Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އަބަދަށް އެކީގާ… (06)

June Level 1
January 20, 2017 3 Mins Read
1 Comment

ލުޔޫންގެ ދެ ލޯ ބޮޑުވެގެން ދިޔައީ އޭނާގެ ކުރިމަތީގައި ހުރި ލީލާ ފެނިފައެވެ. ލިބުނު ސިހުމާއި އެކު އިށީނދެ އިން އެނދުން ލުޔޫންއަށް ތެދުވެވުނެވެ.

“ހަމަ މިހާރު އާދޭ ދާން” ނިހާލާއި ދިމާލަށް ދެލޯ ކުޑަކޮށްލަމުން ލުޔޫންގެ އަތުގައި ހިފައި ލީލާ ހިނގައިގަތީ ކޮޓަރިން ނިކުތުމަށެވެ. އަމިއްލަ ބާރެއް ނެތްފަދަ ގޮތަކަށް ލުޔޫނަށް ލީލާގެ ފަހަތުން ހިނގައި ގަނެވުނީ ލީލާ  ލުޔޫންގެ އަތުގައި ހިފައިގެން ބާރުބާރަށް ކޮޓަރިން ބޭރަށް ނިކުންނަން ހިނގައި ގަތުމުންނެވެ.

 

“ޔޫން…” ނިހާލަށް ވައިއަޑަކުން އެހެން ބުނެލެވުނީ ލީލާ އެ ކޮޓަރިން ބޭރަށް އަޅަންނެގި ފިޔަވަޅުމަތީގައި ހުއްޓައެވެ. އެ އަޑު ލީލާގެ ކަންފަތަށް އިވުމާއި އެކު އޭނާ ފަސްއެބުރި ބަލައިލިއެވެ. ލީލާގެ ލޮލުން ފާޅުވަމުންދިޔަ ނަފުރަތުގެ ކުލަވަރު ފެނިފައި ނިހާލް ވެސް ހިސާބަކަށް ޖެހިލުންވާގޮތް ވިއެވެ. ލީލާގެ ފަރާތުން ބަހުގެ ހަމަލާތަކެއް ލިބިދާނެ ކަމުގައި ނިހާލް ހީކުރިނަމަވެސް އެފަދަ އެއްވެސް  ކަމެއް ލީލާގެ ފަރާތަކުން ނުފެނުނެވެ. ލީލާ އެތާގައި މަޑުނުކޮށް ލުޔޫންގެ އަތުގައި ހިފައި ނިކުމެގެން ދިޔައީއެވެ.

* * * * *

 

“ތެދެއް އެބުނީ.. ތެޔޮނާށި ކާޅު ޖަހައި ގަނެފާނެ ތިހެން ދުރުދުރުން ބަލަން ހުއްޓަ…” ކޮފީތަށި މޭޒުމަތީގައި ބަހައްޓަމުން އަމީނާ ބުނެލިއެވެ. އެ އަޑަށް ސިހިފައި ސަލީމަށާއި ލިއަމްއަށް ބަލައިލެވުނެވެ. އަމީނާ ފެނުމާއި އެކު ދެލޯ ބޮޑުކޮށްލަމުން ލިއަމް ސަލީމާއި ދިމާލަށް ބަލައިލިއެވެ.

 

“ކިހިނެއްވީ ހާދަ ސިހުނީ؟ ތިއީ ދައްތައަށް އެނގޭ ކަމެއް. ދައްތައަށް އެކަނިއެއް ނޫން، ލީލާއަށް ވެސް ތިކަން އެނގޭ.” މޭޒުކައިރީ ހުރި ގޮނޑިއެއްގައި އިށީންނަމުން އަމީނާ ވާހަކަދައްކަން ފެށިއެވެ.

 

ގޭގެ މައިދޮރުން ވަދެގެންއައި ލީލާ ކުޑަކޮށްވެސް މަޑުކޮށްލުމެއް ނެތި ސިޑިން މައްޗަށް އަރައިގެން ދިޔައެވެ. ކާމޭޒު ކައިރީގައި ތިބި ތިން މީހުނަށް އެކީއެކުގައި ކޮޅަށް ތެދުވެވުނީ ލީލާގެ ފަސްފަހަތުން ބާރުބާރަށް ލުޔޫން ދާތަން ފެނުމުންނެވެ. ތިން މީހުނަށް އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނެވެ.

 

“މަ.. މަމް” ތުރުތުރު ލަމުންދިޔަ އަޑަކުން ލުޔޫންއަށް މަޑުމަޑުން ބުނެލެވުނެވެ.

 

“އަޑުއަހަން މިހުރީ..” އިންތިހާއަށް ރުޅިއައިސްފައި ހުރި ލީލާ އޭނާގެ ރުޅިގަނޑު އެތެރެ އެތެރެއަށް މައިތިރި ކުރަމުން ބުނެލިއެވެ. ރުޅި އިސްކޮށް އަޑުގަދަ ކުރުމަކީ ލީލާ ކުރަން މާ ގަޔާވާ ކަމެއް ނޫނެވެ. ކިތަންމެ ރުޅިގަދަވެފައި ހުއްޓަސް މީހާ ހަމައަކައް އެޅުނީމައި ނޫނީ ލީލާ އެކަމަކާއި ވާހަކަ ދައްކައެއް ނުހަދައެވެ.

 

“މަމް، ނީލް… ނީލްއަކީ ގޯސް މީހެއް ނޫނޭ.. މަމް ތި ހީކުރާ ކަހަލަ މީހެއް ނޫނޭ އެއީ.” ރޮވިފައި ހުރެ ނިހާލުގެ ކުށެއްނެތްކަން ލީލާއަށް އަންގަދޭން ލުޔޫން މަސައްކަތް ކުރަމުންދިޔައެވެ. ލުޔޫނާއި ދިމާލަށް ހުއްޓި ހަށަންބަނދެލައިގެން ހުރި ލީލާ އެއްޗެކޭ ނުބުނުމުން ލުޔޫން އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

 

“މަމް ޤަބޫލުކޮށްބަލަ.. ނީލް އަކީ ގޯސް މީހެއް ނޫނޭ. އައި ނޯ ހިމް ވެރީ ވެލް”

 

“މަންމައެއް ނާހަމެއްނު އެއީ ގޯސް މީހެއްތޯ ލުޔޫން ގާތުގައެއް. މަންްމައަށް އިނގޭ އެ ނިހާލަކީ ކާކުކަން. ވަރަށް ރަނގަޅަށް އިނގޭ.. އެކަމަކު ލުޔޫނަށް އެނގޭތަ އެއީ ކާކުކަމެއް؟ ޑުރަގު މައްސަލާގަ މިހާރު ދެފަހަރު ޖަލަށް ލާފަ، އެވަރުން ނުފުދިގެން މާރާމާރީ ހިންގާ މީހުނަށް އަނިޔާދީ ހަދާ ބޮޑު ގުރޫޕަކަށް ނިސްބަތްވާ މާލޭ މީހެއްނު އެއީ…” ރުޅިގަނޑު މައިތިރިކުރަން ލީލާ ކިތަންމެ މަސައްކަތެއް ކުރަމުންދިޔަ ކަމުގައި ވިޔަސް އެކަންވީ ބޭކާރު ކަމަކަށެވެ. މަޑުމަޑުން ވާހަކަ ދައްކަންފެށި ލީލާގެ އަޑު ދިޔައީ ބާރުވަމުންނެވެ.

“މީގެ ފަހުން ލުޔޫން ނުވާނެ އެ ނިހާލާއި ވާހަކަ ދައްކައިގެނެއް. މަންމަ ނޭދެން ދަރިފުޅަށް ދެރަ ގޮތެއް ވާކަށެއް. ތިއީ މަންމަގެ ހުރި ހަމައެކަނި މީހަކީ. ދަރިފުޅަށް ދެރަ ގޮތެއް ވެއްޖެއްޔާ މަންމަ ވަރަށް ދެރަވާނެ.” ލުޔޫނަށް ވިސްނައި ދެވޭތޯ މަސައްކަތް ކުރަމުން ލީލާ ވާހަކަދެއްކިއެވެ.

 

“މަމް… ބަޓް އައި ލަވް ހިމް. ބޭނުން ނިހާލް އާއި މެރީ ކުރަންވެސް” މަޑުމަޑު ގިސްލުމަކާއި އެކު ލުޔޫން ވަރަށް ހިތްވަރުކޮށްފައި ބުންޏެވެ.

 

“ކިހިނެއްތަ ވެގެން މިއުޅެނީ؟” ރަނގަޅަށް ނުލެއްޕި ހުރި ދޮރު އެތެރެއަށް ހުޅުވައިލަމުން ސަލީމް ކޮޓަރިތެރެއަށް ވަނެވެ.

 

“ނޭނގެ އަހަންނަކަށް.. ބޭބެ ލުޔޫނަށް ވިސްނަދީބަލަ. އެ ނިހާލު ހަމަ ރަނގަޅަށް މީނަގެ ބޮލަށް ސަވާރުވެފަ އެހުރީ. އަހަރެން މިކިޔާ އެކައްޗެއްވެސް މީނައަށް ވިސްނޭހެނެއް ހިޔެއްނުވޭ. އަހަރެންވެސް ބޭމުނެއް ނުވާނެދޯ އަހަރެންގެ ދަރިފުޅަށް ދެރަގޮތެއް ވާކަށް. ބޭބެއަށް ވެސް އެނގެއެއްނު އެ ނިހާލަކީ ކޮންކަހަލަ މީހެއްކަން…” ލީލާގެ ވާހަކަތަކުން ލުޔޫނަށް އިތުރަށް ރޮވޭގޮތްވިއެވެ. އިސްޖަހާލައިގެން ހުރި ލުޔޫން އަތުގެ ނުފުށުން ކަރުނަ ފުހެލަމުން ދުވެފައި އެ ކޮޓަރިން ނިކުމެގެން ދިޔައެވެ.

 

“ބޯ ހަލާކު…” އެނދުގައި އިށީންނަމުން ލީލާ ބުންޏެވެ.

 

“ކޮއްކޮ ހަމަޖެހިބަލަ.. އަސްލު ކިހިނެއްތަ ވީ؟ ނިހާލު ކީއްކުރީތަ؟” ލީލާ ކައިރިއަށް ހުއްޓިލަމުން ވެގެން އުޅޭގޮތް އޮޅުންފިލުވަން ސަލީމް ސުވާލުކޮށްލިއެވެ.

 

“އެ ނިހާލު ކައިރީގަ ހުއްޓަ ލުޔޫން ގޮވައިގެން މިއައީ. ކުރިންވެސް އަހަންނަށް ޝައްކުވި މި ދެމީހުންގެ ގުޅުމެއް އޮވެޔޭ. އެކަމަކު ޔަޤީން ނުވާތީ ލުޔޫނާ ވާހަކަ ނުދެއްކިފަ މިހުންނަނީ. އެކަމަކު އަހަންނަށް ހީވަނީ މިހާރު ކަންތައްތައް ތަންކޮޅެއް މައްޗައްހެން މި ދަނީ…” ހިތްހަމަނުޖެހި އިނދެ ލީލާ ބުންޏެވެ.

 

“މާދަމާ ބޭބެ އެމަންޖެއާ ވާހަކަ ދައްކާނަން. ދެން އެކަމާ އެވަރަށް ނުވިސްނާ.” ލީލާގެ ބޮލުގައި ފިރުމާލަމުން ސަލީމް ބުންޏެވެ. ލުޔޫނާއި ވާހަކަ ދައްކާނެ ކަމަށްބުނެ ލީލާގެ ހިތްހަމަ ޖައްސައިދިން ކަމުގައި ވިޔަސް، ލުޔޫނަށް ވިސްނައި ދިނުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެކަން ސަލީމަށް އެނގެއެވެ.

* * * * * * * * * * *

 

މެންދަމުގެ ކަނު އަނދިރި ކަމުގެތެރޭގައި ވެހެމުންދިޔަ ހިމަފޮދު ވާރެއިން ތެމިފޯވަމުން ދިޔަ ލުޔޫން އޭނާގެ ކޮޓަރީގެ ބެލްކަނީގައި އިށީނދެލައިގެން އިނެވެ. ފާރުކައިރީގައި ދެފައި ކުރުކޮށްލައިގެން އިންއިރު، ދެއަތުންވަނީ ފައި ވަށާލެވިފައެވެ. ކަކުލުގައި ދަތްދޮޅި ޖައްސާލައިގެން ފުން ޚިޔާލެއްގެ ތެރެއަށް ގެއްލިފައި އިން ލުޔޫނަށް އޭނާގެ ކޮޓަރިތެރެއިން އިވެމުންދިޔަ ފޯނު ރިންގުގެ އަޑުވެސް އިވޭހެނެއް ހިއެއްނުވެއެވެ. ބެލްކަނީގައި އެއްވެސް އަލިކަމެއް ނެތުމުގެ ސަބަބުން މުޅިތަނަށް ވެރިވެފައިވަނީ އަނދިރިކަމެވެ.

 

“ޔޫން.. ޔޫން….” ވައި އަޑަކުން ކޮންމެވެސް މީހަކު ލުޔޫނަށް ގޮވާލިހެން އޭނާއަށް ހީވިއެވެ. ލުޔޫނަށް ސިހިފައި ދެފަރާތް ހޯދާ ބަލާލެވުނެވެ. އެ އަނދިރިކަމުގެ ތެރެއިން އެއްވެސް މީހަކު އޭނާއަކަށް ނުފެނުނެވެ. އަނެއްކައި ވެސް އެ މީހަކު ލުޔޫންއަށް ގޮވާލި އަޑުއިވުނެވެ. ދެވަނަފަހަރަށް އެ އަޑު އިވުމުން އެއީ ނިހާލުގެ އަޑުކަން ލުޔޫނަށް ޔަޤީންކުރެވުނެވެ. ލުޔޫން އިން ތަނުން ތެދުވެ، ބެލްކަނީގައި ހަރުކޮށްފައިވާ ބޮކި ދިއްލާލުމާއި އެކު މުޅިތަނަށް އަލިކަން ވެރިވެގެން ދިޔައެވެ.

 

“ޔޫން…ޔޫން މިކޮޅު ބަލާލަބަ” ތިރީގައި ހުރި ނިހާލަށް ލުޔޫން ފެނުމާއިއެކު ހަނާއަޅާލިއެވެ. (ނުނިމޭ)

 

Share Article

Follow Me Written By

June

Level 1

Other Articles

Previous

ވަންހަނާ (20)

Next

ޢަޞްރު (ފަންްސަތިރީސްވަނަ ބައި)

Next
January 21, 2017

ޢަޞްރު (ފަންްސަތިރީސްވަނަ ބައި)

Previews
January 20, 2017

ވަންހަނާ (20)

One Comment

  1. Shani says:
    January 21, 2017 at 7:31 pm

    Vaahaka varah rythi. Ekam haadha lahey upload kuraa varu

Comments are closed.


All Right Reserved!