ކޮންމެ ގޮތެއް ވިޔަސް ހެޔޮކަމަށް އަންޖޫދާ ސައިޓުގައި އިން ނަންބަރަށް ގުޅާލިއެވެ. ހީކުރިވަރަށް ވުރެ ފަސޭހައިން ރިޝްކާ ސްކޫލަށް ވެއްދުމުގެ ކަންތައް ހަމަޖެހުމުން އަންޖޫދާ ހިތްހަމަޖެހުނެވެ. ވީހާވެސް އަވަހަށް ރިޝްކާ ގޮވައިގެން އެންޓްރީ ފީ ވެސް ހިފައިގެން ސްކޫލަށް އައުމަށް ބުނުމުން އަންޖޫދާ އަނެއްކާ ވެސް ހާސްވިއެވެ. ނިދިފައި އޮތް ރިޝްކާއަށް ބަލާލުމަށްފަހު އޭނާ ތެދުވެގެން ގޮސް އަލަމާރި ވަތްގަނޑު ހުޅުވާލިއެވެ. އަދި އޭނާ އަތުގައި މިހާރު ހުރި ފައިސާތައް ގުނަން ފެށީ ކަންބޮޑުވެ ހުރެއެވެ.
އޭގެ އަނެއް ދުވަހު ހެނދުނު ރިޝްކާއަށް ޔުނީފޯމު ގަތުމަށްޓަކާ އަންޖޫދާ ރިޝްކާ ގޮވައިގެން ގެއިން ނިކުންނަން އުޅެނިކޮށް އެރުނީ އާމިނާ ކުރިމައްޗަށެވެ. އޭނާ އާމިނާ އަށް ނުފެނި ދާން އުޅުނީ ރިޝްކާ ޕްރައިވެޓް ސްކޫލަކަށް ވައްދަން އުޅޭކަން އެނގިއްޖެނަމަ އާމިނާ އެކަމަށް އިންކާރުކޮށްފާނެތީއެވެ.
“ކޮންތާކަށް؟” އުނަގަނޑުގައި ދެއަތް ވިއްދާލަމުން އާމިނާ އަހާލިއެވެ.
“މި ދަނީ ރިޝްކާ ގޮވައިގެން ފިހާރައަށް…” އަންޖޫދާ އެހެން ބުނެލުމަށްފަހު ރިޝްކާގެ އަތުގައި ހިފައިގެން އަވަސް އަވަހަށް ދާން އުޅުނެވެ. ނަމަވެސް ރިޝްކާގެ ބަސްތަކުން އޭނާއަށް ހުއްޓެން މަޖުބޫރުވިއެވެ.
“އެއީ ތެދެއް މާމާ… މިއުޅެނީ ރިޝްކޮއަށް ޔުނީފޯމު ގަންނަންވެގެން… ސްކޫލަށް ދާން…” ރިޝްކާ އެހެން ބުނެލި ގަޑީގައި އަންޖޫދާއަށް ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ. އާމިނާ އޭނާއާ ދިމާއަށް ފާޑަކަށް ބަަލަން ހުއްޓެވެ.
“ކޮން ސްކޫލަކަށް ރިޝްކާ ވައްދަންތަ ތިއުޅެނީ؟” އާމިނާ އަހާލިއެވެ.
“ކޮންމެވެސް ސްކޫލަކަށް… އަހަރެން އަމިއްލައަށް ހޯދައިފީމޭ ރިޝްކާ ދާނެ ސްކޫލެއް… މަންމަ އަށާ އެ ސަމާއަކަށް އެކަމެއް ނުވިއެއްނު…؟” އަންޖޫދާ އެހެން ބުނެލުމަށްފަހު ރިޝްކާ އުރާލައިގެން އަވަސް އަވަހަށް ނިކުތެވެ. އާމިނާ ގާތު އިތުރަށް އެއްވެސް އެއްޗެއް ބުނަން ބޭނުންނުވީމައެވެ.
އަތުގައި އޮތް ފޯނުން ‘ކުދިމާ ސްކޫލު’ ޔުނީފޯމުގެ ފޮޓޮއަކަށް ބަލަމުން އަންޖޫދާ ވަނީ ހުދުމާ ފިހާރައަށެވެ. ސޭލްސް ގާލްއަކަށް އެ ފޮޓޯ ދެއްކުމާއެކު އެ ކުއްޖާ ރިޝްކާއަށް ހެޔޮވަރު ޔުނީފޯމެއް ގެނަސްދިނެވެ. ޗޭންޖިންގް ރޫމަށް ގޮސް ރިޝްކާ އެ ޔުނީފޯމު ލެއްވުމުން އޭނާ ހުރީ އުފަލުން ފޮޅިފައެވެ.
“މަންމީ… ހާދަ ސަޅި ބެޖެކޭ ދޯ…” ރިޝްކާ ޔުނީފޯމުގެ ބެޖުގައި އަތް ޖައްސާލަމުން ބުނެލިއެވެ. އަންޖޫދާ އެ މަންޒަރު ބަލަން ހެވިފައި ހުއްޓެވެ.
“މަންމީ…. ރިޝްކޮ ކިޔަވައިގެން މޮޅުވެގެން ވަރަށް ވަރަށް މޮޅު މީހަކަށް ވާނީ އިނގޭ…” ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލަމުން ރިޝްކާ އެހެން ބުނެލި ގޮތުން އަންޖޫދާއަށް ރޮވުނީ އުފަލުންނެވެ. ރާހުލް މަތިން އޭނާ ހަނދާންވީ ހަމަ ކުއްލިއަކަށެވެ. ރާހުލް ވެސް އޭނާއާއެކު މި ދުވަސް ދެކެން ހުންނާނެ ނަމައޭ އަންޖޫދާގެ ހިތަށް އެރިއެވެ. ރިޝްކާއަށް ފެނުމުގެ ކުރިން އޭނާ އަވަސް އަވަހަށް ދެލޮލުން ފޭބި ކަރުނަތައް ފުހެލިއެވެ.
** ** **
ރާހުލް ތެދުވެ މޯޅިއަކަށް ދެމެލަމުން ގަޑި ބަލާލިއެވެ. 6 ޖަހަން ކައިރިވެފައި ހުރުމުން ކަންނެތް ކަމާއެކު އޭނާ ތެދުވެ ފާހާނާއަށް ވަދެ މަސައްކަތު ދާން ތައްޔާރުވެލިއެވެ. އޭނާ މަސައްކަތް ކުރާ ގަރާޖު ހުންނަނީ މާލޭގައި ކަމުން ތަންކޮޅެއް ކުރީބައިގައި ފެރީއަށް އަރައިގެން މާލެ ގޮސްގެން ނޫނީ ހިނގާފައި އެހިސާބަށް ދެވޭވަރެއް ނުވާނެއެވެ.
ރާހުލް ތައްޔާރުވެގެން ނިކުތްއިރު އާދައިގެ މަތިން ނަޝްފާ ހުރީ ސައި ތައްޔާރުކޮށްފައެވެ. އާވި އަރަ އަރާ ހުރި ހޫނު ކޮފީ ތައްޓާއި، ބިސްގަނޑު ފެނުމުން ރާހުލްގެ ކުޅު ދިޔާވެގެން ދިއައެވެ. އޭނާ އިށީންދެ ކާން ފެށުމުން ނަޝްފާ ވެސް އޭނާއާއެކު ބައިވެރިވިއެވެ. އޭރު ރިޔާ ވެސް ހޭލައިގެން ބަދިގެ ތެރޭގައި ކޮންމެވެސް ކަމެއް ކުރަން އުޅެއެވެ.
ސައިބޮއިގެން ރާހުލް ގެއިން ނިކުމެ ފެރީ ޓާމިނަލްއާާ ދިމާއަށް މިސްރާބު ޖެހިއެވެ. ޓިކެޓެއް ނަގައިގެން އޭނާ ފެރީގައި އިން އިރު އެތަނުން ދިޔަ ކިތަންމެ އަންހެން ކުއްޖެއްގެ ކަޅި އޭނާއާ ދިމާއަށް ހުއްޓެމުން ދިޔައެވެ. ތުނިކޮށް ކޮށާލާފައިވާ އެ ތުނބުޅީގެ ސަބަބުން އޭނާގެ ދޮން މޫނުމައްޗަށް ފިރިހެން ވަންތަކަން އިތުރުކޮށްދެއެވެ. އެ ފަން އިސްތަށިގަނޑުން ބައެއް މޫނުމައްޗަށް އެޅިފައިވީއިރު އަޅައިގަންނަ ކަހަލަ ގޮތެއް ހުރެއެވެ.
މާލެއަށް ލެފުމާއެކު ރާހުލް އޭނާގެ އަތުކުރި ގަޑިއަށް ބަލާލިއެވެ. 6 ގަޑި ބައި ވެފައި ހުރުމުން އޭނާއަށް ކުޑަވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. 7 ޖަހަން ވާއިރަށް ބާރަށް ހިނގާފައި އޭނާއަށް އެ ހިސާބަށް ދެވޭނެ ކަމުގެ ޔަޤީންކަން އޮތެވެ. ގެންގުޅުނު ދަބަސް ކޮނޑުގައި އަޅުވާލައިގެން އޭނާ މާލޭގެ މަގުތައް މަތިން ފަރިތަކަމާއެކު ހިނގަމުން ދިއައެވެ. ހަނި ގޯޅިއެއްގެ ތެރެއިން އޭނާ ދަނިކޮށް ލޮލުގައި އަޅައިގަންނަ ކަހަލަ މަންޒަރެއް ފެނުނެވެ. ކަރުދާސް ފޮށިގަނޑެއް ހަލާކުކޮށްލައިގެން އަޅާފައި އޭގެ މަތީގައި އިން އަންހެނެކެވެ. އެ އަންހެން މީހާ ލައިގެން ހުރީ ބާވެ، ހަލާކުވެފައިވާ ހެދުމެކެވެ. ބޮލުގައި ބުރުގަލެއް އަޅާފައި އޮތެވެ. އެ އަންހެން މީހާ އިނީ އިސްޖަހައިގެން ކަމުން ރާހުލްއަށް އޭނާގެ މޫނު ފެންނަ ވަރެއް ނުވިއެވެ. އޭނާ އެ އަންހެން މީހާއަށް ބަލަމުން ބަލަމުން ދިޔައެވެ. ކުއްލިއަކަށް އެ މީހާ އިސްއުފުލާ އޭނާއާ ދިމާއަށް ބަލާލި ގޮތުން އޭނާ ސިހުނެވެ. ރާހުލް ދެފަޔަށް ބާރު ލަމުން އަވަސް އަވަހަށް އެ ގޯޅިން ނިކުތެވެ. އެ މީހާ ބަލާލި ގޮތުން އޭނާގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދުވެލީ ކީއްވެކަމެއް އޭނާއަކަށް ނޭނގުނެވެ.
ގަރާޖަށް ވަދެ މަސައްކަތް ފެށިއިރު ވެސް ރާހުލްއަށް ވިސްނެމުން ދަނީ އެ އަންހެން މީހާއާ މެދުގައެވެ. އެއީ ކޮންމެވެސް ގޮތަކުން އޭނާ ދަންނަ މީހެއްހެން ހަމަ ހީވަނީއެވެ. ކުއްލިއަކަށް އެއީ ކާކުކަން ހަނދާންވުމާއެކު އޭނާގެ އަތުގައި އޮތް ރެންޗުވެސް ބިންމައްޗަށް ވެއްޓުނެވެ. އެ ތަނުގެ ބޮޑުމީހާ އޭނާއާ ދިމާއަށް ނުރުހިފައި ބަލާލުމުން ރާހުލް އަވަސް އަވަހަށް އެ ރެންޗު ނަގައި ހަމަޖެހޭ ގޮތް ދައްކާލިއެވެ.
އެއީ ހަމަ ޒުލޭހާ ހެއްޔެވެ؟ އެފަދަ ނިކަމެތި ގޮތަކަށް ޒުލޭހާ ހުންނަންވީ ކީއްވެބާއޭ ރާހުލްގެ ހިތަށް އަރަމުން ދިޔައެވެ. ޒުުލޭހާ މާލޭގައި އެއުޅެނީ ކީއްވެގެން ހެއްޔެވެ؟ ޒުލޭހާ އޭނާއާ މެދު ކިތަންމެ ގޮތަކަށް ކަންތައްކޮށްފައިވީ ނަމަވެސް އޭނާ ޒުލޭހާގެ ހާލާ މެދު ހަމްދަރުދީވިއެވެ. އޭނާ ހިތަށް އެރިއެެވެ. މަސައްކަތް ނިންމާފައި އަނެއްކާވެސް ޒުލޭހާ ފެނޭތޯ އެ ގޯޅިއަށް ދާނީއެވެ.
ނަމަވެސް މަސައްކަތް ނިންމާފައި އޭނާ އެ ގޯޅިތެރެ އެވަރަށް ބެލިއިރުވެސް ޒުލޭހާއެއް ނުފެނުނެވެ.
** ** **
7 ޖެހިއިރު އަންޖޫދާ ހުރީ ރިޝްކާ ގޮވައިގެން ‘ކުދިމާ ސްކޫލު’ ތެރޭގައެވެ. ރިޝްކާގެ އަތުގައި ހިފައިގެން ސްކޫލުގެ މެނޭޖަރާ ބައްދަލުކުރަން އޮފީހަށް ދިޔައިރު ރިޝްކާގެ ނަޒަރު ހުއްޓިފައިވަނީ ސްކޫލު ގޯތިތެރޭގައި ހަދާފައި ހުރި ޕްލޭގްރައުންޑް އަށެވެ. އެތަނުގައި ކުޅެލަން ވަރަށް މަޖާވާނޭ ހިތަށް އެރި ގަޑީގައި އެ މައުސޫމު މޫނު މައްޗަށް ލޯބި ހިނިތުންވުމެއް ވެރިވިއެވެ.
އޮފީހުން އަންޖޫދާމެންނާ ބައްދަލުކުރީ ސީދާ ސްކޫލުގެ ޕްރިންސިޕަލް،މާހިނުއެވެ. ރިޝްކާއާ ބެހޭ ބައެއް މަޢުލޫމާތު ފުރުމަށްފަހު ރިޝްކާގެ އަތުގައި ހިފައިގެން އޭނާގެ ކުލާހަށް ގެންދިއައީ ސީދާ މާހިނެވެ. ކުލާހުގެ ކުދިންނަށް ރިޝްކާގެ ތަޢާރަފު ދިނުމަށްފަހު ހުރިހާ ކުދިންވެސް ރިޝްކާއާ އެކުވެރިވުމަށް ބުނުމަށްފަހު މާހިން ނިކުތެވެ. އޭރު ރިޝްކާ ހުރިހާ ކުދިންނާ ވާހަކަ ދައްކާ ހަދާތަން ބަލަން އަންޖޫދާ ހެވިފައި ހުއްޓެވެ.
“ވަރަށް ލޯބި ކުއްޖެއް ރިޝްކާއަކީ… ކޮބާތަ ރިޝްކާގެ ބައްޕަ؟” މާހިނު އެހެން އެހުމުން އަންޖޫދާގެ މޫނުގެ ކުލަވަރު ހަލުވިކަމާއެކު ބަދަލުވެގެން ދިއައެވެ. އެކަން ފާހަގަވެގެން މާހިނު ބުނެލިއެވެ. “މިހެން މި އަހާލީ ގިނަ ކުދިން ފުރަތަމަ ދުވަހު ގޮވައިގެން އަންނަނީ އެ ކުއްޖާގެ މަންމަ އާ ބައްޕަ… އެހެންވެ…ސޮރީ އަހަން ނުވާވަރު އެއްޗެއް އެހުނު ނަމަ…” މާހިން އެހެން ބުނެލުމުން އަންޖޫދާ ހިނިތުންވެލިއެވެ.
“ނޫން.. އިޓްސް އޯކޭ… ރިޝްކާގެ ބައްޕައަކަށް ނުވެސް އިނގޭނެ ރިޝްކާ ދުނިޔެއަށް އައި ކަމެއް ވެސް އަސްލު…” ޚިޔާލަކަށް ގެއްލިފައި ހުރެ އަންޖޫދާ ބުނެލިއެވެ. މާހިން މާނަވީ ނަޒަރަކުން އަންޖޫދާއަށް ބަލަހައްޓައިގެން ހުއްޓެވެ. އަންޖޫދާގެ މޫނު ކުއްލިއަކަށް ރަތް ވެގެން ދިއައީ ދައްކަން ނުވާ ކަހަަލަ ވާހަކައެއް މާހިން ގާތު ދެއްކުމުންނެވެ. އޭނާ އަވަސް އަވަހަށް އެތަނުން ދިއައީ ގަތް ލަދެއްގެ ބޮޑުކަމުންނެވެ.
އަންޖޫދާ ގޮސް ސްކޫލު ގޭޓުން ނިކުންނަންދެން ވެސް މާހިން އެ ދިމާ ބަލަހައްޓައިގެން ހުއްޓެވެ. އޭނާ ކަނާއަތްތިލަ ގެންގޮސް މެއާ ދިމާލުގައި ޖައްސާލިއެވެ. އެ ހިތުގެ ތެޅުން އާދަޔާ ޚިލާފަށް ބާރުކަން އޭނާއަށް ފާހަގަކުރެވުނެވެ. އެންމެފަހުން އޭނާއަށް މި ފަދަ އިހުސާސެއް ކުރެވިފައިވަނީ އޭނާގެ އަންހެނުންނާއެކު ހޭދަކުރި ދުވަސްތަކުގެ ތެރޭގައެެވެ. އަންހެނުން ނިޔާވުމަށްފަހު އޭނާއަށް މިފަދަ އިހުސާސެއް ކުރެވުނު މިއީ ފުރަަތަމަ ފަހަރެވެ. އަންޖޫދާ ގޭޓުން ނިކުތް ދިމާއަށް ބަލާލަމުން އޭނާ ހިނިތުންވެލިއެވެ. އަދިވެސް އަންޖޫދާއާ ބައްދަލުވާނެ ކަމުގެ ފޮނި އުންމީދު އެ ހިތުގައި އޮތެވެ.
** ** **
ޞާބިރާ އާއި ރިޔާ މާލެ ދިއައީ ކުޑަކޮށް ފިހާރަކޮށްލުމުގެ ބޭނުމުގައެވެ. އެކި ފިހާރަތަކަށް ވަންނަމުން ގޮސް އެއް ފިހާރަ ތެރެއިން ޞާބިރާ ގެ މާ ގާތް ރައްޓެއްސަކާ ދިމާވުމުން ޞާބިރާ އެ މީހާއާ ވާހަކަ ދައްކާލަން މަޑުކުރިއެވެ. އެ ދެމީހުން ދައްކާ ވާހަކައަށް މާ ބޮޑު ޝަޢުޤުވެރިކަމެއް ނެތުމުން ރިޔާ މިސްރާބު ޖެހީ އެ ފިހާރައިގެ އެހެން ދިމާއަކަށެވެ. އެކި ވައްތަރުގެ ބޫޓާ ފައިވާންތައް ބަލަމުން ގޮސް ރިޔާއަށް ކަމުދާ ބޫޓެއް ފެނުމުން އޭނާ އެ ނަގައި ހެޔޮވަރުކޮށްލިއެވެ. ނަަމަވެސް އޭގެ އަގަށް ބަލާލުމާއެކު އޭނާގެ މޫނުގެ ކުލަވަރު އޮއްސުނެވެ. އެހާ އަގުބޮޑު އެއްޗެއް އޭނާ ގަންނާނީ ވެސް ކިހިނެއް ހެއްޔެވެ؟ މިހާރުވެސް އޭނާގެ ހުރިހާ ޚަރަދެއް ބަލަހައްޓަނީ ރާހުލްއެވެ. މާޔޫސްވެ ހުރެ އޭނާ އެ ބޫޓު ކުރިން ބަހައްޓާފައި ހުރި ތަނަށް ލިއެވެ. ނަމަވެސް އޭނާއަށް އަދިވެސް ބެލެނީ އެ ބޫޓާ ދިމާއަށެވެ. އިރުކޮޅެއް ވަންދެން އޭނާ އެ ބޫޓުގައި ފިރުމަން ހުރެފައި އެނބުރެލި ވަގުތު މީހެއްގެ ގައިގައި ލައިގަތެވެ. ރިޔާ އަރިއަޅާލަން ދިޔަ ވަގުތު އޭނާއަށް ހިފެހެއްޓުނީ ރިޔާގެ އުނަގަނޑުގައެވެ. އެ މީހާގެ މޫނަށްވެސް ނުބަލައިލާ ރިޔާ ތެޅިގަނެފައި ދުރަށްޖެހެލިއެވެ. އަދި ސޮރީއޭ ބުނެލުމަށްފަހު ހަލުވިކަމާއެކު އެތަނުން ދާން ހިނގައިގަތެވެ.
“މި ބޫޓު ވަރަށް ބޭނުންތަ؟” އެ ފިރިހެންވަންތަ އަޑުގެ ސަބަބުން ރިޔާ ހުއްޓުން އެރިއެވެ. އަދި ފަހަތް ބަލާލިއެވެ. އޭރު އެ މީހާ ހުރީ ކުރިން ރިޔާ ނަގައިގެން ގެންގުޅުނު ބޫޓު ހިފައިގެންނެވެ. ރިޔާ އޭނާގެ މޫނަށް ފުންކޮށް ބަލާލިއެވެ. ހަމުގެ ކުލަ އެހާ ދޮން ނޫނަސް އޭނާގެ މޫނުގައި އަޅައިގަންނަ ގޮތެއް ހުއްޓެވެ. ހީލައިގެން ހުރިއިރު އެ ދެކޮލަށް އެޅިފައިވާ އަޑިކޮޅުގެ ސަބަބުން އޭނާގެ ސިފަ އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ. ލައިފައިވާ ނޫކުލައިގެ ގަމީހާ ކަޅުކުލައިގެ ޖިންސު އޭނާއާ ނުހަނު ގުޅެއެވެ.
“ހޭ…ސޭޓު.. މިއަށް އަގު ކަނޑާ ދީބަލަ…” ރިޔާ ބަލަހައްޓައިގެން ހުއްޓާ އެ މީހާ ގޮސް އެ ބޫޓު ގަނެލައިފިއެވެ. އަދި ކޮތަޅަކަށް އެ ލައިގެން ގެނަސް ރިޔާއަށް ދިއްކޮށްލިއެވެ. އޭރުވެސް ރިޔާއަށް ގަބުވެފައި ކަހަލަ ގޮތަކަށް ހުރެވުނީއެވެ.
“ބޭނުމެއް ނޫންތަ؟ ތި ކުއްޖާ މި ރީތިވެގެން އުޅޭތީއޭ މިގަނެދިނީވެސް…” ރިޔާ އެއްޗެކޭ ނުބުނުމުން އޭނާ އަނެއްކާވެސް ބުނެލިއެވެ. އެވަގުތު ރިޔާ މޫނު ހަދާލިއެވެ. އޭނާއަށް އެ ރީތިވިޔަސް އެ މީހާ އެ ގަނެދޭން ޖެހޭ ހެއްޔެވެ؟ އޭނާ އޭތި ގަނެދޭށޭ ބުނީ ހެއްޔެވެ؟ އަތުގައި ފައިސާ ހުރިވަރު ދައްކަން އުޅޭ ބޮޑު ފޮނި ފިރިހެނެކެވެ. އެހެން ހިތަށް އެރުމާއެކު އޭނާ ޞާބިރާ ހުރިކޮޅަށް ދާން ހިނގައިގަތެވެ. ނަމަވެސް އެ މީހާ އޭނާގެ އަތުގައި ހިފެހެއްޓިއެެވެ.
“އޭ… ދެން މީގައި ހިފާ… އަހަރެންގެ ނުހުންނާނޭ މިއަށް އެރޭ ވަރުގެ މީހެއްވެސް… ދެން އަހަރެން އަގުވެސް ކަނޑައިފީމޭ މިއަށް….” އޭނާ އެހެން ބުނުމުން ރިޔާ ދެޚިޔާލެއްގައި އެ ކޮތަޅުގައި ހިފީ އޭނާގެ އަތް ފޮޅުވާލަމުންނެވެ. ރިޔާ އެ ކޮތަޅުގައި ހިފުމުން އެ މީހާ ހިނިތުންވެލިއެވެ. ނަމަވެސް ރިޔާ ހީލާކަށް ވެސް ނޫޅުނެވެ. މިއުޅޭ ފިރިހެނުންގެ މަޤުސަދަކީ ދެނެގަންނަން އުނދަގޫ އެއްޗެކޭ އޭނާގެ ހިތަށް އެރިއެވެ.
“އައި އެމް ވިޝާން…” އެ މީހާ އެހެން ބުނެ ސަލާމްކޮށްލަން އަތް ދިއްކޮށްލިއެވެ. ނަމަވެސް ރިޔާ އެއަތަށް ފާޑަކަށް ބަލާލުމަށްފަހު ދުރަށް ދާން ހިނގައިގަތެވެ. މީހުން ބަަލަހައްޓައިގެން ހުރުމާއެކު ވިޝާން ސަލާމްކުރަން ދިއްކޮށްލި އަތް ގެނެސް ބޯކަހާލަނީ ކަމަށް ހަދާލިއިރު އެ މޫނުމަތީގައިވަނީ މާނަވީ ހިނިތުންވުމެކެވެ.
ރިޔާ ޞާބިރާ ގާތަށް ދިޔައިރު ޞާބިރާ އުޅެނީ ރިޔާ ނުފެނިގެންނެވެ.
“ކޮންތާކުން ތިއައީ؟ ތީ ކޯއްޗެއް؟” ރިޔާގެ އަތުގައިވާ ކޮތަޅު އަތުލަމުން ޞާބިރާ އަހާލިއެވެ.
“އަހަރެން ރީތިވެގެން އުޅެނިކޮށް ފާޑެއްގެ މީހެއް އައިސް ގަނެދިނީ..” ރިޔާ ބުނެލިއެވެ.
“ދެން ރިޔާ އޭގައި ހިފީތަ؟ މީ ހާދަ އަގުބޮޑޭ އެކަމަކު…” އެތެރޭގައޮ އޮތް ބޫޓުގެ އަގަށް ބަލަމުން ޞާބިރާ ކުޑަކޮށް ނުރުހިފައި ބުނެލިއެވެ.
“ދެން އޭނަ ކިޔާވަރުން އަތުލީ…” ރިޔާ އެހެން ބުނެލުމުން ޞާބިރާ އޭނާއާ ދިމާއަށް ބަލާލީ ފާޑަކަށެވެ. ދެން އަޅާނުލާށޭ ބުނުމަށްފަހު ޞާބިރާ ރިޔާއާއެކު އެ ފިހާރައިން ނިކުމެ އެހެން ފިހާރައަކާ ދިމާއަށް މިސްރާބު ޖެހިއެވެ.
** ** **
ސްޓާފްރޫމުގައި އިން ނަޝްފާގެ މޫނުމަތީގައި ވަނީ ލުއި ހިނިތުންވުމެކެވެ. މޭޒުމަތީގައި ހުރި ގަނޑުތަކުން ފަހަރަކު ގަނޑެއް ބަލަމުން ދިޔައިރު އޭނާގެ ހިނިތުންވުން ފުންވަމުން ދިޔައެވެ. އެއީ މިޔަދު އޭނާ އެލްކޭޖީގެ ތުއްތު ކުދިންނާ ކުރަން ހަވާލުކުރި މަސައްކަތެވެ. އޭނާ ހަވާލުކުރީ ކޮންމެ ކުއްޖަކު ވެސް އެ ކުއްޖެއްގެ ފެމެލީ ކުރަހާށެވެ. ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ ގަނޑުގެ މަތީގައި ‘މައި ފެމެލީ’ ލިޔެފައި ވީއިރު އޭގެ ތިރީގައި އެ ކުއްޖެއްގެ ފެމެލީ ކުރަހާފައި ހުއްޓެވެ. ބަައެއް ކުދިން ކުރަހާފައި ހުރީ ހަމައެކަނި އެކުއްޖާއާއި އެކުއްޖާގެ މަންމަ އަދި ބައްޕައެވެ. އަނެއްބައި ކުދިން އޭގެ ތެރެއަށް ބޭބެއެއް ނުވަތަ ދައްތައެއް އިތުރުކޮށްފައިވީއިރު ކާފަ އާއި މާމަ ކުރަހާފައި ތިބި ކުދިން ވެސް މަދެއް ނޫނެވެ. ނަޝްފާ އެ ކުރެހުން ތަކަށް ބަލަމުން ދިޔައިރު އިހުސާސްކުރެވެމުން ދިޔައީ އޭނާގެ ބަދުނަަސީބުކަމެވެ. އޭނާއަށް އެފަދަ ލޯބި އާއިލާއެއް ނުލިބޭނެކަން ހަނދާންވީހިނދު އެ ދެލޯ ފެންކަޅިވެގެން ދިއައެވެ. މަންމަ އެއްގެ ޝަރަފު ލިބޭތޯ އޭނާ ކޮންމެ ދުވަހަކުވެސް މާތްﷲ ގެ ހަޟްރަތުގައި ދުޢާ ދަންނަވައެވެ.
“ނަޝްފާ…” ނަޝްފާ ސިހިފައި އޭނާގެ ޚިޔާލީ ދުނިޔެއިން ނިކުމެވުނީ ސްކޫލުގެ ޕްރިންސިޕަލް، މާހިން އޭނާއަށް ގޮވާލި އަޑު އިވިގެންނެވެ. އަވަސް އަވަހަށް ދެލޯ ފުހެލުމަށްފަހު އޭނާ މާހިންގެ ކެބިންއާ ދިމާއަށް މިސްރާބު ޖެހިއެވެ.
“1 ސީ ގެ ކުލާހަށް ފަހުގަޑީގައި ގޮސްލާތި އިނގޭ…. އެ ގަޑީގައި އެކުލާހަށް ކިޔަވައިދޭ އައްޒަ ބަލިކަމުން މިޔަދު ނާދޭ ސްކޫލަކަށް… ” މާހިން އެހެން ބުނުމުން ނަޝްފާ އަދަބުވެރިކަމާއެކު ބޯ ޖަހާލިއެވެ. މާހިން އަކީ ސްކޫލު ޕްރިންސިޕަލެއްެގެ މަޤާމުގައި ހުރި މީހާއަށް ވީ ނަމަވެސް މާހިން އޭނާގެ މުވައްޒަފުންނާ މެދު ކަންތައް ކުރަނީ ގާތް އެކުވެރިން ފަދައިންނެވެ.
ފަހުގަޑީގައި ނަޝްފާ 1 ސީގެ ކުލާހަށް ދިޔައެވެ. އެ ކުދިންނަށް ތަނެއް ލިޔަން ދިނުމަށްފަހު އޭނާ ގޮނޑީގައި އިށީންދެ ހަމަޖެހެލިތަނާ އަނެއްކާ ވެސް އޭނާގެ ބޮލަށް ހިޔާލުތައް ސަވާރުވާން ފެށިއެވެ. އޭނާއަށް ދަރިޔަކު ނުލިބޭނެއޭ ޑޮކްޓަރު ފުރަތަމަ ބުނި ދުވަހު ރާހުލް ގެ މޫނުމަތި ހުރިގޮތް އަދިވެސް އެ ދެލޮލަށް ސިފަކުރެވެއެވެ. ރާހުލްވެސް އޭނާއަށް ބައްޕަ ކިޔާނެ ދަރިޔަކު ބޭނުންވާނެކަން ޔަޤީނެވެ. ނަމަވެސް އޭނާއަށް ރާހުލްއަށް އެކަން ކޮށްދެވޭކަށް ނެތެވެ. އަންހެނުންނަށް ދަރިން ނުލިބުމުން ބަައެއް މީހުން ދެއަންބަށް މީހުނާ އިންނަ ވާހަކަ ނަޝްފާ އަޑު އަހައެވެ. އޭނާ ރާހުލް ގާތުވެސް ދެއަންބަށް މީހަކާ އިންނާށޭ ބުނަންވީބާއެވެ؟
ކުއްޖަކު އައިސް ނަޝްފާގެ އަތުގައި ހިފައި ދަމާލުމުން ނަޝްފާއަށް އެ ޚިޔާލުތަކުން ބޭރުވެވުނެެވެ. ހިނިތުންވެލަމުން ނަޝްފާ އެ ކުއްޖާ ގާތު ވީ ކީއްތޯ ސުވާލުކުރިއެވެ.
“ނިމުނީ ލިޔާތަން…” އެކުއްޖާ އެހެން ބުނެލުމުން ނަޝްފާ އެކުއްޖާގެ އަތުގައި އޮތް ފަޮތް އަތުލުމަށްފަހު މާކުކުރަން ފެށިއެވެ.
“ކޮން ނަމެއް ކިޔަނީ؟” ލޯތްބާއެކު ނަޝްފާ އަހާލިއެވެ.
“ރިޝްކާ..” އެކުއްޖާ އެހެން ބުނުމުން ނަޝްފާ އެނަން ވަރަށް ރީތިކަމުގައި ބުނެލިއެވެ. އެވަގުތު އެކުއްޖާ ރަކިވިއެވެ.
“ރިޝްކޮ މިޔަދު އަލަށް މި ސްކޫލަށް އައީ.. ރިޝްކޮގެ މަންމި މި ސްކޫލަށް ރިޝްކޮ ލީމަ ވަރަށް އުފާވޭ…” ރިޝްކާ އެހެން ބުނެލި ގޮތުން ނަޝްފާއަށް ކުޑަކޮށް ހެވުނެވެ. ނަމަވެސް ސްކޫލު ގެ އެހާ ފަހުކޮޅު ކުއްޖަކު ވެއްދުމުން ކުޑަކޮށް ހައިރާންވެސް ވިއެވެ.
ގަޑި ނިމުމުން ކުދިން ބަލާ އައި ބެލެނިވެރިން އެ ކުލާސްދޮަށަށް އެއްވެފައި ތިއްބެވެ. ކޮންމެ ބެލެނިވެރިޔަކު އައިސް އެމީހެއްގެ ދަރި ގޮވައިގެން ދާތަން ބަލަން ނަޝްފާ ހުރީ ހިނިތުންވެލައިގެންނެވެ. އެންމެ ފަހު ކުއްޖާ ކުލާހުން ނިކުތުމާއެކު ނަޝްފާއަށް ކުޑަ ދެއަތުން އޭނާގެ އަތުގައި ހިފި ކަމުގެ އިހުސާސްކުރެވިގެން ދިއައެވެ. ތިރި ބަލާލިއިރު ކޮނޑުގައި ބޮޑު ދަބަސް އަޅުވާލައިގެން މިހުރީ ރިޝްކާއެވެ.
“ރިޝްކޮ ބަލާ ނާންނަނީތަ؟” ތިރިވެލަމުން ނަޝްފާ އަހާލިއެވެ. އެއާއެކު ރިޝްކާ ބޯ ޖަހާލިއެވެ.
“ދައްކާ ތި ދަބަސް މިސް އަތަށް… ވަރަށް ބަރެއްނު..؟” ނަޝްފާ އެހެން ބުނުމުންވެސް ރިޝްކާ އެ ދަބަސް ނަޝްފާ އަތަށް ދޭކަށް އެއްބަހެއް ނުވިއެވެ.
“ހިނގާ ދޯ ބޭރަށް ނިކުމެލަން ރިޝްކާގެ މަންމަ ފެނޭތޯ…” ނަޝްފާ އެހެން ބުނުމުން ރިޝްކާ ބޯ ޖަހާލިއެވެ. އަދި ނަޝްފާއާ އެކު ސްކޫލުގެ ގޯތިތެރެއިން ނިކުތެވެ. އަންޖޫދާ ފެނޭތޯ ރިޝްކާ މަގުގެ ދެފަރާތް އިރުއިރުކޮޅާ ހޯދާލައެވެ. އެހެން ހުއްޓާ ނަޝްފާގެ ފޯނަށް މާހިނު ގުޅަައި އައިސްދިނުމަށް އެދުނެވެ. ސްކޫލުގެ ގޭޓު ކައިރީގައި ރިޝްކާ ބަހައްޓައި އެއްވެސް ތަނަކަށް ނުދިއުމަށް ބުނެފައި ނަޝްފާ ހިނގައިގަތީ އޮފީހާ ދިމާއަށެވެ.
އަންޖޫދާ ސްކޫލާ ދިމާއަށް އައީ ތެޅެމުން ފޮޅެމުންނެވެ. މަސައްކަތް ނިމުމާއެކު އޭނާ ފެރީއަށް އައި ނަމަވެސް ތަންކޮޅެއް ލަސްވީއެވެ. ގޭޓުކައިރީގައި ހުރި ރިޝްކާއަށް އަންޖޫދާ ފެނުމާއެކު އެދިމާއަށް ދުއްވައިގަތެވެ. އަދި ބާރަކަށް އަންޖޫދާ ގައިގައި އޮޅުލައިގަތެވެ.
“މަންމިގެ ދޫނީ… ކިހިނެއްތަ ފަސްޓް ޑޭ އެޓް ސްކޫލް؟” ރިޝްކާގެ އަތުން ދަބަސް އަތުލައި އޭނާގެ ކޮނޑުގައި އަޅުވާލަމުން އަންޖޫދާ އަހާލިއެވެ.
“ހަމަ ބެސްޓް!” ވަރަށް އުފާވެލާފައި ރިޝްކާ އެހެން ބުނެލުމުން އަންޖޫދާއަށް ހިނިތުންވެލެވުނެވެ.
“ސޮރީ އިނގޭ ދޫނީ…. މަންމި ލަސްވީމަ..” ރިޝްކާގެ ކޮަލަށް ދޮނެއް ދެމުން އަންޖޫދާ ބުނެލިއެވެ. އަދި ރިޝްކާގެ އަތުގައި ހިފައިގެން ފެރީ ޓާމިނަލްއާ ދިމާއަށް މިސްރާބުޖެހިއެވެ.
ނަޝްފާއަށް އާދެވުނު އިރު އޭނާ ބެހެއްޓި ތަނުގައި ރިޝްކާ ނެތުމުން ހާސްވިއެވެ. އަވަސް އަވަހަަށް ގޮސް މަގުގެ ދެފަރާތް ބަލާލިއިރު ކަޅު ހެދުމެއްލައި ޝޯލްއެއް އަޅާފައި ހުރި އަންހެނެއްގެ އަތުގައި ހިފައިގެން ރިޝްކާ ދާ މަންޒަރު ފެނުނެވެ. ފުރަގަސްދީގެން ހުރުމުން އެ އަންހެންމީހާގެ މޫނެއް ނަޝްފާއަކަށް ނުފެނުނެވެ.
“ރިޝްކާ ދޯ…؟ އެއީ ވަރަށް ލޯބި ކުއްޖެއް…” މާހިނުގެ އަޑަށް ނަޝްފާ ފަހަތަށް އެނބުރި ބަލާލިއިރު މާހިނު ހުރީ ރިޝްކާމެން ދާ ދިމާއަށް ބަލަަހައްޓައިގެންނެވެ. ނަޝްފާ ހީލަމުން އެކަމާ އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ.
“ރިޝްކާގެ މަންމަ ވެސް އެހާ ލޯބި…” މާނަވީ ގޮތަކަށް މާހިން އެހެން ބުނެލުމުން ނަޝްފާއަށް މާހިންއާ ދިމާއަށް ބަލާލެވުނީ ދެލޯ ހަނިކޮށްލަމުންނެވެ.
“ކަމް އޯން… އައިމް ޖަސްޓް ޖޯކިންގް..” ނަޝްފާ ބަލަހައްޓައިގެން ހުރި ގޮތުން މާހިން ސަމާސާ ގޮތަކަށް އެހެން ބުނެލުމަށްފަހު ސްކޫލު ތެރެއަށް ދާން ހިނގައިގަތެވެ. ސެޝަން ނިމިފައި ވުމާއެކު ނަޝްފާވެސް އަވަސް ވެގަތީ ސްޓާފްރޫމުން އޭނާގެ ދަބަސް ނަގައިގެން ގެއާ ދިމާއަށް ދިއުމަށެވެ.
** ** **
ގޮނޑީގައި ލެނގިލައިގެން މާހިން އޭނާގެ ކެބިން ގައި އިނެވެ. އޭނާގެ ސިކުނޑީގައި ވަނީ މިޔަދު އޭނާއާ ދިމާވި އަންހެން ކުއްޖާގެ ޚިޔާލުތަކެވެ. އެއީ ރިޝްކާގެ މަންމަ ކަމުގައި ވިޔަސް އޭނާ އަދިވެސް ހާދަ ރީތިވެފައި ޒުވާނޭ މާހިންގެ ހިތަށް އަރަމުން ދިޔައެވެ. ކުއްލިއަކަށް އޭނާ ތެދުވެ އެއްޗެއް ހޯދަން ފެށިއެވެ. ބޭނުންވާ ފައިލު ފެނުމުން އޭނާ ގޮނޑީގައި ހަމަޖެހިލުމަށްފަހު އެ ހުޅުވާލިއެވެ. އެފައިލުގެ ފުރަތަމަ ގަނޑުގައި އޮތީ ރިޝްކާއާ ބެހޭ މަޢުލޫމާތެވެ. ލުއި ގޮތަކަށް ހީލައިގެން ހުރެ އޭނާ ރިޝްކާގެ މަންމައަށް ކިޔާ ނަން ހޯދާލިއެވެ.
” އަންޖޫދާ… ސޯ ދެޓްސް ހާރ ނޭމް..” އަމިއްލަ ނަފްސަށް މާހިން އެހެން ބުނެލީ ހިނިތުންވެ ހުރެއެވެ.
“ބައްޕަގެ ނަން.. ރާހުލް މުހައްމަދު…” މާހިން މަޑުމަޑުން ކިޔާލިއެވެ. އެއާއެކު އޭނާގެ ނިތަށް ރޫތަކެއް ޖަމާވިއެވެ. މިޔަދު އަންޖޫދާ ވާހަކަ ދެއްކި ގޮތުން އަންޖޫދާ އާ ރާހުލްއާ މިހާރު ގުޅުމެއް ނޯންނަކަން މާހިންއަށް ޔަޤީންވިއެވެ. އެހެން ނޫންނަމަ ރިޝްކާ ގެ ބައްޕައަށް ރިޝްކާ ދުނިޔެއަށް އައިކަން ވެސް ނޭނގޭނެއޭ ބުނަންވީ ކީއްވެގެން ހެއްޔެވެ؟ އަންޖޫދާގެ ކޮންމެވެސް ބޮޑު ސިއްރެއް އެބައޮތް ކަމުގައި އޭނާގެ ސިކުނޑީގެ ކަނަކުން ގޮވަމުން ދިޔައެވެ. ނަމަވެސް އޭނާ އަންޖޫދާއާ ބެހޭ ގިނަ މައުލޫމާތު ހޯދާނީވެސް ކިހިނެއް ހެއްޔެވެ؟ މާހިން އެ ފައިލަށް އަދިވެސް ބަލާލިއެވެ. ރިޝްކާމެން މިހާރު ދިރިއުޅޭ އެޑްރެސް ފެނުމާއެކު އެ މޫނުމަތީގައި ދުވެލީ ލުއި ހިނިތުންވުމެކެވެ.
** ** **
ގެއަށް އާދެވުމާއެކު ރިޔާ ހުޅުވާލީ މިޔަދު އެއްކަލަ ނުދަންނަ މީހާ ގަނެދިން ބޫޓު އޮތް ކޮތަޅެވެ. ލޯގަނޑުގެ ކުރިމަތީގައި ހުއްޓިހުރެ އޭނާ އެ ބޫޓަށް އަރައި ފަރިބަލާލިއެވެ. ކަޅުކުލައިގެ އެ ހާފް ޝޫޒްގައި ހުދު ކުލައިގެ އެސްތަކެއް ޖަހާފައިވީއިރު ރިޔާގެ ފަޔާއި އެ ބޫޓު ނުހަނު ގުޅެއެވެ.
“ކޮބާތަ އޭނާގެ ނަމަކީ؟ ކޮން ނަމެކޭތަ ބުނީ…؟ އާން… ވިޝާން…” ރިޔާ އެއްޗެއް ހަނދާންކުރާ ފަދައިން އަމިއްލަ ނަފުސާ ވާހަކަ ދެއްކިއެވެ.
“ތޭންކްސް ވިޝާން…” ރިޔާ ލޯގަނޑާ ދިމާއަށް ރަކި ހިނިތުންވުމަކާއެކު ބަލާލަމުން ބުނެލިއެވެ.
**ނުނިމޭ**
15 Comments!
Comments are closed.
Hey…. Miothy 2nd part 🙂
Feel free to leave ur commentz ingey
LOves <3
Kobaa shiya…
Salhi nge
Thankss nashfaa.. 🙂
Wheres zuleyhaa family
And story is nice
V salhi. ❤❤❤
v nice mi part vess ??????????avahah up kohlahchey
B-E-A-U-tiful?????
best dhivehi story writer everrrr?
hope to read another awwsome story by you…..
Thankss <3 🙂
Nahalaalah vihaafa huri kujjehge bappa ge nan schoolah vahdhaa form ehga nueh jeheyne nu raahul ge dhariyakah rishka viyas ei marry kohggen libunu kujjeh noonehnu dhen faharakun ragalhu kohlaathi ekahala than than vaahaka varah salhi
Yes you are right.. Bappa neh kuhjeh kamaj innaany birth certificate ga ves..
Oh… sorryyy.. I reallyy didnt know that …
But dhen mi stry change eh nukureveyne… Hope u guys understand
salhi ingeyy avahah up kohdheythi
Thankyw all .. 🙂
Next part on tHURSDAY
V v v salhi
Mi part ves nice