Skip to content
އެސްފިޔަ

އަބަދަށް އެކީގާ… (05)

އިސްޖަހާލައިގެން ހުރި ނިހާލް ފެންކަޅިވެ ހުރެ ވާހަކަ ދައްކަންފެށިއެވެ. އެވަގުތު އެ އަޑު އިވިފައި ލުޔޫންއަށް ނިހާލްގެ މޫނަށް ބަލައިލެވުނެވެ. މިލާ މޯޅިވެފައިވާ މޫނަކާއި އެކު އެ ދެލޮލުން ވިދަމުންދިޔަ ކަރުނަތަށް ފެނިފައި ލުޔޫންގެ ހިތް މަޑުވެގެން ދިޔައެވެ.

ކުއްވެރިޔަކު ފަދައިން އިސް ޖަހާލައިގެން ހުރި ނިހާލް ކޮޓަރީގެ ކުޑަދޮރު ކައިރީގައި މަޑުކޮއްްލުމަށްފަހު ބޭރަށް ނަޒަރު ހިންގާލިއެވެ. ވަށައިގެންވާ މާހައުލުން ފެންނަމުން ދިޔަ އަނދިރިކަމުގެ ތެރެއިން ކޮންމެވެސް އެއްޗަކަށް އޭނާ ނަޒަރު ހުއްޓާލައިގެން ހުރިކަހަލައެވެ. ލުޔޫން ހުރީ ހިތް ނުތަނަވަސް ވެފައެވެ. ނިހާލް ދައްކަން މިއުޅެނީ ކޮން ވާހަކައެއްކަން ނޭނގޭތީ އޭނާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ.

ލުޔޫން: “ނީލް… ޕްލީޒް… ކިޔާދީފާނަންތަ ވީ ގޮތެއް؟ ޔޫންެ ހިތް ވަރަށް ބިރުގަނޭ އެބަ… ހީވަނީ ކޮންމެވެސް ކަމެއް ގޯސްކޮށް ވާން އުޅޭހެން..”

ތަނަށްވެރިވެފައިވާ ހަމަހިމޭންކަން ފިލުވައިލަމުން ލުޔޫން ވާހަކަ ދައްކަން ފެށިއެވެ.

ލުޔޫން: “ނީލް…. ޕްލީޒް..”

ނިހާލް: “މަށަކަށް ނޭނގެ ކިޔާދޭންވީ އެއްޗެއް…”

ދެއަތަކަށް ބޯ ހޫރާލަމުން މަޑުމޮޅި ރާގެއްގައި ނިހާލް ބުނެލިއެވެ.

ލުޔޫން: “ކީއްވެތަ ނޭނގެންވީ؟ ހީވަނީތަ ޔޫން ބޭބީއަށް ޓްރަސްޓެއް ނުކުރާނެޔޭ؟”

ކުޑަދޮރު ކައިރީގައި ހުރި ނިހާލްގެ ކައިރިއަށް ހުއްޓިލަމުން ވަރަށް އޯގާތެރިކަމާއި އެކު ލޯބިން ފުރިގެންވީ ރާގެއްގައި ލުޔޫން ބުނެލިއެވެ. ނިހާލްގެ އަތުގައި ކުޑަކޮށް ބައްދާލަމުން ލުޔޫން އަނެއްކައިވެސް ވާހަކަ ދައްކަން ފެށިއެވެ.

ލުޔޫން: “އައި ނޯ…. ބޭބީ ތީ ގޯސް މީހެއް ނޫންކަން… ކޮންމެވެސް ކަމެށް ވީމަ ނޫނީ ބޭބީ އެކަހަލަ ކަމެއް ނުކުރާނެކަން ވެސް އިނގޭ… އެކަމަކު އެހެން މީހެއްގެ ފަރާތުން އެ ކަމުގެ ހަޤީޤަތް އެނގުމަށްވުރެ ބޭބީ އަމިއްލައަށް ކިޔާދީފިއްޔާ ޔޫން އަށް ޤަބޫލު ކުރަންވެސް ފަސޭހަވާނެ. އެހެންވެޔެ މި އަހަނީ ކިހިނެއްހޭ ވީ… ކިޔައެއް ނުދޭނަންތަ ޔޫން އަކަށް؟”

ނިހާލް: “ބޭނުން ކިޔާދޭން… އެކަމަކު..”

ލުޔޫން: “އެކަމަކު ކީއްވީ؟”

ނިހާލް: “ބައެއް ވާހަކަ ތަކަކީ ކިތަންމެ ޓްރަސްޓް ކުރިޔަސް އެކްސެޕްޓް ކުރަން އެހާ ފަސޭހަ ވާހަކަތަކަކަށް ނުވެދާނެ އެއްނު…”

ލުޔޫން: “ނޫން…. ޔޫންއަށް އިނގެޔޭ ބޭބީ ދޮގެއް ނުހަދާނެކަން. ބުނެބަލަ ވީ ގޮތެއް..”

ނިހާލް: “އެންމެ ރަނގަޅު… އެހެންވިއްޔާ ބުނެބަލަ. ތިގެއަށް އައިސްގެން އުޅޭ ކުއްޖާޔާ ޔޫން އާއި އެއްވެސް ގުޅުމެއް ވޭތަ؟ ލިއަމް ކަންނޭނގެ ދޯ އޭނާޔަށް ކިޔަނީ..”

ނިހާލް ބުނި އެއްޗަކުން ލުޔޫންއަށް ކުއްލިއަކަށް ނިހާލްގެ އަތުން ދޫކޮށްލައި ދުރަށް ޖެހިލެވުނެވެ. ސުވާލުން ފުރިގެންވީ ނަޒަރަކުން ލުޔޫންއަށް ނިހާލްއާއި ދިމާލަށް ބަލައިލެވުނެވެ.

ލުޔޫން: “ވަޓް…. ހޭވް ޔޫ ލޯސްޓް އިޓް؟؟”

ލުޔޫންއާއި ކައިރިވެލަމުން ނިހާލް ލުޔޫންގެ ދެ ކޮނޑުގައި ހިފައި ބާރުކޮށްލިއެވެ. ނިހާލްގެ އެ ސުވާލާއި އެކު ލުޔޫންގެ މޫނުމަތިން ހިތްހަމަ ނުޖެހުމުގެ އަސަރު ފެންނާނެކަން ނިހާލްއަށް ހަމަ ރަނގަޅަށްވެސް އެނގުނެވެ. ކަންވީވެސް އެހެނެވެ. ލުޔޫންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެ ދެބުމަ ގޮއްޖަހައިލެވުނެވެ.

ނިހާލް: “ޔެސް… ޝޮކެއް ޖެހިއްޖެ ދޯ މިކޮއްލި ސުވާލުން؟ އިންތިހާއަށް ލޯބިވާ މީހެކޭ ކިޔާފަ އެހެން މީހަކު އެކަހަލަ ވާހަކައެއް ދައްކަންޏާ މަށަކަށް ނުހުރެވޭނެ މަޑަކުން.. އެ ހެޔޮ ކޮންމެ މީހަކަށް ވިޔަސް..”

ނިހާލްގެ އަޑު މަޑުމަޑުން ބާރުވަމުން ދިޔައިރު އެ އަޑުގައިވި ހަރުކަށިކަން ވެސް ދިޔައީ އިތުރުވަމުންނެވެ. ވާނުވާއެއް ނޭނގި ހުރި ލުޔޫން ނިހާލްގެ ދެ ލޮލަށް ބަލަހައްޓައިގެން ހުރީ ނިހާލް ދައްކަން އެއުޅެނީ ކޮންވާހަކައެއްކަން ނޭނގޭތީއެވެ.

ނިހާލް: “މަށަށް އެނގޭ މަގޭ ޔޫން އެކަހަލަ ކަމެއް ނުކުރޭކަން… މަ މަގޭ ލޯތްބަށް އިތުބާރު ކުރަން. އެކަން ކޮންމެހެން މަ ނުޖެހޭނެ މީހަކަށް ދައްކާކަށް. އެކަމަކު މަގޭ އެންމެ ލޯބިވާ ކުއްޖާޔޭ ކިޔާފަ ފާޑުފާޑުގެ ވާހަކަ ހަދަ ހަދައިގެން ދައްކާ އެ ކުއްޖާގެ އަބުރާ ބެހެންޏާ މަ ނުހުންނާނަން މަޑަކުން… ނަޒީހުއަށް މިހާރު އެކަން ވަރަށް ރަނގަޅަށް އެނގޭނެ..”

ނިހާލް ދައްކަމުން ދިޔަ ވާހަކައިން އޭނާ ލުޔޫން ދެކެ ވާ ލޯބި ހާމަކުރަމުން ދިޔައެވެ. އެސްފިޔައެއް ވެސް ޖަހާލަން ނޭނގިހުރި ލުޔޫންގެ ހިތް މަޑުމަޑުން ހަމައަކަށް އެޅެމުން ދިޔައީ ކަންތައް ވީ ގޮތް ސާފުވާން ފެށުމުންނެވެ.

ލުޔޫން: “އިޓްސް އޯކޭ… އިޓްސް އޯކޭ… ކާމް ޑައުން ބޭބީ.. ޔޫން އެހެން މީހެއް ކައިރިއަކަށް ނުދާނަން ބޭބީ ހުއްޓައެއް.. ޓްރަސްޓް މީ… އައި ލަވް ޔޫ ސޯ މަޗް…”

ނިހާލްގެ އަތުގައި ހިފާލަމުން ލުޔޫން އެހެންބުނީ ނިހާލްގެ ދެ ލޮލަށް ބަލައިލަމުންނެވެ.

ލުޔޫން: “ދެން އެކަމް ރުޅިއަޔަސް އެކަހަލަ ކަމެއް ނުކުރައްޗޭ އިނގޭ…ޕްރޮމިސް މީ ދެން އެކަހަލަ ކަމެއް ނުކުރާނަން ކަމަށް”

ނިހާލް: “އާނ….. އެކަމަކު މަށަށް ހީވަނީ އަދިވެސް ކޮއްލެވުނުވަރު ކުޑަހެން އޭނަޔަށް… އެންމެ އެއްޗެކޭ ދޭއްޗެކޭ ނޫނެ އޭނަ ކިޔީކީ.. ތިކިޔާ ލިއަމް އެއްގެ ފޯނުގަ ހުރެޔޯ ޔޫންގެ ފާޑުފާޑު ވީޑިއޯ. ބައިވަރު ފޮޓޯވެސް ހުއްޓޯ. އޭނަ އެހެން މި ކިޔަނީ މަ ކައިރީގަ؟ އޭނަޔަށް ނޭނގެ މަ މީ ޔޫންގެ ބީއެފް ކަމެއް. އަދި މަގޭ ފްރެންޑްސް ތަކަކާ އެކީ ކޮފީޔަކަށް އަރާއިންދަޔޭ އޭނަ އެވާހަކަ ދެއްކީ….. މަ ކިހާ ނައްޓާނެ. ހުވާ ހިތައްއަރާ ދިރި ހުއްޓާ ވަޅުލަފާނަމޭ…”

ލުޔޫންގެ ކޮނޑުން ދޫކޮއްލައި ކަނދުރާގައި އަތް ކާތާލަމުން ނިހާލް ހިނގައިގަތީ ސައިޑް ޓޭބަލް މަތީގައި ބަހައްޓާފައި ހުރި ފެންފުޅި ނަގާށެވެ. ލުޔޫންއަށް ފާޑަކަށް ގަނޑުވެފައި ކުޑައިރުކޮޅެއް ވަންދެން ހުރެވުނީ އޭނާއަށް ގުޅާ ގޮތްނޭނގޭ މީހެއްގެ މަތިން ހަނދާންވެފައެވެ.

ލުޔޫންއަށް ގުޅާ ގޮތް ނޭނގޭ އެމީހަކީ ހަމަ ލިއަމް ހެއްޔެވެ؟ އާނއެކެވެ. ލިއަމްއަށް ލުޔޫން ފެނިއްޖެއްޔާ އަބަދުވެސް ހުންނަނީ ފާޑަކަށް ބަލަހައްޓައިގެންނެވެެ. މާނަ ނޭނގޭ ހިނިތުންވުމެއް އެ ތުންފަތްމަތީގައިވެއެވެ. ފުރަތަމަ ލިއަމް އާއި ދިމާވި ދުވަހުވެސް ލުޔޫންއަށް އެކަން ފާހަގަ ކުރެވުނެވެ. ކުއްލިއަކަށް ލުޔޫންގެ ސިކުނޑީގައި ޓަކި ޖަހާލީ ލިއަމް ކޯލެއްގައި ހުރެ ދެއްކި ވާހަކައެވެ. އެވަގުތު އެތަނުގައި ލިއަމް އެހައި ސިއްރުން ވާހަކަ ދައްކަންވީ ކާކާއި ހެއްޔެވެ؟ ލުޔޫންއަށް ގުޅައިގެން ބިރު ދެއްކުމަށް ފަހު އެވާހަކަ އެހެން މީހެއްގެ ގާތުގައި ވެސް ދެއްކީ ހެއްޔެވެ؟ އަތު ނުޖެހިގެން އެވާހަކައެއް އެ ދެއްކީ ކާކުގެ ވާހަކައެއްހެއްޔެވެ؟ އަނެއްކައި ވެސް ޖަވާބު ނޭނގޭ އެތަކެއް ސުވާލުތަކެއް ލުޔޫންގެ ބޮލުތެރޭގައި އެނބުރެން ފެށިއެވެ.

ފެންފުޅިން ފެންފޮދެއް ބޯލުމަށްފަހު ފުޅީގައި މަތި ޖަހަމުން ނިހާލް ލުޔޫން އާއި ދިމާލަށް ބަލައިލީ ކޮންމެވެސް އެއްޗެކޭ ބުނަން އުޅޭފަދަ ގޮތަކަށެވެ. އެއްވެސް ހަރަކާތެއްނެތި ކޮޓަރި މެދުގައި ޖަހާފައި ހުރި ތަނބެއް ފަދައިން ލުޔޫން ފުން ޚިޔާލެއްގެ ތެރެއަށް ގެއްލިފައި ހުރިތަން ފެނިފައި ނިހާލް ކުޑަކޮށް ކަރުކެހިލިއެވެ.

ނިހާލް: “ޔޫންގެ މަންމަޔާ ބޮޑުބެ ހިތައް އަރާނެދޯ މަ މީ ހާދަ ގޯސް މީހެކޭ….”

ފުން ނޭވާއެއް ދޫކޮއްލަމުން ނިހާލް ވާހަކަ ދައްކަންފެށީ ލުޔޫންގެ ސަމާލުކަން ހޯދާށެވެ. އެވަގުތު ލުޔޫން ސިހިފައި ކަހަަ ގޮތަކަށް ނިހާލްއާއި ދިމާލަށް ބަލައިލިއެވެ.

ލުޔޫން: “ދެން އެކަމާ ނުވިސްނާތި އިނގޭ…. ކޮންމެވެސް ގޮތަކުން މި ވީގޮތް މަމް އަށް ޔޫން ކިޔާލަދޭނަން… ޔޫން ބޭނުމެއް ނޫން މަމް، ބޭބީ އާ ދޭތެރޭ ގޯސް ގޮތަކަށް ދެކޭކަށް… ބޭބީގެ ބޭޑް އިމޭޖް އެއް އޮއްވަކާ މަމް އެގްރީ އެއްވެސް ނުވާނެ މި ރިލޭޝަން އަކަށް… އެކަމްމްމް…… ދެން ނުވާނެ އެއްވެސް މީހަކާއި ފައިޓް އެއް ކޮއްގެނެއް….”

އެ ހުރިހާ ވާހަކައެއް ދެއްކި ކަމުގައި ވިޔަސް ލުޔޫންގެ ހިތު ތެރޭގައި އުފެދެމުން ދިޔައީ އެހެން ސުވާލުތަކެކެވެ. އެ ނުތަނަވަސްކަން ފޮރުވަމުން ލޯބި ހިނިތުން ވުމެއްދީފައި ލުޔޫން ވާހަކަދެއްކީ ނިހާލް އަށް ވިސްނައި ދެވޭތޯއެވެ. އެނދުގައި އިށީނދެލަމުން ނިހާލް، ލުޔޫންގެ މޫނަށް ވަރަށް ރީތިކޮށް ބަލައިލިއެވެ. އެ މޫނުމަތިން އޭނާއަށް އެތަކެއް ކަންތައްތަކެއް ސާފުވެ އެނގިގެން ދިޔަކަހަލައެވެ. އެ ލޯބި ހިނިތުންވުމުން އެކަނިވެސް ލުޔޫން ނިހާލް ދެކެ ވާ ލޯވި ފާޅުވަމުން ދިޔައެވެ.

**** **** ****

 

ދުވަމުން ކަހަލަ ގޮތަކަށް ގެއަށް ވަދުނު ލިއަމް ފެނިފައި ސަލީމް އަށާއި ލީލާއަށް ބަލައިލެވުނެވެ. ކާ މޭޒުކައިރީގައި ތަށިތައް ނަގަން ހުރި އަމީނާއަށް ވެސް އެވަގުތު ލިއަމް އާއި ދިމާލަށް ބަލައިލެވުނެވެ.

ލިއަމް: “އޫޕްސްސްސް….. ސޮރީ”

ދެބުމަ އަރުވާލަމުން ލިއަމް އަށް އެހެން ބުނެވުނީ ގެއަށް ވަދެވުނީ ސަލާމް ނުގޮވާލައިކަން ހަނދާން ވުމުންނެވެ. ބޯ ކަހާލުމަށްފަހު ދޮރުން ބޭރަށް ނިކުމެ ލިއަމް ސަލާން ގޮވައިލިއެވެ. ސޯފާގައި އިން ލީލާއަށް އެމަންޒަރު ފެނިފައި ހޭންފެށިއެވެ.

ސަލީމް: “ވަޢަލައިކުމް ސަލާމް… ވަދޭ، ވަދޭ..!”

ހިނިއައިސް ފަޅައިގެން ދާވަރުވެފައި އިން ސަލީމް ލީލާގެ މޫނަށް ބަލައިލަމުން ސަލާމް ބަލައިގަތެވެ.

ލީލާ: “ސާބަހޭ ލިއަމް. އެއީ ދެން އެވަރުގެ ކަމެއްތަ؟”

ލިއަމް: “ލައްބަ.. އެވަރުގެ ކަމެއްވީމަތާ ދޯ އަޅުގަނޑު އަލުން ނިކުމެފަ މި ސަލާމް ގޮވީ”

ލިއަމް ވެސް ލީލާގެ ހުނުމުގައި ބައިވެރި ވެލަމުން ޖަވާބުދިނެވެ.

ލީލާ: “ކައިގެންތަ މިހާރު ތި އުޅެނީ؟”

ލިއަމް: “ނުކަން އަދި، ނަމާދުން ފޭބި ގަޑީގަ ރައްޓެއްސަކާއި ދިމާވެގެން ކޮފީ އަކަށް ދެވުނީ”

ލީލާ: “އެހެންވީމަ އަވަހަށް ހިނގާ ކާން ދާން….، އަމީނާ….ލިއަމް އަށް ކާން ހަދާދީބަލަ….. ހަލޯ… އާދެ، ވާހަކަ ދައްކަނީ ލީލާ. ކިހިނެއްތޯ ވީ؟

މަޖާވެލައިފައި އިން ލީލާގެ މޫނުމަތިން ކުޑަ ސީރިއަސް ކަމެއް ފާޅުވީ އެވަގުތު އޭނާއަށް އައި ފޯނު ކޯލެއްގެ ސަބަބުންނެވެ. ވަގުތުން އިށީނދެއިން ސޯފާއިން ތެދުވެ ބޭރަށް ދިއުމަށް ލީލާ ހިނގައިގަތީ ސަލީމް ގާތުގައި އެބަ  އަންނަން ކަމަށް ބުނެފައެވެ.

އަމީނާ: “ލިއަމް.. އާދޭ އަވަހަށް ކާން.. ތަށިތައް ނަގަން އުޅެނިކޮށް ތި އާދެވުނީ.”

ލިއަމް: “އަމިއްތަ ކެއީތަ މިހާރު؟ ހިނގާ ދޯ އަހަރުމެން ދެމީހުން ކާން… އަމިއްތަ ރަނގަޅުވާނެއޭ ދެފަހަރު މިރޭ ކެޔަސް…. ނުލާހިކު ލޫޅާފަތިކޮށް އަދިވެސް ތި ހުންނަނީ…. ފަހަތުން ފެނިފައި ލުޔޫން އެއް އަމިއްތައެއް ވަކިކުރާކަށް ވެސް ނޭނގޭ.”

އަމީނާ އާއި ސަމާސާ ކޮއްލަމުން ލިއަމް ގޭތެރެއަށް ނަޒަރު ހިންގާލީ ލުޔޫންގެ ހިލަމެއް ވޭތޯއެވެ. ގޭގެ ބިއްދޮށުގައި ހައްދާފައިވާ ކުޑަ ޕާކަށް ނިކުންނަން ހުންނަ ދޮރު ހުޅުވިފައި ހުރުމުން ލިއަމް އަނެއްކައި ވެސް ވާހަކަ ދައްކަންފެށިއެވެ.

ލިއަމް: “ލުޔޫން ޕާކުގަތަވީ މިއޮއްފަދަ ރޭގަނޑުވެސް؟ އަދި ނެތޭ ދޯ އެފަރާތު ބޮކި ވެސް ދިއްލާފައެއް…. ބިރުވެސް ނުގަންނަ ކުއްޖަކީބާ؟”

ސަލީމް: “އާނ… އެ މަންޖެ ބިރުގަންނާނީ އެތާނގަ އެމަންޖެ އުޅޭނަމައެއްނު… އޭނަ ނެތޭ ގެޔަކު.. ބޭރަށް ގޮސްފަ އަދި ނާދެ”

ލިއަމްގެ ވާހަކަތައް ހުރި ގޮތުން ލިއަމް އަށް ބޭނުންވެގެން އުޅުނު މައުލޫމާތު ވަރަށް ނުސީދާ ގޮތަކަށް ސަލީމް ފޯރުކޮށްދިނެވެ. ލިއަމް އާއި ޖެހިގެން ހުރި ގޮނޑި ދަމާލަމުން ސަލީމް އިށީނީ އަމީނާ ގާތުގައި ކޮފީ ތައްޓެއް ގެނެސް ދިނުމަށް އެދިފައެވެ.

ސަލީމް: “ބައްޕައަށް ގުޅާލިންތަ މީންދުވަހަކު؟”

ލިއަމް: “މިރޭ ވެސް ގުޅިން… މިހާރު ބައްޕަގެ ހާލު ވަރަށް ރަނގަޅޭ ބުނީ… ސަލީމްބެއަށް ސަލާމްވެސް ބުނި”

ސަލީމް: “އެހެންތަ… ވަޢަލައިކުމް ސަލާމް… ވަރަށް އުފާވެރި ޙަބަރެއްތީ.. ދެން އެހެންވީމަ ލުތުފީ މިކޮޅަށް އައީމަ ލިއަމްއަށް ދާން ދޯ ޖެހޭނީ މާލެއަށް. އެކޮޅުގަ ވެސް ކޮންމެވެސް އެކަކު ހުންނަން ޖެހޭނެ އެއްނު.”

ލިއަމް: “ނޫން.. އަޅުގަނޑު ބުނިން ބައްޕަ ގާތު އަޅުގަނޑޭ މިކޮޅުގަ  މިފަހަރު މަޑުކުރާނީ… ދެން އަދި ބައްޕަ ނުވެއެއްނު ދަތުރު ކުރާ ވަރެއްވެސް… އަދިވެސް އެއްކޮށް ރަނގަޅު ވީ ކަމެއް ނުވެސް އެނގޭ”

ސަލީމް: “ހަމަ އެހެންވެތަ މިކޮޅުގަ މަޑުކުރަނީ؟ ނޫނީ….”

ދައްކަމުން ދިޔަ ވާހަކައިގެ ތެރެއިން ސަލީމް އޭނަ ކުރަން ބޭނުންވި ސުވާލު ލިއަމް އާއި އަމާޒުކޮއްލިއެވެ. ފެންތަށިން ފެންފޮދެއް ބޯލިވަގުތު ސަލީމް ކޮއްލި ސުވާލަކުން ލިއަމް ކޮށިއެރިއެވެ. ސަލީމް ހެވި ދިލިފައި އިނދެ ލިއަމްގެ ބުރަކަށީގައި ދެތިން ފަހަރު ޖަހާލަމުން އެއްބުމަ އަރުވައިލިއެވެ.

ސަލީމް: “މަ ވަރަށް ޤަބޫލު ކަމެއް ތީ….. ހީވަނީ ލީލާ ވެސް ވަރަށް ގަޔާ ވާނެހެން.”

ލިއަމް އަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގި ސަލީމްގެ މޫނަށް ބަލަހައްޓައިގެންނެވެ. އޭރުވެސް އޭނާ ކެއްސަމުން ދިޔައެވެ. ވަރަށް ނުދެނަހުރި ކަމަށް ހެދިފައި ލިއަމް ވާހަކަދައްކަން ފެށިއެވެ.

ލިއަމް: “ތިބުނީ؟”

ކާމޭޒު މަތީގައި ބާއްވާފައި އޮތް ލިއަމްގެ ފޯނު ވައިބްރޭޓުވެލުމުން ސަލީމް ހިނިއައިސް އެ ފޯނާއި ދިމާލަށް ބަލައިލިއެވެ.

ސަލީމް: “މިބުނި ވާހަކަ އެއޮތީ ފެންނަން”

ސްކުރީން ދިއްލިފައި އޮތް ލިއަމްގެ ފޯނަށް އިޝާރާތް ކޮއްލަމުން ސަލީމް ބުނެލިއެވެ. އެ ފޯނުގެ ލޮކް ސްކުރީނުން ފެންނަން އޮތް އަންހެން ކުއްޖާގެ ފޮޓޯ ފެނިފައި ލިއަމް އަވަސް އަވަހަށް ފޯނު ނަގައި ޖީބަށް ލިއެވެ. ކައިރީގައި އިން ސަލީމް ކުޑަ ގޮތަކަށް ހީލިއެވެ.

ސަލީމް: “ލީލާ ކައިރީގަ ތިވާހަކަ ދައްކަންވީތަ؟ މަށަށް އެނގިފައެއް ނެތް ލުޔޫން ކުއްޖަކާ ރައްޓެހި ވެގެން އުޅޭ ކަމެއް.. އެކަހަލަ ކަމެއް ވަންޏާ ލީލާ މަ ގާތުގަ ބުނާނެ… އެމަންޖެ ހުސްކޮށް ހުއްޓަ ތިކަމާ އުޅެން މަށަށް ފެންނަނީ…. އެހެން ނޫނީ ތެޔޮ ނާށި ކާޅު ޖަހައި ގަނެފާނެ އިނގޭ….”

ސަލީމްގެ ވާހަކަތަކުން ލިއަމް ލަދުގަންނަ ގޮތްވީ ކަމުގައި ވިޔަސްް އޭނާ އިނީ އުފަލުން ފޮޅިފައެވެ.

**** **** ****

 

ހުޅުވައި ލެވުނު ދޮރާއި އެކު އިވިގެން ދިޔައީ އިންތިހާއަށް ރުޅިއައިސް ހުރި ލީލާގެ ބާރު އަޑެވެ. ހަމަ އެބާރުމިނުގައި ކޮޓަރި ތެރެއަށް ވަދެގެން ދިޔަ ލީލާ ނިހާލްގެ އަތުތެރޭގައި އޮތް ލުޔޫންގެ އަތަށް ދަމައިގަތެވެ. ލުޔޫންގެ ދެ ލޯ ބޮޑުވެގެން ދިޔައީ އޭނާގެ ކުރިމަތީގައި ހުރި ލީލާ ފެނިފައެވެ. ލިބުނު ސިހުމާއި އެކު އިށީނދެ އިން އެނދުން ލުޔޫންއަށް ތެދުވެވުނެވެ… (ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (18)

  1. Liam

    Asthaaa. Luyoon bby ahareneh nun mom ah luyoon bust kohly eh. Nihaal ekan kury.

  2. Nazeeh

    Aharumen fight kuraanee dhurugA thibegen ???
    Vvv salhi

  3. roassy

    Mivaahaka v nice. Hama ekani problem aky dialogu gothah dhekevey vaahaka genes dheythee

    1. Ella
      roassy

      Script-Based koh liyaathee ehen evanee…
      will try nexp episode ga ekan rangalhu kohlan.
      thank u for the feedback 🙂

    2. Anonymous
      roassy

      vaahaka v reethi,.. adhi eh mahsala eba ulhey.. maa ginain evaguthu beynun kohfa inyma like vaa gotheh nuvey.. hope kuran mi kantah vx ranaglhu kohlaane kamah.. knme

    3. Kamyny
      roassy

      Leelaa noon nameh jahaafa liyun nama dhw

  4. shaya

    Mihaarakah ais mi alah fashaigen ulhey vaahaka thakun enme reethi story miee…..
    Vaahaka liyaa kujjaayah varah salaan.
    Mivaahaka varah suspense vaane kahala feel eh vanee kuriahh oiy thaaga. Kithah episode baa innanee??? Daily up kurantha????
    Vaahaka thi genesdhey goiy mashah varah kaamudhe.
    Varah reethi mi part ves. All the best ELLA

    1. Ella
      shaya

      Miee liyamun upload kuramundhaa vaahaka akah vaathee Total kithah episode innaane kameh adhi bunedheykah neyge.
      Daily Up nukureve.. But weekly 3times for sure.
      Thank you 🙂

  5. shaya

    Kon days thakehga kan bunedhevidhaanetha?

    1. Ella
      shaya

      Fiday, Saturday Sunday ga iraadha kurehviya up kohdheynan. dhen eba balan Tuesday ga ves Up kureveytho.

  6. Lai

    ❤ drama eh hadhan mi vaahaka fakkaavaanehen hyvanee.
    Varah reethi inge.

  7. Aik

    Ey aan varah salhi.
    Love you ella ????

  8. eyna

    wow… awesome

  9. hmy

    vvv reethi

  10. Shy beauty

    Hama vrh habbu??…vrh reethi…dhn vaany kihineh baa??

  11. aish

    Knirakun tha updated vanyyy…
    V kiyaaahiy vefa mihiry…

  12. eleeeeeee

    v fake. ibarai kurun huthuru. vaahaka ekko liye ninmafa dhenves up kuran fashacchey. ginadhuvas veema vakin boda foohivey

  13. aish

    Ella kba aneh bai upload vaneee knirakun v kiyaaahithun mihiry….
    Plxxxx avahah upload knladhybala….

Comments are closed.