ވީމޭ އިންތިޒާރުގައި 1 ވަނަ ބައި
ހެނދުނު އުޑުމަތި އޮތީ ވަރަށްރީތި ކޮންނެވެ. ނަމަވެސް މިހާރު ބަނަކޮށްލާފައި ބޯކޮށް ވާރޭވެހެމުން ދެއެވެ. އޭރު ގަޑިން ދޭއްޖަހަނީއެވެ. ސްރީލަންކާގެ “ބީ.ޖީ.އެސް. އިންޓަރނޭޝަނަލް ޕަބްލިކް ސްކޫލް” ތެރެ ވަރަށް އަޑުގަދައެވެ. ވިއްސާރަ ކަމުން ގެއަށް ނުދެވިގެން ކުދިންތައް ދުވަނީއެވެ. ކޮންމެ ކުއްޖަކުވެސް ބޭނުން ވަނީ ވީހާވެސް އަވަހަށް ގެއަށް ދާށެވެ. ބަހުގަ ގެއަށްދާކުދިން މިހާރު ގޮސް ނިމިއްޖެއެވެ. އަމިއްލަ ދުއްވާ އެއްޗިހީގައި ގެއަށްދާކުދިން ތިބީ ބަލައިނައިސްގެންނެވެ. ފޯނުބޫތު ކައިރީ ކުދިންތައް އޮތީ ތޮއްޖެހިފައެވެ. އެތާވަނީ ދަމާލެވިފައިވާ ދިގު ކިއުއެއް ހަދާފައެވެ.
ނޫރާ ވެސް ހުރީ ފޯނު ބޫތު ކައިރީ އޮތް ދިގު ކިއު ގައި ކެތްތެރިކަމާއި އެކު ހުއްޓިލައި ގެންނެވެ. ނޫރާގެ އަޅި ކުލައިގެ ޔުނީފޯރމް ވަނީ ކޮންމެސް ވަރަކަށް ތެމިފަ އެވެ. ފޯނު ބޫތު ކައިރީ ކުދިން ގިނަކަމުން ހިޔާކޮއްފައިވާ ސަރަހައްދުން ބޭރުގައިވެސް ކުދިން ތިއްބެވެ. ނޫރާ އަޅުވައިގެން ހުރި ދަބަހުގެ ބޮޑުބައެއް މިހާރު ވަނީ ތެމިފައެވެ. ނޫރާ އަރައިގެން ހުރި ހުދު އިސްޓާކީން ވެސް ވަނީ ކިލާ ވެފައެވެ. އަދި އޭނާގެ ކަޅު ބޫޓުވެސް ވަނީ އެއްކޮން ތެމިފަ އެވެ. ނޫރާ ވެސް ބޭނުން ވެފައި ހުރީ ވީހާވެސް އަވަހަށް މަންމަ އަށް ގުޅާށެވެ. ބަލައި ނައިސްގެން ނެވެ.
މިހާރު ނޫރާގެ ކުރިން ހުރި ކުއްޖާ ނިމުނީމަ ދެން ޖެހޭނީ ނޫރާ އަށެވެ. ނޫރާ އަކީ ދިވެހިރާއްޖެ އަށް އުފަން މާލޭ ކުއްޖެކެވެ. ނޫރާގެ މަންމަ އާއި ބައްޕަގެ ހުރި ހަމައެކަނި ދަރިޔަކީ ނޫރާ އެވެ. ލަންކާއަށް ނޫރާގެ މަންމަ ސައީދާ ނޫރާގޮވައިގެން އައީ ނޫރާއަށް ކިޔަވަދޭށެވެ. އޭރު ނޫރާގެ އުމުރުން ވާނީ އެންމެ އަށް އަހަރެވެ. ނޫރާގެ އުމުރުން މިވީހާ ގިނަ ދުވަސްތައް ހޭދަކޮށްފައި ވަނީ ލަންކާގަ އެވެ. މިހާރު ނޫރާއަކީ ގްރޭޑް އެގާރައިގައި ތައުލީމް ހާސިލް ކުރަމުން އަންނަ މޮޅު ކުއްޖެކެވެ. އެގްރޭޑުގައި ނޫރާ އަކީ އެންމެ ހަގު ކުއްޖާވެސް މެއެވެ. މިހާރު އެހެންކުދިނަށް ސޯޅައަހަރުފުރިއްޖެއެވެ. ނޫރާއަށް އަދި ފަނަރަ އަހަރެވެ.
ނޫރާގެ ބައްޕަ އަކީ ފާރޫޤް އެވެ. ފާރޫޤް އަކީ އަމިއްލަ ވިޔަފާރި އެއް ކުރާ އާދައިގެ ދިރި އުޅުމެއް އުޅޭ މީހެކެވެ. އަދި ސައީދާގެ ހަރުދަނާ ކަމާއެކު ތަރުބިއްޔަތު ކޮށްފައިވާ ނޫރާ އަކީ ބަސް މަދު ކިޔަމަންތެރި ދީންވެރި ކުއްޖެކެވެ. މީހުނާ ޒުވާބުކޮށް މީހުނަށް އުނދަގޫ ކުރުމަކީ ނޫރާ އެންމެ ފޫހިވާ ކަންތަކެވެ. ނޫރާ އަކީ ކިޔެވުމުގައި މުޅި ސްކޫލުން ވެސް ހޮވާލެވޭ ކުއްޖެކެވެ. ނޫރާކުރާ ކޮންމެ ކަމެއްވެސްކާމިޔާބު ވެއެވެ. ހިތްވަރާ އިތުބާރާއެކު މަސައްކަތް ކޮށްނިއްމާލަނީ ފޫހިކަމެއް ނެތިއެވެ.
ނޫރާގެ ކުރިން ހުރި ކުއްޖާ ދިއުމުން ނޫރާ ގޮސް އަތްގަނޑު ނަގާ ލޯ ލާރި އެއް ލާރިލާތަނަށް ލުމަށް ފަހު ނޫރާ އުޅޭގެއަށް ގުޅާލިއެވެ.
“އައްސަލާމްއަލައިކުމް!” ސައީދާ ފޯނަށް ޖަވާބުދިނެވެ.
“މަންމާ! ކޮބައިތަ ރަތުނަމް އަންކަލް؟ މިހާރު ހާދަ ލަސްވެއްޖޭ. ނޫރާ އެއްކޮން ތެމިފަ މިހިރީ.” ނޫރާގެ މަންމަ ސައީދާ ކައިރީ ނޫރާ އަވަސް އަވަހަށް ޝަކުވާތައް ކުރަން ފެށިއެވެ.
“ރަތުނަމް އަންކަލް މިދަނީޔޭ ކިޔާފަ ގެއިން ނިކުތީ. ވިއްސާރަކަމުން އަދި ނުފޯރައިގެން އެއުޅެނީ ތިހިސާބަށް. ” ސައީދާ ބުންޏެވެ. “ވާރޭތެރެއަށް ނުނިކުމެ ސްކޫލް ތެރޭ ހުރޭ! ނުތެމޭތި! ރޯގާޖެހިދާނެ”
“އާނ އެތެރޭ މިހިރީ، އަންކަލް އައިމަ ދާނަން އިނގޭ.” ނޫރާ ފޯނު ބޭއްވިއެވެ. ކޮނޑުގަ އަޅުވާފަ އޮތް ދަބަހުގެ އެއްފަޅި ވެސް ވަނީ ތެމިފައެވެ. ނޫރާ ދަބަސް ނަގާ އަނެއް ކޮނޑަށް ބަދަލު ކޮއްލަމުން ކިއުގަ ދެން ހުރިކުއްޖާއަށް ޖާގަދެމުން އެތަނުން ދުރަށް ދިޔައެވެ. ނޫރާ ގޮސް ސްކޫލްގެ ލޮބީ ތެރޭ ހުރި ގޮނޑި ތަކުން ގޮނޑި އެއްގައި އިނެވެ. އޭނާ އިނީ ސްކޫލްގެ ގޭޓް ކުރިމައްޗަށް މަޑުކުރާ ދުއްވާ އެއްޗިހި ފެންނަ ގޮތަށެވެ.
މިހާރު ކުދިން ވަރަށް މަދު ވެއްޖެ އެވެ. ލޮބީ ތެރޭވެސް އިނީ އެންމެ އަންހެން ކުއްޖެކެވެ. ނޫރާ ގަޑި ބަލައިލި އެވެ. ހަތަރެއް ޖަހަނީއެވެ. އަދިވެސް ރަތުނަމް އަންކަލް ނޫރާ ބަލައެއް ނާދެއެވެ. ނޫރާ ދަބަހުން ވާހަކަ ފޮތެއް ނަގައި ކިޔަން ފެށިއެވެ. އެއީ އޭނަ މިއަދު ލައިބްރަރީ އިން ނެގި ފޮތެކެވެ. ފޮތަށް ގެއްލިފައި ނޫރާއަށް އިރުކޮޅަކު އިނދެވުނެވެ. މިހާރު އެންމެ ކުއްޖަކުވެސް ފެންނާކަށް ނެތެވެ. މުޅިތަން ވަނީ ހަމަހިމޭން ވެފައެވެ. ވާރޭ ވެހޭއަޑު ފިޔަވައި އިތުރު އަޑެއްވެސް ނުއިވެއެވެ. ނޫރާ އިނީ ކުޑަކޮން ޖެހިލުން ވެފައެވެ.
“ނޯ! ނޯ! ޕްލީޒް! ޑޯންޓް ޑޫ ދެޓް!” ބާރަށް ކުއްޖަކު ހަޅޭއްލަވާ އަޑު ނޫރާ އަށް އިވުނެވެ. “ނޯ! ހެލްޕް! ނޯ! ނޯ!” އެއީ އަންހެން ކުއްޖެކެވެ. ނޫރާ ގޮނޑިން ތެދުވިއެވެ. ނޫރާ އިން ގޮނޑީގައި ނޫރާގެ ދަބަސް ބޭންދިއެވެ. އަދި އަޑު އަންނަނީ ސްކޫލްގެ ކޮރިޑޯ އާ ދިމާލުން ހެން ހީވާތީ އެދިމާއަށް ނޫރާ ހިގަން ފެށިއެވެ. ނޫރާ ވަށައިގެން ބަލައިލި އެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަދިވެސް އެ ކުއްޖެއް ބާރަށް ރޯއަޑު އިވެއެވެ. ނޫރާ ކުރިއަށް ދާ ވަރަކަށް އެއަޑު ގަދަވަމުން ދެއެވެ.
“ހެލްޕް! އޯ ޕލީޒް! ޕްލީޒް ލެޓްމީގޯ.” ކޮންމެސް ކުއްޖެއް ހިފަހައްޓައިގެން އުޅެނީ ކަން ނޫރާއަށް އިނގުނެވެ. ކޮރިޑޯގެ އެންމެ ފުރަތަމަ އަށް ހުރި ކްލާސް ދޮރުމައްޗަށް ނޫރާއަށް އެރުނު އިރު ނޫރާ އަށް އެ ފެނުނު މަންޒަރުން ނޫރާ އަށް ބަލަން ހުރެވުނީ އެވެ. އެއީ ނޫރާ ބިރު ގަތް މަންޒަރެކެވެ. ހަދާނެ ގޮތެއް ނޭގިފައި ބަލަހައްޓައިގެން ނޫރާ އަށް ހުރެވުނީއެވެ. އެހެން ހުރެފަ ފަހަތަށް ފަހަތަށް ނޫރާ އަށް ޖެހެވުނެވެ. އަދި ބާރަށް ދުއްވައި ގަނެވިއްޖެއެވެ. ނޫރާ ދުވަމުން ގޮސް ލޮބީގެ ގޮނޑީގައި އޮތް ނޫރާގެ ދަބަސް ނަގާ ކޮނޑުގައި އެޅުވުމަށްފަހު ގޭޓްއާ ދިމާއަށް ބަލައިލި އިރު ރަތުނަމް އަންކަލް އޮޓޯގަ ނޫރާ ބަލައި އައިސް އޮތެވެ. ނޫރާ އަވަހަށްދުވެފަ އައިސް އޮޓޯއަށް އެރިއެވެ. ނޫރާގެ ދެފައި ތުރުތުރު އަޅަނީ އެވެ. މުޅި މީހާ އިނީ ފިނިވެފައެވެ. ފެނުނު ކަންތަށް ނުފެންނަ ކަމަށް ހަދާނީ ޔޭ ނޫރާ ހިތަށް އެރިއެވެ.
ނޫރާ އަށް ގެއަށް ދެވުމާއެއްކޮން ދުވެފަ ގޮސް ވަނީ ނޫރާގެ ކޮޓަރި އަށެވެ. މިއޮށް ފިނިއިރުވެސް މުޅިމީހާ ހުރީ ދާހިތްލާފަ އެވެ. ނޫރާދަބަސް ބަހައްޓާފަ އެއްޗިހި ބާލަން ފެށިއެވެ. ލޯމަތީ އެމަންޒަރު ސިފަވަމުން ދެއެވެ. ނޫރާ ތުވާލިހިފައިގެން ފާހަނާއަށް ވަދެ ފެންވަރާލިއެވެ. އަދިވެސް އެމަންޒަރު ލޯމަތީ އެނބުރެނީ އެވެ. ތުވާލި ގައިގަ އޮޅާލައިގެން ފާހާނާއިން ނޫރާ ނިކުތެވެ. އަލަމާރިން އަތްދިގު ޓީ-ޝާރޓް އަކާއި ހަރުވާޅެއް ނަގާ ލައިފިއެވެ. ނޫރާ އަވަހަށް ވުޟޫ ކޮއްލައިގެން ނަމާދު ކޮއްލިއެވެ. މިހާރު ކުޑަ ހަމަޖެހުމެއް ލިބުނަސް އަދިވެސް އެކަންތައް ހިތުތެރޭ އެނބުރެމުން ދެއެވެ.
ދަބަހުގައި ހުރި ފޮތްތަށް ނަގާ މޭޒުމަތީ އަތުރާލި އެވެ. އަދި ދަބަސް ހިއްކަން ވެގެން ކައިރީގައި ހުރި ގޮނޑީގައި އަޅުވާލިއެވެ. އެއަށްފަހު އެދަށް އަރާ އޮށޯތެވެ. އެނދުގައި އޮވެގެން ނިދާލަން މަސައްކަތް ކޮށް ކޮށް ވެސް ނިދޭގޮތެއް ނުވިއެވެ. މީހަކަށް އެވާހަކަ ކިޔައިދޭންވީ ބާއޭ ނޫރާ ހިތަށް އެރިއެވެ. ނަމަވެސް އެހާހިތްވަރެއް ނޫރާގެ ނެތެވެ. އަމުދުން ނޫރާގެ މަންމައަށް ކިޔައިދޭކަށް ބޭނުމެއްވެސް ނުވެއެވެ. މަންމަގެ އަނގަ ގަދަކަމުންނެވެ.
“ނޫރާ! ދަރިފުޅާ! އާދޭ އަވަހަށް ކާން. ” ސައީދާ ނޫރާގެ ކޮޓަރި ދޮރުގައި ޓަކި ޖަހައިލަމުން ގޮވާލިއެވެ.
“އާނ ! މި އަންނަނީ” ނޫރާ އެނދުން ތެދުވަމުން ބުންޏެވެ. ނޫރާގެ ދިގު އިސްތަށި ގަނޑުގައި ހުޅިއެއް ޖަހަމުން ގަޑި ބަލައިލި އެވެ. މިހާރު ހަތްގަޑި ބައި ވަނީއެވެ. ވަރަށް ގިނައިރު ކޮޓަރިތެރޭގައި ހޭދަ ވެއްޖެއެވެ. މަންމަ ސުވާލު ކުރާނެކަން ނޫރާއަށް ކަށަވަރެވެ. އަވަހަށް ތެދުވެ ނަމާދުކޮށްލައިގެން ކާގެއަށް ގޮސް ވަނެވެ.
ސައީދާ އިނީ ކާމޭޒު ކައިރީ ނޫރާގެ އިންތިޒާރުގައެވެ. ނޫރާ ފެނުމުން އަވަހަށް ތައްޓަށް ބަތް އަޅަން ފެށިއެވެ. އޭރުވެސް ބޭރުން ވާރޭ ވެހެމުން ދާ އަޑު އިވެއެވެ. ނޫރާއައިސް އިށީނދެ އަނގައިންވެސް ނުބުނެ ކާން ފެށިއެވެ. ސައީދާ އިނީ ނޫރާގެ ކޮންމެ ހަރަކާތަކަށް ބަލާ ށެވެ.
“ބަލަ ހުސް ބަތްތަ މިއަދު ކަނީ؟ ދަރިފުޅު ބަލީތަ؟ މިއަދު ކޮޓަރިން ވެސް ނުނިކުމޭ ވިއްޔަ” ސައީދާ ގެ ސުވާލުތަކުން ނޫރާގެ ހިތަށް ނުތަނަވަސް ކަން ވެރިވިއެވެ. އެ ސުވާލު ތަކަށް ޖަވާބުދޭކަށް ނޫރާ ބޭނުމެއް ނުވިއެވެ.
“ދަރިފުޅު ބަލީ ދޯ ،” ނޫރާ އަނގައިން ނުބުނެ އިނުމުން ސައީދާއަށް މަޑަކުން ނީދެވުނެވެ. ތެދުވެގެން ގޮސް ނޫރާގެ ބޮލުގައި އަތްލިއެވެ. މޫނަށް ބަލައިލި އެވެ. ކަރުގައި އަތްލިއެވެ. “ދަރިފުޅާ ، ކަމެއްވެފަތަ ތި އިންނަނީ؟ ” ސައީދާހާސްވެފަ އަހާލިއެވެ.
“ކުޑަކޮން ބޮލުގަ ރިއްސަނީ .. އިތުރު ކަމެއް ނުވޭ.” ނޫރާ އަވަހަށް ސައީދާ ހިތްހަމަ ޖައްސަދޭން ބުންޏެވެ.
ނޫރާ ނުބުންޏަސް ނޫރާއަށް ކަމެއް ވެއްޖެކަން ސައީދާއަށް ހަމަ ރަގަޅަށް ވެސް އެގެއެވެ. ނޫރާގެ އުޅުމާ ވާހަކަ ދެއްކުމަށް ބަލާފަ ސައީދާއަށް އެކަން ފާހަގަ ވިއެވެ. އެހެނަސް އިތުރަށް ސައީދާ އެއްޗެއް ނުބުނެ އެވެ. ކިތަންމެވަރަށް އެހިއަސް ވެގެން އުޅޭގޮތެއް ނޫރާއެއް ނުބުނާނެއެވެ. އެކަން ސައީދާއަށް އެގެއެވެ.
ނޫރާ ކޮޓަރިއަށް ވަދެ އިޝާނަމާދު ކޮއްލައިގެން ފިލާވަޅު ހަދަން އުޅެ އުޅެ ފިލާވަޅެއްވެސް ނުހެދުނެވެ. އެންމެފަހުން ނިދޭތޯ އެނދަށް އަރާ އޮތީ އެވެ. އެތައް ދަމެއް ވީ އިރުވެސް ނުނިދިގެން އުޅުނު ނޫރާއަށް ނިދުނީ ކޮން އިރަކު ކަމެއްވެސް ނޭގެއެވެ. ހޭލެވުނީ ސައީދާ ގޮވާއަޑަށެވެ.
މިއަދު އެއްގޮތަކަށް ވެސް ސްކޫލަށް ދާކަށްނޫރާ ބޭނުމެއް ނުވެއެވެ. ނޫރާ ބޭނުން ވަނީ އެނދުގައި އޮންނާށެވެ. ނުނިދުނަސް އެނދުން ނުތެދުވާށެވެ. އެހެނަސް އެއީ ދުވަހަކުވެސް ނޫރާ ކުރިކަމެއް ނޫނެވެ. އަދި މީގެކުރިން ހިތަށް އެރިވެސް ކަމެއްނުމެނޫން މެއެވެ.
“ނޫރާ! ދަރިފުޅާ! ” ސައީދާގެ އަޑުން ކަންބޮޑުވެފައި ވާކަން ފާހަގަ ކުރެ ވެއެވެ. “ދަރިފުޅާ، މަންމަ އަށް ކިޔާދިނީމަ އެނގޭނީ ތި ވެގެން އުޅޭ ގޮތެއް؟ ކޮންމެސް ކަމަކާ ވިސްނަނީތަ؟” ސައީދާ ނޫރާގެ ކޮޓަރިއަށް ވަންނަމުން ބުންޏެވެ. ސައީދާ ހުރީ ކަންބޮޑުވެފައެވެ.
“ނޫން ، ނުވޭ ކަމެއް ، މިދަނީ ސައިބޯން. ” ސައީދާ އިތުރު އެއްޗެއް ބުނުމުގެ ކުރިން ނޫރާ އެނދުން ތެދުވި އެވެ. އަދި އަވަހަށް ފާހާނާ އަށް ވަނެވެ.
ޖެހިގެންއައި ދުވަހަކީ އުޑުމަތި ވަރަށް ސާފުދުވަހެކެވެ. އެހެންނަމަވެސް ކުރީދުވަހު ވެހުނު ވާރޭގެ ސަބަބުން މަގުމަތީ ފެން ނުހިނދި ހުއްޓެވެ. މިހާރު ވަރަށް ލަސްވެއްޖެ އެވެ. ގަޑިވެސް ޖެހިދާނެ ކަމަށް ހިތުލައިގެން ނޫރާ އޮޓޯގައި އިނެވެ. ނޫރާ އަށް ސްކޫލަށް ދެވުނުއިރު ސްކޫލް ތެރެ ވަރަށް އަޑުގަދައެވެ. ކުދިންތައް އެއް އަޑަކުން ވާހަކަ ދައްކަމުން ގެންދެއެވެ. ލޮބީ ތެރޭ ވެސް ގުރޫޕް ގުރޫޕަށް ކުދިން ތިއްބެވެ. އަދި ކޮރިޑޯގައި ވެސް ގްރޫޕް ތަކަށް ބޮނޑި ވެގެން ކުދިން އުޅެއެވެ. ކްލާހުގައި ވެސް އެއްވެސް ކުއްޖެއް ނެތެވެ. ނޫރާގެ ހިތަށް ބިރުވެރި ކަމެއް ވަނީ ވަދެފައެވެ. ސްކޫލް ތެރޭ ވެގެން އުޅޭގޮތް ނޫރާ އަށް ނޭނގޭ ހާލު ހިތް ބިރު ގަންނަނީއެވެ.
“ނޫރާ! ނޫރާ! އޭތް ނޫރާ!” ކުއްޖަކު ދެތިން ފަހަރަކު ނޫރާއަށް ގޮވައިލިއެވެ. ނޫރާ ބަލައިލި އިރު އެއީ ނޫރާއާ އެކު އެއް ކްލާހެއްގައި ކިޔަވަން އުޅޭ ނަދާ އެވެ. ނަދާ އަކީ ރާއްޖޭ ކުއްޖެކެވެ. އެއީ ސްކޫލްގައި ނޫރާއާއި އެންމެ އެއްކޮންއުޅޭ އެންމެގާތް ކުއްޖާއެވެ.
“ނޫރާ! އެއްކަލަ ޝައިލާ އަށް އެބައުޅޭ ކުދިން ތަކެއް ލަޑެއް ދީގެން.” ނަދާ އެހެން ބުނުމުން ނޫރާ ތެޅިގަތެވެ.
“ކިހިނެއް ނަދާއަށް އެގުނީ؟” ނޫރާ ހާސްވެފައި އަހާލި އެވެ.
“ދެންމެ ޕޮލިސް އަޔޭ. ބައިވަރު ފިރިހެން ކުދިން ގެންގޮއްސި.” ނަދާ ކިޔައިދިނެވެ.
ނޫރާ އިތުރަށް އަޑުއަހާކަށް ބޭނުމެއް ނުވިއެވެ. އެއީ ކޮން ކުދިންނެއްކަން ނޫރާއަށް ހަމަ ރަގަޅަށް އިގެއެވެ. އެހެން ހޭ ކިޔާފަ އަވަހަށް މަޢުލޫ ބަދަލުކޮށްލަން ނޫރާ އުޅުނެވެ. ނަމަވެސް ނަދާ ހަމަ ވާހަކަ ދައްކަނީއެވެ.
“ޝައިލާ އަށް އެހެން ވިއަސް ނަދާ ދެރައެއްނުވެ. އެގޮތައް އުޅެންޏާ އކަހަލަ ލަނޑެއް ލިބޭނީ. ދޯ ނޫރާ! ކިހާވަރަކަށްތަ ނޫރާއާ ޖައްސާލައިގެން އެ އުޅެނީ. އަދި އެހާ ފޮނިކަމެއްވެސް ހުންނަ އަންހެނެއް އެއީ.” ނަދާ ޝައިލާގެ ވާހަކަ ދައްކަމުން ދާވަރަކަށް ނޫރާއަށް އުނދަގޫވަމުން ދިޔައެވެ.
“އެކަމު ކިހާދެރަވާނެ.” ނޫރާއަށް ބުނެވުނެވެ. ކިތަންމެބޮޑު ދުޝްމިނަކަސް ޝައިލާވިއަސް ޝައިލާއަށް އެގޮތަށް ކަންތައްވާކަށް އެއްގޮތަކަށްވެސް ނޫރާ ނޭދެއެވެ.
“ނޫރާ ތިހާ ހިތްހެޔޮ ވާނެކަމެއް ނެތް އިނގޭ. ނޫރާއަށް ޝައިލާ ކުރާވަރު ނަދާއަށް އެގެޔޭ. ނަދާ ދެކެމޭ. ނަދާ މީ ނޫރާ ނަމަ ހަމަ ނިމުނީ.” މަތީ ދަތްޕިލައިން ތިރީތުންފަތުގައި ދަތްއަޅަމުން ނަދާގެ އެއް އަތް އަނެއް އަތުން ފިއްތާލަމުން ބުންޏެވެ.
އާއެކެވެ. ޝައިލާއަކީ ނޫރާއަށް ވަރަށް ޖެއްސުންކުރާ ކުއްޖެކެވެ. އެއީކީއްވެކަމެއް ނޫރާއަށް އެއްގޮތަކަށްވެސް ނޭގެއެވެ. ޝައިލާ އުޅޭނީ އަބަދުވެސް ނޫރާއާ ކޮންމެސް ހަސަދައެއް ލައިގެންނެވެ. ޝައިލާއަށް ވުރެ ނޫރާ މޮޅުވީމަ ކަމަށް ވެސް ވެދާނެއެވެ. އެކަމަކުވެސް ޝައިލާއަށް އެދިމާވި ގޮތަކީ އެއްވެސް ހާލެއްގައި ނޫރާ ބޭނުން ވާގޮތެއްނޫނެވެ. އެއްވެސް އަންހެން ކުއްޖެއްގެ އިއްފަތް ތެރިކަން އެގޮތަށް ގެއްލުމަކީ ނޫރާ އެއްގޮތަކަށްވެސް ގަބޫލު ކަމެއް ނޫނެވެ. ނޫރައަށް ޝައިލާގެ އަޑު އަދިވެސް އިވޭކަހަލަ އެވެ. ނޫރާއަށް ޝައިލާ ސަލާމަތް ކުރެވުނީސް ހެއްޔެވެ. ނޫނެކެވެ. ނޫރާއަށް ފެނުނުއިރު އެކަން ވެ ނިމިއްޖެއެވެ.
“އޭތް! ބަލަގަ!” ނަދާ ނޫރާގެ މޫނާ ދިމާ އަށް ފުއްޓަތްކެއް ޖަހާލިއެވެ. “ކޮން ހިޔާލެއްގަ؟” ނޫރާ ސިހުމުން ނަދާ ބުންޏެވެ.
ނޫރާ ބޯ ހޫރާލިއެވެ. އަދި އަތުގައިއޮތް ފޮތް މޭގައި ޖައްސާލައިގެން ނަދާއާ އެއްކޮން ހިގައި ގަތެވެ. މިއަދު ހާއްސަ އެސެމްބްލީއެއް ބާއްވާ ވާހަކަ ސްކޫލް ގެ ސްޕީކަރުން ގޮވަމުން ދެއެވެ. ނަދާ އާއި ނޫރާ އަށް ނޯޓިސް ބޯޑާއި ހަމައަށް އާދެވުނު އިރު އެތާ ކުދިންތަށް ވަނީ ތޮއްޖެހިފަ އެވެ.
“ހޭ ދިލްރުކްޝީ! ވަޓްސް ގޮއިން އޮން ހިއަރ؟” އެތާހުރި ލަންކާ ކުއްޖެއް ކައިރީ ނަދާ އަހައިލިއެވެ.
“ދެއަރ އާރ ދަ ފޮޓޯސް އެންޑް ނޭމްސް އޮފް ދަ ރޭޕަރސް.” ދިލްރުކްޝީ ނޫރާމެން ނަށް ޖާގަ ދައްކަމުން ބުންޏެވެ. ނޫރާ އެއްވެސް ގޮތަކަށް އެތަން ބަލާކަށް ބޭނުމެއް ނޫނެވެ. އެހެނަސް ނަދާ އާ ހެދި މަޖުބޫރުވެގެން އެތާ ހުންނަން ޖެހިއްޖެއެވެ.
ފަލަ ސުރުހީ އަކަށް ނޯޓިސް ބޯޑުގައި ” ފޯރ ބޯއިސް އޮފް ސެވަންޓީން އިޔަރސް، ރޭޕްޑް އަ ސިކްސްޓީން އިއަރ އޯލްޑް ގާރލް” ލިޔެފައި އޮތެވެ. އަދި އޭގެ ތިރީގައި ޑޭވިޑް މަލާއިން ، ލީ އާޔަން އިސްމާޙް ، ޖަގަން ޕީ . އޭ. ލަވިންދްރާ ، ނާއިލް ރަޝީދު މި ހަތަރު ކުދިން ގެ ނަމާއި އެކުދިންގެ ފޮޓޯ އަރުވާފައި ހުއްޓެވެ.
3 Comments!
Comments are closed.
adi kiriaa esfiyain dhigu vahakaeh genesdhiny …….thanks
Vvvv reethi
v reethi .bt nihmun ehaa reecheh noon