Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޝެލީން 21

Shine
December 6, 2016
11 Mins Read
88 Views
27 Comments

ދޮރުކައިރީ ހުރި ސްކުރީން އަށް ބަލާލުމާއެކީ ފެނުނު މީހެއްގެ ސަބަބުން ހައިރާންވެފައި ޝެލީންއަށް ބަލަން ހުރެވުނީއެވެ.ދެވަނަ ފަހަރަށް ސިސްޓަމުން އެލާރމް އެޅުމާއެކު ޝެލީން ސިހުނެވެ.

” ސާރާ!” ހައިރާންވެފައި ޝެލީންއަށް މަޑުމަޑުން ކިޔާލެވުނެވެ. ނަމަވެސް ސާރާ އެގެއަށް އަންނަންވީ ކީއްކުރަން ބާއެވެ؟ މިއީ އަނެއްކާ އޭނާއަށް ހީވި ގޮތެއްބާއެވެ. ނޫނީ ހަޤީޤަތުގައިވެސް ސާރާއާ އަލަމް އެގެއަށް އައީބާއެވެ؟ އެކަމަކު އެމީހުން އެގެއަށް އަންނަންވީވެސް ކީއްވެގެން ހެއްޔެވެ؟ މިހާރު އައުމުގެ އޮތީވެސް ކޮންބޭނުމެއް ހެއްޔެވެ؟

ޝެލީން ވިސްނަން ހުއްޓާ ތިންވަނަ ފަހަރަށްވެސް އެލާރމް އަޅާލިއެވެ. ޝެލީން މަޑުމަޑުން ދޮރުހުޅުވާފައި ބޭރުބަލާލީ ސްކުރީންއިން ފެނުނުމީހާ ހަޤީޤަތުގައިވެސް ދޮރުމަތީގައި ހުރެދާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތިއެވެ. ނަމަވެސް ދޮރުހުޅުވާލި އިރުވެސް އޭނާ ދޮރުމަތީ އެބަހުއްޓެވެ. ޝެލީންގެ ހައިރާންކަން އިތުރުވީ ސާރާއާއެކު ޝިޔާޒްވެސް ހުއްޓާ ފެނުމުންނެވެ. ސާރާ ގޮވައިގެން އެއައީ ޝިޔާޒް ބާއޭވެސް ހިތަށް އެރިއެވެ.

” ޝެލީން!…މީ ކާކުކަން އެނގޭތަ؟…މީ ސާރާ…ޝެލީންއާ ބައްދަލުކުރަން އައިސް އެހުރީ….އަހަރެންނާ މަގުމަތިން ދިމާވެގެން އާދޭސްކުރީމަ އަހަރެން އޭނާ ގޮވައިގެން މިއައީ…..” ޝިޔާޒް އޮޅުން ފިލުވައިދިނެވެ.

” ޝެލީ!…އަހަރެން މިއައީ ޝެލީއާ ބައްދަލުކޮށްލަން….އަހަރެން ބުނަންޖެހޭ ވަރަށް މުހިއްމު ވާހަކައެއް އެބައޮތް…..އަހަރެންނަށް އެތެރެއަށް ވަދެވިދާނެތަ؟….އެއީ ވަރަށް މުހިއްމު ވާހަކައެއް…” ސާރާ އާދޭސްކުރާ ކަހަލަ ގޮތަކަށް ބުންޏެވެ.

” މުހިއްމު ވާހަކައެކޭ؟….ސާރާ އަހަރެންގާތު ބުނަންޖެހޭ އެއްވެސް މުހިއްމު ވާހަކައެއް ނޯންނާނެ….ދޭމިތަނުން…..ދޭހަމަ މިހާރު!…” ޝެލީން ރުޅިއައިސްގެން މޫނު އަނބުރާލާފައި ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

” ޝެލީން މަޑުކޮށްބަލަ!…އޭނަ އެދައްކާ ވާހަކައެއްވެސް އަޑުއެހީމައެއްނު އެނގޭނީ އެއީ ކިހާވަރެއްގެ މުހިއްމު ވާހަކައެއްކަންވެސް….އޭނަ މަގުމަތިން ދިމާވެގެން ހާދަ އާދޭހެއް ކޮށްގެންނޭ މިގެނައީ….އޭނާ ބުނީ ޝެލީން ހޯދަން އުޅޭތާ މިހާރު ފަސްއަހަރު ވެއްޖެއޭ….ޝެލީންއާ ކޮންމެހެންވެސް ބައްދަލުކުރަން ބޭނުމޭ…..އަލަމްއާ ބެހޭ ވާހަކައެއްހެން ހީވަނީ” ޝެލީން އަތުގައި ހިފާ ހުއްޓުވަމުން ޝެލީންއަށް ވިސްނަދޭން ޝިޔާޒް މަސައްކަތް ކުރިއެވެ. ޝެލީން ހައިރާންވީ ނަމަވެސް ދޮރުމަތީގައިހުރި ސާރާއަށް ބަލާލީ ފޫހިކަމާއެކުގައެވެ. އަނެއްކާ އަލަމް ސާރާއަށްވެސް ލަނޑެއްދީފައި ދިޔައީބާއޭ ހިތައްއެރިއެވެ. ސާރާގެ މޫނުމަތިން ފެންނަން ހުރިހިތާމަވެރިކަމުން އެކަހަލަ ކޮންމެވެސް ކަމެއްވީކަން ޝެލީންއަށް އެނގުނެވެ. ސާރާ އެކަނި އަންނަން ޖެހުމުގައިވެސް ސަބަބެއް އޮންނާނެތާއެވެ. ނުރުހުންވެފައި ހުރެގެން ޝެލީން ގޮސް ސޯފާގައި އިށީނުމުން ޝިޔާޒް ސާރާއަށް ގޮވާ އެތެރެއަށް ވެއްދިއެވެ. ޝެލީން ރުޅިއައިސްފައި ހުރުމުން ސާރާހުރީ ކޮންމެވެސް ވަރަކަށް ޖެހިލުންވެފައެވެ.

ޝެލީންއާ ކުރިމަތިވާގޮތަށް ސާރާ އިށީނުމުން ނުރުހުމެގެ ނަޒަރަކުން ސާރާއަށް ޝެލީން ބަލާލިއެވެ. މުޅި ހަޔާތުގައިވެސް ދެވަނަ ފަހަރަށް މިސޫރަ ދެކެން ޖެހިދާނެކަމަށް ޝެލީން ހީކޮށްފައެއް ނުވެއެވެ. ދުވަހަކު ދެކޭކަށް ބޭނުމެއްވެސް ނޫނެވެ. ނަމަވެސް އަނެއްކާވެސް ސާރާގެ ހިޔަނި އޭނާގެ ހަޔާތަށް އެޅުނީ ހެއްޔެވެ؟ ހިތާމަތަކަކަށްފަހު އުފާވެރިކަމެއް ލިބުމާއެކު މިއަންހެނާގެ ސޫރަދެކެން މިޖެހުނީ ކީއްވެގެން ހެއްޔެވެ؟

ސާރާ އަދިވެސް ހާދަރީއްޗެވެ. ދުވަސްވުމުން ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ހަށިގަނޑަށް އައިސްފައިވީ ނަމަވެސް އެރީތިކަމަށް އެއްވެސް ފަނޑުކަމެއް ނާދެއެވެ. އެކަމަކު ސާރާގެ އެރީތިކަންދެކެވެސް އަލަމް ހަމަ ފޫހިވީ ހެއްޔެވެ؟ ހަޤީޤަތުގައިވެސް ސާރާ ދޫކޮށްލާފައި ދިޔައީ ހެއްޔެވެ؟ އެބުނާ ހަޤީޤީ ލޯބިވެސް ނެތިދިޔައީ ހެއްޔެވެ؟ އަނެއްކާ އިތުރު މީހަކު ދެކެ ލޯބިވެވުނީ ނޫންކަމެއްވެސް ނޭނގެއެވެ.

” ޝެލީ!…….އެންމެ ފުރަތަމަވެސް އަހަރެން ޝެލީގެ ކިބައިން މާފަށްއެދެން…..މިހުރިހާ ދުވަހު މިކަން ސިއްރުކޮށްފަ ބޭއްވުނީތީ…..އެކަމަކު މިއީ އަހަރެން ބޭނުންވި ގޮތެއްނޫން….އަލަމް ބޭނުންވިގޮތް…. އަހަރެންނަށް އެނގޭ ޝެލީ ތިހުރީ އަހަރެންދެކެ ވަރަށް ރުޅިއައިސްފަކަންވެސް….އެއީ ޝެލީއަށް ހަޤީޤަތް ނޭނގޭތީކަންވެސް އަހަރެންނަށް އެނގޭ..” ސާރާ މަޑުމައިތިރިކަމާއެކު ވާހަކަ ދެއްކިއެވެ.

” ކޮންކަމެއް؟….އަދިވެސް އަހަރެންނަށް ނޭނގޭ ސިއްރުތަކެއް އަލަމްގެ އޮތީތަ؟….އެކަމު ދެން އިތުރަށް އަލަމްއާ ބެހޭގޮތުން އެނގޭކަށްވެސް ބޭނުމެއްނޫން….އަލަމްގެ މަތިން އަހަރެން ހަނދާން ނައްތާލިތާ ކިތަންމެ ދުވަހެއް…..ދެން ކީއްކުރަން އަނެއްކާ އަލަމްގެ ވާހަކަ އަހަރެންގެ ގާތުދައްކަން ތިއައީ…..އޭރު ސާރާއަށް ނޭނގޭ ހަޤީޤަތެއް މިހާރު އެނގުނީތަ؟….އަލަމްގެ ހަޤީޤީ ސިފަ ފެނުނީދޯ؟….އެހެން މީހަކަށް ދެރައެއްދީފަ އުމުރު ދުވަހު އުފަލުގަ އުޅެވޭނެކަމަށް ސާރާ ހީކުރީ….” ޝެލީން ރުޅިއައިސްގެން ސާރާއާ ދިމާއަށް އެއްޗެހި ކިޔަންފެށިއެވެ. ސާރާ ހިމޭންކަމާއެކު އަޑުއަހަން އިނެވެ.

” މިހާރު އަލަމް ސާރާ ދޫކޮށްލާފަ ދިޔައީމަ ވިސްނިގެން އެވާހަކަ ބުނަންތަ ތިއައީ؟….ނޫނީ އަހަރެންގެ ކިބައިން މާފަށް އެދެންތަ ތިއައީ؟….”

” ޝެލީ! އަލަމް މަރުވެއްޖެ!” ކުއްލިއަކަށް ސާރާ ބުނެލި ޖުމްލައިން ޝެލީން ބަސްހުއްޓުނެވެ. އިރުކޮޅަކު ސާރާގެ މޫނަށް ބަލަން ހުއްޓެވެ.

” އަނެއްކާވެސް އަނެއް ޑްރާމާ ކުޅެލީކީ ނޫންތަ؟….އެހެން އަންހެނެއް ފެނުނީމަ ސާރާއަށް މަރުގެ ޚަބަރުދީފަ ފިލީދޯ…..އަލަމްއަށް މަރަކީވެސް ކުޅިވަރެއްތަ؟….ސާރާ ތިހުރީ އަލަމް ބުނީތީ އެވާހަކަ ގަބޫލުކޮށްލައިގެންދޯ…..ސާރާއަށްވެސް ތިވީ އަހަރެންނަށް ވީވަރެއްނު….މިހާރު އިހުސާސްވޭދޯ އެދުވަހު އަހަރެންވާނެ ދެރަ….ތިމާލޯބިވާ މީހަކު ބީވެގެންދާއިރު ހިތުގަ އަޅާވޭން މިހާރު އިހުސާސް ކުރެވޭތަ؟…” ޝެލީންގެ އަޑުގައިވަނީ ރުޅިވެރިކަމާއި މަލާމާތުގެ އަސަރެވެ. މިއަދު އޭނާ ބޭނުންވަނީ ސާރާއަށްޓަކައި އެހިތުގައި ރޯވެފައިވާ ނަފްރަތުގެ އަލިފާންތައް ބޭރުކޮށް، އެހިތަށް ލުއިކަމެއް ދޭށެވެ. ކިތަންމެ ހިތްވަރުކޮށްފައި ހުރި ނަމަވެސް ސާރާ ފެނުމުން އަލަމްގެ ހަނދާން އަނެއްކާވެސް އާވެއްޖެއެވެ.

” ނޫން ޝެލީ…..ޝެލީ ތިހީކުރަނީ މުޅީން ރަނގަޅަކަށްނޫން….މީގެ ފަސްއަހަރުކުރިން އަލަމް މަރުވީ އަހަރެންގެ ކުރިމަތީގަ…އަދި ޝެލީ ތިހީކުރާ ކަހަލަ އެއްވެސް ގުޅުމެއް އަހަރެންނާ އަލަމްއާދެމެދަކުނެތް….ޝެލީ ސިންގަޕޫރަށް ދިޔަދުވަހު އަލަމް ދެއްކީ އޭނާ ހަދައިގެން ދެއްކި ދޮގު ވާހަކަތަކެއް…..އަހަރެންދަރިއަކީވެސް އަލަމްގެ ދަރިއެއްނޫން….އެއީ އަހަރެންނާ އަހަރެންގެ ފިރިމީހާ ޑޭވިޑްގެ ދަރިއެއް….އަހަރެމެން ދެމަފިރިންނަކީ އަލަމްއާ ރިރޯޓުން ދިމާވި ދެޓުއަރިސްޓުން…..ހަމައެކަނި އެކުވެރިކަން ފިޔަވައި އިތުރު އެއްވެސް ގުޅުމެއް އަލަމްއާ އަހަރެންގެ ދެމެދުގަ ނެތް…އަލަމް ރާއްޖެދޫކޮށް ދިޔައީ ހަމަ ޝެލީއަށްޓަކާ….އޭނައަށް އެގޮތަށް ކަންތައްކުރަން މަޖުބޫރުވީ….ފަސްއަހަރުވާންދެން އަލަމް އަހަރެމެންނާއެކު ހޭދަކުރީ ވަރަށްވެސް އެކަނިވެރި ދިރިއުޅުމެއް….ޝެލީ ނޫން ދެވަނަ މީހަކުދެކެ އަލަމް ލޯތްބެއްނުވޭ….ގަބޫލުކުރޭ!…ޝެލީއަށް ނޭނގޭ ވަރަށްބޮޑު ހަޤީޤަތެއްވޭ….އަލަމް މަރުވުމުގެކުރިން އޭނާވަނީ އަހަރެންނާ ބައެއްތަކެތި ހަވާލުކޮށްފަ، އަހަރެންގާތުބުނީ އޭނާ މަރުވީމަ ކޮންމެވެސް ގޮތަކުން ޝެލީއާ އެތަކެތި ހަވާލުކޮށްދޭށޭ…..އަލަމް މަރުވީމަ އަހަރެން ރާއްޖެއައިން ޝެލީ ހޯދަން….އަލަމްދިން އެޑްރެހަށް އެތައް ފަހަރަކު ދިޔައިން….އެއިމާރާތުގަ ޝެލީ ދަންނަ އެކަކުވެސް ނޫޅޭ….ދެން އަހަރެން ހަނިމާދޫއަށްވެސް ދިޔައިން…އެރަށުމީހުންބުނީ ޝެލީ އުޅެނީ މާލެގަ ކަމުގަ….އެއްވެސް މީހަކަށް ޝެލީއާ ގުޅޭނެގޮތެއްވެސް ނޭނގުނު….އަލަމްގެ މަންމަމެންނާވެސް އަހަރެން ބައްދަލުކުރިން…..އެކަމު އަލަމްގެ ވަސިއްޔަތް ހަނދާންވުމުން އަހަރެން އެމީހުނަށްވެސް ހަޤީޤަތް ސިއްރުކުރީ….އެތައް ދުވަހެއްގެ މަސައްކަތަށްފަހު މިއަދު އިއްތިފާގުން ޝިޔާޒްއާ ދިމާވީ މަގުމަތިން …..ޝެލީ!…މީގަ ހުންނާނެ އަލަމްގެ މުހިއްމު ބައެއް އެއްޗެހި….އަލަމްގެ ޑައިރީވެސް….އަލަމްބުނި ޝެލީ އެކިޔައިފިނަމަ ހަޤީޤަތް އެނގޭނެއޭ…އަދި އޭނާއަށް މާފްވެސް ކުރާނެއޭ….އަލަމް ވަރަށް ލޯބިވޭ ޝެލީދެކެ….އެންމެ ފަހުވަގުތާ ޖެހެންދެންވެސް އަލަމް ޝެލީއާއި އޭނާގެ މައިންބަފައިން މަތިން ހަނދާންކުރި…” ސާރާގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލިއެވެ. އަދި އޭނާގެ އަތުގައިވާ ކުޑަވަރެއްގެ ދަބަހެއް ޝެލީންއަށް ދިއްކޮށްލިއެވެ. ހައިރާންކަމުން ފުރިގެންވީ ނަޒަރަކުން ސާރާގެ މޫނަށްބަލަން އިނދެ ޝެލީން އެދަބަހުގައި ހިފިއެވެ. ސާރާ އެދެއްކި ވާހަކަތަކުން އޭނާގެ ހިތުގައި އެތަކެއް ސުވާލު އެއްފަހަރާ އުފެދިއްޖެއެވެ. އަލަމް އެވަރުގެ ބޮޑުއޮޅުވާލުމެއް އޮޅުވާލަން ޖެހުނު ސަބަބަކާމެދުއެވެ.

” އަލަމް މަރުވިފަހުން ކޮންމެ ޗުއްޓީއެއްގަ އަހަރެންނާ ޑޭވިޑް ރާއްޖެ އައިސް ޝެލީ ހޯދަން މަސައްކަތްކުރިން….މިފަހަރު ޑޭވިޑްއަށް ގިނަދުވަހު މަޑުކުރެވެން ނެތިގެން ދިޔައީ….އަހަރެން ހިތައްއެރި، މިފަހަރު ކިތަންމެ ދުވަހަކު ރާއްޖޭގަ ހުރެގެންވެސް ޝެލީ ހޯދާނަމޭ…އެކަމަކު އެންމެފަހުން މާޔޫސްވެގެން ފުރަންދާން ދަނިކޮށް ޝިޔާޒްއާ ދިމާވީ….އަހަރެން ވަރަށް އާދޭސްކޮށްގެން އޭނާ އަހަރެން ޝެލީއާ ހަމައަށް ގެނައީ…. ޝެލީ!…އަހަރެންނަށް ގިނައިރު މަޑުކުރެވޭކަށް ނެތް…ދެގަޑިއިރު ފަހުން އަހަރެންގެ ފުލައިޓް ފުރާނެ…އަހަރެން ވަރަށް އުފާވެއްޖެ ޝެލީއާ ބައްދަލުވީމަ….ދެންދަނީ…އިތުރަށް އަލަމްއާބެހޭގޮތުން އޮޅުންފިލުވަން ބޭނުން ވެއްޖެނަމަ އަހަރެންނާ ގުޅާ….މީއަހަރެންގެ ކާޑް…” ސާރާ އޭނާގެ ދަބަހުން ކުޑަކާޑެއް ނަގާދިއްކޮށްލަމުން ބުންޏެވެ. ޝެލީން އަދިވެސް އިނީ ބަހެއްބުނަންވެސް ނޭނގި ސާރާގެ މޫނަށް ބަލާށެވެ.

” ދަނީ ޝިޔާޒް…ވަރަށްބޮޑަށް ޝުކުރިއްޔާ..ޝެލީއާ ބައްދަލުކޮށްދިނީތީ…” ޝިޔާޒްއާ ސަލާމްކޮށްލަމުން ސާރާ ހިނިތުންވެލިއެވެ.

ސާރާ ދިއުމުން ޝެލީން ވިސްނުމެއްގައިހުރެ، އެއްކަލަ ދަބަސްހިފައިގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ޝިޔާޒްވެސް ޝެލީންގެ ފަހަތުންދާން ހިތަށްއަރާފައިވެސް މަޑުކޮށްލީ ޝެލީންއަށް ވަގުތުކޮޅެއް ދޭންބޭނުންވާތީއެވެ. ހިތްއަވަސްވެފައިހުރެ ޝެލީން އެދަބަސް ހުޅުވާލިއެވެ. އޭގައި އޮތީ އަލަމްގެ އަތުކުރިގަޑިއާއި ފޯނާއި އަދިވެސް އަލަމް ބޭނުންކޮށްފައިވާ ބައެއް އިލެކްޓްރޯނިކް ސާމާނެވެ. އަދި ލަކުޑިން ހަދާފައިވާ ކުޑަފޮއްޓަކާއި ޑައިރީއެވެ. ޝެލީން އެކުޑަފޮށި ހުޅުވާލިއެވެ. އޭގައި އޮތީ އަލަމްގެ އުފަންދުވަހު ޝެލީންދިން ބިއްލޫރިހިތެވެ. އެފެނިފައި ވަގުތުން ޝެލީންގެ ލޮލުން ކަރުނަ ހިލުނެވެ. ޝެލީން ކަރުނަފުހެލުމަށްފަހު އަލަމްގެ ޑައިރީނެގިއެވެ. ތެޅިތެޅި އޮތްހިތަކާއެކު ޝެލީން އެޑައިރީ ހުޅުވާލިއެވެ.

*******

މިއަދަކީ އަހަރެންގެ ހަޔާތަށް އައި އެންމެ ހިތާމަވެރި ދުވަހެވެ. އަހަރެން އެއަންހެން ކުއްޖެއްދެކެ ހިތާއި ފުރާނައިން ލޯބިވީ އެމައުސޫމު ކުއްޖާގެ ހިތުގައި ޖައްސާ ރޮއްވާލީ ޚުދު އަހަރެންނެވެ. މިއަދު ޝެލީ އަހަރެންގެ ކުރިމަތީހުރެގެން ގިސްލާރޮމުންދިޔައިރު މިހިތަށް ހާދަ އަސަރެއް ކުރިއެވެ. ނަމަވެސް ހިލަހިތެއްގެ ވެރިއަކަށްވެގެން އަހަރެން ހުރީމެވެ. އަހަރެންގެ ދުލުން ނުކުތް ވިޔާނުދާ ބޭއަދަބީ ބަސްތަކުން އެފަކީރުގެ ހިތްކުދި ކުދި ކޮށްލީމެވެ. އެހިތުގައި އަހަރެންނަށްޓަކާ އުފެދިފައިވާ ލޯބި ނެތިކޮށްލީމެވެ. ހަމަ ޔަޤީނުންވެސް މިހާރު އެހިތުގައި އަހަރެންނަށްޓަކާ ވިންދެއް ނުޖަހާނެއެވެ. ނަމަވެސް އެހިތް ކުދިކުދި ކޮށްލާފައި މިހިތަކަށް ކެތެއްވެސް ނުވިއެވެ. އެހެންކަމުން ގަލަމުދެލިން ކަރުދާސްގަނޑެއްގައި މިހިތުގެ ހާލު ހިއްސާކޮށްލަން މަޖުބޫރުވީއެވެ. ނުރޯން ކިތަންމެ މަސައްކަތެއް ކުރިޔަސް މިލޮލުން އޮހޮރޭ ކަރުނައަކަށްވެސް ހުއްޓުމެއް ނައެވެ.

އަހަރެންނަކީ ކުރިން މިފަދަ މީހެއް ހެއްޔެވެ؟ އަހަރެންނަކީ އަލަމްއެވެ. އުފާވެރިކަމަށް ލޯބިކުރާ މަޖާ މީހެއްގެ ގޮތުގައި އެންމެންވެސް ސިފަކުރާ ޒުވާނެކެވެ. ރަށުގައި ހިތްވަރުގަދަކާއި ކެރުމުގައި ދެވަނައެއްނުވާފަދަ ޒުވާނެކެވެ. އާއިލާއާއި ރައްޓެހިން ފަޚުރުވެރިވާ ޒުވާނެކެވެ. ނަމަވެސް މިއަދު ކަރުނައަޅާ މިރޮނީ ހިތްވަރުއެލި، އަމިއްލަ ނަފްސުގެ ނިކަމެތިކަމާއި ބަލިކަށިކަމުންނެވެ. ތަޤުދީރު އަހަރެންގެ ތަދުބީރާއި ދެކޮޅުވެރި ވުމުންނެވެ. އެތަޤުދީރުގެ ކުރިމަތީގައި އިންސާނުންގެ އާރެއްބާރެއް ނެތްކަން އެނގި ޔަޤީންވުމުންނެވެ.

ޝެލީއާއެކު އަހަރެން އުޅުނީ ކިހާއުފަލުގައި ހެއްޔެވެ؟ ދެމީހުން އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވެއެވެ. އުފާވެރި މުސްތަޤުބަލަކަށް ދެމީހުންވެސް ހުވެފެން ދެކުނީމެވެ. ޝެލީ ކިޔަވާނިމޭނެ ދުވަހެއްގެ އިންތިޒާރުގައި އަހަރެން ހުރީ އުފަލުންނެވެ. ދެމީހުންގެ މެދުގައި އެއްވެސް ދެބަސްވުމެއް ނެތެވެ. ނަމަވެސް ޝެލީ ރިޒޯޓަށް އައި ހިސާބުން ހުރިހާކަމެއް ބަދަލުވިއެވެ. އަހަރެން އުޅެންޖެހުނުލެއް ބުރަކަމުން ޝެލީއަށް އެކަށީގެންވާވަރަށް ވަގުތެއް ނުދެވުނެވެ. އެކަމާ އަހަރެން ދެރަވިއެވެ. ޝެލީ ރިޒޯޓުން އެނބުރި މާލެދިޔައިރުހުރީ އަހަރެންދެކެ އިންތިހާއަށް ރުޅިއައިސްފައެވެ. އަހަރެންނާ ދިމާއަށް އެހާވަރަށް އެއްޗެހިކީ ސަބަބެއްވެސް އަހަރެންނަކަށް ނޭނގެއެވެ. އަހަރެންގެ ގަޑިފެނިގެން ޝެލީ އެހާރުޅިއަންނަން ޖެހުނު ސަބަބެއް ވިސްނާ ވިސްނާވެސް ނޭނގުނެވެ. އަދި އެގަޑި ޝެލީއަށް ލިބެންޖެހުނު ގޮތެއްވެސް ނޭނގުނެވެ.

އެދުވަހަށްފަހު ޝެލީއާ ގުޅަން އަހަރެން ވަރަށް މަސައްކަތްކުރީމެވެ. ޝެލީއުޅޭ ގެޔަށް ގުޅުމުން އެގޭ ދައްތަދިނީ ވަރުގަދަ އިންޒާރެކެވެ. އޭގެފަހުން އެނަމްބަރަކަށް ނުވެސް ގުޅުނެވެ. ވާނުވާނޭނގޭ އޮޅުންގަނޑެއްގެ ތެރޭގައި ދުވަސްތަކެއްވާންދެން އަހަރެން އުޅުނުފަހުން، އަހަރެންގެ މަންމަގެ ފަރާތުން އަހަރެންނަށް އެނގުނީ ޝެލީ ލަންކާއަށް ދިޔަކަމެވެ. އިތުރަށް ކިޔަވަން ކަމަށް ބުންޏެވެ. އަހަރެން ވަރަށްދެރަވިއެވެ. ޝެލީއާ ބައްދަލު ނުވީތިއެވެ. ނަމަވެސް ޝެލީ އަހަރެންދެކެ ރުޅިއައިސްގެން ގިނަ ދުވަހު ނުހުންނާނެކަން އަހަރެންނަށް އެނގެއެވެ. އެހެންވެ ހިތްހަމަ ޖައްސާލައިގެން ހުރީއެވެ.

ޝެލީ ލަންކާއަށް ދިޔަތާ ހަމަސްފަހުން ރިޒޯޓްގެ ފަރާތުން މުއައްޒަފުން ތަމްރީނުކުރުމަށް ކޯހެއްގައި ލަންކާއަށް ދިއުމަށް އަހަރެންނަށްވެސް ފުރުސަތު ލިބުނެވެ. އަހަރެން އުފަލުން އެފުރުސަތުގެ ބޭނުންހިފީ ހަމަ އެންމެ ބޭނުމެއްގައެވެ. އެއީ ޝެލީއާ ބައްދަލުކުރުމެވެ. ޝިޔާޒް ލަންކާއަށް ނުދާކަން އެނގޭތީ ޝިޔާޒްއާ ބައްދަލުކުރަން އަހަރެން މާލެދިޔައީ، ލަންކާގައި ޝެލީއުޅޭ އެޑްރެހެއް ހޯދުމަށެވެ. ނޫންނަމަ ފޯނު ނަމްބަރުވެސް ލިބިދާނެކަމުގެ އުއްމީދުގައެވެ. ނަމަވެސް އެތައް ފަހަރަކު މަސައްކަތް ކުރުމުންވެސް ޝިޔާޒްއާ ބައްދަލުވާގޮތެއް ނުވިއެވެ. އެގެއަށްދާ ކޮންމެ ފަހަރަކުވެސް ގެހުންނަނީ ތަޅުލާފައެވެ.

އެންމެފަހުން ލަންކާއަށް ދިޔައީމެވެ. ކޮންމެވެސް ގޮތަކުން ޝެލީއާ ބައްދަލުވާނެކަމުގައި އުއްމީދުކޮށްގެން ހުރެއެވެ. ލަންކާގައި މަސްދުވަސް ހޭދަކުރިފަހުން ޑެންގޫ ހެމޮރއެޖިކް ހުން ޖެހިގެން އަހަރެން ވަރަށްބޮޑަށް ބަލިވިއެވެ. ހާލުދެރަވެގެން ހޮސްޕިޓަލްގައި އެނދުމަތިކުރަން ޖެހުނެވެ. ހަށިގަނޑުން މާބޮޑަށް ލޭމަދުވެގެން ލޭވެސް އަޅަން ޖެހުނެވެ. ބަލިން ރަނގަޅުވެގެން އަހަރެން ހޮސްޕިޓަލުން ދޫކޮށްލި ދުވަހު، ހޮސްޕިޓަލް ދޮރުމަތިން ސަމީރާ އަންހެން ކުއްޖަކާއެކު ޓެކްސީއަކަށް އަރަނިކޮށް އަހަރެންނަށް ފެނުނެވެ. ޝެލީގެ އިސްތަށިގަނޑުފަދަ ފަންދިގު އިސްތަށިގަނޑެއް އެއަންހެން ކުއްޖާގެ އޮތުމުން އެއީ ޝެލީކަމުގައި އަހަރެންނަށް ހީވިއެވެ. ނަމަވެސް ރަނގަޅަށް މޫނު ނުފެނުމުން ޔަޤީނެއް ނުވިއެވެ. އަދި އޭނާއަކީ މާބަނޑު އަންހެން ކުއްޖަކަށްވާތީ އެއީ ޝެލީނޫން ކަމުގައި ޔަޤީން ކުރީމެވެ. ސަމީރާ ފެނުމުން ޝެލީއާ ބައްދަލުވާނެ ކަމުގެ އުއްމީދު ހިތުގައި އާލާވިއެވެ. އަހަރެން ސަމީރާއަށް ގޮވަމުން ދުއްވައިގަތީމެވެ. ނަމަވެސް ހަށިގަނޑުގައި ވަރުނެތުމުގެ ސަބަބުން ތަންކޮޅަކަށް ދެވުނުތަނާ މޫނުމައްޗަށް އަނދިރިވެގެން ވެއްޓުނީއެވެ.

އެދުވަހަށްފަހު އެހޮސްޕިޓަލަށް އަހަރެން ވަރަށް ގިނައިން ދިޔައީމެވެ. އެމީހުން ދެވަނަ ފަހަރަށްވެސް އަތުވެދާނެ ކަމުގައި ހީކޮށްފައެވެ. ނަމަވެސް އަހަރެންގެ ކޯސްނިމިގެން މާލެއަންނަން ވިއިރުވެސް ޝެލީއެއް ނުފެނުނެވެ.

އެނބުރި ރިޒޯޓަށް އައިތާ ދުވަސްކޮޅެއްފަހުން ރިޒޯޓްގެ ފަރާތުން ތެލެސީމިޔާ ކުދިންނަށް ލޭދިނުމުގެ ޕްރޮގްރާމެއް ހިންގުނެވެ. އަހަރެންވެސް ލޭދިނުމަށް ދިޔައީމެވެ. ނަމަވެސް އަހަރެންގެ ލޭޓެސްޓް ކުރެވުމާއެކު ލިބުނު ޚަބަރުން ޝޮކެއް ލިބުނެވެ. ގަބޫލުކުރަން ދަތިވިއެވެ. އަހަރެންގެ ލޭގައި އެޗް އައި ވީ ވައިރަސް ހުރިކަން އެނގުމުންނެވެ. އެއީ ކުށެއްކަމުގައި ބަލައި އެތައް ފަހަރަކު ޓެސްޓް ކުރެވުމުންވެސް ނުކުތީ ހަމަ އެއް ނަތީޖާއެކެވެ. ޑޮކްޓަރ އަހަރެންނަށް އެކަން ކަށަވަރުކޮށްދިން ވަގުތުން އަހަރެންނަށް ހީވީ ކާއިނާތުގެ ހިނގުންވެސް ހިނދުކޮޅަކަށް ހުއްޓުހެންނެވެ. ބުނާނެ އެއްޗެއް ނޭނގި ގަނޑުވެފައި އިނދެވުނެވެ.

ޑޮކްޓަރ އަހަރެންނަށް ނަސޭހަތްދީ ހިތްވަރުދެމުން ގެން ދިޔައިރުވެސް އަހަރެން ވިސްނަމުން ދިޔައީ އަހަރެންނަށް އެއިޑްސް ޖެހުނު ގޮތަކާމެދުގައެވެ. އެނުބައި ބަލިޖެހޭފަދަ އެއްވެސް ގޮތަކަށް އަހަރެން ނޫޅެން ކަމުގައި ބުނެ އިންކާރުކުރަމުން ދިޔައީމެވެ. އެންމެފަހުން ލަންކާއިން އަހަރެންގެ ގަޔަށް ލޭއެޅި ހަނދާންވުމުން، ވީގޮތް ވިސްނި އަހަރެންނަށް ވަގުތުން ރޮވުނެވެ. ޑޮކްޓަރގެ ކުރިމަތީ އިނދެ ކުޑަކުއްޖަކު ފަދައިން އަހަރެން ރުއީމެވެ. ފުރާވަރަށް އެޅުނުފަހުން މީހެއްގެ ކުރިމަތީ ރުއިހަނދާނެއް އެނޫނީ އަހަރެން ނުވެއެވެ. ނަމަވެސް އެދުވަހު އަހަރެން ވަރުބަލިވާންދެން ރުއީމެވެ. މަރުގެ ބިރުވެރިކަން ކުރިމަތިން ފެނުމުން ނުގުޑާނެ ހިތެއް ނުވާނެކަން ކަށަވަރެވެ. އަހަރެންނަށްވެސް ވީ އެހެންނެވެ. އެންމެ ފުރަތަމަވެސް ވިސްނާލެވުނީ މަންމައާއި ބައްޕައާއި ޝެލީންއަށް ވާނެގޮތަކާއި މެދުގައެވެ.

އަހަރެންނަށް އެއިޑްސް ޖެހެން މެދުވެރިވި ސަބަބު ކިޔައިދިނުމުން ޑޮކްޓަރ ވަރަށް ދެރަވިއެވެ. ވަރަށް ހިތްވަރުދީ ނަސޭހަތްވެސް ދިނެވެ. އާދައިގެ އިންސާނެއް ފަދައިން ކިތަންމެ ދުވަހެއް ވާންދެން އަދިވެސް ދުނިޔޭގައި އުޅެވިދާނެ ކަމުގައިވެސް ބުންޏެވެ. މާބޮޑަށް ވިސްނާ ފިކުރު ނުކުރުމަށް ބުންޏެވެ. އަދި އުޅެންވީ ގޮތްތައްވެސް ކިޔައިދިނެވެ. ނަމަވެސް ކިތަންމެ ހިތަވަރުކުރިއަސް އެހެން އިންސާނުން ފަދައިން އަހަރެން އުޅޭނީ ކިހިނެއް ހެއްޔެވެ؟ މަރުނުވެ ވިހި،ތިރީސް އަހަރުވާންދެން ދިރިހުރި ނަމަވެސް ޝެލީއާ ނުލައި އަހަރެންގެ ހަޔާތުގައި އެއްވެސް ދިރުމެއް ނުވާނެކަން އަހަރެންނަށް ޔަޤީންވެއެވެ. ވީއިރު އަހަރެންނަށް ފިކުރުނުކޮށް ހުރެވޭނެ ހެއްޔެވެ؟

ނުވެސް ވިސްނާހުއްޓައި މިދިމާވި މުސީބާތުން އަހަރެންގެ ހިތްވަރު އެލުނެވެ. ދިރިއުޅުންމަތިން ފޫހިވެ ނާއުއްމީދުވިއެވެ. އުފާވެރިކަން ގެއްލިގެން ގޮސް ވީރާނާކަން ހަޔާތަށް ވެރިވިއެވެ. މީހުނާ ކުރިމަތިލާ ހިތެއްނުވެއެވެ. އެއްވެސް ކުށެއްނެތި އަހަރެންނަށް އެހެން ދިމާވުމުން ތަޤުދީރާއިމެދު ނުރުހުން ވެވުނެވެ. ޝަކުވާކުރެވުނެވެ. ކޮންމެ ރެއަކު އެންމެން ނިދާއިރުވެސް ސަފާރީގެ ޑެގްގައި އަހަރެން ރޯން އިންނަމެވެ. އެގޮތުގައި އަހަރެން އުޅެމުންދަނިކޮށް ސިންގަޕޫރުގެ މުއްސަނދި ދެމަފިރިން ކަމުގައިވާ ޑޭވިޑްއާއި ސާރާ ސަފާރީއަށް އައެވެ. ޑޭވިޑްއަކީ ވިޔަފާރިވެރިއެކެވެ. ސާރާއަކީ ސައިކޭޓްރިސްޓެކެވެ.  ކުޑަދުވަސްކޮޅެއްގެ ތެރޭގައި ސާރާ އަހަރެންގެ މިޒާޖުދެނެގަތެވެ. ތަފާތުގޮތްގޮތުން އަހަރެންނާ ސުވާލުކޮށް އަހަރެންކުރަމުންދާ ހިތާމަތައް އޮޅުންފިލުވަން މަސައްކަތް ކުރިއެވެ. ކޮންމެ ރެއަކު އަހަރެން ޑެގްމަތީ އިނދެގެން ރޮނީ ކީއްވެތޯ ސުވާލުކުރިއެވެ. އެންމެފަހުން އަހަރެން ހަޤީޤަތް ކިޔައިދިނީ ހިތަށް ލުޔެއް ލިބޭތޯއެވެ. އެމީހުން އަހަރެންނަށް ނަސޭހަތްދީ ހިތްވަރުދިނެވެ. ގިނަގިނައިން އަހަރެންނާ ވާހަކަ ދައްކާ އުފާވާ ކަހަލަ ހަދިޔާތައްވެސް ދީހެދިއެވެ. އެމީހުން އުޅުނުއިރު ކޮންމެވެސް ވަރަކަށް ހިތަށް ހަމަޖެހުން ލިބުނެވެ. ނަމަވެސް އެމީހުން ދިއުމާއެކު އަނެއްކާވެސް އަހަރެންގެ ކުރީގެ ހާލަތަށް ރުޖޫޢަވިއެވެ. ނަމަވެސް ސާރާ އަބަދުވެސް ގުޅައިގެންނާއި އިންޓަރނެޓްގެ ޒަރީއާއިން އަހަރެންގެ ހާލުބަލާ ހަދައެވެ. އެކީއުޅޭ ރައްޓެހިން އެކިގޮތްގޮތަށް ސުވާލުކޮށް އަހަރެންގެ މިޒާޖަށް އައި ބަދަލު އޮޅުން ފިލުވަން އުޅެއެވެ. އަހަރެންގެ ރޫމްމޭޓްވެސް އެކިއެކި ސުވާލުކޮށް ހަދައެވެ.

އެއްރެއަކު އަހަރެން ފޯނުން ޝެލީގެ ފޮޓޯއަކަށް ބަލަން އިންދާ އޭނާއަށް ފެނިގެން ޝެލީއާބެހޭގޮތުން ސުވާލުކުރިއެވެ. ޝެލީއަކީ އަހަރެންގެ ލޯބިވެރިޔާއޭ ބުނުމުން އޭނަ ވަރަށް ހައިރާންވިއެވެ. އަދި އެތައްއިރަކު ވިސްނަން އިނދެފައި ސަމީރާއާއި ޝިޔާޒް ޝެލީއާމެދު ކަންތައްކުރިގޮތް ކިޔައިދީ އަހަރެންގެ ފަރާތުން މާފަށްވެސް އެދުނެވެ. ޝެލީ އަހަރެންދެކެ ރުޅިއައި ސަބަބުވެސް އަހަރެންނަށް އެނގުނީދެނެވެ. އަދި ލަންކާއިން އެފެނުނީ ޝެލީކަންވެސް އަހަރެންނަށް އެނގުނެވެ. ޝިޔާޒްއާއި ސަމީރާދެކެ އިންތިހާއަށް އަހަރެން ރުޅިއައެވެ. އެމީހުން ބޭޒާރުކޮށްލަންވެސް ހިތަށްއެރިއެވެ. ނަމަވެސް އޭރުން ޝެލީވެސް ބޭޒާރުވާނެއެވެ. ޝެލީއާ އަހަރެންނަށް ކައިވެނި ކުރެވެން ނެތްއިރު އެގޮތަށް ކަންތައް ކުރުމުން ޝެލީގެ ހަޔާތް ބަރުބާރުވާނެކަން އަހަރެންނަށް އެނގުނެވެ. އަދި ޝިޔާޒް ޝެލީދެކެ ލޯބިވާކަމާއި ސަމީރާއާއި ޝިޔާޒްގެ މެދުގައި މައްސަލަތަކެއް އުޅޭކަންވެސް އެނގުނެވެ.

ޝެލީގެ ހާލާމެދު ވިސްނާ ވިސްނާ އަހަރެން ބަލިވިއެވެ. ބޮލުގައި ރިއްސާފައި އިރުއިރުކޮޅުން ހޭނެތި، އަހަރެންގެ ހާލުބޮޑުވުމުން މާލެގެނައެވެ. އަހަރެން ހޭވެރިކަން ވެގެން ލޯހުޅުވާލިއިރު ހޮސްޕިޓަލްގައި އޮވެވުމުން އަހަރެން ވަރަށް ހާސްވިއެވެ. އަހަރެންނަށް އެއިޑްސް ޖެހިފައިވާކަން ފަޅާއެރީކަމުގައި ހީކޮށް ވަރަށް ބިރުގަތެވެ. ނަމަވެސް އަހަރެންނަށް ވީގޮތްތަކުން ޑޮކްޓަރއަށް ހީވެފައި އޮތީ ސިނކުޑީގެ މައްސަލައެއް ކަމުގައެވެ. އެހެންކަމުން އޭނަ ބޭނުންވީ ވީހާއަވަހަކަށް އަހަރެން ބޭރަށް ފޮނުވާލާށެވެ. އެއްވެސް މީހަކަށް އަހަރެންނަށް އެއިޑްސް ޖެހިފައިވާކަމެއް ނޭނގުނީ އެހެންވެގެންނެވެ.

ސިންގަޕޫރަށް ދާން ހަމަޖެހުމުން އަހަރެން ސާރާއަށް އެކަން އެންގީމެވެ. ސިންގަޕޫރަށް ދެވުމުން އަހަރެންހުރި ހޮސްޕިޓަލްގެ އެޑްރެސްވެސް ފޮނުވީމެވެ. ސާރާއާ ބައްދަލުވުމުން އަހަރެންގެ ރާއްޖެދިއުމަށް އިންކާރުކުރީމެވެ. އަހަރެންނަށް އެއިޑްސް ޖެހިފައިހުރިކަން މަންމަމެންނަށާއި ޝެލީއަށް އެނގުމުން ދެރަވާނެވަރު އެނގޭތީއެވެ. ރަށުމީހުނަށް އެނގުމުން އަހަރެންނާމެދު އެމީހުން ދެކޭނެގޮތް އެނގޭތީއެވެ. އެއިޑްސް ޖެހިފައި ހުންނަ މީހުންދެކެ އެހެން މީހުން ފޫހިވެ ބިރުގަންނާތީ އެފަދަމީހުން އުޅެންޖެހިފައިވާ އެކަނިވެރި ދިރިއުޅުން އިސުސާސްކުރެވޭތީއެވެ. އަހަރެންނާމެދު މީހުން އިހާނެތިކޮށް ކަންތައްކުރާ މަންޒަރުބަލަން އަހަރެންގެ މައިން ބަފައިންނަށް ކެތްނުވާނެކަން އެނގޭތީއެވެ. ޒުވާންދަރިއަކު އެފަދަ ނިކަމެތިގޮތަކަށް އެމީހުންގެ ލޯމަތީ ނިމިގެންދާއިރު އެއްވެސް މަޔަކަށް ނުވަތަ ބަފައަކަށް ކެތްވާނެތޯއެވެ. އެމީހުންގެ ހިތްތައް ހަލާކުނުވެ ހުންނާނެތޯއެވެ. ގިނަދުވަސްވުމުން ޝެލީވެސް އަހަރެންދެކެ ފޫހިވެ، އެހެންމީހެއްގެ ހަޔާތުގެ ބައިވެރިއަކަށްވާނެއެވެ. އެތަން ފެނުމުން އަހަރެންގެ ހިތަށް ކުރާއަސަރު މާބޮޑުވާނެއެވެ. މިހުރިހާ ކަމަކަށްވެސް އަހަރެންނަށް ފެނުނީ އެންމެ ހައްލެކެވެ. އަހަރެންދެލެ ލޯބިވާ އެންމެނަށްޓަކާ އަހަރެން މަރުވުމެވެ. ދުވާލަކު އެތައްފަހަރަކު މަރުވުމަށްވުރެ އެގޮތްވެސް މާރަނގަޅެވެ.

ސާރާމެދުވެރިކޮށް ޑޮކްޓަރ ވާހަކަ ދެއްކުމަށްފަހު ޝިޔާޒްއަށް ދޮގުމައުލޫމާތެއް ދިނީވެސް އަހަރެން ބުނެގެންނެވެ. އަދި ޝިޔާޒް ރާއްޖެގޮސް އަހަރެން މަރުވިކަމުގެ ޚަބަރުދޭން އަހަރެން މަޖުބޫރުކުރީމެވެ. އޭނަގެ ފަތިފުށް އަހަރެންނަށް އެނގޭކަމުގައި ބުނެ އިންޒާރުދިނީމެވެ. އަހަރެން އެހެން ހެދުމުން ޝިޔާޒް ދުވަހަކުވެސް ޝެލީން ދޫކޮށްނުލާނެކަން އަހަރެންނަށް އެނގުނެވެ. ޝިޔާޒް ހަޤީޤަތުގައިވެސް ޝެލީދެކެ ލޯބިވާ މިންވަރު އެދުވަހު އަހަރެންނަށް އެނގުނެވެ. އަހަރެން އުފާވިއެވެ. އަހަރެން ނެތް ދުވަހަކުންވެސް ޝެލީ އެކަނި ނުވާނެކަން އެނގޭތީއެވެ. އަހަރެންގެ ޕްލޭން ކާމިޔާބުވެސް ވިއެވެ. މަންމަމެންނާ އުމުރަށް ވަކިވާން ޖެހުނު ނަމަވެސް އެމީހުނަށް އަހަރެންގެ ފަރާތުން ލިބެންއޮތް ހިތާމަތައް ދެމިގެން ނުދާނެކަން ޔަޤީންވިއެވެ. އެއްވެސް މީހަކު އަހަރެންނާމެދު ނަފްރަތެއް ނުކުރާނެއެވެ. އޭގެ ބަދަލުގައި ކޮންމެމީހަކުވެސް އަހަރެންގެ މައްޗަށް ހެޔޮދުޢާކުރާނެއެވެ.

ނަމަވެސް މިއަދު އަހަރެންގެ ހުރިހާ މަސައްކަތެއް ފެނަށް ވެއްޖެއެވެ. އެވަރުން ކުރި ޕްލޭންވެސް ފެއިލް ވެއްޖެއެވެ. އަހަރެންގެ ހިތްވެސް ކުދިކުދި ވެއްޖެއެވެ. ޝެލީއާ ޝިޔާޒްއަށް ހަޤީޤަތް ފޮރުވުމަށްޓަކައި އަނެއްކާވެސް އެތައްދޮގެއް ހަދަން ޖެހިއްޖެއެވެ. އެންމެފަހުން ޝެލީ އަހަރެންނަށް ނަފްރަތުކުރަން މަޖުބޫރު ކުރުވީމެވެ. ނޫންނަމަ އަނެއްކާވެސް އަހަރެން އެނބުރި ރާއްޖެގޮސް މަންމަމެންނާ ކުރިމަތިލާން ޖެހޭނެއެވެ. އެމީހުންގެ ދިރިއުޅުމަށް ތޫފާނެއް ގެންނަން ޖެހިދާނެއެވެ. ޝެލީއަށް އަހަރެންމީ ނުބައިމީހެއް ކަމުގައި ޔަޤީން ވެއްޖެނަމަ، ދުވަހަކުވެސް މަންމަމެންނަށް ހަޤީޤަތް ނާންގާނެކަން އަހަރެންނަށް ޔަޤީންވިއެވެ. ޝެލީއަށް ވެގެންވަންޏާ ދުވަހަކުވެސް އަހަރެންގެ މައިންބަފައިންގެ ހިތުގަ ޖެހުނަކަ ނުދޭނެއެވެ.

ކަންތައްވީވެސް އަހަރެން ހީކުރިގޮތަށެވެ. އެހެންމީހެއްގެ ނަމުގައި އަޑުވެސް ބަދަލުކޮށްގެން އަހަރެން ރަށަށްގުޅައި، ޚަބަރުބެލިއިރު މަންމަމެންނަށް އަހަރެން ދިރިހުރިކަމެއް ނޭނގެއެވެ. ރަށުން ވާހަކަދެއްކި މީހާބުނިގޮތުން ނަމަ ޝެލީވެސް އެނބުރި ރަށަކަށް ނުދެއެވެ. ޝެލީ ޝިޔާޒްއާއެކު މާލޭގައި އުޅެނީކަން އަހަރެންނަށް ޔަޤީންވިއެވެ.

އަމިއްލަ ޤައުމާއި ލޯބިވާ އެންމެނާއި ގުޅުން ކަނޑާލައިގެން އަހަރެން މިޤައުމަށް އައީ އަހަރެން ވަރަށް އަވަހަށް މަރުވެދާނެ ކަމުގައި ހީކޮށްފައެވެ. ނަމަވެސް މިހާލުގައި މިހެންއުޅޭތާވެސް ފަސްއަހަރު ވަނީއެވެ. ތަފާތު ބަލިތަކުގެ ޝިކާރައަކަށް މަޑުމަޑުން އަހަރެންގެ ހަށިގަނޑު ވެއްޖެއެވެ. ދެން މާގިނަދުވަހު ދުނިޔޭގައި ހުންނާނެކަމުގެ އުއްމީދެއް ނެތެވެ. ސާރާއާއި ޑޭވިޑް އެހީތެރިކަމާއި ލޯބީގެ ސަބަބުން ބަލީގެ ލައްކަތަން ލުއިވިއެވެ. އެމީހުނަށް ހިތުގެއަޑިން ޝުކުރުވެރިވަމެވެ.

މިހުރިހާ ދުވަސްވީއިރުވެސް ޝެލީގެ ހަނދާންތައް އެގޮތުގައި ދެމިއެބަހުއްޓެވެ. މަރުވުމުގެކުރިން ހަމަ އެންމެ ފަހަރަކު ނަމަވެސް އެމޫނު ފެންނާނެ ނަމައޭ ހިތަށް އަރައެވެ. މާފަށް އެދެންވެސް ބޭނުމެވެ. އެކަން އެހެނެއް ނުވާނެކަންވެސް އެނގެއެވެ. ނަމަވެސް މިޑައިރީ ޝެލީއާ ހަމައަށް ފޯރައިފިނަމަ އަހަރެންނަށް މާފްކޮށްދޭނެ ކަމުގައި ހީކުރަމެވެ. ބޭބީއެވެ. އަދިވެސް އަހަރެން އިންތިހާއަށް ބޭބީދެކެ ލޯބިވަމެވެ. ކުރިއަށްވުރެވެސް މިހާރު ބޭބީ ރީތިކަން އެނގޭހެއްޔެވެ؟ ޝިޔާޒްވެސް ބޭބީދެކެ ވަރަށް ލޯބިވެއެވެ. އޭނާއަށް މާފުކޮށްދޭށެވެ. އަދި އޭނާއާއެކު އުފާވެރި ހަޔާތެއް އުޅޭށެވެ. ތިދެމީހުންގެ ދަރިފުޅުގެ ހައްޤުގައެވެ. ނޫންނަމަ އަހަރެން މިވީ ޤުރުބާނީގެ ބަދަލުގައެވެ. އެކަން އަހަރެންނަށް ކޮންދޭނަން ދޯއެވެ. ދެން އަހަރެންނަށް ހެޔޮދުޢާކޮށް ދޭށެވެ. މިދުނިޔޭގައި ބޭބީއާއެކު އުފާވެރި ހަޔާތެއް އުޅެން ނުލިބުނަސް އަނެއްދުނިޔެއިން ލިބޭތޯ ދުޢާކުރަމެވެ.

*******

ޑައިރީ ނިމުނުއިރު ޝެލީންއަށް ގިސްލާ ރޮވިއްޖެއެވެ. އެހިތުގައި މިއަދާހަމައަށް އަލަމްއާމެދު އޮތް ކިލަނބުކަންވެސް އެކަރުނައިން ދޮވެވި ނެތިގެން ހިނގައްޖެއެވެ. ޝެލީން އަލަމްދެކެ ވީ ލޯތްބަށްވުރެ، އަލަމް ޝެލީންދެކެ ވީލޯބީގެ ބާރުގަދަކަންވެސް މިއަދު ސާބިތު ވެއްޖެއެވެ. އަލަމް އޭނާއަށްޓަކާ އެވީ ކޮންފަދަބޮޑު ޤުރުބާނީއެއް ހެއްޔެވެ؟ އަލަމް އެގޮތަށް ކަންތައް ނުކުރިނަމަ ދުވަހަކުވެސް އޭނާއަށް ޝިޔާޒްދެކެ ލޯތްބެއް ނުވެވުނީހެވެ. ދަރިފުޅަށްޓަކައި ހިތްވަރުކޮށްގެން އެގޭގައި ނުވެސް އުޅެވުނީހެވެ.

ޑައިރީގައި އެންމެފަހުން އަލަމް ލިޔެފައިވާ ބަސްކޮޅު ތަކުރާރުކޮށް އެތައް ފަހަރަކު އޭނާ ކިއެވެ. އަލަމްއަށް އޭނާ ހަދިޔާކުރި ބިއްލޫރިހިތުގައި ބޮސްދީހެދިއެވެ. އަލަމްގެ އަތުކުރިގަޑިއާއި ފޯނުމޭގައި ޖައްސާލައިގެން އިނދެ ހިތްފުރޭންދެން ރުޔެވެ. ކުރިން އަލަމްދެކެ އައި ރުޅީގައި އަލަމްގެ ހުރިހާ ހަނދާނެއް އޭނާވަނީ އުކާލާފައެވެ. ނަމަވެސް މިއަދު އެލިބުނު ހަނދާންތައް އުމުރަށްވެސް އޭނާ ރައްކާކުރާނެވެ. ޝެލީން އެނދުގައި ރޯންއިން މަންޒަރުބަލަން ކޮޓަރިދޮރުކައިރީ ހުއްޓިލައިގެން ހުރި ޝިޔާޒްގެ ދެލޯވެސް ފެންކަޅިވިއެވެ. އެތެރެއަށް ވަންނަން ހިތަށްއަރާފައިވެސް ޝިޔާޒް އަނެއްފަރާތަށް އެނބުރި ކާކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ޝެލީން ހިތްފުރޭންދެން ރޯލަށް އޭނާއަށް ވަގުތު ދިނުމަށްޓަކައެވެ. ޑައިރީގައި އޮތްއެއްޗެއް ނޭނގުނު ނަމަވެސް ޝެލީންއަށް އަލަމްއާބެހޭ ވަރަށްބޮޑު ޚަބަރެއް ލިބުނީކަން ޝިޔާޒްއަށް އެނގުނެވެ.

” ބައްޕާ!…އެކަނިތަ މިއަދުކަނީ؟…ކޮބާ މަންމަ؟…” ޝިޔާޒް ކާކޮޓަރީ މޭޒުދޮށުގައި އިންދައި ޝާމިން ވަންނަމުން ސުވާލުކޮށްލިއެވެ.

” މަންމަ ކުޑަކޮށް އަރާމުކޮށްލަނީ….. ދަރިފުޅު ހާދަލަހުން މިއަދު ތިއައީ….ދަރިފުޅުއާދޭކާން..” ޝެލީން ރޯވާހަކަ ބުނަން ބޭނުން ނުވާތީ ޝިޔާޒް ބުންޏެވެ.

” އާނ ކުޑަކަމެއްގަ ޑިސްކަސްކޮށްލަން މަޑުކޮށްލީ…މަންމަ ކައިފިތަ؟…” އަނެއްކާވެސް ޝާމިން ސުވާލުކޮށްލިއެވެ.

” ނޫން…ނުކައި….މަންމަ މާބޮޑަށް ވަރުބަލިވީ ކަންނޭނގެ….އިހަށް އަރާމުކޮށްލަން ބާއްވާ….ދަރިފުޅުއާދޭކާން…މަންމަ އައީމަ ބައްޕަ ކާނަން މަންމައާއެކު…” ޝާމިން ޝެލީންއަށް ގޮވަން ހިނގައިދާނެތީ ޝިޔާޒް އަވަހަށް ބުންޏެވެ.

” އޯކޭ..” ދެބަސްވުމެއްނެތި ޝާމިން ކާންއިށީނެވެ.

ޝިޔާޒް ތެދުވެގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ޝެލީން ހަމައަކަށް އެޅުމުން އަންނާނެކަން އެނގޭތީއެވެ. ޝެލީން އެނދުގައި އޮވެގެން އަލަމްއާމެދު ވިސްނަމުން ދިޔައެވެ. އަލަމް ހޭދަކުރި އެކަނިވެރި، ހިތްދަތި ދިރިއުޅުމާމެދު ވިސްނިވަރަކަށް އޭނާގެ ލޮލަށް ޖަމާވާ ކަރުނަތައް ދިޔައީ އިތުރުވަމުންނެވެ. ޝިޔާޒްއާއި ޝާމިންގެ މަތިންވެސް ހިނދުކޮޅަކަށް އޭނާ ހަނދާން ނެތިއްޖެއެވެ. އެގޮތުގައި ޝެލީން ރޮއެ ރޮއެ އޮއްވައި ނިދުނީއެވެ.

ދެން ޝެލީންއަށް ހޭލެވުނީ އަސުރުނަމާދުގެ ބަންގި އަޑަށެވެ. ޝެލީން އަވަސް އަވަހަށް ތެދުވެ ފާޚާނާއަށްވަދެ މޫނުދޮވެލައިގެން ބޭރަށް ނުކުތެވެ. އޭރު ޝިޔާޒްވެސް ފެންވަރައިގެން މިސްކިތައްދާން ނުކުންނަނީއެވެ. މިއަދު މެންދުރުގެ ކެއުންވެސް ނުކާކަށް ހަނދާންވި ކުއްލިއަކަށެވެ. ޝިޔާޒްއާއި ޝާމިންވެސް ހުންނާނީ ނުކައޭ ހިތަށް އެރުމުން އޭނާ ކަންބޮޑުވިއެވެ.

” ޝިޔާޒް! ސޮރީ….ކާންހަދާފަ ކޮޓަރިއަށް ވަތްގޮތަށް ހަނދާން ނެތުނީ…..ކޮބާ ޝާމިން؟…އޭނަ ކައިފިތަ؟…ޝިޔާޒް ކައިފިންތަ؟..” ޝެލީން ކަންބޮޑުވެފައި ހުރިހާ ސުވާލެއް އެއްފަހަރާ ކޮށްލިއެވެ.

” ހާސްނުވެބަލަ!….ޝާމިން ކައިފިޔޭ….އަހަރެން މިހުރީ ޝެލީން ހޭލީމަ ދެމީހުން އެކީ ކާންވެގެން…..ދެން ނަމާދުކޮށްގެން އައިސްކާނީ ދޯ..” ހިނިތުންވެލަމުން ޝިޔާޒް ބުންޏެވެ. ޝެލީންވެސް ހިނިތުންވެލާފައި ބޯހަލުވާލިއެވެ.

އެރޭގެ ކެއުމުގެ ފަހުން ޝެލީން ޝިޔާޒްގެ ކޮޓަރިއަށް ދިޔައެވެ. އަދި މިއަދު އަލަމްއާ ބެހޭގޮތުން އޭނާއަށް އެނގުނު ހަޤީޤަތް ކިޔާދިނެވެ. އެވާހަކަ ކިޔައިދީފައި ޝެލީން ރޯންފެށުމުން ޝިޔާޒް ޝެލީން ގެނެސް މެޔާލާ ބޮނޑިކޮށްލިއެވެ. އަލަމްގެ ހަޤީޤަތް އެނގުމުން ޝިޔާޒްގެ ހިތުގައިވެސް އަލަމްއާމެދު އޮތް ރުޅިވެރިކަން ފިލާގޮސް ހަމްދަރުދީ އުފެދުނެވެ. އަދި އަލަމް ޝެލީން ދެކެވީ ހަޤީޤީ ތެދުވެރި ލޯތްބައްޓަކާ ހިތާހިތުން ތަޢުރީފު ކުރެވުނެވެ.

” ޝެލީން!…ދެން އެކަމާ ހިތާމަ ނުކުރޭ!….ވާންހުރިކަމެއް އެއްވެސް އިންސާނަކަށް ނުހުއްޓުވޭނެ….އަލަމްއަށް ހެޔޮދުޢާކުރުން ނޫންކަމެއް ދެން އަހަރެމެންގެ ފަރާތުން އަލަމްއަކަށް ނުކޮށްދެވޭނެ…..އިރާދަކުރެއްވިއްޔާ އަހަރެންގެ ފަރާތުން ދުވަހަކުވެސް ޝެލީންއަށް ހިތްދަތިކަމެއް ނުލިބޭނެ….އަލަމް އެވީފަދަ ޤުރުބާނެއް ނުވެވުނަސް، ދުނިޔެއިން ދިމާވާ ކޮންމެ މުސީބަތަކުންވެސް ޝެލީން ސަލާމަތްކުރަން މިހުރީ ތައްޔާރަށް…..އަމިއްލަ ފުރާނަ ޤުރުބާން ކުރަން ޖެހުނަސް ފަސްނުޖެހޭނަން….އަހަރެން ވަރަށް އުފާވެއްޖެ މިހާދުވަހަށްފަހުވެސް އަލަމްގެ ހަޤީޤަތް އެނގުނީތީ…އެހެންނޫންނަމަ ކުށެއްނެތް އިންސާނެއްދެކެ އުމުރަށްވެސް ނަފްރަތު ކުރެވުނީސް…..އަހަރެން ވަޢުދުވާން…..ސަމީރާއާ މިގެޔާ ހުރިހާ މުދަލެއް ދޫކޮށް ދާންޖެހުނަސް އަހަރެން ޝެލީން ދޫނުކުރާނަން ކަމަށް…..އަދި ޝެލީންއާ ވަރަށް އަވަހަށް ކައިވެނިކުރާނަން….ދުނިޔޭގެ އެންމެންގެ ކުރިމަތީ ބަދުނާމްވާން ޖެހުނަސް ފަރުވާލެއް ނެތް…” ޝިޔާޒް ޝެލީންއަށް ވަރުގަދަ ޔަޤީންކަމެއް ދިނެވެ. އޭނާވީ ވަޢުދު އޭނާ ފުއްދާނެއެވެ. މިހާރު އޭނާ އިންތިޒާރު ކުރަމުން އެދަނީ ސަމީރާ އަންނާނެ ދުވަހަކަށެވެ.

ދުވަހަކީ މޫސުން ގޯސް ވައިބާރު ދުވަހެކެވެ. ހުޅުލެއިން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ ފެރީވެސް ދެފަރާތަށް ހަލުވާލާގޮތުން ހީވަނީ ދެންމެ ދެންމެ ބަންޑުން ޖަހާލަފާނެހެންނެވެ. ފެރީތެރޭގައި ތިބި ހުރިހާ އެންމެންވެސް ތިބީ އެމީހުންގެ މަންޒިލަށް ދެވޭނެ އިރެއްގެ އިންތިޒާރުގައި ކެތްމަދުވެފައެވެ. ސަމީރާވެސް އިރުއިރުކޮޅުން ފޯނަށް ބަލާލައެވެ. ފެރީ މާލެއާއި ކައިރިވި ވަރަކަށް އޭނާގެ ހިތް އަވަސްވަމުން ދިޔައެވެ. އޭނަގެ ކޯލްތަކަށް ޖަވާބުނުދީ ޝިޔާޒް މިހުރިހާ ދުވަހު ކުރިކަމެއް ބަލަން އޭނައިނީ ކެތްމަދުވެފައެވެ. އެއީ ޝެލީންގެ ސަބަބުން ކަމުގައިވަނީނަމަ ޝެލީންގެ ފަރާތުން އޭނާ އެކަށީގެންވާ ބަދަލެއް ހިފާނެއެވެ.

މާލެއަށް ފެރީލެފުމާއެކު ސަމީރާ އަވަސް އަވަހަށް ފޭބިއެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާއިނީ ޓެކްސީއެއްގެ ތެރޭގައެވެ. ދިހަވަރަކަށް މިނެޓްގެ ދަތުރަކަށްފަހު ކާރުމަޑުކޮށްލިއެވެ. ސަމީރާ ފައިސާ ދެއްކުމަށްފަހު ދަބަސް ހިފައިގެން ދޮރާށިން އެތެރެއަށް ވަނެވެ. އޭނާގެ އަތުގައިހުރި ބޮޑުދަބަސް އެއްކައިރިއެއްގައި ބެހެއްޓުމަށްފަހު، އަތްދަބަހުން ތަޅުދަނޑިނަގާ ދޮރުހުޅުވަން ދިމާކޮށްލިއެވެ. އެވަގުތު ހައިރާންވެގެން ތަޅާދިމާއަށް ބަލަން އޭނާއަށް ހުރެވުނެވެ.

”  މިހާ އަވަހަށް ތަޅުވެސް ބަދަލުކުރީތަ؟….ނުވިތާކަށް ސެކިއުރިޓީ ސިސްޓަމެއްވެސް ހަރުކޮށްފައޭ މިހުރީ…” ސެކިއުރިޓީ ސިސްޓަމް ފެނުމުން ރުޅިއައިސްފައި ސަމީރާއަށް ބުނެވުނެވެ. އަމިއްލަ ގެޔަށް ނުވަދެވިފައި ހުންނަން ޖެހުމުން ރުޅިނާންނާނީވެސް ކާކު ހެއްޔެވެ؟

ޝެލީން ކޮޓަރީގައި އުޅެނިކޮށް ސިސްޓަމުން އެލާރމަ އެޅުމުން ހައިރާންވެފައި ކޮޓަރިން ނުކުތެވެ. މިގަޑީގައި ޝާމިން ނޫނީ ޝިޔާޒްއެއްވެސް ނާންނާނެކަން އޭނާއަށް އެނގެއެވެ. ޝެލީން ސިޓިންރޫމަށް ނުކުމެ ސިސްޓަމްގެ ސްކުރީންއަށް ބަލާލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެއީ އޭނާއަށް ހީވިގޮތެކޭ ހިތައި އަނެއްކާވެސް ކޮޓަރިއާދިމާއަށް ހިނގައިގަތެވެ. އެއާއެކު ދެވަނަ ފަހަރަށް އެލާރމްވިއެވެ. ޝެލީން ފޫހިގޮތަކަށް ދޮރާދިމާއަށް އެނބުރުނު ވަގުތު ސްކުރީންއިން ސަމީރާ ފެނިފައި ލޯލިތައް ކޮޅަށް ޖެހުނެވެ.

44
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Shine

ވާހަކަ ލިޔާހިތްވާ އަދި ކޮމެންޓްސް ކިޔާހިތްވާ މީހަކީމެވެ.

Other Articles

Previous

ޝެލީން 20

Next

ވާލޯބި އެނގޭނަމަ… 27

Next
December 6, 2016

ވާލޯބި އެނގޭނަމަ… 27

Previews
December 5, 2016

ޝެލީން 20

27 Comments

  1. maiha says:
    December 6, 2016 at 12:40 pm

    woooow.. m first tha?? shine dhigukoh episode thah liyaathy v bodah thnx..adhi avahah up kohdheythyvx…thanx

  2. Shayme says:
    December 6, 2016 at 12:47 pm

    Nice

  3. yax says:
    December 6, 2016 at 1:14 pm

    alaaaaaaam???????????
    may u rest in peace????
    shine alam ah thihen hadhaa kah nuvaaneehnu!!!
    ey shine mifaharu vaane e samiyraa gandhah varugatha landheh dhen!!!
    mifaharu vaaneh hitilar akiy kaakukan angaadhen!!!
    I ❤ you shine???
    ( mind you iam a girl:p )

    1. Shine says:
      December 6, 2016 at 1:19 pm

      hmmm sameera ah fliaavalheh libeyne ingey….I love u too yax…

  4. fau says:
    December 6, 2016 at 1:31 pm

    V nicea

  5. ?mixoo says:
    December 6, 2016 at 1:36 pm

    Pretty pretty

  6. Naadhee says:
    December 6, 2016 at 1:49 pm

    V habeys

  7. pinker says:
    December 6, 2016 at 2:11 pm

    Haadha asaru gadha ey….lagondi falhaigen dhaavaruvey…seriously….hama kiriyaa nurovuny….

  8. maee says:
    December 6, 2016 at 2:17 pm

    nice 🙂

  9. pinker says:
    December 6, 2016 at 2:22 pm

    Miadhu adhi 1prt up kohdheynan dho shine??!!!

  10. sam says:
    December 6, 2016 at 2:22 pm

    Very nice

  11. Mishu says:
    December 6, 2016 at 2:26 pm

    Next part kon irakun???

  12. Anonymous says:
    December 6, 2016 at 2:43 pm

    V reethi ingey

  13. Xxx says:
    December 6, 2016 at 4:19 pm

    Hama rangalhah vas rovihja… ?????
    Adhi miadhu 1 part up koh dhahchy…
    U r the best story writer….
    I love u…..
    Thank u so much….. ??❤❤

  14. Anonymous says:
    December 6, 2016 at 4:21 pm

    Vvv touching ?

  15. Shine says:
    December 6, 2016 at 5:10 pm

    insha allah mirey shelyn upkohdheynan

  16. Me ? says:
    December 6, 2016 at 6:46 pm

    Sameera madam vadaigathee, dhuhtha??? Mifaharu sameera guraidhoo ah gendhaan nujehuniyya rangalhu.. shine u r great cant wait for the next part.. ??

  17. Nau says:
    December 6, 2016 at 7:56 pm

    Vrh salhi masha allah…. keep it up shine.. waitin fr the next part?

  18. Zyth says:
    December 6, 2016 at 8:32 pm

    hama aslu vx rovijje alam haadha hiy varu gadhaey vaahaka kiyamun dhiya iru hyvany filmeh balan indhevun hn vvvv reethi shine haadha molhey shine knme vaahaka eh vx ehaam furiham shine ah liyun theri kamuge dhaairaain thiyah vurevx ithuru kuri erun dhehvumh edhi dhuaa kuran i love shine

  19. Thaany says:
    December 6, 2016 at 8:39 pm

    Alam ge dairy haadha v kah mi hithah asaru kuruwaifiey v reethi

  20. Guy says:
    December 6, 2016 at 8:40 pm

    I love you shine

  21. Sami says:
    December 6, 2016 at 8:52 pm

    Shine thanks.u r my best writer. Avahah up kuraathy v ufaavey .thanks a lot.

  22. Anonymous says:
    December 6, 2016 at 9:14 pm

    Mifaharu kaamiyaabu othee Shelyn ah dho sameeraa ah dheyne ehcheneiy

  23. Anonymous says:
    December 6, 2016 at 9:19 pm

    Konirakuntha up kuranee shine kiyaahithun nuhurevigen aadheys mikranee

  24. Herrr says:
    December 7, 2016 at 12:19 am

    Alhey… Alam earuves her ah heeviyea… hama rovijje… shine dhas koh dheyn veenu her ah thihaa asaru gadha koh vaahaka liyan.. me ves writer ekea…

    1. Shine says:
      December 7, 2016 at 12:33 am

      oh ehentha….kihineh hadhaanee dhaskohdheyn….BTW misite ga vaahaka liyantha

  25. Brainless says:
    February 11, 2017 at 10:59 pm

    Alammmmm dhoonyaa, yuh ahh varah ehchehi kiyun…??
    Varah varah varah bodah sry..????????????
    Eieee alam ge truth neyngeythy ingey ehchehi kiyuny… I’m sry cutie pie…?
    Alhe shine kyhvetha alam ahh ehaa dhera gotheh thihedhy..??
    Alammmmmmm magey hithugavex alam ge handhaan thah abadhuves vaane… I can’t forgot yuh..???????????
    Anyways story is awesome as usual..?❤❤

Comments are closed.

All Right Reserved!