ދިހައެއް ( ތިންވަނަ ބައި )
ވަރުބަލިކަމާއެކު ސޯފާގައި އޮށޯވެ އޮތް ރިޒުވީން ތެދުވެވޭތޯ މަސައްކަތްކުރިއެވެ. ތެދުވުމަށް ފަހު، ފައި ތަޅަންގަނޑު މަތީގައި މަޑުމަޑުންް ޖައްސައިލިއެވެ. ފައިގެ ރިހުން ކުރިއަށްވުރެ މަޑެވެ. ކޮޅަށް ތެދުވެ ހިނގައިގަނެވޭތޯ މަސައްކަތްކުރިއެވެ. މަޑުމަޑުން ހިނގާލައިފައި ރިޒުވީނަށް ދޮރާ ހަމައަށް އާދެވުނެވެ. ދޮރު ހުޅުވައިލިއިރު ނަބީހު ބޭރުގައި ހުއްޓެވެ. “ސޮރީ ރިޒުވީ… އަހަރެން ހަނދާން ވެސް ނެތް ބޭރަށް ދަމުން ތަޅުދަނޑި ގެންދާކަށް…” ރިޒުވީންމެންގެ ރޯ ހައުސްގެ މައިދޮރުގެ ތަޅަކީ ލައްޕާލުމާއެކު އެތެރެއިން އަމިއްލައަށް ތަޅުލެވޭ ގޮތަށް ހަދާފައިހުރި ތަޅެކެވެ. “ހޫނ… ނަބީ ތަޅުދަނޑި ސެޓް ލީ ކޮންތާކަށް…؟” ރިޒުވީން އަހާލިއެވެ. ނަބީހު ގޮސް ހެދުން އަޅުވައި ބުޅިގަނޑުގައި އަޅުވައިފައި އިން އޭނާގެ ގަމީހުގެ ޖީބުން ތަޅުދަނޑި ސެޓު ނެގިއެވެ. ނަގައިފައި ރިޒުވީންގެ އަތަށް ދިނުމުން އޭނާ ތަޅުދަނޑި ސެޓުން ތަޅުދަނޑިއެއް އެ ތަނުގައި ހުރި އަލަމާރިއެއްގެ ތަޅަށް ލުމަށް ފަހު އެ އަލަމާރި ހުޅުވިއެވެ. “ހަނދާނެއް ވެސް ނެތް މި މަތިން… އަލިބެގެ ސިޓީ އުރައޭ ކިޔާފަ އޭނާގެ ރައްޓެހި އާދާނު ދިން ސިޓީ އުރަ…” އަލިބެގެ ސިޓީ އުރަ ރިޒުވީން ލީ ތަނުގައި ހަމަ އޮތެވެ.
ސިޓީ އުރަ ހިފައިގެން ރިޒުވީން ގޮސް ސޯފާގައި އިށީނެވެ. ނަބީހު ވެސް އިށީނީއެވެ. ސޯފާ ކައިރީގައި ހުރި މޭޒު މަތިން ރިޒުވީން އޭނާގެ އައިނު ނަގައި އެޅިއެވެ. އެއަށްފަހު ސިޓީ އުރައިގައި އޮޮތް ކަރުދާސް ގަނޑު ނަގައި ކިޔަން ފެށިއެވެ. “ލޯބިވާ ރިޒުވީން… ރިޒުވީން މި ސިޓީ ކިޔާއިރު ބައްޕަ ދުނިޔޭގައި ހުންނާނެހެނެއް ހިއެއްނުވޭ…” ސިޓީއަކީ އަލިބެގެ ސިޓީއެއް ނޫނެވެ. އެއީ ރިޒުވީންގެ ބައްޕަ ޢުޝާމް، މަރުވުމުގެ ކުރިން ލިޔެފައިވާ ސިޓީއެކެވެ. ރިޒުވީން ސިޓީ ކިޔަމުން ދިޔައެެވެ. “ރިޒުވީނަށް މި ސިޓީ ލިބޭނީ ވެސް ރިޒުވީންގެ އުމުރުން ގާތްގަނޑަކަށް ސަތާރަ އަށާރަ ވުމުން… ރިޒުވީން އެ އުމުރަށް ދާއިރު ދުނިޔޭގައި ހުރިކަމަށްވާނަމަ، މި ސިޓީ ކިޔާނެ ކަމަށް ބައްޕަ އުއްމީދު ކުރަން…” ރިޒުވީނަށް ރޮވެން ފެށުނެވެ. ނަބީހު ރިޒުވީންގެ އަތުގައި ހިފައި ހިތްވަރުކޮށް ސިޓީ އިތުރަށް ކިޔުމަށް އެދުނެވެ. ރިޒުވީން ސިޓީގެ ބާކީބައި ކިޔަން ފެށިއެވެ. “ބައްޕަ ވާނީ އަލިބެއަށް އަމާނާތެއް ހަވާލުކޮށްފަ… އެއީ ދަރިފުޅަށް ބައްޕަ ދިން ހަދިޔާއެއް… ސިޓިންގް ރޫމުގެ ފާރުގައި ހަރުކޮށްފައި ހުރި ދަރިފުޅާއި އަލިބެއާއި ބައްޕަގެ ފޮޓޯގަނޑު ނެގުމުން ކޯޑު ޖަހަންޖެހޭ ލޮކެއް ފެންނާނެ… އޭގައި 00010 ޖެހުމުން ހުޅުވޭނެ… އެ ހަދިޔާ އެހެން މީހަކަށް ނުދޭތި… އޭތި އަބަދުވެސް ދަރިފުޅުގެ އަތުގައި އަޅުވައިގެން އުޅޭތި… ނަމަނަމަ އަތުން ނުނަގާތި… ރައްކާތެރިކަމާއި އެކު ދަރިފުޅު އަތުގައި ބާއްވާ…” ރިޒުވީން ސިޓީ ކިޔާ ނިމުމާއެކު ނަބީހު އަވަހަށް ގޮސް އެ ބުނާ ފޮޓޯގަނޑު ނެގިއެވެ. ސިޓީގައި އޮތް ގޮތަށް ކޯޑު ޖަހައި ލޮކެއް ފާރުގައި ހަރުކޮށްފައި ހުއްޓެވެ. ރިޒުވީން ސިޓީގައިވާ ކޯޑު ޖެހުމުން ސިޓިންގް ރޫމްގެ ތަޅުންގަނޑުގައި ޖަހާފައި ހުރި މުށިތަކުގެ ތެރެއިން މުށްޓެއް ކެހިގެންދިއައެވެ. “ވާއޫ… ރިޒުވީ ގޭގެ އަޑީގައި ފެމިލީ ސީކްރެޓް ކޭވެއް…” ނަބީހު ހައިރާންވެފައި ހުރިވަރުން ބުނެލެވުނެވެ. އެތަނުގެ އަޑިއަށް ދިޔުމަށް އެއްކައިރީގައި ސިޑިއެއް ހަރުކޮށްފައި ހުއްޓެވެ. އެ ސިޑިން ދެ ކުދިން ވެސް ތިރިއަށް ފޭބިއެވެ.
ރިޒުވީނާއި ނަބީހު ތިރިޔަށް ފައިބައި ބަލައިލިއިރު އެ ދެ ކުދިންނަށް ވުރެ ވެސް ބޮޑު ދަގަނޑު ފޮށްޓެއް އެ ތަނުގައި ހުއްޓެވެ. އެ ފޮށީގައި ޓަޗް ޑިސްޕްލޭއެއް ހަރުކޮށްފައި ހުއްޓެވެ. ޑިސްޕްލޭއިން ދައްކަނީ ފިންގަރ ޕްރިންޓް ސްކޭނަރެކެވެ. ރިޒުވީން އޭނާގެ ބޮޑުވައި އިނގިލި ޑިސްޕްލޭގައި ޖައްސައިލިއެވެ. އިނގިލި ޖައްސައިލުމާއެކު ފޮށި ތެރެއަށް ވަންނަން ދޮރެއް ކެހިގެންދިޔައެވެ. ދެ ކުދިން ވެސް އެ ދޮރުން ފޮށި ތެރެއަށް ވަނެވެ. ފޮށި ތެރޭގައި ވަށް މޭޒެއް ހުއްޓެވެ. އެ ވަށް މޭޒު މަތީގައި ކުޑަކުޑަ ކަރުދާސް ފޮށްޓެއް އޮތެވެ. ނަބީހު އެ ފޮށި ނަގައި ރިޒުވީން އަތަށް ދިނެވެ. ރިޒުވީން އެ ފޮށި ހުޅުވާލިއެވެ. ކުޑަ ފޮށި ތެރޭގައި އޮތީ ސްމާޓް ގަޑިއެކެވެ. ރިޒުވީން ގަޑި އަތުގައި އެޅުމަށް ފަހު ނަބީހާއެކު ދަގަނޑު ފޮށިން ބޭރަށް ނުކުތެވެ. ރިޒުވީން އަނެއްކާ ވެސް ޑިސްޕްލޭގައި އޭނާގެ ބޮޑުވައި އިނގިލި ޖައްސައިލިއެވެ. ދަގަނޑު ފޮށީގެ ދޮރު ބަންދުވިއެވެ. ދެ ކުދިން ސިޑިން މައްޗަށް އެރިއެވެ. މައްޗަށް އެރުމާއެކު އެއްކަލަ މުށިގަނޑު ކެހި ލެއްޕުނެވެ.
“ރިޒުވީން ކޮން ޚިޔާލެއްގަ؟” ރިޒުވީން މާ މަޑުން އިނުމުން ނަބީހު އަހާލިއެވެ. “މި ގަޑީގެ ސްޓޯރެޖްގައި 128 ގިގަބައިޓް… ރެމްގައި 8 ގިގަބައިޓް… އަދި މީގެ އޯޕަރޭޓިންގ ސިސްޓަމަކީ އެންޑްރޮއިޑެއް ވެސް ނޫން… އެޕަލްގެ އައި.އޯ.އެސްއެއް ވެސް ނޫން… ވިންޑޯސްއެއް ވެސް ނޫން… އަމިއްލަ އޯޕަރޭޓިންގ ސިސްޓަމަކާއި އެޕް ސްޓޯރެއް… ގަޑީގެ ކަނެއްގައި ވަށް ބޮޅެއް ކުރަހާފައި އެ ބޮޅުގެ ތެރޭގައި ދިހައެއް ކުރަހާފައި… ހީވަނީ މި ދިހައެއް މިއީ މި ގަޑީގެ ބްރޭންޑް ނޭމް ހެން… ޔަޤީނުން ވެސް މިއީ އަދި މާރުކެޓް ނުކުރާ ގަޑިއެއް… މިއީ ބައްޕަ އުފައްދާ މާރުކެޓަށް ނުނެރި އޮތް ގަޑިއެއް…” ރިޒުވީނަށް ފާހަގަކުރެވުނު ކަންތައްތައް ކިޔައިދިނެވެ. “ދެން އޭގަ މައްސަލައަކީ ކޮބައި؟ ޔޫ ޝުޑް ބީ ޕްރައުޑް… ރިޒުވީންގެ ބައްޕަ ރިޒުވީނަށް ޚާއްޞަކޮށް ގަޑިއެއް އުފެއްދީތީ… ދެން މަ އިހަށް ދިޔައީ އޭ… ބޭބެ ބުނެގެން… ވަރަށް މުހިންމު ކަމަކުއޯ…” ނަބީހު މިހެން ބުނެފައި ބޭރަށް ނުކުތެވެ. ނަބީހު ވާހަކަ ހަމަޖައްސައިދިން ނަމަވެސް ބައްޕަ އެހާ ބޮޑު ހޭދައެއް ކުރުމަށްފަހު ރިޒުވީނަށް ޚާއްޞަކޮށް އެހާ ފެންވަރު ރަނގަޅު ގަޑިއެއް އުފައްދަންވީ ސަބަބެއް ރިޒުވީނަކަށް ނުވިސްނުނެވެ. އަދި ނަބީހު އެ ބުނާހެން ބައްޕައެއް އޭނާގެ ލޯބިވާ ދަރިފުޅަށް ހަދިޔާއެއްގެ ގޮތުގައި ދިނުމަށް ގަޑިއެއް އުފެއްދި ނަމަވެސް އެ ގަޑި މަރުވުމަށްފަހު ދޭންވީ ސަބަބެއް ރިޒުވީނަކަށް ނޭނގުނެވެ. އަދި ދިނަސް އަތުން ނުނެގުމަށާއި ރައްކާތެރިކަމާއި އެކު ގެންގުޅުމަށް ބައްޕަ އެދުނީ ކީއްވެބާއޭ ރިޒުވީން ހިތަށްއަރަމުން ދިޔައެވެ. މި ގަޑި އެހާ ވެސް ޚާއްޞައީ ހެއްޔެވެ؟
ބޭބެ ބުނި ކަންތައްތައް ނިންމާފައި ނަބީހަށް ގެއަށް އާދެވުނީ ރޭގަނޑެވެ. އެ ވަގުތު ރިޒުވީން އޭނާގެ ލެޕްޓޮޕް ހިފައިގެން ސޯފާގައި އިށީނދެ އިނެވެ. “ކޯއްޗެއް ތި ބަލަނީ ލެޕުން؟” ނަބީހު އަހާލިއެވެ. “ނަބީ ހަނދާނެއް ވެސް ނެތް ދޯ..؟ މިއީ ގްރީން އެރޯ ވާރސަސް ރެޑް އެރޯގެ އާ ސީޒަނުގެ ފުރަތަމަ އެޕިސޯޑް ދައްކާ ރޭ… ނުވައެއް ޖަހާއިރު ފެށޭނެ… މިހާރު ވެސް ނުވައެއް ޖަހަން ހުރީ އެންމެ ފަސް މިނެޓް… އެހެންވެ އޮންލައިންކޮށް ސީ.ޑަބްލިޔު ޗެނަލް ބަލަން މި އިނީ…” ގްރީން އެރޯ ވާރސަސް ރެޑް އެރޯއަކީ ރިޒުވީންމެން އުމުރުފުރާގެ ޒުވާނުންގެ މެދުގައި އެ ދުވަސްވަރު އެންމެ މަޤްބޫލު އިނގިރޭސި ޓީވީ ސިލްސިލާއެވެ. ނުވައެއް ޖެހުމާއެކު އެ ސިލްސިލާ ފެށުނެވެ. ފުރިޖުން އެނާރޖީ ޑްރިންކް ދެ ދަޅު ނަގައި އެއް ދަޅު ރިޒުވީންގެ އަތަށް ނަބީހު ދިނެވެ. އެއަށްފަހު ސިލްސިލާ ބަލަން ރިޒުވީންގެ ކައިރީގައި ސޯފާގައި އިށީނނެވެ. “ހައްތަހާ ވެސް ރެޑް އެރޯ ގެ މިސްޓޭކް… ދުވަހަކު ބޮޑެއް ނުވޭ… މެޗުއަރ އެއް ނުވޭ… ޅަ ކުދިން ހަދާ ކަހަލަ މިސްޓޭކް…” ފޯރީގައި ރިޒުވީން އެ ސިލްސިލާގެ ރެޑް އެރޯ ޝަޚްޞިއްޔަތަށް ފާޑުކިޔަން ފެށިއެވެ. “ގްރީން އެރޯއަށް ވެސް މިސްޓޭކް ހެދޭ… މި ދިޔަ ސީޒަންގަ ވެސް ކަލޭމެން ގަދަހެދީ ރެޑް އެރޯ ނުބައި ކަމަށް… އެކަމަކު ފަހުން އެނގުނީ އެއީ އެހެން މީހަކު ރެޑް އެރޯއަށް ވެގެން ކުރި ކަމެއްކަން… ރެޑް އެރޯއަކީ ވެސް ހުނަރުވެރި އާރމާރެއް…” ނަބީހަށް ރެޑް އެރޯ ޝަޚްޞިއްޔަތު މާ ކަމުދެއެވެ. “އާނ… ދެން ނަބީއަކަށް ނުފެންނާނެ ވިއްޔާ ރެޑް އެރޯއަށް ކުރެވޭ ކޮސް ކަންތައްތަކެއް…” ރިޒުވީން އެނާރޖީ ޑްރިންކް ދަޅުން އެތި ފޮދެއް ބޯލަމުން ބުންޏެވެ. “އޯ ޝިޓް… އެންމެ ނުބައި ވަގުތު އެ ބްރޭކް އެ އައީ… ނުބައި ގޮލާ ފޮނުވާލި ތީރު ގްރީން އެރޯ ގަޔަށް ހެރޭނެބާ..؟” ސިލްސިލާގެ އެޕިސޮޑުގެ މެދު ތެރެއިން ދައްކާ އިސްތިހާރުތައް ފެށުމުން ރިޒުވީން ބުންޏެވެ. “ގޭގައި ޓީވީއެއް ހުރިނަމަ ބޮޑު ސްކްރީނުގަ ބަލާލެވޭނެ…” ގޭގައި ޓީވީއެއް ނެތުމުގެ ފަޅުކަން ނަބީހަށް އިހުސާސް ކުރެވިގެން ބުންޏެވެ. “މަ ވެސް ހިތަށްއަރަނީ ތިހެން… ބޮޑު ސްކްރީނުގައި ބަލާލެވޭއިރު މާ ހިތްހަމަޖެހޭ…” ރިޒުވީން މިހެން ބުނުމާއެކު އޭނާގެ އަތަށް ގޮތެއް ވާހެން ހީވިއެވެ. އަތުގައި އަޅައިގެން ހުރި ސްމާޓް ގަޑި ވައިބްރޭޓް ވަނީއޭ ހިތައި ގަޑިއާ ދިމާލަށް ބަލަހައްޓައިގެން ރިޒުވީނަށް އިނދެވުނެވެ. “ރިޒުވީ..! ކިހިނެއްވީ..؟ ކުއްލިއަކަށް މާ މަޑުން ތި ހުރީ…” ދެންމެ ސިލްސިލާ ފޯރީގައި ހުރި ރިޒުވީން މަޑުމައިތިރިވުމުން ނަބީހު އަހާލިއެވެ.
އިރުކޮޅެއް ފަހުން ގަޑިން އައްޔެއް އެޅުމަށްފަހު ބޮޑު ލޭޒަރ ސްކްރީނެއް ހުޅުވިގެން ދިޔައެވެ. ސްކްރީން ހުރީ ގޭގެ އެއް ފާރުން އަނެއް ފާރަށެވެ. ތިރީ ތަޅަންގަނޑުން މަތީ ސީލީންނަށެވެ. ރިޒުވީން ހިނގައިގަތުމުން ސްކްރީންގެ އެތެރެއިން ލައިފައި އަނެއް ފަރާތަށް ދެވުނެވެ. “ވާއޫ..! މާޝާ ﷲ..!” ރިޒުވީނާއި ނަބީހަށް އެއްފަހަރާ ބުނެލެވުނެވެ. ދެ މީހުންގެ ކުރިމަތިން ފެންނަން ހުރީ ދުނިޔޭގެ 8 ވަނަ އަޖައިބު ވިއްޔާއެވެ. އެ ފަދަ ޓެކްނޮލޮޖީއަކީ ހަމައެކަނި ހޮލީވުޑް ފިލްމްތަކާއި މަޝްހޫރު އިނގިރޭސި ސިލްސިލާތަކުން ފެނިފައި ހުރި ޓެކްނޮލޮޖީއެވެ. އަދި އެފަދަ ކަމެއް ގަޑިއަކުން ކުރާ މަންޒަރެއް ގައިމު ވެސް ރިޒުވީނާއި ނަބީހަކަށް އެއްވެސް ފިލްމަކުން ނޫނީ ސިލްސިލާއަކުން ވެސް ނުފެނެއެވެ. ދެ ކުދިންގެ ލޯ ކުރިމަތިން ފެންނަން ހުރި ކަންތައް ޤަބޫލުކުރަން ދަތިވެގެން ހައިރާންވެފައި ދެ ކުދިން ވެސް ސްކްރީނާ ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ.
( ނުނިމޭ )
11 Comments
Comments are closed.
Ummeedhukuran kiyuntherinnah mi bai ves kamudhiya kamah ?
Nice mi part ves varah❤me first ?
Thanks ?
v intersting. v kiyaa hihvey mikahala vaahaka. dhn v salhi. daily koh up kohdheythi . erundhw thi vaahaka ah follow kureveyny,
Thanks ?
Aslu me mulhi mi site ga ves in enme thafaathu vaahaka. V salhi.
Thanks. ?
cool.. very uniuqe.?
wohh.. its different.. frm other stries.. so interesting.. keep it up..
Varah thafaathu stry araa vahthary
*akaa