ފިރިމީހާގެ ހައްޤުގައި (1)
ހަވީރުގެ ހިތްގައިމު ވަގުތެވެ. ބޯކޮށް ވާރޭ ވެހޭތާ ކުޑައިރުކޮޅެއް ވެއްޖެއެވެ.
ކާރޫބާރޫ ބޮޑު ހިސާބާއި ތަންކޮޅެއް ދުރުގައި ހުރި ގެއެއްގެ ކުޑަދޮރުން ބޭރު ބަލަން މަޑުކޮއްލައިގެން މެހެކް ހުރީ ހިޔާލް ތަކަކަށް ގެއްލިފައެވެ. އޭނާގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ފުސްވަމުން އައެވެ. ދެލޯ އަވަހަށް މަރާލުމާއެކު އެސްފިޔަ ތަކުގައި ކަރުނައިގެ ފިނިކަން ހިފާލިއެވެ. އަދި އޭނާގެ ޙިޔާލުގެ އޮއެވަރު ޙަޔާތުގެ ކުރީ ދުވަސް ތަކުގެ ޞަފްޙާތައް އުކަން ފެށިއެވެ.
އެއީ މީގެ އަހަރުތަކެއް ކުރިއެވެ. އާދަޔާ ޙިލާފަށް ބޯކޮށް ވާރޭ ވެހެމުން ދިޔަ
ދުވަހެކެވެ. މަގުމަތި ވަނީ ފެންބޮޑުވެފައެވެ. މާދުރަށްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ނަމަވެސް މާލޭގެ މަގުމަތި ކަމުން ދުއްވާ އެއްޗެހީގެ ބާރުބޮޑެވެ. އާޓިފިޝިއަލް ބީޗް ސަރަހައްދުގައި ހުރި ދެބުރިއަށް ނަގާފައިވާ އާދައިގެ އިމާރާތެއްގެ އަސްކެނި ދޮށުގައި މަޑުކޮއްލައިގެން މެހެކް ހުއްޓެވެ. އިރުއިރު ކޮޅާ ވާރޭތެރެއަށް އަތްދިއްކޮއްލައެވެ. އެހިނދު އެ ރީތި ދެލޯ މެރެނީ ބުރައިގެންދާ ވާރޭ ތިކިތަކުގެ އަސަރުންނެވެ. ދެން ދުވެފައި އޭނާ ވާރޭ ތެރެއަށް ނުކުމެ ތެމެން ފެށިއެވެ. މޫނު މައްޗަށް ނަގާލުމާއެކު މުތީތަކެއް ފަދަ ވާރޭތިކިތައް އައިސް އޭނާގެ މޫނުގައި ބީހެމުން ދެއެވެ. ދުވަމުން ދުވަމުން އާޓިފިޝިއަލް ބީޗަށް ދެވުނުއިރު އޭނާ ރަނގަޅަށްވެސް ތެމި، ރީތި ހަށިގަނޑުގެ ބައްޓަން ފާޅުވެއެވެ. ވާރެޔާ ތެމުމަކީ ކުޑައިރުއްސުރެ އޭނާގެ އާދައެކެވެ. ވާރޭ ވެހެންޏާ ނުހުރެވެނީއެވެ، ތެމިލާހިތުންނެވެ. އެކަނި ވާރޭތެމޭކަށް އޭނާ ފޫއްސެއް ނުވެއެވެ. ވާނީވެސް އެހެންތާއެވެ. އޭނާއާއިއެކު ކުޅި މަޖާކޮއްލާކަށް އެއްބަނޑު އެއްބަފާގައި އެކަކުވެސް ނެތެވެ. އެނަސީބެއް އޭނާގެ ނެތެވެ.
މެހެކް އަކީ ޒާހިދާ އާއި އާރިފްއަށް ލިބިފައިވާ ހަމައެކަނި ދަރިފުޅެވެ.
މެހެކް އަށް އެންމެފަސް އަހަރުގައި އާރިފް ވަނީ މި ދުނިޔެއާއި އަލްވަދާއު ކިޔާފައެވެ. ޒާހިދާ މެހެކް ބަލާ ބޮޑުކުރީ ވަރަށް ލޯބިންނެވެ. ރަނގަޅު ތަރުބިއްޔަތެއް ދީގެންނެވެ. އެދެމައިންނާއި އަޅާލާ، ކަންކަން ބަލަހައްޓަނީ އާރިފްގެ އެއްބަނޑު ބޭބެއެވެ. ޖެހެމުން ދިޔަ ތެއްފިނިވައިގައި އޭނާ ހީކަރުވަން ފެށިއެވެ. ދެންނުވާނޭ
ހިތަށްއަރާ ގެއަށް ދާން އެނބުރިލި ވަގުތު ކޮންމެވެސް މީހެއްގެ ގައިގައި ލައިގަތެވެ. ސަމާލުކަން ނުދީ ތިބެވުމުގެ ސަބަބުން ދެމީހުންވެސް ދިޔައީ ވިއްސައިގެނެވެ. “އޫޕްސް! ސޮރީ” ފިރިހެންވަންތަ އަޑަކުން ބުނެލިއެވެ. މެހެކް އަށް ބަލާލެވުނެވެ. ރުޅިވެރި ނަޒަރަކުންނެވެ. އެހިނދު ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. ރީތި މޫނަކާއި ހައިބަތު ހުރި ހަށިގަނޑެކެވެ. ބޯ އިސްތަށިގަނޑާއި ދިގު އިސްކޮޅެކެވެ. ލާފައިވާ ތުނި ޓީޝާޓް ތެމިފައި ހުރުމުން އޭނާގެ ރީތި ހަށިގަނޑު އެއްކޮންހެން ހުރީ ފެންނާށެވެ. ބޯ އިސްތަށިގަނޑުން މޫނުގެ ބައެއް ފޮރުވިފައިވީއިރު، ލޮލުން ފެންނަނީ ހާސްކަމާއި އޭނާގެ މައުސޫމް ކަމެވެ. “ތަދުވިތަ؟ ވަރަށް ބޮޑަށް ސޮރީ ނޭނގުމެއްގައި ޖެހުނީ”. އަނެއްކާވެސް ވާހަކަ ދެއްކީ އޭނާއެވެ. “އިޓްސް އޯކޭ” މެހެކްގެ ލަދުރަކި އަޑުން މަޑުމަޑުން ބުނެލިއެވެ. މެހެކް މަޑުނުކޮށް ގެއާދިމާއަށް ހިނގައިގަތެވެ. ސިޑިން މައްޗަށް އަރާ ފުރަތަމަ ފަންގިފިލާއިން ޖެހުނު ދޮރު ހުޅުވާލިއެވެ. އެއީ އޭނާގެ ގެއެވެ. ދެމައިން ދިރިއުޅެމުން އަންނަ ކުޑަ އެއް ކޮޓަރީގެ އެޕާޓްމެންޓެވެ. ފަރްނީޗަރު މަދު ނަމަވެސް ސާފްތާހިރުކަމާއި ގެވެހިކަން ގޭތެރެއިން ފެންނަން ހުއްޓެވެ.
ދިޔަގޮތައްގޮސް މެހެކް ފެންވަރާލައިގެން އެނދުގައި އޮށޯއޮވެލިއެވެ.
“ދަރިފުޅާ އާދޭ ސައިބޯން” ލޯތްބާ އެކު ޒާހިދާ ގޮވާލި އަޑު އިވުނެވެ. މެހެކް އަވަސް އަވަހަށް ކޮޓަރިން ބޭރަށް ނުކުތެވެ. ޒާހިދާ ހުރީ ވަރަށް މީރުކޮށް ސައިތައްޔާރު ކޮއްފައެވެ. މައްސުންޏާ ރޮއްޓެވެ. “މަންމާ، ހާދަމީރުކޮށޭ މިހުރީ”. “ދެން މަންމަގެ ދަރިފުޅު މަންމައާއި އެހާ ދުރަށް ދާން އުޅޭއިރު ޖެހޭނެ އެއްނު މީރުކޮށް ކާންދޭން”. މަންމަ ހިނިތުންވެފައި ވީ ނަމަވެސް ހިތަށް ކުރަމުންދާ އަސަރު މެހެކް އަށް ދެނެގަނެވުނެވެ. “މަންމާ، މަންމަގެ ހުރިހާ އުއްމީދެއް ފުރިހަމަ ކޮއްދޭނަން އިރާދަކުރެއްވިއްޔާ” ފުރަގަހުން މަންމަގެ ގައިގައި ބައްދާލަމުން މެހެކް ބުނެލިއެވެ. “ހިނގާ އަވަހަށް ސައިބޯން ދޯ” މަންމަ އަވަހަށް މައުލޫއު ބަދަލު ކޮއްލިއެވެ.
ޖެހިގެން އައި ދުވަހު އާދައިގެ މަތިން މެހެކް ވަރަށް ފަތިހާ ތެދުވެއްޖެއެވެ. އޭނާއަށް
ރޭގަ ރަނގަޅަށް ނުވެސް ނިދުނެވެ. ސަބަބަކީ، މިއަދަކީ އޭނާ އޮފީހަކަށް ދާ ފުރަތަމަ ދުވަސް ވީމައެވެ. ފަތިސް ނަމާދު ކޮއްލައިގެން ދެމައިން ގޭތެރޭގެ މަސައްކަތްތައް ކޮއްލިއެވެ. އޮފީހަށް ދާގަޑި ކައިރި ވުމުން މެހެކް ފެންވަރާ ތައްޔާރު ވެލައިގެން ނުކުތެވެ. “ހާދަ ލޯތްބޭ މަންމަގެ ދަރިފުޅު”. މެހެކް ލާފައިވާ ކަޅުކުލައިގެ ކަކުލާ ހަމައަށް އަރާ ކުރުތާއާއި ސްކިނީ ޖީންސްގައި ފެންނަލެއް ރީތިކަމުން މަންމަ ޡައުރީފް ކޮއްލިއެވެ. އޭނާއަށް އެ ތައުރީފް ހައްގެވެ. އޭނާއަކީ ހަމުގެ ކުލައަލި، ރީތި ހަށިގަނޑެއްގެ ވެރި ރީތި ކުއްޖެކެވެ. ” މަންމާ ދެން މިދަނީ އިނގޭ”. މެހެކް ހިނިތުން ވެލަމުން ބުނެލި ޖުމްލައަށް މަންމަ ހޫމް އަޅުވާލިއެވެ. ބޭރަށް ނުކުމެ މާލޭގެ ތޮއްޖެހިފައިވާ މަގުގެ ކޮންމެ ދިމާއަކަށް ބަލާލިއަސް އެތައް ފިރިހެނެއްގެ ނަޒަރު ހުރީ އޭނާއަށް ހުއްޓިފައެވެ. ކަންބޮޑުވެހުރެ ހިނގައިގަތީ އަވަހަށް އޮފީހާ ހަމައަށް ދެވޭތޯއެވެ. ފަސްމިނެޓެއް ހާއިރުން ދެވޭ އެ އޮފީހުގެ ވެރިޔާއަކީ މެހެކްގެ ބޮޑުބޭބެ ޝަރީފް އެވެ. ޝަރީފްއަކީ ހަތަރު ފިހާރަ ހިންގާ ކުންފުންޏެއްގެ ވެރިޔާއެވެ. މެހެކްގެ “އޭ ލެވެލް” ނަތީޖާ ލިބުނު ފަހުން ބޮޑުބޭބެ އެދުމަކީ މެހެކް އެ އޮފީހުގެ މަސައްކަތް ކޮއްލުމެވެ.
ޒިންމާދާރު މީހަކަށް އޭނާ ހަދަން ބޮޑުބޭބެ އަބަދުވެސް ބޭނުމެވެ. އޭނާ އަކީ ރަނގަޅު އަޙްލާގެއްގެ ވެރި ދީނަށް ލޯބިކުރާ ހެޔޮލަފާ އިންސާނެކެވެ. މެހެކްގެ ބައްޕަ މިދުނިޔެ ދޫކުރުމާއެކު އެ މަޤާމް މަންމަ އަށް ދިނެވެ. ބޮޑުބޭބެ ބުނާގޮތުން މަންމަ އަކީ ބޮޑުބޭބެގެ ކޮއްކޮއެވެ. އެދެމައިން ބޮޑުބޭބެގެ ގޭގައި ދިރިއުޅެން ބޭނުން ކަމުގައި ވިޔަސް ދުނިޔޭގެ އާއްމު އުސޫލުން އެކަމަށް ނުރުހުނީ ބޮޑުބޭބެގެ އަނބި ނަފީސާއެވެ. ކަންތަށް އޭރު އެގޮތަށް ދިމާވުމުން ތަނެއް ކުއްޔަށް ހިފައި ، އެދެމައިންނަށް ބޮޑުބޭބެ އެހީވަމުން އެ އަންނަނީ އެއްވެސް ޟަކުވާއެއް ނެތިއެވެ. އެކަންކުރާހިތުންނެވެ.
އެ ޙިޔާލްތަކުގައި ހުއްޓައި އޭނާއަށް އޮފީހަށް އާދެވުނެވެ. ރީތި ބޮޑު އޮފީހެކެވެ. ނަމަވެސް
މަސައްކަތް ކުރަން ތިބި މުވައްޒަފުން މަދުވުމުން ބުރަވާނެވަރު އަންދާޒާ ކޮށްލެވުނެވެ. ބޮޑުބޭބެގެ އިތުރުން އޮފީހުގައި މަސައްކަތް ކުރަނީ ބޮޑުބޭބެގެ ދެދަރިން ކަމުގައިވާ ސުހޭލް އާއި ޝިނާއެވެ. ދެން ބިދޭސީ މުވައްޒަފެކެވެ. ދެން ތިބީ ފިހާރާގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. “އަހާ ދަރިފުޅާ، އާދެވިއްޖެ ދޯ ގަޑިއަށް ބަލާ ދާން އުޅެނިކޮށޭ ތި އައީ، އާދޭ މިހުރީ ދަރިފުޅުގެ މޭޒު”. ބޮޑު ނަންބަރު އައިނު ހެޔޮވަރު ކޮއްލަމުން ބޮޑުބޭބެ ބުނެލިއެވެ. “އެއީ ކަމެއްނޫން ބޮޑުބޭބޭ، ގެ މާދުރެއްވެސް ނޫނެއްނު”. މުޅި ދުވަސް ހޭދަވެގެން ދިޔައީ މަސައްކަތް ކުރާނެ ގޮތް ކިޔާދިނުމުގައެވެ. މިގޮތަށްގޮސް ދެ ހަފްތާއެއް ހައިދުވަސް ފާއިތުވީއިރު އޭނާއަށް އޮފީހުގެ ހުރިހާ މަސައްކަތެއްހެން ދަސްވެއްޖެއެވެ.
އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ޝިނާއާއި މެހެކް އަވަދިނެތި އުޅުނީ އޮފީހުގައެވެ. ސުހޭލް
އެދުވަހަކު އޮފީހަކަށް ނާދެއެވެ. ސުހެލްގެ ހުންނަނީ އަޖައިބުވާ ކަހަލަ މިޒާޖެކެވެ. އޭނާ އަކީ ބަސްމަދު މީހެކެވެ. އޭނާއަށް ވާނެނަމަ މުޅި ދުވަހުވެސް އަނގައިން ނުބުނެ ހުރެދާނެއެވެ. އަބަދުވެސް އިންނަނީ “ހެޑްސެޓް” އަޅާލައިގެންނެވެ. އޮފީހަށް އަންނަނީ ބޭނުން ވަގުތަކު ބޭނުން ދުވަހަކުއެވެ. ފަހަރުގައި އެއީ އޭނާގެ ބައްޕަގެ އޮފީހަކަށް ވީމަ ކަމަށްވެސް ވެދާނެއެވެ. “ހެލޯ” އަވަދިނެތި އުޅެނިކޮށް ޝިނާ އަށް ފޯން ކޯލެއް އައެވެ. “ކީކޭ ހުން އައީއޭ” ޝިނާގެ އަޑުގައި ވަނީ ހާސްކަމެވެ. ޝިނާ ފޯންބާއްވާފައި މެހެކް އާއި ދިމާއަށް ބަލާލިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމުގެ އަސަރު ތަކެވެ. “މެހެކް، ޝަހަފްކޮ ވަރަށް ބޮޑަށް ހުންއައިއްސަޔޯ ހުރީ” ސުވާލުން ފުރިގެންވާ ނަޒަރަކުން ޝިނާގެ މޫނަށް ބަލަން އިން މެހެކް އަށް ވީގޮތް އެނގުނެވެ. “މަންމަ އާއި ބައްޕަ އެދިޔައީ ހޮސްޕިޓަލަށް އޭނަ ގޮވައިގެން، ދެން ދަނީ އިނގޭ”. “އޯކޭ އަހަރެން ނިންމާލާނަން”. މެހެކް އެކަނި ހުރިހާ ކަމެއް ކުރަން ޖެހުނަސް އުފަލުން އެއްބަސްވާނެކަން ޝިނާއަށް އެނގެއެވެ. ޝިނާއަކީ މެހެކް އަށްވުރެ ދެއަހަރެއް ހައިދުވަސް ބޮޑު ކުއްޖެކެވެ. ޅަ އުމުރުގައި ކައިވެނިކޮށް ޖެހުނު މައްސަލައެއްގައި ވަރިކޮށްފައި، ފިރިމީހާ ވީ ތަނެއް ޙުދު ޝިނާއަށްވެސް ނޭނގެއެވެ. އެދުވަހު ބޮޑުބޭބެވެސް އޮފީހަކަށް ނާދެއެވެ. ޝިނާގެ ދަރިފުޅު މާބޮޑަށް ހުންގަދަވީއެވެ. އޭނާއަކީ ދަރިން ދެކެ ނިކަން ލޯބިވާ މީހެކެވެ. ހުރިހާ މަސައްކަތެއް ނިމުނުއިރު 7 ޖަހަނީ އެވެ. އެވަރުވެސް ވީ އޮފީހުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފު ދީޕްތީގެ އެހީތެރިކަމާ އެކުގައެވެ. ނަމާދު ކުރަން ތަންކޮޅެއް ހުންނަކަން ނަސީބެކޭ މެހެކްގެ ހިތަށް އެރިއެވެ. ހުރިހާ ކަމެއް ނިންމާ އޮފީސް ބަންދުކޮށް މެހެކް ތިރިއަށް ފޭބިއެވެ. ދީޕްތީ އުޅެނީ އެ އޮފީސް ހުންނަ އިމާރާތުގައި ކަމުން މެހެކް ގެއަށް ދާން ޖެހުނީ އެކަންޏެވެ. އެހެން ރޭރޭ ބޮޑުބޭބެ އޭނާ ގެއަށް ލާދެއެވެ. މިރޭ އެކަނި ދާން އޭނާއަށް އެ ޖެހުނީ ބޮޑުބޭބެ ހޮސްޕިޓަލުގައި ހުރުމުންނެވެ.
މެހެކް މަޑުމަޑުން ވަރަށް ބިރުން ހުރެ ގެއާ ދިމާއަށް ދާން ހިނގައިގަތެވެ. އޭރު އެތައް ފަހަރަކު މަންމަ ގުޅައިފިއެވެ. ބަލާ އަންނަން ތޯވެސް އަހައިފިއެވެ. “ނޫން މަންމާ، މަންމަ ސިޑިން ފޭބީމަ މާގަދަޔަށް ފައިގައި ރިއްސަފާނެ، އަހަރެން މިދަނީ”. އިރުކޮޅަކު ސައިކަލެއްގެ އަޑު ދާދު ގާތުން އިވެން ފެށިއެވެ. ހީވާގޮތުން އެމީހަކު މެހެކް އާއި ގާތް ކުރަނީއެވެ..
ނުނިމޭ
43
9 Comments
Comments are closed.
Vaahaka v reethi waiting for next part
Vvv reethi….
thank you… V ufaavehjje Reethi V ma 🙂
v
Nice
next part up kohdheeba avahah.. this is very nice ingey shafu..
Varah varah salhi.. waiting for the next part
Wow wow wow woww.so nice up kohba avahah mi story ge next part
Varah nice