Skip to content
އެސްފިޔަ

ޝެލީން 16

އަހަރެން ރަށަށް އައިފަހުން އެތައް ފަހަރަކު ޝިޔާޒްވެސް ރަށަށް އައެވެ. ބައްޕަގެ ކުރިމަތީ އަހަރެން ޝިޔާޒްއަށް އިހުތިރާމްކޮށް ކަންކަން ކޮށްދީ ހަދަމެވެ. ނަމަވެސް ޝިޔާޒްއާއެކު އެކަނި ވެއްޖެނަމަ އެތަނަކުން އަހަރެންދަމެވެ. އަހަރެންނަށް އޭނާގެ ހަޤީޤަތް އެނގިއްޖެކަން ޝިޔާޒްއަށް އެނގުނުފަހުން އޭނާ އެތައްފަހަރެއްގެ މަތިން އަހަރެންނާ ވާހަކަދައްކާ މާފަށް އެދެން މަސައްކަތްކުރިއެވެ. ނަމަވެސް އަހަރެން އެފުރުސަތު އޭނާއަކަށް ނުދެމެވެ. ތަފާތުގޮތް ގޮތުން ބައްޕައަށާއި އަހަރެންނަށް އެހީތައްވަމުންވެސް ދިޔައެވެ. މާލޭގައި ހުންނައިރު އަހަރެންގެ ހާލުބަލަން ފަސޭހައަކަށް މޯބައިލް ފޯނެއްވެސް ބައްޕައަށް ގަނެދިނެވެ. އަހަރެންގެ ހުރިހާ އުފާތައްފޭރިގެންފައި ޝިޔާޒް މިހާރުކޮންމެ ކަމެއްކޮށްދިން ނަމަވެސް އަހަރެންގެ ހިތްބަދަލުވާނެ ހެއްޔެވެ؟ އަހަރެންގެ އަލަމް މިދުނިޔެއާއި ވަކިވެގެން ދިޔައިރު އެކަންވެސް އޭނާހުރީ އަހަރެންނަށް ސިއްރުކޮށްގެންނެވެ. ކުޑަމިނުން އަލަމްގެ މޫނު ފަހުވަގުތުވެސް އަހަރެންނަށް ދައްކާނުލިއެވެ.

ދުވަސްތައް ވޭދުވަމުން އޮވެދެއެވެ. އަހަރެންގެ ހަޔާތަށް ދުވަހެއް ދުވަހަކަށް ބަނަކަން އިތުރުވަމުން ދިޔައެވެ. އަލަމްގެ ހަނދާންތަކާއި މަންމަގެ ހަނދާންތަކުން ހިތައްލިބޭދަތިކަން ބަޔާންކުރަންވެސް ދައްޗެވެ. ރަށުގެ ކޮންމެތަނަކަށް ދިޔަޔަސް އެތަނަކުން އަލަމްގެ ކޮންމެވެސް ހަނދާނެއް އާވެއެވެ. މާމަގެއަކީ އަހަރެންނާއި އަލަމްގެ ލޯބީގެ މަރުކަޒެވެ. ކޮންމެ ދުވަހެއްގެ ހެދުނާއި ހަވީރުގެ ވަގުތު އަހަރެން މާމެގެޔަށް ގޮސް ފޭރުގަސްދޮށުގައި ހުރެގެން އަލަމްގެ ހަނދާންކޮށްފައި ރޮމެވެ. މާމަގެ ޖޯލި ކައިރިން އަލަމްއާ އެންމެފަހުން ބައްދަލުވި ދުވަސް އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. އެރީތި ސޫރަހިތުގައި ބިންވަޅުނެގިފައިވަނީ ތާއަބަދަށް ދެމިހުންނަ ގޮތަށެވެ. އެއީ ދުވަހަކުވެސް ހިތުންފިލާނޭ ހަނދާންތަކެއް ނޫނެވެ. އުމުރަށްވެސް އަހަރެންގެ ހިތުގައި އަލަމްގެ ނަން ދިރިހުންނާނެއެވެ. ތަޤުދީރުގެ ރޭވުމާއި ދެކޮޅަށް ތަދުބީރު ކުރުމަކީ އެއްވެސް އިންސާނަކަށް ކުޅަދާނަކަމެއް ނޫނެވެ. އެހެންނަމަ އަހަރެންގެ ހަޔާތަށް ދުވަހަކުވެސް މިފަދަބަނަ ދުވަސްތަކެއްނައީހެވެ. ބައެއް ފަހަރު މާޔޫސްވެގެން ތަޤުދީރުގެ ނިންމުމާމެދު ހިތުގައި ޝަކުވާ އުފެދެއެވެ. އަހަރެން އެންމެ ލޯބިވީމީހުން އަހަރެންނާ ވަކިވެދިޔައީތީއެވެ. ފުރަތަމަ މަންމައެވެ. ދެންއަލަމްއެވެ. ދެންހުރިމީހަކީ ހަމައެކަނި ބައްޕައެވެ.

އަލަމްގެ ހަނދާނުގައި އަހަރެން ހިތާމަކުރާ މަންޒަރު ފެނުމުން ބައްޕަދެރަވެއެވެ. އެންމެފަހުން އަހަރެންގާތު މީހަކާއިނުމަށްވެސް އެދުނެވެ. ކިތަންމެ ބަޔަކު އަހަރެންގެ ކައިވެންޏަށް އެދިގެންވެސް އައެވެ. ނަމަވެސް އަހަރެން އެއިން އެއްވެސް މީހަކަށް އާބަސް ނުބުނަމެވެ. ބައްޕަގެ މާޔޫސްކަން އިތުރުވަމުން ދިޔައެވެ. ނަމަވެސް އަހަރެންގެ ހަޔާތުގައި ފޮރުވިފައިވާ ސިއްރު ބުނެދޭނީ ކިހިނަކުން ހެއްޔެވެ؟ އަހަރެން މީހަކާ ކައިވެނިކޮށްފިނަމަ އެސިއްރު ބޭޒާރުވާކަން ގިނަދުވަހެއް ނުނަގާނެކަން ޔަޤީނެވެ. ވީއިރު ބައްޕައަށްޓަކައިވެސް ކައިވެންޏެއް ކުރެވޭކަށް އަހަރެންނަކަށް ނެތެވެ. ބައްޕަގެ އިތުރުން ޔޫނާއާއި އަލަމްގެ މަންމަވެސް އަހަރެން މީހަކާއިނދެގެން ދިރިއުޅުމެއް ފެށުމަށް ނަސޭހަތްތެރިވަމުން ދިޔައެވެ. ނަމަވެސް އަލަމްގެ ހަނދާންތަކާއި ދުރަށްދިއުމަކީ އަހަރެންނަށް ވާނެކަމެއްނޫނެވެ. އަލަމްގެ ކޮއްކޮ އަސްލަމް ފެންނަ ކޮންމެ ފަހަރަކު ކުޑަކުޑަ ޝާމިންގެ މަތިން ހަނދާންވެ ހިތްރޯލައެވެ. އެދަރިފުޅުގެ ހަނދާންތައް ރޭގަނޑުގެ ނިދިން އަހަރެން މަހުރޫމު ކުރުވައެވެ. ނަމަވެސް ހިތާމަތަކާ ތާއަބަދު ކުރިމަތިލާން ޖެހުމުން މަޑުމަޑުން އަހަރެން އެގޮތަށް ހޭނި އެކަންތައްތަކަށް ކެތްކުރަން ދަސްވިއެވެ.

********

2004 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ސައްބީސްވީ ހޮނިހިރު ދުވަހެވެ. އުޑުމަތިސާފު ރީތި އާދައިގެ ދުވަހެކެވެ.  ފަތިސްނަމާދުކޮށްގެން އަހަރެން ދިޔައީ ސައިތައްޔާރު ކުރާށެވެ. އަހަރެން ބަދިގޭގައި ހުއްޓައި މާމަވެސް ބަލިކަށި ހިނގުމެއްގައި އައިސްބަދިގެޔަށް ވަނެވެ. މަންމަ ނިޔާވުމަށްފަހު މާމަވެސް އުޅެނީ އަހަރެމެންގެ ގޭގައެވެ.

” މާމާ ސައިބޯންވީނު؟…” އަހަރެން ހިނިތުންވެލަމުން މާމަގާތު އަހާލީމެވެ. ކިތަންމެ ބޮޑު ހިތާމައެއް ހިތުގައި ފޮރުވައިގެން އުޅުނު ނަމަވެސް މާމަގެ ކުރިމަތީގައި ހިނިތުންވެގެން ހުރެވޭތޯ އަހަރެން ބަލަމެވެ. އެމާމަގެ ހިތް އުފާކޮށްލަދެވޭތޯއެވެ.

” ނޫނޭ ދަރިފުޅާ…އަދި އިރުކޮޅެއްފަހުން ސައިބޯނީ…..ބައްޕަވެސް ގޮނޑުދޮށަށް ގޮސް އަދިނާންނަނީދޯ؟…” މާމަ އަހާލިއެވެ.

” އާނ…އަދިނާދޭ…..މަހެއް ހިފުނުއިރަކުން މިއަދުވެސް އަންނާނީ…” އަހަރެން ބުނީމެވެ. ބަންދު ދުވަހެއް ވިއްޔާ އިރުއެރުމާއެކު ދާހިފައިގެން ބައްޕަ ފުއްޓަރުފަރާތަށް މަސްހިފަންދެއެވެ. މިއަދުވެސް ބައްޕަވީ މަސްހިފަން ގޮހެވެ. ބައްޕަގެ އިންތިޒާރުގައި ސައިނުބޮއެ މާމަވެސް އެތައްއިރަކު އިނެވެ. ނަމަވެސް ގަޑިން ހެނދުނުގެ ނުވައެއްޖަހަން ގާތްވެފައިވަނިކޮށް އަހަރެން އާދޭސްކުރަން ފެށުމުން މާމަ ސައިބުއެވެ. ނަމަވެސް އަހަރެން ބައްޕައަންނާދެން ސައިނުބޮއެ މަޑުކޮށްލީމެވެ. ގޭތެރޭގައި ކަމަކަށްފަހު ކަމެއްކުރަމުން ގޮސް ގޯތިތެރޭގައި އެއްކޮށްފައިހުރި ކުނިތައް އުކާލަންދާން އަހަރެން ތައްޔާރުވީމެވެ. ބަރޯއަށް ކުނިތައް އަޅައިގެން މަގުމައްޗަށް ނުކުތުމާއެކު އަހަރެން ހައިރާންވީ އަޑުގަދަކުރަމުން ކޮޅުކޮޅު މައްޗަށް މީހުން ދުވާތީ ފެނުމުންނެވެ. ވާނުވާއެއްނޭނގި ހައިރާންވެގެން ދިމަދިމާއަށް ބަލަން ހުއްޓައި އޮފީހުން އެންގުމެއް އަންގާއަޑު އިވިގެން އެދިމާއަށް ކަންފަތްދެވުނެވެ.

“ރާއްޖޭގެ ރަށްތަކަށް ބޮޑެތިރާޅުތަކެއް އަރަމުންދާކަމުގެ މައުލޫމާތުވަނީ ލިބިފަ… ވީމާ ހުރިހާ އެންމެންވެސް އެކަމަށް ސަމާލުވެ، އެއްވެސްމީހަކު ގޮނޑުދޮށަށް ނުފޭބުމަށް އިލްތިމާސްކުރަން….އަދި ކުޑަކުދިންވެސް އެކަނިމަގުމައްޗަށް ދޫކޮށްނުލަ ރައްކާތެރިކަމާއެކު އެންމެންވެސް އެބައެއްގެ ގޭގަތިއްބެވުން އެދެން…” އަޑުގަދަކުރާ ބޭނުންކޮށްގެން އޮފީހުން ގޮވާމީހާ ތަކުރާރުކޮށް ގޮވަމުންދިޔައެވެ. ކުއްލިއަކަށް ބައްޕަވީ ގޮނޑުދޮށުގައިކަން ހަނދާންވެ ކަންބޮޑުވެގެން އަހަރެންގެ މެޔަށް ފިނިވެގެން ދިޔައެވެ. ކުނިބަރޯ ދޫކޮށްފައި ފުއްޓަރުފަރާތު އަތިރިމައްޗަށް އަހަރެން ދުއްވައިގަތީމެވެ. އަހަރެން ދުވެފައިދާން ފެށުމުން ބައެއްމީހުން އަހަރެންނަށް ގޮވާހުއްޓުވަން އުޅުނެވެ. ނަމަވެސް އަހަރެން ކަންބޮޑުވެފައިހުރިވަރުން އެއްވެސް މީހަކަށް ސަމާލުކަމެއްނުދީ ކުރިޔަށް ދިޔައީމެވެ.

ގޮނޑުދޮށާއި ފަންސާހަކަށް ފޫޓް ކައިރިވެފައި ހުއްޓައި އެއްގަމަށް ބޮޑުރާޅެއް އަރާފައިވާކަމުގެ ނިޝާންތައް ފެންނަން ފެށިއެވެ. މަގުގެ ދެފަރާތުގައިވާ ގަސްތަކުގެ ތެރޭގައި ފެންބޮޑުވެފައި ވެއެވެ. މޫދާދިމާ ބަލާލެވުމާއެކު ހައިރާންވެފައި އަހަރެންނަށް ހުއްޓެވުނެވެ. މުޅިމޫދު ހީވަނީ ކިލަބުކަމުން ކިސަޑުގަނޑެއްހެންނެވެ. އޮޔެހުރީވެސް ތަފާތުގޮތަކަށެވެ. ކަނޑުން ބިޔަރާޅުތައް އުފުލެމުން ދިޔައެވެ. ބިރުންހުރެވެސް ގޮނޑުދޮށާއި ކައިރިއަށް ޖެހިލުމަށްފަހު ވަށައިގެން ނަޒަރުހިންގާލީ ބައްޕަފެނޭތޯއެވެ. ނަމަވެސް އެއްވެސް މީހެއްގެ ހިލަމެއްނުވިއެވެ.

” ބައްޕާ!….ބައްޕާ!” ކަންބޮޑުވެފައި ހުރެގެން އަހަރެން ބައްޕައަށް ގޮވަމުން ދިޔައީމެވެ. އަހަރެން އެތައް ފަހަރަކު ގޮވުމުންވެސް ބައްޕަގެ ޚަބަރެއްނުވިއެވެ. އެންމެފަހުން އަހަރެންނަށް ރޮވެންފެށިއެވެ.

“ޝެލީ….އެއްވެސްމީހަކު ގޮނޑުދޮށަށް ނުފައިބާށޭ ގޮވަގޮވާ ހުއްޓާ ޝެލީ ކީއްތަ ތިކުރަނީ؟….ޝެލީ ދުވެފަ އަންނާތީ ފެނިގެން މަމިއައީ..” ދާދިގާތުން މީހަކު ވާހަކަ ދެއްކުމުން ސިހިފައި އަހަރެން ބަލާލިއިރު ހުރީ ޔޫނާއެވެ.

” ޔޫ..އަހަރެންގެ ބައްޕަ….ބައްޕަ މަސްހިފަން މިތަނަށް އައިގޮތަށް ސައިބޯންވެސް ނުދޭ!….އޮފީހުން އެހެން ގޮވާއަޑުއިވިގެން މިއައީ ބައްޕަހޯދަން…..” އަހަރެން ރޮމުން ރޮމުން ބުނީމެވެ.

” ޝެލީ ކަންބޮޑުނުވެބަލަ! ޝެލީއަށް ނުފެނުނަސް ބައްޕަ އެހެން މަގަކުން ގެޔަށްދިޔައީކަމަށްވެސް ވެދާނެ…ޝެލީ ތިގޮތަށް އައިސް ގޮނޑުދޮށަށް ފައިބާކަށް ނުވާނެ….ބަލާބަލަ ކަނޑަށްވެފަ އޮތްގޮތް…..މީކީ އާދައިގެކަމެއްނޫން….ޓީވީތަކުންވެސް ކުއްލިޚަބަރުގަ އެބަދައްކާ ބޭރުޤައުމުތަކަށްވެސް ރާޅު އަރައިގެން އުޅެނިކޮށް….ޝެލީ ހިނގާ އަވަހަށް ގެޔަށްދާން…” ޔޫނާ ހުރީ ވަރަށް ކަންބޮޑުވެފައެވެ.

ޔޫނާގެ ބަސްގަބޫލުކޮށްގެން އަހަރެން ގެޔަށްދިޔައީ ބައްޕަގޭގައި އުޅޭނެކަމުގައި އުއްމީދުކޮށްގެން ހުރެއެވެ. ނަމަވެސް ބައްޕަގެއަކަށް ނާދެއެވެ. އެހާހިސާބުން އަހަރެންގެ ހިތުގައި ބިރުވެރިކަން އިތުރުވިއެވެ. ޔޫނާއާއެކުގައި ގޮސް ވަގުތުން އޮފީހަށް އެޚަބަރުދިނީމެވެ. ލަސްނުކޮށް އެމީހުން ބައްޕަ ހޯދުމުގެ މަސައްކަތްފެށިއެވެ. މެންދުރު ފަސްވެގެންދިޔައިރުވެސް އަހަރެންހުރީ ބައްޕަ އަނބުރައި އަންނާނެ ކަމުގެ އުއްމީދުގައެވެ. މާމައަށްވެސް ތުންތުންމަތިން މުޅިދުނިޔެއަށް އައިސްގެން އުޅޭމުސީބާތުގެ ޚަބަރުލިބުނެވެ. މާމަ ވަގުތުން ރޯންފެށިއެވެ. މާމައަށް ހިތްވަރުދޭން އަހަރެން ބޭނުންވިއެވެ. ނަމަވެސް އެހާހިތްވަރެއް އަހަރެންނަކަށް ނުލިބުނެވެ. މާމަގާތުގައި ރޯންއިންދައި ބައްޕަގެ ކޮޓަރީގައި އޮތް ފޯނުރިންގްވާ އަޑުއިވުނެވެ. އަހަރެން ގޮސް ބަލާލިއިރު ގުޅަނީ ޝިޔާޒްއެވެ. ޝިޔާޒްވެސް އެގުޅަނީ އަހަރެމެން އުޅޭހާލެއް ބަލަންކަން އަހަރެންނަށް އެނގުނެވެ. އަހަރެން ޝިޔާޒްއަށް ކިތަންމެ ނަފްރަތްކުރިނަމަވެސް އެވަގުތު ފޯނުނަގާފައި ބައްޕަ ގެއްލުނު ވާހަކަބުނެފައި ރޯންފެށުނީ ބޭއިޚުތިޔާރުގައެވެ. ޝިޔާޒް އަހަރެންނަށް ނަސޭހަތްދީ ވަރަށް ހިތްވަރުދިނެވެ.  ވާހަކަ ދައްކަ ދައްކާ ހުއްޓައި ފޯނުކެނޑުނުގޮތަށް ފަހުން ނުވެސް ގުޅުނެވެ. ދުރުގައިތިބި އާއިލާމީހުންގެ ހާލުނޭނގި، ކަންބޮޑުވެގެން މީހުންތައް ރޮމުން ކޮޅުކޮޅުމައްޗަށް ދުވަންފެށިއެވެ. އަހަރެންނަށް އޮފީސްދޮށަށް ދެވުނު އަދަދެއްވެސް ނޭނގެއެވެ.

އެދުވަހުގެ އިރުއޮއްސިގެންދިޔައީ މުޅިދުނިޔެއަށާއި އަހަރެންގެ ހަޔާތަށް ހިތާމައިގެ އިންޤިލާބެއް ގެނުވާފައެވެ. ހިތްތަކަށް ބިރުވެރިކަން ވައްދައި ލޯތަކުން އެތަކެއް ކަރުނައެއް އޮހޮރުވާފައެވެ. އެދުވަހަކީ މުޅިދުނިޔެވެސް މުސީބާތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާނޭފަދަ ދުވަހެއްގެ ގޮތުގައި ތާރީޚުގައި ލިޔެވިގެން ދިޔައެވެ. ޖެހިގަންއައި ދުވަހު ޓީވީތަކުންނާއި ރޭޑިއޯތަކުން ގެނެސްދިން ޚަބަރުތައް އަހާފައި ހިތާއި ސިކުނޑިއަށް ސިހުންނުލިބޭ ހަމައެކަކުވެސް ރާއްޖޭގައި ނުހުންނާނޭކަން ކަށަވަރެވެ. މިކުޑަކުޑަ ދިވެހިރާއްޖެއިންވެސް އެތައްބައެއްގެ ފުރާނަނެތިގޮސް ގެދޮރާއި މުދާތައް ގެއްލިގެންދިޔައެވެ. މުޅިދުނިޔެއަށް އެރި އެބޮޑުރާޅު، ކުޑަހިނދުކޮޅެއްގެ ތެރޭގައި އަހަރެންނާއި އަހަރެންފަދަ އެތައްބައެއްގެ ހަޔާތުގެ އުފާތައް އޮޔާއެކު ގެންގޮސް ފުންމިންނޭނގޭ ކަނޑުގެ އަޑިއަށް ޣަރަޤުކޮށްލައިފިއެވެ. މަދު ވަގުތުކޮޅެއްގެ ތެރޭގައި މުޅިދުނިޔެ ދޮވެލައިފިއެވެ. އެމުސީބާތްވީ ޤަރުނުގެ ބޮޑުމުސީބާތަށެވެ. ބައެއް އިންސާނުން އެކަމުގެ ސަބަބުން ލޯހުޅުވި ތެދުމަގަށް ރުޖޫއަވީއިރު އަނެއްބަޔަކުވީ ކުފުރެވެ. އެމީހުންގެ ހިތްތަކުގައިވީ މުނާފިޤުކަން އިތުރުވިއެވެ.

ބައްޕަހޯދުމުގެ މަސައްކަތް ކެނޑިނޭޅި ކުރިޔަށްދިޔައެވެ. ސިފައިންނާއި ފުލުހުންގެ އެހީތެރިކަންވެސް ނުހަނުބޮޑަށް ލިބުނެވެ. ނަމަވެސް ބައްޕަގެ ނިޝާނެއްވެސް ނުފެނުނެވެ. ގިނަމީހުން ގަބޫލުކުރީ ފުރަތަމަ ރާޅާއެކީ ބައްޕަވެސް ކަނޑަށް ދަމައިގަތީކަމުގައެވެ. ބައްޕަ ގެއްލުނުތާ ތިންވަނައަށްވީ ދުވަހު ޝިޔާޒްވެސް ރަށަށްއައެވެ. ޝިޔާޒް ފެނުމުން ރުޅިއައުމުގެ ބަދަލުގައި މިފަހަރު އަހަރެންނަށް ރޮވުނީއެވެ. އޭނާ އަހަރެންނަށް ވަރަށް ނަސޭހަތްދީ ހެދިއެވެ. ރަށުގެ އެހެންމީހުންގެ ފަރާތުންވެސް އަހަރެންނަށް އިންތިހާއަށް އަޅާލުމާއި އޯގާތެރިކަން ލިބެމުންދިޔައެވެ. ޝިޔާޒް އަހަރެންގާތު އެދެމުންދިޔައީ އޭނައާއެކު މާމަވެސް ގޮވައިގެން މާލެބަދަލު ވުމަށެވެ. ފުރަތަމަ އަހަރެން އެކަމާދެކޮޅު ހެދީމެވެ. އަހަރެން ގަބޫލުކޮށްގެންހުރީ އަދިވެސް ބައްޕަ ދިރިހުއްޓައި ފެންނާނެކަމުގައެވެ. ނަމަވެސް އެހާދިސާއަށް ހަމަސްވެގެން ދިޔައިރުވެސް ބައްޕަގެ އެއްވެސް ޚަބަރެއްނުވިއެވެ. މާމަގެ ބަލިހާލު ދުވަހެއް ދުވަހަކަށް ދިޔައީބޮޑުވަމުންނެވެ. ހިތާމައެއްގެ މައްޗަށް ހިތާމައެއް އިތުރުވަމުން ގޮސް އަހަރެންގެ ހިތްފަޅައިގެންދާން ގާތްވެއްޖެއެވެ.

ދުވަހެއް ދުވަހަކަށް މީހާގެ ސިއްޚަތުދަށްވަމުން ގޮސް ތެދުވެއުޅެން ދަތިވާވަރަށް ހާލުދެރަވިއެވެ. ޔޫނާއާއި އަލަމްގެ މަންމަގެ އެހީތެރިކަން ކެނޑިނޭޅިލިބެއެވެ. އަހަރެންގެ ބަލީގެ ޚަބަރު ޝިޔާޒްއަށް ލިބުނުގޮތެއްވެސް ނޭނގެއެވެ. އަނެއްކާވެސް އޭނާ ރަށަށްއައެވެ. އަހަރެން އުޅޭހާލުފެނުމުން ޝިޔާޒްގެ ލޮލުން ކަރުނަ އައިތަން އަހަރެންދުށީމެވެ. އޭނާ އަނެއްކާވެސް މަސައްކަތްކުރީ އަހަރެމެން މާލެގެންދިއުމަށެވެ. މިފަހަރުވެސް އަހަރެން ދެކޮޅުހެދީމެވެ. އަހަރެން މިހާރުބޭނުންވަނީވެސް އެބަލީގައި ނިމިދިޔުން ކަމުގައި ބުނީމެވެ. ދެންމިހާރު އަހަރެން ދިރިހުންނަންވީ ކާކަށްޓަކައި ހެއްޔެވެ؟

ކިތަންމެ ގޮތްދޫނުކޮށް ހުއްޓަސް އަހަރެންނަކަށް އިތުރުގޮތެއް ނެތެވެ. މާމައަށް ބޭސްކުރަންވެސް އަހަރެން ބޭނުމެވެ. އެނޫނީ ދެން އަހަރެންގެ ހުރީވެސް ކާކު ހެއްޔެވެ؟ އެހެންކަމުން އަހަރެން ޝިޔާޒްއާއެކީގައި މާލެދިޔައީމެވެ. ޝިޔާޒް އަހަރެމެން ގެންގޮސް ބޭތިއްބީ އެޕާޓްމެންޓެއް ކުއްޔަށް ހިފާފައެވެ. އޭނަ އެކަންކުރީ ސަމީރާއަށް ސިއްރުންކަމުގައި އަހަރެންގެ ހިތްބުނެއެވެ.

މާމަ ހޮސްޕިޓަލްގައި އެނދުމަތިކުރެވުނެވެ. އެތައްބޭހެއްވެސް ކުރެވުނެވެ. ޑޮކްޓަރުން އެންގީ މާމަގެ ހިތްހަމަ ޖައްސައިދީގެން ގެންގުޅުމަށެވެ. ލޭމައްޗަށް ދިއުމާއި މުސްކުޅިބަލީގެ ތަފާތު އުނދަގޫތައް މާމައަށް ކުރިމަތިވެއެވެ. އެކަންތައް ތަކަށް އޮތް އެންމެ ރަނގަޅުހައްލަކީ ހިތްހަމަ ޖައްސައިދީގެން ގެންގުޅުން ކަމުގައިބުނެ ޑޮކްޓަރު ވަރަށް ނަސޭހަތް ދެއްވިއެވެ. ނަމަވެސް އަހަރެން ބުނާނީ ކީކޭ ހެއްޔެވެ؟ މާމަގެ ބަލީގެ އަސްލަކީ މަންމައާއި ބައްޕަގެ ވަކިވެދިޔުމެވެ. އެކަމަށް އަހަރެން ހައްލެއް ހޯދާނީ ކިހިނެއް ހެއްޔެވެ؟

މާލެ އާދެވުމާއެކު އަހަރެންހުރީ ޝާމިން ދެކޭހިތުން ކެތްމަދުވެފައެވެ. އެކަން ޝިޔާޒްއަށް އިހުސާސްކުރެވުމުން އެއްދުވަހަކު އޭނަ ޝާމިން ގޮވައިގެން އައެވެ. އެދަރިފުޅު ފެނުމާއެކު އަހަރެންނަށް ރޮވުނީ އުފަލުންނެވެ. ދުވަސްތަކަކު ނުފެނި ހުރެފައި ފެނުމުން ފުރަތަމަ ހުރީ ވަރަށް ބީރައްޓެހިވެފައެވެ. ނަމަވެސް ގިނަގިނައިން ގެންނަން ފެށުމުން ޝާމިން އަހަރެންނާ ގަޔާވިއެވެ. ޝިޔާޒްއަށް މާފު ނުކުރިނަމަވެސް އޭނާ ކޮށްދިން ކަންތަކަށްޓަކައި އަހަރެން ހިތުގެ އަޑިން ޝުކުރުވެރިވީމެވެ. އަހަރެމެންނަށް ކުރާ ހުރިހާ ޚަރަދެއްކުރަނީ ޝިޔާޒްއެވެ. ދަތި އެއްވެސް ކަމެއް ނޯވެއެވެ. ސަމީރާއަށް ސިއްރުން ޝިޔާޒް ޝާމިން ގެނެސްދީ ހަދައެވެ. ދަރިފުޅާއެކު ވަގުތު ހޭދަކުރެވެން ފެށުމުން ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއްލިބުނެވެ. ނަމަވެސް ޝިޔާޒްއާއި އަހަރެންނާއި ދެމެދުގައި އަދިވެސް އޮތީ ނަފްރަތުގެ ފާރެއްލެވިފައެވެ. މާމަ އުޅޭތީ ޝިޔާޒްއަށް އަހަރެންނާ އެކަހެރިކޮށް ބައްދަލުވާނެ ފުރުސަތެއް ނުލިބެއެވެ. އެފަދަ ފުރުސަތުތައް އަހަރެން ނުދެނީ ހަމަ ގަސްތުގައެވެ.

އެއްއަހަރު ވާންދެން ޝިޔާޒްގެ ޚަރަދުގައި ދިރިއުޅުނު އިރުވެސް އަހަރެން ދުވަހަކުވެސް އިސްވެ ވާހަކަވެސް ނުދައްކަމެވެ. އަހަރެންނަށާއި މާމައަށްޓަކައި އޭނަ ކިތަންމެ ބޮޑު ޤުރުބާނެއްވީ ނަމަވެސް އަހަރެންގެ ހިތުގައި އޭނަގެ މައްޗަށް އުފެދިފައިވާ ނަފްރަތަކަށް ބަދަލެއް ނާދެއެވެ. އަހަރެން ގަބޫލުކުރަމުން އައީ އަހަރެންގެ ޙަޔާތަށްއައި ހުރިހާ މުސީބާތެއްގެ އަސްލަކީ ޝިޔާޒް ކަމުގައެވެ. މާލޭގައި އަހަރުވާންދެން އުޅުނުފަހުން މާމަބަލިވެ އުޅެފައި ނިޔާވީ ޝާމިންގެ އުމުރުން ހަތަރުއަހަރު ފުރުނު ދުވަހުއެވެ. އެދުވަހު މާމަގެ ހާލުބޮޑުވެގެން ޝިޔާޒްގެ ފޯނަށް އަހަރެންގުޅީ އެހެންގޮތެއް ނެތުމުންނެވެ.

މާމަ ނިޔާވުމުން އަހަރެން މުޅީން އެކަނިވިއެވެ. ރަށަށްދާކަށް އަހަރެން ބޭނުމެއްނުވިއެވެ. ފަހަރަކުމީހަކު އަހަރެންނާއި ވަކިވަމުން ގޮސް އަހަރެންދެކެ ލޯބިވާ އެންމެން އަހަރެންނާ ވަކިވެ ނިމިއްޖެއެވެ. މީ އަހަރެންގެ ސުންޕާކަމޭވެސް އެދުވަހު ހިތަށްއެރިއެވެ. އަހަރެންފަދަ މީހަކު ދުނިޔޭގައި އުޅުމުގެ ބޭނުމެއް ނެތްކަމުގައި ޝައިތާނާ އަހަރެންނަށް ވިސްނައިދިނެވެ. އަމިއްލަ ފުރާނައިން އަތްދޮވުމުގެ ޚިޔާލު ހިތަށްވެރިކޮށްދިނެވެ. ޖަނާޒާނިމިގެން ގެޔަށް ދިޔައިރު އަހަރެންހުރީ ދުނިޔެމަތިން މުޅިން ފޫހިވެފައެވެ. ހިތާމަ ނޫން އެއްޗެއް އަހަރެންގެ ހަޔާތުގައި ނެތްކަމުގައި ގަބޫލުކުރެވުނެވެ. ގާތުގައި ހިތްވަރުދޭނެ މީހަކުނެތްތާނގައި ހުރީ އެމީހެއްގެ މޫނުވެސް ދެކެން ބޭނުން ނުވާމީހެކެވެ. އޭނާއާއެކު އުމުރުގެ ބާކީބައި ހޭދަކުރުމަށްވުރެ މަރުވުންވެސް އަހަރެންގެ ހިތަށް މާފަސޭހައެވެ. މަރުވުމަށްވުރެ ރަނގަޅުހައްލެއް އެވަގުތު އަހަރެންނަށް ނުފެނުނީ އެހެންވެގެންނެވެ.

އަހަރެންހުރީ އެކަނިވާނެ ފުރުސަތަކަށް ބަލަބަލައެކެވެ. ނަމަވެސް ޝިޔާޒް އެދުވަހުއާއި އެރޭވެސް އަހަރެން އެކަނިވިޔަކަ ނުދިނެވެ. އޭނާ ގެޔަށް ނިދަންދާކަށްވެސް ނޫޅުނެވެ. ޝިޔާޒްއާއެކީ އެރޭހޭދަކުރަން ޖެހުމުން އަހަރެން ރިޒޯޓްގައިވީ ކަންތައް ހަނދާންވެ ބިރުގަންނަގޮތްވިއެވެ. ނަމަވެސް މިހާރު އަހަރެން ގަންނަންވީ ކޮންބިރެއް ހެއްޔެވެ؟ އަދި އަމުދުން ޝިޔާޒްދެކެ ބިރުގަތުމުގެ ބޭނުމެއްވެސް ނެތެވެ. އަހަރެންގެ އަތުގައި އޭނާއަށް ފޮރުވާނޭ އެއްޗެއް ނެތެވެ.

ދަންވަރުގެ ވަގުތެވެ. މާމަމަތިން ހަނދާންވަ ވަރުން އަހަރެންނަށް ހަމަރޮވެނީއެވެ. އެންމެފަހުން ކޮޓަރިން ނުކުތީ ޝިޔާޒް ނިދީތޯ ބަލާލުމަށެވެ. ސިޓިންރޫމުގައިހުރި ސޯފާގައި ޝިޔާޒް ނިދާފައިއޮތެވެ. އަހަރެން މަޑުމަޑުން ކޮޓަރިއަށްވަދެ ދޮރުލެއްޕީމެވެ. ވަގުތުބޭކާރުނުކޮށް އެނދުގައި އޮތްބެޑްސީޓް ނަގައި އޮޅާލުމަށްފަހު ފަންކާއާދިމާއަށް އެއްލީމެވެ. އުޅެއުޅެ ވަރުބަލިވީއިރުވެސް މަޅިއެއްޖެހޭގޮތެއް ނުވިއެވެ. ކުއްލިއަކަށް އެހެންގޮތެއް ޚިޔާލަށް އައުމުން ބެޑްޝީޓް އެއްލާލުމަށްފަހު ކޮޓަރިން ނުކުމެ ބަދިގެއަށް މިސްރާބުޖެހީމެވެ. ވަޅިޖަހާއެތިން ކުޑަވަރެއްގެ ވަޅިއެއް ނެގީމެވެ. އަތުގައި ވަޅިޖައްސާލުމަށްފަހު ދެލޯމަރާލީމެވެ.

” ޝެލީން!” ކުއްލިއަކަށް ސިހިފައި އަހަރެންނަށް ލޯހުޅުވާލެވުނީ ޝިޔާޒްގެ އަޑުއިވިފައެވެ. އަތުގައި އޮތްވަޅިވެސް މުށިތަކުގެ މައްޗަށް ވެއްޓިއްޖެއެވެ. ކުރިމަތީހުރި ޝިޔާޒްފެނިފައި އަހަރެން ހާސްވިއެވެ. ޝިޔާޒް އަހަރެންނާ ދިމާއަށް ހިނގައިގަތުމާއެކު އަހަރެން ގުދުވެފައި ވަޅިނެގީމެވެ.

” ނާންނާތި އަހަރެންގެ ގާތަށް!…ދުރަށްދޭ!….އަހަރެންބޭނުމީ މަރުވާން….ދުރަށްދޭ ހަމަމިހާރު!” އަތުގައި ވަޅިޖައްސާލަމުން އަހަރެން ޝިޔާޒްއާދިމާއަށް ހަޅޭއްލަވައިގަތީމެވެ.

” ނޫން ޝެލީން!….ޝެލީން ތީ ތިހާ ފިނޑިކުއްޖެއްނޫން…..ޕްލީޒް ޝެލީން ވަޅިބާއްވާ!…އަހަރެން ޝެލީންއަކާ ގާތެއްނުވާނަން….ޕްރޮމިސް” ޝިޔާޒް ކަންބޮޑުވެފައި ބުންޏެވެ.

” ނޫން….ތީހުސްދޮގު….ތީވަރަށް ގޯސްމީހެއް….ތިއުޅެނީ އަހަރެން އެކަނިވީމަ އެކަމުގެ ނާޖާއިޒް ފައިދާނަގަންވެގެން……އެހެންމީހުނަށްނޭނގި އަހަރެން މިތާބަހައްޓައިގެން ސިއްރު ސިއްރުން އަހަރެންގެނާއެކު…….”

” ނޫން ޝެލީން…..ޝެލީން ތިހީކުރަނީ މުޅީން ގޯސްކޮށް…..އެންމެ ފަހަރަކު އަހަރެންނަށް ކުރެވުނު ކުށަކަށްޓަކާ ޝެލީން ހީކުރަނީ އަހަރެންމީ އެހާވިޔާނުދާ މީހެއްކަމަށްތަ؟….ޝެލީން ތިހުރީ އަދިވެސް އޮޅުމެއްގަ….ޕްލީޒް ޝެލީން އަތުންފައިން ގޯހެއްނުހަދާ އަހަރެން މިދައްކާ ވާހަކަ އަޑުއަހާބަލަ!….ޝެލީންއަށް ނޭނގޭ ކިތަންމެ ހަޤީޤަތެއް އެބައޮތް….އަހަރެންބޭނުން ކިޔައިދޭން….” ޝިޔާޒް އެއްފިޔަވަޅު އަހަރެންނާ ގާތަށް ޖެހިލިއެވެ. ހަމައެއާއެކު އަހަރެންވެސް ޝިޔާޒްއާ ދުރަށް ފިޔަވަޅެއް އެޅީމެވެ.

” ނޫން….ތީދޮގުވެރިއެއް…..ނުލަފާމީހެއް….އަހަރެންގެ ދިރިއުޅުން ބަރުބާދުކޮށްލި ކުށްވެރިއެއް…..ކަލޭގެ ސަބަބުން އަހަރެންނަށް ހުރިހާ މުސީބާތެއް މިޖެހުނީ….އެންމެ ފުރަތަމަ މަންމަ، ދެން އަލަމް،ދެން ބައްޕަ …މިހާރު މާމަވެސް….ދެން ކާކުތަ އިތުރަށްހުރީ….ދެން އަހަރެންދުނިޔޭގަހުރީމަ ފައިދާވާނީ ކަލެއްޔަށް އެކަނި…..އަހަރެން ބޭނުމެއްނޫން ކަލެއަށްޓަކާ ދުނިޔޭގަ ހުންނާކަށް” އަނެއްކާވެސް އަހަރެން ހަޅޭއްލަވައިގަތީމެވެ.

” ޝެލީން….ޕްލީޒް…އަހަރެން މިބުނަންއުޅޭ އެއްޗެއް އަޑުއަހާބަލަ!” ޝިޔާޒް އަހަރެންނާ ގާތަށް ޖެހިލަމުން ބުންޏެވެ.

” ނޫން…ދުރަށްދޭ!…އަހަރެންގެ މަންމައާ ބައްޕަޔާ އަދި އަލަމް ނެތް ދުނިޔެއެއްގާ އަހަރެންވެސް ހުންނާކަށް ބޭނުމެއްނޫން…ކަލޭގެ ނުބައިކަމުން އަލަމްގެ އެއްވެސް ކުށެއްނެތި އަހަރެންނަށް އެހާގޯސްކޮށް އޭނައާމެދު ކަންތައްކުރެވުނީ…..އެންމެފަހު ވަގުތުވެސް މާފަށްވެސް ނޭދެވުނު….އެވެސް ހަމަ ކަލޭގެ ސަބަބުން….” އަލަމްގެ މަތިން ހަނދާންވެ، އަހަރެންނަށް ގިސްލާފައި ރޮވުނެވެ.

” ކަލޭހީކުރީތަ އަލަމް މަރުވީ އަހަރެން ކަލެއަށް މިލްކުވާނެއޭ….ދުވަހަކުވެސް ނުވާނެ…ކަލޭގެ ކުރިމަތީ އަހަރެން މިމަރުވަނީ” އަހަރެން ވަޅީގައި ބާރަށް ހިފައި އޮބާލީމެވެ.

” ނޫން ޝެލީން….އަލަމް މަރެއްނުވޭ!….އަލަމް ދިރިއެބަހުރި..” ކުއްލިއަކަށް ޝިޔާޒްބުނި ޖުމްލައިން އަހަރެންގެ ހަރަކާތް ހުއްޓުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (26)

  1. Nakhlahascern

    Varah rythi mi part vx
    Beynun vanii vaahaka ekkon kiyaalan
    Keep it up..

  2. Ana

    Antharees vehje,pispis haaadha reechey,amazing story…really love it.waiting 4the next part nd thanx so so soooo much MASHA ALLAH..

  3. xaf

    wow…
    this is an awesome story…

  4. a

    wow v reethi mi part ves next part avahah up koladheeba plx wating

  5. Luba

    Ebunaahen aalim dhuniyey ga ebahuhto

  6. Thaa

    Wow amazing

  7. Hunaa

    Yeyys…alam marunuvey dhw..
    Avahah alam aa shelyn gulhuvaa..N hurihaa hageegatheh faalhaa aruvaalaa….

  8. ?mixoo

    woww…
    keep it up shine.

  9. Fathun

    V v reethi mivaahaka ma sha allah

  10. wish

    V v v salhi

  11. crazy

    alhe asluves tha ? alam ebahuhritha I am so happy thanx shine .thedhuvehri loabeh gehliya nudhineethee .varah reethi

  12. xenn

    Nxt part miadhu up kohdhybaaaa shine….plzzzzzz

  13. Anonymous

    Wiw ?

  14. Ain

    Alhey haadha Reethi hisaabakunne thi nimmaali,.. Next part mirey genas dhyba shine Pls….. Waiting….

  15. Naanu

    Vrah rythi

    Pls next part miadhu up kohdhyba

  16. yax

    ey alam ebahuri yax kairiga!!!!
    shine story is superb????

  17. yax

    ekam alam huriyaa kive mihaaru shelyn kairi nethiy?????
    I feel curious?????

  18. faidhaS

    Alam hunnah vaane dhuniyeyga, baehhisaabun hama rovey,

  19. Sami

    Really v nice. Next part mirey up kohlahchey. Thanks

  20. Nazima

    Shine kuryga ulheny comment nukurathi mihaaru comment ah reply ves nukure?

  21. Anonymous

    Shine ge vaahaka thakakee reethi vaahaka thakeh ekamak baeh kiuntherin ge nuhurey eves varakah liyuntheriyaa ah ihuthiraam kuraa gothe zaatheegothun jahssaalaafa thibenee ekiuntherin bunaagothuga shine ge vaahakathakun Meehun magufuredhenee social media ge eki site tha beleemaves egey aharamen dhivehin ulhey goi beyru gaumuge farangeen ulhey gotha ulhey dhivehin vaki madhenoon gaboolu kurias nukurias mee hageegai

  22. Herrr

    Amaxing… alam mareh nuvea dho.. yeah.. e dhe meehun gulheathoa varah unmeedhu kurevea…. avahah up kohlachey, .. maa avahah thi ninmaaly

  23. xaf

    shine stry up kohdhyba dhn….
    mihaaru varah inthixaau kurevihje
    still waitin
    waitin……

  24. xenn

    Shine avahah up kohbaaa story….

  25. Sha

    Too curious for the next part. Upload soon please.

  26. Brainless

    Shine ma bunaane vaahaka ehh neiyh mihaa reethi vaahaka ehh adhi mi mulhi esfiya site inn vex nukiyan..
    Haadha furihama eyy haadha reehchey..
    And what…?????????
    Alam dhuniyeyga eba huhtey..???
    Shiyaax kae dhogunuhadhaa..?
    Vvvvvvvvvv salhi.?❤

Comments are closed.