މައި ނޭމް އިޒް ޚާން (ދެވަނަބައި)
“..ކަލޭ ހާދަ ހާސްވީ.. އަނެއްކާ ކައެގެ ކަމެއްތަ؟..” ޒާލް ބުނި އަޑުއިވުނެވެ. އޭނާއަށް އަހަރެންގެ މޫނުމަތީ ކުލަވަރުން އެއްޗެއް ވިސްނުނީ ކަންނޭގެއެވެ.
“..މަ އެބައުޅެންތަ މޮޔަވެގެން..” އަހަރެން އަވަހަށް ބުނެލީމެވެ. “..ހަމަ ޔަޤީންތަ ތެދެއްކަން..” އަހަރެންނަށް އެވާހަކަތައް ޤަބޫލްކުރަން އުނދަގޫވިއެވެ. ރީމް ބަނޑުބޮޑުވެގެން ނުވާނެއެވެ.
ރީމް އަހަރެންނަކަށް ބޭވަފާތެރިއެއް ނުވާނެއެވެ. އޭނާއަށް އަހަރެން ވަރަށް އިތުބާރުކުރަމެވެ. އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށެވެ. އަދި އެހާމެ ލޯބިވެސް ވެއެވެ. މިދުނިޔެމަތިން އަހަރެން އެންމެ ލޯބިވަނީ މަންމަ ދެކެއެވެ. ދެން ރީމް ދެކެއެވެ. ރީމްވެސް އަހަރެންދެކެ އަހަރެންވާ ވަރަށް ލޯބިވާކަން ޔަޤީނެވެ. އަދި އިތުބާރުކުރާކަންވެސް ގައިމެވެ.
“..އެކަމް ހާދަ ހީނުވެޔޭ ދޯ ޚާން..” ޝާންޓޭ ބުނެލިއެވެ.
“..ދެންމެ ބޭރަށް ނުކުތްތަނާ ލިބުނު ހަބަރެއް އެއީ.. ނޭގެ ތެދެއް ދޮގެއް..” ޒާލް ބުނެލިއެވެ.
ޒާލްއަށް ވެސް އެވާހަކަ އަކީ ތެދެއްކަމެއް ޔަޤީންކަމާއި އެކު ބުނަން ނޭގުމުން އަހަރެންނަށް ކޮންމެސްވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އަހަރެން އެވާހަކަތައް ތެދަކަށް ވެދާނެކަމަށް ޤަބޫލްކުރާކަށް ބޭނުމެއްނުވިއެވެ. އެއީ ދޮގުވާހަކައެކޭ ހިތްބުނަމުން ދިޔައެވެ. ހަމައެހެންމެ ހިތުގެ އެއްކަނަކުން އެއީ ތެދަކަށްވެސް ވެދާނޭ ބުނާކަހަލައެވެ. ރީމް ސުކޫލަށް ނައީ އެހެންވެ ކަންނޭގެއެވެ.
“..ޚާން އެކަހަލަ ކަމެއް ކުރިންތަ؟..” ޝާންޓޭ އެހިއެވެ. މަޑުމަޑުން ނެވެ. އަހަރެން އެއްވެސް ޖަވާބެއް ނުދީ ޝާންޓޭ އާ ދިމާލަށް ބަލާލުމަށްފަހު ނޯޓްތައް ނަގަންފެށީއެވެ. ހަޤީޤަތުގައި ޝާންޓޭއަށް އެސުވާލް ކުރާކަށްވެސް ނުޖެހޭނެއެވެ. އޭނާއަށް އެސުވާލްގެ ޖަވާބް އެނގެންވާނެއެވެ. އެނގޭނެއެވެ. އަހަރެންނަށް ކުރެވިފަ ހުންނަކަންތަކާއި އަހަރެންގެ ސިއްރުތައް އެނގޭ ހަމައެކަނި މީހަކީވެސް އެއީ އެވެ. ޝާންޓޭއަށް ކިޔާނުދެވޭ ވާހަކައެއް އަހަރެން ހަޔާތަކު ނުވެއެވެ.
އަހަރެން ޖަވާބެއް ނުދިނުމުން އަނެއްކާވެސް ޝާންޓޭ ވާހަކަ ދައްކަން ފެށިއެވެ. “..އެއްކަލަ ރޭގެ ފަހުން އެކަހަލަ ކަމެއް..” އަހަރެން މިފަހަރުވެސް ޝާންޓޭއާ ދިމާލަށް ބަލާލީމެވެ. އެޔާއެކު އޭނާ ހިމޭން ވިއެވެ. ކިތަންމެ ސުވާލެއް ކުރިނަމަވެސް އެގަޑީގައި އަހަރެން އަނގައިން އެއްވެސް އެއްޗެއް ބޭރުނުވާނެކަން އޭނާއަށް ޔަޤީންވީއެވެ.
އަހަރެން އިންތިޒާރުކުރަމުން ދިޔައީ އިންޓަވަލް ވަގުތަށެވެ. ހިތުގައި އުފެދިފައިވާ ސުވާލްތަކުގެ ޖަވާބު ލިބޭނީ އެގަޑީގައި ކަމަށް ވުމުންނެވެ. ރީމް އޭ ކިޔައިގެން ދެކެވޭ ވާހަކައިގެ ތެދު ދޮގު އެނގިގެންދާނީވެސް ޒާނާއާ ބައްދަލުކުރެވިގެން ކަމުގައިވާތީއެވެ. ޒާނާއަށް ރީމްގެ ހުރިހާކަމެއްވެސް އެނގޭނެއެވެ.
****************************
އަހަރެން އިނީ އިންޓަވަލް ވަގުތު ޖެހެން 5 މިނިޓެއް ވީ އިރު ދަބަހަށް ފޮތްތައް އަޅައި ރެޑީވެލައިގެންނެވެ. ބޯޑް މަތީގައި ހުރި ގަޑިއަށް ނަޒަރު ސީދާކޮށްލައިގެންނެވެ. ސިކުންތަކަށްފަހު ސިކުންތެއް މިނެޓަކަށްފަހު މިނެޓެއް ފާއިތުވަމުން ގޮސް ފަސްމިނިޓް ހަމަވުމާއެކު ބެލް ޖެހި އަޑު އިވުނެވެ. ހަމަ އެޔާއެކު އަހަރެންނާއި ޝާންޓޭ އަވަހަށް ކުލާހުން ނުކުތުމަށް ހިނގައި ގަތީމެވެ.
އަހަރެމެން ދެމީހުން ބާރު ހިނގުމުގައި ގޮސް މަޑުކޮށްލީ އަންހެން ކުދިން ނިކުންނަށް ގޭޓާ މާދުރުނޫން ހިސާބެއްގައެވެ. ޝާންޓޭ ގޭޓް ކައިރިއަށް ދިޔުމަށް ބުނުމުންވެސް އަހަރެން ދާން ބޭނުން ނުވީއެވެ. އަންހެން ކުދިންގެ ލޯ ތަކުން ސަލާމަތްވުމަށެވެ. އެގޮތަށް އަހަރެންނާ ދިމާލަށް ބެލުން އެއީ އަހަރެން ވަރަށް ނައްޓާކަމެކެވެ. ދެން އެހެންގޮތަކަށް ބުނަންޔާ އެއީ އަހަރެން ވަރަށް ކަޑަވެސްވާކަމެކެވެ. އަހަރެންނަށް ބަލަންޖެހޭނީ ރީމް އެކަންޏެވެ.
ހުރިހާ ކުލާހެއްގެ ކުދިން ނިކުމެގެން ގެޔަށް ދިޔައިރުވެސް ޒާނާއެއް އަހަރެމެންގެ ލޮލަކު އަޅަޔެއް ނުގަތެވެ. ޒާނާ ސުކޫލަށް ނާންނަނީ ބާއެވެ. ނޫނީ ނިކުތްތަން އަހަރުމެންނަށް ނުފެނުނީބާއެވެ.
“..ޚާން ޑޯންޓް ވޮރީ.. މަ ގެޔަށް ގޮސްފަ އެމީހުނަށް ވީގޮތެއް އޮޅުން ފިލުވާނަން..” ޝާންޓޭ ބުންޏެވެ. “..ދެން ހިނގާ ދާން..” އަހަރެން ޝާންޓޭއާ ދިމާލަށް ބަލާލީމެވެ. ޝާންޓޭ އެކަންތައް އޮޅުން ފިލުވާނީ ކިހިނެއްތޯ އެހުމުގެ ބޭނުމުގައެވެ. އަނގައިން ނުބުނި ނަމަވެސް އޭނާ އެކަން ދެނެގަތެވެ.
“..ގެ ކައިރީ އުޅޭނުން އެރަށު ކުއްޖެއް.. އޭނަ ކައިރިން.. އިނގޭނުން ޒައިދު..” ޝާންޓޭ އޮޅުން ފިލުވާދިނެވެ. ރީމް އާއި ޒާނާ އެއީ އެއްރަށު ދެކުދިންނެވެ. ޒައިދުވެސް އެއީ އެރަށުކުއްޖެކެވެ.
އަހަރެމެން ގެޔަށް ދިޔަމަގުމަތީ އެއްވެސް ވާހަކައެއް ނުދައްކަމެވެ. ޝާންޓޭވެސް އިތުރު އެއްޗެއް ނުބުނެއެވެ. އިތުރު ސުވާލެއްވެސް ނުކޮށް އޭނާ ދިޔައީ ގެޔަށެވެ. ސުވާލެއް ނުކުރީ އޭނާއަށް އަހަރެންގެ މިޒާޖް އިނގޭތީއެވެ. އަހަރެން ކަމަކާ ވިސްނާ ފިކުރުބޮޑުވެއްޖެނަމަ ވާހަކަ ދައްކައެއް ނޫޅެމެވެ.
އަހަރެންގެ ހިތަށް އަރާ ހުރިހާ ވާހަކަތަކެއް ކިޔާ ދީ ސިނކުޑިއަށް ލުޔެއް ދިނުމަށް ހިތް ކިތަންމެ އެދުނަސް އަހަރެންނަށް އެކަމެއް ނުކޮށްދެވެއެވެ. ޝާންޓޭވެސް ހިތުގަ ހުންނަ އެއްޗެހި ނެރެލާ ވާހަކަ ދެއްކުމަށް ބުނެ ވަރަށް ނަސޭހަތްދޭނެއެވެ. ނަމަވެސް އެއީ އަހަރެންނަށް ކުރަން ވަރަށް އުނދަގޫކަމެކެވެ. ޝާންޓޭއަށް ވެސް ވާހަކައެއް ކިޔާދެވޭނީ އޭނާ ވަރަށް އާދޭސްކުރާ ފަހުންނެވެ. ނޫނީ އަހަރެން ހަމަޔަކަށް އެޅުމުން ހުރިހާ ވާހަކައެއް ކިޔާ ދެނީއެވެ.
ޒައިދު ފަރާތުން އަހަރެމެންނަށް އިނގުނީ ރީމް އާއި ޒާނާ އިއްޔެ އެރަށުން އައި އޮޑިން އައިކަމެވެ. ރީމް އޭ ކިޔައިގެން ދެކެވެމުންދާ ވާހަކައިގެ ތެދު ދޮގެއް އޭނާއަކަށްވެސް އިނގިފައެއް ނެތެވެ. އޭނާއަށްވެސް އެ ޚަބަރު ލިބުނީ މިއަދު ސުކޫލުންނެވެ. އަދި ޒައިދުމެން ރަށުގައިވެސް އެކަހަލަ ވާހަކަތަކެއް ދައްކަނިކޮށް އަޑުއިވިފައި ނުވާކަމަށް ޒައިދު ބުންޏެވެ.
ރީމް ރަށުން އައިކަން އެނގުމުން އަހަރެންގެ ހިތް އެވާހަކައަކީ ދޮގު ވާހަކައެކަން ޔަޤީންކުރިއެވެ. ރީމް ރަށުން މިރަށަށް އަންނާނީ ސުކޫލުން ކަނޑާލާފައި ނުވާތީއޭ އަހަރެންގެ ސިކުނޑި އަހަރެންނަށް ވިސްނާދިނެވެ. ހަމައެގޮތަށް އަޑެއްކިޔާހާ ކޮންމެ ފަހަރަކު ރެނދެއް ލާކަށް ނުޖެހޭނެކަމަށް ހިތް އަހަރެންނަށް ބުނެދިނެވެ.
“..މިހާރު ހިތް ހަމަ ޖެހިއްޖެއްނުން..” ޝާންޓޭ އަހަރެން ގައިގަ ބޮނޑިއެއް އަޅާލަމުން ބުންޏެވެ. އަހަރެން ހިނިތުންވެލަމުން ޝުކުރުއަދާކުރީމެވެ. މިނޫނަސް ކިތަންމެ ކަމެއްގައި ޝާންޓޭ އަހަރެންނަށް އެހީވެދެއެވެ. އޭނާ އަހަރެންނަށް ލިބޭ އުފަލާއި، ހިތާމަތަކުގައި ބައިވެރިވާނެއެވެ.
“..އަދި ރީމްއަށް ވީގޮތެއް އެނގުނީމަ މުޅިން ހަމަޔަކަށް އެޅޭނީ..” އަހަރެން މަޑުމަޑުން ބުނީމެވެ.
“..ހަމަޔަކަށް އަޅުވާލަ ދޭނަން.. ހާސް ކަނޑާލާ..” ޝާންޓޭ ވަރަށް ފޯރިޔާއެކު ބުންޏެވެ. އޭނާ ހުރީ އަހަރެން ހަމަޔަކަށް އެޅުމުން ވަރަށް ހިތްހަމަޖެހިފައެވެ. “..މިރޭ އިޝާ ނަމާދުން ފައިބެގެން ރީމް އުޅޭ ގެ ކައިރިޔަށް ދާނީ.. ޚާންއަށް އެގެޔަށް ވަންނަން ނުކެރެންޔާ މަ ވަދެފަ އަހާނަން.. ރީމް ކޮބާތޯ؟ ބަލީތޯ؟ ހުރިހާކަމެއް އޮޅުން ފިލުވާނަން.. ތި ހިތަށް ހަމަޖެހުން ހޯދަ ދޭނަން.. އޯކޭ އެއްނުން މައި ބެސްޓް ބަޑީ…” ޝާންޓޭ ކިހާ ރަނގަޅުހެއްޔެވެ؟ އަހަރެންނަށް ރީމް އުޅޭ ގެޔަށް ވަންނަން ނުކެރޭނެތީ އޭނާ އެހުރީ އެކަންވެސް ކޮށްގެން އަހަރެންނަށް ހަމަޖެހުމެއް ހޯދައިދޭންތާއެވެ.
އަހަރެން ހިތާ ހިތުން ޝާންޓޭއަށް ތަޢުރީފް ކުރީމެވެ. އެކަހަލަ ރަޙްމަތްތެރިޔަކު ލިބުނުކަމަށްޓަކައި ޝުކުރުކުރީމެވެ. މި ރަޙްމަތްތެރިކަން އަބަދުވެސް ދެމިއޮތުމަށް ދުޢާ ކުރީމެވެ. އޭރު އެގޮތަށް ހިތަށް އެރި ނަމަވެސް މިއަދު އަހަރެން އެކަހަލަ ރަހުމަތްތެރިޔަކު އެއްވެސް މީހަކަށް ނުދެއްވުމަށް ދުޢާކުރަމެވެ. މިއަދު ޝާންޓޭ މަތިން ހިތަށް އެރިޔަސް އަހަރެން އަމިއްލަ ނަފްސު ދެކެ ރުޅި އާދެވެއެވެ. ލަދު ގަނެއެވެ. އޭރު އޭނާގެ އަނދިރިފަރާތް އަހަރެންނަށް ނޭގުނީއެވެ. ނޫނީ އަހަރެން ގަމާރުކަމުން ނުވިސްނުނީއެވެ.
*******************
ރޭގަނޑުގެ ވަގުތެވެ. ގަޑިން 8 ޖެހިއިރު ނަމާދުކޮށް ނިންމާލައިގެން އަހަރެންނާއި ޝާންޓޭ މިސްރާބް ޖެހީ ރީމް ގެޔާ ދިމާލަށެވެ. ރީމްގެ ހުންނަނީ ރަށުގެ އެންމެ އުތުރުކޮޅުގައި ކަމުން ހިނގަމުން ދިޔައީ ވަރަށް ހަލުއި ކޮންނެވެ. މަންމަ ލަސްވެގެން އުޅެފާނެތީ އަވަހަށް ގެޔަށްދާން ބޭނުންވާތީއެވެ. އަހަރެމެން އުޅޭ ގެ ހުންނަނީ ރަށުގެ ދެކުނު ކޮޅުގައެވެ.
ރީމްގެ ހާލު އެނގުމުން ނޫނީ އަހަރެންގެ ލޮލަށް ނިދިވެސް ނާންނާނެކަން ޔަޤީނެވެ. އެހެންކަމުން އަހަރެން ބޭނުންވީ އޭނާގެ ހާލު އޮޅުން ފިލުވާލުމަށެވެ. ރީމް ސުކޫލަށް ނުދިޔައީ ކީއްވެތޯ ބަލާލުމަށެވެ. އަހަރެން ހުރީ ރީމް ބަނޑުބޮޑޭ ކިޔައިގެން ފެތުރޭ އަޑުތައް ހިތުން އެކީއެކަށް ފޮހެލާގެންކަމުން އަހަރެން ހުރީ ހަމަޖެހިފައެވެ. އެކަހަލަ ކަމެއް ނުވާނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އޮތެވެ.
“..ހިނގާ ޒާނާ މެންގެޔަށް..” ޝާންޓޭ ރީމް މެންގެއިން ނުކުމެގެން އައިސް ބުނެލިއެވެ. އަހަރެން ހުރީ ރީމްމެން ގެޔާ ތަންކޮޅެއް ދުރުގައެވެ.
“..ރީމް ޒާނާ މެން ގޭގަތަ ވީ..؟ ” އަހަރެން ސުވާލްކޮށްލީމެވެ. ޝާންޓޭ ހޫމް ލައްވާލުމަށްފަހު ހިނގައިގަތުމުން އަހަރެންވެސް ފަހަތުން ހިނގައިގަތީމެވެ.
އަހަރެމެން ޒާނާމެން ގޭ ކައިރިއަށް ދިޔައިރު ޒާނާގެ މަންމަ ދޮރުމަތީގައި ހުއްޓެވެ. އެމަގުގައި އިތުރު މީހަކު ނެތެވެ. އަހަރެން ދުރުގައި މަޑުކުރުމުން ޝާންޓޭ ގޮސް ޒާނާ މަންމަ ކައިރީ ކޮންމެސް އެއްޗެއް ބުނުމުން މަންމަ އެތެރެޔަށް ދިޔަތަން އަހަރެންނަށް ފެނުނެވެ.
“..އެބަ އާދޭ..” ޝާންޓޭ އަހަރެންކައިރިއަށް އައިސް ބުނެލިއެވެ. އިރު ގަނޑެއްފަހުން ޒާނާ ނުކުމެގެން އަންނަތަން ފެނުނެވެ. ނަމަވެސް ރީމް އެއް ނާދެއެވެ. ރީމް ކޮބާ ހެއްޔެވެ؟ އަހަރެން ޝާންޓޭ މޫނަށް ބަލާލީމެވެ. ޝާންޓޭ އެއްވެސް އެއްޗެކޭ ނުބުންޏެވެ. މަޑުމަޑުން ހުރީއެވެ.
“..ކޮން ބޭނުމަކު..” ޒާނާ އެހެން ބުނެލިއިރު އަޑުގައިވި ބީރައްޓެހިކަން ކިތަންމެ ރަނގަޅަކަށްވެސް ފާހަގަކުރެވުނެވެ.
“..ކޮބާ ރީމް..؟ ” އަހަރެންވެސް ކުރީ ސުވާލެކެވެ.
“..ރަށުގަ..” ޒާނާ ދިނީ ކުރުޖަވާބެކެވެ.
“..ޒައިދު ބުނި އައި ވާހަކަ.. ކީއްވެ ދިޔައީ.. ރީމް ބަލިވީތަ؟..” އަހަރެން ވަގުތުން އެހީމެވެ. އޭރު ކޮންމެސް ވަރަކަށް ހިތުގައި ބިރުވެރިކަން އުފެދެމުން ދިޔައެވެ.
“..ކޮންކަމެއް އޮޅުން ފިލުވާ ހިތުން ތިއުޅެނީ..” އަހަރެން ޒާނާގެ މޫނަށް ރަނގަޅަށް ބަލާލީމެވެ. އެމޫނުމަތިން ފެންނަނީ ނުރުހުމުގެ ކުލަވަރެވެ. އޭރު ހަމަ ރަނގަޅަށްވެސް ކުރިން ހިތުން ނެރެލި ވާހަކަ އެނބުރި ސިނކުޑިއަށް ވަދެ އަހަރެން ހާސްކޮށްލާފިއެވެ. ހަމަ ހަޤީޤަތަށް ވެސް ރީމް ބަނޑުބޮޑު ވީ ހެއްޔެވެ؟ ހިތުގައި ޝައްކު އުފެދުނެވެ. އަހަރެންނަށް ބަލާލެވުނީ ޝާންޓޭއާ ދިމާލަށެވެ. އޭނާ ހަމަ ހުރިގޮތަށް ހުރީއެވެ. އޭނާއަށް ހުރިހާ ކަމެއް އެނގޭކަހަލައެވެ.
“..ރީމް..އޭ ކިޔާގެން.. އެއީ ތެދެއްތަ؟..” އަހަރެންނަށް ވަރަށް އުނދަގުލުން ބުނެވުނެވެ.
“..ކަލޭގެ ދަރިއަކަށް ބަލިވެ އިނދެ އޭނަ ސުކޫލުން ކަނޑާލި ޚަބަރު އެއީ ތެދެއްތޯ ބަލަންތަ؟..” ޒާނާ ބުނެލިއެވެ. ޝައްކު ޔަޤީނަށް ބަދަލްވި ހިނދު ދެފައި ދަށުން ބިންގަނޑު ދެމިގަތްކަހަލައެވެ. އަހަރެންނަށް ލިބުނު ހައިރާންކަމާ ހާސްކަމާއެކު ދެކޮޅަށް ބޯ ހޫރުވާލަމުން އަވަހަށް ނޫނެކޭ ބުނެވުނެވެ. އަދި ޒާނާ އާ ދިމާލަށް ދެތިން ފިޔަވަޅު ކުރިޔަށް އަޅާލެވުމާއެކު އޭނާ ފަހަތައް ޖެހުމުން ހުއްޓެވުނެވެ. ރޭގަނޑުގެ އެވަގުތުގައިވެސް ދާހިއްލާ ބޯ ހާސްވާންފެށުމުން ދެއަތުން ބޮލުގައި ހިފަހައްޓާލެވުނެވެ.
“..ބުނަން ރަނގަޅު ވާހަކަ އެއް މުޙައްމަދު ވިޚާން.. ކަލޭ މާ އިނޮސެންޓް މީހަކަށް ވެގެން އުޅޭނެކަމެއް ނެތް..” ޒާނާގެ އަޑުގައި ހަރުކަށިކަން އެކުލެވިގެންވެއެވެ. “..މަށަށް ކަލޭގެ ފެންވަރު އެނގި ހާމަވެއްޖެ.. އަހަރެން ކަލޭގެ ތި އަނދިރިފަރާތް މުޅި ދުނިޔެއަށް ބޭޒާރުކޮށްލާނަން.. ކަލެޔާ ރީމްއާ ސިއްރު ގުޅުމެއް އޮތްކަން އެންމެނަށް އަންގާނަން.. ރީމް ސުކޫލުން ކަނޑާލި ގޮތަށް ކަލޭވެސް ކަނޑާލާ ވަރު ކުރާނަން..” އެއްވެސް އިޚްތިޔާރަކާނުލާ އަހަރެން ފެންކަޅިވިއެވެ. ނަމަވެސް އެކަރުނަތައް ހިންދާލީމެވެ. އަހަރެން އެއްވެސް މީހެއްގެ ކުރިމަތީ ރޯކަށްބޭނުމެއް ނުވެއެވެ. މިހާތަނަށް ރޮއެފަކަވެސް ނޯންނާނެއެވެ. ނަމަވެސް އަހަރެންނަކަށް އެގަޑީގައި ބުނާނެ އެއްޗެއް ކުރާނެކަމެއް ސިކުނޑިއަކަށް ނުވިސްނުނެވެ. ޒާނާ ގޮވާނެ އެއްޗެއް ގޮވުމަށްފަހު ދިޔުމަށް ހިނގައިގަތެވެ. ހަމައެޔާއެކު ޝާންޓޭ ޒާނާއަށް ގޮވަމުން ޒާނާ ފަހަތުން ހިނގައިގަތެވެ.
ޒާނާ ބުނިހެން އަހަރެން ނާއި ރީމްގެ ގުޅުމަކީ އެންމެނަށް ސިއްރު ގުޅުމެކެވެ. އެކަން އިނގޭނީ ޝާންޓޭ އަށާއި ޒާނާއަށް އެކަންޏެވެ. އެގުޅުން އެންމެނަށް ސިއްރުކޮށްގެން އުޅުން އެއީ އަހަރެން ބޭނުންވިގޮތެވެ.
ޝާންޓޭ ޒާނާއާ ވާހަކަތަކެއް ދެއްކުމަށްފަހު އެނބުރި އައި އިރުވެސް އަހަރެންނަށް ހުރެވުނީ ހުރި ފިޔަވަޅުމަތީ ގައެވެ. ކުރިޔަށްވެސް ފަހަތަށްވެސް ހިނގައި ގަންނާނެ ހިތްވަރު ނެތިފައެވެ. އޭރު މުޅި މީހާ ވަނީ ދަލުން ފޯވެފައެވެ. ބޮލުގެ ނާށިގަނޑު ފަޅާލާފައި ސިނކުޑިވެސް ނިކުންނަށް އުޅޭކަހަލައެވެ. އެހާވަރަށް ބޮލުގައިވެސް ރިހެމުން ދިޔައެވެ.
“..ޚާން ކަމޯން މޭން.. ތިހާ ފިނޑިނުވެބަލަ.. މިކަމާ ކެރިގެން ކުރިމަތިލާބަ..” އަހަރެންނަށް ވެފަހުރިގޮތް ފެނުމުން ޝާންޓޭ ބުންޏެވެ. “..މަށަށް ރީމްގެޔަށް ދިޔަތަނުންވެސް އެނގިއްޖެ އޭނަ ނެތްކަން މިރަށުގަ.. ޚާންއަށް އެއީ ތެދުކަން އަންގަދޭން ޒާނާ ކައިރިއަށް މިއައީ..” އަހަރެން އަނގަޔަކުން ނުބުނަމެވެ. ބަހެއް ބުނާނެ ހިތްވަރެއްވެސް ނެތެވެ. އަނގައިން ނުބުނުމުން ޝާންޓޭ ދެތިންފަހަރަކު ގޮވާލިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ ކުރިޔަށް ހިނގައިގަތުމުން ޝާންޓޭވެސް ހިނގައިގަތެވެ. ހިނގަމުން ހިނގަމުން ގޮސް އަހަރެންމެން ފޭބީ ގޮނޑުދޮށަށެވެ.
ކަޅު ފޮއެ ރެޔެއްކަމުން އެހިސާބުގައި ވަނީ ކަނު އަނދިރިކަމެވެ. ގޮނޑު ދޮށަށް ބިންދާލާ ބޮޑެތި ރާޅުތަކުގެ އަޑު ނޫން އިތުރު އަޑެއް ނީވެއެވެ. އަހަރެން އިނީ ހޭޅި ފަށުގައި ހުރި އައްޓެށްމަތީ އިށީނދެލައިގެންނެވެ. ދެއަތުން ބޮލުގައި ހިފަހައްޓައިގެން އުޅަނބޮށި ފަލަމަސް ގަނޑުގައި ވިއްދާލައިގެންނެވެ. ކައިރީގައި ޝާންޓޭ އިނެވެ. ޖެހެމުން ދިޔަ ފިނިވައި ރޯޅިތަކުން ހަށިގަނޑަށް ފިނިވެ އުދާސްތައް ހިކިގެން ދިޔައެއް ކަމަކު އަހަރެންގެ ހިތަށް އެއްވެސް ފިނިކަމެއް ނުލިބެއެވެ. ބޮލުގަ ރިހޭ ރިހުން ކުޑަކޮށްވެސް ލުޔެއްނުވެއެވެ. އަދިވެސް އެވާހަކަތައް ޤަބޫލްކުރަން އުނދަގުލެވެ. ސިކުނޑި ޤަބޫލްކުރިޔަސް ހިތް އެކަމާ ދެކޮޅުހަދަނީއެވެ.
“..ޚާން ތިހެން އިނދެގެން އެއްކަމެއްވެސް ހައްލެއްނުވާނެ..” ޝާންޓޭ ވާހަކަ ދައްކަންފެށިއެވެ. “..ތި ހިތުގަ ހުރި ހުރިހާ އެއްޗެއް ނެރެލަބަ.. ވާހަކަ ދައްކަބަލަ..” އަހަރެން ވާހަކަ ދައްކަންބޭނުމެވެ. އެކަމް ދުލެއް ހަރަކާތެއްނުކުރެއެވެ. ދައްކަންވީ ވާހަކައެއް ސިކުނޑި ބުނެއެއް ނުދެއެވެ.
“..ޚާން ތީ ފިރިހެނެކޭ.. ތިގޮތަށް ނޫޅެބަލަ.. މަށަށް އިނގޭ ތިހެންވީމަ ކަޑަވާނެކަން.. އެކަމް ތިދެން ބޮޑުވަރު.. ފިރިހެނަކަށްވެސް ނުވޭނުން.. ކަމެއްވާއިރަށް މާ އެމޯޝަނަލްވެގެން ވާހަކަ ނުދައްކާ އިންނާނީ އަންހެނުންނޭ.. ވާހަކަ ދައްކަބަލަ..” ޝާންޓޭގެ ބޭނުމަކީ އަހަރެން ލައްވާ ވާހަކަ ދެއްކެވުމެވެ.
“..އޯކޭ ޚާން މަމިކުރާ ސުވާލަށް ޖަވާބު ދީފާނަންތަ އެހެންވިޔާ..” އަހަރެން އަނގައިން ނުބުނުމުން ޝާންޓޭ އިންތަނުން ތެދުވެ ކުރިމަތީ ހުރި އަށިމަތީ އިށީނެވެ. “..ޚާން އެކަހަލަ ކަމެއްކުރިންތަ؟..” އަހަރެންނަށް ބޯހިއްލާ ޝާންޓޭ މޫނަށް ބަލާލެވުނެވެ. އެސުވާލް އެކުރަނީ ހަމަ އޭނާ ހެއްޔެވެ؟ ކުރެވިފަ އޮތްނަމަ ނުބުނެ ހުންނާނެހެން އޭނާއަށް ހީވަނީ ހެއްޔެވެ؟
“..އެއްކަލަ ރޭ އެކަންތައް ކުރިންދޯ؟.. މަކައިރީ ނުބުނަންދޯ ތިއުޅެނީ..” އަހަރެންގެ ދެލޮލަށް ބަލަން އިނދެފައި ޝާންޓޭ ބުންޏެވެ. އަހަރެން އިސްޖަހާލައި ކުރިން އިންގޮތަށް ރުޖޫޢަވީމެވެ. ދެރަވިވަރުންނެވެ. ޝާންޓޭވެސް ޒާނާގޮތަށް އަހަންނަށް ޝައްކުކުރަނީއެވެ. މިވީ 3 އަހަރު ތެރޭ އޭނާއަށް އަހަރެން ދަސްވިވަރަކީ އެއީ ހެއްޔެވެ؟ އަހަރެން މުޅި ދުނިޔެއަށް ސިއްރުކޮށްފައިވާ ބޮޑު ސިއްރު އޭނާއަށް ބުނެދިންއިރު އެވަރު ކަމެއް އަހަރެން އޭނައަށް ސިއްރު ކުރަންވީ ކީއްވެ ހެއްޔެވެ؟
“..އާއެކޭ ނޫނީ ނޫނެކޭވެސް ބުނެބަލަ..” އަހަރެންގެ ބޮލުގެ ރިހުން ދިޔައީ ގަދަވަމުންނެވެ.
“..އެވަރު އެއްޗެއްވެސް ނުބުނެވެނީތަ؟..”
“..ޚާން ބުނެދިނީމަ އޭ ދެން ހަދަންވީ ގޮތެއްވެސް އިނގޭނީ..” ޝާންޓޭ އަނެއްކާވެސް ބުންޏެވެ. “..ޚާން ބައްޕަގެ ކަންފަތާ ހަމަޔަށް ތިވާހަކަ ގޮސްފިޔާ ވާނެގޮތަކާމެދު ވިސްނާލަބަ..”
ކުއްލިއަކަށް ބައްޕަ މަތިން ހަނދާންކޮށްދިނުމުން އަހަރެންގެ ހާސްކަންވީ އިތުރެވެ. ބައްޕައަށް އެކަން އެނގިއްޖެނަމަ ދެން ކަންތައްވާނީ ކިހިނެއްހެއްޔެވެ؟ އަހަރެން ދިރި ހުއްޓާ ވަޅުވެސް ލާފާނެއެވެ. ޝާންޓޭ މިގަޑީގައި ހަނދާން ކޮށްއެދިނީ ކޮންކަމެއްމަތިން ހެއްޔެވެ؟ އަހަރެންނަށް ބާރަށް ބޮލުގައި ހިފަހައްޓާލެވުނެވެ. ދެދަތްޕިލާ ޖައްސާ ފިއްތާލަމުން ދެލޯ މަރާ ބާރުކޮށްލެވުނެވެ. ހިތުގައި އުފެދުނު ބިރުވެރިކަމެއްގެ ސަބަބުން ހިތުގެ ތެޅުންވެސް އަވަސްވިއެވެ. އަހަރެން ނާއި ރީމްގެ ގުޅުން ސިއްރުކުރީވެސް ބައްޕައަށް އެކަން އެނގިދާނެތީއެވެ. ބައްޕަދެކެ ގަންނަ ބިރެއްގެ ސަބަބުންނެވެ.
“..އެހެންވެ މިބުނަނީ ކިޔާދޭށޭ.. ވާހަކަ ދައްކާށޭ.. މަށަށް ވެވުނު ހެލްޕެއްވެދޭނަމޭ.. މަކައިރީ ދައްކަންނުކެރޭ ވަރު ވާހަކައެއް އޮވެގެން ނުވާނެ.. ކުރެވިފަ އޮތަސް ބުނެބަލަ.. މަ ސިއްރުކުރާނަމޭ.. ފެމިލީ މީހަކަށް އެނގުމުގެ ކުރިން ގޮތެއް ހެދޭނީވެސް ކިޔާދިނީމަ.. މަށަށް އިނގޭ ޚާން ފެމިލީއަށް މީން ކަމެއް އަންގަން ބޭނުން ނުވާނެކަން.. ސުޕެޝަލީ ޑޭޑްއަށް.. ބައްޕައަށް އެނގި..”
“..މަ މީ ފިރިހެން ކުޅިޔެކޭ..” އަހަރެންނަށް ކެތްނުވެގެން ހަޅޭލަވާގަތީމެވެ. (ނުނިމޭ)
One Comment
Comments are closed.
nice