
އެފިނިމެންދަން 11
ނީލާގެ ސުވާލުތަކައް ދޭނެ ޖަވާބެއް ނޭނގިފައި ހިމޭންކަމުގައި ހިނދުކޮޅަކު އަނިލްއަށް އިނދެވުނެވެ. އަނިލްގެ އެހިމޭންކަން ފެނި ނީލާގެ ރުއިން އިތުރުވިއެވެ. ދެއަތުން މޫނުފޮރުވައިގެން އިނދެ ގިސްލާ ގިސްލާފައި ނީލާ ރޮމުންދިޔައެވެ. އަނިލް އަސަރުން ފުރިގެންވާ ގޮތަކަށް ނީލާއަށް ބަލާލިއެވެ. އޭނާގެ ހިތުގެ އެންމެ ފުންމިނުން ނީލާދެކެ ލޯބިވެއެވެ. އެމައުސޫމު އަންހެން ކުއްޖާ ހިތުގައި ޖެހިގެން ރޯތަން ފެނުމުން އަނިލްގެ ހިތަށް ތަދުވިއެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް އޭނާގެ ހިތަށްތަދުވީ އޭނާއަށްވުރެ ކުރިން އެހެން ފިރިހެނަކު ނީލާގެ ފަރާތުން އުފާހޯދާފައިހުރިކަން އެނގުމުންނެވެ. ކޮންމެ ގޮތެއްވިޔަސް އެއަންހެން ކުއްޖާގެ ފަރާތުން އެންމެ ފުރަތަމަ އުފަލެއްހޯދި މީހާގެ ޝަރަފެއް އޭނާއަކަށް ނުލިބުނެވެ. އެޒުވާންކަމުން މާކުރިން އެހެންމީހަކުވަނީ ކަރުހިއްކުން ފިލުވާފައެވެ. އެއީ ކާކުކަން ނޭނގުނު ނަމަވެސް އަނިލްގެ ހިތުގައި އެމީހަކަށްޓަކައި ނަފްރަތުގެ ހުޅުރޯވިއެވެ. އެމީހަކު އެނގޭނެނަމަ ވަގުތުން އެކަމުގެ ބަދަލު އޭނާ ހިފީހެވެ.
އަނިލް ވިސްނާލިއެވެ. ނީލާއަށް މިދިމާވި ކަންތަކުގައި އޭނާގެ އެއްވެސް ކުށެއް ނެތެވެ. އެހުރިހާކަމެއްވީ ޚުދު ނީލާއަށްވެސް ނުއެނގިއެވެ. ވީއިރު މިފަދަ ހާލުގައި ނީލާ ދޫކޮށްލައިފިނަމަ އެކުށެއް ނެތް އަންހެން ކުއްޖާ މުޅިދުނިޔެއަށް ފަޟީހަތްވެ ބިކަވާނެއެވެ. މީހުންގެ މަލާމާތާއި ފުރައްސާރަ ކުރުންވެސް ހައްޤަކާއި ނުލައި ތަހައްމަލް ކުރަން ޖެހޭނެވެ. އެންމެން ނީލާދެކެ ވީލޯބި ނަފްރަތަށް ބަދަލުވާނެއެވެ. މިއިން އެއްވެސް ކަމަކީ ނީލާފަދަ ރަނގަޅު ކުއްޖަކަށް ހައްޤު ކަންތައްތަކެއް ނޫނެވެ. މިއަދު މިކަމުން ނީލާ ސަލާމަތް ކުރެވޭނެ މީހަކީ ހަމައެކަނި އޭނާއެވެ. މުޖުތަމަޢުގައި އެއަންހެން ކުއްޖާގެ ޤަދަރާއި އިތްޒަތް ހިފަހައްޓައިދެވޭނެ މީހަކީވެސް އެއީއެވެ. އަނިލް ނީލާދެކެވީ ހަޤީޤި ލޯތްބެވެ. އެލޯބީގެ ހައްޤުގައިވެސް ނީލާއަށް ދެރަގޮތެއް ވިޔަކަ އޭނާ ނުދޭނެއެވެ.
” ނީލާ!…އަހަރެން ނީލާދެވީ ހަޤީޤީ ލޯބި…..އެހެންވީމަ ކޮންމެފަދަ ހާލަތެއް މެދުވެރިވިޔަސް އެލޯތްބަށް ބަދަލެއް ނާންނާނެ……އަހަރެން ނީލާއާ ކައިވެނިކުރާނަން…..ނީލާގެ ބަނޑުގާ ތިވަނީ ކޮންމެފަދަ މީހެއްގެ ދަރިއެއް ވިޔަސް އަހަރެންގެ ފަރުވާލެއް ނެތް……އެދަރިފުޅަށްވެސް ބައްޕައެއްގެ ލޯބި އަހަރެން ދޭނަން…..ޕްލީޒް ނުރޮއެ ހުއްޓާލާ!….ނީލާ ތިހީކުރާހާ އަމިއްލަ އެދުން ބޮޑުމީހެއް ނޫން އަހަރެންނަކީ….” އަނިލްވެ ވާހަކަތައް އަޑު އިވިފައި ނީލާ ރުއިން ހުއްޓާލިއެވެ. އަދި އަނިލް މޫނަށް ބަލާލީ ހައިރާންވެފައިވާ ނަޒަރަކުންނެވެ.
” ހަމަތެދެއް މިބުނީ…..އަހަރެން ނީލާ ތިހާލަށް ދޫކޮށެއް ނުލާނަން….ވީ އެންމެ އަވަހަކަށް ކައިވެނިކުރާނަން…” ނީލާގެ ހައިރާންކަން ފެނި އަނިލް އޭނާގެ ބުނި ބަސް ނީލާއަށް ޔަގީންކޮށްދިނެވެ. އަނިލް އެހާފަސޭހައިން ނީލާއާ ކައިވެނިކުރަން އެއްބަސްވީތީ ނީލާގެ ހިތުގައި ކުރިން އަނިލްއާމެދު އުފެދުނު ޝައްކު އިތުރުވެގެން ދިޔައެވެ. އެއްވެސް ޖެހިލުމެއްނެތި އަނިލް އެކަމަށް އެއްބަސްވާންވީ ކީއްވެގެން ހެއްޔެވެ؟ އަނެއްކާ އެއީ ހަމަ ހަޤީޤަތުގައިވެސް އަނިލްގެ ކަމެއް ނޫންބާއޭވެސް ހިތަށް އެރިއެވެ.
” އަދިވެސް ޔަޤީން ނުވަނީތަ؟….އަހަރެން ހަމަ މިއަދު ނީލާގެ ބައްޕަމެންނާ ވާހަކަ ދައްކައިގެން ކައިވެނީގެ ކަންތައް ހަމަޖައްސާނަން…..އޯކޭތަ؟…ހެޕީތަ؟..” ނީލާ ޖަވާބެއް ނުދީ އިންނަން ފެށުމުން އަނިލް ނީލާގެ އަތުގައި ހިފާލަމުން އެހިއެވެ. ނީލާ އަނިލްއާ ދިމާބަލާލާފައި އާއެކޭ ބުނުމުގެ ގޮތުން ބޯހަލުވާލިއެވެ. އަނިލް ހިނިތުން ވެލަމުން ނީލާގެ ގެނެސް އޭނާގެ މޭގައި ޖައްސާލިއެވެ. ނީލާ ހަރަކާތެއްވެސް ނުކޮށް އެހުރިގޮތަށް ހުރީއެވެ. އަނިލްގެ ނިންމުމުން ނީލާގެ ހިތުގައި ޝައްކެއް އިތުރުވީނަމަވެސް، އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނީ ވާންއުޅުނު ބަދުނާމުން ސަލާމަތްވީތީއެވެ. އަނިލްގެ ކޮޓަރިން ނުކުމެގެން ދެމީހުން ފެރީޓާރމިނެލްއަށް މިސްރާބު ޖެހީ އިރުއޮއްސުމުގެ ކުރިން މާލެ ދެވޭތޯއެވެ.
ދެދުވަސްފަހުން އިޝާންގެ މާމަ ހޮސްޕިޓަލުން ދޫކޮށްލިއެވެ. އިޝާން މާމަގޮވައިގެން ގެޔަށް އައެވެ. ގޭތެރެއަށް ވަންނަން އެޅިފުރަތަމަ ފިޔަވަޅާއެކު އިޝާންއަށް ހުއްޓެވުނީ، ދަބަހެއް ހިފައިގެން ލިފްޓްއިން ނުކުތް އަރީޝާއާއި އިޝިކާ ފެނުމުންނެވެ. އަރީޝާގެ މޫނުވަނީ މިލާފައެވެ. އިޝާންފެނިފައި އަރީޝާއަށް ވެސް ހުއްޓުން އެރިއެވެ. އިޝާން އައިސްގެން އުޅޭކަމެއް އޭނާއަށް އެނގިފައެއްނެތެވެ. އިޝާން ފެނުމާއެކު އަރީޝާގެ މޫނަށް ރުޅިވެރިކަން ވެރިވީ، އިމާދު ކުއްލިއަކަށް އަރީޝާ ވަރިކުރީ އިޝާންގެ ސަބަބުން ކަމުގައި ހީކުރެވުމުންނެވެ. ޔަޤީނެވެ. އިޝާން ކޮންމެވެސް ގޮތަކުން އިމާދުއަށް އޭނާގެ ހަޤީޤަތް ކިޔާދިނީއެވެ. ނޫންނަމަ ހަމަ ކުއްލިއަކަށް އޭނާވަރިކުރަންވީ ކީއްވެގެން ހެއްޔެވެ؟ އަރީޝާގެ ރުޅިވެރި ދެލޯފެނުމުންވެސް މިއަދު އިޝާން ޖެހިލުމެއް ނުވިއެވެ. ވީ ފޫއްސެވެ. ނަމަވެސް އިޝިކާގެ ހިތާމަވެރި މޫނުފެނިފައި އިޝާން ދެރަވިއެވެ. އެކުއްޖާގެ ހިތަށް ކުރާނޭ އަސަރު އޭނާއަށް ތަސައްވަރު ކުރެވުނެވެ. އެތަކެއް ދުވަހަކަށްފަހު އިޝާންއަށް އޭނާގެ ކޮއްކޮ ފެނުމުންވެސް އޭނާއަށް ކޮއްކޮގެ ހާލުވެސް އަހާލާކަށް ނުކެރުނެވެ. ކައިރީގައި ހުރި އަރީޝާގެ ސަބަބުން އެއްވެސް ވާހަކައެއް ދައްކަން އޭނާ ބޭނުން ނުވީއެވެ.
އަރީޝާއަކީ އެއްއިރެއްގައި އޭނަގެ ހަޔާތުގައި ކިހާ ޚާއްސަ މަޤާމެއް ދެވުނު އަންހެނެއް ހެއްޔެވެ؟ އޭނާ އަރީޝާދެކެ އިންތިހާއަށް ލޯބިވިއެވެ. އަރީޝާގެ ފަރާތުންވެސް މަންމަގެ ފުރިހަމަ ލޯތްބާއި އަޅާލުން އޭނާ ބޭނުންވިއެވެ. ނަމަވެސް މިއަދު އެހުރިހާ ކަމެއްވަނީ ބަދަލުވެފައެވެ. އަރީޝާގެ މޮޅިވެރި މޫނު ފެނުމުންވެސް މިއަދު އިޝާންގެ ހިތަށް އެއްވެސް އަސަރެއް ނުކުރިއެވެ.
އެއަށްވުރެ ބޮޑަށް އެހިތުގައިވަނީ އަރީޝާގެ މައްޗަށް ފޫހިކަމާއި ނަފަރަތު އުފެދިފައެވެ. މާމަ ހައިރާންވެފައި އަރީޝާއާއި އިޝިކާއަށް ބަލަން ހުއްޓެވެ. އަރީޝާ ވަރިކުރިކަމެއް މާމައަކަށް ނޭނގެއެވެ. މާމަ އަރީޝާއާ ސުވާލެއް ކުރުމުގެ ކުރިން އިޝާން އަވަހަށް މާމަގޮވައިގެން ގޭތެރެއަށްވަނެވެ.
” އަރީޝާ އިޝިކާ ގޮވައިގެން ކޮންތާކަށްތަ އެދަނީ؟….” ގޭތެރެއަށް ވަދެވުމާއެކު މާމާ އިޝާން ގާތު އަހާލިއެވެ.
” ނޭނގެ!…އަހަރެން ބޭނުމެއްނޫން ބަލާކަށްވެސް…” އިޝާން އަވަސް އަވަހަށް އެހެން ބުނީ އިތުރަށް އަރީޝާގެ ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ. އިޝާން މާމަ ގެންގޮސް ކޮޓަރިއަށް ލުމަށްފަހު އައިސް ސިޓިންރޫމުގެ ސޯފާގައި ޖައްސާލިއެވެ. ދެލޯމަރައިގެން އޮތް އިޝާންއަށް ސިހިފައި ލޯހުޅުވާލެވުނީ އޭނާގެ ފޯނު ރިންގްވާން ފެށުމުންނެވެ. އިޝާން ފޯނަގައި ކަންފަތުގައި ޖައްސާލަމުން ހަލޯއޭ ބުންޏެވެ.
” އޭތްބަޑީ….ޚަބަރެއްވެސް ނުވަމެއްނު……ދެން މިހާރު އަހަރެންމަތިންވެސް ހަނދާން ނެތުނީތަ؟….” އެކޮޅުން ވާހަކަދެއްކީ ޒިހާންއެވެ.
” އާނ! ޒިހާން ދޯ…..ވަރަށް ބިޒީކޮށްނޭ އުޅުނީ…..އެހެންވެ ޚަބަރެއް ނުވެވުނީ…..އެކަމު މިދުވަސްކޮޅު މާމަބަލިވެގެން އައިސް މިހުރީ މާލެ…..ކިހިނެއްތަ ތިކޮޅުގެ ކަންތައްތައް؟…” އިޝާން ތެދުވެ ހަމަޖެހިލިއެވެ.
” ކަންތައްތައް ހަމަ ބަރާބަރު…..މަވެސް މިއުޅެނީ އޮފަށް އައިސް މާލެގަ…..އެހެންވީމަ ދިމާވެލަންވީނު…..” ޒިހާން އުފާވެލާފައި ބުނެލިއެވެ.
” އެހެންތަ މާރަނގަޅަކަށްނު މިވީ…..ހަވީރުން މަގުޅާނަން….މިގަޑީގަ ނެތްދެވޭކަށް…” މާމައެކަނި ބަހައްޓާފައި ދެވެންނެތުމުން އިޝާން ބުންޏެވެ.
” އޯކޭ…..މަވެސް ކުޑަކަމެއްގައޭ މިއުޅެނީ….އެހެންވީމަ ހަވީރުންދޯ؟….އޯކޭ.. ކެނޑީއޭ މިގަޑީގަ…” ޒިހާން ފޯނުބޭއްވުމުން އިޝާން އަނެއްކާވެސް ސޯފާގައި އޮށޯވެ ދެލޯމަރާލިއެވެ. އެއްވެސް ރަހުމަތްތެރިޔަކާ ދިމާނުވެ އެގޮތުގައި އުޅޭތާ ދުވަސްތަކެއްވެފައި ހުއްޓައި ޒިހާން ގުޅުމުން އިޝާން ވަރަށް އުފާވިއެވެ.
ހަވީރު ހަތަރެއް ޖެހުމާއެކު ޒިހާން ގުޅިއެވެ. އިޝާން ކުޑަކޮށް ތައްޔާރުވެލައިގެން ނުކުތްއިރު އެގޭދޮރުމަތީގައި ސައިލް ޕާރކްކޮށްގެން ޒިހާންއިނެވެ. އިޝާން ފެނުމުން ޒިހާން ހިނިތުންވެލިއެވެ. އިޝާންވެސް ހިނިތުންވެލަމުން ގޮސް ޒިހާންގެ ސައިކަލު ފަހަތަށް އެރިއެވެ. ސައިލް ސްޓާރޓްކޮށްލުމަށްފަހު ޒިހާން މިސްރާބުޖެހީ އާރޓިފިޝަލް ބީޗަށެވެ.
” ސަބްމެރިންދޯ ކާނީ މިއަދު…..ވަރަށް ދުވަސްވެއްޖެ އޭގެ އެއްޗެއް ނުކާތާ….” ސައިކަލްމަޑުކޮށްލުމަށްފަހު ޒިހާން އަހާލިއެވެ. އިޝާންވެސް އެގޮތާ އެއްބަސްވިއެވެ.
ދެމީހުން ޑައިނަމޯތެރެއަށް ވަދެގެން ގޮސް ހުސްމޭޒެއްގެ ދޮށުގައި އިށީނދެ ހަމަޖެހިލިއެވެ.
” ކޮބާ އެރަށް ކިހިނެއްތަ؟…..ފޫއްސެއް ނުވޭތަ އަހަރެމެން ނެތީމަ؟….” އިޝާންއަށް ބަލާލާފައި ޒިހާން އަހާލިއެވެ.
” އެރަށް ހަމަ ވަރަށް ބަރާބަރު…..އެކަމު ތިމީހުން އައީމަ ކުޑަކޮށް ފޫހިވި……ދެން ސުކޫލު މާހައުލުވެސް ވަރަށް ސަޅިވިއްޔަ….އެހެންވީމަ ހަމަ އޯކޭ އޭ ބުނެވޭނީ…” އިޝާން ހިނިތުންވެލަމުން ބުނެލިއެވެ.
” ކޮބާތަ އެއުޅޭ ނައީޝް؟….އެކަލޭގެ ރަށަށް ދިޔައީތަ؟….” ކުއްލިއަކަށް ނައީޝްގެ މަތިން ހަނދާންވެގެން ޒިހާން އަހާލިއެވެ. ނައީޝްގެ ވާހަކަ އެހުމުން އިޝާން ކަންބޮޑުވާ ގޮތްވިއެވެ. ނައީޝް ކަންތައްކުރިގޮތް ކިޔައިދޭންވެސް ހިތަށްއެރިއެވެ. ނަމަވެސް ކަންތައް ހިނގާދިޔަގޮތް ޒިހާންއަށް ކިޔައިދީގެން ނައިޝްއާމެދު ޒިހާންގެ ހިތުގައި ރުޅިވެރިކަމެއް އުފައްދާކަށް ބޭނުމެއް ނުވިއެވެ.
” ނައީޝް މާލެއައިތާ ކިތަންމެ ދުވަހެއް މިހާރު…..އެއީ ދެން މާ އަމިއްލަ ގޮތް ބޮޑުމީހެއްނު….އެހެންވެ އަހަރެންވެސް ނުބަލަން އޭނަ ރަށަށް ދިޔަތޯވެސް…” އިޝާން އެވާހަކަ އޮއްބާލުމުގެ ގޮތުން އަވަހަށް ބުންޏެވެ. ދެމީހުން އެކި އެކި ވާހަކަ ދައްކައި އެހެން އެކުވެރިންގެ މަތިންވެސް ހަނދާންކުރިއެވެ.
” އޭތް ޝާން….އެހެރީ ނީލްއާ ހާދަ ވައްތަރު ކުއްޖެކޭ…” ޑައިނަމޯ ތެރެއަށް ވަދެގެން އައި އަނިލްއާ ނީލާފެނިފައި ޒިހާން ބުންޏެވެ. އިޝާން ކުޑަކޮށް ފަހަތަށް އެނބުރިފައި ބަލާލިއެވެ. އެއީ ހަމަ ނީލާއެވެ. ނީލާގާތުގައިހުރި އަނިލް ފެނުމުން އިޝާން ހައިރާންވިއެވެ. އަނިލް އައީ ކޮންއިރަކުބާއޭ އޭނަގެ ހިތަށްއެރިއެވެ. އެދެމީހުން ހިނިތުންވެފައި ތިބެގެން އައިސް އެމީހުނާއި ދާދިގާތުގައި ހުރި މޭޒެއްކައިރީގައި އިށީނެވެ. އިޝާން އަވަސް އަވަހަށް ޒިހާންއާ ދިމާއަށް އެނބުރުނީ އަނިލްމެންނަށް ފެނިދާނެތީއެވެ. ނީލާއާއި އަނިލް އެކުގައި ތިއްބައި ފެނުމުން އޭނަގެ މޫނުގެ ކުލަ ވަގުތުން ފަޑުވެގެން ދިޔައެވެ. ކުޑައިރުކޮޅެއްގެ ކުރިންހުރި އުފާވެރިކަން ގެއްލިއްޖެއެވެ. މޫޑު އޮފްވެ މީހާ ހިމޭން ވެއްޖެއެވެ. ޒިހާންއަށްވެސް އެކަން ފާހަގަ ކުރެވުނެވެ.
” ކިހިނެއްވީ؟….އެއީ ނީލްތަ ހަމަ؟” ނީލާމެންނަށް ބަލާލަމުން ޒިހާން ސިއްރު ސިއްރުން އަހާލިއެވެ. އިޝާން އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
” ކާކުތަ އޭނަ ކައިރީގަ އެއިނީ؟..” އަނެއްކާވެސް ޒިހާން ސުވާލުކޮށްލިއެވެ.
” އެއީ އަނިލް ސަރ….ނީލްގެ ވާންއުޅޭ ފިރިމީހާ….” އިޝާން މޮޅިވެރި ރާގަކަށް އެހެން ބުނުމުން ޒިހާން އަނިލްމެންނަށް ބަލާލުމަށްފަހު އިޝާންގެ މޫނަށް ފުންކޮށް ބަލާލިއެވެ.
” އަނިލް ސަރއޭ ތިބުނީ ކީއްވެ؟….އެވެސް އޮފީހުގަ ވޯރކްކުރާމީހެއްތަ؟..” ޒިހާން އޮޅުން ފިލުވަން ބޭނުންވިއެވެ.
” ހޫމް…އެއީ އަސްލު ޕްރިންސިޕަލްއަކީ….ނީލް އެއީ ޑެޕިއުޓީ…” އިޝާން ހަމަ އެރާގުގައި ބުންޏެވެ. އިޝާންގެ މިލާފައިވާ މޫނުން ޒިހާންއަށް އެއްޗެއް ނަގައިގަނެވުނެވެ.
” އޯހް!..އެހެންވީމަދޯ ތިހާ ކަޓާފަ ތިއިނީ….ތެޔޮނާށި ކާޅުޖަހައިގަތީދޯ…” ހީލާމުން ޒިހާން އިޝާންއާ ދިމާކޮށްލިއެވެ. އިޝާން އެއްވެސް އެއްޗެއް ނުބުނެ ޒިހާންގެ މޫނަށް ބަލަންއިނެވެ. ޒިހާންއަށް ހަޤީޤަތް ބުނެދޭންވެސް އޭނާ ބޭނުމެވެ. ނަމަވެސް މިވަގުތު އޭނާއިނީ އަނިލްއާ ނީލާއަށް ފެނިދާނެތީ ކަންބޮޑުވެފައެވެ. އިޝާންއަށް އެމީހުންނަށް ފުރަގަސްދީގެން އިނދެވުނުކަން ނަސީބޭ އޭނާގެ ހިތަށްއެރިއެވެ. އިޝާން ސިއްރު ސިއްރުން ނީލާއަށް ބަލާލިއެވެ. އޭނާއަށް ނީލާ މިފެނުނީ އަނެއްކާވެސް ދުވަސްތަކެއް ފަހުންނެވެ. އިޝާން އިންދިމާއަށް ކުރިމަތިލައިގެން އިންނަމަވެސް، އިސްޖަހައިގެން ޓިޝޫއަކާއި ކުޅެންދިޔަ ނީލާގެ މޫނު އިޝާންއަކަށް ފެންނަގޮތެއް ނުވިއެވެ. އެހެންކަމުން އެމޫނަށް އަރާފައިބަމުންދާ ކުލަތަކެއް އިޝާންއަކަށް ނުފެނެއެވެ.
އަނިލް ނީލާގެ މަންމައާއި ބައްޕަގާތު ވާހަކަ ދައްކައިގެން ކައިވެނި ކުރާނެ ދުވަސް ކަނޑައަޅައި ނިންމި ނަމަވެސް ނީލާގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. އަނިލް ނީލާއާމެދު ނުހަނު އޯގާތެރިކޮށް ކަންތައް ކޮށްދޭއިރުވެސް ނީލާގެ ހިތުގައި އަނިލްއާމެދު އުފެދިފައިވާ ޝައްކު އަދިވެސް ފިލާ ނުދެއެވެ. އަނިލްގެ ތެދުވެރި ލޯބި ނީލާއަށް އެންމެ ފުރިހަމަ ގޮތުގައި އިހުސާސެއް ނުކުރެވެއެވެ. ވާނީވެސް އެހެންނެވެ. ޝިކާރަވެރިއެއްގެ ދަލުގައި ބެދިފައިވަނިކޮށް، ސަލާމަތްކޮށްދޭން މީހަކު އައިކަމުގައިވިޔަސް ހީކުރެވޭނީވެސް އެއީވެސް ޝިކާރަވެރިއެއް ކަމުގައެވެ. ނީލާއަށްވެސް ވެފައިވަނީ އެފަދަ ގޮތެކެވެ.
” ކޮންޚިޔާލެއްގަ؟..” ނީލާގެ އަތުގައި ހިފާލަމުން އަނިލް އަހާލިއެވެ.
” ނޫން..ޚިޔާލެއް ނުކުރަން” ސިހިފައި އަނިލްގެ އަތުން އަތްދަމައިގަންނަމުން ނީލާ އަވަސް އަވަހަށް ބުންޏެވެ. އިޝާންއަށް ހަމަރީތިކޮށްވެސް އެމަންޒަރު ފެނުނެވެ. އަނިލް އަތްލުމަށްވެސް ނީލާގެ ހިތް ނޭދޭއިރު އަނިލްއާ ކައިވެނިކުރަން އެއުޅެނީ ކީއްވެބާއެވެ؟ އިސްއުފުލާލި ވަގުތު އިޝާންއަށް ނީލާގެ މިލާފައިވާ މޫނުފެނި ހިތަށް އަސަރު ކުރިއެވެ. އިޝާން ފަސްއެނބުރި ނީލާއަށް ބަލަމުންދިޔައިރު ޒިހާން އިނީ އިޝާންގެ މޫނަށް ބަލާށެވެ.
” ހަމަ އަސްލުވެސް ޝާން ލޯބިވޭތަ ނީލްދެކެ؟” ސީރިއަސް ކަމާއެކު ޒިހާން ކޮށްލި ސުވާލުން އިޝާން ޒިހާންއާ ދިމާއަށް އެނބުރުނެވެ. ނަމަވެސް އިޝާން ޖަވާބެއް ދިނުމުގެ ކުރިން ވޭޓަރ ސަބްމެރިންއާއި ބުއިން ގެނައުމުން އިޝާން އަވަހަށް ކާންފެށިއެވެ. އަނގައިން ނުބުނެ އިނދެ އިޝާން ކަމުން ދިއުމުން ޒިހާންއަށް އިނީ އުނދަގޫވެފައެވެ. އިރުއިރުކޮޅާ އިޝާން ފަހަތް ބަލާލައެވެ. އިޝާން ވިސްނައިގެން ހުރީ ނީލަމެންގެ ރަށަށް އެނބުރި ދިއުމުގެކުރިން ނީލާއާ ބައްދަލުކޮށް ހަޤީޤަތް ކިޔާދީ، ވެދިޔަ ކަންތަކަށް މައާފަށްވެސް އެދުމަށެވެ. ނަމަވެސް މިފެނުނު މަންޒަރުން ދެން އޭނާއަށް އެފުރުސަތު ލިބޭނެބާއޭ ހިތަށް އެރިއެވެ.
ކައިނިމިގެންމެންދެންވެސް ޒިހާން އިޝާންއާ އިތުރު ސުވާލެއް ނުކުރެއެވެ. ޒިހާން ބޭނުންވީ ހަމަޖެހިލައިގެން ތިބެ ރަނގަޅަށް ވާހަކަ ދައްކާލާށެވެ. އިޝާންގެ މޫނުމަތިން ފެންނަންހުރި ނުތަނަވަސްކަމުގެ އަސްލަކީ ކޮބައިކަން އެނގެން އޭނާ ބޭނުމެވެ. އިޝާންގެ ހަރަކާތްތައް ހުރިގޮތުން އޭނާއިނީ އެތަނުން ވީހާވެސް އަވަހަކަށް ދާންބޭނުން ވެފައިކަން އެނގެއެވެ. އެހެންކަމުން ޒިހާންވެސް ބޭނުންވީ ބިލް ދެއްކުމަށްފަހު އަވަހަށް އެތަނުންދާށެވެ. ޒިހާން ވޭޓަރަށް ގޮވާލިވަގުތު ނީލާއަށް އެދިމާ ބަލާލެވުނެވެ. ނީލާއަށް ޒިހާން ފެނުމުން އެއީ ކާކުކަން ދެނެގަނެވުނެވެ. އަދި ޒިހާންގެ ގާތުގައި އިން އިޝާން ފުރަގަހުން ފެނުމުންވެސް ނީލާއަށް އެނގިއްޖެއެވެ. ނީލާ މާވަރަކަށް އެދިމާބަލަން ފެށުމުން އަނިލްވެސް ފަހަތަށް އެނބުރި ބަލާލިއެވެ. އޭރު އިޝާންއާއި ޒިހާންވެސް ބިލުދައްކާފައި ތެދުވަނީއެވެ. ދާން ހިނގައިގެންފައިވެސް އެއްފަހަރު އިޝާން ފަސްއެނބުރި ބަލާލީ ނީލާދެކިލުމަށެވެ. ނަމަވެސް އިޝާން ބަލާލިއިރު ނީލާއާއި އަނިލްވެސް ތިބީ އެދިމާ ބަލާށެވެ.
އެމީހުންނަށް އިޝާން ފެނުނުކަން އެނގުމުން އިޝާން ގަދަކަމުން ހިނިތުންވެލިއެވެ. އަދި އަނިލްމެންތިބި މޭޒުކައިރިއަށް ދިޔައެވެ. ދުވަސްތަކެއްފަހުން ނީލާއަށް އިޝާން ފެނުމުން އޭނާގެ މެޔަށް ގޮތެއް ވެގެންދިޔައެވެ. އިޝާންއާ ހަތަރުކަޅި ހަމަވުމުން އޭނާގެ ހިތުގެ ތެޅުމަށް ބަދަލު އައެވެ. އިޝާންއަށްވެސް ވީހަމަ އެފަދަ ގޮތެކެވެ. އެރެއަށްފަހު ދެމީހުންގެ ހަތަރުކަޅި ބައްދަލުވި މިއީ ފުރަތަމަ ފަހަރެވެ. އިޝާންއަށް އެރޭގެ މަތިން ހަނދާންވެ ތަފާތު ގޮތަކަށް ނީލާއަށް ބަލާލާފައި ހިނިތުންވެލެވުނެވެ. ނީލާ އަވަސް އަވަހަށް އިސްޖަހާލީ އިޝާންގެ ލޮލުން ފެނުނު އާދަޔާ ޚިލާފު ގޮތަކުންނެވެ.
” ސަރ…..ކޮންއިރަކު އައިސްގެން ތިއުޅެނީ؟…” ހަމަޖެހިލަމުން ވަރަށް އާދައިގެ ގޮތަކަށް އިޝާން އަހާލިއެވެ.
” އިއްޔެގަ އައީ…..އަދި މިއުޅެނީ އިޝާންގެ ޚަބަރެއްވެސް ބަލާނުލެވިގެން…..ކޮބާ…މާމަ ކިހިނެއްމިހާރު؟” އަނިލް އިޝާންގެ މާމަގެ ހާލު އަހާލިއެވެ.
” މާމަ މިހާރު ރަނގަޅު…..ގެޔަށްވެސް ދޫކޮށްލައިފި…..އަދި އަޅުގަނޑަށްވެސް މިއުޅެނީ މޭމްގެ މަންމަގެ ހާލުބަލާލަންވެސް ނުދެވިގެން…..ކިހިނެއްތަ މޭމްގެ މަންމަގެ ހާލު؟” ނީލާއަށް ބަލާލަމުން އިޝާން އަހާލިއެވެ. އިޝާންގެ އެސުވާލުކުރުމުން ނީލާއަށް ބަލާލެވުނީ އަނިލްގެ މޫނަށެވެ.
” ނީލާގެ މަންމަވެސް މިހާރު ރަނގަޅު…..ވަރަށް އަވަހަށް ރަށަށްދާން އެއުޅެނީ…..އެމީހުނާއެކު އަހަރެންވެސް ދާން މިގަސްތުކުރަނީ…..އިޝާންވެސް އަހަރެމެންނާއެކު ދާންވީނު” ނީލާއާ ކުރިސުވާލަށް އަނިލް ޖަވާބުދިނެވެ. އަދި އޭނާ ވިސްނާފައި އޮތްގޮވެސް ބުނެދިނެވެ. ނީލާ އަނގައިންވެސް ނުބުނެ އިސްދަށަށް ޖަހައިގެން އިނީ އިޝާންއާ ހަތަރުކަޅި ހަމަކުރަން ނުކެރިފައެވެ.
” ކޮބާ ނީލް ކިހިނެއްތަ؟…އެނގޭތަ މިކާކުކަން..” ނީލާ މާމަޑުމަޑުން އިނުމުން ޒިހާން ނީލާއާ ވާހަކަ ދެއްކިއެވެ. ނީލާ އިސްއުފުލައި ޒިހާންގެ މޫނަށް ބަލާލަމުން ހިނިތުންވެލިއެވެ. ޒިހާން ނީލް އޭ މުޚާތަބު ކުރުމުން އަނިލް ހައިރާންވެފައި ޒިހާންއަށް ބަލާލިއެވެ.
” ތީ ޒިހާންދޯ؟” ނީލާ ވަރަށް ޔަގީންކަމާއެކު އަހާލިއެވެ. ޒިހާން ހިނިތުންވެލަމުން އާއެކޭ ބުންޏެވެ. އަނިލްއިނީ ނީލާއަށް އެމީހަކު އެނގުނު ގޮތަކާމެދު ހައިރާންވެފައެވެ.
ހަތަރުމީހުން އެއްކޮށް ޑައިނަމޯއިން ނުކުމެގެން ދިޔައިރު މާގިނަ ވާހަކައެއް ނުދެކެވެއެވެ. ކޮންމެމީހަކުވެސް ވަނީ ވިސްނުމަކަށް ގެއްލިފައެވެ.
” އިޝާން….ދެންދިޔައްޔޭ! އަދި ފަހުން ދިމާވާނެދޯ؟” އިޝާންއަށް ބަލާލާފައި އަނިލް ބުންޏެވެ.
” އޯކޭ!” އިޝާންވެސް ހިނިތުންވެލަމުން ފަހުފަހަރަށް ނީލާގެ މޫނަށް ބަލާލިއެވެ. ނީލާވެސް އިޝާންއަށް ބަލާލިއެވެ. ޒިހާންހުރީ އިޝާންއާއި ނީލާގެ ހަރަކާތްތަކަށް ބަލާށެވެ. އިޝާން އާއި ނީލާގެ މެދުގައިވީ ހަމަހިމޭންކަމުން ޒިހާންއަށް އެއްޗެއް ވިސްނުނެވެ.
” އޭތް ބުރޯ! އިޒް ސަމްތިންގް ރޯންގް؟…” އަނިލްއާއި ނީލާ ދިއުމުން ޒިހާން އަހާލިއެވެ. އިޝާން ޒިހާންގެ މޫނަށް ބަލާލިއެވެ. އޭނަގެ ހިތުގެ ހާލު ޒިހާންއާ ހިއްސާކުރަންވެސް ބޭނުމެވެ. ނަމަވެސް ހަމަޖެހިލުންވަނީއެވެ.
” ބުނެބަލަ!..ކިހިނެތްތަވީ؟….ނީލްއާ ވާހަކަވެސް ނުދައްކާ ހާދަ ފާޑަކަށް ތިހުރީ…..” އިޝާންގެ ހިމޭންކަން ފެނިފައި އަނެއްކާވެސް ޒިހާން އަހާލިއެވެ.
” އައި ލަވް ހަރ….” ފުރަތަމަ ފަހަރަށް އިޝާން އޭނާގެ ހިތުގެ ހާލަތު ޒިހާންގެ ކުރިމަތީ ހާމަކުރިއެވެ. އަދި ނީލާއާއި އިޝާންގެ ދެމެދުގައި ހިނގާދިޔަ ހާދިސާ ކިޔާދިނެވެ. ޒިހާންހުރީ ހައިރާންވެގެން ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އެހާ ހިސާބަށް އެކަން ހިނގައިދާނެ ކަމަކަށް އޭނާއ ހިއެއް ނުކުރެއެވެ. ނައީޝް ކަންތައް ކުރިގޮތް އެނގުމުން ބޭއިޚްތިޔާރުގައި އޭނާއަށް ނައީޝްދެކެ ރުޅިވެސް އާދެވުނެވެ.
” އެހެންވެ ދޯ އެކަލޭގެ އަހަރެމެންނާއެކު ނައިސް އެމަޑުކުރީ……މަހީވެސް ނުކުރަން އެއީ އެކަހަލަ މީހެއްކަމަކަށް” ޒިހާން ހުރީ ނައީޝް އާމެދު ވަރަށް ހިތްހަމަ ނުޖެހިފައެވެ.
” ދެން އަޅާނުލާ!….އޭނާއަށްވެސް މިހާރު ހުރީ ވިސްނިފަ…..އެކަމު އަހަރެން މިހުރީ ދެން ހަދަން ވީގޮތެއް ނޭނގިފަ…..ދެންމެ ފެނުނު މަންޒަރުންވެސް އަހަރެންނަށް ހީވަނީ ނީލް އަނިލްސަރ ދެކެ އެއްވެސް ވަރަކަށް ލޯބިނުވާހެން……ދެން އެކަމަކު މެރީކުރަން އުޅެނީ ކީއްވެބާއޭ މިހިތަށް އަރަނީ..” އިޝާން ހުރީ ނީލާ އެގޮތަށް ކައްތައްކުރި ސަބަބެއް ނޭނގި ކަންބޮޑުވެފައެވެ.
” މަށަށް ފެންނަނީ ޝާން ނީލްއާ މީޓްކުރަން…..ދެމީހުންގެ މެދުގާ ހިނގާދިޔައީ ކުޑަކުޑަ ކަމެއްނޫނޭ…..ޝާން ހަޤީޤަތް ހާމަނުކޮށްފިއްޔާ ނީލްއާމެދު އެކުރެވުނީ ވަރަށްބޮޑު ބޭއިންސާފެއް……ލޯބިނުވާމީހަކާ ކައިވެނިކޮށްގެން ނީލްއަކަށްވެސް އުފަލެއް ނުލިބޭނެ….” ޒިހާން ލަފާދިނީ އިޝާންގެ ހިތުގައިވެސް އޮތްގޮތަށެވެ. ދެމީހުން އެމައުލޫއަށް ވާހަކަ ދައްކަން އިރުކޮޅަކު ތިބުމަށްފަހު ވަކިވެގެން ދިޔައީ މާދަމާވެސް ބައްދަލުވުމަށް ނިންމާފައެވެ.
*************
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ނީލާއޮތީ އެނދުގައި އޮށޯވެލައިގެން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. އޭނާގެ ދިރިއުޅުމުގެ މިސްރާބު ކުއްލިއަކަށް ބަދަލުވެގެން ދިޔަގޮތާއިމެދު ފުންކޮން އޭނާ ވިސްނަމުން ދިޔައެވެ. އަނިލްއާ ކައިވެނިކުރަން ނިންމި ނަމަވެސް ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. މިއަދު އިޝާން ފެނުނުފަހުން އެހިތުގެ ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. އިޝާންގެ އެތޫނު ނަޒަރު އެންމެ ހިނދުކޮޅަކަށްވެސް އޭނާގެ ހިޔާލުން ފުހެވިގެން ނުދެއެވެ. މިވަނީ ކީއްހެއްޔެވެ؟ އިޝާންގެ ހަނދާން ހިތުން ފިލާނުދަނީ ކީއްވެގެން ހެއްޔެވެ؟ ލިބުނެއްނެތް ލޯތްބަކަށް އެހިތް އެދިގޮވަނީ ކީއްވެގެން ހެއްޔެވެ؟ ނީލާ ދެލޯމަރާލުމަށްފު ބާލީހުގައި ބައްދާލީ އެޚިޔާލުތަކާ ދުރަށް ދިއުމަށެވެ.
މާމަ ނިދުމުން އިޝާންވެސް ނިދުމަށްޓަކައި އޭނާގެ ކޮޓަރިއަށް އައެވެ. ފެންވަރައި ތާޒާވެލުމަށްފަހު އެނދުގައި އޮށޯތެވެ. އޭސީ އޮން ކޮށްލުމަށްފަހު ދެލޯމަރާލިއެވެ. މާހައުލުގެ ފިނިކަމާއި އަރާމުކަމުން އިސާހިތަކު އިޝާންއަށް ނިދިއްޖެއެވެ. އިޝާންއަށް ލޯހުޅުވާލެވުނީ މަޑުމަޑު އަތެއްގެ ފިރުމުންތަކެއް އިހުސާސް ކުރެވުމުންނެވެ. އިޝާން ބަލާލިއިރު އޭނާގެ ދާދިގާތު ހިނިތުންވެފައި ނީލާއިނެވެ.
24 Comments!
Comments are closed.
Yaa Mee First….
Ainn anekkaa neela aiy dhn kihineh baa vaani eiy aslu jinni dhw. Vv reethi. Next part avahah up kohdhechey plx
Kalogeyaa… Anehkaa neel ahh ehen waan feshy??? ?…
Thanks for uploading shine… You’re the best??
vaahaka upnukohgen ulhunu kudhinkolhu vaahaka kiyaafa hiyyhama jehigen nidhachchey….love u guys…goodnight
Ishan ah huvafeneh dho e fennany? I think ishan evaahaka kiyaidhinas neela gabooleh nukuraane kanneyge
thanks for fast uploading.. vaahaka v reethi.. waiting for next part..
Neel aa shaan aa dhevahchey shine
Neel aa shaan dhevahchey shine
vv reethi
Thanx for fast uploading pls maadhun ves dhe episode up kohlahchey
Thanks shine vvv happy ehaa avahah 2 story ves up kohdheythee.. thee hama best thivarah nrh hama.. any ways vaahaka hama habeys.
Alhe shine…haadha reehchey mivaahala…masha Allah…total kithah episode tha innany ??
total balaalan jeheynee….aslu v dhigukoh part thah migennanee…ehen vma ehaa dhigeh ves nuvaane….25 varu ulhedhaane…not sure
Varah reethi
Alhe mee kithah partge vaahakaehtha? Haadha reechey. Thanx avahah up kohdheytheeve.
saabahey shine ah .. thank yuhh?
shin bunyas nunidhey ne..neela viya room eh vani….kihene dhen nidhaani..anyway…vrh reethi
ހެހެހެ
Thankyou shine??
Alheyyyyyyy…dhen kihinehbaa vaanyyy.????vvv reethi
shine ge story thah hama v habeys
ވަރަށް ވަރަށް ރީތި… ދެން ވާނެ ގޮތެއް ބަލާލާ ހިތުން ކެތްމަދުވެފަ މިއިނީ މިހާރު… 12ވަނަ ބައި އަވަހަށް އަޕްކޮށްލަދެއްޗޭ… އެބަ ވަރަށް އިންތިޒާރު ކުރެވޭ
Miadhu story up nukureveynetha shine..
v salhi