“ވިސާމްގެ މަންމަ.” ރަޝީދާ ޝަފަޤްގެ ޖުމްލަ ފުރިހަމަ ކޮށްދިނެވެ. އެއާއެކު ޝަފަޤަށް ހީވީ މުޅި ދުނިޔެ ހުއްޓުމަކަށް އައީހެންނެވެ. އޭނަގެ ދެލޯ ބޮޑުވެގެން ދިޔަ ވަގުތު އޭނަގެ ނޭވާވެސް ކަރުގައި ތާށިވިއެވެ. އޭނަގެ ލޮލަށް ސިފަވާންފެށީ ވިސާމް އެގޭގައި ހުއްޓާ ރަޝީދާ އައި ދުވަހު ކަންތައްވީ ގޮތެވެ. އެދެމީހުންނަކީ ބީރައްޓެހިން ހީނުވީ ކީއްވެކަން މި އެނގުނީތާއެވެ.
“އެދުވަހު ދައްތަ މިގެއަށް ކޭކުތައް ނަގަން އައީ މީހެއްގެ ފަރާތުން ވިސާމް ހުރީ މިގޭގަކަން އެނގިގެން އޭނަ ދެކިލާ ހިތުން. އެހެން ގެއެއްގަ ހުރުމުން އޭނަ ވާހަކަ ދައްކަފާނެއޭ ހިތާ. އެކަމަކު އެދުވަހުވެސް އޭނަ އެންމެ ބަހެއްވެސް ބުނެނުލް….” އެ ވާހަކަ ފުރިހަމަ ނުވަނީސް ރަޝީދާއަށް ރޮވެންފެށިއެވެ. އޭނައަށް ގިސްލެވެން ފެށި ވަގުތު އޭނަގެ ކުރިމަތީގައި އަދިވެސް ޝޮކެއްގައި ހުރި ޝަފަޤްގެ ލޮލުން ކަރުނައެއް ފައިބައިގެން އައެވެ. އެއަށްފަހު އެއްވެސް ވާހަކައެއް ނުދެކެވި އިރުކޮޅެއް ވޭތުވިއެވެ. ރަޝީދާގެ ހިތާމަވެރި އަޑު ފިޔަވައި އެހެން އަޑެއް މުޅި ގެއިން ވެސް ނުއިވެއެވެ. އެހެނަސް ރަޝީދާ ހަމައަކަށް އެޅެން މަސައްކަތް ކުރަމުން ދެންވެސް ވާހަކަ ދެއްކިއެވެ.
“ޝަފަޤް، ވިސާމަށް ބޭނުންވޭ ބައިވެރިޔަކު. އޭނަ އެތައް ހިތާމަތަކެއް އެކަނިމާއެކަނި ތަޙައްމަލުކުރަމުން ދާތާ އެތައް ދުވަހެއްވެއްޖެ. އޭނަ އެ ހުރިހާ ހިތާމަތައް އެއްވެސް މީހަކާ ހިއްސާ ނުކޮށް އަމިއްލަ ހިތުތެރޭގައި ބަހައްޓައިގެން އެ ހުންނަނީ. ވިސާމްގެ ހިތާމަތަކުގައި ބައިވެރިވެ އޭނަގެ ހިތަށް ލުއެއް ގެނެސްދީ ޝަފަޤް…….ޝަފަޤް މިއަދުވެސް އޭނައަށް އިންކާރު ކޮށްފިނަމަ އޭނަ ދީނާއިވެސް ދުރުވުން ނޫންކަމެއް ނުވާނެ. އޭނަ އަބަދުވެސް ހުންނަނީ ދީނަށް ފާޑު ކިޔޭނެ ގޮތެއް ބަލަބަލާ. ޝަފަޤް އިންކާރު ކޮށްފިނަމަ އޭނަ ބުނާނެ ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް ދީނީ މީހުން ނުރުއްސޭނޭ. މި ކައިވެންޏަށް އެއްބަސްވެ އޭނައަށް އެއީ ދޮގެއްކަން ދައްކާލާ ޝަފަޤް. ތައުބާވުމަކީ އެހާ އުނދަގޫ ކަމެއްނޫންކަން ދައްކާލާ. އަދި ކައިވެންޏަށްފަހު ވެސް ދީނާއި އެއްގޮތަށް އުޅޭ އަނތްބަކީ ކިހާ ރަނގަޅު އަނތްބެއްކަން ސާބިތުކޮށްދީ. އޭނައަށް މިހާރު ފެނިފަހުރީ ދީނާއި ދުރު އަނތްބަކު ކަންތައް ކުރާ ގޮތް. އެހެންވީމަ ޝަފަޤް މިގޮތުން އޭނައަށް ރަނގަޅު މިސާލެއް ދައްކައިފިނަމަ ﷲ ގެ އިރާދަފުޅުން އޭނަގެ ވިސްނުމަށް ވަރަށް ބޮޑު ބަދަލެއް އަންނާނެއޭ ދައްތަ ބުނާނީ.” ރަޝީދާ އުއްމީދީ ގޮތަކަށް ޝަފަޤަށް ބަލަން ހުރެ ޝަފަޤްގެ ކޮނޑަށް ބާރު ކުރަމުން ބުންޏެވެ. ރަޝީދާގެ އެ ޙަރަކާތުން ޝަފަޤްގެ މޫނުމައްޗަށް ވެރިވީ ރަޝީދާ ބުނި ވާހަކަ ޔަޤީންނުވެގެން އުޅޭ ފަދަ އަސަރެކެވެ. ރަޝީދާ ބޯޖަހާލީ އެއަށް ޖަވާބު ދިނުމުގެ ގޮތުންނެވެ.
“ޝަފަޤް ދައްތަ މި ދެއްކި ވާހަކަތަކާމެދު ވިސްނާނެކަމަށް އުއްމީދުކުރަން. ދެން ދަނީ. ބުނެލަން ބޭނުންވަނީ ވިސާމް މިފަހަރު ޚިޔާރުކުރީ އޭނަގެ މަންމަ ޤަބޫލުވާ ކަހަލަ ކުއްޖެކޭ.” ރަޝީދާ ލުއި ހިނިތުންވުމަކާއެކީ ޝަފަޤްގެ ބޮލުގައި އެއްއަތުން ފިރުމާލިއެވެ. އެ ވާހަކައިން ޝަފަޤްގެ ތުންފަތްމަތިން ހިނިތުންވުމެއް ކުޅެލިޔަސް އޭނަގެ ލޮލުން އަދިވެސް ފެންނަމުން ދިޔައީ ހިސާބެއްގެ ނުތަނަވަސްކަމެކެވެ. ރަޝީދާ އިތުރަށް މަޑު ކުރުމެއްނެތި ޝަފަޤަށް ފަސްދީފައި ބަދިގެއިން ނިކުމެގެން ދިޔައެވެ. އަދި ހުއްޓުމެއްނެތި ހިނގަމުން ގޮސް އެގެއިން ވެސް ނިކުމެގެން ދިޔައެވެ. އޭނަ އެގޭގެ ކުރިމަތީގައި އޮތް ކަޅު ކުލައިގެ ކާރަށް އަރައި ދޮރު ލައްޕާލިތަނާހެން އެ ކާރު ކުރިއަށް ދުއްވާލިއެވެ. އެވަގުތު އެ ގޭގެ ދޮރު ކައިރީގައި ހުރި ޒަމީނާ ދެލޯ ބޮޑުކޮށްގެން ހުއްޓުން އަރާފައި ހުރެފައި ހުޅުވިގެން ދިޔަ އޭނަގެ އަނގަމަތީގައި އެއްއަތް އަޅާލިއެވެ. ދެންމެ އެ ދިޔައީ ކާކުކަން ޔަޤީންވީ ވަގުތު އޭނަ އަވަސް ފިޔަވަޅުތަކެއްގައި ގެއަށް ވަދެގެން ދިޔައެވެ.
“ޝަފަޤް…..ޝަފަޤް ދެންމެ އައި މީހަކު ޝަފަޤްއާ ވާހަކަ ދެއްކިތަ؟ އެއީ ވިސާމްގެ މަންމައޭ! ކީކޭތަ ރަޝީދާ ބުނީ؟؟” ޒަމީނާ އެދިޔަ ގޮތަށް ގޮސް ބަދިގެއަށް ވަދެ ޝަފަޤް ހުރިތާ ހުއްޓާ އޭނަގެ ކޮނޑުގައި ހިފަހައްޓާލިއެވެ. ޝަފަޤް އިސްޖެހިފައިހުރެ ވަރުބަލިކަމާއެކީ ފުން ނޭވައެއް ދޫކޮށްލަމުން ޒަމީނާއަށް ބަލާލިއެވެ.
“ރަޝީދައްތަ ބުނީ ވިސާމްއާ އިންނާށޭ.” ޝަފަޤް މަޑުމައިތިރި އަޑަކުން ބުނެލިއެވެ. އެއާއެކު ޒަމީނާގެ ހުރިހާ ދަތްތައް ފެނިގެން ދިޔައެވެ.
“ދެން ކީއްވެ ޝަފަޤް ދަރިފުޅު މަޑުކޮށްގެން ތިހިރީ؟ އަވަހަށް އިންނަންވީއެއްނު؟ އޭނަ ދަރިފުޅަށްޓަކައި ދިރިއުޅުމަށް ކިހާ ގިނަ ބަދަލުތައް ވެސް ގެނެސްފިތަ؟” ޒަމީނާ ފުރަތަމަ ފަހަރަށް ޝަފަޤާއި ލޯބިން ވާހަކަ ދެއްކިއެވެ. އެންމެ ފަހުން ޝަފަޤްގެ ފަރާތުން އޭނައަށް ފައިދާއެއް ލިބެން އުޅޭތީވެއެވެ. ޝަފަޤް ޒަމީނާއަށް ބަލަން ހުރެފައި ޒަމީނާއާއި ދުރުވެ އޭނައަށް ފަސްދީފައި ދާން ހިނގައިގަތީ އެ ދެއްކުންތެރި ލޯބި ޤަބޫލުކުރަން ބޭނުމެއް ނުވީތީވެއެއްނޫނެވެ. އެއަށްވުރެ ބޮޑަށް ދެންމެ އިވުނު ވާހަކަތަކެއްގެ ސަބަބުން އޭނަގެ ހިތާއި ސިކުނޑި ވަރުބަލި ވެފައިވި މިންވަރުންނެވެ. ޝަފަޤް ގޮސް އޭނަގެ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލަމުން ދޮރަށް ލެނގިލިއެވެ. އެއަށްފަހު ދެލޯ މަރާލަމުން ތިރިވަމުން ގޮސް ބިންމަތީގައި އިށީނދެ އޭނަގެ ކަކޫމަތީގައި ބޯއަޅާލިއެވެ.
**
އެދުވަހުގެ ހަވީރުގެ ވަގުތެއްގައި ރީތިވާ މޭޒު ކައިރީގައި ހުރި ވިސާމް އޭނަގެ ބޮލުގައި ފުނާ އަޅާލުމަށްފަހު މޫނު ބަލާ ލޯގަނޑުން އެންމެ ފަހު ފަހަރަށް އޭނަގެ ސޫރައަށް ބަލާލިއެވެ. އާދައިގެ މަތިން އޭނަގެ އިސްތަށިގަނޑު އެއްފަރާތަކަށް ކަހާފައި ވީއިރު އޭނަގެ މޫނުމަތިން ތާޒާކަމެއް ފެންނަމުން ދިޔައެވެ. ތަފާތުކޮށް ފެންނަމުން ދިޔައީ އިހުނަށްވުރެ ކުޑަކޮށް ދިގުވެފައިހުރި އޭނަގެ ތުނބުޅިއެވެ. ވިސާމް ހިނިތުންވުމަކާއެކީ އޭނަގެ ކޯތާފަތުން ފެށިގެން ދަތްދޮޅިއާއި ހަމައަށް އެއްއަތް ހިންގާލިއެވެ. މިގޮތްވެސް ވަކި ގޯހެއްނޫނޭ އޭނަގެ ހިތަށްއެރިއެވެ.
“ބައްޕި ބައްޕި އަވަސް! މިޝީ ވަރަށް ހަނދާން އެބަވޭ މަންމި މަތިން.” ނޫކުލައިގެ ހަވީރީ ހެދުމެގައި ހުރި މިޝްކާ ވިސާމްގެ ކޮޓަރީގެ ދޮރުމައްޗަށް އަރައި ވާހަކަ ދެއްކިއެވެ.
“ހިނގާ އަވަހަށް. ދެން ލަސްކުރާނެ ކަމެއްނެތް.” ވިސާމް ރާގަކަށް އެހެން ބުނެލަމުން ކޮޓަރިން ނިކުންނަން ދިޔައެވެ. އޭނަ ޝަފަޤްގެ ގެއަށް މި ދަނީ އެގެއަށް ނުދާތާ 2 ހަފްތާއަށްވުރެ ގިނަ ދުވަސްފަހުންނެވެ. އޭނަ ބޭނުންވީ ޝަފަޤް ބޭނުންވާހާ ބަދަލެއް ބޭރުފުށުން ގެނައުމަށްފަހު އެގެއަށްދާށެވެ. ޝަފަޤްގެ ފަރާތުން ދެން ނޫނެކޭ އަޑުއަހަން އޭނަ ބޭނުމެއްނުވީތީވެއެވެ. އޭނަ މިޝްކާއާއި އެކީ ގޮސް ކާރަށް އަރައި ކާރު ދުއްވާލީ އޭނަގެ ރޭވުން މިއަދު ކާމިޔާބުވާނެ ކަމުގެ ޔަޤީންކަމާއި އެކީގައެވެ.
**
ސިޓިންގް ރޫމުގެ ފަތްޖެހި ގޮނޑިއެއްގައި ޓީވީ ބަލަން އިން ޒަމީނާއަށް ދޭތެރެދޭތެރެއިން ބެލެމުން ދިޔައީ ކުޑަދޮރުތަކުގެ ކައިރީގައި ހުރި ފަތްޖެހި ގޮނޑީގައި އިން ޝަފަޤަށެވެ. ހެނދުނުއްސުރެ މިހާތަނަށް އައިއިރު ޝަފަޤް އޭނަގެ އަނގައިން އެންމެ ބަހެއްވެސް ބުނެ ނުލައެވެ. އޭނަ އަބަދުވެސް ހުންނަނީ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ވިސްނުމެއްގެ ތެރޭގައެވެ. މެންދުރު ގަޑީގައި އޭނަ ކާކަށް ނުއުޅުނެވެ. އޭނަ ހިމޭނުން ހުންނަތަން ފެނިފައި ޒަމީނާގެ ސިކުނޑި ހާސްވެއެވެ. އޭނަ މި ކައިވެންޏާއިމެދު ނިންމާނީ ކޮން ގޮތެއްތޯ ތަކުރާރުކޮށް އޭނަގެ ހިތް ސުވާލު ކުރަމުން ދިޔައެވެ. އެ ސުވާލުކޮށް ޝަފަޤަށް އުނދަގޫކުރަން ހިތަށްއެރިއެއްކަމަކު އެއިން ޝަފަޤްގެ ރުޅިގަދަވެ އޭނަ ކައިވެންޏަށް އެއްބަސް ނުވެދާނެކަމުގެ ބިރު ހީވާތީ ޒަމީނާ ވެސް މިފަހަރު ހިމޭންކަން ޚިޔާރު ކުރިއެވެ. އޭނަ މިއަދު ޝަފަޤަށް މަސައްކަތެއްވެސް ޙަވާލުނުކޮށްވޭތޯ ބެލިއެވެ.
ދެމީހުން ތިބިގޮތަށް ތިއްބާ ޒަމީނާއަށް އޭނަގެ ނަޒަރު އެހެން ދިމާލަކަށް ބަދަލުކޮށްލެވުނީ ގޭގެ ބޭރުން ނުހަނު ކައިރިން ކާރެއްގެ އަޑު އިވުމުންނެވެ. އެއީ ކޮން ކާރެއްކަން ވަގުތުން ނަގައިގަނެވުނެއްކަމަކު ދެންވެސް ޔަޤީންކޮށްލުމުގެ ގޮތުން ޒަމީނާ ގޮނޑިން ތެދުވެގެން ކުޑަދޮރު ބަރީގެ ކައިރިއަށް ގޮސް ބަލާލިއެވެ.
“ވިސާމް!” ކާރުން ފޭބި މީހަކު ފެނިފައި ޒަމީނާއަށް ކިޔާލެވުނެވެ. އެވަގުތު އޭނައާއި ދާދި ގާތުގައި ހުރި ގޮނޑީގައި އިން ޝަފަޤްގެ ހިތް ބާރަށް ތެޅެންފެށިއެވެ. އެހެނަސް އޭނަ ދެންވެސް ބިންމައްޗަށް ނަޒަރު ހުއްޓައިގެން އިނީއެވެ. މާ ގިނައިރެއްނުވެ ގޭގެ ދޮރުގައި ޓަކި ޖަހާލި އަޑަށް ޝަފަޤަށް އެދިމާލަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. އޭނަ ބަލަބަލާ ހުއްޓާ ޒަމީނާ ގޮސް އެ ދޮރު ހުޅުވައިފިއެވެ.
“ޒަމީންތާ ކޮބައިތަ މަންމި؟” ދޮރު ހުޅުވާލުމާއެކު މިޝްކާ އެތެރެއަށް ވަންނަމުން އަހާލިއެވެ. އޭގެ ދެވަނަ ސިކުންތުގައި މިޝްކާ ވާތް ފަރާތަށް ބަލާލަމުން އޭނައަށް ޝަފަޤާއި ހަތަރު ކަޅި ހަމަ ކުރެވުނެވެ. މިޝްކާ ފެނުމާއެކު ޝަފަޤަށް ހިނިތުންވެލެވުނެވެ. އޭނަ ބަލަބަލާ އިންދާ މިޝްކާ ދުވެލާފައި އައިސް އޭނަގެ ގައިގައި ބައްދާލިއެވެ. ޝަފަޤް ދެލޯ މަރާލަމުން އޭނަގެ ދެއަތް މިޝްކާގެ ހަށިގަނޑުގައި ވަށާލިއެވެ. އޭނަ ހުރި ގޮތަށްހުރެ ދެލޯ ހުޅުވާލުމާއެކު ކުރިމަތިން މީހަކު ފެނިފައި އޭނައަށް މައްޗަށް ނަޒަރު ހިންގާލެވުނެވެ. އެއާއެކު ފެނުނު ސޫރައިން އޭނަ ކުޑަކޮށް ހުއްޓުން އެރިއެވެ. ކަކުލަށްވުރެ ކުޑަ ތަންކޮޅެއް ތިރިއަށް އޮތް އަޅި ކުލައިގެ ސޯޓަކާއި ހުދުކުލައިގެ ޓީޝާޓެއްގައި ވިސާމް ހުރިއިރު ނޭނގޭ ސަބަބަކާހުރެ އެވަގުތު ޝަފަޤަށް ހިތާހިތުން ވިސާމްގެ ރީތިކަމަށް ތަޢުރީފު ކުރެވުނެވެ. ވިސާމް ތުނބުޅި ދިގުވެފައި ހުރިކަން ފާހަގަވީ ވަގުތު އެއީ ކީއްވެތޯ ޝަފަޤްގެ ހިތް ސުވާލުކުރިއެވެ. އެހެނަސް މާ ގިނައިރެއްނުވެ އޭނަގެ ހިތް ސުންނަތޭ ބުނެލުމުން ޝަފަޤަށް ނޭނގި އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އޭގެ ބަދަލުގައި ވިސާމްވެސް އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް ފަތުރާލިއެވެ. ހަމަ އެވަގުތު މިޝްކާ ޝަފަޤްގެ ގައިން ދޫކޮށް ޝަފަޤާއި ދުރުވެލިއެވެ.
“މަންމި މަންމި ވަރަށް ބޮޑަށް ސޮރީ އިނގޭ މިހުރިހާ ދުވަހު މަންމި ކައިރިއަށް ނައިސް ހުރެވުނީތީ. ބައްޕި އުޅުނީ ވަރަށް ވަރަށް ބިޒީކޮށް އޮފީހުގަ. މަންމިއަށް އެނގޭތަ؟ ބައްޕި މިހާރު މިކޮޅުގަ އުޅެގެން ރުފިޔާ ހޯދަނީ. ބައްޕި ކޮންމެ ދުވަހަކު އޮފީހަށްދޭ. ބައްޕި ބުނީ ތިމަންނަ ދެން ބޭރަށް ނުދާނަމޭ. އޮފީހުގަ އުޅޭ ބޮސް ބޭރަށް ދާން ބުނެފިއްޔާ ބޭރަށް ދާން ޖެހިދާނެއޭ. އެކަމަކު އެހާ ގިނައިން ނުދާނަމޭ. މަންމި، ބައްޕި ބޭރަށް ދިޔަޔަސް ކޮއްކޮ މަންމި އެކަނިވިޔަ ނުދޭނަމޭ. ބައްޕި ގޮއްސިއްޔާ ސްކޫލަށް ވެސް ނުގޮސް މަންމި ކައިރީގަ ހުންނާނަން. މަންމި ޕްލީޒް ޕްލީޒް ގެއަށް އާދޭ. ޕްލީޒް ޕްލީޒް ޕްލީޒް ޕްލީޒް.” މިޝްކާ ޝަފަޤް ގެ އެއްއަތުގައި ދެއަތުން ހިފަހައްޓައިގެން ހުރެ އާދޭސްކުރަން ފެށިއެވެ. ޝަފަޤަށް އަނެއްކާވެސް ވިސާމާއި ދިމާލަށް ބަލާލެވުނެވެ. އޭނަ ދެއަތް މެއާއި ދިމާލުން ހުރަސް ކޮށްގެން ހުރިއިރު އޭނަ ހުރީ ޖަވާބެއްގެ އިންތިޒާރުގައި ކަން ޝަފަޤަށް ނަގައިގަނެވުނެވެ. ޝަފަޤް ފުން ނޭވައެއް އިސްޖަހާލިއެވެ. އެއަށްފަހު މިޝްކާއަށް ބަލާލިއެވެ.
“ކޮއްކޯ، މަންމިއަށް މައްސަލައެއްނެތް ބައްޕި ނުހުންނަ ދުވަސްދުވަހު ކޮއްކޮ ސްކޫލަށް ދިޔަޔަސް. ކޮއްކޮ ސްކޫލަށް ދާންވާނެ މަންމި އެކަނި ވިޔަސް. އެކަނި ވިޔަސް މަންމި ދެން ބޭނުމެއްނޫން ކޮއްކޮއާ ދުރުގަ ހުންނާކަށް. މަންމި ބޭނުން ގެއަށްދާން. ބައްޕި ކައިރި ބުނޭ މަންމި ގެންދާށޭ.” ޝަފަޤް މިޝްކާއަށް ބަލަންހުރެ ބުނެލި ވާހަކައިން މިޝްކާގެ ދެލޯ ބޮޑުވެ އަނގަ ހުޅުވިގެން ދިޔަ ހިނދު ދުރުގައި ހުރި ޒަމީނާއަށް ވެސް ވީ އުފަލާއެކީ އަނގަމަތީގައި ދެއަތް އަޅާލެވުނެވެ. ސިޓިންގް ރޫމުގެ މެދަށް ވާ ގޮތަށް ހުއްޓި ހުރި ވިސާމަށް ވެސް އެއްމިޔަކަނުން ހިނިތުންވެލެވުނެވެ.
“ބައްޕި ބައްޕި! މަންމި ބުނީ ތިމަންނަ ގެ….އަށް….ގެން….ދާ…ށޭ!” މިޝްކާ އޭނަގެ ފަހު ބަސްތައް ބުނެލި ފުންމަމުން ފުންމަމުން ވިސާމް ކައިރިއަށް ދަމުންނެވެ. މިޝްކާ ކަންތައް ކުރިގޮތް ފެނިފައި އެތާތިބި ތިން މީހުންނަށް ވެސް ހީލެވުނެވެ. ވިސާމް ކުރުފައި މައްޗަށް ތިރިވެ މިޝްކާގެ ގައިގައި ބައްދާލަމުން ޝަފަޤަށް ބަލާލިއެވެ. އެވަގުތު ޝަފަޤް ވެސް އޭނައަށް ބަލާލިއެވެ. ވިސާމް ހީކުރި ގޮތާއި ޚިލާފަށް ޝަފަޤްގެ މޫނުމަތިން އެހިނދު ފެންނަމުން ދިޔައީ ސީރިއަސް ކަމެވެ. ސިކުންތުކޮޅަކަށްފަހު ޝަފަޤް އިސްޖަހާލީ އޭނަ އުއްމީދު ކުރި ގޮތާއި ޚިލާފަށް ލަދުރަކި ގޮތަކަށް ނޫނެވެ. އެއީ ކީއްވެ ހެއްޔެވެ؟ ޝަފަޤް އޭނަގެ ދަޅަތަކަށް ނުހެއްލެނީ ހެއްޔެވެ؟ ނުހެއްލޭނަމަ އޭނަ މި ކައިވެންޏަށް އެއްބަސްވީ ކީއްވެ ހެއްޔެވެ؟ އެ ސުވާލު ހިތަށްވަނުމުން ވިސާމްގެ އެ ހިތް ނުތަނަވަސްކަމުން ވަށާލެވިގެން ދިޔައެވެ. އޭނައަށްޓަކައި ޝަފަޤްގެ ރޭވުމެއް އޮތީބާއޭ ހިތަށްއެރިއެވެ. ފެންނަ މަންޒަރުތަކުން އެހެންވުން އެކަށީގެންވެއެވެ. އޭނަ ރޭވި ގޮތަށް ކަންތައް ނުވިތާއެވެ. އޭނަ ހުރީ ކައިވެނީގެ ފުރަތަމަ ރޭވެސް އޭނަގެ ޙަޤީޤީ ކުލަތައް ޝަފަޤަށް ދައްކާލާށެވެ. އެހެނަސް ޝަފަޤަކީ އެފަދަ ކަމެއް ހިމޭންކަމާއެކީ ބަރުދާސްތު ކޮށްގެން ހުންނާނެ ކުއްޖެއް ނޫންކަން މިހާރު އޭނައަށް ޔަޤީނެވެ. އޭނަ ފިޔަވަޅުތައް އަޅަންޖެހޭނީ ވަރަށް ފަރުވާތެރިކަމާއެކީގައެވެ. އެހެންނޫނީ ހުރިހާ ކަމެއް ބޮއްސުންލައިގެން ހިނގައިދާނެއެވެ.
“ބައްޕި ދެން އެހެންވީމަ ހިނގާދޯ އަވަހަށް މަންމި ގޮވައިގެން ގެއަށް؟” މިޝްކާ ވިސާމާއި ދުރުވެލަމުން އުފަލާއެކީ ބުނެލިއެވެ. ޝަފަޤަށް އަދިއެއްނޫނޭ ބުނެވުނު ވަގުތު ވިސާމަށް ވެސް ނޫނެކޭ ބުނެލެވުނެވެ. އަނެއްކާވެސް އެދެމީހުންގެ ލޯ ބައްދަލުވެފައި ވަކިވިއެވެ. ޝަފަޤް އެއްޗެކޭ ނުބުނުމުން ވިސާމް ވާހަކަ ދެއްކިއެވެ.
“ކޮއްކޯ…..މަންމިއާ ބައްޕި މިހާ ގިނަ ދުވަސްވަންދެން ދުރުގަ އުޅެފަ ދެން އަނެއްކާ ގުޅެންވާނީ ޕާޓީއެއް ބާއްވާފައެއްނު ދޯ؟ ޕާޓީ ބާއްވާފަ އަހަރުމެން މަންމި ގެއަށް ގެންދާނީ. މިއަންނަ ހަފްތާ ތެރޭގަ ޕާޓީ ބާއްވާނީ. ދޯ މަންމި؟” ވިސާމް ޝަފަޤަށް ދޯދިނެވެ. މިޝްކާ ވެސް ޝަފަޤަށް ބަލާލުމުން ޝަފަޤް ހިނިތުންވުމަކާއެކީ ބޯޖަހާލިއެވެ.
“ދެން ނޫން ބައްޕި! ޕާޓީ ބާއްވާނެ ކަމެއްނެތް!” މިޝްކާ ދެފައި ތަޅަމުން ތުން ދިގުކޮށްލިއެވެ.
“ކޮއްކޯ! ޝަކުވާ ކުރާކަށް ނުވާނެ. ކެތްތެރިވާންވާނެ. ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކީ.” ވިސާމް އެންމެ ފަހު ޖުމްލަ ބުނެލީ ލޮލުގެ ހިމަކޮޅުން ޝަފަޤަށް ބަލާލަމުންނެވެ. އޭނަ ސިހިފައި ކަހަލަ ގޮތަކަށް އެ ދިމާލަށް ބަލާލި ގޮތުން ވިސާމަށް ކާމިޔާބީގެ އިޙްޞާޞެއް ކުރެވުނެވެ. އެހެނަސް އޭނަ ކާމިޔާބީގެ ހިނިތުންވުން ދައްކައިގެން ހުރީ ހަމައެކަނި މިޝްކާއަށެވެ.
“އެންމެ ރަނގަޅު ބައްޕި.” މިޝްކާ މާޔޫސީ ގޮތަކަށް ބުނެލިއެވެ.
“ކަމް އޯން މިޝީ ސްމައިލް. ހިނގާދޯ ބައްޕިއާއެކީ ޕާކަށް؟ ބައްޕިވެސް މިއަދު ސްލައިޑަށް އަރާ ހިތުން މިއުޅެނީ. ހިނގާ އައިސްކްރީމް ގަނެގެން ޕާކަށް ދާން. ސްލައިޑް ކުރަމުން އައިސްކްރީމް ބޯނީ މިއަދު. އާދޭ!” ވިސާމް ކޮޅަށް ތެދުވެ ގެއިން ނިކުންނަން ދާން ހިނގައިގަންނަމުން ބުނެލި ވާހަކައިން މިޝްކާއަށް ހީލެވުނެވެ.
“ހެހެހެ…..ބައްޕީ އައިސްކްރީމް ބޮމުން ސްލައިޑް ނުކުރެވޭނެއޭ.” މިޝްކާ ވިސާމްގެ ފަހަތުން ދަމުން ބުނެލިއެވެ.
“ކުރެވޭނެ!” ވިސާމް ބަހުސް ކުރަން އުޅޭފަދައަކުން މިޝްކާއަށް ބަލާލަމުން ބުންޏެވެ.
“ނުކުރެވޭނެ.” މިޝްކާ އަވަސްއަވަހަށް ބުންޏެވެ.
“ކުރެވޭނެ.” ވިސާމް ފެންޑާ ތެރެއަށް ނިކުންނަމުން ދެންވެސް ބުންޏެވެ.
“ނުކުރެވޭނެ.” މިޝްކާ ބައްޕަ ފަހަތުން ދަމުން އަނެއްކާވެސް ރައްދުދިނެވެ.
“ކުރެވޭނެ.” ވިސާމް ބުންޏެވެ.
“ނު….ކު…ރެ….ވޭނެ!” މިޝްކާ ބުންޏެވެ. ދެންވެސް ވިސާމް މިޝްކާއާއި “ބަހުސް” ކުރަމުން ދިޔަ އަޑު ގޭގެ ތެރޭގައި ތިބި ޝަފަޤަށާއި ޒަމީނާއަށް އިވެމުން ދިޔައެވެ. އެންމެ ފަހުން މިޝްކާ ތޫލި އަޑަކާއެކީ ހީގަތް އަޑު އިވިފައި ޝަފަޤަށް ހިނިތުންވެލެވުނެވެ. ވިސާމް މިޝްކާ އަތްދަނޑިމައްޗަށް އުފުލީކަން ޝަފަޤަށް ނުފެނުނަސް އޭނައަށް ނަގައިގަނެވުނެވެ. އެވަގުތު ޝަފަޤްގެ ކަންފަތުގައި ގުގުމާލީ ރަޝީދާ ބުނެލި ވާހަކައެވެ. ވިސާމަކީ އޭނަ ހީކުރާ ވަރަށް ގޯސް މީހެއް ނޫންކަމެވެ. އެފަދަ އޯގާތެރިކަމެއް އެހެން އިންސާނަކަށް ދެވޭނީ ހިތުގެ ކޮންމެވެސް އެއް ހިސާބެއްގައި ހަމަ ޔަޤީނުންވެސް ދިރުމެއްވާތީވެއެވެ. އޭނަ ޖެހޭނީ ދިރުން ހުރި އެބައިގެ ބޭނުން ހިފައި ވިސާމްގެ ހިތް ﷲ ގެ ހަނދުމައިން ފުރައިދޭށެވެ. އެއީ ރަޝީދާ ބުނިހެން އޭނަގެ އުޅުމުން ކަމުގައި ވިޔަސްމެއެވެ. އޭރުން އޭނަ އަބަދުވެސް ބޭނުންވިހެން އޭނަގެ ސަބަބުން މީހަކު ﷲ ގެ މަގަށް ރުޖޫޢަވެދާނެއެވެ. އޭނަ މި ކައިވެންޏަށް އެއްބަސްވި އެންމެ ބޮޑު ސަބަބަކީ އެއީއެވެ. މިހާރު ވިސާމް ދީނާއި ދިމާލަށް ފުދޭވަރަކަށް ފިޔަވަޅުތައް އަޅާފައިވުމުން އޭނައާއި އެކީ އުޅުން ގޯހެއް ނުވާނެކަމަށް ޝަފަޤަށް ނިންމުނެވެ.
ވިސާމް ހަމަ އެދުވަހުން އެދުވަހަށް ކައިވެނީގެ ކަންތައް ހަމަޖައްސަން ފެށިއެވެ. ވިސާމާއި ޝަފަޤް ވެސް އެހާ ބޮޑު ޕާޓީއެއް ބާއްވަން ބޭނުމެއްނުވީތީ ހަމައެކަނި ޢާއިލާ މީހުންނަށާއި މަދު އެކުވެރިންކޮޅަކަށް ޒަމީނާމެން ގެއިން ކާން ލިބޭ ގޮތަށް ދެމީހުން ނިންމިއެވެ. އެރެއަކު ރެސްޓޯރެންޓްއަކުން ކާ އެއްޗެހި ގެންނާނީ ކިހާ ވަރަކަށްކަން ކަނޑައެޅުމަށްޓަކައި ދެމީހުން ވެސް މެހުމާނުންގެ ލިސްޓެއް ހަދައި މަޝްވަރާކޮށް އެ ޢަދަދު ނިންމިއެވެ. ކައިވެންޏަށްޓަކައި އެ ގެ ތައްޔާރު ކުރުމަށް ކައިވެނީގެ ދުވަހު ބަޔަކު މީހުން ފޮނުވާނެ ކަމަށް ވިސާމް ބުންޏެވެ. އެއަށްފަހު ދެމީހުން ވެސް އެމީހުންގެ އެކުވެރިންނަށް އަނގަބަހުން ދަޢުވަތު އަރުވަން ފެށިއެވެ. ވިސާމް ދަޢުވަތު ދިނީ ހަމައެކަނި އޭނައާއެކީ އޮފީހުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން އޭނައާއި އެކުވެރިވި ބައެއް މީހުންނަށެވެ. ޝަފަޤް ދަޢުވަތު އެރުވީ އޭނަގެ ކޭކު ވިޔަފާރީގެ ތެރެއިން އެކުވެރިވެފައި ތިބި އަންހެނުންނަށެވެ. އެންމެ ފުރަތަމަ ވެސް އޭނަ ގުޅާލީ ރަޝީދާއަށެވެ.
“އައްސަލާމްޢަލައިކުމް ދައްތާ! ދައްތާ މި އަންނަ ހަފްތާގެ ހުކުރު ދުވަހު އަޅުގަނޑު މިއުޅެނީ ސައިދޭން. އައިސްދެއްޗޭ އިނގޭ؟” ޝަފަޤް ފޯނު ކަންފަތުގައި ޖައްސައިގެން ހެވިފައިހުރެ ބުނެލިއެވެ.
“ސައޭ؟ ކޮން ސައެއް؟ އެދުވަހު ސައި ނުދެވުނީމަތަ އަނެއްކާ؟” ރަޝީދާއަށް ސާފެއްނުވިއެވެ.
“އަޅޭ ދައްތާ! މީހުން ސައިދެނީ ކިހިނެއްވީމަ؟” ޝަފަޤް އެހެން އަހާލީ މި ޚަބަރު އެނގުމުން ރަޝީދާ އުފާވާނެ މިންވަރު އަންދާޒާ ކުރަމުންނެވެ. އޭނައަށް އަންދާޒާ ކުރެވުނީ ރަނގަޅަށެވެ. ރަޝީދާ އިރުކޮޅެއްވީއިރު ވެސް އެއްޗެކޭ ނުބުނެ ހުރެފައި ކުއްލިއަކަށް ހީލި އަޑު އިވުނެވެ.
“ޝަފަޤަށް މާތް ﷲ މިދުނިޔެއާއި އާޚިރަތުގައިވާހާ އުފަލެއް ދެއްވާށި.” ރަޝީދާއަށް ރޮވިފައިވާ އަޑަކުން ކޮއްލީ ހަމަ އެކަނި ދުޢާއެކެވެ. އެ ދުޢާގެ އަޑު އިވިފައި ޝަފަޤްގެ ލޮލަށް ވެސް ކަރުނަތައް ޖަމާވިއެވެ.
“އާމީން! ދައްތަ އައިސްދެއްޗޭ އިނގޭ…..ވިސާމް ނުބުނޭތަ ދައްތަ ކައިރި؟” ކަމެއް ހަނދާންވުމުން ޝަފަޤް ފޭދިގެން ދިޔަ ހިނިތުންވުމަކާއެކީ އަހާލިއެވެ.
“ބުނާނެހެން ހީވޭތަ ޝަފަޤްއަށް؟” ރަޝީދާވެސް މާޔޫސީ ގޮތަކަށް ކޮއްލީ ސުވާލެކެވެ. ޝަފަޤަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
“އޭނަ ބުނެފިއްޔާ ދައްތަ ދާނަން. އެރެއަކު ދައްތަ ނުފެނުނިއްޔާ އެއީ ވިސާމް ދަޢުވަތު ނޭރުވީކަން ޝަފަޤް ދަންނާތި. އެކަމަކު ކައިވެނީގެ ފުރަތަމަ ރޭ އޭނައަށް ރުޅިނުވައްޗޭ ދައްތައާ ހެދި. ވިސާމަށް ދެން ބޭނުންވަނީ ލޯބި. ރުޅިއާއި ނަފްރަތެއްނޫން.” ރަޝީދާ ބުނެލިއެވެ.
“ހޫމް…..ދައްތަގެ ވާހަކަތައް ހަނދާނުގަ ބަހައްޓާނަން އިން ޝާ ﷲ. ބާއްވަނީ އިނގޭ ދައްތާ؟” ޝަފަޤް ފޯނު ބާއްވަން އުޅުނެވެ.
“ދައްތައެއްނޫން…….މަންމަ.” ރަޝީދާ ހިނިތުންވުމަކާއެކީ ބުނެލިއެވެ. އެ ބުނެވުނު އެއްޗެއް ނަގައިގަނެވުމުން ޝަފަޤަށް ހީލެވުނު ވަގުތު އޭނަގެ މޫނު ރަތްވިއެވެ.
“މަންމަ.” ޝަފަޤަށް ވައި އަޑުން ބުނެލެވުނެވެ. އެތައް އަހަރެއްފަހުން “މަންމަ”ގެ ނަމުން މީހަކަށް މުޚާތަބު ކުރުމުގެ ފުރުޞަތު ލިބުމުން ޝަފަޤްގެ ހިތް ފުރިގެން ބަންޑުންވިއެވެ. އޭނަ އެ ފޯނު ބޭއްވީ ހިތާހިތުން ﷲ އަށް ޙަމްދުކުރާ ޙާލުގައެވެ. އޭނަ ވަގުތުން އޭނަގެ ފޯނުގައި ރަޝީދާގެ ނަންބަރު “މަންމަ”ގެ ގޮތުގައި ސޭވްކުރިއެވެ.
ކައިވެނީގެ ދުވަސް ކައިރިވަމުން ދިޔަ ވަރަކަށް ޝަފަޤަށް އަމާޒުވަމުން ދިޔަ ޒަމީނާގެ ނަޞޭޙަތްތައް ވެސް އިތުރުވަމުން ދިޔައެވެ. ކައިވެނީގެ ފުރަތަމަ ރޭ ކުރަން ވީ ކަންތައްތަކާއި ނުކުރަން ވީ ކަންތައް ދޭތެރެދޭތެރެއިން ކިޔައިދެމުން ދިޔަ ގޮތުން ޝަފަޤް ލަދުން ގޮސް ހަލާކުވާވަރުވިއެވެ. އެއްދުވަހަކު ޝަފަޤް ކާ މޭޒުދޮށުގައި ފެން ތަށްޓެއް ބޯން އިންދާ ބުނެލި ވާހަކައިން އޭނަ ކޮށި އަރައިގެން ކެއްސަން ފެށިއެވެ.
“މަންމާ ތި ވާހަކަތައް ޝަފަޤަށް ކިޔައިދިނުމުގެ ބޭނުމެއްނެތް. ސޯ އަންރޮމޭންޓިކް ޔޫ އާރ! އެއީ ދީނީވީމަ މީހުންނަށް ހަމަ ވާގޮތް.” އެވަގުތު ކާގެއަށް ވަދެގެން އައި ހުދާ ޝަފަޤަށްޓަކައި އެއްވެސް އިޙްތިރާމެއްނެތި ބުނެލިއެވެ.
“ހުދާ މިކަހަލަ ވާހަކަތަކުގެ ތެރެއަށް އަނގަބާނާނެ ކަމެއްނެތް. ދޭ ކޮޓަރިއަށް!” ޒަމީނާ އައި ރުޅީގައި އަންގާލިއެވެ. ހުދާ ފައިންއޭ ކިޔައި ކާގެއިން ނިކުމެގެން ދިޔައެއްކަމަކު ހުދާ ބުނި ވާހަކައާ ދޭތެރޭ ޝަފަޤަށް ވިސްނުނެވެ. ވިސާމްގެ ޚިޔާލުވެސް ހުންނާނީ އެހެންތޯ އޭނަގެ ހިތަށްއެރިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.







Assalam’alaikum. mibai kuruvaane. ekamattakai nihaayathah ma’aafah edhen. budha dhuvahuge bai dhigukolleveytho balaanan In Sha Allah 🙂
yehhh… first ???
🙂 🙂 🙂
hehe varah majaa mi part.. story dhaa goii varah salhi.. can’t wait to know whats gonna happen after their marriage ..
maja tha Shaa? hehe….jana ves mihiry emeehunge marriage ge vaahaka varah liyaa hithun 🙂
Me also feeling like that sha…mi vaahaka kiyaafa Allah mathin handhuma ve ageedha varugadha vey…so it’s great…. Good job…
varah ufaavejje Ana aqeeda varugadha veyey bunyma. mi vaahakain evves kiyuntheriegge hithah badhaleh aiyya e badhaleh annany Allah ge iraadhafulhun. jana akah evves meehegge hithah baareh nufoaruveyne. Hihtha badhalu kuravvany hama ekani e hihthah hehdhevi raskalaange. Alhamdhulillah! (All praise and thanks belong to Allah) 🙂
Masha allah varah reethi n also varah intresting…. 🙂
Alhamdhulillah! (All praise and thanks belong to Allah) 🙂
Oohhhoooo.. varah salhi. Masha allah. Alhamdh lillah mibaives kiyaalevuneema. Janaaaa gandaa.. avahah next part up kohdheeba. Hama next part kiyaa hivvanee.. marriage bai ga vaanee kihineh baaey hithah aranee….
Alhamdhulillah! 🙂 hehe….kudakamana kuree bayah kuri comment fenuney ingey? In Sha Allah mi masakkaiy kurany Hijra ah vure ves mi vaahaka reethi kureveytho 🙂 next part budha dhuvahu kudakamana. dhigukoh genesdheyn beynunvaathy ingey 😉 kehkollavvaa! 😀
???❤
🙂 😀 <3 <3 <3
varah reethi maash allah
jazak allah akhair jana
Alhamdhulillah! 🙂 Barakallah Laki! 😀
FB Post:
I would like to be very clear that Shafaq accepting Wisam’s proposal is not an indication that we could lower our standards when looking for a spouse. We mustn’t marry someone who “could be a better person.” How many people thought the one they are going to marry would become better when they get married but it never happened? So it’s crucial for us to find out more about and more about the person we are going spend the rest of our lives with. Notice how Shafaq did not accept the proposal right away and demanded a change at first. If she had not accepted the proposal even after the change she would have set an example of how repentance with actions is not enough to win the heart of a believing woman who claims to love Allah.
So let’s raise our standards when it comes to this. Because if we do, we could be the reason for someone’s guidance by the Will of Allah. Guidance is the best gift someone could receive. Imagine the love a person would have for you if he or she got that guidance because of some words you said or the actions you showed. There is no doubt that that love is going to be intense, true and eternal. Because love for the sake of Allah builds in this world and continues in the Hereafter!
May Allah grant us the wisdom to choose the right person to spend the rest of our lives with and may Allah make us people who love each other for His sake. Ameen!
MashaAllah. Story Vvvvvv.reethi. visham dhen maa goas meehakah nuhadhahche. Shafaq ah goas side fenunas aanmunge kurimathy agu vetteygoi vejjeyyaa v.hadi vaane. Something Like this happened to Yoonus in hijra story
Masha Allah… Vvvvvvvvvvv lobi stry….
Waiting….
VVVVVV reethi…
Vara maja vana 2 marry kurima…oh
Varah reethi mibaives.. Miadhu nxt part up vaane dhw?? Can’t wait to see how their marriage goes..
Koba next part?? Miadhu up kuranan dhw
vrh reethi mibaives MaShaAllah <3 Hudha ves rangalhu vaane dhw fahun