ދިހައެއް ( ބާރަވަނަ ބައި )
އުޑުމަތީގައި ތަރިތައް ވަރަށް މަދެވެ. ހަނދު މަހުން ފަހު ދުވަހުގެ ރޭ ކަމަށްވުމުން އުޑުމަތިން ހަނދު ވެސް ނުފެނެއެވެ. ޤުދުރަތީ ގޮތުން އަނދިރި ރޭގައި ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި އަލިކޮށްލާފައިވަނީ ރަށުގެ މަގުތަކުގައި ހަރުކޮށްފައި ހުރި ބޮޑެތި މާކަރީ ލައިޓުތަކުންނާއި އިމާރާތްތަކުގައި ދިއްލާފައިވާ ބޮކިތަކުގެ އަލިންނެވެ. ތަލަ ބޮލެއްގައި ފަޅާފައި ހުންނަ މަދު އިސްތަށިތަކެއްހެން ރަށުގެ ތެރެއިން ފެންނަ މަދު ގަސްތަކުގެ ގޮފިތަކުގައި ވެސް ބޮކިބޮކި ހަރުކޮށްގެން އަލިކޮށްފައި ހުއްޓެވެ. އެ ވަގުތު ބޭރު ޤައުމުތަކުން ދަތުރުކޮށްގެން އަންނަ ބައިވަރު ފުލައިޓްތަކެއް ކުޅުދުއްފުށި އެއާޕޯޓުގެ ރަންވޭއަށް ޖައްސަމުން ދިޔައެވެ. ކުޅުދުއްފުށީ ވައިގެ ބަނދަރު (އެއާޕޯޓު) ހަދާފައިވަނީ މީގެ އަހަރުތަކެއް ކުރިން ކުޅުދުއްފުށީގައި އޮތް ބޮޑު މަށި ކުޅި ހިއްކައިގެންނެވެ. އޭގެ އިތުރުން ވެސް ކުޅުދުއްފުށީގައި ކުޑަ ކުޅިއެއް އޮތް ކަމަށް ވެއެވެ. އެ ކުޅި ވެސް ހިއްކާ އެ ހިއްކި ބިމުގައި އިމާރާތްތަކެއް އަޅާ ނިންމާފައިވެއެވެ. ރިޒުވީނާއި ނަބީޙާއި ޝަޙާ ތިބީ ބޭރުން އެއާޕޯޓަށް އަންނަ މެހުމާނުންގެ ފަޅީގައި ހުރި ރެސްޓޯރެންޓެއްގައެވެ. “ޝަޙާގެ ބައްޕަ ބުނެގެންނޭ.؟ ޝަޙާގެ ބައްޕަ ސީދާ ބުނީ ކީކޭ ތަ.؟ ކީއްކުރަންތަ މި ތަނަށް އަންނަން ޝަޙާގެ ބައްޕަ އެ ބުނީ.؟” ނަބީޙު މިހެން އެހީ، ޝަޙާ ގުޅާފައި އެ ދެ ކުދީން ގެނައީ ޝަޙާގެ ބައްޕަ ބުނެގެންކަމަށް ޝަޙާ ބުނުމުންނެވެ. “އާނއެކޭ.. ބައްޕަ ބުނީ ވަރަށް މުހިންމު ވާހަކައެކޭ.. ރިޒުވީގެ ބައްޕައާ ބެހޭގޮތުންނޭ ބުނީ..” ޝަޙާ އޭނާ ބޯން އިން ކޮފީ ތަށިން އެތި ފޮދެއް ބޯލުމަށް ފަހު ބުންޏެވެ. “އަހަރެންގެ ބައްޕަ.. އަނެއްކާ ކޮން ވާހަކައެއްތަ.؟” ރިޒުވީން އަހާލިއެވެ. އެއަށް ފަހު އޭނާ ވެސް އޭނާގެ ކޮފީ ތަށިން އެތި ފޮދެއް ބޯލިއެވެ. “އެޔެއް ދެން އެނގޭނީ ބައްޕަ އައުމުން.. ބައްޕަ ބުނީ އިރުކޮޅަކުން އެއާޕޯޓުން ބައްޕަ ލަފާ ވާހަކަ.. ތިޔަ ދެ ކުދިން ގޮވައިގެން އަންނާށޭ.. ރިޒުވީގެ ބައްޕައާ ބެހޭގޮތުން މުހިންމު ވާހަކައެއް ބުނާށޯ.. އަހަރެންނަކަށް ނޭނގޭ އަހަރެމެން އެކަކު އަނެކަކު ދަންނަކަން ބައްޕައަށް އެނގުނު ގޮތެއް ވެސް.؟” ޝަޙާ ބުންޏެވެ. ޝަޙާގެ ބައްޕަ އިދުރީސް އަންނަންދެން ތިން ކުދިން ރެސްޓޯރަންޓްގައި މަޑުކޮށްގެން ތިބީއެވެ.
މެހުމާނުން ލަފާ ފަޅިން އިދުރީސް ނުކުމެގެން އަންނަނީއެވެ. އިދުރީސް ފެނުމާއެކު ޝަޙާ ގޮސް އޭނާގެ އަތުގައި ހިފިއެވެ. “ބައްޕާ.. އަހަރެން ދޯ ތި ހޯދަނީ.. އާދޭ.. އެ ތިބީ ރިޒުވީއާ ނަބީ..” ޝަޙާ އިނގިލީގެ އިޝާރާތުން ރިޒުވީނާއި ނަބީޙު ހުރި ތަން އިދުރީހަށް ދެއްކިއެވެ. އެއަށް ފަހު އިދުރީސް ގޮވައިގެން ޝަޙާ، ރިޒުވީންމެން ތިބި މޭޒު ދޮށަށް ގޮސް އެ ތަނުގައި އިށީނެވެ. “ތިޔަކީ ދޯ ޢުޝާމްގެ ދަރި.. ރިޒުވީން..” ރިޒުވީން ފެނުމާއެކު އޭނާއާ ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން އިދުރީސް ބުންޏެވެ. “ލައްބަ.. މިއީ ރިޒުވީން…. ދެން ބުނެބަލަ.. ބޭބެ ދައްކަން ތި އުޅެނީ އަހަރެންގެ ބައްޕައާ ބެހޭ ކޮން ވާހަކައެއްތަ.؟” ރިޒުވީން އެހިއެވެ. “އެއީ ރިޒުވީންގެ ބައްޕަ މަރުވުން އެއީ އެކްސިޑެންޓެއް ނޫން.. ލެބޯރެޓަރީގައި އަލިފާން ރޯވީ ބަޔަކު ގަސްތުގަ ރޯކޮށްލައިގެން.. ބަޔަކު ރާވައިގެން ރިޒުވީންގެ ބައްޕަ މަރާލީ..” ރިޒުވީންގެ ބައްޕަ ޢުޝާމްގެ މަރުގެ ޙަޤީޤަތް އިދުރީސް ހާމަކުރިއެވެ. “ބައްޕަ މަރާލީއޭ.. ކޮން ބަޔެއް ރާވައިގެން.؟ އަދި އެއީ ކީއްވެ؟ ބައްޕަ ކީއްކޮށްގެން؟” ޢުޝާމް މަރާލިކަމަށް އިދުރީސް ބުނުމުން ރިޒުވީންގެ ސިކުނޑީގައި ލައްކަ ސުވާލުތަކެއް އުފެދުނެވެ. ބަޔަކުވެގެން ޢުޝާމް މަރާލުމަކީ ދުވަހަކު ވެސް ރިޒުވީން ހީކުރި ކަމެއްނޫން ވިއްޔާއެވެ. “ތިޔަ ހުރިހާ ކަމެއް އިދުރީސް ބޭބެއަށް ކިހިނެއް އެނގެނީ.؟” ނަބީޙު އެހިއެވެ. “އެއީ އަހަރެންނަކީ ޢުޝާމް މަސައްކަތްކުރި ސުޓާ ލެބޯރެޓަރީގެ ޑޮކްޓަރެއް.. އަދި ޢުޝާމްގެ ވަރަށް ގާތް ރައްޓެއްސެއް.. އެ ކަންކުރި މީހުންނަކީ ވަރަށް ބާރުގަދަ ބަޔެއް.. އެހެންވެ އަހަރެންނަށް ރިޒުވީންގެ ބައްޕަ ސަލާމަތް ނުކުރެވުނީ.. އަދި މަރުވުމަށްފަހުގައި އޭނާއަށް އިންސާފު ނުދެވުނީ.. އަހަރެންނަށް މަޢާފު ކޮށްދެއްވާ..” އިދުރީހާއި ޢުޝާމްގެ ގާތްކަން އޭނާ ކިޔާދިނެވެ. އަދި ޢުޝާމް ސަލާމަތްނުކޮށްދެވުނީތީ ރިޒުވީންގެ ކިބައިން މަޢާފަށް އެދުނެވެ. “އެއީ ބޭބެގެ ކުށެއް ނޫނޭ.. ބޭބެ މަޢާފަށް އެދޭކަށް ނުޖެހޭ..” އެ ކަމުގައި އިދުރީހުގެ ކުށެއް ނެތްކަމަށް ރިޒުވީން ބުންޏެވެ. “އެ ކަން ކުރީ ކޮން ބައެއްތަ.؟” ޝަޙާ އެހިއެވެ. “އެކަމުގެ އިސްކޮށް ހުންނެވީ ޑޮކްޓަރު ހެންރީ މޯގަން..” އިދުރީސް ބުންޏެވެ. “ޢާދިލް ސަރ ހައްޔަރުކުރި ޑޮކްޓަރު ހެންރީތަ.؟” ނަބީޙު ސުވާލުކުރި އިރު ރިޒުވީނާއި ޝަޙާގެ ހިތުގައި ވެސް ވާނީ އެ ސުވާލުކަން ޔަގީނެވެ. ޢާދިލް ސަރ ހައްޔަރުކޮށްގެން އުޅޭ މީހާއަށް ކިޔަނީ ޑރ.ހެންރީއެވެ. އިދުރީސް އެ ބުނި ގޮތުންނަމަ ރިޒުވީންގެ ބައްޕަ ޢުޝާމްގެ ޤާތިލުގެ ނަމަކީ ވެސް ޑރ.ހެންރީއެވެ. “ޢާދިލް ސަރއޭ.. ތި ދައްކަނީ ޑޮކްޓަރު ޢާދިލް އިބްރާހިމްގެ ވާހަކަތޯ.؟” އިދުރީސް އެހިއެވެ. “ޑޮކްޓަރެކޭ..؟ އަހަރެމެންނަށް ސޮފްޓްވެއާ ކިޔަވާންދެން އަންނަނީ ޢާދިލް އިބްރާހިމް..” ރިޒުވީން ބުންޏެވެ. ޢާދިލް ސަރއަކީ ޑޮކްޓަރެއްކަމެއް ރިޒުވީންމެންނަށް އެނގިފައެއް ނެތެވެ. ރިޒުވީން އޭނާގެ ފޯނު ނެގުމަށް ފަހު ޢާދިލް ސަރގެ ފޮޓޯއެއް އިދުރީހަށް ދެއްކިއެވެ. “އާނ.. ތިއީ ޑޮކްޓަރު ޢާދިލް އިބްރާހިމް.. ތިއީ ޢުޝާމްގެ ދަރިވަރެއް.. ޑޮކްޓަރު ހެންރީ ޢާދިލް ހައްޔަރުކުރީތަ.؟” ޢާދިލް ސަރއަކީ ޢުޝާމްގެ ދަރިވަރެއްކަމަށް އިދުރީސް ބުނުމުން އެންމެން ހައިރާންވިއެވެ. އެއީ މީގެ ކުރިން އެއިން އެކަކަށް ވެސް އެނގޭ ކަމެއް ނޫނެވެ. “ލައްބަ.. ޢާދިލް ސަރ ހައްޔަރުކުރި.. ރިޒުވީންގެ ބައްޕަ ވެސް މަރާލީ.. އެނާގެ މަޤުޞަދަކީ ކޮބައިތަ.؟” ނަބީޙު މިހެން ބުނަމުން އޭނާގެ އަތް މުށްކެވިއެވެ. “ހެންރީއަށް އެނގުނީ ތީ.. ޢުޝާމްގެ އީޖާދުވީ ރާއްޖޭގައިކަން..” ހީވަނީ ޑރ.ހެންރީގެ މަޤްޞަދު އިދުރީހަށް އެނގޭ ހެންނެވެ. “އީޖާދެކޭ.. ތިޔަ ކިޔަނީ މި ގަޑީގެ ވާހަކަތަ.؟” ރިޒުވީން ލައިގެން ހުރި އަތްދިގު ގަމީހުގެ އަތްކުރި ކުޑަކޮށް އޮޅާލުމަށް ފަހު އޭނާ އަޅައިގެން ހުރި ސުމާޓް ގަޑި އިދުރީހަށް ދައްކާލިއެވެ. “ޢުޝާމް ގަޑިއެއް ހެދިކަމެއް އަހަރެން ނުދެނެހުރިން.. ރިޒުވީންގެ ބައްޕަ ޢުޝާމް ވަރަށް މޮޅު އީޖާދެއް ހެދި.. އާދަޔާ ޚިލާފު މޮޅު..” އިދުރީސް ބުންޏެވެ. “އެހެންވީމާ ރިޒުވީންގެ ބައްޕަގެ މޮޅު އެހެން އީޖާދެއް ވެސް އުޅެނީ.. ހެންރީ އެ އުޅެނީ ތިޔަ އެއްޗެއް ލިބޭތޯ.. އެ ކުޑަ ކުއްޖާ އެ ހޯދަނީ ތިޔަ ކިޔާ އެއްޗެއް އެ ކުއްޖާގެ އަތުގަ އޮތީމަބާ.؟” ނަބީޙަށް ވިސްނުން ކަންތައް އޭނާ ބުނީއެވެ. “ކޮން ކުޑަ ކުއްޖެއް.؟” ނަބީޙު ދެއްކި ވާހަކައެއް އިދުރީހަކަށް ނުވިސްނުނެވެ. “ޑރ.ހެންރީ ކުޑަ ކުއްޖަކު ހޯދަން ވަރަށް އުޅޭ.. އަހަރެމެން ވެސް އުޅެފިން އެ ކުއްޖަކު ހޯދަން.. ކިރިޔާ ވެސް އެނގުނީ އެ ކުއްޖާއަށް ކިޔަނީ އަޝްރަފުކަން.. އެ ކުއްޖާ ހުރީ މި ރަށުގައިކަން..” ރިޒުވީން މި ވާހަކަތައް ކިޔާދިނުމުން އިދުރީސް ހޭން ފެށިއެވެ. އިދުރީސް ހޭން ފެށުމުން އެހެން އެންމެން ވެސް ތިބީ ހައިރާންވެފައެވެ. “ތިޔަ އަޝްރަފު އެއީ ކާކުކަން އެނގޭތަ.؟” ހުނުން ހުއްޓާލާފައި އިދުރީސް ބުންޏެވެ. އަޝްރަފުގެ ކަންތައް ވެސް އިދުރީހަށް އެނގޭ ކަހަލައެވެ. “ނޭނގެ.. ހަމައެކަނި ފޮޓޯ ފެނުނީ.. ކާކުގެ ކުއްޖެއް ކަމެއް ވެސް ނޭނގެ.. އެއީ ކާކު؟” ރިޒުވީން އެހިއެވެ. “އެއީ..” އިދުރީހަށް އިތުރު އެއްޗެއް ބުނުމުގެ ކުރިން އޭނާގެ ކޮނޑަށް ވަޒަނެއް ހެރުނެވެ. ވަގުތުން އިދުރީސް ހޭނެތުނެވެ. ހޯސް ލާފައި ލޭ އޮހެނީއެވެ. ވަށައިގެން ބެލިއިރު ހަތިޔާރެއް ގެންގުޅޭ މީހަކު ލޮލުކޮޅަށް ފެންނާން ވެސް ނެތެވެ.
އިދުރީސް ގޮވައިގެން އެމްބިއުލާންސްގައި ތިން ކުދިން ‘އޭޑީކޭ’ ހަސްފަތާލަށް ދިޔައެވެ. ވަގުތުން އޭނާ އޮޕަރޭޝަން ތިއޭޓަރަށް ވައްދާ ފަރުވާ ދޭން ފެށިއެވެ. 2012ވަނަ އަހަރު ރާއްޖެއަށް ތަޢާރަފުވި އާސަންދައިގެ ޚިދުމަތް ފާއިތުވެދިޔަ އަހަރުތަކުގައި ފުޅާވެފައިވުމުން އަގަކާ ނުލައި ބޮޑެތި އޮޕޮރޭޝަންތަކާއި ފަރުވާތައް ރާއްޖޭގެ ހަސްފަތާލުތަކުން ކުރެވޭގޮތް ހަމަޖެހިފައިވެއެވެ. އިރުތަކެއް ފަހުން މައި ޑޮކްޓަރާއި އެހެނިހެން ސާޖިއަނުން ވެސް އޮޕަރޭޝަން ތިއޭޓަރުން ބޭރަށް ނުކުތެވެ. “ޑޮކްޓަރު.. އަހަރެންގެ ބައްޕަ ކިހިނެއް.؟” ޑޮކްޓަރުގެ ގާތަށް ގޮސް ޝަޙާ އެހިއެވެ. ޝަޙާއާއެކު ރިޒުވީނާއި ނަބީޙު ވެސް ދިޔައެވެ. “ﷲގެ ރަހުމަތްފުޅާއެކު އޭނާގެ ފުރާނަ ސަލާމަތްވެއްޖެ.. ވަޒަން ވެސް އެއްވެސް ނުރައްކަލެއް ނެތި ނެގިއްޖެ.. އެހެން ނަމަވެސް އޭނާ އޮތީ ކޯމާއެއްގައި.. ކޯމާއިން ހޭއަރާނެ އިރެއް ބުނެދޭކަށް ނޭނގޭ..” ޑޮކްޓަރު ބުންޏެވެ. ދެން ބަލިމީހުން ބާއްވާ ކޮޓަރިއަކަށް އިދުރީސް ބަދަލުކުރިއެވެ. އިދުރީހުގެ ގާތުގައި މަޑުކުރީ އޭނާގެ ދަރިފުޅު ޝަޙާއެވެ. ކަން ހިނގައިގެން ދިޔަގޮތުގެ ބަޔާނެއް ރިޒުވީނާއި ނަބީޙު ފުލުހުންނަށް ދިނެވެ. ފުލުހުން ޝަޙާގެ ފަރާތުން ވެސް ބަޔާން ނެގިއެވެ. އަދި ތިން ކުދިން ވެސް ވަނީ ތުހުމަތުކުރެވޭ ފަރާތެއްނެތްކަމަށް ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައެވެ. ބަޔާން ދިނުމަށް ފަހު ރިޒުވީނާއި ނަބީޙު ދިޔައީ ބަނޑުހައިވެފައި ހުރުމުން އެ ހަސްފަތާލުގައި ހުންނަ ކެފޭއަށެވެ.
“ރިޒުވީން ކޮން ޚިޔާލަކަށް ގެއްލިފައި.؟” ރިޒުވީން މާ މަޑުން ހުރުމުން ނަބީޙު އެހިއެވެ. “އަހަރެންނަށް ހީވަނީ މިއީ ވެސް ޑޮކްޓަރު ހެންރީގެ ކަމެއްހެން.. ޝަޙާގެ ބައްޕަ މި ކޮޅަށް އައިސް އުޅޭކަން އެނގުނީކަމަށް ވާނީ.. އެހެންވެ އޭނާއަށް ހަމަލާ ދިނީ..” ރިޒުވީން ބުންޏެވެ. އެ ވަގުތު އެ ދެ ކުދިންގެ ގާތަށް ކެފޭގައި މަސައްކަތްކުރާ ވެއިޓަރަކު އައިސް ކާން ބޭނުންވާ އެއްޗެއް އެހިއެވެ. “އަހަރެންނަށް ގެނެސްދިނީ ޓޫނާ ސޭންޑްވިޗެއް.. ބޯން ބޭނުމީ ކަޅު ސައި.. ރިޒުވީ ބޭނުމީ ކޯއްޗެއް..؟” ނަބީޙު ބުންޏެވެ. “އަހަރެންނަށް ގެނެސްދީ ކޮންމެވެސް ކަހަލަ ފިނި އެއްޗެއް.. އައިސް ކޮފީ ރަނގަޅުވާނެ..” ރިޒުވީން ބުންޏެވެ. “ކާން އެއްވެސް އެއްޗެއް ނުގެންނާނަން ތަ.؟” ނަބީޙު އެހިއެވެ. އާނއެކޭ ބުނުމުގެ ގޮތުން ރިޒުވީން ބޯ ޖަހާލިއެވެ. ދެން ވެއިޓަރު އޭނާ ގެންގުޅޭ ކުޑަ ފޮތުގައި އެ ތަކެތި ލިޔެފައި އެ ތަނުން ހިނގައްޖެއެވެ. “އަހަރެން މިރޭ އެއާޕޯޓަށް ތި މީހުންނާއެކީ ދިއުމުގެ ކުރިން ގަޑިއާ ސުވާލުކޮށްލިން ޑޮކްޓަރު ހެންރީގެ މަޤްޞަދާ ބެހޭގޮތުން..” ރިޒުވީން ވާހަކަދެއްކީ ހަމައެކަނި ނަބީޙަށް އިވޭވަރަށެވެ. “ޖަވާބަކަށް ގަޑީގެ ސުކްރީނުން ދެއްކީ ކޯއްޗެއް.؟” ނަބީޙު ވެސް ވާހަކަދެއްކީ ވަރަށް މަޑުންނެވެ. “ގޫގަލް މެޕް ކަހަލަ ދުނިޔޭގެ ސެޓެލައިޓް މެޕެއް.. އެހެން ވިޔަސް އެ މެޕުގައި ދުނިޔޭގެ ބައެއް ތަންކޮޅުގައި ރޯވެފައި ހުއްޓައި ދެއްކީ.. އަހަރެންނަށް ހީވާ ގޮތުން ޑޮކްޓަރު ހެންރީ އެ އުޅެނީ ބައްޕަގެ އަނެއް އީޖާދުގެ އެހީގައި ދުނިޔޭގެ އެ ތަން މި ތަނަށް ހަމަލާ ދޭންހެން..” ރިޒުވީނަށް ވިސްނުން ކަންތައް ކިޔާދިނެވެ. “ރިޒުވީންގެ ބައްޕަ އަނެއްކާ އެ ހެދީ ކޮން ކަހަލަ އީޖާދެއް.؟ އެޓޮމިކް ބޮމެއް ތަ.؟ ނިއުކްލިއާ ބޮމެއް ތަ.؟” ނަބީޙު އެހިއެވެ. “އަހަރެންނަށް ހީނުވޭ އަހަރެންގެ ބައްޕައަކީ ތިޔަ ފަދަ ލާއިންސާނީ ހަތިޔާރުތަކެއް ހަދާނެ މީހެއްހެން.. އަހަރެންގެ ގަޑި.. މިއީ ބައްޕަގެ މޮޅު އުފެއްދުމެއް.. ވަރަށް ގިނަ ލުއިތަކާއި ފަސޭހަތަކެއް ލިބިދޭ.. މީގެ ޒާތުގަ މިއީ ގޯސް އުފެއްދުމަކަށް ނުވިޔަސް ގޯސް ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް.. އެ ގޮތުން އަހަރެން ވެސް ދެ ފަހަރު މަތިން ނަހަމަ ގޮތުގައި މި ގަޑި ބޭނުންކުރިން.. ބައްޕަގެ އަނެއް އީޖާދު ވެސް ހަމަ އެ ގޮތަށް ރަނގަޅު ގޮތުގައި ބޭނުންކުރެވޭ އީޖާދަކަސް ދުނިޔެއަށް ގެއްލުންދޭން ވެސް އެ ބޭނުންކުރެވިދާނެ..” ރިޒުވީނަށް ފެންނަ ގޮތް އޭނާ ބުންޏެވެ. “ވަރަށް ގިނަ ކަންތައް މިއަދު އެނގިގެން މި ދިޔައީ.. އެހެންވިޔަސް ރިޒުވީން ބައްޕަ ދެން އެ އުފެއްދީ ކޮން އިޖާދެއްބާ.؟ އެ އިޖާދު ވީ ކޮންތާކު.؟ އެ ކަންތަކާ އަޝްރަފު ފަދަ ކުޑަކުއްޖަކާ އޮތީ ކޮން ގުޅުމެއް.؟” ނަބީޙު ބުންޏެވެ. ދެން ވެއިޓަރަކު ކާ އެއްޗެހި ހިފައިގެން އައިސް އެ ތަކެތި ދެ ކުދިންނަށް ބަހައްޓާދީފައި ގޮސްފިއެވެ. “ކާލައިގެން ހިނގާ ގެޔަށް ދާން.. މާދަމާއިން ފަށައިގެން ޑޮކްޓަރު ހެންރީއަށް ޖާސޫސްކުރާނެ ގޮތެއް ހަދަންވީ.. އަހަރެމެންނަށް މި ލިބުނީ ދުނިޔެއަށް އަންނަން އުޅޭ ހަމަލާއަކުން ސަލާމަތްކޮށްދޭނެ ފުރުސަތެއް..” ރިޒުވީން ބުންޏެވެ.
2025ވަނަ އަހަރު – ދެކުނު އެފުރިކާ ޖަންގަލި
ފަންގެ ތެރެއިން ބިމުގެ އަޑީގައި ހަދާފައި ހުރި ޖަލު ގޮޅިއެއް ބަލަހައްޓަންޖެހޭ ވޮޗަރަކު އިނީ ގޮނޑީގައި ނިދާފައެވެ. އެހެން މީހަކު ގޮސް އޭނާގެ ގަޔަށް ފެން އެއްޗެއް އޮއްސާލުމުން ސިއްސައިގެން ގޮސް އޭނާ ތެދުވިއެވެ. “ސާބަސް.. މި ގޮޅި ތެރޭގަ އޮންނަންޖެހޭ ގައިދީ ކަލޭގެ ކޮބައި ތަ.؟” ގޮޅި ބަލަހައްޓަން ހަވާލުކޮށްފައިވާ ވޮޗަރު ނިދާފައި އޮތުމުން އޭނާއަށް ނޭނގި ހައްޔަރުގައިވާ ގައިދީއަކު ފިލައިގެން ދިއުމުން ޖަލުގެ ‘ވާޑަރ’ ހުރީ ރުޅިގަދަވެފައެވެ. އެ މީހުން ވާހަކަދައްކަމުން ދިޔައީ އެފުރިކާ ބައްރުގެ ބަހަކުންނެވެ. “މަޢާފު ކުރައްވާ..” ވޮޗަރު އޭނާގެ ދެ އަތް ޖޯޑުކޮށްގެން ހުރެ މަޢާފަށް އެދުނެވެ. “މަޢާފު ކުރާށޭ..” މިހެން ބުނެފައި ވޮޗަރުގެ މޫނުމަތީގައި ‘ވާޑަރ’ އެތި ފަހަރެއް ޖަހާލިއެވެ. “މި ގޮޅި ތެރޭގައި އޮންނަނީ ކޮން ގައިދީއެއް ތަ.؟” ‘ވާޑަރ’ ސުވާލުކުރިއެވެ. “ޢާދިލް އިބްރާހިމް” ވޮޗަރު ޖަވާބުގައި ބުންޏެވެ.
(ނުނިމޭ)
5 Comments
Comments are closed.
?
Yey me first
Hmm dhen mihaaru v salhi vejje. Kiya kiyaa indha e nimunee..
Wow mice
Mi vaahaka varah reethi