Skip to content
އެސްފިޔަ

އަބަދަށް އެކީގާ… (07)

“ޔޫން…ޔޫން މިކޮޅު ބަލާލަބަ” ތިރީގައި ހުރި ނިހާލަށް ލުޔޫން ފެނުމާއިއެކު ހަނާއަޅާލިއެވެ.

ކޮޓަރީގެ ބެލްކަނީގައި ދިއްލާފައިވާ ބޮކީގެ ފަނޑުއަލި މަގުމައްޗަށް ކޮންމެވެސް ވަރަކަށް އެޅިފައި ހުއްޓެވެ. އެ ފަނޑުއަލިކަމުގެ ތެރެއިން ލުޔޫނަށް ނިހާލު ވަރަށް ރީތިކޮށް ފެނުނެވެ. ދަންވަރުގެ މިފަދަ ވަގުތެއްގައި ނިހާލް އެތާގައި ހުއްޓާ މީހަކަށް ފެނިއްޖެނަމަ މަސްލަހަތު އިތުރަށް ގޯސްވާނެކަން ލުޔޫނަށް ހަމަ ރަނގަޅަށް ވެސް އެނގެއެވެ. ނިހާލް އޭނާގެ އަތުގެ އިޝާރާތުން ލުޔޫން ގާތުގައި ފޯނު ކޮބާތޯއެހިއެވެ. އަތުގައި ފޯނު ނެއްްކަން ލުޔޫނަށް ހަނދާންވީ ދެނެވެ. އެކަމަކު އެވަގުތު ފޯނު ބަލާ ދާކަށް ލުޔޫން ބޭނުމެއް ނުވިއެވެ.

 

“ނީލް.. މިތާ ކީއްތިކުރަނީ މިގަޑީގަ” ކިރިޔާ އަޑު ބޭރުވާވަރަށް ލުޔޫން އަހާލިއެވެ.

ނިހާލް ވާހަކަ ދައްކަން އުޅެފައި ކުޑަކޮށް މަޑުކޮށްލުމަށް އެދި މަގުގެ އަނެއްފަރާތަށް ދިޔަތަން ފެނުނެވެ. ފާރާއި ނިވާއެޅުމުން ލުޔޫނަށް ނިހާލް ގެއްލުނެވެ. މަގުމަތިން މީހަކު ފެނުނީ ކަމަށް ހީކޮށް ބިރުން ހުރި ލުޔޫން ބެލްކަނީގައި ދެކޮޅަށް ދެކޮޅަށް ހިނގަންފެށިއެވެ. އޭރުވެސް ތުނިތުނިކޮށް ވާރޭ ވެހެމުންދިޔައެވެ. ފަޒާ ތެރެއަށް ވެރިވެފައިވާ ތެތްފިނިކަމުގެ ތެރޭގައި ތެމިފޯވެގެން ހުރި ލުޔޫނަށް ފިނީގެ އަސަރުވެސް ނުކުރާ ކަހަލައެވެ.

 

“ޔޫން…” ދާދި ގާތުން ނިހާލްގެ އަޑު އިވި ލުޔޫން ސިހުނެވެ. ފަސް އެނބުރި ބަލާލިއިރު ބެލްކަނީގެ ދަގަނޑެއްގައި އަތް އަޅުވާލައިގެން ނިހާލް ބެލްކަންޏަށް އެރުމަށް މަސައްކަތް ކުރަމުން ގެންދެއެވެ.

 

“އާ ޔޫ އޯކޭ…” ދަގަނޑު މަތިން ބެލްކަންޏަށް ފޭބި ނިހާލްގެ އަތުގައި ހިފާލަމުން ލުޔޫން ސުވާލުކޮށްލިއެވެ.

 

“ކީއްވެތަ ގުޅީމަ ފޯނުނުނަގަނީ؟ ހާދަ ވަރަކަށް ގުޅައިފީމޭ.. އަނެއްކާ މަންމަ ފޯނު އަތުލީތަ؟” ލުޔޫނާއި ކައިިރިވެލަމުން ނިހާލް ވާހަކަ ދައްކަންފެށިއެވެ.

މަންމައޭ ބުނި އަޑު އިވިފައި ލުޔޫން ޖެހިލުންވާގޮޮތް ވިއެވެ. ލީލާ ވަނީ ލުޔޫނަށް ނިހާލާއި ވާހަކަ ދެއްކުން މަނާކޮށްފައެވެ. އެ ހަނދާން ވުމާއިއެކު ލުޔޫނަށް ނިހާލުގެ އަތުން ދޫކޮށް ފަހަތަށް ޖެހިލެވުނެވެ. ފެންކަޅިވެފައިވާ ލުޔޫންގެ ދެ ލޮލަށް ބަލަހައްޓައިގެން ހުރި ނިހާލަށް ވީގޮތް ސާފުވިކަހަލައެވެ.

 

“ޔޫން… އިޓްސް އޯކޭ. ބުނެބަލަ ވީ ގޮތެއް. މަންމަ އެއްޗެހިކީތަ؟ ނޫނީ އަނިޔާ ކުރީ….؟ ނީލް ހާދަވަރަކަށް ގުޅައިފީމޭ ޔޫންއަށް ވީ ގޮތެއް ނޭނގިގެން. ފޯނު ނުނެގީމަ މިގަޑީގަ މި އަންނަން ޖެހުނީވެސް..” ލުޔޫނާއި ދާދި ކައިރިއަށް ހުއްޓިލަމުން ނިހާލް ލުޔޫންގެ އަތުގައި ހިފާލިއެވެ. އޯގާތެރި ކަމާއިއެކު ލުޔޫންގެ މޫނު މައްޗަށް އެޅިފައިހުރި އިސްތަށިތައް ރީތިކޮށްލަ ދެމުން ނިހާލް ވާހަކަ ދެއްކިއެވެ.

 

“ނޫން… މަމް ކަމެއް ނުކުރޭ. އެކަމަކު” ލުޔޫނަށް ރޮވެންފެށުނެވެ.

ނިހާލާއި ވަކިވާކަށް ލުޔޫން ދުވަހަކުވެސް ބޭނުމެއް ނުވެއެވެ. އޭނާގެ ހުރިހާ އުފަލެއްވެސް ގުޅިފައިވަނީ ލީލާއާއި ނިހާލާއެވެ. ލީލާ ފަދަ  މަންމައެއް ލިބިފައިވާތީ އެކަމަށް ލުޔޫން އަބަދުވެސް ހިތާއި ހިތުން ޝުކުރުވެރިވެއެވެ. ނިހާލަކީ ލުޔޫންގެ ހުވަފެންތަކުގައި އަބަދުވެސް ދެކެމުންއައި ފަދަ ލޯބިވެރިއެކެވެ. އޭނާ ބޭނުންވާ ހުރިހާ ސިފައެއްވެސް ނިހާލުގެ ކިބައިގައި ހުރެއެވެ. އެކަމަކު މިއަދު މިވަނީ އެ އުފާވެރިކަން ބައިބައި ވެފައެވެ. ލުޔޫނަށް ނިހާލުގެ މޫނަށް ބަލައިލެވުނެވެ. ވާރެޔާ ތެމި ފޯވެފައި ހުރި ނިހާލުގެ މޫނުމަތިން ހާސްކަން ފާޅުވަމުންދިޔައެވެ. އެ ދެ ލޮލުން ލުޔޫނަށްޓަކައި ފެންނަމުން އެދާ ލޯބި ލީލާއަށް ނުފެންނަނީ ކީއްވެހެއްޔެވެ؟ ހިތާއި ހިތުން ލުޔޫނަށް ސުވާލުކޮށްލެވުނެވެ.

 

“ޔޫން.. މަންމަ؟ ކިހިނެއްތަ ވީ؟ ބުނެބަލަ” ލުޔޫންގެ ދެ ކޮނޑުގައި ހިފާ ތަޅުވާލަމުން ނިހާލު އަހާލިއެވެ.

 

ދެންވެސް ލުޔޫނަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެ ދެލޮލުގައި ޖަމާވެ ގިނަވަމުން ދިޔަ ކަރުނަތަށް އޭނާގެ އެއްވެސް އިޒުނައަކާއި ނުލައި އޮހިގަތެވެ. ކަންތައް ވީގޮތް ބުނެދޭނެހާ ހިތްވަރެއްވެސް ލުޔޫނަކަށް ނުލިބުނެވެ. ގިސްލަ ގިސްލާފައި ރޯންހުރި ލުޔޫން ގެ މޫނުމަތިން ފާޅުވަމުން ދިޔަ ހިތާމައިގެ އަސަރު ނިހާލަށް ވެސް ހިސާބަކަށް ކުރިއެވެ.

 

“ޔޫން… ކިހިނެއްތަވީ…؟ ހުއްޓާލަބަ. ރޮއެގެން އެއްވެސް ކަމެއް ހައްލެއް ނުވާނެއެއްނު.. ޔޫން….” ލުޔޫންގެ ކޮނޑުގައި ހިފާ ބާރުކޮށްލަމުން ނިހާލް ވާހަކަދައްކަން ފެށިއެވެ.

 

“ވަރަށް ފިނިވޭ ދޯ އެބަ. ހިނގާ އެތެރެއަށް ވަންނަމާ. މިހެން ވާރޭގަ ތިއްބެން ވެއްޖެޔާ މައި ބްރޭވް ގާލް ބަލިވެދާނެ އެއްނު. އަނެއްކާ އެހާ ސެންސިޓިވް ކުއްޖެއް ތިއީ… ކިނބިހި އެޅެން ފަށައިފިއްޔާ މިރޭ އެއްކޮށް އެކަމުގައެއްނު  އުޅެން ޖެހޭނީ…” ލުޔޫންގެ މޫޑު ރަނގަޅު ވޭތޯ ނިހާލް ކުޑަކޮށް ސަމާސާކޮށްލިއެވެ.

 

ބެލްކަނީގެ ދޮރު ލައްޕާލުމަށްފަހު ނިހާލް ލުޔޫނާއި އެކު ކޮޓަރިތެރެއަށް ވަނެވެ. އެ ތަނަވަސް ބޮޑު ކޮޓަރިތެރޭގައި އެއްވެސް އަލިކަމެއް ފެންނާކަށް ނެތެވެ. މުޅި ކޮޓަރި ތެރޭގައި ލެވެންޑަރގެ މީރު ލުއިލުއި ވަސް  ހިފާލާފައި ހުއްޓެވެ. ކޮޓަރީގައި އެއްވެސް އަލިކަމެއް ނެތުމުން ލުޔޫން، ނިދާ ބޮކި ދިއްލާލިއެވެ. ނިހާލް ވަރަށް ރީތިކޮށް ކޮޓަރިތެރެ ބަލައިލިއެވެ. އެންމެ ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ ކޮޓަރިއެކެވެ. ކިންގ ސައިޒް ބެޑަކާއި ބޮޑު އަލަމާރިއެކެވެ. ކޮޓަރީގެ އެއްފަރާތުގައި ބަހައްޓާފައި ހުރި ސޯފާއާއި ދާދި ކައިރީގައި ފޮތް ހަރުގަނޑެއް ހުއްޓެވެ. އެކި ސައިޒުގެ ފޮތްތަކުން އެ ފޮތްހަރުގަނޑު ފަޅުފިލުވާލާފައި ވާއިރު ފާރުގައި ހަރުކޮށްފައިވާ ޓީވީ ކައިރި ވަރަށް ރީތި ޑިޒައިނަކުން ފަރުމާކޮށްލާފައިވެއެވެ.

 

“އޯހް.. ތޭންސް” ލުޔޫން ދިއްކޮށްލި ތުވާލީގައި ހިފަމުން ނިހާލް ބުންޏެވެ.

 

“ނީލް… ކިހިނެއް ހަދާނީ މަމް އަހަރުމެންގެ މި ގުޅުމަށް އެއްބަސް ނުވިއްޔާ؟ ޔޫން އަކަށް ހިއެއް ނުވޭ މަމް އެއްބަސް ވެދާނެހެނެއް. ވަރަށް ހިތްހަމަ ނުޖެހިފަ ހުރީ. ނީލް އާއި ވާހަކަ ދެއްކުން ވެސް މަނާކޮށްފި.” ބޮލުން ފެންހިއްކަން ހުރި ނިހާލްގެ ސަމާލުކަން ލުޔޫން ދައްކަމުން ދިޔަ ވާހަކަތަކަށް ދެމުން ދިޔައެވެ.

 

“މަންމަ ކީކޭތަ ބުނީ؟” ކުރު ގޮތަކަށް ނިހާލް އަހާލިއެވެ.

 

އެރޭ ލީލާ ނިހާލްގެ ކޮޓަރިން ލުޔޫން ނެރެގެން ގެއަށް ގެނެސް ގޭގައި ވީ ހުރިހާ ކަމެއް އަލިފުން ޔާއަށްހެން އޭނާް ނިހާލަށް ކިޔާލަދިނެވެ. ދެން ހަދާނެ ގޮތަކާއި މެދު ފިކުރުބޮޑުވެ ހުރެ ނިހާލް ސޯފާގައި އިށީނެވެ. ނިހާލާއި ދާދި ކައިރިން ނިހާލްގެ ފައި ކައިރީގައި ލުޔޫން އިށީނެވެ. ލީލާ ކަންތައް ކުރި ގޮތުގެ ޝަކުވާ ހުއްޓާލުމެއްނެތި ލުޔޫން ކުރަމުންދިޔައެވެ. ބައެއްފަރު އެއް ވާހަކައެއް އެތަށްފަހަރަކު ތަކުރާރު ކޮށްފައިވެސް ދެއްކިއެވެ.

 

“ޔޫން އަށް ހުރެވޭނެތަ ނީލްއާއި ވާހަކަ ނުދައްކަ؟” ނިހާލްގެ އެ ޖުމްލައާއި އެކު ލުޔޫނަށް ނިހާލާއި ދިމާލަށް ބަލާލެވުނެވެ. ނިހާލް ވެސް ވަރަށް ފަރުވާތެރި ކަމާއިއެކު ލުޔޫންގެ މޫނަށް ބަލަންއިނެވެ. ކުޑަ ވަގުތު ކޮޅަކަށް ދެމީހުނަށް ހަމަހިމޭން ވެލެވުނީ ނިހާލަށް ކުރެވުނު ސުވާލުންކަން ނިހާލަށް އެނގެއެވެ.

 

“މިބުނީ މަންމަ ކުރިމަތީގަ… ހުރެވޭނެ ދޯ؟ މަންމަ ކުޑަކޮށް ހަމައަކަށް އެޅެންދެން ނީލްއަށް ފެންނަނީ މިގުޅުމުގެ ވާހަކަ މަންމައާއި ނުދައްކާ މަޑުކޮށްލަން އިހަށް. އޭރުން ފަހަރެއްގަ މަންމަ އޯކޭ ވެދާނެ ކަންނޭގެ. ދެން މިހެން ބުނީތީ އަބަދު މޫޑީވެފައެއް ނޫން އިނގޭ ހުންނާނީ.. ޖަސްޓް ބިހޭވް ނޯމަލް. ޔޫން ބޭނުން އިރަކު ނީލް އާއި ވާހަކަވެސް ދެއްކޭނެ އެއްނު.” ނިހާލް ވިސްނުމެއްގެ ތެރޭގައި އިންދެ ވާހަކަ ދެއްކިއެވެ.

 

އެ ދެމީހުނަށް އެގޮތަށް ވާހަކަދައްކަން ތިބެވުނީ ކިހާ އިިރެއްވަންދެންކަން އެކަކަށްވެސް ނޭނގުނެވެ. ފަތިސް ނަމާދުގެ ބަންގީގެ އަޑާއި އެކު ލުޔޫނަށް ގަޑި ބަލައިލެވުނެވެ. ކޮންމެ ރެޔަކުހެން ބަންގީގެ އަޑާއި އެކު އަމީނާ ލުޔޫންއަށް ގޮވަން އަންނާނެއެވެ. މިރޭވެސް އަމީނާ އަންނާނެކަން ލުޔޫނަށް އެނގެއެވެ. އޭގެ ކުރިން ނިހާލް ކޮޓަރިން ބޭރަށް ނެރުން އެއީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކެވެ. ނިހާލް ވެސް އަވަސްވެގަތީ މާ ބޮޑަށް އަލިނުވަނީސް އެ ކޮޓަރިން ނިކުންނާށެވެ. މީހަކަށް ފެނިއްޖެނަމަ އަނެއްކާވެސް ކަންތައްތައް މާ ގޯސް ވާނެކަން އެ ދެމީހުނަށް ވެސް އެނގެއެވެ. ލޯބިން ފުރިގެންވީ ބައްދާލުމަކާއި އެކު އެ ދެ ލޯބިވެރިން ވަކިވީ އެ ކޮޓަރީގެ ބެލްކަނިންނެވެ.

 

ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމުގައި އަމީނާ އަވަދިނެތި އުޅުނެވެ. ސަލީމް ގޭތެރޭގައި ކޮޅުކޮޅު މައްޗައް ހުސް ފޮށިގަނޑު ތަކެއް ހިފައިގެން ހިނގާތީ ފެނެއެވެ. ހެނދުނުގެ ފެށުންވެސް އެ ގޭތެރެއިން ފެންނަމުން ދިޔައީ ވަރަށް ބިޒީކޮށެވެ.

 

“ލުޔޫން.. ދަރިފުޅާ. ތެދުވާކަށް ނުވޭތަ؟” ދެފަހަރަކު ލުޔޫންގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހާލަމުން ލީލާ ގޮވާލިއެވެ.

 

“އަހަންނާ ކައިރިނުވާތި… ދުރައްދޭ…  މި ބުނީނު އަހަންނާ ކައިރިނުވާށޭ…. މަންމާ………..” ސިއްސައިގެން ގޮސްފައި ލުޔޫނަށް ހޭލެވުނެވެ.

“އޯހް ގޯޑް… އަނެއްކާ އެ ހުވަފެން” މާނޭވާއެއް ލަމުން ލުޔޫނަށް ބުނެލެވުނެވެ. މޫނުމަތީގައި ދެއަތްތިލަ ކާތާލަމުން ނިދީގެ އަސަރު ފިލުވާލެވޭތޯ ލުޔޫން މަސައްކަތް ކުރިއެވެ.

ކޮޓަރީގެ ދޮރު ކައިރީގައި ލުޔޫނަށް ގޮވަން އައިސްފައި ހުރި ލީލާއަށް ލުޔޫންގެ ހަޅޭކުގެ އަޑުއިވުނެވެ.

 

“ދަރިފުޅާ…. ކިހިނެއްވީ؟ ދޮރުހުޅުވަބަލަ. މަންމައޭ މިއީ” ހާސްވެފައި ހުރެ ލީލާ ބާރުބާރަށް ދޮރުގައި ދެފަހަރަކު ޖަހާލިއެވެ.

 

“ގުޑް މޯނިންގ މަމް….” ކޮޓަރީގެ ދޮރު ހުޅުވާލަމުން ލުޔޫން ބުންޏެވެ.

 

“ދަރިފުޅާ… ކީއްވެ މާ ބާރަށް މަންމައަށް ގޮވީ. ދަރިފުޅަށް ކަމެއްވީތަ؟” ލުޔޫން ދޮރު ހުޅުވާލުމާއި އެކު ކޮޓަރިތެރެއަށް ވަދެގެން ދިޔަ ލީލާ ސުވާލުކޮށްލިއެވެ. ލުޔޫނަށް ހުރެވުނީ ލީލާގެ އަމަލުތަށް ހުރިގޮތުން ހައިރާންވެވިފައެވެ.

“ހުވަފެނެއް ފެނުނީ.. މަމް ކޯންޗެއް ތި ހޯދަނީ” ދޮރުގެ ތަޅުގައި ހިފަހައްޓާލައިގެން ހުރި ލުޔޫން ސުވާލުކޮށްލިއެވެ.

“……، މަންމަ ހީކުރީ.. މަންމަ ހީކުރީ ދަރިފުޅު…. ހޫމްމް.. އެ ހަނދާން ނެތުނީ ބުނަން އައި ވާހަކަވެސް.. ދޭބަލަ ފެންވަރާލައިގެން ތިރިއަށް އަންނަން. މިއަދު ބޮޑުބޭބެ ފުރަން އެ އުޅެނީ. މަންމަ މިހާރު ދެތިން ފަހަރު ދަރިފުޅަށް ގޮވައިފިން. އަވަސް ކުރާތި އިނގޭ” ލީލާ އޭނާ ބުނަން އުޅުނު ވާހަކަ މެދުކަނޑާލާފައި އެހެން ވާހަކައެއް ދެއްކީ ލުޔޫންގެ މޫޑު އިތުރަށް ސަކަރާތް ވެދާނެތީއެވެ.

 

ލުޔޫން ފެންވަރާ ލައިގެން ނިކުމެ އޭނަގެ ފޯނު ކޮބާތޯ ބަލައިލިއެވެ. އޭރުވެސް ކޮންމެވެސް މީހަކު ފޯނަށް ގުޅަމުންދެއެވެ. ނިހާލްގެ ކޯލެއް ކަމަށް ހީކޮށް ފޯނުނަގާ ބަލައިލި އިރު ސްކްރީނަށް އަރާފައި އޮތީ ނުވެސް ދަންނަ ނަމްބަރެކެވެ. ލައިން ބިޒީ ކޮށްލުމަށްފަހު ގުޅާފައި ހުރި ނަމްބަރުތަށް ލުޔޫން ބަލައިލިއެވެ. ނިހާލްގެ އެންމެ ކޯލެއް ފިޔަވައި ދެން މުޅިންވެސް ގުޅާފައި ހުރީ ލުޔޫނަށް ބިރުދައްކަން ގުޅާ މީހާއެެވެ. ދަންވަރުގެ އެކެއް ޖެހިއިރުވެސް އެމީހާގެ ދެތިން ކޯލެއް މިސްވެފައި އިނެވެ. އެހެން ފަހަރުތަކާއި ހިލާފަށް މިފަހަރު ފޯނު ނުނަގައިގެން ބިރު ދައްކަން އެމީހާ މެސެޖެއް ކޮށްފައެއްނެތެވެ.

 

“ނަސީބެއްނު ރޭގަ ފޯނު ބަލާނުލެވުންކަން” އެނދުމަތީގައި ފޯނު ބާއްވަމުން ލުޔޫންއަށް މަޑުމަޑުން ބުނެލެވުނެވެ (ނުނިމޭ)

 

 

Comments (9)

  1. Aashoo

    Yageeney nihaal kan luyoon ah biru dhakkany. Luyoon ekm haadha cool ey dho evaru kamegga blacjmail kuraairuves eha haasvaahen heenuvey. I dn’t like her ?

  2. hmy

    heevanee twist eh annan ulheyhen…
    haadha lahey up kuraa varu

  3. Shy beauty

    E nihaal ge kameh dw ei..yoon habareh nuvyma moyavefa huri varun gulhuny eyna yoon blckmail kuraa nmbr un dw..bungnehnnu haadha varakah gulhaefymey…moya??btw v reethi mi story☺️

  4. ketty

    ella mivaahaka thankolheh avaha up kohdhinun edhen…..
    vaahaka vvv reethi…
    keep it up

  5. Mac

    vaahaka kiyan foohi vaa goi vanee maa lahun upkuraathy….kithamme vaahaka reechas dhn nuvey kiyaahitheh ehen hadhaathee…dhn nukiyaanan

  6. Shara

    Meege anebbai kobaa tha avahah up kobba ?

  7. poohbear

    where is the another episode??

  8. ??

    Kobaatha dw mi storyge aneh part…kithanme reehchax vhk kiyaa hiy nuvany vhk nunimenys up kurun huttaalaathy….v foohivey ehn hadhaathii…v fake…dhethin meeheh fiyavaa ulheny huss fake meehun esfiya ga..vhk medhu kandaalany huss fake meehun…dhen neyge dw..thihen kanyhah kuran emme rangalhuvaany vhk nuliyuny r kanneyge..mihaa reethi vhk vx eoh kiyaa hithun huttaa vhk up nukoh huttaaly viyya thi…?

  9. Nash

    Vaahaka V reethi. Hama vhk up nukoh huttaaly that?

Comments are closed.