ފިރިމީހާގެ ހައްޤުގައި (2) ނިއު އަޕްޑޭޓް
މެހެކް ހިތްބިރުގަންނަން ފެށިއެވެ. އޭނާ ބާރުބާރަށް އަތްދަބަހުގައި ހިފަހައްޓާލައިގެން ހަމައެހާމެ ހިނގުންވެސް ބާރުކޮއްލިއެވެ. “މަޑުކޮށްލެވިދާނެތަ؟”. ފަހަތުން ކައިރިކުރަމުންދިޔައީ ފިރިހެނެއްކަން އެނގުނެވެ. މެހެކް ހާސްވާންފެށިއެވެ. ނަމަވެސް ހިނގުމަށް ބަދަލެއްނުގެނެއެވެ. “މެހެކް”. އަނެއްކާވެސް އެއަޑުން ގޮވާލިއެވެ. ވަރަށް މަޑުމަޑުންނެވެ. ހަދާނެގޮތަކާމެދު މެހެކް ވިސްނާލިއެވެ. އޭނާ ހުއްޓުނެވެ. ފަސްއެނބުރި ބަލާލާހިތްވީ އެމީހަކު އޭނާގެ ނަމުން ގޮވާލީމައެވެ. ނޫންނަމަ އެބާރުހިނގުމުގައި އޭނާ އެދިޔަގޮތަށް ދިޔައީހީއެވެ. މެހެކް ހުއްޓި ފަހަތަށް އެނބުރި ބަލާލިއިރު ސައިކަލް ހުއްޓާލައިގެން، ހަރަމް ބަނދެލައިގެން ރީތިޒުވާނަކު އިނެވެ. މެހެކް ބަލާލުމާއެކު އޭނާ ވަރަށް ރީއްޗަށް ހީލިއެވެ. ނުވެސް ދަންނަމީހެކެވެ. ނޫނެކެވެ. ކޮންމެސްތާކުން މެހެކް އޭނާދުށް ހަނދާނެއްވިއެވެ. “މިހާ އަވަހަށް ނައްޓާ ކެވެލިކޮޅެއްތަ އަޅައިގެންތިއުޅެނީ”. ވަރަށް ދަންނަ މީހަކާ ކުރާކަހަލަ ސުވާލެއް ކެވެލިކޮޅެއް ދިއްކޮށްލަމުން އޭނާ ކުރިއެވެ. ކެވެލިކޮޅު ފެނިފައި މެހެކް ހައިރާންވިއެވެ. ހުރިގޮތަށްހުރެ ކުޑަކޮށް ތިރިވެލާފައި ދެފަޔަށް ބަލާލިއެވެ. އާއެކެވެ. އެއީ އޭނާގެ ކެވެލިކޮޅެވެ. އެ ނެތްކަން ވެސް އޭނާއަށް އެ އިނގުނީ ދެންމެއެވެ. ވެއްޓުނުއިރެއްވެސް އަދި ތަނެއްވެސް އޭނާ އަކަށް ނޭނގެއެވެ. “ކިހިނެއް މި ލިބުނީ، ވަރަށް ބޮޑަށް ތޭންކްސް”. މެހެކް ޝުކުރުވެރިވަމުން ސުވާލެއް ކޮށްލިއެވެ. “އަހަރެން ފެނުނު ތަނެއް ހަނދާން ވެއްޖެތަ؟”. ބީރައްޓެހި ގޮތަކަށް މެހެކް ބަލަން ހުރުމުން އެ ޒުވާނާވެސް ކޮށްލީ ސުވާލެކެވެ. “ހީވޭ ދެކުނު ހަނދާނެއްވާހެން، ކާކުތީ؟”. މެހެކް ހަނދާންކުރަން ބޭނުންވިއެވެ. “ހަނދާން ނެތިއްޔާ އަޅާނުލާ، ކޮންމެ ކަމަކަށްވެސް ވަގުތެއް އޮންނާނެ، ވަގުތު ޖެހުނީމަ ހަނދާންވާނެ، ދެން ދަނީ”. މެހެކް އަޖާއިބުވިއެވެ. މެހެކްއަށް އޭނާ ނޭނގޭއިރުވެސް ، އޭނާއަށް މެހެކް އެބައިނގެއެވެ. އިތުރުބަހެއް ބުނާނެ ފުރުސަތެއް އޭނާ ނުދިނެވެ. ހިތުގައި ހަރުލާފަދަ ޖުމްލަތަކެއް ބޭރުކޮށްލުމަށްފަހު ސައިކަލް ދުއްވާލިއެވެ. ދަރިފުޅު އައިސް ގެއަށް ވަނުމާއެކު ސިޓިންގްރޫމްގައި ހުރި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޒާހިދާއަށް ހަމަޖެހުން ލިބުނެވެ. “މަންމަ ހާސްވެގެން މަރުވަނީދޯ، އަހަރެން މިހުރީއޭ”. މަންމަ ހުރިގޮތް ފެނިފައި މެހެކް ހިނިތުންވަމުން ސަމާސާކޮށްލިއެވެ.”ދަރިފުޅާ އަވަހަށް ކާން އުޅޭ”. “މަންމާ އަހަރެން މިރެއަކު ނުކާނަން އޮފީހުގައި ބަނޑުހައިވެގެން ދީޕްތީ އާއެކު ޕިއްޒާ ކައިގެން މިއައީ، ވަރަށް ވަރުބަލި، ފެން ވަރާލައިގެން ނިދާލަން ބޭނުންވަނީ”. ފެންވަރާލައިގެން އޭނާ ނިދަން އޮތެވެ. ހަށިގަނޑުގެ އެތެރެއިން ހިތުގައިވަނީ މަޑުރިހުމެއް އުފެދިފައެވެ. ހިތްނުތަނަވަސް ވާންފެށިއެވެ. މެހެކް ހިޔާލަށް އަންނަނީ އެރީތި ސޫރައެވެ. އޭނާ ބުނެލި މާނަ ފުން ޖުމްލަތަކެވެ. އޭނާގެ ނަމާއި ކެވެލިކޮޅު ހޯދި ތަނަކާއިމެދު އޭނާ ވިސްނިއެވެ. ނަމަވެސް އެއީ އެޒުވާނާ ފަރާތުން ނޫނީ ޖަވާބް ނުލިބޭނެ ސުވާލް ތަކެކެވެ. މެހެކް ހަނދާނަކަށް އެކައްޗެއްވެސް ނައެވެ. ދަންވަރު އެކެއް ޖެހިއިރުވެސް މެހެކް އޮތީ ހޭލައެވެ. ނިދިނައުމަށް މެދުވެރިވި ސަބަބާމެދު ހައިރާންވެފައެވެ. އެހެން އޮއްވާ އޭނައަށް ނިދުނުއިރެއް ނޭނގެއެވެ. ސިއްސައިގެންގޮސް ހޭލެވުނީ ފޯން ރިންގްވާ އަޑަށެވެ. ގުޅަނީ ބޮޑުބޭބެއެވެ. ހެނދުނު އަށްގަޑި ބައިވަނީއެވެ. އޮފީހަށް ދަނީ އަށެއްޖަހާއިރު ކަމުން ބޮޑުބޭބެ އެގުޅަނީ އޮފީހަށް ނައިސްގެންކަން އެނގުނެވެ. އަވަސް އަވަހަށް މެހެކް ފޯނު ނެގިއެވެ. “ދަރިފުޅު އޮފީހަށް ނާންނާތީ ކަމެއް ގޯސްވީކަމަށް މިގުޅަނީ، މަންމަ އަށްވެސް ގުޅައިފިން މަންމަވެސް ފޯނެއްނުނަގާ”. “ނޫނޭ ބޮޑުބޭބޭ ދެންމެ ހަމަ މިހޭލެވުނީ، މަންމަވެސް އޮތީ ނިދިފަ”. މަންމަ އަށް ބަލާލަމުން މެހެކް ބުނެލިއެެވެ. “ތައްޔާރު ވެލާފައި ގުޅާއިނގޭ، ބަލާ ދާނަން”. ފޯން ބޭއްވުމަށްފަހު މެހެކް އަނެއްކާވެސް މަންމައާ ދިމާއަށް ބަލާލިއެވެ. ތައްޔާރުވެލައިގެން ނުކުންނަމުން އޭނާ މަންމަ އަށް ގޮވާލިއެވެ. “މަންމާ ބަލީތަ؟، ނުތެދުވަނީ ކީއްވެ؟”. “އައްދެ ދަރިފުޅާ ނުވައެއް ޖަހަނީ ދޯ، ނޭނގެ ރޭގައި ނިދިއިރު ކުޑަކޮށް ބޮލުގައި ރިހުމެއް ހުރި، މިހާރުވެސް އެބަ ރިއްސާ”. ބޮލުގައި ކުޑަކޮށް އަތް ޖައްސާލަމުން ޒާހިދާ ބުނެލިއެވެ. މެހެކް ވަަރަށް ދެރަވިއެވެ. “އެހެންވިއްޔާ އަހަރެން މިއަދު އޮފީހަކަށް ނުދާނަން”. ފެންކަޅިވެފައި މެހެކް ބުންޏެވެ. “ނޫން ނޫން ދަރިފުޅު ދޭ، މަންމަ އިރުކޮޅަކު އޮށޯއޮވެލާފަ ތެދުވާނަން”. “މަންމާ އެކަމް ހަނދާންކޮށް ބޭސް ކާތި”. އެހެން ބުނެ މަންމަ ގައިގައި ފިރުމަ ފިރުމާފައި އެންމެ ފަހުން އޭނާ ގެއިން ނުކުތެވެ. ސިޑިން ފައިބަމުން މެެހެކް ބޮޑުބޭބެ އަށް ގުޅާލިއެވެ. ގޭދޮށުގައި އޭނާ ހުއްޓި ހުރީ ބޮޑުބޭބޭގެ އިންތިޒާރުގައެވެ. އެހެން ހުއްޓާ ތަންކޮޅެއް ދުރުން ސައިކަލެއްގައި އަންނާތީ ފެނުނު ޒުވާނާ އަށް މެހެކްގެ ނަޒަރު ހުއްޓުނެވެ. އެންމެ އަޅައިގަންނަ ކަަމަކަށްވީ ވިހުރި ވިހުރި ހުރި އޭނާގެ ބޮލުގެ ފަން އިސްތަށިގަނޑެވެ. މެހެކް އާއި ކައިރިވަމުން ދިޔަވަރަކަށް އެއީ ރޭގައި ފެނުނު ޒުވާނާކަން ދެނެގަނެވުނެވެ. ލަދުން އިސްޖަހާލީ މެހެކް އެހެންވެގެންނެވެ. އައިގޮތަށް އައިސް އޭނާ ސައިކަލް ހުއްޓާލިއެވެ. އޭނާ ޖަހާފައިވާ ސެންޓުގެ މީރުވަސް ދުވަން ފެށިއެވެ. އޭނާ ކޮންމެވެސް އެއްޗެއް ބުނަން އުޅޭހެން ހީވިއެވެ. ހަމައެވަގުތު ބޮޑުބޭބޭ އެތަނަށް އައެވެ. ސައިކަލަށް މެހެކް އެރުމާއެކު އޭނާ ވަރަށް ފުންކޮށް މެހެކްެގެ މޫނަށް ބަލަންއިނެވެ. އަދިވަރަށް ލޯބިން ހިނިތުންވެލިއެވެ. އޭގެފަހުން މެހެކް އެޒުވާނާ ދެކޭހިތް ވެއެވެ. އޭނާގެ ރީތި ސިފައާއި ހަރަކާތް ތަކުގެ ޖާދޫގައި ޖެހެނީއެވެ. އޭނާ އާއި ވާހަކަ ދައްކާހިތްވެއެވެ. ނަމަވެސް އެފަދަކަމަކަށް ވިސްނުމުގެ ކުރިން އޭނާ ވިސްނަން ޖެހޭ އެހެން ކަމެއް އެބައޮތެވެ. އެއީ އޭނާގެ އުއްމީދުތަކެވެ. މަންމަ އޭނާ އާއި ދޭތެރޭ ދެކެމުން އަންނަ ހުވަފެންތަކެވެ. އޭނާއިހަށްވިސްނަންޖެހޭނީއެކަމާއެވެ. އެދުވަހުގެ ހަވީރެވެ. އޮފީހުގެ މަސައްކަތްތައް ތަންކޮޅެއް އަވަހަށް ނިމުނެވެ. އިސްދަށަށް ޖަހައިގެން ޙިޔާލް ތަކަށް ގެއްލިފައި ހުއްޓައި މެހެކް އަށް ގެއާ ހަމައަށް އާދެވުނެވެ. ކުއްލިއަކަށް މީހަކު އޭނާގެ ކުރިމައްޗައް އެރިއެވެ. ލިބުނީ ކުއްލި ސިހުމެކެވެ. އަނެއްކާވެސް އެއްކަލަ ޒުވާނާއެވެ. ހިތުގެ ވިންދު އަވަސް ވިއެވެ. ނުވެސް ދަންނަމީހަކަށްޓަކައި އޭނާގެ ހިތުގައި ވިންދު ޖަހަނީއެވެ. “ވަރަށް އުނދަގު ކުރެވޭ ދޯއެބަ، އަހަރެން ވާހަކައެއް ބުނަންތަ؟”. ކަޅިޖަހާ ނުލާ ބަލަންހުރެ އޭނާ ވަރަށް ކެރިގެން އަހާލިއެވެ. “ހޫމް”. މެެހެކްގެ ހުއްދަ ލިބުމުން އޭނާ ދެޖީބަށް އަތްޖަހާ ލައިގެން ހުރެ ވާހަކަ ދައްކަން ފެށިއެވެ. “އަހަރެންގެ ނަމަކީ އާހިލް، އަހަރެން ވަރަށް ދުވަސް ވެއްޖެމިހެން އުޅޭތާ، މެހެކް ގްރޭޑު ދިހައެއްގައި އުޅުނު އަހަރު އަހަންނަށް ފުރަތަމަ ފެނުނީ، އެެއިރުއްސުރެ އަހަރެން މެހެކް އުޅޭ ނޫޅޭ ގޮތް އަހަރެން ބަލަން، އޭގެފަހުން މިހާރު ދެއަހަރަށްވުރެ ގިނަވީ”. އޭނާ ފުންނޭވާއެއް ބޭރުކޮށްލިއެވެ. “ދެން އަހަރެންގެ ނަމާއި ކެވެލިކޮޅު ލިބުނީ ކިހިނެއް؟”. މެހެކް އެންމެ ކުރާހިތުން އުޅުނު ސުވާލު ކޮށްލިއެވެ. “ނަން އިނގުނުގޮތް ފަހުން ކިޔައިދޭނަން، އެކަމަކު މެހެކް އަދިވެސް ހަނދާނަކަށް ނާދޭދޯ، އެއީ މެހެކް ވާރެޔާ ތެމުނު ދުވަހެެއް، އަހަންނަށް އިނގޭ މެހެކް ވަރަށް ވާރެޔާ ތެމޭހިތްވާކަން، ވަރަށް ގިނައިން ތިގޭކައިރީ ހުންނަން، އެގޮތަށް ހުންނަ ދުވަހަކު ވާރޭ ވެހިއްޖެނަމަ މެހެކް ތެމޭތަން އަހަރެން ދެކެން، އެއީވެސް އެކަހަލަ ދުވަހެއް، ބޯކޮށް ވެހެމުން ދިޔަ ވާރޭގައި އަހަރެންވެސް ތެމުނީ، މެހެކް ފެނޭތޯ ތިގޭ ކައިރިއަށް ދިޔައީ، ދެން އާޓިފިޝިއަލް ބީޗް ކައިރީ ހުއްޓާ ފެނުނީ، ފުރަގަސްދީގެން ހުރިލެއް ރީތިކަމުން ނުހުރެވިގެން ކައިރިވެލީ، ވިސްނައިގެނެއް ނޫން ހުރީކީ މެހެކް އެނބުރިލަފާނެކަމަކަށް، އެހެންވެ އެނބުރިލިގަޑީ ދެމީހުން ޖެހުނީ، މެހެކް ދިއުމުން އަހަރެން އިސްޖަހާލި ގަޑީގައި ކެވެލިކޮޅު ފެނުނީ ވެއްޓިފައި އޮއްވާ، މިހާރު ހަނދާން ވެއްޖެ ދޯ”. މެހެކް ހަނދާނަށް އައެވެ. އެއީ ތެދެކެވެ. އޭނާ އެހާ ހަނދާން ބަލިވީ ކޮންއިރަކު ހެއްޔެވެ. އެދުވަހުވެސް ދިމާވީ ހަމަ އާހިލް އާއެވެ. އެދުވަހު އޭނާ ފެނުނީ މުޅިން ތަފާތު ކޮށެވެ. ތެމިފައި ހުރި އިސްތަށިގަނޑުން އޭނާގެ މޫނަު ފޮރުވިފައި ހުރުމުން ކަމަށްވެސް ވެދާނެއެވެ. މެހެކް ހިނިތުން ވެލިއެވެ. “އަހަރެން ދެން ދަނީ”. އެހެން ބުނެ މެހެކް ސިޑިން މައްޗަށް އަރަން ހިނގައިގަތެވެ. “އަދި މަޑުކޮއްބަލަ، ޕްލީޒް، އަހަރެން ވާހަކައެއް ބުނެލަން ބޭނުން”. އާދޭހާއެކު އާހިލް އެދުނެވެ. މެހެކް ފަސްއެނބުރި ބަލާލިއެވެ. “އަ…އަހަރެން ވަރަށް ލޯބިވޭ އިނގޭ”. އަޅައިގަންނަމުން އާހިލް ބުންޏެވެ. މެހެކް އަށް އެކަން އިހުސާސް ކުރެވެއެވެ. ދާ ކޮންމެ މަގެއްގައި ހުންނަނީ ސަބަބެއް ނެތި ނޫންކަން ވިސްނެއެވެ. މެހެކްގެ ސަމާލުކަން ހޯދަން އޭނާ ލައްކަ މަސައްކަތް ކޮށްފިއެވެ. “ދެން ދަނީ”. މެހެކް ސިޑިން މައްޗަށް އަރަން ފެށިއެވެ. “ހަމަ އެއްވެސް އެއްޗެއް ނުބުނެ ދަނީތަ؟”. ކެތްމަދު ވެފައިވާ ރާގެއްގައި އާހިލް އަހާލިއެވެ. މެހެކް އެކަމަކަށް އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނޫނެވެ. ސިޑިން މައްޗަށް އަރާ ދޮރުގައި ހިފާލަމުން އޭނާ އެނބުރި ތިރިއަށް ބަލާލިއެވެ. އާހިލް ހުރީ ދެރަވެފައެވެ. ކުޑަކޮށް ފެންކަޅިވެފައިހުރި ނަމަވެސް އޭނާ ހިނިތުން ވެލިއެވެ. އަދި މަޑުމަޑުން އައިލަވް ޔޫ އޭ ބުނެލިއެވެ. މެހެކް އަވަސްް އަވަހަށް ގެއަށް ވަނެވެ. އޭނާ ވަރަށް ދެރަވިއެވެ. ނަމަވެސް އާހިލް އަށް ޖަވާބެއް ދޭނީ ކޮން ގޮތަކުން ހެއްޔެވެ؟. އެޙިޔާލުތަކުގައި ހުރެ ކޮޓަރިއަށް ދިޔައިރު މަންމަ އޮތީ އެނދުގައި އޮށޯވެގެނެންނެވެ. އެއީ އެއްގޮތަކަށްވެސް މެހެކް އަށް ފެންނަ މަންޒަރެއް ނޫނެެވެ. އޮފީހުން އޭނަ އަންނައިރު މަންމަ ހުންނާނީ އަބަދުވެސް ކޮންމެވެސް މަސައްކަތެއް ކުރާށެވެ. މަންމަ ގައިގައި މެހެކް ފިރުމާލިއެވެ. ލިބުނީ ކުއްލި ސިހުމެކެވެ. މަންމަ ވަރަށް ހުންގަދައެވެ. “ދަރިފުޅު އައީދޯ، މަންމަ އަށް ހައެއްކަ ފަހަރު ހޮޑުވެސް ލެވިއްޖެ، ވަރަށް ވަރުދެރަ، ގުޅާވެސް ނުލެވިފަ މިއޮތީ”. މެހެކް އަށް ރޮވެން ފެށުނެވެ. މަންމައަށް ކަމެއް ވެއްޖެނަމަ އޭނާ މަރުވެސް ވެދާނެއެވެ. “މަންމާ ހިނގާ އަވަހަށް ހޮސްޕިޓަލަށް ދާން”. މަހެކް އަވަސް އަވަހަށް ބޮޑުބޭބޭ އަށް ގުޅިއެވެ. އެފަދަ ކޮންމެ ވަގުތެއްގައި ބޮޑުބޭބޭ ފަރާތުން ލިބޭ އެހީތެރިކަމާ އޯގާތެރިކަން އޭނާ ހަނދާނެއް ނައްތައެއް ނުލާނެއެވެ. “ބޮޑުބޭބޭ، މަންމަ ވަރަށް ބޮޑަށް ހުންއައިއްސި، ނުވެސް ތެދުވެވޭހާ ވަރުދެރަ، އަހަންނަށް ހީވަނީ ހޮސްޕިޓަލަށް ހެން ގެންދަން ޖެހޭނީ”. ހިތްވަރު ކުރިނަމަވެސް މެހެކް އަށް ރޮވެނީއެވެ. “ދަރިފުޅު ހުރޭ ހަމަޖެހިގެން މިދަނީ އިނގޭ”. ހިތްވަރުދެމުން ބޮޑުބޭބޭ ބުނެލިއެވެ. އައިޖީއެމްޗްގެ އެމަރޖެންސީ ރޫމްގެ ބޭރުގައި ހުރި ގޮނޑިއެއްގައި މަޑުކޮށްލައިގެން މެހެކް އިނެވެ. އޭނާ އިނީ މަންމަ އަވަހަށް ރަނގަޅު ވުމަށް އެދި މާތްރަސްކަލާނގެ ޙަސްރަތަށް ދުއާ ކޮށްލަ ކޮށްލައެވެ. ރޮވޭވަރުން އެތެރެއަށް ނުވަދެވޭ ވަރު ވުމުން އެތެރެއަށް ވަނީވެސް ބޮޑުބޭބޭއެވެ. ވެފައިވާ ވަރުބަލީގައި މެހެކް ގޮނޑީގައި ލެނގިލިއެވެ. އަދި ފާރުގައި މަޑުމަޑުން ބޯ ޖައްސާލާފައި ލޯ މަރާލިއެވެ. އިރުކޮޅަކުން ކޮންމެވެސް މީހަކު އައިސް އޭނާއާ ޖެހިގެން ހުރި ގޮނޑީގައި އިށީއިނދެލިއެވެ. ހީވާ ގޮތުގައި އެއީ ބޮޑުބޭބޭއެވެ. މެހެކް މަޑުމަޑުން ދެލޯ ހުޅުވާލިއެވެ.
=ނުނިމޭ=
254 Comments
Comments are closed.
Mee kurin ves up kuri baeh nu.
Ethedheh
Lahba.. Baeh kudhin 4nun kiyaathy ehbai fehnakamah bunaathy alun mi bai up kohly. Reyga 3 vana baives up kohlin. Ekam esfiyain adhi publish eh nukureyy..
Wow v salhi❤❤❤?