Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޝެލީން 23

Shine
December 7, 2016
9 Mins Read
86 Views
25 Comments

ޝިޔާޒްމެން ހުޅުމާލެއަށް ބަދަލުވުމުން ސަމީރާ މުޅިން އެކަނިވެ، ގޭތެރެއަށް ފަޅުކަން ވެރިވިއެވެ. އެފަޅުކަމާއި އެކަނިވެރިކަމަށް ކެތްކުރަން ސަމީރާއަށް ނުހަނު އުނދަގޫވިއެވެ. ޝެލީންއާއި ޝިޔާޒް ޝާމިންއާއެކު އުޅޭނެ އުފާވެރިކަން ހިތަށްއަރާ ކޮންމެ ފަހަރަކު އޭނާގެ ހިތުގައި ރޯވެފައިވާ ހަސަދައިގެ ހުޅުގަނޑު ބޮޑުވެގެން ދެއެވެ. އޭނާގެ ދިރިއުޅުން ވީރާނާ ކޮށްލާފައި ޝެލީން އުފަލުގައި އުޅޭ މަންޒަރުބަލަން އޭނާއަކަށް ކެތެއް ނުވާނެއެވެ. މިވީހާތަނަށްވެސް އޭނާބޭނުންވި ކޮންމެ ކަމެއްވަނީ ހާސިލްކޮށްފައެވެ. ވީއިރު އޭނާގެ ދިރިއުޅުން ޝެލީންފަދަ އާދައިގެ ނިކަމެތި އަންހެނެއްގެ ހިޔަނި އެޅިގެން އަނދިރިވިޔަކަ ނުދޭނެއެވެ.

ރޭދެބައިވިއިރުވެސް ސަމީރާގެ ލޮލަކަށް ނިންޖެއް ނައެވެ. ޝެލީން އޭނާގެ ހަޔާތުން ނެރެ އެއްލާލެވޭނެ ގޮތެއް އޮތްތޯ އޭނާ ވިސްނަމުންދިޔައެވެ. ޝިޔާޒްގެ ގާތު ކިތަންމެ އާދޭހެއް ކުރިޔަސް މިއަދު ޝެލީން ދޫކޮށް އޭނާގެ ގާތަށް ނާންނާނެކަން އެނގެއެވެ. ނަމަވެސް ޝާމިންއާ މެދު އޭނާގެ ހިތުގައި އަދިވެސް އުއްމީދު އެބައޮތެއެވެ. ޝެލީންގެ ބަނޑުން އެދަރިފުޅު އުފަންވި ނަމަވެސް މިހުރިހާ ދުވަހު ލޯތްބާއި އަޅާލުންދީގެން ބަލާބޮޑުކުރީ އޭނާއެވެ.

ދަރިއަކަށްޓަކައި މައެއްގެ ހިތުގައި އުފެދޭނެ ހުރިހާ ކުލުނެއް ޝާމިންއަށްޓަކައި އޭނާގެ ހިތުގައި ވެއެވެ. ހަމައެފަދައިން ޝާމިންގެ ހިތުގައިވެސް އޭނާއަށްޓަކައި ކުލުނު ވާނެކަން ޔަޤީނެވެ. ފަނަރަ އަހަރުވާންދެން ދިން ލޯބި އެހާ ފަސޭހައިން ބޭކާރުވެގެން ނުދާނެކަން ސަމީރާ ގަބޫލުކުރެއެވެ. ޝެލީންގެ ސަބަބުން ކުޑަހިނދުކޮޅަކަށް ޝާމިން އޭނާއަކީ މަންމައެއް ނޫނޭ ބުނި ނަމަވެސް އަދިވެސް ޝާމިންގެ ހިތުގައި އޭނާއަށް ދެވުނު ޤަދަރާއި މަޤާމަށް ބަދަލެއް ނާންނާނެކަން ގައިމެވެ. އަދިވެސް އޭނާއަށް ޝާމިންގެ ހިތް އޭނާގެ މައްޗަށް ލަންބުވާލެވިދާނެއެވެ.

ރޭގަނޑުގެ ވަގުތެވެ. ސަމީރާ ޝާމިންއަށް ގުޅީ ޝާމިން ފޯނުނަގާނެ ކަމުގެ ވަރަށް ބޮޑު އުއްމީދާއެކުގައެވެ. ނަމަވެސް އެތައް ފަހަރަކު ގުޅުމުންވެސް ޝާމިން ފޯނެއް ނުނެގިއެވެ. ސަމީރާގެ ގާތަށް ވަރަށް ރުޅިއައެވެ. އަދި އެހާމެ ދެރަވެސް ވިއެވެ. ޝާމިން އެހާ އަވަހަށް އޭނަގެ ހެޔޮކަން ހަނދާން ނައްތާލީތީއެވެ. ދެން ހަދަންވީ ގޮތަކާއިމެދު ވިސްނަމުން ސަމީރާ ދެކޮޅަށް ހިނގަންފެށިއެވެ. އެންމެ ފަހުން އޭނާ ނިންމީ ހުޅުމާލެއަށް ދިއުމަށެވެ. ޝާމިންގެ ކުރިމަތީ ރޮއެ އާދޭސްކޮށްގެންވެސް އޭނާގެ މަޤުސަދު ކާމިޔާބު ކުރާނެއެވެ. ޝެލީންއަށް ޝިޔާޒް ގެންދެވުނަސް ޝާމިން އޭނާއާ ވަކިކުރެވިގެން ނުވާނެއެވެ.

ސަމީރާ އޭނާގެ އަތްދަބަސް އަޅުވާލައިގެން ގެއިން ނުކުތެވެ. މަގުމަތިން ޓެކްސީއެއް ހޯދައިގެން ފެރީޓާރމިނެލްއަށް މިސްރާބުޖެހިއެވެ. ވިއްސަކަށް މިނެޓްގެ ދަތުރަކަށްފަހު ސަމީރާހުރީ ހުޅުމާލޭގައެވެ. ފެރީން ފައިބަމުން ދިޔަ މީހުންގެ ފަހަތުން ސަމީރާވެސް ފޭބިއެވެ. މީހުންތައް ބަހަށް އަރަން ފެށުމުން ސަމީރާ މަޑުކޮށްލީ ޓެކްސީއެއް ލިބޭތޯއެވެ. ނަމަވެސް އެތަނަށް އައި ހުރިހާ ޓެކްސީތަކަށް އިސާހިތަކު މީހުން އަރާ ފުރިއްޖެއެވެ.

ޓެކްސީއެއް ނުލިބުމުން ފައިމަގުގައި ދިއުމަށްޓަކައި އޭނާ ހިނގައިގަތެވެ. ސަމީރާއަކީ ކުޑައިރުއްސުރެވެސް ފައިމަގުގައި ހިނގަން އާދަވެފައިވާ މީހެއް ނޫނެވެ. އެހެންކަމުން އޭނާއަށް އެކަންވީ ނުހަނު އުނދަގޫ ކަމަކަށެވެ. ފެރީޓާރމިނަލުން ފެށިގެން މައިމަގާއި ހަމައަށް ދެވުނުއިރު އޭނާ ވަރުބަލި ވެއްޖެއެވެ. ހިނގަމުން ދަނިކޮށް، މަގުގެ އަނެއްކޮޅުން އޭނާހުރިދިމާއަށް ބިދޭސީ ގުރޫޕެއް އަންނާތީ ފެނުމުން ހިތުގައި ބިރުވެރިކަން އުފެދި މަގުގެ އަނެއް ފަރާތަށް ދިއުމަށްޓަކައި އޭނާ ހިނގައިގަތެވެ. މަގުގެ މެދާހިސާބަށް ނުދެވިއުޅެނިކޮށް ރޭސްޖަހާފައި އައި ދެސައިކަލުން ކުރެ ސައިކަލެއް މަތަނުވެގެން ގޮސް ސަމީރާގެ ގައިގާ ޖެހިފައި ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ.

ސައިކަލުން ޖެހުނުގޮތަށް ވިއްސައިގެން ގޮސް ސަމީރާ ޖެހުނީ މަގުގެ އަނެއް ފަރާތުގައެވެ. ސައިކަލުވެސް ގޮސް އޮތީ ވިއްސަކަށް ފޫޓުދުރުގައެވެ. ސައިކަލުގައި އައި ދެޒުވާނުން  ވަރަށް ހާލުން ތެދުވެގެން ކޮރާޖަހަމުން ގޮސް އެމީހުންގެ ސައިކަލު ނަގައިގެން އަވަހަށް ފިލީއެވެ.  އެސައިކަލުން ޖެހިފައި ވެއްޓުނީ ކާކުތޯވެސް ބަލާކަށް އެމީހުން ބޭނުމެއް ނުވިއެވެ. އޮލަ ވާހަކައެއްގައި ތިބެގެން ދިޔަ ބިދޭސީ ގުރޫޕްވެސް އެއަޑުފަށްގަނޑު އިވިގެން ހުއްޓިގެން ބަލަން ތިއްބެވެ. ސައިކަލުގައި އައި ޒުވާނުންތައް އަޅާނުލާ ދިއުމުން ބިދޭސީ މީހުންގެ ހިތަށް ރަހުމް ވަދެގެން އެތަނުން ދެމީހަކު ސަމީރާގެ ގާތަށް ދިޔައެވެ.

ސަމީރާއަށް ލިބިފައިވާ ޒަޚަމްތަކުން ލޭއަންނަމުން ދިޔުމުގެ ސަބަބުން އޭނާގެ ވަށައިގެން ވަނީ ލޭގެ ކޯރެއް ހެދިފައެވެ.

” ދައްތާ!…ދައްތާ!..” ބިދޭސީންގެ މީހަކު ސަމީރާއަށް ގޮވަން ފެށިއެވެ.

” ޝި…ޝި….ޔާ…ޒް..ޝާ…މިން…” ސަމީރާ ވަރަށް އުނދަގުލުން ވާހަކަދެއްކިއެވެ. ބިދޭސީމީހާއަށް ސަމީރާ ކީ އެއްޗެއް ސާފުވާގޮތެއް ނުވިއެވެ. ހަށިގަނޑުގައި އަޅާވޭނުގެ ސަބަބުން ސަމީރާގެ އަޑުވެސް ނުކުތީ ވަރަށް އުނދަގުލުންނެވެ. މަޑުމަޑުން ސަމީރާގެ ލޮލަށް މަންޒަރު ފުސްވަމުން”  ގޮސް އޭނާ ހޭނެތިއްޖެއެވެ. ކުއްލިއަކަށް އެމަގުން ޓެކްސީއެއް އަންނަން ފެށުމުން އެމީހުން ތެޅިފޮޅުގެންފައި އެޓެކްސީ ހުއްޓުވިއެވެ. އަދި ސަމީރާ ހޮސްޕިޓަލަށް ގެންގޮސްދިނުމަށް އެދުނެވެ. ޓެކްސީ ޑްރައިވަރު ފުރަތަމަ އިންކާރު ކުރިއެވެ. ނަމަވެސް އެމީހުން އޭނާ ދިޔަނުދިނުމުން ސަމީރާ ކާރަށް އެރުވުމަށް އެއްބަސްވިއެވެ. އަދި ވަގުތުން ޕޮލިހުންނަށް ގުޅައި އެކްސިޑެންޓްގެ ޚަބަރުދިނެވެ. ބިދޭސީ ދެމީހުންގެ އެހީގައި ސަމީރާ ޓެކްސީއަށް އެރުވިއެވެ. ނަސީބަކުން އެޑުރައިވަރަކީ ޝިޔާޒްގެ ރައްޓެއްސެކެވެ. ސަމީރާއަކީ ކާކުކަން އެނގުމުން އޭނާ ޝިޔާޒްއަށް ގުޅުމަށް އަވަސްވެގަތެވެ. ޑުރައިވަރު އަވަހަށް ޝިޔާޒްއަށް ގުޅުމަށްފަހު އެއްނޭވާއިން ވެގެން އުޅޭއޮތް ކިޔައިދީފިއެވެ.

” އޭނ!!…ސަމީރާ އެކްސިޑެންޓްވީއޭ؟…” ސިޓިންރޫމު ސޯފާގައި އިނދެފައި ކުއްލިއަކަށް ޝިޔާޒް ފުންމައިގެން ތެދުވިއެވެ. އޭނަގެ ގާތުގައި އިން ޝާމިންވެސް ދިޔައީ ސިއްސައިގެންނެވެ.

” ކިހިނެއްތަވީ ބައްޕާ؟..” ޝާމިން ހާސްވެފައި އަހާލިއެވެ.

” ދަރިފުޅާ!….ސަމީ މަންމަ އެކްސިޑެންޓްވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދާ ވާހަކަ ޒަރީރު ބުނީ….ހަމަ ދެންމެގަޔޯ އެކްސިޑެންޓްވީ….ވަރަށް ސީރިއަސްއޭބުނީ….އެހެންވީމަ މިހެން ތިބެވޭކަށް ނޯންނާނެއްނު….ހިނގާދާން….މަންމަގާތުވެސް ބުނޭ ތައްޔާރުވާށޭ…” ޝިޔާޒް ހާސްވެފައިހުރެ ނިދާކޮޓަރިއަށްވަދެ އޭނާގެ ވޮލެޓް ހިފައިގެން ނުކުތެވެ. ސަމީރާގެ އެކްސިޑެންޓްގެ ޚަބަރު އަޑުއަހާފައި ޝެލީން ވަރަށް ކަންބޮޑުވިއެވެ.

ޝިޔާޒްމެންނަށް ހޮސްޕިޓަލަށް ދެވުނުއިރު ޕޮލިހުންވެސް އައިސް ތިއްބެވެ. ބިދޭސީމީހާއާއި ޑުރައިވަރުގެ ބަޔާން ނަގަމުންދިޔައެވެ. ޑޮކްޓަރއި ވާހަކަ ދައްކައިގެން ޝިޔާޒް ސަމީރާ މާލެ ގެންދިއުމުގެ ކަންތައް ހަމަޖެއްސިއެވެ. ސަމީރާއަށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށް ޑޮކްޓަރ ބުނުއްވިއެވެ. ބައިގަޑިއިރުގެ ތެރޭގައި ސަމީރާ މާލެގެންދެވި އޭ.ޑީ.ކޭ ހޮސްޕިޓަލްގެ އައި ސީ ޔޫގައި އެޑްމިޓް ކުރެވުނެވެ.

” ޕޭޝެންޓްގެ ހާލަތުވަނީ ވަރަށް ނާޒްކް ފައްތަރެއްގަ…..އޭނާގެ އެއްފައިގެ އިތުރުން މޭގެ ކަށިތައްވެސްވަނީ ބިންދައިގެން ގޮސްފަ…..ހަށިގަނޑު ތެރެއަށް މިހާރުވެސް ލޭފައިބަމުންދަނީ……ބިނދުނު ކަށިގަނޑެއް ފުއްޕާމެއަށް ހެރުމުގެ ސަބަބުން ނޭވާލުމުގެ ނިޒާމަށް ގެއްލުންތަކެއް ވެފަވަނީ…އަދި ބޯވެސް ވަރަށްބޮޑަށް ފަޅައިގެން ގޮސްފަވާތީ އިވުމުގެ ހިއްސާ، އަޑުއިވުމުގެ ހިއްސަށްވެސް އުނިކަމެއް އައުން އެކަށީގެންވޭ….އަޅުގަނޑު ލަފާދެނީ ވީއެންމެ އަވަހަކަށް ރާއްޖޭން ބޭރަށް ދިއުމަށް…..ވަރަށް ބޮޑެތި އޮޕަރޭޝަންތަކެއް ކުރެވިގެން ނޫނީ ފުރާނަ ސަލާމަތް ކުރެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް…” ޑޮކްޓަރ ވަރަށް ތަފްސީލުކޮށް ސަމީރާގެ ހާލު ކިޔައިދިނެވެ.

ކުއްލިއަކަށް މިދިމާވި ކަމަކުން ޝިޔާޒް ވަރަށް ހާސްވިއެވެ. ސަމީރާގެ ފުރާނަ ސަލާމަތް ކުރަން އޭނާ ބޭނުމެވެ. ސަމީރާ ބޭރަށް ގެންދިއުމުގެ ކަންތައް އަވަސް ކުރެވޭތޯ ކުރެވެން ހުރި ހުރިހާކަމެއް އޭނާ ކުރިއެވެ. ރޭގަނޑު ހަތަރުދަމު ނުނިދާ ހުރެގެން އެކި މީސްމީހުނަށް ގުޅައިގެން ކަންތައްތައް ހަމަޖެއްސިއެވެ. އޭނާއެކޭ އެއްފަދައިން ޝެލީންއާއި ޝާމިންވެސް އެރޭ ހަތަރުދަމު ހޭދަކުރީ ހޮސްޕިޓަލްގައެވެ.

ޖެހިގެން އައި ދުވަހު އިންޑިއާއަށް ދެވޭގޮތް ވުމުން ޝިޔާޒް ސަމީރާއާއި ޝެލީންވެސް ގޮވައިގެން އިންޑިއާއަށް ފުރިއެވެ. ޝާމިންގެ ޖީސީއީ އޯލެވެލް އިމްތިހާން ގާތްވެފައި ވުމުން އޭނާ މާލޭގައި ބެހެއްޓީއެވެ. ސަމީރާގެ ހާލަތާއި މެދު ޝާމިން އިންތިހާއަށް ދެރަވިއެވެ. ރުޅިއައިސްގެން ސަމީރާ ދޫކޮށް ދިޔަނަމަވެސް އޭނާ ސަމީރާދެކެ ވަރަށް ލޯބިވެއެވެ. އަދިވެސް އުފަން މަންމަ ފަދައިން ޤަދަރުކުރެއެވެ. އެހެންކަމުން އޭނަގެ ލޮލުން ސަމީރާއަށްޓަކައި އެތައް ކަރުނައެއް އޮހޮރުނެވެ.

އެކިވަރުގެ ތަފާތު އޮޕަރޭޝަން ތަކަކަށްފަހު ސަމީރާގެ ފުރާނަ ސަލާމަތް ކުރެވުނެވެ. ނަމަވެސް އޭނާވީ ނުކުޅެދޭ މީހަކަށެވެ. އެއްފައިގެ ކުޑަހުޅުން ތިރީގެ ކަށިތައް މާބޮޑަށް ހަލާކުވުމާއި ގުޅިގެން އެހިސާބުން  ބުރިކޮށްލަން ޖެހުނެވެ. އަދި ވައަތު ލޮލުގެ ބޭނުން ކެނޑި އިވުމުގެ ހިއްސަށްވެސް ކޮންމެވެސް ވަރެއްގެ އަސަރެއް ކުރިއެވެ. މޫނުގެ އެއްފަޅިއަށް ލިބުނު ގެއްލުމުގެ ސަބަބުން އެފަޅީގެ މަސްތައް ހަލާކުވިއެވެ. އެހެންކަމުން މޫނުގެ ސާޖަރީއެއްވެސް ހަދަން ޖެހުނެވެ. މިހުރިހާ ސާޖަރީތަކެއްގެ ސަބަބުން ސަމީރާގެ އެރީތި ސިފަ ގެއްލި މުޅިން އެހެންމީހެކޭ ހީވާ ދަރަޖައަށް ސިފަވެސް ބަދަލުވިއެވެ. ސަމީރާގެ އޮޕަރޭޝަންތައް ކުރެވި، އޭނާގެ ހާލު ރަނގަޅުވާން ފެށުމުން ޝެލީން އެނބުރި މާލެއައެވެ.

7 މަސް ފަސް……

އެތައް ދުވަހެއްގެ ފަރުވާއަށްފަހު މިހާރު ސަމީރާއަށް އެކަނި ތެދުވެ އުޅެވޭ ވަރުވެއެވެ. ބުރިކޮށްލާފައި ފައިގައި މަސްނޫއީ ފައެއް ޖެހުމުން އަމިއްލައަށް ކަންކަން ކޮށް އުޅެވޭ ވަރުވެއެވެ. ނަމަވެސް ކޮންމެ ދުވަހަކު ފިޒިއަތެރަޕީ ހަދައި، ވަކި ޚާއްސަ ތެލަކުން އަދިވެސް ހަށިގަނޑު މަސާޖުކުރެއެވެ. ގައިގާ ވަރުޖެއްސުމާއި ނާރުތައް ފުރިހަމައަށް މަސައްކަތް ކުރުމަށްޓަކައެވެ.

މިވީ ހަތްމަސް ދުވަހުގެ ތެރޭގައި ސަމީރާގެ ސިއްޚަތުގެ އިތުރުން އޭނަގެ މިޒާޖަށްވެސް ހީނުކުރާ ފަދަ ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. މިހާރު އެއީ ކުރީގެ ސަމީރާއެއް ނޫނެވެ. ޝެލީންގެ ދިރިއުޅުން ފަނާކޮށްލަން އަޒުމު ކަނޑައަޅައިގެން ހުޅުމާލެއަށްދިޔަ ސަމީރާއެއް ނޫނެވެ. އޭނާގެ ވިސްނުމާއި އުޅުންވެސް ވަނީ ބަދަލުވެފައެވެ. އެއީ މިހާރު ދީނަށް ލޯބިކުރާ، އަޅުކަންތަކަށް އިސްކަންދޭ މީހެކެވެ. މަރުގެ ތުންފަތްމަތީ އޮވެފައި އަލުން އާހަޔާތެއް ލިބުމުން ސަމީރާއަށް ވަނީ ވިސްނިފައެވެ. ހެވާއި ނުބައި ވަކިވެފައެވެ. ކުރިން އޭނާ ޝެލީންދެކެ ކުރަމުން އައި ނަފްރަތު މިހާރުވަނީ އުޚުތްވަތްތެރިކަމަށް ބަދަލުވެފައެވެ. އެއީ ހަމަ ޝެލީންގެ ކެތްތެރި ކަމާއި އޯގާތެރިކަމުގެ ނަތީޖާއެވެ.

ސަމީރާއަށް އެފަދަ ނިކަމެތި ހާލުޖެހުމުން ޝެލީން ކަރުނަ އަޅާ ރުޔެވެ. ޝިޔާޒްވެސް ސަމީރާ ވަރިނުކޮށް އޭނާގެ އަންބެއްގެ ގޮތުގައި ބޭންދިއެވެ. ސަމީރާއަށްޓަކައި އަލުން އެމީހުން މާލެއަށް ބަދަލުވިއެވެ. ސަމީރާގެ ބާރުއޮތްއިރު ޝެލީންއަށް އޭނާދިނީ އަޅެއްގެ ދަރަޖައެވެ. ނަމަވެސް މިއަދު ޝެލީންއަށް ހުރިހާބާރެއް އޮތްއިރުވެސް އޭނާއާމެދު ކަންތައްކުރީ އެއްބަނޑު އެއްބަފާ އުޚުތަކާއި މެދު ކަންތައް ކުރާފަދަ އުސޫލަކުންނެވެ.

އޭނާގެ އަތެއްފައެއް ހަލުވާނުލެވި ތަންމަތީގައި އޮންނަން ޖެހުނުއިރުވެސް ހުރިހާކަމެއް ބަރާބަރަށް ކޮށްދީހެދިއެވެ. ގަޑިންގަޑިއަށް ބޭސްދީ، އޭނާއަށް ހިތްވަރުދީ ހެދިއެވެ. އޭނާއަށް އެކަނިވެރިކަން އިހުސާސް ވިޔަކަ ނުދެއެވެ. ލޮލުގެ ފެނުން ގެއްލި، ނުހިނގޭ ކޮރުމީހެއްކަން އިހުސާސް ވިޔަކަ ނުދެއެވެ. ޝެލީންއާއި ޝިޔާޒް އެކޭ އެއްފަދައިން ޝާމިންވެސް ސަމީރާއާމެދު ކަންތައް ކުރަނީ އެހާމެ އޯގާތެރިކޮންނެވެ. ސަމީރާގެ ހިތް ބަދަލުވާން ޖެހުނީ މިކަންކަމުންނެވެ. ސަމީރާ ޝެލީންގެ ކިބައިން ރޮއެފައި މާފަށް އެދުނެވެ. ތަޢުބާވެ އިސްލާޙުވިއެވެ.

އޭނާ ނިކަމެތިވެ، ހާލުގައި ޖެހުނު ދުވަހު އޭނާއަށް ބޭނުމެއް ހިފުނީ އުމުރު ދުވަހު އޭނާ ނަފްރަތު ކުރަމުން އައި ޝެލީންގެ ފަރާތުންނެވެ. އަދި ތާއަބަދުގެ އޭނަގެ ޤުލާމެއް ފަދައިން އުޅުނު އޭނާގެ ފިރިމީހާ ޝިޔާޒްފެ ފަރާތުންނެވެ. މިއަދު އޭނާގެ ހިތް އެދެމީހުނާމެދު ޝުކުރުން ފުރެއެވެ. އޭނާގެ މުއްސަނދި ޤަދަރުވެރި ރައްޓެހިންގެ ބޭނުމެއް ނެތެވެ. އޭނާ ދިރިހުރިތޯ ނޫނީ މަރުވީތޯވެސް ބަލާލާނެ އެކުވެރިޔަކު މިހާރަކު ނެތެވެ. ނުކުޅެދޭ މީހަކަށް ވީފަހުންވެސް އޭނާއަށް ހެޔޮ ވިސްނުނީތީ އޭނާ އުފާކުރެއެވެ. ހެއްދެވި ފަރާތަށް ޝުކުރުވެރިވެއެވެ. ސަމީރާ އޭނާގެ ހުރިހާ މުދަލާއި ފައިސާއެއް ޝާމިންގެ ނަމަށް ބަދަލުކުރީ ޝިޔާޒްއާއި ޝެލީންއަށްވެސް އެނގުމަކާއި ނުލައެވެ. އެކަން އެނގުމުން ޝިޔާޒް ހިތްހަމަވެސް ނުޖެހުނެވެ.

” ސަމީ ކީކޭ ހިތައް އަރައިގެން ކުރިކަމެއް އެއީ؟…..ސަމީއަށް ހީވަނީތަ އަހަރެމެން ސަމީ މިބަލަނީ މުދަލާއި ގެދޮރުގެ ބޭނުމުގައޭ…..އަހަރެން ސަމީގެ މުދަލުން އެއްވެސް އެއްޗެއް ބޭނުމެއްނޫނޭ ކުރިންވެސް ބުނިން….” ޝިޔާޒް ނުރުހުންވެފައި ސަމީރާއާ ސުވާލުކުރިއެވެ.

” ޝިޔާޒް!….އަހަރެންނަށް އެނގޭ…ޝިޔާޒް ދުވަހަކުވެސް އަހަރެންގެ މުދަލާހެދި ނޫޅޭކަން…..ޝިޔާޒްބޭނުންނަމަ ތިހުރިހާ އެއްޗެއް ޝިޔާޒްގެ ނަން މައްޗަށް ބަދަލު ކުރެވުނީސްކަން އަހަރެންނަށް އެނގޭ…..އަދި އަހަރެން މިއުޅެނީ ޝެލީންއާ ޝިޔާޒް ކޮށްދިން ކަންތަކަށް އަގުއަދާކުރާކަށްވެސް ނޫން…..އަހަރެން އެއްޗެއް މިދިނީ އަހަރެންގެ ދަރިފުޅަށް….އަހަރެން މިއަދު މަރުވިޔަސް އެހުރިހާ އެއްޗެއް ޝަރުޢީގޮތުން ލިބޭނީވެސް އޭނާއަށް….އަހަރެންގެ ދުރުތާ ތިމާގެ މީހަކުވެސް އުޅޭކަމެއް އަހަރެންނަށް އެނގިފައެއް ނެތް….ފަހަރެއްގާ ރާއްޖޭގެ ކޮންމެވެސް ހިސާބަކު އުޅުނަސް، އަހަރެން މަރުވުމަށްފަހު އެއިން މީހަކު އައިސް އަހަރެންގެ މުދަލާމެދު ދަޢުވާކުރާކަށް އަހަރެންނޭދެން…..އެއީ ހަމައެކަނި އަހަރެންގެ ދަރިފުޅު ޝާމިންގެ ހައްޤެއް…އެހެންވެ އަހަރެން އެގޮތަށް ކަންތައްކުރީ…..އަހަރެންގެ ހިތަށް ވަރަށްބޮޑު ހަމަޖެހުމެއް ލިބިއްޖެ މިހާރު…..ދެން ފުރިހަމަ ހަމަޖެހުމެއް ލިބޭނީ ޝެލީންއާ ޝިޔާޒްގެ ކައިވެނި ކުރެވުނު ދުވަހަކުން…..ޝިޔާޒް ބޭނުމިއްޔާ ދެއަންބަށް ކުރިޔަސް….ނޫނީ އަހަރެން ވަރިކޮށްފަ ކުރިޔަސް އަހަރެންގެ އެއްވެސް މައްސަލައެއް ނެތް….އަހަރެންގެ ހިތްހަމަ ހެޔޮ….އެހެންނޫނަސް އަހަރެންމީ މިހާރު ކޮންބޭނުމެއް ހިފޭނެމީހެއް…” ސަމީރާގެ އެންމެ ފަހު ޖުމްލައިން ޝިޔާޒް ދެރަވިއެވެ.

” ތިހެން ނުބުނޭ ސަމީ….ސަމީއާ ނުލައެއް މިއާއިލާ ފުރިހަމައެއް ނުވާނެ….އަހަރެން ދުވަހަކުވެސް ސަމީ ވަރިކުރާކަށް ނެތިން….ސަމީއަށް ހެޔޮވިސްނުނީތީ އަހަރެން ވަރަށް އުފާކުރަން…..ހިތަށްއަރާ މިއަދު ބޭބެ ދުނިޔޭގަހުރި ނަމައޭ…..އޭރުން އަހަރެން ބޭބެގާތު ބުނާނަން ސަމީތީ ބޭބެގެ ދަރިއަކަށްވީތީ އަހަރެން ފަޚުރުވެރިވަމޭ…” ޝިޔާޒް ސަމީރާގެ އަތްނަގައި އެއަތުގައި ބޮސްދިނެވެ. އެވަގުތު ސަމީރާގެ ލޮލުން އޮހިގަތީ އުފާވެރިކަމުގެ ކަރުނައެވެ.

*****

މިއަދަކީ ޝެލީންގެ ޙަޔާތަށް އައި އެންމެ އުފާވެރި ދުވަހޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޝިޔާޒްވެސް ހުރީ އެހާމެ އުފާވެފައެވެ. ދެމީހުންގެ ކައިވެނި ކުރެވޭތީއެވެ. ލޯގަނޑުކުރިމަތީގައި ހުރެގެން ތައްޔާރުވަމުން ދިޔައިރު ޝެލީންގެ އަތްފައި ފިނިވަމުން ދިޔައެވެ. މިއަދު އޭނާގެ އަލަތުކައިވެނި ކުރެވެނީއެވެ. މިއަދު އޭނާ އިންތިހާއަށް އުފާވިނަމަވެސް ހިތުގެ އެއްކަނެއްގައި ރިހުމެއްވެސް ވެއެވެ. އޭނަގެ ބައްޕަގެ ހަނދާންތައް އާވުމުން ހިތުގައި ހިނގާލި ރިހުމެކެވެ. މިއަދު ބައްޕަ ދުނިޔޭގައި ހުރިނަމައޭ އޭނާގެ ހިތަށްއެރިއެވެ. ބައްޕަ ނެތްތާނގައި އޭނާގެ ބޮޑުބޭބެވެސް މިއަދު ދުނިޔެއަކު ނެތެވެ. ވަލީދޭނެ މީހަކު ނެތުމުން ވަލީދިނީ ޤާޟީއެވެ.

” އަނބިގަބޫލު ކޮށްފިން” ޝިޔާޒްގެ އެބަސްކޮޅާއެކު އުފާވެރި ރާގެއް ޝެލީންގެ ހިތުގައި ކުޅެލިއެވެ. އެންމެފަހުން އޭނަވެސް މީހެއްގެ އަންބަކަށްވީއެވެ.

ކައިވެނިކޮށްގެން ޝިޔާޒްމެން ދެމަފިރިން ގެޔަށް އައިއިރު ގޭތެރެވަނީ ގޯތިތެރެއާއެކު ޒިނަތްތެރިކޮށްލާފައެވެ. މިއީ ޝާމިންގެ ކަމެއްކަން ވަގުތުން އެމީހުނަށް އެނގުނެވެ. ގޭތެރެއަށް ވަންނަން އޮތްމަގުގައި މަލުގެ ފިޔަތަކަކުން މަރުޚަބާގެ ބަސްތައް ދިވެހިންނާއި އިނގިރޭސިން ލިޔެފައިވެއެވެ. ޝާމިންއާއި ސަމީރާއާ ދެމީހުން އެމީހުނަށް މަރުޚަބާ ކިޔުމަށްޓަކައި ދޮރުމަތީގައި މާބޮނޑިއެއް ހިފައިގެން ތިއްބެވެ.

” ކޮންގްރާ..މޮމް އެންޑް ޑޭޑް…..އައި އެމް ސޯހެޕީ….ވިޝްޔޫ އަ ހެޕީ މެރީޑް ލައިފް…” ޝާމިން އޭނާގެ މަންމައާއި ބައްޕަގެ ގެގައިގާ ބައްދާލަމުން އުފާވެފައި މަރުޚަބާ ކިއެވެ.

” މަރުޚަބާ…ޝިޔާޒް…ޝެލީން…ތިދެމީހުންގެ ކައިވެނީގައި ބަރަކާތްލައްވާށި…ޝާމިންފަދަ އެތައް ދަރިންނެއް ދެއްވާންދޭ…” ސަމީރާ އޭނާގެ ކުރީގެ މަޖާގޮތްގަނޑުގައި ބުނެލިއިރު އޭނާގެ ލޮލުގައި ކަރުނައިގެ އަސަރުވެއެވެ. މިއަދު އޭނާގެ ލޮލުން އެފޭދުނީ އުފާވެރިކަމުގެ ކަރުނައެވެ. މިއަދު އެހިތުގައި އެދެމީހުންގެ މައްޗަށް އެއްވެސް ބުރަކަމެއް ނެތެވެ. މިއަދު ޝެލީންގެ މޫނުމަތިން އެފެނުނު އުފާވެރިކަމުން އޭނަގެ ހިތަށް އުފާވެރިކަން ގެނެސްދީފިއެވެ. އޭނާއަށް އިހުސާސް ކުރެވެނީ އަމިއްލަ ކޮއްކޮގެ ކައިވެނި ކުރެވުނު ކަމުގައެވެ.

” ވަރަށް ހާސްވެފަތަ ތިހުރީ؟…” ޝެލީން ކޮޓަރިއަށްވަދެ ފުންނޭވާއެއް ދޫކޮށްލުމުން ސަމީރާ އަހާލިއެވެ.

” ހޫމް….ކުޑަކޮށް…” ޝެލީން ޖަވާބުދިނެވެ.

” ހޫމް…ހޫމް..މިރެޔާމެދު ވިސްނިފަ މާބޮޑަށް އެކްސްޒައިޓްވަނީދޯ…” ހީލާފައި ސަމީރާ ބުނެލިގޮތުން ޝެލީން ލަދުގަތެވެ.

” އަދިވެސް ހާދަ ލަދުގަނެއޭދޯ….ތިހާލަދުން އުޅެގެން ކިހިނެއްކަމެއްވާނީ…..މިރޭނިކަން ޝިޔާޒް މޮޔަކޮށްލަބަލަ!…ދުވަހަކުވެސް ހިތްނުކެނޑޭވަރަށް….އޯހް!….ސޮރީ ހަނދާންނެތުނީ….ޝިޔާޒް ހުރީ ކުރިންސުރެ މޮޔަވެފަދޯ…” ސަމީރާ މަޖާވެފައި ބުނިނަމަވެސް ޝެލީން މިފަހަރު ކަންބޮޑުވާ ގޮތްވިއެވެ. އަނެއްކާ ސަމީރާ އެކައިވެނީގެ ސަބަބުން ދެރަނުވާނެބާއޭ ހިތަށްއެރިއެވެ.

” ސަމީ….އަހަރެން ވާހަކައެއް އަހާލަންތަ؟…..ސަމީ މިކައިވެންޏާމެދު ހަމަ އަސްލުވެސް އުފާވޭތަ؟….ނޫނީ މިކައިވެނީގެ ސަބަބުން ސަމީގެ ހިތަށް އަނިޔާއެއް ދެވުނީތަ؟…” ސަމީރާގެ ގާތަށް ޖެހިލާފައި ޝެލީން ސީރިއަސްކަމާއެކު އަހާލިއެވެ.

” ޝެލީން!…އަހަރެން ހަމަ ހަޤީޤަތުގަވެސް މިހިރީ ވަރަށް އުފަލުން…..އަހަރެންނަށް މިހާރުކުރެވޭ އިހުސާސް ޝެލީންއަކަށް ނުވެސް  ވިސްނޭނެ….މިހުރިހާ ދުވަހު ޝިޔާޒްއާ ޝާމިން ގެއްލިދާނެތީ އަހަރެން ހުންނަނީ އަބަދުވެސް ހިތް ނުތަނަވަސްވެ ބިރުގަނެފަ…..އެކަމު މިހާރު އަހަރެންނަށް ޔަޤީން ވެއްޖެ ޝިޔާޒްއާ ޝާމިންވެސް ދުވަހަކުވެސް އަހަރެން ދޫކޮށްފަ ނުދާނެކަން….އެދެމީހުން އަބަދުވެސް އަހަރެންދެކެ ލޯބިވާކަން….އަދި މިހާރު އެންމެ އުފާވަނީ ޝެލީންއަށް ދެވުނު އަނިޔާގެ ބަދަލުގަ ޝެލީން އަހަރެންނަށް މާފުކުރީތީ އަދި ޝެލީންއަށް އުފާވެރި ހަޔާތެއް ލިބުނީމަ…..ހަޤީޤަތުގަ އެދުވަހު އަހަރެން އެކްސިޑެންޓް ވެގެން މަރުވިނަމަ އަހަރެން ވީހީ ކިހާ ނުބައިމީހަކަށް….ނަސީބެއްނު ތަޢުބާވާނެ ފުރުސަތެއް އަހަރެންނަށް ލިބުނުކަން….މަރުގެ ރަހަލީފަހުން މިއިހުސާސްވީ ދިރިއުޅުމަކީ ކޮބައިކަން…..ހަޤީޤީ އުފަލާ ހިތްހަމަ ޖެހުމަކީ ކޮބައިކަން….ދުނިޔޭގެ ދަޅަތަކަށް ހެއްލިގެން އަހަރެންހުރީ ގެއްލި ހަލާކުވެފަ…އެހެން ހުއްޓާ އަހަރެންނަށް އިސްލާހުވާން ލިބުނު ފުރުސަތެއްމީ…..ޝެލީންއާ މެދު ނަފްރަތާއި ހަސަދަވެރިކަން ހިތުގަލައިގެން މިހުރިހާ ދުވަހު އުޅުނީމަ އަހަރެންނަށް ލިބުނު އުފަލަކީ ކޮބާ؟….ޝިޔާޒްގެ ފަރާތުން ކިތަންމެ އެހީތެރިކަމެއް އޭރުލިބުނަސް އޭނާގެ ހިތުގަ އަހަރެންނާމެދު އޭރުއޮތީ ފޫހިކަން….އެކަމު މިހާރު އޭނަ އަހަރެންނަށް ކިހާ އޯގާތެރި، ކިހާ ރަނގަޅު…ޝެލީންއާއި ކައިވެނި ކުރުމުގެ ކުރިން އަހަރެން ޝިޔާޒްގާތު އެދުނިން ބޭނުމިއްޔާ އަހަރެން ވަރިކުރަން….އެކަމު އޭނާ އަހަރެން ވަރިކުރާކަށް ބޭނުމެއްނުވި….” ސަމީރާ ހިނދުކޮޅަކަށް އޭނާގެ ވާހަކަ މެދުކަނޑާލުމަށްފަހު ޝެލީންގެ މޫނަށް ބަލާލިއެވެ. އަދި ޝެލީންގެ އަތުގައި ހިފާލަމުން އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

“ޝެލީން!..ދެން އިތުރަށް ތިފަދަ އެއްޗެއް ހިތަށްވެސް ނާރުވާތި….އަހަރެންގެ ހިތުގާ ހަސަދައެއް ހިނގާނީ ތިހީކުރާ ކަހަލަ އިހުސާސެއް އަހަރެންނަށް ވާނަމައެއްނު… މިހާރު ފިރިޔަކު އަހަރެންނަކަށް މުހިއްމެއްނޫން….މުހިއްމީ އެހީތެރިވާނެ އޯގާތެރި އާއިލާއެއް….އެފަދަ އާއިލާއެއް މިއޮތީ ލިބިފަ….ދެން ކޯއްޗެއް އިތުރަށް އަހަރެން ބޭނުންވާނީ؟.. ހަޤީޤަތުގަ މިއަދު ތިދެމީހުންގެ ހުރަހަކަށްވެގެން ހުންނާކަށްވެސް އަހަރެން ބޭނުމެއްނޫން….އެކަމު ތިދެމީހުން މިހާރުވެސް ތިކަންބޮޑުވަނީ އަހަރެންނާމެދު….އަހަރެންނަކީ ނުކުޅެދޭމީހެއް ކަމުގާ ބަލާތީތަ ތިހެން ތިވަނީ؟….މިހާރަކު ނޫން އަހަރެން ނުކުޅެދޭމީހަކަށްވީކީ….މީގެ ސަތާރަ އަހަރުކުރިން އަހަރެންވަނީ ބޭނުން ނުހިފޭ ނުކުޅެދޭމީހަކަށްވެފަ….ޚުދު އަހަރެންގެ ނުބައިކަމުން އަހަރެން އެފަދަމީހަކަށްވީ….އޭރުވެސް ޝިޔާޒް ކިހާކެތްކުރި…..ދެން އިތުރަށް ޝިޔާޒްއަށް ތަކުލީފު ޖައްސާކަށް އަހަރެން ބޭނުމެއްނޫން..” ސަމީރާގެ އަޑުގައިވަނީ ސާބިތުކަމެވެ.

ޝެލީން އިނީ އިތުރަށް ދައްކާނެ ވާހަކައެއް ނޭނގިފައެވެ. ދުވަހަކުވެސް ސަމީރާ މިފަދަމީހަކަށް ބަދަލުވެދާނެއެކޭ އޭނަހިއެއް ނުކުރެއެވެ. ނަމަވެސް ހާލަތު ބަދަލުވުމާއެކު އިންސާނާއަށްވެސް ބަދަލުވާން މަޖުބޫރުވެދެއެވެ. މިއަދު ސަމީރާ ހިތްހަމަޖެހުމާއި އުފާހޯދަނީ އެހެންމީހުންނަށް ހިތްހަމަޖެހުން ދީގެންނެވެ. އަޅުކަމުގައި މަޝްޢޫލުވެ އުޅެން ފެށުމުން ރޫޙަށް ހަމަޖެހުން ލިބެއެވެ. އެހެންކަމުން އެހިތުގައި ޝަކުވާއެއް އުފެދޭނެ ޖާގައެއްވެސް މިހާރަކު ނެތެވެ.

ރޭގަނޑުގެ ވަގުތެވެ. ޝެލީންއާއި ޝިޔާޒް ތިބީ ބީހައިވް ނަލަހިޔާ ހޮޓެލްގެ ކޮޓަރިއެއްގައެވެ. ޝިޔާޒް އެނދުގައި އޮށޯވެލައިގެން އޮތީ ޝެލީންގެ އިންތިޒާރުގައެވެ. ޝެލީން ފާޚާނާއަށް ވަތްގޮތަށް އެތާހުންނަތާ ކިތަންމެ އިރެކެވެ. އޭނާހުރީ ނިދާހެދުން ލައިގެން ފާޚާނާއިން ނުކުންނަން ނުކެރިފައެވެ. ޝިޔާޒްގެ ކުރިމައްޗަށްދާން ޖެހިލުންވަނީ މާވަރަކަށެވެ. އެއީ މިހާރު އޭނާގެ ފިރިމީހާކަން އެނގޭއިރުވެސް ފާޑަކަށް ބިރުގަންނަނީއެވެ.

” ޝެލީން!….ނިނުދީތަ؟…” ދޮރުގައި ޓަކިޖަހާލަމުން ޝިޔާޒް ގޮވާލިއަޑަށް ޝެލީން ދިޔައީ ސިއްސައިގެންނެވެ. އޭނާ ޖެހިލުންވެހުރެ މަޑުމަޑުން ދޮރުހުޅުވާލިއެވެ. ގަދަ ފިޔާތޮށިކުލައިގެ ތުނި ލޭސްފޮތީގެ ހެދުމެއްގައި ޝެލީން ފެނުމުން އާޝޯޚުވެފައި ޝިޔާޒްއަށް ހުރެވުނީ އެސްފިޔަޖަހާލަންވެސް ހަނދާންނެތިފައެވެ. ޝިޔާޒްގެ ނަޒަރުސީދާވުމުން ގަތްލަދުން ބޭއިޚުތިޔާރުގައި ޝެލީންއަށް އިސްޖަހާލެވުނެވެ.

” ވާއު!…ބިއުޓިފުލް” ޝިޔާޒްގެ އަނގައިން އެޖުމްލަ ބޭރުވީވެސް އިޚުތިޔާރަކާއި ނުލައެވެ. ޝެލީން އޭނާގެ އަތުގައި އޮތް ހެދުމާއި ކުޅެލަ ކުޅެލާހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. ހުސްގަޔާހުރި ޝިޔާޒް އެހާގާތުގައި ހުރުމުން އޭނާގެ ހިތްއަވަސްވަނީއެވެ. ޝިޔާޒްގެ ހަށިގަނޑުންދުވި ހިތްގައިމް ސެންޓްގެ ވަސް އޭނާގެ ހިއްސުތަކާއި ކުޅެލައިފިއެވެ.

” އުޅޭ ނިދަން..” އިރުކޮޅަކު ޝެލީންއަށް ބަލަން ހުރެފައި ކުއްލިއަކަށް ޝިޔާޒް ބުންޏެވެ. ޝިޔާޒް ބުނި އެއްޗަކުން ހައިރާންވެފައި ޝެލީން އިސްއުފުލައިލިއެވެ. ޝެލީން ސުވާލުގެ ނަޒަރަކުން ބަލަން ހުއްޓައި ޝިޔާޒް ގޮސް އެނދުގައި އޮށޯވެ ރަޖާއަޅައިފިއެވެ. އެހުރިގޮތަށް ފާޚާނަ ދޮރުމަތީ ޝެލީން އިރުކޮޅަކު ހުރުމަށްފަހު، ލަސް ފިޔަވޅުތަކެއްގައި އެނދާއި ދިމާއަށް ހިނގައިގަތެވެ. ޝިޔާޒްއަށް ބަލަންހުރެ އެނދުގައި އިށީންއިރު ޝެލީންގެ ހިތަށް ތަފާތު ޚިޔާލުތައް ވެރިވަމުންދިޔައެވެ. އިސާހިތަކު އޭނާގެ ލޯވެސް ފެންކަޅި ވެއްޖެއެވެ. މިރެއަށްޓަކައި އޭނާ ކިހާފޮނި އުއްމީދުތަކެއް ކުރިހެއްޔެވެ؟ މިރޭގެ ހަނދާންތައް އުމުރަށްވެސް ދެމިގެންދާހައި އުފާވެރި ރެއަކަށް ހަދަން އޭނާ ބޭނުންވިއެވެ. ނަމަވެސް ޝިޔާޒްއަށް މިރޭ ޚާއްސަ ރެއަކަށް ނުވީބާއެވެ؟ ޝިޔާޒް އޭނާދެކެ ލޯބިވާއިރު މިރޭ އެގޮތަށް ކަންތައް ކުރީ ކީއްވެގެން ހެއްޔެވެ؟

ޝިޔާޒްއަށް ފުރަގަސްދެމުން ޝެލީންވެސް އެނދުގެ އަނެއް ފަރާތުގައި އޮށޯތެވެ. ބާލީހުގައި ބައްދާލަމުން ޝެލީން ދެލޯމަރާލި ވަގުތު އެސްފިޔަތަކުން ފޫދިގެން ކަރުނަތައް ކޯތާފަތްމައްޗަށް އޮހިގެންފިއެވެ. ރޯން ބޭނުން ނުވިނަމަވެސް އޭނާއަށް ރޮވެނީއެވެ. ލޯމަރައިގެން އޮތްނަމަވެސް ޝިޔާޒް އޮތީ ނިދާފައެއް ނޫނެވެ. އޭނާ ބޭނުންވީ ޝެލީން ތަޅުވާލާށެވެ. ޝެލީން އޮށޯތްކަން އެނގުމުން ޝިޔާޒް މަޑުމަޑުން ޝެލީންއާ ވީފަރާތަށް އެނބުރުނެވެ. ސިއްރު ސިއްރުން ޝެލީންއާ ގާތްވިއެވެ. ޝެލީންގެ ކޯތާފަތަށް ހޫނުނޭވާތަކެއް އެޅެންފެނުމުން މަޑުމަޑުން ޝެލީން ލޯހުޅުވާލިއެވެ. ކުއްލިއަކަށް ޝިޔާޒްގެ މޫނު އެހާގާތުން ފެނުމުން ޝެލީން ސިހުނެވެ. ކަރުނައިން ފުރިފައިވާ ޝެލީންގެ ދެލޯފެނުމުން ޝިޔާޒް ކަންބޮޑުވެފައި ޝެލީން ގެނެސް މެޔާލައި ބޮނޑިކޮށްލިއެވެ.

” ބޭބީ!…މިހާ އަވަހަށް ރޯންފެށީތަ؟….އަހަރެން ކުޑަކޮށް ސަމާސާކޮށްލީމަވެސް ރޯންފެށީ ވިއްޔަ…އަދިވެސް ހަމަ ބޭބީކަން ނުކެނޑެނީދޯ..” ޝެލީންގެ ލޮލުން ވެއްޓެން ތައްޔާރުވެފައިން ކަރުނަތިއްކެއް އިނގިލިކުރިން ފުހެލަމުން ޝިޔާޒް ހީލިއެވެ. ޝެލީން ކުޑަކުއްޖަކު ފަދައިން ތުންއޫކޮށްލިއެވެ.

” އަހަރެންނާމެދު ވަރަށް ގޯސްކޮށްދޯ ތިވިސްނީ…..ހީކުރީތަ ޝެލީން އެކަނިކޮށްލާފަ އަހަރެން ނިދާފާނެއޭ…..މިއީ އަހަރެންގެ ހަޔާތަށް މިހާތަނަށް އައި އެންމެ އުފާވިރޭ…..މިރޭގެ އުފާ ހާސިލްނުކޮށް އަހަރެން ކިހިނެއް ނިދާނީ…..އަހަރެން އެހާ “އަންރޮމޭންޓިކް”  ވާނެކަމަށްތަ ހީކުރީ…..އަހަރެންވެސް އަދިއެހާ މުސްކުޅިއެއް ނުވެޔޭ…” ޝެލީންއާއި ހަތަރުކަޅި ހަމަކޮށްލަމުން ލާނެއްގޮތަކަށް ޝިޔާޒް ހީލިއެވެ. ޝިޔާޒް އެބުނި އެއްޗެއްގެ މާނަ ވިސްނުމުން ޝެލީންގެ މޫނަށް ރަތްކުލަވެރިވެގެން ދިޔައެވެ. ޝިޔާޒްގެ އަތުތެރޭގައި ކުރިއަށްވުރެވެސް ބޮޑަށް ޝެލީން ބޮނޑިވެލިއެވެ.

ޝިޔާޒްގެ އަތުތެރޭގައި އުމުރަށްވެސް އެގޮތަށް އޮތުމަށް އޭނާގެ ހިތް އެދުނެވެ. ޝިޔާޒްގެ ކޮންމެ ބީހިލުމަކާއި އެކު މަޑުމަޑުން އޭނާގެ ހަށިގަނޑު އަމިއްލަ ބާރުން ނެއްޓެމުން ދިޔައެވެ. ލޯބީގެ ފޮނިމީރުކަން އޭނާއަށް އިހުސާސް މިވީ އަދި ކިރިޔާއެވެ. އެއީ ކިހާފޮނި ޖަޒުބާތެއްކަން މީގެކުރިން އޭނާއަށް އެނގިފައެއް ނުވެއެވެ. ލޯބިވާމީހެއްގެ ހިމާޔަތާއި ރައްކާތެރިކަމުގައި ވުމަކީ ހިތަށް ކިހާބޮޑު ހަމަޖެހުމެއް ގެނުވައި ކަމެއްކަންވެސް އޭނާ އިހުސާސް ވެއްޖެއެވެ. ދެން ދުވަހަކުވެސް މިއުފާވެރިކަމާ ދުރަށްދާކަށް އޭނާބޭނުމެއް ނޫނެވެ. ޝިޔާޒްއަކީ އޭނާ ހުވަފެނުންވެސް ނުދެކޭހައި ފުރިހަމަ ފިރިއެކެވެ. ޝިޔާޒްގެ ހިތަށްވެސް މިރޭ ލިބިފައިވަނީ ބަޔާން ނުކުރެވޭފަދަ އުފާވެރިކަމެކެވެ. އެތައް އަހަރުތަކަށް ފަހުވެސް އަލަތުލޯބި މިލްކުވީތީއެވެ. ދެން ދުވަހަކުވެސް އެލޯބި ބީވިޔަކަ އޭނާ ނުދޭނެއެވެ. ކިތަންމެ ކުޑަނަމަވެސް ހިތްދަތިކަމެއް ޝެލީންގެ ހިތަކަށް ނުދޭނެއެވެ. ހިތާހިތުން އޭނާ އެކަމަށް އަހުދުކަށަވަރުވިއެވެ.

37
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Shine

ވާހަކަ ލިޔާހިތްވާ އަދި ކޮމެންޓްސް ކިޔާހިތްވާ މީހަކީމެވެ.

Other Articles

Previous

އެ ލޯބި އަސްލު ހައްޤޭ (7 ވަނަ ބައި)

Next

ފުން ލޯބި (2)

Next
December 7, 2016

ފުން ލޯބި (2)

Previews
December 7, 2016

އެ ލޯބި އަސްލު ހައްޤޭ (7 ވަނަ ބައި)

25 Comments

  1. Shine says:
    December 7, 2016 at 1:47 pm

    shelyn ves nimenee…heekuran hurihaa kudhin nah mivaahakaves kamudhaane kamah…

  2. Asasa says:
    December 7, 2016 at 1:50 pm

    I am the first varah reethi

  3. Herrr says:
    December 7, 2016 at 2:07 pm

    Oh.. varah reethi.. enme fahun sameera ah ves visnuneethaa.. shine kon irakun tha moya hiy magey ge fahu bai up kurany

    1. Shine says:
      December 7, 2016 at 2:13 pm

      dhoonya upkohfeemey…page two balaabala..

  4. pinker says:
    December 7, 2016 at 2:14 pm

    Moya hiy magey nimijje….heekury shelyn ge ves fahu bai kamah miee….

    1. Shine says:
      December 7, 2016 at 2:20 pm

      nooney adhi nunimey…dhen ekam onnaanee last episode

  5. Aim Sithu says:
    December 7, 2016 at 2:18 pm

    Anekka mi vaahaka ves nimunutha

  6. xaf says:
    December 7, 2016 at 2:20 pm

    hama varah salhi
    shine ge ney hadi eh bunaane nunee kiyan foohivaakahala stry ehvex…
    luv u shine….

  7. liyoona says:
    December 7, 2016 at 2:24 pm

    dhen othy kon vaahakaehtha shine

    1. Shine says:
      December 7, 2016 at 2:25 pm

      kuhveri loabi

  8. Anonymous says:
    December 7, 2016 at 2:45 pm

    =konmes kuhjeh=
    Shine…ge vaahaka thah varah habeys??

  9. Some one says:
    December 7, 2016 at 2:46 pm

    Alhugandah page 2 eh nufenun

  10. Some one says:
    December 7, 2016 at 2:50 pm

    Alhe kommes kujjeh bunedhybala

    1. Shine says:
      December 7, 2016 at 2:51 pm

      furathama page scroll kuramun thiriyah dhiyaeema fennaane 1 2 3 4 egothah number thakeh jahaafa huttaa…ethanun 2 ah click kohlaa. eyrun page 2 hulhuveyne

  11. Some one says:
    December 7, 2016 at 2:53 pm

    Kobaa furathama page

    1. Shine says:
      December 7, 2016 at 2:55 pm

      esfiya site ah vannairu e vadhevenee furathama page ah..

  12. maiha says:
    December 7, 2016 at 3:45 pm

    wooooooooow….v v interesting…shine varah molhu..dhn kon vaahaka eh liyaany?☺

  13. Mode says:
    December 7, 2016 at 3:51 pm

    Shine loabi dhoonee…… will u marry me? ????

  14. Adhu ? says:
    December 7, 2016 at 4:35 pm

    Varah reethi mi part ves nd the whole story.. waitin for the next part nd ofcourse “kuhveri loabi” too.. ???

  15. maree says:
    December 7, 2016 at 5:12 pm

    v reethi shine dhen nimeneedho

  16. mas says:
    December 7, 2016 at 5:34 pm

    Shine shaine ge vaahaka than varah reethiee moyahin magey ves varah reethi adhi shylee vaahahaves varah reethi…
    Moyahin Magee nimifai othiee eyhen vaahaka New storey eh nugen nahtha

  17. Sami says:
    December 7, 2016 at 6:04 pm

    shine. mirey aneh part upkohlaanan dhoo

  18. ?mixoo says:
    December 7, 2016 at 8:54 pm

    varah reethi☺

  19. Anonymous says:
    December 7, 2016 at 9:28 pm

    Mi site fa shine haaa more lhu kujjaku neh , vvv reethi hurihaa vahaka e ves ?

  20. naai says:
    December 31, 2016 at 11:08 am

    Wow

Comments are closed.

All Right Reserved!