Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތި ލޯތްބަށްޓަކައި (3)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
September 1, 2017 7 Mins Read
18 Comments

 

އެރޭ އައިޒަން އަށް ނިދަންވެސް އުނދަގޫވިއެވެ. ދެލޯ މަރާލާއިރަށް ފެންނަނީ އެ ފަންމިންޏެއްހާ ރީތި  އަންހެންކުއްޖާގެ ރީތި ދެލޯ ފެންކަޅިވެގެން ދިޔަ ގޮތެވެ. އެ ބޮޑުދެލޮލަށް ކަރުނަ ޖަމާވެގެން އައިގޮތެވެ. ގައިމުވެސް ސަބަބަކާއި ނުލާ އެހާ ކުޑަ ކަމަކަށް މީހަކު ދެރައެއްނުވާނެއެވެ. ނޫނީ ހަމަ އަންހެނުން އެހާ ކަންތަށް ދައްކަން ބޭނުންވަނީއެވެ. މައްސަލަގަނޑެއް ޖައްސަން ހަމަ ބޭނުންވަނީއެވެ. އަންހެނުންނަކީ އެކަހަލަ ބައެއްތާއެވެ. ކޮންމެއަކަށް މިފަހަރު މާފަށް އެދެން ޖެހިފައި މިއޮތީ އައިޒަންއަށެވެ.

އެތަށް އިރަކު ނިދިން މަހުރޫމްވެފައި އޮތް އައިޒަންއަށް ނިދުނީ ފަތިސްވެސް ވާން އުޅެނިކޮށްނެވެ.

އަނެއްދުވަހުގެ ހަވީރެވެ. ހަމަ އެގަޑިއަށް އައިޒަން އެތަނަށް ދާން ހިނގައިގަތީ އެ އަންހެންކުއްޖާއާއި ދިމާވާނެކަމުގެ ފޮނި އުއްމީދާއި އެކުގައެވެ. ކުރެވުނު އެ ކުޑަކުޑަ ކަމަށް މާފަށް އެދުމުގެ ގޮތުންނެވެ. އެ ހިތަށް ވާ އުނދަގުލުން އޭނާ ސަލާމަތްވެވޭނީވެސް އެ ފުރިހަމަކަމުން ޖަރީވެފައިވާ އަންހެންކުއްޖަގެ މާފު ލިބިގެންނެވެ. އައިޒަން ވަލުމަގުން ލާފައި އަތިރިމައްޗަށް ނިކުތްއިރު އޭނާ ވެލިގަނޑުމަތީ އިށީނދެ އިންތަން ފެނި ފުން ނޭވައެއްލެވުނެވެ.

އައިޒަން ލަސް ފިޔަވަޅުތަކެއްގައި ގޮސް ނައިނާ އާއި އަރާ ހަމަކޮށްލުމާއި އެކު ނައިނާ ސިހިފައި އިސްއުފުލާލިއެވެ. އައިޒަން ފެނުމާއި އެކު މޫނު އަނބުރާލަމުން އޭނާ ތެދުވިއެވެ.

“މިއައީ މާފަށް އެދެންވެގެން… އެހެން ބުނީ މަޖަލަކަށް…” އައިޒަން މަޑުމައިތިރިކަމާއި އެކު ބުނެލިއެވެ. އޭނާ ދެޖީބަށް އަތް ޖަހާލައިގެން މޫދާއިވީ ފަޅިއަށް އެނބުރި ހުރިއިރު ޖެހޭ ވައިރޯޅިއާއި އެކު އޭނާގެ ކުރު އިސްތަށިގަނޑު ދިޔައީ ނަށަމުންނެވެ. ނައިނާ އެއްޗެއް ނުބުނެ އެ ހުރިގޮތަށް ހުރީއެވެ. “ހީކުރަން މާފުކުރާނެކަމަށް.. އަހަރެން އެހެން ބުނީކީ ދެރަކުރާކަށް ނޫން އަދި ދެރަވާނެކަމަކަށްވެސް ނޫން…” އައިޒަން ދެންވެސް ވާހަކަދެއްކިއެވެ. ގޮތް ނޭނގޭ ޖާދޫއެއް އެ ދެމެދުގައި އެބަހިނގައޭ އައިޒަންގެ ހިތަށް އެރިއެވެ. އެހެނީ އެ ހިތަށް އެ ވަނީ ދުވަހަކުވެސް ނުވާ ކަހަލަ ގޮތެކެވެ. “ފިރިހެނަކު މާފަށް އެދޭނީ މާފު ބޭނުންވީމަ.. ކުރެވުނު ކުށް ގަބޫލުކުރެވުނީމަ.. އެކަމާ ދެރަވީމަ… އަހަރެންވެސް ދެރަވެ ކުރެވުނު ކުށް ގަބޫލުކުރާތީ މާފަށް މިއެދެނީ.. މާފު ކުރާނެކަމަށް ހީކުރަން..” އައިޒަން އަނެއްކާވެސް ހަމަހިމޭންކަން ފޫއަޅުވާލިއެވެ. ނައިނާ ވާހަކަ ނުދައްކާ ހުރުމުން އައިޒަން ހިތާހިތުން އެއްޗެހި ކިޔުނެވެ. އަންހެނުންނަކީ ހާދަ ކަންތަށް ބޮޑުކުރާ ބައެކެވެ. ގައިމު ރީއްޗަށް މާފަށް އެދޭއިރު މާފުކުރާނަމަ ތަނެއް އުނިވެގެން ނުދާނެވިއްޔާއެވެ.

“ދެން ސޮރީއޭ….” އައިޒަން ތަންކޮޅެއް ބާރަށް އެހެން ބުނުމުން ނައިނާ އައިޒަންއާއި ދިމާ ބަލައިލިއެވެ. “ހޫމްމް ހެވޭ ދެން..” ނައިނާ އެހެން ބުނެފައި ދާން ހިނގައިގަތެވެ. “ނަން ބުނެވިދާނެތަ؟؟” އައިޒަން ޖެހިލުންވެފައި ހުރެވެސް ނައިނާ ކުރެން ނަން އަހާލީ ސަލާމަށް އަތް ދިއްކުރަމުންނެވެ. ނައިނާ ސަލާމަށް ފަސްނުޖެހޭނެކަން އައިޒަންއަށް ހީވީމައެވެ. “ގަމާރު ރާއްޖެތެރޭ ކުއްޖާ..” ނައިނާ މަލާމާތުގެ ރާގަކަށް އެހެން ބުނެފައި ސަލާމް ކޮށްލިއެވެ. “އޯހ ހައި.. މީ މާލޭން އައި ޕެންކެޕެކެޓްތަކުގެ ޓާރގެޓް….” އައިޒަން ވެސް ހިނިތުންވުން ފުޅާކޮށްލަމުން ބުންޏެވެ. ނައިނާ ދެލޯ ހަނިކޮށްލާފައި އޭނާގެ އަތް ދަމައިގަތެވެ. އަދި ދުއްވައިގަތެވެ. އޭނާ މިތަނުގައި އިނީ ހަމައެކަނި އެމޫނު ދެކިލުމަށްޓަކައެވެ. އޭނާގެ ހިތުގެ ރާޖާ އަންނާނެކަން އޭނާ އަށް އިނގުނީމައެވެ. އެ މޫނު ފެނުމުން ދެން އިތުރަށް އެތާ މަޑުކުރުމެއް ނެތެވެ. އަދި އެހާ އަވަހަށް އޭނާއަށް މާފުދޭ ހިތެއްވެސް ނައިނާ ނުވެއެވެ. އައިޒަން ހިނިގަނޑެއް ޖަހާލާފައި އެ އިންތާ އިށީނެވެ. ކޮންމެސްވަރަށް އެ ހިތަށް ހަމަޖެހުމެއް ލިބިގެންދިޔައީ ނައިނާ އޭނާ އާއި އަނގައިން ބުނީތީއެވެ. އޭނާ އަނގައިން ނުބުންޏަސް އޭނާ މާފުކޮށްފިކަން އައިޒަންއަށް ހީވިއެވެ.

………….

ފުން ހިޔާލީ ކަނޑަކަށް ފީނަމުން ދިޔަ ނައިނާ އޮތީ ގޭތެރޭ އޮތް އުނދޯލީގައި އޮށޯވެއެވެ. އޭނާގެ ހިތަށާއި ސިކުނޑިއަށް ކުދި ކުދި ގޯނާ ކުރަމުން ދިޔައީ އައިޒަންގެ ހިޔާލުތަކެވެ. އެ ބަލާ ބެލުމުގައި ހުންނަ ބާރާއި ވާހަކަ ދައްކާއިރު އެ ހުންނަ ފިރިހެންވަންތަކަމެވެ. އެ ރީތި ކަސްރަތީ ހަށިގަނޑާއި އިސްތަށިގަނޑެވެ. ބޯ ބުމައާއި ކަޅުކަން ގަދަ ކަޅިއެވެ. ނައިނާ ސިހުނީ އޭނާގެ ފައިގައި މީހަކު ވަރަށް ބާރަށް ޖެހުމުންނެވެ. ސިހުނު ވަރުން އުނދޯލިންވެސް އޭނާއަށް ކޮޅަށް ތެދުވެވުނެވެ. ސިހި ދެލޯ ބޮޑުވީވަރުން ހީވީ ވައްކަމެއް ކުރަނިކޮށް ފަޅާއެރީހެންނެވެ.

ކުރިމަތީ ހީހީ ބިނދިފައި އޮތް ޒުހާ ފެނި ނައިނާ ކުޑަކޮށް ހަމަޖެހިލާފައި އަނެއްކާވެސް އުނދޯލީގައި އޮށޯތެވެ. “މަ މިހާރު މިތާ އިނދެ ގޮވާ ގޮވާ… ވަރުގަދަ މާލޭ ސޮރެއް އިނގޭ ތި އުޅެނީ އަތުއަޅުވައިލައިގެން..” ޒުހާ ނައިނާ އާއި ދިމާކޮށްލިއެވެ. “ދެން ޒުހާ..!! މަށެއް ނޫޅެން އެމީހާ އަތުއަޅުވައިލައިގެންނެއް… ވަރަށް ފޫހިވެއްޖެ އިއްޔެ އޭނާ އެހެން ބުނިފަހުން… އެކަމުންވެސް އިނގެނީ އޭނާ އަށްވެސް ރާއްޖެތެރޭ މީހުން ތަފާތުކުރާކަމެއްނު..” ޝަކުވާ ކޮށްލަމުން ނައިނާ އެހެން ބުނީ ހިތްހަމަނުޖެހިފައެވެ. “އެއީ ދޮގެއްވެސް ނޫނެއްނު.. އަހަރެމެން ކިހާ ތަފާތު.. ވަޒީފާ އަދާކޮށް ލާރި ހޯދަމުންވެސް އަހަރެމެން މިދަނީ ކުދި ކުދި ކަންތަކުން އެތަކެއް އުފާހޯދަމުން… ތަފާތު ކުރާނެއްނު، އެމީހުންނަށް ފެންނަ ހަމައެކަނި އެއްޗަކީ ލާރި… ދެން އެޔެއްނޫން… އޭނާގެ ނަން އިނގިއްޖެތަ؟” ޒުހާ ސުވާލުކޮށްލީ އޭނާވެސް ނައިނާގެ ހިތާއި ކުޅެލައިގެން އެ އުޅޭ ކުއްޖާގެ ނަން އިނގެން ބޭނުންވީލެއް ބޮޑުކަމުންނެވެ. ނައިނާ މޯޅިވެފައިވާ މަލެއްފަދައިން މޫނު މޯޅިކޮށްލީ އެކަމުގައިވެސް އޭނާ ކާމިޔާބު ނުވީތީއެވެ. އެ މޫނަށްވީގޮތް ފެނި ޒުހާއަށް ޖަވާބު ލިބުނެވެ.

“އަޅޭ.. އޭ ނައިނާ!! އަކޫ އަށް ތިކަން ވެދާނެ… އޭނާއަށް ތީ އެއްވެސްކަމެއް ނޫން..” ޒުހާ ކުއްލިއަކަށް ދިން ހިޔާލުން ނައިނާގެ މިލާމޯޅިވެފައިވާ މޫނު އުޖާލާވެގެން ދިޔައެވެ. “އަސްލުތަ ޒުހާ… އަޅޭ އަކޫ ކައިރި އަހާލައްޗޭ… ޒުހާ! ޒުހާ!! އަހަރެން ބޭނުމެއްނުވޭ އެކަމްވެސް ހަމަ ވިސްނެނީ.. މި ހިތާ މި ސިކުނޑި ހީވަނީ އޭނާ އަތަށް ދީފައި އައިސްއިންހެން.. ކިހިނެއްތަ އަހަރެންނަށް މިވަނީ…” އެތަކެއް ފަހަރު ޒުހާގެ ފަރާތުން އޭގެ ޖަވާބު ލިބި އެކަމަށް އިންކާރު ކުރަމުން ދިޔަ ނައިނާ ފުރަތަމަ ފަހަރަށް އެކަމަށް އެއްބަސްވެ އޭނާގެ ހިތުގައިވާ އިހްސާސްތަށް ނެރެލިއެވެ. “އަޅެ އަހަރެން ތިހެން ބުނާއިރަށް ބުނާނެ ނޫނެކޭ.. އެކަމް އަމިއްލައަށް ތި އެއްބަސްވީ… ތިއަށް ދިވެހިން ކިޔަނީ ލޯބި.. ލޯ…..ބި…” ތަންކޮޅެއް ދަމާލާފައި ޒުހާ “ލޯބި” އެ ލަފްޒް ބޭނުންކުރީ ނައިނާގެ އެ މޮޔަ ސިކުނޑިއަށް ވިސްނޭތޯއެވެ. ނައިނާ ދެލޯ ބޮޑުކޮށްލާފައި ޒުހާއަށް ބަލައިލިއެވެ.

މީ އަނެއްކާ ލޯބިހެއްޔެވެ؟ އެކަމް އަހަރެންނަށް އެ ކުއްޖާގެ ނަންވެސް އިނގެނީކީނޫނެވެ. ދެން ލޯބިމިވެވުނީ……………….

“ނޫން…. ސާބަސް ޒުހާ… މަށަށް އޭނާ ހަމައެކަނި ރީތިވިއްޔޭ.. ރީތިވާ ކޮންމެ މީހަކާ ލޯބިވޭތަ؟ ބަލަ އަހަރެން އަބަދުވެސް މިދައްކަނީ ޝާރުކްމެން ރަންބީރުމެން ރީތިވާހަކަ.. އެ ވެސް ލޯބިތަ؟؟ ހަމައެގޮތަށޭ އެ ކުއްޖާ ރީތިވީ… ޒުހާއަށް ވެސް އޭނާ މިހާ ކައިރިން ފެނުނީމަ ބުނާނެ ތިހެން.. ހީވަނީ ހަމަ މޮޑެލްއެއްހެން….” ނައިނާ އޭނާއަށް ހީކުރެވޭ ގޮތް ޒުހާ ކައިރި ބުނެލިއެވެ. އެހެން ބުނުމާއި އެކު ޒުހާ ފެށީ ހޭށެވެ. ނައިނާއަށް ނޭނގުނަސް އޭނާ އަށް އެހުރީ ލޯބިވެވިފައެވެ.

“ހުމްމް ދެން އިނގިދާނެތާ.. މިރޭ އަންނާނަން އަކޫ ގޮވައިގެން ނަން ވެސް ހޯދައިގެން… މަންމަ ކައިރި ބުނާތި އަހަރެމެން ކާށޭ މިއަންނަނީ…. 4 މީހުން އެއްކޮށް ކާން..” ޒުހާ އެހެން ބުނެފައި ތެދުވިއެވެ. ނައިނާ ހުމްމް އަޅުވާލިއެވެ.

…..

ޒުހާ ދިޔަފަހުން ނައިނާ އިންތިޒާރުގެ ވަގުތު ގުނަމުން ދިޔައީ އަކުރަމް އާއި އެކު ޒުހާ އަންނާނެ އިރަކަށެވެ. އެ ކުއްޖާގެ ނަން އޮޅުންފިލުވަން އޭނާ ހާދަ ބޭނުންވެއެވެ. ބައެއްފަހަރު ވަގުތު އެ ހިނގަނީ ހާދަލަހުންނޭވެސް ހިތަށް އަރައެވެ. ގޭގައި އިންނަ ބޮޑު ގަޑީގެ ކަށިތަށްވެސް އޭނާގެ ކެތްތެރިކަމަށް އިމްތިހާނެއް ދެނީބާއޭ ނައިނާ ހިތަށް އަރައެވެ. ވަގުތު ހިނގަމުން ދިޔައީ އެހާވެސް ލަހުންނެވެ.

އިންތިޒާރު ކުރަމުން ދިޔަ ވަގުތު ހަމަވީ ޒުހާ ގޭ ބޮޑުދޮރުމަތީ ހުރެ ވަރަށް ބާރަށް ސަލާމް ގޮވާލުމާއި އެކުއެވެ. ނައިނާ ބޮޑުއަށިމަތީ އިނދެފައި ދުވެފައި އެދިމާލަށް ދިޔައިރު ކޮޓަރިން ޒާހިދާ ބޯދިއްކޮށްލީއެވެ. “ޒުހާ އަނެއްކާ ކޯޗެއް ހިފައިގެން އަންނާތީތަ؟ ނައިނާ ޒުހާ ނައިސްގެން ހީވަނީ އެހެން ކަމެއްހެން… ހާދަ ލަހޯ ކިޔަ ކިޔާފައި.. ފޯނުން ގުޅަންވެސް އުޅޭތަން ފެނޭ…” ޒާހިދާ ހިނިގަނޑަކާއި އެކު ބުންޏެވެ. ޒުހާ އާއި އަކުރަމް އެކަކު އަނެކަކާއި ދިމާ ބަލައިލުމަށްފަހު ހޭންފެށިއެވެ. “އެ ދޮގެއް… މަންމާ… ހިނގާބަލަ ހަތަރު މީހުން ކާން ބަތްގަނޑެއް ކައްކާލަން..” ނައިނާ އަވަހަށް ބުނެލިއެވެ. “ނޫން ނައިނާ އިނދޭ… މަންމަ އެބަ އަންނަން ކައްކާލާފައި..” ޒާހިދާ ހީލާފައި ހިނގައިގަތެވެ. އޭނާއާއި ނައިނާގެ އެކުވެރިންނާއި ވަރަށް ގުޅެއެވެ. އަދި ހާއްސަކަށް ޒުހާއާއި އަކުރަމްއާއެވެ. އެދެމީހުންނަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެމީހުންކަން އެރަށު އެންމެންނަށްވެސް އިނގޭނެއެވެ.

ޒާހިދާ ދިޔުމާއި އެކު ނައިނާ އޭނާގެ ހިތުގައި އޮތް ސުވާލު ކޮށްލިއެވެ. “ހުމްމްމް އަހަރެމެން ގޯތި ނައިނާއަށްވެސް ލޯބިވެވުނީ ދޯ؟؟؟” އަކުރަމް ދިމާކުރާ ފަދަ ރާގެއްގައި ބުނެލިއެވެ. “ދެން އަކޫ ބުނެބަލާ……!!!” ނައިނާ ތުން ފިއްތާލާފައި އެހެން ބުނީ ކުޑަކުއްޖެއްހެންނެވެ. “ހެހެހެ.. އެ ދެމީހުންނަށް ކިޔަނީ ޖިނާހް އާއި އައިޒަން… ދެން މަށަކަށް ނޭނގެ ނައިނާ ތި ކިޔާ ސޮރަށް ކިޔާ ނަމެއް.. އަދި ނައިނާއަށް ތި ރީތިވެގެން އުޅެނީ އެތަނުން ކާކުކަމެއްވެސް ނޭނގެ..” އަކުރަމް އިސްތަށިގަނޑުގައި އަތް ހާކާލަމުން އޭނާއަށް އިނގޭހާވެސް އެއްޗެއް ހިއްސާކޮށްލިއެވެ. “ދެން އަޅޭ…. އަދިވެސް މަސައްކަތްކޮށްބަލަ…” ނައިނާ ކެތްމަދުވެފައި ބުންޏެވެ. ހުދު އޭނާއަށްވެސް މިވަނީ ކީއްކަމެއް ނޭނގެއެވެ.

……………..

ގޭގެ ބޭރު މަގުގައި ބަހައްޓާފައި ހުރި އުނދޯލިފަތިން އުނދޯއްޔެއްގައި އިށީނދެ އިން  އައިޒަން ދިޔައީ އަތުގައި އިން އައިމަންގެ ގިޓައިން ރީތި ލަވައެއްގެ ރާގަކަށް ގިޓާ ކުޅެލަމުންނެވެ. ކައިރި ޖިނާހް ފޯނަށް ގެއްލިފައި އޮތެވެ. އައިޒަން ގެ ހިޔާލުގައި އޭރުވެސް އެނބުރެމުން ދިޔައީ އެ އަންހެންކުއްޖާއެވެ. އެ ޕަރީއެވެ. “ޖިނާ، އޭނާ ހާދަ ސަޅިއޭ…” އައިޒަން ލޯ މަރާލާފައި ގިޓާގެ ހުރިހާ ނާރަކާއި ކުޅެލިއެވެ. ފޯނާއި ކުޅެން އޮތް ޖިނާހު ހައިރާންވެފައި ފޯނާއި އެކު ތެދުވެ ވަރަށް ރަނގަޅަށް އައިޒަންގެ މޫނަށް ބަލައިލިއެވެ. އޭނާ ހުރީ ރަނގަޅަށްވެސް ހައިރާންވެފައެވެ. ވާނީވެސް އެހެނެއްނޫންހެއްޔެވެ؟ އެޖުމްލަ އެ އިންގޮތަށް އިނދެ ތަކުރާރު ކުރާތާ މިހާރު އެތަށް އިރެއްވެއްޖެއެވެ. “އޭ އައިޒާނޫ…..!!!!!” ޖިނާހް އައިޒަންގެ ކޮނޑުގައި ޖަހާލުމާއި އެކު ސިހިފައި އޭނާ ދެލޯ ހުޅުވާލިއެވެ. “ތިހިރީ ލޯބިވެވިފައި… މިހާރު ތި ޖުމްލައެއް ތިތާ އިނދެ 100 ފަހަރު ކިޔައިފި ކަންނޭނގެ…” ޖިނާހް އެހެން ބުނުމާއި އެކު އައިޒަން ފުން ނޭވައެއް ލިއެވެ.

“ރީތި މީހުންގެ ވާހަކަ މަށަށްވެސް ދެއްކޭނެ ދޯ؟ ހަމައެކަނި ޖިނާމެންނަށްތަ ދެއްކެނީ؟؟” އައިޒަން ދެކޮޅަށް ބޯ ހަރަކާތްކޮށްލަމުން ބުންޏެވެ. “އާނ ދެއްކޭނެ.. އެކަމް އައިޒަން ބުނެބަލަ މިއިން ދުވަހެއްގައި މީހަކު ރީތިވެގެން ތިހެން ކިޔާލަ ކިޔާލަ އިނިންތަ؟ ދުވަހަކުވެސް އަންހެނެއްގެ ވާހަކަ ނުދައްކާ މީހަކު މިއަދު ތިހެން އިނދެގެން އޭނާ ހާދަ ސަޅިއޭ އޭނަ ހާދަ ސަޅިއޭ ކިޔާލަ ކިޔާލަ އިންނަންޏާ މީހަކު އަޖައިބެއް ނުވާނެތަ؟ ތިހިރީ ރަނގަޅަށްވެސް ލޯބިވެވިފައި… ތީ ލޯބިކަމުގައި ނުވާނަމަ މަ މަގޭގެ ނަންވެސް ބަދަލުކުރާނަން މިފަހަރު..” ޔަޤީންކަމާއި އެކު ޖިނާހް އެހެން ބުނުމުން އައިޒަން ހޭންފެށިއެވެ. އޭނާގެ އެކުވެރިޔާވެސް ހާދަހާ ވާ މޮޔައެވެ. މި ލޮތްބަށް ވާނީ ކިހިނެއްހެޔެވެ؟ ދެތިންފަހަރު ފެނުމަކުން އަދި މީހެއްކެ ދެކެ ލޮތްބެއް ނުވާނެއެވެ. އޭނާއަށް މިއުޅެނީ އެ އަންހެންކުއްޖާ ރީތިވެގެންނެވެ. އިތުރު ކަމެއް ވެގެނެއް ނޫނެވެ.

އައިޒަން ޖިނާހް އަށް ރައްދު ދޭންވެގެން އޭނާ އޮތް ފަޅިއަށް މޫނު އަނބުރާލުމާއި އެކު ފެނުނީ އިތުރު އެހެން އަންހެންކުއްޖަކާއި އެކު ފަރިގޮތަކަށް ހިނގައިފައި އަންނަ އޭނާގެ ހިތާއި ސިކުނޑިއަށް ރަސްކަން ކުރަމުން އަންނަ އެ ގޮތްނޭގޭ ޕަރީއެވެ. އޭނާ ބޯ ދެކޮޅަށް ހަރަކާތްކޮށްލާފައި ދެފަހަރު ލޯ މަރާލާ ހުޅުވާލީ އޭނާއަށް އެފެންނަނީ ހަޤީޤަތެއްތޯ ޔަޤީންކުރާށެވެ. “އޭ އޭ ޖިނާ އޭ އޭ!! އެ އަންނަނީ އެކުއްޖާތަ؟ ބަލާބަލަ.. އޭ ޖިނާ ބަލާބަލަ އެއީ އަސްލުވެސް އޭނާތޯ ބަލާބަލަ..” އައިޒަން ޖިނާހު ގައިގާ ތަޅައިގަންނަމުން އެހެން ބުނީ އެމީހުން އަންނަތަން އޭނާއަށް ދެއްކުމަށެވެ. އޭނާ އެންމެފަހަރަކުވެސް ކަޅި އެދިމާއިން ދުރުނުކުރީ އެ ކުއްޖާ ގެއްލިދާނޭ ހިތަށްއަރާފައެވެ.

” އައްދޯތް..ބަލަ މަށަށް ކިހިނެއް އިނގޭނީ؟ މަށަށް އައިޒަން ތި ރީތިވެގެން އުޅޭ މަންޖެ ރަނގަޅަށް ނުވެސް ފެނޭ.. އެކަމް އާ އެބަ އާދޭ ދެ އަންހެންކުއްޖަކު..” ދުރަށް ނަޒަރު ހިންގާލަމުން ޖިނާހް އެހެން ބުންޏެވެ. “އާނނ.. އާނ ޖިނާ އެހެރަ އަންނަނީ… ފިޔާތޮށި ކުލައިގެ އެއްޗެއް ލާފައި އެހުރީ އޭނާ… ޖިނާ ބުނެބަލަ އަޅެ އޭނާ ހަޑިތަ؟ މަ މިހެން ނުކިޔާވަރެއްތަ؟ އޭނާ ހާދާހާ ރީއްޗޭ…” އައިޒަން ޖިނާހް ކައިރި އެހެން ބުނީ ވަރަށް ފަހުރުވެރިވެލާފައެވެ. ތެދެކެވެ. ތައުރީފް ނުކޮށް ދޫނުކޮށްލާހާ ސިފަރީތި ކުއްޖެކެވެ. ރީތި އިސްކޮޅާއި ބައްޓަމެކެވެ. ކަޅުކަން ގަދަ ފަން އިސްތަށިގަނޑަކާއި ދޮން މޫނެކެވެ.

………………..

ބޮޑުވާހަކައިގައި ހިނގަމުން ދިޔަ ނައިނާ އާއި ޒުހާ އެމީހުންގެ ކުރިމަތިން އަޅާފައި ދިޔައިރު އެމީހުން އެތާ ތިބިކަމެއްވެސް ނޭނގެއެވެ. އައިޒަން އާއި ޖިނާހް އިނީ އަނގަ ހުޅުވައިގެން އެމީހުން ދަންނދެން ބަލަހައްޓައިގެންނެވެ. އެމީހުން ގޮސް ގޯޅި އެޅުމާއި އެކު އައިޒަން ޖިނާހްގެ ގައިގާ ޖެހީ އޭނާ އަދިވެސް އެ ދިމާލަށް ކަޅި އެއްލައިގެން އިނީމައެވެ. “އައްދިއްޔޯ.. އޭ އާނ އައިއްޓޭ… އެ މަންޖެ ވަރަށް ރީތި…. ވަރަށް ގުޅޭނެ އައިޒަން އާ.. މަ ބުނާ ބަހެއް އަހަންޏާ އޭނާ އަވަހަށް ހުސްތޯ ބަލާފައި އެ މަންޖެ ހޯދަން އުޅޭ… އެހާ ރީތި ކުއްޖަކު މިކަހަލަ ތަނެއްގައި ހުސްވެދާނޭ މަގޭ ހިތެއް ނުބުނޭ..” ޖިނާހް އެހެން ބުނުމާއި އެކު އައިޒަންގެ ގެ މޫޑު ގޯސްވިއެވެ. އެނާ އެބުނީ ދޮގެއްވެސް ނޫނެވެ. އެހާ ރީތި ކުއްޖަކު ނުހޯދަން އުޅޭނީ ކާކުހެއްޔެވެ؟ އޭނާގެ ހިޔާލުތަކުގައި ދުވަސް ހޭދަކުރާ އައިޒަން ގެ ހިތުން އެއްކަމެއް ފޮހެވިގެން ދިޔައެވެ. އޭނާގެ މަންމަ މިބަޔަކަށް ކުރާ ނަފްރަތެވެ.

“އަހަރެން އެބައުޅޭތަ އޭނާ ނުހޯދިގެން… ޖިނާ ޖެހޭތަ ތިވާހަކަ ފަށަން.. މަ އެބައުޅޭ ވިއްޔަ މޮޔަވެގެން.. ރީއްޗޭ ބުނީމަ އޭގެ މާނައަކީ މަ އަޅައިގަތީއޭތަ؟ މަށެއް ނޫޅެން…” އައިޒަން ފޫހިގޮތަކަށް އެހެން ބުނެލިއެވެ. “އައިޒަން އަށް ނޭނގެނީ ކީއްވެތަ؟ މީހުން ހަމައެކަނި ރީތިވެގެން އުޅޭ ގޮތް ގޮތެއް ނޫނޭ ތީކީ… އައިޒަން އަދި ގަބޫލުކުރާނެ މިކަން..” ޖިނާހް އެހެން ބުނެފައި އެތެރެއަށް ދިޔައެވެ. ޖިނާހް އެތެރެއަށް ދިޔަނަމަވެސް އައިޒަން ގިޓާ ހިފައިގެން އެ އިންގޮތަށް އިނެވެ. އޭނާގެ މޫޑު ގޯސްވުމުން ހިތާމަވެރި ލަވައަކަށް ގިޓާގެ ނަރުތަކާއި ކުޅެމުން އޭނާ ދިޔައީ ގެއަށް ވަންނަން ބޭނުން ނުވާތީއެވެ. އަދި އެއްފަހަރު އެ ކުއްޖާ ފެންނާނެކަމުގެ އުއްމީދު އޮތީމައެވެ.

އެތަށް އިރެއްގެ އިންތިޒާރު ނިމިގެން ދިޔައީ މަގުން އަޅާލާފައި އައި ނައިނާ ފެނުމާއިއެކުގައެވެ. އެކަނިމާ އެކަނި ހިނގާފާ ދިޔައިރު އޭނާގެ ނަޒަރު ހުރީ ފޯނަށެވެ. ދެބުމަ ގޮށްޖަހާލައިގެން ހުރިއިރު ނައިނާ އިރު އިރުކޮޅާ ޕިސް ޖަހާލާހެންވެސް ހީވެއެވެ. ފޯނުގެ އަލިން އެމޫނު އިތުރަށް އުޖާލާކޮށްލާފައިވާކަހަލައެވެ. އައިޒަން ކުރިމަތިން ލާފައި ނައިނާ ހުރަސްކުރިއިރުވެސް އޭނާ ފޯނާއި މޫނު ދުރަށް ނުލައެވެ.

“ފެންނަ ހިނދު ކޮންމެ ތާކުން…

ނަން އަހާ ހިތް ވަނީއޭ…

އޯ… ހިތް ކަލާޔަށް އެދޭތީ…

ކެތްކުރަން ދަތިވަނީއޭ……”

ކިޔާލެވުނީ ކިހާ ރީތި އަދި އޭނާގެ ހާލަތާއި ގުޅޭ ލަވައެއްހެއްޔެވެ؟. އެލަވައަކީ އޭނާއަށް އަބަދުވެސް ރީތި ލަވައެކެވެ. ނައިނާގެ އަވަސް ފިޔަވަޅުތަށް ހުއްޓި ފަސް އެނބުރި ބަލާލީ އުނދޯއްޔެއްގައި ގިޓާ ހިފައިގެން އައިޒަން އިންނާނެކަމަކަށް ނޫނެވެ. އޭނާގެ ދެލޯ ބޮޑުވެ ހިތްއަވަސްވީ ވަރުން ހީވީ ނިކުމެގެން އައިސްދާނެހެންނެވެ. އޭނާ ހަމަ ބިމަށް ފޭބުނީ އައިޒަން ގިޓާގައި ޖަހާލުމާއި އެކުގައެވެ. ހަމައެވަގުތު ތުން އަނބުރާލާފައި އޭނާ ހިނގައިގަތެވެ.  “މާދަމާ ހަވީރު އަތިރިމަތިން ދިމާވާނެކަމަށް ހީކުރަން… މާބޮޑު ކަމެއް ނުކުރާނަން..” އައިޒަން ނައިނާ އަށް އިވޭވަރަށް އެހެން ބުނެލުމާއި އެކު ނައިނާ ހައިރާންވެފައި އައިޒަންއާއި ދިމާ ބަލައިލިއެވެ. ޖަވާބެއް ނުލިބުނު ކަމަކު އެ ތުންފަތުގައި ކުޅެލި ރަކި ހިނިތުންވުމުން އައިޒަން އަށް ޖަވާބު ލިބުނު ފަދައެވެ. ކޮންމެ ގޮތެއް ހަދާފައިވެސް މި ކުއްޖަކާއި ވާހަކަ ދައްކަން އޭނާ ބޭނުންވެއެވެ.

……………..

އިންތިޒާރު ކުރަމުން އައި ވަގުތު ޖެހުނުއިރު އައިޒަން ހުރީ ތައްޔާރުގައެވެ. މަސައްކަތްތަށް އަވަހަށް ނިންމާލުމަށްފަހު އޭނާ އަތިރިމައްޗަށް އާއިރު އެތާ އެކަކުވެސް ނެތެވެ. އިށީންގޮތަށް އޭނާ ވަގުތު ގުނަމުން ދިޔައީ އެ ފަތްމިނި އަންނާނެ އިރަކަށެވެ. ރާޅުތަށް މަޑުފަސްގަނޑުގައި ބީހިފާ ދާ މަންޒަރަށް ބަލަހައްޓައިގެން އިން އައިޒަން އަށް އެ ވަރަށް ކަމުދިޔައެވެ. އިވޭ ރާޅުއަޑާއި އެކުވެގެން އިރު އިރުކޮޅާ ދޫނި ސޫފާސޫފި އެ ލައްވާލާ އަޑުން ހިތަށް އެލިބެނީ ބުނަންވެސް ނޭނގޭފަދަ ހިތްހަމަޖެހުމެކެވެ.

ވަގުތު ހިނގަމުން ދިޔަވަރަކަށް އެ ކުއްޖާ އަންނާނެކަމުގެ އުއްމީދުވެސް ދިޔައީ ފަނޑުވަމުންނެވެ. އަންނަން ބުނީތީ އައިޒަން ރަކިކޮށްލަން ގަސްތުގައި ނައީބާއޭވެސް އައިޒަން ހިތަށްއަރަންފެށިއެވެ. އޭނާއަށް ނޭނގޭ ކަމަކީ ފަހަތުގައި އައިޒަންގެ ކޮންމެ ހަރަކާތަކަށް ފަރުވާތެރިކަމާއި އެކު ބަލަން ނައިނާ އިންކަމެވެ. އެ ހިތުގެ ހަމަޖެހުން ނަގާލި އަންހެންކުއްޖާ އޭނާގެ ފަހަތުގައި އިންކަން އޭނާ އަށް ރޭކައިވެސް ނުލީތާއެވެ. ނައިނާ އާއިރު އައިޒަން އެތާ އިނުމުން ގޮވައިވެސް ނުލާ އެ އިންގޮތަށް އިނީ އައިޒަންއަށް ފެންނަންދެންނެވެ. އެހެން އިނދެ އައިޒަން އަށް އޭނާ ހިތްފުރޭވަރަށް ބެލިއެވެ. މިއީ ދުވަހަކުވެސް އޭނާ އުޅުނު ގޮތެއް ނޫންކަމުން އަމިއްލަ ނަފްސާއި މެދު ސުވާލުވެސް އުފެދުނެވެ. މިވަނީ ކީއްބާއެވެ؟ މިހިތަށް މިވަނީ ކީއްބާއެވެ؟ ކުރިމަތީ އެ އިނީ އޭނާ ނުވެސް ދަންނަ ޒުވާނެކެވެ. ނަމަވެސް މި ހިތް އެ ޒުވާނާއަށްޓަކައި ތެޅެނީ ކީއްވެބާއެވެ؟

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ވައިވީމަ – (1) ދިމާވުން

Next

ވިންދު ލޯބިން ޖެހި ހިތެއްގައި (5)

Next
September 1, 2017

ވިންދު ލޯބިން ޖެހި ހިތެއްގައި (5)

Previews
September 1, 2017

ވައިވީމަ – (1) ދިމާވުން

18 Comments!

  1. Ryn says:
    September 1, 2017 at 8:57 am

    Salaam ??
    Eid mubaarak all ?
    Enjoy ?
    Like my fb page RYN’S stories to contact me or to get new updates ??

    1. Raiya says:
      September 1, 2017 at 9:19 am

      Im first yeyyy
      And the story is habeyysss

  2. ??? says:
    September 1, 2017 at 9:20 am

    Yey first dhw vvvvvvv reeti waiting for nxt part
    EID MUBARAK for all readers
    n specially for Ryn

    1. Ryn says:
      September 1, 2017 at 9:23 am

      Thnkyu ?

    2. Raiya says:
      September 1, 2017 at 9:36 am

      Ey ma first?

    3. Raiya says:
      September 1, 2017 at 9:37 am

      Ey ma first?
      And u r second!!!??

  3. Raiya says:
    September 1, 2017 at 9:20 am

    Ryn sissss… do u remember me..? Its me rai. We talked in esfiya chat log and viber…

    1. Ryn says:
      September 1, 2017 at 9:24 am

      Awww I do. I had ur number for a long time but now nei ? miss you?

  4. Raiya says:
    September 1, 2017 at 9:54 am

    Missed u too…❤❤

  5. ? says:
    September 1, 2017 at 11:02 am

    Foooohi

  6. Raii handi says:
    September 1, 2017 at 11:40 am

    Eid mubarik rynn
    Story varah loabi ??

  7. Hafeez says:
    September 1, 2017 at 4:06 pm

    Eid Mubarak all and specially for Ryn. And story dhaa goi hama habeys.

  8. Hafeez says:
    September 1, 2017 at 4:07 pm

    Story dhaa goi hama habeys. Eid Mubarak.

  9. Addu manje says:
    September 1, 2017 at 6:14 pm

    Eid Mubarak Ryn! 🙂
    Mi baives varah reethi.

  10. khajja says:
    September 1, 2017 at 7:27 pm

    Eid mubaarak masha allh stry v v v rythi v furihama whn nxt prt avaskolladhybala plx ???❤❤????????❤?

  11. ??? says:
    September 1, 2017 at 10:52 pm

    Vvvv rythi

  12. Chum says:
    September 3, 2017 at 10:41 pm

    Hey koba ryn
    Haadha eba bele ehhhhhh

  13. ??? says:
    September 3, 2017 at 10:58 pm

    Ryn kobaatha vaahaka aabaii konn irakunn nereniii plxplx avahah nereba

Comments are closed.

Next Episodeތި ލޯތްބަށްޓަކައި (4)←


All Right Reserved!