ބަރާބަރު ދެއަހަރުފަހުން ސަމީރާއަނެއްކާވެސް މާލެއަށް ދިރިއުޅުން ބަދަލުކުރިއެވެ. އަހަރެން ހުރީ އެދުވަހެއްގެ އިންތިޒާރުގައެވެ. މިވީ ދުވަސްތަކުގެ ތެރޭގައި އަލަމްގެ އެއްވެސް ޚަބަރެއް އަހަރެންނަކަށް ނުލިބެއެވެ. ބައްޕަވެސް އަލަމްގެ އެއްވެސް ވާހަކައެއް ނުދައްކާތީ އަހަރެންނަށްވެސް އިސްވެ އަހާއޮޅުން ފިލުވާކަށްވެސް ނުކެރުނެވެ. މާލެއައުމުން އަނެއްކާވެސް ޝިޔާޒުގެ މޫނުދެކެން ޖެހުނެވެ. ކިތަންމެ ގިނައިން ގޭތެރެއިން ދިމާވި ނަމަވެސް އަހަރެން އިސްއުފުލާ ބަލާވެސް ނުލަމެވެ.
އަހަރެމެން މާލެއައި ޚަބަރުލިބުމުން ބައްޕަގުޅިއެވެ. ބައްޕަގެ ގާތު މާލެއައުމަށްއެދި އަހަރެން އާދޭސްކުރީމެވެ. އަހަރެން ބޭނުންވީ ބައްޕައައުމުން ހުރިހާ ހަޤީޤަތެއް ކިޔައިދިނުމަށްފަހު ދަރިފުޅުގޮވައިގެން ބައްޕައާއެކު ރަށަށް ދިއުމަށެވެ. ކަންތައްކުރާނެ ގޮތް ހިތުގައި ރާވާއިގެން އަހަރެންހުރީ ބައްޕަ އަންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ. ރަށަށް ދިއުމުގެ ކުރިން ބައެއް ސާމާނުގަނެ ދަތުރުހަދަން ފެށީމެވެ.
” ޝެލީން ދެންހަމަ އެއްކޮށް ރަށަށްދަނީތަ؟…” އަހަރެން ފޮށްޓަށް އެއްޗެހިއަޅަން ހުއްޓައި ސަމީރާ ކޮޓަރިއަށްވަނެވެ.
” އާނ….ދެން އަހަރެން ބޭނުމެއްނޫން ދުވަހަކުވެސް މާލެއަންނާކަށް…” އަހަރެން ދިނީ ރުންކުރު ޖަވާބެކެވެ.
” އެހެންތަ؟…..ތިގޮތަށް ޝެލީންއަށް ކެތްވަންޏާ ތިގޮތް އަހަރެންނަށް ރަނގަޅީވެސް…..އަހަރެންނަށް ޝާމިން ގެންގުޅެން ފަސޭހަވާނީވެސް އޭރުން……ގިނަދުވަސްވީމަ ޝެލީންއަށްވެސް އެދަރިފުޅާނުލާ އުޅޭކަށް އުނދަގުލެއްނުވާނެ…” ސަމީރާ މަތިއޮމާން ކުރަމުން ބުންޏެވެ.
” އަހަރެންދާނީ ޝާމިން ގޮވައިގެން…..އަހަރެންނަށް އެދަރިފުޅާނުލައެއް ނޫޅެވޭނެ….އެއީ އަހަރެންގެ ދަރިއެއް…..އަހަރެން ޝާމިން ދޫކޮށްފައެއް ނުދާނަން…” ވަރަށް ކެރިހުރެގެން އަހަރެން ޖަވާބުދިނީމެވެ.
” އޭނ؟…ކީކޭ؟…ޝެލީން މޮޔަވީތަ؟…..ޝެލީން ކިހިނެއް ޝާމިންގޮވައިގެންދާނީ…..ކީކޭބުނާނީ ގޮސް…..ޝާމިންގެ އުފަންދުވަހުގެ ސެޓްފިކެޓްގައި އޮންނާނީ މަންމަގެ ނަމަކަށް އަހަރެންގެ ނަން….ބައްޕަގެ ނަމަކަށް ޝިޔާޒްގެނަން……ދެން ޝެލީން ޝާމިން ގޮވައިގެން ގޮސް ރަށުމީހުންގާތު ކީކޭ ބުނާނީ؟….މީ ތިންމަނައާ އަލަމްގެ ނަހަލާލު ކުއްޖެކޭބުނެ ބަދުނާމުވާންތަ ބޭނުމީ؟…” ސަމީރާ ކަންބޮޑުވެފައި އަހަރެންނަށް ވިސްނައިދޭން އުޅުނެވެ. އޭނަހިތުން އަދިވެސް އަހަރެންނަށް އެއްވެސް އެއްޗެއް ނޭނގެއެވެ.
” އެއީ އަލަމްގެ ދަރިއެއްތަ؟….އަހަރެންނަށް އެނގޭ އެއީ އަލަމްގެ ދަރިއެއްނޫންކަން….އެއީ ޝިޔާޒްގެ ދަރިއެއް….އަހަރެންނަށް ކަލޭމެންގެ ހުރިހާ ރޭވުމެއްވެސް އެނގިއްޖެ…..ކަލޭމެންނަށް ދަރިޔަކު ނުލިބޭތީ އަހަރެންގެ ދިރިއުޅުން ބަރުބާދުކޮށްލީ…..އަހަރެން ހިޔެއް ނުކުރަން ދައްތައަކީ….ނޫން ދައްތައެއްނޫން……ތިހާނުބައިމީހަކު އަހަރެންގެ ދައްތައަކަށް ދުވަހަކުވެސް ނުވާނެ…..އަހަރެން ހިޔެއްނުކުރަން ސަމީރާތީ ތިހާ ނުބައި އަންހެނެއް ކަމަކަށް….އަންހެނަކަށް ވެހުރެ އެހެން އަންހެނެއްގެ އިތްފަތް ފޭރިގަތީ އަމިއްލަ ފިރިމީހާލައްވާ…..އަހަރެން ދުވަހަކުވެސް މާފެއްނުކުރާނަން ކަލޭމެންނަކަށް….” އަހަރެންގެ އަޑުބެދުނެވެ. ކިތަންމެ ހިތްވަރުކޮށްފައި ހުރިނަމަވެސް އަހަރެންނަށް ރޮވިއްޖެއެވެ. ސަމީރާއަށް ލިބުނު ހައިރާންކަމުން ބުނާނެ އެއްޗެއް ނޭނގިފައި އަހަރެންގެ މޫނަށްބަލަން އިރުކޮޅަކު ހުއްޓެވެ.
” ޝެލީން….ކީކޭތަ ތިކިޔަނީ؟….ކޮންކަހަލަ ވިޔާނުދާ ވާހަކައެއް ތިދައްކަނީ؟…..ޝެލީން ތިފަދަ ހުތުރު ބަދުނާމަކުން ސަލާމަތްކޮށްދިނީމަވެސް އިލްޒާމުތަ އަޅުވަންވީ…..ޝެލީންވެސް އަހަރެން ހީކުރި ކަހަލަ ކުއްޖަކަށްނުވި…..” ސަމީރާ އަދިވެސް އުޅުނީ އޮޅުވާލެވޭތޯއެވެ.
” ނޫން….އަހަރެން މިވާހަކަ މިދައްކަނީ ހުރިހާކަމެއް އެނގިހުރެ…..އަހަރެންގެ ދެކަންފަތުން އަޑުއެހީ ތިދެމީހުން ލަންކާގަ ތިބެގެން އެއްރޭ ދަންވަރު ދެއްކި ވާހަކަ….އެރޭ އަހަރެންނަށް ހުރިހާ ހަޤީޤަތެއް އެނގުނު….އަހަރެން ވަރަށް ކެތްކޮށްފިން…އެކަމު ދެން އިތުރަކަށް ކެތްކޮށްގެން އުޅޭކަށް ބޭނުމެއްނޫން…..އަހަރެން ދަރިފުޅު ގޮވައިގެން ރަށަށް ގޮސް ހުރިހާ ހަޤީޤަތެއް އަލަމްއަށް ކިޔާދޭނަން…..އޭރުން އޭނަ އަހަރެން ދައްކާ ވާހަކަ ގަބޫލުކުރާނެ….އަހަރެންނާ ކައިވެނިވެސް ކުރާނެ…” އަހަރެން ރޮމުން ރޮމުން ވާހަކަ ދެއްކީމެވެ.
” އެހެންތަ؟….ޝެލީން ހާދަމޮޔައޭދޯ……ނިކަން ވިސްނާލަބަލަ!….ޝާމިންގެ އުފަންދުވަހުގެ ސެޓިފިކެޓާއި ޕާސްޕޯޓްގަ އެހުރީ އެއީ އަހަރެންގެ ދަރިއެއްކަން ސާބިތުކޮށްދެވޭނެ މައުލޫމާތު……ދެން ޝާމިން ގޮވައިގެން ގޮސް މީތިމަންނަގެ ދަރިއެކޭބުނީމަ އެހެންމީހުން ކުރާނެ ސުވާލު ނޭނގޭތަ؟….އެކުއްޖާގެ ބައްޕައަކީ ކާކުތޯ ނާހާނެތަ؟….އަލަމްއަށް އެކަނި ހަޤީޤަތް އެނގުމަކުން ނުފުދޭނެ….ރަށުރަތްޔިތުންނަށް ޝެލީންދޭނީ ކޮންޖަވާބެއް؟….ބުނާނީ ކީކޭ….އޯހް! ބުނާނީދޯ….މިއީ ޝިޔާޒްބޭބެ އަހަރެންނަށް ދިންހަދިޔާއެކޭ…ހެހެހެ…އޭރުންވެސް ބަދުނާމުވާނީ ކާކު؟…ޝެލީން…އެންމެންގެ ކުރިމަތީގަ އަގުވެއްޓޭނީވެސް ޝެލީންގެ…..ޝިޔާޒްގެ ނަންބުނެފިނަމަ ދިފާއުގަ އަހަރެން ބުނާނަން އަލަމްގެ ނަން…..ރިޒޯޓަށް ގޮސް އުޅުނުއިރު އަލަމްއާ ޝެލީން އުޅުނުގޮތުގެ ހެކި އަހަރެން ދައްކާނަން….އޭރުން ބަދުނާމުވާނީކާކު…” ސަމީރާ އަހަރެންނަށް އިންޒާރެއް ދިނެވެ. އަހަރެންނަށް ރައްދުގައު ބުނާނެ އެކައްޗެއްވެސް ނޭނގުނެވެ.
“އޯހް އަދި ޝެލީންއަށް ނޭނގޭކަމެއް ބުނެލަދޭނަން…..ރަށަށްދާންދެން ނުބުނަން ކަމަށް މިހުރީ…..އެކަމު ދެން މިޖެހުނީ ބުނާކަށްނު!….ޝެލީންއަށް އެނގޭތަ އަލަމް ކޮބައިކަމެއް؟…” ސަމީރާ އަހަރެންގެ މޫނަށް ބަލާލަމުން ސުވާލުކޮށްލިއެވެ. އަހަރެން ހައިރާންވެފައި ސަމީރާގެ މޫނަށް ބަލަން ހުރީމެވެ. އަލަމްގެ ޚަބަރެއްބަލަން އަހަރެން ހުރީ އިންތިހާއަށް ބޭނުންވެފައެވެ.
” ނޭނގޭދޯ؟….ޕުއާރ ޝެލީން…..އަލަމް މިދުނިޔޭގަ ނެތްކަންވެސް ޝެލީންއަށް ނޭނގޭދޯ…..އަހަރެން ހީކުރީ މިހާދުވަސްވީއިރު ކޮންމެވެސް ގޮތަކުން ޝެލީންއަށް އެނގިފަކަމަށް އޮންނާނީ” ކުއްލިއަކަށް ސަމީރާ ބުނެލި ޖުމްލައިން ހަރަކާތެއްވެސް ގެންނަން ނޭނގިފައި ސަމީރާގެ މޫނަށް ބަލަން އަހަރެންނަށް ހުރެވުނެވެ.
” ހަމަ އަސްލުވެސް ނޭނގޭތަ އަލަމް މަރުވިކަމެއް؟…..އަލަމް މަރުވިތާ ދެއަހަރު ވެއްޖެމިހާރު…” ސަމީރާ އަނެއްކާވެސް ބުންޏެވެ.
” ނޫން….ނުވާނެ އެހެނެއް…..އަލަމް މަރެއްނުވާނެ….ބުނޭތީދޮގެކޭ…..ތިއުޅެނީ އަހަރެން ދަރިފުޅުގޮވައިގެން ރަށަށް ގޮސް އަލަމްއާ އިނދެފާނެތީ ބިރުންތަ؟….ކަލޭމެން ބޭނުންވަނީ އަލަމްވެސް މަރާލަންތަ؟…އޭނ؟..” އަހަރެން ހަޅޭއްލަވައިގަތީމެވެ.
” ބަލަ މޮޔަކުއްޖާ..ހޭއަރާބަލަ! އަހަރެން މިބުނީ އަލަމް މަރުވިފަހުން ދެއަހަރު ވެއްޖެއޭ…ޝެލީން ވިހެއުމުގެ ކުޑަދުވަސްކޮޅެއްކުރީން އަލަމް މަރުވީ…..ގަބޫލު ނުކުރެވެންޏާ ޝިޔާޒްގާތުގަވެސް އަހާބަލަ!…..އަލަމްއަށް ވީގޮތް އެންމެ ރަނގަޅަށް އެނގޭނީ އޭނާއަށް…” ސަމީރާގެ ވާހަކަތަކުން އަހަރެންގެ ހިތް ކުދިކުދިވިއެވެ. ގިސްލަ ގިސްލާފައި ރޮމުން ހުރިތަނަށް ތިރިވެވުނީ ހިތަށް ކެތްނުވެގެންނެވެ. އަލަމް ހަމަ މަރުވީހެއްޔެވެ؟ އަނެއްކާ ސަމީރާ އަހަރެންނަށް އޮޅުވާލަނީކީ ނޫން ހެއްޔެވެ؟ ސަމީރާގެ ދުލުން ބުނެގެން އަހަރެން އެކަން ޤަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. އަހަރެން ތެދުވެގެން ދުވެފައި ގޮސް ކޮޓަރިން ނުކުތީމެވެ. ސިޓިންރޫމުގައި ހުރި ފޯނުކައިރިއަށް ހުއްޓި ރަށުގެ ފޯނުބޫތު ނަމްބަރުތަކަށް އޮބަމުން ދިޔައިރު އަތް ތުރުތުރު އަޅަމުން ދިޔައެވެ. ހިތްވެސް އަވަސްވެފައިވަނީ އިންތިހާއަށެވެ. ދެތިން ފަހަރަކު ރިންގްވިތަނާ ފޯނުނެގިއެވެ. އެކޮޅުން ފޯނުނެގުމާއެކު ޔޫނާއަށް ގޮވާލަދިނުމަށް އެދުނީމެވެ. އިއްތިފާޤުން ފޯނުނެގީވެސް ޔޫނާއެވެ. އަހަރުތަކަކަށްފަހު ޔޫނާއަށް އަހަރެންގެ އަޑުވެސް ދެނެގަންނަން އުނދަގޫވިއެވެ. އަހަރެން އެންމެ ފުރަތަމަވެސް އަހާލީ އަލަމްކޮބާތޯއެވެ.
” ޝެލީއަކަށް ނޭނގޭތަ؟….” ޔޫނާވެސް ކޮށްލީ ސުވާލެކެވެ.
” ޔޫނާ ޕްލީޒް ބުނެދީބަލަ!…އަލަމްކޮބާތަ؟….އަލަމް ރަށުގަ ނޫޅޭތަ؟…” އަހަރެން އަނެއްކާވެސް އަހާލީމެވެ.
” ޝެލީ….ޝިޔާޒްބޭވެސް ޝެލީގާތު ނުބުނޭތަ އަލަމް ނިޔާވި ވާހަކައެއް…..ޝިޔާޒްބެޔޭ އަލަމްގޮވައިގެން ސިންގަޕޫރަށްވެސް ދިޔައީ….” ޔޫނާގެ އެޖުމްލައިން ހަޤީޤަތް ގަބޫލުކުރަން އަހަރެންނަށް މަޖުބޫރުވިއެވެ. ދުނިޔޭގެ އެންމެން އަހަރެންނަށް ދޮގުހެދިޔަސް ޔޫނާ އަހަރެންނަކަށް ދޮގެއް ނުހަދާނެއެވެ. އެހާވެސް އަހަރެން އޭނާއަށް އިތުބާރު ކުރަމެވެ. ކުއްލިއަކަށް އަހަރެންގެ ބޮލަން ބަރުވެ މޫނުމައްޗަށް އަނދިރި ވެއްޖެއެވެ.
އަހަރެންނަށް ލޯހުޅުވާލެވުނުއިރު އޮތީ ކޮޓަރީގައެވެ. ސަމީރާއިނީ އަހަރެން ހޭއަރާނެ އިރެއްގެ އިންތިޒާރުގައިހެން ހީވެއެވެ.
” ބުނަން ޝެލީން ވާހަކައެއް……އަހަރެން މިބުނަނީ ޝެލީންއަށް އެންމެ ރަނގަޅުގޮތް…..ޝެލީން ބޭނުމިއްޔާ އަހަރެން މިހުރީ ބުނިވަރަށް ފައިސާވެސްދޭން…ނޫންނަމަ ކިޔަވައިވެސްދޭން……ބައްޕައާއެކު މާލެއައިސް އުޅެވޭނެގޮތްވެސް އަހަރެން ހަދާދޭނަން…..އެކަމު ޝާމިން ގެންދަން މަސައްކަތް ނުކުރޭ!….އަދި ޝާމިންގެ ހަޤީޤަތް އިތުރުމީހަކަށް އަންގަންވެސް މަސައްކަތް ނުކުރާތި!……އަހަރެންގެ ބައްޕަ ޝާމިންދެކެ ލޯބިވާވަރު ޝެލީންއަށްވެސް ފެންނާނެ…..އަހަރެންނޭދެން ބައްޕަގެ އެނުކުޅެދޭ ހިތްދަތިހާލުގާ އިތުރު ހިތާމައެއް އުފުލަން ޖައްސާކަށް….ބައްޕަ މިހާރު ދިރިހުރުމުގެ ހުރިހާ އުއްމީދެއް ގުޅިފަވަނީ އެދަރިފުޅާ……އެދަރިފުޅު ބައްޕައާ ވަކިކުރަން މަސައްކަތް ނުކުރޭ!…..އެނޫން ކޮންމެކަމެއްވެސް ޝެލީން ބުނަނިކޮށް އަހަރެން ކޮށްދޭނަން….” ސަމީރާ ވާހަކަ ދެއްކީ އަހަރެންނަށް ވިސްނައިދިނުމަށް އާދައިގެ މަޑުމައިތިރި ރާގަކަށެވެ. އަލަމްގެ ވަކިވެދިޔުމުން އަހަރެންގެ ހިތަށްކޮށްފައިވާ އަސަރު ސަމީރާއަށް އަންދާޒާއެއް ނުކުރެވެއެވެ. އެވަގުތުވެސް އޭނާ ވިސްނީ އޭނާއާ އޭނާގެ އާއިލާއަށެވެ. އަހަރެންގެ ހާލު ތަސައްވަރު ކުރެވޭވަރަށްވުރެ އޭނާގެ އަމިއްލައެދުން ބޮޑެވެ.
” އެކަމު އަހަރެންނަކީ މަންމައޭ…..އަހަރެންގެ ދަރިފުޅު އަހަރެންނާ ވަކިނުކުރޭ…..އަލަމްވެސް އަހަރެންދޫކޮށްފަދިޔައީ…..ދެން އަހަރެންނާ ބައްޕައަށް އަޅާލަން ހުރިމީހަކީވެސް އަހަރެންގެ ދަރިފުޅު…..އަހަރެން އެދަރިފުޅުނޫން އިތުރު އެއްވެސް އެއްޗެއް ބޭނުމެއްނޫން…” އަހަރެން ރޮމުން ރޮމުން އާދޭސްކުރީމެވެ.
” ޝެލީން!….އަހަރެން ވަރަށް މަސައްކަތްކޮށްފިން ޝެލީންއަށް ވިސްނަދެވޭތޯ……އެކަމަކު ވީފައިދާއެއް ނެތެއްނު……ޝެލީން ހީކުރީ ތިހެން ރޯލާފަ އާދޭސްކޮށްލީމަ އަހަރެން ޝާމިން ޝެލީންއަށް ދޭނެކަމަށްތަ؟……އަހަރެން ބޮޑުޤުރުބާނެއް ވެގެން ވަރަށް ރޭވުންތެރިކަމާއެކު ކުރިކަމެއް މީ…..އެންމެ ފަހު ވަގުތު ޝެލީންއަށް ހުރިހާކަމެއް އެނގުނުކަން އެއީ ޝެލީންގެ ބަދުނަސީބު…..މިހާރުދެން ޝެލީންއަކަށް ނެތް މީޝެލީންގެ ދަރިއެއްކަން ސާބިތުކޮށްދެވޭނެ އެއްވެސްގޮތެއް……ޝެލީން ހީނުކުރާތި ފަހަރެއްގަވެސް ޝިޔާޒްއާ އަހަރެންގެ ނަންބޭނުންކޮށްގެން ކުރިއެރުމެއް ލިބޭނެކަމަށް……ޝާމިންއަކީ ޝިޔާޒްއާ ޝެލީންގެ ދަރިއެކޭ ޝެލީންގެ ދުލުން ބުންޏަސް އެކަން ސާބިތެއްނުވާނެ….ރިޒޯޓްގާ އެވީ ކަންތަކަކީ ޝެލީންއާ އަލަމްގެ މެދުގަ ހިނގިކަމެއްކަން އަހަރެން ސާބިތުކޮށްދޭނަން…..މިއަދު އަލަމްވެސް ދުނިޔެއަކުނެތް އެކަމާދެކޮޅަށް ވަކާލާތުކުރާކަށް…..އެކަމް އަހަރެންގެ ފަރާތުން އަލަމްއާ ދެކޮޅަށް ދައްކާނެ ހެކިއެބަހުރި…..ޝެލީން ބޭނުންތަ އަލަމްނެތް ދުނިޔޭގަ ޝެލީންގެ ސަބަބުން އަލަމްގެ ބޮލުގަ އެފަދަބޮޑު އިލްޒާމެއްއެޅި ބަދުނާމްވާން…މީހުންގެ ދުލުން އަލަމްއަށް ލައުނަތްދޭން ބޭނުން ނޫނިއްޔާ އަހަރެން ބުނާގޮތެއް ހަދައިގެން މަޑުންހުރޭ!….އެއީ ޝެލީންއަށް އެންމެ ރަނގަޅުގޮތް…..” ސަމީރާ ދާދިފަސޭހައިން ގޮތަ ނިންމިއެވެ. އަހަރެންނަށް ހެދޭނެ އިތުރުގޮތެއް ނެތެވެ. ބޯޅައޮތީ ސަމީރާގެ އަތުގައެވެ. އޭނަބޭނުން ދިމާއަކަށް ޖަހަންވީއެވެ. އަހަރެންނަށް އޮތީ ކުޅިބަލަން ހުރުމެވެ.
ސަމީރާގެ ކޮންމެ ޝަރުތަކާ އެއްބަސްވާން މަޖުބޫރުވީ އަލަމްގެ ހައްޤުގައެވެ. އުމުރުން ހަގުކަމާއި ވިސްނުމުގެ ކޮށިކަމުން ސަމީރާގެ ކޮންމެ އިންޒާރަށް އަހަރެން ބިރުގަތެވެ. އެންމެ ސަތާރަ އަހަރުގެ ޅަދޮނޅު އަންހެން ކުއްޖަކަށް އެފަދަ ހާލަތުގައި ކަންކުރެވޭނީވެސް އެފަދަގޮތަކަށެވެ.
ދުވަސްކޮޅެއްފަހުން ބައްޕަވެސް އަހަރެން ބަލާއައެވެ. ޝާމިން ފެނިގެން ބައްޕަ އުރާލާފައި ލޯބިކޮށްލިއިރު އަހަރެންހުރީ އެމަންޒަރުބަލަން ފެންކަޅިވެފައެވެ. ފާރޫޤުބޭބެއަށް ކާފަދަރިއަކު ދެއްވީތީ ބައްޕަ ޝުކުރުވެރިވެ އުފާކުރިއިރު، މިއީ ޚުދު އަމިއްލަ ކާފަދަރިކަން އެބައްޕައަށް ވިސްނޭނީ ކިހިނަކުން ހެއްޔެވެ؟ ކިތަންމެ ހިތްދަތިވިޔަސް އެމަންޒަރުބަލަން ހުރުން ނޫންކަމެއް އަހަރެންނަކަށް ނުކުރެވުނެވެ. ބައްޕައާއެކު ރަށަށް ދިއުމަށް އަހަރެން ނިންމި ނަމަވެސް ދަރިފުޅާއި ވަކިވާންޖެހޭކަމުގެ ހިތާމައިން ހިތްހަލާކުވާން ގާތްވެއްޖެއެވެ. ފޮށްޓަށް އެއްޗެހިއަޅަމުން ދިޔައިރު ސަމީރާދީފައި ގަދަފަދަ އިންޒާރު ސިކުނޑީގައި ތަކުރާރުވަމުން ދިޔައެވެ.
” ޝެލީން ހަނދާންކުރާތި!….ރަށަށް ދިއުމަށްފަހު އަހަރެމެންނާ އޮތް ހުރިހާގުޅުމެއް ކެނޑޭނެ……ދެން ދުވަހަކުވެސް ޝާމިންއެއް ނުފެންނާނެ….އަދި ޝާމިން ހޯދަންވެސް ދުވަހަކުވެސް އަނބުރާ ނާންނާތި!”
އަހަރެން އެތައްގޮތަކަށް ވިސްނުމަށްފަހު ބައްޕައާއެކު ރަށަށް ދިއުމަށް ނިންމީ އެބައްޕަގެ ހައްޤުގައެވެ. މިއަދު ބައްޕައަށް އަހަރެންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވެއެވެ. އަހަރެންގެ ހާލަށްވުރެ އެބައްޕަގެ ހާލާމެދު ވިސްނަން އަހަރެންނަށްވަނީ މަޖުބޫރުވެފައެވެ. އަމިއްލަ ހިތާމަތައް ހިތުގައި ފޮރުވައިގެންހުރެ ބައްޕައާއެކު އަހަރެން ރަށަށް ދިޔައީމެވެ. އަހަރެންގެ ބަދަލުވެފައިވާ ސިފަ ފެނުމުން ކޮންމެމީހަކުވެސް ހައިރާންވިއެވެ. އެހާޅައުމުގައި ދަރިއަކު ލިބުމުން ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އައިކަން އަހަރެންނަށްވެސް ފާހަގަކުރެވުނެވެ. ކުރިއަށްވުރެވެސް އަންހެންވަންތަކަން އިތުރުވެފަވެއެވެ. އިސްތަށިގަނޑުގެ ދިހުންކުލަ ގަދަވެ ރީތިވިއެވެ. އަވީގައި ނުޖެހި އެތައް ދުވަހަކު އުޅުމުގެ ސަބަބުން ކުރިޔަށްވުރެވެސް ވަނީ ދޮންވެ ހަންގަނޑު އޮމާންވެފައެވެ. އަހަރެންނަށް އައިސްފައިހުރި ބަދަލުން ޔޫނާވެސް ބަލަންހުރީ ބީރައްޓެއްސަކު ފަދައިންނެވެ. އަލަމްގެ މަންމަ އަހަރެން ފެނުމުން އޮޅުލަ އޮޅުލާފައި އެތައްއިރަކު އަލަމްމަތިން ހަނދާން ކޮށްފައި ރުއެވެ. އަލަމްއަށް ވީގޮތްވެސް ކިޔައިދިނެވެ.
“އަލަމް ރިޒޯޓްގަ ނަމާދަށް ހުއްޓާ ހަމަކުއްލިއަކަށް ވެއްޓުނީ…..ހަމައެވަގުތު އިމެޖެންސީކޮށް މާލެގެންގޮސް ޑަކްޓަރަށް ދެއްކީމަބުނީ ސިކުނޑީގެ ކަމެއްހެނޭ ހީވަނީ….މިކޮޅުން ޓެސްޓްކުރެވޭކަށްނެތޭ….ބޭރަށްދާށޭ ޖެހޭނީ….ދެން އެމީހުން އަހަރެމެންނަށް އެންގީމަ މާލެދިޔައިން….އޭރުވެސް ހެޔެއްނާރާ…..ދެން ޝެލީންގެ ބައްޕަ ޝިޔާޒްއަށް ގުޅާފަ އަލަމްގެ ވާހަކަ ބުނުމުން ޝިޔާޒް އަހަރެމެންނާ ބައްދަލުކޮށް އަލަމްބޭރަށް ގެންދެވޭގޮތް ހަދައިދިނީ……އެކޮޅުންބުނީ ސިކުނޑީގަ އެއްޗެއް ދުޅަވެގެން ލޭހޮޅިއެއް ފިތެނީކަމަށް….އެހެންވެ ވަރަށް ނުރައްކާތެރި އޮޕަރޭޝަނެއްވެސް ކުރެވުނު…އެކަމަކު އޮޕަރޭޝަނަށްފަހު ކޯމާއެއްގަ އޮވެފަ މަރުވީ….ޝިޔާޒްބުނީ މަރުވުގެ ކުރިން ހޭއެރިކަމަށްވެސް….އަދި ޝިޔާޒްއަށް ބަލާލާފަ ކުޑަކޮށްހީލިކަމަށްވެސް…..އެހެންވެ ޝިޔާޒްހީކުރީ ރަނގަޅުވަނީކަމަށް…..މިރަށުއޮފީހަށް ގުޅާފަ އެޚަބަރުދީފަ މާގިނައިރެއްނުވެ އަނެއްކާ މަރުވި ޚަބަރުދިނީ….ހާދަދެރައެއްވިޔޭ….” އަލަމްގެ މަންމަ ރޮއެ ރޮއެފައި ކިޔައިދިން އިރު އަހަރެންނަށްވެސް ހުރީ ގިސްލެވިފައެވެ. އަލަމްގެ ކުއްލި ވަކިވެދިއުން ވެގެން ދިޔައީ ރަށަށްވެސް ލިބުނު ވަރަށް ބޮޑު ހިތާމައަކަށެވެ. އެއީ ރަށުގެ ކުދިބޮޑު އެންމެނާވެސް ގުޅޭ ހިތްހެޔޮ ރަނގަޅު ޒުވާނެކެވެ.
ލަންކާއިން މަތީތަޢުލީމު ހާސިލްކޮށްގެން އައުމުގެ ސަބަބުން އަހަރެންނަށް ރަށުއޮފީހުން ވަޒީފަވެސް ހަމަޖެހުނެވެ. އަހަރެން ދިޔަ ކޮލެޖެއް ނުވަތަ ޔުނިވާރސިޓީއެއް ލަންކާގައި ނެތްނަމަވެސް އަހަރެންގެ އަތުގައި ކިޔެވިކަމުގެ ސެޓްފިކެޓް ހުއްޓެވެ. އެވެސް ސަމީރާގެ މޮޅު ރޭވުމެކެވެ. ރަށުއޮފީހުގެ ސެކްރެޓަރީއަކަށް މާމަތީ ސެޓްފިކެޓްތަކެއް ބޭނުމެއްވެސް ނުވާނެނޫން ހެއްޔެވެ؟ އެވަޒީފާއާއެކު އަހަރެންގެ މާޔޫސީ ހަޔާތުގެ އާބާބެއް ފެށުނީއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.





Wow v reethi mibaivess baynun vany story eh kon kiyaalan hehehe shine ge mashahkah v furihama thikuraa bura masahkathah hithuge ehme fun minun shukuru adhaakuran v ufaavay knmedhuvahaku up kohladheythyve thanks ingey n love you so much shine
Haadha dera ey dho. Mi first dho vara happy.
Heheheeee . Me first e noon me second. Plx soon next part
Alhe shiyaaz alam foruvaign tha eulheni.. Haadha nulafaa baekey.
Shine plz shiyaaz alam foruvaign ulhey kamah vaahaka geney..N shelyn aa alam gulhuvaa..shaamin vs Eyna ge ufan mamma kariah fonuvaa..sameeraa N shiyaaz ge hageegai falhaa aruvaalaa..
v v v v reeethi
shine keep it up
Varah ves furihama.
vvvv reethi
Aaaah bunane ehcheh neh vvvvv furihama MashaAllah,love it thanx sosososo much
Shine haadha molhey dw kiun therin foohi kohnulaa kiyaalevey gothah waahaka eh liyelan shine ge story eh ga foohi thankolheh naadhe v furihama v reethi
vvv reeethi…
Thanks a lot shine
alhe keeve alam thi maraalee ,ehenveema varah foohi ehkuhjaa gadu ,adhireega thereyga bahahtaaffa eh maraali ,shine thi hehdhee kihineh.eh dhekudhin vee maai loabah vure kuriaraa kaamiyaab hoadhaa thidhehnee ,shiyaax ge nuhahgu loabitha ? thedhuveri loabakah kaamiyaab nulibi ,vaanuvaage hure alam thi maraalee .mulhin foohivehjje . ehaa shauguvehri kamaa ehku kiyanikoh ,mulhin foohi thikohlee.
Love it….. so nice… keep it up….
Alam dhuniyeyga hunnaane ey hiybunani, hageegai egifa maruvan vaani
Story varah reethi.. love it.. ekm diary kiyamun dhaairu shaamin ge hithah araa faibaa ehchehi ves diary kiyamun dhaa gadeega egeynenama.. sheleen akee shaamin ge mom kan engey iru shaamin vrh shocked vaane dho.. otherwise this story is the best
Wow vrh reethi.
Waiting for next part
Like it
Kuriyah vure reethi
Shine. You are an amazing writer. This story is truly captivating. Keep it up.
Shine heyonuvaane shelyn ahh ehn hadhaakah..
Alammmm??????
Alam ge handhaan thah aharen ge hithakun ves dhuvahaku ves nudhaane..?????????
Alheyy alam anna nama..???
This story is amazing shine..❤
Rovuhje mi part kiyaafa..???