މަޑުމަޑުން އަތްދޫވަމުން ގޮސް އިސާހިތަކު އަހަރެންއޮތީ ގިފިލި އަކިރިތަކުމައްޗައް ގުޅައަކަށް ޖެހިފައެވެ. ވެއްޓިޖެހުނު ގޮތަކުން ކަނާތުފައި ފުރޮޅި،ވީތަދުންނާއި ގަތްލަދެއްގެ ބޮޑުކަމުން ވަގުތުން އަހަރެންނަށް ރޮވިއްޖެއެވެ.
އެއޮތްގޮތަށް އޮވެ މޫނުގައި އަތްއަޅައިގެން އަހަރެން ގިސްލަ ގިސްލާފައި ރޯންފެށުމުން އަލަމް އަވަސް އަވަހަށް އައިސް އަތުލަފިކޮށްގެން އަހަރެން ނެގިއެވެ. ދެންވެސް އަހަރެންނަކަށް ހިނގައެއްނުގަނެވުނެވެ. އަލަމް ބަލާކަށް ނުހުރެ އޭނާގެ އަތްދަނޑިމައްޗަށް އަހަރެން އުފުލާލިއެވެ. އަލަމްގެ ތެތް ހަށިގަނޑުގައި ޖެހިފިތުމުން އެހަށިގަނޑުގެ ފިނިކަން އަހަރެންނަށް އިހުސާސްކުރެވުނެވެ. އޭނާގެ ތެތްއިސްތަށިގަނޑުން ފައިބަމުންދިޔަ ފެންތިކިތައް އަހަރެންގެ މޫނުގައި ބީހެމުން ދިޔައެވެ. ދެލޯމަރައިގެން އޮވެ އޭރުވެސް އަހަރެން ރޮނީއެވެ.
“އިޓްސް އޯކޭ……ދެން ނުރޮއެ ހުއްޓާލާ!” އަހަރެން ރޯތީ އަލަމްހުރީ ވަރަށް ކަންބޮޑުވެފައެވެ.
އަލަމް އަހަރެން ގޮވައިގެން ގޮސް ގޯތިތެރޭގައި ހުރި އައްޓެއްގެ މަތީ ބޭންދިއެވެ. ނަސީބަކުން އެވަތުގު އެގޭގައި އިތުރުމީކަހުވެސް ނޫޅެވެ. އަހަރެން އެތާބޭންދުމަށްފަހު އަލަމް ގޭތެރެއަށް ވަނެވެ. އިރުކޮޅެއްފަހުން އައީ ސޯޓެއްލައިގެންނެވެ. އަތުގައި ބޭސްފުޅިއެއްވެސް އޮތެވެ.
” ކޮންތާކަށް ތަދުވަނީ؟” އަހަރެންގެ ފައިގާ އަތްޖައްސާލާފައި އޯގާތެރިކަމާއެކު އަލަމް އަހާލިއެވެ. އަހަރެން އިސްޖަހައިގެން އިނދެ ތަދުވާތަނުގައި އަތްޖައްސާލީމެވެ. އަލަމް އަހަރެންގެ ފައިގާ ބޭސް އުނގުޅަމުން ދިޔައިރު އަހަރެންނަށް ތަފާތު އިހުސާސެއް ކުރެވުނެވެ. ހާމަޔަށްހުރި އަލަމްގެ ހަށިގަނޑު އެހާގާތުން ފެނުމުން އަހަރެންގެ ހިއްސުތައް ހަލަބޮލިވިއެވެ. އަހަރެން ބަލާހެން ހީވެގެން، ބޭސް އުނގުޅަށް އިނދެފައި އަލަމް އިސްއުފުލާ ބަލާލިއެވެ. އަލަމްއާ ހަތަރުކަޅިހަމަވުމުން ރަކިވެގެންން އަހަރެންނަށް އިސްޖަހާލެވުނެވެ.
” ދަރިފުޅާ!….ކިހިނެއްވީ ޝެލީނާގެ ފަޔަށް؟!” ދެމީހުންނަށް ސިހިފައި ބަލާލެވުނީ އަލަމްގެ މަންމަގެ އަޑަށެވެ. އަލަމް ދޭނެ ޖަވާބެއް ނޭނގޭތީ ކަންބޮޑުވެގެން ގޮސް އަހަރެންނަށް ހިންދިރުވާލެވުނެވެ.
” ފޭރެއް ބިންނަން ގިފިލިތެރޭގަ އުޅެނިކޮށް ފައިފުރޮޅުނީ..” ހަމަޖެހިލައިގެން އިނދެ އަލަމް އޭނާގެ މަންމަގެ ސުވާލަށް ޖަވާބުދިނެވެ. ކުރުކޮށް ފޮނިކޮށް ކަންތައްވީގޮތް އަލަމް އޮޅުންފިލުވައިދިނުމުން އަހަރެންގެ ހިތަށް ހަމަޖެހުން ލިބުނެވެ.
” އެހެންތަ…..ވަރަށްބޮޑަށް ތަދުވިތަ؟….ދުޅަވެސްވެފަދޯ މިއޮތީ….މަންމަޔަށްހީވަނީ ފައިގާ ބޭސްގަނޑެއް އަޅަންހެން ޖެހޭނީ” އަހަރެންގެ ފަޔަށް ރަނގަޅަށް ބަލާލަމުން އަލަމްގެ މަންމަ ބުންޏެވެ.
” ޝެލީނާގެ މަންމައަށް އެނގިއްޖެއްޔާ ވަރަށް ކަންބޮޑުވާނެ……ދައްތަ އަންނާނަން ދިވެހިބޭސްހަދާ ފާތުމަ ދައިތަ ގާތަށް ގޮސްފަ ބޭހެއް ހަދަން ބުނެފަ…..މިހާރު އެއޮއް އިރުވެސް އޮއްސެނީ….އެކޮއެ މަންމަގާތުގަވެސް ބުނަން ޖެހޭނެއްނު” އަލަމް މަންމަ ވާހަކަ ދައްކަމުން ދައްކަމުން ބޭރަށް ނުކުތެވެ. އަނެއްކާވެސް އަހަރެންނާ އަލަމްއާ އެކަނިވީއެވެ. ކަންތައްވީގޮތުން އަހަރެންއިނީ އިސްއުފުލާ އަލަމްއަށް ބަލަންވެސް ނުކެރިފައެވެ. އަލަމްވެސް އިތުރު އެއްވެސް ވާހަކައެއް ނުދައްކައެވެ.
” އަދިވެސް ވަރަށް ތަދުވޭދޯ؟….މިހާރު ވަރަށްބޮޑަށް ދުޅަވެސް ވެފަ މިއޮތީ…..މަށަށްވެސް ހީވަނީ ބޭސްއަޅައިގެންހެން ސަލާމަތްވާނީ…” ހިމޭން ވަގުތުކޮޅަކަށްފަހު ވަރަށް ސީރިއަސްވެފައި އަލަމް ބުންޏެވެ. އަހަރެންވެސް ބޮލުގެ އިޝާރާތުން އާއެކޭބުނީމެވެ. އަލަމްގެ މަންމަ ދިޔަތާ މާގިނައިރެއްނުވެ އަހަރެންގެ މަންމައާއި ބައްޕަވެސް ދުވެފައި ކަހަލަ ގޮތަކަށް އައިސް އަލަމްމެން ގެޔަށްވަނެވެ.
” އަޅެ ދަރިފުޅާ! ކިހިނެއްތަވީ؟ ކީއްވެތަ ފައިފުރޮޅުނީ…..ހާދަބޮޑަކަށޭ މިއޮތީ ދުޅަވެފަވެސް….މީހަމަ ފައިފުރޮޅިގެންވީވަރުތަ؟…” މަންމަ ހާސްވެ ކަންބޮޑުވެގެން ސުވާލުތައް ކުރަންފެށިއެވެ.
” ތެދެއް ދަރިފުޅާ! ކިހިނެއްވެފަތަ މިހާވަރެއްވީ؟” ބައްޕަވެސް އަހަރެންގެ ފައިގާ ފިރުމާލަމުން ދެރަވެފައި ސުވާލުކޮށްލިއެވެ. އަލަމްގެ މަންމަ ބޭސްގަނޑެއް ފުނޑައިގެން އައިސް ބޭސްއަޅައިދިން އިރު މަޣުރިބު ނަމާދުގެ ބަންގިވެސް ގޮވައިފިއެވެ.
” ދަރިފުޅަށް ދެން މިރޭ ގެޔަށްވެސް ނުދެވުނީނު…..މިރަށަކީ ދުއްވާއެއްޗެއްވެސް ހުންނަރަށެއްނޫން…އެހެންނަމަތާ އެއިން އެއްޗެއްގަވެސް ދާނީ.” މަންމަހުރީ އަހަރެން ގެޔަށް ގެންދާނެ ގޮތެއް ނޭނގި ކަންބޮޑުވެފައެވެ.
” ބައްޕަ ގެންދަންތަ ދަރިފުޅު ބަރޯޔަށް ލައިގެން……އެވެސް ދުއްވާ އެއްޗެކެއްނު!” ބައްޕަ އެހެން ބުނުމުން އަލަމް ނުލަފާޒާތަކަށް ހޭންފެށުމުން އަހަރެންނަށްވެސް ހެވުނެވެ. މަންމަމެން އަހަރެން ގެންދާނެ ގޮތަކާމެދު ވާހަކަ ދައްކަން ތިއްބާ އަލަމް އައިސް އަހަރެންނާ ދާދިގާތުގައި އިށީނެވެ.
” އަހަރެން ގެންގޮސްދީފާނަން…އަތްދަނޑިމަތީ އުފުލައިގެން…..އެގޮތް އޯކޭއެއްނު…” ވައިއަޑުން އަހަރެންގެ ކަންފަތްދޮށުގައި އަލަމްބުނި ޖުމްލައިން އަހަރެން ލަދުގަތެވެ.
” ކިހިނެއްވީ؟ ދެންމެވެސް އަހަރެންގެ އަތްމަތީ އޮތީ ނުލާހިކު ހަމަޖެހިލައިގެން އަރާމުގައެއްނު!….މަންމަމެންގާތު ބުނަންތަ އެހެން” އަހަރެން އަނގައިން ނުބުނެ އިންނަން ފެށުމުން އަލަމް އަނެއްކާވެސް ގޯނާކޮށްލިއެވެ.
” ދެން ކަލޭމެން އެހާވަރުން އެމަންޖެ އެކޮޅަށް ގެންދަން ތިއުޅެނީ ކީއްކުރަން……ތިޔަހުރީ އެމަންޖެ މާމަގެ ޖެހިފަ….އެގޭގަ އެމަންޖެ މާމަގާތު މިރޭ ބާއްވަންވީނު…..އެމީހާވެސް ގައިމު އުފާވާނެ……ދެން މާދަމާ ހިނގޭވަރު ވެއްޖެއްޔާ ގެޔަށް ގެންދެވިދާނެއްނު!” އަލަމްގެ މަންމަވެސް އަހަރެންގެ މަންމަމެންނަށް ލަފާއެރުވިއެވެ. މަންމަމެންވެސް އެންމެފަހުން އެގޮތާ އެއްބަސްވިއެވެ. މަންމަ ގެޔަށްގޮސް އަހަރެންގެ ބައެއްސާމާނުތައް ގެނެސްދިނެވެ.
އަހަރެންގެ ފަޔަށްތަދުވިކަން އެނގުމުން މާމަވެސްހުރީ ވަރަށް ދެރަވެފައެވެ. ނަމަވެސް މާމަގާތު މަޑުކުރާ ވާހަކަ ބުނުމުން އުފާވެސްވިއެވެ. މާމަ އަބަދުވެސް ބޭނުންވަނީ އަހަރެން މާމަގާތުގައި ބަހައްޓާށެވެ. އެއީ މާމަގެ އިތުރު މާމަދަރިއެއްވެސް ނެތީމާއެވެ. މަންމަ ފިޔަވައި އިތުރު ދަރިޔަކުވެސް މާމަގެ ނުހުރެއެވެ. ބައްޕަ ފަރާތު މާމައެއް އަދި ކާފައެއްވެސް ދުނިޔައަކު ނެތެވެ. ބޮޑުބޭބެއެއް ފިޔަވައި އިތުރުމީހަކު ބައްޕަގެ އާއިލާގައިވެސް ނެތެވެ.
އަހަރެންގެ އާއިލާ ކުޑަވެފައި މަންމައާއި ބައްޕަގެވެސް ތިމާގެމީހުން މަދުކަމުން ބައެއްފަހަރު އަހަރެން ވަރަށް ދެރަވެއެވެ. އަލަމްއަކީވެސް އޭނާގެ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅު ނަމަވެސް އަލަމްގެ ދެބެންގެ ދެދަރިކުދިން ވަރަށް ގިނައެވެ. އަލަމްގެ ދެފަރާތު އާއިލާވެސް އެހާމެ ބޮޑެވެ. އަލަމްގެ ގެޔަށް އަބަދުވެސް އާއިލާކުދިން އައިސްގޮސްވާތަން އަހަރެންނަށް ފެނެއެވެ. އެމީހުން އުޅޭލެއް މަޖާކަމާއި އުފާވެރިކަމުން އަހަރެންވެސް އެގޮތަށް އުޅެން ބޭނުންވަނީއެވެ. ޗުއްޓީގައި ދަތުރު ދިއުމާއި އެންމެން އެއްވެގެން ތަފާތު ވައްތަރުގެ ކެއުންތައް ތައްޔާރުކޮށްގެން ކައިހެދުމަކީ އެމީހުންގެ އާދައެކެވެ. އެމީހުންކުރާ ހުރިހާ ކަމެއްގައިވެސް އަހަރެން ބައިވެރިކޮށް ހަދައެވެ. އަލަމްގެ ފަރާތުން ތާއަބަދު ގޯނާކުރުންތައް ލިބުނުނަމަވެސް އޭނާގެ ސަބަބުން އަހަރެންނަށް ލިބުނު ހިތަހަމަޖެހުމާއި އުފާވެރިކަންވެސް މަދެއްނޫނެވެ.
ރޭގަނޑުގެ ކެއުމަށްފަހު މާގިނައިރުތަކެއްނުވެ އަހަރެންނާއި މާމަވެސް ކޮޓަރިއަށްވަދެ ނިދަން އޮށޯތީމެވެ. މާގިނައިރެއްނުވެ މާމަ ނިދައިފިއެވެ. ނަމަވެސް އަހަރެންނަކަށް ނިދޭގޮތެއް ނުވިއެވެ. ފައިގާ ރިއްސާތީއާއި ސިކުނޑީގައި ފުނިޖެހެމުންދާ ޚިޔާލުތަކުގެ ސަބަބުންނެވެ. މިއަދު ވީކަންތަކާމެވު ވިސްނި ލަދުގަންނަނީއެވެ. އަލަމް ހިތައް އަރާނެ އެއްޗެއްވެސް ނޭނގޭތި ކަންބޮޑުވެސްވިއެވެ. އަނެއްކާ އަލަމް އެވާހަކަ އެހެންމީހެއްގެ ގާތުގައި ނުބުނާނެބާއެވެ. އަލަމް ހުންނަނީ އަހަރެންނާ ދިމާކުރާނެ ގޮތެއް ނުފެނިފައެވެ. ދެން އޭނާއަށް މިފެނުނީ މިއަހަރު ނިމުނަސް ދިމާކުރުން ނުހުއްޓޭވަރުގެ ކަމެކެވެ.
” އެއަލަމް ގަނޑުވެސް އެގަޑިއަށްތަ ފެންވަރަން ވަންނަންވީ؟…ވަރަށް ފޫހިވޭ..” އަހަރެންނަށް ތުންއޫކޮށްލާފައި ބާލިހުގައި އަތުން ބޮނޑިއެއް އަޅާލެވުނެވެ. އަލަމްގެ ކިބައިން ސަލާމަތްވާން ދެން ހަދާނީވެސް ކިހިނެއް ހެއްޔެވެ؟
” ދެން އެއަލަމްގަނޑަށް ނުފެނި އުޅެންވީ….އެހެންނޫނީ ސަލާމަތެއްނުވާނެ……މިއަދުވެސް އަހަރެން ރުއިވަރުންކަންނޭނގެ އެއްޗެކޭ ނުކިޔާ މަޑުންހުރީ….އެކަމު ކިހިނެއް މިގޭގަ އުޅޭއިރު ނުފެނިވެސް ހުންނާނީ” އަހަރެން އަލަމްގެ ކިބައިން ސަލާމަތްވާނެ ގޮތަކާމެދު ވިސްނަން ރޭދެބައިވާންދެން އޮތީމެވެ.
އަހަރެންނަށް ހެނދުނު ހޭލެވުނީ މަންމަ ސައިބޯން ގޮވީމައެވެ.
” ދަރިފުޅާ! މިހާރު ކިހިނެއްތަ ފައި؟….ޑޮކްޓަރަށް ދައްކަން ކުޅުދުއްފުއްޓަށް ދާންވީނު…..މަންމަޔަށް ހީވަނީ އޭރުންހެން އަވަހަށް ރަނގަޅުވާނީ” އަހަރެންގެ ދެލޯ ރަނގަޅަށް ނުހުޅުވެނީސް މަންމަ ވާހަކަ ދައްކަން ފެށިއެވެ.
” މަންމާ! މިހާރުވެސް ވަރަށް ބޮޑުތަން ރަނގަޅޭ…..ދެން އަޅުގަނޑު ވަރަށް ފޫހިވޭ ޑޮކްޓަރަށް ދައްކަންދާން…..ދިވެހިބޭހުން ރަނގަޅު ނުވިއްޔާ ޑޮކްޓަރަށް ދާނީ” އަހަރެން ވަގުތުން ޑޮކްޓަރަށް ދައްކަންދާން އިންކާރުކުރީމެވެ. އެއީ އަބަދުވެސް އަހަރެން ވަރަށް ފޫހިވާކެމެކެވެ.
ސައިބޮއެގެން އައިސް އަނެއްކާވެސް އަހަރެންވަނީ ކޮޓަރިއަށެވެ. ބޭރުގައި އިންދާ އަލަމް އަތުވެދާނެތީ އަހަރެން ބިރުގަތީއެވެ. މަންމަ އަހަރެން ގެޔަށް ގެންދަން އުޅުމުން މާމަ އެކަމާ އިންކާރުކުރިއެވެ. އަހަރެންގެ ފައި އެއްކޮށް ރަނގަޅުވާންދެން މާމަގެގާތުގައި ބެހެންޓުމަށްވެސް އެދުނެވެ. މަންމަމެންވެސް އެގޮތާއި އެއްބަސްވިއެވެ. ނަމަވެސް އަހަރެންހުރީ ވީހާވެސް އަވަހަކަށް ގެޔަށްދާން ބޭނުންވެފައެވެ. ތިންދުވަސްވާންދެން އަހަރެން އަލަމްއާ ފިލައިގެން އުޅުނީމެވެ. އަލަމް އަހަރެންގެ ހާލުބަލަން އަންނަ ގަޑިތަކުގައި ނިދާފަ ކަމަށް ހަދައިގެން އޮންނަމެވެ.
އެއްރެއެއްގެ އިރާކޮޅުގެ ވަގުތެކެވެ. މާމަ އިޝާނަމާދަށް މިސްކިތަށް ދިއުމުން އަހަރެން ސިޓިންރޫމަށް ނުކުރީ ފެންފޮދެއް ބޯލާށެވެ. ބަނޑިޔަލުން ފެންތައްޓެއް ނަގައި ފެންކޯވަރެއް ބޯލުމަށްފަހު އެނބުރިލީ ވަގުތު އަލަމްފެނި ސިހިފައި ތަށިވެސް އަތުން ދޫނުވީ ކިރިޔާއެވެ. ފެންތަށި ހިފައިގެން ކޮޓަރިއަށް ދިއުމަށްޓަކައި އަހަރެން ހިނގައިގަތް ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއްނުވިއެވެ. އަލަމް ހަލުވިކަމާއެކު އައިސް އަހަރެންގެ އަތުގައި ހިފިއެވެ. އަދި އަހަރެންގެ އަތުގައިހުރި ފެންތަށި އަތުލާފައި އެއްނޭވާއިން ބޯލިއެވެ. ހީވަނީ ފެނަށް ކަޅިއަރާފައި ހުރިމީހެއް ހެންނެވެ. އަހަރެން ހައިރާންވެފައި އަލަމްއަށް ބަލަން ހުރީމެވެ.
” ހާދަމީރޭ ތިތުންފަތް ޖެހިފަހުރިތަށިން ފެންބޯލީމަ…..ތިތުންފަތްވެސް ހަމަ އެހާމީރުވާނެތަ؟” ލާނެއްފާޑަކަށް ހެވިފައިހުރެ އަލަމް އަހަރެންނާ ގާތްވިއެވެ. އަހަރެން ތެޅިގެންފައި ދުރަށް ޖެހިލީމެވެ. އަލަމްގެ ޖުމްލަ އިވިފައި ހިތްތެޅިގެންވަރުން ހީވީ މޭފޫއަޅުވާފައި ނުކުމެދާނެ ހެންނެވެ.
” ނޯ ނޯ ތިހެން ނުދެވޭނެ މިރެޔަކު…..މަށާ ފިލައިގެން ވަރަށް އުޅެފީމެއްނު!….އެކަމަކު ދެން ނުފިލޭނެ އިނގޭ!” އަހަރެންގެ ދެކޮނޑުގައި ހިފައި ފާރުގައި ލައްކޮށްލަމުން އަލަމް ބުންޏެވެ. އަހަރެންހުރީ ކަންބޮޑުވެގެން ގޮސް އެތެރެއަށްލީ ނޭވާ ބޭރަށް ލާންވެސް ނެނގިފައެވެ.
” އެދުވަހު ޝެލީކުރިކަންތަކުގެ ސަބަބުން އަހަރެން މިހުރީ މީހަކަށް މޫނުދައްކާލަންވެސް ނުކެރިފަ……އެއްވެސް ހުއްދައެއްނެތި ޝެލީ އަހަރެންގެ ހުރިހާތަނެއް ބަލައިފި…..ދެން އަހަރެން، އަހަރެންގެ ވައިފަށް ދައްކާނެ އެއްޗެއްވެސް ނެތް…..ކާކު އެކަން އެނގިހުރެ އަހަރެންނާ އިންނާނީވެސް…..އަހަރެންގެ އިއްޒަތް ވެއްޔާ މޮޑެވިއްޖެ” ހިންދީ ފިލްމެއްގެ ޑައިލޮގް ކިޔާފަދައިން އަންހެން އަޑަކުން ދެރަވެފައި އަލަމް ވާހަކަ ދެއްކިގޮތުން ބޭއިޚުތިޔާރުގައި އަހަރެންނަށް ބާރަކަށް ހެވުނެވެ. އަލަމްގެ އެކްޓްފެނި، ގަތްފައިހުރި ބިރުވެސް ފިލާހިނގައްޖެއެވެ.
” ވަރަށް މަޖާތަ؟….އަހަރެންގެ ހުރިހާ އެއްޗެއް ބަލާފަ އެބަހެޔެއްނު!….ޝެލީ ފެންވަރަނިކޮށް އަހަރެން ފޭރުގަހަށް އަރާއޮވެގެން ބެލިނަމަ، ހަމަޔގީނުންވެސް ތިގޮތަކަށް ނުހޭނެ…..އެހެންނަމަ ދެންމެ މިކީ ޑައިލޮގް ކިޔާނީ ޝެލީކަން ޔަގީން…..އަދި އެވެސް ބޭބީއެއްހެން ރޮއެ ރޮއެފަ….” އަހަރެންގެ ދެކޮނޑުގައި ކުރިއަށްވުރެވެސް ބާރަށް ހިފައި ފާރުގައި ތަތްކޮށްލަމުން އޭނާގެ ފިރިހެންވަންތަ އަޑުން ބުނެލިބަސްތަކުން އަހަރެންނަށް ހިމޭންވާން މަޖުބޫރުވިއެވެ. އެބަލާލުމުގައިހުރި ސީރިއަސްކަމެއްގެ ސަބަބުން ބިރުވެސް ގަތެވެ.
” ސޮރީ! އަހަރެން ގަސްތުގައެއްނޫން ބެލީކީ….އަހަރެން ގަހުގަ އޮއްވާ އަލަމް ގިފިއްޔަށް ވަނީވެސް” ދެރަވެލާފައި އިސްޖަހާލަމުން ކަންތައް ވީގޮތް އަހަރެން އޮޅުން ފިލުވައިދިނީމެވެ.
” ގަސްތުގާ ނޫނަސް ބެލީމެއްނު! ހަމައެހާރީތިތަ އަހަރެން…ހެހެހެ…ކީއްވެތަ ކުރިން ނުބުނީ ދައްކާށޭ! އެހެންނަމަ ގަހުންވެއްޓި ފަޔަށްތަދުވާކަށް ނުޖެހުނީހެއްނު!” އަލަމްގެ ދެއްކި ވިޔާނުދާ ވާހަކަތަކުން އަހަރެން ރުޅިއައެވެ. އޭގެކުރިން ދުވަހަކުވެސް އެފަދަގޮތަކަށް ފިރިހެން ކުއްޖަކު ވާހަކަ ދައްކާފައިނުވާތީ އަހަރެންނަށްވީ ވަރަށް އާކަމަކަށެވެ. އަލަމްއަކީ ހާދަ ގޮތްކުޑަ ކުއްޖެކޭވެސް ހިތަށް އެރިއެވެ.
” ދޫކުރޭ!….އަހަރެން ބުނެފީމެއްނު ގަސްތުގައެއްނޫނޭ….އެކަން ކުރެވުނީކީ….ގޯސްމީހާގަނޑާ ދުރަށްދޭ! އެހެންނޫނީ މާމަގާތު ބުނާނަން…” އަހަރެންނަށް ރޮވެންވެސް ކައިރިވެއްޖެއެވެ.
” ހޫމް ދޫކޮށްލާނަން ޝަރުތެއްގެ މަތިން…..އަހަރެންނާ ރަށްޓެހިވާން އެއްބަސްވޭ! އޭރުން އެވީކަންތައް އަހަރެން ހަނދާން ނައްތާލާނަން…” އަލަމް ވަރަށް ހަމަޖެހިލާފައި ބުނެލިއެވެ. އަހަރެންހުރީ ހަދާނެ ގޮތަ ހުސްވެ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އެއީ ފިރިހެން ކުއްޖަކު އަލަށް އަހަރެންނާ ރަށްޓެހިވާން އެހި ފަހަރެވެ.
” އަހަރެންނާ ރައްޓެހިވާނަންތަ؟….ބުނެބަލަ!” ކުރިޔަށްވުރެވެސް ގާތަށް ޖެހިލާފައި ވައިއަޑުން އަލަމް ބުންޏެވެ. އެވަގުތު ކަރުތެރޭގައި ނޭވާތާށިވިހެންވެސް އަހަރެންނަށް ހީވިއެވެ. ހަދާނެ ގޮތްބޮޑުވެ އިސާހިތަކު މޫނުގައި ދާތިކިތައް ވިދަން ފެށިއެވެ. މިފިރިހެނާގެ އަތްދަށުން އަހަރެން ސަލާމަތްވާނީ ކިހިނެއްބާއޭ ހިތަށްއެރިއެވެ. ކުއްލިއަކަށް އަހަރެންނަށް އައި ޚިޔާލުން ދޮރާދިމާ ބަލާލާފައި ބާރަކަށް މާމާއޭ ކިޔާގޮވާލީމެވެ. އަލަމް ސިހިފައި އަހަރެންގެ ގައިން ދޫކޮށްލާފައި ފަހަތްބަލާލިއެވެ. އޭނާ ހިކުރީ އަސްލުގަވެސް މާމަ އައީ ކަމުގައެވެ. ލިބުނު ފުރުސަތުގައި ދުވެފައި ގޮސް އަހަރެންކޮޓަރިއަށް ވަނީމެވެ.
“ނުލަފާ މީހާގަނޑު!…ވަރަށް ފޫހިވޭ!” އަލަމް އަހަރެންނާ ދިމާބަލާލުމުން އަލަމްއާ ދިމާއަށް ދޫނެރެލާފައި އަވަސް އަވަހަށް އަހަރެން ދޮރުލައްޕާ ތަޅުލީމެވެ. އަހަރެން އެނދުގައި އިށީނދެ ހަމަޖެހިލީއިރުވެސް ހިތުގެ ތެޅުން ހަމަޔަކަށް ނޭޅެއެވެ. މިރޭ މިވަގުތަށް އަލަމްގެ އަތްދަށުން ސަލާމަތްވިޔަސް އަދިވެސް އޭނާ އަންނާނެކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް އޭގެފަހުން ދެދުވަސް ވީއިރުވެސް އަލަމްގެ ޚަބަރެއް ނުވިއެވެ.
އަހަރެން ކަންބޮޑުވެފައި ހުއްޓާ އެއްދުވަހަކު ޔޫނާ އައިސް އަހަރެންގެ އަތަށް ދިނީ ފަތްޖަހާފައި އޮތް ކަރުދާސްގަނޑެކެވެ.
” މީކޯއްޗެއް؟” އަހަރެން ހައިރާންވެފައި ޔޫނާއާ ސުވާލުކޮށްލީމެވެ.
” ކޮންމެވެސް ރޯމިޔޯއަކުދިން ސިޓީއެއްތީ…..ކިޔާބަލަ! އެނގޭނެއްނު އޭރުން ކާކުކަން” ޔޫނާ ހެވިލާފައި ބުންޏެވެ. އަހަރެން ކަރުދާސްގަނޑު ނިއުޅާލާފައި ކިޔަންފެށީމެވެ.
” ޝެލީ…އަހަރެން ހަމަހަގީގަތުގަވެސް ޝެލީދެކެ ވަރަށްލޯބިވޭ…ރައްޓެހިވާން އެހީވެސް ސަމާސާއަކަށް ނޫން…..އެކަމަކު ޝެލީ ހިތްހަމަ ނުޖެހުނުހެން ހީވާތީ ވަރަށް ދެރަވެފަ މިހުރީ…. އަހަރެން ދެއްކި ވާހަކައިން ޝެލީ ހިތްހަމަ ނުޖެހުނުނަމަ.. ވަރަށް ބޮޑަށް ސޮރީ….ޝެލީގެ ޖަވާބަކަށް އަހަރެން އިންތިޒާރުކުރާނަން…..-އަލަމް-” އަލަމްގެ ސިޓީ ކިޔާލުމުން ހިތަށް ހަމަޖެހުންލިބުނީ ކީއްވެގެން ކަމެއް އަހަރެންނަކަށް ނޭނގެއެވެ.
” ޔޫ! އަހަރެން ކިހިނެއްހަދާނީ….ކީކޭބުނާނީ؟ ” އަމިއްލައަށް ގޮތެއް ނިންމަން ނޭނގުމުން ޔޫނާގެ ލަފަޔަކަށް އަހާލީމެވެ.
” މާގިނަ ގޮތްތަކެއް ހަދަން ޖެހޭތަ؟….އާއެކޭ ބުނެބަލަ! އަލަމްއަކީ ކިހާ ރަނގަޅުކުއްޖެއް….މިއަހަރު ކިޔަވާ ނިންމީ…ނަތީޖާވެސް ނުލާހިކު ރަނގަޅު….އިތުރަށް ކިޔަވަން އަނެއްކާވެސް މާލެދާން އެއުޅެނީ…..އެޔަށްވުރެ ވަކީން އަޚުލާޤުވެސް ރަނގަޅު ކުއްޖަކު ޝެލީ ބުނެބަލަ! ކިތަންމެ ސަކަރާތްޖަހަ ޖަހާފަ އުޅުނަސް ސިގިރޭޓެއް ނުބޮއޭ…..އަންހެންކުދިންނަކާ ނުފޮށޭ….މައިން ބަފައިންގެ ބަސްއަހާ….ނަމާދުވެސް ކުރޭ….ދެން ކޮންކަމެއްމަދީ…..އަނެއްކާ ބަލާލަންވެސް އެހާރީތި…..ޝެލީއާ ނުލާހިކު ގުޅޭ..” ޔޫނާ އަލަމްގެ ވަނަވަރު ކިޔާލިގޮތުން އަހަރެންގާތަށް ހިނިއައެވެ. ހީވަނީ އަލަމްއާ ބެހޭގޮތުން ވަރުގަދަ ރިސާޗެއް ހަދާފައި ހުރިހެންނެވެ.
އަހަރެން އަލަމްގެ ސިޓީ އެތައް ފަހަރަކު ކީމެވެ. އަލަމް އަހަރެންގެ ހާލުބަލާލަން ނާންނާތީ އަހަރެންހުރީ ދެރަވެސް ވެފައެވެ. ނޭނގި ނަމަވެސް އަހަރެންނަށް އަލަމްއަށް އިންތިޒާރު ކުރެވެއެވެ. އެންމެފަހުން އަލަމްގެ ސިޓީއަށް ޖަވާބެއްދޭން އަހަރެން ނިންމީމެވެ. ވަރަށް ކުރުކޮށް ނަމަވެސް ފޮނިކޮށް އަލަމްގެ ސިޓީއަށް އަހަރެން ޖަވާބެއް ލިޔުނީމެވެ.
” އަލަމްއާ ރައްޓެހިވާން އަހަރެންވެސް ބޭނުމޭ…..އަހަރެން އަލަމްދެކެ ރުޅިއެއް ނާދެއޭ….އަލަމް ނާންނާތީ ދެރަވެސްވެޔޭ.” ސިޓީ ކިޔާލާފައި ހިނިތުންވެލަމުން އަހަރެން ސިޓީ ފަތްޖަހާލީމެވެ. ހަވީރު ޔޫނާއައުމުން އޭނާއާ ހަވާލުކޮށްފައި އަލަމްއަށް ސިޓީދިނީމެވެ. ސިޓީ ލިބުމުން އަލަމް އުފަލުންހުރެ އަހަރެންގެ ގާތަށް އަންނާނެކަންވެސް އެނގި އަހަރެންނަށް ހިނިތުންވެލެވުނެވެ. ކަންތައްވީވެސް އެހެންނެވެ. މަޣުރިބުނަމާދުކޮށްގެން އަލަމް މާމަގެޔަށް އައެވެ. އެގަޑީގައި މާމަ ގޭގައި ނޫޅޭނެކަން އަލަމްއަށް އެނގެއެވެ. މަޣުރިބު ނަމާދަށް ގޮސް އިޝާނަމާދުވެސް ކޮންގެން ނޫނީ މާމަ ގެޔަކަށް ނާންނާނެއެވެ. އަލަމް އަންނާނެ ވަގުތެއްގެ އިންތިޒާރުގައި އަހަރެންވެސް ފެންވަރާ ނަލަހެދިގެން އިނީމެވެ.
ސިޓިންރޫމުގައި ހުރި ސަރަންފީއެއްގައި އަހަރެން އިންދައި ނޭފަތުގައި ޖެހުނު ފިރިހެން ސެންޓުގެވަހުން އަލަމް އައީކަން އަހަރެންނަށް ޔަގީންވިއެވެ. އަހަރެން އިސްއުފުލާ ބަލާލީ ޖެހިލުންވެ އިނދެއެވެ. ދޮރުމަތީގައި އަހަރެންނަށް ބަލަހައްޓައިގެން ހިނިތުންވެފައިހުރި އަލަމްފެނުމުން އަތްފައިފިނިވާން ސިކުންތުކޮޅެއްވެސް ނުނެގިއެވެ. ގޮޅިޖެހި އަތްދިގު ގަމީހަކާއި ނޫކުލައިގެ ޖީންސެއްގައި ހުރިއިރު އަލަމްގެ ފިރިހެންވަންތަކަން އިތުރުކޮށްދީފައި ވެއެވެ. މަޑު ހިނގުމެއްގައި އައިސް އަހަރެންނާއި ޖެހިގެންހުރި ސަރަންފީގައި އަލަމް އިށީނެވެ. އަހަރެން އިސްޖަހައިގެން އިނީ އަލަމް އެހާގާތުގައި އިނުމުން ބަލާލަންވެސް ނުކެރިފައެވެ. ހިތްވެސް ތެޅެނީ ކުރިއާ ޚިލާފަށްހެންވެސް އަހަރެންނަށް ހީވިއެވެ.
” މިހާރު ފައި ކިހިނެއްތަ؟” ވަރަށް އާދައިގެ ގޮތަކަށް އަލަމް ސުވާލުކޮށްލިއެވެ.
” ރަނގަޅު” އަހަރެންނަށް ޖަވާބުދެވުނީވެސް އިރުކޮޅެއް ފަހުންނެވެ.
” ޝެލީ! އައި އެމް ސޮރީ އެބައުޓް ދެޓްޑޭ!….އެދުވަހު މާބޮޑަށް ސަމާސާ ކުރާހިތްވެފަ ހުރީ..” އަލަމް އަހަރެންގެ އަތުގައި ހިފާލަމުން މަޑުމަޑުން ބުންޏެވެ.
” އިޓްސް އޯކޭ..” އަހަރެންވެސް ހެޔޮހިތުން އަލަމްއަށް މާފުކުރީމެވެ.
” ހަމަ އަސްލުވެސް މާފްކުރީތަ…..ތޭންސް ދެން އެކަހަލަ ސަމާސާއެއް ނުކުރާނަން….އެހެން ފަހަރަކުން ނޫނީ” އަލަމް މަޖާވެލާފައި ބުނެލި ޖުމްލަ އަހަރެންނަށް ދޭހަވީ އިރުކޮޅެއްފަހުންނެވެ. އަހަރެން ރުޅިއައިކަމަށް ހަދާފައި ލޯއަޅާލުމުން އަލަމް ހޭންފެށިއެވެ.
” ޝެލީ ބޭބީ! ދެން ރުޅިނާދެބަލަ! ޝެލީބޭބީ ފެނުނީމަ އޮޓޮމެޓިކުން ވާގޮތެކޭ އެއީ…..ހަމަ ސަމާސާކޮށްލާ ހިތްވަނީއޭ….އެހެން އަންހެން ކުއްޖަކާ ދުވަހަކުވެސް އަހަރެން އެގޮތަށް ސަމާސާއެއް ނުކުރަން….ޕްރޮމިސް…ހަމައެކަނި އަހަރެންގެ ޝެލީބޭބީއާ ސަމާސާކުރަނީ…..ބިކޯޒް…ޔޫ އާ ދަ ކިއުޓެސްޓް ގާރލް އިން ދަ ވޯލްޑް..” އަހަރެންގެ ކޮލުގައި ހިފާލަމުން ވަރަށް ލޯބިން އަލަމް ބުންޏެވެ. އަލަމް އުޅޭގޮތުން ހީވަނީ އަހަރެންނަކީ އަދިވެސް އަލަމްގެ ކުރިމަތީ ކުޑަކުއްޖެއް ހެންނެވެ. ބޭބީ ކިޔައިގެން ވާހަކަ ދެއްކުމުން ކުރިން އަހަރެން ރުޅިއަޔަސް އެދުވަހަށްފަހު އަހަރެންވަނީ އުފަލެވެ. އަލަމް ކުރާ ކުދިކުދި ގޯނާތަކުން ބުނަންނޭނގޭ ފަދަ ހިތްހަމަޖެހުމެއް ލިބެއެވެ.
އެދުވަހަށްފަހު ސިއްރުސިއްރުން އަހަރެމެންގެ ބައްދަލުވުންތައް މާމަގޭގައި ކުރިޔަށް ދިޔައެވެ. ދެމީހުންވެސް އުފަލާއި މަޖަލާއިއެކު ވަގުތު ހޭދަކުރަމުން ދިޔައީމެވެ. އަލަމްގެ މަޖާ ވާހަކަތަކުން އަހަރެން އަބަދުވެސް އިންނަނި ހީލަހީލައެވެ. ވާހަކަދެއްކުން ފިޔަވައި އިތުރުކަމެއް އަހަރެމެންގެ މެދުގައި ނުހިނގައެވެ. ބައެއްފަހަރު އަލަމް އަހަރެންގެ އަތުގައި ހިފާލައެވެ. އަހަރެމެންގެ ސިއްރު ބައްދަލުވުންތައް ކުރިއަށްދާތާ ހަފްތާއެއްވީއިރު އަހަރެންގެ ފައިވެސް މުޅީން ރަނގަޅު ވެއްޖެއެވެ. ނަމަވެސް އަހަރެންހުރީ ގެޔަށްދާން ބޭނުން ނުވެފައެވެ. މަންމަގާތު އާދޭސްކޮށްގެން އަނެއްކާވެސް އަހަރެން މާމަގޭގައި މަޑުކުރީމެވެ. މާމަވެސް ކުޑަކޮށް ބަލިވެއުޅޭތީ މަންމަވެސް ބޭނުންވީ އެގޮތެވެ.
އަލަމްވެސް ހުރީ ވަރަށް އުފަލުންނެވެ. ބައްދަލުވުންތައް ގިނަވާން ފެށުމުން ދެމީހުންގެ މެދުގައި އޮތްދުރުކަން މަޑުމަޑުން ގާތްވަމުން ދިޔައެވެ. އަލަމްވެސް މަޑުމަޑުން ގައިގޯޅިވާހެން އަހަރެންނަށް ހީވާންފެށިއެވެ. އެއްރޭ އަލަމް އައިއިރު ހުރީ ތަންކޮޅެއް ބަސްމަދުވެފައެވެ. އަހަރެންނަށް އެކަން ފާހަގަކުރެވިގެން ސުވާލުކުރުމުން ބުނީ ކަމެއްނުވާ ކަމަށެވެ. އެހެން ރޭރޭއާ ޚިލާފަށް އެބެލުމުގައިވެސް ތަފާތުގޮތެއް ހުރިކަން އަހަރެންނަސް އިހުސާސް ކުރެވުނެވެ. އަހަރެންނާ ދިމާ ކަޅިޖަހާނުލާ ބަލަންފެށުމުން އަހަރެން ބިރުގަންނަ ގޮތްވިއެވެ. އަލަމް މަޑުމަޑުން އަހަރެންނާ ގާތަށް ޖެހިލިއެވެ. އަދި ކުއްލިއަކަށް އަހަރެންގެ ގައިގާ ބައްދާލިއެވެ. އަހަރެންވެސް އިނީ އެއަތުގެ ހިމާޔަތައް ބޭނުންވެފައެވެ. އަހަރެން އަލަމްގެ އަތުތެރޭގައި ލޯމަރާލައިގެން އޮއްވައި އަހަރެންގެ ތުންފަތުގައި އަލަމް ކިސްކޮށްލުމުން އަހަރެންނަށް ތެޅިގަނެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެއަތުތެރޭގައި އަނެއްކާވެސް އަހަރެން ހައްޔަރުކޮށްލިއެވެ. އަހަރެންވެސް އެއަތުގެ ތެރެއަށް ވިރިގެންދާން ބޭނުންވިއެވެ. މުޅިއުމުރަށް އަލަމްގެ ލޯބި ބީހުންތައް ލިބެންބޭނުންވިއެވެ.
ދެމީހުން އެކަކު އަނެކަކަށް ގެއްލިފައި ތިއްބާ ގޭގެ ދޮރުހުޅުވާލިއަޑުއިވިފައި ސިހުނެވެ. ދެމީހުންނަށް ހަމަވިސްނުން އައިސް ލޯހުޅުވާލިއިރު އެމީހަކު ހުރީ އަހަރެމެންގެ ކުރިމަތީގައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.





Kaakubaa
Yoonaa
Vvvvv nice.. mi bai ves haadha reechey….Shine ge vaahaka eh hadi eh nuvaane… inshaa Allaah
Wow nice
Maashaa Allaah.. varah reethi
Awesome…. next part avas kodhee
Kihineh vaaneba? V reethi mi part ves
Asifa must read v reethi☺️
Kiyan
vvv reethi waiting for the next part
nice
Ey ei yoonaa ah vedhaamebaa
Shely ge mom veggiuyaa varah Dhera
nice