އުމުރަށްވެސް އެކީގައި ވާނަމޭ…….7
ނުހާ ހުރީ ލުފްޝާން އާއި ހަތަރު ކަޅި ހަމަ ކުރަންވެސް ނުކެރިފައެވެ. ފުށް ގަނޑު މޮޑެލުމަށް ފަހު ރޮށި ދަމަން ފެށިއެވެ. ލުފްޝާން ފެންފުޅި ހިފައިގެން އައިސް ނުހާގެ ފުރަގަހުގައި ހުއްޓުނެވެ. “އެއީ އެހާ ވަރުގެ ކަމެއް ނޫން…ނުހާ ބިރުގަތީއެއްނު…އޯކޭ…އެކަމާ ދެން އެހާވަރަށް ވިސްނާ އެއްޗެއް ނޫން… އަހަރެން ވާހަކައެއް އަހާލަންތަ؟…” ތަވާ މައްޗަށް ރޮށިލަމުން ނުހާ އާނއެކޭ ބުނުމުނގެ ގޮތުން ދެފަހަރަކު ބޯޖަހާލިއެވެ. ފެން ކޯވަރެއް ބޯލުމަށް ފަހު ލުފްޝާން ވަރަށް ނޫން ގޮތަކަށް އަހާލިއެވެ. “ނުހާގެ އާއިލާ މީހުން ކޮބާ؟…” ލުފްޝާންގެ އެސުވާލަށް ރޮށި ފަތުރަން ހުރި ނުހާގެ މަސައްކަތަށް ހުއްޓުން އެރިއެވެ. އެއްވެސް އިޙްތިޔާރަކާއި ނުލާ ނުހާގެ ލޮލުތެރޭގައި ކަރުނަ ފާއްދާލިއެވެ. ނުހާގެ ފަރާތުން އެއްވެސް ޖަވާބެއް ނައުމުން ލުފްޝާން ނުހާ އާއި ތަންކޮޅެއް ކައިރިއަށް ޖެހިލަމުން ނުހާގެ މޫނަށް ބަލާލިއެވެ. ނުހާގެ ލޮލުން އޭގެ މަގާމު ދޫކޮށް ވެއްޓުނު ކަރުނަ ތިކި ނުހާގެ އަތް މައްޗަށް ވެއްޓެނިކޮށް ލުފްޝާން އަށް ރީތިކޮށް ފެނުނެވެ. ލުފްޝާން ހާސްވިއެވެ. ނުހާ ރޯމަންޒަރު ބަލާކަށް ލުފްޝާންއަށް ބަލާކަށް ކުޅަދާނައެއް ނުވިއެވެ. “ނުހާ…ކިހިނެއްވީ… ވަރަށް ބޮޑަށް ސޮރީ…” ބޭއިޙްތިޔާރުގައި ކުރިއަށް ވުރެވެސް ބޮޑަށް ލުފްޝާންއަސް ނުހާގެ ކައިރިއަށް ޖެހިލެވުނެވެ. އެހެންނަމަވެސް ނުހާ ލުފްޝާން އާ ދުރަށް ދިޔުމުގެ ގޮތުން ދުރަށް ޖެހިލިއެވެ. ނުހާގެ މިހަރަކާތުން ލުފްޝާންގެ ލަގޮނޑިއަށް ވަރަށް ތަދުވިއެވެ. “އަހަންނާ ކައިރި ނުވާތި….” ރޮވިފައި ހުރި ނުހާ މަޑުމަޑުން ބުނެލިއެވެ. ނުހާއަށް ވަނީ ވަރަށް އަސަރު ކޮށްފައެވެ. “ކީއްވެ…ނުހާ ކީއްވެ…އަހަރެން… ނުހާ އަހަރެންދެކެ ރުޅިއައީތަ؟…” އުނދަގުލާއި ބުނެވުނެވެ. ލުފްޝާންގެ އަޑުން ނުހާއަށް ލުފްޝާންއަށް ބަލައިލެވުނެވެ. ފުން ނަޒަރަކުންނެވެ. އޭރު އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް ނުހާގެ ކޯތާފަތުގައި ބީހެމުން ދެއެވެ. “ނޫން..އަހަރެން ކިހިނެއް ލުފްޝާން ދެކެ ރުޅި އަންނާނީ….ރުޅިއެއް ނުވެސް އާދެވޭނެ….އެއީ އަހަރެން ލުފްޝާންދެކެ…….” ނުހާއަށް ބުނެވެން އުޅުން އެއްޗަކާއި މެދު ރޭކާލީ ދެނެވެ. އަވަހަށް އަނެއް ފަރާތަށް އެނބުރެވުނެވެ. ނުހާ ބުނަން އުޅުން އެއްޗެއް ލުފްޝާންއަށް އެނގުނު ކަހަލައެވެ. ނުހާގެ ދެކޮނޑުގައި ހިފާ އަނބުރާލުމަށްފަހު އޭނާއާއި ހަތަރުކަޅި ހަމަ ކުރުވިއެވެ. “ކީކޭ…ކީކޭ ދެންމެ ނުހާ ބުނަން އުޅުނީ…” ނުހާގެ ކޮނޑުގައި ހިފާ ތަޅުވަމުން މޮޔައަކު ފަދައިން ސުވާލު ކުރަމުން ދިޔައެވެ. ނުހާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. “މި…މިބުނީ…އަހަރެން ލުފްޝާން ދެކެނީ..ބޭބެއެއްގެ ގޮތުންނޭ… އެހެންވީމަ މިކޮއްކޮއަކަށް ތިބޭބެ ދެކެ އެއްވެސް ރުޅިއެއް ނާދެވޭނެއެއްނު…ދޯ…” ނުހާގެ ބަސްތަކުން އިތުރަށް ލުފްޝާންގެ ހިތް ރޮއްވާލިއެވެ. މަޑުމަޑުން ނުހާގެ ކޮނޑުން އަތް ވިއްލައިލަމުން އުފާވެރިކަން މޫނުމައްޗަށް ދައްކާލިއެވެ. ” އާން..ހެހެ..އެހެންދޯ…ހޫމމ..އަހަރެން ވަރަށް އުފާވެއްޖެ އަހަންނަށް ތިހާ ލޯބިލޯބި ކޮއްކޮއެއް ލިބުނީމަ..” ދެން އިތުރަށް އެތާކު މަޑުކުރާކަށްވެސް ލުފްޝާން ބޭނުމެއް ނުވިއެވެ. އެންމެ ހިނދުކޮޅަކަށް މަޑުކޮށްފިނަމަވެސް ލުފްޝާންގެ ހިތް ރޯއަޑު ނުހާގެ ކުރިމަތީގައި ބޭޒާރުވާނެއެވެ. ފެންފުޅި ނުހާ އަތަށް ދީފައި އަވަސް ފިޔަވަޅު ތަކެއްގައި ލުފްޝާން ބަދިގެއިން ނުކުތުމަށް ހިނގައިގަތެވެ. ބަދިގެއިން ނުކުތުމާއި އެކުހެން ލުފްޝާންގެ ފިޔަވަޅަށް ހުއްޓުން އެރިއެވެ. ނުހާގެ ގިސްލުމުގެ އަޑަށްށެވެ. ދެލޯ ބޮޑުކޮށްލަމުން ފަހަތަށް އެނބުރި ބަދިގެ ދޮރާ ހަމައަށް ލަސް ފިޔަވަޅު ތަކެއްގައި ދިޔައެވެ. އޭރު ނުހާ ބިންމަތީގައި ދެކަކޫ ޖަހައިގެން، އަނގަމަތީގައި އަތް އަޅައިގެން އިނދެ ރޮނީއެވެ. ލުފްޝާން ހިތަށް ވަރަށް ބޮޑަށް އަސަރު ކުރިއެވެ. ފިރިހެނަކަސް ކެތް ނުކުރެވޭނެ ދަނޑިވަޅުތައް އަންނާނެއެވެ. ފަހަރެއްގައި ލުފްޝާންގެ ބަލި ފަޔަކީ ނުހާ ކަމުގައި ވެސް ވެދާނެއެވެ. ބާރަށް ލޯމަރާލުމާއިއެކު އެސްފިޔަތަކުގެ ތެރެއިން ފުރޭނިގެން އައި ކަރުނަ ތިކިތައް ލުފްޝާންގެ ފަޅަން ފަށާފައިވާ ތުނބުޅީގެ ތެރެއަށް ގޮސް އޮބެމުންދެއެވެ.
މާޙައުލުގައި ވަނީ ހަމަހިމޭންކަމެއް ފެތުރިފައެވެ. އެއްވެސް އަޑެއް ބަޑެއް ނީވެއެވެ. ނުހާ އިނީ އެނދުމަތީގައި ދެފައި ވައްކޮށްލައިގެން އުނގުމަތީގައި ބާލީހެއް ބާއްވައިގެންނެވެ. ބާލީސް މަތީގައިވާ ފޮޓޯގަނޑަށް ބަލަމުން އެފޮޓޯގަނޑާ ވާހަކަ ދައްކަމުން ދިޔައެވެ. އޭގައިވަނީ ދެވަނަ އެހެން މީހެއް ނޫނެއެވެ. ނުހާގެ ހިތުގައިވާ ތަސްވީރެވެ. ލުފްޝާންއެވެ. “އަހަރެން ގަޔަކުނެތް ލުފްޝާން އާއި ކުރިމަތިލާނެހާ ހިތްވަރެއް…އަހަރެން ލުފްޝާން ދެކެ ކިތަންމެ ލޯބިވިޔަސް އެކަން ފާޅުކުރެވޭކަށް ނެތް…. އަހަރެން ލުފްޝާންދެކެ ލޯބިވާކަން ބޭބެއަށް އެނގިއްޖެއްޔާ ބޭބެ ކީކޭ ބުނާނީ..އަހަންނަކީ އެއްވެސް ގޮތެއް ފޮތެއް ނެތް މީހެކޭ…އަހަންނާ ލުފްޝާން އާއި ކިހާ ތަފާތު…އާއިލާގެ ހަސަބާއި ނަސަބަށް ބެލިކަމުގައިވިޔަސް… ކޮންމެގޮތަކަށް ބެލިކަމުގައިވިޔަސް އަހަންނާ ލުފްޝާން އަކާ އަރާއަރަފޯދިގެންނެއް ނުވޭ…ލުފްޝާންއަށް އަހަންނަށް ވުރެ މާރީތި މާ މުއްސަނދި ކުދިންވެސް ލިބޭނެ…އެހެންވެ…..” ނުހާގެ ހިތުގެ ޝަކުވާތައް ފުރިގެން ބަންޑުންވިކަހަލައެވެ. “އެހެންވެތަ އަހަންނަށް ހުރިހާ ކަމެއް ސިއްރު ކުރީ….” ނުހާ ސިހިފައި ދޮރާ ދިމާލަށް ބަލައިލެވުނެވެ. އޭނާ ހަނދާން ނެތިގެން ހުރީ ކޮޓަރީގެ ދޮރު ނުޖަހައެވެ. އޭރު ލުފްޝާން ހުރީ ދޮރުގައި ލެނގިލައިގެން އެއްފައި މައްޗަށް ކޮޅަށްށެވެ. ހަށަމް ބަނދެލައިގެންނެވެ. ނުހާ ހަދާނެ ގޮތެއް ނޭނގި ގޮތް ހުސް ވެފައިވާ މީހެއްފަދައިން ކޮޅަށް ތެދުވެ ދެއަތަށް ދެއަތަށް މޮޑެލަމޮޑެލަ ހުރެވުނެވެ. ލުފްޝާން ޖީބަށް އަތް ޖަހާލަމުން މަޑުމަޑުން ނުހާގެ ކައިރިވަމުން ދިޔައެވެ. “އެހެންވެތަ އަހަންނަށް ބޭބޭ ކީ…އެހެންވެތަ އަބަދު އެކަނި ބަދިގެއާ ތަންތާނގަ އެކަނި ހުރެގެން ރޮނީ……” ލުފްޝާން ނުހާގެ ކައިރިއަށް އައިސް ހުއްޓުނެވެ. ނުހާއަކަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. އިސްދަށަށް ޖަހާލައިގެން ހުރެވުނީއެވެ. “ނުހާ…އަހަރެން ލޯބި އެއީ ގަދަބާރުން ވާއެއްޗެއް ނޫން…..މުއްސަނދިންނާއި މުއްސަނދިން އަދި ފަޤީރުންނާއި ފަޤީރުން ވާއެއްޗެއް ނޫން…އެއީ ވެވޭ އެއްޗެއް….” ލުފްޝާން ނުހާގެ ކޮނޑުގައި ހިފާ އެނދުމަތީގައި ބޭންދިއެވެ. އަދި އޭނާގެ ކަނާއަތުން ނުހާގެ ދަތްދޮޅިގައި ހިފާ ލުފްޝާން އާއި ހަތަރުކަޅި ހަމަ ކުރުވިއެވެ. ” ނުހާ….އަހަރެން ނުހާ ދެކެ ވަރަށް ލޯބިވޭ….ނުހާވެސް އަހަރެން ދެކެ ލޯބިވާކަން އަހަންނަށް އިނގެ…އެކަމަކު އަހަރެން ބޭނުން އަހަރެންގެ ލޮލަށް ބަލަމުން ނުހާގެ ދުލުން އެހެން ބުނަން…” ނުހާ ލަދުރަކިގޮަތަކަށް ހީލިއެވެ. “އެކަމަކު.. އަހަރެން ކިހިނެއް…” “އުނހު…ދެން އިތުރަކަށް އެއްވެސް އެކަމަކުއެއް މިކަމަކުއެއް ނޯންނާނެ…ޕްލީޒް ބުނޭ އަހަރެންދެކެ ވަރަށް ލޯބިވޭ..އަދި މުޅި އުމުރަށް އަހަންނާ އެކީ ވާނަމޭ….” ނުހާއަށް ލުފްޝާންގެ ލޮލުގެ ތެރެއިން ނުހާއަށްޓަކައިވާ ލޯބި ފެނުނެވެ. އެއްވެސް ޖެހިލުމެއް ނެތި ނުހާ އޭނާގެ ހިތުގެ ގޮވުން އިއްވާލިއެވެ. ” އަހަރެން ލުފްޝާން ދެކެ ވަރަށް ވަރަށް ލޯބިވޭ…..އިރާދަކުރެއްވިއްޔާ އަހަރެން މުޅި އުމުރަށްވެސް ލުފްޝާން އާއި އެކީ ވާނަން…” ލުފްޝާން ވީ އުފަލެއްގެ ބޮޑުކަމުން ނުހާގެ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. އެމަންޒަރު ބަލަން ދޮރުމަތީގައި ހުރި މަހޭޝް ހެވިފައި ހުރެ ލޮލުން ކަރުނަ ފުހެލަމުން ފޯން ނަގައި ފައްތާހްއަށް ގުޅިއެވެ. “މަރުޙަބާ ބޭބޭ..މަރުޙަބާ…”
“ޒާހިދައްތާ….އަޅެ…އަޅެ….އެއްކަލަ ކުއްޖާ….ހާދަ ލޯތްބޭ….އެންމެ ސަޅީ އޭނާގެ ހެއަރ ސްޓައިލް…ހަމަ ޤައުމީ ޓީމްގެ އޮއްޕޮގެ ބޯ ހަދާލާފަ ހުންނަގޮތަށް ހުންނަނީ…ހާދައޭ ރިތީ…ީ” ފަރީނާ ދުވެފައި އައިސް ޒާހިދާގެ ގައިގައި ވަރަށް ބާރަށް ބައްދައިގަތެވެ. ޒާހިދާ ހެމުން އޭނާގެ ކޮއްކޮ ގަޔާ ދުރަށް ލަމުން ބުންޏެވެ. “މިކުއްޖާ ގަނޑަށް މިހާރު ކިހިނެއްވެގެންތަ މިއުޅެނީ….މޮޔަވީތަ އަނެއްކާ….” ޖޯލިފަތީގައި އިށީންނަމުން ފަރީނާ ވާހަކަ ދެއްކިއެވެ. “އަޅެ ޒާހިދައްތާ މަށަށް އެކަންތައް ކޮށްދީބަލަ…އައިއެމް އިން ލަވް…” ފަރީނާ އުޅޭ ގޮތުން ޒާހިދާ ގާތަށް ހިނި އާދެއެވެ. ” ދެން ތިފެނިގެން އުޅޭ ފިރިހެން ސޮރަށް ކިޔަނީ ކޮން ނަމެއްތަ…” އޭނާގެ ކޮއްކޮއަށް ވާވަރު ފެނިފައި އޭނާއަށް އެހީވުމުގެ ގޮތުން މަޢުލޫމާތު ހޯދުމަށްޓަކައި އަހާލިއެވެ. “ނޭނގޭ …” ވަރަށް ދެރަވެލާފައި ފަރީނާ އިސް ޖަހާލިއެވެ. ކުއްލިއަކަށް އެއްޗެއް ހަނދާންވީ ފަދަ ގޮތަކަށް ފަރީނާ ބުންޏެވެ. “އޭނަގެ ނަން ނޭނގުނަސް އޭންގެ އެޑްރެސް އެނގޭ…” ޒާހިދާ ފަރީނާއަށް ބަލަން އިނދެ ބުނެލިއެވެ. ” ނަސީބެއްނު ތިވަރުވިކަން…ކޮން ނަމެއްތަ އެގެއަށް ކިޔަނީ… ބުނީމައެއްނު އެގޭގެ ފޯން ނަމްބަރުވެސް ހޯދޭނީ….” ފަރީނާ ޒާހިދާގެ ކަރުގައި އޮޅުލައިގަންނަމުން ބުންޏެވެ. “އަސްލުވެސްތަ… އެގެއަށް ކިޔަނީ…ކޮން ނަމެއްތަ…އާން…ފިނިހިޔާ….”
ނުނިމޭ-
One Comment
Comments are closed.
nice