މައި ނޭމް އިޒް ޚާން (ބާރަވަނަ ބައި)
“..ޕްލީޒް ފޯން ކަނޑާނުލާތި..” އެ އަންހެން ކުއްޖާ ވަރަށް އާދޭހާއެކު ބުނެލިއެވެ. “..އަހަރެން މިދައްކާ ވާހަކަ އަޑުއަހާބަލަ..” އަހަރެން ހިތުގައި ޝައްކެއް އުފެދުނެވެ. އިޝާ ހެއްޔެވެ؟ ނޫނީ މިޒޫ ހެއްޔެވެ؟ އެމީހުންނަކީ އެތައްދުވަހެއް ވަންދެން ގުޅާ މެސެޖްކޮށް ހެދި މީހުންނެވެ. ނާޒްއަށް ވެދާނެ ބާވައެވެ. ނާޒްވެސް އިޝާފަދައިން މާފަށް އެދި އަލުން ގުޅެން ބޭނުންވެގެން އާދޭސްކޮށްފައިވެއެވެ. ނަމަވެސް އަހަރެން މީ އެކަކަށްވެސް ދެވަނަ ފުރުޞަތެއް ދޭނެ މީހެއް ނޫނެވެ.
“..ކާކުކަން ބުނެލަދެވިދާނެތަ؟..” އަހަރެންނަށް ކާކުކަން ޔަޤީންކަމާއެކު ދެނެގަންނަން ނޭގުމުން އެހީމެވެ.
“..ޚާންއާ ބައްދަލުކޮށްލަން ބޭނުން.. މިއަދު އަހަރެން ބޭނުންވަނީ ހަމައެކަނި ޚާންގެ މާފު..”
“..ތީ ކާކު؟.. ކޮންކަމަކަށް މާފް ދޭންވީ..” އަހަރެންގެ މޫނުމަތީ ސުވާލުމާކެއް ޖެހިގެން ދިޔައެވެ. މާފު ދޭންޖެހި ނުދެވިވާ އެކަކުވެސް ވޭހެއްޔެވެ؟ އަހަރެންނަށް މާފު ނުދެވި އޮތީ ރީމްއަށް އެކަންޏެވެ. އަނެއްކާ ރީމް ބާވައެވެ.
“..މީ ރީމް..” އަހަރެންގެ ޝައްކު ޔަޤީނަށް ބަދަލްވެގެން ދިޔަ ހިނދު ލިބުނީ ކުއްލި ޝޮކެކެވެ. މުޅި ގަޔަށް އައްސިގަނޑެއް އެރި ކަހަލައެވެ. ކުއްލިއަކަށް އެނދުންވެސް ތެދުވެވިއްޖެއެވެ. ހިތުގެ ތެޅުން އަވަސްވެ ލޭދައުރުވުންވެސް އަވަސްވެގެން ދިޔައެވެ.
“..އިތުރު އެއްވެސް ކަމެއް..” އަހަރެންނަށް ދެދަތްޕިލަ ޖައްސާ ބާރުކޮށްލަމުން ފޯން ކަނޑާލެވުނީ ރީމް ދައްކާ އެއްވެސް ވާހަކައެއް އަޑުއަހަން ބޭނުންނުވާތީއެވެ. ރީމް މިހާދުވަސްކޮށްފައި މިގުޅީ ކޮން މޮޔައެއް ވެގެންހެއްޔެވެ؟ އަހަރެން ހައްދާލުމުގެ ބޭނުމުގައި ހެއްޔެވެ؟ މާފުކުރާށެވެ. ހެދެން އަހަރެން މީ ގަހެއް ނޫނެވެ. ދެން އަލުން ތިކަހަލަ ބޭވަފާތެރިޔަކާ އެއްވެސް ގުޅުމެއް ނުބާއްވާނަމެވެ. މާފަށް އެދެންކެރުނީތީވެސް ހައިރާވެއްޖެއެވެ. މާފަށް އެދުމުގެ ބޭނުމެއްވެސް ނެތެވެ. ދުވަހެއްގެ ކޮޅުންވެސް ރީމްއަކަށް މާފެއް ނުކުރާނަމެވެ. އަހަރެން ވަގުތުން ފޯންވެސް ނިވާލީމެވެ. އޭނާ އަހަރެން ގާތު ދައްކަންޖެހޭވަރުގެ ވާހަކައެއްވެސް ނޯންނާނެއެވެ.
ރުޅިގަނޑު މައިތިރިވެ ފިނިވާން ފެށުމާއެކު ރީމްއާ އެކީ ހޭދަކުރި އެކި ދުވަސް ދުވަހުގެ ފޮނި ހަނދާންތައް ސިކުނޑީ ތެރޭ އެނބުރެންފެށިއެވެ. އޭނަގެ ހުނުމުގެ އަޑު އިވެންފަށައިފިއެވެ. ލޯމައްޗަށް އެސޫރަ ސިފަވާންފަށައިފިއެވެ. އެތައް ދުވަސްތަކަކަށްފަހު މިއަދު ރީމްގެ ހަނދާންތަކުން ސިކުނޑި ހިޞޯރުކުރަން ފަށާފިއެވެ. ބުނަންނޭގޭ ކަހަލަ އުނދަގޫތަކެއް ވާންފަށައިފިއެވެ. ރީމް ވަކިވެގެން ދިޔަފަހުން އެސޫރަ ހަމަލޮލަށް ނުފެނުން ކަމުގައި ވިޔަސް އެއަޑު މި ނޫނަސް އިވިފައިވެއެވެ. އެއީ މީގެ ހަތަރުވަރަކަށް އަހަރު ކުރިއެވެ. ފިލްމެއް ފަދައިން މަންޒަރުތައް ރިވައިންޑް ވަމުންގޮސް 04 އަހަރުކުރިޔަށް ހުއްޓުނެވެ.
ރޭގަނޑުގެ ވަގުތެވެ. ގަޑިން 11 ޖަހާ ބޮޑުވެއްޖެއެވެ. އަހަރެން މާލޭގައި އުޅުމަށްފަހު ވިލިގިއްޔަށް ދިޔުމަށްޓަކައި ފެރީއަށް އެރިއިރުވެސް ފޯން ވައިބްރޭޓް ވުމަށް މެދު ކެނޑުމެއް ނާދެއެވެ. ގުޅަނީ އިޝާއެވެ. އެއީ އަހަރުމެން ދެމީހުންގެ ދެމެދުގައި އޮތް ގުޅުން ކަނޑާލި ދުވަސްވަރެވެ. ފުލުފުލުން އެތަކެއް މެސެޖްތަކެއްވެސް އަންނަމުން ދިޔައެވެ. އަހަރެން އެއްވެސް މެސެޖެއް ނުބަލަމެވެ. އެވަރަށް ގުޅާ މެސެޖްކޮށް ހަދާތީ އަހަރެން އިނީ ބޮލަށް އުނދަގޫވެ ރުޅިއަންނަގޮތްވެފައެވެ. ނަމަވެސް ފޯންނަގައި ރުޅިއައިސް ޒުވާބުކޮށް ހެދުން އެއީ މިޒާޖުގައި ނެތްކަމަކަށްވުމުން އަޅާނުލައި އިނީއެވެ.
ވިލިގިލީ ފެރީ ގިމަތަ ތެރެއިން ހިނގާލައިފައި ދަމުން ޖީބުގައި އޮތް ފޯން ނެގީ ގަޑި ބަލާލުމުގެ ބޭނުމުގައެވެ. އޭރުވެސް ފޯން ވައިބްރޭޓް ވަމުން ދިޔައެވެ. ފޯންގެ ސްކުރީނަށް ބަލާލިވަގުތު ސަމާލުކަން ދަމައިގަތީ ގުޅަމުން ދިޔަ ނުދަންނަ ނަންބަރެވެ. އަހަރެން ހީކުރީ ގެޔަށް އައުން ލަސްވެގެން ގެއިން މީހަކު ގުޅަނީކަމަށެވެ.
“..ހަލޯ..” އަހަރެން ގެޔާ ދިމާލަށް ހިނގައި ގަންނަމުން ފޯންނެގީމެވެ.
“..ހަލޯ.. ޚާންތަ؟.. އޭރުވެސް އެނގުން ޚާންއަށް ކާކުކަން އެނގޭއިރަށް ފޯން ނަގާނެކަން.. އައި އޭމް ސޮރީ ޚާން..”
“..ތީ ކާކު ކަމެއް ނޭގުނު..” އަހަރެން ހުރީ ވާނުވާގައެވެ. އިޝާ ނޫންކަން ޔަޤީންވެއެވެ. އިޝާ މިހާރުވެސް ފޯނަށް އެދަނީ ގުޅަމުންނެވެ.
“..ޚާން އަހަރެންދެކެ ރުޅި އައުން ހައްޤު..” އެއަންހެން ކުއްޖާ ބުނެލިއެވެ.
“..ސާފުކޮށް ތިކިޔާ އެއްޗެއް ކިޔާބަލަ..” އަހަރެން ވަގުތުން ބުނީމެވެ.
“..ރުޅި ނާދެބަލަ.. ޚާންއަށް އަހަރެންނާ ބައްދަލުކޮށްލަ ދެވިދާނެތަ؟.. މާލޭގަ މިއުޅެނީ..” އެއަޑުގައި ވަނީ އާދޭހެވެ. “..އަހަރެންނަށް އިނގޭ އަދިވެސް ޚާން އަހަރެންދެކެ ލޯބިވާކަން.. އަހަރެންވެސް ލޯބިވޭ..”
“..ކާކު ނަންބަރު ދީގެން ކާކު ބުނެގެން ޖެއްސުން ކުރަން ތިއުޅެނީ..” އަހަރެން ރުޅިގަދަވާ ގޮތްވިއެވެ. “..ތީ ކާކުކަން ބުނެފަ ދައްކާ ވާހަކައެއް ދައްކަބަލަ..” އަހަރެންނަށް ޝައްކުކުރެވުނީ އިޝާއަށެވެ. އޭނާ މީހަކަށް ނަންބަރު ދީގެން ގުޅުވަނީކަމަށެވެ.
“..ޚާންގެ ނަންބަރު ހޯދަދިނީ ޒާނާ.. މީ ރީމް..”
“..ވަޓް.. ރީމްތަ ތީ؟؟؟…” އަހަރެންނަށް ލިބުނު ހައިރާންކަމާއެކު ހުއްޓެވުނެވެ.
“..ދަރިފުޅު ބަލިވެގެން މާލެއައިސްގެން މިއުޅެނީ..” ރީމް ބުނެލިއެވެ. އަހަރެން ވަގުތުން ފޯން ކަނޑާލީ ރީމްގެ ބޭވަފާތެރިކަން ހިތަށް ވަނުމުންނެވެ. އެބުނާ ދަރިފުޅަކީ އެކަމުގެ ހެތްކެކެވެ. ފޯންވެސް ނިއްވާލީމެވެ. އަދި ގެޔަށް ދިޔަމަގުމަތީގައި ސިމް ކާޑްވެސް ނަގައި އެއްލާލީ ރީމްގެ ކިބައިން އެންމެ ފަސޭހައިން ސަލާމަތްވާނީ ނަންބަރު ބަދަލުކޮށްލައިގެންކަން ވިސްނުމުންނެވެ. އެއީ އަހަރެން ދުވަހަކުވެސް ހަނދާންކުރަން ބޭނުންނުވާ އަންހެނެކެވެ.
އެހުރިހާ ހަނދާނެއް އައުމާއެކު ރީމްއަށް މިފަހަރުވެސް ނަންބަރު ދީގެން އެއުޅެނީ ޒާނާކަން އެނގުނެވެ. ޒާނާއަށް މީގެ ދެދުވަސް ކުރިން ނަންބަރު ވަނީ ދެވިފައެވެ. އެހިނދު ނަންބަރު ބަދަލްކުރުމުގެ ވިސްނުމެއްވެސް އަޔެވެ. ރީމް ގުޅާނަމަ އަހަރެންނަށް ހަމަޖެހިލައިގެން ނޫޅެވޭނެކަން ޔަޤީންވެއެވެ. އޭނާގެ އަޑުއިވުނަސް ލޭތައް ކެކިގެންދެއެވެ. ހަމައެޔާއެކު ބުނަންނޭގޭ އުނދަގޫތަކެއްވެސް ވެއެވެ. އަދިވެސް ހިތުގެ ކޮންމެސް ހިސާބެއްގައި އެލޯބި ފޮރުވިފައިވާ ކަހަލައެވެ. ފުރަތަމަ ލޯބި ދުވަހަކުވެސް ހަނދާނުން ފޮހެވިގެން ނުދާނޭ ބުނަނީ މިހެންވެއެވެ.
ދުވަސްތައް މާޒީއާއެކު އެކުވަމުން ދިޔައީ ފޫހި ކަމާއެކުއެވެ. އަހަރެން ނަންބަރު ބަދަލްކުރިފަހުން ރީމްގެ ހަބަރެއް ނުވެއެވެ. ނަމަވެސް ރީމްގެ ހަނދާންތައް ދޭތެރެއަކުން އުނދަގޫ ކުރަމުން ދިޔައެވެ. އަހަރެންގެ ހަޔާތުގައި ލޯބިވެރިޔަކު ނެތުމުންނާއި، ރަށުގައި މާގިނަ އެކުވެރިންތަކެއް ނެތުމުން އެކަނިވެރިކަން ވަކިން ބޮޑަށް އިޙްސާސްވަމުން ދިޔައެވެ. އަހަރެންގެ އެއެކަނިވެރިކަމާއި ފޫހިކަން ފިލުވުމަށްޓަކައި ބޭނުންކުރަމުން އައީ ޝޯޝަލް ނެޓްވޯކްތަކެވެ. މިގް ތާރޓީ ތްރީ އާއި ފޭސްބުކެވެ.
ރަށުގައި އުޅޭތާ މަހެއްވެގެން ދިޔައިރު ރަށުގައި އުޅޭ ހުސްހަށިބައި ބައެއް އަންހެންކުދިންގެ ލޯތައް އަހަރެންނާ ދިމާއަށް އަމާޒުވާން ފަށައިފިއެވެ. ބޮއްކުރާ ދޮށަށް އޮޑި ކަނބަންފެށިއެވެ. އަހަރެންގެ އެކަނިވެރި ހަޔާތް ފަޅުފިލުވައި ދޭންހުރިކަމަށް އެކިގޮތް ގޮތުން އަންގަންފެށިއެވެ. މެސެޖްގެ ޒަރީއާއިންނާއި ސޯޝަލް ނެޓްވޯކްތަކުންނެވެ. އަހަރެން އެކުދިންނަށް ބައިވެރިޔަކު ހުންނަކަމަށް ބުނެ އޮޅުވާލަމުން އައީ އެކުދިންވެސް އިޝާ އާއި ނާޒް ގޮތަށް ވެދާނެތީއެއް ނޫނެވެ. އަދި ރީމްގެ ހަނދާނުގައި އުމުރު ދުވަސް ހުސްކޮށްލުމުގެ ބޭނުމަކުވެސް ނޫނެވެ. ރީމް އަހަރެންގެ ހަޔާތަށް އެނބުރި ގެނައުމުގެ އެއްވެސް ވިސްނުމެއް ނެތެވެ. ރީމް ބޭވަފާތެރިކަން އެނގުން ހިސާބުން އަހަރެންވަނީ އެވާހަކައިގަ ޕުލުސް ޓޮޕް ޖަހައިފައެވެ. ނަމަވެސް އަހަރެންނަށް ނޭގުން ހަޤީޤަތަކީ އެ ވާހަކައިގެ އެންމެ ބޮޑު ސިއްރު އަދިވެސް ފޮރުވިފައިވާ ކަމެވެ.
އަހަރެންވެސް އެކަނިވެރިކަން ފިލުވާލަދޭނެ ބައިވެރިއަކު ބޭނުންވެއެވެ. މީހަކާ އިނދެގެން އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވެއެވެ. ނަމަވެސް އެއީ އަހަރެންގެ ނަސީބުގައި ލިބެންނެތް އުފަލެކޭ ހިތް ބުނެއެވެ. އަހަރެން ކައިރީ ރައްޓެހިވާން އެހި ކޮންމެ ކުއްޖަކަށްވެސް ފެނިފައިވަނީ އަހަރެންގެ ބޭރުފުށެވެ. އަހަރެންގެ އަޚްލާޤާއި، ވަޒީފާއާއި، އުޅުމާއި، މިޒާޖާއި، ސިފައެވެ. ބައެއްކަހަލަ ކަންކަމަކީ އިންސާނެއްގެ ބޭރު ފުށަށް ބަލައިގެން ފާހަގަ ނުކުރެވޭނެ ކަންކަމެވެ. އުޅުމުން ފާހަގަ ނުވާނޭ ކަންކަމެވެ. އަހަރެންގެ ކިބައިގައި އެކުދިންނަށް ބަރުދާސްތު ނުކުރެވޭނެވަރުގެ ހަޤީޤަތެއް ވެއެވެ. އިޝާއާއި ނާޒްއާއި މިޒޫވެސް އަހަރެންގެ ހަޔާތައް ގެނައުމަށް މަސައްކަތްކުރެވުނީ އެކަމާމެދު ކުޑަކޮށްވެސް ވިސްނާލެވިފަ ނެތުމުންނެވެ. ނަމަވެސް މިއަދު އަހަރެންނަށް ޔަޤީންކަމާއެކު ބުނަން ކެރިދާނެއެވެ. އެހަޤީޤަތް އެނގުމުން އެކުދިން އަހަރެން ދޫކޮށްލައިފައި ދާނެއެވެ. ދާން ބޭނުން ނުވި ކަމުގައިވިޔަސް ދިޔުމަށް މަޖުބޫރުވާނެއެވެ. މިއަދު އަހަރެން ލޯބީގެ ގޮތުން ކުއްޖަކާ ގުޅެން ހުރަސްއަޅަނީ އެސިއްރެވެ.
************
އަހަރެންގެ މަންމައަކީ ހިތުގެ ބައްޔަށް ފަރުވާކުރަމުން އަންނަމީހެކެވެ. 06 މަހުން 06 މަހުން މާލެގޮސް ޓެސްޓްތައް ހަދަންޖެހެއެވެ. ދާއިމީ ގޮތެއްގައި އުމުރު ދުވަހަށް ބޭސްކާން ޖެހެއެވެ. ބަލީގެ ނާޒުކުކަމުން މާ ބުރަކޮށް މަސައްކަތްކޮށް ނޫޅުމަށް ޑޮކްޓަރވެސް އޮންނަނީ އަންގާފައެވެ. ނަމަވެސް ގޭގައި އިތުރު އަންހެނަކު ނެތުމުން މަންމައަށް ވަނީ މަސައްކަތް ކުރުމަށް މަޖުބޫރުވެފައެވެ. އެކަމުގެ ސަބަބުން ދޭތެރެއަކުން މަންމަ ބަލިވެއެވެ. ވަރުބަލިވެ ނޭވާލާން އުނދަގޫވުމާއި، ބޮލަށް އެނބުރުން އެރުންފަދަ ކަންތައްތަކުގެ ސަބަބުން ހިރިނުލެވި އޮންނަން ޖެހިދެއެވެ. މަންމަގެ އެހާލު ފެނުމުން އަހަރެންގެ ދެލޯ ކަރުނުން ފުރެއެވެ. އެފަދަ ކޮންމެ ވަގުތެއްގައި އަހަރެންގެ އަމިއްލަ ނަފްސު އަހަރެންނަށް މަލާމާތްކުރަމުން ދާކަހަލައެވެ. ހިތަށް އަރައެވެ. މަންމަގެ މި ދަރިފުޅަކީ ބޭކާރު މީހެކެވެ. މަންމައަށް ހިދުމަތްކުރާނެ ޅީދަރިޔަކު ގެނެވޭނެ ފެންވަރެއްވެސް މިދަރިފުޅު ކިބަޔަކު ނެތެވެ.
އެއްފަހަރަކު މަންމަ މާބޮޑަށް ވަރުބަލިވާތީ ޑޮކްޓަރަށް ދެއްކުމަށް ދިއްދޫއަށް ދާންޖެހުނެވެ. ކަންދިމާކުރި ގޮތުން ބައްޕަ ރަށުގައި ނެތުމާއެކު މަންމަ ގޮވައިގެން ދިއްދޫއަށް ދާންޖެހުނީ އަހަރެންނަށެވެ. ދިއްދޫއަކީ އަހަރެން ދާހިތްނުވާ ރަށެއްކަމުގައި ވިޔަސް އެއްވެސް ޝަކުވާއެއްނެތި އެދަތުރުގައި ބައިވެރިވީމެވެ.
ފެރީ ރަށާއި ކައިރިވި ވަރަކަށް ހިތުގައި އުފެދެމުން ދިޔަ ނުތަނަވަސްކަން ދިޔައީ ބޮޑުވަމުންނެވެ. އަހަރެންނަށް ވިސްނެމުން ދިޔައީ މާޒީއާ މެދުގައެވެ. ސުކޫލް ދައުރު ހޭދަވެގެން ދިޔަގޮތާމެދުއެވެ. އަހަރެން ސިކުނޑީގައި އެކިއެކި ދުވަސްދުވަހުގެ އެކި ހަނދާންތައް އެނބުރެމުން ދިޔައެވެ. ރީމް ލޯތްބާއި އަޅާލުން ދިނުމަށްފަހު އަނިޔާއާ ވޭންތައް ދިންގޮތެވެ. ޝާންޓޭ އެންމެ ހެޔޮ އެދޭ އެންމެ ގާތް އެކުވެރިޔަކަށްވުމަށްފަހު އެގުޅުން ކެނޑިގެން ދިޔަގޮތެވެ. އަހަރެން އެންމެ ރުޅިއަރާ ދެމީހުންނަށް ރީމްއާއި ޝާންޓޭ ވެގެން ދިޔަގޮތެވެ. އަހަރެން ސިކުނޑީގައި އެއިން ކޮންމެކަމެއް އިއްޔެވީ ކަމެއްހެން ހަރުލައިފައިވާކަހަލައެވެ.
…….
……. …….
……. ……. …….
……. ……. ……. …….
……. ……. ……. ……. …….
“..ޚާން..” އަހަރެން އެއްޗެހި ބަދަލްކޮށްލައިގެން ނުކުންނަނިކޮށް ދޮރު ކައިރީ ހުރި ޝާންޓޭ ފެނުމުން ލިބުނީ ކުއްލި ސިހުމެކެވެ.
“..މަ ދެކެ ނައްޓާފަތަ..” ޝާންޓޭ އެހިއެވެ.
“..ނޫން..” އަހަރެން ހަމަޖެހިލަމުން ބުނީމެވެ.
“..ދެން ކީއްވެ ދުރުދުރުން ތި އުޅެނީ.. އެހެން ނޫނީ ތީ މަށާ ވަކިން ތަންތަނަށް ދާ މީހެއްވެސް ނޫން..”
“..ރީޒަން އެނގޭނުން..” އަހަރެން ބާލީހަކާ ބެޓްޝީޓެއް ހިފައިގެން ޓައިލްސް މަތީ ޖައްސާލީމެވެ.
ޝާންޓޭއާ އެއް އެނދުމަތީ ނިދަން އޮވެގެން އިތުރު ގޯހެއް ހަދާކަށް ބޭނުމެއް ނޫނެވެ. އަދި އެހެންމެ ޝާންޓޭއަށް އިތުރަށް އެގޯސް ހެދުމުގެ ފުރުޞަތެއް ދޭކަށްވެސް ބޭނުމެއް ނޫނެވެ. އަހަރެންނަށް ހެޔޮއެދޭ އެހާ ގާތް ރައްޓެއްސަކު އެފަދަ އަރާމެއް ހާސިލްކުރަން އުޅުނީތީވެސް ލަދު ގަނެއްޖެއެވެ. އަޤީދާ ކިތަންމެ ބަލިކަށި ނަމަވެސް އެކަމާ ދެރަވަމެވެ. ވީކަމެއް ވެނިމުނީއެވެ. ދެން އެކަން ރިޕީޓް ކުރާކަށް ބޭނުމެއް ނޫނެވެ. ޝާންޓޭ އިރުގަނޑަކު އަހަރެންނާ ދިމާއަށް ބަލަހައްޓައިގެން ހުރުމަށްފަހު ގޮސް އެނދުގައި އިށީނެވެ.
“..ޚާން އާދޭ އެނދަށް..” އަހަރެން އަނގަޔަކުން ނުބުނަމެވެ.
“..ކިހިނެއްތަ ތި އުޅެނީ.. ވަޓްސް ރޯންގް ވިތް ޔޫ..” ޝާންޓޭއަށް އަދިވެސް ވެގެން އުޅޭގޮތް ނޭގެނީ ހެއްޔެވެ؟ ނޫނީ ޖާހިލުކަމުން އެކަންތައް އޭނާއަށް ބޮޑުކަމަކަށް ނުވާތީ ނޭގޭކަމަށް ހަދަނީ ހެއްޔެވެ؟
“..ޚާން ތިހެން އުޅޭތީ ވަރަށް އުނދަގޫވޭ.. ކަޑަވޭ.. މިއަދު އެއްކޮށް މިދިޔައީ ވައިކޮށް ތިކަމަކާ ހުރެ..” އަހަރެންނަށް ޝާންޓޭއާ ދިމާއަށް ބަލާލެވުނު އިރު ހިތްބާރަށް ތެޅެމުން ދިޔައެވެ. ޝާންޓޭ އެނދުން ތެދުވެގެން އައިސް އަހަރެން އަތުގައި ހިފުމާއެކު، ކުއްލިއަކަށް އަތްދަމާގަންނަމުން ކޮޅަށް ތެދުވެވުނުއިރު އަހަރެންގެ ދެއަތްވަނީ މުއްކެވިފައެވެ.
“..ޚާން ޕްލީޒް.. ޑޯންޓް ގެޓް އެންގްރީ..” ޝާންޓޭ އަހަރެން ކޮނޑުގައި އަތް ބާއްވާލިއެވެ.
“..ޝާންޓެ މޮޔަވީތަ..” އަހަރެންނަށް ދަތްކުނޑި ވިކާ ގަނެވުނެވެ. “..މަމީ ފިރިހެނެކޭ..”
“..އައި އޭމް އަ ގޭ..” ޝާންޓޭ އެއްވެސް ޖެހިލުމެއްނެތި ބުނެލިއެވެ. “..ލައިކް ޔޫ..”
އަހަރެންނަށް ހީވީ މޫނުމަތީ އެތިފަހަރެއް ވީއްލާލިހެންނެވެ. ފަސް އެނބުރި ޝާންޓޭ މޫނަށް ބަލާލެވުނީ ޤަބޫލްކުރަން އުނދަގޫވި ވަރުންނެވެ. ޝާންޓޭ އެހާ ފާޅުގަ އެފަދަ އެއްޗެއް ބުނެފާނެކަމަކަށް ހީވެފައެއްވެސް ނެތެވެ.
“..ވަޓް.. މަމީ..” އަހަރެންނަށް ބުނަން އުޅުނު ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.
“..ޚާންއަށް ބުނަން ނުކެރުނަސް މަށަށް ކެރޭ..” ޝާންޓޭ އަހަރެން ގައިގާ އޮޅުލައި ގަތެވެ. “..އައި ރިއަލީ ލަވް ޔޫ..”
އެހިނދު އަހަރެން ސިކުނޑީގައި ގުގުމާލީ ޝާންޓޭ ރޭގަ ކަންފަތް ދަށުގައި ބުނެފައިވާ ވާހަކައެވެ. ރޭގަވެސް އޭނާ ބުނެފައިވަނީ އެހެންނެވެ. އަހަރެންދެކެ ލޯބިވާ ވާހަކައެވެ.
“..ދުރުގަ ހުރެބަލަ..” އަހަރެން ވަގުތުން ޝާންޓޭ ދުރުކޮށްލަން ހިފައިލިއިރު ދެދަތްޕިލަ ވަނީ ފިއްތާ ބާރުކޮށްލެވިފައެވެ.
“..ޝާންޓޭ ދޫކޮށްބަލަ..” އޭނާ އޮތީ އަހަރެންގެ މެދުހަށީގައި ބާރަށް ބައްދައިގަނެގެން ކޮނޑުމަތީ ދަތްދޮޅި އަޅުވައިލައިގެންނެވެ.
“..ޚާން އައި ރިއަލީ ލަވް ޔޫ..” ޝާންޓޭ ބުނެލިއެވެ.
“..ޝާންޓޭ މޮޔަވެގެންތަ ތިއުޅެނީ..” އަހަރެން ދެލޯ މަރާބާރުކޮށް ގައިގަ ހުރި ބާރެއްލައިފައި ޝާންޓޭ ދުރުކޮށްލެވޭތޯ މަސައްކަތްކުރީމެވެ. ނަމަވެސް ދުރެއްނުކުރެވުނެވެ.
“..ތި ރުޅި ގަނޑު މައިތިރިކޮށްބަލަ..”
“..ޝާންޓޭ ކިހިނެއްވެގެންތަ ތިއުޅެނީ.. މަގައިން ދޫކޮށްބަލަ..”
“..ކަލެޔަށް އަޑުނީވެނީތަ.. ކޮންވައްތަރަކަށްތަ ތިޔަ ތެޅެނީ.. މަށާ ދުރުގަ ހުންނާށޭ.. މަގައިން ދޫކުރާށޭ މަމިބުނީނުން..” އަހަރެންގެ އެތެރެހަށިން ހޫނު އަރާ މުޅިމީހާ ދަލުން ފޯވެއްޖެއެވެ. ރުޅިގަދަވެގެން ގޮސް ރުޅި ކޮންޓްރޯލްއިން ނެއްޓޭވަރު ވެއްޖެއެވެ. ޝާންޓޭ ކައިރީ އެތައްފަހަރަކު ދޫކޮށްލުމަށްވެސް ބުނެވިއްޖެއެވެ. ނަމަވެސް އޭނާ ދޫކުރާ ޚިޔާލެއް ނުކުރިއެވެ.
އެންމެފަހުން އަހަރެން ވަރުބަލިވެގެން މަޑުޖެހިލުމާއެކު ޝާންޓޭ ދުލެއްދިނެވެ. އެޔާއެކު އަހަރެން އޭނާގެ މޭމަތީ އަޅާ ކޮށްޕާލީމެވެ. ޝާންޓޭ ނުވިސްނާ ހުރުމުން ކަންނޭގެއެވެ. އޭނާ ގޮސް އެނދުބުޑަށް ޖެހުނެވެ.
“..ކަލޭ ތިހުރީ ހަމަ ރަނގަޅަށްވެސް މޮޔަވެފަ..” އަހަރެންނަށް ހަޅޭލަވައި ގަނެވުނެވެ. “..ޔޫ އަރ ސިކް..”
“..އައި އޭމް ސޮރީ ޚާން.. މަށަށް ނޭގެ މިވާ ގޮތެއް..” ޝާންޓޭ ތެދުވިއެވެ. އަހަރެންނާ ދިމާއަށް ފިޔަވަޅެއް އަޅާލިއެވެ.
“..މަގެ އަތުން އަނިޔާއެއް ވާން ނޫނީ މަށާ ކައިރި ނުވާތި..” އަހަރެން ފަހަތަށް ޖެހިލަމުން ބުނީމެވެ. އަހަރެން ކިތަންމެ ބަލިކަށި ނަމަވެސް ޝާންޓޭ ބޭނުންހާ ގޮތެއް ނުހެދޭނެއެވެ. އެއްފަހަރު މިކަހަލަ މަޅިއެއްގައި ވަނީ ހައްޔަރު ވެފައެވެ. ދެން އެކަން ތަކުރާރު ވިޔަކަ ނުދޭނަމެވެ. އަހަރެން ހަމަ ހޭގައި ހުރެގެން ފާފައެއް ނުކުރާނަމެވެ.
“..ޚާން ހަމަޖެހިބަލަ.. މަ ނޫޅެމޭ އެއްވެސް ކަމެއް ކުރާކަށް.. އައި ޖަސްޓް ވޯންޓް ޓޯކް ޔޫ..” ޝާންޓޭ ފަހަރަކު ފިޔަވަޅެއް އަޅަމުން ކައިރިވަމުން އަޔެވެ.
“..ކަލޭ ކައިރީ މިބުނީ މަށާ ކައިރި ނުވާށޭ..” އަހަރެން ކުރިޔަށްވުރެ ބާރަށް ބުނީމެވެ. “..ދުރުގަ ހުރެގެން ދައްކާ ވާހަކައެއް ދައްކާ..” އަހަރެންގެ އެތެރެ ހަށީގައި ރޯވަމުން ދިޔަ ހުޅުގަނޑު ފަޅާލާފައި ނުކުންނަން އުޅޭ ކަހަލައެވެ. އަވަސް އަވަހަށް ނޭވާވެސް ލެވެމުން ދިޔައެވެ.
“..ޚާން..”
“..ކަލޭ ތި ހީކުރާ ކަހަލަ މީހެއް ނޫނޭ މަށަކީ….” އަހަރެން ރުޅިއައި ނަމަވެސް އެޔާ އެއްވަރަށް ހިތުގައި ބިރުވެރިކަންވެސް އުފެދެމުން ދިޔައެވެ. ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ. ތުރުތުރު އަޅަމުން ދިޔައެވެ.
“..މަމީ ފިރިހެން ކުޅިއެއް ނޫން އަޑުއިވިއްޖެތަ؟..”
“..އޯކޭ އޯކޭ..” ޝާންޓޭ ގޮސް އެނދުގައި އިށީނެވެ. “..މަ ނޫޅެމޭ ޚާން ނުރުހުމުގަ ކަމެއް ކުރާކަށް.. ބަޓް އައި ރިއަލީ ލަވް ޔޫ..” ޝާންޓޭ މިހިރީ ހަމަ ރަނގަޅަށްވެސް މޮޔަވެފައެވެ. މީ ހަމަ މީހެއްވެސް ނޫން ކަންނޭގެއެވެ. ފިރިހެނެއްދެކެ ލޯބިވާކަން އެހާ ފާޅުގައި ހާމަ އެކުރަނީ އެހެންވެ ކަންނޭގެއެވެ. ޝާންޓޭ އަހަރެންނާ ދިމާއަށް އިރުކޮޅަކު ބަލަހައްޓައިގެން އިނުމަށްފަހު އޮށޯތެވެ. އަހަރެންނަށް ހަމަޖެހުމުގެ ނޭވާއެއްލެވުނީ ދެނެވެ. ދެއަތުން މޫނުމަތީގައިވާ ދާތިކިތައް ފޮހެލީމެވެ.
އެރޭގެ އެ ހާދިޘާއަށްފަހު އަހަރެން ޝާންޓޭ މަތިން އިތުރަށް ފޫހިކުރުވިއެވެ. އޭނާދެކެ ނަފްރަތު ކުރެވެން ފެށުނެވެ. ޝާންޓޭއަކީ އަހަރެން އުއްމީދު ކުރި ކަހަލަ އެކުވެރިއެއް ނޫނެވެ. އޭނާ މިހުރިހާ ދުވަހު ހެޔޮ އެދިގެން އުޅުނީ ހިތުގައި ނުބައި އެދުމެއް އޮތީތީ އެކަން ހާސިލްކުރުމުގެ ބޭނުމުގައެވެ. އޭނާ އަހަރެންނަށް ބަލަމުން އައީވެސް ރަނގަޅު ނިޔަތެއްގައެއް ނޫނެވެ. މިއަދު އެކަންވެސް އެނގި ހާމަވެއްޖެއެވެ. އަހަރެންނަށް ކުރިން އެކަން ނުވިސްނުނީއެވެ. ވިސްނާލިނަމަ ޝާންޓޭގެ އުޅުމުން އެކަން ދެނެގަނެވުނީސް ކަންނޭގެއެވެ.
އަހަރެންނަށް ޝާންޓޭގެ ގޮތް އެނގުމުންވެސް އެގެއިން ނުކުމެގެން ދާނެ ހިތްވަރެއް ނުލިބުނެވެ. އަހަރެންނަށް އެހާލަތުގައިވެސް ވިސްނުނީ އެހެންމީހުންގެ ހިތަށް އަރާނެ އެއްޗަކާމެދުއެވެ. އެހެން މީހުން ކުރާނޭ ސުވާލްތަކާ މެދުއެވެ. އަހަރެން ގެއިން ނުކުތީ ކީއްވެގެންތޯ އަހާނެ މީހުން މަދެއްނުވާނެއެވެ. އެމީހުންނަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ޝާކިރާއްތަ އަށާއި މަންމައާއި ބޮޑުބެއަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ އަހަރެން މީ ދޮގު ހަދަން މޮޅު މީހެއް ނޫނެވެ. ދޮގެއް ހަދަންޖެހުނަސް ހާސްވާމީހެކެވެ. ހަޤީޤަތަށް ހުރިހާ ވާހަކައެއް ކިޔާދޭކަށްވެސް ނުކެރޭނެއެވެ. ބޮޑުބޭބެ ބުނެފައިވާގޮތުން މަންމައަށް ހަފްތާއެއްގެ ތެރޭ ރަށަށް އާދެވޭ ވަރުވާނެއެވެ. އެހެންކަމުން މަންމަމެން އަންނަންދެން އެގޭގައި އުޅުމަށް ނިންމީ، ޝާންޓޭއާ ދުރުދުރުން އުޅުމަށް ހިތުގައި އަޒުމް ކަނޑައަޅައި ގެންނެވެ.
ޝާންޓޭ އަހަރެންނާ ވާހަކަ ދައްކަން މަސައްކަތްކުރިއެވެ. އަހަރެން ވާހަކަ ނުދައްކާ ދުރުދުރުން އުޅެން ފެށުމުން މާފަށްވެސް އެދުނެވެ. އޭނާ ބޭނުންވަނީ ގާތް ރަޙްމަތްތެރިންގެ ގޮތުގައި ތިބުމަށްކަމުގައިވެސް ބުންޏެވެ. ނަމަވެސް އޭރުވަނީ ވަގުތު ފާއިތުވެފައެވެ. އަހަރެން ޝާންޓެއަށް ކުރަމުން އައި އިތުބާރު ވަނީ ގެއްލިފައެވެ. އަހަރެން ކޮންމެ މީހަކަށްވެސް އިތުބާރު ކުރާނީ އެއް ފަހަރުއެވެ. އެއިތުބާރު ގެއްލުމަށްފަހު އަލުން ކުރީގެ ހާލަތަށް ރުޖޫޢަވުން އެއީ ނުވާނޭކަމެވެ.
“..ޚާން އައި އޭމް ރިއަލީ ސޮރީ..ކުރިން އުޅުން ގޮތަށް ކުލޯޒް ފްރެންޑްސް ގޮތަށް ނޫޅެވޭނެތަ..”
“..ތިކަހަލަ އެކުވެރިޔެއް ބޭނުމެއް ނޫން..” އަހަރެން ކޮންމެ ފަހަރަކުވެސް ޖަވާބުދެނީ އެގޮތަށެވެ. އިތުރު އެއްޗެއްވެސް ނުބުނަމެވެ. ޝާންޓޭ އިތުރައް ދައްކާ ކޮންމެ ވާހަކައަކަށް އަހަރެން ދެނީ ބީރު ކަންފަތެކެވެ.
އަހަރެންގެ އެ ބަދަލުގެ ސަބަބުން ޝާންޓޭގެ އުޅުމަށް ބަދަލުތައް އަންނަމުން ދިޔައެވެ. އޭނާ ރޭގަނޑު ނުނިދާ ހޭލާ އުޅުމާއި، ކެއުމާ ދުރުވުމާއި، މާޔޫސްވެ ދެރަވެފައި ހުންނަކަން މޫނުމަތިން ފާހަގަވަމުން ދިޔައެވެ. އަދި އޭނާ ރޮނިކޮށްވެސް ފެނުނެވެ. އެހުރިހާ ކަމަކީ ރީމްގެ ސަބަބުން އަހަރެންނަށްވެސް ވީ ގޮތްގޮތެވެ. އެހިސާބުން އަހަރެންގެ ހިތުގައި ސުވާލް އުފެދުނެވެ. ޝާންޓޭ ހަމަ ހަޤީޤަތަށްވެސް އަހަރެންދެކެ ލޯބިވަނީ ހެއްޔެވެ؟ ނޫނީ އެއީ ގާތް އެކުވެރިކަމުގެ ސަބަބުން ހިތުގައި އުފެދުނު ޖަޒުބާތަކީ ހެއްޔެވެ؟ ނަމަވެސް އެހުރިހާ މަންޒަރެއް ނުފެންނަކަމަށް ހަދައިގެން އަހަރެން އުޅުނީ ޝާންޓޭ ދުވަސްކޮޅަކުން އެގޮތް ކެނޑިދާނެ ކަމަށް ވިސްނައިގެންނެވެ. ކަންތައްވީވެސް އެހެންނެވެ. ދުވަސްކޮޅެއް ފަހުން ޝާންޓޭވެސް ވާހަކަ ދައްކަން މަސައްކަތްކުރުން ހުއްޓާލިއެވެ. ވާހަކަ ނުދައްކާ ދުރުދުރުން އުޅެން ފެށިއެވެ. އޭނަގެ އެންމެ ގާތް އެކުވެރިޔަކަށް ފާތިކް ހެދިއެވެ. އަހަރެންނާއި ޝާންޓޭ އެއްގެއެއްގައި އުޅޭ ދެބީރައްޓެހިންނަށް ވީއެވެ. އެކަމާ އަހަރެން ދެރައެއް ނުވެއެވެ. އަހަރެންނަށް ރަނގަޅީވެސް އެކަހަލަ މީހަކު ދުވަހެއްގެ ކޮޅުންވެސް ވާހަކަ ނުދެއްކިއްޔާއެވެ. އެފަދަ މީހެއްގެ ހިޔަނިވެސް ނޭޅުނިއްޔާއެވެ.
……. ……. ……. ……. …….
……. ……. ……. …….
……. ……. …….
……. …….
…….
ދިއްދޫއަކީ މިކަހަލަ އެތަކެއް ހިތި ހަނދާންތަކެއް ވަޅުލެވިފައިވާ ރަށެކެވެ. އަހަރެން އެރަށު ފަސްގަނޑުގައި ފައިޖެހުމާއެކު އެއިން ކޮންމެ ހަނދާނެއް އާވާނެކަން ޔަޤީނެވެ. އެހަނދާންތަކާ ގުޅުންހުރި އެތަކެއް ތަންތަނެއް ފެންނާނެއެވެ. އެމާޒީގެ މަންޒަރުތައް ލޯކުރިމައްޗަށް ސިފަވާނެއެވެ. އެހެންވިޔަސް އަހަރެންގެ ދުޢާއަކީ މާޒީގައި އަހަރެންގެ އިތުބާރު ވެއްޔާ މޮޑެލި އެކެއްގެ ސޫރަވެސް ނުދެއްކެވުމެވެ. އަހަރެން ދިއްދޫ ފަސްގަނޑުގައި ފައި ޖައްސާލީވެސް އެއުންމީދާއެކުއެވެ. ނަމަވެސް ތަޤުދީރުގައި އެއިން މީހަކާ ބައްދަލުވުމަށް ލިޔެވިފައިވާނަމަ އެކަން އެގޮތަށް ހިނގާނެކަން ކަށަވަރެވެ. (ނުނިމޭ)