
އެފިނިމެންދަން 16
” ނޫން….އަހަރެންނަށް މިވިސްނެނީ އަދި ރަނގަޅަކަށްނޫން….ނީލާ އިޝާންއަށް އަޅާލަނީ މިވަގުތު އިޝާންގެ ހާލަތުހުރިގޮތުން…..އިޝާންއަށް އަމިއްލައަށް ކަންތައްތައް ނުކުރެވޭތީ، ހަމައެކަނި އިންސާނިއްތަށްޓަކާ ކޮށްދޭކަންތައް އެއީ…އަހަރެންނަށްވެސް އެފަދަގޮތަކަށް ދިމާވެއްޖެއްޔާ ނީލާ އަހަރެންނާމެދުވެސް ހަމައެގޮތަށް ކަންތައް ކުރާނެކަން ޔަޤީން…….” ނީލާއާމެދު ކުށްހީއެއް ކުރާކަށް އަނިލް ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނާގެ ހިތަށް ވިސްނައިދިނުމަށްފަހު ހިނިތުންވެލަމުން ގެޔަށްދާން ތެދުވިއެވެ.
އަނިލް ކޮޓަރިއަށް ވަތްއިރު ނީލާ އެނދުގައި އޮތެވެ. ހީވާގޮތުން ނީލާއޮތީ ނިދާފައެވެ. އަނިލް މަޑުމަޑުން ގޮސްއެނދު ކައިރިއަށް ހުއްޓި ނީލާގެ މޫނަށް ބަލާލިއެވެ. އެމޫނުގައިވާ މައުސޫމުކަމުން އަނިލްގެ ހިތަށް ދިރުންގެނުވައެވެ. އެމައުސޫމުކަމާއި ރީތިކަން އަދި މިހާރު އެތައް ގުނައަކަށް އިތުރުވެފައިވާހެން އަނިލްއަށް ހީވިއެވެ. މުޅިއުމުރަށްވެސް އެހިތްގައިމު މޫނަށް ބަލަން އޭނާއަށް ހުރެވިދާނެއެވެ. އެވަގުތު އެމޫނުގައި ބީހިލަން އޭނާގެ ހިތްއެދުނެވެ. އެހިތުގެ އަޑަށް އިޖާބަދޭން އޭނާބޭނުންވިއެވެ.
އެދެޔޭ މިހިތްމަގޭ ބީހެން ތިމަލުގާ
ވައިރޯޅިހެން ގޮސް އުދުހިފާ
ގާތްވެލުމޭ، ހިތްއެދެނީ،
ވަސްމީރުހުވަދުން، ހަށިގަނޑުގާވާ،
ހިތްކީއްވެބާއޭ ފުރެނީ
އަނިލް މަޑުމަޑުން ނީލާއާ ދިމާއަށް ގުދުވެ އޭނާގެ ތުންފަތް ނީލާގެ ނިތްކުރީގައި ޖައްސާލިއެވެ. އެވަރުން އޭނާގެ ހިތެއް ނުފުރުނެވެ. އަނެއްކާވެސް ގުދުވެ ނީލާގެ ކޯތާފަތުގައި އަނިލް ބޮސްދިނެވެ. ދެން އޭނާގެ ނަޒަރު ހުއްޓުނީ ނީލާގެ މަޑުފިޔާތޮށި ކުލައިގެ ތުންފަތަށެވެ. އެވަގުތު އޭނާގެ ނުކިޔަމަންތެރިހިތް އެދެމުން ދިޔައީ އެތުންފަތުގައި ބޮސްދިނުމަށެވެ. އަނިލްއަށް އޭނާގެ ހިތުގެ އެދުމާއި ދެކޮޅެއް ނުހެދުނެވެ. މަޑުމަޑުން އެރީތި ތުންފަތުގައިވެސް އޭނާއަށް ބޮސްދެވިއްޖެއެވެ. އެންމެ ފަހަރަކު ނޫނެވެ. އެތައް ފަހަރަކުއެވެ. ނީލާއަށް ތެޅިގެންފައި ފުންމައިގެން ތެދުވެވުނެވެ. އަނިލް ދިޔައީ ސިއްސައިގެންނެވެ. ނީލާ ދެލޯބޮޑުކޮށްފައި އަނިލްގެ މޫނަށް ބަލަންއިންއިރު އެލޮލުން ފެންނަމުން ދިޔައީ ހައިރާންކަމާއި ކަންބޮޑުވުމެވެ. އޭނާގެ ދާދިގާތުގައި އިނދެގެން މަސްތުން ފުރިގެންވީ ނަޒަރަކުން އަނިލް ބަލަމުން ދިޔުމުން ބިރުންގޮސް ނީލާގެ ހަށިގަނޑު ރޫރޫ އަޅައިގެން ދިޔައެވެ. ބާރުބާރަށް އޭނާގެ ހިތްތެޅެމުން ދިޔައިރު ނޭވާވެސް އަވަސްވަމުން ދިޔައެވެ.
” ނީލާ…އައި ރިއަލީ ލަވްޔޫ…..” އެނދުގައި އިށީދެ ނީލާގެ ގައިގާ ބައްދާލަމުން އަސަރުން ފުރިގެންވީ އަޑަކުން އަނިލް ބުންޏެވެ. އަނިލްގެ އެހަރަކާތުން ނީލާއަށް ހުއްޓުން އަރާފައި އިނދެވުނީ ދެން ހަދަންވީ ގޮތެއްވެސް ނޭނގިފައެވެ.
“ނީލާ….އަހަރެންނަކަށް ނޫޅެވޭނޭ ނީލާއާ ވަކިންނެއް….އަހަރެން ނީލާދެކެ ވަރަށް ލޯބިވޭ…..ޕްލީޒް ދުވަހަކުވެސް އަހަރެން ދޫކޮށްފަ ނުދާތި!….ދުވަހަކުވެސް ނުދާތި!….އައިލަވް ޔޫ ސޯމަޗް” އަނިލް މޮޔައެއް ފަދައިން ނީލާގެ މޫނުގެ އެތަންމިތާ ބޮސްދޭންފެށިއެވެ. ނީލާ އަނިލްއާ ދުރަށްދިއުމަށް މަސައްކަތްކުރިއެވެ. އޭރު ކަންބޮޑުވެ، ހާސްވެގެން ގޮސް ނީލާއަށް ރޮވެންވެސް ފަށައިފިއެވެ. އަނިލް ކުއްލިއަކަށް މިއުޅެންފެށިގޮތަކުން އޭނާ އިންތިހާއަށް ބިރުވެސް ގެންފިއެވެ. އަނިލް ނީލާގެ ތުންފަތުގައި ބޮސްދިނުމާއެކު ނީލާއަށް ތެޅިގަނެވުނެވެ.
” އަނިލް ޕްލީޒް…ދޫކޮށްލާ!” ރޮވިފައިވާ އަޑަކުން ހަޅޭއްލަވައިގެންފައި ނީލާއަށް އަނިލް ކޮށްޕާލެވުނެވެ. އަނިލްއަށް ލިބުނު ސިހުމުން އެނދުން ނުވެއްޓުނީވެސް ކިރިޔާއެވެ. އަނިލް ދުރަށްޖެހުމާއެކު މޫނުގައި ދެއަތްއަޅާފައި ނީލާ ބާރަށް ރޯންފެށިއެވެ. އަނިލްއަށް ކުރެވުނު ކަންތައް ރޭކާލީވެސް ދެނެވެ. އަނިލް އަނެއްފަރާތަށް އެނބުރި ދެލޯމަރާލަމުން ކައިރީގައިހުރި އަލަމާރީގައި ގޮށްމުށުން ބޮނޑިއެއް އަޅާލިއެވެ. އޭނާއަށް މިކުރެވުނީ ކީއްހެއްޔެވެ؟ އޭނާގެ ކެތްތެރިކަން ކޮޅުންލީ ކީއްވެގެން ހެއްޔެވެ؟ އެއަންހެން ކުއްޖާ ހިމާޔަތް ކޮށްދޭން އޭނާ ވައުދުވިއެވެ. ނަމަވެސް ޚުދު އޭނާގެ އެއަމަލުން މިރޭ އެއަންހެން ކުއްޖާ ބިރުގަންނުވާލައިފިއެވެ. ދެންހަދާނީވެސް ކިހިނެއް ހެއްޔެވެ؟ ގިސްލަގިސްލާފައި ނީލާރޮމުން ދިޔަ މަންޒަރު ފެނުމުން ވީދެރައިން އަނިލްއަށް ހިންދިރުވާލެވުނެވެ. ދެން އޭނާ ނީލާއަށް ވިސްނައިދޭނީ ކީކޭ ކިޔާފައި ހެއްޔެވެ؟ ދައްކާނީ ކޮންބަހަނާއެއް ހެއްޔެވެ؟ ނީލާ އޭނާއަށް ކުރަމުން އައި އިތުބާރު ފުނޑު ފުނޑުވީއޭ ހިތަށްއެރުމުން ހަދާނެގޮތް ހުސްވެފައި ނީލާއަށް ބަލަން އިރުކޮޅަކު އޭނާއަށް ހުރެވުނެވެ.
” އައިއެމް ސޮރީ ނީލާ…..އައި ރިއަލީ އޭމް….ޕްލީޒް ހުއްޓާލަބަލަ!” ނީލާގެ ގާތުގައި އިށީނދެ ނީލާގެ ކޮނޑުގައި އަތްބާއްވާލަމުން އަނިލް ދެރަވެފައި މާފަށް އެދުނެވެ. ނީލާ އަވަސް އަވަހަށް އަނިލްއާ ދުރަށްޖެހިލިއެވެ. ނީލާއިނީ ހަޤީޤަތުގައިވެސް އަނިލްދެކެ ބިރުގެންފައެވެ. އަނިލް އެފަދަ ގޮތަކަށް އޭނާއާމެދު ކަންތައް ކޮށްފާނެ ކަމަކަށް ދުވަހަކުވެސް ނީލާ ހިއެއް ނުކުރެއެވެ. އެއަށްވުރެ ބޮޑަށް އޭނާ އަނިލްއަށް އިރުބާރު ކުރިއެވެ. އޭނާގެ އިތްފަތްތެރިކަން ގެއްލިފައިވީނަމަވެސް އޭނާ ދުވަހަކުވެސް ހަމަހޭގައިހުރެ އެފަދަ ފާފައަކަށް އަރައެއް ނުގަންނާނެކަން އަނިލްވެސް ރަނގަޅަށް ދަންނާނެއެވެ. ވީއިރު އަނިލް އެގޮތަށް އޭނާއާމެދު ކަންތައް ކުރަންވީ ކީއްވެގެން ހެއްޔެވެ؟ ނީލާ ރޮމުން ރޮމުން ގޮސް އޯކާދެމެވެން ފެށުމުން އެނދުން ފައިބައިގެން ހަލުވިކަމާއެކު ގޮސް ފާޚާނާއަށް ވަދެދޮރުލެއްޕިއެވެ. އަނިލް ކަންބޮޑުވެ ކުރާނެ ކަމެއް ނޭނގިފައި ނީލާ ދިޔަދިމާއަށް ބަލަންއިނެވެ.
ފާޚާނާއަށްވަދެ އެތައްއިރެއްވީ އިރުވެސް ނީލާއެއް ނުނުކުތެވެ. އިރުއިރުކޮޅާ އޯކާދެމޭއަޑުވެސް އިވެމުންދެއެވެ. އަނިލްއަށް ކެތްނުވެގެން ގޮސް ފާޚާނާ ދޮރުގައި ޓަކިދޭންފެށިއެވެ. ނީލާއަށް ގޮވާގޮވާވެސް ނީލާ އެއްވެސް ޖަވާބެއް ނުދިނުމުން މާޔޫސްވެގެން އަނިލް ކޮޓަރިން ބޭރަށް ނުކުތެވެ. އެވަގުތު ކުރިމަތީގައިހުރި އިޝާން ފެނިފައި އަނިލް ސިހުނެވެ.
” އަނިލް!….ކިހިނެއްވީ؟….އިޒް އެވްރީތިންގް އޯކޭ؟…” އަނިލްއަށް ވީގޮތްފެނި ހާސްވެފައި އިޝާން ސުވާލުކޮށްލިއެވެ. އަނިލް އިޝާންގެ މޫނަށް ބަލާލީ އެސުވާލަށް ދޭނެ ޖަވާބެއް ނޭނގި ކަންބޮޑުވެފައި ހުރެގެންނެވެ. އިޝާންއަށް އެއްވެސް އަޑެއް އޭނާގެ ކޮޓަރިން އިވުނީ ހެއްޔެވެ؟ އިޝާން އެމީހުންގެ ވާހަކަ އަޑުއެހީ ހެއްޔެވެ؟ އަނިލްއަށް އިޝާންއާމެދު ޝައްކެއް ކުރެވުނެވެ. އޭނާއާ ނީލާއާ ދެމެދުގައިވާ އެއްވެސް ކަމެއް އިތުރުމީހަކަށް އެނގޭކަށް އޭނާބޭނުމެއް ނުވެއެވެ.
” ކިހިނެއްވީ؟…..ނީލްއަށް ކަމެއްވީތަ؟…މަށަށް ހީވި ނީލް ރޯއަޑުއިވުނުހެން…” އިޝާން އަނެއްކާވެސް އަހާލިއެވެ. ހާސްވެފައިހުރިވަރުން އިޝާންއަށް ވާހަކަދެއްކުނީވެސް ނީލްއޭ ކިޔައިގެންނެވެ.
” މާބޮޑުކަމެއްނުވޭ….ނީލާއަށް ހޮޑުލެވުނީ…..އިޝާން އަދިވެސް ނުނިދާ ކީއްތަތިކުރަނީ؟” އިޝާންއަށް ޖަވާބުދިންއިރު އަނިލްގެ އަޑުގައިހުރި ނުރުހުމުގެ އަސަރު އިޝާންއަށްވެސް ފާހަގަ ކުރެވުނެވެ. އޭރުވެސް ނީލާ އޯކާދެމޭ އަޑު އިވެމުންދެއެވެ.
” އަހަރެންވެސް ނުނިދިގެން ނުކުމެލީ….ފެންބޮވާގަނެގެން ކާކޮޓަރިއަށް އަސްލުނުކުތީ….ދެން ނިދަން ދާންވީ…ގުޑުނައިޓް” އިޝާން އަނިލްއަށް ރޭގަނޑުގެ ވަދާއީ ސަލާމް ކުރުމަށްފަހު އޭނާގެ ކޮޓަރިއަށް ދިޔައެވެ.
އިޝާން ދިއުމުން އަނިލް ސޯފާގައި އިށީނދެ ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. ދެންމެ ކުރެވުނު ކަންތަކާ އޭނާއިނީ އިންތިހާއަށް ދެރަވެ، ލަދުވެސް ގަނެފައެވެ. އަދި އިޝާންއަށް ނީލާ ރޯއަޑުއިވުމުން އޭނާ ވަކީން ކަންބޮޑުވިއެވެ. އިޝާންވެސް އެވަގުތު ނުކުންނަން ވެއްޖެ ވިއްޔާއެވެ. އަދި އިޝާން ނީލާއަށް “ނީލް” ގެނަމުން މުޚާތަބުކުރީތީވެސް އަނިލް ހިތްހަމަ ނުޖެހުނެވެ. އިޝާން އެގޮތަށް ނީލާއާ މުޚާތަބުކުރަންވީ ކީއްވެގެން ހެއްޔެވެ؟
އަނިލް އިޝާންއަށް ކިތަންމެ ފޮރުވަން އުޅުނު ނަމަވެސް ދެންމެ ހިނގާދިޔަކަންތައް އޭނާއަކަށް ސިއްރެއް ނުވިއެވެ. އިޝާން ފެންބޮވައިގަނެގެން ކޮޓަރިން ނުކުތްވަގުތު ނީލާ އަނިލްއާ ދިމާއަށް ހަޅޭއްލަވައިގަތް އަޑުއިވިފައި އިޝާން ކަންބޮޑުވެގެން އަނިލްގެ ކޮޓަރި ކައިރިއަށް ދެވުނީ ބޭއިޚުތިޔާރުގައެވެ. ކޮޓަރިތެރޭން ނީލާ ރޯންފެށި އަޑުއިވުމުން އޭނާގެ ކަންބޮޑުވުން އިތުރުވިއެވެ. އިޝާން ދޮރުގައި ޓަކިޖަހާލަން ހިތަށްއަރާފައި އަތްއުފުލާލި ވަގުތު އަނިލްގެ އަޑުއިވުމުން އޭނާ ހިމޭންވިއެވެ. އަނިލް ނީލާގެ ކިބައިން މާފަށް އެދޭއަޑު އިޝާންއަށް އިވުމުން އަނިލްގެ ފަރާތުން ނީލާ ހިތްހަމަނުޖެހޭ ކަމެއްވެއްޖެކަން އިޝާންއަށް އެނގުނެވެ. ނީލާ ރޯންފެށިގޮތުންވެސް އެދެމެދުގައި ހިނގީ އާދައިގެ ކަމެއްނޫންކަން އިޝާންއަށް އަންދާޒާ ކުރެވުނެވެ. މިދަންވަރު އަނިލް ނީލާއަށް ކޮށްފާނެކަމެއް އިޝާންގެ ހިތަށް ސިފަވުމާއެކީ އޭނާގެ ލޭހޫނުވެގެން ދިޔައެވެ. އެއްވެސް ހައިސިއްޔަތަކުން އަނިލް ނީލާގެ ގައިގާ ބީހުމަކީ އިޝާންއަށް ރުހެވޭނެ ކަމެއް ނޫނެވެ.
އިޝާން އެނދުގައި ލޯމަރައިގެން އޮތް ނަމަވެސް އޭނާގެ ލޮލަކަށް ނިންޖެއް ނައެވެ. އޭނާގެ ކަންފަތުގައި ހަރުލާފައިހުރީ ނީލާގެ ވޭނީ ރުއިމުގެ އަޑެވެ. އެހާބޮޑަށް ހިތުގައިޖެހިގެން ނީލާ ރޯނީ ކޮންމެވެސް ބޮޑުކަމެއްވީމައެވެ. އަނިލް ނީލާގެ ގައިން ދޫކޮށްލުމަށް އެދޭނީ، އޭނާގެ ނުރުހުމުގައި އަނިލް ކޮންމެވެސް ކަމެއްކުރީމަކަން ޔަގީނެވެ. އިޝާން ކިތަންމެ ނުރުހުން ވިޔަސް އޭނައަށް ކުރެވޭނެ ކަމެއްނެތެވެ. ދުނިޔޭގެ ނަޒަރުގައި ނީލާއަކީ އަނިލްގެ ހަލާލު އަނބިމީހާއެވެ. އަނިލް ބޭނުން ކޮންމެކަމެއް ނީލާއަށް ކުރެވޭނެއެވެ. އިޝާންއަށް ހަޤީޤަތް އެނގުނު ނަމަވެސް ދުނިޔެއަށް އެނގޭނީ ކޮންއެއްޗެއް ހެއްޔެވެ؟ އެކޮޓަރިތެރޭގައި ކޮންމެފަދަ ކަމެއް ހިނގިކަމުގައިވިޔަސް ކަންބޮޑުވާނީ ހަމައެކަނި އިޝާންއެވެ. ދުނިޔޭގެ އެހެންމީހުން އެކަމަކާ ނުވިސްނާނެއެވެ. އެމީހުންގެ ނަޒަރުގައި އެއީ ދެމަފިރިން ވިއްޔާއެވެ. އެދެމެދުގައި ހިނގާ ކަންތައްތަކާ ދުނިޔޭގެ އެހެންމީހުނަށް ބެހެވޭނެ ހެއްޔެވެ؟
ނަމަވެސް ހަޤީޤަތަކީ، ދެމަފިރިން ކަމަށް ހެދިގެން އުޅުނަސް އެއީ އަދިވެސް ހިލޭ ދެމީހުންކަމެވެ. އަނިލްއަކީވެސް ހިއްސުތައް ސަލާމަތުން ހުރި ޒުވާން ފިރިހެނެކެވެ. ތިމާ އެންމެ ލޯބިވާ އަންހެން ކުއްޖާއާއެކު އެއްކޮޓަރީގައި އެގޮތަށް އުޅެންވުމުން ނަފްސު ކޮންޓްރޯލް ކޮށްގެން ހުރުން އެއީ ކިހާ އުނދަގޫ ކަމެއްކަން ޚުދު އިޝާންއަށްވެސް އެނގެއެވެ. އޭނާވެސްވަނީ އެފަދަ ތަޖުރިބާއެއް ކޮށްފައެވެ. ވީއިރު އަނިލްއަށްވެސް ވާނީ ހަމައެފަދަ ގޮތެއްކަން އިޝާންއަށް ގަބޫލު ކުރެވުނެވެ. މިހާދުވަސްވީއިރު އަނިލް ކަމެއްނުކޮށްހުރީތީ އޭނާގެ ކެތްތެރިކަމަށްވެސް އިޝާންއަށް ސާބަސް ދެވުނެވެ.
އިޝާންގެ ހިތުގައި އަނިލްއާމެދު އުފެދުނު ނުރުހުމުގެ އަސަރު ފިލައިގެން ދިޔައީ އަނިލްގެ ހާލަތު ވިސްނުމުންނެވެ. އޭނާއެކޭ އެއްފަދައިން އަނިލްއަކީވެސް ނީލާގެ ލޯބީގައި ދީވާނާވަމުންދާ މީހެއްކަން އޭނާ ހަނދާން ނައްތާލާނީ ކިހިނެއް ހެއްޔެވެ؟ އެހާލަތުގައި އަނިލްއަށް ކުރާނެ އަސަރާއި ވާނެދެރަވެސް އިޝާންއަށް ވިސްނެއެވެ. ނަމަވެސް އެހިތް ބޭޤަރާރުވަމުން ދިޔައީ ނީލާގެ ހާލާއިމެދުގައެވެ. އެނިކަމެތި އަންހެންކުއްޖާގެ ހިތަށް ކުރާނެ އަސަރު އަންދާޒާ ކޮށްލަންވެސް އޭނާއަށް ދައްޗެވެ. އޭނަގެ ސަބަބުން ޒަޚަމްވެފައިވާ އެމައުސޫމު ހިތަށް މިރޭ އަނިލްގެ ސަބަބުން އިތުރު ވޭނެއް ލިބޭނެކަން ކަށަވަރެވެ.
ހިތްފުރޭންދެން ރޯލުމަށްފަހު، ބިރުންހުރެ ނީލާ ފާޚާނާއިން ނުކުތްއިރު އަނިލްއެއް ފެންނާކަށްނެތެވެ. ހޮޑުލެވުނުވަރުން އޭނާގެ ގައިގެ ހަކަތަ ވަނީ ހުސްވެފައެވެ. ސައިޑްކަބަޑްމަތީހުރި ފެންފުޅިއަކުން ފެންފޮދެއް ބޯލުމަށްފަހު ނީލާއައިސް އެނދުގައި އޮށޯތީ ކޮޅަށް ހުންނަން އުނދަގޫވުމުންނެވެ. ބަނޑުހައިވެގެން އޭނާގެ ހަށިގަނޑުގައި ތުރުތުރެއްވެސް ވަނީ އުފެދިފައެވެ. ނަމަވެސް ކާކޮޓަރިއަށް ދާހައި ހިތްވަރެއްވެސް އޭނާގެ ކިބަޔަކު ނެތެވެ. އެގޮތަށް އޮވެ ނިދޭތޯ އޭނާ ލޯމަރާލިއެވެ. އެވަގުތު އޭނާއަށް ސިހިފައި ލޯހުޅުވާލެވުނީ އަނިލް ކޮޓަރީގެ ދޮރުހުޅުވާލުމުންނެވެ. ގަތްބިރުން ވަގުތުން އޭނާގެ އަތްފައި ފިނިވެއްޖެއެވެ.
ދެލޯމަރާލުމަށްފަހު ބާރަށް ބާލީހުގައި ބައްދައި ނީލާ މޫނުފޮރުވީ އަނިލްއާ ފިލަންހެން ހީވެއެވެ. އަނިލްއަށް އެމަންޒަރު ފެނުމުން ދެރަވިއެވެ. ނީލާ ހޮޑުލައިލައި ބަނޑުހައިވެފައި އޮންނާނެކަން އެނގޭތީ އޭނާއައީ ތަރުކާރީ ބިސްގަނޑަކާއި ކިރުތައްޓެއް ހިފައިގެންނެވެ. ކާއެއްޗެހި ގެނެސް ސައިޑް ކަބަޑުމަތީ ބެހެއްޓުމަށްފަހު އަނިލް ނީލާއަށް ބަލާލިއެވެ. ނީލާ އެއޮތް ގޮތަށް ބާލީހުން މޫނުފޮރުވައިގެން އޮތެވެ.
“ނީލާ! ތެދުވޭ އެއްޗެއް ކާލަން…..މިހާރު ވަރަށް ބަނޑުހައިވެފައެއްނު ތިއޮތީ..” ނީލާއާ ދިމާއަށް ކުޑަކޮށް ގުދުވެލާފައި އަނިލް އޯގާތެރިކަމާއެކު ގޮވާލިއެވެ. އޭނާހުރީ ނީލާއާ ގާތްވާންވެސް ބިރުގެންފައެވެ. ދެތިން ފަހަރަކު އަނިލް ގޮވާލުމުން ނީލާ ބާލީސް އެއްފަރާތް ކޮއްލާފައި ބަލާލިއެވެ. އަދި މަޑުމަޑުން ތެދުވެ ހެޑްބޯޑުގައި ލެނގިލިއެވެ. އިސްދަށަށް ޖަހައިގެން އިންގޮތުން އަދިވެސް އޭނާ އެއިނީ އަނިލްދެކެ ބިރުންހެން ހީވެއެވެ. ޑްރެސިން ޓޭބަލް ކައިރީހުރި ގޮނޑި އެނދާދިމާއަށް އަނބުރާލުމަށްފަހު އަނިލް އޭގައި އިށީނެވެ. އަދި ސައިޑް ކަބަޑުމަތީހުރި ތަށިނަގައި ބިސްގަނޑު ފޮތިފޮތި ކޮށްލިއެވެ. އުލުން އެތިކޮޅެއް ނަގައި ނީލާއަށް ދިއްކޮށްލީ ޖެހިލުންވެ އިނދެއެވެ. އަނިލްދެކެ ރުޅިއައިސްފައި އިންނަމަވެސް އަނިލް ދިން ބިސްކޮޅު ނީލާ ކާލީ ބަނޑުހައިވެފައި ހުރިވަރުންނެވެ. އަނިލް ނީލާއަށް ކާންދެމުން ދިޔައިރު ދެމީހުންގެ މެދުގައިވަނީ އާދަޔާ ޚިލާފު ހަމަހިމޭން ކަމެކެވެ. ދެންމެ ހިނގާދިޔަ ކަންތަކުގެ ސަބަބުން ދެމީހުންވެސް ތިބީ އިސްއުފުލައި ބަލާލަންވެސް ނުކެރިފައެވެ.
ބިސްގަނޑުކައި ކިރުތަށި ބޮއެނިމުމުން އަނިލް ނީލާއަށް ފެންތައްޓެއް ދިންކޮށްލި ވަގުތު ނީލާ ސިއްރު ސިއްރުން އަނިލްގެ މޫނަށް ބަލާލިއެވެ. އަނިލްގެ ތެމިފައިވާ އެސްފިޔަތަކާއި ރަތްވެފައިވާ މޫނު ފެނުމުން އަނިލްވެސް ރޮއެފައިވާކަން ނީލާއަށް އެނގުނެވެ. އަނިލްއަށް ކުރެވުނު ކަންތަކާ އޭނާ ދެރވީތާއޭ ނީލާގެ ހިތަށް އެރިއެވެ. އަނިލްގެ މޫނުން ފެނުނު ހިތާމައިގެ އަސަރުން ނީލާގެ ހިތުގައި އަނިލްއާމެދު އުފެދުނު ރުޅިވެރިކަންވެސް ފިލާދިޔައެވެ. ނަމަވެސް މިރޭ މިހިނގި ހާދިސާގެ ސަބަބުން އެހިތުގައި އަނިލްއާމެދު ފާޑެއްގެ ބިރުވެރިކަމެއް އުފެދިއްޖެއެވެ
އަނެއް ދުވަހު ނީލާއަށް ހޭލެވުނީ ގަޑިން ހަތެއްވެސް ޖެހިފަހުންނެވެ. ނީލާ ދެތުވެ ބަލާލިއިރު އަނިލް ފެންނާކަށް ނެތެވެ. ހީވާގޮތުން އަނިލް މިހާރުވާނީ އޮފީހުގައެވެ. ނީލާ ފާޚާނާއަށް ވަދެ ތާޒާވެލައިން ނުކުމެ، ކާކޮޓަރިއަށް ގޮސް ސައިހެދުމައިގެން އަވަސްވެގަތެވެ. ކާކޮޓަރީގައި ހުރިއިރު ނީލާއަށް ވިސްނެމުން ދިޔައީ ރޭގައި ހިނގާދިޔަ ކަންތަކާއިމެދުގައެވެ. ކުއްލިއަކަށް އަނިލްއަށް އެވީގޮތެއް ވިސްނާ ވިސްނާވެސް ނީލާއަކަށް ނޭނގުނެވެ. ނީލާ އަނިލް ދޫކޮށްލާފައި ނުދިޔުމަށް އެދި އެވަރަށް އާދޭސްކުރީ ކީއްވެބާއެވެ؟ ނީލާ އަނިލް ދޫކޮށްލާފައި ހިނގައިދާނެކަމަށް އަނިލް ވިސްނީ ކީއްވެބާއެވެ؟ އަނިލް އެހާވަރަށް ނީލާދެކެ ލޯބިވާއިރުވެސް އޭނާއަށް އެކަން އިހުސާސް ނުވަނީ ކީއްވެބާއެވެ؟ އިޝާން ފެންނަން ހުންނަހާ ހިނދަކު ނީލާއަށް އަނިލްއާމެދު ނުވިސްނޭނެއެވެ. މިހާރު އަދިވަކީން އިޝާން އޭނާއާ ގާތްވާހެން ހީވެއެވެ. އިޝާންގެ ދުލުން ނުބުނިނަމަވެސް އިޝާންވެސް އޭނާދެކެ ލޯބިވާހެން އޭނާއަށް ހީވަނީއެވެ. އެކަމުގެ ސަބަބުން ދުވަހެއް ދުވަހަކަށް އަނިލްއާ ދުރަށްދެވޭކަން ޚުދު ނީލާއަށްވެސް ގަބޫލު ކުރެވެއެވެ.
އަނިލް އޭނާގެ ކެބިންގައި އިނދެގެން ވިސްނަމުން ދިޔައީ ނީލާގެ ކިބައިން މާފަށް އެދޭނެ ގޮތަކާއި މެދުގައެވެ. ރޭގައި އެވީ ކަންތަކުގެ ސަބަބުން ކުރިޔަށް ވުރެވެސް ބޮޑަށް ނީލާ އޭނާ ދުރުވާނެކަން ޔަގީނެވެ. ދެންހަދާނީ ކިހިނެއްކަމެއް ނޭނގި ބޯހާސްވުމުން އަނިލްއަށް ލޯމަރާލާފައި ފުންނޭވާއެއް ދޫކޮށްލެވުނެވެ. ބުރޭކް ގަޑިޖެހުމުން އަނިލް ގެޔަށްދިޔައިރު އިޝާންވެސް އުޅެނީ ހޭލައެވެ. ސައިގަޑި ނިމިގެން ދިޔައީ ތިންމީހުންގެ މެދުގައިވެސް މާބޮޑު ވާހަކައެއް ނުދެކެވިއެވެ. އެދުވަހު ބާކީބައިވެސް އަނިލް ހޭދަކުރީ ވިސްނާ ފިކުރު ކުރުމުގައެވެ.
*********
އާދުވަހަކަށް އިރުއެރީ ރަމަޟާން މަހުގެ ހެޔޮއެދުމާއި ތަހުނިޔާތަކުން ހިތްތައް އުފާކުރަމުންނެވެ. އިޝާންއަށް ވެސް އޭނާގެ އާއިލާގެ އެކި އެކި މެމްބަރުންގެ ފަރާތުން ބަރަކާތްތެރި ރަމަޟާންމަހުގެ މުބާރިކްބާދު ކިޔަމުން ދިޔައެވެ. ބައްޕައާއި މާމައާއި ބޮޑުދައިތަވެސް އިޝާންއަށް ވަކިވަކީން ގުޅިއެވެ. މާމަހުރީ އިޝާންއާ މެދު ކަންބޮޑުވެފައެވެ. ނަމަވެސް އިޝާންހުރީ ޚުދު އޭނާގެ އާއިލާގެ މީހުންގެ ގާތުގައިކަން އެނގޭތީ ހިތްހަމަ ޖައްސާލިއެވެ.
ރަމަޟާން މަހުގެ ދުވަސްތައް އުފާވެރިކަމާއެކު ވޭތުވަމުން ދިޔައެވެ. ރޯދައަށް ހުންނަން ފެށުމުން ނީލާއަށް ވަރުބަލިކަން އިހުސާސްވާލެއް އިތުރުވިއެވެ. އެހެންކަމުން ނީލާއަށް ލުއިކޮށްދިނުމުގެ ގޮތުން އަނިލްވަނީ ގޭތެރޭގެ މަސައްކަތް ކުރަން ނަރުގިސް ކިޔާ ލަންކާ ކުއްޖަކުވެސް ހޯދާފައެވެ. ދެމީހުންގެ މެދުގައި ދުރުމިނެއް އުފެދިފައި ވީނަމަވެސް އަނިލް ހުރިހާ ގޮތަކުންވެސް ނީލާއަށް އެހީތެރިވެދެއެވެ. ނަމަވެސް ނީލާ ދެރަވަނީ އޭނާއަށް އަނިލްއާމެދު އެވަރަށް އަޅާނުލެވޭތީއެވެ.
އިޝާންގެ އަތްވެސް މިހާރު މުޅީން ރަނގަޅުވުމުން އަނެއްކާވެސް އޭނާ އޮފީހަށް ނުކުންނަން ފެށިއެވެ. އެކަމުގެ ސަބަބުން ނީލާ އަނެއްކާވެސް ފޫހިވާ ގޮތްވިއެވެ. އިޝާން އަންނާނެ އިރަކަށް އޭނާއަށް އިންތިޒާރު ކުރެވެއެވެ. އިޝާންއަށްވެސް ނީލާ ނުފެނި ވަގުތު ހޭދަކުރުން ވީ ދަތިކަމަށެވެ. ގެޔަށް ދެވޭނެ އިރަކަށް އަބަދުވެސް އޭނާއަށް އިންތިޒާރު ކުރެވެނީއެވެ.
ރަމަޟާން މަހުގެ ރޭތަކުގެ ތެރެއިން ރެއެކެވެ. ރޯދަވީއްލުމަށްފަހު އާދައިގެމަތިން އަނިލްއާއި އިޝާންވެސް ކާފައާއެކު ދިޔައީ މިސްކިތަށެވެ. އިޝާން މިސްކިތުން އެނބުރި އައިއިރު، ގޯތިތެރޭގައި ހުރި ޖޯލިފަތީގައި މާމައާއި ނީލާ ތިއްބެވެ. ނީލާ ވަރަށް ގަޔާވެގެން އެއްޗެއްކާން އިނެވެ. ކައިރީގައިހުރި ފެންފުޅިން އިރުއިރުކޮޅުން ފެންފޮދެއްވެސް ބޯލައެވެ. އިޝާން ހިނިތުންވެހުރެ އައިސް މާމަގާތުގައި އިށީނެވެ.
” ކޯއްޗެއްތަ މާވަރެއް ދައްކާލާފަ ތިކަނީ؟” އެންމެފަހުން މަޑުން ނީދެވިގެން އިޝާން އަހާލިއެވެ.
“ލާމި” އެއިން ގޮތަށް އިނދެ ނީލާ ޖަވާބުދިނެވެ.
“އޭނ؟ ކީކޭ؟..ލާމިއޭ؟…ކޯއްޗެއްތަ އެއީ…ދައްކަބަލަ!” ނީލާގެ ގާތަށް ޖެހެމުން އިޝާން ނީލާގެ އަތުގައި ހުރި ތައްޓަށް ބަލާލިއެވެ.
” ޗީ! ތީކޯއްޗެއް….ތީވެސް އިންސާނުން ކައިއުޅޭ އެއްޗެއްތަ؟…ތިހީވަނީ ފަކުރެއް ހެނެއްނު!” ރިހާކުރާއި އެކުވެފައިހުރި ލާމިތައް ފެނުމުން އިޝާން އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ. ނީލާ އިޝާން އަށް ލޯއަޅާލަމުން އަނެއްކާވެސް ކާންފެށިއެވެ.
” އޭތް ތިނުކައިބަލަ!….ކޯއްޗަކުން ހަދާފަހުރި އެއްޗެއްތަ ތިކަނީ؟”
” މިއީ ހަދާފަ ހުރި އެއްޗެއް ނޫނޭ….ގަހެއްގަ އަޅާފަ ހުންނަ އެއްޗެއްމީ….އަހަރެން ބުނެގެން މިއަދު މަންމަ ގެނެސްދިނީ….މިހިރީ މިހުންނަގޮތް…ބަލާބަލަ!” ޖެހިގެންހުރި ޖޯލީގައި އޮތްލާމިކޯޅިއެއް ނަގައި އިޝާންގެ އަތަށް ދެމުން ނީލާ ބުންޏެވެ. އިޝާން އޭގައިހިފައި ރަނގަޅަށް ބަލާލިއެވެ. އަދި އެއިން ލާމިއެއް ނައްޓާލުމަށްފަހު ހަފާލިއެވެ. އިޝާންއަށް އޭގައި އެއްވެސް ރަހައެއްލީ ކަމަކަށް ނުވިއެވެ. ލާމީގެ އެތެރެ ހުރިގޮތް ފެނުމާއެކު އަވަސް އަވަހަށް އިޝާން ލާމި އެއްލާލިއެވެ.
” އައްޗީޑި!…މިތަ ތިކަނީ ތިހާ މީރުކޮށް…..އެއްވެސް ރަހައެއްލާ އެއްޗެއްނޫން މީކީ….މިއެއް ކާނެކަމެއްނެތް….މިކައިގެން ކޮންމެފަދަ ގެއްލުމެއްވެސް ވެދާނެ!” އިޝާން ކުއްލިއަކަށް ނީލާގެ އަތުގައިހުރި ލާމިތަށި ދަމައިގަތެވެ. ނީލާދިޔައީ ސިއްސައިގެންނެވެ.
” ދަރިފުޅާ! ތިކެޔަކަސް އެއްވެސް ގެއްލުމެއް ނުވާނެ! މާމަމެން ކުޑައިރުއްސުރެ ތިކަމޭ…ނުވޭ އެއްގޮތެއްވެސް….އެންމެންވެސް ކައިއުޅޭ އެއްޗެއްތީ” އިޝާން އުޅޭގޮތުން މާމަ އޭނާއަށް ވިސްނައިދޭން އުޅުނެވެ.
” މާމައަށް ކިހިނެއް އެނގެނީ ގެއްލުމެއް ނުވާކަމެއް…އެހެން ނޫނަސް ނީލްއަކީ އާދައިގެން މީހެއްތަ…އެއީ މާބަނޑުމީހެއްނު….މިކައިގެން ދަރިފުޅަށްވެސް ގެއްލުމެއް ލިބިދާނެ….ކޮންމެ ކޮންމެ އެއްޗެއް ކާކަށް ނުވާނެއްނު!…ދުވާލު ރޯދަޔަށް ހުރެފަވެސް، ރޭގަނޑުވީމަ ތިކަހަލަ ތާކުން ތާކު ނުޖެހޭ އެއްޗެހިތަ ކާންވީ…..ކަންޏާވެސް ހަށިގަނޑަށް ފައިދާހުރި ރަނގަޅު އެއްޗެއް ކައިބަލަ!…މިއެއް ކާނެކަމެއްނެތް!” އަމުރުވެރިކަމާއެކު އިޝާން އެހެންބުނުމުން ނީލާ އިޝާންގެ މޫނަށް ބަލަން އިނީ ހައިރާންވެފައެވެ. ކުރީދުވަހެއްގަ އޭނާ ވެއްޓެން އުޅުމުން އިޝާން އޭނާދެކެ ރުޅިއައިގޮތަށް ރުޅިއަތުވެދާނެތީވެސް އޭނާ ކަންބޮޑުވިއެވެ. އިޝާން އޭނާއާއި އޭނާގެ ދަރިފުޅާމެދު އެހާކަންބޮޑުވެ ވިސްނަނީ ކީއްވެބާއޭ ނީލާގެ ހިތަށް އެރިއެވެ. ކުރަންވީ ކަންތަކާއި ނުކުރަންވީ ކަންތައް ބުނެދީ، ކާންވީ އެއްޗެއްސާއި ނުކާންވީ އެއްޗެހި ކިޔައިދީ އުޅޭއިރު ހީވަނީ އެއީ ނީލާގެ ފިރިމީހާ ހެންނެވެ. އިޝާން އޭނާއަށް އަމުރުއެކުރަނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ އޭނާއަށް މީރު އެއްޗެއްވެސް ކެވޭކަށްނެތެވެ.
އިޝާން ލާމިތަށި އަތުލުމުން ނީލާ ތުންފިއްތާލިއެވެ. އިޝާން ދުވެފައި ގޮސް ގޭތެރެއަށް ވަދެ އޭނާގެ ވޮލެޓް ހިފައިގެން ނުކުތެވެ.
” މައެބަ އަންނަން މިއަށްވުރެ ރަނގަޅު އެއްޗެއް ހިފައިގެން….” ބޭރަށް ނުކުންނަމުން ނީލާއަށް ބަލާލާފައި އިޝާން ބުންޏެވެ. ލާމިތަށިވެސް ހިފައިގެން އިޝާން ދިއުމުން މާމައަށާއި ނީލާއަށް އެކަކު އަނެކެއްގެ މޫނަށް ބަލައިލާފައި ހެވުނެވެ. އިޝާން މިސްރާބުޖެހީ ފިނިވާ ސްޓޯރަށް ދިއުމަށެވެ. އާއްމުގޮތެއްގައި އެފިހާރާގައި އަނބުވިއްކަން ހުންނަކަން އޭނާއަށް އެނގެއެވެ. ފިހާރައަށް ދިޔަމަގުމަތީގައި ތަށިން ލާމިއެއް ނަގައި ރަހަބަލާލިއެވެ. ކުޅި ރިހާކުރާއިއެކު ލާމިކެއުމުން އޭގެ ރަހަވަރަށް ވެސް ތަފާތެވެ. އަދި އޭގައި މީރު ހުތްރަހައެއް ލާކަންވެސް އިޝާންއަށް އެނގުނީ ދެނެވެ.
” އާޗާ! މީތި ހަމަސަޅިއޭ…” ލާމީގެ ރަހަމީރުވެގެން އިޝާންއަށް ބުނެވުނެވެ. އެއީ އޭނާ މީގެކުރިން ދުވަހަކުވެސް ކޭއެއްޗެއް ނޫނެވެ. އަދި ނަންވެސް އަޑުއެހި އެއްޗެއް ނޫނެވެ. އިޝާން ތަށި ހިފައިގެން ކަމުން ކަމުން އައިސް ފިހާރައަށް ވަނުމުން ފިހާރަތެރޭގައި ތިބިމީހުން އޭނާއަށް ބަލަންފެށިއެވެ. އިޝާންއަށް އަވަހަށް ތަށި،ފުރަގަހަށްލައި ފޮރުވިއެވެ.
“ކޮން ރިހާކުރުވަހެއް އެދުވަނީ؟!” ކައުންޓަރުގައި އިން އަޝްފާ އިސްއުފުލައި ބަލާލަމުން އެތާތިބި މީހުން ގާތު އަހާލިއެވެ. ކައުންޓަރު ކައިރީ ތިބި އެންމެން ބަލާލީ އިޝާންއަށެވެ. އިޝާން އެމީހުނަށް ބަލާލާފައި ބޯކަހާލަމުން ރަކިފާޑަކަށް ހީލިއެވެ. އެމީހުން ހޭންފެށުމުން އިޝާން އަވަހަށް ބޭރަށް ނުކުމެ ފިހާރަ ކައިރީ މަޑުކޮށްލިއެވެ. ފިހާރަތެރޭގައި ތިބި މީހުން ނުކުމެގެން ދަމުންވެސް އިޝާންއަށް ބަލާފައި ހުނެވެ. އެމީހުން ދިއުމުން އިޝާން އަވަހަށް ފިހާރައަށް ވަނެވެ.
” އިޝާން އަނބުކާންވީތަ؟….ރިހާކުރުތަށިވެސް ހިފައިގެންތަ އައިސް ތިއުޅެނީ؟…” އިޝާން އަނބުގަތުމުން އަޝްފާ ހިނިއައިސްފައި އަހާލިއެވެ.
” ނޫނޭ މަށެއް ނޫނޭ!…އެހެންކުއްޖަކު މާވަރަކަށް ހުތްއެއްޗެހިކާން އުޅޭތީ މިއުޅެނީ…..ސޮރީ އިނގޭ ރިހާކުރުވަސްދުވީމަ….” އިޝާން އަނގަޔަށް ގޮތެއް ހަދާލަމުން މާފަށް އެދުނެވެ. އެވަގުތު އަޝްފާގާތަށް ހިނިއައެވެ.
” ސޭޓްވެސް އާދޭ އަނބުކާން ބޭނުމިއްޔާ…..” ފައިސާދައްކާފައި އަނބުކޮތަކުގައި ހިފަމުން އިޝާން އަޝްފާއަށް ބުންޏެވެ. ނޫނެކޭ ބުނަމުން އަޝްފާ ހީލިއެވެ.
އިޝާން އަނބުކޮތަޅު ހިފައިގެން އައި އިރު ނީލާއިނީ ރުޅިގަދަވެފައެވެ. އިޝާން ފެނުމާއެކު ލޯއަޅާލިއެވެ.
” އަން!…ދެން ކާނެ ވަރަކަށް ކާންވީ….މަށެއް ނުބުނާނަން ނުކާށެކޭ…”އިޝާން އަނބުކޮތަޅު ގެންގޮސް ނީލާކައިރީގައި ހުރި ގޮނޑިއެއްގެ މަތީގައި ބެހެއްޓިއެވެ. އަދި ޖެހިގެން ހުރި ޖޯލީގައި އިށީނދެ ލާމިކާން ފެށިއެވެ. އިޝާން ލާމިކާ މަންޒަރުފެނުމުން ނީލާ ހައިރާންވެފައި ބަލަން އިނެވެ.
” އަހަރެންގާތު ނުކާށޭ ބުނެފަ ކީއްވެ ޝާން ލާމި ތިކަނީ؟…” ނީލާ ނުރުހުންވެފައި އަހާލިއެވެ.
” މަށަށް ކެވިދާނެއެއްނު!…މަމި މާބަނޑު އަންހެނެއް ނޫންވިއްޔަ!” އިޝާން ހަމަޖެހިލާފައި ޖަވާބުދިނެވެ.
” ހުއް! މާބަނޑު އަންހެނެއް ނޫނިއްޔާ، ތީ އިންސާނެއް ނޫންތަ؟….ގައިމު ބުނި ތީ އިންސާނުން ކައިއުޅޭ އެއްޗެއް ހޭ…” ނީލާ ރުއިއައިސްފައި ވާހަކަ ދައްކަން ފެށުމުން އިޝާންއަށް މަޖާވިއެވެ. އިޝާން ނީލާއާ ދިމާބަލާލުމުން ނީލާ ތުންއަނބުރާލުމަށްފަހު އަނބެއް ނަގައި ކާންފެށިއެވެ. އިޝާން ކުއްލިއަކަށް ނީލާގެ އަތުން އެއަނބު ޖަހައިގަތެވެ.
” ދެން ހަމަ އެއްޗެއް ފެންނައިރަށް ނުވެސް ދޮވެ ކާންވީތަ؟…..” ނުރުހިފައި ނީލާއާ ދިމާއަށް ބަލާލަމުން އިޝާން ބުންޏެވެ. އަދި ކައިރީގައި ހުރިފެންފުޅިން އިޝާން އަނބުދޮވެލުމަށްފަހު ނީލާއަށް ދިއްކޮށްލިއެވެ. ނީލާ އަނބުގައި ހިފަން އުޅުމުން އިޝާން އަތް ދުރުކޮށްލިއެވެ. ނީލާ ތުންއޫކޮށްލަމުން އިޝާންގެ އަތުން އަނބުއަތުލަން މަސައްކަތްކުރިއެވެ. އިޝާން އިތުރަށް ނީލާ ދަހިކޮށްލުމަށްޓަކައި އަނބުނުދީ ހިފެހެއްޓިއެވެ. އެމަންޒަރުބަލަން މާމަ ހިނިއައިސްފައި އިނެވެ. އިޝާންގެ އަތުން އަނބު އަތުނުވުމުން ނީލާ ރުޅިއައިސްފައި އެހެން އަނބެއް ނަގަން ދިމާކޮށްލި ވަގުތު އިޝާން އަނބުކޮތަޅުވެސް އަތުލިއެވެ.
” ދެން މާމާ ބަލާބަލަ! މިއިޝާންގަނޑު…ލާމިތަށިވެސް އަތުލާފަ،ހުރިހާ އަނބެއްވެސް އަތުލަނީ….” ކުޑަކުއްޖަކު ފަދައިން ތުންއޫކޮށްލާފައި ނީލާ ޝަކުވާކޮށްލިއެވެ.
” ދެން ދަރިފުޅާ ތިހެން ނުހަދާ އެމަންޖެއަށް ދީބަލަ އަނބެއް…..މާބަނޑުމީހުން ރުޅިއަރުވާކަށް ނުވާނެ” މާމަ އެހެން ބުނުމުން އިޝާންއަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. އިޝާން އޭނާގެ އަތުގައި އޮތް އަނބުވެސް އަދި އަނބުކޮތަޅުވެސް ނީލާއަށް ދިނެވެ. އަނބުކޮތަޅުގައި ހިފުމަށްފަހު ނީލާ އިޝާންއާ ދިމާއަށް ދޫނެރެފައި ވައްތަރެއް ޖައްސާލިއެވެ. ދޮރާށިން ވަދެގެން އައި އަނިލް ހައިރާންވެފައި އެދެމީހުނަށް ހުއްޓެވެ.
” އަނިލް އާދޭ އަނބުކާން….ހާދަމީރޭ ހުތް އަނބު…..މިޔަށްވުރެ މީރު އެއްޗެއް ނުލިބޭނެ މިރަމަޟާން މަހު ކާކަށް” ނީލާއަށް ބަލާލާފައި ޖެއްސުމަށް އިޝާން ބުންޏެވެ. އަނިލް އަނގައިންވެސް ނުބުނެ ގޭތެރެއަށް ވަދެގެން ދިޔައެވެ. އިޝާންއާ ނީލާއާ ސަމާސާކުރާ މަންޒަރު ފެނިފައި އެހިތަށް ތަދުވަނީއެވެ. އަނިލް ކިތަންމެ ބޭނުންވިޔަސް އެފަދަ ގާތްގުޅުމެއް ނީލާއާ އުފެއްދޭނެ ކަމެއް ނޭނގެއެވެ. އިޝާން ފަދައިން ސަމާސާކޮށް އުޅޭކަށް އޭނައަކަށް ނޭނގެއެވެ. އޭނާއަށް ކުރެވޭ ކަމަކުން ނީލާ ރުޅިއަތުވެދާނެތީވެސް އޭނާ ބިރުގަނެއެވެ.
*********
އާދުވަހަކަށް އިރުއެރިއިރު އުޑުމަތިވަނީ ބަނަވެފައެވެ. ތުނިތުނިކޮށް ވާރޭވެސް ވެހެމުންދެއެވެ. އާދައިގެންމަތިން އަނިލްއާއި އިޝާންވީ އޮފީހަށް ގޮހެވެ. ނީލާތެދުވެ ފެންވަރާލައިގެން ނުކުތްއިރު ނަރުގިސް ހުރީ ގޭތެރެ ފޮޅާ ސާފުކޮށްފައެވެ. ނީލާ ބަދިގެ ބަޔަށްވަދެ މިއަދު ގަންނަން ޖެހެނީ ކޮން އެއްޗެއްސެއްތޯ ބަލާޗެކުކުރުމަށެވެ. ގަންނަންޖެހޭ އެއްޗެހީގެ ލިސްޓެއް ހެދުމަށްފަހު ނަރުގިސް އަތަށް ދިނެވެ. މެންދުރު ނަމާދުގެ ވަގުތުވުމުން އިޝާން ގެޔަށްދިޔައެވެ. އޭރު ނީލާއިނީ ސިޓިންރޫމުގައި ޓީވީ ހުޅުވައިގެންނެވެ. އިޝާން ވުޟޫކޮށްގެން ނުކުތްއިރު ސިޓިންރޫމުގައި ނީލާއެއް ނެތެވެ. އިޝާން ގެއިން ބޭރަށް ނުކުމެ ނުކުމެ ހުއްޓައި ކާކޮޓަރިން ނީލާ ހަޅޭއްލަވައިގަތް އަޑު އިވުމުން ބޭއިޚުތިޔާރުގައި އެދިމާއަށް ދުއްވައިގަނެވުނެވެ. ކާކޮޓަރިއަށް ވަދެވުމާއެކު އިޝާންއަށް ހައިރާންވެފައި ހުއްޓުން އެރީ ކާމޭޒުމައްޗަށް ކޮށްޅަށް އަރާހުރި ނީލާ ފެނުމުންނެވެ.
” އޯ…ގޯޑް!..ވަޓް ހެޕެންޑް؟؟…” ނީލާގެ ގާތަށް އަންނަމުން ކަންބޮޑުވެފައި އިޝާންއަށް އަހާލެވުނެވެ. ބިރުންހުރެ ނީލާ އިނގިލި ދިއްކޮށްލީ އައިސް އަލަމާރިއާ ދިމާއަށެވެ. އައިސް އަލަމާރި ދޮރުފަތުގައި ތަތްކޮށްލައިގެން އޮތް ހޯނުފެނިފައި އިޝާންގެ ގާތަށް ހިނިއައެވެ.
” އެކުޑަ ކުޑަ ސޫފިދެކެ ބިރުންތަ ތިތަނަށް އަރާތިހުރީ؟” އިޝާން ނީލާއަށް މަލާމާތްކޮށްލަމުން އައިސް އަލަމާރި ކައިރިއަށްދިޔައެވެ. ކާކޮޓަރި ކުނިކަހަން ގެންގުޅޭ ފިހިގަނޑު ނަގައި ހޯނުގައި ޖަހަން ދިމާކޮށްލިވަގުތު އިޝާންއަށް ހުއްޓުން އެރީ އައިސްއަލަމާރިއާ ދިމާމަތީގައި އޮތް ބޮޑު ނަންނުގަތި ހިރިލުމުންނެވެ. ގަތްބިރުން ހަޅޭއްލަވައިގެންފައި ފިހިގަނޑުވެސް އަތުގެކޮޅަށް ހޫރާލުމަށްފަހު ދުވެގޮސް ކާމޭޒުމައްޗަށް އެރުނުގޮތެއްވެސް އިޝާންއަކަށް ނޭނގުނެވެ. ބިރުން ދެލޯބޮޑުވެފައި ހުރި ނީލާވެސް އިޝާންއަށް ވީގޮތްފެނިފައި ހިނިއައެވެ. އިޝާން އެހާވަރަށް ދިރޭއެއްޗެއް ދެކެ ބިރުގެންފާނެ ކަމަކަށް ނީލާ ހިއެއް ނުކުރެއެވެ. އެވަގުތަކީ އިއްތިފާގުން އަނިލްވެސް ގެޔަށްއައިސް ވަތްވަގުތެވެ. އަނިލްއަށް ކާކޮތަރިތެރެއިން އިޝާން ހަޅޭއްލަވައިގެން އަޑުއިވިފައި ހައިރާންވެ ހުރެ އެދިމާއަށްދިޔައެވެ. ކާމޭޒުމައްޗަށް ކޮޅަށް އަރާތިބި އިޝާންއާ ނީލާފެނިފައި އޭނާގެ ހައިރާންކަން އިތުރުވިއެވެ.
” ކޮންކަމެއް ލައިގަތީ…..ދެމީހުން ތިތަނަށް އަރާތިތިބީ؟” ހައިރާންވެފައި އަނިލް ސުވާލުކޮށްލިއެވެ. އިޝާންއާއި ނީލާއާ އެކުއެކީގައި ނަންނުގަތި އޮތްދިމާއަށް އިނގިލި ދިއްކޮށްލިއެވެ.
“އެވަރުގެ އެއްޗެއް ދެކެ ބިރުންތަ ތިއޮއްބޮޑު ފިރިހެނާވެސް ތިތަނަށް އަރާތިހުރީ؟..އޭތި އެބައުޅޭތަ މީހަކަށް ގެއްލުންދޭން….އޭތިވެސް ފިނިން ސަލާމާތްވާން މިތަނަށް ވަދެ އެއޮތީ…” އަނިލް އިޝާންއަށް މަލާމާތްކޮށްލިއެވެ. އަދި ބޭރަށް ނުކުމެ ދަނޑިކޮޅެއް ހިފައިގެން އައިސް ނަންނުގަތި އޭގައި އޮޅުވައިގެން ބޭރަށް ނެރުނެވެ. އިޝާން ހުރީ އޭތިދެކެ ފަކުރުގެންފައެވެ. ނަންނުގަތި މަރާލުމަށްފަހު އެނބުރިއައިސް ކާކޮޓަރިއަށް ވަތްވަގުތު ފެނުނު މަންޒަރުން އަނިލްގެ މޫނުގެ ކުލަވަގުތުން ބަދަލުވިއެވެ. އިޝާން ނީލާ އުރާލައިގެން ކަހަލަ ގޮތަކަށް މޭޒުން ބޭލިއެވެ. އިޝާންގެ އަތުތެރޭގައި ނީލާވެސް އޮތީ ނުހަނު އުފަލުންހެން އަނިލްއަށް ހީވިއެވެ. އަނިލް ފެނިފައި އިޝާން އަވަސް އަވަހަށް ނީލާ ބިންމަތީ ބެހެއްޓުމަށްފަހު ކާކޮޓަރިން ނުކުތެވެ. ނީލާވެސް ޖެހިލުންވެހުރެ ކާކޮޓިން ނުކުމެގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.
**********
ދުވަސްތައް ވޭތުވަމުން ދިޔަވަރަކަށް ނީލާއާއި އިޝާންގެ މެދުގައި ސަމާސާކުރުން ތައް ގިނަވަމުން ދިޔައެވެ. އެދެމެދުގައި އުފެދިފައިވާ ގުޅުން ދުވަހެއް ދުވަކަށް ބަދަހިވަމުން ދިޔައިރު، އަނިލްއާއި ނީލާގެ ގުޅުން ދިޔައީ ހީނަރުވަމުންނެވެ. އަނިލް ކިތަންމެ ބޭނުން ނުވިޔަސް އިޝާންއާ މެދު ހިތުގައި ރުޅިވެރިކަމެއް އުފެދެމުން ދިޔައެވެ. އިޝާންއާ އޮތް ގާތް ގުޅުންވެސް މަޑުމަޑުން ނެތެމުން ދިޔައެވެ. އަނެއްކޮޅުން އިޝާން ދިޔައީ ދުވަހެއް ދުވަހަކަށް އޭނާގެ މަންމައާވެސް ގުޅުން ބަދަހިކުރަމުންނެވެ. މިހާރު އަނިލް އެކޭ އެއްފަދައިން އިޝާންގެ އަތުންވެސް މަންމަ ކައިހަދައެވެ. މާމައާއި ކާފަ އަދި މަންމަގެ ލޯބި ލިބެން ފެށުމުން އިޝާންގެ އުފާވެރިކަން އިތުރުވެގެން ދިޔައެވެ. އަނެއްކޮޅުން އަނިލްގެ އެކަނިވެރިކަމާއި މާޔޫސްކަން ދިޔައީ އިތުރުވަމުންނެވެ. އެންމެންވެސް އިޝާންދެކެ ލޯބިން އުޅޭތަން ފެނުމުން އޭނާގެ ހިތުގައި ހަސަދަވެރިކަމުގެ ހުޅުކޮޅު ރޯވިއެވެ. އަނިލްއަށް ގަބޫލު ކުރެވުނު ގޮތުގައި އިޝާން އެގެއަށް އައުން ވީ އޭނާގެ އުފާވެރި ހަޔާތަށް އެޅުނު ހިޔަންޏެއް ކަމުގައެވެ. އެއީ އޭނާއަށް ވިސްނާނުލާ ކުރެވުނު މޮޔަކަމެއް ކަމުގައެވެ. އިޝާން އެގޭގައި އުޅޭހާ ހިނދަކު އޭނަގެ ހަޔާތަށް އުފާވެރިކަމެއް ނާންނާނެ ކަމުގައި އަނިލްއަށް ވިސްނުނެވެ. ނަމަވެސް ހަމަ އެއްވެސް ސަބަބެއް ނެތި އިޝާން އެގެއިން ބޭރުކޮށް ލުމަކީ އޭނާއަށް ފަސޭހަކަމެއް ނޫނެވެ. އޭނާގެ އާއިލާވަނީ އެޔަށްވުރެ ބޮޑަށް އިޝާންދެކެ ލޯބިވެފައެވެ. ދެން އޭނަ ޖެހޭނީ އެކަމަށް މޮޅު އުކުޅެއް ބޭނުން ކުރާށެވެ.
އަނިލްއަށް ގަބޫލުކުރެވޭ ގޮތުގައި ނީލާގެ ހިތުގައި އިޝާންއަށްޓަކައި ޚާއްސަކަމެއްވަނީ އުފެދިފައެވެ. އަދި އިޝާންވެސް ނީލާއާމެދު ދެކެނީ ތަފާތު ގޮތަކަށެވެ. އެދެމީހުންގެ އަމަލުތަކުން އެކަން އަނިލްއަށް ދޭހަވެއެވެ. އަނިލް ވިސްނާލިއެވެ. ނީލާގެ ހިތުގައި އިޝާން ދެވިފައިވާ ޖާގަ ނެތިކޮށްލެވޭނެ އޮތީ ހަމަ އެންމެ ގޮތެކެވެ. އެގޮތަކީ ނީލާގެ ހަޔާތް ބަރުބާދުކޮށްލަން އުޅުނު ކެހިވެރިޔަކީ އިޝާން ކަމުގައި ނީލާއަށް ޔަގީން ކޮށްދިނުމެވެ. ނީލާއަށް ސިހުރު ހެދިމީހަކީ އިޝާންކަމުގައި ނީލާއަށް ވިސްނައިދިނުމެވެ. އެހެން އެކަން ވެއްޖެނަމަ އިޝާންދެކެ ނީލާ ނަފުރަތު ކުރާނެއެވެ. އެކަމަކު އެކަން އެގޮތަށް ކުރާނީ ކިހިނެއް ހެއްޔެވެ؟ އިޝާންއާ ދެކޮޅަށް ހެކިވެސް ބޭނުންވާނެއެވެ. ނޫންނަމަ އިޝާން ވަގުތުން އިންކާރުކޮށް އޭނާގެ ކުށެއް ނެތްކަން ސާބިތު ކޮށްދޭނެއެވެ. އެސިހުރު ހެދީ ކޮންމެ މީހަކު ކަމުގައި ވިޔަސް އަނިލް ބޭނުންވަނީ އެކަން އިޝާންގެ ބޮލުގައި އެޅުވޭނެ ގޮތެއް ވުމަށެވެ. ނޫންނަމަ އިޝާންގެ ސަބަބުން އޭނާ ދެކެމުންއައި ފޮނި ހުވަފެންތައް ވިއްސިވިހާލިވެގެން ހިނގައިދާނެއެވެ.
އެދުވަހަށްފަހު އަނިލް އިޝާންއަށް ފާރަލާން ފެށިއެވެ. އަނިލް ބޭނުންވަނީ އިޝާން ނީލާދެކެ ލޯބިވާކަމުގެ ހެއްކެއް އިޝާންގެ ފަރާތުން ހޯދުމަށެވެ. އެހެންކަމުން އެއްދުވަހަކު އަނިލް އިޝާންގެ ކޮޓަރި ހޯދާ ފާސްކުރަން ނިންމިއެވެ. ރޯދަވީއްލައިގެން އިޝާން ނަމާދަށް ދިޔައިރު އަނިލް މިސްކިތަށް ނުގޮސް ގޭގައި މަޑުކޮށްލިއެވެ. އަދި ސިއްރު ސިއްރުން އިޝާންގެ ކޮޓަރިއަށް ވަނެވެ. ދިމަދިމާއަށް ލޯހިންގާލި ވަގުތު އަނިލްގެ ނަޒަރު ހުއްޓުނީ، ހުޅުވާފައި އެނދުމަތީހުރި ލެޕްޓޮޕަށެވެ. އަނިލް އެނދުކައިރިއަށް ގޮސް ލެޕްޓޮޕްގެ ސްކުރީނަށް ބަލާލިގޮތަށް ހައިރާންވެފައި ބަލަންހުރެވުނެވެ.
27 Comments!
Comments are closed.
midhuvaskolhu dhuvaalugadeega busyvaane…ehen veema, reygandu vaahaka upkohdheynan…insha allah….miadhuves habarehves nuvevunee mulhi dhuvas v busykoh ulhunee…..
Story varah reethi…….ehvexkahala foohikamehnethi kiyaahiyvany,,,,,next episode Ava’s plx
Me first dho vara nice. thanks loabi
Hey moya hiyy vaahaka Ehn site ehga liyunin dhw shine
moya hiyy vaahaka Ehn site ehga liyunin dhw shine
yes…liyunin…ekam mihaaru ehves sitehga neennaane
varey therein eh shain ge story eh tha…shain story viya eh vahaka genaisdhy vala please….
no..not mine….i thinks it is laara’s story….not sure ingey
Mi part vx v reethi
V fakkaa
Laamee a e koacheh kan bune dhy ba shine
vv reethi
Adhi mirey 1 part up kuraanandho
nooney….mirey miothee 2episode ehkoh…..hiyehnuveytha dhiguheneh ves…
Shine bunedhyba LAami ei koahcheh tha? I’ve never heard abt laami
Ehaa reethi vefa kiyaa hiyvefa hunnanyaa hiyeh nuvaanennu dhigu heneh. Abadhuvx hyvaany kuruhen. Mashahvx vany hama evaru.
Aeekee gahehga alhaa ehcheh… Kudakoh green kulaiga hunnaanee… Eh koanyga hunnaane fudheyvarakah.. E enme vahtharu vaaneedhon moosa kiyaa kaaehchakaa
Very nice Story…next part up kohladheebala avahah ….kiyaalaahithun kehmadhuvefa!!!!??
Haadha hiyy thelhilaa gothakashey mi numunee v v reethi..
V reethi mibaives
woww.. vaahaka haadha reechey
plx up kohdee avahah.. waiting for another part..
Alhe miadhu up eh nukoh dheveynetha?
shine alhe plx vaahaka up kohdeebala
Haadha inthizaaru kurevay. Thi vaahaka up vaane iraka
Plx Plx Plx avaskuraaaaaaaaaaaaaaaaaaaaaaaaay…………………………????????
Kobaaatha next part shine please awasssss
Vvv reethi mivaahaka
Vv reethi