއި އަތްދިގު ޓީޝާޓުގައި އީރަމް ފެންނަނީ ސާދާ ގޮތަކަށެވެ. އެ ދިގު އިސްތަށިގަނޑު ހުޅިއަކުން ހައްޔަރުކޮއްލާފައި ވާ އިރު ރޭގައި ރުއިމުގެ ސަބަބުން ލޯ ކައިރި ހުރީ ކުޑަކޮށް ދުޅަވެފައެވެ. ސިއްރު ފިޔަވަޅުތަކެއް އަޅާމުން ކާގެއަށް ވަތްއިރު ބޭރު އަންހެނެއް މެންދުރުގެ ކެއުން ތައްޔާރުކުރަން އުޅެއެވެ. އެ ގޭގައި ކައްކާ ހަދަނީ ބޭރު މީހެއްހެއްޔެވެ. ސަލްމާއްތަ ކޮބައިބާއޭ ހިތަށް އެރުމުން އީރަމް ފަސް އެނބުރި ސިޓިންގްރޫމަށް ނަޒަރުހިންގާލިއެވެ. ކައްކަން ހުރި އެ އަންހެން މީހާއަށް ހިނިތުންވެލަމުން އީރަމް ބޭރަށް ނުކުމެވެން ހުރި ދޮރު ހުޅުވާލުމާއެކު އިރުގެ އަލި އީރަމްގެ އެ ރީތި މޫނަށް އެޅިގެންދިޔައެވެ. ގޭގައި މީހަކު ފެންނަން ނެތުމުން އެއްޗެއް ކާކަށް އީރަމްއަކަށް ނުކެރުނެވެ. އެ ގޭގައި ހިނގާލެވޭ ގޮތަކުންވެސް ދޮންމަންމަގެ ރުޅި އަމާޒުވެދާނޭ ކަން އީރަމް ވަރަށް ރަނގަޅަށް ދަނެއެވެ. މިވަގުތު އޭނާ ދާނޭ ވަކިތަނެއްނެތުމުން އެގޭގައި ނޯކިރީ ކޮއްދީގެން ނަމަވެސް ހުންނަން އީރަމް ބޭނުމެވެ. ބޭރުގައި ދުއްވާ އެއްޗިއްސާ ހިނގާމީހުންގެ އަޑު އީރަމްއަށް އިވުނެއްކަމަކު މާ ގަސްތަކަށް ބަލަހައްޓައިން ހުރި ގޮތުން ކަމަކާ ވިސްނަނީކަން އެ މޫނުމަތިން އިނގެއެވެ. ނާއިލްއަށް ހަމަ އޭނާ ނުލާ އުޅެވިދާނެހެއްޔެވެ. އެހެންކަމަށްވަނީ ނަމަ އީރަމް ވެސް ނާއިލް އާއި ނުލާ އުޅެން ދަސްކުރަންޖެހޭނެއެވެ. ހަގީގަތަކީ މިހާރު އީރަމްއެއި މިނިވަނެއްކަމެެވެ. ނާއިލް އާއި އެކު އުޅުމަށްފަހު އާފެށުމަކުން ދިރިއުޅުން ފަށައިގަންނާނެ ގޮތެއް އީރަމް އަކަށް ނުވިސްނުނެވެ. އިނގޭހާވެސް އެއްޗަކީ ހަށިގަނޑުން މުހިއްމު ގުނަވަނެއް ނެތި ދިއުމުން ކުރެވޭ ފަދަ އިހްސާސެއް އީރަމްއަށް ކުރެވޭ ކަމެވެ. އެކަމަކު ދެން ނާއިލްއަށް ޓަކައި އީރަމްއެއް ނުރޯނެއެވެ. ނާއިލް އަށް ވިސްނިގެން އެނބުރި އަަތުވެއްޖެނަަމަ އެކީ އުޅެން ފުރުސަތެއް އީރަމް ދޭނެއެވެ. ފުން ނޭވާއެއް ލަމުން ހިތަށް ވިސްނައިދިނީ މިވަގުތު އޮތީ ކެތްތެރިވުންކަމުގައެވެ. ކޮންމެ ގޮތެއްވިޔަސް ނާއިލް އީރަމް ވަރިކުރިކަން ޒާހިރު އަށްވެސް އީރަމް ކިޔައިދޭން ޖެހޭނެއެވެ. ވިސްނުމުގައި ހުރި އީރަމް ސިހިގެން ދިޔައީ ފަހަތުން ދޮރެއް ލައްޕާލި އަޑަށެވެ. އަވަސް ހަރަކާތަކާއެކު ފަސް އެނބުރި ބަލާލީ ދޮންމަންމައަށް ވެދާނެ ކަމަށެވެ. ނަމަވެސް އީރަމްގެ ކުރިމައްޗަށް ވާ ގޮތަށް ހުރި ކޮޓަރިން ނުކުތީ އަންހެންކުއްޖެކެވެ. ކުރު ސޯޓެއްލައިން ހުރި އިރު ލާފައި ވާ ބާރު ޓޮޕްގެ އަތް އެހާމެ ކުރެވެ. އުނަގަނޑާ ހަމައަށް އަރާ އިސްތަށިގަނޑުގައި މަޑު ގޯލްޑްކުލައެއް ޖައްސާފައިވާއިރު އެ ދޮން މޫނައި ވަރަށް ގުޅެއެވެ. އެ ކުއްޖާ ނުކުމެ އީރަމް ފެނުމާއެކު ދެލޯ ބޮޑުކޮއްގެން ބަލަހައްޓައިން ހުރީއެވެ. އީރަމްގެ މޫނުމަތިން ހިނިތުންވުމެއް ފާޅުވެެގެން ދިޔުމާއެކު ދެން ފެނުނީ އެ އަންހެންކުއްޖާއައިސް އީރަމް ގައިގައި އޮޅުލައިގަތް ތަނެވެ. “އީމް..އައި މިސްޓް ޔޫ ސޯ ސޯ ސޯ މަޗް..” އެ އަންހެންކުއްޖާ އުޅެންފެށި ގޮތުން އުފާވެފައިވާ ވަރު އަޑުން އެކަނިވެސް ހާމަވެއެވެ. “މިގެއިން ގޮއްސަ ނަމްބަރު ބަދަލުކޮއްފަ ހަބަރެއްވެސް ނުވޭ..” މޫނުން ދެރަވާކަން ދައްކާލަމުން އެ އަންހެން ކުއްޖާ ޝަކުވާ ކޮއްލިއެވެ. “އައި މިސްޑް ޔޫ ޓޫ..” އީރަމް ގެ މޫނުމަތިން ހިތްހަމަޖެހުން ފެނިގެންދިޔައެވެ. އެ ގޭގައި އީރަމް އާއި ގާތް ފަރާތަކަށް ހުރީ ޖަނާ އެކަންޏެވެ. ސަލްމާ ޒާހިރުއާއި އިނދެގެން އެގެއަށް ބަދަލުވީ ހުރި ހަމަ އެކަނި ދަރިފުޅު ޖަނާ ވެސް ގޮވައިގެންނެވެ. ޖަނާގެ ބައްޕަ ކައިރީ ހުރުމުގެ ފުރުސަތު ލިބުނު ނަމަވެސް ޖަނާ ބޭނުންވީ ސަލްމާ ކައިރީ ދިރިއުޅޭށެވެ. ޒާހިރު ޖަނާ އަމިއްލަ ދަރިއެއް ގޮތުގައި ބަލައިގަތް އިރު ސަލްމާގެ ހިތުގައި އީރަމް އަށް އުފެދުނީ ނަފްރަތެވެ. އެކަމާ އީރަމް ފުރަތަމަ ދެރަވި ނަމަވެސް މަޑުމަޑުން ސަލްމާގެ ފަރާތުން އަމާޒުވާ ބަސްތަކަށް އީރަމް ހޭނުނެވެ. އީރަމްއަށް ވުރެ އެއް އަހަރު ޖަނާ ކުޑަވިނަމަވެސް އެއީ ހަމަ އީރަމްއަށް ލެއްވި ނަސީބެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޖަނާ އާއި އީރަމް އުޅޭ ގޮތުން އެހެން މީހުންނަށް ހީވާނީ ކޮއްކޮ އާއި ދައްތަހެންނެވެ. އިސްކޮޅުން ދެމީހުން އެއްވަރު ނަމަވެސް ދެމީހުންގެ މިޒާޖު އުޑާއި ބިމާހައި ތަފާތެވެ. ޖަނާ އެއީ އަނގަގަދަ ކަމުގެ އެއްވަނެއެވެ. އީރަމް އެހެން ބުނުމާއެކު އަތަށް ދަމާލަމުން ޖަނާ ގޮސް އިށީނީ ސޯފާގައެވެ. ނާއިލްގެ ވާހަކަ ޖަނާ ފެށުމާއެކު އީރަމްއަށް ޖެހުނީ ހުރިހާ ވާހަކައެއް ކިޔައިދޭށެވެ. “ނާއިލް ހާދަ ގޯހޭ.. ބަލާލާއިރު ވައްތަރެއްވެސް ނޫން އެކަހަލަ މީހަކާ..” ޖަނާ މޫނުމަތިން ފޫހިކަން ފާޅުވެއެވެ. “އީމް ދެރަނުވައްޗޭ.. އެންޑް ފޮގެޓް އެބައުޓް ހިމް..އިރާދަކުރެއްވިއްޔާ އީމް ދެކެ ލޯބިވާ ކެއަރ ކުރާ ކުއްޖެއް ލިބޭނެ..” ޖަނާ އީރަމްއަށް ހިތްވަރުލައިދިނެވެ. “ސަލްމާއްތަ ގޭގައި ނެތީތަ.. ބައްޕަ ވެސް ނުފެނޭ” އީރަމް ސުވާލުކޮއްލިއެވެ. “މަންމަ އޮންނާނީ ނިދާފަ…މެންދުރު ކާން ދެން ތެދުވާނީ.. ޒާހިރުބެ ގެއަށް އަންނާނެ ކަންނޭނގެ އިރުކޮޅަކުން.” ޖަނާ އޮޅުންފިލުވައިދިނެވެ.
އޮފީސް ވަގުތު ޖެހުނުއިރުވެސް ލާމިހް އޮތީ ތެދުވާހިތް ނުވެފައެވެ. ރޭގައި އެއްވެސް ގޮތަކަށް ނުނިދުމުން ލޮލުގައި ރަތް ކަމެއް ހުއްޓެވެ. ހުސެން ގުޅުމުންވެސް ލާމިހް އޮތީ ފޯނު ނުނަގާށެވެ. އެއްވެސް މީހަކާ ވާހަކަދައްކާ މޫޑެއް ނެތް އިރު ވިސްނެނީ އީރަމްގެ ހާލާތާ މެދުގައެވެ. ރޭގެ ފަހުން އަދި އީރަމްގެ ހަބަރެއް ނުވެއެވެ. ހަނާ އަށް ގުޅާލުމުން އީރަމް އޮފީހަށް ނުދާކަން ލާމިހް އަށް އެނގުނެވެ. އާނާ އައިސް އުނދަގޫކުރަން ފެށުމުން ލާމިހް އަށް ޖެހުނީ ތެދުވާށެވެ.
ލޯގަނޑު ކުރިމަތީ ހުއްޓިހުރެ އީރަމް އަމިއްލަ ސޫރަ ބަލާލިއެވެ. ކޮނޑާ ހަމައަށް އިސްތަށިގަނޑު ކޮށާލެވިފައިވާއިރު އީރަމް އާއި ވަރަށް ގުޅެއެވެ. ޖަނާ މިއަދު އޭނާގެ ބޯ ކޮށައިދިނީ އާ ދިރިއުޅުމެއް ފަށަން ބޭނުންވާނަމަ ކަންތައްތައް ބަދަލުކުރަންޖެހޭނެ ކަަމުގައި ބުނެއެވެ. ބޮލުގައި ބުރުސް ކާއްތާލާމުން އީރަމް ކޮޓަރިން ނުުކުމެ މިސްރާބުޖެހީ ކާގެއަށެވެ. ކާމޭޒު ކައިރީ ސަލްމާ ކޮޅަށް ހުރިއިރު ޖަނާ އިނީ އާފަލެއް ކާށެވެ. އީރަމް ފެނުމާއެކު ޖަނާ އިޝާރާތުން ގާތަށް އައުމަށް އެދުނެވެ. “އައްޗީޑި..ހުރި ސިފަ ބަލާބަަލަ..ހީކުރީ އިސްތަށިގަނޑު ކޮށާލީމާ ރީތިވާނެ ކަމައްތަ..” ސަލްމާ މޫނުން ފަކުރުގަނެފައިވާހެން ހީވެއެވެ. އީރަމް އެއްވެސް އެއްޗެއް ނުބުނެ ގޮސް ޖަނާ އާއި ޖެހިގެން އިށީނެވެ. “ޖަނާ ކައިރީ ބުނަމެއްނު މި އަންހެނާ އެހާ ކައިރި ކޮއްގެން ނުގެންގުޅޭށޭ.. ބުނާ ގޮތް ނުހަދާތިި އިނގޭ..” ސަލްމާ ޖަނާ އާއި ދިމާއަށް ހަޅޭލަވައިގަންނަމުން ހިނގައިގަތީ ކާގެއިން ނުކުންނާށެވެ. “މަންމަ ކިޔާ އެއްޗެކަށް އަޅާނުލާ…ޔޫ ލުކް ވެރީ ޕްރިޓީ.. އީމް އާއި ގުޅެނީ ވެސް އިސްތަށިގަނޑު ކުރުވީމަ..” ޖަނާ އީރަމް އަށް އާފަލެއް ދިއްކޮއްލަމުން ބުނެލިއެވެ.
ރޭގަނޑު ދިހައެއް ޖެހީ ލާމިހް އީރަމްމެންގޭ ދޮރު މަތީ ހުއްޓައެވެ. ލައިގެން ހުރި ކަޅު ޖީންސްއާއި ކަޅު ގަމީސް ލާމިހް އާއި ވަރަށް ގުޅެއެވެ. ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފާލި ގޮތުން ހޫނު ވެގެން އުޅޭ ކަން އިނގެއެވެ. އަތުގައި އޮތް ހުދު ފިނިފެންމަަލަށް މަގުމަތިން ދާ މީހުން ބަލާ ވަރުން ލާމިހް ހުރީ އުނދަގޫވެފައެވެ. އީރަމް ގަޔާވަނީ ހުދު ކުލައިގެ ފިނިފެންމާ ދެކެ ކަަމަށް ބުނީ ހަނާއެވެ. ލާމިހް ބޭނުންވީ އީރަމްގެ މޫނުމައްޗައް ހިނިތުންވުމެއްގެންނާށެވެ. އީރަމް އަވަހަށް ނުކުންނާނެ ނަމައޭ ހިތަށް އެރުމާއެކު ދޮރު ހުޅުވާލާފައި ނުކުތް އީރަމް ލާމިހްގެ ލޮލުގައި އަޅައިގަތެވެ. އީރަމް އާއި ކައިރިވުމާއެކު އިސްތަށިގަނޑު ކުރުކޮށް ކޮށާލެވިފައިވާ ކަން އެނގުނެވެ. ލައިގެން ހުރި ކުރުތާއާއި ޖީންސްގައި އީރަމް ފެންނަ އިރު ވަރަށް ހިތްގައިމެވެ. ލާމިހް އައިސް ހުއްޓުމާއެކު އީރަމް ގެ ނަޒަރު ހުއްޓުނީ ފިނިފެންމަލަށެވެ. “ހެއި.. ތޭންކްސް ފޯ ލާސްޓް ނައިޓް..” އީރަމް ލާމިހް ފެނުމާއެކު ބުނެލިއެވެ. “އެއި ޝުކުރު އަދާކުރަންޖެހޭ ވަރުގެ ކަމެއް ނޫން..އައިމް ހިއަރ ފޯ ޔޫ..އޯލްވޭސް..” ލާމިހް އެހެން ބުނުމުން އީރަމްވެސް ހިނިތުންވެލިއެވެ. “މީ އީމް އަށް ދޭ ހިތުން ގެނައިި އެއްޗެއް..” ފިނިފެންމާ ދިއްކޮއްލަމުން ލާމިހް ބުނެލިއެވެ. އޭނާއަށް ހުދު ފިނިފެންމާ ކަމުދާކަން ލާމިހް އަށް އެނގުނީ ކިހިނެއްހެއްޔެވެ. ލާމީހް މާ ދިއްކޮއްލުމާއެކު އީރަމް އޭގައި ހިފަހަމުން ޝުކުރު އަދާކޮއްލިއެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އީރަމް ފެނުމުން ލާމިހްގެ ހިތަށް ބަޔާން ނުކުރެވޭ ފަދަ އުފަލެއް ލިބުނުކަހަލައެވެ.
ގޭގެ ދޮރު ލައްޕަމުން އެތެރެއަށް އީރަމް ވަނުމާއެކު ޓީވީ ބަލަން އިން ޖަނާ އާއި ސަލްމާގެ ނަޒަރު ހުއްޓުނީ އީރަމް ހިފަހައްޓާލައިން ހުރި މަލަށެވެ. ޒާހިރު އިރުކޮޅެއްކުރިން ނިދަން ދިޔައީ ނަސީބެކޭ އީރަމްގެ ހިތަށް އެރިއެވެ. “ވާވް.. ވަރަށް ލޯބި..ކާކު ދިން މަލެއް..” ޖަނާ އީރަމް އައިސް އިށީނުމާއެކު މަލުން ވަސްބަލާލަމުން އަހާލިއެވެ. ވަކި ޖަވާބެއް ނުދެވެނީސް ސަލްމާ އަށް އާދައިގެ މަތިން މަޑަކުންނެއް ނީނދެވުނެވެ. “ނާއިލް ވަރިކޮއްލާއިރަށް މިހާރު އެހެން ފިރިހެނަކާ ހިތާވީ ދޯ..” ސަލްމާ އެހެން ބުނުމާއެކު އީރަމްގެ ހިތަށް ހީވީ ތޫނު ކަށިތަކެއް ހަރާލިހެންނެވެ. ދޮންމަންމަގެ ނަޒަރުގައި އޭނާ ދެކެނީ އެކަހަލަ މީހެއް ގޮތުގައި ހެއްޔެވެ. “ޖަނާާ އަށް.. ކީޕް އިޓް..” އީރަމް ޖަނާ އަށް މާ ދެމުން ހިނގައިގަތީ ކޮޓަރިއަށެވެ.
5 Comments
Comments are closed.
Salaam loves.. ♥️
Didnt get enough time to edit this part.. ☹️.. But hoping you all will like it.. Goodnyt.. ???
Mi vaahaka varah varah reethi…. ekam maa bodah ves kury…
Pls tomorrow digu part eh up kurachey
Vvv rythi
Wow !! Laami dheke avahah eem loabivebala .. Hehe ???