މައި ނޭމް އިޒް ޚާން (ތިންވަނަބައި)
“..މަ މީ ފިރިހެން ކުޅިޔެކޭ..” އަހަރެންނަށް ކެތްނުވެގެން ހަޅޭލަވާގަތީމެވެ. “..އެހެންނުން ކަލޭބުނީ މަށާ ދިމާލަށް.. މަ މީ ގޭ އެކޭ.. އެހެންވެޔޭ އަންހެނަކާ ކައިރި ނުވެވެނީ.. އެރޭވެސް ކަންތައްވީ ގޮތް މަ ކިޔާ ދިނީމަ ކަލޭ މަށާ ދިމާލަށް ބުނީ އެހެނެއްނޫންތަ؟ ފިރިހެންކުޅިއެއް ކައިރީ ކީއްކުރަންތަ ތިއަހަނީ…”
ޝާންޓޭ އެބުނާ ރެޔަކު ކަންތައްވެގެން ދިޔަ ގޮތް ކިޔާ ދިނުމުން ޝާންޓޭ އަހަރެންނަށް ކޮށްފައިވަނީ މަލާމާތެވެ. ގޭ އެކޭ ފިނޑިއެކޭ ވަނީ ދިމާކޮށްފައެވެ. އެދުވަހު އެގޮތަށް އޭނާ ދިމާކުރުމުން އަހަރެން ވަރަށް ކަޑަވިއެވެ. ދެރަވިއެވެ. ނަމަވެސް އެއްޗެއް ނުބުނެ ހުރީއެވެ. އަހަރެންގެ މިޒާޖު ހުންނަގޮތުން އެހެން ބުނެފަ ހުންނަ ބަސްތައް ނޫނީ ކޮށްފަ ހުންނަ ކަޑަކަންތައް ރުޅި އައިސް ހިތްހަމަ ނުޖެހިއްޖެނަމަ ގޮވާލެވޭނެއެވެ.
“..ޚާން އެއީ މަޖަލަކަށް..” ޝާންޓޭ ވާހަކަ ދެއްކޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް އަހަރެން އޭނާއަކަށް އެފުރުޞަތެއްނުދެމެވެ.
“.. ކަލެޔަށް ހުރިހާ ކަމެއް އެނގިހުރެ ނޭގޭ ކަމަށް ތި ހަދަނީ ކީއްވެ؟.. ކަލެޔަށް މަގޭ ހުރިހާކަމެއް އެނގޭނެ.. މަގެ ހަޔާތަކު ނުވޭ ކަލެޔަށް ނުކިޔާދެވޭ ވާހަކައެއް..”. އަހަރެންނަށް ހުރެވުނީ އަށިން ތެދުވެ ކޮށްޅަށެވެ. ދެއަތް މުއްކަވާ ބާރުކޮށްލާގެން ހުރެ ވާހަކަ ދައްކަމުން ދިޔައީ ޝާންޓޭ އާ ދިމާލަށް ބަލަހައްޓާގެން ހުރެއެވެ. ޝާންޓޭ އަހަރެންނަށް ޝައްކު ކުރުމުންނާއި، އަހަރެން މީ ބައްޕަ މަތިން ހަނދާންކުރަން ބޭނުން ނުވާ މީހެއްކަން ޝާންޓޭ އެނގިހުރެ ބައްޕަގެ ވާހަކަ ދެއްކުމުން އަހަރެން ހުރީ ރުޅި ގަދަވެފައެވެ. އެތެރެހަށީގައި ހުޅުރޯވެފައިވާކަހަލައެވެ. ހޫނުއަރާ ދާހިއްލަމުން ދިޔައެވެ. “..އެކަމްވެސް ކަލޭވެސް ޒާނާ ގޮތަށް މަށަށް ޝައްކު ތިކުރަނީ… މަށެއް ނުކުރަން އެކަހަލަ ކަމެއް.. އަޑުއިވިއްޖެތަ؟.. މަ ނުދެކެން ރީމްގެ އައުރަވެސް.. ރީމްދެކެ ލޯބިން މަ އުޅުނީ.. އޭނަ ޔޫސް ކުރާ ހިތަކުން ނޫން.. ކަލެޔަށް އެރޭ ވީ ހުރިހާ ކަމެއް އެނގޭއިރުވެސް ކުރިންހޭ ކުރިންހޭ ކުރިންހޭ ތިއަހަނީ.. ކަލޭމެން ހީކުރަނީ ކަލޭމެން އުޅޭ ވައްތަރަށް ކަމަށްތަ އެހެންމީހުންވެސް އުޅޭނީ..”
“..ޚާން ރުޅި މަޑުކޮށްބަލަ..” ޝާންޓޭ އަހަރެން ކޮނޑުމަތީ އަތްބާއްވާލިއެވެ. އެޔާއެކު އަހަރެން އޭނަގެ އަތްފޮޅުވާލީމެވެ.
“.. ދެން ތި ދައްކަނީ ބައްޕަ ވާހަކަ.. އެ ވާފިރު އެއީ ބައްޕަ ކިޔުން ހެޔޮވާވަރުގެ މީހެއްނޫންކަން ކަލެޔަށް ހަމަ ރަނގަޅަށް އެނގޭނެ.. މަ ހަނދާންކުރަން ބޭނުންނުވާ މީހެއްކަން އިނގޭނެ.. މަ އެވަރު ރުޅިއަރާ ނަފްރަތު ކުރާ މީހަކު މި ދުނިޔެއަކުވެސް ނުހުންނާނެ.. މަށަށް ކަންކަން ކުރަންކެރޭނަމަ އެހައިވާނު މިހާރު އޮންނާނީ ފަސްގަނޑު ދަށުލާފަ.. އެ މީހެއްގެ ސަބަބުން މަގޭ މުޅި ދިރިއުޅުން ހަލާކުވެގެން މި ދަނީ.. ކަލެޔަށް އިނގޭތަ..” އަހަރެން ބާރަށް ހަޅޭލަވާ ގަތީމެވެ. އޭރު އަހަރެން ލޮލަށް ދިޔައީ ކަރުނަ ޖަމާވަމުންނެވެ.
“..މަ ބިރުގަނޭ ރީމް އާ ކައިރިވާންވެސް..” އަހަރެން ކުއްލިއަކަށް ޝާންޓޭ ދެކޮނޑު ހިފާ ގަޔާ ދިމާލަށް ދަމާގަތީމެވެ. ދެމޫނާ ދެމޫނު ޖެހޭވަރަށް ކައިރިކޮށްލީމެވެ. އަދި ހަމަ އެސިކުންތުގައި އޭނަ ދުރުކޮށްލީމެވެ. “..މިހާވަރަށް ކައިރިވެލިޔަސް ހާސްވެގެން ގޮސް ތުރުތުރު އަޅާ.. މަ މީ ފިރިހެނެކޭ އެކަމް.. ހިއްސުތައްވެސް އެކަހަލަ ގަޑީގަ ނިދާފަ އޮންނަކަހަލަ.. މަށާ ރީމް ކައިރިވިޔަސް މަގޭ މާޒީ މަށަށް ސިފަވަނީ.. 4 އަހަރުވަންދެން އެ ވޭނުގަ ތެޅުނު ހަނދާންވަނީ.. އޭނާ މަގަޔަށް އަރަން އުޅުން ހަނދާންވަނީ..” އަހަރެންގެ ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އެއްވެސް އިޚްތިޔާރަކާނުލާ ބަންޑުންވެގެން ދިޔައެވެ. ކަރުނަތައް ހިފަހައްޓަން އުޅެއުޅެވެސް ނުހިފެހެއްޓުނީއެވެ. ގައިންވަރުދޫވެ އަޑުވެސް ތުރުތުރު އަޅަންފެށިއެވެ.
“..ކިތަންމެވަރަށް އެހަނދާންކުރަން ނޫޅުނަސް.. ހަނދާންކުރަން ބޭނުންނުވިޔަސް.. އެހަނދާންތައް އަދިވެސް އަހަންނަށް އުނދަގޫކުރޭ..” އަހަރެން ކަރުނަތައް ފޮހެލަމުން ވެލިގަނޑުމަތީ ދެކަކޫ ޖައްސާލީމެވެ. “..ހަމަ ރަނގަޅަށްވެސް އަހަރެން މީ ގޭ އެއް.. އަހަންނާ ފިރިހެނަކާ ދެމެދު ގުޅުންތަކެއްވަނީ ހިނގާފަ.. އެ ހަޤީޤަތް ބަދަލެއްނުވާނެ.. ކިތަންމެ ބަދަލްކުރަން ބޭނުންވިޔަސް..”
“..ޚާން އައި އޭމް ރިއަލީ ސޮރީ..” ޝާންޓޭ އަހަރެން ދެ ކޮނޑުގަ ހިފާ ކޮޅަށް ނެގިއެވެ. “..މަށަށް އަންޑަސްޓޭންޑް ވެޔޭ.. މަގޭ ބޭނުންވީ ޚާން ވާހަކަ ދައްކުވަން..”
“..އަހަރެން ގޭ ވީމަ އަންހެނަކު ކައިރީވާ އިރަށް އޮއްދާ ހިއްލަނީ.. ހިއްސުތައްނުހޭލަނީ.. އެކަމް އެހެންވަނީ ކައިރިވީމަ..” އަހަރެން ޝާންޓޭއާ ދިމާލަށް ބަލާލަމުން ބުނީމެވެ. “..އަހަރެންގެ ހިއްސުތައް ބަރާބަރުކަން އަހަންނަށް އިނގޭ.. މިހުރިހާ ވާހަކައެއް އަހަރެން ކަލެޔަށް ކިޔާދިނީމެއްނޫންތަ؟ އެވަރުންވެސް ޝައްކު ތިކުރަނީ..”
“..ޚާން އައި އޭމް ރިއަލީ ވެރީ ވެރީ ސޮރީ..” ޝާންޓޭ އަނެއްކާވެސް ބުންޏެވެ. “..އިހަށް ހަމަޖެހިބަލަ.. މިތާ އިށީނދެބަލަ..”
“..އައި ޖަސްޓް ވޯންޓް ގޯ ހޯމް..” އަހަރެން ގެޔަށް ދިޔުމަށް ހިނގައިގަތީމެވެ. އިތުރަށް އަހަރެން ދައްކާނޭ ވާހަކައެއް ނެތެވެ. ޝާންޓޭ އިތުރު އެއްޗެއް ނުބުނެ ހުރި ގޮތަށް ހުރީއެވެ. އެހާލަތުގެ ގޮތުން ރަނގަޅު ވާނީ އަހަރެން އެކަނި ދޫކޮށްލިއްޔާކަން އޭނާއަށް ވިސްނުނީ ކަންނޭގެއެވެ.
**********************
އަހަރެން ހިނގަމުން ދިޔައިރު ސިނކުޑީގައި ގުގުމަމުން ދިޔައީ ޒާނާ ގޮވިއެއްޗިއްސެވެ. އޭގެ ފަހުން ކަންތައްވެގެން ދިޔަ ގޮތެވެ. ރީމްގެ ބޭވަފާތެރިކަމެވެ. އަދި އެހެންމެ އެ ހިތި މާޒީއެވެ. އަހަރެންނަށް ހެޔޮއެދޭ އިތުބާރުކުރާ އެކަކުވެސް ނެތެވެ. އެންމެ އިތުބާރު ކުރާނެހެން ހީވާ މީހާވެސް ކުރީ ޝައްކެވެ. ބޭވަފާތެރި ނުވާނޭ ހީވާ މީހާވެސް ވީ ބޭވަފާތެރިއެވެ. ކުޑައިރުންސުރެ އަހަންނަށް ހެޔޮ އެދިގެން އުޅުނުއެކަކުވެސް ނެތެވެ. މިހުރިހާ ހިޔާލުތަކެއްގެ ސަބަބުން އަހަރެންގެ ސިކުނޑި ދިޔައީ ބަރުވަމުންނެވެ. ބޮލަށް ބަރުގެ ބޮލުގެ ރިހުން ދިޔައީ ގަދަވަމުންނެވެ. ގެޔާހަމައަށް ދެވުނީވެސް ވަރަށް މަސައްކަތުން ތަންތަނުގައި މަޑުކުރަމުންނެވެ.
އަހަރެން ގެޔަށް ވަދެގެން ދިޔަގޮތަށް ދިޔައީ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެ ލައިގެން ހުރި ޓީޝާޓާއި ޖީންސް ބޭލުމަށްފަހު އެނދުމައްޗަށް ހޫރާލަމުން ފާހާނާއަށް ވަނީމެވެ. ސިކުނޑިއަށް އަރާމެއް ލިބޭތޯ ބޮލަށް ފެން އަޅާލުމަށެވެ. އޭރުވެސް އަހަރެންގެ ރުޅިގަނޑެއް މައިތިރިއެއްނުވެއެވެ.
އަހަރެން ހުރީ ދެއަތުން ފާރުގައި ވިއްދައިގެން އިސްޖަހައިގެން ތިރި ބަލާށެވެ. ފެން މާގަނޑުން ފެންތަށް އޮހެމުން ދިޔައީ އަހަރެންގެ ބޮލަށާއި ކަނދުރާ މައްޗަށެވެ. އަނގުރު ގަނޑަކަށް ފެން ޖެހުމުން ގިނި މަޑުވެގެންދާ ފަދައިން ފެންތައް ގަޔަށް އޮހުނު ވަރަކަށް އަހަރެންގެ ރުޅިގަނޑުވެސް ދިޔައީ މައިތިރިވަމުންނެވެ. ބޮލުގެ ރިހުންވެސް ދިޔައީ ލުއި ވަމުންނެވެ.
އަހަރެން ހަމަޔަކަށް އެޅުމާއެކު ޝާންޓޭއާ ދިމާލަށް ގޮވުނު ހުރިހާ އެއްޗެއް ހަނދާންވަމުން ދިޔައެވެ. ލޯ ކުރިމައްޗަށް އެމަންޒަރުތައް ސިފަވަމުން ދިޔައެވެ. ޝާންޓޭ މަސައްކަތްކުރީ އަހަރެން ވާހަކަ ދައްކުވާގެން ހަމަޖައްސުވާށެވެ. އަހަރެންގެ ހިތާމަތަކުގައި ބައިވެރިވާށެވެ. އަހަރެންގެ މައްސަލަތަކަށް ހައްލެއް ހޯދަދޭށެވެ. ބައްޕަގެ ވާހަކަ ދެއްކީވެސް އަހަރެން އަނގައިން ބަހެއް ބޭރުކުރޭތޯއެވެ. ޝާންޓޭ މަގާމުގައި އެހެންމީހަކު ހުރިކަމުގައި ވިޔަސް އަހަރެންނަށް ޝައްކު ކުރީހެވެ. ވިސްނާނީ އެގޮތަށެވެ. އަހަރެން މީ ރީމްގެ ލޯބިވެރިޔާއެވެ. ރޭގަނޑުގަޑީގައި ތަންތަނުން އެކަހެރިކޮށް ބައްދަލުކޮށް އުޅުނީމެވެ. އެހުރިހާ ކަމެއް ޝާންޓޭއަށް އިނގޭއިރު އޭނާ ޝައްކުކުރާނެ ނޫންހެއްޔެވެ؟ އަހަރެން އެއްފަހަރުވެސް އެކަހަލަ ކަމެއް ނުކުރަމޭ ބުނިނަމަ ޝާންޓޭ އެހުރިހާ ވާހަކައެއް ނުދެއްކީހެއްނޫން ހެއްޔެވެ؟ އޭރުން އަހަރެންނަށް ރުޅި އަންނާކަށްވެސް ނުޖެހުނީހެވެ. ހުރިހާކަމެއް ހަނދާންވެ ކަންތައްކުރެވުނީ ރަނގަޅަށް ނޫންކަން ވިސްނުމާއެކު އަހަރެންނަށް އަމިއްލަ ނަފްސު ކުއްވެރިކުރެވުނެވެ. މިކުރެވުނީ ކިހާ ބޮޑު މޮޔަކަމެއް ހެއްޔެވެ؟ އަހަރެންނަށް ދެއަތުން ބޮލުގަ ހިފަހައްޓާލަމުން ހުރިތަނަށް ތިރިވެވުނެވެ.
“..ދޮންބޭ.. ދޮންބޭ..” އަހަރެން ފާހާނައިން ނުކުތީ ވިމްލާ ދޮރުގަ ތަޅަންފެށީމައެވެ. ތުވާލިގަނޑު އޮޅާލަމުން ދޮރާ ދިމާލަށް ހިނގައިގަތީމެވެ.
“..މަންމަ ބުނީ ކާން އަންނާށޭ..” ދޮރު ހުޅުވުމާއެކު ވިމްލާ ބުންޏެވެ.
އަހަރެން ބޭނުންވީ އަރާމުކޮށްލާށެވެ. ނިދާލާށެވެ. އެހެންކަމުން ނުކާނަމޭ ބުނެ ދޮރު ލެއްޕީމެވެ. އެނދުގައި ޖައްސާލައި ބާލީހުގައި ބައްދާލަމުން ދެލޯ މަރާލީމެވެ. ހަމައެޔާއެކު ކުއްލިއަކަށް ދެލޯ ހުޅުވާލެވުނީ ރީމްގެ ހިނިތުންވެފައިވާ މޫނު ސިފަވުމުންނެވެ. ރީމްއާ އެކީ ހޭދަކުރި ދުވަސްތައް ހަނދާނަށް އަންނަންފެށިއެވެ. ފުރަތަމަ ފެނުނު ދުވަހެވެ. ރީމް އަހަރެންގެ ހިތްފަތަހަ ކުރިގޮތެވެ. ރީމްގެ ލޯބީގައި އަހަރެން އާވަރާވެގެން ދިޔަ ގޮތެވެ. ލޯބިން އެކީގައި ހޭދަކުރި ދުވަސްތަކެވެ. މިއަދު ހިނގާދިޔަ ކަންތައްތަކެވެ.
ހުރިހާ ހަނދާނެއް އަންނަން ފެށުމާއެކު ހިތުގައި ދިލަ ރިހުމެއް އުފެންދެން ފެށިއެވެ. އެހެންކަމުން އެނދުންތެދުވީ އެހަނދާންތަކާ ދުރަށްދިޔުމުގެ ބޭނުމުގައެވެ. ކޮޓަރިތެރޭ ދެކޮޅަށް ދެކޮޅަށް ހިނގަންފެށީމެވެ. އެވަގުތު އަހަރެންގެ ނަޒަރު ސީދާވީ އެދުގެ އެއްކޮޅުގައި އޮތް އަލްބަމަކަށެވެ. އެއީ އަހަރެންނާއި ރީމް ލިޔުމުން ދައްކާފައި ހުރި ވާހަކަތަކެވެ. ފޮނުވާފައިވާ ލޯބީގެ ސިޓީތަކާއި ލަވަތަކެވެ. އަހަރެންގެ ހިތް އެ ނެގުމަށް އެދުމުން ނަގައި ހުޅުވާލީމެވެ. އެޔާއެކު ފިލްމެއްގެ ސިފައިގައި އަހަރެންގެ މާޒީ ލޯކުރިމަތީ ސިފަވެގެންދިޔައެވެ.
އެއީ އަހަރެން ގްރޭޑް 9 ގައި އުޅުނު އަހަރެވެ. 2004 ވަނަ އަހަރެވެ. ރީމްވެސް އުޅުނީ 9 ގައެވެ. އޭރު ރީމް އުޅުނީ ޝާންޓޭމެންގޭގައެވެ. އަހަރެންނާއި ރީމްގެ ދެމެދުގައި ރަޙްމަތްތެރިކަން އުފެދުނީ އެގެޔަށް ގޮސްއުޅުމުގެ ތެރޭގައެވެ. ރަޙްމަތްތެރިކަން އުފެދުނެއްކަމަކު އަހަރުމެން ދެމީހުން މާގިނަ ވާހަކަތަކެއް ދައްކައެއް ނޫޅެމެވެ. އާންމުކޮށް ފެނުމުން ހިނިތުންވެލަނީއެވެ.
ރީމް އަކީ އަހަރެން ހާ ދޮން ކުއްޖަކަށް ނުވިޔަސް އޭނާ އަކީ ކަޅު ކުއްޖެއް ނޫނެވެ. އޭނަގެ ފަންފަން އިސްތަށި ގަނޑާއި ހިމަ ތުންފަތާއި ބޮޑު ދެލޯ އަހަރެންނަށް ވަރަށް ރީއްޗެވެ. ރީމް ހީލާއިރު އެ ފެންނަ ހުދު ބޯކިރުކޮޅެއް ފަދަ ކުދިކުދި ދަތްތައްވެސް އެހާމެ ހިތްގައިމެވެ. އޭނައަށް އަހަރެން ފެންނައިރަށް ހިނިތުންވެލާ އެހިނިތުންވުން ފެންނަ ކޮންމެ މީހަކުވެސް އާޝޯހުކުރުވާ ވަރުވާނެއެވެ. އަދި އޭނައަށް ލިބިފައިވާ ހިމަތޮޅި ހަށިގަނޑާއި އޭނަގެ އިސްކޮޅާ އެހާމެ ގުޅެއެވެ. އަހަރެންގެ ނަޒަރުގައި ރީމްއަކީ ރީތި ކުއްޖެކެވެ. ފެނުނު އެންމެ ރީތި ކުއްޖާވެސް މެއެވެ.
އެއް ރެއެއްގެ އިރާކޮޅު ވަގުތެވެ. އަހަރެންނާއި ޝާންޓޭ މަޣްރިބް ނަމާދުކޮށްލައިގެން މިސްކިތުން ފޭބި އެކުއެކީގައެވެ. އަދި އެކީކަހަލައިން މިސްކިތު ގޯތި ތެރެއިން ނުކުމެ ގެޔަށް ދިޔުމަށްޓަކައި ހިނގައިގަތީމެވެ.
“..އަހާ އަދި މިހުންނަނީ ހަނދާންނެތިފައޭ..” ޝާންޓޭ ކުއްލިއަކަށް އެއްޗެއް ހަނދާންވެގެން ކަހަލަ ގޮތަކަށް ހުއްޓި ޖީބަށް އަތްކޮށްޕާލަމުން ބުންޏެވެ. އަދި ޖީބުން ނަގާ ފަށްފަށް ކޮށްލާފައިވާ ގަނޑުކޮޅެއް ދިށްކޮށްލިއެވެ.
“..މި އަދުވެސް.. އޭނަ ވަރު ބައްޔެއްވެސް ނުވޭތަ..މަގޭ އަލްބަމް ތިފޮނުވާ ސިޓީތަކާ ލަވަތައް އަޅާ ފުރިއްޖެ..” އެއީ ރީމް އަހަރެންނަށް ފޮނުވި ގަނޑުކޮޅެކެވެ. އަހަރެންގެ ލޯތްބަށް އެދި ފޮނުވާފައިވާ އެއްޗެކެވެ. އަހަރެން ހިނިތުންވެލަމުން އޭގައި ހިފީމެވެ.
“..ޚާން ދެން އެމަންޖެއަށް އާ ބަސް ބުނެބަ.. މަށަށް ނުވިސްނުނު ޔޭސް ނުބުނަން ތިއުޅޭ އަސްލު ސަބަބެއް.. ކިހާ ދުވަހެއްތަ އެހެން އުޅޭތާ..ގައިމު މަހެއްވަރު ވެދާނެ މިގޮތަށް އޭނަ ލޯބިވާ ވާހަކަ އަންގަދޭތާވެސް.. ލޯބި ނުވާނަމަ އެވަރަކުން ނޫޅޭނެ ދޯ..” ރީމް ލޯބިވާކަމަށް އަހަރެންވެސް ޤަބޫލްކުރަމެވެ. އަހަރެން ހިނގައިގަންނަމުން ފަށްކޮށްލާފައިވާ ގަނޑުކޮޅު ނިއުޅުވާލީމެވެ.
އުދުހެމުންދާ ދޫނިތަކާ އަލި ވިދުވަރުތަކަށް އަންނަމުންދާ ކުދިކުދި ޕަރުވާނާތަކަށް ހަވާލުކޮށް ޖެހެމުންދާ ނަލަ ނަލަ ވައިރޯޅިތަކާއެކު ސަލާމް ފޮނުވަމެވެ. ޚާންއެވެ. އަހަރެންނަކީ ކަލާގެ ހައްޤުގައި ފިދާވަމުން އަންނަ އާޝިޤަކީމެވެ. ބޭނުންވަނީ ކަލާގެ ހިތުން ޖާގައެކެވެ. މިދެލޮލުން ފެންނަނީ ކަލާއަށްޓަކައި އުތުރިއަރަމުން އަންނަ ލޯތްބެވެ. ވަފާތެރިކަމެވެ. ކަރުނަތިކިތަކެއްގެ ގޮތުގައި ފެންނަނީ ކަލާގެ ސޫރައެވެ. މިއީ އަވާމެންދުރުގެ ބަހެއްނޫނެވެ. އަދި މާއިރާގެ ދޯދިތަކެއްވެސް ނުމެނޫންމެއެވެ. ވަކިވަރަކަށް އަރާ ހުންނަ ހަނދުގެ ހަނދުވަރެއްވެސް ނޫނެވެ. އަހަރެން ހިތުގައިވަނީ ކަލާއަށްޓަކައި ދާއިމަށް ބިންވަޅު ނެގިފައިވާ ލޯތްބެކެވެ. އޭ ލޯބިވާ ހިތުގެ ބައިވެރިޔާއެވެ. އަހަރެން ކަލާގެ މިލްކަކަށް ހަދާދޭށެވެ. އަހަރެން ކަލާގެ ކިބައިން ބޭނުންވަނީ އަބަދަށް ދާއިމަށް ދެމިގެންދާފަދަ ލޯތްބެކެވެ. އަޅަކު އޭނާ ކަލަކުދެކެވާފަދަ ލޯތްބެކެވެ. އަހަރެން ނެތްތަނެއްގައި އަހަރެންގެ ބީހުން އިޙްސާސް ކުރެވޭފަދަ ލޯތްބެކެވެ. ލޯބިވާ ޚާންއެވެ. އަހަރެންގެ ހުވަފެންތައް ހަޤީޤަތަކަށް ހަދައިދޭށެވެ. އަހަރެންގެ ލޯބި ޤަބޫލްކުރާށެވެ. ތި ދުލުން އެއްފަހަރު ނަމަވެސް ލޯބިވާ ވާހަކަ ބުނެލަދޭށެވެ.
“..ވާއޯ ސަޅިދޯ..ވާހަކަ ލިޔަން ވަރަށް މޮޅުވާނެ ހެންހީވޭ…” އަހަރެން ގަނޑުކޮޅު ކިޔާ ނިމުންތަނުން ޝާންޓޭ ބުނެލިއެވެ. “..މަށަށް ފެންނަނީ ޚާން ތިކަންކުރަން.. މަށަށް ޔަޤީން ޚާންވެސް ލޯބިވާކަން ރީމްދެކެ..”
“…ނުވޭ ލޯތްބެއް.. ބަޓް އައި ލައިކް ހަރ..” އަހަރެން ވަގުތުން ބުނީމެވެ. “..ލޯބިވުމާ ލައިކްވުމާ އެއީ ތަފާތު ދެކަމެއް..” ޝާންޓޭ ޖަހާލީ ހިނިގަނޑެކެވެ.
“..ލޯބި ނުވަންޏާ އޭނަ ދޭ ހުރިހާ އެއްޗެއް އަލްބަމަށް އަޅާ ތި ފޮރުވަނީ ކީއްކުރަން.. މަލެއް ދިނަސް ސިޓީއެއް ދިނަސް ލަވައެއް ލިޔެފަދިނަސް.. ދެން ލޯބި ނުވާ ވާހަކަ އަމިއްލައަށް ރީމް ކައިރީ ނުބުނެވެނީ ކީއްވެ؟.. އަލަކަށް ނޫންދޯ ޚާން ފަހަތުން އަންހެން ކުއްޖަކު އެ އުޅެނީ.. ކުރީގަ އަންހެން ކުއްޖަކު ލޯބި ހުށަހެޅިއަސް.. މާވަރަކުން އުޅުނަސް ތި މޫނު މަތިން ފެންނާނީ ނުރުހުމުގެ ކުލަވަރު .. މިހާރު ތި މޫނުމަތިން ފެންނަނީ ލޯބި..” ޝާންޓޭ އެބުނީ ހަޤީޤަތަށެވެ. އަހަރެން ރީމްދެކެ ލޯބިވެއެވެ. އޭނަ އެ ފޮނުވާ ސިޓީތަކަށް އިންތިޒާރުކުރެވެއެވެ. ރީމް ފެނުމުން ބުނަންނޭގޭ ކަހަލަ އުފާވެރި އިޙްސާސެއްކުރެވެއެވެ. ރީމް ދެކިލުމަށްޓަކައިވެސް ޝާންޓޭ މެން ގެޔަށްދެވެއެވެ. އެކަމް އަހަރެން ކިޔަވާ ނުނިމެނީސް އެއްވެސް ކުއްޖަކާ ލޯބީގެ ގޮތުން ގުޅޭކަށް ބޭނުމެއް ނޫނެވެ. އަދި އެހެން ސަބަބެއްވެސް ވެއެވެ. އަހަރެންގެ ބައްޕަދެކެ ގަންނަ ބިރެވެ.
“..ހޫމް.. މަ ލޯބިވެޔޭ..” އަހަރެން އެންމެ ފުރަތަމަ ފަހަރަށް ލޯބިވާކަމަށް އެއްބަސްވީމެވެ. “..އޭނާ ކައިރީ ބުނޭ..”
“..އަހަރެން އެއްވެސް ކުއްޖަކާ ރައްޓެހިވާކަށް ބޭނުމެއްނޫނޭ..” ޝާންޓޭ އަހަރެންގެ ވާހަކަ ފުރިހަމަ ނުވަނީސް ފެށިއެވެ. “..ލޯތްބެއްނުވެޔޭ.. ބޭނުންވަނީ ކިޔަވަންށޭ.. މީހަކާ ރައްޓެހިވެގެން އުޅެން ހަދައިގެން ކިޔެވުމަށް ބުރޫ އަރާފާނޭ.. ކިޔެވުމަށޭ އިސްކަންދޭން ބޭނުމީ.. އެހެންނުން ދޯ ބުނަންވީ..” އެއީ މިވޭތުވެދިޔަ މަހެއްހާ ދުވަސްތެރޭ އަހަރެން ރީމްއަށް ދެމުން އައި ޖަވާބުތަކެވެ. ރީމް ޝާންޓޭ މެދުވެރިކޮށް ރައްޓެހިވާން އެހި ދުވަހުން ފެށިގެން ރައްޓެހި ނުވާން ދެއްކި އުޒުރުތަކެވެ.
“..ކަލޭ ވަރަށް މޮޅު..” އަހަރެން ހިނިގަނޑެއް ޖަހާލަމުން ޝާންޓޭ ބުރަކަށިމަތީ ބޮނޑިއެއް އަޅާލީމެވެ. “..އެކަމް މަ ލޯބިވާ ވާހަކަ ނުބުނާތި..”
“..ކޮބާ ދެން އަސްލު މައްސަލައަކީ..” ޝާންޓޭ އެހިއެވެ. އަހަރެން ވަގުތު ޖެހުމުން ސަބަބު ބުނެދޭނެކަމަށް ބުނީމެވެ.
އިރުއަރާ އޮއްސި ދުވަސްތައް ފާއިތުވަމުންދެއެވެ. ކޮންމެ ދުވަހަކުވެސް ރީމްގެ ފަރާތުން އަހަރެންނަށް ކޮންމެސް އެއްޗެއް ލިބެއެވެ. އަހަރެންނަށް އިންތިޒާރު ކުރާ ވާހަކައާއި ލޯބިވާ ވާހަކަ ބުނެއެވެ. ދުވަހަކުވެސް ރީމް ދުލުން އަހަރެންކައިރިއަކު ލޯބިވާ ވާހަކައެއް ނުބުނެއެވެ. ބުނާނީ ޝާންޓެ މެދުވެރިކޮށެވެ. އަހަރެންވެސް ކުރިންވެސް ދެމުންއައި ޖަވާބު ޝާންޓޭ މެދުވެރިކޮށްދެމުން ގެންދިޔައީމެވެ. ޝާންޓޭ އަހަރެންގެ އަސްލު މައްސަލަ ހޯދުމަށް މަސައްކަތްކުރެއެވެ. އެކަމް އަހަރެންގެ އެސިއްރު ބުނެދިނުމުން ޝާންޓޭ އަހަރެންނާމެދު ދެކޭ ގޮތް ތަފާތުވެދާނެތީއާ ދައްކާވަރަށްވުރެ ހުތުރު ވާހަކައެއްކަމުން އެ ސަބަބު ބުނެއެއް ނުދެމެވެ.
ދުވަސްތައް މަސްތަކަށް ބަދަލުވަމުން ގޮސް ރީމް ރައްޓެހިވާން އެހިތާ ފަސްމަސްވެގެން ހިގައްޖެއެވެ. އަދިވެސް އޭނަގެ މަސައްކަތެއް ހުއްޓައެއް ނުލައެވެ. ލޯބިވާކަން އަންގަމުން ދިޔައެވެ. އެޔާއެކު އަހަރެންނަށްވެސް ދިޔައީ ބޮޑެތި ބަދަލްތަކެއް އަންނަމުންނެވެ. ދުވަހެއް ދުވަހަކަށް ދިޔައީ ރީމްގެ މައްޗަށް ހިތް ލެބެމުންނެވެ. ކާހިތް ނުވެ ނުނިދި ރީމްގެ ހިޔާލުން އަހަރެންގެ ސިކުނޑި ހިޞޯރުކޮށްލިއެވެ. އަދި މިހާރަކަށް އައިސް ރީމްގެ ހިޔާލުތައް މާވަރަކަށް އުނދަގޫކުރަނީއެވެ. ރައްޓެހިވުމަށް ހިތް މާބޮޑަށް އެދެނީއެވެ. ކިޔެވުމަށް ފަރުވާކުޑަ ކުރެވެންވެސް ފެށުނެވެ. އެހެންކަމުން ޝާންޓޭއަށް ހުރިހާ ވާހަކައެއް ކިޔާދީ އޭނަގެ ޚިޔާލެއް ހޯދުމަށް ނިންމީމެވެ.
“..މަންމާ އަހަރެން މިދަނީ ޝާންޓޭ މެންގެޔަށް..” އަހަރެން ގެއިން ނުކުންނަމުން މަންމައަށް ގޮވާލަމުން ބުނީމެވެ.
“..ދަރިފުޅާ އެހާ ލަސްނުވެ އަންނާތި..” މަންމަ ބުނި އަޑުއިވުނެވެ.
“..އައްސަލާމް އަލައިކުމް..” އަހަރެން ޝާންޓޭ މެންގެޔަށް ވަދެ ސަލާމް ގޮވާލީމެވެ.
ރީމް ސަލާމް ބަލައިގަތް އަޑުއިވުނެވެ. އަހަރެން ހިތުގެ ތެޅުން އަވަސްވިއެވެ. ރީމްގެ އަޑު އިވުމުންނެވެ. ދެކިލުމަށް ހިތްއެދެންފެށިއެވެ. ދޮރުން އެތެރެއަށް ވަނީމެވެ. ރީމް ސިޓިންގ ރޫމްގައި އިނެވެ. އޭނަ ހާދަހާވާ ރީއްޗޭ އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން ހިނިތުންވެލީމެވެ. ރީމްވެސް ހިނިތުންވެލަމުން އިސްޖަހާލިއެވެ.
“..ޝާންޓޭ ކޮބާ.. އެބައުޅޭތަ؟..” އަހަރެން އެހީމެވެ.
“..ކޮޓަރީގަ..” ރީމް ޖަވާބުގައި ބުންޏެވެ. އޭނާ އަހަރެންނާއި ހަތަރު ކަޅި ހަމައެއްނުކުރެއެވެ. ލަދު ގަންނަނީކަން މޫނުމަތިން ކިތަންމެ ރަނގަޅަކަށްވެސް ހާމަވެއެވެ.
“..ރީމް ރަނގަޅުތަ؟..” ރީމް ޖަވާބުގައި ރަނގަޅުކަމަށް ބުނެ އަހަރެން ހާލު ރަނގަޅު ތޯ އެހިއެވެ. އަހަރެންވެސް ރަނގަޅުކަމަށް ބުނެ ހިނގައިގަތީމެވެ. އަހަރެންނަށް ފުންނޭވާ އެއް ބޭރުކޮށްލެވުނެވެ. އަހަރުމެން ބައްދަލުވާ ކޮންމެ ފަހަރަކު ހިނިތުންވެލާ ހާލު އޮޅުންފިލުވާލަމެވެ. އިތުރުވާހަކައެއް ނުދައްކާނެއެވެ. މި ވޭތުވެދިޔަ ފަސްމަސްތެރޭ ކަންތައް އޮތީވެސް އެހެންނެވެ.
“..މިއަދުވެސް ދެކިލަންދޯ ތި އައީ..” ޝާންޓޭ ކޮޓަރިއަށް ވަނުމާއެކީ ބުނެލިއެވެ. އަހަރެން ހިނިތުންވެލަމުން ގޮސް ގޮނޑީގައި އިށީނީމެވެ. އަނގަޔަކުން ނުބުނަމެވެ. ޝާންޓޭ އޮތީ އެނދުގައި އޮށޯވެގެންނެވެ. އަހަރެން ޝާންޓޭއާ ދިމާލަށް ބަލާލީމެވެ. އޭނަ ނިތްކުރިއަށް ރޫތަކެއް އަރުވާލާ ދެލޯ ބޮޑުކޮށްލީ ކިހިނެއްވީ ހޭ އަހާލައި ކަހަލަ ގޮތަކަށެވެ. އަހަރެންނަށް ބަލައިލެވުނީ ދޮރާ ދިމާލަށެވެ. ދޮރުހުރީ ހުޅުވާފައެވެ. އެހެންކަމުން ތެދުވެގެންގޮސް ދޮރު ލައްޕާތަޅުލީމެވެ. އެނބުރުނުއިރު ޝާންޓޭ އިނީ އެނދުގައި އިށީދެ އަހަރެންނާ ދިމާލަށް ބަލަހައްޓައިގެންނެވެ. އަހަރެން ގޮސް ގޮނޑީގައި އިށީނީމެވެ.
“..ވަޓްސް ރޯންގ..” ޝާންޓޭ ބުނެލިއެވެ.
އަހަރެން މިއުޅެނީ އެވާހަކަ ފަށާނެގޮތެއް ނޭގިގެންނެވެ. އެވާހަކަތައް ކިޔާދޭން ނުކެރިގެންނެވެ. އެހެންމީހަކަށް އެއިން ވާހަކައެއް އިވިދާނެތީވެސް ބިރުގަނެއެވެ. ޝާންޓޭއާ އަހަރެމެންގެ ގުޅުމަށް ހީނަރުކަމެއް އަތުވެދާނެތީވެސް ޖެހިލުންވެއެވެ.
“..ކަމެއް ޝެއަރ ކޮށްލަން ބޭނުންވީތަ.. ސިއްރު ވާހަކައެއްތަ؟..” ޝާންޓޭ އަހަރެން ވާހަކަ އެއް ދައްކަން ބޭނުންވެގެން އުޅޭކަން ދެނެގަތެވެ. އެދުވަހު ޝާންޓޭ މޫނުމަތިން ސީރިއަސްކަން ފުރަތަމަ ފަހަރަށް އަހަރެންނަށް ފެނުނެވެ.
“..ރީމްގެ ވާހަކަ.. މިހާރަކަށް އައިސް މާބޮޑަށް ކަޑަވަނީ އޭނައަށް ޖަވާބެއް ނުދީ މިހެން އުޅެން ޖެހުނީމަ..” އަހަރެން ބުނީމެވެ.
“..މާ ބޮޑަށް ފޯލްވީ ދޯ؟.. އެހެންވެދޯ އިސްވެ ތިވާހަކަ ދައްކަން ތިއައީ..” އަހަރެން އާއެކޭ ބުނުމަށް ބޯ ޖަހާލީމެވެ.
“..އެހެންވީމަ ޔޭސް ބުނޭ ސިންޕަލް..” ޝާންޓޭ ދެކޮނޑު އަރުވާލަމުން ބުނެލިއެވެ. އަހަރެން ތެދުވެގެން ގޮސް ޝާންޓޭ ކައިރީ އިށީނީމެވެ. އޭނާ އަހަރެންގެ މޫނަށް ބަލާލިއެވެ. ކިހިނެއް ވެގެން އުޅޭ ދުވަހެއްބާ އޭ އޭނަ ހިތަށް އަރާނެކަން ނޭގެއެވެ. އެ މޫނު މަތީގަވެސް ސުވާލް މާރކްތަކެއް ޖެހިފައިވާ ކަހަލައެވެ.
“..ޔޭސް ބުނަން ބިރުގަނޭ..” އަހަރެން ބުނީމެވެ. ޝާންޓޭ ކޮންކަމަކާ ބިރުންތޯ އެހިއެވެ.
“..ޑޭޑް ދެކެ ގަންނަ ބިރެއްގެ ސަބަބުން..” އަހަރެން މަޑުމަޑުން ބުނެލީމެވެ.
“..ބަޓް ވައި..” އެއީ ކޮންމެ މީހަކު ނަމަވެސް ހިތަށް އަރާނެ ސުވާލެކެވެ. ކީއްވެ ހެއްޔެވެ؟ 16 އަހަރު ފުރިފަ ހުރި ފިރިހެން ކުއްޖަކު ބައްޕަދެކެ ބިރުގަންނަން ޖެހޭ ސަބަބެއް އޮވެދާނެ ހެއްޔެވެ؟ ބައްޕަދެކެ ބިރުން މީހަކާ ރައްޓެހިނުވެ އުޅެދާނެހެއްޔެވެ؟ އާއެކެވެ. އަހަރެން ބައްޕަދެކެ ބިރުގަނެއެވެ. ފެނުނަސް ބިރުން ތުރުތުރު އަޅައެވެ. އަހަރެން ޝާންޓޭއަށް ހުރިހާ ވާހަކަތަކެއް ކިޔާދޭންފެށީމެވެ.
އަހަރެންގެ ބައްޕައަކީ ރުޅި ގަދަ ގޮތްދޫނުކުރާ ބޯހަރު މީހެކެވެ. އަހަރެންގެ އުމުރުން 16 އަހަރު ފުރުނުއިރުވެސް ލޯބިން އަނގައިން ބުނެލި ދުވަހެއް އައި ކަމެއް ހަނދާނެއް ނުވެއެވެ. ހިނިތުންވެފައި ހުއްޓައިވެސް ދުވަހަކުވެސް ނުފެނެއެވެ. އަބަދުވެސް ފެންނާނީ އެރުޅިވެރި މޫނެވެ.
އަހަރެން ބޮޑުވަމުން އައި އިރު އިވެމުން ދިޔައީ މަންމަ އާ ދިމާލަށް ލަވާ ހަޅޭކުގެ އަޑެވެ. ފެންނަމުން ދިޔައީ ބައްޕަ މަންމައަށް ކުރާ އަނިޔާތަކެވެ. ގެވެށި އަނިޔާތަކެވެ. އަހަރެންގެ މަންމައަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ އަންހެނެކެވެ. ދަރިންގެ މުސްތަޤުބަލަށްޓަކައި އެވޭންތަކަށް ކެތްތެރިވަމުން އައި މަޔެކެވެ.
މަންމަ ކައްކާ އެއްޗެއްގެ ލޮނު މަޑު ވެއްޖެނަމަ ބައްޕަ ތަށިތައް ތަޅައި ލަފާނެއެވެ. ޖޫސްތަށީގައި ފޮނި މަޑުވެގެން ޖޫސްތަށި މަންމަ ގަޔަށް ޖަހާފާނެއެވެ. ގަޑިޔަށް ކާން ނުހެދޭ ދުވަހެއް ނަމަ އެދުވަހަކު ޖެހޭނީ އަހަރެންނާއި ކޮއްކޮ ވެސް ނުކައި ތިބޭށެވެ. ކެއްކި ހުރިހާ އެއްޗެއް ބަންޑުން ޖަހާލާނެއެވެ. މަންމައަށް ދުވަހަކު ރަނގަޅަކަށް ކަމެއް ނުކުރެވޭނެއެވެ. އަދި ބައްޕަ ބުނާ އެއްޗަކަށް މަންމަ ރައްދުގައި ބަހެއް ބުނެފިނަމަ ދުވަސް އެދިޔައީއެވެ. މަންމަގެ ގައިގައި ތަޅާ އަނިޔާކުރާނެއެވެ. ކޮޅުފައިން ޖަހާ އިސްތަށިގަނޑުގައި ހިފައި ގެއިން ބޭރަށް ހޫރަލަފާނެއެވެ. ދުވަހަކު މަންމަގެ އަނގައިން ބަހެއް ބޭރު ނުކުރާވަރު ކުރާނެއެވެ. އެކަހަލަ ދުވަހެއްނަމަ މަންމައަށް ޖެހޭނީވެސް ގެއިން ބޭރު އަށިމަތީގައި ނިދާށެވެ.
އެގޮތަށް މަންމަ ގެއިން ނެރެލި ރެއެކެވެ. އެރޭ އަވައްޓެރި އަކަށް އެކަން އެނގިގެން މަންމަ އެގެޔަށް ނިދަން ގެންދިޔައެވެ. ބައްޕަ ހެނދުނު ހޭލި އިރަށް ބައްޕައަށް މިކަން އެނގުމުން ރުޅި އައިސް ރަތްވެއްޖެއެވެ. ބާރު ހިނގުމުގައި ގެއިން ނުކުމެގެން ދިޔަގޮތަށް މަންމަ ގެނައީ ދަމަމުން ނެވެ. އޭރު މަންމަ ރޮމުން ދިޔައެވެ. އަވައްޓެރިން ބޯދީ ބަލަންތިއްބެވެ. ގެޔަށް ގެނެސް ގޭ މެދުގެ ތެރެއަށް ހޫރަލިތަން އަހަރެން ދެކުނީމެވެ. އެތާ އޮތް ދަނޑިބުރިއެއް ނެގިތަންވެސް ފެނުނެވެ. ވާން އުޅެނީ ކިހިނެއްކަން އެނގުމުން އަހަރެން ދުވެފިލީއެވެ.
އެހެންދުވަހެކެވެ. އަހަރެން ސުކޫލުން އައިސް ގެޔަށް ވަދެގެން ދިޔައިރު ބައްޕަ ކުރުނބާއެއް ހަދަން އިނެވެ. މަންމަ އަހަރެންކައިރީ އެއްޗެހި ބަދަލްކުރުމަށް ބުނެ އިލޮށި ފަތި ނަގައި ގޭ މެދުގެ ތެރެ ކުނިކަހަންފެށިއެވެ. އަހަރެން ދަބަސް ހިފައިގެން ކޮޓަރިއަށް ވަނީމެވެ. އެއްޗެހި ބަދަލްކޮށްލެވުނު ކަމެއް ނޭގެއެވެ. އިވެންފެށީ ބައްޕަގެ ހަޅޭކުގެ އަޑެވެ. ބިރުންހުރެ ކޮޓަރިން ބޭރަށް ބޯ ދިއްކޮށްލީމެވެ. އެ ގަޑިއަކީ ބައްޕަ މަންމަ އާ ދިމާލަށް ކަތިވަޅި ހޫރާލިވަގުތެވެ. އަހަރެން ދިޔައީ ސިހިގެންނެވެ. މަންމަ ތިރިވިތަން ފެނުނެވެ. އަހަރެން ގަތް ބިރެއްގެ ސަބަބުން އަވަހަށް ދޮރު ލައްޕާލީމެވެ. ދެން އިވެންފެށީ އެހެން އަޑެކެވެ.
“..ދޫކުރޭ.. ވާފިރޫ.. ދަރިފުޅާ..” މަންމަ ކިޔާ އެއްޗެއް އެހާ ރަނގަޅަކަށް ނުކިޔެއެވެ. އަޑު އަންނަނީ ކެނޑި ކެނޑިގެންނެވެ. އަހަރެން ދޮރު ހުޅުވާ ބަލާލީމެވެ. ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ބައްޕަހުރީ މަންމަގެ ކަރުގައި ހިފައި ފާރާލާ ފިއްތާލައިގެންނެވެ. މަންމަ މަރަށް ތެޅޭހެން ތެޅެމުން ދިޔައެވެ. އަދި ބައްޕަގެ އަތް ނައްޓުވާލެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ދެ ލޯ ބޮޑުވެފައިވާއިރު ކަރުނަ އޮހޭތަންވެސް ދެކުނީމެވެ.
“..ދެން ދުވަހަކުވެސް އެ އަޙްމަދުފުޅާ ވާހަކަ ނުދައްކާނަން ކަމަށް ހުވާކުރޭ..” ބައްޕަގެ ބާރު އަޑުން ބުންޏެވެ.
އަހަރެންނަށް ބަލާކަށް ނުހުރެވުނެވެ. ދުވެފައި ގޮސް ބައްޕަގެ އުނަގަނޑުމަތީ ދެއަތް އަޅާ ކޮށްޕާލީމެވެ. އޭރު އަހަރެންގެ އުމުރުންވާނީ 8 އަހަރެވެ. އެހެންކަމުން ބައްޕަ ގުޑުވާލެވޭނެ ބާރެއް ގަޔަކުނެތެވެ. ދެއަތުން ތަޅާ ދޫކޮށްލުމަށްއެދި ރޮއެގަތީމެވެ. އެޔާއެކު ބައްޕަ މަންމަގެ ކަރުން އަތް ދޫކޮށްލަމުން އަހަރެން ކޮނޑުގައި އަތުންޖަހާ ކޮށްޕާލިއެވެ. އަހަރެން މެދުގެ ތެރެއަށް ވެއްޓުނެވެ. ބައްޕަ އަހަރެންނާ ދިމާލަށް ބަލާލަމުން ކުރިޔަށް ފިޔަވަޅެއް އަޅާލިއެވެ. ހަމަ އެސިކުންތުގައި މަންމަ އައިސް އަހަރެންގެ ގައިގައި އޮޅުލައިގަތެވެ.
“..މި ސޮރަށް ގޮތެއް ނަހަދާތި..” މަންމަ ގިސްލަމުން ރޮމުން ބުންޏެވެ. “..ހުވާކުރަން އަހްމަދުފުޅާ ދެންދުވަހަކުވެސް އަނގަޔަކުން ނުބުނާނަން..” އަހަރެން ރޮމުން މަންމަގެ ގައިގާ އޮޅުލައިގަތީމެވެ. ބައްޕައާ ދިމާލަށް ބަލަން ނުކެރިގެން މޫނު ފޮރުވާލީމެވެ. (ނުނިމޭ)
5 Comments!
Comments are closed.
kihaa dhuvahakun tha 4 vana bai nukunnany , magey life aa v ehgoeh story eh mee… avas kohla bala brw…
Mi vaahaka keen mujthamauga adhvx mi kahala kanthah vey dhww 🙁
v v nice.v interesting genesdheefa in goi
hindhi film copy eh dho… bow halaaku
pppppp