މައި ނޭމް އިޒް ޚާން (ނުވަވަނަބައި)
އޮކްޓޯބަރމަހުގެ ކުރީކޮޅެވެ. އޯލެވެލް އެގްޒާމް ފެށެންވަނީ މަދު ދުވަސްކޮޅަކަށްވެފައެވެ. އެއްދުވަހަކު ސުކޫލުން ނިމިގެން ދިޔައިރު މަންމަ އިނީ ރޯށެވެ. ކޮއްކޮވެސް ކައިރީގައި އިނދެގެން ރޮނީއެވެ. ބޮޑުބޭބެ ކޮންމެސް ވާހަކަތަކެއް ދައްކަން ހުއްޓެވެ. މިމީހުން މިރޮނީ ކީއްވެގެން ބާއެވެ؟
“..މަންމާ ކިހިނެއްވީ..” އަހަރެންނަށް އަވަހަށް އަހާލެވުނެވެ. މަންމަ ޖަވާބެއް ނުދިނެވެ.
“..ކޮއްކޯ.. ބޮޑުބޭ ކިހިނެއްތޯ ވީ..” އަހަރެން ކަންބޮޑުވާގޮތްވިއެވެ. އޭރު ސިކުނޑީގެ އެއްކަނަކުން ކަމެއް ގޯސްވެއްޖެކަމުގެ އިންޒާރުތައް ދެމުން ދިޔައެވެ.
“..ދޮންބޭ ބައްޕަ ބަލިވެގެން މާލެ ގެންގޮސްފި..” ކޮއްކޮ ރޮމުން އަހަރެން ގައިގާ އޮޅުލައިގަތެވެ. އަހަރެންގެ ކަންބޮޑުވުން ވަގުތުން ފިލާ ދިޔައެވެ. އެއީ ދެން އެވަރަށް ރޯންޖެހޭވަރު ކަމެއް ހެއްޔެވެ؟ އިންސާނެއްވިއްޔާ ބަލިވެސްވާނެ ނޫން ހެއްޔެވެ؟ އަހަރެން މަންމަ އާ ދިމާލަށް ބަލާލަމުން ބޮޑުބެ އާ ދިމާލަށް ބަލާލީމެވެ.
“..ބައްޕަ އެމަޖެންސީގަ މާލެގެންދިޔަ ވާހަކަ ބުނީމަ އެ ރޮނީ..” ބޮޑުބެ ބުންޏެވެ. އަހަރެންގެ ވަށައިގެން ދުނިޔެ އެނބުރިގަތް ކަހަލައެވެ. މުޅިމީހާ ތުރުތުރު އަޅާގަތްވަރުން ކޮއްޅަށް ހުންނަންވެސް އުނދަގޫވިއެވެ. އިސާހިތަކު ލޮލުތެރެއަށް ކަރުނަ ޖަމާވާންފެށިއެވެ. ނޫނެކެވެ. ހަޤީޤަތުގައި އެވާހަކަ ބުނެގެން އަހަރެންނަށް މިބުނި ކަހަލަ އެއްވެސް ގޮތެއް ނުވެއެވެ. ހުރި ފިޔަވަޅު މަތީ ހުއްޓި ހުރެވުނީވެސް ދެރަވެގެންނެއްވެސް ނޫނެވެ.
“..ބައްޕަ ބަނޑުގެ ރިއްސުން ބޮޑުވަރުވީ.. ހިރިނުލެވޭ ވަރުވީ..” ބޮޑުބޭބެ އިތުރަށް ބުނެލިއެވެ. “..ޑިއުޓީއަށް ނުނުކުންނަތާ 02 ދުވަސްވެގެން ބެލިއިރު ބައްޕަ އޮތީ ހިރިނުލެވޭ ވަރުވެފަ.. ދެން އަވަހަށް ކުޅުދުއްފުއްޓަށް ގެންދިޔުމުން ބުނީ އަވަހަށް މާލެ ގެންދިޔުމަށް.. މިހާރުވީ އެމަޖެންސީގަ މާލެ ގެންގޮސްފަ..”
މިފަހަކަށް އައިސް ބައްޕަ ބަނޑެއްގައި ރިއްސާތީ އުޅޭކަން އަހަރެންނަށް އިނގެއެވެ. ދޭތެރެޔަކުން ހިރިނުލެވިފައިވެސް އޮވެދާނެއެވެ. އެކަމަށް ފަރުވާ ހޯދުމަށް މަންމަ އެދޭއިރުވެސް ބައްޕަ އެކަމަށް ފަރުވާކުރާކަށް ބޭނުމެއް ނުވެއެވެ. އަހަރެން ކޮއްކޮ ގަޔާ ދުރުކޮށްލަމުން ކޮޓަރިއާ ދިމާލަށް ހިނގައިގަތީމެވެ. އެކަމަކީ އަހަރެން އެހާ ހާސްވާވަރުކަމަކަށް ނުވިއެވެ. ހާސްވެ ކަންބޮޑު ވާންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އަހަރެން ހިތުގައި ކުޑަކޮށް ނަމަވެސް ބައްޕަގެ މައްޗަކަށް ލޯތްބެއް ނެތެވެ.
“..ވިޚާންގެ ބައްޕައޭ އެއީ..” އަހަރެންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ މަންމަގެ އަޑުންނެވެ. އަޅާނުލާ ހިނގައި ގަތުމުން މަންމަގެ ހިތަށް ކެތްނުވީ ކަންނޭގެއެވެ. އަހަރެން އެނބުރި ފަހަތަށް ބަލާލީމެވެ.
“..މަގޭ ބައްޕައެއް ނުހުންނާނެ.. ބައްޕަ ކިޔަން ހެޔޮވާ ވަރުގެ މީހެއް ނޫން އެއީކީ.. އޭނަގެ ސަބަބުން މިއަދު މަށަށް މިހާލުގަ ތެޅެންމިޖެހެނީ.. މަ ފުރާވަރަށް އަރާގެން އައިއިރުވެސް ގޭ ހަތަރުފާރު ތެރޭ އޮންނަންޖެހުނީ އޭނަޔާ ހެދި.. މަންމައަށްވެސް ހަމަ ރަނގަޅަށް އެނގޭނެ ހުރިހާއެއްޗެއްވެސް..” އެޖަވާބު އޮތީ އަހަރެންގެ ހިތުތެރޭގައެވެ. އަހަރެންނަކީ މަންމަގެ ކުރިމަތީ އަޑުލާ މީހެއްނޫނެވެ. ހިތްހަމަ ނުޖެހުނަސް ދެކޮޅަށް އެއްވެސް އެއްޗެއް ދުވަހަކުވެސް ނުބުނަމެވެ. އެހެނަސް އަހަރެން ބައްޕަދެކެ ރުޅި އަންނަކަން މަންމައަށް އެނގޭނެއެވެ. ދުލުން އެއްވެސް ވާހަކައެއް ނުބުނި ނަމަވެސް އަމަލުތަކުން އެކަން ދޭހަވާނެއެވެ.
“..އަޅުގަނޑުވެސް ދެރަވޭ..” އަހަރެން ދުލުން ބޭރުވި ޖަވާބަކީ އެއީއެވެ.
“..ވިޚާންވެސް ދެރަވާނެކަން އިނގޭ..” ވާހަކަ ދައްކަންފެށީ ބޮޑުބޭބެއެވެ. “..ހިތްވަރުކުރަންވާނެ.. އިރާދަކުރެއްވިއްޔާ ދެރަގޮތެއްނުވާނެ.. ބޮޑުބެ މި ވިސްނަނީ މަންމަގެ އެހީ ބައްޕައަށް މިދަނޑިވަޅު ބޭނުންވާނެތީ ބައްޕަ ކައިރިއަށް މަންމަ ފޮނުވާލަން.. ދަރިފުޅުމެން ދެކުދިން ބޮޑުބެ މެން ގެޔަށް ބަދަލުވާނީ..”
***********
އަހަރެން އުޅުނީ ފޮށްޓައް އެއްޗެހި އެޅުމުގެ މަސައްކަތުގައި ކޮޓަރީގައެވެ. މަންމައަށް އާދެވޭނެ ދުވަހެއް ބުނަން ނޭގޭކަމަށް ބޮޑުބެ ބުނެފައިވާތީ އަހަރެން ބޭނުންވީ ހުރިހާ އަންނައުނެއްވެސް ގެންދާށެވެ. އަލަމާރީގައި ހުރި ހުރިހާ އެއްޗެއް ފޮއްޓަށް އެޅުމަށްފަހު ކަރުދާހު ފޮށިގަނޑަކަށް ބޭނުންވާ ފޮތްތައް އަޅަންފެށީމެވެ. އަހަރެން އިނީ އަލަމާރި ކައިރީ އިށީދެއެވެ. ތިރީބައިގައި ހުރިފޮތްތަކުން މުހިއްމު ފޮތްތައް އަޅަމުންދަނިކޮށް އަލަމާރި އެއްކަނުގައި ހުރި ކުޑަކުޑަ ފޮއްޓަކަށް ނަޒަރު ސީދާވިއެވެ. އެއީ ރީމް ދިން ގިފްޓްތައްކަން އެނގުމުން އެ ނެގުމަށް ހިތް ގޮވަންފެށިއެވެ. ނަމަވެސް ސިކުނޑިން ރީމް އާ ގުޅުންހުރި އެކައްޗަކާވެސް ކައިރިނުވުމަށް ބުނަމުންދިޔައެވެ.
އަހަރެންގެ ހިތުގެ މައްޗަށް ބާރު ފޯރުވައި ކުރަމުން ދިޔަ މަސައްކަތް ކުރިޔަށް ގެންދެވޭތޯ ބެލީމެވެ. އެހެނަސް ހަމަ އިރުއިރުކޮޅާ އެ ފޮއްޓާ ދިމާލަށް ބަލާލެވެނީއެވެ. ނުބަލަން އުޅުނަސް ވައްކަޅިން ފެންނަންވެސް ފެނެއެވެ. ކުރަމުން ދިޔަ މަސައްކަތުގެ ސަމާލުކަންވެސް ގެއްލި އެ ފޮށި ހުރިހާ ސަމާލުކަމެއް ދަމައިގަތެވެ. އެހިސާބުން އަހަރެން ރުޅި ގަދަވާންފެށިއެވެ. އައި ރުޅީގައި ފޮށިނަގާ ދޮރުބުޑަށް ހޫރާލެވުނެވެ. އަހަރެން ރީމްގެ އެއްވެސް ހަނދާނެއް ކުރާކަށް ބޭނުމެއް ނޫނެވެ. އޭނާ އަކީ ބޭވަފާތެރިއެކެވެ. އޭނާ އަހަރެން ހަޔާތައް އައިސްފައިވަނީ އަހަރެންގެ ޖިސްމުދެކެ ލޯބިވެގެންނެވެ. އޭނާގެ ބޭނުމަކީ އެހެން ފިރިހެނުން ފަރާތުން ހޯދަމުން ދިޔަ އުފާތައް އަހަރެންގެ ކިބައިންވެސް ހޯދުމެވެ. އެކަން ނުވުމުން އޭނާ ބަދަލްވީއެވެ. އެވަރު މީހެއްމަތިން އަހަރެން ހަނދާންކުރަންވީ ކީއްވެގެން ހެއްޔެވެ؟
“..ހޭ މޭން ކޮންތާކަށް ނައްޓާލަން ތިއުޅެނީ..” ކޮޓަރި ދޮރު ހުޅުވާލި އަޑާއެކު ޝާންޓޭގެ އަޑު އިވިގެން ދިޔައެވެ. އަހަރެން ބަލާލީމެވެ. ޝާންޓޭ ދޮރު ބުޑުގައި އޮތް ފޮށި ނެގިއެވެ. އަދި ބޭރުވެފައި ހުރި ގިފްޓްތައް އަޅާލަމުން މޭޒުމަތީ ބެހެއްޓިއެވެ. އަހަރެން އެއްވެސް ޖަވާބެއް ނުދީ ބަލަހައްޓައިގެން އިނީއެވެ.
“..ހާދަ މޫޑީވެފަ ތީނީ.. ގިފްޓްތައް ފެނިގެން ނައްޓާފަ ދޯ..” ޝާންޓޭ އެނދުގައި އިށީނެވެ. “..ރަށަށް ދަނީތަ.. ވީކެންޑްގަ؟..”
“..ނޫން..” އަހަރެން ދިނީ ކުރު ޖަވާބެކެވެ.
“..ތިގޮތް ގަނޑު ބަދަލެއްނުވާނެދޯ.. ރީމްގެ އަސްލުސިފަވެސް ފެނިއްޖެއްނުން.. ދެން އެކަމާ ކަޑަވުމުގެ ބޭނުމެއްނެތް.. އެކަމާ ރުޅި އަޔަސް ދެރަވިޔަސް އެކަންވެނިމިފަ އެއޮތީ..” ޝާންޓޭ ބުނެލިއެވެ.
“..ނޭގެ މަށަށް މިވާގޮތެއް.. ހަމަ ދޭތެރެއަކުން އޭނައާ ގުޅުން ހުރި ކޮންމެސް އެއްޗެއް ފެންނާނެ.. ނޫނީ ހަނދާންތަކެއް ވާނެ..” އަހަރެން ތެދުވެގެން ގޮސް ފާހާނާއަށްވަނީމެވެ.
“..ކޮންތާކަށޭ ދާން ތިއުޅެނީ..” އަހަރެން މޫނު ދޮވެލައި ހަދައިގެން ނުކުތުމާއެކު ޝާންޓޭ އެހިއެވެ. އޭނާ އިނީ އެނދުގެ ބިއްދަށަށް އަރާ ފާރުގައި ލެނގިލައިގެންނެވެ. އަހަރެން ކޮންމެސް ވަރަކަށް ހަމަޔަކަށް އެޅިފައި ހުރުމުން ހުރިހާ ވާހަކަތަކެއް ކިޔައި ދިނީމެވެ.
“..ދެން ދިމާވެސް ނުވާނެދޯ މިހާރު މިވާވަރަށް..” ޝާންޓޭ ބުނިހެން ދެން އެހާވަރަށް ބައްދަލު ނުވެވިދާނެއެވެ. ބޮޑުބޭބެ އުޅޭގެ ހުންނަނީ ރަށުގެ އެންމެ އުތުރުގައެވެ. މިހާރު އަހަރެމެންނަށް ގިނަގިނައިން ބައްދަލުވެވި އެކީގައި މި އުޅެވެނީ ގެ ކައިރިވެފައި އެއް އަވަށެއްގައި އުޅޭތީއެވެ.
“..ދެން މިގެޔަކު ނޫޅެވޭނުން މަންމަ ނެތިއްޔާމުން…”
“..ޚާން އަހަރުމެން ގެޔަށް ބަދަލްވާންވީނުން މަންމަ އަންނަންދެން..” އަހަރެންގެ ވާހަކަ މެދުކަނޑާލަމުން ޝާންޓޭ ބުނެލިއެވެ. “.. އަހަރުން މަންމަ އޯކޭ ވާނެ.. ޚާން މަންމަ ކައިރީ އަހަންވީނުން.. އަނެއްކާ އެގްޒާމްވެސް ފެށެނީ ކިޔެވުމަށްވެސް ފަސޭހަވާނެ އެއްގެޔެއްގަ އުޅުނީމަ.. ޚާން ފޫހިވެފަ އެކަނިވެފަ ހުންނާކަށްވެސް ނުޖެހޭނެ..” އަހަރެންނަށް ޝާންޓޭގެ ހިޔާލުކަމުދިޔައެވެ. އެހެންކަމުން މަންމަ ކައިރީ އެގޮތަށް އެދުމަށް ނިންމީމެވެ.
*************
“..މަންމާ.. އަދިވެސް ނުނިމޭތަ.. ކޮންއިރަކުން ފުރަނީ..” އަހަރެން މަންމަގެ ކޮޓަރިއަށް ވަންއިރު މަންމަ އުޅެނީ ދަތުރު ހެދުމާގެންނެވެ. މަންމަގެ ލޮލުން އޭރުވެސް ކަރުނަ ނުހިކެއެވެ. މަންމަ ބައްޕަދެކެވަނީ ހާދަ ވަރުގަދަ ލޯތްބެކޭ އަހަރެން ހިތަށްއެރިއެވެ. އެފަދަ މާތް މަތިވެރި ލޯތްބެއް ބައްޕައަށް ހައްގެއްވެސް ނުވާނެއެވެ. އޭރު ގަޑިން 3 ޖަހާބޮޑު ވެއްޖެއެވެ.
“..މިނިމުނީ.. ބޮޑުބެ ބުނެފަ އޮތީ ތައްޔާރުވެގެން ހުންނާށޭ ހަވީރަށޭ ފުރުން ހަމަޖެހޭނީ..” ފޮށީގެ ޒިބު އަޅުވާލަމުން މަންމަ ބުނެލިއެވެ.
“..ދަރިފުޅާ އާދެބަލަ މިކޮޅަށް..” ފޮށި ނަގާ ކޮޅަށް ޖަހަމުން މަންމަ އެނދުގައި އިށީނެވެ. އަހަރެން ގޮސް މަންމަގެ ކައިރީ އިށީނީމެވެ.
“..ދަރިފުޅާ މަންމައަށް އިނގޭ ދަރިފުޅު އަދިވެސް ބައްޕަޔާ އެހާ ގަޔާނުވާކަން..” މަންމަ އަހަރެން ބުރަކަށީގައި ފިރުމާލިއެވެ. “..އެހެނަސް ބައްޕައަށް ހެޔޮ ދުޢާކޮށްދޭތި.. މިއަދު ބައްޕަ އެވަނީ ވަރަށް ބޮޑަށް ބަލިވެފަ.. ބަނޑުގެ އޮޕަރޭޝަނެއްކުރުމަށް މިހާރު އެއުޅެނީ.. ވެނިމިފައިވާ ކަންތައް ތި ހިތުން ފޮހެލައި ތިހިތުގައި ރުޅިވެރިކަމެއް އޮތަސް އެކަން ބަދަލުކޮށް ހެޔޮ ދުޢާ ކުރަންވީ ވަގުތުމީ..”
މަންމަ ބުންޏަސް އެއީ އަހަރެންނަށް ނުވާނެކަމެކެވެ. އަހަރެން މީ ވެނިމިފަ ހުންނަ ކަންތައް އެހާ ފަސޭހައިން ހަނދާންނައްތާލާނެ މީހެއް ނޫނެވެ. އަދި ހާއްސަކޮށް މީހެއްގެ ފުށުން ދެރައެއް ލިބިފައިވާނަމަ އެކަމެއް އުމުރު ދުވަހަށް އަހަރެން ހަނދާނުގައި ބަހައްޓާނަމެވެ. އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލި އެމީހާއަށް އަހަރެންގެ ހިތެއް ދުވަހަކުވެސް ހެވެއް ނުވާނެއެވެ. އެމީހާއަކީ އަހަރެންގެ ދިރިއުޅުމުގައި އަލިފާން ޖަހާފައިވާ މީހެކެވެ. އަދިވެސް އަހަރެން މިދަނީ އެއަލިފާން ގަނޑުގެ ހޫނުން ފިހެވެމުންނެވެ. އޭނާ އެއިން ކަމަކަށް މާފަށް ނޭދުނުތާގައި، އަހަރެންނަށް ލޯތްބެއް މިވީ 3 އަހަރު ތެރޭވެސް ދީފައި ނުވާއިރު ހެޔޮ ދުޢާކުރަންވީ ކީއްކުރަން ހެއްޔެވެ؟ އަހަރެން ހެޔޮ ދުޢާއެއް ނުކުރާނަމެވެ. އުމުރަށްވެސް ނަފްރަތު ކުރާނަމެވެ. އޭނާ އެއީ ދުވަހެއްގެ ކޮޅުންވެސް އަހަރެންގެ މާފް ނުލިބޭނެ މީހުންގެ ލިސްޓަށް އަރާފައިވާ މީހެކެވެ. ދެން އެލިސްޓްގައި އޮތީ ރީމްއެވެ.
“..ބައްޕަދެކެ ރުޅިއެއް ނާދެޔޭ..” އަހަރެން ބުނީ އެހެންނެވެ. މަންމަ ހިނިތުންވެލިއެވެ.
“..މަންމާ.. ބޮޑުބެ ގެޔަށް ނުގޮސް ޝާނިފްމެން ގެޔަށް ބަދަލްވިޔަސް އެންމެ ރަނގަޅުތަ؟..” އަހަރެން މަންމަގެ މޫނަށް ބަލަން އިނދެފައި ބުނީމެވެ. “..ޓެސްޓް ދުވަސްކޮޅު އެގޭގަ އުޅުނީމަ އަޅުގަނޑަށްވެސް ފަސޭހަވާނެ.. ޝާނިފް މަންމަވެސް ބުނެފި މަންމަ އަންނަންދެން އެގެޔަށް އައުމަށް..”
“..ދަރިފުޅު ނިންމާ ނިންމުމަކާ މަންމަ ދެކޮޅު ހަދާކަށް ނެތިން..” މަންމަ އެކަމާ އެއްވެސް ދެކޮޅު ހެދުމެއްނެތި ވަގުތުން އެއްބަސްވިއެވެ. މަންމަ އެހާ ފަސޭހައިން އެއްބަސް އެވީ ޝާންޓޭ މަންމައަކީ މަންމަގެ ގާތް އެކުވެރިޔަކަށްވާތީކަން އަހަރެންނަށް އެނގެއެވެ.
އަހަރެން މަންމަގެ ރުހުމާއެކު ޝާންޓޭމެން ގެޔަށް ބަދަލްވާން ނިންމީމެވެ. އޭރު މި ނިންމެނީ ރަނގަޅު ނިންމުމެއް ނޫންކަން ކުޑަކޮށްވެސް ހީވެފައެއްނެތެވެ. އަހަރެން ވެއްޓިފައިވާ ވަޅުގަނޑުން އަރުވަން މަސައްކަތްކުރި މީހަކު އެހެން ވަޅުގަނޑެއް ކޮނެ އެވަޅަށް ކޮށްޕާލަން މަސައްކަތްކުރާނެ ކަމަކަށް ވިސްނުމަށްވެސް އައިސްފައެއް ނުވެއެވެ. މިއަދު އަހަރެން އަމިއްލަ އިޚްތިޔާރުގައި ނިންމާފައިވާ ނިންމުންތަކުތެރޭން ނިންމުމެއް ބަދަލުކޮށްލެވޭނެނަމަ އެނިންމުން ބަދަލްކޮށްލީމުހެވެ.
މަންމަގެ ފުރުން ހަމަޖެހުނީ 04 ޖަހާއިރަށެވެ. މަންމަ ފުރުމުގެ ކުރިން އަހަރެންނަށް ވަރަށް ނަސޭހަތްދިނެވެ. ޝާކިރާއްތަގެ ބަސްއަހައިގެން ރަނގަޅަށް ކިޔަވައި ރަނގަޅު ނަތީޖާ އެއް ހޯދައިދިނުމަށް އެދުނެވެ. އަހަރެން މަންމައަށް ވަޢުދުވީމެވެ. މަންމަގެ މި ދަރިފުޅު މަންމަ ފަޚްރުވެރިވާފަދަ ރަނގަޅު ނަތީއެއް ހޯދުމަށް މަސައްކަތްކުރާނަމެވެ. އަދި އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބުވެސް ކުރާނަމެވެ.
އަހަރެން މަންމަ ފުރުވާލުމަށްފަހު ގެޔަށް އައިސް ފޮށިތައް ހިފައިގެން ޝާންޓޭމެން ގެޔަށް ބަދަލްވީމެވެ. ކޮއްކޮ ދިޔައީ ބޮޑުބޭމެން ގެޔަށެވެ. އަހަރެންނަށް ޝާންޓޭގެ އަނދިރި ފަރާތް ހާމަވާންފެށީ އެހިސާބުންނެވެ. ޝާންޓޭ ގެޔަށް ބަދަލްވި ފުރަތަމަ ދުވަހުން ފެށިގެން އޭނާގެ ހަޤީޤީ ސިފަ އަހަރެންގެ ލޯ ކުރިމައްޗަށް މަޑުމަޑުން ދިޔައީ ސިފަވަމުންދިޔައެވެ. އޭނާ އަހަރެންނާ މެދު ދެކެމުންދާ ނަޒަރު ރަނގަޅު ނޫންކަން ދިޔައީ ހާމަ ވަމުންނެވެ.
އަހަރެންނަށް ނިދަންޖެހުނީ ޝާންޓޭއާ އެއް ކޮޓަރިއެއްގައެވެ. އެއް އެނދެއްމަތީގައެވެ. އަހަރެން ފުރަތަމަ ބޭނުންވީ ބެޑް ޝީޓެއް އަޅައިގެން ތިރީގައި އޮންނާށެވެ. ނަމަވެސް ޝާންޓޭ އެގޮތަކާ އެއްބަހެއް ނުވިއެވެ. އެއީ އޭނާގެ މަޤްޞަދު ޙާސިލްކުރަން އެޅި ފުރަތަމަ ފިޔަވަޅެވެ. ނަމަވެސް އަހަރެންގެ ގަމާރު ސިކުނޑިއަށް އެވަރެއް ނުވިސްނުނެވެ. އަހަރެންނަށްވެސް ތަށިމުށި ގަނޑު މަތީ ނިދަން ފަސޭހަ ނުވުމާއެކު އެކަމާ އެއްބަސްވީއެވެ.
“..މަމީ ނިދީގަ ފޮރޮޅޭ މީހެއް އިނގޭ..” ޝާންޓޭ ނިދަން އޮށޯންނަމުން ބުނެލިއެވެ. އެއީ ޝާންޓޭ އެޅި ދެވަނަ ފިޔަވަޅެވެ. އަހަރެންވެސް ނިދީގަ ފޮރޮޅެމޭ ބުނަމުން ނިދަން ޖައްސާލީމެވެ.
އަހަރެންނަށް ސިހިގެން ދިޔައީ މީހަކު އަހަރެން ގައިގާ އޮޅުލާގަތްހެން ހީވެގެންނެވެ. ދެލޯ ހުޅުވާ ރަނގަޅަށް ބަލާލީމެވެ. އޭރު ޝާންޓޭ އޮތީ އަހަރެންގެ ކޮނޑުމަތީ ބޯ އަޅާލައިގެންނެވެ. އޭނާގެ އެއް އަތް އަހަރެންގެ މޭމަތީ ބާއްވާލާފައިވާއިރު ފައިވެސް އޮތީ އަހަރެންގެ ގައިމަތީގައެވެ. އަހަރެން އެކަން މާ ބޮޑު ކަމަކަށް ނުހަދައި އޭނާގެ އަތާއި ފައި ދުރުކޮށްލަމުން ޝާންޓޭއާ ދުރަށް ޖެހިލީ އޭނާގެ މޫނަށް ބަލާލަމުންނެވެ. އޭނާ އޮތީ ގަދަނިދީގައެވެ. ހަމަ ރަނގަޅަށްވެސް ނިދީގައި ފުރޮޅޭ މީހެކޭ އަހަރެންގެ ހިތަށް އެރިއެވެ.
އަހަރެން އެކަމާ ބެހޭ ގޮތުން ޝާންޓޭއަކާ އެއްވެސް ސުވާލެއް ނުކުރަމެވެ. ނިދީގައި ފޮރޮޅޭ މީހަކަށް އެކަހަލަ ކަމެއްވެސް ނޭގި ކުރެވިދާނޭ އަހަރެންގެ ހިތް ބުނީތީވެ އެކަން މާ ބޮޑުކަމަކަށް ހަދަން ބޭނުންނުވީއެވެ.
ދުވަސްތައް ފާއިތުވެގެން ދިޔަވަރަކަށް ޝާންޓޭ ނިދީގައި އަހަރެން ގައިގާ އޮޅުލާގަންނަގަތުން އާންމު ކަމަކަށްވާންފެށިއެވެ. ކޮންމެ ރެޔަކު އޭނަގެ އާދައަކަށް އެކަން ވާންފެށިއެވެ. އަހަރެންނަށް ބައެއް ރޭރޭ ދެތިން ހަތަރު ފަހަރު ހޭލެވެން ފެށިއެވެ. އެހިސާބުން އަހަރެން ހިތުގައި ޝާންޓޭއާމެދު ޝައްކު އުފެދެންފެށިއެވެ. އޭނާ އެކަމެއް އެކުރަނީ ނިދީގަ ބާއޭ ހިތަށް އަރަން ފެށިއެވެ. ބައެއް ފަހަރު އޭނާގެ އަމަލުތައް ހުންނަގޮތުން ހޭލާ އޮންނަހެން ހީވާންފެށިއެވެ. އޭނާ އަހަރެން ގައިގާ ބީހެން އުޅޭކަމުގެ ވަހުމްތައް ހިތަށް ވަންނަންފެށިއެވެ. އޭނާގެ ނިޔަތް ރަނގަޅުނޫންކަމަށް ހިތް ބުނަންފެށިއެވެ. އެވަރުންވެސް އެކަމާ ބެހޭގޮތުން އެއްވެސް ސުވާލެއް އަހަރެން ނުކުރަމެވެ.
އަހަރެންނަށް ކުރެވެނީ ޝައްކެކެވެ. ހީއެކެވެ. ޝާންޓޭ އެކަންކުރަނީ ގަސްތުގައޭ ބުނެވޭ ވަރަކަށް ޔަޤީނެއްނުވެއެވެ. އެހެންކަމުން ކޮންމެ ރެޔަކު ދުރުކޮށްލާފައި އެކަން ނުވާކަމަކަށް ހަދާލައިގެން އަހަރެން ހުންނަނީއެވެ. އަހަރެން އެގޮތަށް ކަންތައް ކުރަންފެށުމުން އޭނާއަށް އިތުރު ހިތްވަރެއް ލިބުންކަހަލައެވެ. ދެން އައީ އެދުވަހެވެ. ޝައްކު ޔަޤީނަށް ބަދަލްވި ދުވަހެވެ.
**************
“..ޝާނިފް.. ޝާނިފް..” އަހަރެންނަށް މީހަކު ދޮރުގައި ޓަކިދޭ އަޑުއިވެމުން ދިޔައެވެ. “..06 ޖަހާފިޔޭ ތެދުވަން އުޅޭ.. ހޭލެވިއްޖެތަ..” އަހަރެން ލޯ ނުހުޅުވައި އޮވެ މޯޅިއަކަށް ދެމިލީމެވެ. އަދި ދެލޯ ގަދަކަމުން ހުޅުވާލުމާއެކު ދިޔައީ ސިހިގެންނެވެ. ދެލޯ ތަންމިނަށް ހުޅުވި ވަގުތުން ނިދި ފިލާ ހިނގައްޖެއެވެ. ލިބުނު ސިހުމާ ހައިރާންކަމާއެކު ކުއްލިއަކަށް އެނދުގެ އެއްފަރާތަކަށް ޖެހިލެވުނީ ގައިމަތީގައި އޮތް ޝާންޓޭ ދުރަށް ކޮށްޕާލަމުންނެވެ. އަހަރެންގެ ހިތުގެ ތެޅުންވެސް އަވަސްވަމުން ދިޔައެވެ. ހިތްނެގި ނެގިފައި ޖެހެމުން ދިޔައެވެ.
އަހަރެން ހާސްވެފަހުރިލެއް ބޮޑުކަމުންނާއި، އެނދުގެ އެއްކައިރިއަށް މާބޮޑަށް ޖެހެވުމުގެ ސަބަބުން ޓައިލްސްގަނޑު މައްޗަށް އިދިފުށަށް ވެއްޓުނެވެ. އެހިނދު އަހަރެންނަށް ލިބިފައިވާ ހައިރާންކަން ދެގުނައަށް ބޮޑުވެގެންދިޔައެވެ. އަހަރެންގެ ހަށިގަނޑަށް ބަލަން އިނދެވުނީ ޤަބޫލްކުރަން އުނދަގޫވި ވަރުންނެވެ. މިފެންނަނީ ހުވަފެނެއް ހެއްޔެވެ؟ މިހެން ވާންވީ ކީއްވެގެން ހެއްޔެވެ؟
“..މަންމާ ހޭލެވިއްޖޭ..” ޝާންޓޭގެ ބުނި އަޑުއިވުނެވެ. އަހަރެން ޝާންޓޭއާ ދިމާލަށް ބަލާލީމެވެ. ޝާންޓޭ އިނީ ފާޑަކަށް ހެވިފައެވެ. އޭރުވެސް އަހަރެންގެ ހައިރާންކަން ފިލައި ނުދެއެވެ.
“..ދޮރު ހުޅުވަބަލަ..” ޝާންޓޭ މަންމަ ބުނި އަޑު އިވުނެވެ. އަހަރެން އަވަސް އަވަހަށް އެނދު ކައިރިއަށް ވެއްޓިފަ އޮތް ސޯޓް ހިފައިގެން ބާރު ހިނގުމުގައި ގޮސް ފާހާނާއަށް ވަނީމެވެ. (ނުނިމޭ)
2 Comments
Comments are closed.
މިވާހަކައިގެ ކުރިޔަށް ހުރި ބައިތައް ގެނެސްދެވޭނީ އަލްޙާ ޢީދު ބަންދަށްފަހު…
ok nishan…