ނިހާގެ އަތުގައި ހިފާ ގާތަށް ދަމާލުމަށްފަހު ބައްދާލި މަންޒަރުން ރަޔާހީންގެ ހިތް ފޫއަޅުވާލިއެވެ. އޭނާ ކިތަންމެ ހިތް ނޭދުނަސް އެކަހަލަ ކިތަންމެ މަންޒަރެއް އޭނާ އަށް ދެން ފެންނާނެކަން އޭނާ އަށް އެނގެއެވެ. ހިތުގައި ބިންވަލުނެގިފައިވާ ޝަކުވާތަކާއި ވޭންތައް އެތެރެއަށް ހިންދާލައިގެން ހުރުން ނޫން ގޮތެއް އޭނާ އަށް ނެތެވެ.
ބީހާލް ބުނި ފަދައިން އިރުއޮށްސުނު ވަގުތު އެގޭ ހުންނަ އިމާރާތް ބިތްދަށުގައިވާ ދިއްގާ ގަސްދޮށުގައި ރަޔާހީން ހުއްޓެވެ. އޭނާ ލޯ މަރާލައިގެން ހުރީ ކުއްލިއަކަށް ކުރިމަތިން ބީހާލް ފެނުމުން ބިރުގަންނާތީއެވެ.
“ހީން” ބީހާލް ގޮވާލުމާއެކު ރަޔާހީން ދެލޯ ހުޅުވާ ބަލާލިއެވެ. އާދައިގެ މަތިން އެކަޅު ފޭރާމުގައި ބީހާލް ހުރީ އޭނާގެ ކުރިމަތީގައެވެ. ބޮލުގައި ހުޑު އަޅުވާލައިގެން ހުރިއިރު ސިއްރުވެރި އިންސާނަކާއި ތަފާތެއް ވެސް ނެތެވެ.
“ސޮރީ” އެންމެފުރަތަމަ ވެސް ބީހާލް ރަޔާހީން ކައިރިން މާފަށް އެދުނެވެ.
“އެ ކޮންކަމަކަށް” ރަޔާހީން ވެސް އަހާލިއެވެ.
“މިއަދު ހީން އަށް އެލިބުނު އަނިޔާ އިން ސަލާމަތްކޮށްދޭން ކައިރީގައި ނުހުރެވުނީމަ. ހީން އަށް ތިލިބުނު އަނިޔާގައި ޒިއްމާ ނަގަން ޖެހޭ ފަރާތަކީ އަހަރެން” ބީހާލް ދެރަވެފައި ބުނެލިއެވެ.
“ނޫން ބީ…. މީ ހަމަ އެވަގުތު ލިބުން އެންމެ އެކަށޭނެ އަދަބު” ރަޔާހީން ވެސް ދެރަވެފައި ބުނެލިއެވެ. ރަޔާހީން އިސްއުފުލާ ބީހާލް އަށް ބަލާލީ ދެވަނަ ފަހަރަށް ބީހާލް މާފަށް އެދުމުންނެވެ.
“ހީން ގެ ލޯބި ހީން އަށް ނުލިބުނީ އަހަރެންގެ މިރޭވުން ގަނޑުތެރެއަށް ހީން ވެއްދީމަ. ހީން ހިތަށް ކުރާނެ އަސަރު ހިތަށް އަރާފައި އަހަރެން ވަރަށް ދެރަވޭ” ބީހާލް ބުނެލިއެވެ.
“ތިހެން ނުބުނޭ… ބީހާލް އަހަރެން ކައިރީ އެހުރިހާ ވާހަކަތަކެއް ކިޔާދިނުމުން އަހަރެން މިގޮތަށް ކަންތައް ކުރަން އެއްބަސްވީ ބަދަލު ހިފަން އަހަރެން ވެސް އެދުނު ވަރުން. ވީއިރު މިކަމުގައި ބީ އަމިއްލަ ނަފްސު ކުށްވެރިނުކުރޭ” ރަޔާހީން ކުރިއަށް ޖެހިލާ ބީހާލް ގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
ދެން މިވާހަކަ ބާއްވަމާ… ފައި ވެސް މިހާރު ރަނގަޅު. ކުޑަކޮށް ރިއްސަނީ…. ރަމްލާއްތަ އާއި ބައްދަލުކުރާ ހިތުން މިހިރީ. ހިނގާ ދަމާ. ކޮން ގެއަކު ހުރީ ރަމްލާއްތަ” ރަޔާހީން ކެތްމަދުވެފައިވާ ރާގަކަށް އަހާލިއެވެ.
“ހީން ކެރޭނެތަ އަހަރެން ބުނާ ކަމެއް ކުރަން” ރަޔާހީން އަވަސް އަވަހަށް ބޯޖަހާލިއެވެ.
“އެހެންވިއްޔާ ދެލޯ މަރާލައިގެން ހުރޭ. އަހަރެން ބުނީމަ ނޫނީ ނުހުޅުވާތި. އަދި އަހަރެން އަނގައިން ނުބުނަނީސް ހީން ނުވާނެ އެއްވެސް އެއްޗެކޭ ކިޔައިގެން. ތައްޔާރުތަ؟ ބީހާލް ބުނި އެއްޗަކުން ރަޔާހީން ހިތުގައި ބިރުވެރިކަން އުފެދުނެވެ. އެހެންނަމަވެސް އޭނާ ބީހާލް އަށް އިތުބާރު ކުރުމަށްފަހު ބޯ ޖަހާލުމަށްފަހު ދެލޯ މަރާލިއެވެ. އޭރު އޭނާގެ ހިތް ބާރުލާފައި ތެޅެމުންދާ އަޑު އޭނާ އަށް އިހުސާސް ކުރެވެމުން ދިޔައެވެ. ބީހާލް ރަޔާހީނަށް ބަލާލަމުން ހީލީ މާޒީ ތެރެއިން ދުވަހެއް ހަނދާންވެފައެވެ. އޭނާގެ ލޯބިވާ ފަރޫ ވެސް ދެލޯ މަރާލައިގެން ކައިރީގައި ހުންނަނީ މިހާރު ރަޔާހީން ވެސް އެހުރި ގޮތަށެވެ. އެހާ މަޢުސޫމެވެ.
ބީހާލް ކުރިއަށް ޖެހިލާ ރަޔާހީންގެ ދެއަތްތިލަ ބީހާލްގެ ދެއަތްތިލަ ތެރެއަށް ލީކަން އެނގުނެވެ. އެއަށްފަހު ބިމުން އެޭނާ އުފުއްލުނު ކަން ވެސް އިހުޞާސް ވިއެވެ. ދެންް އިވެންފެށީ ދެކަންފަތް ދަށުގައި ބޫން އަޅުވާފައި އިވޭ ވައިގެ އަޑެވެ. އަދި އޭނާގެ ފައިވެސް ތަނެއްގައި ނުޖެހޭކަން އޭނާ އަށް އިހުސާސްވީ ދެފައި ތަޅުވާލުމުން ހަރުކަމެއް އިހުސާސް ނުކުރެވޭތީއެވެ. ކިތަންމެ ފަހަރަކު ދެލޯ ހުޅުވާ މިވާ ގޮތަކާއި ބެހޭ ގޮތުން ބީހާލް އާއި ސުވާލުކުރަން ބޭނުންވިއެވެ. ނަމަވެސް އެންމެ ފުރަތަމަ ވެސް ބީހާލް އޭނާ ކައިރީގައި ދެއްކި ވާހަކަތައް ހަނދާންވުމުން ހިމޭންކަން އިޚްތިޔާރު ކުރިއެވެ. އިރުކޮޅަކުން ރަޔާހީންގެ ހަށިގަނޑުގައި ފަތްތަކެއް ކަހަލަ އެއްޗެހިތަކެއް ޖެހޭކަން އިހުސާސް ކުރެވެން ފެށިއެވެ. އަދި އޭނާގެ ފައި ބިންމަތީގައި ޖެހުނު ހިނދު ހަށިގަނޑަށް ކުޑަކުޑަ ލޮޅުމެއް އައިކަން ވެސް އެނގުނެވެ.
“ހީން. ކޮބާ ލޯ ހުޅުވާ” ހީން ދެލޯ ހުޅުވާލުމާއެކު ފަރާތް ފަރާތަށް ބަލާލީ އެއީ ކޮންތަނެއްކަން ނޭނގިގެންނެވެ. ހުރިހާ ދިމާލަކުން ފެންނަނީ ބޯ ގަސްތަކެވެ. ދުރުދުރުން ހުދު ކުލައިގެ އަލި ތަކެއް ވެސް ފެންނަން ހުއްޓެވެ. އިންޖީނެއްގެ އަޑު އިވުމުން އަޑު އައި ދިމާލަށް ހީން ބަލާލިއެވެ. އޭރު ބަނދަރުން ދޯންޏެއް ކަނޑަށް ނިކުންނަން ތައްޔާރުވަނީއެވެ.
“ބީ…… މީ ކޮންރަށެއް. މީ ކޮން ތަނެއް. ބީމެންގެ ރަށްތަ؟ ޖިންނީން ވެސް ދޯނި ދުއްވާތަ” ރަޔާހީން ފަރާތް ފަރާތަށް އެނބުރެމުން އަހާލި އެއްޗަކުން ބީހާލް އަށް ހެވުނެވެ.
“މަޑުކޮށްބަލަ. އަހަރެމެން މިތަނަށް މިއައީ ކިހިނެއް؟ ރަޔާހީން ބީހާލް އަށް ބަލާލަމުން ބުނެލިއެވެ.
“އެދޯނި އެނައްޓާލި އަހަރެމެން މިރަށަށް ގެނެއްސަ” ހެމުން ހެމުން ބީހާލް ބުންޏެވެ.
“ދެން…. ނޫން… އެނގޭ އެދޯނި ނޫންކަން” ރަޔާހީން ބީހާލްގެ އަތުގައި ޖަހާލަމުން ބުނެލިއެވެ.
“މަޑުކޮށްބަލަ އަދި ކިޔާދޭނަމޭ ހުރިހާ އެއްޗެއް ވެސް” ބީހާލް ވެސް ރަޔާހިން ވާހަކަދެއްކި ރާގުގައި ބުނެލިއެވެ. ރަޔާހީނަށް ހެވުނެވެ.
“ހެހެހެ… ހިނގާ ދަމާ ކުރިއަށް. އޭރުން އެނގޭނެ” ބީހާލް ހިނގައިގަތުމުން ފަހަތުން ރަޔާހީން ވެސް ހިނގަން ފެށިއެވެ. ރަށުތެރެއަށް އަރައިގެން ދާން ފެށުމުން ރަޔާހީނަށް މަގުތަކުން މީހުން ވެސް ފެންނަން ފެށިއެވެ. އެހެންކަމުން އެއީ މީހުން ދިރިއުޅޭ ރަށެއްކަން ރަޔާހީނަށް އެނގުނެވެ. ނަމަވެސް ކޮން ރަށެއް ކަމެއް ނޭނގެއެވެ. ބޯވެފައިވާ ގަސްތަކުން ނެއްޓުމުން ބީހާލް ރަޔާހީން ކައިރީގައި އެދުނީ ކުޑައިރުކޮޅަކަށް ފަހަތަށް ނުބަލާ ހުރުމަށެވެ. އޭނާ އަކީ ޖިންނިއަކަށް ވާތީ އާއި އަދި އޭނާ ކުރާ ކުޑަކުޑަ ކަމެއްގެ ސަބަބުން ރަޔާހީން ބިރުގަންނަން ނޭދޭތީއެވެ.
ކުއްލިއަކަށް ރަޔާހީން ސިހުނީ އޭނާގެ އެއްފަރާތުން އައިސް އޭނާގެ ރަހްމަތްތެރި ނަދާ ހުއްޓުމުންނެވެ. ރަޔާހީން ބަލާލުމުން ނަދާ ހީލިއެވެ. ރަޔާހީން ފަހަތް ބަލާލިއިރު ބީހާލް ފެންނަން ނެތުމުން ރަޔާހީންގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. ރަޔާހީން ހީކުރީ ނަދާ އައުމުން ބީހާލް ފިލީ ކަމަށެވެ.
“ނަދޫ މިރަށުގަ ކީއްތިކުރަނީ” ރަޔާހީން އެހެން އަހާލީ ވެސް ބީހާލް ފެނޭތޯ ހުރިހާ ދިމާލެއް ހޯދަމުންނެވެ. އެންމެފަހަށް ރަޔާހީން ހުއްޓުނީ އޭނާ ދާންޖެހޭ ތަނެއް ހުދުު އޭނާ އަށް ވެސް ނޭނގުމުންނެވެ.
“ކީއްވެ ތިހުއްޓުނީ… މިހާރު މިދެވެނީ” ރަޔާހީން ހަށިގަނޑުގައި ހުރިއްޔާ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައީ ދާދި ކައިރީގައި ހުރި ނަދާ ބީހާލްގެ އަޑުން ވާހަކަދެއްކުމުންނެވެ.
ބިރުގަތްވަރުން ކަންނޭނގެއެވެ. ރަޔާހީނަށް މަންމާއެ ކިޔާ ހަޅޭއްލަވާ ގަނެވުނީ ބޭއިޚްތިޔާރުގައެވެ. އެންމެފަހަށް އޭނާ މައިތިރިވީ ބީހާލް އޭނާގެ އަނގަމަތީގައި އަތް އެޅުމުންނެވެ. މަގުގެ ދެފަރާތުން ހިނގާފައިދާ މީހން ވެސް ދިޔައީ ސަކަރާތްޖަހަމުން ދިޔަ ރަޔާހީނަށާއި ނަދާގެ ސިފައިގާ ހުރި ބީހާލް އަށް ބަލަމުންނެވެ. ބަލާ މީހަކަށް ހީވާނީ ދެއެކުވެރިން ސަމާސާ ކުރަނީ ހެންނެވެ.
“މީ މަށޭ.. ބީހާލް… މިގޮތަށް ހުރުމުން މީހުންގެ ލޮލަކު ވެސް މާބޮޑަކަށް ނާޅާނެއްނު… އެހެންނޫނަސް ރަމްލާދައްތަ ހިތަކަށް ވެސް ފާޑުފާޑުގެ އެއްޗެހިތަކެއް ނާރާނެއްނު…. އޯކޭތަ.. ދެން ނަގަންވީތަ އަތް” ރަޔާހީންގެ ދެލޯބޮޑުކޮށްފައި ބީހާލް އަށް ބަލަން ހުރެ ބޯޖަހާލިއެވެ. ބީހާލް ވާހަކަދެއްކީ ރަޔާހީން އަނގަމަތީގައި އަތް އަޅައިގެން ހުރެއެވެ.
“ޔަޤީން ބިރުނުގަންނާނަން ދޯ….” ދެވަނަ ފަހަރަށް ވެސް ބީހާލް ސުވާލުކޮށްލިއެވެ. ރަޔާހީން ބޯޖަހާލުމުން މަޑުމަޑުން އަނގަމަތީގައި އަޅާފައި އޮތް ބީހާލްގެ އަތް ނައްޓުވާލިއެވެ. ރަޔާހީން އެއްއަތުން މޭގައި އަތް އަޅާ ހަމަޖެހުމުގެ ނޭވައެއް ލިއެވެ. އިރުކޮޅަކުން ފެނުނީ ރަޔާހީނާއި ނަދާގެ ސިފައިގާ ހުރި ބީހާލް އެއްކޮށް ހޭންފެށި މަންޒަރެވެ.
ހިނގާފައި ދިހަވަރަކަށް މިނިޓްތެރޭގައި އެމީހުން ތިބީ އާދައިގެ ކުޑަ ދޮރާއްޓެއް ލާފައިވާ ކުޑަގެއެއްގެ ދޮރުމަތީގައެވެ. ބަލާބެލުމަށް އެގޭގައި ދިރިއުޅޭނީ ބޮޑު އާއިލާއެކޭ އެއްވެސް މީހެއް ނުބުނާނެއެވެ. ވަށާފާރު ހުރީ ސިމެންތި ވެސް ނުޖަހައެވެ. އެހިސާބުން ފެންނަން ހުރީ މަދު ގެއެއްކަމުން އެހިސާބު އޮތީ ފުދޭވަރަކަށް އަނދިރިކޮށެވެ. ބީހާލް ކުރިއަށް ޖެހިލާ އެގޭ ދޮރާށި އެތެރެއަށް ކޮށްޕާލުމާއެކު އަޑެއް ކިޔާފައި ހުޅުވިގެން ދިޔައެވެ.
“މަޑުކޮށްބަލަ. ނަދޫ ގެ ސިފައިގަ ހުރީމަ އަހަރެން އެބަ ސިހޭ. މިހާރު އެގެއަށް ވެސް މިއާދެވުނީ. ދެން ބީހާލް ގެ ސިފައިގާ ހުރެބަލަ” ރަޔާހީން މިހެން ބުނުމުން ބީހާލް ރަޔާހީންގެ ފަހަތަށް ޖެހިލުމަށްފަހު ދެން ކުރިމައްޗަށް އައީ ބީހާލް ގެ ސިފައިގައެވެ.
“އެންމެ ރަނގަޅުތަ” ބީހާލް ހީލާފައި ރަޔާހީން ކުރެން އަހާލިއެވެ. ރަޔާހީން ހީލަމުން ބޯޖަހާލަމުން ދެމީހުން އެކުގައި އެތެރެއަށް ވަނުމަށް ހިނގައިގަތެވެ. ގޯތި ތެރެއިން ފެންނަން ހުރި ހަމައެކަނި ކޮޓަރީގެ ދޮރުމަތީގައި ހަރުކޮށްފައި ހުރި ފަސްވޯޓްގެ ރީނދޫ ކުލައިގެ ބޮކިން ލިބިފައި ހުރި އަލިކޮޅު ނޫން އެއްވެސް އަލިކަމެއް އެގޯތިން ފެންނާކަށް ނެތެވެ.
“މިކޮޓަރިން އެތެރެވުމާއެކު ދެން ކަންތައް ކުރަންވީ ގޮތް ހީން އަށް އެނގޭނެ. އަހަރެން މިއަންނަނީ….” ބީހާލް ހިނގައިގަތުމާއެކު ރަޔާހީން ހިފީ ބީހާލް ލައިގެން ހުރި ކަޅުކުލައިގެ ޓީޝާޓްގައެވެ.
“ބިރުނުގަނޭ… އަހަރެން ހީން އަނބުރާ ގެއާއި ހަމައަށް ގެންގޮސްދޭނަން. ޔަޤީން… ހަމަ ވަރަށް އަވަހަށް މިއަންނަނީ” ރަޔާހީން ބުނުމަކާއި ނުލާ ވެސް އޭނާގެ ހިތުގައި އޮތް އެއްޗެއް ބީހާލް އަށް އެނގުނު ފަދައެވެ. ބީހާލް ރަޔާހީންގެ ލޯމައްޗަށް ގެއްލުނުތާ އިރުކޮޅެއްނުވަނީސް އިޝާނަމާދު ބަންގީގެ އަޑު ރަޔާހީންގެ ކަންފަތުގައި ޖެހުނެވެ. ބީހާލް އެތަނުން ދިޔަ ސަބަބު ރަޔާހީނަށް އެވަގުތު އެނގުންވިއެވެ.
ލައްޕާލަފައިވާ ކޮޓަރީގެ ދޮރުގައި ރަޔާހީން ޖަހާލުމާއެކު އެތެރެއިން މުސްކުޅި އަންހެނެއްގެ އަޑު އިވުނެވެ.
“ކާކު” އެމީހަކީ ކާކުކަން ރަޔާހީނަށް އެނގުމާއެކު ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ.
“ރަމްލާދައްތާ… މީ އަހަރެން. … ހުޅުވަބަލަ. މީ އިރުފާން އަންހެނުން” އެތެރޭގައި ފާރޮށްޓާއި ކަޅުސައިތައްޓެއް ބޯން އިން ރަމްލާ ސިހުނީ އޭނާ އާއި ބައްދަލުކުރުމަށް އެގެއަށް ރަޔާހީން އައުމުންނެވެ. ރަމްލާ އަށް ފެނިފައިވާ ގޮތުން ރަންމުތް ގޭގައި އޭނާ ބަންދުކޮށްފައިވާ ޖަލުން ސަލާމަތްކުރީ ރަޔާހީނެވެ. އޭނާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވީ ރަޔާހީނަށް ޝުކުރުއަދާ ކުރަން މިއަށް ވުރެ ރަނގަޅު ފުރުޞަތެއް ދެން އޭނާ އަށް ނުލިބޭނެތީއެވެ.
ރަމްލާ އެކޮޓަރީގެ ދޮރުގައި ލައްކޮށްލާފައިވާ މަޅު ކުޑަ އަލަމާރި އެއްކައިރި ކޮށްލުމަށްފަހު ދޮރު ހުޅުވާލިއެވެ. އަދި ހަމަ އެހާ އަވަހަށް ރަޔާހީންގެ އަތުގައި ހިފާ އެތެރެއަށް ވެއްދުމަށްފަހު ކުރިން ހުރި ގޮތަށް ދޮރުގައި އަލަމާރި ޖެއްސިއެވެ. ރަޔާހީން ހުރީ ރަމްލާ ކުރާ ކަމަކުން ޚައިރާންވެފައެވެ. ރަމްލާ ރަޔާހީނަށް އިޝާރާތްކުރީ ތިރީގައި އޮތް ޑަބިޔާ ބުރި މަތީގައި އިށީނުމަށެވެ. ރަޔަހީން ދެބަހެއް ނުބުނެ އިށީނެވެ. އަދި ފަރާތް ފަރާތް ހޯދާލިއެވެ. ނިކަމެއްޗެއް އުޅޭ ކޮޓަރިއެއް ވިޔަސް ބަލާލަން ލޮލަށް ކިތަންމެހާ ވެސް ރީއްޗެވެ. ނިދަން ހުރީ ފަތްޖެހި އެނދެކެވެ. އެނދުމަތީ މާޖެހި ބެޑްޝީޓެއް އޮތް އިރު އެއްބާލީސް ވެސް އޮތެވެ. ކުޑަމޭޒުމަތީގައި ބަދިގެއަށް ބޭނުންވާނެ ބައެއް ސާމާނު ހުރިއިރު ރަމްލާ އަތުގައި މިހާރު ވެސް އޮތީ ފާރޮށި ކިބައެކެވެ.
“ރަމްލާއްތަ އެންމެ ފުރަތަމަ ވެސް ބޭނުންވަނީ އެކޮޔަށް ޝުކުރުއަދާ ކުރަން. އެރޭ އެކޮއި ދައްތަ އަށް ކޮށްދިނީ ވަރަށް ބޮޑު ކަމެއް. މިހެން ދުލުން ބުންޏަސް އެއީ ކިހާ ވަރެއްގެ ކަމެއްކަން އަޑުއަހާ މީހަކަށް އަންދާޒާ ނުކުރެވިދާނެ. އެކަމަކު ރަމްލާދައްތަ އުފުލި ބުރަޔާއި ކުރި ހިތާމަ ހިތަށް ތަޙައްމަލް ކުރަން ޖެހުނު ވޭން ރުއި ރުއިން އެކަލާނގެ އަށް ކުރި ދުޢާ ދެނެވޮޑިގެންވާނީ ހަމަ އެކަލާނގެ. އެރޭ އެކޮއި ރަމްލާއްތަ އެތަނުން ނުނެރުނުނަމަ މިއަދާއި ހަމައަށް ވެސް ދައްތަ ސަލާމަތުން ދިރި ހުންނާނެ ކަމެއް ނޭނގޭ.” ރަމްލާގެ ވާހަކަތަކުން ރަޔާހީނަށް ސިހުން ލިބުނެވެ.
ރަމްލާދައްތަ މިކިޔަނީ ކީކޭ ހެއްޔެވެ؟ އެތަނުން ރަމްލާދައްތަ ސަލާމަތްކުރީ އަހަރެން ހެއްޔެވެ؟ ނޫނީ ރަމްލާދައްތަ އަށް އޮޅުނީ ހެއްޔެވެ؟އަނެއްކާ ބީހާލް…. ރަޔާހީނަށް ވިސްނުމާއެކު އަވަސް އަވަހަށް ރަމްލާ އަށް ބަލާލިއެވެ. އަދި ހީލެވޭތޯ ބެލިއެވެ.
“އަޅާނުލާ ރަމްލާއްތާ… އަހަރެން ބޭނުންވީ އެތަނުން ރަމްލާއްތަ ސަލާމަތްކުރަން” ރަޔާހީން ވެސް އޭނާގެ ކުރިމަތީގައި އިށީނދެގެން އިން ރަމްލާ އަށް ހީލަމުން ބުންޏެވެ.
“އެކޮއި އެއްޗެއް ކާނަންތަ؟ ރަމްލާ އަހާލިއެވެ.
“ނޫނޭ ރަމްލާއްތާ. މިފަހަރު ނޫނަސް އަދި އެއްދުވަހަކުން ރަމްލާއްތަ އާއެކު ސައިބޯނަން އިރާދަކުރެއްވިއްޔާ” ރަޔާހީން ހިތްހެޔޮ ހިނިތުންވުމެއް މޫނުމައްޗަށް ވެރިކުރުވަމުން ބުނެލިއެވެ.
“ރަމްލާއްތަ ހިތަށް އަރާ ފަރޫ އާއި އެކޮއި ވައްތަރުވީ ކީއްވެބާއޭ. އެނގޭތަ ފަރުހީން” ރަޔާހީންގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިނދެ ރަމްލާ އަހާލިއެވެ.
“ހެހެހެ… ރަމްލާއްތާ އަޅުގަނޑަށް ކިޔަނީ ރަޔާހީން. ފަރުހީން އެއީ އަޅުގަނޑުގެ ދޮންތަ” ރަޔާހީން ދިން ޖަވާބުން ރަމްލާގެ ދެލޯ މައްޗަށް އަރައިގެން ދިޔައެވެ.
“ހަމަ ޝަހާދަތް ކިޔާފަތަ ތިބުނީ. ތީ ރަޙްމާގެ ދަރިއެއްތަ؟ ރަމްލާ އޭނާގެ ދެވަނަ ސުވާލު ކޮށްލިއެވެ.
“ނޫން. ރަޙްމާ އެއީ އަޅުގަނޑުގެ ބޮޑުމަންމަ. އަޅުގަނޑުގެ މަންމަ އަކީ ނީތާ. މިހާރު ނެތް ދުނިޔޭގަ. އަޅުގަނޑުގެ ހުރީ މާމައެއް. ދެން އެއްބަފާ ދެ ކޮއްކޮ” ރަޔާހީން ރަމްލާ އަށް އޮޅުންފިލުވާދިނެވެ.
“ރަހްމާ އަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ. އެކުވެރިޔާ ނިޔާވެގެން ދިޔާމަ އޭނާގެ ހުރިހާ ކުދިންނަކީ ވެސް އަހަރެން ދެކުނީ އެއީ އަހަރެންގެ އަމިއްލަ ކުދިންގެ ގޮތުގައި. ނީތާ ވިހޭ ކަން އެނގޭ. އެކަމަކު ނީތާ އާއި ދިމާވެފައި ހުރީ މަދު ދުވަސްކޮޅަކު. ރަޔާހީން ދައްތަ އަށް ފެނިފައި ހުންނާނީ ވަރަށް ކުޑައިރު. ދައްތަގެ ހަޔާތުގައި މިހާތަނަށް ދައްތަ އަށް ފެނުނު އެންމެ ބިރުވެރި މަންޒަރުގެ ސަބަބުން ރަންމުތްގޭ މީހުން ދައްތަ ހުރަގެއަކަށް ލީ… ދަރިފުޅަށް އެނގޭތަ ތިދެވިގެން އުޅެނީ ކޮންފަދަ ގެއަކަށް ކަން. އިރުފާނަކީ ކާކު ކަން” ރަމްލާ މަޑުމައިތިރިކަމާއެކު ރަޔާހީނާއި ވާހަކަދައްކަމުން ދިޔައެވެ.
“ހުރިހާ އެއްޗެއް ވެސް އަޅުގަނޑަށް އެނގޭ… އެނގިހުރެ އަޅުގަނޑު އަމިއްލަ އަށް ނިންމި ނިންމުމެއް މީ. އަޅުގަނޑު އެންމެ ފުރަތަމަ ބޭނުމީ އިރުފާންގެ މައިބަފައިން ދައްތަ އާއި މެދު އެފަދައިން ކަންތައް ކުރި ސަބަބު އެނގެން. ހުރިހާ އެއްޗެއް ކިޔާދީ. އޭރުން އަޅުގަނޑު އޮޅުންފިލުވަދޭނަން އިރުފާނުގެ އަންބަކަށް ވެގެން އެގެއަށް އަޅުގަނޑު ދާން ޖެހުނީ ކީއްވެގެންކަން.” ރަޔާހީން އެހިސާބަށް ބުނިތަނާ އެތެރެއިން ބީހާލް ފާޅުވިތަން ފެނިގެން ދިޔައެވެ. ބީހާލް އަތުގެ އިޝާރާތުން ރަޔާހީނަށް މަޑުން އިނުމަށް ބުނުމުން ރަޔާހީން އެގޮތުގައި މަޑުން އިނެވެ. ބީހާލް ހުއްޓުނީ ހާސްވެފައި ބިރުން ކޮޅަށް ތެދުވެ ހުރި ރަމްލާ ކުރިމަތީގައެވެ.
“ދައްތަ އަކީ ރަންމުތްގޭ ނޯކަރަކަށް އުޅުނު މީހެއް. ފީރޯޒާ އާއި އާސިރުގެ ހުންނަނީ އެންމެ ދަރިއެއް. އެއީ އިރުފާން….. އިރުފާންގެ ފުރަތަމަ އަނބިމީހާ އެއީ ފީރޯޒާ އާއި އާސިރަށް އެއްގޮތަކަށް ވެސް ކަމުދާ މީހަކަށް ނުވި. އެދެމީހުންގެ ދަރި މާކިލް ބޮޑުވިފަހުން އެދިރިއުޅުން ރޫޅިގެން ދިޔައީ. އެހިސާބުން މާކިލް އަށް ވެސް ބަދަލުތަކެއް އަންނަން ފެށީ. އޭގެ ފަހުން އިރފާންގެ ދެވަނަ ކައިވެނި ވެގެން ދިޔައީ…… އެގޮތުން އެއްދުވަހަކު………” ރޮމުން ގިސްލަމުން ކަހަލަ ގޮތަކަށް ރަމްލާ އޭނާ އަށް ދިމާވި ގޮތް ރަޔާހީނަށް އޮޅުންފިލުވާ ދިނެވެ. ބައެއް ފަހަރު އަޑުކެނޑިގެން ކުރިއަށް ނުގެންދެވިގެން ވާހަކަދެއްކުން ހުއްޓާލާ މޫނުގައި އަތް އަޅާލާ ރޯންވެސް ރޮއެވެ. ރަމްލާގެ ވާހަކަތަކުން ރަޔާހީން ވެސް ހުރީ ޤަބޫލުކުރަން ދަތިވެފައެވެ. އެފަދަ ކަމެއް ހިނގާފައިވާ ކަމަށް ކުރިން ބީހާލްގެ ފަރާތުން އެނގިފައި ވިޔަސް ތަފްސީލުކޮށް މިގޮތަށް އެނގިގެން ދިޔުމުން އަސަރު ނުކުރާނީ ކާކަށް ހެއްޔެވެ؟ ރަޔާހީން ބަލާލިއިރު ބީހާލް ގެ ލޮލުން ވެސް ކަރުނަ އަންނަ މަންޒަރު ފެނުނެވެ. ރަޔާހީން އެންމެ ހައިރާންވީ ބީހާލްގެ ލޮލުން ލޭކަރުނަ އަންނަތަން ފެނިފައެވެ.
ހިމޭންކަމުގައި އެތައްއިރަކު ރުއިމަށްފަހު އެކަމަށް ހުއްޓުމެއް ގެނުވީ ރަޔާހީން ރަމްލާގެ ގައިގާ އޮޅުލައި ގަތުމުންނެވެ. އަދި ހަމަ އެހާ ވޭނުގައި އޭނާ ކިޔާދޭން ބޭނުންވި ހުރިހާ ވާހަކަތަކެއް ވެސް ރަމްލާ އަށް ކިޔާދިނެވެ. ނަމަވެސް ބީހާލްގެ ބައިތައް އުނިކޮށްފައެވެ. ދެމީހުން ދެމީހުންނަށް ކިޔާދޭން ބޭނުންވި ވާހަކަތައް އެނގުމަށްފަހު ހަތަރު ލޮލުން ފައިބަމުންދާ ކަރުނަތައް އިތުރު ވަމުން ދިޔައެވެ. ބީހާލް ވެސް ހިތްވަރުކޮށްފައި އެނބުރި ގެއަށްދާ ވަގުތު ޖެހިއްޖެކަން ރަޔާހީނަށް އަންގާދިނެވެ.
ރަމްލާ އާއި ސަލާންކޮށް ފަހުން ބައްދަލުވާނެ ކަމަށް ބުނެ ރަޔާހީން ދިޔައީ ރަމްލާ އަށް ބޭނުންވާނެ ނަގުދު ފައިސާ ދީފައެވެ. އަދި ކަމެއް ބޭނުންވެއްޖެ ހިނދެއްގައި ގުޅުމަށް ރަޔާހީންގެ ފޯނު ނަންބަރު ވެސް ރަމްލާ އަށް ދީފައެވެ.
ރަޔާހީން ހީކުރި ގޮތާއި ޚިލާފަށް ވަރަށް އަވަހަށް ބީހާލް އޭނާ ގެނެސް ރަންމުތްގޭ ދޮރުމަތީގައި ބެހެއްޓިއެވެ. އަދި ރޭގަނޑުގެ އެންމެފަހު ސަލާން ކުރުމަށްފަހު ބީހާލް ދިޔައީ ރަޔާހީން ބުނާނެ އެއްޗަކަށް ބެލުމެއް ނެތިއެވެ. ހީވާ ގޮތުން މިރޭ އެނގިގެން އެދިޔަ ހަޤީޤަތަށްފަހު ޖިންނިއަކަށް ވިޔަސް އޭނާގެ ހިތަށް ވަނީ ވަރަށް އަސަރުކޮށްފައެވެ. ރަޔާހީން ބަލާލުމުން ބީހާލް އިސްއޮބާލީ އެހެންވެއެވެ. ރަޔާހީން ގެއަށް ވަނުމުގެ ކުރިން އަތުކުރީގައިވާ ގަޑިއަށް ބަލާލިއެވެ. ދިހައެއް ޖަހަން އުޅޭކަން އެނގުމުން ރަޔާހީން ކަނބޮޑުވީ ގޭ މީހެއްގެ ސުވާލު އޭނާ އަށް އަމާޒުވެދާނެތީއެވެ. ނަމަވެސް އޭނާ ގޮސް ކޮޓަރިއަށް ވަން އިރު ވެސް އެއްވެސް މީހެއްގެ ސުވާލެއް ކުރިމައްޗެއް ނުވިއެވެ.
ރަޔާހީން ނަދާ އާއި ބައްދަލުކުރީ މާލޭގެ މަޝްހޫރު ރެސްޓޯރަންޓަކުންނެވެ. ހަފްތާއެއްހާ ދުވަހަށް ފަހު ދެއެކުވެރިން ބައްދަލުވުމުން އެކުގައި ގިނަ ވަގުތު ތަކެއް ހޭދަކުރަން ބޭނުންވިއެވެ. އެހެންކަމުން ގޭ މީހުންގެ ހުއްދަ ލިބިގެން ރަޔާހީން ނަދާ އާއި ބައްދަލުކުރުމަށް ނަދާ އުޅޭ ގެއަށް ދިޔައީ އިރުއޮށްސުނުތަނާއެވެ. އެގެއިން ނަދާ އާއި އެކު ނަމާދުކޮށްގެން ގެއިން ބޭރަށް ޝޮޕިންކުރުމަށްފަހު ކާން ދިޔައީ ބަނޑުހައިވުމުން ގެއަށް އެހާ އަވަހަށް ވަންނަން ބޭނުންނުވީމައެވެ.
ގަތް އެއްޗެހިތަކާއެކު ދެކުދިން ގެއަށް ވަދެގެން އައިސް ވަނީ ނަދާގެ ކޮޓަރިއަށެވެ. އެނދުމައްޗަށް ކޮތަޅުތައް އުކާލުމަށްފަހު ރަޔާހީން ވެއްޓިގަތީ ނަދާގެ އެނދަށެވެ. ނަދާ ފާޚާނާ އަށް ވަނުމުން ރަޔާހީން ނިތް މައްޗަށް އަތް އެއްލައިގެން އޮތީ މަތިން އެނބުރެމުންދާ ފަންކާ އަށް ބަލަހައްޓައިގެންނެވެ. ރަޔާހީންގެ ފޯނަށް އިރުފާން ގުޅުމުން އެއަށް ޖަވާބުދޭން ފެށިއިރު އެމޫނު މަތީގައި ވަނީ ފޫހިކަމެވެ. ނަދާ ފާޚާނާ އިން ނިކުތްއިރު ރަޔާހީން ތުންކޮޅު ހަދާލައިގެން އެނދުގައި އިނުމުން ނަދާ ކައިރިއަށް ހިނިއައެވެ.
“ކިހިނެއްވީ މޫނު ހަދައިގެން ތީނީ” ނަދާ ރަޔާހީން ކައިރީގައި އިށީނދެ ކުޝަންއެއް އުނގަށް ލަމުން އަހާލިއެވެ.
އިރުފާން ގުޅާފައި ތަންކޮޅެއް އަވަހަށް ގެއަށް އަންނަން ބުނެފި. މިސް ވަނީޔޯ” އެހެން ބުނެވުނުއިރު ވެސް ރަޔާހީންގެ މޫނުމަތިން ފެނުނު ފޫހިކަމަށް ބަދަލެއް ނާދެއެެވެ.
“އައްދެ. އެއީ ހީންގެ ހައްބުކޮޅެއްނު. އުފަލެއްނު ވާންވީ… އަހަރެން މިވާހަކަ ދެއްކީމަ ހީން އަންނާނީ ރުޅި. އެހެންވެ ހީންގެ ފިރިކަލުންގެ ވާހަކަ ދައްކާކަށް މަށެއް ނެތިން” ނަދާ ވެސް މޫނު ހަދާލަމުން ބުނެލިއެވެ.
“ނެތް ގެއަށް ދާހިތެއް އަވަހަކަށް. ނަދޫ! މަށަށް މިރޭ މިގޭގައި މަޑުކޮށްލެވިދާނެތަ؟ އެކަމަކު ނަދޫ އާއި ނަދޫގެ މަންމަ ޤަބޫލިއްޔާ” ރަޔާހީން ނަދާގެ ފައިގެ ފަލަމަސްގަނޑުމަތީގައި އަތް އަޅާލަމުން ބުނެލިއެވެ.
“ހީން މިގޭގައި އުމުރު ދުވަހު އުޅެން އަޔަސް މަގޭ މައްސަލައެއް ނެތް. އަދި މަންމަ ވެސް ހިއްއްނުވޭ މައްސަލައެއް ޖައްސާނެހެނެއް. އެކަމަކު މަށަށް އަހާލެވިދަނެތަ ހީން އަށް ބަދަލުތަކެއް އައިސްގެން އުޅެންޏާ އެބަދަލުތަކަކީ ކޮބާތޯ” ނަދާ ރަޔާހީންގެ މޫނަށް ބަލާލަމުން ވަރަށް ސީރިޔަސްކޮށް އަހާލިއެވެ.
“ނަދޫ އަސްލު ނަދޫ އަށް ވަރަށް ބޮޑުކަމެއް ވަނީ ސިއްރުކުރެވިފައި. ނަދޫ ތީ ބެސްޓްފްރެންޑަސް އެކަންތައް ސިއްރުކުރީ ދުނިޔެއުމުރު އެކަން ސިއްރެއްގެ ގޮތުގައި ބާއްވާކަށް ނޫން. ބުނަން ހުރީ ކޮންމެސްދުވަހަކުން. މިއީ އެދުވަސް. ސޮރީ ނަދޫ” ނަދާގެ އަތުގައި ހިފާލަމުން ރަޔާހީން ބުނެލިއެވެ. އެހާހިސާބުން ރަޔާހީންގެ ވާހަކަތަކަށް ނަދާ އަށް އިތުރަށް ގަޔާވެވުނެވެ. ރަޔާހީނަށް ކުރިމަތިވާ ގޮތަށް ދެފަށް ވަށްކޮށްލަމުން ރަޔާހީނާއި އިތުރަށް ކައިރިއަށް ޖެހިލިއެވެ. އަދި ރޮވިފައި އިން ރަޔާހީންގެ ދަތްދޮޅީގައި ހިފާ މައްޗަށް އުފުލާލިއެވެ.
“ހީން. އިޓްސްއޯކޭ. ހީން ނުބުންޏަސް އެނގުނު ކޮންމެސް ކަމެއް އުބައުޅޭކަން. ބުނޭ. ހީން ބުނި ކޮންމެ އެއްޗެއް އަޑުއަހާނަން” ނަދާ ރަޔާހީންގެ ދެލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން ބުނެލިއެވެ.
“ނަދޫ! އަހަރެން…. އަހަރެން އިރުފާނާއި އިނީ ލޯތްބަކުން ނޫން. އަހަރެން އެހެންމީހުންނަށް އަންގާދިނީ އިނީ ލޯބިންކަން. އެކަމަކު އަހަރެންގެ ކޭވީ…. ނަދޫ! އަހަރެންނަށް ދުވަހަކު ވެސް ކޭވީ ނުލިބޭނެތަ؟ ކޭވީ ވަރަށް އަވަހަށް މެރީ ކުރަން ނިންމައިފި. އޭނަ މަށަށް ނަފްރަތު ކުރޭ. އަހަރެންގެ މޫނު ދެކޭކަށް ވެސް ބޭނުމެއް ނޫން” ރަޔާހީން އިސްޖަހާލައިގެން ރޮވިފައި އިނދެ ވާހަކަދައްކަމުން ދިޔައެވެ.
“ވިކީ މަތިން ހަނދާންނައްތާލާ” ނަދާ ބުނެލި އެއްޗަކުން ރަޔާހީން ނަދާ އަށް ބަލާލީ ޤަބޫލުނުކުރެވިފައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.





assalam alikum and alhamdhulillah 🙂 mi bai kuda koh lasvy dhw… sorry 🙁 mi bai ves varah kiyaa hithun kiyaane kamah heekuran. adhi kamudhaane kamah ves heekuran 🙂
ZSS5rg9s+gs8s+sxgd5+G+SG+fA6506+8g+5s
Awsmmm
Waiting 4 next part
V salhi
thanks 🙂
? masha allah…love the story❤❤❤
thanks Eenas 🙂
next part kon irakub
soon
Masha Allah thy molhu vaahaka liun therieh. V furihama.
thankyou so much Ainth 🙂
Wow masha allah stry v rythi v furihama?? ushaali u r the best writer ly?? haadha inthizaareh kurevijjeyey luv mi stry ah ehaaves loabi mistry ❤❤ masha allah thy v molhu writer eh allah thibaage masakkathugai rahmaiy lavvaa barakaaiy lavvaashi aameen thank u soooo much 4 the luvly stry when nxt prt avaskollachchey plx n keep it up ly ushaali ????❤❤❤???????????
awwww….. thankyou so much khajja…. 🙂 🙂 thee varah hiy heyo kiyuntheri eh 🙂 konme story akah ves ehaa loabi comments kurany… uhaly ge vahaka ah thigothah abadhuves support kohdhehche 🙂 🙂
Mi vahakaige kureege baithah fenna goiy hadhaa dheeba. Mihaaru fennanee 8 part in feshigen.
thankyou Zidhu…. biruveri bayah select kobba. eyrun faharaku feniduhaane 🙂
Liyuntherin bayah gos ushaali select kohlaba.. dhe ushaali eh innaane.. ethanun konmes eh ushaali ehga innaane part 1 to 7 ah.. part 8 in feshigen aneh ushalee in kiyey
Salhi
thanks shii 🙂
finally up ve o???? mi partvess v furihama well done dear????????????next part avass kohlahchey ????aley kv rayaa dherakurany????ehn nuhadhabaa??
vvvv reethi….
waiting for next part…
Varah reethi…mi part ves..waitting to know the truth that ramla is revealing…its a main reason that i go so interested towards this story ??
V reethi mi baives next part avass kohlahchey?
next part when? cant wait…
Waiting for the next part!!
V rythi vaahaka