ދިހައެއް ( ތޭރަވަނަ ބައި )
2025ވަނަ އަހަރު – ދެކުނު އެފުރިކާ އިން މަޑަގަސްކަރައަށް
ޢާދިލް ފިލައިގެން ދިޔަކަން އެނގުމާއެކު ޖަލުގައި މަސައްކަތްކުރާ އެތައް ބަޔަކު ޖަންގަލި ތެރެއަށް ނުކުމެގެން އޭނާ ހޯދަން ފެށިއެވެ. ރޭގަނޑުގެ ދަން ވަގުތަށްވުމުން ޖަންގަލި ތެރެއިން އެއްވެސް ތަނެއް ވަކިނުވާހާ އަނދިރިއެވެ. އެހެންވެގެން އެ މީހުން ނުކުމެ އުޅުނީ ޓޯޗުތަކެއް ހިފައިގެންނެވެ. ބަޔަކު ހިނގާފައި އަންނަ އަޑު އިވުމުން އެ ގަސްބޯ ޖަންގަލީގައި ހުރި ގަސްތަކުގެ ތެރެއިން ގަހަކަށް އަރާ ޢާދިލް ފިލީއެވެ. އެބައިމީހުން ޢާދިލް ހޯދަން ޖަންގަލީގެ އެ ތަން މި ތަނުގައި ހިނގަމުން އައިސް ޢާދިލް އަރާ ހުރި ގަހާ ހަމައަށް އާދެވުނެވެ. އިއްތިފާގުންކަމެއް ނޭނގެއެވެ. އެ މީހުން އެ ގަސް ކައިރީގައި މަޑުކުރިއެވެ. ‘ވާޑަރ’ގެ އަމުރަށް އެ މީހުން ބައިބަޔަށް ބަހާލައިގެން އެކި މަގުމަގަށް ފޮނުވިއެވެ. ‘ވާޑަރ’ ވެސް ޢާދިލް ހޯދުމަށްޓަކައި ދެ މީހަކު ގޮވައިގެން އެ ތަނުން ދާތަން ޢާދިލަށް ފެނުނެވެ. އެ މީހުން އެ ތަނުން ދުރަށް ދިޔަކަމަށް ޔަޤީންކޮށްފައި ޢާދިލް ގަހުން ފުންމާލިއެވެ. އެހެން ނަމަވެސް ޢާދިލް ފުންމާލިއިރު އޭނާގެ ފުރަގަހުގައި ‘ވާޑަރ’ ހުއްޓެވެ. އެ ކަން އިހުސާސްވެގެން ޢާދިލް އެ ފަރާތަށް އެނބުރުނެވެ. “ހޭންޑްސް އަޕް..” ‘ވާޑަރ’ މިހެން ބުނުމާއެކު ޢާދިލް އޭނާގެ ދެ އަތް މައްޗަށް ނެގިއެވެ. ‘ވާޑަރ’ ހުރީ ޢާދިލާ ދިމާލަށް ފިސްތޯލައެއް ދިއްކޮށްގެންނެވެ. ދެން ވަރަށް ހުޝިޔާރުކަމާއެކު ޢާދިލް ކުއްލިއަކަށް ‘ވާޑަރ’ ގެ އަތުން ފިސްތޯލަ ޖަހައިގަތެވެ. ޢާދިލްގެ ހަރަކާތްތައް އަވަސްވުމުން ‘ވާޑަރ’ ހުރީ ހައިރާންވެފައެވެ. “ނައު ޔޫ ހޭންޑްސް އަޕް..” ޢާދިލް ބުންޏެވެ. ‘ވާޑަރ’ އޭނާގެ ދެ އަތް މައްޗަށް ނެގިއެވެ. ދެން އެހެން ހުރެފައި ވަރަށް ބާރަށް ‘ވާޑަރ’ ހަޅޭއްލަވައިގަތެވެ. އެ އަޑު އިވިގެން ދެ މީހަކު އެ ދިމާލަށް ދާން ދުއްވާގަތެވެ. ‘ވާޑަރ’ ގެ ފަޔަށް ވަޒަން ޖެހުމަށް ފަހު ޢާދިލް ވަރަށް ބާރަށް ދުވެފައި ގޮސް ގަސްތަކުގެ ތެރެއަށް ވަނީއެވެ. އަޑު އިވުނު ދެ މީހުން އެ ތަނަށް އައި އިރު މާ ލަސްވެއްޖެއެވެ. ޢާދިލް ދުވެ ފިލައިފިއެވެ. ފަޔަށް ވަޒަން ހެރުމުން ‘ވާޑަރ’ އަށް އޭނާގެ ފަހަތުން ނުދެވުނީއެވެ. ދުވަމުންދުވަމުން ގޮސް ޢާދިލަށް ގޮނޑުދޮށާ ހަމައަށް އާދެވުނެވެ. އެ ވަގުތު ފަޅުތެރޭގައި މުދާ ބަރުކުރާ ބޮޑު ބޯޓެއް އޮތެވެ. އެ ބޯޓުގައި އުޅޭ ފަޅުވެރިންތަކަކަށް ޢާދިލް ފެނުނެވެ. ޢާދިލް ފެނުމާއެކު އެ މީހުން އޭނާގެ ގާތަށް އައެވެ. “ފެން ފޮދެއް..” މާ ގިނައިން ދުވުމުގެ ސަބަބުން ޢާދިލް ހުރީ ވަރުބަލިވެ ފެން ބޮވައިގަނެފައެވެ. އެ މީހުން ޢާދިލް ގޮވައިގެން އެ މީހުންގެ ބޯޓަށް ގެންގޮސް ބޯޓުގައި ހުރި ލަކުޑި އެނދެއްގައި އޭނާ ބޭއްވިއެވެ. އެ ތަނުން އެކަކު ޢާދިލަށް ފެން ތަށްޓެއް ގެނެސްދިނެވެ. ފެން ތަށި ދިނުމުން ޢާދިލް ފެން ތަށި ބޯލިއެވެ. “ޝުކުރިއްޔާ..” ފެން ތަށި އެ މީހެއްގެ އަތަށް އަނބުރާ ދިނެވެ. އެ ލަކުޑި އެނދުގައި އޮށޯވެ އަރާމުކޮށްލަން ޢާދިލް ގާތުގައި އެ މީހުން އެދުނެވެ.
ޢާދިލަށް ހޭލެވުނު އިރު ބޯޓު އޮތީ ދެކުނު އެފުރިކާ ކައިރިއަކު ނޫނެވެ. ބޯޓު އޮތީ ދަތުރުކުރަމުން ގޮސް ދެކުނު އެފުރިކާއާ މާ ދުރަށް ގޮސްފައެވެ. “ޢާދިލް.. އަހަރެމެންގެ ކައްޕި އެބަ ގޮވާ..” ޢާދިލް ހޭލިކަން އެނގުމުން ބޯޓުގެ ފަޅުވެރިޔަކު ޢާދިލް ގާތަށް އައިސް ބުންޏެވެ. އެ މީހާ ވާހަކަދެއްކީ އިނގިރޭސި ބަހުންނެވެ. “ތިޔަ މީހަކަށް އަހަރެންގެ ނަން އެނގުނީ ކިހިނެއް.؟” ޢާދިލް އެހިއެވެ. ޢާދިލް ވެސް ވާހަކަދެއްކީ އިނގިރޭސި ބަހުންނެވެ. “އަހަރެމެންގެ ކައްޕި ބުނީ ތިޔަކީ ޑޮކްޓަރު ޢާދިލްކަމަށް.. އެހެންވެ އެނގުނީ..” ފަޅުވެރިޔާ ބުންޏެވެ. “ކަލޭމެންގެ ކައްޕިއަކީ ކާކުތަ.؟” ޢާދިލް އެހިއެވެ. “ކައްޕި އެބަ އިން އޭނާގެ ކޮޓަރީގަ ބޯޓު ދުއްވަން.. އަހަރެން ގާތުގައި ކައްޕި ބުނީ ޢާދިލް ހޭލެވުނީމާ އޭނާގެ ކޮޓަރިއަށް ގެންނާށޭ.. އެހެންވީމަ ހިނގާ އެ ކޮޓަރިއަށް.. ދިޔައިމަ އެނގޭނެ އެއީ ކާކު ކަން ވެސް..” ފަޅުވެރިޔާ އެހެން ބުނެފައި އަތުގެ އިޝާރާތުން އޭނާގެ ފަހަތުން އައުމަށް ޢާދިލަށް އެންގިއެވެ. ދެން އެ ފަޅުވެރިޔާ އެ ތަނުގައި ހުރި ހަރުގަނޑަކުން މައްޗަށް އެރިއެވެ. ޢާދިލް ވެސް އޭނާގެ ފަހަތުން މައްޗަށް އެރީއެވެ. މައްޗަށް އެރުމަށް ފަހު އެ ތަނުގައި ހުރި ކޮޓަރިއަކަށް އެ ފަޅުވެރިޔާ ވަނެވެ. އޭނާގެ ފަހަތުން ޢާދިލް ވެސް ވަނީއެވެ. “ކައްޕި ޒޫމް.. މިހުރީ ޑޮކްޓަރު ޢާދިލް..” ބޯޓުގެ ހުންގާނުގައި އިން ކައްޕި ގާތަށް ގޮސްފައި އެ ފަޅުވެރިޔާ ބުންޏެވެ. ބޯޓުގެ ކައްޕި ފަހަތަށް އެނބުރި ޢާދިލާ ދިމާލަށް ބަލާލިއެވެ. އެއަށް ފަހު ހުންގާނު އެ ފަޅުވެރިޔާއާ ކައްޕި ހަވާލުކުރިއެވެ. “ހެލޯ.. މައި އޯލްޑް ފުރެންޑް..” ޢާދިލްގެ ގައިގައި ބައްދާލަމުން ކައްޕި ބުންޏެވެ. “ޑޭވިޑް.. ކަލޭ ތަ.؟” ދޯނީގެ ކައްޕިއަކީ ޑޭވިޑެވެ. އެއީ މަޑަގަސްކަރަ މީހެކެވެ. އޭނާއަކީ ޢާދިލާއެކު އެމެރިކާގައި އެއްކިލާހެއްގައި ކިޔެވި މީހެކެވެ. އަދި އެއިރު ޢާދިލްގެ އެންމެ ގާތް ރަޙުމަތްތެރިޔާ ވެސްމެއެވެ. އެހެން ނަމަވެސް ވައްކަމުގެ މައްސަލައެއްގައި ޑޭވިޑް ކޮލެޖުން ކަނޑާލީއެވެ. އެއަށް ފަހު ޢާދިލާއި ޑޭވިޑުގެ ގުޅުން ދެ ރަޙުމަތްތެރިންގެ ގުޅުމަކުން ދެ ނުދަންނަ މީހުންހާ ކުޑަވެގެން ދިޔައެވެ. އެއީ އެ މައްސަލައިގެ އަދަބު ލިބި ޖަލުން މިނިވަންވުމަށް ފަހުގައި ޑޭވިޑް ‘އެމެރިކަން އަންޑަވޯލްޑް’ އާ ގުޅުމުންނެވެ. ‘އެމެރިކަން އަންޑަވޯލްޑް’ އަކީ އެ ދުވަސްވަރު ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ކުށްވެރީންގެ ޖަމާޢަތެވެ. މި ޖަމާޢަތާ އެންމެ ވާދަވެރި ޖަމާޢަތްތަކުގެ ތެރޭގައި ‘ރަޝިއަން މާފިޔާ’ އާއި ‘އައިއެސް’ ޖަމާޢަތް ހިމެނެއެވެ. “ކިތައް ފަހަރު ބުނާނީ އަހަރެންނަށް ތިޔަ ނަމުން ނުގޮވާށޭ.. ތިޔަ ބުނާ ޑޭވިޑަކު މަރުވެއްޖެއޭ.. އަހަރެންނަކީ މިހާރު ޑޮން ޒޫމް..” ޒޫމަށް (ޑޭވިޑް) ދިވެހިބަސް އެނގޭތީ އޭނާ ޢާދިލާ ވާހަކަދެއްކީ ދިވެހިބަހުންނެވެ. ޒޫމް ދިވެހިބަސް ދަސްކުރީ ޢާދިލް ގާތުންނެވެ. ‘އެމެރިކަން އަންޑަވޯލްޑް’ އާ ގުޅުމަށް ފަހު އޭނާގެ ނަން ޒޫމަށް ބަދަލުކުރީއެވެ. ޒޫމަކީ ދުނިޔޭގެ އެތައް ޤައުމެއްގެ ފުލުހުންގެ ‘މޮސްޓް ވޯންޓެޑް’ ކުށްވެރިއެކެވެ. މުޅި ދުނިޔެއަށް ‘ޕޮޕިއުލާ’ ވަގެކެވެ. އޭނާ މަސައްކަތްކުރާ ޖަމާޢަތް ހިންގަނީ ސީދާ އެމެރިކާގެ ބާރުގަދަ ސިޔާސީ މީހުންނާއި ވިޔަފާރިވެރީންނެވެ. އޭގެތެރޭގައި މި ފަހަރުގެ އިންތިޚާބުގައި ވާދަކުރާ ސަރުކާރާ އިދިކޮޅު ކެންޑިޑޭޓް ރެޝްފޯޑް ބުލަޑް ހިމެނެއެވެ. އެ ޖަމާޢަތުގެ އެންމެންނަށް ވެސް ޒޫމް ވަރަށް ކަމުދެއެވެ. އެހެން ނަމަވެސް ޒޫމްގެ އަސްލު ނަމާއި އޭނާގެ މާޒީ ދަންނަ ބަޔަކު ނޫޅެއެވެ. ޒޫމްގެ މައިންބަފައިންނާއި ޢާއިލާގެ އެކަކު ވެސް ދުނިޔެއަކު ނެތެވެ. އެހެންވެގެން އެ ކަންތައްތައް އެނގޭ ހަމައެކަނި މީހަކީ ޢާދިލެވެ. “އެންމެ ރަނގަޅޭ.. ޒޫމް.. ޑޮން ޒޫމް.. ކޮންމެއަކަސް އަހަރެމެން މި ދަނީ ކޮންތާކަށް.؟” ޢާދިލް ވާހަކަދެއްކިއެވެ. “މި ދަނީ އަހަރެންގެ އުފަން ފަސްގަނޑަށް.. މަޑަގަސްކަރައަށް..” ޒޫމް ބުންޏެވެ.
2025ވަނަ އަހަރު – ހދ.ކުޅުދުއްފުށި
ފާއިތުވެ ދިޔަ ދުވަސްތަކުގައި ރިޒުވީންމެންނަށް ވަރަށް ގިނަ ކަންތައްތައް ހޯދުނެވެ. ޢުޝާމްގެ އަނެއް އީޖާދު ވީ އަޝްރަފު ހުރި އަނދިރި ތަނުގައިކަން އެނގުނެވެ. އެހެނަސް އެ އަނދިރި ތަނެއް އަދި ނޭނގެއެވެ. އަދި ޢުޝާމްގެ އަނެއް އީޖާދަކީ ކޮން އީޖާދެއްތޯ ގަޑިއާ ސުވާލުކުރުމުން ސުކްރީނުން ދެއްކީ ރިޒުވީންގެ ސުމާޓު ގަޑީގެ ފޮޓޯއެކެވެ. އެހެން ނަމަވެސް ޝަޙާގެ ބައްޕަ އިދުރީސް ބުނި ގޮތުން ޢުޝާމް ސުމާޓު ގަޑިއެއް ހެދިކަން އޭނާއަށް ނޭނގޭކަމަށާއި ޢުޝާމް އެހެން މޮޅު އީޖާދެއް ހެދި ކަމަށްވެއެވެ. އަދި ޑރ.ހެންރީ އެ އުޅެނީ އެ އީޖާދެއް ބޭނުންވެގެން ކަމަށް ވެސް އިދުރީސް ބުންޏެވެ. އެހެންވުމުން އެ ވާ ގޮތެއް ދެނެގަންނަން ރިޒުވީނަށް އުނދަގޫވިއެވެ. ދެން ރިޒުވީން ކުރި ކަމަކީ އޭނާގެ ގަޑީގެ އެހީގައި ކުޑަ ކެމެރާއެއް ހެދީއެވެ. އަދި އެ ކެމެރާ އެހެން މީހުންނަށް ނުފެންނަ ގޮތަށް ވެސް ހެދިއެވެ. އެ ކެމެރާ އަބަދުވެސް ޑރ.ހެންރީއަށް ފާރަލައެވެ. ޑރ.ހެންރީ ކުރާ ކަންތައްތައް އެ ކެމެރާއިން ރިޒުވީންގެ ގަޑީގެ ‘ޑިސްޕްލޭ’ އިން ބަލާލެވެއެވެ. ޑރ.ހެންރީގެ އަނތްބަކާއި ދަރިއަކު ހުރުމާއެކު ސިއްރު ލޯބިވެރިޔަކު ހުންނަކަން ވެސް އެނގުނެވެ. ޑރ.ހެންރީގެ އަނބިމީހާއަކީ އެމީ ބުލަޑެވެ. އެއީ އެމެރިކާގެ ސިޔާސީ ލީޑަރެއްކަމަށްވާ އަދި މި ފަހަރު އިންތަޚާބުގައި އިދިކޮޅު މައި ޕާޓީއިން ވާދަކުރާ ރެޝްފޯޑް ބްލަޑްގެ ހަމައެކަނި އަންހެން ދަރިއެވެ. ރެޝްފޯޑް ބުލަޑެކޭ އެއްފަދައިން އެމީ ބުލަޑު ވެސް މަސައްކަތްކުރަނީ އެމެރިކާގެ އިދިކޮޅު މައި ޕާޓީއަށެވެ. ބްލަޑް ޢާއިލާއަކީ އެމެރިކާގެ އެންމެ މުއްސަނދި ސައުދާގަރު ޢާއިލާތަކުގެ ތެރެއިން ޢާއިލާއެކެވެ. ޑރ.ހެންރީ، އެމީއާ ކައިވެނިކުރީ ވެސް އޭނާގެ ‘ސައިންސް ބިޒިނަސް’ ފުޅާކުރުމަށެވެ. އެމީ ދެކެ ލޯބިވާތީއެއް ނޫނެވެ. ކޮލެޖު ދައުރުން ފެށިގެން ޑރ.ހެންރީގެ ލޯބިވެރިޔަކީ އަނޫރާއެވެ. އަނޫރާއަކީ ޑރ.ހެންރީއަށް ޢާދިލް ސަރ ހައްޔަރުކޮށްދޭން މާލެއިން ޢާދިލް ސަރގެ ރަހުމަތްތެރިޔެއްގެ ސިފައަށް ބަދަލުވެގެން އޭނާއާ ކާރުން ދިމާކުރި އިންޑިއާ އަންހެން ކުއްޖާއެވެ. އަނޫރާއަކީ ޑރ.ހެންރީއާއެކު އޭނާގެ ‘ސުޓާ ލެބޯރެޓަރީ’ ގައި މަސައްކަތްކުރާ އޭނާގެ އެސިސްޓެންޓް ވެސްމެއެވެ. އަދިވެސް އެ ދެ މީހުންގެ މެދުގައި އޮންނަނީ ލޯބީގެ ގުޅުމެކެވެ. އަނޫރާ ވެސް އެ އީޖާދު ހޯދުމަށްޓަކައި ކުޅުދުއްފުއްޓަށް އައިސް އުޅޭކަން ވެސް ރިޒުވީންމެންނަށް އެނގުނެވެ.
ކޮޓަރީގައި ހުރި ލޯގަނޑު ކުރިމަތީގައި ރިޒުވީން ހުއްޓިލައިގެން ހުއްޓެވެ. ރިޒުވީން ހުރީ ހުދު ގަމީހެއް ލައިފައި ކަޅު ފަޓުލޫނެއްގައި ދަށަށްޖަހައިގެންނެވެ. ގަމީހުގެ މަތިން ކަޅު ކުލައިގެ ‘ކޯޓެއް’ ލިއެވެ. އެއަށް ފަހު އިސްތަށިގަނޑުގައި ޖެލް ކޮޅެއް ހާކާލާފައި ރީތި ގޮތަކަށް އިސްތަށިގަނޑު ހަދާލިއެވެ. ފުރަތަމަ ހެދުނު ގޮތް ކަމުނުގޮސްގެން އެހެން ގޮތަކަށް ބަދަލުކޮށްލިއެވެ. ދެން ވެސް ހެދުނު ގޮތް ރިޒުވީނަކަށް ކަމަކު ނުދިޔައެވެ. އަރާގަތް ފޯރީގައި ދެ އަތުން އިސްތަށިގަނޑު ހާވާގަތެވެ. ފަހަތުން މީހަކު ‘އޫނ’ ލައްވާލި އަޑަށް ރިޒުވީން އެ ފަރާތަށް އެނބުރުނެވެ. ދޮރު ކައިރީގައި ހުރި ޝަޙާ ކޮޓަރި ތެރެއަށް ވަނެވެ. ދެން ރިޒުވީނާ ގާތްވެލިއެވެ. އެއަށް ފަހު ވަރަށް ރީތި ގޮތަކަށް، ‘ސުޕައިކީ’ ހެން އިސްތަށިގަނޑު ހަދާދިނެވެ. މޭޒުމަތީގައި ބާއްވާފައި އޮތް ކަޅު ކުލައިގެ ޓައި ނަގައި އަޅުވައިދިނެވެ. ޝަޙާ ޓައި އަޅުވައިދީ ނިމުމުން ރިޒުވީން ލޯގަނޑާ ދިމާލަށް އެނބުރުނެވެ. “ނައު ސަމްވަން އިސް ލުކިން ސޯ ސުމާޓް..” ޝަޙާ ބުންޏެވެ.
އެއީ 31 ޑިސެމްބަރު 2025 ވީ ބުދަ ދުވަހުގެ ރެއެވެ. އެ ރެއަކީ ދިވެހިރާއްޖޭގެ ޝަރަފުވެރި އިނާމު ދިނުމުގެ ޙަފުލާއެއްކަމަށްވާ ‘ބޮޑު ތިލަދުންމަތީ އެވޯޑު ނައިޓު’ އޮތް ރެއެވެ. މި ޙަފުލާއަކީ އެއިރު ބޮޑު ތިލަދުންމަތީގެ މީހުން ދިރިއުޅޭ ހަ ރަށަށް (ހދ.ކުޅުދުއްފުށި، ހދ.ހަނިމާދޫ، ހއ.ދިއްދޫ، ހއ.އިހަވަންދޫ، ހއ.ހޯރަފުށި، ހދ.ނެއްލައިދޫ) ނިސްބަތްވާ މީހުންގެ މެދުގައި އިނާމުދޭ ޙަފުލާއެކެވެ. ބޮޑު ތިލަދުންމަތީގެ އެހެން ރަށްތައް ވަނީ ސިނާއީ މަސައްކަތްތަކާއި ޓޫރިޒަމް ވިޔަފާރިތަކަށް އެކިއެކި ވިޔަފާރިވެރިންނާއި ބޮޑެތި ކުންފުނިތަކަށް ދިވެހި ދައުލަތުން ކުއްޔަށް ދީފައެވެ. 2020ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ފަހު ދުވަހުގެ ރޭ މި ޙަފުލާ ބާއްވައެވެ. އަދި ދައުލަތުގެ މައި މީޑިއާގެ އިތުރުން ބައެއް އަމިއްލަ މީޑިއާތަކުން ވެސް ޙަފުލާ ވަގުތުން ދައްކައެވެ. އޭގެ ކުރިން ވެސް މިފަދަ އިނާމު ދިނުމުގެ ޙަފުލާއެއް ބޮޑު ތިލަދުންމަތީގައި ބާއްވާކަމަށްވެއެވެ. އެ ފަހަރުގެ ޙަފުލާގައި ދޭން ހަމަޖެހިފައިވާ އިނާމުތަކުގެ ތެރެއިން ‘އެންމެ ޒުވާން އުފެއްދުންތެރިޔާ’ގެ އިނާމަށް ވާދަކުރާ ތިން ކުދިންގެ ތެރެއިން ކުއްޖަކަށް ރިޒުވީން ހޮވުނެވެ. އެ ފަހަރުގެ ޙަފުލާ ބާއްވަން ހަމަޖެހިފައިވަނީ ކުޅުދުއްފުށީގައި ހުންނަ ‘ބޮޑު ތިލަދުންމަތީ ސިނަމާ’ ގައެވެ.
ރިޒުވީނާއި ނަބީޙު ބޭރުގައި މަޑުކޮށްލައިގެން ހުރީ ޝަޙާ އަންނަންދެނެވެ. އިރުކޮޅަކުން ފެނުނީ ގޯޅިއަކުން އެ މަގަށް ޝަޙާ ލަނބާލި ތަނެވެ. ޝަޙާ ލައިގެންހުރީ ކަޅު ކުލައިގެ ‘ބޯލް ގައުން’ ހެދުމެކެވެ. އޭނާގެ މުށި ކުލައިގެ ފަން އިސްތަށިގަނޑު ވަނީ ދޫކޮށްލައިފައެވެ. ޝަޙާ ހިނގާފައި އަންނައިރު ވަޔާއެކު އޭނާގެ އިސްތަށިގަނޑު އިރުކޮޅުކޮޅާ އޭނާގެ މޫނުމައްޗަށް އެޅެއެވެ. އެ ހެދުމުގައި ޝަޙާ ފެނުމުން ރިޒުވީނަށް ސިފަކުރެވުނީ ‘ބިއުޓިފުލް ޕްރިންސެސް’ އެއްގެ ގޮތުގައެވެ. “ހިނގާ ވަންނަން..” ރިޒުވީންމެންނާ ހަމައަށް ޝަޙާ އައިސް މަޑުކޮށްފައި ބުންޏެވެ. ދެން ތިން ކުދިން ވެސް އެތެރެއަށް ވަނީއެވެ.
“އެންމެ ޒުވާން އުފެއްދުންތެރިޔާގެ ޝަރަފުވެރި އިނާމު ލިބެނީ.. ލިބެނީ…. މޮޅު ފަސޭހަ އެންޑްރޮއިޑް އަދި އެޕަލް އައިއޯސްގެ އެޕުތަކެއް އުފެއްދި.. ރިޒުވީން އަޙުމަދު ޢުޝާމް އަށް..” ދިރާގު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިނާމު ލިބުނު ފަރާތުގެ ނަން ގޮވިއެވެ. އިނާމު ހިފައިގެން ސުޓޭޖުމަތީގައި ތިބީ ދިރާގު ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ އިތުރުން ދިވެހިރާއްޖޭގެ ދިފާޢީ ވަޒީރު ނުޢުމާނެވެ. ރިޒުވީންގެ ނަން ގޮވުމުން އިނާމު ބަލާ ސުޓޭޖަށް އޭނާ އެރިއެވެ. ސުޓޭޖަށް އެރުމަށް ފަހު އިނާމު ‘ޓްރޮފީ’ ހިފައިގެން ސުޓޭޖުމަތީ ތިބި ދެ ޝަރަފުވެރި މެހުމާނުންނާ ސަލާމްކުރިއެވެ. ސަލާމްކުރުމަށް ފަހު އިނާމު ‘ޓްރޮފީ’ ގައި ހިފިއެވެ. ‘ޓްރޮފީ’ ހިފަހައްޓާގެން ހުރެ ޙަފުލާއަށް އައިސް ތިބި މީހުންނާ ދިމާލަށް ރިޒުވީން ބަލައިލިއެވެ. އެ މީހުންގެ ތެރެއިން ރިޒުވީނަށް ޢާދިލް ސަރ (ވެގެން ހުރި ޑރ.ހެންރީ) ފެނުނެވެ. ދެން ފެނުނީ ޢާދިލް ސަރ ހަފުލާ ދޫކޮށް ބޭރަށް ދާ މަންޒަރެވެ.
(ނުނިމޭ)
4 Comments
Comments are closed.
Hmm mi henry gandu miulheny mihaaru rizuveen athulan vegen.. rizuveen visnaigen ulheythi ingey…
Me ben10 tha?? Kidding. V reethi story dhagoi. Now its getting more interest. Kudhinney miah comment kohbala. He x doing a great job. Good luck. Bt what is app?? Eythi ey formal ehchehbaayey hithah ery…
Varah reethi story eh…varah creative ingey ushe..thanks a lot to you for giving such an interesting story for us to read…emme inthizaaru kurevey story akee “10”mi story..
Varah interesting adhi thafaathu story eh… Keep going.. Waiting for next part??????