މައި ނޭމް އިޒް ޚާން (ދިިހަވަނަބައި)
“..ޝާނިފް.. ޝާނިފް..” އަހަރެންނަށް މީހަކު ދޮރުގައި ޓަކިދޭ އަޑުއިވެމުން ދިޔައެވެ. “..06 ޖަހާފިޔޭ ތެދުވަން އުޅޭ.. ހޭލެވިއްޖެތަ..” އަހަރެން ލޯ ނުހުޅުވައި އޮވެ މޯޅިއަކަށް ދެމިލީމެވެ. އަދި ދެލޯ ގަދަކަމުން ހުޅުވާލުމާއެކު ދިޔައީ ސިހިގެންނެވެ. ދެލޯ ތަންމިނަށް ހުޅުވި ވަގުތުން ނިދި ފިލާ ހިނގައްޖެއެވެ. ލިބުނު ސިހުމާ ހައިރާންކަމާއެކު ކުއްލިއަކަށް އެނދުގެ އެއްފަރާތަކަށް ޖެހިލެވުނީ ގައިމަތީގައި އޮތް ޝާންޓޭ ދުރަށް ކޮށްޕާލަމުންނެވެ. އަހަރެންގެ ހިތުގެ ތެޅުންވެސް އަވަސްވަމުން ދިޔައެވެ. ހިތްނެގި ނެގިފައި ޖެހެމުން ދިޔައެވެ.
އަހަރެން ހާސްވެފަހުރިލެއް ބޮޑުކަމުންނާއި، އެނދުގެ އެއްކައިރިއަށް މާބޮޑަށް ޖެހެވުމުގެ ސަބަބުން ޓައިލްސް މައްޗަށް އިދިފުށަށް ވެއްޓުނެވެ. އެހިނދު އަހަރެންނަށް ލިބިފައިވާ ހައިރާންކަން ދެގުނައަށް ބޮޑުވެގެންދިޔައެވެ. އަހަރެންގެ ހަށިގަނޑަށް ބަލަން އިނދެވުނީ ޤަބޫލްކުރަން އުނދަގޫވި ވަރުންނެވެ. މިފެންނަނީ ހުވަފެނެއް ހެއްޔެވެ؟ މިހެން ވާންވީ ކީއްވެގެން ހެއްޔެވެ؟
“..މަންމާ ހޭލެވިއްޖޭ..” ޝާންޓޭގެ ބުނި އަޑުއިވުނެވެ. އަހަރެން ޝާންޓޭއާ ދިމާލަށް ބަލާލީމެވެ. ޝާންޓޭ އިނީ ފާޑަކަށް ހެވިފައެވެ. އޭރުވެސް އަހަރެންގެ ހައިރާންކަން ފިލައި ނުދެއެވެ.
“..ދޮރު ހުޅުވަބަލަ..” ޝާންޓޭ މަންމަ ބުނި އަޑު އިވުނެވެ. އަހަރެން އަވަސް އަވަހަށް އެނދު ކައިރިއަށް ވެއްޓިފަ އޮތް ސޯޓް ހިފައިގެން ބާރު ހިނގުމުގައި ގޮސް ފާހާނާއަށް ވަނީމެވެ.
ފާހާނާ ދޮރު ލައްޕާލަމުން ދޮރުގައި ލައްގަނެވުނީ ހަށިގަނޑުގައި ވަރުނެތް އިންސާނެއް ފަދައިންނެވެ. ދޮރުގައި ކޭތެމުން ކަހަލަ ގޮތަކަށް އިށީނދެވުނެވެ. ދެއަތުން ބޮލުގެ އިސްތަށިގަނޑު ތެރެއަށް ދެއަތް މަހާލަމުން މަތިބަލާލެވުނީ ދެލޯ މަރާ ބާރުކޮށްލަމުންނެވެ. ދެދަތްޕިލަ ޖައްސާ ފިއްތާލެވުނުލެއް ބާރުކަމުން ހީވީ ދަތްތައްވެސް ބިންދައިގެން ހިނގައިދާނެ ހެންނެވެ. އެހެން އިނދެ ސިކުނޑިއަށް ބާރު ބޮޑު ކުރަންފެށުނީ ރޭގަ ހިނގާދިޔަ އެއްވެސް ކަމެއް ހަނދާނަށް އާދޭތޯއެވެ. ކޮންމެސް ވަރަކަށް މަންޒަރުތައް ސިފަވާންފެށިއެވެ.
އަހަރެންގެ ކަރު ދަށުގައި މީހަކު ބޮސް ދެމުން ދިޔަ މަންޒަރުތަކެއް ސިފަވާންފެށުމާއެކު އަވަހަށް ދެލޯ ހުޅުވާލެވުނެވެ. ނޫނެކެވެ. އެހެންވެގެން ނުވާނެއެވެ. އެއީ އަހަރެންނަށް ރޭގަ ފެނިފައިވާ ހުވަފެނެކެވެ. އެއީ ހަޤީޤަތެއް ނޫނެވެ. ހަޤީޤަތަކަށް ނުވާނަމަ ދެން މިއަދު މިފެނުނީ ކޮން ކަންތައް ގަނޑެއް ހެއްޔެވެ؟ އަހަރެންނަށް ހޭލެވުންއިރު ހެއްދެވިގޮތަށް އޮވެވުންއިރު ޝާންޓޭ އޮތީ ތަތްވެގަނެގެންނެވެ. އަހަރެންނާއި އޭނައާ ދެމެދު ގުޅުމެއް ހިނގީ ބާވައެވެ. ހުވަފެނެކޭ މި ހީކުރެވެނީ ހަޤީޤަތުގައި ހިނގިކަމަކަށް ބާވައެވެ. އަހަރެން ކޮއްޅަށް ތެދުވެ މޫނު ދޮންނަ ތަށީގެ ދެފަރާތުގައި ދެއަތުން ހިފަހައްޓާލީމެވެ. ރޭ ހިނގާދިޔަ ކަންތައް ހަނދާނަށް ގެނެވޭތޯ އަނެއްކާވެސް ދެލޯމަރާ ބާރުކޮށްލީ ތެތުންފަތް ފިއްތާ ބާރުކޮށްލަމުންނެވެ.
އަހަރެން ފޮތްތައް ދަބަހަށް ލުމަށްފަހު 10 ޖެހިއިރަށް ނިދަން އޮށޯތީ ފިނިރެޔަކަށްވެފައި ކުރީރޭ ހަމަނިދި ނުލިބި ހުރުމުގެ ސަބަބުން ނިދި އައިސް އާފުރެން ފެށުމުންނެވެ. އޭރުވެސް ގަދަޔަށް ވާރޭ ވެހެމުންދާ އަޑު އިވެމުންދެއެވެ. ޝާންޓޭވެސް މާދަމާ ޓެސްޓް އޮންނަ ދުވަހަށްވާތީ އަވަހަށް ނިދުމުގެ ބޭނުމުގައި އޮށޯތީ އަހަރެންނާ އެކު އެކީ ކަހަލައިންނެވެ. އަހަރެން ބެޑް ޝީޓް ގައިގާ އޮޅާލައި ބާލީހުގައި ބައްދާލަމުން ދެލޯ މަރާލީމެވެ. އިސާހިތަކު ނިދީގެ ތެރެއަށް ގެނބިގެން ދިޔައެވެ.
އަހަރެންގެ ކަނދުރާއަށް މީހެއްގެ ހޫނު ނޭވާތައް އެޅެމުންދިޔައެވެ. އޭނާ ހަށިގަނޑުގެ ހޫނުކަން އަހަރެންގެ ފިނިވެފައިވާ ހަށިގަނޑަށް އިޙްސާސްވަމުން ދިޔައިރު އޭނާގެ ތުންފަތް ކަރުދަށުގައި ޖެހިލާއިރު ހީލިކަރުވައިގެން ދެއެވެ. މުޅި ގައިން ހީބިހި ނަގައިގެން ދެއެވެ. ނިދާފައިވާ ހިއްސުތައް ހޭލަންފެށިއެވެ. އެޔާއެކު އަހަރެންނަށް އޭނާގެ ބުރަކަށި މަތީ އަތް އަޅާލެވުނެވެ. ގަޔާލާ ފިއްތާ ބާރުކޮށްލެވުނުއިރު ކަނދުރާއަށް ފިނިކަމެއް އިޙްސާސް ކުރެވެމުން ދިޔައެވެ. އެކަމުން އަރާމް ލިބެމުން ދިޔައިރު އަހަރެންގެ ސޯޓް ހަށިގަނޑާ ވަކިވަމުންދާހެން ހީވިއެވެ. އަހަރެންނަށް ރަނގަޅަކަށް ހެޔެއް ނުލެވެއެވެ. އޮވެވެނީ ދެބަ ދޭތެރޭގައެވެ. ފެންނަމުން މިދަނީ ހުވަފެނެކޭ ހީވާ ކަހަލައެވެ. އަހަރެންގެ ކަންފަތުގައި އޭނާގެ ތުންފަތް ޖައްސާލިއެވެ. އަދި ކޮންމެވެސް ވާހަކަ އެއް ވައި އަޑުން ބުނެލިއެވެ. ބުނި އެއްޗެއް ނޭގުނެވެ. އޭނާ އެޔަށްފަހު އަހަރެންގެ މޫނުމަތީ ބޮސްދެމުން ތިރީ ތުންފަތުގެ ލައްޒަތު ލިބިގަންނަންފެށިއެވެ. އަހަރެންގެ ނޭވާ ކުރުވާންފެށުމާއެކު ކޮންމެސް ވަރަކަށް ހޭލެވުންހެން ހީވިއެވެ. ފެންނަނީ ހުވަފެނެއް ނޫންކަން ހީވާންފެށިއެވެ. އެޔާއެކު އަހަރެންނަށް އޭނާ ގަޔާ ދުރުކޮށްލެވުނެވެ. ދެންވީގޮތެއް ނޭގުނެވެ. އޭގެ ފަހުން އެ ބީހުންތައް އިޙްސާސްވި ހަނދާނެއް ނުވެއެވެ. އަހަރެންނަށް ހޭނުލެވި ހުވަފެން ނިމުން ކަހަލައެވެ.
އަހަރެންނަށް ދެލޯ ހުޅުވާލަމުން މޫނު ދޮންނަތަށީގައި ބާރަށް ހިފަހައްޓާލެވުނެވެ. އެމީހަކީ ޝާންޓޭ ހެއްޔެވެ؟ އެއީ ހަމަ ހަޤީޤަތެއް ހެއްޔެވެ؟ ހަޤީޤަތެއް ކަމަށް ޤަބޫލްކުރަން އުނދަގުލެވެ. އެހެނަސް ހޭލެވުނުއިރު މިފެނުން މަންޒަރު ތަކަކީ ގައިމުވެސް ހަޤީޤީ މަންޒަރުތަކެކެވެ. ހޭލެވުނުއިރު އޮވެވުނީވެސް ހުތުރު ގޮތަކަށެވެ. ރޭގައި ކަންތައް ގަނޑެއް ނުހިނގާނަމަ އެހެން ނޯވެވުނީސް ކަންނޭގެއެވެ. އެހިނދު ރޭގައި އެކުރި ކަމެއް އެކުރީ ޝާންޓޭއޭ ސިކުނޑި ބުނެދޭންފެށިއެވެ.
އަހަރެންނަށް ފާހާނާ ތަށިމަތީ އިށީންނަމުން މޫނުމަތީ ދެއަތް ހާކާލެވުނެވެ. އެމީހަކު ގަޔާ ދުރުކޮށްލުމަށްފަހު ދެން ކަންތައްވީ ގޮތެއް ހަނދާންވޭތޯ މަސައްކަތްކުރީމެވެ. އަހަރެން އެއްވެސް ކަމެއް ކުރި ހަނދާނެއް ނުވިއެވެ. ފަހުން ޝާންޓޭ އަހަރެންނާ ކައިރިވި ހަނދާނެއްވެސް ނުވެއެވެ. ހަޤީޤަތެއް ނަމަ ޝާންޓޭ ފަހުން ކައިރި ނުވީ ކީއްވެގެން ހެއްޔެވެ؟ ދުރުކޮށްލި ހިސާބުން އެކަން އެނިމުނީ ހުވަފެނެއްވީމަ ހެއްޔެވެ؟ އަހަރެންނަށް ހޭލެވުންއިރު ބަރަހަނާ ހާލުގައި އޮވެވުނީ ކީއްވެ ހެއްޔެވެ؟ އަހަރެން ގައިގާ ތަތްވެގެން ޝާންޓޭ އޮތީ ކީއްވެ ބާއެވެ؟ އަހަރެން ބަރަހަނާ ކުރީ ޝާންޓޭ ހެއްޔެވެ؟ ޝާންޓޭ އެފަދަ މުޑުދާރު އަމަލެއް ހިންގަން އުޅެފާނެ ހެއްޔެވެ؟ އަހަރެންނަށް އެކަމަކީ ހުވަފެނެއް ކަމެއް ހަޤީޤަތެއް ނިންމާކަށް ނޭގުނެވެ. އެކަމުގެ ސަބަބުން ސިކުނޑިއަށް ބާރުބޮޑުވެ ބޮލުގެ ރިހުން ގަދަވާން ފެށުމާއެކު ދެއަތުން ބޮލުގައި ބާރަށް ހިފަހައްޓާލެވުނެވެ. އަހަރެންނަށް އެހެން އިނދެވުނީ ކިހާއިރެއް ވަންދެންކަމެއްވެސް ނޭގެއެވެ.
އަހަރެން ކުއްލިއަކަށް ތެދުވެ ލޯ ގަނޑު ކުރިމައްޗަށް ހުއްޓުނީ އެއްޗެއް ހަނދާންވެގެންނެވެ. ބޯ އަރިކޮށްލާ ކަނދުރާއަށް ބަލާލީމެވެ. އަހަރެން ވަގުތުން ގަނޑުވިއެވެ. ޤަބޫލްކުރަން އުނދަގޫވިޔަސް ރޭ ހިނގާދިޔަ ކަންތަކަކީ ހަޤީޤަތެއްކަން ޤަބޫލްކުރަން މަޖުބޫރު ވެއްޖެއެވެ. އެކަމުގެ ހެކިތައް އެހުރީ ފެންނާށެވެ. އަހަރެންނަށް ހަރަކާތް ހުއްޓިފައިވާ ބުދެއްހެން ކަނދުރާއިން ފެންނަމުން ދިޔަ ނިޝާން ތަކަށް ބަލަންހުރެވުނު އިރު ލޮލުތެރެއަށް ދިޔައީ ކަރުނަ ޖަމާވަމުންނެވެ. ވޭތުވެދިޔަ 03 ހަފްތާތެރޭ ޝާންޓޭ ކޮންމެ ރެޔަކު ކަހަލައިން ނިދީގައި އޮޅުލައިގަންނަ މަންޒަރުތައް ހަނދާނަށް އަންނަން ފެށިއެވެ. ބީހެން އުޅޭކަމުގެ ޝައްކުތަކާ އޭނާ އެކަންކުރަމުން އައީ ހޭލާ އޮވެގެންކަމަށް ހީވެފައިވާ ހީވުންތައް ވަގުތުން ޔަޤީންނަށް ބަދަލުވެގެން ދިޔައެވެ. އޭނާ މިހުރިހާ ދުވަހު އެކަންތައް ކުރަމުން އެއައީ މިބޭނުމުގައެވެ. އޭނާގެ ބޭނުން ކިތަންމެހާވެސް ރަނގަޅަކަށް ފުރިހަމަކޮށްފިއެވެ. އަހަރެން މީ ކިހާ ނަސީބު ދެރަ މީހެއް ހެއްޔެވެ؟ އަހަރެންގެ ނަފްސު މުޑުދާރުވެއްޖެއެވެ. އެކަކުވެސް އަހަރެންނާ ދިމާލަށް ރަނގަޅު ނިޔަތެއްގައި ބަލައެއްނުލައެވެ. އެންމެ ފުރަތަމަ ބައްޕައެވެ. ދެން ރީމް އެވެ. މިހާރު ޝާންޓޭއެވެ. އަހަރެންގެ ބައްޕައެކޭ ޝާންޓޭ އެކޭ ހުރީ ކޮން ތަފާތެއް ހެއްޔެވެ؟ އެދެމީހުންނަކީވެސް އެއްކަހަލަ ދެމީހުންނެވެ. އަހަރެންގެ ލޮލުތެރެއަށް ޖަމާވަމުން ދިޔަ ކަރުނަތައް ގިނަވެގެން ގޮސް އޮހެންފެށިއެވެ.
“..ޚާން..” އަހަރެން ސިހިގެންދިޔައީ ޝާންޓޭ ދޮރުގައި ޖަހާލުމުންނެވެ. “..ހާދަ ލަސްވަނީ 6:30 ވަނީ.. އަވަސްކޮށްލާ..”
އަހަރެން ދެއަތުން ކަރުނަތައް ފޮހެލަމުން ދޮރާ ދިމާލަށް ބަލާލެވުނީ ފޫހިކަމާއެކުއެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލެވުން ނަމަވެސް އަނގައިން ބުނާހިތެއްނުވިއެވެ. އަހަރެން ޝާންޓޭއަށް ކުރަމުން އައި އިތުބާރު ގެއްލިއްޖެއެވެ. ހިތުގައި އޮތް ލޯބި ހިނދުކޮޅެއްތެރޭ ފޫހިކަމަށް ބަދަލުވެގެން ހިނގައްޖެއެވެ.
“..އަޑެއްބަޑެއްވެސް ނީއްވާލާ ކީއްތަ ތިކުރަނީ..” އަހަރެން ޖަވާބެއް ދިނުމެއްނެތި ޝަވަރ ކައިރިއަށް ހުއްޓި ޝަވަރ ދޫކޮށްލުމާއެކު ފެންތައް އޮހިގަތެވެ.
“..އަދި ކިރިޔާ ފެންވަރަން ތިފެށީ..” ޝާންޓޭ ބުނި އަޑުއިވުނެވެ. “..އޯކޭ މަމި ދަނީ މަންމަ ކޮޓަރިއަށް ފެންވަރަން.. ޚާންގެ ތުވާލި ދޮރުގަ އަޅުވާލާފަ މީނީ.. އަވަސްކުރޭ ޓެސްޓަށް ދިޔުމުގެ ކުރިން ކުޑަކޮށް ފޮތް ބަލާލަންވެސް ވާނެ ނުން.. ޚާން އޮޅުވާލާ ތަންކޮޅުވެސް ބުނެލަދެވޭނީ އޭރުން..”
ދެންވެސް އަހަރެން އެއްވެސް އެއްޗެކޭ ނުބުނަމެވެ. އަހަރެންނަށް މާ ހެޔޮ އެދޭ މީހަކަށްވެގެން އުޅޭނެ ކަމެއްނެތެވެ. ތި ހެޔޮކަމުގެ ފަހަތުގައިވާ ނުބައި އެދުން އެނގި ހާމަވެއްޖެއެވެ. އަހަރެންނަށް ޝަވަރ ދަށަށް ހުއްޓި ކަނދުރާގައި ބާރުބާރަށް އަތްހާކަން ފެށުނެވެ. އަހަރެން ބޭނުންވީ އެ ނިޝާންތައް ފޮހެލާށެވެ. އެކަން ނުވާކަމަކަށް ހަދާށެވެ. އަހަރެންގެ ހަށިގަނޑަށް ލޮޑުކަން އައިސް ވަރުބަލިވާން ފެށުމުން ދެއަތް ފާރުގައި ވިއްދާލިއިރު މާނޭވާ ލެވެއެވެ. އަހަރެން ކިތަންމެ ބޭނުންވިޔަސް އެކަން ނުވާކަމަކަށް ނުހެދޭނެއެވެ. އެ ނިޝާންތަކެއްވެސް ފޮހެޔެއް ނުލެވޭނެއެވެ.
*********
އަހަރެން ފާހާނަ ދޮރު ކުޑަކޮށް ހުޅުވާލުމަށްފަހު ތުވާލި ނެގީމެވެ. އަދި ފެން ހިއްކާލުމަށްފަހު ތުވާލި އަނދެގެން ފާހާނައިން ނިކުތްއިރު ޝާންޓޭ ކޮޓަރިއަކު ނެތެވެ. އޭރު ގަޑިން 06:45 ވެގެން ހިނގައްޖެއެވެ. ޓެސްޓަށް ދާންޖެހޭނީ 07:30 ހަށެވެ. އަލަމާރި ކައިރިއަށް ހުއްޓި ފަޓުލޫންނާއި ޔުނީފޯމް މަހާލަމުން ބެގީކޮށްލީ އަވަސް އަވަހަށެވެ. އަހަރެން ބޭނުންވީ ޝާންޓޭ އައުމުގެ ކުރިން އެކޮޓަރިން ނުކުންނާށެވެ. އޭނާއާ ކުރިމަތިލާ ވާހަކަ ދައްކާނެ މޫޑެއް ނެތެވެ. ލޯގަނޑު ކައިރިއަށް ހުއްޓި ބޮލުގައި ޖެލްކޮޅެއްލައި ކުޑަގޮތަކަށް ރީތިވެލީމެވެ. އެހިނދު ލޮލުގައި އަޅާގަތީ އެއްކަލަ ނިޝާންތަކެވެ. ގިރުވާނުގަ ހިފާ މައްޗަށް ހިއްލާލީމެވެ. ނަމަވެސް އެނިޝާންތައް ފޮރުވާލެވޭ ވަރެއް ނުވިއެވެ. ކޮންމެވެސް ވަރަކަށް އެތަން ފެނެއެވެ.
“..ކޯއްޗެއް ތި ފޮރުވަނީ..” ޝާންޓޭ އަޑު އިވުމާއެކު އަހަރެންގެ ހަރަކާތްތައް ހުއްޓުމަކަށް އަޔެވެ. “..ރެޑް މާކް ހުރީތަ..” އޭނާ ރޭ ކުރެވުނު އެއްވެސް ކަމަކާ ލަދުގަތް ހެނެއް ހިޔެއްނުވެއެވެ. އެޔާއެކު ޝާންޓޭ ކޮޓަރި ދޮރު ތަޅުލި އަޑު އިވުމާއެކު އަހަރެން ހިތުގައި ބިރުވެރިކަމެއް އުފެދި ހިތުގެ ތެޅުންވެސް އަވަސްވިއެވެ. މީގެ ކުރިން އެކަހަލަ ކަންތައް ބޮޑުކަމަކަށް ނުވިޔަސް މިހާރު އެއީ ޖެހިލުންވާންޖެހޭ ވަރުކަމެވެ. އަހަރެންނަށް ގުޑިލަންވެސް ނޭގިފައި ހުރި ފިޔަވަޅުމަތީ ހުރެވުނީއެވެ.
“..ޚާން..” ޝާންޓޭ ފަހަތުން ބައްދާގަތެވެ. އަހަރެންނަށް ހީވީ ކަރަންޓްގައި ޖެހުން ހެންނެވެ. މުޅި މީހާ ރޫރޫ އަޅާގެން ދިޔައެވެ. ދެދަތްޕިލަ ޖައްސާ ބާރުކޮށްލެވުނެވެ. ހަމައެޔާއެކު އަހަރެން ޝާންޓޭގެ އަތް ނައްޓުވާލީމެވެ.
“..ޑޯންޓް ޓަޗް މީ..” އަހަރެންގެ ޝަހާދު އިނގިލި ދިއްކޮއްލަމުން އަމުރުވެރިކަމާއެކު ބުނެލީމެވެ. ޝާންޓޭގެ މޫނު މަތި ބަނަވެގެން ދިޔައެވެ.
“..ވަޓް..” ޝާންޓޭ އަޑުގައި ހައިރާންކަން އެކުލެވިގެން ވިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ ޓެސްޓަށް ގެންދަންޖެހޭ އެއްޗެހިތައް ހިފައިގެން ކޮޓަރިން ނިކުތްއިރުވެސް ޝާންޓޭ ހުރި ފިޔަވަޅުމަތީ ހުއްޓެވެ. ޝާންޓޭ ހީކުރީ ކީކޭ ކަމަށް ހެއްޔެވެ؟ ރޭގައި އެހުރިހާކަމެއް ކުރެވުނީ އަހަރެން އެގޮތް ބޭނުންވާތީކަމަށް އޭނާއަށް ހީވީކަންނޭގެއެވެ. ފާޅުގަ އެފަދަ ކަމެއް ކުރަން އެކެރުނީ އެހެންވެއެވެ.
ބޭރަށް ނުކުމެ ސިޓިންގ ރޫމްގައި އިށީންއިރުވެސް އަހަރެންގެ ހަށިގަނޑުގައި ކޮންމެސް ވަރެއްގެ ތުރުތުރުލުމެއް އެކުލެވިފައި ހުއްޓެވެ. ލޭދައުރުވުން އަވަސްވެ ހިތުގެ ތެޅުންވެސް އަވަސްވެފައިވާކަހަލައެވެ. އެތެރެހަށިން ދިލަ ހޫނެއް އަރަމުން ދިޔައެވެ. އަހަރެން ނިތްކުރި މައްޗަށް ޖަމާވެފައިވާ ދާތިކިތައް ފޮހެލަމުން ހަމަޖެހިލެވޭތޯ މަސައްކަތްކުރީމެވެ.
“..ވިޚާން..” ޝާންޓޭ މަންމަ ގޮވާލި އަޑަށް ސިހުން ލިބުންނަމަވެސް ވަގުތުން ހަމަޖެހިލީމެވެ. “..ކޮން ހިޔާލަކަށް ގެއްލިފަ.. އާދެ ސައިބޯން.. ޝާނިފްވެސް ނުކުމެއްޖެ..”
އަހަރެން ކާގެޔަށްވަނީ ދެ ފިކުރެއްގައި ހުރެއެވެ. ކާގޭގައި ޝާންޓޭ ފިޔަވައި އިތުރުމީހަކު ނެތެވެ. ޝާންޓޭ އިނީ މޭޒު ކައިރީއެވެ. އަހަރެންވެސް ސައި ބުއިމަށްޓަކައި މޭޒުކައިރީ އިށީނީމެވެ.
“..ޚާން..” އަހަރެން ޝާންޓޭއާ ދިމާލަށް ބަލާލީމެވެ. އެމޫނު މަތިން ފެންނަ އަސަރުތައް ބުނެދޭން ނޭގުނަސް އޭނާ އިނީ ނުތަނަވަސް ކަމެއްގައި ކަން ޔަޤީންވެއެވެ. އޭނާ ކޮންމެސް ވާހަކައެއް ބުނަން އަނގަ ހުޅުވާލިއެވެ. ނަމަވެސް އެވަގުތު އެތަނަށް ޝާކިރާއްތަ އައުމުން އެވާހަކައެއް އޮށްބާލަން މަޖުބޫރުވީއެވެ. އޭނާ ދައްކަން އުޅުނީ ރޭގެ ހާދިޘާއާ ގުޅުންހުރި ވާހަކައެއްކަން ޔަޤީންކުރެވުނެވެ. އެހެންކަމުން އަހަރެން އަވަހަށް ސައިބޯލައިގެން ނުކުތީ ބޭރަށެވެ.
މިއަދަކީވެސް މޫސުން މާކަ ރަނގަޅު ދުވަހެއްނޫނެވެ. ކޮންމެސްވަރަކަށް ދުނިޔެމަތި އަލިވެފައިވީ ނަމަވެސް އޮތީ ފުސްކޮށްނެވެ. މަގުމަތީގައި ރޭ ވެހުނުވާރޭގެ އަސަރު ފެންނަން ހުއްޓެވެ. ބިންގަނޑުގައި ތެތްކަން އެކުލެވިފައިވާއިރު ބައެއް ހިސާބުތަކުގައި ފެން ކޯރުތައް އަދިވެސް އެހުރީ ނުހިނދިއެވެ. ފަޒާގައިވެސްވަނީ ތެތް ފިންޏެކެވެ. އަހަރެންނާއި ޝާންޓޭގެ އިތުރުން ފާތިކް ހިނގަމުން ދިޔައީ ސުކޫލާ ދިމާލަށެވެ. ފާތިކްއަކީ އަހަރުމެން ކުލާސް ކުއްޖެކެވެ. މިއަދު އޮންނަ ބަޔޮލޮޖީ ސަބްޖެކްޓާ ބެހޭގޮތުން ފާތިކް އެކިއެކި އެއްޗެހި ޝާންޓޭ ކިބައިން އޮޅުންފިލުވަމުން ދިޔައެވެ. އަހަރެން ހުރީ އެމީހުންގެ ފަހަތުގައެވެ. އެމީހުންނާ އެއްހަމައެއްގައި ހިނގުމަށް އަހަރެން ބޭނުންނުވީއެވެ. ދެސަބަބަކާ ހުރެއެވެ. އެއްސަބަބަކީ ޝާންޓޭދެކެ ވެފައިވާ ފޫހިކަމެވެ. އަނެއްސަބަބަކީ ކަނދުރާގައިވާ ނިޝާންތައް ފޮރުވަން ބޭނުންވުމެވެ. ޝާންޓޭ އިރުއިރު ކޮޅަށް ފަހަތް ބަލާލައެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެވެ. އަހަރެންގެ މިދުރުކަމުގެ ސަބަބުން އޭނާއަށް އުނދަގޫތަކެއްވާކަހަލައެވެ.
ސުކޫލުކައިރީ މަޑުކޮށްގެން ހުރިއިރު އާއި އެގްޒާމް ހޯލްގައި ޓެސްޓް ޕޭޕަރ ހަދަމުން ދިޔައިރުވެސް ޝާންޓޭ އަހަރެންނާ ދިމާލަށް ބަލާކަން ފާހަގަކުރެވުނެވެ. ބައެއް ފަހަރު ސިއްރުން ބަލާހެންހީވާއިރު އަނެއްބައި ފަހަރު އަހަރެން ބަލާލާއިރު އޭނާވެސް ބަލަހައްޓާގެން އިންނަތަން ފެނެއެވެ. އެމޫނުމަތިން ފެންނަނީ ބުނެދޭން ނޭގޭ ކަހަލަ އަސަރުތަކެކެވެ. ކޮންމެއަކަސް އެދުވަހު ޓެސްޓް ނިމިގެން ގެޔަށް އައި އައުމާ ހަމަޔަށްވެސް އަހަރެން ޝާންޓޭއަކާ އެއްވެސް ވާހަކައެއް ނުދައްކަމެވެ. ޝާންޓޭ ވާހަކަ ނުދެއްކީ އެކަނި ވާހަކަދައްކާލާނެ ޗާންސެއް ނުލިބުމުން ކަންނޭގެއެވެ.
އަހަރެން ގެޔަށް އައިސްވެސް އެއްޗެހި ބަދަލްކޮށްލައިގެން ނުކުތީ ސިޓިންގ ރޫމަށެވެ. ސިޓިންގ ރޫމްގައި ތިބީ ޝާންޓޭއާއި އޭނާގެ ތުއްތަ ޝައިނާއާއި މަންމަ ޝާކިރާއެވެ. އެމީހުން ތިބީ ޓީވީން އަންނަ ފްރޮގްރާމެއް ބަލާށެވެ.
“..ހޫމް..ހޫމް.. ރީއްޗޭ.. ރީއްޗޭ..” އެންމެ ފުރަތަމަ އަހަރެން އަޅައިގަތީ ޝައިނާގެ ލޮލުގައެވެ. “…ހާދަ ސަޅި އެއްޗެއް ވައްޓާލައިގެން ތި ނުކުތީ..” އެންމެންވެސް އަހަރެންނާ ދިމާލަށް ބަލާލިއެވެ. އަހަރެން ހުރީ ކަރުބެއްދި އަތްދިގު ފެހި ކުލައިގެ ޓީޝާރޓެއް ލައިގެންނެވެ.
“..ފިނި ދުވަހެއްނުން އެހެންވެ..” އަހަރެން ސޯފާގައި އިށީނީމެވެ. ހަޤީޤަތުގައި މި ޓީޝާޓްލީ އެނިޝާންތައް ފޮރުވާލުމުގެ ބޭނުމުގައެވެ. ގިރުވާން ހިއްލާ އަތްއަޅައިގެން އުޅުމަކީވެސް ފަސޭހަކަމެއް ނޫންވިއްޔާއެވެ.
“..އަތްދިގު ޓީޝާޓް ޚާންއާ ވަރަށް ގުޅޭ..” ޝައިނާ ބުނެލިއެވެ. އަހަރެން ހިނިތުންވެލީމެވެ. ޝާންޓޭ ފަނޑު ހިނިތުންވުމަކާއެކު ތެދުވެގެން ދިޔައީ އަހަރެންނަށް ބަލަމުންނެވެ.
“..ދައްތާ..” ބޮޑުބެމެން ގެޔަށް ނުދެވޭތާ ދުވަސްތަކެއް ފާއިތުވެފައިވާތީ އެގެޔަށް ދިޔުމުގެ ހުއްދައަކަށް އަހަރެން އެދުނީމެވެ. ޝާކިރާއްތަގެ ހުއްދަ ލިބުމުން ހަވީރުން އަންނާނެކަމަށް ބުނަމުން ބޮޑުބެމެން ގެޔަށް ދިޔުމަށްޓަކައި ނުކުތީ ބޭރަށެވެ. އަހަރެން މިދަނީ މަންމައަށް އާދެވޭނެ ދުވަހެއްވެސް އޮޅުންފިލުވާލުމުގެ ބޭނުމުގައިވެސް މެއެވެ.
*****************
ހެނދުނާއި މެންދުރު ކުޑަކޮށް ރީތިކޮށް އޮތުމަށްފަހު ހަވީރު އަތަށް އަޅާލިތަނާ އުޑުމަތި ކަޅުވިލާތަކުން ފުރާލާފިއެވެ. މުޅި ދުނިޔެމަތި ބަނަކޮށް އަނދިރިކޮށްލާފިއެވެ. ވައިގަދަވެ ގަދަވެގެން ގޮސް ގަސްތައްވެސް މުލުން ލުހެލަފާނެހެން ހީވެއެވެ. ދޭތެރެއަކުން ގުގުރީގެ އަޑުން ކައުނުވެސް ގުގުމާލައެވެ. އިސާހިތަކު ވާރޭވެސް ވެހެންފެށިއެވެ. ވެހެންފެށި ވާރޭ އިރުއޮއްސުނުއިރު ތުނިކޮށްލި ނަމަވެސް މުޅިއަކުން ހުއްޓައެއް ނުލިއެވެ. ހާކެރިވެހެމުން ދިޔައެވެ.
އަހަރެންނަށް ބޮޑުބެމެން ގެއިން އާދެވުނުއިރު 09 ޖަހާ ބޮޑު ވެއްޖެއެވެ. ކޮޓަރިއަށް ވަންއިރު ޝާންޓޭ މޭޒުކައިރީ ފޮތެއް ހުޅުވައިގެން ފޮތްމަތީ ބޯ ޖަހައިލައިގެން އޮތެވެ. ކޮންމެވެސް ކަމަކާ ފިކުރު ބޮޑުވެފައިވާ ކަހަލައެވެ.
“..ޚާން..” ޝާންޓޭ ބޯ ހިއްލާލަމުން އަހަރެންނަށް ގޮވާލިއެވެ. “..ހިނގާ ކާން.. ޚާން އަންނަންދެން މި އިނީ..” އެގަޑިއަކީ ޝާންޓޭ މަންމަ އައިސް ކޮޓަރި ދޮރުހުޅުވާލި ވަގުތެވެ. އަހަރެން ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލެވި ހަމަޖެހުމެއް ލިބުނެވެ. ޝާންޓޭ ފެނުމުން ނޭގޭ ބިރުވެރިކަމެއް މި އުފެދެނީ ކީއްވެގެން ހެއްޔެވެ؟ ހުދު އަހަރެންނަށްވެސް އޭނާ ފެނުމުން މިހާވަރަށް ބިރު ގަންނަނީ ކީއްވެކަމެއް ބުނެދޭކަށް ނޭގެއެވެ. ކޮންމެވެސް ކަޑަކަމެއް ވާން އުޅެޔޭ ހިތްބުނާ ކަހަލައެވެ. ޝާންޓޭ މަންމަވެސް އެދުނީ ކާން އައުމަށެވެ.
“..ބޮޑުބެމެން ގެއިން ކައިގެން މިއައީ..” އަހަރެން ތެތް އެއްޗެތި ބަދަލްކޮށްލުމަށްޓަކައި ވަނީ ފާހާނައަށެވެ.
“..ނުކާނަން މަވެސް..” ޝާންޓޭ ބުނި އަޑުއިވުނެވެ.
*************
“..ޚާން..” އަހަރެން އެއްޗެހި ބަދަލްކޮށްލައިގެން ނުކުންނަނިކޮށް ދޮރު ކައިރީ ހުރި ޝާންޓޭ ފެނުމުން ލިބުނީ ކުއްލި ސިހުމެކެވެ.
“..މަ ދެކެ ނައްޓާފަތަ..” ޝާންޓޭ އެހިއެވެ.
“..ނޫން..” އަހަރެން ހަމަޖެހިލަމުން ބުނީމެވެ.
“..ދެން ކީއްވެ ދުރުދުރުން ތި އުޅެނީ.. އެހެން ނޫނީ ތީ މަށާ ވަކިން ތަންތަނަށް ދާ މީހެއްވެސް ނޫން..”
“..ރީޒަން އެނގޭނުން..” އަހަރެން ބާލީހަކާ ބެޓްޝީޓެއް ހިފައިގެން ޓައިލްސް މަތީ ޖައްސާލީމެވެ.
ޝާންޓޭއާ އެއް އެނދުމަތީ ނިދަން އޮވެގެން އިތުރު ގޯހެއް ހަދާކަށް ބޭނުމެއް ނޫނެވެ. އަދި އެހެންމެ ޝާންޓޭއަށް އިތުރަށް އެގޯސް ހެދުމުގެ ފުރުޞަތެއް ދޭކަށްވެސް ބޭނުމެއް ނޫނެވެ. އަހަރެންނަށް ހެޔޮއެދޭ އެހާ ގާތް ރައްޓެއްސަކު އެފަދަ އަރާމެއް ހާސިލްކުރަން އުޅުނީތީވެސް ލަދު ގަނެއްޖެއެވެ. އަޤީދާ ކިތަންމެ ބަލިކަށި ނަމަވެސް އެކަމާ ދެރަވަމެވެ. ވީކަމެއް ވެނިމުނީއެވެ. ދެން އެކަން ރިޕީޓް ކުރާކަށް ބޭނުމެއް ނޫނެވެ. ޝާންޓޭ އިރުގަނޑަކު އަހަރެންނާ ދިމާލަށް ބަލަހައްޓައިގެން ހުރުމަށްފަހު ގޮސް އެނދުގައި އިށީނެވެ.
“..ޚާން އާދޭ އެނދަށް..” އަހަރެން އަނގަޔަކުން ނުބުނަމެވެ.
“..ކިހިނެއްތަ ތި އުޅެނީ.. ވަޓްސް ރޯންގް ވިތް ޔޫ..” ޝާންޓޭއަށް އަދިވެސް ވެގެން އުޅޭގޮތް ނޭގެނީ ހެއްޔެވެ؟ ނޫނީ ޖާހިލުކަމުން އެކަންތައް އޭނާއަށް ބޮޑުކަމަކަށް ނުވާތީ ނޭގޭކަމަށް ހަދަނީ ހެއްޔެވެ؟
“..ޚާން ތިހެން އުޅޭތީ ވަރަށް އުނދަގޫވޭ.. ކަޑަވޭ.. މިއަދު އެއްކޮށް މިދިޔައީ ވައިކޮށް ތިކަމަކާ ހުރެ..” އަހަރެންނަށް ޝާންޓޭއާ ދިމާލަށް ބަލާލެވުނު އިރު ހިތްބާރަށް ތެޅެމުން ދިޔައެވެ. ޝާންޓޭ އެނދުން ތެދުވެގެން އައިސް އަހަރެން އަތުގައި ހިފިއެވެ. އަހަރެން ކުއްލިއަކަށް އަތްދަމާގަންނަމުން ކޮޅަށް ތެދުވެވުނުއިރު ދެއަތްވަނީ މުއްކެވިފައެވެ.
“..ޚާން ޕްލީޒް.. ޑޯންޓް ގެޓް އެންގްރީ..” ޝާންޓޭ އަހަރެން ކޮނޑުގައި އަތް ބާއްވާލިއެވެ.
“..ޝާންޓެ މޮޔަވީތަ..” އަހަރެންނަށް ދަތްކުނޑި ވިކާ ގަނެވުނެވެ. “..މަމީ ފިރިހެނެކޭ..”
“..އައި އޭމް އަ ގޭ..” ޝާންޓޭ އެއްވެސް ޖެހިލުމެއްނެތި ބުނެލިއެވެ. “..ލައިކް ޔޫ..”
އަހަރެންނަށް ހީވީ މޫނުމަތީ އެތިފަހަރެއް ވީއްލާލިހެންނެވެ. ފަސް އެނބުރި ޝާންޓޭ މޫނަށް ބަލާލެވުނީ ޤަބޫލްކުރަން އުނދަގޫވި ވަރުންނެވެ. ޝާންޓޭ އެހާ ފާޅުގަ އެފަދަ އެއްޗެއް ބުނެފާނެކަމަކަށް ހީވެފައެއްވެސް ނެތެވެ.
“..ވަޓް.. މަމީ..” އަހަރެންނަށް ބުނަން އުޅުނު ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.
“..ޚާންއަށް ބުނަން ނުކެރުނަސް މަށަށް ކެރޭ..” ޝާންޓޭ އަހަރެން ގައިގާ އޮޅުލައި ގަތެވެ. “..އައި ރިއަލީ ލަވް ޔޫ..”
އެހިނދު އަހަރެން ސިކުނޑީގައި ގުގުމާލީ ޝާންޓޭ ރޭގަ ކަންފަތް ދަށުގައި ބުނެފައިވާ ވާހަކައެވެ. ރޭގަވެސް އޭނާ ބުނެފައިވަނީ އެހެންނެވެ. އަހަރެންދެކެ ލޯބިވާ ވާހަކައެވެ.
ފިރިހެނަކު ފިރިހެނެއް ދެކެ ލޯބި ވެދާނެ ހެއްޔެވެ؟ އިޝްގީ ނަޒަރަކުން އެގޮތަށް ދެކެފާނެ ހެއްޔެވެ؟ ފިރިހެނުން ފިރިހެނުންނާ ގުޅުންތައް ހިންގާކަން އެއީ އަހަރެން ޤަބޫލްކުރާ ހަޤީޤަތެކެވެ. އެއީ ޚުދު އަހަރެންނަށްވެސް އެކަންތައް ތަޖުރިބާ ކުރެވިފައި އޮތީމައެވެ. ހަމައެގޮތަށް ފިރިހެނަކު ފިރިހެނެއްދެކެ ލޯބިވެދާނެކަމަށް މިއަދު މިއޮތީ ޤަބޫލްކުރަން މަޖުބޫރުވެފައެވެ. އެމީހަކު އެއޮތީ ލޯބިވާކަން ފާޅުގައި ހާމަކޮށްފައެވެ. (ނުނިމޭ)
3 Comments!
Comments are closed.
hadi miharu haan beynumia bodubegea devidanu……..
khan egoiy beynun nuvanee kanneyge.. nooni khan vs like vany 😛
alhe dhw… salhi dhnn..