
“އަ.. އަހަރެން ދެކެ ރުޅިއެއް ނާދޭތަ؟” ޒުލޭހާ ހައިރާންވެހުރެ ރާހުލްގެ މޫނަށް ބަލައިލަމުން އަހާލިއެވެ. މާޒީގައި ކަންތައްވެދިޔަ ގޮތުން ރާހުލް އޭނާ ދެކެ ރުޅިއައުން ހައްޤުކަމުގައި ޒުލޭހާ ޤަބޫލުކުރިއެވެ.
“އެވާހަކަ އިހަށް ބަހައްޓާ… ކީއްވެހޭ ޒުލޭހާ ދައްތަ މިތަނުގައި ތި އިނީ؟؟” ރާހުލް ތަންކޮޅެއް ބާރަށް އަހާލިއެވެ. އެވަގުތު ޒުލޭހާ ރާހުލްގެ މޫނަށް ބަލާލީ މާޔޫސްވެފައިވާ ނަޒަރަކުންނެވެ.
“އެ.. ރާހުލްއަށް އިނގޭ ދޯ އަހަރެން ޖަލަން ލިކަން..؟” އިސްޖަހައިގެން ހުރެ ޒުލޭހާ އަހާލިއެވެ. ރާހުލް އެއްޗެއް ވިސްނާލަމުން ބޯ ޖަހާލިއެވެ. އާޔާ މަރާލި މައްސަލައިގައި ޒުލޭހާ ޖަލަށްލިކަން އޭނާއަށް ޞާބިރާގެ ފަރާތުން ވަނީ އެނގިފައެވެ. ނަމަވެސް އެއީ 7 އަހަރުކުރިންތާއެވެ.
“އަހަންނަށް އައީ 5 އަހަރުގެ ޖަލު ހުކުމެއް… ނޭނގެ އަހަންނަކަށް އެމީހުން 5 އަހަރަށް ހުކުމްކުރީ ކީއްވެކަމެއް… ދެން ޖަލުން ނިކުމެވުނުއިރު ފިރިމީހާވެސް އަހަރެން ވަރިކޮށްފައި ރާއްޖެއިން ބޭރަށް ގޮސްވީވެސް… އަހަންނަށް އެހީވާނެ އެއްވެސް މީހަކު ނެތް… ދެން މާލޭގަ ގޭގޭގަ ސަލާން ޖަހަމުން މިހެން އުޅެނީ… މީހުންދޭ އަންނައުނު ލަނީވެސް… 2 އަހަރުވީ މިގޮތަށް އުޅޭތާ މިހާރު… މިހާރު މިކަމަށް އާދަވެއްޖެ..” ޒުލޭހާ އިސްޖަހައިގެން ހުރެ ވާހަކަދެއްކިއެވެ. އެންމެ ފަހު ދެ ޖުމްލަ ބުނިއިރު އެދެލޮލުން ކަރުނަ ނިރާލާފިއެވެ. މާޒީގައި ޒުލޭހާ އޭނާއަށް ކިތަންމެ އުނދަގޫތަކާ ކުރިމަތިކުރުވާފައިވީ ނަމަވެސް އެވަގުތު ރާހުލްގެ ހިތް ޒުލޭހާއަށްޓަކާ ހަމްދަރުދީއިން ފުރުނެވެ. މަގުމަތީގައި އެގޮތަށް މީހަކަށް އުޅެން ހާދަހާ އުނދަގޫވާނެއޭ އޭނާގެ ހިތަށް އެރިއެވެ. އޭނާވެސް މީގެ ކުރިން ތަފާތު އުނދަގޫތަކާ ކުރިމަތިލާފައިވެއެވެ. އެހެންކަމުން ޒުލޭހާގެ ހާލަތުގެ ދަތިކަން އޭނާއަށް ކުޑަކޮށް ނަމަވެސް އިހުސާސްވިއެވެ.
“އެ.. އެކަމަކު ޒުލޭހާ ދައްތާ.. މަގުމަތީގައި؟” ލިބުނު ހައިރާންކަމާއެކު ރާހުލްއަށް ބުނެވުނެވެ. ޒުލޭހާ އެއްޗެކޭ ނުބުނެ އިސްޖަހައިގެން އިނެވެ. ރާހުލްއާ ހަތަރުކަޅި ހަމަކުރާހާ ހިތްވަރެއް އޭނާގެ ހަށިގަނޑުގައި ނެތް ކަހަލައެވެ. ރާހުލް ބިންމައްޗަށް ބަލާލުމަށްފަހު ފުންނޭވައެއް ދޫކޮށްލިއެެވެ. އަދި ކުއްލިއަކަށް ޒުލޭހާގެ އަތުގެ މުލައްދަނޑީގައި ހިފައި ކޮޅަށް ނެގިއެވެ.
“ދައްތަ މިތާ އުޅޭނެކަމެއް ނެތް.. ހިނގާ އަހަންނާއެކު..” ޒުލޭހާގެ އަތަށް ކުޑަކޮށް ދަމާލަމުން ރާހުލް ބުނެލިއެވެ. ޒުލޭހާ ހައިރާންވެ ހުރެ ރާހުލްގެ އަތް ނައްޓުވާލިއެވެ.
“ކޮންތާކަށް؟” ލިބިފައިވާ ހައިރާންކަމާއެކު ޒުލޭހާއަށް އަހާލެވުނެވެ.
“އަހަރެން އުޅޭ ގެއަށް..” ރާހުލް ސީދާ ޒުލޭހާގެ ލޮލަށް ބަލާލަމުން ބުނެލިއެވެ. އެހިނދު ޒުލޭހާ އިސްޖަހާލިއެވެ.
“ރާހުލް.. ދައްތަ މިހެން އުޅުނަ ދީ… އެއްވެސް މީހެއްގެ އެހީއެއް ދައްތައަށް ހައްގެއް ނޫން..” ޒުލޭހާ ވާހަކަދެއްކިއެވެ. އޭނާ މިހާލުގައި އިންދާ ރާހުލްއަށް ފެނުމުން ދެރަވެ ލަދުވެސްގަތެވެ.
“އެކަމަކު އަހަންނަށް ދައްތަ ތި ހާލަށް ދޫކޮށްލާފަކާ ނުދެވޭނެ… ހިނގާ…” ރާހުލް ކުރުނުކޮށް ކިޔަން ފެށުމުން އެންމެފަހުން ޒުލޭހާ ރާހުލްއާއެކު ދާން އެއްބަސްވިއެވެ. ކުޑަ ކޮތަޅެއްގައި ހުރި އޭނާގެ ތިން ހެދުން ފިޔަވާ ގެންދާނެ އިތުރު އެއްޗެއް ނެތެވެ.
ގޭގެ ބެލްޖަހާލި އަޑަށް ދޮރު ހުޅުވީ ނަޝްފާއެވެ. ރާހުލް އައީކަން އެނގުމުން އޭނާ ރީތި ހިނިތުންވުމާއެކު ދޮރު ހުޅުވާލި ނަމަވެސް ރާހުލްގެ ގާތު ހުރި ޒުލޭހާ ފެނުމުން ވަގުތުން އޭނާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ.
“ދައްތާ އާދޭ އެތެރެއަށް…” ޒުލޭހާގެ އަތުގައި ހިފައިގެން ރާހުލް އެގޭތެރެއަށް ވަދެގެން ދިޔަތަން ބަލަން ނަޝްފާއަށް ހުރެވުނީ ހައިރާންވެފައެވެ. ރާހުލް ޒުލޭހާ އެގެނައީ ކޮންތާކުން ނެރެގެންބާއޭ އެހިތަށް އެރިއެވެ.
“ބައްޕީ!” ރާހުލެގެ އަޑު އިވިގެން ދުވެފައި ކޮޓަރިތެރެއިން ނިކުމެގެން އައި ރިޝްކާ ހުއްޓުން އެރީ ސިޓިންގރޫމުގައި ނުދަންނަ މީހެއް އިނުމުންނެވެ. އޭނާގެ ފަހަތުން ނިކުތް އަންޖޫދާގެ ހެދުމާ ނިވާވެލައި ރިޝްކާ ޒުލޭހާއަށް ބަލާލިއެވެ. ޒުލޭހާ ފެނިފައި އަންޖޫދާ ވެސް ހައިރާންވިއެވެ. އެހުރިތާ ހުރެގެން އޭނާ ރާހުލްގެ މޫނަށް ބަލަމުން ދިޔައީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ.
“ޒުލޭހާ ދައްތަ މިގޭގަ ބަހައްޓަން މިގެނައީ… ނަޝް.. ރިޔާ ކުރިން އުޅުނު ކޮޓަރި ކުޑަކޮށް ސާފުކޮށްލަން ދޭބަލަ…” ރާހުލް ނަޝްފާއަށް ބަލާލަމުން ބުނެލިއެވެ. ނަޝްފާ ބޯ ޖަހާލުމަށްފަހު އެކޮޓަރިއާ ދިމާއަށް ހިނގައިގަތީ ސިޓިންގރޫމު ފާރުގައި ލަންގާލާފައި ހުރި ފިހިގަނޑު ހިފައިގެންނެވެ. ވިޝާން ދިޔަފަހުން ރިޔާ އުޅެނީ ޞާބިރާގެ ކޮޓަރީގައި ކަމުން މިހާރު އެ ކޮޓަރި ހުންނަނީ ހުހަށެވެ.
“އިށީންދޭ ދައްތާ..” ޒުލޭހާ ބީރައްޓެހި ގޮތަކަށް މުޅިތަނަށް ބަލަން ފެށުމުން ރާހުލް އަވަސް އަވަހަށް ބުނެލިއެވެ. އެއާއެކު އޭނާ ސޯފާއެއްގައި އިށީނެވެ. ރިޝްކާ އާއެކު ހުރި އަންޖޫދާ އޭނާއަށް ފެނުނީ ދެނެވެ. އަންޖޫދާ މިގޭގައި ކީއްކުރަނީބާއޭ އެހިތަށް އަރަމުން ދިޔައެވެ. ރާހުލް އިނދެގެން އުޅެނީ ނަޝްފާއާއެއް ނޫން ހެއްޔެވެ؟
“ދައްތާ.. އެއީ މިހާރު އަހަރެންގެ ހަގު އަނބި، އަންޖޫ… ދެން އެހުރީ އަހަރެމެންގެ ދަރިފުޅު ރިޝްކާ…” ޒުލޭހާ އަންޖޫދާއަށް ބަލަން ފެށުމުން ރާހުލް ބުނެލިއެވެ. ޒުލޭހާ ހިނިތުންވާން މަސައްކަތްކުރަމުން އެހެން ހެއްޔޭ އަހާލިއެވެ. ރާހުލް ރިޝްކާއަށް ގޮވާލުމުން ރިޝްކާ ގޮސް ރާހުލްގެ އުނގަށްއެރިއެވެ. އަދި ޒުލޭހާ އެއީ ކާކުކަމުގައި ރިޝްކާއަށް ބުނެދޭން ފެށިއެވެ. އެވަގުތު އަންޖޫދާ ހިނގައިގަތީ ނަޝްފާ ދިޔަ ދިމާއަށެވެ. އެ ހިތުގައި ސުވާލުތައް ފުނި ޖެހިފައިވިއެވެ.
“ކީއްވެތަ ޒުލޭހާ މިގެއަށް އެގެނައީ؟” ކޮޓަރި ސާފުކުރަން އުޅުނު ނަޝްފާއަށް ބަލާލަމުން އަންޖޫދާ އަހާލީ އުނަގަނޑުގައި ދެއަތް ވިއްދާލަމުންނެވެ.
“އަސްލުވެސް ކުރިން އޭނާ ރާހުލްއަށް ކިހާ ޖެއްސުމެއް ކުރި ދޯ؟ އަހަރެންވެސް މިހުންނަނީ ހައިރާންވެފަ..” ނަޝްފާ ބުނެލިއެވެ.
“ދެން ރާހުލް ގާތު އެހީމަ ދޯ އެނގޭނީ އަސްލު…” ތުންގަނޑު ދަމާލަމުން އަންޖޫދާ ބުނެލިއެވެ. އަނެއްކާ ޒުލޭހާގެ ހިޔަނި އޭނާގެ އުފާވެރި ހަޔާތަކަށް ނޭޅޭނެބާއޭ އެހިތަށް އަރަމުން ދިޔައެވެ.
ކޮޓަރި ސާފުވުމުން ރާހުލް ޒުލޭހާ ގެން ގޮސް އެކޮޓަރިއަށް ވެއްދިއެވެ. އަދި އެއީ މީގެ ފަހުން ޒުލޭހާ އުޅޭނެ ތަން ކަމުގައި ބުނެލިއެވެ. ރާހުލްގެ ހިތްހެޔޮކަމާމެދު ޒުލޭހާ ހުރީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. ޞާބިރާގެ އަތުން ހެދުމެއް ހޯދައި އޭނާ ޒުލޭހާއަށް ދިނެވެ. ޒުލޭހާ އެގެއަށް ވެއްދީތީ ޞާބިރާވެސް ހުރީ ކުޑަކޮށް ހިތްހަމަޖެހިފައެވެ. ފެންވަރާ ތާޒާވެލުމަށްޓަކާ ޒުލޭހާ ދިޔަ ވަގުތު އެންމެންގެ ސުވާލުތައް ރާހުލްއަށް އަމާޒުވަމުން ދިޔައެވެ.
ރާހުލް ވީގޮތް ކިޔައިދިނުމުން ކުޑަކޮށް ނުރުހުނު ނަމަވެސް ހުރިހާ އެންމެންވެސް ޒުލޭހާ އެގޭގައި ބެހެއްޓުމަށް އެއްބަސްވިއެވެ.
“އެކަމަކު އަނެއްކާ ވެސް އޭނަ ރާހުލްއަށް އުނދަގޫކޮށްފިއްޔާ ކިހިނެއް ހަދާނީ؟” ކަންބޮޑުވެފައި ހުރެ އަންޖޫދާ އަހާލިއެވެ.
“ދެން އޭނަ އެފަދަ ގޮތަކަށް ކަންތައް ނުކުރާނެކަމަށް ވިސްނަމާ..” ރާހުލް ބުނެލިހާވެސް އެއްޗަކީ އެއީއެވެ. ނަމަވެސް އަންޖޫދާއަށް ޒުލޭހާއަށް ކުރެވޭނީ ކޮން އިތުބާރެއް ހެއްޔެވެ؟ ވިޝާން ވެސް ބަދަލުވީޔޭ ކިޔައިގެން އުޅެފައި ކަންތައްކުރި ގޮތް އޭނާގެ ހިތުން އަދިވެސް ނުފިލައެވެ.
އެދުވަހު މެންދުރު އެންމެން ކެއީ އެކީގައެވެ. މާގިނައެއްކޮށް ނޫންކަމުގައިވީ ނަމަވެސް އެންމެން ވެސް ޒުލޭހާއާ ކޮންމެވެސް ވަރަކަށް ވާހަކަދެއްކިއެވެ. ރިޔާއަށް ވެސް ޒުލޭހާއަކީ ކާކުކަން އެނގުނުހިނދު އެހިތުގައި އޭނާއަށްޓަކާ ކުޑަ ކިލަނބުކަމެއް އުފެދުނެވެ. މީހުންނަށް އިތުބާރުކުރުމަކީ މިހާރު އޭނާއަށް އުނދަގޫ ކަމެކެެވެ. އެރޭ ކައިނިމިގެން ޒުލޭހާ އަންޖޫދާއާ ރާހުލް ކައިރީ އެތަށް ފަހަރެއްގެ މަތިން މާފަށް އެދުނެވެ. ރާހުލް އެހާ ފަސޭހައިން އޭނާއަށް މާފުކުރުމުން އަންޖޫދާވެސް މާފުކުރިއެވެ. ނަަަމަވެސް ހެޔޮހިތަކުން ނޫނެވެ.
ދުވަސްތައް އެގޮތުގައި ފާއިތުވަމުން ގޮސް ތިން މަސްވީއިރު ޒުލޭހާ ވެފައިވަނީ އެއާއިލާގެ އެއްބައި ކަމުގައެވެ. އޭނާގެ އެ ހުންނަ މަޖާ މިޒާޖުގެ ސަބަބުން ރިޝްކާވެސް ޒުލޭހާއާ ނުލާހިކު ރައްޓެއްސެވެ. އެންމެންވެސް ހިނިތުންވުމާއެކު ޒުލޭހާއާ ވާހަކަދައްކައި އުޅެން ފެށިއެވެ. އެންމެންގެ ހިތް ޒުލޭހާގެ މައްޗަށް ސާފުވީއިރުވެސް އަންޖޫދާ މުޅިއަކުން އޭނާއަށް އިތުބާރެއް ނުކުރެއެވެ. ޒުލޭހާ އަދިވެސް އެއާއިލާއަށް ދެރައެއް ދީފާނެކަމުގެ ބިރު އެ ހިތުގައި އަބަދުވެސް އޮވެއެވެ.
އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ރަސްފަންނު ބީޗަށް އެއެންމެން އައީ ސާފު ވައި ހޯދާލައި އާއިލާތެރޭގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. ފާރުބުރި މަތީގައި ނަޝްފާ ފިޔަވައި އެންމެން އިންއިރު އެއެންމެންގެ މެދުގައިވެސް ތަފާތު ވާހަކަތައް ދެކެވެމުން ދިޔައެވެ. ރިޝްކާ ބުނެލާ މޮޅެތި ވާހަކަތަކުގެ ސަބަބުން ބައެއްފަހަރު އެންމެން އެއްފަހަރާ ހީގަނެއެވެ.
ތަންކޮޅެއް ދުރުގައި ނަޝްފާ ހުރީ އީބޭއިން އޭނާ އޯޑަރުކޮށްގެން ގެނައި ސެލްފީ ނަގާ ދަނޑި ސެޓުކުރާށެވެ. އެކަން ވުމުން އޭނާއަށް “ޔެސް” އޭ ބުނެލެވުނުއިރު އެމޫނުމަތީގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ. ދުވެފައި ކަހަލަ ގޮތަކަށް އޭނާ ރާހުލްމެން ތިބި ދިމާއަށް އައެވެ.
“އެންމެން ސެލްފީއެއް ޕްލީސް..” ދަނޑި އަތަށް ހެޔޮވަރުކޮށްލަމުން ނަޝްފާ ބުނެލިއެވެ. އެންމެން ފޮޓޯއަށް ހިނިތުންވުމެއް ދިން ގަޑީގައި ނަޝްފާ ‘ކްލިކް’ ކޮށްލިއެވެ.
“ވަރަށް ރީތި މި ފޮޓޯ… އެފްބީ ކަވަރ އަށް ލާންވީކަންނޭނގެ..” ނަޝްފާ ފޯނާ ކުޅެމުން ބުނެލިއެވެ. ފޭސްބުކް ހުޅުވާލުމަށްފަހު އޭނާގެ ޕްރޮފައިލްގެ ކަވަރ އަށް އެ ފޮޓޯލީ “ވަން ބިގް ހެޕީ ފެމެލީ” ޖަހާލުމަށްފަހުގައެވެ. އެއަށްފަހު ޑޭޓާ އޮފްކޮށްލަމުން ފޯނު އަތްދަބަހަށް ލައި އެހެންމީހުންނާ އެކީ އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމާއިގެން ކުރިއަށް ދިޔައެވެ.
އެރޭ ނިދަން އޮންނަމުން ނަޝްފާ ޑޭޓާ އޮން ކޮށްލީ ސްކޫލު މުވައްޒަފުންގެ ވައިބަރ ގުރޫޕަށް މެސެޖެއް އައިސްފައިވޭތޯ ބަލާލުމަށެވެ. ނަމަވެސް އެންމެ ފުރަތަމަވެސް ފޭސްބުކްއިން މެސެޖެއް އައިސްފައިވާ ކަމުގެ ނޮޓިފިކޭޝަން އައުމުން އޭނާ ނިތްކުރިއަށް ރޫއަރުވާލިއެވެ. އޭނާ އަކީ މާގިނަ މީހުންނާ ފޭސްބުކްއިން ވާހަކަދައްކާ އުޅޭ މީހެއް ނޫނެވެ. “ހާޒީ ޒީހާ” ނަމުގައި ޖަހާފައިވާ އެމީހާ ކުރި މެސެޖު އޭނާ ހުޅުވާލިއެވެ. އެއާއެކު އޭނާގެ ނިތްކުރިއަށް ރޫތައް އިތުރުވެގެން ދިޔައެވެ.
** ** **
3 ދުވަސް ފަސް..
ޒުލޭހާ އާއި ޞާބިރާ ބަދިގޭގައި އަވަދިނެތި އުޅެމުން ދިޔައިރު އެތާ ހުރި ގޮނޑިއެއްގައި ރިޝްކާ އިނެވެ. އެމީހުން ކުރާ ކަންތައްތައް ފަރުވާތެރިކަމާއެކު ބަލަމުން ދިޔައިރު އެކި ފަހަރު އެމޫނަށް އަރަނީ އެކި ކުލަވަރެވެ.
“މާމައާ ދައްތަ ކީއްވެ އެހާ އަވަސް އަވަހަށް ތި އުޅެނީ؟” ރިޝްކާ ބޯ އަރިކޮށްލަމުން އަހާލިއެވެ.
“މިއުޅެނީ މާހިންބޭބެމެން ލަންކާއަށް ބަދަލުވާތީ ސައެއް ދޭން ވެގެންނެއްނު؟” ޞާބިރާ ލޯތްބާއެކު ރިޝްކާއަށް ބަލާލަމުން ބުނެލިއެވެ. މާހިންމެންގެ އާއިލާ އެއްކޮށް އަންނަ ހަފްތާތެރޭގައި ލަންކާއަށް ބަދަލުވާން ނިންމީ މާހިންގެ ބައްޕަގެ ވިޔަވާރި އެކޮޅުގައި ފުޅާވުމާ ގުޅިގެންނެވެ. މާހިންެވެސް ބޭނުންވީ ސްކޫލު ވަޒީފާއިން ކެނޑިގެން ބައްޕަގެ ވިޔަފާރި ކަންތަކުގައި އުޅުމަށެވެ.
“އެއީ ރިޝްކޮގެ މާހިން ބޭބެ… އަދި ރިޝްކޮގެ ޕްރިންސިޕަލް…” ރިޝްކާ މަޖާގޮތަކަށް އެހެން ބުނެލި ގަޑީގައި ޞާބިރާއާއި ޒުލޭހާ ވެސް ހިނިއައެވެ. ރިޝްކާގެ މައުސޫމްކަމުގެ ސަބަބުން ޒުލޭހާގެ ހިތުގައިވެސް ރިޝްކާއަށް އުފެދިފައިވަނީ ވަރުގަދަ ލޯތްބެކެވެ.
“އައްދޭ… މިޔަދު ހުރިހާ މުސްކުޅިން ބަދިގޭގަ އުޅޭ ދުވަހެއްދޯ؟” ބަދިގެއަށް ވަތް ރާހުލް ޒުލޭހާއާ ޞާބިރާ ފެނި ލާނެތް ގޮތަަކަށް ބުނެލިއެވެ. އޭނާ މިސްރާބުޖެހީ އައިސްއަލަމާރިއާ ދިމާއަށެވެ. އައިސް އަލަމާރިން ފެންފުޅިއެއް ނެގުމަށްފަހު އޭނާ ތައްޓަކަށް ފެން އޮއްސަން ފެށިއެވެ.
“ދައްތަމެން މިހެން ހުއްޓަސް އަދި މުސްކުޅިއެއް ނުވޭ އިނގޭ…” އުނަގަނޑުގައި ދެއަތް ވިއްދާލަމުން ޒުލޭހާ ބުނެލިއެވެ. ޞާބިރާވެސް އެއީ ތެދެކޭ ކިޔައި ޒުލޭހާގެ ބަހަށް އެއްބަސްވިއެވެ.
“އެކަމަކު މާމަ ކިޔަނީ މުސްކުޅިންނަށެއްނު؟ ޒުލޭ ދައްތަ މުސްކުޅިނޫނަސް މާމަ ހަމަ މުސްކުޅި…” ރިޝްކާ އެހެން ބުނެލުމާއެކު ފެންބޯން ހުރި ރާހުލް ކޮށި އަރައިގަތެވެ. ހަމައަކަށް އެޅުމުން އޭނާ ބަދިގެއިން ނިކުތީ ހެމުންހެމުންނެވެ. އެގޮތަށް އުފަލުގައި އަބަދުވެސް އެގޭ އެންމެން އުޅޭ މަންޒަރު ދެެކެން އޭނާ ބޭނުންވެއެވެ. ހިތާހިތުން އެ އުފާވެރިކަން އަބަދަށް ދެމެހެއްޓެވުމަށްއެދި އޭނާ ހިތާހިތުން ދުޢާކޮށްލިއެވެ.
ކޮޓަރިއަށް ދާން މިސްރާބުޖެހި ރާހުލް ހުއްޓުންއެރީ ގޭގެ ރަނގަބީލު ޖަހާލި އަޑަށެވެ. އޭނާ ދޮރު ހުޅުވުމަށްޓަކައި އެދިމާއަށް ދިޔައެވެ. ދޮރު ހުޅުވާލި ގަޑީގައި ކުރިމަތިން ފެނުނު ޒުވާނާ ފެނި އޭނާއަށް ދެލޯ ހަނިކޮށްލެވުނެވެ.
“ކާކު ހޯދަން؟” ރާހުލް އެ ފިރިހެންކުއްޖާއަށް ބަލާލަމުން އަހާލިއެވެ. ބައިމަތި ފުޅާ ހަށިގަނޑެއްގެ ވެރި އޭނާއަށް ލިބިފައިވަނީ ހުދު ދޮންކަމެކެވެ. ބޮލުގެ އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލްކޮށްލާފައި ހުރިއިރު އެ ދެލޮލުގައި ޖޯޝާއި ފޯރި އެކުލެވިގެންވާ ކަހަލަ ވިދުމެއް ވިއެވެ. ލައިގެން ހުރި ކަޅު ރަތް ކުލައަކަށް ދާ އަތްދިގު ޓީޝާޓުގައި އޭނާ ފެންނަލެއް ވަރަށް ހިތްގައިމެވެ. ކޮނޑުގައި ކަޅުކުލައިގެ ބޮޑު ދަބަހެއް އަޅުވާފައި އޮތެވެ.
“ކޮބާތޯ އަޅުގަނޑުގެ މަންމަ؟” އެ ކުއްޖާ އެހެން އަހާލުމުން ރާހުލްއަށް ބޯ އަރިކޮށްލެވުނެވެ.
“ރަނގަޅު ގެއަކަށް ނޫންކަންނޭނގެ އާދެވިގެން ތިއުޅެނީ.. މިގޭގަ ތިކުއްޖާގެ މަންމައެއް ނޫޅޭ..” ރާހުލް އެހެން ބުނެފައި ދޮރު ލައްޕަން އުޅުނު ގަޑީގައި އޭނާ ދޮރުގައި ހިފަހައްޓާލިއެވެ. ރާހުލް އެ ކުއްޖާގެ މޫނަށް ފުންކޮށް ބަލާލިއެވެ. ކުރީގައިވި ޖޯޝާއި ފޯރި މިހާރު އެ މޫނުމަތީގައެއް ނެތެވެ. މިހާރު އެ މޫނުމަތީގައިވަނީ މާޔޫސްކަމެވެ.
“މ.ޑްރީމްވެލީ… 3 ވަނަ ފްލޯ… އެޕާޓްމެންޓް ނަންބަރ 2.. މިއީ މި އެޑްރެހެއް ނޫންތަ؟” އަތުގައި އޮތް ކުޑަ ގަނޑުކޮޅަކަށް ބަލާލަމުން އެކުއްޖާ އަހާލިއެވެ.
“އާ.. މީ ތި އެޑްރެސް… އެކަމަކު ތި ކުއްޖާގެ މަންމައެއް މިތަނަކު ނޫޅޭ…” ރާހުލް ދެއަތް އުރާލަމުން ބުނެލިއެވެ. އެވަގުތު އެކުއްޖާ ކުޑަކޮށް ބޯ އަރިކޮށްލާފައި ގޭތެރެއަށް ބަލާލިއެވެ. އެވަގުތު އަނެއްކާވެސް އެމޫނު އުޖާލާވެގެން ދިޔައެވެ.
“ހޭއި!” އެކުއްޖާ އަތް ހޫރާލުމަށްފަހު ގޮވާލުމުން ރާހުލްއަށް ފަހަތް ބަލާލެވުނެވެ. ހިނިތުންވުމެއްގައި ހުރެ އެދިމާއަށް އައި ނަޝްފާ ފެނި ރާހުލްގެ ސިކުނޑި ސުވާލުމާކުތަކުން ފުރުނެވެ.
“ޒާމިން..! އާދެވުނީ ދޯ؟ އަވަހަށް އާދޭ އެތެރެއަށް…” ނަޝްފާ ދޮރުމަތީގައި ހުރި ރާހުލްގެ އަތުގައި ހިފައި އެއްފަރާތްކޮށްލަމުން ޒާމިން ވަންނަން ތަން ދެއްކިއެވެ. އޭރުވެސް ރާހުލް އެއްފަހަރު ޒާމިންއަށް އަނެއްފަހަރު ނަޝްފާއަށް ހައިރާންކަމާއެކު ބަލަމުން ގެންދިޔައެވެ. ޒާމިން އެ ބުނާ މަންމައަކީ އަނެއްކާ ނަޝްފާ ހެއްޔެވެ؟
(ނުނިމޭ)
8 Comments!
Comments are closed.
Me first.. Yeyyyy
Hahaha. Nashfa???? Manma?????
Hii all… Liaa heekuree mi bain nimmeyne kamah… bUt i guess next part in nimmeynii…
Loves <3
V reethi
Tuin… Anekka zuleykha ge dhari eh tha ei??
Zulheyha dharieh tha e ee
Dhen koniraku next part up kuranee
Mmmmmm. Anjoodhaa ah ithuru undhaguleh dho. Zaminge nazaru anjoodhaa ah huttuneemaa haadha fori gadhavaaney. Waiting for next part.