އަގެއްނެތްލޯބި 7 ވަނަ ބައި
އެނދުން ބޭރަށް އެލިފައިވާ ރީސާގެ އަތް ހަށަމަށް ނަގަމުން އިބުރާހިމްގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. މިމަންޒަރު ބަލަންހުރި ހައްވައަށް ކޮޅަކަށް ނުހުރެވުނެވެ. ރުކެއްކަނޑާ ވައްޓާލިހެން ހައްވަ ބިއްމަށްޗަށް ވެއްޓުނެވެ. ރީސާގެ ހަގައް ތިބި ހަމްނާ އާއި ނަޒީލްގެ ހާލަކީވެސް މިއީއެވެ. ކެއްތެރިކަމާއެކު ދެފައިމައްޗަށް ކޮޅަށް ހުރީ އިބުރާހިމް އެކަންޏެވެ. ރީސާއަށް ބަލާލި ކޮންމެ މީހަކުވެސް އަސަރު ކުރާނެއެވެ. އޭނާ ވަނީ ލެއިންތަތް ވެފައެވެ. ސިފަ ނޭންގޭވަރަށް ވަނީ މޫނުގައި ލޭއުގުޅިފައެވެ.
މީހުންގެ ތުންތުން މަތިން ރީސާގެ މަރުގެ ހަބަރު ގޮސް އިރުދޭމާގެއަށް ވަދެއްޖެއެވެ. ނިސާދުއަށް މިހަބަރު ލިބުމުން ބަސްހުއްޓުނެވެ. ނިސާދު ގެއިން ނުކުމެގެން ރީސާމެންގެއަށް ދިޔުމަށް ދުއްވައިގަތެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ނިސާދު ހުރީ އެގޭގައެވެ. މީހުންތައް ފޭކުރަމުން ގޮސް ރީސާގެ ކޮޓަރިއަށް ނިސާދު ދެމިގަތެވެ. ނިސާދުއަށް ރީސާފެނުމުން މޫނު އަނެއްފަރާތަށް އަބުރާލެވުނެވެ. ނުބަލަން ވެގެނެއްނޫނެވެ. ބަލަން ނުކެރިގެންނެވެ. ނަމަވެސް ހިތްވަރުކޮށްލާފަ އަނެއްކާވެސް ބަލާލިއެވެ. އަދި ފޯންނަގާ މީހަކަށް ނޭންގޭ ގޮތަށް ދެތިން ގަނޑު ފޮޓޯނެގިއެވެ. ރީސާގެ މަރުގެ ވާހަކަ މުޅިރަށުގައި ދެކެވެމުން ދިޔައެވެ. ކުއްލިއަކަށް ރީސާ މަރުވި ސަބަބު ނޭންގިގެން އެކިމީހުން އެކިގޮތަށް ވާހަކަ ދައްކަމުންދިޔައެވެ. ބައެއް މީހުން ބުނަމުން ދިޔައީ ރީސާ ބާރުގަދަ އެއްޗެއް ބޭނުންކޮށްގެން މަރުވީކަމަށެވެ. ނަމަވެސް ހަގީގަތަކީ މިއެއްނޫނެވެ. މިކަމުގެ ހަގީގަތް އެނގޭ އެއްވެސް މީހަކުނެތެވެ. ކުއްލިއަކަށް ޑޮކްޓަރަކާ ދެ ނަރުސް ކުދިން އައިސް ކޮޓަރިއަށް ވަނެވެ. އެއަށްފަހު ކޮޓަރިން ބޭރަށް މީހުން ނެރުނެވެ. ނިސާދުވެސް ބޭރުގައި މަޑުކުރިއެވެ. ޑޮކްޓަރ ރީސާ ވަރަށް ރަގަޅަށް ބެލުމަށްފަހު ބުނީ ރީސާ މަރުވިތާ ފަނަރަ ވަރަކަށަ މިނެޓް ވެދާނެކަމަށާ، އޭނާ މަރުވީ ހިތްފަޅައިގެން ގޮސްކަމަށެވެ.ޑޮކްޓަރ މިހެން ބުނި ވަގުތު ނިސާދުގެ ފޯން ރިންގުވާންފެށިއެވެ. ނިސާދު ފޯންއަށް ބަލާލިއެވެ. “ޒިޔާގެ މަންމަ” މިހެން ބުނުމާއެކު ރީސާމެންގެ އިން ނިކުމެގެން ދުއްވައިގަތީ ޒިޔާދު މެންގެ ގެއަށްދާށެވެ.
އަނީސާ ގުޅުމުން ނިސާދު ޒިޔާދުގެ މަތިން ހަނދާން ވިއެވެ. ރީސާގެ މަރުގެ ވާހަކަ އަޑުއިވުމުން ޒިޔާދުއަށް ވާނެ ގޮތަކާމެދު ވިސްނާލެވުނެވެ. “ދައްތާ ކިހިނެއްވީ. ކޮބާ ޒިޔާދު” ނިސާދުއަށް ވާހަކަ ދެއްކެނީ ކިރިޔާއެވެ. ވަރުބަލި ވެފަހުރުމުންނެވެ. “ޒިޔާދު ދިޔަތަނެއް ދައްތައަށް ވެސް ނޭންގެ. ރީސާގެ މަރުގެ ވާހަކަ އަޑު އިވުންއިރަށް ގެއިން ނިކުމެގެން ދުވެފަ ދިޔައީ. ދައްތަ ހޯދާހޯދާ ވެސް ނުފެނުން” އަނީސާގެ ލޯފެންކަޅިވިއެވެ. “އެހެންތަ؟ ދެން އޮފީހަށް އަށްގައިފިންތަ؟” ނިސާދު ސުވާލުކޮށްލިއެވެ. “ނޫން އަދި ނާގަން. ނިސާދު ދާންވީނު ކަތީބު ގާތުގައި ބުނެލަން” އަނީސާ ދެލޮލުން ފައިބާން ތައްޔާރުވެފަ ހުރި ކަރުނަތައް ފޮހެލަމުން ބުނެލިއެވެ. ނިސާދު އެގެއިން ނިކުމެގެން އޮފީހާ ދިމާލަށް ދިޔައެވެ.
ރީސާ ހިނެއުމުގަ އެއްބަޔަކު އުޅޭއިރު، އަނެއްބަޔަކު ރީސާގެ ސަންދޯން ޖެހުމުގަ އަވެދިނެތި އުޅެއެވެ. ޒިޔާދު ހޯދުމުގަވެސް ރަށުގެ މީހުން ހަރަކާތްތެރި ވަމުންދިޔައެވެ. ގުރޫޕް ގުރޫޕަށް ބެހިގެންނެވެ. ރަށުގެ ވަލުތެރެ ވެސް ބެލިއެވެ. ނަމަވެސް ބެލި ހިސާބުން ޒިޔާދުގެ ނިސާނެއް ފެންނާކަށް ނެތެވެ. ނިސާދު ހުރި ގުރޫޕްގެ މީހުން ބަލަމުން ދިޔައީ ތުޑިއާ ދިމާލު ގަސްތަކުގެ ތެރެއެވެ. އެކިމީހުން އެކިތަން ބަލަމުން ދިޔައެވެ. ޒިޔާދުގެ ހަބަރެއް ނުވުމުން ނިސާދު ވަރަށް މާޔޫސްވެފަ، ގަސްތައް ފޭކޮށްލުމައްފަހު އަތިރިމައްޗަށް ފޭބިއެވެ. އެވަގުތު ނިސާދުއަށް ފެނުނީ ރާޅު ފަށުގައި ޒިޔާދު ވެއްޓިފަ އޮށްވައެވެ. ނިސާދު ވަރަށް ބާރަށް ޒިޔާދު ފެނިއްޖެއޭ ގޮވަމުން އެދިމާއަށް ދުއްވައިގަތެވެ. އެއްމެން ވެސް ގަސްތަކުގެ ތެރެއިން ނިކުމެގެން އަތިރިމައްޗަށް ފޭބިއެވެ. އޭރު ނިސާދު ގޮސް ރާޅުފަށުގައި އިށީންނަނީއެވެ. ޒިޔާދުގެ ބޯނަގާ ނިސާދުގެ ފައިމަތީ ބާއްވަމުން ޒިޔާދުއަށް ގޮވަންފެށިއެވެ. ޒިޔާދު އޮތީ ހޭނެތިފައެވެ. ނިސާދުގެ ގުރޫޕް މީހުންގެ އެހީގައި ޒިޔާދު ހޮސްޕިޓަލަށް ގެންދެވޭތޯ އުޅެންފެށިއެވެ.
ޒިޔާދު ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓް ކުރުމުން ނިސާދު އައީ ގެއަށް ފެންވަރާލާށެވެ. އޭރު ޒިޔާދުއަށް އޮތީނިދިފައެވެ. “ކިހިނެއްވީ. ޒިޔާ އަދިވެސް ނުފެނޭތަ؟” ނިސާދު އައިސް ކޮޓަރިއަށް ވަނުމުން ހަނާ ސުވާލު ކޮށްލިއެވެ. “ފެނިއްޖެ” ގައިގަ އޮތް ޓީސާޓް ބާލަމުން ނިސާދު ބުނެލިއެވެ. “ކޮންތާކުން ފެނުނީ” ހަނާ ސުވާލުކޮށްލިއެވެ. “ތުޑިއާ ދިމާލު މޫދުތެރޭގަ” ނިސާދު ބުންޏެވެ.”ކީކޭ… މޫދުގައޭ!!! ކޮބާ މިހާރު ޒިޔާ” ހަނާ ހައިރާންކަމާއެކު އަހާލިއެވެ. “އާނ. ޒިޔާގެ އުނަގަނޑުން ފެށިގެން ތިރީބައި އޮތީ މޫދުގަ. ޒިޔާ އޮތީ ހޭނެތިފަ. އަތުގެ ދެތިން ތަނަކުންނާ، މޫނުގެ ދެތިން ތަނަކުން ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ. އަހަރެން މިއައީ ޒިޔާ ހޮސްޕިޓަލްގަ އެޑްމިޓް ކުރީމަ” ނިސާދުގެ ދެލޯފެންކަޅިވިއެވެ. ރަހުމަތްތެރިޔާ އެފަދަ ހާލެއްގަ އުޅޭތަން ބަލާކަށް ކެތެއްނުކުރެވުނެވެ. ހިފެހެއްޓި ކަރުނަތައް ނިސާދުގެ ލޮލުން އޮހޮރިގަތީ ރަހުމަތްތެރިޔާގެ ހާލާމެދު ވިސްނި ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. “ހިތްވަރުކުރޭ. އިރާދުކުރެއްވިޔާ ޒިޔާއަށް ކަމެއްނުވާނެ” ހަނާ ނިސާދުއަށް ހިތްވަރު ދިނެވެ. ” އޭނާއަށް އެހެންއެވީ ރީސާގެ މަރުގެ ހަބަރު ލިބިގެން. ހަނާއަށްވެސް އެގޭނު ޒިޔާގެ ހުށައެޅުމަށް ރީސާ ދެކޮޅުހަދާ، އިންކާރުކުރުމުން ޒިޔާއަށް ވީގޮތް. ކިހާދެރައެއްވި. އަހަރެންނަށް ކަންތައްކުރެވުނު ގޮތުންވެސް އޭނަ ވަރަށް ދެރަވެފަހުރީ” ނިސާދު ހަނާއާ ވާހަކަ ދައްކަމުން ދިޔައެވެ. “އަހަރެންނަށް އެގޭތިކަން. ދެންދޭ ފެންވަރަން. އަހަރެންވެސް ސާދުއާ އެއްކޮށް ހޮސްޕިޓަލަށްދާނަން. ޒިޔާއަށް ގޮވާލަން” ތުވާލިގެނެސް ދެމުން ހަނާ ބުންޏެވެ. ހަނާ ތުވާލި ދިނުމުން ނިސާދު ގޮސް ފާހާނާއަށް ވަނެވެ. ނިސާދު ފެންވަރައިގެން ނިކުތް އިރު ހަނާތައްޔާރުވެލައިގެން އެނދުގައި އިށީދެލައިގެން އިނެވެ. ނިސާދު ތައްޔާރުވަމުން ދިޔައެވެ. ހަނާ މަޑުމަޑުން ހިގާފަގޮސް ކޮޓަރިން ބޭރަށް ނިކުތެވެ.
“ތާކަށް ދާންތަ ތިއުޅެނީ” ހަނާ ފެނުމުން ސިޓިންގ ރޫމް ސޯފާގައިން ހަފުސާ އަހާލިއެވެ. “އާނ މަންމާ…ކިހިނެއްވީ” ހަނާ ޖަވާބުދިނެވެ. “ކަމެއްނުވޭ. ދަރިފުޅު މާ ރީތިވެލައިގެން ހުރީމަ އަހާލީ” ހަފުސާ ބުނެލިއެވެ. “މިއުޅެނީ ސާދުއާއެކު ހޮސްޕިޓަލަށް ދާންވެގެން. ޒިޔާ ބާއްވާފަ އޮތީމަ އޭނާއަށް ގޮވާލަން” ހަނާ ދާން އުޅެނީ ކޮންތާކަށްކަން ބުންޏެވެ. “އެހެންތަ؟ މަންމަގެ ސަލާމް ބުނާތި ޒިޔާދުއަށް” ހަފުސާ މިހެން ބުނުމުން ހަނާ އާއެކޭ ބުނެފަ، ކާގެއަށް ގޮސްވަނެވެ. “ހަނާ…. ހަނާ…” ގަމީހުގެ ގޮއްތައް އަޅުވަމުން ހަނާއަށް ގޮވާލިއެވެ. “މަންމާ ހަނާ ކޮބާ” ހަފުސާ ކުރެން ނިސާދު އަހާލިއެވެ. “ކާގެއާ ދިމާއަށް ދިޔައީ. ހީވަނީ ކާގޭގަހެން” ނިސާދު ކާގެއަށް ވަތްއިރު ހަނާ ނިސާދުއަށް ކާން ހަދަނީއެވެ. “ކައިގެން ދާނީ. ވަރަށް ބަޑުހައިވެފަ އެއްނު ތިހުރީ” ނިސާދު ފެނުމުން ހަނާ ބުންޏެވެ. “ކާކުތަ ބުނީ އަހަރެން ހުރީ ބަޑުހައިވެފައޭ” ގޮޑީގައި އިށީންނަމުން ނިސާދު އަހާލިއެވެ. “މީހަކު ބުނާކަށް ނުޖެހޭ. އެވަރު އަހަރެންނަށް އެނގޭ” ފެންތަށި ބަހައްޓަމުން ހަނާ ބުންޏެވެ. “ހަނާ ނުކަންތަ” ނިސާދުއަށް އެކަނި ކާން ހަދާފަ ހުރުމުން ނިސާދު އަހާލިއެވެ. “އަހަރެން ކާނީ ފަހުން.” ހަނާ ބުނެލިއެވެ. ” އެހެންތަ. އެހެންވިޔާ އަހަރެން ވެސް ކާނީފަހުން” މިހެން ބުނެ ނިސާދު ތަށި ދުރައްޖައްސާލިއެވެ. “ސާބަހޭ… މި ސާދު ވަރަށް ތުއިވާނެ” ނިސާދު ތަށި ދުރައްޖައްސާލުމުން ހަނާ ގޮޑިން ތެދުވެފަ ބުނެލިއެވެ. ހަނާ ބަލާލުމުން ނިސާދު ދެބުމަ އަރުވާލިއެވެ. ދިމާ ކުރާފާޑަށެވެ. ކައިނިމިގެން ހޮސްޕިޓަލަށް ދިޔުމަށް ދެމީހުން ގެއިން ނިކުތެވެ.
ޒިޔާދުގެ ހާލު މިހާރު ރަނގަޅެވެ. ނަމަވެސް އެގަބުކަން ނުފިލައެވެ. ވާހަކައެއް ނުދައްކައެވެ. މީހަކު ގޮވާލިޔަސް އަޅާވެސް ނުލައެވެ. މަތި ބަލަހައްޓައިގެން އޮށްނަނީއެވެ. އިރުއިރުކޮޅާ ލޮލުން ކަރުނަ ފައިބައެވެ. މިހާލުގާ ޒިޔާދު އޮތްއިރު އަނީސާގެ އޯގާތެރި އަތުން ޒިޔާދުގެ ބޮލުގާ ފިރުމަމުން ދިޔައެވެ. ނަމަވެސް އެއޯގާތެރި އަތުގެ ފިރުމުންތަކުގެ އިހުސާސް ނުވާކަހަލައެވެ. އޭނާ ވަނީ އެހެން ހިޔާލެއްގައެވެ. އެހެން ދުނިޔެއެއްގައެވެ. ބައެއްފަހަރު ހީލައެވެ. ހީވަނީ ފާޑަކަށް މޮޔަވެފަވާހެންނެވެ. އާއެކެވެ. ޒިޔާދު އެވަނީ ރީސާގެ ލޯބީގާ މޮޔަވެފައެވެ. ރީސާގެ އިސްގީ ދާވަނީގައި ރަނގަޅަށް ހައްޔަރު ވެފައެވެ. ނަމަވެސް ދެން ރީސާއެއް އެބުރި ނާންނާނެއެވެ. “ދައްތާ. ޒިޔާ ރަނގަޅުތަ؟” ގާތުން ނިސާދުގެ އަޑު އިވިގެން އަނީސާ ބަލާލިއެވެ. އެކަނި ހުރި އިރު ޒިޔާދު ހާލާމެދު ވިސްނިފަ، އަނީސާގެ ލޮލަށް ޖަމާވި ކަރުނަތައް ނިސާދު ފެނުމާއެކު ފައިބައިގަތެވެ. “ދައްތާ. ދެރަނުވޭ. އިރާދުކުރެއްވިޔާ ޒިޔާ ރަނގަޅުވާނެ” ހަނާ އަނީސާއަށް ހިތްވަރު ދެމުން ދިޔައެވެ. އިރުކޮޅަކުން ޑޮކްޓަރ އައުމުން ނިސާދު ޑޮކްޓަރާ ވާހަކަ ދައްކަން ތަންކޮޅެއް ދުރުގައި ހުއްޓެވެ. “ކީކޭ ޑޮކްޓަރު ބުނީ” ނިސާދު އައުމުން ހަނާ އަހާލިއެވެ. “ޑޮކްޓަރު ބުނީ ޒިޔާއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައޭ. ހޭނެތިފައޮތީ ކުރިއަސަރަށް ކެއްނުވެގެން ގޮހޯ. އަދި ބުނި ހަށިގަނޑުގެ ވަރުވެސް ވަރަށް ދެރައޭ. އަރާމުކުރަން ޖެހޭނެއޭ. އަނެއްހެން ކަމެއްނެތޯ” ނިސާދު ކިޔާދިނެވެ. “ހަނާ އިށީދޭ މިތާ” އެނދުކައިރީ ހުރި ގޮޑިއަށް އިސާރާތް ކޮށްފަ އަނީސާ ބުންޏެވެ.
ނިސާދު ޒިޔާދުއާ ދިމާއަށް ގުދުވެފަ ދެތިންފަހަރު ގޮވާލިއެވެ. އެވަގުތު ޒިޔާދު ބަލާލިއެވެ. ބަލި ގޮތަކަށެވެ. ޒިޔާދުގެ ލޮލުން ކަރުނަ އަށްނަން ފެށިއެވެ. ރޯލާނެހާ ހިތްވަރުވެސް އޭނާގެ ހަށިގަނޑުގައި ނެތެވެ. ޒިޔާދުގެ ލޮލުންފޭބި ކަރުނަތައް ފޮހެލަމުން ދެރަވެ ހިތާމަ ނުކުރުމަށް އެދި ނިސާދު އާދޭސް ކުރިއެވެ. ޒިޔާދު ދެރަވެ ހިތާމަކުރާތަށް ބަލާކަށް ނިސާދުއަށް ކެތެއްނުކުރެވުނެވެ. ނިސާދުއަށް ކެއްނުވާއިރު ބަނޑުއަޅާވިހޭ މައިމީހާއަށް ކެއްކުރެވޭނެ ހެއްޔެވެ؟ މޫނު އަނެއްފަރާތަށް އަބުރާލާފަ އިންތަނުން ތެދުވެގެން ދާން ނިސާދު އުޅުނެވެ. އެކަމަކު އެކަން ކާމިޔާބެއް ނުވިއެވެ. ޒިޔާދު ނިސާދުގެ އަތުގާހިފެހެއްޓިއެވެ. އަދި އަނެއްއަތުން ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. “ތީ އަހަރެންގެ އެއްމެގާތް އަހަރެން ދެކެލޯބިވާ އަހަރެންގެ ރަހުމަތްތެރިޔާ. މިހިރީ އަހަރެންނަށް ދެގޮތެއްނުވާ އަހަރެންގެ މަންމަ. އަހަރެން ދެންނުރޯނަން. އަހަރެންނަށް އެނގޭ އަހަރެންނަށް ކަމެއްވެއްޖެނަމަ ދެރަވާނެ އެހެންބަޔަކު ނެތްކަން” ޒިޔާދުއަށް ވާހަކަ ދެއްކެނީ ކިރިޔާއެވެ. ގިނަފަހަރު އޭނާގެ އަޑުބޭރުނުވެއެވެ. ޒިޔާދުގެ ވާހަކަ އަޑުއަހާލި ކޮންމެމީހަކަށްވެސް އޭނާއަށް ވަނީ ފުންއަސަރެއް ކޮށްފަކަން ސިއްރެއްނުވާނެއެވެ. އަނީސާ އަޑުން އަޑުނަގާ ރޮނީއެވެ. ބަފަޔަކާނުލާ ބަލާ ބޮޑުކުރި ހަމައެކަނި ދަރިފުޅު ތަހައްމަލު ކުރަމުންދާ ހިތް ދަތިކަންފެނި ކެއްނުވަނީއެވެ. އަނީސާއަށް ހަނާ ހިތްވަރު ދެމުންދާއިރު ހަނާގެ ދެލޯވަނީ ފެންކަޅިވެފައެވެ. ނިސާދުވެސް ވަނީ ޒިޔާދުގެ ވާހަކަތަކުން ވަރަށް ބޮޑަށް ދެރަވެފައެވެ. “ޒިޔާ ތީދެން ކޮންވާހަކައެއްތަ. މިވަގުތު ވާހަކަ ނުދައްކާ އަރާމު ކޮށްލާ” ނިސާދު މަސައްކަތް ކުރަމުން ދިޔައީ ޒިޔާދު ހަމައަކަށް އެޅުވޭތޯއެވެ. ޑޮކްޓަރު އައިސް ޒިޔާދު ބެލުމަށްފަހު ގުޅާފަހުރި އައި ވީ ފުޅި ހުސްވުމުން ގެއަށް ދޫކޮށްލާނެކަމަށް ބުންޏެވެ. “ދައްތާ. އަންނާނަން ހަނާ ގެއަށް ލާފަ” އަނީސާއަށް މުހާތަބުކޮށް ނިސާދު ބުންޏެވެ. ހަނާ ގޮވައިގެން ގެއަށް ދިޔުމަށް ނިސާދު ވޯޑުން ނިކުތެވެ. ދުވަސް ވަރަކީ ހަނާ ބަނޑުބޮޑު ދުވަސްވަރުކަމުން ނިސާދު ހަނާއަށް ވަރަށް ބަލައެވެ. އެހާ ގިނައިން ތެދުވެ މަސައްކަތް ކުރިޔަކަ ނުދެއެވެ. ލިބެންއުޅޭ ދަރިފުޅަށް ކަމެއްވާކަށް ނިސާދު ބޭނުމެއްނުވެއެވެ.
ޒިޔާދު ގެއަށް އައިސް އަވަސް އަވަހަށް ކޮޓަރިއަށް ވަދެ އޮށޯވެލިއެވެ. އައި ވީ އެއްގުޅި ނަމަވެސް ޒިޔާދުގެ ހަށިގަނޑުގައި ވަރުޖެހުނީ އެވަގުތުކޮޅަށެވެ. އެހެންކަމުން އަނީސާ އަވަސްވެގަތީ ޒިޔާދުއަށް ކޮންމެވެސް ކާއެއްޗެއް ދޭށެވެ. ޒިޔާދު ކައިރީ ނިސާދު އިނުމުން އަނީސާ ދިޔައީ ހެދިކާ ވިއްކާ ފިހާރައަށެވެ. “އަސްލު ޒިޔާއަށް ކިހިނެއްވީ. ކީއްވެ އަތާމޫނުގެ ތަންތަން ހަލާކުވީ” ނިސާދު ސުވާލުކޮށްލިއެވެ. އަހަރެންނަކަށް ނޭގެވީގޮތެއް. ރީސާގެ މަރުގެ ވާހަކަ އަޑުއިވުނުއިރަށް ގެއިންބޭރަށް ނުކުމެވުނީ. ދުވެފަ ދެވުނީ ކިހާބާރަކަށް ކަމެއް ނޭންގެބުނާކަށް. އަތާ މޫނުގެ ތަންތަން ހަލާކުވީ ކިހިނެއް ކަމެއްވެސް ބުނާކަށް ނޭންގެ. އޭރުގަ އަހަރެންނަށް އެއްވެސް ތަނެއްވަކިނުވޭ. ހުރިހާތަނެއް ހުރީ އެކުވެފަ. އަހަރެންނަށް މޫދާހަމައަށް ދެވުނުކަން އެނގުނު. ދެންވިގޮތެއްނޭގުނު. ހޭވެރިކަމެއްވީއިރު އޮތީ ހޮސްޕިޓަލުގަ. އަހަރެންނަށް ރީސާގެ މޫނުވެސް ނުފެނުން. ފެނުމުގެ ނަސީބު ވެސް ނެތީކަންނޭގެ. އެހެންނޫންނަމަ……” ޒިޔާދުގެ ލޮލުގެ ތެރެއަށް ކަރުނަޖަމާވިއެވެ. “ޒިޔާ ދެން ތިހެން ކަންތައް ނުކޮށްބަލަ. ޒިޔާގެ ނަސީބު ދެރަކަމުންވީ ގޮތެއްނޫނޭއެއީ. ތަގުދީރުގައި އެގޮތަށްވާން އޮތީމަ އެހެންވީ. އެކަން އަހަރުމެންނަކަށް ބަދަލެއް ނުކުރެވޭނެ. ވިސްނަބަލަ….” ޒިޔާދުއަށް ވިސްނޭތޯ ނިސާދު ވާހަކަދައްކަމުންދިޔައެވެ. “އެއްމެ ރަނގަޅު އަހަރެން ރީސާގެ ފޮޓޯތަކެއް ދައްކާނަން. ޒިޔާ ނުވާނެ……” ނިސާދުގެ ވާހަކަ މެދުކަޑާލީ އަނީސާ ޒިޔާދު ކޮޓަރީ ދޮރުހުޅުވާލުމުންނެވެ. އެވަގުތު ޒިޔާދު މޫނު އަނެއްފަރާތަށް އަބުރާލިއެވެ. އޭނާގެ މޮޅިވެރި މޫނު އަނީސާއަށް ނުދެއްކުމަށެވެ. އަނީސާ ދެރަވާނެވަރު ހިތަށްއަރާފައެވެ. “ހިނގާ ސައިބޯންދާން. މަންމަ މިއައީ ސައިހަދާފަ” އަނީސާ މިހެންބުނުމަށްފަހު ކޮޓަރިން ނިކިމެގެން ދިޔައެވެ. “ހިގާދެންދާން. މަންމަ އެއައީ ސައިހަދާފަ” އަނީސާ ދިޔުމުން ނިސާދު ވާހަކަ ދައްކަންފެށިއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލުމަށްފަހު ނިސާދުގެ އެހީތެރިކަމާއެކު ޒިޔާދު އެނދުން ތެދުވިއެވެ. “ދަރިފުޅާ ދެން ސައިބޯން ފަށާބަލަ” އަނީސާބުނެލިއެވެ. “މަންމާ. އަހަރެން ކާހިތެއްނުވޭ. ބަނޑުހައި ނުވަންޏާ ކިހިނެއްކާނީ” ޒިޔާދު ބުނެލިއެވެ. “އެއްޗެއް ކެއީމައެއްނު ގައިގަ ވަރުވެސް ޖެހޭނީ. އަދިވެސް ޒިޔާ ހީވަނީ ކުޑަކުއްޖެއްހެންވިއްޔާ” ނިސާދު ބުނެލިއެވެ. ކުއްލިއަކަށް ނިސާދުގެ ފޯންރިންގް ވާންފެށިއެވެ. “ޒިޔާ އަހަރެން އޮފީހަށް ދާންޖެހިއްޖެ” ފޯނަށް ޖަވާބު ދިނުމަށް ފަހު ނިސާދު ބުންޏެވެ. ގޮޑިން ތެދުވަމުން ޒިޔާދުގެ ކޮޑުގައި ނިސާދު ޖަހާލިއެވެ. ޒިޔާދު ހީލުމަށްފަހު އެއްޗެއް ކެވޭތޯ އުޅުނެވެ.
ނިސާދު އޮފީހުން ނިމިގެން ގެއަށް އައިސް ކޮޓަރީދޮރުޅުވާލިއެވެ. އޭރު ހަނާއޮތީ ނިދާފައެވެ. އެހެންކަމުން ހަނާއަށް ގޮވަންނުހަދާ ކާގެއަށް ވަދެކާންފެށިއެވެ. އޭރު ހަފުސާއެއް ނުނިދައެވެ. ކުއްލިއަކަށް ހަފުސާއަށް އިވުނީ ކާގެއިން އެއްޗެއް ވެއްޓުނު އަޑެވެ. ހަފުސާ ކޮޓަރިން ބޭރަށް ނިކުމެ ކާގެއާ ދިމާއަށް ބަލާލިއެވެ. ކާގޭ ހޮޅިބުރި ހުރީދިއްލާފައެވެ.ހަފުސާ އައިސް ކާގޭ ދޮރުމައްޗަށް އަރާ ބަލާލިއެވެ. ނިސާދު ކާން މޭޒުކައިރީ އިނެވެ.”ދަރިފުޅުތަ؟ މަންމަ ހީކުރީ ބުޅަލެއްކަމަށް. ކޮބާ ހަނާ” ހަފުސާ ފައްޗަކަށް އަމުނާލިއެވެ. “އާނ. މީ މަންމަގެ ބޮޑު ބުޅަލެއްނު. ހަނާއޮތީ ނިދާފަ. އެހެންވެ ނުގޮވީ. ބައެއްފަހަރު އަހަރެން އަމިއްލައަށް އަޅައިގެން ކާލިޔަސް އެއީ މައްސަލައެއް ނޫނެއްނު. މަންމާ ފެންތައްޓެއް އަޅާދީބަލަ.” ނިސާދު ބުންޏެވެ. ” މަންމަ ނުބުނަމެއްނު މައްސަލައެކޭ” ތައްޓަށް ފެންއަޅަމުން ހަފުސާ ބުނެލިއެވެ. “މަންމަ އަޑުއެހިން އެއްޗެއް ވެއްޓުން އަޑު. ކޮންއެއްޗެއްތަ ވެއްޓުނީ” ހަފުސާ ސުވާލުކޮށްލިއެވެ. “އަހަރެންގެ އަތުން ސަމުސާ ވެއްޓުނީ. ސަމުސާ އެއޮތީ ޒިންކް ތެރޭގަ” ނިސާދު ބުންޏެވެ. “ކޮބާ ޒިޔާދުގެ ހާލު ރަނގަޅުތަ. އަދިވެސް ގެއަށް ދޫކޮށްނުލާތަ” ހަފުސާ ޒިޔާދުއާ ބެހޭގޮތުން ސުވާލު ކޮށްލިއެވެ. “ރަނގަޅު. ގެއަށް ވެސް ދޫކޮށްލައިފި” ނިސާދު ޖަވާބު ދިނެވެ.
11 Comments!
Comments are closed.
V reethi anehbai avahah genes deathi
iraadhu kurehviyaa varah avahah genes dhey nan dhevvi hiyaalah shkuriya axoo 🙂
Nice. Up kohdheythi Avahah.
thanx
Kameh.. koniraku hana bandu bodu v????uff im in vaanuvaa.com
vaahakaige kury baithah kiyaalymaa vaanuva.com in nikumevidhaane RAIYA
Masha allah v rythi whn nxt prt avskolladhybala plx??❤❤????❤??❤??
thanx… varah avahah up kohlaanan
Thank ????
wc
Zink e noon sink kiyanee. Vaahaka varah salhi