Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރުގައި ހުރިން (3)

Ryn
February 18, 2017
9 Mins Read
13 Comments

 

ހަމައެވަގުތު ފާހަނައިގެ ދޮރު ހުޅުވުނެވެ. ޔާއިން ހުރީ ތުވާލި އޮޅާލައިގެންނެވެ. ފަހަތުން މާޒިން ނިކުތް އިރު އޭނާ ހުރީ ހަމައެކަނި ސޯޓްލާފައެވެ. ސޯޓްވެސް އެއްބައި ތަންތަންހުރީ ތެމިފައެވެ. ކަސްރަތީ ހަށިގަނޑުގެވެސް އެކި ދިމާ ދިމާއިން ތެމިފައިވެއެވެ. ޖިމަށް ދިޔުމާއި ނުލާވެސް ބަނޑުގައި ހުރި ހަރުމަސްތަށް ރީއްޗަށް ފާހަގަވާން ހުއްޓެވެ. މާޒިންގޮސް ތުވާލިން އޭނާގެ ގައި ފޮހުނެވެ. “ދެމީހުން ފެންކުޅި ކުޅުނީ ދޯ..؟” މަޖާވެލާފައި މާރިޔާ  އެހެން ބުނުމުން އަނގަމަތީ އަތް އަޅާފައި ޔާއިން ހޭންފެށިއެވެ. އަދި އޭނާއަށް ހާއްސަ އޭނާގެ އަލަމާރި ކައިރި މަޑުކުރިއެވެ. އޭނާގެ އާދަތަށް ހުންނަނީ ސުމާގެ ދޮންތަބެ ހުންނަގޮތަކަށެވެ. އޭނާ އާއި އެކު އުޅެފައި ނެތެއްކަމަކު އޭނާގެ ކަންތަށް ވާރުތަވެފައި ކަންނޭނގެއެވެ. ފުރަގަހުން ބަލާލިޔަސް ހީވަނީ ކުޑަކުޑަ ދޮންތަބެހެންނެވެ. ހާއްސަކޮށް ބޮލުގައި ހުންނަ މުށިކުލައިންނެވެ. މާޒިން ޔާއިން ތައްޔާރުކޮށްލާ ހަދާލިތަން މާރިޔާ ބަލަންހުރީ ހިނިތުންވެލާފައެވެ. “ހިނގާ މާމައާއި އެކު ކާން… ސުމާ ދަރިފުޅާ ކޯޗެއް ގެންނަންވީ؟ މަންމައަށް ހަމަ ފެންނަނީ ތަންކޮޅެއް ގައިގަ ވަރުޖެހޭ އެއްޗެއް ކާން…” މާރިޔާ ޔާއިން ގޮވައިގެން ދަމުން ބުންޏެވެ.. “މަންމަ… ސުމްއަށް ގެނޭ ޖޫސްކޮޅަކާއި ކޮންމެސްކަހަލަ މޭވާއެއް.. ދެން ނޫޑްލްސް ސޫޕްކޮށް ހަދާލީމަ އޯކޭ ވާނެ ކަންނޭނގެ…” މާޒިން އެހެންބުނުމުން. ހިނިތުންވެލާފައި މާރިޔާ ދިޔައީ ޔާއިން ގޮވައިގެންނެވެ. ދޮރުލެއްޕެމުން ދިޔައިރުވެސް ސުމާ އަށް ބެލެނީ ޔާއިންއަށެވެ.

ދުވަސް ނިމިގެން ދިޔައީ އެކަހަލަ ގޮތަކަށެވެ. ސުމާ އެނބުރުން އަރާތީ ތެދުވޭކަމަކަށް ނުވިއެވެ. ޔާއިން ކައިގެން އައިސް ސުމާ ކައިރި އޮށޯތީ ސުމާ ބަލިވީމާ އޭނާ ދެރަވެގެންނެވެ. އޭނާއަށް ރޭގަނޑު ނިދުނީވެސް ސުމާ ކައިރިއޮވެގެންނެވެ.

…….

އަނެއްދުވަހެވެ. ޔާއިން ލާން މާރިޔާ ދިޔައިރު މާޒިން ހުރީ ތައްޔާރުވާށެވެ. “ސުމް، އަދިވެސް އޯކޭ ނުވޭތަ؟ އަހަރެން އަންނާނަން ވަރަށް އަވަހަށް މިއަދު އިނގޭ.. އަންނަ އިރު އަންނާނީ ރިޕޯޓްވެސް ޑޮކްއަށް ދައްކާފައި…. އޯކޭއެއްނު…” މާޒިން ބުނުމުން ސުމާ ހޫމްމް އަޅުވާލިއެވެ. “ޝަރޫ ކައިރި ބުނެފަ ދާނަން ސުމްއަށް ދޭންވީ އެއްޗެހި.. އެ އެއްޗެހި ކާތި… އަހަރެން އަންނައިރު ނުކައިހުރިކަން އިނގިއްޖެއްޔާ އިންޖިކްޝަން ޖަހާން ގެންދާނަން އަނެއްފަހަރު..” މާޒިން ހީލަމުން ބުންޏެވެ. “ހޫމް ދެން ހެވޭ….” ސުމާ ތުން އަނބުރާލަމުން އެހެންބުނުމުން މާޒިން އައިސް ލޮތްބާއި އެކު ސުމާގެ ބޮލުގައި ފިރުމާލާ ނިތުގައި ބޮސްދިނެވެ. “އަންނާނަން އިނގޭ ވަރަށް އަވަހަށް… ޓެކް ކެއަރ ލަވް..” މާޒިން ބުނެފައި ހިނގައިގަތެވެ. ސުމާ ވިސްނާލަން އޮތެވެ. އޭނާއަށް އެ ވާ ކަންތަކަކީ އޭނާ ބަލަމުން އައި އަންހެނުންނަށްވެސް ދިމާވާ ކަންތަކެއްނޫންހެއްޔެވެ؟ ބަނޑުުބޮޑުވީބާއެވެ؟ ނޫނެކެވެ. އަދި ޔަޤީންވެފައިކޮބައިހެއްޔެވެ؟ މާރިޔާ ބުނިފަދައިން މިދުވަސްކޮޅު އުޅޭ ރޯގާއަށްވެސް ވެދާނެއެވެ. އެހެންނޫނަސް އޭނާ ބެލި ޑޮކްޓަރުގެ ފަރާތުން އެކަހަލަ ވާހަކައެއް ނުވަތަ ސުވާލެއްވެސް ނީވެއެވެ.

……..

ކެންޓީންގައި ސުމާ ދެއްކި ޑޮކްޓަރާއި އެކު މާޒިން އިނީ ޑޮކްޓަރ ރިޕޯޓް ބަލަންދެންނެވެ. އޭނާ ބިޒީ ދުވަހަކަށް ވުމުން އޭނާގެ ވަގުތުތަކަށް ހުރަސްއެޅޭގޮތަށް މާޒިން ކަންތަށް ކުރަން ބޭނުންނުވީތީ ބްރެކް ގަޑީ ބަލައި ބައްދަލުކުރީވެސް ދެމީހުންނަށް ހަމަޖެހިގެން ވާހަކަދެއްކޭނީ އޭރުންކަން އިނގޭތީއެވެ. ޑޮކްޓަރގެ ތުންފަތް މަތިން ރީތި ހިނިތުންވުމެއް ލިބުނެވެ. “މީ ދެން މާޒިން ބަލާލިޔަސް އިނގޭނެއެއްޗެއް ވިއްޔަ.. އަހަރެން ނުބެލިޔަސް އަމިއްލަ އަށް ބަލާލިނަމަ މިހުރިހާ ވަގުތެއް މި ނޭނގި ހުންނާކަށް ނުޖެހުނިސް…” ރިޕޯޓް ސިޓީއުރައެއް ތެރެއަށް ލަމުން ޑޮކްޓަރ އަންވަރު ބުނެލީ ހިނިތުންވެލާފައެވެ. މި ހުރިހާ ޓެސްޓްތަކެއްވެސް ހެދުނުކަން ނަސަީބެވެ. ސުމާ މިއުޅޭ ބަލިގަނޑޭ ކިޔާ ވަރުދެއްކިނަމަވެސް އަންވަރު އޭނާގެ ބްލަޑް ޓެސްޓް ހެދުވީ މި ޓެސްޓްވެސް ހަދާށެވެ. “އާނ އެކަމް އަހަރެން ބެލުމަށްވުރެ ރަނގަޅުވާނެ ދޯ އަންވަރު ބަލައިގެން ވާ ގޮތެއް ބުނިއްޔާ..ކިހިނެއްތަ ވީ؟ ކަމެއް ގޯސްވީތަ؟” މާޒިން އެހިއެވެ. “އާނ ދެން ކަމެއް ގޯސްވަންޏާ ގޯސްވާނީ މިވަރަކަށް….” ލާނެއް ހިނިތުންވުމަކާއި އެކު އަންވަރު ބުންޏެވެ. “އޭ ދެން ސީރިއަސްކޮށްނޭ…. މިހާރު އެބަ ހިތް ތެޅޭ…” މާޒިން ސީރިއަސްވިއެވެ. “ތީއޭ މާޒިން މައްސަލައަކީ… ލޯބިވިޔަސް ތިވަރު ވާކަށް ނުވާނެއެއްނު…. އާނ.. ތިޔަ ލޯތްބެއްގެ ފޮނި މޭވާ އަޅައިފި…..” އަންވަރު ދެންވެސް ކުރީ ޖެއްސުމެވެ. “ތިބުނީ؟ އަންވަރޫ ދެން ނުތަޅުވަ ބުނެބަލަ..” މާޒިން ހުރީ ކެތްމަދުވެފައެވެ. ބިރުވެސްގަނެފައެވެ. މީދެން މީހަކު ސަމާސާ ކުރާގަޑިއެއްބާއޭ ހިތާ ރުޅިވެސް އައެވެ.

“އަންހެނުން ބަނޑުބޮޑޭ މިކިޔަނީ… ލޯބީގެ މޭވާ ގަހުގައި އަޅައިފިޔޭ…” އަންވަރު ފުޅާ ހިނިތުންވުމަކާއި އެކު ބުންޏެވެ. މާޒިން ދެލޯ ބޮޑުވިއެވެ. އަންވަރާއި ދިމާލަށް ބަލަން އިނދެވުނީ ޝޮކެއްގައެވެ. “ދައްކަބަލަ ބަލަން…” މާޒިން އެހެން ބުނެފައި ސިޓީއުރަ ނަގައި ރިޕޯޓް ބެލީ ގަބޫލުނުކުރެވިގެންނެވެ. “ޕޮޒިޓިވް..” މާޒިންއަށް ބުނެލެވުނު އިރު ހިނިވެސް އައެވެ. “ކޮންގްރޭޓްސް.. ދެން ދޭ އަވަހަށް ކަމަނާއަށް ހަބަރު ދޭން…” އަންވަރު ބުނެލީ މާޒިންގެ ކޮނޑުގައި ޖަހާލަމުންނެވެ. މާޒިން ބޯ ޖަހާލާފައި ހިނގައިގަތީ ރިޝެޕްޝަނާއި ދިމާލަށެވެ. އޭރުވެސް އޭނާގެ ދެލޯ ހުރީ “ޕޮޒިޓިވް”  ޖަހައިފައި އިންތަންކޮޅަށެވެ. ހިތާހިތުން އެތަންކޮޅު އިރު އިރުކޮޅާ ކިޔާލެވެއެވެ.

“މޭ އައި ހެލްޕް ޔޫ ސަރ..” މާޒިން ސިހިފައި ރެޝިޕްޝަނުގައި އިން ކުއްޖާއަށް ބަލައިލެވުނެވެ. އަވަސް އަވަހަށް ސިޓީއުރައަށް ލާ އެ ބަންދުކޮށްލިއެވެ. “އާނ މި، އެމަރޖެންސީ ކޭސް އެއް ނެތިއްޔާ ހުރިހާ އެޕޮއިންޓްމެންޓް ތަކެއް ކެންސަލް ކޮށްލަންވީނު…. އެކަމް އެމަރޖެންސީއެއް ނެތިއްޔާ..” މާޒިން އެހެން ބުނެލުމުން އެ ކުއްޖާ މަޑުކޮށްލުމަށް އެދުނެވެ. މާޒިން ހުރީ ގެއަށް ނުދެވިފައެވެ. އޭނާ ގެ އެތެރޭގައި ހިނގަމުން ދިޔަ އިހްސާސްތަށް ބޭރުވެސް ނުކުރެވިގެން އޭނާ ހުރީ އެކަނިވަންދެންނެވެ. “ނޯ ސަރ.. ނޯ އެމަރޖެންސީ ކޭސް ޔެޓް…” އެ ކުއްޖާ ޖަވާބުދިނެވެ. “ތެންކިޔު.. މިއަދުގެ ހުރިހާ އެއްޗެއް ކެންސަލްކޮށްލާ އިނގޭ..” މާޒިން އެހެން ބުނެފައި އަވަހަށް ދާން ހިނގައިގަތެވެ. ކާރަށް އަރައި ހުންގާނުގައި ހިފަހައްޓާލެވުނު ކަމެއް ނޭނގެ އޭނާއަށް ހަޅޭލަވައިގަނެވުނެވެ. އެތަކެއް ފަހަރު ހަމްދުކޮށްލެވުނެވެ. މިހުރިހާ އަހަރު އޭނާ ބަލަމުންދިޔަ ކުޑަކުދިންކަހަލަ ކުއްޖެއް އޭނާއަށްވެސް ލިބެން އުޅެނީއެވެ. ސުމާއަށް އެކަން އިނގިއްޖެއްޔާ ވާނެގޮތެއްވެސް ނޭނގެއެވެ. އަދި ޔާއިންއަށް ވެސް ވާނެ ގޮތެއް ނޭނގެއެވެ. ހަމަގައިމުވެސް އެ ދެމައިން އުފަލުން ފޮޅޭނެއެވެ. މާޒިން ކާރު ދުއްވާލީ އަވަހަށް ގެއަށް ދާށެވެ.

……….

ހަލުވިކަމާއި އެކު ގެއަށް ވަތް މާޒިންއަށް ޝަރުމީލާ އަދި މާރިޔާގެވެސް ނަޒަރު ހުއްޓިފައި ހުއްޓެވެ. “އޭ ދަރިފުޅާ ކިހިނެއްވީ؟؟؟ ހާދަ އަވަސްވެފައި..” މާރިޔާ އެހިއެވެ. “ތިއެއް ނޫނޭ.. ސުމްކޮ ކައިފިތަ؟؟” މާޒިން ބުނެލީ ސިޑީގެ މެދެއްހާ ހިސާބުގައި ހުއްޓި އެމީހުންނާއި ދިމާ އެނބުރިލަމުންނެވެ. “އާނ ކައިފި…. ދެންމެ އުޅުނު ހޮޑުލަވާތީވެސް…. ރިޕޯޓް ނަގައިފިންތަ؟ ކީކޭ ޑޮކްޓަރު ބުނީ؟” މާރިޔާ އެހިއެވެ. މާޒިންގެ ތުންފަތް މައްޗަށް ވެރިވި ހިނިތުންވުން ފެނި މާރިޔާ ކިހިނެއްވީތޯ ސުވާލުކުރިއެވެ. އެވަގުތު ސިކުނޑިއަށް އެއްޗެއް ނަގައިގަނެވުނެވެ. މިހާރު މިއުޅޭ ރޯގާކަމަށް ހިތާ މި ލޭބަލް އެޅެވުނީ އެހެން އެއްޗެއްގައެވެ. ސުމާއަށް މެދުވެރިވާ އެ ހުރިހާ ކަމަކީ މާބަނޑު ދުވަސްވަރު ވާ ހުރިހާ ކަމެކެވެ. މާރިޔާ މާޒިންއަށް ބަލަން ހުރެފައި ހިނިތުންވެވުނެވެ. “ސުމް ބަނޑުބޮޑީތަ؟” މާރިޔާ އެހެން އެހުމާއި އެކު މާޒިން ބޯ ޖަހާލުމުން މާރިޔާ އަނގަމަތީ އަތް އެޅިއެވެ.

“އަލްހަމްދުލިއްﷲ… މާޒިން…ދަރިފުޅާ! މަންމަ ހާދަ އުފާވެއްޖޭ…” މާރިޔާ ދެލޮލުގައި ވަނީ އުފާވެރިކަމުގެ ކަރުނައެވެ. މާޒިން ފުރަތަމަ އެހަބަރު ދޭންބޭނުންވީ ސުމާއަށް ކަމަކު މާރިޔާއަށް އެއްޗެއް ދޭހަވީކަން އިނގުމުން އޭނާ ތެދައްބުނީއެވެ. “އަވަހަށް ދޭ.. އަވަހަށް ދޭ ސުމް ކައިރިއަށް.. މަންމަ މި ސުމްއަށް މީރު އެއްޗެއް ހަދަނީ… ދަރިފުޅާ…. މަންމަ ދުވަހަކުވެސް އުފާނުވާހާ ވަރަށް މިއަދު އުފާވެއްޖެ.. ޝަރޫ… އަވަހަށް ހިނގާބަލަ….” މާރިޔާ ބިމުގައި ފައިވެސް ނުޖެހޭ ފަދައެވެ. އުފަލުން އެނބުރިލީ ހިޔާލެއްގެ ތެރޭގައި ހުރެފައެވެ.

މާޒިން ގޮސް ކޮޓަރިއަށް ވަތް އިރު ސުމާ އުޅެނީ ފާހަނާގައެވެ. ހީވާގޮތުން ފެންވަރަނީއެވެ. މާޒިން އެވާހަކަ ބުނަން ކެތްމަދުވަނީއެވެ. އެހެންކަމުން ސުމާ ނިކުންނަން ދެން ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. “ލަވް!!! އަވަސްކޮށްލަންވީނު…” ސުމާ ލަސްވެގެން މާޒިން އެހެން ބުންޏެވެ. ސުމާ އެއްޗެއް ބުނިއަޑެއް ނީވުނެވެ. ނަމަވެސް ފެންމާގަނޑު ހުއްޓުނު އަޑު އިވުނެވެ. މާ ގިނައިރެއް ނުވެ ހަމައެކަނި އަތް ދިގު ޓީޝާޓެއް ލައިގެން ބޮލުގައި ތުވާލި އޮޅާލައިގެން ސުމާ ނިކުތެވެ. އަދިވެސް ނިތްކުރިމަތިން ފެންތިކިތަށް ފައިބަމުން ދިޔައިރު އޭނާގެ ރީތިކަން ފާޅުވަމުންދިޔަެއވެ. “ދެންމެ މަންމަ ގެނައި އެއްޗަކުން ހަމަ ހޮޑުލެވުނީ.. އެހެންވެ ލަސްވީ…” ސުމާ ބުނެފައި ހިނގައިގަތީ އަލަމާރިއާއި ދިމާއަށެވެ. މާޒިން ސުމާއާއި ދިމާލަށް ފުން ނަޒަރަކުން ބަލައިލިއެވެ. އެއަށްފަހު އައިސް ސުމާގެ ގައިގާ ބައްދައިގަތެވެ. “ޒިން.. އޭތް.. މަޑުކޮށްބަ…ޓީޝާޓު އެބަ އަރާ މައްޗަށް…. ރީތިވެލަންދެން މަޑުކޮށްލަންވީނު…” މާޒިން ހިފެހެއްޓިގޮތުން ސުމާ ލައިގެން ހުރި ޓީޝާޓު މައްޗަށް އަރާތީ އޭނާ ބުނެލީ އެ ތިރިއަށް ދަމާލަމުންނެވެ. ނަމަވެސް މާޒިން ދޫކުރާ ހިޔާލެއް ނުކުރިއެވެ.

މާޒިން ސުމާގެ ނިތުގައި ބޮސްދިނެވެ. އެއަށްފަހު ކޮލަށްވެސް ބޮސްދިނެވެ. ސުމާ ވާނުވާ ނޭނގިފައި ހުރީއެވެ. “މިއަދު މާ މިސްވި ދުވަހަކީތަ؟” އެހެންޏާ މާޒިން ކުރާ ސުވާލު މިއަދު އެކުރީ ސުމާއެވެ. މާޒިން ހެމުން ސުމާގެ ބޮލުގައި އޮޅާލެވިފައިވާ ތުވާއްޔަށް ދަމާލިއެވެ. އެއާއި އެކު އެ ތެތް ފަން އިސްތަށިގަނޑު ނިއުޅިގެން ދިޔައެވެ. މާޒިން އިތުރުކަމެއް ކުރުމުގެ ފުރުސަތު ނުދޭން ސުމާ ދުރަށް ޖެހިލާފައި އަލަމާރި ކައިރިއަށް ދިޔައީ ތިރިން އެއްޗެއް ލާންވެގެންނެވެ. މާޒިން އަނެއްކާވެސް އައިސް ސުމާގެ ގައިގާ ބައްދާލިއެވެ.

“ވާހަކައެއް ބުނަން؟” މާޒިން ސުމާގެ ކަންފަތް ދޮށުގައި ބުނެލުމުން ސުމާ ހުމް އޭ ބުންޏެވެ. “ޔޫ އާރ ޕްރެގްނެންޓް..” މާޒިން ބުނެލުމުން ސުމާ ޔަޤީން ނުކުރެވިފައިވާ ހާލު މާޒިން އާއި ދުރަށް ޖެހިލާ އެމޫނަށް ބަލައިލީ ހަމަ ސީރިއަސްކޮށް ދައްކާވާހަކައެއް ތޯ ބަލާށެވެ. މާޒިން އެ ޔަޤީންކަން ދިނީ ޓެސްޓް ރިޒަލްޓް ދައްކާލަމުންނެވެ. ސުމާ ހިތް އަވަސްވެފައިވާ ހާލު ސިޓީއުރައިން ގަނޑުނަގާ ކިޔަންފެށިއެވެ. މާޒިން ސުމާގެ މޫނުމައްޗަށް އަރައި ފައިބަމުންދާ ކުލަތަކަށް ބަލަން ހުރީ ހިނިތުންވެލާފައެވެ. ސުމާ އަނގަމަތީ އަތް އަޅާލަމުން މާޒިންއަށް ބަލައިލިއެވެ. އަދި ކުއްލިއަކަށް މާޒިންގެ ގައިގާ ބައްދައިގަތެވެ.

“ކޮންގްރޭޓްސް ބޭބީ… ވަރަށް ވަރަށް ވަރަށް ލޯބުވޭ..” ސުމާގެ އުނަގަނޑުގައި ހިފައި އުފުއްލާލަމުން މާޒިން އެނބުރެން ފެށިއެވެ.ސުމާ ހޭންފެށިއެވެ. މާޒިން ސުމާ ބެހެއްޓުމަށްފަހު ބަނޑުގައި އަތް އަޅާލިއެވެ. “ބޭބީ…. އަމް ސޯ ހެޕީ..” މާޒިން އަނެއްކާވެސް ބުންޏެވެ. ސުމާ ތިރީތުންފަތުގައި ދަތް އަޅާލައިގެން ހުރީ އެ ހަބަރު ދޭން އޭނާ ބައްޕައާއި ދޮންތަވެސް ހުރިނަމަ ކިހާ ރަނގަޅުވާނެހޭ ހިތަށް އަރާފައެވެ. އެވަގުތު އެ ދެލޮލުން ކަރުނައައެވެ. މާޒިންއަށް ސުމާއަށް ވީ ގޮތް އިނގި އޭނާ ގެނެސް މޭގައި ލައްކުރިއެވެ. “ވަރަށް ދެރަވޭ އެބަ ދެ ބައްޕައަށްވެސް އެއްވެސް ކާފަ ދަރިއެއް ބަލާލެވުމުގެ ނަސީބެއްވެސް ނުލިބުނު…. ދޮންތައަށް އަދި ދޮންތަބެއަށްވެސް ޔާއިން މިހާ ބޮޑުވެފައި ވިސްނުންތޫނުވެފައިހުރިތަން ބަލާލާނެ ނަސީބެއް ނުލިބުނު…. ދޮންތައަށް ދޮންތަގެ ކޮއްކޮ ގެ މި އުފަލުގައި ބައިވެރިވުމުގެ ނަސީބެއް ނުލިބުނު…… މިހާ ބޭއިންސާފުވެރިގޮތަކަށް ހުރިހާ ކަމެއް އެ ނިމެނީ….” ސުމާ އަށް އިތުރަށް ރޮވުނެވެ. މާޒިންގެ ގައިގާ އިތުރަށް ބައްދާލެވުނެވެ.

“ލަވް! މީ އުފާވާންވީ ގަޑިއޭ.. އެމީހުންވެސް މިތާ ތިބިނަމަ ކިހާ އުފާވާނެ… އަޅެ ސުމްކޮ ބުނެބަލަ މިހާ އުފާވެރި ހަބަރެއްލިބިގެން ރޯނީ ދެން ކާކުތަ؟ އޭ ޑާރލިން؟ އިނގޭ މިސްވާނެކަން އެކަމް މިގަޑީގައި މުހިންމީ މި ދުނިޔޭގައި މިގަޑީގައި ސުމްކޮ ކައިރި ތިބި މީހުންނު ދޯ؟ ވިސްނާލަބަ ޔާންއަށް ވާނެ ގޮތް… ސުމް ބަނޑެއްލާފަ ހުންނައިރު ޔާން އުޅޭނެ ގޮތް…” މާޒިން ސުމާ އުފާކޮށްލަން ބުނެލިއެވެ. ސުމާއަށް އެ ހުރިހާ މަންޒަރެއް ސިފަވެގެން ދިޔުމުން ހިނިތުންވެވުނެވެ. “ޔަޕް ދެޓްސް މައި ގާލް… އަވަހަށް ތި ލާ އެއްޗެއް ލައިގެން ހިނގާ ކާން ނިކުންނަން.. މަމް ސުމްކޮގެ ފޭވްރިޓް އޯ މިއަދު ހަދަނީ.. ޔާންވެސް ބަލައިދާންޖެހޭނެ އެއްނު އިރުކޮޅަކުން…” މާޒިން އެހެން ބުނުމުން ސުމާ މާޒިންއަށް ބަލައިލިއެވެ. “މަމް.. މަންމައަށް އިނގުނީތަ؟” ސުމާ އެހިއެވެ. “ހުމްމް މަންމައަށް ގެޓް ވީ ދެން އެހީމަ ބުނިން އާއެކޭ.. ހުރީ އުފަލުން ފޮޅިފައި…. މިހާރު މި ހުންނަނީ ޔާން އަންނަންދެން ކެތްކޮށްލައިގެން..” މާޒިން ބުންޏެވެ.

“ގައިނީ އަކަށްވެ ހުރެ ނޭނގުނު ދޯ މިވަރު ކަމެއްވެސް؟؟” މާޒިން ބުނީ ދެކޮޅަށް ބޯ ހަރަކާތްކުރަމުންނެވެ. ސުމާ ހޭންފެށިއެވެ. “އަސްލު ހީވި އިނގޭ އެކަމް ޔަޤީންނުވީ މި އުޅޭ ބައްޔޭ ހިތަށް އެރާފައި… ޗެކް ކޮށްލަންވެސް ހިތަށްއެރި އެކަމް ހަމަ މިގޮތަށް ވާތީ ވިއްޔަ މީހުން އެޑްމިޓް ކޮށްފައި އެތިބީ……އަނެއްކާ އަންވަރު ޓެސްޓް ހެދިއިރު ޕްރެގްނެންސީ ޓެސްޓް ހަދާނަމެކޭ ނުބުނެ….” ސުމާ ބުންޏެވެ. އެއަށްފަހު މާޒިންއާއި ދުރަށްޖެހުނީ އޭނާ ތައްޔާރުވާންވެގެންނެވެ. މާޒިން ފެންވަރަން ވަންނަނީކަމަށް ބުނެ އޭނާ ނިކުންނަންދެން އިންތިޒާރުކުރާށޭ ވެސް ބުންޏެވެ. ސުމާ ގޮސް އެނދުގައި އިށީނދެލަމުން ބަނޑުގައި އަތް އެޅިއެވެ.

މިހާރު އެގޮތަށް ތުނިކޮށް ފާހަގަވެސް ނުވާވަރަށް ބަނޑުއިނަސް ދުވަސްކޮޅަކުން ބޮޑު ބަނޑެއް ލާނެއެވެ. އޭރުން އޭނާ ހުންނާނީ ކިހިނެއްބާއެވެ؟ ލިބެން އުޅެނީ ކޮންކަހަލަ ކުއްޖެއްބާއެވެ؟ ޔާއިންއަށް އެހަބަރު ލިބުމުން ވާނީ ކިހިނެއްބާއެވެ؟ ހައްތަހާވެސް ސުވާލުތަކެވެ. ސުމާއަށް ހިނިތުންވެވުނެވެ. މީހަކު ދޮރުގައި ޓަކި ޖަހާލިއަޑަށް ސުމާ ހިޔާލުން ބޭރުވިއެވެ. އޭނާ ދޮރުހުޅުވާލިއިރު ހުރީ މާރިޔާއެވެ.

 

މާރިޔާއަށް ކެތްނުވެގެން ސުމާއާއި ބައްދަލުކުރަން އައީއެވެ. ސުމާ ފެނިފައި އޭނާ ބައްދާލިއެވެ. “މަންމަ ވަރަށް އުފާވެއްޖެ… ވަރަށް ބޮޑަށް އުފާވެއްޖެ.. ކޮންގްރޭޓްސް ސުމް…” މާރިޔާ ބުންޏެވެ. “ބުނޭ މަންމަ ކޯޗެއް ދަރިފުޅަށް ގެނެސްދެންވީ.. ބޭނުން އެއްޗެއް މިއަދު ބުނޭ… އޭރުން ގެނެސްދޭނަން….. އެހެންނޫނީ ހަދަންވީ ކާއެއްޗެއްވެސް ބުނޭ…” މާރިޔާ ސުމާއާއި ދުރަށްޖެހިލަމުން ބުނިއިރު އޭނާ އުފާވެފައިވާ ވަރު އެ މޫނުމަތިން ރަނގަޅަށް އިނގެއެވެ. “އަޅެ މަންމާ! ތިކަހަލަ ލޯބި ލޯބި މަންމައެއް ލިބުން އެއީ ކުޑަކަމެއްތަ…. މަންމަ އެއްޗެއް ނުދިނަސް މަންމަ އަބަދު ތިހެން ލޯބިވަނިކޮށް އެ ނިމުނީއޭ..” ސުމާ ބުނެލީ މާރިޔާގެ ދެއަތުގައި ހިފާލަމުންނެވެ. “މަންމަ މާހާއަށް އެހަބަރު ދިނީމަ ބުނީ ހަވީރުން ދާނަމޯ.. އޭރުން ޔާންވެސް އުޅޭނެނުންހޯ…” މާރިޔާ ބުނެލީ ސުމާ އޭނާއާއި އެކު ގެންދަމުންނެވެ. މާޒިން އިންތިޒާރު ކުރާށޭ ބުންޏެއްކަމަކު މާރިޔާ ކައިރި އެވާހަކަ ބުނާކަށް ނުކެރުނެވެ. އަދި މާރިޔާ ގޮވައިގެން ދާތީވެ މަޑުކުރަންވެސް ނުކެރުނެވެ.

“ނޫން މަންމާ… މާއްކޮ ކައިރި ބުނޭ ބަލިކޮށް އުޅޭއިރު އަންނާނެ ކަމެއް ނެތޭ.. އަޅުގަނޑަށްވެސް ދެވިދާނެއެއްނު… ދެން އެންމެން މިހާރު މާ ބަލިކުރަނީ އަޅުގަނޑު.. އަދި ހަމަ ގަދަފަދައޭ..” ސުމާ އެހެން ބުނުމުން މާރިޔާ ކައިރިއަށް ހިނިއައެވެ. “ސުމްކޮއަށް ހީވޭތަ ވަކި އޭނާ ދެން އެކަމަށް އެއްބަސްވާނެހެން.. އޭނާ އަންނާނެ.. ހުރީ އުފަލުން ގޮސް އަނެއް އަތަށް އަޅާފަ..” ސުމާ ގެ ގައިގާ ހިފަހައްޓާލައިގެން ހުރެ ސިޑިން ފައިބަމުން މާރިޔާ ވާހަކަދައްކަމުން ދިޔައެވެ. “ހިތަށް އަރާ މާޒިން ބައްޕަ ހުރިނަމަ ކިހާ އުފަލެއް ވީހޭ.. އެކަމް ތަޤުދީރުގެ ނިޔާ މީ.. ޔާންއަށް އެއްވެސް ކާފައެއްގެ ލޮތްބެއް ނުލިބުނު ތާނގާއި މި ދަރިފުޅަށްވެސް……” މާރިޔާ ރޮވޭގޮތްވިއެވެ. އެކްސިޑެންޓްވި ހަބަރު ލިބުމަށްފަހު ވަޅުލެވެންދެން ހިނގާދިޔަ ހުރިހާ ކަމެއް އޭނާ ލޮލުކުރިމަތީ ސިފަވަމުން ދިޔައެވެ.

ސުމާ މާރިޔާގެ ގައިގާ ބައްދާލިއިރު އޭނާވެސް ހުރީ އެހާލުގައެވެ. ދެކުދިންވެސް ކާފަގެ ލޯބިން މަހުރޫމްވެފައި ވާއިރު ލޯބިދޭން ހުރީ ހަމައެކަނި މާމައެކެވެ. “މަންމާ.. ދެން އެވާހަކަ ނުދައްކާ…” ސުމާ ބުނެލިއިރު އެ އަޑު ކުރެހިގެންދިޔައެވެ. އެކަން އިހްސާސްވުމައި އެކު މާރިޔާ ހަމަޖެހެން މަސައްކަތްކޮށް އިހްސާސްތަށް ކޮންޓްރޯލްކޮށްލިއެވެ. “އުނހު ދެން ނުރޯތި.. ހިނގާ އަވަހަށް ކާން… މަންމަ އާއި ޝަރޫ މި ހެދީ ދަރިފުޅަށް އެންމެ މީރު އެއްޗެހި މިއަދު…” މާރިޔާ ބުންޏެވެ. ސުމާ ހިނިތުންވެލާފައި ކާގެއަށް އައެވެ. ޝަރުމީލާވެސް ސުމާއަށް މަރުހަބާ ކިއެވެ.

މާޒިން ނިކުތްއިރު ސުމާ ނެތުމުން އޭނާ އަވަސް އަވަސްކޮށްލާފައި ތިރިއަށް ފޭބިއެވެ. އޭރު މާރިޔާ ސުމާއަށް ކާން ތައްޔާރުކޮށްދެނީއެވެ. “މަންމަ ދެން ފިރިހެން ދަރިފުޅު މަތިން ހަނދާން ނެތުނީތަ؟” މާޒިން މަޖާ ވެލާފައި އެހެން އެހިއެވެ. އެއަށްފަހު ސުމާ ކައިރި އައިސް އިށީނެވެ. “އަޅުގަނޑަށް އިނގޭ ކަމަކީ ސުމާ އެ ހުރިގޮތަށް ހުއްޓާ ބަނޑުބޮޑުނުވާކަން އޭނާއަށް އެ ހުރިހާ ލޮތްބެއް ދޭން..” މާޒިން ބުނި އެއްޗަކުން ޝަރުމީލާގެ އިތުރަށް މާރިޔާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. އެކަހަލަ އެއްޗެއް ބުނާނެކަމަކަށް ހީނުކޮށް އިތް ސުމާ ލަދުން ރަތްވިއެވެ. މާރިޔާމެންނާއި ދިމާލަށް އިސްއުފުލާ ބަލާލަންވެސް ނުކެރުނީއެވެ. ލޭތަށް އެ މޫނުމައްޗަށް އަރައިގެން ގޮސް މޫނު ރަތްވެގެން ދިިޔައިރު އެތަން ބަލަން  މާޒިން އިނީ އާޝޯހުވެފައެވެ. އޭނާއަށް ލިބިފައި މި ހުރީ ހަމަ ޖަވާހިރެކޭ މާޒިން ހިތަށް އެރިއެވެ. ކަޅު ވައްބުރުގަލެއް ތެރެއިން ލަދުގަނެފަ އިން ސުމާ ފެންނަނީ ކަޅު ވިލާގަނޑެއްގެ ތެރެއިން ވިދާ ބަބުޅަމުންދާ ހަނދެކޭ އެއްފަދައިންނެވެ.

“މާޒިންވެސް ދޯ… އަދި ހުރެބަލަ މާހާ ހުރީމަ ހުންނާނެ ކަންތަށް.. މިހާރު ގެއަށް ނާދެވިގެން އުޅެނީ… މަންމަ ބުނިން ހަވީރު އަންނާށޭ.. ހަމަ މިގަޑީގައި އަންނަން އުޅުނީވެސް…” މާރިޔާ ބުންޏެވެ. “އާނ… އޭނާ ރޮލާ ކާލާނެ….” މާޒިން ބުނެފައި ކަންފެށިއެވެ. ސުމާވެސް މަޑު މަޑުން ހީލާފައި ކާން ފެށިއެވެ. “މިހާރު މި ހުންނަނީ ޔާއިންއަށް ވާނެ ގޮތެއް ބަލަން.. ޔަޤީން އުފަލުން ފޮޅޭނެކަން..” މާރިޔާ އެހެން ބުނެލުމުން ސުމާވެސް އަދި މާޒިންވެސް އެއްބަސްވިއެވެ. ސުމާއަށް އެވަގުތު ނޭނގޭ ހަމަޖެހުމެއްލިބުނީ މާރިޔާއަށް ފުރަތަމަ މާމަ ކިޔާ ދަރިއެއް ލިބޭނެކަމުގެ ހަބަރު ލިބުނެއްކަމަކު ޔާއިން އާއި މެދު ހަނދާން ނައްތައިނުލީތީއެވެ.

ޔާއިން ސުކޫލަށް ދާ ގަޑި ކައިރިކޮށްފައި މާޒިން އޭނާ ބަލައިދާން އުޅުނެވެ. ސުމާ މާޒިންއާއި އެކު ބޭރަށް ނިކުތެވެ. “ޒިން…. ޔާން ކައިރި ބުނާނީ ގެއަށް އައިއްސަ އިނގޭ… އަހަރެން ބޭނުން އޭނާއަށް ވާ ގޮތް ބަލަން.. ޕްލީސް ޕްލީސް…” ސުމާ އާދޭސްކުރަންފެށިއެވެ. “އޯކޭ ކަމަނާ ވިދާޅުވިގޮތެއް..” މާޒިން ސުމާގެ ކޮލުގައި ހިފާލަމުން އެހެން ބުނެފައި ސައިކަލަށް އަރައިގެން ހިނގައްޖެއެވެ. މެންދުރުގެ ގަދަ އަވީގައި ބޭރުގައި އިތުރަށް ހުންނަން ނުކެރުމުން ސުމާ އެތެރެއަށް ވަދެ ސޯފާގައި އިށީނދެ އިން އިރު އޭނާ އިނީ ކެތްމަދުވެފައެވެ.

……

މާޒިންގެ އަތުގައި ހިފައިގެން ފުމެމުން ކަހަލަ ގޮތަކަށް ވަތް ޔާއިން ފެނި ސުމާ ގެ ހިނިތުންވުން ފުޅާވިއެވެ. ސުމާ ގައިގާ އައިސް ޔާއިން ލޯބިން ބައްދާލިއެވެ. “ހިނގާ ކޮޓަރިއަށް ދާން ދޯ ބޭބީ…” ސުމާ ޔާއިންގެ އަތުގައި ހިފަހައްޓާލަމުން ހިނގައިގަތެވެ. ފަހަތުން ޔާއިންގެ ދަބަސް ހިފައިގެން ހުރި މާޒިންވެސް ހުރީ ވަރަށް ކެތްކޮށްލައިގެންނެވެ. ކޮއްކޮއެއް ލިބެން އުޅޭކަމުގެ އިހްސާސްއަކީ ވަރަށް ފޮނި އިހްސާސްއެއްކަން އޭނާއަށް އިނގެއެވެ. އެ ނަސީބު އޭނާއަށް ނުލިބުނެއްކަމަކު ލޯބިވާ ޔާއިންއަށް ލިބެން އުޅޭތީ އިންތިހާއަށް އުފާވިއެވެ. އެދެމީހުންގެ ފަރާތުން ޔާއިން ނައެއްކަމަކު ޔާއިންއާއި އަމިއްލަ ދަރިއަކާއި ކުޑަވެސް ތަފާތެއް ނުކުރެއެވެ. ލޯބިވަނީ އިންތިހާއަށެވެ. ދެމީހުން ގުޅުމުގައިވެސް ޔާއިންގެ އަތެއް ވާކަން އެމީހުން ގަބޫލުވެސްކުރެއެވެ.

އެދެމީހުންނަށް ހިފަހައްޓާލައިގެން ތިބެވުނީ އިރުކޮޅަކަށެވެ. މާޒިން ޔާއިން ފެންވަރުވާލައިގެން ނެރުނު ތަނުން ސުމާ އޭނާ ރީތިކޮށްލަން އޭނާ ކައިރި ބެހެއްޓިއެވެ. އެއަށްފަހު ވާހަކަފެށިއެވެ. މާޒިން ވެސް ކައިރީގައި އިށީނެވެ. “ޔާން… މަންމިގެ ދަރިފުޅޫ.. ވާހަކައެއް ބުނަންތަ؟” ސުމާ ޔާއިން ކުޑަ އަތާއި ކުޅެލަމުން ބުނެލިއެވެ. ޔާއިން އޭނާގެ ނަޒަރު އެދެމީހުންނަށް ހިންގާލާ ސަމާލުކަން ދިނެވެ.

“ޔާން ބޭނުންތަ ލޯބި ލޯބި ކޮއްކޮއެއް؟” ސުމާ އެހެން އެހުމާއި އެކު ޔާއިން އަވަސް އަވަހަށް ބޯޖަހާލިއެވެ. “އިނގޭތަ ދަރިފުޅަށް އެބައުޅޭ ކޮއްކޮއެއް ލިބެން…….” ސުމާ މަޑުމަޑުން އެހެން ބުނެލުމާއި އެކު ޔާއިންގެ ދެލޯ ބޮޑުވިއެވެ.. “ކޮއްކޮއެއް؟ ބޭބީއެއްތަ މަންމީ؟؟؟ ޔާންއަށް؟؟” ޔާއިން އެހިއިރުވެސް އޭނާ ހުރީ ޝޮކެއްގައެވެ. އޭނާ ކުޑައަތުން އަމިއްލަ މޭގައި އަތް އަޅާލީ އޭނާއަށް ތޯ ލިބެނީ ޔަޤީންކުރާށެވެ. ސުމާ އާއި މާޒިން އެއްފަހަރާ އާއެކޭ ބުންޏެވެ. “އޭރުން.. ޔާން މެންނާއި އެކު އުޅޭނީ؟ ޔާންއާއި އެކު ކުޅޭނީވެސް؟؟” ޔާއިން ވަރަށް “އެކްސައިޓް” ވާހެން ހީވުމުން މާޒިން ކައިރިއަށް ހިނިއައެވެ. “ލައްބަ.. ޔާން އާއި އެކު ކުޅޭނެ ލޯބި ލޯބި ބޭބީއެއް އަންނަން އެބައުޅޭ… ޔާންއަށް ދޮންބެ ކިޔާނެ….” ސުމާ ބުނެލީ ފުޅާ ހިނިތުންވުމަކާއި އެކުގައެވެ. “އަސްލުތަ މަންމީ؟؟ ކޮންއިރަކުންތަ ކޮއްކޮ އަންނާނީ؟؟ ހިނގާ މިހާރު ގެންނަން ޑޮކްޓަރ އަތުން..” ޔާއިން ބުނެފައި ސުމާގެ އަތަށް ދަމަންފެށިއެެވެ. ސުމާއާއި މާޒިން އެކީ ހޭންފެށިއެވެ. “އޭގެ ކުރިން މަންމި ޖެހޭނޭ ބޮޑުބަނޑެއް ލާން…. އެއްކަލަ އުޅެއެއްނު މާހާދޮންތިއެއް ދޯ.. އެ ދޮންތި ގޮތަށް ބޮޑު ބަނޑެއް ލީމަ ނޫނީ ޑޮކްޓަރު ނުދޭނެ ކޮއްކޮއެއް.. މާހާ ދޮންތިވެސް ކޮއްކޮ ގެންނަންވެގެންނޭ ބޮޑު ބަނޑެއް ލާފައެހުރީ…” މާޒިން ބުނެފައި ޔާއިންގެ ފަން މުށި ކުލައިގެ ބޮލުގައި ހުރި ކުދި ކުދި ފެންތިކިތަށް ފިލާނެހެން ކުޅެލިއެވެ. ސުމާ ހިނިއައީ މާޒިން ކިޔައިދިން ގޮތަކުންނެވެ. ޔާއިން ސުމާގެ ބަނޑަށް ބަލާލިއެވެ. “މާހާ ދޮންތިބުނީ ދޮންތި ބަނޑުތެރޭ ބޭބީ އޮތީއޭ… ޔާން ލައްވުވާ އަތްވެސްލިއޭ، އެގޮތަށްތަ މަންމީ ވާނީ؟ މަންމި ބަނޑުގާތަ ކޮއްކޮ އޮންނާނީ؟” ޔާއިން ސުވާލުކުރުމުން ސުމާ ބޯޖަހާލިއެވެ. “އޭރުން މަންމި ފަލަވެފަ ދޯ ހުންނާނީ ޔާން… ލޯބި ލޯބިކޮށް.. ޔާން ވާނެ ދޯ ކޮއްކޮއަށް ބައިވަރު އެއްޗެހިވެސް ގަންނަން ދޯ..” މާޒިން ބުންޏެވެ. އެންމެންވެސް ހީކުރިގޮތަށް ޔާއިން އުފަލުން ދެފައި އެއްތާ ނުޖަހައެވެ. ކޮއްކޮއަށް މި ކުޅޭ އެތި ދޭނަމޭ ކޮއްކޮ އަށް އެވެނި އެއްޗެއް ދައްކާނަމޭ ކިޔާ މުޅި ގޭތެރޭ ދުވިއިރު މާރިޔާގެ އިތުރަށް މާޒިންއާއި ސުމާވެސް ހެވިފައި ބަލަން ތިއްބެވެ.

118
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ryn

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ފުން ލޯބި (16)

Next

އަނދިރިފަރާތް (11 ވަނަ ބައި)

Next
February 18, 2017

އަނދިރިފަރާތް (11 ވަނަ ބައި)

Previews
February 17, 2017

ފުން ލޯބި (16)

13 Comments

  1. Ryn says:
    February 18, 2017 at 9:10 am

    Salaam. Morning. ?❤ and here it is. Dhn aslu bunelan beynumy ryn ah point out khdheyshey beykaaru vaahaka akyy kobaikan eyrun dhn huri part thakuga or story ehga viyas aslu remove khlan ingeyny. Beykaaru vaahaka hurey bunyas aslu kihineh ryn ah ingeyny. Knme sentence eh vx liyan vrh balaign vrh ryhchah dhw so I reaallyyy don’t know what “beykaaru vaahaka” is. So if u could just tell me so that I can do it better. ??❤ anyway thaankxxxx.. And c u guys next Tuesday. That day will let u know about the total parts. ❤❤✨

    1. rain says:
      February 18, 2017 at 5:15 pm

      Beykaaru vaahaka aky missalakah dakkaa hurihaa vaahaeh liyun.. eyge badhalga baeh vaahaka thah liyelaafa dhn huri vaahakathah khulaasaa kohlaany.. eyrun beykaaru vaahaka madhuvaane

  2. Sanaa says:
    February 18, 2017 at 9:33 am

    vv reethi dhen ehaa haasaru dhigu nukuriy makanneyge rythi vaany

  3. ainth says:
    February 18, 2017 at 9:38 am

    Zin sumaa ah sumko kiyaathi mashah kamsku nudhey…..
    Vaahaka v reethi…keep it up…

    1. new says:
      February 18, 2017 at 11:25 am

      Asluves ethankolhu ragalhu kolleema shalhivaane

  4. smile says:
    February 18, 2017 at 10:49 am

    yes ainth faanhaga kurigothah ehaa reecheh noon maazin sumko kiyaafa vahaka dhehkeema.. heevany kokk aka vahaka dhahkaahen….

  5. Mary says:
    February 18, 2017 at 11:14 am

    Dhivehi bahuga dhiyai ehchehsah beynun kuraaney fodhu kolhu beynumen nukureveyne juice fodheh liyaaney kolheh noon. ryn

  6. Aisha says:
    February 18, 2017 at 11:18 am

    V v v v v v v reethi… Run u r the best ???

  7. Ryn says:
    February 18, 2017 at 11:21 am

    Thank you guys and dhn huri episode thakuga sumko ge name change khlaanan sorry kury part ga bunelaafa inyma vx change nukhkevunyma mi part ga. But will change ingey. ??❤❤ and thankx once again. There r few mistakes too.. didn’t check well ehnve. Sorry for that. ✨❤

  8. ReeXa says:
    February 18, 2017 at 12:59 pm

    Wowww..

  9. Brainless says:
    February 18, 2017 at 3:45 pm

    Ohh suma preg v dhw.. Alheyy next part varah kiyaa hiy eba veyy ryynn..
    And this part is also beautiful..??
    I really like it ryynn..???

  10. 404Error says:
    February 18, 2017 at 3:51 pm

    wowooowoooooooow ??

  11. Sad says:
    February 20, 2017 at 9:40 pm

    Next part kn eraku

Comments are closed.

All Right Reserved!