Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަންހަނާ (7)

layaal
January 5, 2017
9 Mins Read
81 Views
14 Comments

“ދޫކުރޭ! ދޫކުރާށޭ!!” ރިއުމާން އައިސްފައި ހުރި ރުޅީގައި ނިކަންބާރަށް އޭނާގެ މޭގައި އަޅައި ކޮށްޕާލިއެވެ. އެމީހާ ގޮސް ބިންމައްޗަށް ވެއްޓުމާއިއެކު ދެންތިބި އެންމެން ރިއުމާންއާއި ދިމާ ކޮށްލިއެވެ. ރިއުމާން އަވަސް އަވަހަށް ނަދާ އަތުގައި ހިފައިގެން ދުއްވައިގެން އިރު ފަހަތުން އެމީހުން ހަޅޭ ލަވަމުން އާދެއެވެ.

ތޮއްޖެހިފައި އޮތް މީހުންތައް ދުރުކުރަމުން ރިއުމާން ދިޔައިރު އެހިތް ނެގިނެގިފައި ޖެހެއެވެ. އަނެއްކާ ވެސް ކުރީގެ ބިރުވެރިކަން އެހިތަށް ވައިން އިރު އޭނާ ބެލީ އެތަނުން ނިކުމެވޭތޯއެވެ. އިރުގަނޑެއް ފަހުން މަގުމައްޗަށް ނިކުމެވުނު އެމީހުން ފެންނާކަށް ނެތެވެ. “ރިއުމާން ކިހިނެތް ތި ހެދީ؟ ބަލަ ޕާޓޭ ބައެކޭ އެއީ. އެމީހުންނަށް އުނދަގުލެއް ނުވާނެ އަހަރެމެން ހޯދާކަށް.” ނަދާ ހާސްވެފައި ހުރެ ބުނެލިއެވެ.

“އެންމެ ފުރަތަމަ ވެސް މިތަނަށް ނައި ނަމަ މިހިން ނުވީސް.. ހިނގާ ދާން ގެއަށް.” ރިއުމާން ހިތްހަމަ ނުޖެހިފައި ހުރެ މަގުމަތިން ދިޔަ ކާރެއް ހުއްޓުވިއެވެ. ދެމީހުން އެކީގައި ކާރުތެރޭ ތިބިއިރު ރިއުމާން އަނގައިން އެއްވެސް ބަހެއް ނުބުނެއެވެ. ގަޑިން ބާރަ ޖެހުމާއިއެކު ހަވާ އަރުވާއަޑު މުޅި ހިސާބުގައި ހިފާލިއެވެ.

ގެ ކައިރިއަށް ކާރު މަޑު ކުރުމާއި އެކު ނަދާ ނިމުގެން ދުވެފައި ކަހަލަ ގޮތަކަށް ގޮސް އެތެރެއަށް ވަނެވެ. އޭރު ރިއުމާން ފައިސާ ދީފައި ނަދާގެ ފަހަތުން ދިޔައެވެ. ގޭތެރެއަށް ވަދެގެން ދިޔަ ނަދާ ފެނި ސިޓިން ރޫމު ކުޑަ ސޯފާގައި އިން ފާތުމަ ތެދުވިއެވެ. “ކިހިނެތްވީ އެދިޔައީ؟ ހާދަ އަވަހަކަށް ތިއައީ. އަދި ކިރިޔާ ހަވާ އަރުވަނީއެ.. އަހަރެން ހީކުރީ އެކަން ނިމުނީމަ ކަމަށް އަންނާނީ..” އެތެރެއަށް ވައިން ރިއުމާން ފެނި ފާތުމަ އަހާލިއެވެ.

ރިއުމާން އެއްޗެކޭ ބުނުމުގެ ކުރިން ކޮޓަރީގައި ހުރި ނަދާ ހަޅޭ ލަވައިގަތެވެ. “ހުސް ރިއުމާންގެ ކަންތައް.. އޭނަ ވެއްޖެ އެތާ ތިބި ޕާޓޭ ބަޔަކާ ބެހެން.. ބޮޑު އުނދަގުލެއް. އެންމެ ފަހުން އެމީހުން ފަހަތުން އަޅުވާލީމަ މިއައީ.” ނަދާ ހިތްހަމަ ނުޖެހިފައި ހުރެ ވާހަކަދެއްކި އިރު އޭނާ ކުއްވެރި ކުރީ ރިއުމާންއެވެ.

“އެމީހުން ފުރަތަމަ ނަދާއާއި ބެހެން ފެށީ.. ދެން އެއްޗެކޭ ނުބުނެ ނުހުރެވޭނެ ދޯ..” ރިއުމާން ދިފާއުގައި ވާހަކަދެއްކި އިރު އޭނާ ހުރީ އަމިއްލަ ހަޔާތުގައި އިތުރަށް އެކަހަލަ ކަމަކާއި ކުރިމަތި ނުލާން ނިންމައި ގެންނެވެ. “ރިއުމާން ނުޖެހޭ އެމީހުންނާ ބެހޭކަށް.. ކުރާ ކަމެއް ކޮށްފާނެ އެއްނުން.. މިއީ މާލެއޭ. މިތާގައި މަގުމަތީގައި ހިނގާ ވެސް ނުލެވޭނެ މީހަކު ނުފޮށެއެއް.. ގެޓް ޔޫސް ޓު އިޓް.. ތިއުޅުން ރަށުގައި މިކަހަލަ ކަމެއް ނުވިއަސް މިތަނުގައި ވާނެ.” ނަދާ އެއްފަހަރާ އެއްޗެހި ކިޔާލި އިރު އޭނާއަށް ރިއުމާންގެ ހަޤީޤަތެއް ނޭނގެއެވެ.

“ނަދާ ހުއްޓާލަ.. ތީ ކޮންކަމެއްތަ ދެން.” ފާތުމަ މިހެން ބުނުމުން ނަދާ އަތް ދަމާފައި ކޮޓަރީގެ ދޮރު ނިކަން ބާރަށް ޖެހިއެވެ. “ކިހިނެތް ވެގެންތަ މި އުޅެނީ.. ކުދިން ނިދާފައޭ އެތިބީ.” ޖެހިގެން ހުރި ކޮޓަރިން ނިކުއިން މުޙައްމަދު ބުނެލިއެވެ. “ކަމެއް ނުވޭ! ރިއުމާން ވެސް ނިދަން އުޅޭ ދެން.. ސަހާދެއް ބޯހަލާކު ވޭ..” ފާތުމަ ކުދި ކިޔަމުން ޓީވީ ނިއްވާލާފައި ގޮސް ކޮޓަރިއަށް ވަދެ ރިއުމާންގެ ނިދާ ހެދުން ނަގާ ދިނެވެ. އޭރު ނަދާ އެނދަށް އެރައި ފުރަގަސް ދީގެން އޮތް އިރު ހަމްނާ ދެތިން ބާލިސް ހިފައިގެން ސިޓިން ރޫމަށް ނިކުތެވެ.

“ސޮރީ އިނގޭ.. ނަދާ ވައްތަރު އެއީ ހަމަ.. ރަނގަޅަކަށް ކަމެއް ކޮށްދިނަސް ގޯސް ވާނީ އެހެން މީހުން..” ސިޓިން ރޫމުގެ ގޮދަނޑި އަޅާލަމުން އޮށޯވެލި ހަމްނާ ބުނެލިއެވެ. އޭރު ފާޚާނާއިން ނިކުއިން ރިއުމާން ތުވާލިން މޫނު ފޮހެލަމުން އައިސް އެތަނުގައި އޮށޯވެލިއެވެ. “އިޓްސް އޯކޭ..” ރިއުމާން ބުނެލިއެވެ.

“ރިއުމާން ރަށުގައި ވަރަށް މަޖާތަ.. މިސް ވޭ ދޯ މަންމަމެން މަތިން.” ހަމްނާ މިހެން ބުނުމުން ރިއުމާންއަށް އޭނާގެ މާޒީ ހަނދާން ވިއެވެ. “ނޫން.. މިސް އެއް ނުވޭ.” ސީލިންގައް ނަޒަރު ހުއްޓާލައިގެން އޮތް ރިއުމާން އެއްވެސް ޖެހިލުމެއް ނެތި ބުނެލިއެވެ. “އެއީ ކީއްވެ؟ އަދި އަލަކަށްނުން މަންމަމެން ދޫކޮށްލާފައި ތިއައީ..” ހަމްނާ އަހާލިއެވެ. ރިއުމާންއަށް އެއަށް ދޭނެ ޖަވާބެއް ނޭނގުނެވެ.

****

 

ދުވަސްތައް މާޒީއާއި އެކު ވަމުން ގޮސް ރިއުމާން މާލޭގައި އުޅޭތާ ފަސް އަހަރު ވެގެން ދިޔައީއެވެ. އުމުރުން ބާވިސް އަހަރުވެ އިސްކޮޅުން ދެމިލާފައި ހުރިއިރު ބުރުސޫރަ ރީތި ސިފައެއް ލިބިފައިވިއެވެ. އޭނާ އަދި މާލެ އައި ފަހަކުން އެނބުރި ރަށަކަށް ނުދެއެވެ. ޒުބޭރު ކޮންމެ ފަހަރަކު އޭނާ ރަށަށް ގެންދެވޭތޯ ބަލައެވެ. ނަމަވެސް ރިއުމާން އަކީ މިހާރު ކުރިންހެން އޭނާ ބުނި އިރަކު ބުނި ކަމެއް ކުރާނެ ކުއްޖެއް      ” ނޫހުގައި ނޫސްވެރިއެކެވެ. Dhi Headlineނޫނެވެ. އޭނާއަކީ މިހާރު މާލޭގެ އެންމެ ހިނގާ އެއް ނޫސްކަމަށްވާ ”

އިޖުތިމާޢީ އަދި ސިޔާސީ އެކި ކަންކަމުގައި ރިޕޯޓު ލިޔަމުން ދާއިރު އެހައި ޒުވާން އުމުރަގައި އެދާއިރައިން ގިނަބަޔަކަށް ފާހަގަކޮށްލެވޭ އެކަކެވެ. “ރިއުމާން!” ކެބިން ތެރެއިން ރިއުމާންއަށް ގޮވާލި އަޑާއި އެކު އެތަނުގައި ތިބި ކުދިންގެ ނަޒަރު ދުރުގައި އިން ރިއުމާންއަށް ހުއްޓުނެވެ.

މިއީކީ އާކަމެއް ނޫނެވެ. ރިއުމާން އޭނާ ލިޔަން އިން ރިޕޯޓު ސޭވް ކޮށްލުމަށްފަހު އިންތަނުން ތެދުވެގެން ކެބިންއާއި ދިމާއައް ދިޔައެވެ. “އަނެއްކާ ރިއުމާން.. ތިއީ ވާ މީހެއް.” ކައިރި ގޮނޑީގައި އިން ޝާރިމް ހިނގަނޑެއް ޖަހާލަމުން ބުނެލިއެވެ. ރިއުމާން މޫނު ހަދާލަމުން ގޮސް ކެބިންގެ ދޮރުގައި ޓަކި ޖަހާލަމުން އެތެރެއަށް ވަނެވެ.

އޭރު ކެބިން ތެރޭ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ނާހިދްގެ އަތުގައި ގަނޑުތަކެއް އޮތެވެ. “ސާރ..” ރިއުމާންގެ އަޑު އިވުމާއިއެކު ނާހިދް އޭނާ އަތުގައި އޮތް ގަނޑުތައް މޭޒުމައްޗަށް ޖެހިއެވެ. “ކޯއްޗެއް މިއީ؟ ކިތައް ފަހަރުތަ ރިއުމާން ކައިރި ބުނަންވީ މިކަހަލަ ކަންކަމަށް ބޯ ނުބާނާށޭ!” ނާހިދް ރުޅިވެރިކަމާއި އެކު ވާހަކަ ދެއްކި އިރު އޭނާގެ ތޫނު ނަޒަރު ހުރީ ރިއުމާންއަށް ހުއްޓިފައެވެ.

ލައިގެން ހުރި ގަމީހުގެ އަތް ކުރި އޮޅާލެވިފައި ވީއިރު ޓައީ އޮތީ ދޫކޮށް ނައްޓާލެވިފައެވެ. އުމުރުން ސައްބީސް އަހަރު ވީއިރު ނާހިދު އަކީ ނޫހުގެ އިސް އެޑިޓަރެވެ. މޭޒުމަތީގައި އޮތް ގަނޑުތައް ނަގައި ބަލައިލަމުން ރިއުމާން ކުރިއަށް ޖެހިލާ ވާހަކަދެއްކިއެވެ. “އެކަމަކު ސާރ މިއީ ހާދަ ބޮޑު މައްސަލައެކޭ.. އަޅުގަނޑަށް ވަރަށް އިތުބާރު ހުރި ފަރާތަކުން ދިން ޚަބަރެއް މިއީ. މިކަން އެންމެންނަށް އިނގިއްޖެއްޔާ ދިސް ވިލް ބީ ހިއުޖް.” ރިއުމާން ވިސްނައިދޭ ރާގަކަށް ބުނެލިއެވެ.

“ހޫމް.. އިޓް ވިލް ބީ ހިއުޖް! ޔާ އަ ހިއުޖް ސްކޭންޑަލް އެންޑް އައި ވިލް ލޫޒް މައި ޖޮބް! އޭގެ ކުރިން އައި ވިލް ފަޔާ ޔޫ!! ކުރިން ވެސް މިކަހަލަ ސްކޭންޑަލް އަކާއި ހެދި ކިރިޔާ މަޤާމުން ވަކި ނުކުރީ.. އެވެސް ހަމަ ރިއުމާންއާއި ހެދި” މޭޒުގައި އަތް ވިއްދާލައިގެން ހުރެ ނާހިދް ވާހަކަ ދައްކަމުން ދިޔައިރު އެއަޑުގައި ހަރުކަށިކަން އެކުލެވިގެން ވިއެވެ.

“އެފަހަރު ވެސް މި ނޫހަށް ކިހާ ތަރުހީބެއް ލިބުން.. މުޖްތަމަޢުގެ މިހިނގާ ކަންތައްތައް ހާމަ ކުރުމެއްނުން އަޅުގަނޑުމެންގެ ވަޒީފާއަކީ..” ރިއުމާން ކެބިން ތެރޭ ދެކޮޅަށް ހިނގާލަމުން ވާހަކަދެއްކިއެވެ. “އިނގޭތަ ކާކުގެ ވާހަކައެއްކަން ދައްކާފައި ތިއޮތީ؟ ޑިފެންސް މިނިސްޓާރގެ ދަރިއޭ އެއީ.” ނާހިދް ދެއަތުން ބޮލުގައި ހިފައްޓާލައިގެން އިނދެ ބުނެލިއެވެ.

“ކޮންމެ މީހެއްގެ ދަރިއަކަސް އޭނާ އެއީ ގާތިލެއް. މާފަންނު ހުވަދޫގެ އައިޝަތް ޖަނާނީ ރޭޕްކޮށް މަރާލާފައި އަދި އެވަރު ކުޑަވެގެން ގޯންޔަކަށްލާ ރަސްފަންނު މޫދަށް އެއްލާލީ ހަމަ އޭނަ! އެކަމަކު ފުލުހުން އެބުނަނީ ޑްރަގްސް އޯވާ ޑޯޒް ވެގެންނޭ.. އެމީހުން އެދައްކާ ބަހަނާ ދެކޮޅު ވެސް ނުޖެހޭ.” ރިއުމާން ނިކަން ކެރިހުރެ މިހެން ބުނުމުން ނާހިދްގެ ދޫ ބަންދުވިއެވެ.

“ހެވެއްނުން! ފުލުހުން ކިޔާއެއްޗެއް ކިޔާފާނެ. އެކަމަކު ރިއުމާން މި ދޭތެރެއަށް ވަދެގެން ނުވާނެ. އަޑުއިވިއްޖެ.. ތި ރިޕޯޓު ވެސް އަންދާލާ. ތާކުން މީހަކު އެއްޗެކޭ ބުނާ އިރަށް ޤަބޫލު ކުރަން ޖެހޭތަ. ސަރުކާރުގެ ބޮޑުންނާއޭ ތި ބެހެނީ” ނާހިދް ރުޅި އައިސް ރަތްވެފައި ވީއިރު ރިއުމާން ވެސް ވަކި ދުލެއް ނުކުރިއެވެ. “ތާކުން ފެނުނު މީހެއް ނޫން މި ޚަބަރު ދިނީކީ.. އަހަރެން އަތުގައި ހެކި ވެސް އެބަހުރި” ރިއުމާން މިހެން ބުނުމުން ނާހިދްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ.

“ހެއްކޭ؟ ކޮން ހެއްކެއް.” ނާހިދް ރުޅި މައިތިރި ކުރަމުން އަހާލިއެވެ. “ސީ.ސީ.ޓީ.ވީ ފުޓެޖް.. ފުލުހުން އެއެއްޗެހި ފޮހެލީ. އެމީހުންނަށް ހަޤީޤަތް އިނގޭ އެކަމަކު ޑިފެންސް މިނިސްޓަރގެ ބާރުން އެހުރިހާ ކަމެއް ފޮރުވީ.. އެކަމަކު އަހަންނަށް އެ ހުރިހާ ފުޓޭޖެއް ލިބެން އެބަހުރި. ރިޕޯޓް ޕަބްލިޝް ކުރުމަށްފަހު އެކަމަކު އެ ފުޓޭޖް ލިބެން އޮތީ.. ދެޓްސް ދަ ޑީލް” ރިއުމާންގެ ވާހަކަ އިވި ނާހިދް ހައިރާން ވިއެވެ.

“ތިބުނާ ފުޓޭޖް ތަކަކީ ފުލުހުންގެ ބާރު ދަށުގައި އޮތް އެއްޗެހި.. އެ ކިހިނެތް ރިއުމާންއަށް ލިބެންވީ. އަހަންނަށް ވެސް ތިކަންކަމަކާ ގާތެއް ނުވެވޭ.. ވަޓް ޑިޑް ޔޫ ޑޫ؟” ނާހިދް ހައިރާންވެފައި އިނދެ ބުނެލިއެވެ. “އަހަންނަށް ލިބުނު ގޮތެއް ނޫން މުހިއްމީކީ.. އިންސާފް ހޯދާދިނުން މުހިއްމީ. ނައު ވިލް ޔޫ ލެޓް މީ ޕަބްލިޝް ދިސް؟ އެހެން ނޫނީ މިކަން ޕަބްލިޝް ކުރަން އިތުރު ގޮތްތައް ވެސް ހޯދިދާނެ..” ރިއުމާން މޭޒުގައި އަތް ވިއްދާލަމުން މިހެން ބުނި އިރު އެ ލޮލުގައި އެއްވެސް ޖެހިލުމެއް ނެތެވެ.

“އިނގޭތަ ކީއްވެގެންކަން އަހަރެން ރިއުމާން ވަޒިފާގައި ބަހައްޓައިގެން މި އުޅެނީ؟ ޔޫ އާ އޭން އެސެޓް. މިހާރު ވެސް އެހެން ނޫސްތަކުން ރިއުމާންއަށް ލިބޭ އޮފާތަށް މަދެއް ނޫން. ބަޓް އައި ނީޑް ޔޫ.. ޔޫ މިސް ރިއުމާން.. ޔޫ އާ ޖީނިއަސް. ރިޕޯޓް ޕަބްލިޝް ކުރޭ. ބަޓް އިފް ދިސް ބެކް ފަޔާޒް އެޓް އަސް.. ހަދާން ކުރާތި އައި ވިލް ރޫން ޔޫ! އާ ވީ ކްލިއާ؟” ނާހިދް ގޮނޑި ކުރިއަށް ޖައްސާލައި ރިއުމާންއާއި ހަތަރު ކަޅި ހަމަ ކުރަމުން ބުނެލިއެވެ. “ކްރިސްޓަލް ކްލިއާ..” ރިއުމާން ލޯ އަޅާލަމުން މިހެން ބުނެފައި މޭޒުމަތީގައި އޮތް ގަނޑުތައް ހިފައިގެން ކެބިން އިން ނިކުތެވެ.

ރިއުމާން އޭނާގެ ގޮނޑީގައި އިށީނދެ މިހާރު އަތުގައި އޮތް ރިޕޯޓުގެ ޕީޑީއެފް ފައިލް ލެޕްޓޮޕުން ހުޅުވާލުމަށްފަހު އެމީހުންގެ ވެބްސައިޓުގައި ޕަބްލިޝް ކުރުމަށް ސަބްމިޓް ކޮށްލިއެވެ. މާގިނައިރެއް ނުވެ ނާހިދް އެޕްރޫވް ކުރުމާއިއެކު އެމީހުންގެ ވެބްސައިޓުގައި އެ ރިޕޯޓު ޝާއިރު ވެގެން ދިޔައެވެ. ރިޕޯޓުގެ ސުރުހީގައި ‘އާއިޝަތް ޖަނާނީގެ މަރު: ޤާތިލަކީ އަދުގެ ޑިފެންސް މިނިސްޓަރގެ ދަރިފުޅު’ ވީއިރު ތިރީގައި ރިޕޯޓު ލިޔުނީ ރިއުމާން ޒުބޭރް ކަމަށް ޖަހާފައިވިއެވެ.

****

“ހަލޯ.. ކޮން އިރަކުން ލިބޭނީ؟” މަގުމައްޗަށް ނިކުމެ ފޯނުން މީހަކަށް ގުޅާލަމުން ރިއުމާން ބުނެލިއެވެ. “އެކީއްވެ؟ އައި ނީޑް އިޓް.. ކޮންތާކަށް ދާންވީ؟ އޯކޭ.” ފޯނު ބޭއްވުމަށްފަހު ރިއުމާން އަވަސް ފިޔަވަޅު ތަކެއްގައި އޭނާ ސައިކަލާއި ދިމާއަށް މިސްރާބުޖެހިއެވެ. ސައިކާލު ސްޓާޓް ކޮށްލަމުން ރިއުމާން މިސްރާބުޖެހީ ގެއާއި ދިމާއަށްށެވެ.

ގެ ކައިރީގައި ސައިކަލު ޕާކު ކޮށްލަމުން ރިއުމާން އެ ހަނި ގޯޅިގަނޑު ތެރެއިން ލާފައި ގޮސް އެތެރެއަށް ވަނެވެ. “ސައިކަލު އިންނާނެ ބޭރުގައ ޕާކުކޮށްފައި.. ތޭންކްސް.. އެންޑް އަނެއް އަދި މިރޭ ލިބިދާނެތަ.. އެގާރަ ޖަހާކަށް ހާއިރު.” ސައިކަލު ތަޅުދަނޑި ހަމްނާއާއި ހަވާލު ކުރަމުން ރިއުމާން ބުނެލިއެވެ.

“ޔާ އޯކޭ.. މަންމާ ދަނީ.” ހަމްނާ ގެއިން ނިކުންނަމުން ބުނެލިއެވެ. އޭރު މެންދުރުގެ ކެއުން ފާތުމަ ތައްޔާރު ކޮށްފައި ހުރިއިރު ނަދާ މޭޒު ކައިރީގައި އިނެވެ. އެގޭގައި އުޅޭތާ ފަސް އަހަރު ވީއިރު ވެސް ނަދާ އޭނަ ދެކެ އެއަންނަ ރުޅި މަޑެއް ނުވެއެވެ. ރިއުމާންއަށް އޭނާ އެހައި އެ ރުޅި އަންނަނީ ކީއްވެގެން ކަން ނޭގުނު ނަމަވެސް އޭނާ ނަދާއާއި ދޭތެރެ ހިތްބުރަ ކަމެއް ނުބާއްވައެވެ.

“ރިއުމާން.. އަވަހަށް އާދެ ކާން. މުޙައްމަދުބެ އައިސްފައި އެދިޔައީ.. ބުނި މިހާރު އެންމެން އެހެން ގެއަކަށް ބަދަލު ވާން ތަނެއް ހަމަޖެހިޖެޔޯ.” ފާތުމަ ހިނިތުން ވެލަމުން ބުނެލިއެވެ. މުޙައްމަދުމެން ރިއުމާން އައިތާ އަހަރެން ވަރު ފަހުން ހުޅުމާލެއަށް ބަދަލުވު ވުމުން ރިއުމާންއަށް އެކޮޓަރި ލިބުނެވެ.

“އެހެންތަ.. ރަނގަޅެއްނުން.” ތައްޓަށް ބަތް އަޅަމުން ރިއުމާން ބުނެލިއެވެ. “ހޫމް ދެން ރިއުމާން މިހާރު މިތާނގައި އުޅޭކަށް ބޭނުމެއް ނުވާނުން.. މަޝްހޫރު ނޫސްވެރި އަކަށް ވީމަ ދެން އަހަރެމެން މިއީ ކޮންބައެއްތަ..” ކާންއިން ނަދާ މޫނު ހަދާލަމުން ބުނެލިއެވެ. “އަނެއްފަހަރު ތިކަމެއް ފަށާނެ ކަމެއްނެތް.. ނަދާ ވެސް ހަމަ މަސައްކަތް ކޮށްގެން ރިއުމާންހެން މޮޅުވެބަލަ.. އޭނަ މާލެ އައި އިރަކު އެ މަޤާމަކާއި މަޝްހޫރު ކަމެއް ނުލިބޭ.” ފާތުމަ ނަދާގެ ބޮލުގައި ކުޑަކޮން ޖަހާލަމުން ބުނެލިއެވެ.

“މަންމައަށް އަބަދުވެސް ރަނގަޅު ވާނީ ރިއުމާން.. ވަރަށް ފޫހިވޭ.” ކާން އިން ތަށި ދުރަށް ޖައްސާލަމުން ތެދުވެ އަތް ދޮވެގެން ނަދާ ގޮސް ކޮޓަރިއަށް ވަނެވެ. “އަޅާނުލާ ފާތުމައްތާ.. އަދި ނަދާ ވެސް އަމިއްލައަށް މަސައްކަތް ކުރާނެ.” ބަތްތަށި މޮޑެމުން ރިއުމާން ވާހަކަދެއްކިއެވެ. “އެއްކަލަ ކަންތައް ކިހިނެތްތަ ވީ މިހާރު؟” ގޮނޑި ދަމާލަމުން ރިއުމާން ކައިރި އިށީނދެލި ފާތުމަ އަހާލިއެވެ.

“ކޮންކަމެއް؟” ފާތުމަ އެދައްކަނީ ކޮން ވާހަކައެއްކަން ނޭނގުމުން ރިއުމާން އަހާލިއެވެ. “ގޯންޏަކަށް ލާ މަރާލާފައި އޮތެއްނުން ކުއްޖެއް.. އެ މައްސަލަ.. މިހާރު އެކަން ވީތާވެސް ހަމަސް ވަނީމި.. އެކަމަކު ފުލުހުން އެކަން ހިންދާލީ ދޯ ހަމަ.” ފާތުމަ ޝައުޤުވެރިވެފައި އިނދެ ވާހަކަދެއްކިއެވެ.

“ތިކަމާ މިއުޅެނީ..” ރިއުމާން ބުނެލިއެވެ. “ރަނގަޅު.. ދައްތަ ވަރަށް އުފާވޭ ރިއުމާން މިކަހަލަ ކަންކަމުގައި ތިގޮތަށް ޖެހިލުމެއް ނެތި ހަޤީޤަތް ހާމަ ކުރާތި. ތިއީ ހަމަ ދައްތަގެ ދަރިއެއް..” ރިއުމާންގެ ބޮލުގައި ފިރުމާލަމުން ފާތުމަ ބުނެލިއެވެ. އެވަގުތު ހާޖަރާ ވެސް އެގޮތަށް ރިއުމާންގެ ބޮލުގައި ފިރުމާލަ ދޭން އަންނާނެ ނަމައޭ ހިތަށް އެރިއެވެ.

“ހާޖަރާ ގުޅި މިއަދު.. ބުނި މިކޮޅަށް އަންނަން އުޅޭ ވާހަކަ. ދެން ދައްތަ ބުނެފިން އާގެއަށް ބަދަލު ވީމައޭ އަންނަން ވާނީ.. އޭރުނުން ދޯ ފަސޭހަ ވާނީ. ކުރީ ފަހަރު ވެސް ހާޖަރަ އެކަނި އައިސް މިތާ ސިޓިން ރޫމުގައި އޮންނަން ޖެހުނީ.” ފާތުމަ މިހެން ބުނުމުން ރިއުމާން އެކަމައި އެއްބަސް ވިއެވެ.

ކައިނިމިގެން ރިއުމާން އައިސް އަލަމާރިން ފެންފުޅިއެއް ނަގައި ތައްޓަށް އަޅާލަމުން އެ ބޯލަން ތުމުގައި ޖެހިއެވެ. “ޒުބޭރު ވެސް އާދެޔޯ..” ކުއްލިއަކަށް ފާތުމަ އެބުނި ވާހަކަ އިވި ދިރުވާލި ފެންފޮދު ވެސް ކަރު ތެރޭގައި ތާށިވިއެވެ. ޒުބޭރު ނުފެންނަތާ ފަސް އަހަރު ވީއެވެ. ރިއުމާން ހަމަޖެހެން މަސައްކަތް ކުރަމުން ހީލިއެވެ. “އެހެންތަ.” ރިއުމާން މިހެން ބުނެފައި ފެންފުޅި އައިސް އަލަމާރިއަށް ލިއެވެ. “އާނ. މަންމަ ނުބުނޭތަ؟” ފާތުމަ މިހެން އަހާލުމުން ރިއުމާން އިތުރު އެއްޗެކޭ ނުބުނެ ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ.

އޭނާ ދޮރު ކައިރިއަށް ތިރިވެ ދެއަތުން މޫނު ފޮހެލިއިރު މާޒީގެ ހަނދާތަކުން ހިތް ނުތަނަވަސް ކުރުވިއެވެ. ފުންނޭވާއެއް ލަމުން ރިއުމާން ދަބަހުން ފޯނު ނަގައި ނަންބަރަކަށް ގުޅާލަމުން ކަންފަތުގައި ފޯނުޖެހިއެވެ.

****

ފޯނު ރިންގު ވަމުން ދިޔަ އަޑަށް ބަދިގޭގައި ގަރުދިޔަ ތެލި ހޫނު ކުރަން ޖައްސާފައި ތަށިދޮންނަން ހުރި ހާޖަރާ އަތް މަތި އަވަސް ކޮށްލިއެވެ. އަވަސް އަވަހަށް ކައިރީގައި ހުރި ކުޑަ ތުވާލިން އަތް ފޮހެލަމުން ކާގެ މޭޒުމަތީގައި އޮތް ފޯނު ނަގައި ވާހަކަދެއްކިއެވެ. “ހަލޯ.. ރިއުމާން.” އެކޮޅުން ރިއުމާންގެ އަޑު އިވުމުން ހާޖަރާ ލޮލުން ކަރުނަ ނިރާލިއެވެ.

ރިއުމާން އޭނާއަށް އެހައި ގިނައިން ގުޅައެއް ނަހަދާނެއެވެ. ދޭތެރެއަކުން ހާޖަރާ ގުޅާލާ ހާލު ބަލާލުމަށްފަހު އިތުރަށް އެއްޗެކޭ ބުނަން ވާއިރަށް ފޯނު ބާއްވައެވެ. މިހާރު ރިއުމާން ނޫސްވެރި ކަމުން ކުރި އަރަމުން އަންނަ އިރު ހާޖަރާ އެކަމާއި ފަޚުރުވެރިވެއެވެ. ނަމަވެސް އެއްފަހަރު ވެސް އަމިއްލަ ދުލުން އެކަން ހާމަ ކުރާކަށް ނުކެރެއެވެ. ސަބަބަކަށް ވަނީ ޒުބޭރުއެވެ. ރިއުމާންގެ މަސައްކަތާއި މެދު އެންމެ ނުރުހުން ފާޅު ކުރަނީ އޭނައެވެ.

“ދަރިފުޅު ކިހިނެތް؟” ގޮނޑީގައި އިށީނދެލަމުން ހާޖަރާ ވާހަކަދެއްކިއެވެ. “އާނ… ދާން ވެގެން މިއުޅެނީ. ބައްޕަ ވެސް ދޭ.” ހާޖަރާ ޖެހިލުންވެ އިނދެފައި ބުނެލިއެވެ. “މަންމަ ބުނަންށޭ ހުރީ.. ހަލޯ.. ރިއުމާން ހަލޯ..” ހާޖަރާ ވާހަކަ ދައްކަ ދައްކާ ހުއްޓާ ރިއުމާން ފޯނު ކަނޑާލިއެވެ. މޭޒުމަތީގައި ފޯނު ބާއްވާލަމުން އެއަށް ނަޒަރު ހުއްޓާލައިގެން އިނދެ ހާޖަރާ އަތުގެ ނުފުށުން ލޯ ފޮހެލިއެވެ.

“ރިއުމާން ދޯ.. މިހާރު އަހަރެން ގުޅީމަ ފޯނެއް ވެސް ނުނަގާ..” ކާގެ ދޮރު ކަނީގައި ލެނގިލައިގެން ހުރި ޒުބޭރު ބުނެލިއެވެ. ޒުބޭރު މިހާރު ތުނބުޅި ދިގުވެފައި ނުރަ ޖަހާފާއި ވީއިރު އަޅައިގެން ހުރި ނަންބަރު އައިނު އޭނާ މައްޗަށް ޖައްސާލިއެވެ. “އަހަރެން ދާ ވާހަކަ ބުނީ ދޯ.” ޒުބޭރު މިހެން އަހާލުމުން ހާޖަރާ ވަކި ޖަވާބެއް ނުދެއެވެ.

“ދެން އަނގައިން ނުބުނާތި.. ނިކަން ދުވަހު އޭނައަށް ހުރެ ވިއްޖެ އެއްނުން އެތަނުގައި.. ފާޑުފާޑުގެ ޚަބަރުތައް ލިޔެގެން މާ މޮޅުވެގެން އެއުޅެނީކީ.. އަދި އަހަރެންގެ ހުރި ނުލަފާކަށް ނުދައްކާލައިގެން އެއުޅެނީ..” ޒުބޭރު ރުޅި ވެރިކަމާއި އެކު ހާޖަރާއަށް އަޑު އިވޭވަރަށް އެވާހަކަތައް ކިއެވެ.

“ޒުބޭރު ބޭނުންހާ ގޮތެއް މިހާރަކު ނުހެދޭނެ. އެހުރީ ބޮޑުވެފައި މިހާރު.. ހެވައި ނުބައި އިނގި ތިކަހަލަ މުޑުދާރު މީހުންގެ ހަޤީޤަތް ބޭޒާރު ކުރާނީ މިހާރު އޭނަ!!” ހާޖަރާއަށް އެންމެފަހުން ކެތް ނުވެގެން ހަޅޭ ލަވައިގަނެވުނެވެ. “ކީކޭ؟! އަދި އެއްފަހަރު ބުނެބަލަ ތިހެން!” ޒުބޭރު ހަޅޭ ލަވައިގެންފައި ގޮސް ހާޖަރާގެ އަނގަމަތީގައި ހިފައި ބާރުކޮށްލިއެވެ. “ކޮން ހަޤީޤަތެކޭ ކިޔާކަށް! އަހަރެން މިއީ އޭނަގެ ބަފާ! ލާހިކެއް ނޫން މަށާ ކުޅެލާކަށް! އަދި ބުނާނަންތަ ތިހެން!” ހާޖަރާ އަނގަމަތީގައި ހިފައި ކޮށްޕާލަމުން މިހެން ބުނެފައި އެތަނުން ނިކުމެގެން ދިޔައެވެ.

****

ދުއްވަމުން ދިޔަ ސައިކަލުގައި އިން ރިއުމާން އޭނާގެ މަންޒިލާއި ހަމައަށް މިސްރާބުޖެހިއެވެ. އަޅައިގެން އިން ޝޯލް ވަޔާއި ވިހުރޭ އިރު އޭނާ އިނީ އާދައިގެން ގޮތަކަށް ގަމީހަކާއި ޖިންސެއް ލައިގެންނެވެ. މެންދުރު އޭނާގެ ރިޕޯޓު އާންމު ވުމާއިއެކު އެންމެން އެކީ އެކައްޗަކަށް ދައްކަނީ އެވާހަކައެވެ. ޚަބަރު ފަތުރާ ވަސީލަތްތަކުން އެވާހަކަ ގެނެސް ދެމުން ދިޔައިރު އޭނާގެ ފޯނަށް އެކި މީސްމީހުން ގުޅަމުން ދިޔައެވެ.

ނަމަވެސް އޭނާ އެއިން އެއްވެސް ފޯނަކަށް ޖަވާބު ދިނުމެއް ނެތި ބެލީ މަޤްސަދް ހާސިލް ކުރެވޭތޯއެވެ. ޑިފެންސް މިނިސްޓަރުގެ ވަކި ޖަވާބެއް އެޚަބަރަށް ނުލިބުނެއް ކަމަކު ރިއުމާންއަށް އަދި އެ އިންޒާރު އަންނާނެކަން އޭނާއަށް ރަނގަޅަށް އިނގެއެވެ. އެކަންތަކުގެ ހެކި އަވަސް މުސްތަޤްބަލެއްގައި ހާމަ ކުރާނެކަން އަންގާފައި އޮތުމުން ފުލުހުން ދަނީ އޭނާއަށް ގުޅޭތޯ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެއްވެސް ވޮރެންޓަކާއި ނުލައި އޭނާ ހައްޔަރު ކުރެވެން ނެތީތީ އެމީހުން އަދި މަޑު ޖައްސާލައިގެން ތިބީއެވެ.

އާޓިފިޝަލް ބީޗު ކައިރިއަށް ސައިކަލު ޕާކު ކޮށްލުމަށްފަހު ރިއުމާން އަވަސް ފިޔަވަޅު ތަކެއްގައި އެތެރެއަށް ވަދެގެން ދިޔައެވެ. ދުރުގައި ހުރި ރެސްޓޯރަންޓް ފަހަނަ އަޅާ ގޮސް ރާޅުތައް މުގުރާ ހިސާބުގައި މަޑުކޮށްލަމުން ރިއުމާން ދެކޮޅު ހޯދާ ބަލާލިއެވެ. އޭރު ތަންކޮޅެއް ދުރުގައި ހުރި ބުރެއްގައި އިށީނދެލައިގެން އިން މީހާ ފެނި އޭނާ އެތަނަށް ހިނގަތެވެ.

ބުރުގެ އަނެއް ފަރާތުގައި އިށީނދެ އެހެން މީހުންނަށް ނޭނގޭނެ ހެން ރިއުމާން ފޯނު ނަގައި ކަންފަތުގައި ޖަހަމުން ވާހަކަދެއްކިއެވެ. “މިއައީ.. ކޮބާ؟” ރިއުމާން ލަސް ކުރުމެއް ނެތި އޭނާ އެތަނަށް އައި މަޤްސަދް ހާމަ ކުރިއެވެ. “ހަމަޖެހިބަލަ.. އަދި ކިރިޔާއެއްނުން ތިއައީ.. ވަރަށް ހިތްގައިމު ދޯ ރާޅު ޖަހާ އަޑު.” އެބަރު ފިރިހެން އަޑުން އެމީހަކު ވާހަކަ ދެއްކިއެވެ.

“ބުނަން އަހަރެން މިތަނަށް މިއައީކީ ތި ރާޅު ޖަހާ އަޑު އަހާކަށް ނޫން. ގިވް މީ ވަޓް އައި ވޯންޓް.. ބުނި ކަންތައް ކޮށްފިން.. އެއޮއްތީ ރިޕޯޓު އާންމު ކޮށްފައި.. އަހަރެން ބޭނުން ހެކި. ފުލުހުން އައިސް އިތުރު ކަމެއް ނުކުރަނީސް މިކަމުގެ ހެކި ދައްކަން ޖެހޭ.” ރިއުމާން ހިތްހަމަ ނުޖެހިފައި އިނދެ ބުނެލިއެވެ.

“އަހަންނަށް އަމުރު ކުރާނެ ކަމެއް. ރިއުމާންއަށް ތި މަޢުލޫމަތު ދިނީ އަހަރެން.. އަހަރެން ރިއުމާން ހޯދައިގެން ކުރީގެ ކޭސް ވެސް އަދި މިކޭސް ވެސް މި ފަޅާ އަރުވާލަނީ. އެހެންވީމަ ރިއުމާން ހަދަން ޖެހޭނީ އަހަރެން ބުނާ ގޮތް! އަޑު އިވިއްޖެ.” އެމީހަކު ހަރުކަށި ކަމާއިއެކު ބުނެލިއެވެ. އެހިސާބަށް އަނދިރިވެފައި ވުމުން އެމީހެއްގެ މޫނު ސާފެއް ނުވެއެވެ.

“އަހަންނަށް ފަޅާ އަރުވާ ލެވިދާނެ ތިއީ ކާކުކަން ވެސް..” ރިއުމާން ކަންފަތުގައި ފޯނުޖަހައިގެން އިނދެ މިހެން ބުނުމުން އެމީހަކު ހޭން ފެށިއެވެ. “ރިއުމާންއަށް އިނގޭތަ އަހަރެން މިއީ ކާކުކަން؟ ނޭނގެ.. އަދި އަދަށް ދާންދެން އަހަރެންގެ އަޑު ނޫނީ ރިއުމާންއަށް އިވިފައެއް ވެސް ނޯންނާނެ.” އެމީހާ ޔަޤީން ކަމާއި އެކު ބުނެލިއެވެ.

“އައި އެމް އަ ޖާނަލިސްޓް.. ހޯދިދާނެ ތީ ކާކުކަން ވެސް.” ރިއުމާން ގޮތް ދޫ ނުކޮށް ބުނެލިއެވެ. “އައި ޑައުޓް ދެޓް.. ރިއުމާންއަށް މުހިއްމީ ޚަބަރެއްނުން.. ހަޤީޤަތެއްނުން.. އައި އެމް ގިވިން ޔޫ ދެޓް.” އެމީހާ ބުނެލިއެވެ. “ދެން ދޭންވީއެއްނުން.” ރިއުމާން ކެތްތެރިކަން ކޮޅުން ލުމުން ތަންކޮޅެއް ބާރަށް ބުނެލިއެވެ.

“މިއޮތީ ޕެން. މީގައި ހުންނާނެ ހުރިހާ ފޫޓެޖް ތަކެއް.. މީގެ އިތުރު އެހެން ކޮޕީއެއް ވެސް ނޯންނާނެ.” އޭނާ އަތުގައި އޮތް ކުޑަ ޕެން ޑްރައިވްއެއް ދައްކާލަމުން ބުނެލިއެވެ. ރިއުމާން ވަގުތުން އެ ނަގަން އުޅުމުން އެމީހާ އޭތި ދުރަށް ލިއެވެ. “ނޯނޯ… ޕޭޝަންސް މައި ޑިއާ.. ހަމަ އެހައި ބޭނުންތަ. މީތި ނުލިބިއްޖެއްޔާ ކިހިނެއްބާ ވާނީ؟” އެމީހާ ވިސްނާލަން އިނދެފައި މިހެން ބުނުމުން ރިއުމާން ހާސްވިއެވެ.

“އެކަން ސާބިތެއް ނުވާނެ.. ސާބިތު ނުވެއްޖެއްޔާ ޔޫ ކުޑް ގޯ ޓު ޖެއިލް ފޯ އެކުއިސިން ދަ ސަން އޮފް ޑިފެންސް މިނިސްޓަ ފޯ ކޮމިޓިން އަ މާޑާ.. އިންޓަރެސްޓިން.” އެމީހާ އިންތަނުން ތެދުވެ މިހެން ބުނެލުމުން ރިއުމާންއަށް ގޯހެއް ވާން އުޅޭހެން ހީވިއެވެ. “އަހަރެން މިހުރީ ބުނި ކަންތައް ކޮށްފައި. ރިޕޯޓް ޕަބްލިޝް ކުރީމަ ހެކި ދޭނަމޭނުން ބުނީ.. ދެޓް ވޮސް ދަ ޑީލް..” ރިއުމާން ހިތް އަވަސްވެފައި އިނދެ ބުނެލިއެވެ.

“އޯ ޔެސް.. އަހަރެން ހަނދާން އެބަ ހުއްޓޭ.. އެކަމަކު.” އެމީހާ މިހެން ބުނެފައި އެޕެން ޑްރައިވް އަތުގެ ކޮޅަށް ނަގައި މޫދާއި ދިމާއަށް ހޫރުވާލިއެވެ. މިތަން ފެނި ރިއުމާން ސިހިފައި އިންތަނުން ތެދުވެ އެދިމާއަށް ނަޒަރު ހުއްޓާލިއެވެ. “އޫޕްސް.. ވެއްޓުނިއްޔެ.” އެމީހާ ހިނިގަނޑެއް ޖަހާލާފައި މިހެން ބުނެ އެތަނުން ދިޔައެވެ. އޭރު ރިއުމާން ދުވެފައި ކަހަލަ ގޮތަކަށް ގޮސް އެ އަނދިރި މާސިންގާ ކަނޑަށް ނަޒަރު ހުއްޓާލިއެވެ. އޭނާއަށް ދެއްކެން އޮތް ހެކި ވެސް އެދިޔައީއެވެ. އޭނާގެ ސިކުނޑި ސުމަކަށް ދިޔައިރު ގޮށްމުއްކަވާފައި ލެނގިލައިގެން ހުރި ފާރުބުރީގައި ޖެހިއެވެ.

-ނުނިމޭ-

40
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

layaal

Other Articles

Previous

ފިރިމީހާގެ ހައްޤުގައި 6

Next

ޢަޞްރު (އަށާވީސްވަނަ ބައި)

Next
January 6, 2017

ޢަޞްރު (އަށާވީސްވަނަ ބައި)

Previews
January 5, 2017

ފިރިމީހާގެ ހައްޤުގައި 6

14 Comments

  1. layaal says:
    January 5, 2017 at 5:05 pm

    Hey all. I know I know its been so long. But i have almost finished the story. So i’ll update tomorrow as well. Its will be updated everyday. So let me know how its is.

  2. yool says:
    January 5, 2017 at 5:15 pm

    haadha lahy. dhen up kurachey. igey. varah salhi goe thake mi vi. varah miss v layaa mathin. plx don’t leave and update. love your stories

  3. imagination says:
    January 5, 2017 at 5:17 pm

    v reethi. heeves nukuraa kahala gotheh mi vi

  4. ~minty~ says:
    January 5, 2017 at 5:20 pm

    Mi heekuree story huttrlee kmh viyyr lass kamun…but at last up kohdhineethee vrh happy vejje…next part kiyaa hithun hureveny ehnun? mi site ga mihaaru in enme reethi story mee minty ah??

  5. pinky says:
    January 5, 2017 at 5:21 pm

    wow. haadha inthizaarekey mi kuri layaaaa. Varah salhi igey. Love mi vaa goi.

  6. faathun says:
    January 5, 2017 at 5:54 pm

    heeves nukuraa gothe mi vi. varah furihama as usual layaal.

  7. suhaa says:
    January 5, 2017 at 6:04 pm

    thi vaa liyun theri eh. hama gossa ane faharu ahnaane. ragalhu ragalhu. fashaifi vaahaka eh ninman vaane. ehen liyun therin hen nugeh leythi kamudhani. vi goi ves angaalathi. varah reethi mi bai.

  8. Kiara says:
    January 5, 2017 at 7:39 pm

    So intresting.vvvvvvvvvv gooooood.thnkxxx for uploading n4 telling us that every day you are uploading this stry.i just love your stories

  9. cute handi says:
    January 5, 2017 at 8:53 pm

    wow…. very nice layaa… u r my fav author……i love ur stories…. ummmmah… love u layaa….
    ????

  10. Hawwoo.... says:
    January 5, 2017 at 9:34 pm

    V hebeyyyys ma sha allaah. Knme dhuvahak beley up kohfa indhey tho. Tnx up kuran feshyma???☺

  11. Ummu Mulk says:
    January 5, 2017 at 10:18 pm

    Asifa Athifa Afeef

  12. maiha says:
    January 5, 2017 at 10:58 pm

    woooow layaaal…hama v v v v v salhi..v inthizaaruvx kohfin..i missd u layaaaaaa???love u????

  13. Khajja says:
    January 5, 2017 at 11:54 pm

    Mioh haadhuvahu mi stories madhin hadhaanehved neh dhuvasveevarun dhen aegothah nahadhaa avas kuraathi puleeeeeeeez layaaaal ??????

  14. afu says:
    January 6, 2017 at 6:55 am

    Kn gadi thakaku update kuraany.. v salhi mi story..

Comments are closed.

All Right Reserved!