“..އައި އޭމް އަ ގޭ..” ޝާންޓޭ އެއްވެސް ޖެހިލުމެއްނެތި ބުނެލިއެވެ. “..ލައިކް ޔޫ..”
އަހަރެންނަށް ހީވީ މޫނުމަތީ އެތިފަހަރެއް ވީއްލާލިހެންނެވެ. ފަސް އެނބުރި ޝާންޓޭ މޫނަށް ބަލާލެވުނީ ޤަބޫލްކުރަން އުނދަގޫވި ވަރުންނެވެ. ޝާންޓޭ އެހާ ފާޅުގަ އެފަދަ އެއްޗެއް ބުނެފާނެކަމަކަށް ހީވެފައެއްވެސް ނެތެވެ.
“..ވަޓް.. މަމީ..” އަހަރެންނަށް ބުނަން އުޅުނު ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.
“..ޚާންއަށް ބުނަން ނުކެރުނަސް މަށަށް ކެރޭ..” ޝާންޓޭ އަހަރެން ގައިގާ އޮޅުލައި ގަތެވެ. “..އައި ރިއަލީ ލަވް ޔޫ..”
އެހިނދު އަހަރެން ސިކުނޑީގައި ގުގުމާލީ ޝާންޓޭ ރޭގަ ކަންފަތް ދަށުގައި ބުނެފައިވާ ވާހަކައެވެ. ރޭގަވެސް އޭނާ ބުނެފައިވަނީ އެހެންނެވެ. އަހަރެންދެކެ ލޯބިވާ ވާހަކައެވެ.
ފިރިހެނަކު ފިރިހެނެއް ދެކެ ލޯބި ވެދާނެ ހެއްޔެވެ؟ އިޝްގީ ނަޒަރަކުން އެގޮތަށް ދެކެފާނެ ހެއްޔެވެ؟ ފިރިހެނުން ފިރިހެނުންނާ ގުޅުންތައް ހިންގާކަން އެއީ އަހަރެން ޤަބޫލްކުރާ ހަޤީޤަތެކެވެ. އެއީ ޚުދު އަހަރެންނަށްވެސް އެކަންތައް ތަޖުރިބާ ކުރެވިފައި އޮތީމައެވެ. ހަމައެގޮތަށް ފިރިހެނަކު ފިރިހެނެއްދެކެ ލޯބިވެދާނެކަމަށް މިއަދު މިއޮތީ ޤަބޫލްކުރަން މަޖުބޫރުވެފައެވެ. އެމީހަކު އެއޮތީ ލޯބިވާކަން ފާޅުގައި ހާމަކޮށްފައެވެ.
**** 06 އަހަރާއި 04 މަސްފަސް ****
2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ފަހުކޮޅެވެ. އަހަރެން މިހާރު މިވަނީ ފުރާފުރިހަމަވެގެން ގޮސް 23 އަހަރު ފުރިފައިވާ ޒުވާނަކަށްވެފައެވެ. ހަށިގަނޑަށާއި އިސްކޮޅަށް މާ ބޮޑު ބަދަލެއްނައި ނަމަވެސް ސިފައަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެއީ ފިރިހެނަކަށް ވީތީ އައިސްފައިވާ ބަދަލްތަކެވެ.
މިއަދު އަހަރެން ދިރިއުޅެމުން މިދަނީ އުފާވެރި ދިރިއުޅުމެކެވެ. އަހަރެންނަކީ މީހެއްގެ ފިރިއެކެވެ. ދެކުދިންގެ ބައްޕައެކެވެ. އަންހެން ކުއްޖަކާ ފިރިހެން ކުއްޖެކެވެ. އެވެސް އެއް މާ ބަނޑު ދެބޭންނެވެ. އަހަރެންގެ އަންހެނުންނަކީ އޯގާތެރި ހިތްހެޔޮ އަޅާލާ ވަފާތެރި އަތްބެކެވެ. އަދި އެހެންމެ ދަރިންގެ ކަންތައް ވަރަށް ގާތުން ބަލަމުންދާ އެކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދެވޭތޯ މަސައްކަތްކުރަމުން އަންނަ މާތް އަންހެނެކެވެ. ގޭތެރޭ ހުރިހާކަމަކާއި ދަރިންގެ ހުރިހާ ކަންތަކެއް ފޫހިކަމެއްނެތި ކުރަމުންދާ މަޔެކެވެ. އަހަރެންވެސް ރަސްމީ ދުވަހެއް ނޫންނަމަ އަންހެނުންނަށް އެހީވެދީ އުޅެމެވެ. ކެއްކުމުގަޔާއި ދޮވެ އިސްތިރިކުރުމުގަޔާއި ތަންތަން ފޮޅާ ސާފުކުރުމުގެ އިތުރަށް ކުދިންގެ ކަންތަކުގައިވެސް އެހީތެރިވަމެވެ. އަހަރެން ދެކޭގޮތުގައި އެކަންކަމުގައިވެސް ފިރިމީހާގެ އެއްބާރުލުން ލިބެންޖެހޭނެއެވެ. ދިރިއުޅުން ބާއްޖަވެރިވާނީ އޭރުންނެވެ. އަހަރެން އޮފީސް ނިންމާލާފައި ގެޔަށް އަންނައިރު އަންހެނުންނާއި ކުދިންތައް ތިބޭނީ އިންތިޒާރުގެ ވަގުތުތައް ގުނާލަ ގުނާލައެވެ. އަހަރެން ފެނުމާއެކު އެމީހުންގެ މޫނުމަތިން ފެންނާނީ ބަޔާންކުރަންދަތި އުފާވެރިކަމެކެވެ. ޑެޑީ އޭ ގޮވަމުން ކުދިންތައް އައިސް އޮޅުލައި ގަންނާނެއެވެ. އަންހެނުން ހުންނާނީ ހެވިފަ އެމަންޒަރު ބަލާށެވެ. ކޮންމެ ދުވަހެއްގެ ހަވީރަކީ އެމީހުން ގޮވައިގެން ޕާކަށް ނުނީ ބީޗަށް ހިނގައިލަން ދާ ދުވަހެކެވެ. ދެކުދިންނާއި އަންހެނުން އަތުގައި ހިފާލައިގެން ހިނގާލަން ދެވުމުން ހިތަށް ލިބިގެންދާ ހިތްހަމަޖެހުން ލިޔުމުން ބަޔާންކުރުމަކީ އުނދަގޫ ކަމެކެވެ. މިއީ އަހަރެން ވޭތުވެދިޔަ 06 އަހަރުތެރޭ ދެކެމުން އައި ހުވަފެންތަކެވެ. އަދިވެސް އެ ހުވަފެންތައް އޮތީ ކުލަ ނުޖެހޭ ހުވަފެނެއްގެ ގޮތުގައެވެ. ތަފާތު އެތަކެއް ސަބަބުތަކާހުރެ އަހަރެންނަށް ހިތްހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ވަނީ ނުލިބިފައެވެ. އަދިވެސް އަހަރެންމީ ބަދުނަސީބު ވެރިޔެކެވެ.
ލޯންޗް ރަށުގެ ފާލަމާ ކައިރިކޮށްލުމާއެކު ދަބަސް ކޮނޑުގައި އަޅުވާލައިގެން ފާލަން މައްޗަށް ފުންމާލީމެވެ. ފާލަން މައްޗަށް ނަޒަރު ހިންގާލަމުން ކައްޕި ދިއްކޮށްލި ފޮށީގައި ހިފީމެވެ. ބައްޕަ ބަރޮލެއް ހިފައިގެން ފާލަމަށް އަރައިގެން އަންނަތަން ފެނުނެވެ. އެއްގަމު ސަރަހައްދުގައި ހުރި ރުއްތަކެއް ކައިރީ މީހުންތަކެއް އެއްވެފައި ތިއްބެވެ. އެތަނުގައި މަންމަވެސް ހުއްޓެވެ.
“..ދަރިފުޅާ..” އަހަރެންނާއި ބައްޕަ ސަލާން ކޮށްލިއެވެ. ބައްޕަގެ މޫނުމަތިން އުފާވެރިކަމާ ހިތްހަމަ ޖެހުން ފެނުނެވެ. އަހަރެން ފަނޑު ހިނިތުންވުމެއް ދިނީމެވެ. އެހިތުންވުން ފަހަތުގައި އަދިވެސް ވަނީ ރުޅިވެރިކަމެވެ. އަހަރެން އަދިވެސް ކުޑައިރު ތެޅެންޖެހުނު ހާލު ހަނދާނުގައި އެބަހުއްޓެވެ. އެއީ ދުވަހަކުވެސް ފިލުވާނުލެވޭނެ ހަނދާންތަކެކެވެ.
“..ދަރިފުޅާ.. ވަރަށް ގަދަތަ..” ބައްޕަ އަހަރެން ބުރަކަށީގައި ފިރުމާލަމުން އެހިއެވެ. މިއަދު އެފިރުމުންތަކެއް ބޭނުމެއް ނޫނެވެ. ބައްޕަގެ އަޅާލުމާ ލޯބި އެންމެ ބޮޑަށް ބޭނުންވި ދުވަހު އަހަރެންނަށްވަނީ އެލޯތްބާއި އަޅާލުން ނުލިބިފައެވެ.
“..ނޫން..” އަހަރެން ދިނީ ކުރު ޖަވާބެކެވެ. ބައްޕަ އަހަރެން ގެނައި ފޮއްޓާއި، ފޮށިތައް ބަރޮލަކަށް ލިއެވެ.
އަހަރެން އެއްގަމަށް އެރުމާއެކު މީހުންތައް އައިސް ސަލާމް ކުރަންފެށިއެވެ. އެންމެންވެސް ހިނިތުންވެލާފައި ހާލު އަހުވާލު އޮޅުންފިލުވިއެވެ. އަހަރެންނަށް ބޮޑެތި މީހުން އެނގުންނަމަވެސް ޒުވާންފުރާގެ ކުދިންކޮޅު ވަކިކުރާކަށް ނޭގުނެވެ. ދަންނަމީހަކާ ވައްތަރުވި ނަމަވެސް ކާކުކަން ބުނެދޭންނޭގެނީއެވެ. އަހަރެންނަށް ނޭގޭ މީހެއްނަމަ މަންމަ ބުނެލަދެއެވެ. މަންމަގެ މޫނުމަތިންވެސް ފެންނަނީ ހިތްހަމަޖެހުމުގެ ކުލަވަރެވެ. އަހަރެން މަންމައާއެކު ގެޔަށް ދިޔުމަށް ހިނގައިގަތީމެވެ.
އަހަރެން ތުންފަތްމަތީ ހިނިތުންވުމެއް ހުއްޓެއްކަމަކު ހަޤީޤަތުގައި އުފަން ފަސްގަނޑަށް އާދެވުމުން ލިބެންޖެހޭ ހިތްހަމަޖެހުމެއް ނުލިބެއެވެ. އަހަރެން މީގެ 06 އަހަރު ކުރިން މި އަތޮޅާއި މިރަށް ދޫކޮށްލާފައި ދިޔައީ ދުވަހެއްގެ ކޮޅުންވެސް އެނބުރި ނައުމަށް އަޒުމް ކަނޑައަޅާގެންނެވެ. ނަމަވެސް ތަޤުދީރުގައި އެނބުރިއައުން ލިޔެވިފައިވާނަމަ އެކަން އެގޮތަށް ހިނގާނެވެ. އެކަން ބަދަލުކޮށްލެވޭނެ އެކަކުވެސް ނެތެވެ. އެގޮތުން އަހަރެންނަށްވެސް ރަށަށް އައުމަށް މަޖުބޫރުވީއެވެ. މި މަޖުބޫރީގެ ފަހަތުގައި ކޮންމެސް ހިކުމަތެއްވާނެކަން ގައިމެވެ.
މިއަދު އަހަރެންގެ މަންމައަކީ ބަލި މީހެކެވެ. ހިތުގެ ބައްޔަށް ފަރުވާކުރަންޖެހިފައިވާ މީހެކެވެ. ބައްޕައަށް ވަނީ ބަނޑުގެ އޮޕަރޭޝަނާއި، އޭގެފަހުން ކުރެވުނު ކަކުލުގެ އޮޕަރޭޝަނަށްފަހު ޑޮކްޓަރ ބުރަކޮށް މަސައްކަތް ނުކުރުމަށް އަންގާފައެވެ. އެހެންކަމުން ރިޒޯޓް ލޯންޗް ކައްޕިކަމުން ކެނޑިގެން ރަށަށް ބަދަލްވީއެވެ. މަންމަމެންނަށް މިއަދު އެވަނީ ދަރިންގެ އަޅާލުމާއި އެހީތެރިކަމަށް ބޭނުންވެފައެވެ. ކޮއްކޮ ހުރީ ކިޔެވުމަށްޓަކައި މާލޭގައެވެ. އެހެންކަމުން މަންމަގެ އެދުމުގެ މަތިން ރަށުން ވަޒީފާއެއް ހޯދައިގެން ރަށަށް ބަދަލްވީއެވެ. ހަމައެކަނި އެ މަންމައަށްޓަކައެވެ.
އަހަރެން މަންމަ ބުނެގެން ކުރާހިތްވާ ކަމެއް ހުއްޓާލައި ފަދައިން ކުރަން ބޭނުންނުވާ ކަމެއް މަންމައަށްޓަކައި ކޮށްވެސްދާނަމެވެ. މަންމައަށްޓަކައި ކޮންމެ ފަދަ ޤުރުބާނީއެއްވެސް ވެދާނަމެވެ. ރަށަށް ބަދަލުވުންވެސް މިއީ އެފަދަ ޤުރުބާނީއެކެވެ.
“..ޚާން..” އަހަރެންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ފަހަތުން މީހަކު ގޮވާލުމުންނެވެ. އެއީ އަންހެނެއްގެ އަޑެކެވެ. ގައިމުވެސް އޭނާ ވާނީ އަހަރެންގެ ރައްޓެއްސަކަށެވެ. ޚާންގެ ނަމުން މުޚާތަބުކުރާނީ އަހަރެންގެ ރައްޓެހިން އެކަންޏެވެ.
އަހަރެން ފަހަތް ބަލާލިއިރު ބުރުގާ އަޅައިގެން ހުރި އަންހެން ކުއްޖަކު 40 ހަކަށް ފޫޓް ދުރުން އަންނަތަން ފެނުނެވެ. އޭނާ އަތުގައި ހިފަހައްޓާލައިގެން ކުޑަ އަންހެން ކުއްޖަކުވެސް ހުއްޓެވެ. އަހަރެން ފަރުވާތެރިކަމާއެކު ހިނގަމުން އައި އަންހެން ކުއްޖާއަށް ބަލަމުން ދިޔައީމެވެ. ދަންނަ މީހެއްހެންވެސް އެބަ ހީވެއެވެ. އަހަރެންނާއި ކައިރިވި ވަރަކަށް އެމީހެއްގެ ގޮތް އެނގެމުންދިޔައެވެ. އާއެކެވެ. އެއީ ހަމަ އޭނާއެވެ. ފަލަވެފަ ހުއްޓެއްކަމަކު ކާކުކަން އެނގިއްޖެއެވެ. އެއީ ޒާނާއެވެ. ޒާނާކަން އެނގުމާއެކު އަހަރެންގެ ލޯ ކުރިމައްޗަށް ސިފަވެގެން ދިޔައީ ރީމްއެވެ. ހިތުގައި ކުޑަކޮށް ރިއްސާލިއެވެ. އަހަރެން ވަގުތުން އަވަސް އަވަހަށް ދެތިން ފަހަރު ލޯ މަރާލަމުން ހަމަޖެހިލީމެވެ. ޒާނާ މިރަށުގަ ކީއްކުރަނީ ބާވައެވެ؟
“..ޚާނޫ…” ޒާނާ އަހަރެން ކައިރިއަށް ހުއްޓެމުން ގޮވާލީ ރާގުލާފައެވެ. އަހަރެން ހިނިތުންވެލިއިރު ހިތުގައި ނުތަނަވަސްކަމެއް އުފެދިގެން ދިޔައެވެ.
“..ޕިސް ޕިސް.. މީހާ ބޮޑުވެގެން ދިޔައިރުވެސް ހަށިގަނޑަށް ކުޑަވެސް ބަދަލެއްނާދޭ..” ޒާނާ ފަރުވާތެރިކަމާއެކު ބަލާލަމުން ބުނެލިއެވެ. “..އަދިވެސް ހީވަނީ 19 ވަރަކަށް އަހަރުގެ މީހެއް ހެންވިއްޔާ.. ނިކަން ތި ކެއުން ގެންގުޅޭ ގޮތެއް ބުނެލަބަ.. އަހަރުންވެސް ބޭނުންވޭ ތިގޮތަށް ލޫޅާފަތިކޮށް ހުންނަން.. ހެހެހެ.”
ޒާނާ ހެވިފައިހުރެ ވާހަކަ ދައްކަމުން ދިޔައިރު މީގެ 6 އަހަރު ކުރީގެ އެއްވެސް ކަމެއް ހަނދާންހުރި ހެނެއް ހިޔެއްނުވެއެވެ. އެހެނަސް އަހަރެން ހިތުގައި އެހުރިހާކަމެއް އިއްޔެވީ ކަމެއްހެން ބިންވަޅު ނެގިފައިވެއެވެ. ޒާނާކަން އެނގުމާއެކުވެސް ސިފަވެގެން ދިޔައީ ރީމްގެ ހިތް ގައިމު ސޫރައެވެ. އަދިވެސް ރީމް ކަންތައްކުރިގޮތް ސިފަވާކަހަލައެވެ. އެރޭ ޒާނާ ގޮވި އެއްޗެހި އަދިވެސް އިވޭކަހަލައެވެ. އަހަރެން ނުތަނަވަސް މިވަނީ އެހެންވެއެވެ. އެއީ އަހަރެންނާއި ޒާނާ އެންމެ ފަހުން ވާހަކަ ދެކެވުނުރެޔެވެ. އެރެއިން ފެށިގެން އަހަރުމެންގެ ރަޙްމަތްތެރި ގުޅުންވަނީ ކެނޑިފައެވެ. އޭގެ ފަހުން ސުކޫލުން ދެމީހުން ބައްދަލުވި ނަމަވެސް އެކަކުވެސް ވާހަކަ ދައްކާފައެއް ނުވެއެވެ. ނަމަވެސް މިއަދު ޒާނާ ވާހަކަ ދެއްކުމުގެ ރާގު ހުރިގޮތުން އެކަންތައް ހަނދާނުގައި ނެތްކަން ޔަޤީންވެއެވެ.
“..ޒާނާ މިރަށުގަ ކީއްކުރަނީ.. މީ ކޮން ޕްރިންސެސްއެއް.. ޒާނާއާ ވައްތަރު ގޮތެއްވެސް އެބަހުރި.. ދަރިއެއްތަ؟..” އަހަރެން ނުތަނަވަސްކަން ބޭރުކޮށްލެވޭތޯ މަސައްކަތްކުރަމުން ރަށުތެރެޔަށް ދިޔުމަށް ހިނގައިގަތީމެވެ. މަންމަ އާއި ޒާނާ ވެސްއެއް ހަމައެއްގައި ހިނގަމުންދިޔައެވެ.
“..ހޫމް..ހޫމް ރަށުގަ އުޅެން ބޭނުންނުވާ ކުދިންނަކަށް ނޭގޭނެ ދޯ ދައްތާ..” ޒާނާ އަހަރެންގެ މަންމައަށް ދޯ ދެމުން ބުނެލިއެވެ. “.. މިހާރު މީ އަހަރުންގެވެސް ރަށޭ.. ޚާން ކީއްކުރަންތަ މިރަށަށް ތިއައީ.. މާލޭ ފެންބޯން މާލޭގަ އުޅުންނަމަ..”
“..ހެހެހެ..” އަހަރެން ގަދަކަމުން ހީލީމެވެ. “..މިރަށު މީހަކާ އިނދެގެންތަ؟ ..މިރަށު ކޮން ބިޓެއް އަތުއަޅުވާލައިގެން ތިއުޅެނީ.. މަންމަވެސް ނުބުނޭ ޒާނާ މިރަށު މީހަކާ އިންވާހަކައެއް..”
“..ޔައުޤޫބް ގޯތި ފައިރޫޒް އާ..” މަންމަ ބުންޏެވެ. “..މަންމައަށް ކުރިއަކުން ނޭގެ ޒާނާއަކީ ދަރިފުޅުގެ ރައްޓެއްސެއްކަމެއް.. މިހާރު..”
“..ދެއަހަރު މިވީ މިރަށުގަ އުޅޭތާ..” މަންމަ ވާހަކަ ނުނިމެނީސް ޒާނާ ފަށައިގަތެވެ. ޒާނާ ހާދަ އަނގަގަދަ ވެއްޖޭ އަހަރެންގެ ހިތަށްއެރިއެވެ.
“.. އެހެންނޫނަސް ޚާންގެ ގެޔަށް އަހަރުން ގެންދިޔަ ނަމަނުން ދައްތައަށް އިނގޭނީ.. ޚާން ހުންނަނީ އެންމެ ރައްޓެއްސެއް.. އޭނަ ފުލުލައިގެން ވިއްޔާ އުޅުނީ.. ޝާނިފް އެނގޭނެކަން ޤައިމު ދައްތައަށްވެސް..”
ޝާންޓޭގެ ނަންއިވުމާއެކު އަހަރެންގެ ނުތަނަވަސްކަން އިތުރުވެ ފޫހިކަމަކާ ރުޅިވެރިކަމެއް ހިތުގައި އުފެދުނެވެ. ޒާނާ މިއުޅެނީ އަހަރެން ވަޅުލައިފައިވާ މާޒީ ކޮނެ ނަގަންހެއްޔެވެ؟ އަހަރެން އެމާޒީ މަތިން ހަނދާން ނައްތާލީ ހާދަ މަސައްކަތެއްކޮށްގެންނެވެ. ނަމަވެސް މިއަދު ކުއްލިއަކަށް އެއިން އެއްވެސް ކަމެއް ހަނދާނުން ފޮހެނުލެވޭކަން އިޙްސާސްވާން ފަށައިފިއެވެ. އަހަރެންގެ ހިތަށްއެރިއެވެ. ދެން ޒާނާ ފަށައިގަންނާނީ ރީމްގެ ވާހަކަ ކަންނޭގެއެވެ. ރީމް އާއި ޝާންޓޭއަކީ އަހަރެން ދުވަހެއްގެ ކޮޅުންވެސް ހަނދާންކުރަން ބޭނުންނުވާ ދެމީހުންނެވެ.
“..ކޮބައިތަ ޝާންޓޭ..” އަހަރެން އަނގައިން ނުބުނެ ހުރުމުން ޒާނާ ވާހަކަ ދައްކަން ފެށިއެވެ. “..ކިޔަވާ ނިމުންފަހުން އެގޮލާވެސް ލޮލުން ނުދެކެން..”
“..ނޭގެ..” އަހަރެން ދިނީ ކުރުޖަވާބެކެވެ. އަހަރެން އޭނަގެ ވާހަކަ ދައްކާހިތެއް ނުވެއެވެ. މިއަދު އޭނަގެ ނަން އިވުނަސް އަމިއްލަ ނަފްސުދެކެ ރުޅިއާދެވެއެވެ. ލަދުގަނެއެވެ.
“..ނޭގި ހުންނާނެ ވިއްޔަ… އެކަކު އަނެކަކުގެ ހިޔަނި ފަދައިން އުޅުން ދެމީހުން..”
“..އަސްލުވެސް ކިޔަވާ ނިމުންފަހުން ނުވޭ ޚަބަރެއް..” އަސްލު ހަޤީޤަތުގައިވެސް ޝާންޓޭ ވީ ތަނެއް އުޅޭ ރާއްޖެއެއް އަހަރެންނަކަށް ނޭގެއެވެ. އެންމެ ކުޑަމިނުން ދުނިޔޭގަ ހުރި ކަމެއް ނެތްކަމެއްވެސް ނޭގެއެވެ. އަހަރެން އޭނަގެ ޚަބަރެއް ހޯދާކަށްވެސް ނޫޅެމެވެ.
“..އޯކޭ ދިޔައީ އޭ.. ދެން ދިމާވާނެނުން ދޯ..” ޒާނާ މެންގެޔާ ހަމައަށް އާދެވުމުން އޭނާ ވަނީ ގެޔަށެވެ. އަހަރެންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ.
*****************
އަހަރެންގެ އުމުރުން 23 އަހަރު ފުރިފައި ވީނަމަވެސް މިޒާޖަށް މާ ބޮޑެތި ބަދަލްތަކެއް އައިސްފައެއް ނުވެއެވެ. އަދިވެސް އަހަރެންނަކީ މަޑުމައިތިރި ކަމަށް ލޯބިކުރާ ބަސްމަދު މީހަކީމެވެ. އަދިއެހެންމެ ކަންކަމާޖެހިލުންވެ ކުދިކުދި ކަންތަކާ މާ ބޮޑަށް ފިކުރު ބޮޑުވެ ހާސްވުން އަދިވެސް މިޒާޖުގައި އެކުލެވިފައިވެއެވެ. ނަމަވެސް ކުރީގަވާ ވަރަކަށް ނޫނެވެ. މީހުންނަށް އިތުބާރު ކުރުން އެއީ މިހާރު އެއްގޮތަށްކަށްވެސް އަހަރެން ކުރާކަމެއް ނޫނެވެ. އަހަރެން ގަބޫލްކުރާނީ އަހަރެންގެ ހިތާއި، ސިކުނޑި ބުނެދޭ ވާހަކަތަކެވެ. މިހާރު މީހުން ދައްކާ ކޮންމެ ވާހަކައެއް ޤަބޫލްކުރުން ވަނީ އުނދަގޫކަމަކަށް ވެފައެވެ.
ވޭތުވެދިޔަ 06 އަހަރުތެރޭވެސް ވަނީ އެތަކެއް ތަޖުރިބާތަކެއް ލިބިފައެވެ. އަހަރެންގެ ހަޔާތައް 03 ކުއްޖަކުވަނީ އައިސް ގޮސްފައެވެ. މީހުން ބުނެ އުޅެއެވެ. ތިމާ ލޯބިވާ މީހަކަށްވުރެ ތިމާއަށް ރަނގަޅުވާނީ ތިމާދެކެ ލޯބިވާ މީހެކެވެ. ދުވަސްކޮޅަކު އެކީގައި އުޅެންފެށުމުން ލޯބިވެވިދާނެއެވެ. އެގޮތުން އޭލެވެލް ކިޔެވި ދުވަސްވަރު އަހަރެންގެ ހަޔާތަށް އިޝާ ގެނައީ އޭނާ އަހަރެންދެކެ ލޯބިވާތީއެވެ. ރީމްގެ ހަނދާންތަކާ ދުރުވުމުގެ ބޭނުމުގައެވެ. ނަމަވެސް އިޝާ ވެގެން ދިޔައީ ބޮޑު ބޮލުގެ ރިހުމަކަށެވެ.
އިޝާގެ މިޒާޖަކާއި އަހަރެންނަކާއި ނުގުޅެއެވެ. އޭނާއަކީ ޒީލަގަދަ އަންހެނެކެވެ. ޝައްކުބަލިން ފޯވެފައިވާ މީހެކެވެ. ފޯނު ނުނެގުނަސް މެސެޖަކަށް ރިޕްލައި ނުދެވުނަސް ޝަކުވާކުރަން ފަށާނެއެވެ. ދެން އެޝަކުވާ ބަދަލްވެގެންދާނީ ޒުވާބަކަށެވެ. އޭނާ ކަމަކާ ހިތްހަމަ ނުޖެހިއްޖެނަމަ އެ އަނގައިން ނުކުންނާނީ ހަޑި ހުތުރު އެއްޗިއްސެވެ. އިޝާގެ އެގޮތްގަނޑު ބަދަލުކުރުމަށް ފުރުޞަތު ދިނީމެވެ. ނަމަވެސް އިޝާއަށް އެއްވެސް ބަދަލެއް ނަޔެވެ. އެންމެފަހުން އެހުތުރު އެއްޗެހި އަހަރެންގެ އާއިލާ މީހުންގެ ކަންފަތާ ހަމަޔަށްވެސް ފޯރަންފެށިއެވެ. އަހަރެން އެހިސާބުން އިޝާ ދޫކޮށްލަން ނިންމީއެވެ. 03 މަސްވީ ގުޅުން ކަނޑާލަން މަޖުބޫރުވީއެވެ. ކޮންމެ ކަމަކަށްވެސް ހައްދެއް އިމެއް އޮންނަންވާނެއެވެ. އެ އިން ފަހަނައަޅާ ގޮސްފިނަމަ ފޫހިވާން ފަށާފާނެއެވެ. އަހަރެންނަށްވީ އެހެންނެވެ.
އިޝާ ވަރަށް ރުޔެވެ. އާދޭސް ކުރިއެވެ. ނަމަވެސް އަހަރެންގެ ހިތަށް ރަހުމެއް ނުވަނެވެ. މާފަށްވެސް އެދުނެވެ. އަހަރެން މާފުކުރީމެވެ. ނަމަވެސް އަލުން ގުޅޭކަށް ބޭނުމެއް ނުވިއެވެ. އަހަރެންގެ ހިތުން ރީމްގެ ނަން ފޮހެލައި އިޝާދެކެ ލޯބިވޭތޯ މަސައްކަތްކުރެވުނެވެ. ނަމަވެސް އިޝާދެކެ ލޯބިވެވުމުގެ ބަދަލުގައި ވީ ފޫއްސެވެ. މާޒީގައި ކޮންމެ ގޮތަކަށް ކަންތައްވެފައި އޮތް ނަމަވެސް އިޝާއަށް އިތުބާރު ކުރެވުނެވެ. ނަމަވެސް އިޝާވަނީ އެއިތުބާރު ގެއްލުވާލާފައެވެ. އަހަރެން އިތުބާރު ކުރާނީ އެއް ފަހަރުއެވެ. ގެއްލިއްޖެ އިތުބާރަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ. އެއީ އަހަރެން ޤަބޫލްކުރާގޮތެވެ. ވިސްނުންހުރި ގޮތެވެ. އަހަރެންގެ ހަޔާތުން އެކަކަށްވެސް ދެވަނަ ފުރުޞަތެއް ނުދޭނަމެވެ. އެއީ އަހަރެންގެ ނިންމުމެވެ.
ދުވަސްތަކެއް ފަހެވެ. ނާޒްއާ އަހަރެންނާ ބައްދަލުވީ އެކުވެރިއެއްގެ ފަރާތުންނެވެ. އޭރު އަހަރެން އުޅުނީ ގްރޭޑް 12 ގައެވެ. ނާޒްއަކީވެސް އަހަރެންގެ ގޮތަށް މާޒީގައި ބޭވަފާތެރިއެއްގެ ކެހިވެރި ދަލުގައި ޖެހިފައިވާ ކުއްޖެކެވެ.
“..ނާޒްއަށް ޚާންގެ ފީލިންގްސްތައް އެންމެ ބޮޑަށް އަންޑަސްޓޭންޑް ވާނީ..” އެކުވެރިޔާ ބުންޏެވެ. އަހަރެން އެވާހަކަތައް ޤަބޫލްކޮށް ނާޒްއާ ގުޅުނީމެވެ. ނަމަވެސް އެގުޅުމަށް ވީ 01 މަހެވެ. ނާޒްގެ ކުރީގެ ލޯބިވެރިޔާ އައުމުން އަހަރެން ދޫކޮށްލާފައި ދިޔައީއެވެ. އަހަރެން އެކަމާ ޝަކުވާ ކުރާކަށް ނެތީމެވެ. ނާޒް އަހަރެން ދޫކޮށްލާފައި ދިޔައީ އަހަރެންނަށްވުރެ ކުރީގެ ލޯބިވެރިޔާ މުހިންމުވީމަކަން އެނގެއެވެ. ނާޒް އަހަރެންދެކެ ކުޑަކޮށްވެސް ލޯބި ނުވާތީކަން ވިސްނެއެވެ.
އަހަރެން ކިޔަވާ ނިމިއްޖެއެވެ. އުމުރުން 19 އަހަރު ފުރިގެން ހިނގައްޖެއެވެ. ރަށަށް ދާން ބޭނުން ނުވާތީ ޕާޓް ޓައިމް ޖޮބެއްގައި އުޅެމުން އިތުރަށް ކިޔަވަންފެށީމެވެ. މިޒޫ އާއި އަހަރެންނާއި ދިމާވީ ސައިރިކްސް ގައި ކިޔަވަން އުޅުމުގެ ތެރޭގައެވެ. މިޒޫއަކީ ރަށު ކުއްޖެކެވެ. އެހެންކަމުން އަހަރުމެން ދެމެދުގައި ރަހުމަތްތެރިކަން އުފެދުނީ ދާދި އަވަހަށެވެ. މިޒޫއަކީ މިޒާޖުގެ ގޮތުން އަހަރެންނާއި ދާދި އެއްގޮތް ކުއްޖެކެވެ. އަހަރެން ހިތުގައި މިޒޫއާމެދު ޝަޢުޤުވެރިކަމެއް އުފެދެންފެށީ އެހެންވެ ކަންނޭގެއެވެ. އިޝާއާއި ނާޒްއާ ޚިލާފަށް މިޒޫގެ ކިބައިގައި އަޅައިގަންނަ ސިފަތަކެއް ހުންނަކަމަށް ފާހަގަވާންފެށިއެވެ. އެޔާއެކު އަހަރެންގެ ހިތް މިޒޫގެ މައްޗަށް ލެނބެމުންދާހެން ހީވާންފެށިއެވެ.
އަހަރެންނާއި މިޒޫ ލޯބިގެ ގޮތުން ގުޅުނީ ދެމީހުންވެސް އެގޮތް ބޭނުންވެގެންނެވެ. ނަމަވެސް އަހަރުމެންނަށް އެކީގައި އުޅެވުނީ 01 މަސްދުވަހުއެވެ. މިޒޫއާ ވަކިވުމަށް މަޖުބޫރުވެއްޖެއެވެ. އަހަރެންގެ އާއިލާ މެންބަރުން އެގުޅުމާ ނުގަބޫލްވުމުންނެވެ. ސަބަބަކަށްވީ އަހަރެންނާއި މިޒޫ އެކަށީގެންނުވުމެވެ. މިޒޫ ނިކަމެއްޗަކަށްވެފައި އަހަރެންހާ މޮޅަށް ކިޔަވައިފައި ނެތުމެވެ. މަންމަގެ ވިސްނުންވެސް ހުރީ އެހެންނެވެ. އަހަރެންގެ ކިބަޔަކު މަންމަމެނާ ދެކޮޅަށް ކަމެއް ކުރާނެ ހިތްވަރެއް ނެތެވެ. އަހަރެންނަށް ފިނޑިއެއްގެ ލަޤަބު ދިނަސް ފަރުވާލެއް ނެތެވެ. މަންމަ ނުރުހޭގޮތަށް އެންމެ ފިޔަވަޅެއް އަޅާކަށްވެސް ބޭނުމެއް ނޫނެވެ. އެހެންކަމުން އަހަރެން މިޒޫގެ ދިރިއުޅުމުންވެސް ދުރައްދިޔައީއެވެ. އަހަރެންގެ ދެލޮލުން ކަރުނަ ނަޔެއް ކަމަކު މިޒޫއަށް އެހެން ހަދަންޖެހުމުން ދެރަވިއެވެ. ހިތްއެކަމާ ރުޔެވެ. ރީމްގެ ފިޔަވައި އަހަރެން ހިތުން ކުޑަނަމަވެސް ޖާގައެއް ދެވުން ހަމައެކަނި މީހަކީ މިޒޫކަމަށް ވީތީއެވެ. އޭގެ ފަހުން ވޭތުވެގެންދިޔަ 04 އަހަރުވެސް އަހަރެން ހުރީ ހުއްސަރިބަޔަށެވެ.
************
އަހަރެންނަށް ވަޒީފާ ލިބުނީ ރަށު ކައުންސިލް އިދާރާއިންނެވެ. ކައުންސިލްގެ އެޑްމިނިޝްޓްރޭޓިވް އޮފިސަރެއްގެ މަޤާމެވެ. އަހަރެން އެމަޤާމަށް ކުރިމަތިލީއިރުވެސް ވަޒީފާއަށް ނުހޮވޭތޯ ހިތާއި ހިތުން ދުޢާކުރީމެވެ. ނަމަވެސް އަހަރެންނަކީ އޭލެވެލް އާ ހަމަޔަށް ކިޔަވައިގެން ހުރި މީހަކަށްވެފައި، އެ މަޤާމަށް ކުރިމަތިލީ މީހުން ތެރޭގައި އެފެންވަރުގެ މީހެއް ނެތުމުން ވަޒީފާ ލިބުނީއެވެ. އަހަރެންނަށް ވަޒީފާ ލިބުމުން މަންމަ އާއި ބައްޕައާއި، ރަށު މީހުން އެކަމާ އުފާކުރިއިރު އަހަރެން ކުޑަކޮށްވެސް އުފަލެއްނުވެއެވެ. އަދިވެސް ބައްޕަ އާއި އެއްފުރާޅެއް ދަށުގައި އުޅުމަށް އަހަރެންގެ ހިތެއް ނުރުހެއެވެ. އުފަން ފަސްގަނޑުގައި އުޅުމުގެ އެއްވެސް ޝައުޤުވެރިކަމެއް ނެތެވެ. އެހެނަސް މަންމަގެ ހިތްހަމަޖެހުމަކީ އަހަރެންގެ ހިތްހަމަޖެހުން ކަމަށް ދެކިގެން ވަޒީފާއަށް ނިކުންނަން ފެށީމެވެ.
މިއަދު ބައްޕަ އަހަރެންނަށް ކުޑައިރު ނުދެވުން ލޯބި ދެވޭތޯ މަސައްކަތްކުރެއެވެ. ލޯބިން ވާހަކަ ދައްކައެވެ. އަހަރެންނާ މުޅިންވެސް މުޚާތަބު ކުރާނީ “ދަރިފުޅު”ގެ ނަމުންނެވެ. އެނަމުން ގޮވާލާ ކޮންމެ ފަހަރަކު އަހަރެން ހިތުގައިވާ ނަފުރަތުގެ އަލިފާން ގަނޑު ބޮޑުވެގެންދެއެވެ. ބައްޕަގެ އަޑާއި އޯގާތެރި ބަސްތަކަކީ އެއަލިފާނަށް އަޅަމުންދާ ދަރުތަކެއް ފަދައެވެ. ލޯބިން ވާހަކައެއް ދައްކާލިޔަސް ހިތަށްވެރިވަނީ ފޫހިކަމެކެވެ. ނަމަވެސް އެފޫހިކަމާއި، ރުޅިވެރިކަން ބޭރު ފުށުން ނުދައްކާވޭތޯ ބަލަމެވެ. އަހަރެން އުޅެނީ ކައިގެންތޯ ނުކައިތޯވެސް ބަލައެވެ. ބޭނުންވާ ހުރިހާ އެއްޗެއް ލިބޭތޯ ބަލައެވެ. ހުރިހާއެއްޗެއް ހޯދައިދޭވެސް މެއެވެ. އަހަރެންނަށް އެއްޗެއް މީރުވެގެން އުޅެފިނަމަ އެއެއްޗެއް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުއްޓަސް ހޯދަން މަސައްކަތްކޮށް ހޯދާނެއެވެ. ބައްޕަގެ މި ބަދަލަކީ އަހަރެން ފުށުން ބައްޕައަށް އެހީ ލިބޭތީ އައި ބަދަލެއްކަމެއް ނޫނީ މާޒީގައި ނުދެވުނު ލޯބި ދިނުމުގެ ބޭނުމުގައި ގެނައި ބަދަލެއް ކަމެއް ބުނާކަށް ނޭގެއެވެ.
މިއަދު އަހަރެންނާމެދު ބައްޕަ ކިތަންމެ ރަނގަޅަކަށް ކަންތައް ކޮށްދިން ނަމެވެސް، މީގެ އެތަކެއް ދުވަހެއް ކުރިން އަހަރެންގެ ހިތުގައި ލެވިފައިވާ ފާރުގަނޑު ފަސޭހަވުން އެއީ ނުވާނޭކަމެކެވެ. އެފާރުގަނޑު މަތިން އެތަކެއް މަލަމެއް އެޅިޔަސް އެއީ ދުވަހަކުވެސް ފަސޭހަނުވާނޭ ފާރުގަނޑެކެވެ. އަހަރެންގެ ހިތުގައި ބައްޕަގެ މައްޗަށް ކުޑަވެސް ލޯތްބެއް ނުއުފެދޭނެއެވެ. އެލޯބި ވަނީ ބައްޕަގެ އަތުން މީގެ އެތަށް އަހަރެއް ކުރިން ކަފުންކޮށް ވަޅުލާފައެވެ.
ބައްޕަގެ މިހުރިހާ ބަދަލަކާއެކުވެސް އަދިވެސް ބަދަލުނުވާ އެއްކަމެއް ވެއެވެ. ބައްޕަގެ ކިބައިގައިވާ ރުޅި އައިސް ޒުވާބު ކުރުމުގެ ނުބައި އާދައެވެ. އަހަރެންނާ ދިމާލަށް ބާރަށް އެއްޗެއް ނުބުންޔަސް ދޭތެރެއަކުން މަންމައާއި ދެމީހުން ޒުވާބެއްކޮށްލާނެއެވެ. ކުރިޔާ ޚިލާފަށް މިހާރު މަންމަވެސް އެޒުވާބުގައި ބައިވެރިވާނެއެވެ. ބައްޕަ ބުނާ ކޮންމެ އެއްޗަކަށް 06 އެތި ބުނާނެއެވެ. އަހަރެން އެއަޑުތައް އަހަނީ މަންމައަށް ހިތާހިތުން ހިތްވަރު ދެމުންނެވެ. ބައްޕަގެ ކޮޅު ބަލިވުމަށް އެދި ދުޢާ ކުރަމުންނެވެ. އަދިއެހެންމެ އެއަޑުތަކުގެ ސަބަބުން އަހަރެންގެ ބޮލަށް އުނދަގޫވެ ރުޅި ގަދަވެސްވޭމެއެވެ. އެއިން ކޮންމެ އަޑަކީ ހަނދާންކުރަން ބޭނުންނުވާ މާޒީގެ ހަނދާންތައް ގެނުވާ އަޑުތަކަކަށްވީމައެވެ. އެހެން ނަމަވެސް ބައްޕަ މިހާރު މަންމަގެ ގަޔަށް އަތްފޯރުވާ ނަހަދާތީއާއި، އެދެމެދަށް ވަންނާނެ ހިތްވަރެއް ނެތުމުން ކެތްކޮށްލައިގެން ހުންނަނީއެވެ.
ދުވަސްތައް ފާއިތުވަމުންގޮސް ވަޒީފާއަށް ދާންފެށިތާ ދެހަފްތާ ފަހެވެ. ހުކުރުދުވަހެއްގެ މެންދުރު ވަގުތެވެ. އަހަރެން އޮތީ ކޮޓަރީގައި އޮށޯވެލައިގެން ޓީވީއަށް ނަޒަރު ސީދާކޮށްލައިގެންނެވެ. ޓީވީން އަންނަމުން ދިޔަ ހިންދީ ފިލްމަކަށް ގެއްލިފައި އޮއްވައި، ޖީބުގައި އޮތް ފޯން ވައިބްރޭޓް ވާންފެށިއެވެ. ފޯން ނަގައި ބަލާލީމެވެ. ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. ޓީވީގެ އަޑު މަޑުކޮށްލަމުން ފޯން ކަންފަތުގައި ޖައްސާލީމެވެ.
“..ހަލޯ.. ޚާން..” އިވިގެންދިޔައީ އަންހެނެއްގެ އަޑެކެވެ.
“..ކާކުބާ ތީ!!..” އަހަރެންނަށް އަޑުން ކާކުކަން ދެނެގަންނާކަށް ނޭގުނެވެ.
“..ޕްލީޒް ފޯން ކަނޑާނުލާތި..” އެ އަންހެން ކުއްޖާ ވަރަށް އާދޭހާއެކު ބުނެލިއެވެ. “..އަހަރެން މިދައްކާ ވާހަކަ އަޑުއަހާބަލަ..” އަހަރެން ހިތުގައި ޝައްކެއް އުފެދުނެވެ. އިޝާ ހެއްޔެވެ؟ ނޫނީ މިޒޫ ހެއްޔެވެ؟ އެމީހުންނަކީ އެތައްދުވަހެއް ވަންދެން ގުޅާ މެސެޖްކޮށް ހެދި މީހުންނެވެ. ނާޒްއަށް ވެދާނެ ބާވައެވެ. ނާޒްވެސް އިޝާފަދައިން މާފަށް އެދި އަލުން ގުޅެން ބޭނުންވެގެން އާދޭސްކޮށްފައިވެއެވެ. ނަމަވެސް އަހަރެން މީ އެކަކަށްވެސް ދެވަނަ ފުރުޞަތެއް ދޭނެ މީހެއް ނޫނެވެ.
“..ކާކުކަން ބުނެލަދެވިދާނެތަ؟..” އަހަރެންނަށް ކާކުކަން ޔަޤީންކަމާއެކު ދެނެގަންނަން ނޭގުމުން އެހީމެވެ.
“..ޚާންއާ ބައްދަލުކޮށްލަން ބޭނުން.. މިއަދު އަހަރެން ބޭނުންވަނީ ހަމައެކަނި ޚާންގެ މާފު..”
“..ތީ ކާކު؟.. ކޮންކަމަކަށް މާފް ދޭންވީ..” އަހަރެންގެ މޫނުމަތީ ސުވާލުމާކެއް ޖެހިގެން ދިޔައެވެ. މާފު ދޭންޖެހި ނުދެވިވާ އެކަކުވެސް ވޭހެއްޔެވެ؟ އަހަރެންނަށް މާފު ނުދެވި އޮތީ ރީމްއަށް އެކަންޏެވެ. އަނެއްކާ ރީމް ބާވައެވެ.
“..މީ ރީމް..” އަހަރެންގެ ޝައްކު ޔަޤީނަށް ބަދަލްވެގެން ދިޔަ ހިނދު ލިބުނީ ކުއްލި ޝޮކެކެވެ. މުޅި ގަޔަށް އައްސިގަނޑެއް އެރި ކަހަލައެވެ. ކުއްލިއަކަށް އެނދުންވެސް ތެދުވެވިއްޖެއެވެ. ހިތުގެ ތެޅުން އަވަސްވެ ލޭދައުރުވުންވެސް އަވަސްވެގެން ދިޔައެވެ. (ނުނިމޭ)

11